Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އިންސާފު (ދިހަވަނަ ބައި)

Aayaa
Aayaa Level 410 Stories100 Login100 Comments
July 21, 2024 10 Mins Read
10 Comments

ފިނި ފިނި އެއްޗެއް ކަރުގެ ކައިރިން އިހުސާސްވުމާއެކު އޭނާގެ ގައިން ވާގި ދޫވާކަމުގެ އިހުސާސް ވިއެވެ. އެއްފަރާތުން އޭނާގެ ގައިގައި ހިފާލިކަން އޭނާއަށް އެނގުނެވެ. އެހެނަސް ދެން ވީނުވީއެއް ނޭނގި ލޯ މެރުނީއެވެ.

ކަންނެތްކަމާއެކު ދެލޯ ހުޅުވާލައިގެން ޝަފްނާ އެނދުގައި އޮތެވެ. އެދެލޮލުން ފާޅުވާން ހުރީ ނިދީގެ އަސަރެވެ. ކުއްލިއަކަށް ދެލޯ ބޮޑުކޮށްލުމާއެކު ފާރުގައި ހަރުކޮށްފައި ހުރި ބޮޑު ގަޑިއަށް އޭނާ ބަލައިލިއެވެ. އެގާރަ ޖަހަން ބާކީ ހުރީ ދިހަވަރަކަށް މިނެޓެވެ. ފުއްމައިގެން އެނދުން ތެދުވުމާއެކު އޭނާ ފުރަތަމަވެސް ނެގީ ސައިޑް ޓޭބަލް މަތީގައި އޮތް ފޯނެވެ. ފަންސާސް ވަރަކަށް މިސްކޯލު އައިސްފައި ހުއްޓެވެ. އެންމެ ގިނައިން ގުޅާފައި އޮތީ ޖާވިދެވެ. ސާޅީސް މިސްކޯލު ޖަހާފައި އޮތެވެ. އެއީ މާކެރޭ މީހަކަށް ވެގެން އުޅޭ މީހަކީއެވެ. ހަވަރަކަށް ފަހަރު ޒޭކް ގުޅާފައި އޮތެވެ. ޝަފްނާ ގެންގުޅޭ ލޯންޗުގެ ކައްޕިއާ ވާނުވެސް ދެފަހަރު ގުޅާފައި އޮތެވެ. ދެން އޭނާ ބެލީ ކޯލްތައް އައިސްފައި ހުރި ވަގުތުތަކަށެވެ. އެންމެ ފަހުން ގުޅާފައި އޮތީ ޒޭކްއެވެ. ލަސްކުރުމެއް ނެތި އޭނާ ޒޭކްގެ ނަންބަރު ޖަހާލުމާއެކު ޑައިލް ކޮށްލިއެވެ.

ހޭވެރިކަން ނެތިފައި އޮތް މަންހަލް އެސްފިޔަތައް ތަޅުވާލަމުން މަޑުމަޑުން ދެލޯ ހުޅުވާލިއެވެ. ބޮލަށް ބަރުވެފައި ހަށިގަނޑުގައި އެއްވެސް ވަރެއް ނެތްކަން އޭނާއަށް އިހުސާސްވިއެވެ. ވަށައިގެން ކަޅި ހިންގާލި މަންހަލްގެ ލޮލުގައި ފުރަތަމަވެސް އަޅައިގަތީ އެގުދަނެއް ކަހަލަ ކޮޓަރީގެ ކަނެއްގައި އޮތް ކަޅުކުލައިގެ ފިސްތޯލަށެވެ. ރާއްޖޭގައިވެސް ފިސްތޯލު ގެންގުޅޭ ހެއްޔެވެ؟ އޭނާގެ ސިކުނޑިއާ ފުރަތަމަވެސް ކުރެވުނު ސުވާލަކީ އެއީއެވެ. މި ކުޑަކުޑަ ޖަޒީރާ ގައުމަކީ އަމާން ގައުމެކެވެ. ދުވަހަކުވެސް ބަޑީގެ ހަމަލާއެއް ދީގެން އުޅޭ އަޑެއް، ނުވަތަ ބަޑި ގެންގުޅޭ ވާހަކަވެސް އޭނާ ނާހައެވެ.

އެއަށް ނަޒަރު ހުއްޓައިގެން އިން މަންހަލް ސިއްސައިގެން ދިޔައީ ގުދަނުގެ ދޮރު ހުޅުވިގެން ދިޔަ އަޑަށެވެ. މަންހަލްއާ ދިމާއަށް ބަލަމުން އައި ޒޭކްއާ ދުރަށް ދާން ކިތަންމެ ބޭނުންވިއަސް އޭނާއަށް ގުޑި ނުލެވުނީ އޭނާގެ ދެއަތާ ދެފަޔާއެކު ގޮނޑީގައި އައްސާފައި އޮތުމުންނެވެ. ގައިގައި އަޅާ ވޭނުން މަންހަލްގެ ލޮލުން ކަރުނަ ހިލެމުން ދިޔައެވެ. މަންހަލްއާ ދެތިން ފިޔަވަޅެއް ކައިރިއަށް އައިސް އޭނާ އުޑަފައިން ތިރިވިއެވެ. އަވަސް ނޭވާތަކެއް ލަމުން މަންހަލް ދެލޯ މަރާލީ އޭނާގެ ކިބައިން ސަލާމަތްވޭތޯ ހިތާހިތުން ދުޢާކުރަމުންނެވެ. ސިއްސައިގެން ގޮސް އޭނާއަށް ލޯ ހުޅުވާލެވުނީ އިވެންފެށި ބާރު އަޑު ފަށްގަނޑަކުންނެވެ. އެވަގުތު ޒޭކްވެސް ސިއްސައިގެން ދިޔަވަރުން ބިންމައްޗަށް ވެއްޓުނެވެ. އަނގައަށް ގޮތެއް ހަދާލަމުން އޭނާ ތެދުވެ ދެއަށް ފޮޅާލަމުން ޖިންސް ޖީބުގައި އޮތް ފޯނު ނަގާ ކަންފަތުގައި ޖައްސާލިއެވެ.

މަންޒަރު ފެނުނު މަންހަލްއަށް ހެވެންފެށީ އޭނާއަށް ވީގޮތް ފެނިފައެވެ. މަންހަލް ހޭންފެށުމާއެކު ދުރުގައި ހުރެފައި ވަށްކަޅިން ޒޭކް އޭނާއަށް ބަލައިލިއެވެ. ހެވެން ފަށައިފިނަމަ އެހުނުން ހިފަހައްޓަން އުނދަގޫވާ މަންހަލްއަށް އެމަންޒަރު ނުފެނުނީ އެހެންވެއެވެ. މަންހަލް ހޭތަން ބަލަން ހުރުމަށްފަހު ޒޭކް ކައިރިގައި އޮތް ފިސްތޯލު ނެގިއެވެ.

