އައިނާ 3 (5)
ފަސްވަނަބައި
ނިދާލަން ބޭނުންވާކަމަށް އަޝްހާ ބުނެލިއެވެ. އަޝްހާ އަށް ނިދެންދެން ނައިލް އަޝްހާގެ ކައިރީގައި އެނދުގެ ތިރީގައި އިށިންދެލައިގެން އިނެވެ. އެހެން ހުއްޓައި ނައިލް އަށް ވެސް ނިދުނެވެ.
***
އަޝްހާ އަށް ހޭލެވުނީ ފަތިސްނަމާދުގެ ބަންގީގެ އަޑަށެވެ. އޭނާ އަށް ހޭލެވުނުއިރު އޭނާގެ ކައިރީގައި ނިދިފައި އިން ނައިލް ފެނުނެވެ. ރޭހަތަރުދަމު އެހެން އިނދެ ނައިލް އަށް ނިދުނީތީވެ އަޝްހާ ދެރަވިއެވެ.
“ނައިލް.. ނައިލް.. ތެދުވޭ.. ބަންގި ގޮވައިފި..” އަޝްހާ ނައިލްގެ ގައިގައި ކޮއްޓާލަމުން ބުނެލިއެވެ. ނިދިން ބަރުވެފައިވާ ދެލޯ ނުހުޅުވާ ނައިލް ހޫން ލައްވާލިއެވެ. އަދި އެއްލޯ ހުޅުވާލުމަށްފަހު އަޝްހާއަށް ބަލާލިއެވެ. ދެމީހުން ދެމީހުންނަށް ބަލާލުމަށްފަހު ހިނިތުން ވެލިއެވެ. އަޝްހާގެ ކޮލަށް ދޮނެއްދިފައި ނައިލް ފާހާނައަށްވަދެ އަވަސް އަވަސް ކޮށްލައިގެން މިސްކިތައް ދިއުމަށް ކޮޓަރިން ނިކުތެވެ.
***
އޭގެފަހުން ހަފްތާއެއްވިއިރު އަޝްހާ ދިޔައީ ޝީންގެ ހަރަކާތްތައް ފާރަވެރިއެއްހެން ބަލަމުންނެވެ. ޝީންގެ ނަޒަރު ނައިލް އަށް ހުއްތިފައި ހުންނައިރު އެލޮލުގައިވާ ވިދުމުން ޝީން އަށް ނައިލް އަކީ ރައްޓެއްސަކަށްވުރެ ގާތް މީހެއްގެ ބެލުންކަން އަޝްހާ ޔަގީންވާހާ ގާތްވިއެވެ.
އަޝްހާ ރުޅި އައެވެ. އަދި އެހާމެ ދެރަވެސް ވިއެވެ. ސަބަބަކީ ޝީންގެ ހަރަކާތްތައް އެގޮތަށް ހުންނައިރު ނައިލް އަށް ފާހަގަ ނުވާތީވެއެވެ. އަދި އޭނާގެ އިހުސާސްތައް ނައިލް އަށް ނޭނގޭހެން އަޝްހާ އަށް ހީވާތީވެއެވެ. އަޝްހާ އޭނާގެ އިހުސާސްތައް ފޮރުވޭ ގޮތެއްނުވިއެވެ. އަޝްހާގެ ކަންބޮޑުވުން ފެނި އައިނާ ސުވާލުކުރުމުންވެސް އަޝްހާއަށް އެދެވޭ ޖަވާބެއް ނުދެވުނެވެ. ސަބަބަކީ އެއީ އެދެމަފިރިން ހައްލުކުރަންޖެހޭ ކަމަކަށް ވާތީވެއެވެ. ކައިވެނީ ކުރީކޮޅު މިދިމާވި ކަމަކުން އަޝްހާ މުޅިން ބޯގޮވައިފިއެވެ.
