އިންތިޒާރު…4
މާލެ އައުމުން ޔުއާން އަހަންނަށް މެސެޖު ކޮށްފާނެ ކަމަކަށް އެއްގޮތަކަށް ވެސް އުއްމީދެއް ނުކުރަމެވެ. އަހަރެން ހީކުރީ ޔުއާން އަހަރެން މަތިން ހަނދާން ނުވާނެ ކަމަށެވެ. ނަމަވެސް އަހަރެންގެ ޔުއާން އަހަރެން މަތިން ހަނދާނެއް ނުނެތެއެވެ. ހިތަށް ލިބުނު ހަމަޖެހުމުން އަހަންނަށް އެކަނި އިނދެ ހެވުނެވެ.
މާލެއަށް އައިތާ ދެވަނައަށް ވީ ދުވަހު އަހަރެންގެ އެންމެ ގާތް އެކުވެރިޔާ އަދި ދެބެއިންގެ ދެދަރި ކޮއްކޮ އިމްރާ އަހަރުމެންގެއަށް އައެވެ. ރަށަށް ދިއުމުގެ ކުރިން ކޮންމެ ރެއަކު އިމްރާއަށާ ގުޅައިގެން އަހަރެން ވާހަކަ ދައްކަމެވެ. އަހަރެން ޙަޔާތުގައި ހިނގައިދިޔަ ހުރިހާ ކަމެއް އެންމެ ތަފްޞީލުކޮށް އެނގޭ މީހަކީ އިމްރާއެވެ. އަހަންނަށް ލިބޭ އުފަލުގައި އަދި ހިތްދަތިކަމުގައި ވެސް އަހަންނާއެކު އަބަދުވެސް އިމްރާވެއެވެ. ހިތްދަތިވާ ކޮންމެ ފަހަރަކު އަހަރެންގެ އިޙްސާސްތައް ބަންޑުންކޮށްލަނީ އިމްރާ ގާތުގައެވެ. ކިތަންމެ އިރެއްވީ ނަމަވެސް ފޫހިކަމެއް ނެތި އަހަރެންގެ ވާހަކަތައް އަޑު އަހަން އިމްރާ އިންނާނެއެވެ. ރަށަށް ގޮސް ޔުއާންއާ ޖެހި އިމްރާއަށް ގުޅަންވެސް އަހަރެން ހަނދާނެއް ނުވިއެވެ. ރަށުގައި ހުއްޓައި އިމްރާ މެސެޖު ކުރުމުން މާލެ ގޮއްސައި ރަށުގައިވީ ކަންތައް ކިޔައިދޭނަން ކަމަަށް ބުނެފައި އިތުރު އެއްޗެއް ނުބުނަމެވެ. މާލެ އައިސްވެސް ޔުއާންއާ ވާހަކަ ދައްކަން ހަދައިގެން އިމްރާމެން ގެއަަށް ދާން އަހަރެން ހަނދާނެއް ނުވިއެވެ. އިމްރާ އައުމުން ޔުއާން އާއި އަހަންނާ ދެމެދު ވީ ކައްތައްތައް ފެށިގެން ނިންމެދެކަށް ކިޔައިދިނީމެވެ. އޭރު އިމްރާގެ ދެލޯ ބޮޑުވެ އަނގަ ހުރީ ތަންމިނަށް ހުޅުވިފައެވެ. އަހަރެން ވާހަކަ ކިޔައިދެމުން ދިޔައިރު އިމްރާއަށް ވީ ގޮތް ފެންނަ މީހަކު ހީހީ ހަލާކުވާނެއެވެ.
