“ޝީހާ” ގަނޑުގައި އިނގިރޭސިން ބޮޑު އަކުރުކޮށް ލިޔެވިފައި އޮތީ އެހެންނެވެ. ގަނޑުގެ އެންމެ މަތިންނާއި ދަށުން ކަޅު ކުލައިގެ ގަލަމަކުން ޑިޒައިނެއް އަޅަން ފަށާފައި އޮތެވެ. ވައި އަޑުން ނާއިކްއަށް ޝީހާގެ ނަން ކިޔާލެވުނެވެ. ޖިންސްގެ ޖީބަށް ގަނޑު ކޮށްޕާލަމުން ބަލައިލި އިރު އެއަންހެން ކުއްޖާ ޖެހިގެން އިން މަގަށް އަޅާލަނީއެވެ. ނާއިކްއަށް ހިނިތުންވެވުނީ އިހްތިޔާރުން ބޭރުގައެވެ.
**ހަތްއަހަރު ފަސް**
“ދޮންބޭ.. ނާއިކް ކޮން އިރަކުތަ މީހަކާ އިންނާނީ؟” ހައަހަރުގެ ނޫޙްއާއި ސާރާ ފަހާ ދުވަމުން ދިޔަ ނާހިލްއަށް ސިއްސައިގެން ގޮސް ނާއިކްއަށް ބަލައިލެވުނެވެ. ދެވަނަ ސިކުންތު އޭނާގެ ހިނިގަނޑު ފަޅައިގެން ގޮސް ބަނޑަށް ހެވެން ފެށުނެވެ.
ބަގީޗާގައި ހުރި ގަސްތަކަށް ފެންދީ ނިންމާލުމަށްފަހު ފެން އިސްކޫރު ބަންދުކުރި ސިޔާދާއަށްވެސް ހެވެން ފެށީ ނާއިކް ޖޯލީގައި އިނދެ ކުއްލިއަކަށް ކޮށްލި ސުވާލަކުންނެވެ. ކާށި ބިންނަންވެގެން ނިކުތް ނައުޝާއަށް ވެސް ނާއިކްގެ ޖުމްލަތައް އަޑު އިވުމުން ހެވެން ފެށިއެވެ. ތުއްތު ސާރާއާއި ނޫޙް ވާނުވާ ނޭނގި ފަހަރަކު މީހެއްގެ މޫނަށް ބަލަން ތިބީ ސުވާލުމާކެއް ޖަހައިގެންނެވެ.
ނާއިކް ގަތް ލަދާއެކު އޭނާގެ މޫނު ރަތްވެގެން ދިޔައެވެ. އޭނާގެ ނަފްސަށް ކުދިކިޔާލެވުނީ އެކަހަލަ ކަންތަކުގައި ކޫސަނީ ސުވާލު ކުރެވޭތީއެވެ. ތުންފަތުގައި ދަތް އަޅާލަމުން އޭނާ އިސްޖަހާލިއެވެ. އެހާ ވަރަށް އެވާހަކަ ބުނުމަށް ނަފްސު ތައްޔާރުކުރުމަށްފަހުވެސް ކުރެެވުނީ ތުއްތު ކުއްޖަކުވެސް ކުރާނެ ކަހަލަ ސުވާލެކެވެ.
“ހަހަހަ.. މިކޮއެ ވެސް މީހަކާ އިންނަ ހިޔާލު ކުރީތަ؟” ބަނޑަށް ހީހީ ލޮޑުވެގެން ނާހިލްއަށް ވާހަކަދެއްކުނީވެސް ހުއްޓަމުންނެވެ. ސިޔާދާވެސް ހިނިއައިސްފައި ބަލަހައްޓައިގެން ހުއްޓެވެ. ނޫހްއާ ސާރާ ދުވެލާފައި ނައުޝާ ގާތަށް ދިޔައީ ކާށިފެން ބޯންވެގެންނެވެ.
“ދެން ދޮންބޭ.. އެހެންނެއް ނޫނޭ..” ހެމުން ނާހިލް އައިސް ނާއިކްއާ ޖެހިގެން އިން ޖޯލީގައި އިއްތާލުމުން ނާއިކް ނާހިލްގެ ކޮނޑުގައި ބޮނޑިއެއް އަޅާލަމުން ބުނެލިއެވެ.
“ކަމުދާ ކުއްޖެއް ހުރީތަ؟ ދޮންބެދައްތަމެން ގޭ އައިލީން ފްރެންޑް ކުއްޖާ ހުންނާނެއްނު.. މްމް.. ޝީހާ ދޯ ކިޔަނީ؟” ނާހިލްއާ އެވާހަކަތައް ހިއްސާކުރަން ނާއިކް އިނީ ފަސްޖެހިފައެވެ. ފުރަތަމަ ފަހަރަށް ކުއްޖަކުދެކެ ލޯބިވާކަން ހާމަކުރަން ވުމުންނެވެ.
“ޒުނާމް ދޮންބެތަ؟ މިހާރު އޭނާއޭ ކިޔައިގެން އަހަރެން ކައިރީ ކޮން ވާހަކައެއްތަ ތިދައްކަނީ؟ އިންނާނެ ސަޅި ކުއްޖެކޭތަ ތިބުނީ؟” ނާއިކް ނާހިލްއަށް ބަލައިލަމުން ލޯ އަޅާލިއެވެ.
“ހޫމް. އިތުރު އެހެން ކަމެއްގެ ވާހަކަ ދޮންބެ ނާއީ ގާތު ކިޔަން ޖެހޭނެތަ މިހާރު؟ މޮޅަށް ކިޔަވައިފި. ވަޒީފާއެއް ލިބިއްޖެ. ދެން އަމިއްލަ ދިރިއުޅުމެއްނު ފަށާނީ..” ނާހިލް ސީރިއަސް ކަމާއެކު ބުނެލިއެވެ.
“ސިއްރެއް ފަޅާއަރައިފި..” ޔަގީންކޮށްލުމުގެ ގޮތުން ނާހިލް ބުނެލިއެވެ. ނާއިކް ދެކޮނޑު އަރުވާލީ ކިހިނެއްވީހޭ އަހާފަދަ ގޮތަކަށެވެ.
