- ލޯ ހުޅުވާލުމާއެކު ފެނިގެން ދިޔައީ މަޑު އަޅި ކުލައެއްގެ ސީލިންއެކެވެ. ވަށައިގެން ބަލައިލުމާއެކު ފެނުނީ އެނދުގެ ކަނާއަތް ފަރާތުގައި ހުރި ބޮޑު ކްލޯސެޓެކެވެ. ގައިމަތީ އޮތް ބަރު ކުއިލްޓް ނަގަމުން މަޑުހިނގުމެއްގައި ގޮސް ހުއްޓިލީ އެނދުގެ ކުރިމަތީ ހުރި ޑްރެސިންގ ޓޭބަލް ކުރިމަތީއެވެ. އެއްވެސް އެއްޗެއް މަދުނުވާނެހެން ހުރިހާ ވައްތަރެއްގެ މޭކަޕް ސާމާނެއް ތަރުތީބުކަމާއެކު އެތަނުގައި އަތުރާލެވިފައި ހުއްޓެވެ. ޑްރެސިންގ ޓޭބަލްއާ އިންވެގެން ހުރީ ކުޑަ ކިޔަވާ މޭޒެކެވެ.
ދެން ނަޒަރު ހުއްޓުނީ އެއްފަރާތުގައި ހުރި ހުދު ކުލައިގެ ދޮރުފޮތިތަކަށެވެ. އިރުކޮޅަކު ދޮރުފޮތިތަކަށް ބަލަން ހުރުމަށްފަހު ގޮސް އެދޮރުފޮތިތައް އެއްފަރާތަކަށް ކަހާލިއެވެ. އެއާއެކު ފެނުނީ ބިއްލޫރި ދޮރުގެ ފަހަތުގައި އޮތް ބޮޑު ބެލްކަނީއެކެވެ. ދޮރު ކަހާލުމަށްފަހު ނިކުމެ މާގަސްތަކުން ފުރިފައިވަ އެތަނަށް ނަޒަރު ހިންގާލެވުނެވެ. ގަސްތަކުގެ ފަތްތައް ތެތްވެފައި ހުރި ގޮތުން ވާރެވެހުނީ ދެންމެކަން ހާމަވެއެވެ. އުޑުމައްޗަށް ބަލައިލުމާއެކު ހީވަނީ ދެންމެ ދެންމެ ވާރެ ވެހިދާނެ ހެންނެވެ. ބެލްކަނިން ހިޔާކޮށްފައި އޮތް ބައިން ނިކުމެ ދެލޯ މަރާލުމާއެކު އޭނާ ދެއަތް ފުޅާކޮށްލިއެވެ.
“މޭމް..” އަންހެނެއްގެ އަޑު ޖެހުމާއެކު އޭނާ ފަހަތަށް އެނބުރި ބަލައިލިއެވެ. ހުދުކުލައިގެ ގަމީހަކާއެކު ކަކުލާ ހަމައަށް އަރާ ސްކާޓްއެއްގައި ހުރި އެކުއްޖާގެ މޫނުމަތީގައި ވަނީ ބިރުގަނެފައިވާ ކަމުގެ އަސަރެވެ.
“ސޮރީ.. އަހަރެން ކޮންތާކު މިހުރީ؟.. ކާކު އަހަރެން މިތަނަށް ގެނައީ..” ރުޅިވެރި އަޑަކުން އޭނާ ބުނެލިއެވެ. “އަހަރެން ކިތަށް ފަހަރު ބުނެފިން ބޭރަށް ނެރޭށޭ..”
“މޭމް.. އަމް.. ޝަފްނާ މޭމް..” ހިންދިރުވާލަމުން އެކުއްޖާ ބުނެލިއެވެ. އެކުއްޖާގެ ހާލަތުފެނި ހަމްދަރުދީވެވެން އުޅުނު ނަމަވެސް ސިކުނޑިއަށް ވެރިވެގަތީ ރުޅިވެރިކަމެވެ. ޔަގީނުންވެސް އެ ސިފަ ވާރުތަކުރީ މަންމަގެ ފަރާތުންނެވެ.