އަނެއްކޮޅުން ނައުފް އެވެ. އައިނާ ފެންނަން ހުރިއްޔާ އޭނާގެ ހިޔަނިހެން ނައުފް އުޅެން ފެށިއެވެ. އައިނާގެ ގާތުން އަބަދުވެސް ކޮންމެވެސް ކަމެއް އޮޅުން ފިލުވޭތޯ ނައުފް އުޅެއެވެ. އެހެންވެގެން އައިނާ ނައުފާއި ވީހާވެސް ދުރުން އުޅެންފެށިއެވެ. ބޭރަށް ނިކުތުން މަދުވިއެވެ. އަމުދުން އެކަންޏެވެ. ގޭތެރޭގައި އުޅެއިރުވެސް އަބަދުވެސް ހިޝާން ނޫނީ އޭނާގެ މަންމަ ގޮވައިގެން އައިނާ އުޅެންފެށިއެވެ. އަރިން ހުއްޓަސްވެސް އަންނާތީވެއެވެ.
***
އޭގެ ދުވަސްކޮޅެއްފަހެވެ. ހެނދުނުގެ ނާސްތާ އެންމެން ކްރިސްޓަލްގޭގައި ކުރި ދުވަހެކެވެ. އިސްރާއާއި އަނީލް އާއި އިޔާޒުއާއި އާޝިޔާގެ އިތުރުން މަރިޔަމް އާއި ހުމައިދު އާއި ޚަދީޖާ ބޭރު ހަޓުގައި އަނގަތަޅާލަން ތިއްބެވެ. ކުދިވެރިން އެވެރިން ކައިރީގައި ކުޅެން ތިބިއިރު އެހެން ވެރިން ތިބީ ލިވިންގ ރޫމްގައެވެ. ނައުފް އާއި ޝީންވެސް މެއެވެ.
ފޫހިވެފައި އެއްޗެނަލް އިން އަނެއް ޗެނަލް އަށް ބަދަލުކުރަމުން ދިޔައެވެ. އައިނާ އާއި ހިޝާން ތިންމީހުންނަށް ތިބެވޭ ބޮޑު ސޯފާގެ އެއްކޮޅުގައި ތިބިއިރު އަނެއްކޮޅުގައި އަޝްހާ އާއި ނައިލް އެވެ. ނައުފް އިނީ ވަކިން އިން ސޯފާގައި ފޯނަށް ގެއްލިފައި އެވެ. ޝީން އިނީ ކާގެއިން ގޮނޑި އެއް ގެނެސްގެންނެވެ.
“ހިނގާ މިރޭ ފިލްމެއް ބަލަން..” އެހެން އޮވެފައި އަޝްހާ ޚިޔާލެއް ދިނެވެ.
“އަސްލުވެސް ހިނގާ ދޯ..” ފުރުސަތުގެ ބޭނުން ހިފައި ނައުފް ވަގުތުން ޖަވާބު ދިނެވެ.
އަޝްހާއާއި އައިނާއަށް ވަގުތުން ދެމީހުން ދެމީހުންނަށް ބަލާލެވުނެވެ. އަޝްހާ އެހެން އެބުނީ ހަމައެކަނި އެހަތަރުމީހުންނަށްކަން އައިނާއަށް ރަނގަޅަށް އެނގެއެވެ. އެތާގައި އެހެން ބައެއް ތިބިކަން އަޝްހާ ހަނދާން ނެތުނީއެވެ. ދެން ކުރެވޭނޭ ކަމެއް ނެތެވެ. ނައުފް އާއި ޝީންވެސް ލައިގެން އެރޭގައި ފިލްމު ބަލަން ނިންމިއެވެ.
***
ހާޖަރާމަންޒިލްގޭ ޓެރަސްވަނީ ރީތިގޮތަކަށް ތައްޔާރު ކުރެވިފައެވެ. ކުދިކުދި ބޮކި ބޭނުންކޮށްގެން ފަނޑު އަލިކަމެއް އޮތް އިރު އެތާގައި ހަތަރު ސޯފާ އިނެވެ. ދެމީހުންނަށް އިށީންދެވޭގޮތައް ހުރި ދެ ސޯފާ އާއި އެކަކަށް އިނދެވޭ ވަރުގެ ތިން ސޯފާއެވެ. މެދުގައި ބޮޑު މޭޒެއް އިންއިރު އޭގެމަތި ވަނީ ކާއެއްޗެހިން ފުރިފައެވެ. ޕިއްޒާ އާއި ސޭންޑްވިޗާއި ޕާސްތާގެވެސް ދެވައްތަރެއް ހުއްޓެވެ. އެކިކަހަލަގެ ލުއި ކާނާގެ ވައްތަރުތައްވެސް ހުއްޓެވެ. އަޝްހާ އާއި އައިނާގެ ބުރަމަސައްކަތެވެ.
