ހަނދަކީ ކަލާ ކަމުގާވިޔަސް 16
އެދުވަސް ނިމިގެންދިޔަ އިރުވެސް ހަމްނާއާ އާޒާދުގެ މައިންބަފައިންނަކާ އިތުރަކަށް ބައްދަލެއް ނުވިއެވެ. ކާން ނޫން ގޮތަކަށް ކޮޓަރިން ބޭރަށް ނުކުންނަން ހަމްނާއަށް ނުވެސް ކެރުނެވެ. ކާން ދިޔައީ ވެސް އާފްރީން ބަލާ އައިމައެވެ. އަނެއްކޮޅުން، މެންދުރުފަހު ގެއިން ނުކުމެގެންދިޔަ އާޒާދު އެނބުރި ގެއަށް އައީ ރޭގަނޑު 10 ވެސް ޖެހި ފަހުންނެވެ. އެހެންކަމުން، ސުވާލެއް ނުކޮށް ހަމްނާއަކަށް ކެތެއް ނުވިއެވެ.
“ކޮންތާކަށް ދިޔައީ؟” މަޑުމައިތިރި ރާގެއްގައި ހަމްނާ އަހައިލިއެވެ.
“ތިމާގެ މީހެއްގެ ގެއަށް ގޮސްލާފަ. ދެން އައި މަގުމަތިން ކުޑައިރުގެ ރައްޓެއްސަކާ ދިމާވެގެން ކޮފީއަކަށް ދިޔައީ. ކައިފިންތަ؟” ލޯގަނޑު ކުރިމަތީގައި ފުނާ އަޅަން އިން ހަމްނާއާ ހަތަރު ކަޅި ހަމަކޮށްލަމުން އާޒާދު ވާހަކަ ދެއްކިއެވެ.
“ހްމްމް. އައި ވޯޒް ވެއިޓިންގ ފޯ ޔޫ. އެކަމަކު އާފްރީން ކިޔަން ފެށީމަ އޭނައާއެކީ ކާން ދިޔައީ،” ކުށެއް ކުރެވުނު ފަދައިން ހަމްނާ އެހެން ބުނުމުން އާޒާުދު ގާތަށް ހިނި އައެވެ.
“އަހަރެން ނެތަސް ކެއުމުގެ ހުއްދަ ހަމްއަށް އޮންނާނެ. އެކަމަކުވެސް ލަސްވީމަ ވަރަށް ބޮޑަށް މާފަށް އެދެން”. އާޒާދު ހަމްނާގެ ދެކޮލުގައި ހިފައިލީ ލޯބިންނެވެ. އެހިނދު ހަމްނާ ވެސް ހިނިތުންވެލާފައި އާޒާދުގެ އަތުގައި ހިފައިލިއެވެ. “ވަރަށް ވަރުބަލި. ހިނގާ ދެން ނިދަން. މާދަން ނޫން އަނެއް ދުވަހު ހަމްގެ މަންމަމެން ކައިރިއަށް ދާން ޓިކެޓު ނަގާފަ އޮންނާނެ. ދެދުވަހަށް ދެވެން އޮތީ.” ވާހަކަ ދައްކަމުން ދައްކަމުން އާޒާދު ވަނީ ފާހާނާ އަށެވެ. ހަމްނާ ފުން ނޭވާއެއް ލާފައި ތެދުވިއެވެ.