“މަންހަލްލް…” މަންހަލްގެ ނަމުން ނުހަނު ބާރަށް އޭނާ ގޮވާލުމާއެކު ސިއްސައިގެން ގޮސް ހުނުން ހުއްޓާލިއެވެ. އޭނާގެ އަތުގައި އޮތް ފިސްތޯލު ފެނުމާއެކު މަންހަލް ސީރިއަސްވެ އިސްޖަހާލިއެވެ. އެހެންނަމަވެސް އަނެއްކާވެސް އެމަންޒަރު ސިފަވެ މަންހަލްއަށް ހެވެން ފެށުނެވެ. ހެވެމުން ގޮސް މަންހަލްގެ ލޮލުން ކަރުނަ އައި ވަގުތު އޭނާގެ ނިތްކުރީގައި އެއްޗެއް ޖެހުނު ކަމުގެ އިހުސާސް ކުރެވުނެވެ. ވަގުތުން ސިކުނޑިދިން ރަތް ސިގުނަލާއެކު މަންހަލްގެ ހުނުން ހުއްޓުނެވެ. އޭރު އޭނާގެ ނިތްކުރީގައި ބަޑިޖައްސައިގެން ޒޭކް ހުއްޓެވެ. އެތެރެއަށް ދަމާލި ނޭވާ ބޭރުކޮށްލަންވެސް ނުކެރިފައި މަންހަލްއަށް އިނދެވުނީ ބިރުންއިން ވަރުންނެވެ. މަންހަލް ސީރިއަސްވި ތަން ފެނި އޭނާ އަނެއްކާވެސް ފޯނު ކަންފަތުގައި ޖައްސާލިއެވެ.

“ކީކޭ؟..” ޒޭކް އެމީހަކާ ވާހަކަދެއްކިއެވެ. އަނެއްކާވެސް އެމަންޒަރު ސިފަވެ މަންހަލްއަށް ހެވެން އުޅުނެވެ. އެހެންނަމަވެސް އޭނާ ކެތްކޮށްލައިގެން ބަނޑަށް ހޭން އިނީއެވެ. އެމަންޒަރު ޒޭކްއަށް ފެނި ފިސްތޯލުގެ ޓްރިގަރަށް ދަމާލިއެވެ. އެއަޑު އިވުން މަންހަލް އޭނާއަށް އަތް އުފުލުން ވަރަކަށް އަތް އުފުލާލިއެވެ.

“ޒްޒޭކްކް..” ސްޕީކަރަށް ލެވިފައި އޮތް ފޯނުން ނުހަނު ބާރަށް ޝަފްނާ ގޮވާލި އަޑުއިވުމާއެކު އޭނާ ދިޔައީ ސިއްސައިގެންނެވެ. ބާރު އަޑު ފަށްގަނޑަކާއެކު ޒޭކްގެ އަތުގައި އޮތް ފިސްތޯލު ޖެހުން އަޑުއިވިގެން ދިއުމާއެކު މަންހަލްގެ ހަޅޭކުގެ އަޑުވެސް އެކުވެގެން ދިޔައެވެ.

ޒޭކްގެ ހަބަރެއް ނުވުމުން ޝަފްނާ ޒޭކްއަށް ނުހަނު ބާރަށް ގޮވާލީ ރުޅިގަދަވެ ހުރެއެވެ. އިވުނު ބާރު އަޑުފަށްގަނޑުން ޝަފްނާގެ ކަންފަތަށް ތަދުވިވަރުން ފޯނު ކަނޑާލިއެވެ. އެނދުމައްޗަށް ފޯނު ޖެހުމަށްފަހު ސިޓިންރޫމަށް ނިކުތް ވަގުތު ސޯފާގައި އޮތް ޖާވިދު ފެނުމާއެކު އޭނާގެ ރުޅިގަނޑު ހައްތަހާ ގަދަވީއެވެ. އެސޯފާގައި އޭނާ އޮތްއިރު ހީވަނީ މިއީ އޭނާގެ އަމިއްލަ ގެ ހެންނެވެ. ނިކަން ބާރަށް ޖާވިދުގެ ނަމުން ގޮވާލުމާއެކު، ފުސްމޫނު ހަދައިގެން ހުރެ އޭނާ ނަސީބަކުން ނުކުތެވެ. ތިރިއަށް ފައިބާ ދީމް ގާތު ކާން ތައްޔާރުކުރަން ބުނުމުން އޭނާ މޭޒު މައްޗަށް ނަގާފައި ހުރި އެއްޗެހީގެ މަތި ނަގައިދިނެވެ. ޝަޔަމް ކޮބައިތޯ ބެލުންވެސް ޝަފްނާއަކަށް މުހިންމެއް ނުވިއެވެ. ކުޑަމިނުން އެތާތިބި އެއްވެސް މީހެއްގެ ގާތުގައި އަހައިވެސް ނުލިއެވެ.

މާނޭވާ ލަމުން ޒޭކް ގޮނޑީގައި އިން މަންހަލްއަށް ބަލައިލިއެވެ. އެމޫނުމަތިން ފެންނަންހުރީ އިންތިހާ ދަރަޖައިގެ ބިރުވެރިކަމެވެ. ދެލޯ ބޮޑުކޮށްގެން ފުންނޭވާ ތަކެއް ލަމުން ހަމަޖެހެވޭތޯ އޭނާ މަސައްކަތް ކުރާތަން ފެނުނެވެ. ކަންބޮޑުވުމާއެކު ޒޭކް ދިޔައީ މަންހަލްގެ ގާތަށެވެ.

“އައިމް ސޮރީ.. އައިމް ސޯ ސޮރީ.. އަހަރެންނަކަށް ނޭނގެއޭ އޭގަ ވަޒަން ހުރި ކަމެއް.. ޕްލީޒް.. އެއްވެސް ތަނަކަށް ތަދުވިތަ؟ ކޮންތާކަށް ޖެހުނީ؟” މަންހަލްއަށްޓަކައި ކަންބޮޑުވެފައި ހުރިވަރުން އޭނާއަށް ސުވާލުތައް ކޮށްލެވުނީވެސް އެއްފަހަރަކާއެވެ. އިސްޖަހައިގެން އިނދެ ދެފަރާތަށް މަންހަލް ބޯ ހޫރުވާލިއެވެ.

ބިންމައްޗަށް ވެއްޓިފައި އޮތް ފިސްތޯލު ނެގުމާއެކު ޒޭކް ބެލީ ވަޒަން އަރާފައި ހުރިތަނެއް ފެނޭތޯއެވެ. މަންހަލް ފުރަގަސްދީގެން ހުރި ފާރު ކައިރިއަށް ގޮސް ބަލައިލުމާއެކު ވަޒަން އަރާފައި ހުރީ އެފާރަށްކަން އޭނާއަށް ދެނެގަނެވުނެވެ. ފުން ނޭވާއެއް ދޫކޮށްލެވުނީ އެހެންވެއެވެ.

“ޒޭކް؟” މާނޭވާ ލަމުން އެގުދަނުގެ ތެރެއަށް ވަދެގެން އައި އެމީހުންގެ ނަމުން ނަމަ ‘ވާނު’އެވެ. “ކިހިނެއް ތިހެދީ؟ ކޮން އަޑެއް އެއިވުނީ؟”

މަންހަލްއަށް ބަލަމުން ޒޭކް ވާނުގެ ކޮނޑަށް އަތް ވައްޓާލައިގެން ހުރެ ހިނގައިގަތީ އެތަނުން ނިކުންނާށެވެ.

“ބަޑި ޖެހުނީ.. ކާކު ވަޒަން ލެއްވީ؟ މަ ހީކުރީ ވަޒަން ނެތް އެއްޗެއްކަމަށް؟” ޒޭކް އަދިވެސް ހުރީ ހިސާބަކަށް ކަންބޮޑުވެފައެވެ. “މަ ހާދަ ބިރުގަތޭ މަންހަލްއަށް ގޮތެއް ވެދާނެތީ..”