“އަހަންނަކީ ޝަޔަމް.. ޝަޔަމް އަޒީމް. މޭމްއެއް ނޫން..” އަޑުހަރުކޮށް ޝަޔަމް ވާހަކަދެއްކިއެވެ.
“ޝަފްނާ މޭމް ބުނުއްވީ ކާން ދުރުވަން..” އަދަބުވެރިކަމާއެކު އެހެން ބުނެ އޭނާ ހިނގައިގަތެވެ.
“ހަހް.. އެންމެ ފަހުން ހަނދާންވެއްޖެ ދޯ އަހަރެން މިތަނަކަށް ގެނެވުނުކަން..” ދެލޯ މައްޗަށް އަރުވާލަމުން ޝަޔަމް ބުނެލިއެވެ. ދެވަނަ ސިކުންތު އޭނާ އެއަންހެންކުއްޖާ އަށް ގޮވާލިއެވެ.
“ކޮންނަމެއް ކިޔާނީ؟”
“ދީމް..” އެއްފަހަރު ޝަޔަމްގެ އަތަށް އަނެއްފަހަރު ޝަޔަމްގެ މޫނަށް ބަލައިލަމުން އެކުއްޖާ ބުނެލިއެވެ.
“އަހަރެން ހުއްޓާ އިރާދަކުރައްވިއްޔާ މަމްއަކަށް ނުކެރޭނެ ދީމްއަށް ކަމެއް ކުރާކަށް..” ދީމްއަށް ހިނިތުންވުމެއް ދެމުން ހިތްހެޔޮކަމާއެކު ޝަޔަމް ބުނެލިއެވެ. އެވަގުތު ދޮރު ހުޅުވާލި އަޑު އިވުމާއެކު ޝަޔަމްގެ އަތް ފޮޅުވާލުމަށްފަހު ދީމް ހިނގައިގަތެވެ.
“އާދޭ ކާން.. މަމް މިހުރީ ޝަޔޫ ނައިސްގެން.. ކޯހުގެ ކަންތަކާވެސް މިއަދު އުޅެން ވާނެ ދޯ.. ޝަޔޫއަށް ޓަކައި މަންމަ މިއަދު ފްރީވެގެން މިހުރީ..” ދީމް ނިކުމެގެން ދިއުމާއެކު ޝަފްނާ ބުނެލިއެވެ. ރުޅިވެރިކަމާއެކު ޝަޔަމް އޭނާގެ މަންމައަށް ލޯ އަޅާލިއެވެ.
“ކޮބާ މަންނު؟” ޝަފްނާގެ ވާހަކައަށް އަޅާލުމެއް ނެތި ޝަޔަމް އަހާލިއެވެ.
“ދެން ދަރިފުޅުވެސް.. މަމް ނުހަދާނަމޭ މަންނުއަށް ގޮތެއް..” ފޫހި ގޮތަކަށް ޝަފްނާ ބުނެލިއެވެ.
“އެންމެ ކުޑަމިނުން އަހަރެންނަށް މަންނުއަށް ގުޅެން ވާނެ..” ޝަފްނާ ކޮޓަރިން ނިކުންނަން ދިއުމުން ޝަޔަމް ބުނެލިއެވެ.
“ފަހުން ދޯ..” މޫނު ކުނިކޮށްލަމުން ޝަފްނާ ބުނެލިއެވެ.
“މިހާރު..” ކޮޓަރިތެރޭގައި ޝަޔަމްގެ ބާރު އަޑު ގުގުމައިގެން ދިޔައެވެ.
“ޝަޔަމް.. ބަސްއަހައިގެން މަންމަ ބުނީމަ އާދޭ.. މާގިނަ ފަހަރު މަންމަ ލައްވާ ބުނުވަން ނަހަދާތި..” ޝަފްނާ ފަހުބަސް އިއްވާލުމަށްފަހު ކޮޓަރިން ނިކުމެގެން ދިޔައެވެ.
