“އައި ވިލް ސޭވް ޔޫ މަންހަލް..” ވައި އަޑުން ޝަޔަމް ކިޔާލިއެވެ. އެމޫނުމަތީގައި ވީ ޔަގީންކަމުގެ ކުލަވަރެވެ. ކުރަން އުޅޭ ކަމެއް ކާމިޔާބުވާނެކަމުގެ އަސަރެވެ.
ހަފްތާއެއް ފާއިތުވެގެން ދިޔައީ ނުހަނު އަވަހަށެވެ. ޝަޔަމް އޭނާގެ ޕްލޭނާއި އެއްގޮތަށް މަސައްކަތް ކުރަމުން ދިޔައެއްކަމަކު އެކަމުން އޭނާއަށް ކުރިމަގެއް ފެންނަ ކަމުގެ އިހުސާސެއް ނުވެއެވެ.
ދުވަހަކީ އޭނާ ކޮލެޖަށް ދިޔަ ފުރަތަމަ ދުވަހެވެ. ފޫހިވެ އިނދެގެން ހުރިހާ ގަޑިއެއް ނިންމާލުމަށްފަހު އޭނާ ތިރިއަށް އައީ ޖާވިދު ބަލައި އަންނާނެކަން އެނގިހުރެއެވެ. ތިރިއަށް ފޭބުމަށްފަހު ބަލައިލިއިރު އޭނާ ފެންނާކަށް ނެތެވެ. ހިތާހިތުން އޭނާ ނާދޭތޯ ދުޢާ ކޮށްލަމުން ޝަޔަމް ބާރު ހިނގުމެއްގައި ގޮސް ވަނީ ކުރިމަތީ އޮތް ޕާކު ތެރެއަށެވެ.
“ދައްތާ.. ދައްތަގެ ފޯނު ދެވިދާނެތަ؟ އަހަރެން ކުއްޖަކަށް ގުޅާލަން. ޕްލީޒް ދައްތާ..” އެންމެ ގާތުން ފެނުނު އަންހެނެއް ގާތު ހުއްޓެމުން ޝަޔަމް ބުނެލައިފިއެވެ.
“ތިހެން ފެންނަހާ މީހަކަށް ފޯނު ދޭހާ އަހަރެން މޮޔައެއް ނުވާނެ..” ނިކަން ރަނގަޅަށް ޝަޔަމްގެ މޫނަށް ބަލައިލުމަށްފަހު އެމީހާ ބުންޏެވެ.
“ބަލާ ދައްތާ.. މިއޮތީ އަހަރެންގެ ސްޓޫޑެންޓު ކާޑުވެސް.. މިއޮތީ އައިޑީ ކާޑުވެސް.. ޝަޔަމް އަޒީމް.. އަހަރެން ދައްތަގެ ފޯނު އަތުލައިފިއްޔާ ފުލުހަށް މައްސަލަ ހުށައަޅާ.. ޕްލީޒް އަހަރެން ކުއްޖަކަށް ވަރަށް އަވަހަށް ގުޅަން..” ވޮލެޓް ނަގާ ކާޑުތައް ދައްކާލަމުން ޝަޔަމް އާދޭސްކޮށްލިއެވެ. ޝަޔަމްއަށް ލޯ އަޅާލަމުން އޭނާ އަތްދަބަހުން ފޯނު ނަގައިފިއެވެ.
“ތެންކިއު ދައްތާ..” ކެތްލަވައިނުގަނެގެން އެމީހާ ފޯނު ދިއްކޮށްލުމުގެ ކުރިން ފޯނުގައި ހިފަން އޭނާ އުޅުނެވެ. ނަމަވެސް އޭގެ ކުރިން ފަހަތުން މީހަކު އައިސް އެ ފޯނު ދަމައިގަނެއްޖެއެވެ. ސިހިފައި ޝަޔަމް ފަހަތް ބަލައިލިއެވެ. މޫނަށް ވައްތަރެއް ޖައްސާލަމުން ޝަޔަމް އޭނާގެ އަތުން ފޯނު އަތުލަން އުޅުނެވެ.