“ކަލޭއަށް އިޝްގީ ބަލިޖެހުނީ ދޯ؟” ޒޭކްއަށް ބަލަން ހުރެފައި ވާނު ސުވާލުކުރިއެވެ.

“ބަލަ ޝަފްނާ އަންނާނީ މަށާ ދިމައަށޭ.. ކަލޭ ބޯ ނެތީތަ؟ އޭނާ ބުނި ދޯ މަންހަލް މަރާލައިގެން ނުވާނޭ..” ޒޭކް ކުޑަކޮށް ހިތްހަމަ ނުޖެހުނެވެ.

“މަށަށް އެނގެއޭ ކަލޭ އަސްލަށްވެސް..” ޖުމްލަ ފުރިހަމަ ނުކޮށް އޭނާ ހުއްޓާލިއެވެ. ނިތް އަރުވާލަމުން ވާނު ރަށުތެރެއަށް ހިނގައިގަތީއެވެ. ޝަފްނާ އިރުކޮޅަކުން އަންނާނޭ ކިޔާފައެވެ. ފުން ނޭވާއެއް ލަމުން ޒޭކްވެސް ވާނުގެ ފަހަތުން ހިނގައިގަތެވެ.

ފާލަން ކައިރިއަށް ލޯންޗު މަޑުކުރުމާއެކު އޭގެއިން ޝަފްނާއާ ޒިއާމް ފޭބިއެވެ. އެދެމީހުންނާއެކު ޒޭކްއާ ވާނުވެސް ހިނގައިގަތީ ރަށުގެ މެދެއްހާ ހިސާބުގައި ހުރި ގެއަށް ދާށެވެ.

ރަށަކީ މީހުން ނޫޅޭ ފަޅު ރަށެކެވެ. މުރުޝިދާއާ ޝަފްނާ އަދި ޒިއާމްގެ ހިއްސާ އޮންނަ އަމިއްލަ ރަށެކެވެ. ރަށުގެ މެދެއްހާ ހިސާބުގައި ހުންނާނީ ހަމަ އެކަނި އެންމެ ގެއެކެވެ. ބޭރު ފުށުން ހަލާކުވެފައި ހުރި ގެއެއްހެން ހީވިއަސް އެއީ ޒަމާނީ ފެންވަރަށް ހަދާފައި ހުރި ރީތި ގެއެކެވެ. ތިން ކޮޓަރިއާ ސިޓިން ރޫމެއްގެ އިތުރުން ބަދިގެއަކާއި ކާގެއެއް ހުރެއެވެ. އެގޭގެ ބޭރުން ދެން ހުންނާނީ ގުދަނެކެވެ. މުހިންމު ކަންކަމުގައި ބައެއް ފަހަރަކަށް ބޭނުން ކުރާ ތަނެކެވެ. މަންހަލް ބައިންދާފައި އިނީ އެތަނުގައެވެ.

“ހެލޯ ޕްރިންސެސް..” ޝަފްނާ އެތަނަށް ވަދެގެން އައި ގޮތަށް ބުނެލިއެވެ.

“ޑާލިން..” ޒިއާމް ގޮސް އިށީނީ މަންހަލްގެ ކުރިމަތީގައެވެ. އެއް އަތުން މަންހަލްގެ ކޯތާފަތުގައި ފިރުމާލުމާއެކު އުނދަގޫވެފައި އޭނާ މޫނު އަނބުރާލިއެވެ. ޒޭކްގެ އަތް މުށްކެވިގެން ދިޔަތަން ފެނުމާއެކު ވާނު އޭނާގެ އަތުގައި ހިފިއެވެ.

“މިއީ ދެން މަންހަލްގެ ގެއަކީ މިއަދަށް.. އަހަރެންނަކީވެސް އަސްލު އެހާ ހިތްހަރު މީހެއް ނޫނޭ.. އެކަމަކު ކޮންމެސް ކަމެއް ކުރަން ޖެހޭނެއްނު، ކަލޭ ބަފާގެ ހިތަށް އެއްޗެއް އަރާތޯ.. ކިހާ ދުވަހެއް މިވަނީ މަށަށް ފިލައިގެން އުޅޭތާ.. މިފަހަރު އަތުޖައްސާނަން..” ޝަފްނާ ވާހަކަދެއްކިއެވެ. މަންހަލްގެ ހިތަށް ތަދުވެލިއެވެ. އެގާރަ އަހަރު ދުވަސް ވަންދެން އާއިލާ ނުފެނި އުޅެން ޖެހިފައިވަނީ ކުރިމަތީ ހުރި އިންސާނާގެ ސަބަބުންނޭ ހިތަށް އެރިއެވެ. އެއްވެސް އެއްޗެއް ބުނަން ބޭނުންނުވެފައި އޭނާ އިނީއެވެ. އަމުދުން ޒިއާމް އެހާ ކައިރީގައި އިނުމުން އަނގަ ހުޅުވާލަންވެސް މަންހަލް ބޭނުމެއް ނުވިއެވެ.

“ގެޓް ރެޑީ.. ވީ އަރ ސްޓާޓިން..” ޝަފްނާ ޒޭކްމެންނަށް އިޝާރާތް ކޮށްލިއެވެ. ވާނު ޖިންސްގެ ޖީބުން ކަޅު ކުލައިގެ މާސްކެއް ނަގާ ބޮލަށް މަހާލިއެވެ. ޒޭކް ގުދަނުން ބޭރަށް ގޮސް ގެނައީ ކެމެރާއަކާ ސްޓޭންޑެކެވެ.

ޒިއާމް މަންހަލްގެ ކައިރިން ދުރަށް ޖެހިލާ އޭނާގެ ދެއަތާ ދެފައިގައި ބަނދެފައި ހުރި ވާތަށް މޮހެލިއެވެ. ބޮޑު ތިން ފިރިހެނުން ކައިރިން ސަލާމަތް ވާން ތެޅުމަކީ ބޭކާރު ކަމެއްކަން އެނގޭތީ މަންހަލް އެމީހުން ކުރާނެ ކަމެއް ކުރަން ފުރުސަތު ދީގެން ހުރީއެވެ.

މަންހަލްގެ އަތުގައި ހިފައިގެން ގެންގޮސް ޒިއާމް އޭނާގެ އަތުގައި ބިޑި އެޅުވިއެވެ. އޭތި ހަރުކޮށްފައި އިނީ ދިގު ޗޭނުގަނޑެއްގައެވެ. އެޗޭނުގަނޑު އޮތީ މަތީގައި ހަރުކޮށްފައި އިން ދަގަނޑު ގަނޑެއްގައި އެލުވާފައެވެ. ޗޭނުގަނޑުގެ އެއްފަރާތަށް ދަމާލީމާ މަންހަލް މައްޗަށް އެރިއެވެ. ކިރިޔާ ބިންމަތީގައި ފައި ޖެހޭ ވަރުވުމުން ޒިއާމް އަނބުރާ އައިސް ޒޭކްގެ ގާތުގައި މަޑުކޮށްލިއެވެ. އަތުގައި އޮތް ބޮޑު ލަޓިބުރި ހިފައިގެން ވާނު މަންހަލްއާ ދިމާއަށް ދާން ފެށުމާއެކު ޒޭކް އެމަންޒަރު ފެންނާނެހެން ކެމެރާ ސެޓު ކުރިއެވެ.