“ތުއްތީ. އެ ނިޝާލް ގާތުން ބްރޭކްއަޕް ވެގެން ޔުއާންއާ އިންނަން އުޅެ. ޔޫ ގާއިޒް އާ މޭޑް ފޯރ އީޗް އަދާރ. ނިޝާލްއަކަަށް ޑިޒާރވްެއެއް ނޫން ތުއްތިއެއް” ހުރިހާ ވާހަކައެއް ކިޔައިދީ ނިމުމުން އިމްރާ އޭނައަށް ފެންނަ ގޮތް ބުންޏެވެ. އިމްރާ އެބުނި ފަދައިން އަހަރެން ވެސް ކަންތައް ކުރަން ބޭނުމެވެ. ނަމަވެސް އަހަރެންެގެ ހާލަތު އެކަމަކަށް ތަނެއް ނުދެއެވެ. އަހަރެން ޔުއާންއާ އިންނާކަށް އަހަރެންގެ މައިންބަފައިން ދުވަހަކުވެސް ޤަބޫލެއް ނުވާނެއެވެ. އެކަން އިޙްސާސް ވުމާއެކު އިޚްތިޔާރަކާއި ނުލައި ލޮލަށް ކަރުނަ ޖަމާވާން ފެށިއެވެ.
މުޅި ދުވަސް އެއްކޮށް އަހަންނާއެކު ހޭދަކޮށްފައި އިމްރާ ގެއަށް ދިޔައެވެ. އިމްރާ ދިއުމުން އަނެއްކާވެސް އެކަނިވެރިކަން އަހަންނަށް އިޙްސާސް ކުރެވުނެވެ. އަހަރެންގެ އެންމެ ކުޑަ ކޮއްކޮ ޔޫނާ އިނުމުން ކޮންމެސް ވަރަކަަށް ފޫހިފިލިއެވެ. ޔުއާންގެ މެސެޖެއް އާދޭތޯ އިރުއިރުކޮޅާ އަހަންނަށް ފޯނު ބަލާލެވެއެވެ.
ރޭގަނޑުގެ ކެއުމުގެ ވަގުތުވެ. ރަށު ދަތުރާއި ބެހޭ ގޮތުން ބައްޕަ ސުވާލު ކުރިއެވެ. ނާޔާ އާއި ނާއިމްގެ ކައިވެނި ޕާޓީގައި ބައިވެރި ނުވެވުމުން ދެރަވިކަމަށް ބުންޏެވެ. ނުވިސްނާ ހުއްޓައި ބައްޕަ ޔުއާންގެ ވާހަކަ ވެސް އެހިއެވެ. އެއާއެކު ވަގުތުން އަހަރެން ކުށި އަރައިގެން ދިޔައެވެ. ކާން އަނގަޔަށްލީ ބަތްކޮޅު އަރުތެރޭ ތާށިވިއެވެ. މަންމަ ނިކަން އަވަހަށް ފެންތަށި އަހަރެން ގާތަށް ޖައްސާލުމާއެކު އެއް ފަހަރުން ފެންތަށި ދަމާ ހުސްކޮށްލީމެވެ.
އަހަންނަށް ވީގޮތް ކޮންމެސް ވަރަކަށް އަހަރެންގެ އެންމެ ހަގު ކޮއްކޮ ޔޫނާއަށް ވިސްނައިގަނެވުނެވެ. އެއާއެކު އަނގަމަތީ އަތް އަޅައިގެން އިނދެ ޔޫނާ ހޭންފެށިއެވެ. އަހަރެން ލޯ އަޅާލުމާއެކު ހުނުން ހުއްޓަން ޔޫނާ މަަސައްކަތް ކުރިއެވެ.
ނިދުމުގެ ކުރިން އަހަރެން އިމްރާއަށް ގުޅާލީމެވެ. ރަށަށް ދިޔުމުގެ ކުރިން ކޮންމެ ރެއަކު ވެސް ނިދުމުގެ ކުރިން އަހަރެން އިމްރާއަށް ގުޅަމެވެ. އަހަރުމެން ފޯނު ބާއްވަނީ މަދުވެގެން ގަޑިއެއްގެ އިރު ވާހަކަ ދައްކާފައެވެ.
