ކުއްލިއަކަށް އިވުނީ އަންހެން ކުއްޖެއްގެ ބާރު ހަޅޭކެއްގެ އަޑެވެ. ވޭނާއި ކެކުޅުން އެއަޑުގައި ވިއެވެ. ޔަޒްދާން އެނދުގައި އޮވެފައި ފުންމައިގެން ތެދުވިއެވެ. ފައުޒާންއާ އައިޒިންވެސް ޔަޒްދާންއަށް ބަލައިލިއެވެ. އެދެމީހުންގެ މޫނުމަތީގައިވެސް ވަނީ ހާސްކަމެވެ. ހަރަކާތެއް ކޮށްލަން ނޭނގިފައި ދެމީހުން ތިއްބާ ޔަޒްދާން ތެދުވެގެން އައިސް އައިޒިންގެ އަތުގައި އޮތް ފޯނު އަތުލައިފިއެވެ.
ޔަޒްދާން އިށީނީ އޭނާގެ އެނދުގައެވެ. ފޯނުގެ ސްކްރީނުން ފެންނަމުން ދިޔަ ރިކޯޑިން އަލުން ފެށުމަށްފަހު ފޯނު ކަންފަތާ ކައިރިކޮށްލިއެވެ. ފައުޒާންއާ އައިޒިން އެކަކު އަނެކަކަށް ބަލައިލިއެވެ. އެމީހުންވެސް ތިބީ ކުއްލި ހައިރާންކަމެއްގެ ތެރޭގައެވެ. އެހެނަސް ކަންތައްވާނީ އެފަދަ ގޮތަކަށްކަން އެމީހުންނަށް ލަފާކުރެވިފައި ވިއެވެ.
“ކިތަށް ފަހަރު ބުނާނީ އަހަރެންގެ އެކުވެރިންނަށް އިހްތިރާމް ކުރާށޭ.. ހަމަ ރަނގަޅަށް އެނގޭނެ މުރޫއަށް ފޮނިގަދަ އެއްޗެހި ބޭނުން ނުކުރެވޭކަން.” ޝަފްނާ ހަޅެއްލަވާ އަޑު އިވެނީ ތަންކޮޅެއް ދުރުންނެވެ.
“އަހަރެން ހަނދާންނެތުނީ.. ސޮރީ..” މަންހަލްގެ އަޑުއިވުނީ ކިރިޔަ ކިރިޔާއެވެ.
“ހަނދާން ނުނެތޭ ވަރު ކޮށްދޭނަމޭ..” ދެން އިވުނީ ޝަފްނާ މަންހަލްއާ ދިމާއަށް ނުބައި ބަސްތަކެއް ކިޔާލި އަޑެވެ. ސިއްސައިގެން ގޮސް ޔަޒްދާން ފޯނު ކަންފަތާ ދުރުކޮށްލީ މަންހަލްގެ ހަޅޭކުގެ އަޑު ނުހަނު ބާރަށް އިވުނީމައެވެ. އެއިރުވެސް މަންހަލްއާ ދިމާއަށް ޝަފްނާ ހަޅެއްލަވާ އަޑު އިވެއެވެ. އެއަޑާ އެކުވެގެން ދަނީ މަންހަލްގެ ގިސްލުމުގެ އަޑެވެ.
“ދެން އެހެންނެއް ނަހަދާނަމޭ..” ގިސްލުމުގެ ތެރެއިން މަންހަލް ބުނެލި އަޑު އިވުނެވެ.
