މައާފު އެދެމޭ..(ހަތަރުވަނަ ބައި)
މަންމަގެ މޫނަށް ބަލަންހުރި މާހިންއަށް ފާޑަކަށް ހީނލެވުނެވެ. އޭނާ އެންމެ ބޭނުންވި ދުވަހު އޭނާގެ ގާތުގައި މަންމަ ނުހުރެ މިހާރު ކޮން އާދޭހެއް ކުރާކަށް ހެއްޔޭ އޭނާގެ ހިތަށް އެރިއެވެ. މަޑު މަޑުން ކުރިއަށް އަޅައިލި ފިޔަވަޅުގެ މިސްރާބު ހުރީ ގޭތެރެއަށް ވަންނާށެވެ. ބޮޑު ކޮޓަރީގެ ސޯފާތަކާއި ހަމަވުމުން ފެނުނު މަންޒަރަކުން އޭނާގެ ލޭ ކެކިގެން ދިޔައެވެ. ދެއަތް މުއްކަވާލެވުނެވެ. ބާރު ބާރަށް އޭނާ ހިނގައިގަތީ ސޯފާތަކުގެ މެދުގައި އޭނާގެ ދަރިފުޅު އުރައިލައިގެން އިން އޭނާގެ ބައްޕަ އާއި ދިމާލަށެވެ. ދެން މާހިން ކުރި ކަމަކުން މުޅި އެއާއިލާއަށް ވެސް ސިހުން ގެނުވިއެވެ.
**************
ވެހެމުން ދިޔަ ވާރޭ ތެރޭގައި ހުއްޓިގެން މާހިން ހުއްޓެވެ. އެއްދިމާލަކަށް ނަޒަރު ހުއްޓައިލައިގެން ހުރި އިރު އޭނާގެ މޫނުގެ ކުލަވަރު ހެކި ދެނީ ކަމަކާމެދު ވިސްނަނީ ކަމެވެ. ލައިގެން ހުރި ޑެނިމް ގަމީހުގެ ދެއަތް އޮޅައިލައިފައި ހުރި އިރު އަތުގެ މުލައްދަނޑިން ފެށިގެން ތިރިއަށް ފެންތައް ދިޔައީ ފައިބަމުންނެވެ. މަޑު މަޑުން އޭނާގެ ފިޔަވަޅުތައް ކުރިއަށް އެޅުމަށްފަހު އޭނާ ވަދެގެން ދިޔައީ އޭނާގެ އެކުވެރި ޒިޔަމްގެ ގެއަށެވެ.
ގޭތެރެއަށް ވަދެގެން އައި މާހިން ފެނުމާއެކު ސޯފާގައި ސުހާ ހެއްވަން އިން ޒިޔަމް އެ ތުއްތު ކުއްޖާ ގޮވައިގެން ކޮޅަށް ތެދުވިއެވެ. ތެމިފައި ހުރުމުގެ ސަބަބުން އޭނާ މާހިންގެ އަތަށް އެދަރިފުޅު ނުދިނެވެ. ސޯފާގައި ސުހާ ބާއްވައިލުމަށްފަހު ޒިޔަމް އޭނާގެ ކޯޓަރީގެ ދޮރު ހުޅުވައިލުމަށްފަހު އެއްޗެހި ބަދަލު ކޮށްގެން އަންނަން ބުންޏެވެ. މާހިންގެ ނަޒަރު ޒިޔަމްއަށް ހުއްޓައިލުމާއެކު ޒިޔަމް އެތެރެއަށް ވާގޮތަށް ބޮލުން އިޝާރާތްކޮށްލިއެވެ. އެއީ ދެގޮތެއްނުވެ މާހިންއަށް އެހީވާން ހުރި އެކުވެރިޔާކަން މާހިން ހަނދާނެއް ނުނެތެއެވެ.