ނުވައެއް ޖަހާއިރަށް އެންމެން ހާޖަރާމަންޒިލްއަށް އަތުވިއެވެ. މަޑުނުކޮށް އެންމެން ވެސް ޓެރަހަށް އެރިއެވެ. ނަމަވެސް އޭރު ނައުފް އަދި ނުނިކުމެއެވެ. ޓެރަހަށް އެރިއިރު ތައްޔާރީތައް ހަމަޖެހިފައި ހުރިގޮތް ޝީން އަކަށް ކަމަކު ނުދިޔައެވެ. ތަންތަން ބަލާފައި ނައިލް އެންމެ ކައިރީގައި ދެމީހުންނަށް އިނދެވޭ ސޯފާގައި އިށީނެވެ. “އަޝް……………..” ނައިލް އަޝްހާ އަށް ގޮވާލަން އަނގަހުޅުވާލި ނަމަވެސް ސިއްސައިގެން ދިޔައީ ޝީންގެ ހަރަކާތުންނެވެ. އަޝްހާ ގޮސް ގޮސް އޮށްވާ މާބާރަށް ގޮސް ނައިލްގެ ގާތު އިށީނެވެ. އިތުރު މީހަކަށް ނީށީންދެވޭގޮތަށް އެއްފައި އަރުވައިގެން އެޖާގަވެސް ހުސްކޮށްލިއެވެ.
އަޝްހާ ދިޔައީ ސިއްސައިގެންނެވެ. އަޝްހާ އެކަންޏެއް ނޫނެވެ. އައިނާ އާއި ހިޝާންވެސް މެއެވެ. އަޝްހާގެ ހަނދުއޮށްސުނުމޫނު އައިނާ ދެނެގަތެވެ. އެކަން އެންމެން ތިއްބައި އަޝްހާ ބޮޑުކަމަކަށް ހަދަން ބޭނުން ނުވާނެކަން އެނގޭތީވެ އައިނާ އަޝްހާގެ އަތުގައި ހިފައިގެން ދެން އިން ބޮޑުސޯފާއަށް މިސްރާބުޖެހިއެވެ. އައިނާ އާއި ހިޝާންގެ އިތުރުން އަޝްހާ ތިބީ އެތާގައެވެ. އަޝްހާއަށް އިރުއިރު ކޮޅާ އެދިމާއަށް ބެލެއެވެ. ނައިލް އަށްވެސް އަޝްހާގެ ހަރަކާތް ދެނެގަތެވެ. ޝީންދެކެ އިންތިހާއަށް ރުޅިއައެވެ. ނަމަވެސް އޭނާއަށް ޝީން ފޮނުވާލާކަށް ނުކެރެއެވެ.
ޝީން އަކީ ނައިލްގެ މަންމަ އާއި ބައްޕަގެ ވަރަށް ގާތް އެކުވެރިއެއްގެ ހުރި ހަމައެކަނި އަންހެން ދަރިއެވެ. މަންމަ އާއި ބައްޕަ އާއި އަރާރުންވެ ޝީން ގެއިން ނިކުތް ކަމަށް ބުނެ ނައިލް އަށް ގުޅިއެވެ. އަދި ކުޑަ ދުވަސްކޮޅަކަށް ނައިލް އާއި އެކު އެރަށުގައި ހުރުމަށް ބޭނުންވީތީވެ ނައިލް އެއްބަސްވީ އޭނާގެ މައިންބަފައިންގެ އެދުމުގެ މަތިންނެވެ. ހަމައެކާއެކު ޝީންވަނީ އޭނާގެ ކުރީގެ ލޯބިވެރިއެއް އޭނާ އުޅޭތާކުން ހޯދައިގެން އުނދަގޫކުރާކަމަށް ބުނެފައެވެ. އެހެންވެ ފިލަންވެގެން ނައިލް އާއެއްކޮށް ފޮނުވަން ނައިލްގެ މައިންބަފައިން އެދުނީ ޝީން ރުޅިއައިސްދާނެ ގޮތަކަށް ކަންތައް ނުކުރުމަށް އެދިފައެވެ.