ތާޒާވެލައިގެން ޝަޔަމް ފޭބީ ތިރިއަށެވެ. އޭރު އޭނާގެ އިންތިޒާރުގާ ސިޓިންރޫމުގައި ޝަފްނާ މަޑުކޮށްލައިގެން އިނެވެ. ޝަޔަމް އައުމާއެކު ނިކަން ހިނިތުންވެ ހުރެ ކާން އައުމަށް އިޝާރާތް ކުރިއެވެ.
“ކޮންތާކަށްތަ އަހަރެން ގެނެސްފަ މިހުރީ؟ ބޭރު ގައުމަކަށްތަ؟ އިއްޔެއިން ފެށިގެން އަހަރެން މިގެގަނޑެއްގެ ތެރޭގައި ބަންދުކޮށްގެން ތިއުޅެނީ.” ގޮނޑި ދަމާލަމުން ޝަޔަމް އަހާލިއެވެ.
“މީ ހުޅުމާލޭ. މަންމައަށް ލިބުނު ގޯތިމިއީ. ރީތި ދޯ..” ޝަޔަމްއާ ކުރިމަތިވާނެހެން ހުރި ގޮނޑީގައި ޝަފްނާ އިށީނެވެ.
“ހަޑިއެއް ނޫން. އެކަމަކު އަހަރެންނަށްވެސް ބޭރަށް ގޮސް އުޅުމުގެ މިނިވަންކަން ލިބެން ވާނެ.” ސިޓިންރޫމުގެ ދޮރު ކައިރީ ތިބި ދެގާޑުންނަށް ޝަޔަމްގެ ނަޒަރު ގުޅުނެވެ.
“ދަރިފުޅު މަންމަ ބުނާ އެއްޗެއް ކިޔަވަން ވީނުން؟” ތަށީގައި އޮތް ބިސްގަނޑުން އެތިކޮޅެއް ކާލަމުން ޝަފްނާ އަހާލިއެވެ. ޝަޔަމްގެ ވާހަކައަށް ޖަވާބުދިނުން އޭނާއަށް މުހިންމު ކަމަކަށް ނުވިއެވެ.
“މަންމަ ބުންޏަސް ނުބުންޏަސް އަހަރެން ކިޔަވާނީ އަހަރެން ކިޔަވަން ބޭނުން އެއްޗެއް..” ޝަޔަމްގެ އަޑުގައި ވަނީ އަމުރުވެރި ރާގެކެވެ.
“ޝަޔަމް ދަރިފުޅާ.. ދެން ތިގޮތް ދޫނުކުރުމުގެ އާދަ ފުހެލަން ވެއްޖެއްނު. މިހާރު ހާދަ ބޯހަރު ވެގެންނޭ ތިއުޅެނީ..” ޝަފްނާ ވާހަކަދެއްކީ އޯގާތެރިކަމާއެކުއެވެ.
“ހެވެއްނު. މަންމަވެސް ގޮތް ދޫކުރަން ދަސްކުރާ އިރަކުން އަހަރެން ގޮތް ދޫކުރާނީ..” ރުންކުރު ކަމާއެކު ޝަޔަމް ބުނެލިއެވެ.
“މަންމައަށް ފެންނަނީ ދަރިފުޅު ޕޮލިޓިކްސްއަށް ވަންނަން. ނޫނީ ޓޫރިޒަމް ދާއިރާއިން އެއްޗެއް ހަދަންވީނު..” ޝަފްނާ ލިސްޓެއް ކިޔާލިއެވެ. “މަންމަގެ ބިޒްނަސްއާ ހަވާލުވިއަސް މައްސަލައެއް ނެތް. ތިއީ މަންމަގެ ހުރި ހަމައެކަނި މީހަކީ.”
“ތިއިން އެއްވެސް ދާއިރާއަކަށް ޝައުގެއް ނެތް. އަހަރެން ވާނީ ފޮޓޮގްރަފާ އަކަށް.. އަހަރެންދެކެ ލޯބިވަންޏާ މިދާއިރާއަށް ކިޔެވުމުގެ ފުރުސަތުދީ.” ޝަފްނާ ބުނި ކޮންމެ އެއްޗަކަށް ޝަޔަމް ރައްދުދެއެވެ.