“ދައްތާ.. މިއޮތީ ދައްތަ ފޯނު، ޝަޔަމް މޭމް އަޅުގަނޑު ނައިސްގެން އެއުޅެނީ ދޯ..” އަންހެން މީހާއަށް ފޯނު ދިއްކޮށްލަމުން ވާހަކަދެއްކީ ޖާވިދެވެ. ޝަޔަމް ދަތްކުނޑި ވިކާލަ ވިކާލަ ހުރީއެވެ. އެތާ ހަޅެއްލަވަން ބޭނުން ނުވީމައެވެ. އެ ދައްތަ ބަލައިލުމާއެކު ޝަޔަމް ހިނިތުންވެލާ ބޯ ޖަހާލީ ޖާވިދު އެބުނީ ތެދެކޭ ބުނުމުގެ ގޮތުންނެވެ.
“ގޮތްކުޑަ އިންސާނާ… ޖޭމާ ބަޓަރާ.. ތީނަ މަންމައަށް ނޭނގުން ދޯ ޖޭމު ނޫން ނަމެއް ކިޔާކަށް..” ކާރަށް އެރުމާއެކު ޝަޔަމް ކުދިކިޔާލިއެވެ. ޖާވިދު އެއްވެސް އެއްޗެއް ނުބުނެއެވެ.
“ކޮންތާކު ތީނަ މޮމް މަސައްކަތް ކުރަނީ؟ އަނެއްކާ ޖެންޑާގަތަ؟ ހުރިހާ އެންމެންވެސް ހަމަ އެއްގޮތް.. ފައިސާއިގެން މޮޔަވެފަ..” އައިސްފައި ހުރި ރުޅިގަނޑު ޝަޔަމް ބާލަމުން ދިޔައީ ޖާވިދަށެވެ. ދޭތެރެއަކުން ޖާވިދު ތުންފަތުގައި ދަތް އަޅާލައެވެ. ހީވަނީ ރުޅިގަނޑު މައިތިރި ކުރަނީ ހެންނެވެ.
ކާރު މަންޒިލަށް ފޯރުމާއެކު ޝަޔަމް އަވަހަށް ދޮރު ހުޅުވާލަން އުޅުނެވެ. ނަމަވެސް އެދޮރެއް ނުހުޅުވުނެވެ. ކާރުގެ ކުރީގައި އިންނަ ލޯގަނޑުން ޝަޔަމްއަށް ބަލައިލުމަށްފަހު ޖާވިދު ފާޑަކަށް ހީނލިއެވެ. އަދި ކާރުން ފައިބައިގެން އައިސް ޝަޔަމްއަށް ދޮރު ހުޅުވާލަދީފިއެވެ.
ޖާވިދަށް ލޯ އަޅަމުން ޝަޔަމް ކާރުން ފޭބިއެވެ. ގޭތެރެއަށް ވަންނަން ހިނގައިގަތް ނަމަވެސް އެކަން ނުވީ ޖާވިދު އޭނާގެ އަތުގައި ހިފާ ލުއްކެއް ޖަހާލުމުންނެވެ. ނުވިސްނާ ހުރުމުގެ ސަބަބުން ޝަޔަމް އައިސް ޖެހުނީ ޖާވިދުގެ މޭމަތީގައެވެ. ހަރަކާތެއް ނުކޮށްލާ ޝަޔަމް ހުރީ ޖެހިލުންވީލެއް ބޮޑުކަމުންނެވެ. ހަމަ ގައިމުވެސް އޭނާގެ ހިތަށް ނޭނގޭ ގޮތެއް ވެއްޖެއެވެ. ކުރިން ނުވާ އިހުސާސެއް ކުރެވުނެވެ.
“ހުރިހާ މަންމަ މެންނެއް އެއްގޮތެއް ނުވާނެ..” ވައިއަޑުން ޖާވިދު ބުނެލީ ޝަޔަމްގެ ކަންފަތް ބުޑުގައެވެ. ހީވީ ހަށިގަނޑު ތެރޭ ކަރަންޓު ޝޮކެއް ދުވެލި ހެންނެވެ. މުޅި މީހާ ފިނިވެ ހަރަކާތް ހުއްޓިފައި ޝަޔަމް ހުރީއެވެ. ޝަޔަމް އޭނާގެ ގަޔާ ދުރުކޮށްލަމުން ގޭތެރެއަށް ވަންނަން އޮތް މަގަށް ކުރިމަތި ކުރުވީ ޖާވިދެވެ. ބަސްއަހާ ކުޑަކުއްޖެއް ފަދައިން އޭނާ ގޭތެރެއަށް ވަނެވެ.