“އަހަރެންގެ ކުރިމަތީގައި ތި ކަރުނަތައް ނުދައްކާ ދާން އުޅެންވީ. މެންދުރަށް ކައްކާނެވެސް ކަމެއް ނެތް. ކޮޓަރިންވެސް ނުނިކުންނާތި. މިއަދު ދެން އެންމެފަހަރަކުވެސް ތި ސުންޕާ މޫނު ފެނިއްޖެއްޔާ ގަޔަށް ހޫނުފެން އަޅާނަން..” ކަރުބުޑުން އަޑެއް ލައްވަމުން ޝަފްނާ ވާހަކަދެއްކިއެވެ. އެހިސާބުން މަންހަލްގެ ގިސްލުން ދުރަށް ފޭދެމުން ގޮސް އެއްކޮށް ކެނޑުނެވެ. ޔަޒްދާން ރިކޯޑިން ޕޯސް ކޮށްލަމުން ކޮޅަށް ތެދުވިއެވެ. އޭނާއާ އެއްކޮށް އައިޒިންއާ ފައުޒާންވެސް ތެދުވިއެވެ.
“ކީއްވެ ރިކޯޑްކުރީ؟” އައިޒިންގެ ގާތުން ޔަޒްދާން އެހިއެވެ. އެއަޑުގައި ހަރުކަށިކަމެއް ވިއެވެ.
“ސް.. ސޮރީ ސާރ..” އައިޒިން އިސްދަށަށް ޖަހާލިއެވެ.
“ކީއްވެހޭ؟” އަނެއްކާވެސް ޔަޒްދާން ސުވާލުކުރިއެވެ. ކުރިއަށްވުރެ މިފަހަރު އޭނާގެ އަޑު ކުރިއަށްވުރެ ބާރުވިއެވެ.
“އެއީ ސާރ-” ފައުޒާންގެ ވާހަކަމެދުކެނޑުނެވެ. ޔަޒްދާން ވާހަކަ ދެއްކުމުންނެވެ.
“މިއީ ރަސްމީ ގަޑިއެއް ނޫން. ޕާސަނަލް ކަމެއް.” ޔަޒްދާންގެ އަޑު ކުރިއަށްވުރެ މަޑުކޮށްލިއެވެ “ދެން އަހަރެން ކުރި ސުވާލަށް ޖަވާބުދީ!”
“އޭނަގެ އަތަށްވެފަ އިންގޮތުން. ޝަފްނާ މޭމްގެ މިޒާޖު ފެނިފަ. ހިތަށްއެރީ އަހަރުމެން ނެތް ގަޑިއެއްގައޭ ކަމެއް ކުރާނީ. އެހެންވެ..” އައިޒިން ތެދަށް ޖަވާބުދިނެވެ.
“ގުޑް ޖޮބް.” ޔަޒްދާން އައިޒިންގެ ކޮނޑުގައި ޖަހާލިއެވެ.
“އޭ، އެއީ އަހަރުންގެ އައިޑިއާ އެނގޭ..” ދެމީހުންނަށް ބަލަން ހުރުމަށްފަހު ފައުޒާން ބުނެލިއެވެ. އައިޒިން ލޯ ހިމަކޮށް ފައުޒާންއަށް ބަލައިލިއެވެ.
“ކޮންމެ މީހެއްގެ އައިޑީއާއެއް ވިއަސް މަގޭ ފޯނުގަ ރިކޯޑިން އޮތީ.” އައިޒިން ފޮނިވެލިއެވެ.
“ޕޮލިހަށް ރިޕޯޓް ކުރާނީތަ ދެން؟” އައިޒިންއަށް ލޯ އަޅާލަމުން ފައުޒާން ސުވާލުކުރިއެވެ.
“ކިހިނެތް އަހަރެން ހަދަންވީ؟ މާދަން ފުރަންޖެހޭ. މަންހަލްއަކީ ކާކުކަމެއް އަހަރެންނަކަށް ނޭނގެ. ފަހަރިގެ ދަރިއެއްކަމެއް ނޫންކަމެއް ވެސް އެނގޭނީ ހެއްދެވި ފަރާތަށް. ފަހަރިގެ ދަރިއަކަށް ވެއްޖެއްޔާ އަހަރެން ވަރަށް ލަދުގަންނާނެ ޕޮލިހަށް މައްސަލަ ހުށައެޅުނީމަ..” ޔަޒްދާން ބޮލުގައި ހިފަހައްޓާލިއެވެ.