“ތުންތުން މަތިން އަހަރެންނަށް ވެސް އަޑުއިވެނީ.. ހާދަ ނުލަފައޭ ދޯ ތިހެން ހުއްޓަސް.. އަހަރުމެން ގާތު ނުވެސް ބުނެލާ އަންހެން ކުދިންގެ ބައްޕައާ ވާހަކަދައްކަން ގޮސް ވަލީ ހޯދައިގެން އައިސް ކައިވެނި ކުރަން.. ޕިސް ޕިސް..” ނާހިލް ޝަކުވާގެ ރާގަށް ބުނެލިއެވެ.
“ކާކު ބުނި އެއްޗެއް ތިއީ..” ނާއިކްގެ ދެލޯ ދިޔައީ މައްޗަށް އަރައިގެންނެވެ.
“ކޮންމެ މީހަކު ބުންޏަސް.. ސިއްރުން ދިޔައީމަ ހީކުރީ އަހަރެންނަށް ނޭނގޭނެ ކަމަށްދޯ.. ކަމް އޯން ނާއީ.. ދޮންބެވެސް ފްރެންޑުން ތިބެއޭ..” ނާހިލް ގާތު އެވާހަކަ ބުނީ ކާކުކަން ހިއްސާކުރާކަހަލަ ހިޔާލެއް އޭނާ ނުގެންގުޅޭކަން ނާއިކްއަށް ޔަގީންވެއްޖެއެވެ.
“އަދި ނެތްދޯ ނުބުނެވިފަ.. އިއްޔެ އިރުއޮއްސެނިކޮށް ރަށަށް އާދެވުނީ.. އެކަހަލަ ވާހަކަދެއްކޭނީ ވަރަށް ހަމަޖެހިގެންކަން ދޮންބެއަށް އިނގޭނެ ދޯ.. އަދި މި ގަޑީގަ ބުނަން އުޅެނިކޮށްވެސް ތިއޮއްސާލީ ޝަކުވާގެ ގޯންޏެއް ވިއްޔާ..” ނާހިލް އެއްފަރާތަކަށް ތުން ދަމާލަމުން ނުރުހުންވިކަން އަންގާލިއެވެ.
“އެންމެ ރަނގަޅޭ.. އެކަމަކު ހީވީ ބާރަ އަހަރުގެ ކުއްޖަކު ސުކޫލުން ކުއްޖަކާ ރައްޓެހިވާން މަންމަ ގާތުން ހުއްދައަށް އެދުނީހެން.. ހަހަ.. ދޮންބެއަށްތަ އިނގެނީ ނާއީ މީހަކާ އިންނާނެ އިރެއް..؟؟ ނާއީ ބޭނުންވީމަ އިންނަން ވީދޯ ހަމަ..” ނާހިލް ގާތަށް އަނެއްކާވެސް ހިނިއައީ ނާއިކް އެސުވާލުކޮށްލި ގޮތް ހަނދާންވުމުންނެވެ.
“ދެން ދޮންބޭ..” ނާއިކް ހިނގައިގަތީ ގޭތެރެއަށް ދާށެވެ. ދިމާކުރަން ފަށައިފިއްޔާ ނާހިލްގެ ސަމާސާތައް ނުހުއްޓާނެކަން އިނގޭތީއެވެ.
“ތިތާ އޮވެގެން ކައިވެންޏެއް ހަމައެއް ނުޖެހޭނެ ދޯ..” ގޭތެރެއަށް ވަދެގެން އައި ނާހިލް ގޮވާލިއެވެ.
“ދެން އެސޮރު ލަދު ނުގަންވަބަލަ ތިވަރަށް..” ސިޔާދާ ހިނިއައިސް ހުރެ ބުނެލިއެވެ. އެއާއެކު ނާހިލް ހިނިގަނޑެއް ޖަހާލަމުން އޭނާގެ ކޮޓަރިއަށް ވަނެވެ.
“ކޮބައިތަ މިގޭ އިންޖިނިއަރ؟ މިސްޓަރ އިލެކްޓްރިކަލް އިންޖިނިއަރ.. މަގޭ އޭސީ ހަލާކުވެގެން މިއުޅެނީ. ހަދާ ދޭން ދޭބަލަ..” ހެނދުނު ދިހައެއް ޖަހަނިކޮށް އޭނާގެ ދެއަހަރުގެ ދަރިފުޅު، ޒަހާ އުރާލައިގެން އައި ޒުނާމް އަޑުގަދަ ކޮށްލިއެވެ. ގަވައިދުން ޒަހާ ގޮވައިގެން އޭނާ ބޮޑުބެދައްތަމެން ގެއަށް އާދެއެވެ.
“ޝްޝް.. އެސޮރު ކައިވެނި ފޯމު ފުރަނީ ކޮޓަރީގަ އޮވެގެން..” ޒުނާމް އައި އަޑުއިވިގެން ނާހިލް ކާގޭގައި އުޅިފައި ނިކެމެގެން އައެވެ. އެއަޑު ކިތަންމެ ރަނގަޅަކަށްވެސް ކޮޓަރީގައި އޮތް ނާއިކްއަށް އިވޭނެއެވެ.
“ކީކޭ؟ ނާއިކްއޭ؟ މީހެކޭ؟ ކައިވެންޏޭ؟” ޒުނާމްގެ ފަހަތުން ވަދެގެން އައި ޝަބާ ހައިރާންކަމާއެކު އަހާލިއެވެ. އެވަގުތު ޝަބާގެ ސުވާލުތަށް އަޑުއިވުނު ނައުޝާ ހޭން ފެށިއެވެ. ނާހިލް އާނއެކޭ ބުނީވެސް ވައި އަޑުންނެވެ.