ނައިލް އަށް ނޭނގުނު ކަމަކީ ޝީންއެއުޅެނީ އެދެމީހުންގެ ކައިވެނި ރޫޅާލަން ކަމާއި ނައިލްގެ ދަހިވެތި ކަމުގައި ކަމެވެ. ކުރީގެ ލޯބިވެރިއެއްނުވެސް ހުންނައިރު، ނައިލްގެ މައިންބަފައިން ކައިރީގައި ދޮގުހަދައިގެން ރަހުމް ހޯދައިގެންހުރެއެވެ. ނައިލްގެ ކައިވެނީ ޚަބަރު ލިބި ޝީން މޮޔަނުވީ ކިރިޔާއެވެ. އެންމެ ކުޑައިރުއްސުރެ ހުރިހާ ހުވަފެންތަކެއް ދެކެމުން އައީ އޭގައި ނައިލް ހިއްސާވާ ގޮތަށެވެ. ނަމަވެސް އެހުވަފެންތަކުގައި ކުލަނުޖެހެނީސް ނައިލް ގެއްލުމުން ޝިން ބޭނުންވީ ނުރަނގަޅު ކަމެއް ކޮށްގެންވެސް ނައިލް ހޯދާށެވެ.
އެރޭގައި އަޝްހާ ހުރީ ފިލްމު ބަލާހިތްވެސް ނުވެފައެވެ. ފިލްމައްވުރެ އޭނާ އަޝްހާއަށް ބެލެނީ ނައިލް އާއި ޝީން އަށެވެ. ބިރުވެރި މަންޒަރެއް ފެންނަ ކޮންމެ ވަގުތަކު ޝީން ނައިލްއާއި ކައިރިވާން އުޅޭ ގޮތް ފެނިފައި އަޝްހާއަށް އިސްޖަހާލެވެނީ ލޮލައް އެއްވާ ހޫނު ކަރުނަތައް އޮއްބާލާށެވެ.
ތިން ގަޑިއިރު ތެރޭގައި ފިލްމު ނިމުނެވެ. އައިނާ އޭނާ އެކަނި އެތަން ސާފުކޮށްލާނަމޭ ބުނުމުން އަޝްހާ ތިރިއަށްދާން ހިނގައިގަތެވެ. ފަހަތުން ނައިލްވެސް ދިޔައެވެ. ޕާކުކޮށްފައިވާ ސައިކަލު ހިފައިގެން ނައިލް އައިސް އަޝްހާގެ ކައިރީގައި މަޑުކޮށްލިއެވެ. އޭރު ޝީންވެސް އަޝްހާގެ ގާތުގައި ހުއްޓެވެ.
“ނައިލް އަހަރެން ވަރަށް އަވަހަށް ގެއަށްލާން ހިނގާބަލަ.. ފާހާނައަށް ވަންނަން ވެގެން..” ޝީން ތުއިވެލާފައި ބުނެލިއިރު އެކަން ހަމަ ޔަގީނުންވެސް އަޝްހާއަށް ފާހަގަވިއެވެ.
“އަޝޫ މިތާގައި މަޑުކޮށްލަ އަހަރެން މިއަންނަނީ..” ނައިލްގެ މިބަސްތައް އަޝްހާގެ ހިތުގައި ކޫރުމެއް އަޅުވާލިއެވެ. ފުރަތަމަ ފަހަރަށް ނައިލްެ މައްޗައް އަޝްހާގެ ހިތުގައި އެތަކެއް ޝަކުވާތަކެއް އުފެދުނެވެ. ނައިލް ކީއްވެހެއްޔެވެ. އައިނާ އަށް ގޮވާލުމުން އެގޭގެ ފާހާނައަށްވެސް ވަދެވުނީހެވެ. ހަމަ ޔަގީނުންވެސް މިވަގުތު އަޝްހާގެ ހިތުގައި ޖެހިފައި ހުރިވަރު ނައިލް އަށް ނޭނގިއެއް ނުހުންނާނެކަން އަޝްހާއަށްވެސް އެނގެއެވެ. ޝީން އެގޮތައް ގެންދިޔުމަކީ މާބޮޑުކަމެއްހެން ނައިލްއަށް ހީނުވެދާނެއެވެ. ޝީންގެ ނިޔަތް ހުންނަގޮތް އަޝްހާއަށް ކަމުނުދަނީ އެވެ.