“ދެން ތިބުނީ މަންމަ ދަރިއަށް އަނިޔާކުރިއަސް ތިބެންވީއޭތަ؟ އަހަރުމެންގެ ޒިންމާއަކީ ކޮބާ؟ މުޖުތަމައުގައި އުފެދޭ މައްސަލަތައް ހައްލުކުރުން.” އައިޒިން ހިތްހަމަ ނުޖެހުނުކަން އަންގާލިއެވެ.
“މީހުން ހުށައަޅާ މައްސަލަތައް ހައްލުކުރުމަކީ އަހަރެމެންގެ ޒިންމާއަކީ. ކޮންމެ މައްސަލައެއް ހައްލުކުރަން ހެކި ބޭނުންވާނެ..” ފައުޒާން ބުންޏެވެ.
“އެއޮތީ ރިކޯޑިން.. އޭތިން ސާފުކޮށް އެނގޭނެ އެއީ ޝަފްނާގެ އަޑުކަމާ މަންހަލްގެ އަޑުކަން..” ފައުޒާންގެ ބަހަށް އައިޒިން އެއްބަހެއް ނުވިއެވެ.
“އެހާ އަވަހަށް ޖަޖް ކުރުމަކީވެސް ރަނގަޅުކަމެއް ނޫން. މިސާލަކަށް އޭނާ މާ ރުޅިގަދަވެގެން ގޮސް ނުހިފެހެއްޓުނީ ކަމަށް ވެދާނު..” ފައުޒާންއަށް ހިތުގައި އޮތް އެއްޗެއް ބޭރުކުރަން ނުކެރެނީ ޔަޒްދާން ހިތަށް އަރާނެ އެއްޗެއް ނޭނގޭތީއެވެ.
“ވާ، ވާ، ވާ.. ތީ ޕޮލިހެއްތަ؟ ބަލަ ރުޅިއަކީ ކޮންޓްރޯލް ކުރަން ޖެހޭ އެއްޗެއްކަން ނޭނގޭތަ؟ ރުޅި ކޮންޓްރޯލް ނުވަންޏާ އެވެސް މައްސަލައެކޭ..” ފަހަރަކަށްވުރެ ފަހަރެއް ދެމީހުންގެ އަޑު ދިޔައީ ބާރުވަމުންނެވެ.
“މައްސަލަ ހުށައަޅާ ތަނުން މަންހަލް އެކަމަށް އިންކާރު ކޮށްފިއްޔާ. އަތަށް ހޫނުފެން އެޅުނީއޭ އޭނާ ބުނީ. އެއީ ހަގީގަތަށް ވެއްޖެއްޔާ މަންހަލް ކިހާ ހިތްހަމަ ނުޖެހޭނެ. އޭނާ ބުނާނީ ކީކޭ؟” ފައުޒާން ފާހަގަކޮށްދިނީ ވެދާނެ ގޮތެކެވެ.
“ހުއްޓާލާ..” ދެމީހުންގެ ދޭތެރެއަށް ވަންނަމުން ޔަޒްދާން ބުނެލިއެވެ. އައިޒިންއާ ފައުޒާން ހިމޭންވިއެވެ. ދެމީހުންނަށް ބަލައިލުމަށްފަހު ޔަޒްދާން ކޮޓަރިން ނިކުމެގެން ދިޔައީ ބަންލާފައި ދޮރު ޖަހަމުންނެވެ.
“އަހަރެންނަށް މާ ކަންތައް ބޮޑުކުރެވެނީ ކަންނޭނގެ. ފަހަރިއަކީ އެހާ ގޯސް މީހެއް ނޫން.. ލެޓް އިޓް ބީ.. އެކަމަކު މަންނު؟..” ސައިކަލަށް އަރާ ދުއްވާލަމުން ޔަޒްދާން ހިތާހިތުން ކިޔާލިއެވެ.
“ކަލޭގެ ކަންތަކޭ މިއީ..” ފައުޒާންގެ ފުއްކިބައިގައި ޖަހަމުން އައިޒިން ވަނީ ފާހަނައަށެވެ. ދެލޯ ހިމަކޮށްގެން އައިޒިންއަށް ބަލަން ހުރި ފައުޒާން ވެއްޓިގަތީ ޔަޒްދާންގެ އެނދު މައްޗަށެވެ.