ހަވީރުގެ ވަގުތު ޝަޔަމް ބަލައި އަޒީމް އައީ ޝަފްނާ ބޭރަށް ދާން އުޅެނިކޮށެވެ. އޭނާގެ ފަހަތުން ދުވަމުން ކަހަލަ ގޮތަކަށް ޝަޔަމްވެސް އައެވެ. އަޒީމްގެ ކާރަށް އަރަން ދިޔަ ޝަޔަމްއަށް ބަލަން އޭނަގެ މަންމަ ހުރިކަން އެނގުމާއެކު އަތުން ހަނާއަޅާލަމުން އަވަސް އަވަހަށް ކާރަށް އަރާ ހަމަޖެހިލިއެވެ. ގޭޓުން ބޭރަށް ކާރު ނިކުންނަންދެން ބަލަން ހުރުމަށްފަހު ޝަފްނާ ފުންނޭވާއެއް ދޫކޮށްލިއެވެ.
“ބައްޕާ؟ އަސްލު ކީއްވެތަ މަންމައާ ޑިވޯސްވީ؟” ޝަފްނާގެ ހަރަކާތްތަކަށް ބަލަން ހުރުމަށްފަހު ޝަޔަމް ސުވާލުކޮށްލީ މަގުމައްޗަށް ނިކުމެ ކާރު ކުރިއަށް ދުއްވާލުމުންނެވެ. އެއްވެސް އެއްޗެއް ނުބުނެ ހައިރާންކަމާއެކު އަޒީމް ބަލައިލީ ދަރިފުޅަށެވެ.
“ކިހިނެއްވީ؟” ފުން ނޭވާއެއް ދޫކޮށްލުމާއެކު އަޒީމްވެސް ކޮށްލީ ސުވާލެކެވެ.
“ކަމެއް ނުވޭ.. މަންމަ ބަލަން ހުރި ގޮތުން އަހާލާހިތްވީ.” ޝަޔަމް އިނީ އެނގެން ބޭނުންވެފައެވެ.
“ތިބުނީ މަންމަ ބައްޕަދެކެ ލޯބިވެއޭތަ؟” ލުއި ހިނިތުންވުމަކާއެކު އަޒީމް އަނެއްކާވެސް ސުވާލުކުރިއެވެ.
“ފަހަރެއްގަ!” މަޑުމަޑުން ޝަޔަމް ބުންޏެވެ. ދެބުމަ މައްޗަށް އަރުވާލަމުން ތުންފިއްތާލިއެވެ.
“ހުވަފެނަކުންވެސް ތިކަން ވާނެކަމަށް ބައްޕަ ގަބޫލެއް ނުކުރަން..” އަޒީމް ހިނގަނޑެއް ޖަހާލިއެވެ. އެހެނަސް އެހުނުމުގައި އެތައް ވޭނެއް ފޮރުވިފައިވޭކަން ޝަޔަމްއަށް އިހުސާސް ވިއެވެ. އެހެންވެ އޭނާ މައުޟޫ އެހެންދިމާއަކަށް އަނބުރާލީއެވެ.
“ބައްޕަ ފޯނު ގެނައިންތަ؟” ކަމެއް ހަނދާންވީ ފަދައަކުން ޝަޔަމް ސުވާލުކޮށްލިއެވެ.
“އާނ މިއަދު ގެނައިން.. މިއޮތީ..” ފަޓުލޫނުގެ ޖީބުން ފޯނު ނަގާ އޭނާ ޝަޔަމްއަށް ދިއްކޮށްލިއެވެ. “ކިހިނެއްވީ ކޮންމެ ދުވަހަކު ބައްޕަގެ ފޯނު ބޭނުންވަނީ؟”
“އެއީ.. ޔަޒްދާންއަށް ގުޅަން..” ފޯނުގައި ހިފާ ހުޅުވާލަން މަސައްކަތްކުރަމުން އޭނާ ބުންޏެވެ. “ޗާޖު ހުސްވެފަ..”