އާދައިގެ މަތިން މިރޭ ވެސް، އެނދުގައި އޮށޯތްތާ މާ ގިނަ އިރެއް ނުވަނީސް އާޒާދު ނިދައިފިއެވެ. ހަމްނާ އާޒާދުގެ މޫނަށް ބަލަހައްޓައިގެން އެތައް އިރެއް ވަންދެން އޮތީ، އާޒާދުއާ ކުރަން ބޭނުންވާ ސުވާލުތައް އަމިއްލަ ނަފްސަށް ކުރަމުންނެވެ. މެންދަމުން އަލިވެ 1 ޖެހިއިރުވެސް ހަމްނާގެ ލޮލަކަށް ނިންޖެއް ނައެވެ. އެންމެފަހުން ތެދުވެ، ބެލްކަނީ އާ ދިމާއަށް ހަމްނާ ދިޔައެވެ. ޖެހެމުނދިިޔަ ފިނި ވައިރޯޅިން ހިތަށް ތަސައްލީއެއް ލިބޭތޯ ހަމްނާ މަސައްކަތް ކުރިއެވެ. އެހެން ހުރެފައި ކުއްލިއަކަށް ބިންމައްޗާ ދިމާއަށް ބަލައިލިއިރު ފެނުނީ ސިއްސައިގެންދާ ފަދަ ބިރުވެރި މަންޒަރެކެވެ. އެގޭގެ ބޭރު ގޭޓު މަތިން ފުންމާލައިގެން އައި ހިޔަންޏެކެވެ. ހަނދުވަރު ނުދޭ ރެއަކަށް ވުމުން، އެ ދިމާ ފެންނަނީ ނުހަނު އަނދިރި ކޮށެވެ. އަނެއްކާ ކުރިން މުޅި ގޯތިތެރެއާއި ބަގީޗާ ވެސް އަލިވާނެހެން ދިއްލާފައި ހުރި ބޮކިތައް މިހާރު ވަނީ ނިއްވާލާފައެވެ. އެއީ ކީއްވެގެން ކަމެއް ނޭނގެއެވެ.
އެ “ހިޔަނި” ހިނގަމުން އައިތަން ފެނި، އެއީ ރޫޚާނީ މަޚުލޫގަކަށްވުރެ އިންސާނަކާ ވައްތަރެވެ. ބަގީޗާ ޗެސް ހުރަސްކޮށް ގޭގެ މައިދޮރާ ހަމައަށް ހިނގާފައި އަންނަތަން ބަލަން ހުރި ހަމްނާއަށް ޔަގީން ކުރެވުނީ އެއީ އެގެއިން ވައްކަން ކުރަން އައިސްގެން އުޅޭ ވަގެއް ކަމަށެވެ. އިތުރަށް ބަލަން ނުހުރެ އާޒާދުއަށް އަންގަން ދާން ހިތަށް އެރި ވަގުތު އެގޭގެ ދޮރުން ނުކުމެގެން، އެ ހިޔަންޏާ ދިމާއަށް ދުވެފައި ދިޔަ އެހެން ހިޔަންޏެއް ފެނި ހަމްނާއަށް ހުއްޓެވުނެވެ. ބޮލުގެ އިސްތަށިގަނޑު ނިއުޅިފައި ހުރުމާއި، ހަށިގަނޑުގެ ބައްޓަމުން އެއީ ކާކުކަން ހަމްނާއަށް ނަގައިގަނެވުނެވެ.
އާފްރީން ދުވެފައި ގޮސް އެ ގޮތް ނޭނގޭ މީހާގެ ގައިގައި ބައްދައިލިއެވެ. އެ މީހާ ހުރީ ހުޑީއެއް ބޮލުގައި އަޅައިގެން، ކަޅަށް ކަޅު އަޅައިގެނެވެ. އެއީ މީހާގެ މޫނު ފޮރުވަންކަން ސާފެވެ. އިރުކޮޅަކުން ފެނުނީ އާފްރީން އެ މީހާގެ އަތުގައި ހިފައިގެން ގެއަށް ވަންނަން އަންނަ މަންޒަރެވެ. އާފްރީންގެ ކޮޓަރި ހުންނަނީ ހަމްނާމެންގެ ކޮޓަރި ދޫކޮށް ދެވަނައަށެވެ. އެވަގުތު ހަމްނާ ދޮރު ހުޅުވައިގެން ބޯދިއްކޮށްފި ނަމަ، އާފްރީން މެން ސިޑިން އަރާ މަންޒަރު ފެންނާނެއެވެ. އަދި އެ ފިރިހެން މީހާގެ މޫނު ވެސް ފެންނާނެއެވެ.