“ކޮބައިތަ؟ ނިކަން ހޭ އަރުވާލާނަމޭ.. ނުބުނެ ރަށަށް އައިސްގެންނު މިއުޅެނީ. މީހަކަށް އަންގާވެސް ނުލައޭ..” ނާއިކް ކޮޓަރި ދޮރު މަތީ ތިބި އެންމެންގެ ނަޒަރު ހުއްޓުނީ ސިޓިންގް ރޫމު ދޮރުން ވަދެގެން އައި ޝިމާލްއަށެވެ. ޝިމާލް ދުއްވަން އިން ފުރުޅުލީ ގޮނޑީގައި ރިޔާޝާގެ އިތުރުން އެމީހުންގެ ތިން އަހަރުގެ ދަރިފުޅު، މަނާލް ވެސް އިނެވެ.
“އާނއެކޭ. މަށަށްވެސް ޝޮކެއްގައި ހުރެވުނީ. ހަތް އަހަރުވަންދެން ދުނިޔެ ބަލާފަ މިމީހުން ރަށަށް އައީ. އެވެސް ބުނެނުލާ..” ޝިމާލްގެ ފަހަތުން ވަދެގެން އައި ވަސީމާ އޭނާގެ އަތް ދަބަސް ކޮނޑުން ނަގަމުން ބުނެލިއެވެ. އޭނާގެ ފަހަތުން އައި ފަރުހާދު އޭނާގެ އަތުގައި އޮތް ފޮށިގަނޑު ބިންމަތީގައި ބެހެއްޓިއެވެ.
“ސާބަސް. ތިވަރަށް އަޑުގަދަ ނުކޮށްބަލަ! އެސޮރު ކޮޓަރި ހަދަނީއޭ މީހަކާ އިންނާތީ. އުނދަގޫ ވާނެއޭ.. ހަތްގަޑި ފަނަރައިގަ ވަތް މީހާ އަދި ނުނުކުމޭ ސައިބޯންވެސް..” ނާހިލް އަނެއްކާވެސް ސަމާސާ ކުރަން ފެށިއެވެ.
“އެއްކަލަ ނާހިލް ދޯ. އެންމެ ސިކުންތު ކޮޅަކަށްވެސް ނުހުރެވޭނެ ނާއިކްއާ ޖެއްސުމެއް ނުކޮށްލާ. ފިސާރި ދަރިއެކޭ މިހުރީ.” ސިޔާދާ ޒަހާ އުރާލަމުން ބުނެލިއެވެ.
“ހަމަ ތެދެއްތަ؟” ވަސީމާއަށް ލިބުނީ ކުއްލި ހައިރާންކަމެކެވެ. މީގެ ކުރިން ދުވަހަކުވެސް ނާއިކް ކައިވެންޏެއް ކުރަން އުޅޭ ވާހަކަ އަޑުއިވިފައި ނުވާތީއެވެ.
“ކޮބައިތަ އެ ނާއިކް؟ ހަތްއަހަރު ދުވަހު ރަށަށް ނައިސް ހުރެފަ އަދި ވެސް ފިލަނީތަ؟” ނާއިކް ކޮޓަރި ދޮރުގައި ޓަކި ޖަހަމުން ޝިމާލް ބުނެލިއެވެ.
ކޮޓަރި ދޮރުގެ ތަޅުގައި ހިފަހައްޓައިގެން ނާއިކް ހުއްޓެވެ. ދެލޯ މަރާލުމަށްފަހު އޭނާ ފުން ނޭވާއެއް ދޫކޮށްލިއެވެ. ޝިމާލް ދޮރުގައި ޓަކި ޖަހަން ފެށުމުން ނާއިކް ދޮރު ހުޅުވާލީ އޭނާގެ ހިނިތުންވުން ފޮރުވާ ސީރިއަސް ވެލަމުންނެވެ.
“ސުނާމީއެއް އެރީތަ؟” ބޭރުގައި ތިބި އެންމެންނަށް ބަލައިލަމުން ނާއިކް ނުވާކަމަށް ހެދެމުން އަހާލިއެވެ.
“ސުނާމީއެއް އެރިއަސް ދަރިއަކަށް ނޭނގޭނެއްނު. ތިއުޅެނީ ތިކޮޓަރި ރީތި ކުރަންވިއްޔަ. ކޮބާ ކިތައް ބިތުގައި ކުލަ ލެވިއްޖެ؟ މުށިތައް އާ ކުރެވިއްޖެ ތަ؟” ނާއިކްއަށް ލޯ އަޅާލަމުން ނާހިލް ގޮސް އެކޮޓަރިއަށް ބޯދިއްކޮށްލިއެވެ.
“އާލް.. ކޮންއިރަކު އައީ؟ ކުޑަބެ ހުންނާނެ ބައިވަރު ގިފްޓް ގެނެސް އާލްއަށް؟” ރިޔާޝާގެ އަތުގައި އިން މަނާލް ލޯބިކޮށްލަމުން ނާއިކް ވާހަކަދެއްކީ ނާހިލް ދެއްކި ވާހަކަތައް އަޑުނީވޭ ކަމަށް ހެދެމުންނެވެ.
“އަޑުވެސް ނީވެނީތަ؟” ނާހިލްއަށްވުރެ ކުރިން ޒުނާމް ނާއިކްގެ ކަންފަތުގައި ހިފަމުން ބުނެލިއެވެ. އެއާއެކު ނާއިކް އައުޗްއޭ ބުނެލިއެވެ. ނާއިކްގެ އަތުގައި އިން މަނާލް ހޭންފެށިއެވެ. މަނާލްއާ އެއްވަރަކަށް ޒަހާވެސް އެހުނުމުގައި ބައިވެރިވިއެވެ.
“ދަރިފުޅާ.. މިކުދިން ތެދެއްތަ އެކިއަނީ؟ މީހަކާ އިންނަންތަ ތިއުޅެނީ؟” ނާއިކްގެ ބުރަކަށީގައި ފިރުމާލަމުން ވަސީމާ ހިނިތުންވުމާއެކު އަހާލިއެވެ. ނާއިކް ދެކޮނޑު އަރުވާލީ ތުންފަތުގައި ދަތް އަޅާލަމުންނެވެ.