“ޔަޒްދާންއަށް ނުގުޅެނީތަ؟ ދަރިފުޅުގެ ފޯނު ކޮބާ؟” ހައިރާންވެފައި އިނދެ އަޒީމް ސުވާލުކުރިއެވެ.
“އެފޯނުން ނުގުޅޭ ގޮތް ހަދާފަ އިނީ…” ބުނަން ނުބުނަން ހުރެފައިވެސް އެންމެފަހުން ޝަޔަމް ހަގީގަތް ބުނެލިއެވެ.
“ހޫމް. ތިހެން ބުނީމަ މި ހަނދާންވީ. ބައްޕަ ގެއިން އައިއިރު ފަންސާހަކަށް ޕަސެންޓު ޗާޖު ހުރި. ގެއަށް ވަންނަން އުޅެނިކޮށް ޖާވިދު ބުނެގެން ފޯނު ދިނީމަ ޔޫއެސްބީއެއް ގުޅި..” ކަމެއް ހަނދާންވި ފަދައަކުން ދެލޯ ހިމަކޮށްގެން އިނދެ އަޒީމް ވާހަކަދެއްކިއެވެ.
“ޖޭމު ގަނޑު..” އަމިއްލަ ނަފްސަށް އިވޭހާ މަޑުން ޝަޔަމް ބުނެލިއެވެ.
“ކީކޭތަ ބުނެދެންވީ ޔަޒްދާން ކައިރި. ބައްޕަ ގެއަށް ގޮސް ގުޅާލާފަ ބުނެދޭނަމޭ..” އަޒީމް އަހާލިއެވެ.
“އަޅާނުލާ. ޝަޔޫ އަދި ގުޅޭތޯ ބަލައިލާނީ.” ހިނިތުންވުމާއެކު ޝަޔަމް ބުނެލިއެވެ.
ހުޅުމާލެ ވަށާ ބުރެއް އަޅާލުމަށްފަހު ގެއަށް އައިއިރު ހައެއްވެސް ނުޖަހައެވެ. ބައްޕައާ ވަކިވުމުގެ ސަލާން ކުރުމަށްފަހު ދުވަމުން ކަހަލަގޮތަކަށް އޭނާ ގޭތެރެއަށް ވަދެގެން ދިޔައެވެ. އޭރު ޝަފްނާ ގެއަކަށް ނާދެއެވެ. ބަދިގޭގައި ރޭގަނޑަށް ކައްކަން އުޅުން ދީމް ފެނުމާއެކު އިހުނަށްވުރެ ފިޔަވަޅުތައް އަވަސްކޮށްލަމުން އޭނާ ދިޔައީ ދީމްގެ ގާތަށެވެ.
“ފޯނު ގެނައިންތަ؟” ދީމްގެ ކަންފަތް ދޮށުގައި ސިއްރުން އޭނާ ބުނެލިއެވެ. ފަސްޖެހިފައި ހުރެ ދީމް ފާޑަކަށް އޭނާއަށް ބަލައިލިއެވެ.
“މޭމް އޯކޭއެއް ނުވާނެ ފޯނު ދޭކަށް..” ވައިއަޑުން ދީމް ބުނެލިއެވެ.
“މަންމައަށް ނޭނގޭ ގޮތަށް.. ޕްލީޒް..” ޝަޔަމް އާދޭސްކޮށްލިއެވެ. އެހެންވިއަސް ދީމް ޖަވާބެއް ނުދިނެވެ.
“އަހަރެންނަށް ހެލްޕެއް ނުވާނަންތަ؟ މިއުޅެނީ އަންހެން ކުއްޖަކު ސަލާމަތް ކުރަން.. އޭނާ ހުރީ ކޮން ހާލެއްގައި ކަމެއްވެސް ނޭނގޭ.. ހީވަނީ ކިޑްނެޕް ކޮށްގެން ފަޅުރަށަކަށް ގެންގޮސްފަހެން.” ޝަޔަމް ހުރީ އެހާއަވަހަށް ބަލި ގަބޫލުކުރާކަށް ނޫނެވެ.
