Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހަނދަކީ ކަލާ ކަމުގާވިޔަސް 17

Aishasha Level 310 Stories100 Login
November 14, 2025 5 Mins Read
2 Comments

“ތިއީ އަނެއްކާ ކޮން ރަށެއްގެ ކާކު؟” ޝާއިރާ ސުވާލުކުރިއެވެ. “ހަމަ ތަނަކުން މީހަކު ފެންނަން ވާއިރަށް ކައިވެންޏާ ހިސާބަށް ދާކަށް ނުވޭނު. އެ ވެދާނެ ކޮންމެފަދަ ސުންޕާ މީހަކަށް ވެސް”، ޝާއިރާ މި ބަސް އެއްލީ ހަމްނާއަށެވެ. އެގަޑީގައި ޝާއިރާގެ ކަޅި ހުއްޓިފައި ހުރީ ސީދާ ހަމްނާއަށް ކަމުން، އެކަން އެއްވެސް މީހަކަށް ވަންހަނާއެއް ނުވެއެވެ.

“މިއީ އަނެއް.. މަންމަ އެ ބުނަނީ އެ މީހަކު ދަސްްކުރަން ވެސް ދުވަސް ނަގާނެ ނޫންހޭ!” އަލީ ހާރޫން ވަގުތުން އެތަން ފޫބައްދަން މަސައްކަތް ކުރިއެވެ. “އޭގެ ފަހުންނެންނު ކައިވެންޏާ ހަމައަށް ދާނީ!”

“ދަސްވެއްޖެ ބައްޕާ! މިއަށްވުރެ އިތުރަށް ދަސްކުރެވޭނީ ދެން ކައިވެނިކޮށްގެން. އެއީ މާލެ މީހެއް. މާލޭގަ ގެދޮރުވެސް ހުރޭ. މަންމަމެންނަށް ވަރަށް ކަމުދާނެ، ޔަގީން!”

މާލޭގަ ގެދޮރު ހުރެޔޭ ބުނި ހިސާބުން ޝާއިރާގެ މޫނުމަތި އަލިވެ، ރާގު ބަދަލުވިއެވެ. “ދެން ހިނގާބަލަ ދޯ ތި މީހަކީ ކާކުތޯ ބަލަން. މާދަމާ ހަވީރުގެ ސަޔަށް ދައުވަތު ދީ.”

އެދުވަހު ހަމްނާ ކޮޓަރިތެރެ ސާފުކުރަން އުޅެނިކޮށް އާފްރީން އައިސް ވަނެވެ. އަދި އެތާ ހުރި ސޯފާ ގޮނޑީގައި ވަރަށް ހަމަޖެހިލައިގެން އިށީނެވެ. އެއީ އާޒާދު ގޭގައި ނޫޅޭ ވަގުތެއް ކަމުން، ފަހަރި ހަމްނާ އެކަނިވިޔަ ނުދީ ބެހެއްޓުމަކީ އޭނާގެ ޒިންމާއެއް ކަމުގައި އާފްރީން ދެކެއެވެ.

އާފްރީން ފެށީ އޭނާ އިންނަން އުޅޭ މީހާގެ ވާހަކައެވެ. އެ މީހާއާ ރައްޓެހިވެގެން އުޅޭކަންވެސް މަންމަމެންނަށް މިވީހައި ދުވަހު ނޭނގޭނެ ކަމަށާއި، އެކަމަކު މީގެ ދުވަސްކޮޅެއް ކުރިން އާފްރީން އާ ބައްދަލުކުރަން އައިސް އެ ރަށުގައި ހުރި ވާހަކަ ބުންޏެވެ. އިންސްޓަގްރާމްގެ ޒަރިއްޔާއިން އުފެދުނު ގުޅުން ދާދި އަވަހަށް ލޯތްބަށް ބަދަލުވެ، އާފްރީން މާލެ ދިޔަ ދަތުރެއްގައި އޭނާއާ އަލަތަށް ބައްދަލުކުރި ކަމަށް ވެސް ބުންޏެވެ. އެ ގުޅުމަށް އަދިކިރިޔާ ވީ ހަ މަސް ކަމަށާއި، މި ފަހުން އާފްރީން އާ އަނެއްކާ ވެސް ބައްދަލުކުރަން އޭނާ އެރަށަށް އައިސް ހުރި ވާހަކަ ހިއްސާކުރިއެވެ.