“އާދޭ ހިޝާމް ކައިރިއަށް ދާން ޖެހޭނެ! އިއްޔެ ބެލް ޖެހީމަ ދޮރުހުޅުވި އިރު ކުރިމަތީ ހުރީ ރަޒާން. އިނގިލީގަ ދަތްވެސް އެޅިން ހުވަފެނެއް ކަމަށް ހީކޮށްފަ. މަށަށް އިއްޔެ އާދެވުނުނަމަ މިރަށަށް އައިމުހޭ..” ޝިމާލް އަނެއްކާވެސް ކުދި ކިޔަން ފެށިއެވެ.
“ދޮންބެ ހާދަ އަވަހަކަށް ދަނީ. އާލްއަށް ހަދިޔާވެސް ގެނައިމޭ. މަޑުކޮށްބަލަ އިހަށް.” ނާއިކް ޝިމާލްއަށް ބަލައިލަމުން އެދުނެވެ.
“އާނ އަވަހަށް ދާން ޖެހޭނު. ތި ދޮންބެ މިރަށަށް އައީ މީހުންނަށް ކުދި ކިޔަންވިއްޔަ..” ހިޝާމްއާއެކު އެގެއަށް ވަދެގެން އައި ރަޒާން ބުނެލިއެވެ.
“ކުދިވެސް ކިއޭނެ. އެހާ ގިނަ ދުވަސްކޮށްފަ އަންނައިރު ބުނެލާފަ ދޯ ރަށަށް އަންނަން ވާނީ ވެސް..” ޝިމާލް ހުރީ އެހާ އަވަހަށް އެވާހަކަ ނިންމާކަށް ނޫނެވެ.
“ތިބުނީދެން އެންމެންނަށް ސައިދޭށޭނު. ހިނގާ، ތިކަން ވެދާނެ. ހަދިޔާވެސް ގެނެސް ހުންނާނީ ކޮންމެ މީހަކު ވަކިން ދޯ.” ހިޝާމް ރަޒާންއާ ނާއިކްވެސް އެވާހަކައިގައި ބައިވެރިކުރިއެވެ. ހިޝާމްގެ ބަހަށް އެމީހުން ބޯޖަހާލިއެވެ.
“ހެޔޮ ދެން. ނާހިލް މިކިއާ އެއްޗެއްގެ ތެދު ދޮގު ބަލަން ބޭނުމީ..” ޝިމާލް ނާއިކްއަށް ބަލައިލަމުން ބުނެލިއެވެ.
“ސާބަސް! ދޮންބެ އެއްޗެއް ބުނާއިރަށް ގަބޫލުކުރަން ވޭތަ..” ނާއިކް ސީރިއަސް ވެލަމުން ބުނެލިއެވެ.
“އޭދޮންބެ އެކަނި ބުނި އެއްޗެއް ނޫން އެއީ.. އަހަރެންގާތު އައިލީންވެސް ބުންޏޭ.. ޝީހާގެ ޑޭޑް ކައިރިއަށް ދޮންތަބެމެންގޭ ނާއިކް ދިޔަދޯއޭ ކިޔާފަ..” އެވާހަކަ އެހާ އަވަހަށް އެ އާއިލާއަށް އެއައީ ކިހިނެއްކަން ނާއިކްއަށް ޔަގީންވެއްޖެއެވެ.
“އަޅެ އަހަރެން ހަނދާންވޭ އެއްދުވަހު ޒުނާމް ދޮންބެ ބުންޏޭ ކިޔައިގެން ވާހަކަދެއްކީމަ ދޮންބެ ބުންޏޭ ކިޔައިގެން ކިއާ ވާހަކަތައް ގަބޫލެއް ނުކުރާނަމޭ ބުނި ހަނދާން..” ނާއިކް ނާހިލްއަަށް ބަލައިލަމުން ސީރިއަސް ކަމާއެކު ބުނެލިއެވެ.
“ތިހާ ލަދުން އުޅެންޏާ އަހަރެން ބުނެދީފާނަމޭ.. ނާއިކް ޔޫކޭއިން މާލެ އައިސް މަންމަގެ ހާޓް ޑޮކްޓަރު، ޑޮކްޓަރ އަހްސަންގެ ހުރި ހަމައެކަނި އަންހެން ދަރިފުޅުގެ ކައިވެންޏަށް އެދިގެން އަހްސަން ކައިރިއަށް ދިޔައީ.. މި ހިޝާމްއާ ރަޒާންވެސް މިތިބީނު ނޭނގޭ ކަމަށް ހަދައިގެން.. ނާއީ ދެން ބުނެބަލަ މީތެދެކޭ..” ނާހިލް ސްޕީޗެއް ދޭ ފަދައިން އެންމެންގެ ކުރިމައްޗަށް އަރަމުން ބުނެލިއެވެ.
“ހިޝާމް؟ ރަޒާން؟” ރިޔާޝާ ފަހަރަކު މީހަކަށް ގޮވާލިއެވެ.
ދެމީހުންވެސް ލާނެތް ގޮތަަކަށް ހިނިއައިސް ތިބެ އެކަކު އަނެކަކަށް ބަލައިލިއެވެ. އެއަށްފަހު އާނއެކޭ ބުނެލަމުން ބޯޖަހާލިއެވެ. މުޅި މާހައުލަށް ހީވީ ޢީދެއް އައިހެންނެވެ. ސިޓިންގް ރޫމް ހަލަބޮލިވެގެން ދިއުމާއެކު އެންމެންވެސް ނާއިކްއަށް މަރުޙަބާ ކިޔަން ފެށިއެވެ.
**
ޙާލަތު ގޯސްވެގެން ދިއުމާއެކު އެރޭގެ ވަގުތުގައި ރަމީޒް ނިޔާވީއެވެ. ކުރި ގިނަ ފާފަތަކާއެކު ތައުބާވުމުގެ ފުރުޞަތު ނުލިބިއެވެ. ގިނަ ދިރި ތިބީންނަކަށް ވިސްނައިފިނަމަ ނުހަނު ބޮޑު ޢިބުރަތެއް ހާސިލް ކޮށްދީފައެވެ. ޙާލަތާ އެއްވަރަކަށް ނާއިކްގެ ހަނދާންތައްވެސް އަނބުރާ އައެވެ. ޑޮކްޓަރު ބުނި ފަދައިން ހުރިހާ ހަނދާނެއް ނުލިބުނަސް އޭނާއަށް ގިނަ ހަނދާންތަކެއް ވެއެވެ. ރިޔާޝާއާ ރަޒާންވެސް ސިޔާާދާމެން ބަލައިގަތީ އަމިއްލަ އާއިލާ ފަދައިންނެވެ.