ނަމަވެސް ދެ ލޯބިވެރިއެއްގެ ދޭތެރެއަށް ޖާސޫސް ކުރާކަށް ހަމްނާ ބޭނުމެއް ނޫނެވެ. އަމުދުން އެހާ ސިއްރުން ކުރާ ކަމަކަށް ވުމުން، އެ ސިއްރު ހިފަހައްޓަން ހަމްނާ ބޭނުންވިއެވެ. އެރޭ އެއްވެސް މަންޒަރެއް ފެނުނު ކަމަކަށް އޭނާ ނުހަދާނެއެވެ.
******
ހަމްނާ އޭނާގެ މައިންބަފައިންނާ ބައްދަލުކޮށްލަން އެރަށަށް ގޮސް، ދެދުވަހު މަޑުކޮށްފައި އަނެއްކާވެސް އެނބުރި އާޒާދުގެ ރަށަށް ދާން ތައްޔާރުވަމުން ދިޔައީ ފިރިމީހާގެ ބަހަށް ކިޔަމަންވުމުގެ ގޮތުންނެވެ. ހަމްނާގެ މައިންބަފައިންނާ ބައްދަލުކުރަން ދިޔަ ދަތުރުގައި އާޒާދުވެސް ދިޔައެވެ. އެ ކުރު ދަތުރުން އެކަނިވެސް، ދެ އާއިލާގެ ފަރަޤު ވަރަށް ބޮޑަށް ހާމަވެގެންދިޔައެވެ. ލޯންޗު ރަނގަޅަށް ނެރުން އެތެރެއަށް ނުވަދެވެނީސް ހަމްނާގެ ގޭގައި އުޅޭ އެންމެން ތިބީ ފާލަންމަތީގައި، އެދެމަފިރިންގެ އިންތިޒާރުގައެވެ. އެ ފަސްގަނޑުގައި ފައި ޖެހުނީއްސުރެ، މުޅި ދަތުރު އެއްކޮށް އާޒާދު އާމެދު އެގޭ މީހުން ކަންތައް ކުރީ އަމިއްލަ ދަރިއަކަށްވުރެ ވެސް ހެޔޮކޮށެވެ. އެ ގޭގައި ހަމްނާއަށް ހާއްސަވެފައި ހުންނަ ކޮޓަރި ކުޑަކަމުންނާއި، އެ ކޮޓަރީގައި ހަމްނާގެ ކޮއްކޮއަކު ހުންނާތީ، އެދެމަފިރިން ބޭތިއްބީ ހަމްނާގެ މައިންބަފައިންގެ އަމިއްލަ ކޮޓަރީގައެވެ. މަންމައާއި ބައްޕަ ބަދަލުވީ ކޮއްކޮގެ ކޮޓަރިއަށެވެ.
ހަމްނާމެންގެ ގެއަކީ އާދައިގެ ފަންތީގެ ގެއަކަށް ވިޔަސް، އާޒާދުއަށް އެއްވެސް ކަމެއް އުނިވިޔަ ނުދެއެވެ. ކިރިޔާ ކަމަކު ބޭނުންވެގެން އެވާހަކަ ދުލުކުރީގައި އޮއްވައި އެކަމެއް އޮންނަނީ ފުރިހަމަ ކޮށްދީފައެވެ. އެހާ ލޯބިން އާޒާދުއާ ދޭތެރޭ ހަމްނާގެ އާއިލާއިން ކަންތައްކުރުމުން، އުފާވުމުގެ ބަދަލުގައި އާޒާދު ވީ ދެރައެވެ. އެއީ އޭނާގެ މައިންބަފައިން ދުވަހަކުވެސް ހިތުން ރުހުމުން ހަމްނާ ބަލައިގަންނާނެ ކަމެއް ނޭނގޭތީއެވެ. ފިރިމީހާގެ ގެ، ގަނޑުވަރެއްހާ ތަނަވަސް ވިޔަސް، އެގެއިން ލިބޭ ހަގީގީ ހިތްހަމަޖެހުމެއް، ނިކަމެތި ހަމްނާއަކަށް ނެތެވެ.