“ޝަޔަމް..” ޝަޔަމްގެ ނަމުން ދިގުކޮށް ޝަފްނާ ގޮވާލިއެވެ.
“އާނ، އަދި އަހަރެންގެ އަތުގައި މިހާރު އޮތް ސިމްކާޑުން އަހަރެން ބޭނުންވާ މީހުންނަކަށް ނުގުޅޭ.. ވަރަށް ސެޓިން ބޮޑުކޮށްފަ ހުރީ.” ކައިނިންމާފައި ތަށިތައް ހިފައިގެން ސިންކާ ދިމާއަށް ހިނގައިގަންނަމުން ޝަޔަމް ބުނެލިއެވެ. އުލާ ސަމްސާ ތަށީތެރެއަށް ދޫކޮށްލުމަށްފަހު ދަތްކުނޑި ވިކާލަމުން ޝަފްނާ ކޮޓަރިއަށް ވަނެވެ.
ގިނަ ދުވަސްތަކަކަށް ފަހު ރަށުގެ ފަސްގަނޑުގައި ފައި ޖެހުމާއެކު ޔަޒްދާންއަށް ކުރެވުނީ އުފާވެރިކަމުގެ އިހުސާސެކެވެ. އޭނާ ގެނައި ދަބަސް ހިފައިގެން އަވަސް ހިނގުމެއްގައި މިސްރާބު ޖެހީ ގެއަށް ދިއުމަށެވެ. މާގިނަ އިރަކު ހިނގާކަށް ނުޖެހުނެވެ. ގެ ހުންނަނީ ބަނދަރާ ފުދޭވަރަކަށް ކައިރީގައި ކަމުންނެވެ.
“މަންމާ..” ގޭގެ ވަށާފާރު ތެރެއަށް ވަދެވުމާއެކު ޔަޒްދާން ގޮވާލީ އޭނާގެ މަންމައަށެވެ. ދެތިން ފަހަރު ގޮވާލި ނަމަވެސް ހަބަރެއް ނުވިއެވެ. ސިޓިންގ ރޫމުގައި ދަބަސް ބަހައްޓާލަމުން ޔަޒްދާން ގެއާ ވަކިން ހުންނަ ބަދިގެ ފަރާތައް މިސްރާބު ޖެހިއެވެ.
“މަންމާ.. މަންމާ..” ބަދިގެ ދޮރު ހުޅުވާލި ޔަޒްދާންއަށް ފެނުނީ ހުސްކަމެވެ.
“ވަގެއް.. ވަގެއް..” ފަހަތުން މީހަކު ހަޅެއްލަވައިގަތް އަޑަށް ޔަޒްދާން ފަހަތް ބަލައިލިއެވެ. ނަމަވެސް އެމީހާ ފެނުމުގެ ކުރިން މޫނުގައި އެއްޗެއް ޖެހިއްޖެއެވެ. ލޯ މަރާލުމަށްފަހު ލޯ ހުޅުވާލި ޔަޒްދާންގެ ލޮލުގައި ފުރަތަމަ އަޅައިގަތީ ބިންމަތީ އޮތް އޮރެންޖެކެވެ. ދެންވެސް ފަހަތަށް އެނބުރެވެން ވީއިރު މީހަކު އައިސް އޭނާ ގައިގައި ބައްދައިގަނެފިއެވެ.
“ދަރިފުޅާ.. މަންމަގެ ދަރިފުޅާ..” ދެން ކަންފަތުގައި ޖެހުނީ އޭނާގެ މަންމަގެ މަޑު ގިސްލުމެއްގެ އަޑެވެ. ދުވަސްތަކަކަށް ފަހުން ހުރި ހަމައެކަނި ދަރިފުޅު ލޮލަށް ފެނުމުން މައި މީހާގެ ހިތަށް އުފާވެރިކަމުގެ ޖަރުބާތުތައް ވެރިވެގަތެވެ.