ޝަފްނާ ފަށާށޭ ބުނުމުން ޒޭކް ކެމެރާގެ ރިކޯޑިން އަށް ޖައްސާލިއެވެ. ވާނު މަންހަލްގެ ގައިގައި އެދަނޑިބުރިން ޖަހަން ފެށުމާއެކު މަންހަލް ހަޅެއް ލަވަން ފެށިއެވެ. ލިބެމުން ދިޔަ ވޭނަށް ކެތްނުވެގެންނެވެ. ކެމެރާގެ ފުރަގަހުގައި ޝަފްނާއާ ޒިއާމް ބަލަން ތިއްބެވެ. ހީވަނީ ފިލްމެއްގެ މަންޒަރެއް ރިކޯޑުކުރަން ތިބި ބަޔަކު ހެންނެވެ. ޒޭކް ފުންނޭވާއެއް ދޫކޮށްލަމުން ދެލޯ މަރާލީ ފެންނަމުން ދިޔަ މަންޒަރަށް ބަލަން ކުޅަދާނަ ނުވެގެންނެވެ.

އެންމެފަހުން މަންހަލްގެ ގައިން ވަރުދޫވާން ފެށިއެވެ. ލިބޭ ވޭނަށް ކެތްނުވެގެން އޭނާގެ ދެލޯ މެރެން ފެށިއެވެ. ކުކުރުމުގެ އަޑެއް އޭނާގެ އަނގައިން ނިކުންނަނީ ކިރިޔަ ކިރިޔާއެވެ. މަންހަލްގެ ހޭހުސްވުމާއެކު ވާނު ހުއްޓާލިއެވެ. ޝަފްނާގެ އަމުރަށް ޒޭކް ރިކޯޑިން ޕޯސް ކޮށްލިއެވެ.

މަޑުމަޑުން މަންހަލް ލޯ ހުޅުވާލިއެވެ. ގައިގެ އެކިހިސާބުން އަޅާ ވޭނުން އޭނާއަށް ކެތްވާވަރެއް ނޫނެވެ. ބިމާ ހަމައިގައި އޭނާ ހުއްޓަސް ކޮޅަށް ހުންނާނެ ވަރެއް އޭނާގެ ފައިގައެއް ނެތެވެ. ގިނައިރު އަތް މައްޗަށް ނަގައިގެން ހުންނަން ޖެހުމުން ކޮނޑުހުޅުގައިވެސް އެހާ ގަދައަށް ރިއްސައެވެ. ބަނޑުހައިވާ ވަރުން އޭނާގެ ބަނޑުން އަޑު ކިއައެވެ. ނަމަވެސް އޭނާއަށް ކެތްކުރުން ނޫން ގޮތެއް އެބައޮތްހެއްޔެވެ؟

ވަށައިގެން ވާ މަހައުލަށް ނަޒަރު ހުއްޓާލުމުގެ ކުރިން އޭނާއަށް އިހުސާސްވެގެން ދިޔައީ ހޫނު އެއްޗެކެވެ. ގައިގެ އެތަން މިތަނުގައި ދޮން ދަގަނޑުން އެމީހަކު ޖައްސަމުން ދިޔައެވެ. ކުރިމަތީ ހުރި މީހާއަށް ބަލައިލުންވެސް އޭނާއަށް ވީ ވޭނަކަށެވެ. ދަގަނޑުގަނޑު ޖެހޭ ކޮންމެ ފަހަރަކު ނަގައިގެންދާ ދިލައިގެ ސަބަބުން އަނެއްކާވެސް އޭނާގެ ހެޔަށް ގޮތްގޮތް ވާން ފެށިއެވެ. ކުއްލިއަކަށް ދަގަނޑު ޖެއްސިމީހާ އޭތި ޖެއްސުން ހުއްޓާލިއެވެ. އޭނާ ހީކުރީ އަނިޔާއިން މިންޖުވީކަމަށެވެ. ނަމަވެސް މަތިން އޮހިގެން ދިޔަ ފެންތައް ގައިގައި ޖެހިގެން ދިޔަ ހިނދު އޭނާއަށް ލިބިގެން ދިޔައީ ކެތްކުރަން ދަތި އިތުރު ވޭނެކެވެ. ހަޅޭއްލަވައިގަނެ ރޯން އުޅުނު ނަމަވެސް އޭނާގެ އަނގައިން އަޑުނުނިކުތީ ލިބިފައިހުރި ވަރުބަލިކަމެއްގެ ސަބަބުންނެވެ. މިބިރުވެރި ދުވަސް އައުމުގެ ކުރިން އޭނާ މަރުވި ނަމައޭ ހިތަށް އެރިއެވެ. ގައިގައި އަޅަން ފެށި ވޭނުން އަނެއްކާވެސް މަންހލްގެ ދެލޯ މެރިގެން ދިޔައީއެވެ.

ވާނު ކެމެރާއަށް ނާރާނެހެން ދުރަށް ޖެހިލިއެވެ. ޝަފްނާ ކެމެރާގެ ކުރިމައްޗަށް އަރާ ހުއްޓިލީ މަންހަލް ފެންނާނެހެންނެވެ.

“ހެލޯ.. އަހަރެންނަށް އެނގޭ މީތި ބަލާފައި ސާހިލް ވަރަށް ދެރަވާނެކަން. އެކަމަކު އަހަރެންނަށް މިގޮތަށް ހަދަން މަޖުބޫރު ކުރުވި މީހަކީ ތިޔައީ. އަހަރެން މިހުރިހާ ދުވަހަކު މަންހަލް ބެލީ އެއްވެސް އެއްޗެއް އުނިނުވާނެހެން. އެކަމަކު ސާހިލް އަހަރެންނާ ދަރި ހަވާލުކޮށްފަ ފިލީ..” ޝަފްނާ ކެމެރާއާ ތަންކޮޅެއް ކައިރިވެލުމާއެކު ޝަހާދަތް އިނިގިލި ދައްކާލިއެވެ. “މިއީ ދޭ އިންޒާރެއް. ތިހާ ދަރިފުޅު ދެކެ ލޯބިވަންޏާ އަހަރެންގެ ކުރިމައްޗަށް އަރާ އަހަރެންގެ ހުށައެޅުމާ އެއްބަސްވޭ. އޭރުން ދަރިފުޅު ހުރިހާ އަނިޔާއަކުން ސަލާމަތްވާނެ.”

ޒޭކް ރިކޯޑިން ނިންމާލިއެވެ. އޭނާއަށް ޖެހިފައި އޮތް މަސައްކަތަކީ އެރިކޯޑިން ވަގުތުން ލިއާމްއަށް ފޮނުވުމެވެ. އެކަމައިގެން އޭނާ އަވަހަށް މަޝްއޫލު ވިއެވެ. ޝަފްނާ ހިނގައިގަތީ އެތަނުން ނުކުންނާށެވެ. ވާނުއާ ޒިއާމްވެގެން މަންހަލް ގޮވައިގެން ގޮސް ރީތިކޮށް ހަދާފައި ހުރި މައި ގެއަށް ވަނެވެ.