“އަހަރެން އެބަ ވިސްނަން އެއްޗެއް”، އެނދުގައި އޮށޯވެގެން އޮތް އާޒާދު ހަމްނާގެ މޫނަށް ބަލާލާފައި ބުންޏެވެ. “ހިނގާ ޔޫކޭއަށް ދަންދެން މިކޮޅުގަ މަޑުކުރަން؟” އާޒާދު މިހެން ބުނުމުން ހަމްނާގެ މޫނު އަލިވެގެން ދިޔައެވެ. އެހެންނަމަވެސް ހަމަ ޖެހިގެން އައި ސިކުންތުގައި މިލައި މޯޅިވިއެވެ.
“މާދަމާ ފުރަން ޓިކެޓުވެސް ނަގާފައެންނު އޮތީ. އަނެއްކާ އެކޮޅަށް ނުގޮއްސިއްޔާ އާޒާދުގެ މަންމަމެން ކިހާ ދެރަވާނެ.” ހަމްނާ މިފަހަރުވެސް ވިސްނީ މަސްލަހަތަށެވެ.
“ޓިކެޓު ކެންސަލްކޮށްލެވިދާނެ މިހާރުވެސް.” އާޒާދު ވަގުތުން ފޯނު ނެގިއެވެ.
“އުނހު!” ހަމްނާ ހުއްޓުވިއެވެ. “އަހަރެން އެކަނި މިކޮޅުގަ މަޑުކުރަން ބުނި ނަމަވެސް އެއްބަސް ވާނަން. އެކަމަކު އާޒާދުގެ މަންމަ ވަރަށް ބޮޑަށް ދެރަވާނެ މިހާ ދުވަސް ކޮށްފަ ރާއްޖެ އައިއްސަ މަންމައާ ދުރުގަ ހުރެއްޖިއްޔާ. ހީކޮށްފާނެ އަހަރެން ބުނެގެން ކަމަށްވެސް…” މައިދައިތަގެ ނުރުހުން އިތުރަށް ލިބޭކަށް ހަމްނާ ނޭދެއެވެ.
ހަމްނާ އެ ބުނި އެތި އާޒާދުއަށް ވެސް ވިސްނުނެވެ. އެހެންކަމުން އެވާހަކަ އިތުރަކަށް ނުދައްކައެވެ. ޖެހިގެން އައި ދުވަހު ހެނދުނު ހެނދުނާ ފުރައިގެން އެދެމަފިރިން، އާޒާދުގެ ރަށަށް އެނބުރި ދިޔައެވެ. މިފަހަރުވެސް ހަމްނާއާ ދޭތެރޭ ޝާއިރާ ކަންތައް ކުރީ ހަމަ އެގޮތަށެވެ. އެކަމަކު އަލީ ހާރޫން ކުޑަކޮށް އަނގައިން ބުނެ ހެދިއެވެ. މަންމަމެން ރަނގަޅުތޯ އާއި، ދަތުރު ވަރުބަލިތޯ އެއްސެވެ.
ހަމްނާގެ މަންމަ، އާޒާދުގެ އާއިލާއަށް ޙާއްސަކޮށް އަމިއްލަ އަތުން ތައްޔާރުކޮށް ފޮނުވި ރަށު ހަދިޔާތައް ހަމްނާ ވަރަށް ހިތްވަރުކޮށްފައި ޝާއިރާއަށް ދިއްކޮށްލުމުން، ޝާއިރާ އެ އެއްޗިއްސަށް ބަލާވެސް ނުލައި، ބިލާލް އަށް ގޮވާފައި އެ އެއްޗެހި ބަދިގޭގައި ބެހެއްޓުމަށް އެންގިއެވެ. މިއީ ހަމްނާ ދުވަހަކުވެސް ހަނދާން ނުނެތޭނެ ފަދަ ހިތްދަތި އަމަލެކެވެ.
