ލޯތްބަކުން ދިން…….2ވަނަ ބައި
ނޯޓު: ދެވަނަބައި ގެނެސް ދިނުން ލަސްވެގެންދިޔައީ އެކައުންޓަށް އެކްސަސްނުވެވުމުންކަމުގައި ދަންނަވަމަވެ. އަދި މި ކަން ހައްލުކުރުމަށް އެޑްމިންއިން ކޮށްދެއްވި މަސައްކަތަށް ޝުކުރުއަދާކުރުމާއިއެކު ދެވަނަބައި ލަސްވިކަމަށްޓަކައި ކިޔުންތެރިންގެ އަރިހުން މަޢާފަށް އެދެމެވެ.
*************************************************************************
ކޮންމެއަކަސް ދެމީހުން ލޯބީގެ ގޮތުން ގުޅުންތާ މާ ގިނަ ދުވަހެއް ނުވެ ޝިޒާން މައިންބަފައިންނާ ބައްދަލު ކުރުމަށް އަހަރެންނަށް އެގެއަށް ދިޔުމަށް ދަޢުވަތު ލިބުނެވެ. އެގެއިން އަހަރެންނަށް މަރުހަބާ ކީ ޝިޒާންގެ ބައްޕައެވެ. ޝިޒާންގެ ނިންމުމަށް އިހްތިރާމް ކުރާނޭކަމާއި އަހަރެމެން ގުޅުމަށް ބައްޕަގެ އެއްވެސް މައްސަލައެއްނެތްކަމުގައި ބުންޏެވެ. ނަމަވެސް ޝިޒާންގެ މަންމަގެ މޫނުމަތިން އެރޭވެސް އަހަރެންނަށް ފެނުނީ ނުރުހުމުގެ އަސަރެވެ. ސީދާ ދިމާލަށް ނުބުނިކަމުގައިވިޔަސް މޫނުމަތީގެ ކުލަވަރާއި ވާހަކަ ދެއްކި ގޮތުން އަހަރެންނަށް އިހްސާސްކުރެވުނީ ޝިޒާން އަހަރެންނާއި ގުޅެން ޝިޒާންގެ މަންމަ އެހާ ޤަބޫލު ނޫންކަމެވެ. އަދި ޝިޒާންގެ 2 ކޮއްކޮވެސް ކޮޓަރިއަށް ވަތްގޮތަށް އަހަރެން އެނބުރި ދިޔައިރުވެސް ކޮޓަރިން ނުނިކުމެވެ.
މިކަމާއި ގުޅޭގޮތުން ޝިޒާންއާއި އަހަރެން ސުވާލު ކުރުމުން ޝިޒާން ދިން ޖަވާބަކީ އެއީ މަންމަ ގެ ހުންނަގޮތެއް ކަމަށެވެ. އަދި ކޮއްކޮމެންނަކީ އާންމުކޮށްވެސް މާ ވާހަކަ ދައްކާ ބައެއް ނޫންކަމާއި އިނދެގެން އެއްކޮށް އުޅެން ފެށުމުން ހުރިހާކަމެއްވެސް ހަމަޖެހޭނޭ ކަމުގެ ޔަޤީންކަން ޝިޒާން އަހަރެންނަށް ދިނެވެ.
އަހަރެންނާއި ޝިޒާންގެ ކައިވެނި ކުރެވިގެން ދިޔައީ ޝިޒާންމެން ގޭގައި ބޭއްވުނު ކުޑަ ކުޑަ ހަފްލާއަކާއިއެކުއެވެ. އަހަރެމެންގެ ކައިވެނީގެ އުފަލުގައި ބޭއްވުނު އެ ހަފްލާއަށް އަހަރެންގެ ފަރާތުން ދިޔައީ ހަމައެކަނި އޮފީސް ބައެއް ކުދިންނެވެ. އޭގެ އިތުރުން އެ ހަފްލާގައި ދެން ބައިވެރިވީ ޝިޒާންގެ އޮފީސް މީހުންނާއި އޭނާގެ ރަށްޓެހިންގެ އިތުރުން އެއާއިލާގެ މީހުންނާއި ޝިޒާން ބައްޕަ ގެ ރަށްޓެހިންނެވެ. ކައިވެނީގެ ހަފްލާ ފެށިގެން ނިމުނު އިރުވެސް އަހަރެންނަށް އިހްސާސްކުރެވެމުން ދިޔައީ ބީރަށްޓެހިކަމެވެ.