“ހާދަ އަވަހަކަށް އިންނަން ތިއުޅެނީ”، ހަމްނާއަށް ވެސް ބުނެވުނީ އެހެންނެވެ.

“އަސްލު ތިއީ އަހަންނަށް ވެސް ވަރަށް މަޖާ ސުވާލެއް. އަމިއްލައަކަށް ވެސް ޤަބޫލެއް ނުކުރެވޭ އަހަރެން މިހާ އަވަހަށް މީހަކާ އިންނަން އުޅެފާނެ ކަމަކަށް. ބަޓް ހީ އިޒް ދަ ބެސްޓް! އެހެން ފިރިހެނުން އުޅޭނީ ކައިވެނި ނުކޮށް ވޭތޯ. އެކަމަކު އެންމެ ފުރަތަމަ ވެސް އިންނަ ވާހަކަ ދެއްކީ އޭނަ. ބުނީ ކައިވެންޏާ ނުލާ މިހެން އުޅެނިކޮށް ގޯހެއް ހެދިދާނެޔޯ!” ރަކި ގޮތަކަށް ހެމުން އާފްރީން ބުންޏެވެ. “އެންޑް އޭނަގެ ޕޭރެންޓްސް ވެސް ކައިވެންޏަށް ބާރުއަޅާތާ ވަރަށް ދުވަސް ވެއްޖެޔޯ. މި ގުޅުން އިތުރަށް ކުރިއަށް ގެންދަން ބޭނުންވަންޏާ ޖެހޭނީ ކައިވެނިކުރަންށޭ ބުނީމަ އަހަރެންވެސް ހިތަށް އެރީ އެޔޭ އެންމެ ރަނގަޅު ގޮތަކީ..”

“އެހެންވިއްޔާ ރަނގަޅު. އެކަމަކު ލަނޑެއްގަ ނުބެދޭތި”، ހަމްނާ ސަމާސާ ރާގެއްގައި ބުންޏެވެ.

“ނުބެދޭނެ ކަމަށް ބަލަމާ! މާދަމާ އޭނަގެ ގޮތް ތިމީހުންނަށް ވެސް އެނގޭނެ އެންނު!” އާފްރީން ހީނގަތެވެ.

އާފްރީން ކޮޓަރިން ނުކުމެގެން ދިޔަތާ އިރުކޮޅެއް ފަހުން ހަމްނާއަށް އަރޫޝާގެ ކޯލެއް އައެވެ. ހަމްނާ ފޯނު ނެގިއިރު އަރޫޝާގެ އަޑުގައި ވަނީ ހާސްކަމެވެ. “ހަމް! ސޮރީ މިގޮތަށް ގުޅަންޖެހުނީމަ. ބަޓް ވަރަށް މުހިންމު އެއްޗެއް ބުނަން ވެގެން…”

“ކޯއްޗެއް؟ ކަމެއް ވީތަ؟” ހަމްނާގެ ހިތުގައި ވެސް ހާސްކަން އުފެދުނެވެ. އޭނާ ހީކުރީ އަރޫޝާއަށް ކަމެއް ވެގެން އުޅެނީ ކަމަށެވެ.