އިމްރާއަށް ގުޅައިގެން ހުއްޓައި އިތުރު ފޯނެއް އަހަންނަށް އައެވެ. އިމްރާ ގާތު މަޑުކޮށްލަން ބުނެފައި ގުޅަނީ ކާކުތޯ ބަލާލީމެވެ. ސްކްރީނަށް އަރާފައި އިން ޔުއާންގެ ނަން ފެނިފައި އަހަންނަށް ކުޑަކޮށް ހަޅޭއްލަވައި ގަނެވުނެވެ. ޔުއާން އެބަ ގުޅައޭ ބުނުމުން އިމްރާވެސް ހަޅޭއްލަވައިގަތެވެ. އަދި އަވަހަށް ނަގާށޭ ކިޔައި އިމްރާ ކޯލު ކަނޑާލިއެވެ. އަހަރެންގެ އަވަސްވެފައިވި ހިތް ހަމައަކަށް އަޅުވާލަމުން އަހަރެން ފޯނަށް ޖަވާބު ދިނީމެވެ. މިއުޒިކެއް ފަދަ ޔުއާންގެ އަޑުން އަހަރެންގެ ނަން ކިޔުމާއެކު މުޅި ގައިން ހީބިހި ނަގައިގެން ދިޔައެވެ.
“ހަމަ މައިރާ ކޮބާތޯ ބަލާލަން މި ގުޅާލީ” ޔުއާން ގުޅި ސަބަބު އެހުމުން ޔުއާން ބުންޏެވެ. އެވަގުތު އަހަރެންގެ ހިތަށް ބަޔާން ކުރަން ދަތި އުފާވެރިކަމެއް ލިބިގެން ދިޔައެވެ. ހުރިހާ ދަތްތަކެއް ފެންނަ ވަރަށް ހީނލެވުނެވެ. އަހަރެން ހުނުމުގެ އަޑު ޔުއާންއަށް އެނގުނުކަން އަހަންނަށް އިޙްސާސްވީ ލުއިގޮތަކަށް ހީނލާފައި އަހަރެން ހުނީ ކީއްވެތޯ ޔުއާން އެހެމުންނެވެ. “މަ ހީކުރީ މާލެ އައިމަ ޔުއާން އަހަރެން މަތިން ހަނދާން ނުހުންނާނެ ކަމަށް” ހުނުމަކާއި އެކު އަހަރެން ބުނީމެވެ. “ހެހެހެ. މައިރާ ދައްކާ ވާހަކަ. އަހަރެން ދުވަހަކުވެސް މައިރާ މަތިން ހަނދާނެއް ނުނެތޭނެ” ޔުއާން ޔަޤީން ކަމާއެކު ބުނެލިއެވެ. އަހަރެންގެ ހިތަށް ހަމަޖެހުން ލިބިގެން ދިޔައެވެ.
އެރޭގެ ފަހުން ކޮންމެ ރެއަކުވެސް ޔުއާން އަހަންނަށް ގުޅައި ހާލު ބަލާ ހަދައެވެ. ޔުއާންއާ ވާހަކަ ދެކެވޭތީ އަހަރެންެގެ އުޅުމަށް ބަދަލު އަންނަން ފެށިއެވެ. އުފާވެރިކަން ގެއްލިފައިވި އަހަރެންގެ ޙަޔާތަށް އެނބުރި އުފާވެރިކަން އައެވެ. ހިތަށް ހަޤީޤީ ހަމަޖެހުން ލިބިގެން ދިޔައެވެ. ގެއްލިފައިވި ހިނިތުންވުން އަނބުރާ ލިބުނެވެ. ދުނިޔޭގެ ދެން ހުރި ކަންތައް މަތިން އަހަރެން ހަނދާނެއް ވެސް ނުހުރެއެވެ.