ޖެހިގެން އައި ދުވަހު ޝަފްނާ އޮފީހުގައި އުޅުނީ ވަރަށް ބުރަކޮށެވެ. ގެއަށް އާދެވުނު އިރުހުރީ ހަތަރެއް ޖަހާ ބޮޑުވެފައެވެ. ޝަފްނާ ފެނުމާއެކު ސޯފައިގައި އިން ޝަޔަމް ފުންމައިގެން ތެދުވިއެވެ.

“މަންމާ.. އަސްލަށްވެސް ބައްޕަ އަންނާނެތަ މިއަދު؟ މިގަޑީގަ؟” ޔަގީންނުވެފައި އިން ފަދައަކުން ޝަޔަމް ސުވާލުކުރިއެވެ.

“އާނއެކޭ.. ފަހެއް ޖަހާއިރު އަންނާނެ..” މޫނު އަނބުރާލަމުން ޝަފްނާ ކޮޓަރިއަށް ވަދެގެން ދިޔައީއެވެ. ދުވެފައި ކަހަލަ ގޮތަކަށް އޭނާ ތިރިއަށް ދިޔައިރު މަސައްކަތް ނިންމާލުމަށްފަހު ދީމް ގެއަށް ދާންވެގެން ނިކުންނަނީއެވެ.

“މަޑުކޮށްބަލަ.. އާދެބަލަ ކުޑަ އެއްޗެއް ހަދައިދޭން.. އަހަރެންވެސް ހެލްޕް ވާނަމޭ.” ބަދިގެ ތެރޭގައި ހުރި ކަބަޑުތައް ހާވަމުން ޝަޔަމް އަވަސް އަވަހަށް ވާހަކަދެއްކިއެވެ.

“ކޮން އެއްޗެއް ހަދަނީ؟” ދީމް އަނބުރާލާފައި އައިސް ޝަޔަމްގެ ގާތުގައި ހުއްޓިލިއެވެ.

“ޗޮކްލެޓް ކޭކެއް އަޅާނީ.. ބައްޕައަށް ވަރަށް މީރުވާނެ..” ކޮންމެވެސް ދިމާއަކުން ކޭކު ޕެކެޓެއް ނަގާ އޭނާ ދީމްއަށް ދައްކާލިއެވެ.

“އެކަނިވެސް..” ދީމް ޖުމްލަ ފުރިހަމަ ނުކޮށް ހުއްޓާލީ ސިޑިން ފައިބައިގެން އައި ޝަފްނާ ފެނިފައެވެ.

ދެމީހުންވެގެން ކޭކު ފިހެ ނިންމާލެވުނު އިރު ފަހެއް ޖަހައިފިއެވެ. ތައްޓަކަށް ކޭކުނަގާ މަތިން ޗޮކްލެޓް ސިރަޕް ލޭޔާއެއް އެޅުމަށްފަހު ޝަޔަމް އޭތި ފްރިޖަށްލީ ފިނިކޮށްލަންވެގެންނެވެ. ހަމަ އެވަގުތު ބޭރުން ޝަފްނާ ގޮވާލި އަޑު އިވުމާއެކު އަވަސްއަވަހަށް އަތް ދޮވެގެން ޝަޔަމް ނިކުތީ ބޭރަށެވެ.

ގޭގެ ދޮރުމައްޗަށް ކާރެއް މަޑުކުރުމާއެކު އޭގެއިން މެދު އުމުރުގެ ފިރިހެނެއް ފޭބިއެވެ. މެދުމިނެއްގެ ހަށިގަނޑެއް ލިބިފައިހުރި އެމީހާ އިސްކޮޅުން އެހާ ދިގެއް ނޫނެވެ. ކުރުކޮށް ކޮށާލާފައި ހުރި އިސްތަށިގަނޑުގައާ ތުނބުޅީގައި ފުދޭވަރަކަށް ނުރަހުއްޓެވެ. ހަރު ހިނގުމެއްގައި ހިނގާފައި އައިސް އޭނާ ހުއްޓިލީ ޝަފްނާގެ ކުރިމަތީގައެވެ.

“އަހަރެންގެ ފަރާތުން މިހާރު ކޮންކަމެއް ބޭނުންވީ؟” ހަރުކަށި ރާގަކަށް އޭނާ ބުނެލިއެވެ. އެވަގުތު ދޮރުން ނިކުތް ޝަޔަމްއަށްވެސް އޭނާގެ ސުވާލު އަޑު އިވުނެވެ. ވަކި އެއްޗެއް ނުބުނެ ޝަފްނާ އަތުގެ އިޝާރާތުން ދޮރުމަތީ ހުރި ޝަޔަމް ދައްކާލިއެވެ.

“ބައްޕާ..” ދެލޮލަށް ޖަމާވި ކަރުނަތަކާއެކު ޝަޔަމް ދުވެފައި ދިޔައީ ބައްޕަ ގާތަށެވެ.

“ދަރިފުޅު..” ތިން އަހަރުފަހުން ހުރި ހަމައެކަނި ދަރިފުޅު ލޮލަށް ފެނުމުގެ ނަސީބު ލިބުމާއެކު އަޒީމްގެ ލޮލުންވެސް ކަރުނަ ހިލުނެވެ. ދުވެފައި އޭނާއާ ދިމާއަށް އައި ޝަޔަމްގެ ގައިގައި ބައްދާލީ އެއަތުގެ ހިމާޔަތް ދެމުންނެވެ.

“ބައްޕަގެ ޝަޔޫ..” އޭނާގެ ގަޔާއި ދުރުކޮށްލަމުން އަޒީމް ޝަޔަމްގެ ނިތުގައި ބޮސްދިނެވެ.

“އައި މިސްޑް ޔޫ ސޯ މަޗް ބައްޕާ..” ޝަޔަމް ހިނިތުންވަމުން ބުނެލިއެވެ. ދެމީހުންނަށް ބަލަން ހުރި ޝަފްނާ ފުންނޭވާއެއް ދޫކޮށްލަމުން ދުރު ބަލައިލީއެވެ.

“ބައްޕައަކަށް ނޭނގޭ ޝަޔޫ މިކޮޅަށް އައިސް އުޅޭ ކަމެއް.. ކުއްލިއަަކަށް މަންމަ މެސެޖްކޮށްފައި ބުނީ ޝަޔޫ ބައްޕައާއި ބައްދަލުކުރަން ބޭނުންވެގެން އެބަ ކިޔައޭ. ދާން ނުދާން ހުރެފައި ހަމަ ދަރިފުޅު މިކޮޅުގައި ހުރެދާނޭ ހިތަށް އަރާފަ މިއައީ.” އަޒީމްގެ މޫނުމަތިން އުފާވެރިކަން ފާޅުވާން ހުއްޓެވެ. ވަށައިގެން ގޭގެ ގޯތިތެރެއަށް އަޒީމް ނަޒަރު ހިންގާލިއެވެ. “ހިނގާ ބައްޕައާއެކު ދުއްވާލަން ދާން..” އެމާހައުލާމެދު ގަޔާނުވިފަދައަކުން އަޒީމް ބުންޏެވެ. ޝަފްނާގެ ބަހަކަށް އިންތިޒާރު ކުރުމެއް ނެތި ޝަޔަމް އަވަސް ހިނގުމެއްގައި އަޒީމްގެ ކާރަށް އަރަން ދިޔައެވެ.