ގަހެއްގެ ހިޔަލުގައި ސައިކަލު ޕާކު ކުރަމުން ޔަޒްދާން ހިނގައިގަތީ ގޮނޑުދޮށާވީ ކޮޅަށެވެ. މެންދުރުގެ ވަގުތަށް ވާތީ އެހިސާބުން އެއްވެސް މީހަކު ފެންނާކަށް ނެތެވެ.
ރަށް ގިރަން ފަށާފައި އޮތުމުން އެހިސާބުގައި ހުރި ގަސްތަކުގެ މޫތައް ހުރީ ވަރަށް ބޮޑަށް ފެންނާށެވެ. އެގަސްތައް ކައިރިން އަޑިކޮށްލާފާއިން ހިސާބު މަތީގައި ހުރެފައި ގަސްތަކުގެ މޫތައް މަތިން ޔަޒްދާން ފޭބީ ގާތަކުގެ މައްޗަށެވެ. އެ ގާތަކުގެ ތެރެއިން ލާފައި އޭނާ ތަންކޮޅެއް ދުރަށް ހިނގިއެވެ. ލޮޑުވެގެން އޭނާ ގަހެއްގެ ހިޔާ އެޅިފައި އިން ހިސާބު ގާތަކުގެ މަތީގައި އިށީނެވެ. ދުރުން ފެންނަ ކަނޑަށް އިރުގެ އަލި އެޅިފައި އޮތް ގޮތުން ދަޅައަޅައެވެ. ގަދަ ނޫކުލައިގެ އުޑުމަތީގައި ވިލާ ރޮއްޖެެއްވެސް ފެންނަން ނެތެވެ. ދުރުން ސާފުކޮށް ރަށްތައް ފެންނަން އޮތެވެ. ނަގަމުން ދިޔަ ބޮޑެތި ރާޅުތައް ގާތަކުގައި މުގުރަމުން އަންނަ އަޑުން އޭނާގެ ނަފްސަށް ހަމަޖެހުން ގެނުވިއެވެ. ދޭތެރެއަކުން ކާޅާ، ބޮނޑަނަ ގޮވާލާ ގޮތުން މާހައުލަށް އިތުރު ހިތްހަމަ ޖެހުމެއް ގެނެސްދެއެވެ.
ހިޔާލުތަކަށް ގެއްލިފައި ޔަޒްދާން އިނެވެ. އަޑު އަހަންވީ ހިތުގެ ގޮވާލުމަށް ކަމެއް ނުވަތަ ސިކުނޑި ދެމުންދާ އިންޒާރުތަކަށް ކަމެއް އޭނާއަކަށް ނޭނގުނެވެ. ވިސްނި ވަރަކަށް އޭނާގެ ނަފްސު ދެފަރާތުން ފިތެމުންދާ ކަހަލަ އިހުސާސެއް ކުރެވުނެވެ. ކުރިމަތިން ދެތިން ރަށެއް ފެނުނަސް ދާންވީ ރަށެއް އޭނާއަށް ނުނިންމޭ ފަދައިން، ދިރިއުޅުމުގައިވެސް ކުރިއަށް ދާންވީ ކޮން މަގަކުން ކަމެއް އޭނާއަކަށް ނުވިސްނުނެވެ. އެއްފަރާތުން ލޯބިވެރިއެއް ނަގައިފިނަމަ، މިހުރިހާ ދުވަހެއް ވަންދެން އެކަނިމާ އެކަނި އޭނާ ބަލާ ބޮޑުކުރި މަންމައަށް އިހުމާލެއް ވެވިދާނެތީ އޭނާ ކަންބޮޑުވިއެވެ. މަންހަލް އާއިގެން މާގިނައިން އުޅެންވެއްޖެނަމަ އޭނާގެ މަންމަ އެކަނިވެރިވެދާނެއެވެ. އޭގެ ސަބަބުން މަންމަ ދެރަވާކަށް އޭނާ ނޭދެއެވެ. ދެން ހުރީ އޭނާގެ ފަހަރިއެވެ. އަބަދުހެން މަންމަގެ ފަރާތުން އިވެނީ އޭނާ ބޮޑުބެއަށް ހެދި ގޮތުގެ ވާހަކައެވެ. އެހެނަސް ޝަފްނާ މަންހަލްއަށް ގޯސްކޮށް ކަންތައް ކުރާނެކަމަށް އޭނާގެ ޒަމީރު އެއްބަސްވާކަށް ބޭނުމެއް ނުވެއެވެ. އެއަށްފަހު ދެންހުރީ މަންހަލްއެވެ. އެހެންމީހެއްގެ އަނިޔާގެ ޝިކާރައަކަށްވާން މަންހަލް ދޫކޮށްލާން އޭނާގެ ހިތެއް ނޭދެއެވެ. ކުޑަވެސް ކޫރުމެއް މަންހަލްގެ ހަށިގަނޑުގައި އެޅުމަށްވެސް އޭނާ ނޭދެއެވެ.