“ރައްޔާން! މަށަށް ވަރަށް ބައިވަރު މެސެޖު ފޮނުވާފަ އެބަހުރި ޓެލެގުރާމުން. ބުނީ ހަމްނާ ރާއްޖެއަށް އައިސްގެން އުޅޭކަން އިނގެޔޯ. ހަމް ކައިރީގަ ބުނާށޯ އޭނަގެ ނަންބަރު އަންބްލޮކު ކުރާށޯ. ރީތިގޮތުގަ ވާހަކަ ދައްކާށޯ..” އަރޫޝާއަށް ވާހަކަދެއްކުނީ ވަރަށް އަވަސްއަރުވާލައިފައެވެ.

“ދުވަހަކުވެސް ނުކުރާނަން އަދި ވާހަކައެއް ވެސް ނުދައްކާނަން! އަރޫ ކީއްކުރަން އޭނަގެ ވާހަކަދައްކަން ތި ގުޅީ؟ އަހަރެން މިހާރު މިއުޅެނީ މެރީ ވެސް ކޮށްގެނެއްނު”، ރައްޔާންގެ ވާހަކަ އަރޫޝާ ފެށުމުން ހަމްނާ ވީ ފޫއްސެވެ.

“އިނގެޔޭ! އެކަމަކު އޭނަ އެބަހުރި ވަރަށް އިންޒާރު ފޮނުވާފަ. ބުނީ އޭނައާ ވާހަކަ ނުދައްކައިފިއްޔާ ވަރުގަދަ ލަނޑެއް ދޭނަމޯ ހަމް އަށް. ތި ކައިވެނީގަ އުފަލުގަ އުޅުނަކަ ނުދޭނަމޯ. ހަމް ހޯދަން ތި ރަށަށް ވެސް ދާން ތައްޔާރަށް ހުރީ”، އަރޫޝާގެ ހިތުގައި ހަމްނާއާމެދު ހަމްދަރުދީ ވިއެވެ.

އަރޫޝާ އެ ދިން މައުލޫމާތުން ހަމްނާގެ ހިތުގައި ކުޑަކޮށް ބިރުވެރިކަން އުފެދުނެވެ. ރައްޔާން ހަގީގަތުގައި ވެސް ހަމްނާ ހޯދަން އެރަށަށް އައިސްފާނެ ބާއެވެ؟ އެކަމަކު އެންމެފަހުން ހަމްނާ އޭނާއާ ބައްދަލުވިއިރު، ވާހަކަދެއްކީ ވަރަށް ހަމަޖެހިގެންނެވެ. ނަމަވެސް ފަހަރުގައި ހަމްނާ ކައިވެނިކުރި ހަބަރު ލިބުމުން އެކަން ޤަބޫލުކުރަން ރައްޔާނަށް އުނދަގޫވީ ކަމުގައި ވެދާނެއެވެ.

އެރޭ ނިދަން އޮތް އިރުވެސް ހަމްނާއަށް ވިސްނެމުން ދިޔައީ އެކަމާ ދޭތެރޭގައެވެ. ނިއްކުރިމަތީގައި އަތް ބާއްވައިގެން، ސީލިންގަށް ކަޅި ހުއްޓާލައިގެން އޮތް ތަން އާޒާދަށް ފާހަގަކުރެވިގެން، ސުވާލުކުރިއެވެ. އޭނާ ހީކުރީ އޭނާގެ މަންމަގެ ބަސްތަކުން ހަމްނާގެ ހިތަށް އަދިވެސް އުނދަގޫކުރުވަމުން ދަނީ ކަމަށެވެ.

“މިއަދު ވީ ކަމަކުން މި ވިސްނެނީ…” ހަމްނާ އޮތީ އެވާހަކަ އާޒާދުއަށް ކިޔައިދޭނީ ކަމެއް ނުވަތަ ސިއްރު ކުރާނީ ކަމެއް ނޭނގިފައެވެ. އާޒާދު އޭނާދެކެ ހިތްހަމަނުޖެހިދާނެ ކަމުގެ ބިރު އޮތީމައެވެ.