“ނުދެވޭނެ…” ޝަޔަމް ފަސް އެނބުރި ބަލައިލީ ޝަފްނާ ވާހަކަދެއްކި އަޑަށެވެ.

“އެއީ އަހަރެންގެވެސް ދަރިއެއް..” ކާރަށް އަރަމުން އަޒީމް ބުނެލިއެވެ. ޝަފްނާގެ ޖަވާބަކަށް އޭނާ މަޑެއް ނުކުރިއެވެ.

“ކޮން އެއްޗެއް ގަނެދޭންވީ ބައްޕަ؟ ދަރިފުޅު ބުނެބަލަ..” ސިނަމާލެ ބްރިޖުން ކާރު ފޭބުމާއެކު އަޒީމް ސުވާލުކުރިއެވެ.

“ބައްޕަ އެއްޗެއް ނުދިނަސް ޝަޔޫއަށް އޯކޭ. ޝަޔޫއާއެކު ބައްޕަ ހުރިއްޔާ އެވަރު ފުދޭ!” ހިނިތުންވެފައި ޝަޔަމް ވާހަކަދެއްކިއެވެ.

“މިކޮޅަށް އައީ ކިޔަވަންތަ؟” އަޒީމް އަހާލިއެވެ.

“އާނ. މަންމަ މިކޮޅަށް ގެނައީ. ނުވެސް އެނގިހުއްޓާ.. މިހާރު ބުނަނީ ބިޒްނަސް ކިޔަވަން ހިނގާށޯ. ޕޮލިޓިކްސްއަށް ވައްދަންވެސް ކިހާ ވަރަކަށް އުޅުނު. ޝަޔޫ އެއްވަރަކަށްވެސް ކިޔަވާ ހިތްވާ އެއްޗެއް ނޫން..” ޝަޔަމް ޝަކުވާ ކުރިއެވެ. “ޝަޔޫ ބޭނުންވަނީ މޮޅު ފޮޓޮގްރަފާއަކަށް ވާން..”

“ބައްޕަ ބުނަންވީތަ މަންމަ ކައިރީ ޝަޔޫ ބިޒްނަސް ކިޔަވަން ބޭނުމެއްނޫނޭ..” ޝަޔަމް ބޮޑާހޭކި ގޮތުން ހިނިއައިސްފައި އިނދެ އަޒީމް ބުންޏެވެ.

“ނޫން.. މަންމައަށް ދައްކައިދޭނަން އަހަރެން ކިޔަވަން ބޭނުން ނޫން އެއްޗެއް އަހަރެން ލައްވާ ނުކިޔުއްވޭނެކަން. މި ސެމިސްޓާ ނިންމާލާފަ އެހެން ކޯހަކަށް އެޕްލައި ކުރާނަން..” ކުރިއަށް ކަންތައް ކުރަން ވިސްނާފައި އޮތްގޮތް ޝަޔަމް ކިޔައިދިނެވެ.

“އެންމެ ރަނގަޅު.. ޝަޔޫ ބޭނުން ނޫނިއްޔާ ބައްޕަ އެއްވެސް އެއްޗެއް ނުބުނާނަން ..” ކެންޓީނެއް ކައިރިއަށް ކާރު ޕާކުކޮށްލަމުން އަޒީމް ބުންޏެވެ.

“ބައްޕަ ކޮންމެ ދުވަހަކު އަންނައްޗޭ ބޭރަށް ދާން. އެހެންނޫނީ ޝަޔޫ ގޭގައި އިނދެ އިނދެ ފުޅައަޅާނެ. މަންމަ ހުއްދައެއް ނުދޭ ޝަޔޫ ބޭރަށް ނިކުންނާކަށްވެސް..” އައިސްކްރީމް ތައްޓެއް ހިފައިގެން އަޒީމް އައިސް ޝަޔަމް އަތަށް ދިއްކޮށްލުމާއެކު އޭނާ ބުންޏެވެ.

ކާރު ދުއްވަން ގޮސްފައި ޝަޔަމްމެން އައީ އިރުއޮއްސެން ކައިރިވުމުންނެވެ. ޝަޔަމް އަޅާފައި އޮތް ކޭކު ކައިގެން ދެބަފައިން ވަކިވުމުގެ ސަލާންކުރިއެވެ.

“މަންމާ. މިހާރު ކިހާ ދުވަހެއް މިވަނީ މަންނުއާ ވެސް ނުގުޅޭތާ.. ޕްލީޒް ދެން މިރޭ ގުޅައިދީބަ..” ތައްޓަކަށް ކޭކު ފޮއްޗެއް ލައިގެން ސިޓިން ރޫމަށް އައިސް ސޯފައިގައި ޝަޔަމް އިށީނެވެ.

“އެއްކަލަ ޝަޔަމްމް.. ހަމަ އެއްކަމެއް ނިމޭ އިރަށް އަނެއްކަމެއްގެ ވާހަކަ ފަށާނެ. ކީއްތަވާނީ އެއްފަހަރުވެސް އަހަރެން ދޭ އެއްޗަކަށް ޝުކުރުކުރިއްޔާ..” ޝަފްނާ އިނީ ރުޅި އައިސްފައެވެ.

“އެއްކަލަ މަންމަ.. އަހަރެންނަށް މަންނުއަށް ގުޅޭ ގޮތަށް ހަދައިދީފަ އޮންނަނަމަ މިހެނެއް ނުކިޔާނަމޭ.. ހަމަ މަންމަގެ ކަންތަކެއްނުން މިއީ..” ޝަޔަމްވެސް ހަމަ އެރާގުގައި ބުންޏެވެ.

ޒުވާބުކުރަން ބޭނުންނުވާތީ ކަންނޭނގެއެވެ. ނުހަނު އަވަހަށް ފޯނު ނަގާ ނަންބަރުތަކެއް ޖަހާލުމަށްފަހު ޝަޔަމްއަށް ދިއްކޮށްލިއެވެ.

ފެންވަރައިގެން ނިކުމެ މަޑުމަޑުން ހިނގާފައި އައިސް އެނދުގައި އިށީނެވެ. ގައިގައި އަޅާ ވޭނުން އޭނާއަށް އަދިވެސް ތަނެއް ހިއްލާލުން ވަނީ ބޮޑު ކަމަކަށެވެ. ފެނުގައި ޖެހޭއިރު އެނަގާ ދިލަ އޭނާއަށް ބަޔާންކޮށްދޭކަށްވެސް ނޭނގެއެވެ. އެނދުން ތެދުވެ އޭނާ ހުއްޓިލީ އެނދުކައިރީ ބަހައްޓާފައި ހުރި ސައިޑް ޓޭބަލް ކައިރީއެވެ. އޭގެ ދަމާ ވަތްގަނޑުން ބޭސްގުޅައެއް ނަގާ ފެންފޮދަކާއެކު ދިރުވާލިއެވެ. ދިއްލާފައި ހުރި އަލިގަދަ ބޮކި ނިއްވާލުމަށްފަހު އޭނާ އޮށޯތީ އެނދުގައެވެ. އޭނާ ސިހިގެން ދިޔައީ ބޮކި ދިއްލާލުމަށްފަހު ކޮޓަރިއަށް ވަތް ވާނު ފެނިފައެވެ. އޭގެއިން މީހަކު ފެނުނަސް މިހާރު އޭނާގެ ހިތަށް ގުޑުން އަރައެވެ. ނޭވާލާން ދަތިވެއެވެ. ވާނު އޭނާގެ އަތުގައި އޮތް ފޯނު މަންހަލްއަށް ދިއްކޮށްލުމަށްފަހު ފާރަށް ލެނގިލިއެވެ. ސްކްރީނު ދިއްލިފާ ހުރުމުން ސްޕީކަރަށް ލާފައި ހުރިތަން އޭނާއަށް ފެނުނެވެ.