ކައިވެންޏަށްފަހު އަހަރެންގެ ދިރިއުޅުން ޝިޒާންމެންގެއަށް ބަދަލުކުރީމެވެ. އަދި މައިދައިތައާއި ޝިޒާންގެ ކޮއްކޮމެންނާއި ގުޅުން ބަދަހިކުރެވޭތޯ އަހަރެންނަށް ކުރެވުނު މަސައްކަތެއް ކުރީމެވެ. ނަމަވެސް އަހަރެންނާއި އެގޭ މީހުން އެހާ ގަޔާނުވާކަން ކޮންމެ ދުވަހަކުމެ އަހަރެންނަށް އިހްސާސްކުރެވެއެވެ. ކައިވެނީގެ ފުރަތަމަ ދުވަސްކޮޅު މައިދައިތަ ނުރުހުމުގެ ބަސްތައް ދިމާލަށްނުބުނި ކަމުގައިވިޔަސް ޢަމަލުން އެކަން އަހަރެންނަށް ހަނދާންކޮށްދެއެވެ.
އަހަރެން ވަރަށް ހިތްވަރުކޮށްފައި ޝިޒާންގެ ގާތުގައި މަންމަމެން އަހަރެންނާއި މެދު ހިތްހަމަ ނުޖެހޭ ސަބަބު އޮޅުން ފިލުވޭތޯ މަސައްކަތްކުރީމެވެ. މިގޮތުން އެއްރޭ ނިދަން އެނދަށް އެރުމަށްފަހު އެވާހަކަ އިސްވެ ފެށީ އަހަރެންނެވެ. މަންމަ އަހަރެންނާ މެދު ހިތްހަމަ ނުޖެހެނީ ކީއްވެތޯ ޝިޒާން އާއި އަހަރެން ސުވާލު ކުރީމެވެ.
” މިގެއަށް އާދެއެއްނު މަރިއްތަ.. މަރިއްތަ އެއީ ބައްޕަ ބިޒްނަސް ޕާރޓްނަރ ވައިފް. މަރިއްތަ ގެ ހުންނާނޭ ރޭޒަލް ކިޔާ ކުއްޖެއް.މަންމަ ބޭނުންވީ އޭނައާއި އަހަރެން ކައިވެނި ކުރަން. އެއީ އަހަރެން އެހާ ހިތްހަމަ ޖެހޭ ކުއްޖެއް ނޫން”.
ތެދެކެވެ. މަރިއްތަ ވަރަށް ގިނައިން މައިދައިތަ ކައިރިއަށް އާދެއެވެ. އެ ބުނާ ރޭޒަލްއެއްވެސް ދެދުވަހަކު މަރިއްތައާއިއެކު އައި ހަނދާނެއްވިއެވެ. ނަމަވެސް މަންމަ އަހަރެންނާއި ހިތްހަމަ ނުޖެހެނީ ހަމައެކަނި އެ ސަބަބާއި ހެދިކަމަށް ޤަބޫލުކުރަން ދަތިވީ ޝިޒާން ފަހުން ބުނި ޖުމްލައިންނެވެ.
“މަންމަ ބޭނުން ވާ މިހާއާއި އަހަރެން ނީނީމަ، ދެން ފެންނާނީ އަހަރެން އިންނަ މީހެއްގެ ހުސް އުނި ކަންކަމެއްނު”
” އެހެންވީމަ އެ ނޫންވެސް ކޮންމެވެސް އެހެން ސަބަބެއް އެބަ އުޅޭ ދޯ؟ ތެދަށް ކިއާދީބަ ޝިޒާން” އަހަރެން ޝަކުވާކޮށްލީމެވެ.
” އެހާ ބޮޑަށް އަޅާ ނުލާބަ. ދުވަސްކޮޅަކުން އޯކޭވާނޭ! ޖަސްޓް ބީ އަ ގުޑް ޑޯޓަރ އިން ލޯ” އަހަރެންނަށް ނޭނގޭ ކޮންމެވެސް އެހެން ކަމެއް އުޅޭހެން އަހަރެންނަށް ޝައްކުވިއެވެ.