ޔަޒްދާންއަކީ ހިތްވަރުދެރަ މީހެއް ނޫނެވެ. އެހެނަސް ޕޮލިހަށް މައްސަލަ ހުށައަޅައިފިއްޔާ ދެން ވާނެގޮތެއް ނޭނގޭތީ އޭނާ ކަންބޮޑު ވަނީއެވެ. އާއިލާގެ ތެރޭގައި މިހާރު އޮތް ބަލިކަށި ގުޅުން، އެކަމުގެ ސަބަބުން ކެނޑިގެން ދާކަށް އޭނާ އެއްގޮތަކަށްވެސް ނޭދެއެވެ. އެވަގުތު އޭނާއަށް އެހީތެރިކަމެއް ފޯރުކޮށްދެވެން އޮތީ ހަމަ އެކަނި ޝަޔަމްއަށެވެ. އެހެންވިއަސް ޝަޔަމްއާ ގުޅޭނެ ގޮތެއް އޭނާއަށް ވަނީ ނުވެފައެވެ. ހިޔާލުގެ ވާފަށް އޭނާ ބުރިކޮށްލީ ފޯނު ވައިބްރޭޓްވާން ފެށުމުންނެވެ.
“ހެލޯ.. މަންމާ..” ފޯނު ނެގުމާއެކު އުފާވެރި ރާގެއްގައި ޔަޒްދާން ވާހަކަދެއްކިއެވެ.
“ލައްބަ ދަރިފުޅާ… ކިހިނެއްތަ ހާލު؟” އޯގާތެރިކަމާއެކު ޒަހީނާ އަހާލިއެވެ.
“ރަނގަޅު އަލްޙަމްދުﷲ.. މަންމަ ކިހިނެތް؟” ޔަޒްދާން ސުވާލުކޮށްލިއެވެ.
“މަންމަވެސް ރަނގަޅޭ ދަރިފުޅާ.. ކޮން އިރަކުން ރަށަށް އަންނަނީ؟” އަބަދުވެސް ޔަޒްދާންގެ ގާތުން ކުރާ ސުވާލު ޒަހީނާ ކުރިއެވެ.
“އެއީ ސަޕްރައިޒެއް. ވަރަށް އަވަހަށް ދާނަން މަންމަ ކައިރިއަށް..” ހެވިފައި ހުރެ ޔަޒްދާން ބުނެލިއެވެ.
“އެންމެ ރަނގަޅޭ ދެން. މެންދުރު ނަމާދުކޮށްފިންތަ؟” ޒަހީނާ ސުވާލުކުރިއެވެ. އޭނާއަކީ އަބަދުވެސް ދީނަށް ފަރުވާތެރި މީހެކެވެ. ހުރި ހަމައެކަނި ދަރިފުޅަށްވެސް އިސްލާމީ ރިވެތި އުސޫލުތައް އޭނާ ދަސްކޮށްދިނެވެ.
