“މަންހަލް..” ފިރިހެން ކުއްޖާގެ ބަރު އަޑުވެސް ނިކުމެގެން އައީ ހަމަ އެވަގުތެވެ.
އެނދުގައި އޮތް މަންހަލް ދެފަރާތަށް ފުރޮޅެން ފެށިއެވެ. އޭރު އޭނާގެ ދުލުން ނިކުންނަމުން ދިޔައީ ‘ޔަޒްދާން’ގެ ނަމެވެ. ކުއްލިއަކަށް އޭނާ ތެދުވެ އެނދުގައި އިށީނެވެ. އަދި ދެފަރާތަށް ބަލައިލަމުން މަޑުއާހެއްގެ އަޑުބޭރުކޮށްލަމުން ބޮލުގައި އަތްއަޅާލިއެވެ.
“މިހާރު ތިންވަނަ ރޭ.. ޖެހިޖެހިގެން އެއް ހުވަފެނެއް.. ކީއްވެ؟ އަނެއްކާ.. އަނެއްކާ އަހަރެންނަށް ގޮތެއްވާން އުޅެނީތަ؟ ޔާﷲ މިއަޅާއަށް ސަލާމަތްތެރިކަން ދެއްވާށި!” ހިތާހިތުން މަންހަލް ކިޔާލިއެވެ. އިރުކޮޅަކު ފުން ވިސްނުމެއްގައި އެހެން އިނުމަށްފަހު އޭނާ ބަލައިލީ ކޮޓަރީގެ އަނެއް ފަރާތުގައި ހުރި އެނދަށެވެ. އެއާއެކު ދެލޯ ބޮޑުކޮށްލަމުން އޭނާ ލުއްކެއް ޖަހާފައި ތެދުވިއެވެ.
އެ އެނދުގައި އޮތް ދެ ބާލީސް ވަނީ ރޮށިފިހަން މީހަކު ވަށާފައި ހުރި ފުށްގުޅަތަކަކަށް ވެފައެވެ. ގޮދަޑީގައި އަޅާފައި އޮތް ބެޑްޝީޓްވެސް އޮތީ އެއް އަރިއަކަށް ކަހައިގެން ގޮސްފައެވެ. މަޑުމަޑުން ތެދުވެ މަންހަލް ކޮޓަރީގެ ބޮކިތައް ދިއްލާލިއެވެ. އެއާއެކު އަދި ފެނުނީ މާބިރުވެރި މަންޒަރެކެވެ. އެނދުން ފެށިގެން ކޮޓަރީގެ ދޮރާ ހަމައަށް އެޅިފައި ހުރީ ލޭގެ ތިކިތަކެކެވެ.
“ޝަޔޫ..” މަންހަލްގެ އަޑުގައި ވަނީ ހާސްކަމެވެ. އަވަސް ފިޔަވަޅުތަކެއްގައި އޭނާ ގޮސް ހުޅުވާލީ ހެދުން އަޅުވާ އަލަމާރިއެވެ. އެއަލަމާރި ތެރެއިން އޭނާއަށް ފެނުނީ ހުސްކަމެވެ. ޝަޔަމްގެ އެއްވެސް އަންނައުނެއް އެތާކު ނެތެވެ. ވޭނީ އަޑަކުން ޝަޔަމްގެ ނަން ކިޔާލަމުން މަންހަލް ބިންމައްޗަށް ތިރިވިއެވެ. މަންހަލްގެ ދެލޮލަށް ބޮނޑިވެގަތް ކަރުނަތައް އޭގެ މަޤާމް ދޫކޮށް އޭނާގެ ދޮން ކޯތާފަތަށް ބޮސްދޭންފެށީ އެވަގުތެވެ.
“ދަރިފުޅާ..” ފަހަތުން އިވިގެން ދިޔަ އަންހެނެއްގެ އަޑުން މަންހަލްގެ މޫނަށް ފޫހިކަން ވެރިވެގަތެވެ. އޯގާތެރިކަމަށް ހެދިގެން ގޮވާލި އެގޮވާލުމުގައި ފޮރުވިފައި ހުރި މަކަރުވެރިކަން މަންހަލްއަކަށް ސިއްރެއް ނުވިއެވެ. ފަހަތަށް އެނބުރިލަންވެސް ބޭނުން ނުވެފައި އޭނާ އިނީއެވެ.