“ކޮން ކަމެއް؟ މަންމަ ބުނި އެއްޗަކުން ކަމުގައި ވާނަމަ…” އާޒާދު ކިޔަން ފެށިއެވެ. އެކަމަކު ހަމްނާ ވަގުތުން އެކަމަށް އިންކާރުކުރިއެވެ.

“އެއްގޮތަކަށްވެސް މަންމައަ ގުޅުންހުރި ކަމެއް ނޫން. ޕްލީޒް ޕްރޮމިސް މީ ދެޓް ޔޫ ވިލް ނޮޓް ގެޓް މޭޑް އެޓް މީ؟” ހަމްނާ ނިންމީ އެވާހަކަ ހިއްސާކުރާށެވެ. ނޫން ނަމަ އެކަން ސިއްރުކޮށްގެން ހުއްޓައި ރައްޔާން ކުއްލިއަކަަށް ކުރާ ކަމަކުން އާޒާދު އިތުރަށް ރުޅިއައިސްދާނެއެވެ.

“އަހަރެން ރުޅި އަންނާނެ ވަރުގެ ކަމެއް ހަމް އަށް ކުރެވިދާނެ ހެނެއް ހީއެއް ނުވޭ. އަޅެ ބުނެބަ”، އާޒާދު ހަމްނާއާ ދިމާއަށް އެނބުރި، ލޮލާއި ލޯ ސީދާކޮށްލިއެވެ. ފިރިމީހާ އޭނާގެ މައްޗަށް އެހާ އިތުބާރު ކުރާތީ ހަމްނާ އުފާވިއެވެ. އަދި އެވާހަކަ ކިޔައިދޭން އިތުރު ހިތްވަރަކަށް ވެގެންދިޔައެވެ.

“އައި ޑޯންޓް ނޯ އިފް ޔޫ ސްޓިލް ރިމެމްބާ ދިސް، ބަޓް އަހަރެމެން މެލޭގަ ޑިނާއަކަށް ދިޔަރޭ އަހަރެން ކިޔައިދިނީމެންނު އެކްސް އެއްގެ ވާހަކަ؟” ހަމްނާ ފެށިއެވެ.

“އޮފް ކޯޒް އައި ރިމެމްބާ. ހަމް އާ ބައްދަލުވި ހުރިހާ ދުވަހެއްގެ ހަނދާންތައް ހުންނާނެ ހިތުގަ ރައްކާކޮށްފަ”، ހިނިތުންވަމުން އާޒާދު އަނެއްކާވެސް ހާމަކޮށްލީ ހަމްނާދެކެ ވާ ލޯތްބެވެ. އެ ޖުމްލަ އިވިފައި ހަމްނާގެ ކޯތާފަތް ރަތްވެގެން ދިޔައެވެ. އެކަމަކު ނަފްސު ހަމައަކަށް އަޅުވައިލަމުން އަނެއްކާވެސް ފެށިއެވެ.

“އަހަރެން މެރީ ކުރި ހަބަރު އޭނައަށް ލިބުނީ ވަރަށް ފަހުން ކަންނޭނގެ. މިކޮޅަށް އައި ހަބަރުވެސް ލިބިފަ އޮތީ. ފްރެންޑަކަށް މެސެޖުކޮށް އިންޒާރު ފޮނުވާފަ އޮތީ. އަހަރެން ހޯދަން މި ރަށަށް ވެސް އަންނާނަމޯ… ހިތުން ނުފިލާވަރުގެ ލަނޑެއް ދޭނަމޯ..” ހަމްނާގެ ދެލޯ ފެންކަޅިވިއެވެ.