“ނޫން މަންމާ. އަދި ނުކުރަން..” އަތުގައި އޮތް ގަޑިއަށް ބަލަމުން އޭނާ ބުނެލިއެވެ.
“މަންމަގެ ޔަޒްދާން ހާދަ ތަފާތޭ މިއަދު. އަޑުން ހީވަނީ ވަރަށް ދެރަވެފަ ހުރިހެން.. ކަމެއްވީތަ ދަރިފުޅާ؟” ކަންބޮޑުވުމާއެކު ޒަހީނާ ސުވާލުކުރިއެވެ. ޔަޒްދާންގެ މޫނު ނުފެނުނަސް އޭނާގެ އަޑުން އެމައިމީހާ ދެނެގަނެފިތާއެވެ.
“ކަމެއް ނުވޭ..” ޔަޒްދާންގެ މޫނުމަތީގެ ކުލަ އޮއްސުނެވެ. އެއަޑު އައީ ހިސާބަކަށް ފޭދިގެންނެވެ. “އޯކޭ މަންމާ. ނަމާދުކުރަން މިދަނީ އިނގޭ. ވަރަށް ސަލާމް!”
ޒަހީނާއަށް އެއްވެސް އެއްޗެއް ބުނުމުގެ ފުރުސަތެއް ޔަޒްދާން ނުދިނެވެ. ފޯނުގެ ސްކްރީނަށް ބަލަން އޭނާ އިރުކޮޅަކު ހުއްޓެވެ. އެއަށްފަހު ހިނގައިގަތީ މިސްކިތަށް ދިއުމަށެވެ.
އެއްދުވަސް ފާއިތުވެގެން ދިޔައީ ނުހަނު ހަލުވި މިނުގައެވެ. ޔަޒްދާން އޭނާގެ ފަހުގެ ނިންމުން ނިންމިއެވެ. މަންހަލްއަކީ އޭނާ ރަށަށް ދާ ފަހުން އޭނާއަށް ބީރައްޓެއްސެކެވެ. އޭނާގެ ހަޔާތަށް އެއްވެސް އަންހެން ކުއްޖަކު ނާންނާނެއެވެ. އައިޒިންމެން ގާތުން ޕޮލިހަށް މައްސަލަ ހުށަނާޅަން ޔަޒްދާން އެދުނެވެ. އައިޒިން އެކަމާ ދެކޮޅު ހެދިއެވެ. އެހެނަސް ޔަޒްދާން ބުނީތީ އޭނާ އެއްވެސް ކަމެއް ނުކުރެއެވެ.
ޑްރެސިން ޓޭބަލްމަތީހުރި މޭކަޕްސާމާނުތައް ދަބަހަށް އަޅާލަމުން ޝަފްނާ ކޮޓަރިން ނިކުންނަން ދިޔައެވެ. އޭނާގެ އަތުގައި އޮތް ފޯނު ރިންގުވާން ފެށީ އެވަގުތެވެ.
“ހުހް. މި މީހަކު ކައިރިންވެސް ސަލާމަތެއް ނުވެވޭނެ އަވަހަކަށް..” ދަތްކުނޑި ވިކާލަމުން ޝަފްނާ އަމިއްލައަށް ކިޔާލިއެވެ.
“ހެލޯ ދާން. އަދި ނުފުރަންތަ؟” މޫނުމަތީ ހުރި ރުޅިވެރިކަން ފޮރުވާލަމުން ޝަފްނާ ހިނިތުންވުމާއެކު ފޯނުން ވާހަކަ ދެއްކިއެވެ.
” މިހާރު ފުރަން ނިކުމެ މިހުރީ. ފަހަރިއާ މަންހަލްއާ ބައްދަލުކޮށްލާފަ ދާންވެގެން އެބަދަން އިނގޭ ތިގެއަށް.” ރަށުގެ ގެސްޓްހައުސްގެ ގޭޓް ކައިރީހުރި ޔަޒްދާން ވާހަކަދެއްކިއެވެ.