“އަޅެ ޝަޔޫ ކޮބާތަ؟” ޙަމްދަރުދީގެ ރާގެއް އަޑަށް ވެރިކުރުވަމުން ޝަފްނާ ބުނެލިއެވެ. މަންހަލް އެއްވެސް އެއްޗެއް ނުބުނެ އިނީ ހިތުގައި ޖެހިފައި އިން ވަރުންނެވެ. އެހެންނޫނަސް ޝަފްނާއާ ވާހަކަދައްކަން އޭނާ ބޭނުމެއްވެސް ނުވެއެވެ.
“ވަރަށް ދެރަވާނެ ދޯ ޝަޔޫ ނެތިއްޔާ.. ކީއްކުރާނީވެސް.. އޭނާ އެދިޔައީ މަންނު އެކަނި ބަހައްޓާފަ.” ޝަފްނާ މަންހަލްގެ ކޮނޑުގައި ދެތިން ފަހަރަކު ޖަހާލަމުން ބުނެލިއެވެ.
“ޝަޔޫ.. ކޮންތާކަށް ދިޔައީ؟” ދެލޮލުން އައި ކަރުނަތައް ފުހެލަމުން މަންހަލް އެންމެ ފަހުން ކޮޅަށް ތެދުވެލިއެވެ. ދެންވެސް އޭނާ ހުރީ ޝަފްނާއަށް އޭނާގެ މޫނު ދައްކަން ބޭނުން ނުވެފައެވެ.
“އަޅޭ.. ހަމަ އެހާ ދެރަވެފާތަ ތިއިނީ؟ އެކަމު ޝަޔަމްއެއް ދެން ތީނަ ކައިރިއަކަށް ނާންނާނެ އިނގޭ..” ޝަފްނާ މަލާމާތުގެ ހިނިގަނޑެއް ޖަހާލިއެވެ. “ހުރިހާވެސް މައްސަލައަކީ ތި އިންސާނާގެ މަންމަ.. އޭނާ އަހަރުމެން ދެމީހުންގެ ދޭތެރެއަށް ނުވަންނަމަ ދޯ.. މިހުރިހާ ވަރެއް ތަހައްމަލް ކުރާކަށް ނުޖެހުނީނު މަންހަލްއަކަށް..”
ކިޔާނެހާ އެއްޗެއް ކިޔާފައި ޝަފްނާ ނިކުމެގެން ދިޔައެވެ. މަންހަލްގެ ބަޑި ފަޅައިގެން ދިޔައީ އެވަގުތެވެ. ގިސްލަ ގިސްލާފައި ރޯން ފެށުނެވެ. އެރުއިމުގެ އަސަރުން ކިތަންމެ ހަރު ހިތެއްވެސް މަޑުވެދާހާވެއެވެ. އެހާލެއްގައި އެފަކީރު އިންދާ ފަތިސް ނަމާދު ބަންގީގެ އަޑުން މުޅި ފަޒާ ގުގުމައިގެން ދިޔައެވެ. ވަގުތުން ދެލޯ ފުހެލަމުން މަންހަލް މިސްރާބުޖެހީ ފާހާނާއަށް ދިއުމަށެވެ. މޫނުދޮވެ ވުޟޫކޮށްގެން ނިކުމެ މަންހަލް ނަމާދަށް ތައްޔާރުވެ ނަމާދުކުރަން ފެށިއެވެ. ދެރަވެ އެކަނިވެރި އިޙްސާސް ކުރެވޭ ކޮންމެ ވަގުތެއްގައި މަންހަލް އެހިތާމަތައް ފިއްލަވާ ދެއްވުމަށް އެދި ދަންނަވަނީ މާތްﷲގެ ހަޟްރަތުންނެވެ.