“އެކަމަކު އަހަންނަކަށް ހިއެއް ނުވޭ ޝަޔަމް އަށް އެނގޭހެންނެއް އަހަރެން މަޖުބޫރުން ކަމެއް މިހެން މިބުނަނީ.. މަންމައާ ބައްޕަ މިބަލަނީ ހަމައެކަނި އަހަރެން. އަނެއްކާ އަހަރެން ފޯނު ދިންކަން އެނގިއްޖެއްޔާ މޭމް އަހަރެންނަށް، އަހަރެންގެ އާއިލާއަށް ހަދާލާނީ ކިހިނެއް ކަމެއްވެސް ނޭނގޭ..” ދީމްގެ އަޑުގައި މަޑުމައިތިރިކަން ވިއެވެ. އިރުކޮޅެއް ފަހުން އަނެއްކާވެސް ވާހަކަދެއްކީ ދީމްއެވެ. “މިއުޅެނީ ބޭރަށް ކިޔަވަން ދާން. މަންމައާ ބައްޕަ ދާނީ ރަށަށް. އެކަމަކު މޭމްއަށް ވައުދުވެފައި އަހަރެންނަށް ވައުދާ ހިލާފުވާކަށް ނުކެރޭނެ. އަހަރެން ބުނިން ޝަޔަމްއަށް ފޯނެއް ނުދޭނަމޭ.”
“އަހަރެންގެ ޕްލޭންއަކީ މިއީ. ކޮލެޖުން އަހަރެންނާ ދިމާކުރޭ ފުރާ ދުވަހު.. ދީމްގެ ފޯނު ނޫން އެހެން ފޯނެއް ހިފައިގެން އާދޭ.. އެއަށްފަހު ސީދާ އެއާރޕޯޓަށް ދާނީ.. މަންމައަށް ނޭނގޭނެ އަހަރެންނާ ދީމް މީޓްކުރި ކަމެއް. ނުވެސް ބުނާނަން..” ޝަޔަމް ޕްލޭން ކިޔައިދިނެވެ. ނަމަވެސް ދީމް އެއްވެސް އެއްޗެއް ނުބުނެ މަސައްކަތައިގެން ކުރިއަށް ދިޔައީއެވެ.
“އޯކޭ..” ސްމައިލް ފޭސްއަކާއެކު ބަދިގެ ތެރޭގައި ބާއްވާފައި އޮތް ނޯޓުކޮޅު ޝަޔަމްއަށް ފެނުނީ ދީމް ނިކުމެގެން ދިޔަފަހުންނެވެ. ހިނިތުންވުމަކާއެކު އޭނާ އެގަނޑުކޮޅު ހިފައިގެން އައިސް ވަނީ ކޮޓަރިއަށެވެ.
ދީމް ފުރަން ހަމަޖެހިފައި އޮތީ ބުރާސްފަތި ދުވަހެއްގައެވެ. ފާއިތުވި ހަތަރު ދުވަހު ޝަޔަމް ކެތްތެރި ކަމެއްނެތި އިންތިޒާރުކުރިއެވެ. ދުވަސްތައް ހޭދަ ވެގެން ދިޔަލެއް އޭނާއަށް ލަހެވެ.
ގަޑީގެ މެދުތެރެއިން ޝަޔަމް ފާހަނައަށް ދާންޖެހުނެވެ. ލެކްޗަރާ ހުއްދަ ދިނުމާއެކު ކުލާހުން ބޭރަށް ނިކުމެ އޭނާ މަޑު ދުވެއްޔެއްގައި ދިޔައީ ފާހަނައަށެވެ. މާސްކެއް އަޅައިގެންހުރި އެހެން އަންހެން ކުއްޖެއްވެސް އޭނާއާ އެކުއެކީހެން އައިސް ފާހަނައަށް ވަނެވެ.
“މިއޮތީ ފޯނު.. ކުރިން ބޭނުން ކުރި ފޯނެއް. ސިމް ކާޑަކީވެސް ތަންކޮޅެއް ކުރިން ބޭނުންކުރި އެއްޗެއް..” އަތް ދަބަހުގެ ތެރެއިން ފޯނެއް ނަގާ ދިއްކޮށްލަމުން ދީމް ބުނެލިއެވެ.
“ތެންކިއު..” ފޯނުގައި ހިފަމުން ޝުކުރުވެރި ހިނިތުންވުމަކާއެކު ޝަޔަމް ބުންޏެވެ.