ނައިލް އަންނަންދެން މަޑުވެސް ނުކޮށް އަޝްހާ ހިނގައި ގަތެވެ. ގެއާއި ވީހާއިވެސް ދުރުމަގުތަކުން އަޝްހާ ހިނގަމުން ދިޔައެވެ. އަޝްހާ ބަލައި ނައިލް އައިއިރު އެތާގައި އަޝްހާ ނެތުމުން ނައިލް ކަންބޮޑުވިއެވެ. ވަގުތުން އަޝްހާގެ ފޯނަށް ނައިލް ގުޅިއެވެ. ދެފަހަރު ގުޅުމުންވެސް ބިޒީ ކޮށްލީއެވެ. ތިންވަނަފަހަރު ގުޅިއިރު އޮތީ ނިއްވާލާފައެވެ. ނައިލް ކަންބޮޑުވިއެވެ. އައިނާއަށްވެސް ގުޅިއެވެ. ނަމަވެސް އެގޭގައި ނެތުމުން ނައިލް އަދި ވަކިން ކަންބޮޑުވިއެވެ.
އަޝްހާ ދާނެހެން ހީވާމަގުތަކުން ދުއްވަމުން ނައިލް ގެންދިޔައެވެ. ކްރިސްޓަލްގެ އާއި ހާޖަރާމަންޒިލްގެ ހުންނަނީ ފުދޭވަރަކަށް ދުރުގައި ކަމުން ނައިލް އަށް އަޝްހާ ހޯދަން އުނދަގޫވިއެވެ. މިއިން ދުވަހަކު ނައިލް ނުވެސް ދުއްވާ މަގުތަކުން ދުއްވަމުންދިޔައެވެ.
ބައިގަޑިއިރު ދުއްވިއިރުވެސް އަޝްހާ ނުފެނުމުން ނައިލް ވަރަށް ކަންބޮޑުވިއެވެ. ގެއަށް އަޝްހާދާނެހެން ހީވާތީވެ ކައިރީގައި އިން އަނދިރި ގޯޅިއަކަށް އެޅިއިރު ގޯޅީގެ އެއްފަރާތުގައި އެކަނި މާއެކަނި މަޑު ހިނގުމެއްގައި ދިޔަ އަންހެން ކުއްޖެއް ނައިލްއަށް ފެނުނެވެ. ދެވަނަވިސްނުމަކަށް ނުގޮސް އެއީ އަޝްހާކަން ނައިލް ދެނެގަތެވެ. އޭނާއަށް އަޝްހާއެއް ނޯޅޭނެވިއްޔާއެވެ.
ސައިކަލުގެ މުއްގަނޑު އަނބުރާލުމަށްފަހު ދުވެލި ބާރުކޮށްލިއެވެ. އަދި އަޝްހާގެ ކައިރީގައި މަޑުކޮށްލިއެވެ. އަޝްހާ ސިއްސައިގެން ދިޔަނަމަވެސް މަޑެއް ނުކުރެއެވެ. ހިނގާފައި ދިޔައީއެވެ. ނައިލް މިކަމާއި އަޝްހާދެކެ ހިތްހަމަ ނުޖެހުނެވެ. އަދި ސައިކަލު އެތާގައި ބަހައްޓާފައި އަޝްހާކައިރިއަށް ނައިލް ހިނގައިގަތެވެ. ދިޔަގޮތަށްގޮސް އަޝްހާގެ އަތުގައި ހިފާފައި ސައިކަލާއި ދިމާއަށް ހިނގައިގަތެވެ. ނަމަވެސް އަޝްހާ އޭނާގެ އަތް ފޮޅާލާފައި އަނެއްކާވެސް ހިނގަތެވެ.
މިފަހަރު ނައިލް އަތުގައި ހިފާކަށް ނަހަދައެވެ. އެދިޔަގޮތައްގޮސް އަޝްހާ އުރާލައިގެން ގެނެސް ސައިކަލުމަތީގައި ބެހެއްޓިއެވެ. އަޝްހާ އެއްޗެކޭބުނަން އަނގަހުޅުވާލިއެވެ. ނަމަވެސް އަޑެއް ބޭރުވާންވާއިރަށް ނައިލް އޭނާގެ އަނގަމަތީގައި އަތްއެޅިއެވެ.