އާދައިގެ މަތިން ފަތިސް ނަމާދުކޮށް ނިމިގެން މަންހަލް ބަދިގެތެރެއަށް ނިކުތީ ސައި ހަދާށެވެ. ޝަޔަމް ނޫޅޭތީ އޭނާގެ މަސައްކަތްތައްވެސް މިއަދު ކުރަން ޖެހޭނީ އޭނާއަށްކަން މަންހަލްއަށް އެނގެއެވެ. ސުކޫލަށް ދާން ނުޖެހޭތީއާއެކު މަންހަލްގެ މަސައްކަތްތައް ހުރީ ‘ޑަބަލް’ ވެފައެވެ. ޝަފްނާ އޭނާ ލައްވާ ތިން ހަތަރު ފަހަރަށްވެސް ގޭތެރެ ފޮޅާ މޮޕުލާން ހަވާލުކޮށްފާނެއެވެ.
“ވަރަށް އަވަހަށް ތިން ކޮފީ ގިރައިގެން ސިޓިން ރޫމަށް..” ބަދިގޭގެ ދޮރުން ބޯދިއްކޮށްލުމަށްފަހު ހަރުކަށިކަމާއެކު ޝަފްނާ ބުނެލިއެވެ.
“ލައްބަ..” ކޮށަން ހުރި ފިޔާތައް ބެހެއްޓުމަށްފަހު މަންހަލް އަވަސްވެގަތީ ކޮފީ ގިރާށެވެ.
ކޮފީ ތަށިތަށް ލާފައި ހުރި ތަބަށް ހިފައިގެން ސިޓިންގް ރޫމަށް ދިޔަ މަންހަލްގެ ޝައުގުވެރިކަން އަތުލައިގަތީ ޝަފްނާ ދައްކަމުން ދިޔަ ވާހަކަތަކަށެވެ. ކުރިއަށް ގޮސްގޮސް ހުރެފައިވެސް މަޑުކޮށްލީ އެމީހުން ދައްކަމުން ދިޔަ ވާހަކައެއް އަޑުއަހާލާ ހިތްވުމުންނެވެ.
“ޑައިރީގެ މަސައްކަތް ކިހިނެއް؟” ޝަފްނާ އަހާލިއަޑު އިވުނެވެ.
“ދެތިން ދުވަހެއްގެ ތެރޭގައި ނިމޭނެ ކަމަށް ބުނީ..” ދެން ވާހަކަދެއްކީ މަންހަލްއަށް އައު އަޑެއްގެ ވެރިއެއް ނޫނެވެ. ޖެންޑާ މިނިސްޓަރ އޭ ބުނެފިނަމަ ރާއްޖޭގެ ކޮންމެ މީހަކުގެ ދުލުންވެސް ނިކުންނާނީ އޭނާގެ ނަމެވެ. އާދަޔާ ހިލާފު ނުފޫޒުވެރި މީހެއްގެ ގޮތުގައި އެންމެންވެސް ސިފަކުރާ މީހެކެވެ.
“ޑޯންޓް ވޮރީ.. މަށަށް ވާވަރަށް ޕެއި ކުރަންޏާ އެމީހުންނަށް އެއްވެސް ހެތްކެއް ހޯދަން ނުކެރޭވަރު ކުރާނަން..” ދެން ވާހަކަދެއްކީ ފިރިހެނެކެވެ. އެއީވެސް މީގެ ކުރިން އެގެއަށް ޝަފްނާއާއެކު އައިސް އުޅޭ މީހެކެވެ.
“ތިމީހުންގެ މަސައްކަތްތައް އަވަހަށް ނިންމަން ޖެހޭ.. މަށަށް ހީވޭ ކަންތައްތައް ވަރަށް ގޯހުން ހިނގައިދާނެހެން.. ޝަޔަމްވެސް އަވަހަށް މާލެ މިފޮނުވާލީ އެހެންވެ. ލިއާމް އެކޮޅަށް ފޮނުވީ ކަމެއް ވާނޭ ހިތާ. އެކަމަކުވެސް ހުރިހާ ކަމެއް މިދަނީ ގޯހުން ގޯހަށް. އެއްކަމެއްވެސް ވާ މީހެއް ނޫންއެއީކީ. އަހަރެން އެބަ ޕްލޭން ކުރަން ވަރަށް އަވަހަށް ތައިލޭންޑް އަށް ދާން.” ޝަފްނާ ވައި އަޑުން ބުނެލި ވާހަކަ މަންހަލްއަށް އިވުނީ ކިރިޔާއެވެ. ނަމަވެސް އިތުރަށް އެމައުޟޫއަށް އެމީހުން އެއްޗެއް ނުބުނުމުން މަންހަލް އަނެއްކާވެސް ކުރިއަށް ހިނގައިގަތެވެ.