ފަސް އަހަރު ޔޫ.އެސްގެ ސްޓެންފޯޑް ޔުނިވާރސިޓީގައި އިލެކްޓްރިކަލް އިންޖިނިއަރިން ކިޔެވުމަށްފަހު ދެއަހަރު ދުވަހުގެ މުއްދަތަށް އޭނާ ސައުދީއަށް ދިޔައީ ދީން ކިޔަވާށެވެ. ފަރުހާދު އޭނާއަށް ކިޔެވުމަށްދިން ފުރުސަތުގެ ބޭނުން ހިފައިގެންނެވެ. އެތަނުގެ ތެރެއިން އޭނާގެ ހިތް އަތުލައިގަތް ހަމައެކަނި އަންހެން ކުއްޖަކީ ޝީހާއެވެ. ބައެއްފަހަރު އޭނާއާ ސިއްރުން ޝީހާވެސް އޭނާއަށް ބަލާކަން އޭނާއަށް އެނގެއެވެ. ނާއިކްއަށް ޝީހާއާ ދިމަ ބަލައިލެވޭ ފަހަރުތަކުގައި ޝީހާ ސިހިފައި އޭނާގެ ކަޅި އެހެންދިމައަކަށް ހުއްޓާލަނީ ވަގަކު ވައްކަން ކުރަނިކޮށް އަތުވި ފަދައަކުންނެވެ. ބައެއް ދުވަސް ދުވަހު އޭނާ ޝީހާ ހޯދަންވެގެން ވަށައިގެން ބަލަނިކޮށް އޭނާއާ ނުހަނު ގާތުން ފެނެއެވެ. އެހެންދުވަހަކު އޭނާ އަވަހަށް ދަނާލަށް ދާން ސިޑިން ފައިބަން ދަނިކޮށް ޝީހާގެ ގައިގައި ނުޖެހުނީވެސް ކިރިޔާއެވެ. މިކަހަލަ ކަންތަކާއި ނާއިކްއަށް އަމިއްލައަށް އިނދެވެސް ހެވެއެވެ.
ޝީހާއަކީ އަހްސަންއާ ޝީޒްއަށް ލިބުނު އެންމެ ހަގު ދަރިފުޅެވެ. ޝީހާ ވިހެއުމަށްފަހު ޝީޒް ދުނިޔެދޫކުރީ އެންމެ ފަހަރަކުވެސް އެތުއްތު ދަރިފުޅުގެ މޫނު ނުފެނިއެވެ. އެކުޑަ ޢާއިލާގައި ދެން ހުންނަނީ ޝީހާއަށްވުރެ ތިންއަހަރު ދޮށީ އަހްޝަމްއެވެ. އަހްޝަމްއަކީ އޭނާގެ ބައްޕަ ފަދައިން ކާމިޔާބު ޑޮކްޓަރެކެވެ.
**
ޖެހިގެން އައި ދުވަހު ޝީހާމެންގެ ޢާއިލާ ނާއިކްމެންނާއި ބައްދަލު ކުރަންއައީ ނާއިކްއަށް ނުވެސް އެނގިއެވެ. ޝީހާ ކައިވެންޏަށް އެއްބަސް ވުމާއެކު އޭނާ ބޭނުންވީ ރާއްޖެތެރޭގެ ރަށެއްގައި ކައިވެނި ބާއްވާށެވެ. ކައިވެނީގެ އިންތިޒާމްތައް ހަމަޖެހިގެން ދިޔައީ ނާއިކް ހީކުރި ވަރަށް ވުރެ އަވަހަށެވެ. ކައިވެންޏަށް އެރަށަށް އަންނަ މީހުންގެ ލިސްޓު ކިއުމުން ވެސް ނާއިކްގެ ދެލޯ ތަރަތަރަ ޖަހައިގަން ދިޔައެވެ. ޝަބާގެ ޢާއިލާގެ އެންމެންނާއި ޝީހާގެ ޢާއިލާގެ އެންމެންގެ އިތުރުން ހިޝާމްގެ އަންހެނުން އަޝްކާގެ އާއިލާއާ ހުމާމްގެ ކުޑަކުޑަ އާއިލާއެވެ.
ކައިވެނި އޮތް ދުވަހު އެގޭތެރެ އޮތީ މީހުންތަކުން ފުރިފައެވެ. ބައެއްފަހަރު ނާއިކްއަށްވެސް މީހުން އޮޅޭ ގޮތް ވެއެވެ.
“ޝީ.. އާދެބަލަ މިކޮޅަށް..”ޖޯލިފަތީގައި އިން އައިލީން ޝީހާ ފެނުމާއެކު ގޮވާލިއެވެ.
“ކިހިނެތްވީ.؟ ތިއުޅެނީ މޮޅު ޑްރާމާއެއް ޖައްސަންދޯ؟” ދެފަރާތް ބަލައިލަމުން އައިލީން ގާތު ޖޯލީގައި އިއްތާލަމުން ޝީހާ ބުނެލިއެވެ. ޝީހާއަށް ބަަލައިލަމުން އައިލީން ލުއި ގޮތަކަށް ހިނިތުންވެލީއެވެ.
އެވަގުތު ނާއިކްގެ ލޯމަތީ އަތް އަޅައިގެން އައިލީންގެ ފިރިމީހާ ޝަދާދު، ނާއިކް ގޮވައިގެން ޝީހާއާ ދިމާއަށް އަންނަން ފެށުމުން ޝީހާއަށް ޖޯލިން ތެދުވެވެން އުޅުނެވެ. އެހެންނަމަވެސް އޭނާގެ އަތްފައި ފިނިވެ ހަރަކާތެއް ނުކުރިއެވެ. ނާއިކް ފަހަތުން އަހްޝަމްއާ ޝިމާލްގެ އިތުރުން ޔަޒާން އަންނަން ފެށުމުން އެއީ އެމީހުން ރާވައިގެން ކުރާ ކަމެއްކަން ޝީހާއަށް ވަގުތުން ނަގައިގަނެވުނެވެ.