މާހިން އެތެރެއަށް ވަނުމާއެކު ޒިޔަމްގެ ނަޒަރު ހުއްޓުނީ ވައިގެ ތެރެއަށް ދެއަތް އުކަން އޮތް ސުހާއަށެވެ. މީހަކު އައިސް އެ ދަރިފުޅު އުރާލާތޯ އޮތްފަދައެވެ. އޭނާގެ ސިކުނޑިގައި ކުރެހިގެން ދިޔައީ ސުމާގެ ކުޑަ ކުޑަ މޫނެވެ. ސުހާގެ މޫނުން އެ އަންހެން ކުއްޖާ ޒިޔަމްއަށް ފެނެއެވެ. ސުހާގެ ކުޑަ ކުޑަ ނޭފަތާއި، ދޮންކަމަކީ އޭނާގެ މަންމަގެ ސިފަތަކެއްކަން ޒިޔަމް ޤަބޫލުކުރެއެވެ. މަޑު މަޑުން ޒިޔަމް މަރައިލި ދެލޮލާއެކު އޭނާގެ ސިކުނޑިއަށް މާޒީގެ މަންޒަރުތައް ކުލަވާންފެށިއެވެ.
————————
ކެފޭއެއްގެ މޭޒުދޮށުގައި ޒިޔަމް އިނީ ސިނގިރޭޓެއް ތުނބަށްޖަހައިގެންނެވެ. ބޭރުން ފެންނަމުން ދިޔަ މަންޒަރުތަކަށް ނަޒަރު ހުއްޓައިލައިގެން އިރުކޮޅަކު އިނުމަށްފަހު އޭނާ ފޯނު ނަގައި މީހަކަށް ގުޅައިލުމަށްފަހު ކަންފަތުގައި ޖައްސައިލިއެވެ. “ހަލޯ…މާހިން..ކޮބާ؟؟..ލެފީތަ؟..އާނ އާނ މިދަނީ” މިހެން ބުނުމަށްފަހު ޒިޔަމް އޭނާ އިނތަނުން ތެދުވެގެން ކައުންޓަރާއި ދިމާލަށް ހިނގައިގަތެވެ. ފޯނަށް ނަޒަރު ހުއްޓައިލައިގެން ހުރުމުގެ ސަބަބުން ކުރިމަތިން މީހަކު އަންނަކަމެއް އޭނާ ނުދެނަހުއްޓެވެ. ފޯނަށް ބަލަމުން އައި އެއަންހެން ކުއްޖާ ލައިގަތީ ޒިޔަމްގެ ގައިގައެވެ. އެނާގެ އަތުގައި ހިފަހެއްޓިފައިވާ ކޮފީތަށި ބަންޑުން ވީ އެއަންހެން ކުއްޖާ ލައިގެން ހުރި ހުދު ހެދުމަށެވެ. ވަގުތުން ޒިޔަމްއަށް ދެލޯ ބޮޑުކޮށްލެވުނެވެ. މައާފަށް އެދެން ހުޅުވާލި އަނގަ ލައްޕައިލަން މަޖުބޫރުވީ އެއަންހެން ކުއްޖާ އޭނާއަށް ބަލައިލި ގޮތް ފެނިފައެވެ. އެ ބޮޑު ދެލޮލުން އޭނާއަށް ނުރުހުމުގެ އަސަރެއް ނުފެނުނެވެ. ތިކުރީ ކީއްހެއްޔޭ އަހައިލާ ފަދައެވެ.
ޒިޔަމްއަށް ހަމަހޭވެރިކަމެއްވި އެއަންހެން ކުއްޖާގެ ގާތުގައި ހުރި އޭނާގެ އެކުވެރިޔާގެ އަޑަށެވެ. “ކަލޭ ކީއްތަ ތިކުރީ؟؟. ބަލައިގެން އުޅޭކަށް ނޭނގޭތަ؟” ރުޅިއައިސްފައި ހުރި ޒުހާ، ޒިޔަމްއާއި ދިމާލަށް ބުނެލިއެވެ. “ސޮ..ސޮރީ” ޒިޔަމް ބުނެލިއެވެ. “ކަލޭ ސޮރީ ބުނީމަ އެވީތަ؟. ބަލަ އެހެދުމަށް އެލިބުނު ގެއްލުމޯ؟ ކަލޭ މާފަށް އެދުނީމަ އެ ހެދުމަށް އެޅުނު ކޮފީތައް އެނބުރި ތަށްޓަށް ދަނީތަ؟..އެހެދުމަށް ފައިސާ ދީފަ ދެވޭނީ..” ޒުހާ ވަގުތުން ބުނެލިއެވެ. “މީ ކޮންހަކަލަ އަންހެނެއް” ޒިޔަމްގެ ހިތަށް އެރިއެވެ. “ބައްލަވާ އަޅުގަނޑު ގަސްތަކު ނޫން ދެއްތޯ؟ އެހެން ނޫނަސް މި ކުއްޖާވެސް އައީ ފޯނަށް ބަލަމުން. ހަމައެކަނި ކުށްކުރީ އަޅުގަނޑެއް ނޫން ދެއްތޯ؟ އަޅުގަނޑުވާ މާފަށް އެދެފިންތާ..” ޒިޔަމް ބުނެލިއެވެ. “ވާ ވާ ވާ…ބަލާލަ ވާހަކަ މޮޅުކަން..މައާފަށް އެދުނަކަށް މަށަކަށް ނުފުދެޔޭ..ފައިސާ ދީފަ ދޭ!” ޒުހާ ބުނެލިއެވެ. “އަޅުގަނޑުގެ އަތަކު މިވަގުތު ނަގާފަ ފައިސާއެއް ނެތް…ފަހުން ޕޭކޮށްލިޔަސް ހެޔޮތަ؟” ޒިޔަމް އަމާން ދިނުމަށްފަހު ބުނެލިއެވެ. އެތަނުގައި ތިބި މީހުން އެމީހުންނަށް ބަލަން ފެށުމުންނެވެ. “ދެން ނެތްތަ ދައްކާނެ ބަހަނާއެއް..” މިހެން ބުނުމަށްފަހު ޒުހާ އޭނާގެ ގާތުގައި ހުރި މޭޒުމަތީގައި ބަހައްޓައިފައި ހުރި މޭބިސްކަދުރު ޖޫސްތަށި ނަގައި ޒިޔަމްގެ ޓީޝަރޓަށް ޖެހިއެވެ. މަޑު ނޫކުލައިގެ ޓީޝަރޓެއް ލައިގެން ހުރި ޒިޔަމްގެ ޓީޝަރޓުގައި ކުލަ ޖެހެން ނެގީ ހިނދުކޮޅެކެވެ. އެއާއެކު ޒުހާގެ ގާތުގައި ހުއްޓިގެން ހުރި އަންހެން ކުއްޖާ ދިޔައީ ސިއްސައިގެންނެވެ. ދެލޯ ބޮޑުކޮށްލުމަށްފަހު އޭނާ ޒުހާ އާއި ދިމާލަށް ބަލައިލިއެވެ. ޒިޔަމްގެ ގާތަށް އޭރު ހުރީ ރުޅިއައިސްފައެވެ. މުޅި މީހާ ތުރުތުރު އަޅަމުން ދިޔައިރު އަނެއްކޮޅުން މާހިން ގުޅަނީއެވެ. “މިހާރު ހަމަހަމަވީ..ދެން އެހެންމަ..” އެހާ ހިސާބަށް ޒުހާ ވާހަކަ ދިޔަ ވަގުތު ޒިޔަމް މޭޒުމަތީގައި ހުރި ފެންތަށި ނަގައި ޒުހާގެ މޫނު މައްޗަށް ޖެހުމަށްފަހު ކައުންޓަރު ކައިރިއަށް ގޮސް ފައިސާ ދެއްކުމަށްފަހު ކެފޭއިން ނުކުތެވެ. ގިނަ ބައެއްގެ ނަޒަރު އޭނާއާއި އަމާޒުވެފައި ހުރި ނަމަވެސް އޭނާ މިފަހަރަކު އަޅައެއް ނުލައެވެ. ޓީޝަރޓުގައިވި ރަތް ކުލައިގެ ލައްގަނޑަށް ބަލައިލުމަށްފަހު ޒިޔަމް ދެލޯ މަރައި ފުންނޭވާއެއް ދޫކޮށްލުމަށްފަހު ސައިކަލަށް އަރައި ދުއްވާލީ މާހިން ބަލައި ދިޔުމަށެވެ.
ބަނދަރު ކައިރީގައި މަޑުކޮށްގެން ހުރި މާހިންގެ ކުރި މައްޗަށް ޒިޔަމް މަޑުކޮށްލުމާއެކު އޭނާގެ ނަޒަރު ހުއްޓުނީ ޒިޔަމް ލައިގެން ހުރި ޓީޝަރޓަށެވެ. “ތިއޯ؟؟..ތި ކޮން ކަމެއް؟” މާހިން އަހައިލިއެވެ. “މީ ދޯ..މީ މާލޭ އަންހެނުންގެ ފޮނިކަން” ބޯ ކަހައިލުމަށްފަހު ޒިޔަމް ބުނެލިއެވެ. އެއާއެކު ހިނިގަނޑެއް ޖަހައިލުމަށްފަހު މާހިން ޒިޔަމްގެ ސައިކަލު ފަހަތަށް އެރިއެވެ.