“ފަހުން.. ގެއަށް ގޮއްސަ..” އަޝްހާގެ މޫނާއި ހަމައަށް ގުދުވެ އަޝްހާގެ ކަރުނުން ތެމިފައިވާ ލޮލާއި ހަތަރު ކަޅި ހަމަކުރަމުން، ދަތްކުނޑިވިކާލައިފައި ނައިލް ބުނެލިއެވެ. އަޝްހާއަށް ދުވަހަކުވެސް ނައިލްގެ ފަރާތުން ނުފެންނަ ސިފައެއްކަން ގައިމެވެ.
ސައިކަލުގޮސް ކްރިސްޓަލްގެ ކައިރިއަށް މަޑުކޮށްލާއިރައް އަޝްހާ ފޭބިއެވެ. ފޭބުމަށްވުރެ ފުއްމާލީއޭބުންޏަސް ދޮގަކަށް ނުވާނެއެވެ. އެބާރުމިނުގައި ގޮސް އަޝްހާ ކޮޓަރިއަށްވަނެވެ. ސައިކަލު ގަރާޖައް ލައިފައި އައުމުން ނައިލް އަށް އާދެވުނީ ކުޑަތަންކޮޅެއް ލަހުންނެވެ.
ނައިލް އައިސް ވަތްއިރު އަޝްހާ އެނދުމަތީގައި އިށީންދެލައިގެން އިނެވެ. އޭނާގެ މޮޅިވެރިކަން ނައިލްއަށް އިހުސާސް ކުރެވުނު ނަމަވެސް، ނައިލް އެދިޔަގޮތައްގޮސް އަޝްހާގެ ކޮނޑުގައި ހިފާ ކޮޅަށްނެގިއެވެ.
“އަޝޫ މޮޔަވީތަ..؟ ނޭނގޭތަ އަހަރެން ކަންބޮޑުވާނެ ވަރެއް..؟” އަޑުގަދަނުކުރަންވެގެން ނައިލް ބުނެލީ އަޑުގެ ކޮޅައް ނޫނަސް ބާރަށެވެ.
“ނައިލްއަށް ނޭގެނީތަ އަހަރެން ދެރަވާނެ ވަރު..؟ އަހަރެން…. އަހަރެން ކުރިމަތީގައި އެހެން އަންހެނެއް ގޮވައިގެން ސައިކަލުގައި އައިއިރު އަހަރެންގެ ހިތައް ކުރާނެ އަސަރެއް..؟” ކުރަކި އަޑަކުން އަޝްހާ ބުނެލިގޮތުން ނައިލްގެ ހިތައް އަސަރު ކުރި ނަމަވެސް އޭގެ މައްޗައް ރުޅިވެރިކަން ކުރި ހޯދިއެވެ.
“އަޝޫ.. ބަލަ ޝީން ފާހާނައަށް ދާން ޖެހިގެންނޭ އަހަރެން އައީ..” ނައިލް ބުނެލިއެވެ.
“އަހަރެންނަށްވެސް އެނގެއޭ.. އެކަމު އަނާމެންގެއަށްވެސް ފާހާނައަށް ވަދެވުނީހެއްނު..؟ އެގޭގައި ފާހާނަ ހުސްވީކީ ނޫންވިއްޔާ..” ލޮލަށް ޖަމާވި ކަރުނަތައް ހިންދާލަމުން އަޝްހާ ބުނެލިއެވެ.
“އަޝޫއަށްވެސް އެނގޭނެ އެއީ އެހާވަރުގެ ކަމެއް ނޫންކަން.. ދެން ކީއްވެތަ އެކަން މާބޮޑު ކަމަކަށް ތިހަދަނީ..” ޝަކުވާގެ ރާގެއްގައި ނައިލް ބުނެލިއެވެ. އަޝްހާ އޭނާގެ ލޮލުގައި ހުރި ކަރުނަތައް ނުހުފެހެއްޓުނެވެ.
“ދެން މިރޭ މޫވީ ބަލަން ގޮހޯ.. ޝީން ނައިލްގެ ގައިގައި ބޮޑު އަށްޓަމަހެއްހެން ތަތްލަވާފައި އޮތްއިރު ނައިލް އަށް ނުބުނެވުނު ނޫނެކޭ.. އަހަރެންނަށް އެމަންޒަރު ފެނުމުން ހިތައްއެރީ ކީކޭކަން ނައިލް އަށް ހަމަ ނޭނގެނީތަ..؟” ޝަކުވާއިން ފުރިފައިވާ ދެލޮލުން ބަލާލަމުން އަޝްހާ ބުނެލިއެވެ.