“ހެލޯ މަންނު.. ކިހިނެއް؟” އެކޮޅުން ޝަޔަމް ސުވާލުކޮށްލި އަޑު އިވުނީ އެވަގުތެވެ.

“ރަނގަޅު؟ ޝަޔޫ ކިހިނެއް؟” އަޑުގައި ހުރި ބަލިގޮތް ފިލުވާލެވޭތޯ ބަލަމުން މަންހަލް ވާހަކަދެއްކިއެވެ.

“އަހަރެންވެސް ރަނގަޅު؟ ހާދަ ބަލިގޮތަކަށް ތިވާހަކަދައްކަނީ؟ ކަމެއްވީތަ؟ ހުންއައީތަ؟” އެވަރުންވެސް ޝަޔަމް އޭނާގެ އަޑުން ބަލިކަން ދެނެގަނެފިއެވެ.

“ނޫނޭ.. އަސްލުވެސް ރަނގަޅު. ކުޑަކޮށް ބޮލުގަ ރިއްސާތީ މިއުޅެނީ..” ވާނު ވަށްކަޅިން ބަލަން ހުރުމާއެކު މަންހަލް ބުނެލިއެވެ.

“ކިހިނެއް ރަށުގެ ކަންކަން؟ އަހަރެން ދިޔަފަހުން ބޭރަށްވެސް ނުނިކުންނަން ދޯ..” ޝަކުވާގެ ރާގަކަށް ޝަޔަމް ބުންޏެވެ.

“ބޭރަށް ދަން ކޮންމެ ދުވަހަކު.. އެނގޭތަ؟ އަހަރެން މިހާރު މީހަކާ އިންނަން މިއުޅެނީ. ޝަޔޫ އަންނައްޗޭ..” ވާނުއަށް ބަލަން ހުރެފައި މަންހަލް އަވަސްއަވަހަށް ބުނެލިއެވެ. ވަގުތުން އޭނާ އައިސް ހުއްޓިލީ މަންހަލްގެ ކުރިމަތީގައެވެ. އިންޒާރުގެ ނަޒަރަކުން ބަލަހައްޓައިގެން ހުއްޓެވެ.

“އެއްކަލަ މަންހަލް. ކޮން ދޮގެއް ހަދާކަށް..” ޝަޔަމްގެ ގާތަށް ހިނިއައެވެ.

“އަސްލުވެސްއޭ. އަހަރެމެން ތިން ބޭބީވެސް ހޯދާނަން.. ޝަޔޫ ހުރޭ މާލޭގައި..” އެހިސާބަށް ވާހަކަދެކެވުނު ހިނދު ވާނު އަތް ދިއްކޮށްލީ ފޯނު ކަނޑާލާށޭ ބުނާ ފަދައަކުންނެވެ.

“އޯކޭއޭ. މިއަދު ކުޑަކޮށް ބިޒީކޮށް އުޅޭ ދުވަހެއް. ޓޯކް ޓު ޔޫ ލޭޓަރ.. ބާއި..” ޝަޔަމްއަށް ވާހަކަދައްކާނެ ފުރުސަތެއް ނުދީ މަންހަލް ފޯނު ކަނޑާލީއެވެ. ވާނުއަށް ފޯނު ދިއްކޮށްލުމާއެކު ވަށްކަޅިން ބަލަމުން ބަލަމުން ކޮޓަރިން ނިކުމެގެން ދިޔައެވެ. ކާމިޔާބީގެ ހިނިތުންވުމެއް ވެރިކުރުވަމުން މަންހަލް އަނެއްކާވެސް އެނދުގައި އޮށޯތެވެ.

ޝަޔަމް އެނދުގައި އޮށޯވެލައިގެން އޮތެވެ. ދިރިއުޅުމުގެ ކަންތަކާމެދު ވިސްނާށެވެ. އޭނާގެ ކުރިމަގާމެދު ވިސްނާށެވެ. ބަލިކަށިވެފައި އޮތް އާއިލީ ގުޅުމާ އެކުވެރިޔާގެ މަތިން ހަނދާންކުރާށެވެ. ކުއްލިއަކަށް އޭނާގެ ހަނދާނަށް އައީ މިއަދު މަންހަލް ގުޅާފައި ދެއްކި ވާހަކަތަކެވެ. އެ ހަނދާންތަކާ ގުޅިގެން އައީ ޝަޔަމް ރަށުގައި އުޅުނު އިރު ދެމީހުން އެންމެ ފަހުން ނިދަން އަރާ ތިބެ ދެކެވުނު ވާހަކައެވެ.

**

“މިސާލަކަށް ބަޔަކު އަހަރެން ކިޑްނެޕް ކުރީއޯ. ދެން މަންނުއާ ގުޅާނެ ފުރުސަތެއް ލިބިއްޖެއްޔާ އަހަރެން ބުނާނީ ކީކޭކަން އެނގޭތަ؟” ވިސްނަން އޮވެފައި ޝަޔަމް ބުނެލިއެވެ.

“އެއްކަލަ ޝަޔަމް ދޯ. އެވަރަށް މިލިޓަރީ ޑްރާމާ ބަލާތީ އަބަދު ތިހުންނަނީ އޭގެ ދުނިޔެއަށްވަދެ ގެއްލިފަ. އުމްމް.. ހަމަގައިމުވެސް ތިމަންނަ މިހުރީ ކިޑްނެޕް ކޮށްފައޭ ބުނާކަށް ނުކެރޭނެ ދޯ.. އޭރަށް ނޭނގެ ދެން ހަދާލާނީ ކިހިނެއް ކަމެއްވެސް.” މަންހަލް ހެވިފައި އޮވެ ބުނެލިއެވެ. “އަހަރުމެންގެ ސީކްރެޓް ކޯޑްއެއް އޮންނަން ވާނެ ވާހަކަދައްކާއިރު..”

“އޮފްކޯސް. އަހަރެން ބުނާނީ މިއުޅެނީ ވަރަށް މުއްސަނދި ލައިފްއެއް ލިބިގެންނޭ. އެމެރިކާގައި އަހަރެންގެ ހަތަރު ގެއާ ޕްރައިވެޓް ކާރަކާ ޖެޓަކާ ވެސް އޮވެއޭ.. ހަނދާންކުރައްޗޭ މިވާހަކަތައް.. އާނ އަދި ބުނާނަން އަހަރެންގެ މިލްކިއްޔާތުގައި ރާއްޖޭގެ ރިސޯޓެއްވެސް އޮންނަ ވާހަކަ.” އެރޭގައި ވާހަކަދެކެވުނީ ސަމާސާއެއް ގޮތަށެވެ. ފަހުން އޭގެ ބޭނުން ޖެހިދާނޭ ދެމީހުން ކުރެ އެކަކުގެވެސް ހިތަކަށް ނާރައެވެ.