ޔުއާން އާއި އަހަރެންގެ ‘އެކުވެރި’ކަމަށް ދެމަސް ވާން ކައިރިވަނީއެވެ. ކޮންމެ ދުވަހެއް ފެށެނީވެސް އަދި ނިމެނީވެސް ޔުއާންގެ އަޑުންނެވެ. އަހަންނަށް ނިދެނީ ކޮންމެ ރެއަކު ޔުއާންއަށް ގުޅައިގެން އޮއްވައެވެ. ޔުއާންގެ ޖާދުވީ އަޑުން ކިޔާދޭ ލޯބީގެ ލަވަތަށް އަހަރެންގެ ޒަޚަމްވެފައިވާ ހިތުގެ ފަރުވާކަމުގައި ވެއްޖެއެވެ. ޔުއާންއާ އަހަރެންގެ ގުޅުމަށް ލޯބިވެރިންގެ ނަން ނުދިން ކަމުގައި ވިއަސް ލޯބިވެރިންނަށް ވެއްޖެއެވެ. އަހަންނާ ކައިވެނި ކުރާނަން ކަމުގައި ބުނެ ‘އެކުގައި’ އުޅޭތާ އަހަރަކަށް ވުރެ ގިނަ ދުވަސްވީއިރުވެސް ނިޝާލް ލޯބިން އަހަންނަށް ގުޅާފައެއް ނެތެވެ. ކަމަކު ބޭނުން ނޫނިއްޔާ އަމިއްލައަށް ފެނިގެން އަހަރެންގެ ހާލުބަލަން ގުޅާފައެއް ނެތެވެ.
ސްކޫލްގެ ކިޔެވުން ފެށުމާއެކު އަހަންނަށް ބުރަވާން ފެށިއެވެ. ޖަމާލުއްދީން ސްކޫލްގެ ބައޮލަޖީ ޓީޗަރެއް ގޮތުގައި އަހަރެން ވަޒީފާ އަދާކުރާތާ މިއީ ތިންވަނަ އަހަރެވެ. ހެނދުނު ހަގަޑި ބައިގައި ސްކޫލަށްދާ ގޮތަށް ގެއަށް އާދެވޭވަރުވަނީ ދޭއް ޖަހާއިރުއެވެ. ޓީޗަރެއްގެ ގޮތުގައި ވަޒީފާ އަދާކުރުމުގެ އިތުރަށް އާމްދަނީ ހޯދުމަށް އަމިއްލަ މަސައްކަތެއްގެ ގޮތުގައި އޯޑަރަށް ކޭކު އަޅާދީ ހަދަމެވެ. ހަފްތާ ބަންދުގައި ކުރާ މަސައްކަތަކީ އެއީއެވެ. އިންސްޓަގްރާމް އަދި ފޭސްބުކްގައި ޕޭޖު ހަދައިގެން ކުރާ މަސައްކަތުންވެސް ފުދޭވަރެއްގެ އާމްދަނީއެއް ލިބެއެވެ. މިހަފްތާ ބަންދުގައިވެސް ދެ ދުވަސް މަތިން ފަސް ކޭކަށް އޯޑާރ ލިބިފައި އެބައިނެވެ. އޭގެތެރެއިން ތިން ކޭކު އެއީ ނިޝާލްގެ ކޮއްކޮ އަދި އެކުވެރިން ބުނެގެން އަޅައިދޭ ކޭކޭވެ. ނިޝާލްގެ އަންހެން ކޮއްކޮގެ ދަރިފުޅަށް ހަމަސްވުމުން އެކަން ފާހަގަ ކުރުމުގެ ގޮތުން ހުކުރު ދަވަހު ބާއްވާ ޕާޓީއަށެވެ. މިއަދަށް އަޅަން އިނީ ދެކޭކު ކަމުން ރޭ އަހަރެން ނިދީ ދެ ކޭކު އަޅާ ހިނހުން ވުމުން ފިނި ކުރަން ލާފައެވެ.