“އަޝޫ.. އަހަރެން ޝީން ދުރުކުރީމޭ.. އެހެންނޫނަސް ޝީންއަކީ އަހަރެންގެ ކުޑައިރުގެ ރައްޓެއްސެކޭ.. މަންމަމެން ބުނެގެން އަހަރެން ޝީން މިތަނަށް ގެނައީ.. އޭނާ……..” ނައިލްއަށް އޭނާގެ ވާހަކަ ފުރިހަމައެއް ނުކުރެވުނެވެ.
“ނައިލް އަދިވެސް.. އަދިވެސް ތި ދިފާއު ކުރަނީ ޝީންތަ..؟” އަޝްހާ އަށް ހީވީ އޭނާގެ ހިތް ފަޅައިގެން ދާން އުޅުނުހެންނެވެ.
“ނޫން.. ދިފާއު ކުރަނީކީ ނޫން.. އަޝޫ އައިމް…….. “އަޝްހާއަށް ވެފައި ހުރި ގޮތްފެނިފައި ނައިލްގެ ރުޅި ފިނިވިއެވެ. އަދި މާފަށް އެދެން ބޭނުންވިއެވެ. އަޝްހާ މިރޭގައި އޭނާއަށް ނޭނގި ދިޔަތަނެއްވެސް ނޭނގުމުން ހާސްވިވަރުން އެރި ރުޅިމަތީގައި ބުނެވުނު އެއްޗިހިން އޭނާ ދެރަވިއެވެ. އޭނާވެސް އެއްގޮތަކަށްވެސް ޝީން ދިފާއުކުރުމުގެ ނިޔަތެއްގައި އެއް ނޫނެވެ.
“އަހަރެން ބޭނުމެއްނޫން ނައިލްގެ ތިބަހަނާތައް އަޑު އަހާކަށް.. އަހަރެން ނުވި ނައިލްގެ ކުރިމަތީގައި އެއްވެސް މީހަކަށް..” މިހެން ކިޔާފައި އަޝްހާ ކޮޓަރިން ނިކުމެގެން ދިޔައެވެ. އަޝްހާ ހުއްޓުވަން ނައިލް ބޭނުންވިނަމަވެސް އަޝްހާ ގެއިން ބޭރަށް ނުދާނެތީވެ ނައިލް އެނދުމަތީގައި އިށީނެވެ. މާދިގުނޫން އިސްތަށިގަނޑުގެ ތެރެއަށް އަތް ހިންގާލީ ބޯގޮވައިފައި ވާ މީހަކު ފަދައިންނެވެ.
މަޑުން ހިނގާލާފައި އަޝްހާ ދިޔައީ ލިވިންގ ރޫމް އާއި ދިމާއަށެވެ. އެގޭތެރޭގައިވެސް އޭނާގެ ނޭވާ ތާށިވާހެން ހީވެއެވެ. ސިޑިން ފައިބަ ފައިބާ ހުއްޓާ ސިޑީގެ ފަހަތުން މީހަކު ވާހަކަ ދައްކާ އަޑު އިވުނެވެ.
“މަންމާ.. މިފަހަރު ބަލަން ހުންނާތީ.. ނައިލް ވާނީ އަހަރެންގެ މީހަކަށް.. މާދުރުން އައި މީހަކަށް އަހަރެންގެ ނައިލް އެއް ނުލިބޭނެ..” އަޝްހާއަށް ހީވީ ރޯފާރުތަކުގައި ބޮޑު ރަތްކުލައިގެ ގިތެޔޮ މިރުހެއް ހާކާލިހެންނެވެ. އެއިވުނީ އިތުރު ދެވަނަމީހެއްގެ އަޑެއް ނޫނެވެ. ޝީންގެ އަޑެވެ. އޭނާގެ ކޯތާފަތުގައި ދެމެމުން ދިޔަ ކަރުނައިގެ ފެންކޯރު ބަންޑުން ކޮށްލިހެން ހީވިއެވެ. އަޑުބޭރު ވެދާނެތީވެ އޭނާ އަނގަމަތީގައި އަތްއަޅާލިއެވެ.