އާޒާދު ވަގުތުން ހަމްނާގެ މޫނުގައި ފިރުމާލައި، ގަޔާ ކައިރިކޮށްލިއެވެ. “ތި މީހެއް ނިކަން އައިސްބަލަ މަގޭ ކުރިމައްޗަށް. ދެން އޭނަ ގުޅައިފިއްޔާ އަހަރެން އަތަށް ފޯނު ދޭތި! އޭނައަކަށް ނުކުރެވޭނެ އެއް ކަމެއް ވެސް. އެގޮތަށް އަންހެން ކުދިންނަށް އިންޒާރު ދޭނީ ބޮޑެތި ފިނޑިން!” ހަމްނާގެ ކުރީގެ ލޯބިވެރިޔާދެކެ އާޒާދުގެ ހިތުގައި ވެސް ރުޅިވެރިކަން އުފެދިއްޖެއެވެ. އޭނާގެ އަންހެނުންނަށް އެގޮތަށް އިންޒާރުދީ ހަދަން އެއީ ކާކު ހެއްޔެވެ؟

އާޒާދު އެވަރަށް ރުޅި އައިތަން ފެނިފައި ހަމްނާވެސް ކުޑަކޮށް ބިރުގަތެވެ. “އެހެން ބުންޏަސް ހިއެއް ނުވޭ އަންނާނެ ހެނެއް. އެގޮތަށް އަހަރެން ބިރު ދައްކަން އެއްޗެހި ކިޔާނެ”، ހަމްނާ މިހެން ބުނެލާފައި ވަގުތުން މައުޟޫ ބަދަލުކޮށްލިއެވެ. “އެނީވޭ. އާފްރީން މީހަކާ އިންނަން އުޅޭތީ އުފާވޭތަ؟”

ވަގުތުން އާޒާދުގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔަތަން ފެނުނެވެ. އަދި ހިނިތުންވުމެއް މޫނުމައްޗަށް ވެރިކުރުވަމުން އެ ސުވާލަށް ޖަވާބު ދޭން ފެށިއެވެ. “އުފާވޭ. އަދި ޖެހިލުންވެސް ވޭ. އަނެއްކާ ނުބައި މީހެއްގެ ދަންތުރައެއްގެ ޖެހިއްޖިއްޔާ އޭނަގެ ދުވަސް ދިޔައީ. އެއީ ކުރިންވެސް…” އާފްރީންގެ މާޒީގެ އެ ވާހަކަ ފަށަން ވީތޯ އާޒާދުގެ ހިތުގައި ސުވާލު އުފެދުނެވެ.

“ކުރިން ކިހިނެއްވީ؟” ހަމްނާ އެނގެން ބޭނުންވިއެވެ.

“ވަރުގަދަ ލަނޑެއް ލިބިފަ އެހުރީ. ހަމް އާ ދާދި އެއްކަހަލަ ގޮތެއް. އެކަމަކު ތަފާތަކީ އާފްރީން އަށް އެކަމުން ވަރަށް ބޮޑަށް އަސަރު ކުރިކަން. ސްކޫލު ނިންމި ގޮތަށް އަލަށް ވެސް މީހަކާ ރައްޓެހިވީ އެފަހަރު. ފުރަތަމަ ލޯބި ވީމަ ދެރަ ވާނެތާ ދޯ. އެފަހަރު އަހަރެން ވެސް އެކޮޅުގަ ހުރެފަ އަންނަން ޖެހުނީ. މާ ބޮޑަށް ސަކަރާތް ވެގެން..” އާޒާދު ކިޔައިދިނެވެ.

“ސަކަރާތްވީ އޭ ތިބުނީ ކިހިނެއް؟ ބަލިވީތަ؟” ހަމްނާ ހުރީ އިތުރަށް އެނގެން ބޭނުންވެފައެވެ. އޭނާއަށް ދިމާވި ގޮތާ އެއްގޮތޭ ބުނުމުން ޝައުގުވެރިކަން އިތުރުވީ ކަންނޭނގެއެވެ.