“މަންމާ..” ޔަޒްދާން އޭނާގެ މަންމަ ހިއްލާލާ ވަށައިގެން އެނބުރިލިއެވެ. ވީ އުފަލަކާ ލިބުނު ހިތްހަމަ ޖެހުމެއްގެ ބޮޑު ކަމުންނެވެ. މުޅި ގޭތެރޭގައި ގުގުމައިގެން ދިޔައީ ޒަހީނާގެ ހަޅޭކުގެ އަޑާއި ޔަޒްދާންގެ މަޑު ހުނުމުގެ އަޑެވެ. ޔަޒްދާން ގައިގައި ހިފަހައްޓައިގެން އޮވެ ޒަހީނާ ދިޔައީ އޭނާ ބިންމަތީގައި ބެހެއްޓުމަށް އެދެމުންނެވެ.
“މަންމަ ކިހިނެތް ތިހެދީ.. ދުވަހަކުވެސް އަހަރެން ގައިގައި އޮޅުމަކުންވެސް މަންމަ ނުޖަހާ..” ބިންމަތީގައި ޒަހީނާ ބަހައްޓާލަމުން ޔަޒްދާން އަހާލިއެވެ.
“ނުވެސް ބުނެލާ އައިމަ އެހެންނެއްނު ވާނީ.. މަންމަ ހީކުރީ ވަގެއް ކަމަށް..” ޔަޒްދާންގެ ކޯތާފަތުގައި ފިރުމާލަމުން ޒަހީނާ ބުނެލިއެވެ. “މަންމަ ވަރަށް މޮޅު ދޯ.. އެހެންނު ވާނީ މަންމަގެ ޔަޒްދާންއަކީ ފުލުހެއް ވިއްޔާ..”
“ހެހެ.. އަހަރެންނަށް ފެންނަނީ މަންމަވެސް ފުލުހަށް ވަންނަން..” މަންމަގެ ސިޔާސަކަން ފެނި ޔަޒްދާންވެސް މަޖާ ކޮށްލިއެވެ.
“އާނ.. ދެން ދޭ ފެންވަރައިގެން އަރާމުކޮށްލަން.. މަންމަ މެންދުރަށް ކައްކަން ވެގެން މިއުޅެނީ..” ބަދިގެއަށް ވަންނަން އިންނަ ހަނިގޯޅިގަނޑުގެ ދޮރުކައިރީ ހުރި ބާޒާރު ކޮތަޅުތައް ނަގަމުން ޒަހީނާ އޭނާގެ ދަރިފުޅަށް ބުނެލިއެވެ.
“މަންމާ އަހަރެންވެސް އަންނާނަން ކައްކަން..” ކޮޓަރިއަށް ވަންނަމުން ޔަޒްދާން ގޮވާލިއެވެ.
ދީމްއާއެކު ބަދިގޭގެ މަސައްކަތުގައި އެހީވާން ޝަޔަމް އުޅުނެވެ. ތަށިތައް ދޮވެ ނިންމާލުމަށްފަހު އޭނާ އަތް ފުހެލިއެވެ. ދީމް އޭރު އުޅެނީ އެތަށިތައް ތަރުތީބުކަމާއެކު ބެހެއްޓުމުގައެވެ. ހިނިތުންވުމެއް ހަދިޔާކޮށްލުމަށްފަހު ޝަޔަމް ދިޔައީ ސިޓިންރޫމުން ނިކުމެވެން އޮތް ދޮރު ކައިރިއަށެވެ. އެތެރޭގައި ދޮރުވާނަކަށް ހުރި މީހާ ފާޑަކަށް ބަލަން ހުރުމަށްފަހު އެއްފަރާތަކަށް ޖެހިލިއެވެ. މޫނަށް ވައްތަރެއް ޖައްސާލުމަށްފަހު ޝަޔަމް ނިކުތީ ބޭރުގައި އޮތް ބޮޑު ބަގީޗާ ތެރެއަށެވެ. މުޅި މާހައުލު އެއްވަސް ކޮށްލާފައި ވަނީ މާތަކުގެ ފޮނި މީރު ވަހުންނެވެ. އޭރުވެސް ތުނިތުނިކޮށް ވާރޭ ވެހެމުން ދިޔައީތީ ގިނަ ގަސްތައް ހުރީ ފެންއެޅި ބަރުވެގެން ތިރިވެފައެވެ. ގަސްތަކުގައި އަތް ހިންގާލަމުން ޝަޔަމް ދެއަތް މައްޗަށް ނަގާ ނިކަން ފުންކޮށް ނޭވާއެއް ބޭރުކޮށްލިއެވެ. އޭނާގެ މޫނުމަތިން ހިނިތުންވުމެއް ފާޅުވެލިއެވެ. އިރުކޮޅަކު ދެލޯ މަރައިގެން ހުރުމަށްފަހު ޝަޔަމް ލޯ ހުޅުވާލި ވަގުތު ފެނުނު ސޫރައަކުން ދެލޯ ބޮޑުކޮށްލެވުނެވެ.