ކޮފީ ތަބަށް ހިފައިގެން ގޮސް ޝަފްނާގެ ކުރިމަތީ ހުއްޓުމާއެކު އެއްވެސް ފަރުވާލެއް ނެތް ގޮތަކަށް ކޮފީ ތަށި ނަގާ އޭނާ ކޯވަރެއް ބޯލިއެވެ. ޝަފްނާގެ ކައިރީ ހުރި ސޯފާގައި އިން މުރްޝިދާ ކޮފީ ތަށި ނެގުމަށްފަހު މޫނަށް ފޫހި ވައްތަރެއް ޖައްސާލިއެވެ. އެންމެ ފަހުން އެމީހުންގެ ކުރިމަތީ ހުރި ސޯފާގައި އިން ޒިއާމްގެ ގާތަށް ގޮސް މަންހަލް ހުއްޓިލީ ތެޅި ތެޅި އޮތް ހިތަކާއެކީއެވެ. ސަބަބެއްވެސް ނެތީމައެއް ނޫނެވެ. މަންހަލް ފެނުނީއްސުރެ އެއިނީ ކަޅިޖަހާ ނުލާ އޭނައަށް ބަލަން ވިއްޔާއެވެ.
“ހާދަ ރީއްޗޭ..” ކަނާއަތުން ކޮފީ ތަށި ނަގަމުން ޒިއާމް ފަރުވާތެރި ކަމާއެކު މަންހަލްގެ މޫނަށް ބަލައިލިއެވެ. އެއަށްފަހު މަޑުމަޑުން އޭނާގެ ވާއަތް ގެންގޮސް މަންހަލްގެ އަތްތިލައިގައި ހިފާލިއެވެ. އެއާއެކު ސިހިފައި މަންހަލް ޒިއާމްގެ އަތް ފޮޅުވާލިއެވެ. ޒިއާމްގެ އަނގައިން ނުކުތް މަޑު ހުނުމާއެކު މަންހަލްގެ ފޫހިކަންވީ އިތުރެވެ. އަވަސް އަވަހަށް ސިޓިންގް ރޫމުން ނިކުންނަން އޭނާ ދިޔައެވެ.
“ހަހް.. ނޭނގެ އަހަރެން ވަރުގެ ކިތައް ކުދިން ތިބޭ ކަމެއްވެސް.. ކާފަވެސް ކިޔަފާނެ..” ދެލޯ މައްޗަށް ނަގާލަމުން މަންހަލް ހިތާހިތުން ކިޔާލިއެވެ.
“ހަމަ މިހާރު ހުއްޓޭ..” އިވިގެން ދިޔަ މުރުޝިދާގެ ބާރު އަޑާއެކު މަންހަލްގެ ފިޔަވަޅުތައް މަޑުޖެހުނެވެ. ހިތް ނެގިނެގިފައި ޖެހެންފެށިއެވެ. ފަހަތަށް އެނބުރިލަން ވެސް ނުކެރިފައި ހުއްޓާ މުރުޝިދާ ހިނގާފައި އައިސް އޭނާގެ އަތުގައި ހިފާ ލުއްކިއެއް ޖަހާލިއެވެ. ނުވިސްނާ ހުރި މަންހަލް ވެއްޓެން ދިޔައެވެ. އޭނާގެ ބޯ ޖެހުނީ ދޮރު ކަނީގައެވެ. ވީ ތަދުން އޭނާއަށް ހަޅެއް ލަވައިގަނެވުނެވެ.