ފަތިސް ނަމާދަށް ފަހު ކޮޓަރި ސާފުކޮށް އެއްޗިހި ދޮންނަން އަޅާފައި މެންދުރު ކައްކަން މަންމައާ އެއްކޮށް ބަދިގެއަށް ވަނީމެވެ. މުޅި ހަފްތާގައި ވެސް ބިޒީކޮށް އުޅުމުން މަންމައާ ރަނގަޅަށް ދިމާވެވުނީ އަދި ކިރިޔާއެވެ. ތަންދޫރީ ކުކުޅު ފިހަން މަންމަ ކުކުޅު ތައްޔާރު ކުރަމުން ދިޔައިރު އަހަރެން ބިރިޔާނީ ހެދުމުގެ މަސައްކަތް ކުރީމެވެ. “ދަރިފުޅާ މައިރާ. މަންމަ އެބައޮތް ދަރިފުޅާ ވާހަކައެއް ދައްކަން ވެފަ” މަންމަގެ ރާގު ހުރި ގޮތުން ދައްކަން އެ އުޅެނީ ކޮންވާހަކައެއްކަން މަންމަ ނުފެށި ކަމުގައި ވިއަސް އަހަންނަށް އެނގުނެވެ. އަހަރެން އިނީ މަންމައަށް ފުރަގަސް ދީގެން ކަމުން އަހަރެންގެ މޫނަށް އެރި ކުލަވަރެއް މަންމައަަކަށް ނުފެންނާނެއެވެ. މަންމަ ދައްކަން އުޅޭ ވާހަކައަށް ތައްޔާރު ވުމުގެ ގޮތުން ދެލޯ މަރާލުމަށްފަހު ފުން ނޭވައެއް ލީމެވެ. “މަންމަ އުއްމީދު ކުރަން ދޮގަކާ ނުލާ ދަރިފުޅު ޖަވާބުދޭނެކަމަށް. ދަރިފުޅާ މި އުޅޭ ޔުއާންއާ ދިމާވިތަ މި ފަހަރު ރަށަށް ގޮސް އުޅެނިކޮށް؟” މަންމަގެ ސުވާލުން އަހަރެންގެ މުޅި ޖިސްމު ގަނޑުވިއެވެ. ސިކުނޑި މަސައްކަތް ކުރުން ހުއްޓާލިއެވެ. މަންމަ އެ ކުރީ ކުރާނެކަމަށް އަހަރެން އުއްމީދު ކުރި ސުވާލެއް ނޫނެވެ. ދޭންވީ ކޮން ޖަވާބެއް ކަމެއް އަހަންނަކަށް ނޭންގެއެވެ.
“ނާޔާމެން ގެއިން ދިމާވި ޕާޓީއަށް ކައްކާ އުޅެނިކޮށް” އަހަރެން ކުރު ޖަވާބެއް ދިނީމެވެ. މަންމަ އެހެންހޭ ބުނެފައި ްއިތުރު ސުވާލެއް ނުކޮށް ކެއްކުމައިގެން ކުރިއަށް ދިޔައެވެ.
“ދަރިފުޅާ މައިރާ ވަރަށް މީރުކޮށް މިއަދު ކައްކައްޗޭ އެއްކަލަ ޔުއާން އެބައުޅޭ ދެތިން ދުވަހަށް މާލެ އައިސްގެން. ބައްޕަ އެ ސޮރު ގާތު ބުނިން މިއަދު މިގެއަށް ކާން އަންނަން” މަންމަ ކުރި ސުވާލަށް ޖަވާބު ދީފައި ހަމަނުޖެހިވެގެން އުޅެނިކޮށް ބައްޕަ ބަދިގެއަށް ވަނެވެ. މިއަދު ފަތިހު ވެސް އަހަރެން ޔުއާންއާ ވާހަކަ ދެއްކީމެވެ. މާލެ އައިސްގެން އުޅޭ ވާހަކައެއް ޔުއާން ނުބުނެއެވެ. ޔުއާން މާލޭގައި އުޅޭކަން ނުބުނުމުން ކުޑަކޮށް ހިތުގައި ޖެހުނެވެ.
ކައްކާ ނިމުނު ގޮތަށް އަހަރެން ގޮސް ފެންވަރާ ރީތިވީމެވެ. ޔުއާން މެސެޖެއް ކޮށްފައި އިންތޯ ބަލާލަން ފޯނު ބެލިއިރު ކޭކު ނިމިއްޖެތޯ އަހާފާފައި ނިޝާލް މެސެޖު ކުރިއެވެ. ނިޝާލްގެ މެސެޖު ފެނުމުން އަހަންނަށް މޮޅު ޚިޔާލެއް އައެވެ. ނިކަން އަވަހަށް ނިޝާލްއަށް ރިޕްލައި ކުރީމެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.