“ނޫން ޝިޒާން! އައި ވޯންޓު ނޯ. ޓެލް މީ.. ދެން ކޮންކަމަކާ އިތުރަށް؟ އަހަރެން ވަޒީފާއަށް ދާތީ ތަ؟” މައިދައިތަ އަހަރެންނާ ގަޔާ ނުވާ ސަބަބެއް އޮޅުން ފިލުވާފައި ނޫނީ ހުއްޓާލާކަށް އަހަރެން ބޭނުމެއް ނުވިއެވެ.
“ކަމޯން. އައި ޑޯންޓް ވޯންޓް ހާޓް ޔޫ. ޔޫ އާ ދަ ބެސް ވައިފް އެނީވަން ކޭން ހޭވް” ޝިޒާން އަހަރެން ގައިގައި ބައްދާލިއެވެ.
“ސޯ…؟ އަހަރެން ބައްޕަ ނެތް ކުއްޖަކަށް ވީމަ ދޯ…..؟ މަޑުމަޑުން އަހަރެން އަހާލީމެވެ.
” އެއީ އީމާން ގެ މައްސަލައެއް ނޫނެއްނު. މަންމަ އެކަމާ ހެދި އީމާން އާ ހިތްހަމަ ނުޖެހެންޏާ އެއީ މަންމަގެ ވިސްނުމުގެ ކޮށިކަން ދޯ.. އެކަން ވެސް ބަދަލުވާނެޔޭ… ޖަސްޓް ގިވް ހަރ ސަމްޓައިމް.. ކައިވެނ ކުރަންވެސް އޯކޭ ދިނެއް ނު؟” ޝިޒާންގެ ޖަވާބާއިއެކު އަހަރެންނަށް ހުރިހާ ކަމެއް ސާފުވެގެން ދިޔައެވެ. ޝިޒާންގެ މަންމަ ބޭނުންވީ އެ އާއިލާ އާއި އެއް ފެންވަރެއްގެ އާއިލާއަކާއި ޝިޒާން ކައިވެނި ކުރުވާށެވެ. އެކަންވެސް ނުވިތާ ޝިޒާން ކައިވެނިކުރަން ނިންމި އަންހެން ކުއްޖަކީ ބައްޕަވެސް ކަށަވަރު ނުވާ އަޅާލާނޭ ޔާރެއް އިޔާރެއް ނެތް ނިކަމެތި އަންހެން ކުއްޖެކެވެ. މައެއްގެ ނަޒަރުން ވިސްނާނަމަ އަހަރެންނަމަވެސް އެހެން ވެދާނޭކަމަށް އަހަރެން ޤަބޫލުކުރީމެވެ.
މަޑުމަޑުން އަހަރެން މަސައްކަތް ކުރަމުންދިޔައީ މައިދައިތަ އާއި ކޮއްކޮމެންނާއި ގުޅުން ރަނގަޅުކުރެވޭތޯއެވެ. ގޭތެރޭގެ ހުރިހާ މަސައްކަތެއްވެސް އަހަރެން ކުރަމުން ދިޔައީ ވަޒީފާއަށްވެސް ދަމުންނެވެ. ނަމަވެސް އަހަރެންކުރާ އެއްވެސްކަމެއް ޝިޒާންއާއި ބައްޕަ ފިޔަވާ އެއްވެސް މީހަކަށް ކަމުދާހެނެއްހިއެއް ނުވެއެވެ.