“އަޅޭ. މަންހަލް އުޅެނީ ވަރަށް ބިޒީކޮށް މިއަދު. އޭނާ ރަށަކަށް ދާން ޖެހޭތީ އުޅެނީ.. ދައްތަވެސް މިދަނީ މާލެ ދާންވެގެން..”ޝަފްނާގެ ވާހަކަތައް ނިމުމާއެކު އޭނާ ފޯނު ބޭއްވިއެވެ. ޔަޒްދާންއަށް ވާހަދެއްކުމުގެ ފުރުސަތެއް ނުދީއެވެ. ފޯނު ކަނޑާލަމުން އޭނާ މާޔޫސްކަމާއެކު ކަރުއެލުވާލިއެވެ. އެންމެ ފަހުފަހަރަށް މަންހަލްއާ ބައްދަލުކޮށްނުލާ ރަށަށް ދާން ޖެހޭތީއެވެ. ދެން މަންހަލް ފެންނާނެ ކަމުގެ ޔަގީންކަމެއް އޭނާގެ ނެތީމައެވެ. އޭނާ ނެތަސް އޭނާގެ މަތިން ހަނދާކުރައްޗޭ މަންހަލްގެ ގާތު ބުނެލާނެ ފުރުސަތެއް ނުލިބުނީމައެވެ.
“ސްޓޭ ސްޓްރޯންގް މޭން..” ޔަޒްދާން ކޮނޑުގައި ޖަހާލަމުން ފައުޒާން ބުންޏެވެ. ހިނިތުންވުމާއެކު ޔަޒްދާން ބަލާލިއެވެ. ދެމީހުންނަށް ބަލަން ހުރެ އައިޒިން އޭނާގެ އަތުގައި އޮތް ދަބަސް ކޮނޑުގައި އަޅުވައިގެން ހިނގައިގަތެވެ. ޔަޒްދާން ގޮސް އައިޒިންއާ އެއްވަރު ކުރިއެއް ކަމަކު އޭނާއަށް ޔަޒްދާން ފެންނަކަމަކަށް ނުހެދިއެވެ.
އޭނާއާއެކު އައި ނުވަ މީހުންގެ ޓީމާއެކު ޔަޒްދާން ރަށަށް ދިއުމަށްޓަކައި ލޯންޗަށް އެރިއެވެ. އުމުރުން ބާވީސް އަހަރުގެ ޔަޒްދާން މަސައްކަތް ކުރަނީ އޭނާގެ ބައްޕަގެ ރަށުގައި ހުރި ޕޮލިސް ސްޓޭޝަންގައެވެ. އޭނާއަކީ އަޚްލާޤް ރަނގަޅު އެންމެންގެ އިހުތިރާމް ލިބިފައިވާ ޕޮލިހެކެވެ. ޔަޒްދާން އަކީ ޝަޔަމް ބައްޕަގެ އެއްބަނޑު އެއްބަފާ އަންހެން ކޮއްކޮގެ ހުރި ހަމައެކަނި ދަރިފުޅެވެ. އެރަށް ކައިރީ އޮންނަ ރަށަށް އޭނާއަށް އަންނަން ޖެހުނީ އެރަށުގައި ހިނގި ކުއްލި މަރަކާ ގުޅިގެން އެކަމުގެ އިންވެސްޓިގޭޝަންއެއް ކުރިއަށް ގެންދިއުމަށެވެ. ދެމަހެއްހާ ދުވަހު އެރަށުގައި މަޑުކުރުމަށްފަހު ޔަޒްދާން ރަށަށް ދާން މިއަދު ފުރަނީ އެކޭސް އެންމެ ފުރިހަމައަށް ނިންމާލުމަށްފަހުއެވެ.
“އަލްވަދާޢު” ދުރުން ފެންނަން އޮތް މަންހަލްގެ ރަށަށް ބަލަން ހުރުމަށްފަހު ހިތާހިތުން ޔަޒްދާން ކިޔާލިއެވެ.