އަޝްހާއަށް ހީވީ އޭނާގެ ދުނިޔެ އެނބުރިގަތް ހެންނެވެ. އޭނާގެ ދިރިއުޅުން ހަލާކުކޮށްލުމަށް ވިއްދާލާފައި ހުރި ނުބައި އަންހެނެއް ހުރިކަން އަޝްހާއަށް ޔަގީންވިއެވެ. ނަމަވެސް ދެރަކަމަކީ ނައިލްއަށް އެކަން ނުވިސްނޭތީވެއެވެ. އެންމެ ފަހުންވެސް ނުބައިމީހަކަށް ނައިލްގެ ކުރިމަތީގައިވީ އޭނާއެވެ.
ހިތްހަލާކުވެފައިވާ ހާލު އަޝްހާ ބޭރުދޮރު ހުޅުވާލައިފައި ގެއިން ނިކުމެގެން ދިޔައެވެ. ސައިކަލުގައި އަޝްހާ ބޭރަށް ނިކުތެވެ. އަޝްހާ ނައިސް ގިނައިރުވާން ފެށުމުން ނައިލް ކަންބޮޑުވިއެވެ. ބޭރަށް ނިކުތްއިރު އަޝްހާގެ ސައިކަލު ނެތުމުން ނައިލް ކަންބޮޑުވިއެވެ. އަޝްހާ އަދި ލައިސަންސު ނެގިތާ ގިނަދުވަސް ނުވާއިރު ދުއްވަންވެސް ކުޑަކޮށް ނުފަރިތައެވެ. އަޝްހާ އެހާވަރަކަށް ސައިކަލް ނުދުއްވައެވެ.
ނައިލް ކަންބޮޑުވެފައި ކޮޓަރީގެ އެނދުގައި އިށީންދެލައިގެން އިނެވެ. އެހެންހުއްޓައި އޭނާގެ ސަމާލުކަން އަތުލީ ރިންގު ވަމުން ދިޔަ ފޯނެވެ. ގުޅަނީ ހިޝާން ކަމުން ނައިލް ވަގުތުން ފޯނު ނެގިއެވެ.
“އަޝޫ އެބައިން މިގޭގައި.. އަޝޫ ބޭނުމެއް ނުވޭ ގެއަށް ދާކަށް.. އެހެންވެ އަނާ ބުނީ މިރޭ އަޝޫ މިގޭގައި ބާއްވާނީއޭ..” ހިޝާން ފުން ނޭވައެއް ދޫކޮށްލިއެވެ.
“ނައިލް.. ޝީ އިޒް ބްރޯކެން..” ފަނަރަވަރަކަށް ސިކުންތައް ދެމިގެންދިޔަ ހިމޭން ކަމަކަށްފަހު މޮޅިވެރި އަޑަކުން ހިޝާން ބުނެލިއެވެ.
ނައިލް އަށް ހަމައެކަނި ހޫމް އެއް ލައްވާލެވުނީއެވެ. ހިޝާން ފޯނުކޯލު ކުރުކޮށްލުމުން ނައިލް އޭނާގެ ފޯނު އަތުތެރެއަށްލައި ބާރުކޮށްލިއެވެ. އުއްޑުން އެނދުމައްޗައް ނައިލް ވެއްޓިގަތެވެ. އޭރު ލޮލުގެ ހިމަކޮޅުން ވެއްޓުނު ކަރުނަތިކި އެނދުގެ ބެޑުޝީޓައް އޮބިގެން ގޮއްސިއެވެ.
***
އައިނާއަށް ބަލާލެވުނީ ގެސްޓު ރޫމްގެ އެނދުމަތީގައި އޮށީވެލައިގެން އޮތް އަޝްހާ އަށެވެ. ރޮއެރޮއެ އެފަކީރުގެ ދެލޯ ދުޅަވެފައި ވާއިރު އޭރުވެސް ގިސްލެވެމުން ދިޔައެވެ.
_ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
5 Comments!
Comments are closed.




Mi part vex varha reethi
Next part kiyaalan libeeney kama unmeedhu kuran
Unmeedhu kuran next part varha reethi vaaney kama
Maasha Allah mi part ves varah varah reethi 🤗… Next part kiyaalan libeyny kondhuvahaku???
Masha Allah mi part VX varah reethi.
When next
Vv reethi mi part vs Maasha Allah😊.. When next part??
Varah bodah sorry comment thakah reply nudhevunytheeve.. In Sha Allah next time I will reply.