“ޔަގީނެއްނު.. ކިހިނެއް މަގޭ ބެސްޓީ އެކަނި ހާލަށް ދޫކުރާނީ..؟” މަންހަލްއަށް ހެވުނެވެ.

“ދެން މަންނު ކީކޭ ބުނާނީ؟” ޝަޔަމް ސުވާލުކުރިއެވެ.

“އަހަރެން ބުނާނީ މިއުޅެނީ މެރީ ކުރާށޭ. ތިން ބޭބީ ހޯދާނަމޭވެސް ބުނާނަން..” މަންހަލް ހޭންފެށިއެވެ.

“މިއީ ހާދަ މެރީކުރާ ހިތުން އުޅޭ އިންސާނެކޭ. މިހާރުވެސް ޔަޒްދާން ގެނެސް، ދެވާފަ ފޮނުވާލަންވީ.. އެހެންޏާ.. މަގޭ ދޮންތައަށް އަންހެން ދަރިއެއްވެސް ލިބޭނެއްނު އޭރަށް..” ޝަޔަމް ދިމާކޮށްލިއެވެ.

“އޭ އަނގަމަޑު ކޮށްގެން ނިދަންވީ.. މިހާރު ބާރަ ޖަހަން އެއުޅެނީ. މި ޝަޔަމް ވާހަކަދައްކަން ފަށައިފިއްޔާ މީހަކަށް ހަމަޖެހިގެން ނިދޭކަށްވެސް ނޯވެވޭނެ. ޝަހާދަތް ކިޔާ ނާސި ތިން ސޫރަތް ކިޔަވައިގެން ނިދާތި.. އިބިލީސް ފާޑު ފާޑުގެ ހުވަފެން ނުދައްކާނީ އޭރަށް..” މަންހަލް އެރޭ އެންމެ ފަހުން ބުނި ވާހަކައަކީ އެއީއެވެ. ދެމީހުންވެސް ބާއްޖެވެރި ރޭގަނޑަކަށް އެދެމުން ނިދީއެވެ.

**

އެނދުގައި އޮވެފައި ފުންމައިގެން ޝަޔަމް ތެދުވިއެވެ. ދެން އޭނާގެ ހަނދާނަށް އައީ މަންމަ ތައިލޭންޑަށް ގޮސްފައި އައިރޭ ދެއްކި ވާހަކައެވެ. އެރޭ ޝަޔަމް އެއްވެސް ވާހަކައެއް އަޑުނީވޭ ކަމަށް ހެދީއެވެ. އެކަން އޭނާއަށް އެނގިއްޖެއްޔާ އެފަދަ ކޯލްތަކަށް ގޭގައި ޖަވާބު ނުދޭނަ ފަށާފާނެއެވެ. އެހެންވެއްޖެއްޔާ މައުލޫމާތު ލިބެން އޮންނަ ހަމައެކަނި މަގު އޭނާއަށް ބަންދުވީއެވެ. އެދުވަހަށް ފަހު ޖެހިގެން އައި ދުވަހު ކުއްލިއަކަށް ރަށުން ދިޔަ ގޮތަށް އައީ ހަވީރުވާން ކައިރިވެފައި ވަނިކޮށެވެ.

ޝަހާދަތް އިނގިލިން އެއްޗަކަށް އިޝާރާތް ކުރާ ފަދައަކުން ކަންތައް ކުރުމަށްފަހު އޭނާ އަނގައިން އާހެއްގެ އަޑެއް ލައްވާލިއެވެ.

“އެހެންވީމަ މަންމަ.. ޝަޔޫ ކިޑްނެޕް ކުރީ. އައި ނިއު އިޓް. އައި ނިއު އިޓް.. ރަށަށް ގޮސް ބޮޑު ޑްރާމާއެއް ކުޅެފައެއްނު އެއައީ.. އެންމެ ފަހުން ދާންއަށް ނުގުޅޭ ގޮތް ހަދާފަ. އާހް..” ޝަޔަމްއަށް ހުރިހާ އެއްޗެއްވެސް ފަހުމްވިއެވެ. “އެކަމަކު އަހަރެންނަށް އެކްޝަން ނެގޭނީ ވަރަށް ވިސްނާފާ.. ފަސްޓް، އައި ހޭވް ޓު ކޮންޓެކްޓް ދާން..”

އެނދުގައި އޮވެފައި އޭނާ ތެދުވެގެން ގޮސް ހުއްޓިލީ ކިޔަވާ މޭޒު ކައިރީއެވެ. ފޮތެއް ނަގާ އޭގާ އެއްޗެހިތަކެއް ނޯޓުކުރިއެވެ. އެއަށްފަހު ލިޔުން އެއްޗެހިތައް ކިޔާލުމަށްފަހު އަމިއްލަ ނަފްސަށް ހިނިތުންވެލިއެވެ.

“އައި ވިލް ސޭވް ޔޫ މަންހަލް..” ވައި އަޑުން ޝަޔަމް ކިޔާލިއެވެ. އެމޫނުމަތީގައި ވީ ޔަގީންކަމުގެ ކުލަވަރެވެ. ކުރަން އުޅޭ ކަމެއް ކާމިޔާބުވާނެކަމުގެ ކުލަވަރެކެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Aayaa
Follow Me Written By

Aayaa

Level 410 Stories100 Login100 Comments

Other Articles

Previous

ތެމި ވާރޭގައި ވީމޭ 22 & 23

Next

ލޯބިވީމޭ 3

Next
July 22, 2024

ލޯބިވީމޭ 3

Previews
July 21, 2024

ތެމި ވާރޭގައި ވީމޭ 22 & 23

10 Comments!

  1. Cutie girl says:
    July 21, 2024 at 11:22 am

    Mi part vx v Reethi masha allah
    Curiously waiting for next part
    Keep it up
    V interesting story eh
    V kiyaala hithun kiyani

    1. Aayaa Aayaa says:
      July 21, 2024 at 5:23 pm

      Thank you cutie girl! 😊🤍

  2. shawaa says:
    July 21, 2024 at 4:12 pm

    mi prt vx v reethi as usual
    waitin 4 the nxt prt
    keep it upp
    this story is really interstin

    1. Aayaa Aayaa says:
      July 21, 2024 at 5:25 pm

      Thank you Shawaa! 😊🤍

  3. Shiura says:
    July 21, 2024 at 4:16 pm

    Nice part as well 😀
    Keep going
    Next part please 🥺

    1. Aayaa Aayaa says:
      July 21, 2024 at 5:26 pm

      Thank you Shiura! 😊🤍

  4. Cutie girl says:
    July 21, 2024 at 5:47 pm

    Yazdhaan and manhal gulhuvachey
    They both are made for each
    Lots of love ❤️

    1. Aayaa Aayaa says:
      July 22, 2024 at 8:39 pm

      Hehe.. hinga vaagotheh balama dhw 😃🤍

  5. Someone says:
    July 27, 2024 at 3:48 pm

    Omg mioh vaagotheh. Shayam vahdhanvee sifaingeyge investigation dhaairaa ah kanneynge. Lol. V reethi mi part ves 😘

    1. Aayaa Aayaa says:
      July 29, 2024 at 5:00 pm

      Shayam evarah action movies bala eyy.. ehnve vaagotheh eii!😂
      Thank you for this sweet comment!😊🤍

Comments are closed.

Next Episodeއިންސާފް (އެގާރަވަނަ ބައި)←


All Right Reserved!