އެދުވަހުގެ މެންދުރުގެ ކެއުމަށް އާޒާދު ހަމްނާ ގޮވައިގެން ބަދިގެ ފަރާތަށް ދިޔައިރު، މަންމަމެން ކާން ތިބިތަން ފެނުނެވެ. އެމީހުން ތިބީ ކެއުމުގެ މެދުތެރޭގައި ނޫންނަމަ، އެތަނުން ތެދުވެގެން ދިޔައީސް ކަން ޝާއިރާގެ މޫނަށް ވީ ގޮތުން އެނގިގެން ދިޔައެވެ. ހަމްނާ ބިރުން ފަހަތަށް ފިޔަވަޅު އަޅަން އުޅެނިކޮށް، މޭޒުދޮށުގައި އިން އާފްރީން ނިކަން ބާރަށް އެދެމީހުންނަށް ގޮވައި، އަވަހަށް ކާން އަންނާށޭ ބުނުމުން ނުކުމެގެން ދާކަށް ނުކެރުނެވެ. އަނެއްކޮޅުން އާޒާދުވެސް ހަމްނާގެ އަތުގައި ހިފައިގެން ގޮނޑީގައި އިށީންނަން ދިޔައެވެ.
އާއިލާ އެކީ ކާން ތިބިއިރު، އުލާއި ސަމްސަލުގެ އަޑު ނޫން އަޑެއް ނީވެއެވެ. އެކަކުވެސް އަނގައިން ބަހެއް ނުބުނެ ތިބުމުން، އާފްރީން އަކަށް ކަމަކު ނުދިޔައެވެ. އެހެންކަމުން، އޭނާ ދޭން ވެފައި އޮތް ޙާއްސަ ޚަބަރަށް އެންމެ މުނާސަބު ވަގުތަކީ މިއީ ކަމުގައި އާފްރީން ދެކުނެވެ.
“މަންމާ. ބައްޕާ. ދޮންބޭ.” އެންމެންގެ މޫނަށް ވަކިވަކިން ބަލައިލަމުން އާފްރީން ފެށިއެވެ. “އަޅުގަނޑު މިއުޅެނީ މީހަކާ އިންނަން.”
“ކީކޭ؟” އާޒާދު އަށް އިވުނީ ހީވެސް ނުކުރާ ވާހަކައެކެވެ. ހަަމަ އެފަދައިން އަލީ ހާރޫނާއި ޝާއިރާ ވެސް ތިބީ ހައިރާންވެފައި އާފްރީން އަށް ބަލަހައްޓައިގެނެވެ.
“ލައްބަ. އިންނަން އުޅޭ މީހާ އެންމެންނަށް ތައާރަފް ކޮށްދޭން ގެންނާނަން މާދަމާ.” އާފްރީންގެ މޫނުމަތީގައި އެއްވެސް ހާސްކަމެއް ނެތެވެ. ހަމައެހެންމެ، ހަމްނާގެ މޫނުމަތިން ވެސް އެއްވެސް ހައިރާންކަމެއް ނުފެނެއެވެ. އާފްރީންގެ ލޯބިވެރިޔެއް ހުންނަކަން އޭނާއަށް އޮތީ އެނގިފައެވެ.
“ތިއީ އަނެއްކާ ކޮން ރަށެއްގެ ކާކު؟” ޝާއިރާ ސުވާލުކުރިއެވެ. “ހަމަ ތަނަކުން މީހަކު ފެންނަން ވާއިރަށް ކައިވެންޏާ ހިސާބަށް ދާކަށް ނުވޭނު. އެ ވެދާނެ ކޮންމެފަދަ ސުންޕާ މީހަކަށް ވެސް”، ޝާއިރާ މި ބަސް އެއްލީ ހަމްނާއަށެވެ. އެގަޑީގައި ޝާއިރާގެ ކަޅި ހުއްޓިފައި ހުރީ ސީދާ ހަމްނާއަށް ކަމުން، އެކަން އެއްވެސް މީހަކަށް ވަންހަނާއެއް ނުވެއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.