“ހިއާ ކަމްސް ދި ރިއަލް ޑެވިލް..” އެމީހާއާ ދިމާއަށް ބަލައިލަމުން ޝަޔަމް ބުނެލިއެވެ.
އޭނާ ލައިގެން ހުރި ކަޅުކުލައިގެ ފަޓުލޫނު ހުރީ ތަނބިކަށްޓައް ވުރެ މަތީގައެވެ. ކަޅު ކުލައިގެ އަތް ކުރު ގަމީސް ހުރީ ބެގީއަށް ނުޖަހާ ދޫކޮށްލާފައެވެ. ހަތަރެސްކަން ބަށްޓަމުގެ މޫނަކާއެކު އޭނާއަށް ލިބިފައިވަނީ ހިމަ ދިގު ނޭފަތެކެވެ. ހިމަ ބުމައަކާއި ކަޅުކަން ގަދަ ހިމަ ދެލޮލެކެވެ. ތުނބުޅި މަތިމަސް ހުރީ އެއްކޮށް ޝޭވް ކޮށްލާފައެވެ. ފުދޭވަރަކަށް ދިގުކޮށްފައި އޮތް އިސްތަށިގަނޑު އޮތީ މައްޗަށް ހިއްލާ ތަތްކޮށްފައެވެ.
އެއްވެސް އެއްޗެއް ނުބުނެ އޭނާ ހިނގައިގަތީ އަތުގައި އޮތް ފޮށި ހިފައިގެން ބޭރަށެވެ. ދެލޯ އަޅައިގެން ޝަޔަމްވެސް ލޮލަށް ގެއްލެންދެން ބަލަން ހުއްޓެވެ.
“ޖޭމު ގަނޑު..” މޫނު އަނބުރާލަމުން ޝަޔަމް ގޭތެރެއަށް ވަދެގެން ދިޔައެވެ.
“ޝަޔޫ.. މަމް މެންދުރު ބޭރަށް ދާން މިއުޅެނީ.. މިރޭ ކޯހުގެ ކަންތަކާ އުޅެން ޖެހޭނެ. ހަވީރު ޖާވިދު އަންނާނެ ފޮޓޯ ނަގަން ދާން، ރެޑީ ވައްޗޭ..” ފޯނު ހިފައިގެން ސޯފާގައި އޮތް ޝަފްނާއަށް ޝަޔަމް ފެނުމާއެކު ބުނެލިއެވެ.
“މަމް ޕްލީޒް މަންނުއަށް ގުޅައިދީބަ..” ކުޑަކުއްޖެއް ފަދައިން ބޮޑާ ހާކާލަމުން ޝަޔަމް ބުނެލިއެވެ.
ދެކޮޅު ހެދުމެއްނެތި ޝަފްނާ ނަންބަރަކަށް ގުޅާލިއެވެ. ޝަޔަމް މަޑުން ވާހަކަދެއްކީމައި އެކަމުން ލިބުނު އުފަލެއްގެ ސަބަބުން ކަންނޭނގެއެވެ.