“ދެން އަޅެ ކޮންތާކަށް ކޮން ސަޕްރައިޒެއް ދޭންތަ ތިގެންދަނީ؟” ޝަދާދުގެ އަތުގައި ހިފަމުން ނާއިކް ސުވާލުކުރަމުން ދިޔައެވެ.
“ކެތްތެރިވެބަލަ. މިކަހަލަ ދުވަސް ދުވަހު ސަޕްރައިޒް ލިބޭނެއްނު. ނިއު ލައިފްއެއް ފަށަން އުޅޭ އިރު..” ޝިމާލް ރާގަކަށް ބުނެލިއެވެ. ދަރިންލިބި އުމުރުން ދޮށިވެގެން ދިޔައަސް އަދިވެސް ހުންނަ ލާނެތްކަމެއް އެމީހުން ނުކެނޑޭތާއެވެ. އެވަގުތު ޝަދާދު ނާއިކް ގޮވައިގެން އައިސް ޝީހާއާއި ތިންވަރަކަށް ފޫޓު ދުރުގައި ހުއްޓިލިއެވެ.
“އޯކޭ ރެޑީ.. ތްރީ.. ޓޫ.. ވަން..” ޝަދާދު އެވަރަށް ބުނުމުން ޔަޒާންއާ އަހުޝަމްގެ އިތުރުން ޝިމާލް ސަޕްރައިޒްއޭ ކިޔާ ހަޅެއް ލަވައިގަތެވެ. ނާއިކްގެ ލޯމަތީ އޮތް އަތް ޝަދާދު ނެގުމުން ކުރިމަައްޗަށް ބަލައިލެވުނެވެ. އެއާއެކު ޝީހާއާ ނާއިކް ހަތަރު ކަޅި ބައްދަލުވެގެން ދިޔައެވެ. ވަގުތުން ދެމީހުންނަށް ދެދިމައަކަށް ބަލައިލެވުނެވެ. އޭރު އެތާތިބި އެންމެން ދިޔައީ ހެމުންނެވެ. ނާއިކް ރަކިވެފައި ހުރެ ކޮޓަރިއަށް ދިމާއަށް ހިނގައިގަތެވެ. ޝީހާއަށްވުރެ ނާއިކް ލަދުރަކިހެން ބައެއް ފަހަރު ހީވެއެވެ.
ކޮޓަރިއަށް ދެވުމުގެ ކުރިން ސިޓިންގ ރޫމުން ނުކުތް ނާހިލް އޭނާ ހިފެހެއްޓިއެވެ. އެވަގުތު ނާއިކްއަށް އެމީހުން ޕްލޭންކޮށްފައި ހުރީ މާވަރުގަދައަށްކަން އެނގުނެވެ. ނާއިކް ތުންކޮޅަށް ގޮތެއް ހަދާލަމުން ހަރުގަނޑަށް އަރާ ހުރި ޒުނާމްއާ ވާހަކަދެއްކިއެވެ.
“އެކަމަކުވާ. ތި ތަންކޮޅުގައި ކުލަ ނުލެވިގެންވިއްޔަ ތިއުޅެނީ ދެ ގަޑީއިރު ވީއިރުވެސް..” އެއާއެކު ހަރުގަނޑަށް އަރާ ހުރި ޒުނާމް ސިއްސައިގެން ގޮސް ނާއިކްއަށް ބަލައިލިއެވެ.
“ސާބަސް. މަގޭ ބޮލުގަ ވިއްޔަ މިކަންވެސް އެ އެޅުނީ. މަ ކުލަލާ ނިންމާފަ ފެންވަރައިގެން މިއައީ..” އެވަގުތު ސިޔާދާގެ ކޮޓަރިން ނިކުމެގެން އައި ޒުނާމް ބުނެލިއެވެ. ނާއިކް ބޯކަހާލަމުން ދެމީހުންނަށް ބަލައިލިއެވެ. ޒުނާމް ރުޅި އައި ކަމަށް ހެދުނު އިރު ހަރުގަނޑުގައި ހުރި އާޝާގެ ފިރިމީހާ، ޒިޔާންގެ ހިނިގަނޑު ފަޅައިގެން ގޮއްސިއެވެ.
“ހަހަ. އެސޮރު ކުލަލާފަ ދިޔައިރު ހީވަނީ ޅަކުއްޖަކު ހަޑިހާވާފަ ދިޔަހެން. ޒައުލްއަށް ދިންނަމަވެސް މިއަށް ވުރެ ރީތިކޮށް ކުލަލާނެ..” ޒިޔާން ކުލަދަޅު ހަރުގަނޑު މަތީ ބަހައްޓަމުން ބުނެލިއެވެ.
“އާނ ދެން އާރޓް މަންމައަކާ ބައްޕައަކަށް ލިބޭ ކުއްޖަކަށް އެމީހުންގެ ފަރާތުން ވާރުތަކުރާނެތާ.” ޒުނާމް ޒިޔާންއާ ވިއްދާފައި ބުނެލިއެވެ.
“މި ބްރަޝް އެކަނި ފެނުނީ. އަނެއް އެއްޗެހި ދަބަހުގެ އަޑީގައި އުޅޭނެ. އެބަ ޖެހޭ ކޭކު އަޅަން ދާންވެސް. ޒިޔާން ދޭބަލަ ހޯދަން ބާކީ އެއްޗެހި.” ޒިޔާންގެ ވާހަކަ ރަނގަޅަށް ނުނިމެނީސް އާޝާ ވާހަދެއްކިއެވެ. ހުސްވަގުތުގައި ކޭކު އެޅުމުގައި އުޅެމުން އާޝާ އަމިއްލަ ވިޔަފާރިއެއްވެސް ފެށީއެވެ. ޒިޔާން އާނއެކޭ ބުނެލުމުން އާޝާ އެފިހި ބޭއްވުމަށްފަހު ބަދިގެ ފަރާތަށް ދާން ހިނގައިގަތެވެ.