“މިއަށްވުރެ ފޮނި މަޑުކޮށް ކޮފީ ގިރަން ނޭނގުނުތަ؟” މުރުޝިދާ އަތުގައި އޮތް ކޮފީތަށި އަރިކޮށްލިއެވެ. މަންހަލްއަށް މޫނުގައި އަތްއަޅާ އިދިފުށަށް އެނބުރިލެވުނީ ކިރިޔާއެވެ. އާބިއަރައަރާ ހުރި ކޮފީތައް ވެރުނީ އޭނާގެ އަތަށެވެ. ދިލަނަގައިގެން މަންހަލް އުޅެންފެށި ގޮތުން މުރުޝިދާ ޖަހާލީ މަލާމާތުގެ ހިނިގަނޑެކެވެ. މަންޒަރު ބަލަން ޝަފްނާވެސް އިނީ ހެވިފައެވެ.
“ބްރިންގް މީ ވަން ކޮފީ. ވިތައުޓް ޝުގާ.. ޕްލީޒް.” ކޮނޑާ ހިސާބަށް ދިގުކޮށްފައިވާ ބުޅި އިސްތަށިގަނޑުން ބައެއް އަތުގައި އޮޅާލަމުން މުރުޝިދާ ވާހަކަދެއްކިއެވެ. ގައިގައި އަޅަމުން ދިޔަ ވޭނަށް ކެތްކުރަމުން މަންހަލް ތެދުވެ ބިންމަތީގައި އިށީނެވެ. އެއާއެކު އަރައިގެން ހުރި އުސްކުރި ބޫޓާއެކު މުރުޝިދާ އެރީ މަންހަލްގެ ކަނާއަތް މައްޗަށެވެ. އަނެއްކާވެސް އޭނާއަށް ހަޅެއް ލަވައިގަނެވުނެވެ. ގައިގައި އެޅި ވޭން އެނގޭނީ ހެއްދެވި ފަރާތަށެވެ.
“އޫޕްސް ސޮރީ..” މަންހަލްގެ މޫނުމަތީގައި ޝަހާދަތް އިނގިލިން ފިރުމާލުމަށްފަހު އޭނާ އައީ ސޯފާތައް ކައިރިއަށެވެ.
“މުރޫ ކިހިނެއްތަ ތިހަދަނީ؟ ކިހާ ސަޅި ކުއްޖެއް އެއީ…” ޒިއާމް ބުނެލި ވާހަކަތަކުން މަންހަލްގެ ހިތަށް ބިރުވެރިކަން ވަނެވެ. މަންޒަރު ބަލަން އިންނާކަށް ޒިއާމްއަށް ކެތެއްނުވިއެވެ. ދިގު ފިޔަވަޅުތަކެއްގައި އައިސް އޭނާ މަންހަލް ތެދުވުމަށް އެހީވެދިނެވެ. މީހެއްގެ އެހީއަކަށް ނުހަނު ބޭނުންވެފައި އިން މަންހަލް ބޭނުންނުވިއަސް އޭނާއަށް ޖެހުނީ ޒިއާމްގެ އެހީ ގަބޫލުކުރާށެވެ.
“އަހަރެން އެބަ ހިތަށް އަރައޭ ޒިއާމްއަށް އެއްކޮށް އޭނާ ދޭން.. މަގޭ ބޮލަށް ފަސޭހަވާނެއްނު.. މިވެސް އޭނާގެ ބަފާ ކަންތަކޭ.. ގޮތް ދޫކުރަން ނޭނގޭ މީހެއް.” ޗޮކެއް ކަނޑާލަމުން ޝަފްނާ ބުންޏެވެ.
“އަތަށް ފެންކޮޅެއް އަޅާލައިގެން އަންނަންދޭ. އައިމަ އަތުގައި އުނގުޅާލަން ބޭހެއް ދޭނަން..” ފިހިފައި އޮތް މަންހަލްގެ އަތުގައި ހިފާ މަޑުމަޑުން ފިރުމާލަމުން ޒިއާމް ބުނެލިއެވެ. ޒިއާމްގެ އަތް ފޮޅުވާލަމުން މަޑު ހިނގުމެއްގައި އޭނާ މިސްރާބު ޖެހީ ބަދިގެއަށެވެ. އެހެނަސް އޭނާގެ ފިޔަވަޅުތައް މަޑުޖެހުނީ ޝަފްނާ އައިސް އޭނާގެ ކޮނޑުގައި ހިފާ ޝަފްނާއާ ވީކޮޅަށް އަނބުރާލުމުންނެވެ.