“މިއޮތީ..” ފޯނު ދިއްކޮށްލަމުން ޝަފްނާ ބުނެލިއެވެ.
“ހެލޯ މަންނޫ..” ކަންފަތުގައި ފޯނު ޖެހުމާއެކު ޝަޔަމް ދިގުކޮށް ގޮވާލިއެވެ.
“ޝަޔޫ..” އެކޮޅުން މަންހަލްގެ އަޑުވެސް އިވުނެވެ.
“ކިހިނެތް؟ އަޅެ ހާދަ މިސްވެއޭ މަންނު މަތިން.. ބަލައްޗޭ، އަހަރެން މަންނުވެސް ކިޔަވަން ގެންނާނަން.. ދެމީހުން އެއް ކޮލެޖަކަށް ދާނީވެސް ދޯ.” މަންހަލްއަށް އެއްޗެއް ބުނާނެ ފުރުސަތެއް ނުދީ ޝަޔަމް ފަށައިގަތެވެ.
“ރަނގަޅޭ.. ޝަޔޫ ކިހިނެތް؟” އަބަދުވެސް އެއަޑުގައި ވީ މަޑުމައިތިރިކަން ވިއެވެ.
“ރަނގަޅު.. އަސްލުވެސް މަންނު ރަނގަޅުތަ؟” ކަންބޮޑުވުމާއެކު ޝަޔަމް ސުވާލުކުރިއެވެ. “އައިމް ސޮރީ މަންނު.”
“ޑޯންޓް ވޮރީ ޑިއާ.. އަހަރެން ހަމަ ރަނގަޅޭ.. ދެން ސޮރީ ކިއަންވީ ވަރުގެ ކަމެއް ނުވެއެއްނު އަދި.” މަންހަލް ބުންޏެވެ.
“އޯކޭ އޯކޭ.. ދާންވެސް މިހާރު ރަށަށް ގޮސްފި ދޯ. އޭނާ ކައިރީ ކީކޭ ބުނީ؟” ޝަޔަމް ދެން ފެށީ ޔަޒްދާންގެ ވާހަކައެވެ.
“އާނ. ދައްތަ ބުނި ޔަޒްދާން ކައިރީ ޝަޔޫ ކިޔަވަން ދިޔަ ވާހަކަ..” މަންހަލްގެ ހަނދާނަށް އައީ އެންމެ ފަހުން ޔަޒްދާންއާ ބައްދަލުވި ފަހަރުގެ މަތިންނެވެ. ޝަޔަމް އެހެންހޭ ކިޔާލިއެވެ.
“އޯކޭ ދެން.. ބާއި އިނގޭ..” ޝަޔަމްއަށް އިތުރު ވާހަކަތަކެއް ދެއްކުމުގެ ފުރުސަތެއް މަންހަލް ނުދިނެވެ.
“ފައިން، ޓޭކް ކެއާރ، މިސް ޔޫ، ބާއި!” ޝަޔަމް އޭނާގެ މަންމައަށް ބަލައިލަމުން ބުންޏެވެ. ޝަފްނާ އިނީ ވަރަށް ހަމަޖެހިފައެވެ. ކޮންމެވެސް ގޯހެއް އުޅޭކަމަށް ބުނެ ޝަޔަމްގެ ހަވަނަ ހިއްސު އިންޒާރުދިނެވެ.
“ބާއި..” ފޯނު ކަންފަތާ ދުރުކޮށްލަމުން މަންހަލް ކައިރީ ހުރި މީހާއަށް ފޯނު ދިއްކޮށްލިއެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.




Mi part ves v reethi masha Allah
Can’t wait for next part
Thank you cutie girl. Midhuvas kolhu v v busy koh mi ulheny.. Ekm maadhan aneh part upload kolleveythw balaanan. In sha Allah! 🤍☺️
Mi part ves vv reethi
Masha allah 🥰
Cant wait For next part
Thank you Yaan! I appreciate your support.☺️🤍