ކައިވެންޏަށް 3 މަސް ފާއިތުވެގެން ދިޔައިރު ޢަމަލުން ދައްކަމުންދިޔަ ކަންކަން ބަހުގެ ހަމަލާތަކެއްގެ ސިފައިގައި އަންނަންފެށިއެވެ. އެންމެ ފުރަތަމަ މައިދައިތައަށް ކަމުނުގޮސްގެން ބަސްކީ އަހަރެން އޮފީސް ދަތުރެއްގައި 3 ދުވަހަށް ރާއްޖެތެރެއަށް ދިޔުމުންނެވެ. ފިރިމީހާ ދޫކޮށްފައި، މައިދައިތަގެ ބަހުންނަމަ ” ނާޗަރަންގީ” ކުޅެން ދިޔައީއެވެ. އެދުވަހުއަހަރެން ވަރަށް ރުއީމެވެ. ޝިޒާން ކައިރީ ޝަކުވާވެސް ކުރީމެވެ. ނަމަވެސް އެކަމާ ޝިޒާން މާބޮޑު ފަރުވާލެއް ނުބެހެއްޓިއެވެ. އެ ހާދިސާއަށްފަހު އަހަރެންނަށް މައިދައިތައަށް ކަމުދާ ގޮތަކަށް ބިންމަތީގައި ފިޔަވަޅެއްވެސް އެޅޭކަމަކަށް ނުވެއެވެ. މައިދައިތަ ބުނާ އެއްޗަކާ ދެކޮޅަށްވިޔަސް ނުވަތަ އެ ބުނާއެއްޗަކާއި ގުޅިގެން އަހަރެން ދުލުން އެންމެ ބަހެއް ބޭރުކޮށްލިޔަށް ޝިޒާންކައިރީ ޝަކުވާކުރަން ފެށިއެވެ. ކައިވެންޏަށް އަހަރެއްވެގެން ދިޔައިރު މި ހުރިހާ ޝަކުވާތަކެއް އަހާއަހާ ޝިޒާންވެސް ވަރުބަލިވެއްޖެހަކަލަ އިހްސާސްތަކެއް އަހަރެންނަށް ކުރެވެން ފެށިއެވެ. ގޭގައި ހޭދަކުރާ ވަގުތު މަދުވެ ރަށްޓެހިންނާއިއެކު ބޭރުތެރޭ އުޅުން އިތުރުވިއެވެ. ނަމަވެސް އަހަރެންނަށް ޝިޒާން ގޯހެކޭ ނުބުނާނަމެވެ. ނުރުހުމުގެ ގޮތުން ބަހެއް ނުބުނެއެވެ. ދެބަސްވެ އަރާރުމެއް ނުހިނގައެވެ. ނަމަވެސް އަހަރެންނާއި މެދު އެގޭ މީހުން ދެކޭގޮތް ބަދަލުވޭތޯ ޝިޒާން ކުރަމުން އައި މަސައްކަތް ހުއްޓާލިއެވެ. ޝަކުވާނުކުރާން ތަކުރާރުކޮށް އަހަރެންކައިރީ އެދެމުންދިޔައެވެ. ދެމީހުން އެކުގައި ހޭދަކުރާ ވަގުތު މަދުވެ ކުރީގައި އޮތް ގުޅުން މަޑު މަޑުން ފަނޑުވަމުންދާކަމުގެ އިހްސާސް އަހަރެންނަށް ކުރެވެން ފެށިއެވެ. އެކަމަކު އަހަރެން ނިންމީ އެގޮތަށްވެސް ރުހިގެން ޝިޒާންއާއިއެކު ދިރިއުޅެވޭތޯ މަސައްކަތްކުރުމަށެވެ. އަހަރެން ޝިޒާންދެކެ ވާ ލޯތްބަށްޓަކައެވެ. ޝިޒާންވެސް އަހަރެންދެކެ ލޯބިވާކަމަށް އަހަންނަށް ޤަބޫލުކުރެވޭތީއެވެ.
***************************************************************
ވެފައި ހުރި ވަރިބަލިކަމުގައި އަހަރެންނަށް ނިދުނު އިރުވެސް ނޭނގެއެވެ. އަހަރެންނަށް ހޭލެވުނީ ފަތިހު 4:30 ގައެވެ. ހޭލެވުމާއިއެކު ފުންމައިގެން ތެދުވީމެވެ. އަހަރެންނާއި ދާދި ގާތުގައި ޝިޒާން ނިދާފައި އޮތެވެ. ހޭލެވުމާއި އެކު ތެދުވެ ނަމާދުކޮށްލުމަށްފަހު ދުވަހުގެ މަސައްކަތްތަކާއިގެން އަވަސްވެ ގަތީމެވެ. ހެނދުނު ސައި ހެދުމާއި ބަދިގޭގެ ކަންކަން ބެލެހެއްޓުމަކީ އަހަރެން އައުމަށްފަހު އަހަރެންގެ ޒިންމާއެއްކަމުގައި ވަނީ ވެފައެވެ. ފޫހިކަމެއް، އެހެންމީހުންގެ ބަހަކަށް ބެލުމެއްނެތި އަހަރެން މަސައްކަތް ކުރަމުން ދިޔައީ އަތްބެއް އަދި ޅީ ދަރިއެއްގެ ޒިންމާ އެންމެ ފުރިހަމައަށް އަދާކުރެވޭތޯއެވެ.