“ދެން މަ މިތާ ބަހައްޓަނީތަ ރޭގަނޑު ވަންދެންވެސް..” ނާއިކް ނާހިލްއަށް ލޯއަޅާލަމުން ބުނެލިއެވެ. ނާހިލް އޯހް ބުނެލަމުން ނާއިކްއަށް ތަންދައްކާލިއެވެ. އެއާއެކު ޒުނާމްއާ ޒިޔާން އަނެއްކާވެސް ހޭންފެށިއެވެ.
“މިގެއަށް ވަދެފިއްޔާ އިވޭނީ ކޯޅޭ އަޑު. ކުޑަކުދިން ސަކަރާތް ޖަހާއިރުވެސް މާބޮލަށް ފަސޭހަ..” އެވަގުތު ގެއަށް ވަދެގެން އައި ސިޔާދާ ބުނެލިއެވެ. އެމީހުންގެ ފަހަތުން ނަފީސާއާ ޒާހިދާގެ އިތުރުން ރިޔާޒާއާ ދީނާވެސް ވަނެވެ.
“މަންމާ. މިހެންވެސް ވާނޭއޭ މިކަހަލަ ދުވަސް ދުވަހު.. މަންމަ ދޭބަލަ ބޮޑުދައިތަމެންގެއަށް ކައްކަން..” ނާހިލް ސިޔާދާގެ ކޮނޑަށް އަތް ވައްޓާލަމުން ބުނެލިއެވެ.
“އާނ. އަމްރާއާ އައިނީ އެބަތިބި ބޯގޮވާފަ. އެމީހުންނަށް ހުރިހާ ޅަވެރިން ހަވާލުކޮށްފަ މިމީހުން މިތިބެނީ ސަކަރާތް ޖަހަން..” ޒާހިދާ ނާހިލްގެ ކޮނޑުގައި ޖަހާލަމުން ބުނެލިއެވެ.
“އާންޓީން ވެއްޖެއްޔާ ކުލާހުގަ ހިފަހައްޓާނެ ތޭވީހަކަށް ކުދިން. ދެމީހުން ވެގެން ދިހަ ވަރަކަށް ކުދިން ބަލަން އެހާ އުނދަގުލެއް ނުވާނެއްނު.” ޒުނާމް ބުމަ އަރުވާލަމުން ބުނެލިއެވެ. “އަދި ޔަޝްމީވެސް ދާނެ.. އަޝްކާ އެހުންނަނީ ކުޑަކުދިންނައިގެން މޮޔަވާވަރުވެފަ.. އެހެންވީމަ އޯކޭ ވާނޭ..”
“ދައްތާ. މިކަހަލަ ކަންތަކާ ކުދި ކިޔަންޏާ އަބަދު މިވަރު ވާނީ. އަހަރުމެން ގޭގައި ވެސް މިވަރަކަށް ކޯޅޭނެ އެންމެން. މަށަށް ޖެހޭނީ ޅަވެރިން ބަލަން. ހިތަށް އަރާ ކޮންއިރަކު ބާއޭ ބޮޑުވާނީ.” އެމީހުންގެ ސަމާސާތަށް ބަލަން ހުރި ދީނާ ބުނެލިއެވެ.
ނާއިކްގެ ގެއަށް އައި ގޮތަށް ހިޝާމްއާ ރަޒާން އެއްކޮށް ކަހަލަ ގޮތަކަށް ގޮސް ސޯފާއަށް ވެއްޓިގަތެވެ. ދެމީހުންވެސް މާނޭވާ ލަމުން ދިޔައިރު އެއައީ ކޮންމެސް ބުރަކަމެއްގައި އުޅެފައިކަން އެނގެއެވެ.
“ސުބުޙާނަﷲ. މިހާރު ނާއިކް ކޮންދިމާލަކަށް ވައްދާފަ ތިއައީ؟ ބުނީމެއްނު އެސޮރު ހިފަހައްޓައްޗޭ..” ރަޒާންމެންނާއި މުޚާތަބުކޮށް އައިހަމް ބުނެލިއެވެ. އުމުރުން ބޮޑުވިއަސް އަދިވެސް އޭނާ އުޅޭނީ ޒުވާން ކުދިންނާއެކު ސަކަރާތް ޖަހާށެވެ.
“އެސޮރު ހިފަހައްޓާލެވެނީ ގަދަކަމުން. އަހަރުމެން ގެއަށް ގޮއްސި ކައްކާތަނަށޯ ކިޔާފަ. ރަނގަޅު މީހަކާ ހަވާލުކޮށްފަ މިއައީ.. އެސޮރު ފަހަތުން ދުވަން ތިޔަ މަސައްކަތަށް ވުރެ ބޮޑުވާނެ.” ހިޝާމް ސޯފާގައި އޮވެ ވަރެއް ނެތް ގޮތަކަށް ވާހަކަދެއްކިއެވެ.
“ތިހެން ބުނީމަ މިހަނދާންވީވެސް. މަގޭ އެބަޖެހޭ ބީޗަށް ދާން އެމީހުން މަސައްކަތް ކުރާގޮތެއް ބަލަން.. ސައިކަލު އޮންނާނެތަ؟” ޒިޔާން ކުއްލިއަކަށް ޒުނާމްއަށް ބަލައިލަމުން ބުނެލިއެވެ. ޒުނާމް އޭނާގެ ޖީބުން ތަޅުދަނޑި ނަގާ އެއްލިއެވެ. ޒިޔާން ހިނގައިގަތީ ބޭރަށް ދިއުމަށެވެ. އެންމެން ޒިޔާން ފޮނުވާލުމަށްފަހު އެމީހުން ކުރަން ތިބި މަސައްކަތައިގެން ކުރިއަށް ދިޔައެވެ. ނަމަވެސް ފަސް ވަރަކަށް މިނެޓު ފަހުން އަނެއްކާވެސް ސިޓިންގ ރޫމަށް ވަދެގެން އައީ ޒިޔާންއެވެ.