“ޓެން ވަރަކަށް މިނެޓްސް މަޑު ކުރެވޭނީ އިނގޭ.. އަވަސް ކުރާތި..” ލޯގަނޑު ކައިރީ ހުއްޓެމުން ދީމް ބުންޏެވެ. ބޯ ޖަހާލުމަކުން ޝަޔަމް ފުއްދާލީއެވެ.
ލޮކެއް ޖަހާފައި ނެތް ފޯނު ހުޅުވާލާ އޭނާ ކީޕެޑްގައި ނަންބަރެއް ޖަހާލިއެވެ. ލަސްކުރުމެއްނެތި ކޯލްއަށް ފިތާލާ ކަންފަތުގައި ޖައްސާލިއެވެ. ފޯނު ނުނަގާ ރިންގުވަމުން ދިޔަ ކޮންމެ ފަހަރެއް ޝަޔަމްގެ ހާސްކަން އިތުރުކުރިއެވެ. ފުރަތަމަ ފަހަރު ރިންގު ވުމަށްފަހު ރިންގު ކެނޑުނެވެ. ދެން ކިޔަންފެށީ ‘ތިޔަ ގުޅުއްވި ނަންބަރުން މިވަގުތު ޖަވާބެއް ނުދެ’އޭ އެވެ. ފުން ނޭވާއެއް ދޫކޮށްލަމުން އޭނާ އަނެއްކާވެސް ކޯލްއަށް ފިތާލިއެވެ.
“ފޯނު ނަގާބަލަ ޔަޒްދާން..” ދެކޮޅަށް ދެކޮޅަށް ހިނގަމުން ޝަޔަމް ކިޔެވެ. ދޭތެރެއަކުން ނިޔަފަތި ހަފާލައެވެ. ދެވަނަ ފަހަރުވެސް ރިންގުގެ އަޑު އިވިފައި ކެނޑުނީއެވެ. އޭނާގެ ހިތުގައި އޮތް އުންމީދުގެ ހުޅުކޮޅު ހިނދެއް ހިނދަކަށް ދިޔައީ ފަނޑުވަމުންނެވެ. އަނެއްކާވެސް އޭނާ ކޯލްއަށް ފިތާލާ ކަންފަތުގައި ޖައްސާލިއެވެ. އެހެނަސް މިފަހަރުވެސް ކެނޑުނީއެވެ. އަށްފަހަރު އޭނާ ތަކުރާރުކޮށް ގުޅިއެވެ. އެހެނަސް ލިބުނީ އެއް ޖަވާބެކެވެ.
މާޔޫސްކަމާއެކު ކަރުއެލުވާލަމުން އޭނާ ދީމްއަށް ފޯނު ދިއްކޮށްލިއެވެ. ކަންބޮޑުވެފައި ހުރިފަދައަކުން މަޑުމަޑުން އޭނާ ފޯނުގައި ހިފާލިއެވެ.
“ނުނެގިތަ؟” ފޯނު ދަބަހަށް ލަމުން އޭނާ ސުވާލުކޮށްލިއެވެ.
“ޔާ.. ދެން އަޅާނުލާ!” އެއްފަރާތަކަށް ތުންފަތް ދަމާލަމުން ޝަޔަމް ބުންޏެވެ. “ދީމް ތިކޮށްދިނީ ވަރަށް ބޮޑު ކަމެއް.. ވަރަށް ބޮޑަށް ބޮޑަށް ޝުކުރިއްޔާ! މިއީ އަހަރެން ދޭ ހަދިޔާއެއް..”
ލައިގެން ހުރި ޖިންސްގެ ޖީބުން ފަސްސަތޭކަ ރުފިޔާ ނަގާ އޭނާ ދީމްއަށް ދިއްކޮށްލިއެވެ. ނުހިފާން ހުރެފައިވެސް އޭނާ އެންމެފަހުން އޭގައި ހިފީ ޝަޔަމް ބަލަން ހުރި ގޮތުންނެވެ. އަނބުރާ ދިނަސް ނުހިފާނެކަން ދީމްއަށް އެނގުނީއެވެ.
“ހިތްހެޔޮ ކުރާތި.. ސްޓަޑީ ވެލް..” ދީމްގެ ގައިގައި ބައްދާލަމުން ޝަޔަމް ބުންޏެވެ. “އަހަރެންގެ މަތިން ހަނދާންނައްތާ ނުލައްޗޭ!”