“ނަފްސާނީ ގޮތުން އާނ. އަމިއްލައަށް ސެލްފް ހާމް ކުރާ ހިސާބަށް ދިޔަ. ފަހުން ތެރަޕީ އަށް ގޮސްގެން އެވަރު ވެފަ އެހުރީ މިހާރު. އެހެންވީމަ އެކަހަލަ ކަމެއް ތަކުރާރު ވާކަށް ބޭނުމެއް ނޫން. އާފްރީން އަށް ކަމެއް ވެއްޖިއްޔާ އަހަރެން ވަރަށް ދެރަވާނެ. އަދި މަންމަމެން ވެސް. އެފަހަރު ވެސް މަންމަމެން ވަރަށް ރޮއެ ހެދި. އެހެންވެ އަހަންނަށް މަޖުބޫރުވީ ހުރިހާ ކަމެއް ދޫކޮށްލާފަ އަންނަން..” މާޒީގެ އެ ޞަފްހާ ކިޔައިދިން އިރު، އާޒާދުގެ ނިއްކުރިމައްޗަށް އެރި ރޫތަކުން އޭނާ ކަންބޮޑުވެފައި ވާ މިންވަރު އެނގިގެން ދިޔައެވެ.

“އިރާދަކުރެއްވިއްޔާ މިފަހަރު އެހެންނެއް ނުވާނެ. މިފަހަރު އެއަށްވުރެ މާ ރަނގަޅު މީހަކަށް ވާނީ. އާފްރީން ހެޕީކޮށް ބަހައްޓައިދެވޭ ވަރުގެ.” ހަމްނާ އާޒާދު ގެ އުއްމީދު އާލާ ކުރެވޭތޯ މަސައްކަތް ކުރިއެވެ.

“އުއްމީދަކީ ވެސް، އަދި ދުޢާ އަކީ ވެސް ތިއީ. ލޯބީގެ ކަންކަމުގެ އަހަރެމެން ދެބެއިންނަށް ވެސް ވާ ވަރު އެއީ. ލޯބި ވެވެނީ އޯވަރ ވާ ވަރަށް.” ދެން އާޒާދު ފެށީ ހޭށެވެ. އޭނާގެ އަމިއްލަ ކަންބޮޑުވުންތަކާ ހެދި ހަމްނާ ވިސްނާކަށް އޭނާ ބޭނުމެއް ނޫނެވެ. އެއާއެކު ހަމްނާވެސް އާޒާދު އާ އެއްބައި ވެގެން ހޭންފެށިއެވެ. އެކަމަކު އާޒާދު އެންމެފަހުން އެ ބުނި އެތީގެ މާނަ ފުން ވަރު ހަމްނާއަށް ވިސްނި، ހަގީގަތުގައި ވެސް އުފާވިއެވެ. އިންތިހާއަށް ލޯބިވާ ފިރިއަކު ލިބުމަކީ ކޮންމެ އަންހެނަކު ވެސް ދެކޭނެ ހުވަފެނެކެވެ.

ޖެހިގެން އައި ދުވަހުގެ ހަވީރުގެ ހިތްގައިމު ވަގުތެވެ. ހަމްނާ އުޅުނީ ބަގީޗާ ގަސްތަކަށް ފެންދިނުމުގައި ބިލާލް އަށް އެހީވުމުގައެވެ. އެންމެ ކުރިން ފެށިގެން ވެސް ހަމްނާ އަކީ ގަސް ހެއްދުމާއި، މާމެލާ މެއްޔަށް ލޯބި ކުރާ ކުއްޖެކެވެ. މަންމަމެން ކައިރީ ރަށުގައި އުޅުނު އިރު ވެސް މަންމަ ގެންގުޅޭ ހުރިހާ ގަހަކަށް ފެންދެނީ ހަމްނާއެވެ.