———————
ޒިޔަމްގެ ޚިޔާލު ތަކުގެ ވާފަށް ކެނޑިގެން ދިޔައީ މާހިން އޭނާއާއި ދިމާލަށް ބުރުވާލި ފެންތަކުގެ ސަބަބުންނެވެ. އޭރު ތުއްތު ތުއްތު ސުހާއަށް އޮތީ ނިދިފައެވެ. “ކޮން ކަމަކާ މާ ވަރަކަށް ތި ވިސްނަނީ؟” ބޯ ހިއްކަމުން މާހިން އަހައިލިއެވެ. “މިހާރު އަހަރެން ހިތަށް އަރާ…އެންމެ ފުރަތަމަ ދުވަހު ވެސް މަށަށް ސުމާގެ ކިބައިން ފެނުނީ ކިޔަމަންތެރިކަމާ މަޑު މައިތިރި ކަމޭ” ވިސްނުމަކާއި ނުލާ ޒިޔަމް ބުނެލިއެވެ. އެއާއެކު މާހިންގެ ހަރަކާތްތަކަށް ހުއްޓުމެއް އައެވެ. އެކުވެރިޔާއާއި ނަޒަރު ސީދާކުރަން ނުކުޅެދުމާއެކު އޭނާ އިސްޖަހައިލިއެވެ. މާހިންގެ ހަރަކާތްތަކަށް އައި ބަދަލު ފެނުމާއެކު ބުނެވުނީ ކީކޭކަން ޒިޔަމްއަށް އިހުސާސް ކުރެވުނެވެ. މައާފަށް އެދެން ވެސް އޭނާ ޖެހިލުންވިއެވެ. އެ ވާހަކަތަކަކީ މާހިން އެއްގޮތަކަށް ވެސް ދައްކަން ބޭނުންވާ ވާހަކަތަކެއް ނޫނެވެ. އެކަން ހަނދާން ނައްތައިލެވުނީ އޭނާއަށެވެ. ދެ ލޯ މަރައި ތަގުޅިކޮށްލެވުނީ އަމިއްލަ މޮޔަކަމުގެ ސަބަބުންނެވެ.
ޒިޔަމްއަށް ބަލައިވެސް ނުލައި މާހިން ސޯފާގައި އޮތް އޭނާގެ ތުއްތު ދަރިފުޅު ގޮވައިގެން އޭނާއަށް ޒިޔަމް ދީފައި ހުރި ކޮޓަރިއަށް ގޮސް ވަދެ ދޮރު ލއްޕައިލިއެވެ. ދޮރުގައި ލެނގިލެވުމާއެކު ޒިޔަމް ބުނެލި ވާހަކައާއިމެދު އޭނާއަށް ވިސްނައިލެވުނެވެ. މަޑު މަޑުން އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވީ ޒިޔަމް ބުނެލި ވާހަކަ މަތިން ހިތަށް އެރުމުންނެވެ. އެއީ ރެދެކޭ އޭނާގެ ހިތް ބުނެލިއެވެ. ސުމާގެ ކިބައިން އޭނާއަށް ވެސް ފެނުނީ މަޑުމައިތިރިކަމެވެ. ލަދުވެތި، ނިޔަނެތި އަންހެން ކުއްޖެއްގެ ސިފަ އެންމެ ފުރަތަމަ ދުވަހުވެސް ސުމާގެ ކިބައިން އޭނާއަށް ފާހަގަވިއެވެ. މަޑު މަޑުން އޭނާގެ ތުންފަތުގައި ކުޅެވިފައިވާ ހިނިތުންވުން ފޭދިގެން ދިޔައެވެ. ސުމާގެ ހަނދާންތައް އެހިތް ވަށައިލުމުންނެވެ. ހުރިތަނަށް މީހާ ތިރިވިއިރު ދެއަތުގެ ތެރޭގައި އޭނާގެ ދުނިޔެ ހިފަހައްޓައިލެވިފައިވެއެވެ. ދެލޮލުން ކަރުނަ ފޭދޭ ހާލު އޭނާ އެދަރިފުޅު މެޔާއިލައި ބޮނޑިކޮށްލިއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