“ޓޭކް އަ ޕިކްޗަރ..” ކައިރީ ހުރި މުރުޝިދާއަށް ބަލައިލަމުން ޝަފްނާ އަމުރުކޮށްލިއެވެ. ” ސެންޑް އިޓް ޓު ލިއާމް..”
ޝަފްނާ އެދުނު ފަދައިން މުރުޝިދާ، މަންހަލްގެ އަތް އޭނާގެ މޫނާއި އެއްކޮށް ފޮޓޯ ނެގިއެވެ. އެއަށްފަހު އޭތި ފޮނުވީ ލިއާމް ޖަހާފައި އިން މީހެއްގެ އެކައުންޓަށެވެ. އޭނާ މަންހަލް ކުރިއަށް ކޮށްޕާލުމައެކު މަންހަލް މަޑުމަޑުން ހިނގާފައި މިސްރާބު ޖެހީ ބަދިގެއަށް ވަންނާށެވެ.
“ސީރިއަސް ވާހަކައެކޭ.. އަހަރެން ކުރާ މަސައްކަތުގެ ރިވާޑެއް ގޮތަށް..” މަންހަލް ދިޔަ ދިމާއަށް ބަލަން ހުރުމަށްފަހު އެނބުރި ސޯފާތަކާ ދިމައަށް ހިނގައިގަންނަމުން ޒިއާމް ބުނެލިއެވެ. މުރުޝިދާއާ ޝަފްނާ ޖަހާލީ ހިނިގަނޑެކެވެ.
“އަ.. އާހް..” ފެނުގައި ފުރަތަމަ އަތް ޖެހުމާއެކު ވެސް މަންހަލްގެ އަތުން ދިލަނަގައިގަތެވެ. ނުހަނު ކެތްކުރަމުން އޭނާ އަތް އެއްކޮށް, އިސްކޫރުން ފައިބަމުންދިޔަ ފެންތަކަށް ދިއްކުރިއެވެ. އޭރު ހިފެހެޓުމެއްނެތި އޭނާގެ ލޮލުން ފައިބައިގެންދާ ކަރުނަތައް ސިންކުގައި ހުރި ފެންތަކާއެކުވެއެވެ. ތުންފަތުގައި ދަތްއަޅާ ބާރުކޮށްގެން ގިސްލުން ހިންދަން އުޅުނަސް އޭނާއަށް މުޅިއަކުން އެކަމެއް ކާމިޔާބެއް ނުވިއެވެ.
“ބައްޕާ.. ދޮންބެ.. ސޭވް މީ.. ޕްލީޒް..” ވައި އަޑުން މަންހަލް ކިޔާލިއެވެ.
“ވީކަމެއް ބުނީމައެއްނު އެނގޭނީ.. ފޯނު ނިއްވާލައިގެން އުޅުނަސް ނޭނގޭނެ ދޯ..” ކޮޓަރީގެ ދެކޮޅަށް ހިނގަމުން ދިޔަ ޔަޒްދާން އިރުކޮޅުކޮޅުން ފޯނު ކަންފަތުގައި ޖައްސާލައެވެ.
“އަޅެ ކާކަށްތަ ނުގުޅިގެން ތިއުޅެނީ؟” އެނދުމަތީގައި ޕަބްޖީ ކުޅެން އޮތް އައިޒިންއަށް ކެތްނުވެގެން އެންމެ ފަހުން އަހާލިއެވެ.
“ލޯބިވެރިޔާ އާ ކަންނޭނގެއްނު. މިރަށަށް އައި ފަހުން އެސޮރު ވަރަށް ހިންގާލައޭ އެބަ..” އައިޒިން އޮތް އެނދުގެ މަތީބައިގައި އޮތް ފައުޒާންވެސް ވާހަކައިގައި ބައިވެރިވެލިއެވެ.