ގަސްތަކަށް ފެން ދޭން ގެންގުޅޭ ފެންހޮޅި ނުދީގެން ހަމްނާ ބިލާލް ކައިރީގައި ޝަކުވާ ކުރަމުން ދިޔައެވެ. “ބިލާލް ދޭބަލަ ގޭތެރޭގަ ކުރަން ހުރި މަސައްކަތްތައް ނިންމަން. އަހަންނަށް މިކަން ވާނެޔޭ. ދެން ޕްލީޒް!” ކުޑަކުއްޖެއް ހެން ހަމްނާ ބޮޑާހާކަމުން ދިޔައިރު، ބިލާލް ހުރީ މަޖާ ވެފައެވެ. ހަމްނާ ބިލާލް އާ ދޭތެރޭ ބާއްވާ އެކުވެރިކަމާއި، ހިތްހެޔޮ ކަމުން ބިލާލް ވަރަށް އުފާވެއެވެ. ގޭ އެހެން މީހުންނާ ޚިލާފަށް، ހަމްނާގެ ކުރިމަތީގައި ނޯކަރެއްގެ އިހުސާސަށްވުރެ ބޮޑަށް ކުރެވެނީ ގާތް އެކުވެރިއެއްގެ އިހުސާސެވެ.

ހަމްނާ މާ ބޮޑަށް ދެރަވެފައި ހުރިތަން ފެނުމުން ބިލާލް އެންމެފަހުން ހަމްނާގެ އަތަށް ފެންހޮޅި ދިނެވެ. އަދި ފެން ދޭން ޖެހޭ ގަސްތަކާއި ނުދޭން ޖެހޭ ގަސްތައް ކިޔައިދެމުން ދިޔައެވެ. މި މަންޒަރު ކުޑަދޮރުން ބަލަން ހުރި ޝާއިރާގެ މޫނުމަތީގައި ވަނީ ނުރުހުމުގެ އަސަރެވެ. އިރުކޮޅެއް ނުވެ ތިރިއަށް ފައިބާފައި ބިލާލަށް ގޮވައި އެތެރެއަށް ވެއްދިއެވެ. އޭގެފަހުން ފެން ދިނުމައިގެން ކުރިއަށް ދިޔައީ ހަމްނާ އެކަންޏެވެ.

“އައްސަލާމް އަލައިކުމް!” ހަމްނާ އަނގައިން ލައްވަމުން ދިޔަ މަޑު ރާގު ހުއްޓުނީ ގޭޓު ބޭރުން މީހަކު ސަލާމް ގޮވައިލުމުންނެވެ. ސަލާމް ބަލައިގަންނަން ވެގެން އެނބުރުނު ހަމްނާގެ މެޔަށް ހީވީ ހޫނު ފެން އެއްޗެއް އޮއްސައިލިހެނެވެ. ގޭޓު ބޭރުގައި، އެއް މިޔަކަނުން ހެވިފައި، ހަމްނާ އަށް ބަލަހައްޓައިގެން އެހުރީ ރައްޔާނެވެ. ހަމްނާ ބިރުން ހީބިހި ނަގައިގަތެވެ. ރައްޔާން އަރޫޝާ ކައިރީގައި ދިން އިންޒާރާ އެއްގޮތަށް ހަގީގަތުގައި ވެސް އެހުރީ ހަމްނާ ހޯދަން އެރަށަށް އައިހެވެ.

(ނުނިމޭ)

 

Share Article

Follow Me Written By

Aishasha

Level 310 Stories100 Login

Other Articles

Previous

ހިތް އެދޭ މަންޒިލަކީ… 5

4 ވާރޭގެ ތެރެއިން
Next

ވާރޭގެ ތެރެއިން 5

Next
4 ވާރޭގެ ތެރެއިން
November 14, 2025

ވާރޭގެ ތެރެއިން 5

Previews
November 13, 2025

ހިތް އެދޭ މަންޒިލަކީ… 5

2 Comments!

  1. shynyx inax shynyx inax says:
    November 14, 2025 at 9:49 am

    Vrh vrh reethi

  2. K says:
    November 14, 2025 at 11:12 am

    Urghhhhhh vrh salhi when next part. Rayyaan dhw aafreen ai ihnnan ulhey kuhjjaa akee can’t wait

Comments are closed.



All Right Reserved!