“ރިމެމްބަރ މީ އޭޒް ވެލް.. ޓޭކް ކެއަރ.” އަތުން ހަނާ އަޅާލަމުން ދީމް ނިކުންނަން ހިނގައިގަތެވެ. އޭނާ ނިކުމެގެން ދިޔަ ދިމާއަށް ބަލަން ފެންކަޅިވެފައި ކަހަލަ ގޮތަކަށް ޝަޔަމް ހުއްޓެވެ. ޔަޒްދާންއަށް ގުޅޭނެ ކަމަށް އެހާ އުންމީދުކޮށްގެން ހުރެވެސް އެކަން ނުވީމައެވެ.
މީޓިންއެއް ނިންމާލުމަށްފަހު ޔަޒްދާން ރޫމުން ނިކުތް ވަގުތު ކުރިމަތިން ދިމާވީ އައިޒިންއާއެވެ.
“އޭ ބްރޯ.. ޝިފާން ބުނީ ފޯނަށް މީހަކު ގުޅިއޯ..” ޔަޒްދާން ފެނުމާއެކު އައިޒިން ބުނެލިއެވެ. ފޯނު ޗާޖަށް ޖަހާފައި ބޭއްވުނުކަން ޔަޒްދާން ހަނދާންވީވެސް އެވަގުތެވެ. އަވަސްއަވަހަށް އޭނާ ދިޔައީ ފޯނު ބަލައެވެ.
“ކާކު ގުޅީ؟” ޝިފާން ފެނުމާއެކު އޭނާ ސުވާލުކޮށްލިއެވެ.
“ނަމެއް އަރާފައެއް ނެތް..” ޔަޒްދާންގެ ފޯނު ނަގާ އޭނާއަށް ދިއްކޮށްލަމުން ޝިފާން ބުންޏެވެ.
އަށްފަހަރަށް ގުޅާފައި އޮތް އެނުދަންނަ ނަންބަރަށް އޭނާ ގުޅާލީ ކާކުކަން އެނގެން ބޭނުންވެފައި ހުރިވަރުންނެވެ. އެތައް އިރަކު ރިންގުވުމަށްފަހު އަންގަން ފެށީ އެނަންބަރުން ޖަވާބު ނުދޭކަމަށެވެ. މާބޮޑު ކަމަކަށް ނުހަދާ އޭނާ ފަޓުލޫނުގެ ޖީބަށް ފޯނު ލަމުން އެރޫމްއިން ނިކުމެގެން ދިޔައެވެ.
“ރީތި މަންޖެތަ؟” ޔަޒްދާން ފެނުމާއެކު ދިމާކޮށްލާ ރާގެއްގައި އައިޒިން ސުވާލުކޮށްލިއެވެ. ކުރިއަށް ނެގި ފިޔަވަޅު މަތީ ޔަޒްދާންއަށް ހުއްޓެވުނެވެ. ސިކުނޑި ދިނީ ވަރުގަދަ އިންޒާރެކެވެ. އަވަސް ހަރަކާތަކާއެކު ފޯނު ނަގާ ހަމަ އެނަންބަރަށް ޑަޔަލް ކޮށްލީ އަވަސްވެފައިވީ ހިތަކާއެކުއެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
8 Comments!
Comments are closed.




Reethi manje hoa 😂😂😂😂. Lol. Mi part ves vv reethi Masha Allah 😍😍😍
Haha😆… Ei Aizin aa Fauzaan, Manhal ah dhin nickname!
Btw Thanks Someone! 😊🤍
Mi part vx v Reethi masha allah
Curiously waiting for next part
Keep it up
V interesting story eh
V kiyaala hithun kiyani
You’re my fav author
I appreciate your hard work
Yazdhaan and manhal gulhuvachey
They both are made for each
Love you
Thank u sooo soo much Cutie girl! 😊🤍
Nice part
Please next part ❤️🥰
Thank you SHAINAA 😁🤍😏
Ma sha Allah ❤️ 😘
You’re my favourite author 🥰😍
Keep it up ❤️😘
Waiting for the next part 😄😁
Thank you Dhahthiiiii! 😊🤍