ހެނދުނުގެ ސައި ތައްޔާރުކުރުމަށްފަހު، މެންދުރަށް ކެއްކުމަށް ތައްޔާރުކުރަން ފެށީ އެ ދުވަހަކީ ހުކުރުދުވަސްކަމަށްވެފައި އެހެން އެއްވެސް މީހަކު ނުހޭލާތީއެވެ. ބަދިގޭގެ މަސައްކަތުގައި އަވަދި ނެތި އުޅެނިކޮށް މައިދައިތަ ބަދިގެއަށް ވަދެ ސައި ތައްޓެއް ތައްޔާރުކުރަން ފެށިއެވެ. އަހަރެން ސައި ހަދައިދެންތޯ އެހުމުންވެސް އެއްވެސް އެއްޗެއް ނުބުނެ ސައި ތައްޓެއް ތައްޔާރުކޮށް ކާމޭޒާއި ދިމާއަށް ހިނގައިގަތުމާއިއެކު މައިދައިތަ ވެއްޓެން ދާތަން އަހަރެންނަށް ފެނުނެވެ. ކުރަންހުރި މަސައްކަތް ހުއްޓާލުމަށް ދުވެފައި ގޮސް މައިދައިތަގައިގައި ހިފުނީ ކިރިއާއެވެ. އަޑުގައި ނެތްކޮޅަށް އަހަރެންނަށް ހަޅޭލަވައިގަނެވުމާއިއެކު ސިޓިން ރޫމްގައި ޓީވީ ބަލަންއިން ބަފައިބެ ދުވެފައި އައެވެ.
އައިޖީއެޗްއެޗްގެ އެމެޖެންސީއަށް މައިދައިތަ ގެންދެވުމާއިއެކު ޑޮކްޓަރު ބެއްލެވުމަށްފަހު ދެންނެވީ މާ ބޮޑަށް ލޭމަތީކަމަށެވެ. އަދި އަވަހަށް ބޭސް ފެށުމަށާއި ލޭ މައްޗަށްދާ މީހުން ބަލަންޖެހޭކަންކަން ތަފްސީލުކޮށް ކިޔައިދިނުމަށްފަހު ގެއަށް ގެނެވުނީ މެންދުރުވަނިކޮންނެވެ. އެކަމާއިގުޅޭގޮތުން މާބޮޑު ވާހަކައެއް އެއްވެސް މީހަކު އެވަގުތު ނުދެއްކިނަމަވެސް ހުކުރަށްފަހު މެންދުރުކެއުމަށް އިންސާފުކުރެވެމުން ދިޔަ ވަގުތު، މުޅިންހެން ދެކެވުނީ މައިދައިތަ ލޭ މައްޗަށް ދާން މެދުވެރިވެދާނޭ ސަބަބުތަކުގެ ވާހަކައެވެ. ބަފައިބެ ވިސްނައިދެވޭތޯ މަސައްކަތްކުރީ އެއީ ޢާއިލީ ކަމެއްގެ ގޮތުގައެވެ. އަދި ކެއުން ބަދަލުކުރުމަށާއި ކަސްރަތުކޮށް ހެދުމަށެވެ. ނަމަވެސް ޝިޒާންގެ ދެ އަންހެން ކޮއްކޮވެސް ވަށްބަހުން ހަމަލާދެމުންދިޔައީ ސީދާ އަހަރެންނަށެވެ.
“އާއިލީ ކަމެއް ނޫނެކޭ ނޫން މި ބުނަނީ. އެކަމަކު މަންމަ ހިތްހަމަ ނުޖެހޭ ކަންކަން ގޭތެރޭ ގިނަވާ ވަރަކަށް ލޭވެސް ދާނީ މައްޗަށް ދޯ” ޝާޒިޔާ މާނަ ކުރި “ހިތްހަމަ ނުޖެހޭ” ކަންކަމަކީ އަހަރެންކަން އެންމެންނަށްވެސް އެނގުނެވެ.