ލޯ ހުޅުވާލުމާއެކު ފެނިގެން ދިޔައީ މަޑު އަޅި ކުލައެއްގެ ސީލިންއެކެވެ. ވަށައިގެން ބަލައިލުމާއެކު ފެނުނީ އެނދުގެ ކަނާއަތް ފަރާތުގައި ހުރި ބޮޑު ކްލޯސެޓެކެވެ. ގައިމަތީ އޮތް ބަރު ކުއިލްޓް ނަގަމުން މަޑުހިނގުމެއްގައި ގޮސް ހުއްޓިލީ އެނދުގެ ކުރިމަތީ ހުރި ޑްރެސިންގ ޓޭބަލް ކުރިމަތީއެވެ. އެއްވެސް އެއްޗެއް މަދުނުވާނެހެން ހުރިހާ ވައްތަރެއްގެ މޭކަޕް ސާމާނެއް ތަރުތީބުކަމާއެކު އެތަނުގައި އަތުރާލެވިފައި ހުއްޓެވެ. ޑްރެސިންގ ޓޭބަލްއާ އިންވެގެން ހުރީ ކުޑަ ކިޔަވާ މޭޒެކެވެ.
ދެން ނަޒަރު ހުއްޓުނީ އެއްފަރާތުގައި ހުރި ހުދު ކުލައިގެ ދޮރުފޮތިތަކަށެވެ. އިރުކޮޅަކު ދޮރުފޮތިތަކަށް ބަލަން ހުރުމަށްފަހު ގޮސް އެދޮރުފޮތިތައް އެއްފަރާތަކަށް ކަހާލިއެވެ. އެއާއެކު ފެނުނީ ބިއްލޫރި ދޮރުގެ ފަހަތުގައި އޮތް ބޮޑު ބެލްކަނީއެކެވެ. ދޮރު ކަހާލުމަށްފަހު ނިކުމެ މާގަސްތަކުން ފުރިފައިވަ އެތަނަށް ނަޒަރު ހިންގާލެވުނެވެ. ގަސްތަކުގެ ފަތްތައް ތެތްވެފައި ހުރި ގޮތުން ވާރެވެހުނީ ދެންމެކަން ހާމަވެއެވެ. އުޑުމައްޗަށް ބަލައިލުމާއެކު ހީވަނީ ދެންމެ ދެންމެ ވާރެ ވެހިދާނެ ހެންނެވެ. ބެލްކަނިން ހިޔާކޮށްފައި އޮތް ބައިން ނިކުމެ ދެލޯ މަރާލުމާއެކު އޭނާ ދެއަތް ފުޅާކޮށްލިއެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
12 Comments!
Comments are closed.




Mi part vx v Reethi masha allah
Can’t wait for next part
Thank you so much Cutie girl. In sha Allah next part Monday ga! ☺️🤍
Nice ❤️
Anne part please……….
Your so good at this
I love it ❤️👏
Thank you so much Azooo.. 🤍😊
In sha Allah soon.. mihaaru vaahaka submit kollaifin. Site in upload kuryma kiyalan libeyne!
mi vaahaka varah reethi
Thank you Browny egg! 😊🤍
v furihama..kon irakun thoq next part
Thank you! 😊🤍
Submit kollaifin. Esfiya site in vaahaka nerunyma kiyalan libeyne!
Masha Allah, Mi part ves vvv furihama, v curious vejje manhal aky kaakutho. Miulhenee i ves mi site ah vaahaka eh liyan fashan, u inspired me v bodah, can u give me a few tips. v bodu help akah vaane.
GOOD LUCK ON THE STORYYY <3
Hey someone.. Thank you so much for your support! ☺️🤍
Kuru vaahaka eh noony dhigu vaahaka eh tha liyany?
Ummm kuru vaahaka eh I guess, but ehaa kureh ves nuvaane, mihaaru miulhenee part one post kuran vegen 😊
Okayyy! Vaahaka kiyalafa comment eh kollanan ingey!😁🥰
Btw vaahaka nerefa Aayaa kairi bunahchey..