“ކަލޭމެން ވެސް ތިބޭ ޖެއްސުން ކުރަން.. އިއްޔެ އޭނާ ކިއީ މަންމަ އަހަރެން ބަލައިކަންނޭނގޭ އައިސް އެއުޅެނީ.. މިހާރު ފޯނު އެއޮތީ ނިއްވާލާފަ.” ޔަޒްދާން ފުންނޭވައެއް ދޫކޮށްލަމުން އިށީނީ އައިޒިންމެން ތިބި އެނދާ ކުރިމަތިވާނެހެން ހުރި ސިންގަލް އެނދުގައެވެ.
“އަދި އިރު ނާރައިގެން އެއުޅެނީ.. ހާސްވާކަށް ނުވެއެއްނު. އެމަންޖެ ނިދާވެސް ނުހޭލާނެ އަދި..” އައިޒިން ބުންޏެވެ.
“ކިތައްފަހަރު ބުނަންވީ އެއީ މަގޭ ކަޒިންއޭ..” އެނދުމަތިން ބާލީހެއް ނަގާ އައިޒިންއާ ދިމާލަށް އޭނާ ހޫރާލިއެވެ.
“ހުމް.. ކަޒިންއަށްތަ ޕްރޮޕޯސް ކުރަނީވެސް؟” ލާނެތް ރާގަކަށް ފައުޒާން ބުންޏެވެ.
“އޭ މަ އަދި އެކަކަށްވެސް ޕްރޮޕޯސްއެއް ނުކުރަމޭ ބްރޯ..” ދެވަނަ ބާލީސް ޔަޒްދާން އަމާޒު ކުރީ ފައުޒާންއަށެވެ. ޕަބްޖީ ގަނޑުން ނުބައިވެގެން އޭރު އެސޮރު ޗުސް ތަޅަނީއެވެ.
“މިއޮތީ ފޮޓޯ..” އިރުކޮޅެއް ވަންދެން ފޯނު ހާވަން އިނުމަށްފަހު ފައުޒާން ފޮޓޮއެއް ދައްކާލިއެވެ. އެއީ އެންމެ ފަހުން އޭނާ މަންހަލް މެންނާއެކު ގޮނޑުދޮށަށް ގޮސް އުޅުނު އިރު ނަގާފައި އިން ފޮޓޮއެކެވެ. ޔަޒްދާން އިނީ މަންހަލްގެ ކުރިމައްޗަށް އެއްފައި މަައްޗަށް ތިރިވެގެންނެވެ. ބޮޑަށް ޒޫމް ކުރެވިފައި ހުރުމުން އެފޮޓޯ ނަގާފައި ހުރީ ދުރުންކަން އިނގެއެވެ.
“ކަލޭމެން މިހާރު މަށާ ފާރަލަނީތަ؟ ހަމަ މިހާރު ފޮޓޯ ޑިލީޓް ކުރޭ..” ދެލޯ ބޮޑުކޮށްގެން އިނދެ ޔަޒްދާން ބުނެލިއެވެ. އައިޒިން އާއި ފައުޒާން ފެށީ ހޭށެވެ. އެމީހުންނަށް ދެލޯ އަޅަމުން ޔަޒްދާން އަނެއްކާވެސް ފޯނު ނަގާ ޝަޔަމްއަށް ގުޅޭތޯ މަސައްކަތްކުރިއެވެ.
“ކަމެއް ވެއްޖެ.. ރޭގަ އެހެން ކަހަލަ ހުވަފެނެއްވެސް ފެނުން.” ފޯނު ކަންފަތާ ދުރުކޮށްލަމުން ޔަޒްދާން ބުނެލިއެވެ. އެމޫނުމަތީ އޭރު ހުރީ ސީރިއަސްކަމެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.




V reethi vaahaka eh. Eagerly waiting for the next episode!
Thank you!!☺️
Kon dhuvas thakaku mi vaahaka upload kurany… mashaa allah mi part vx varah varah reethi.. can’t wait for next part..
Thank you Fan!☺️🤍
Every Monday and Thursday in sha Allah.
Nice story 😄 vv reethi Masha Allah ❤️
Can’t wait for next part…. 🥰
Thank you Yoonus!☺️🤍