” ދަރިފުޅާ. ތީ ދެން ކޮންކަމެއް. މަންމަ ހިތްހަމަ ނުޖެހޭ ކޮންކަމެއްތަ މި ގޭގަ ހިނގަނީ؟ ކޮންކަމެއްތަ ގޭގަ ނުވެ ހުންނަނީ؟ އީމާން ގެ ކޮން ސިފައެއްތަ މަންމަ ގަޔާނުވެގެން ލޭ މައްޗަށް ދާންވީ؟” ބަފައިބެ އަހަރެން ދިފާއުކުރުމަށް މަސައްކަތްކުރި އިރުވެސް ޝިޒާން އިސް އުފުލާ ނުލާ ކަމުން ދިޔައެވެ. އަހަރެންވެސް މަޑުމަޑުން ކަމުން ގެންދިޔައީމެވެ.
“ފަހަރި ގޯހޭ މީހަކު ބުނެފިތަ؟ މާ ބޮޑަށް ފަހަރި ރަނގަޅީއޭ ދޯ ފަހަރީ. އެހެންވެނު މަންމައަށް މިހާރު ރަށްޓެހިންނާއިއެކު ބޭރަށްވެސް ގޮސްލަން ނުކެރެނީ” މަލާމާތުގެ ރާގަކަށް ޝިޔާޒާ އެ ބުނެލި ބަސްތަކުން ޝިޒާން ކާންއިންތަށި ދުރަށްލުމަށްފަހު އިންތަނުންވެސް ތެދުވިއެވެ.
” ކިހާ ދެރަކަމެއްތަ މީ؟ އަހަރެން އަންހެނުން ކަލޭމެންނަށް ކީއްތަކުރީ؟ގެޔަށް ވަނަސް ބޯހަލާކުވާވަރުވޭ! އަބަދު އީމާން. އީމާން. އޭނަޔަށް މިގޭތެރޭގަ ނޭވާއެއްވެސް ލެވޭ ވަރެއް ނޫނޭ. ކަލޭމެން ކޮންކަމެއްތަ ބޭނުންވެގެން ތިއުޅެނީ؟ އަހަރެން އަންހެނުން ގޮވައިން މިގެއިން ދާންވީތަ؟ އެކަންވެސް އަހަރެން ކޮށްފާނަމޭ” ޝިޒާން އެހާބާރަށް ހަޅޭއްލެވި އަޑެއް މި ވޭތުވެދިޔަ އެއް އަހަރުތެރޭގައި އަހަރެންނަށް އިވިފައެއްނުވައެވެ. އިހްތިޔާރަކާއި ނުލާ އަހަރެންނަށް ރޯންފެށުނެވެ.
” ދޮންބެ ކޮން ހަޅޭއްކެއްތި ލަވަނީ.. އަހަރެން ނުބުނަން ދޯ ދޮންބެމެން މިގޭން ދާކަށް. ކޮންމެ ގޮތެއް ވިޔަސް ހަޤީގަތެއް ބަދަލެއް ނުކުރެވޭނެ. މަންމަގެ ރަށްޓެހިން މަންމަޔަށް ކުރާ މަލާމަތެއްވެސް ނުހުއްޓުވޭނެ. ހަމަ ދޮންބެ ސަބަބުން އެއީ. މަންމަ ލޭމައްޗަށް ދާން ފެށީވެސް ހަމަ އެހެންވެ” ޝިޔާޒާ ހުރީ އެންމެ ބަހެއްވެސް ދޫކުރާގޮތަކަށް ނޫނެވެ.
” ހުއްޓާލާ އެންމެން. ކިހާ ދެރަކަމެއްތަ މީދެން.” ބަފައިބެވެސް ކާން އިންތަށި ބެހެއްޓުމަށްފަހު ތެދުވެގެން ބޭރަށް ނުކުތެވެ. ޝިޒާންވެސް ނުކުމެ ކޮޓަރިއަށް ވަނުމަށްފަހު ދޮރުޖެހިއެވެ.ޝިޔާޒާއާއި ޝާޒިޔާވެސް ނުކުމެގެން ހިނގައްޖެއެވެ. އެއާއިއެކު އަޑުން އަޑު ނަގާ އަހަރެންނަށް ރޯންފެށުނެވެ. އަދި ރޮމުން ރޮމުން ތަށިތައް ނަގައި މޭޒު ސާފުކުރުމަށް ފަހު ކޮޓަރިއަށް ވަނީމެވެ. އޭރު ޝިޒާންއެއް ކޮޓަރީގައި ނެތެވެ.
ހަވީރުވެގެން ދިޔައިރުވެސް ޝިޒާން ގެއަށް ނާދެއެވެ. އަހަރެންވެސް އެނދުން ތެދުވެ ކުޑަކޮށް ރީތިވެލުމަށްފަހު ކޮޓަރިން ބޭރަށް ބޯދިއްކޮށްލީމެވެ. ބޭރުގައި އެއްވެސް މީހަކު ނެތެވެ. އެހެންކަމުން އަވަސްއަވަހަށް ބޭރަށް ނުކުމެ މިސްރާބެއް ނެތި ހިނގަން ފެށީމެވެ. އަހަރެން ބޭރަށް ނުކުމެލީ ބޯ ހަމަ ޖައްސާލައި ދިރިއުޅުމާއި މެދު އިތުރަށް ވިސްނާލުމުގެ ބޭނުމުގައެވެ.
މަޑު ހިނގުމެއްގައި ގޮސް ރަސްފަންނާއި އަރާ ހަމަވިއިރު އެ ސަރަހައްދުގައި ވަރަށް މީހުން ގިނައެވެ. އެހެންކަމުން އަހަރެން އެތަނުގައި އިތުރަށް މަޑުނުކޮށް އަނެއްކާވެސް ހިނގަންފެށީމެވެ. އަދި ވިލިނގިލީ ފެރީ ޓާމިނަލްއާއި ހަމައަށް އެރުމާއިއެކު ބޭ އިޚްތިޔާރުގައި ޓިކެޓް ކައުންޓަރާއި ކައިރިވެވުނެވެ. މީހުން ގިނަ ނަމަވެސް އެ ވަގުތު ފުރި ފެރީއަށް އަރައިގެން އަހަރެން ވިލިނގިއްޔަށް ދިޔައީ އެ ރަށުން ކޮންމެވެސް ތަންކޮޅެއް އެކަނިވެލަން ލިބޭނޭކަމުގެ އުންމީދުގައެވެ. ނަސީބު ވަރަށްވެސް ރަނގަޅެވެ. ޢާންމުކޮށް މީހުން މޫދަށް ނޭރޭ ސަރަހައްދުގައި ތަންކޮޅެއް މީހުންމަދެވެ. އެތަނުން ގަސްގަނޑެއްގެ މަތީގައި އިށީނދެލައިގެން ދިރިއުޅުމާއި މެދު ވިސްނަން އަހަރެންނަށް އިނދެވުނީ ކިހާއިރަކުކަމެއްވެސް ނޭނގެއެވެ. އަހަރެން ސިއްސައިގެން ދިޔައީ ބޯޅަޔަކުން އައިސް ބޮލުގައި ޖެހުމުންނެވެ.
” އައުޗް” ވީ ތަދުން އަހަރެންނަށް އެހެން ބުނެލެވުނީ ތަންކޮޅެއް ބާރަށެވެ.
“ސޮރީ” ބޯޅަ ބަލާއައިސް ހުރީ 14 ނުވަތަ 15 ވަރަކަށް އަހަރުގެ ކުއްޖެކެވެ. އެއްވެސް އެއްޗެއް ނުބުނެ އަހަރެން ގެއަށް ދިޔުމަށް ހިނގައިގަތީ އަނދިރިވާންފަށާފައި ހުރުމުންނެވެ.
ގެއާއި ކައިރިވިވަރަކަށް އަހަރެންގެ ހިތުގެ ހިނގުން އަވަސްވާންފެށިއެވެ. ހިތާ ހިތުން ދުޢާކުރެވެމުން ދިޔައީ މެންދުރުހިނގިކަންތައް ނިމި ގޭތެރެ ހަމައަކަށް އެޅިފައި އޮންނާނޭކަމަށެވެ. ނަމަވެސް ގޭގެ މައިދޮރު ހުޅުވާލުމައިއެކު ސިޓިން ރޫމުން އިވެމުން ދިޔަ އަޑުން ގޭތެރެއަށް ނުވަދެ މަޑުކޮށްލީމެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