“އޭ.. މަގޭ ހަނދާން ނެތުނީ ޕެޓްރޯލު ހުސްވެފައި ހުރި ވާހަކަ ބުނަން.” ޒުނާމް ބޮލުގައި އަތް އަޅާލަމުން ބުނެލިއެވެ.
“އަސްލު ބުނަން އައީ ފްރީ މީހަކު ޒައްލު ބަލާ ދާށޭ.. އެކަމަކު ދެން ތިބުނީ ވިއްޔަ.. ހެހެ..” ޒިޔާންގެ ޖުމްލަތައް މެދުކެނޑުނީ ނާހިލް ވާހަކަދައްކަން ފެށުމުންނެވެ.
“ތިތަނަށް ރަޒާން ފޮނުވާ. އަބަދު އެގޭ ކައިރިން މުގޯލި އަޅާ ކުދިންނެއްނު ފޮނުވަން ވާނީވެސް ދޯ.” ރަޒާންއަށް ލޯއަޅާލަމުން ނާހިލް ލާނެތް ގޮތަކަށް ބުނެލިއެވެ.
“އާނ. މި ކުދިން ބަލައިގެންނޭ ލޯބިވަނީވެސް ދޯ. ކުރިއަށް އޮތީ ރަޒާންއާ އަމްރާގެ ކައިވެނި..” އާއިޝް ހެމުން ބުނެލިއެވެ. އެމީހުންގެ ތެރެއިން އެންމެ ކުޑަކޮށް ހުންނަ ފިރިހެން ކުއްޖަކީ އެއީއެވެ. ރަޒާން ނޫންކަމަށް ހެދެމުން ހިޝާމް ގޮވައިގެން ގެއިން ނުކުމެގެން ދިޔައެވެ.
ރޭގަނޑުގެ އަށްގަޑި ބައިވި ވަގުތު ހުޅުދުއްފާރުގެ ހިތްގައިމު ތުނޑީގައި އޮތް ކައިވެނި ޕާޓީއަށް ގިނަބަޔަކު ދިޔައީ ޒިޔާރަތް ކުރަމުންނެވެ. މުޅި އެ ތަން ވަނީ މީހުން ތަކުން ފުރިފައެވެ. އެކި އުމުރުފުރާގެ މީހުން އެތަނަށް ގޮސް އުޅުނެއްކަމަކު އެތަނުގައި ވަނީ އަންހެން ފިރިހެން ވަކިކޮށެވެ.
ހުދުކުލައިގެ ބޮކި ފައްޗާއި ދަނބު ކުލައިގެ ބޮކި ފަތި ބޭނުން ކޮށްގެން އެތަންވަނީ ނުހަނު ރީތިކޮށް ދިއްލާލާފައެވެ. ފަނޑު އައްޔެއްގެ ސަބަބުން މުޅިތަނުގައި ވަނީ ހިތްގައިމު ކުލައެކެވެ. އެހިތްގައިމުކަން އިތުރުކޮށްދެނީ އުޑުގައި ރަސްކަން ކުރަމުންދިޔަ ސާދަވިލޭރޭގެ ފުރިހަމަ ހަނދާއި ވިދަމުން ދިޔަ ކުދި ތަރިތަކުންނެވެ. އެއަލިތަކުގެ ތެރެއިންވެސް ފާހަގަވަނީ ފުދޭވަރަކަށް އަލިކޮށްފައި އޮތް ތަންކޮޅެއްގައި ހުރި ކުޑަ ސްޓޭޖް މަތީ ހުއްޓިގެން ތިބި ނާއިކްއާ ޝީހާއެވެ. އެމީހުންގެ މޫނުމަތީގައި ވަނީ ފުރިހަމަ ހިނިތުންވުމެކެވެ. ހުދު ކުލައިގެ ބޮޑު ހެދުމެއްލައިގެން ހުރި ޝީހާގެ މޫނުމަތީގައި ވަނީ ލުއި މޭކަޕެއް ކުރެވިފައެވެ. އެހެންނޫނީ ޝޯލް އަޅާ ގޮތާ ހިލާފަށް އޭނާ މިރޭ ޝޯލް އަޅާފައި ހުރިއިރު ހޫރުޕަރީއެއްފަދައެވެ. ޝީހާގެ ކަނާއަތް ފަރާތުގައި ހުއްޓި ހުރި ނާއިކް ލާފައިވަނީ ކަޅާއި ދަނބު ކުލައިގެ ވެޑިންގ ސޫޓްއެކެވެ. އެ ޖޯޑުގެ ގުޅޭކަމަށް އެންމެންވެސް ތަޢުރީފު ކުރަމުން ދިޔައިރު އެމީހުންގެ މޫނުމަތީ ވަނީ ލަދުރަކި ހިނިތުންވުމެކެވެ.
“ދަރިފުޅާ.. ބަސްއަހައިގެން އުޅޭތި. ބައްޕައާ ދުރުގައި ހުއްޓަސް ބައްޕައާ ގުޅުން ބާއްވައްޗޭ. ބައްޕަ އުންމީދު ކުރަން ބައްޕައަށް ދަރިފުޅުމެން ބެލުނީ ރަނގަޅަށް ކަމަށް. މަންމައެއް ނެތް ކަމުގެ އިޙްސާސް ނުކުރެވޭނެހެން ދަރިފުޅުމެން ބެލުމަކީ ބައްޕަގެ އެންމެ ބޮޑު އަޒުމް. އެކަން ފުރިހަމަ ވީކަމަށް ބައްޕަ އުންމީދުކުރަން.” މީހުން މަދުވި ގަޑިއެއްގައި ޝީހާ ސްޓޭޖުން ފޭބުމާއެކު އަޙްސަން ލޯބިވާ ދަރިފުޅު ގޮވައިގެން ދުރަށް ޖެހިލިއެވެ.
“ބައްޕާ. ބައްޕަ އަޅުގަނޑުމެންނަށް ތިވެދިން ގުރުބާނީއަކީ ދުވަހަކުވެސް އަޅުގަނޑުގެ ހަނދާނުން ފުހެވޭނެ ކަމެއްނޫން. އަޅުގަނޑު އުފާކުރަން ތިހާ ހިތްވަރުގަދަ، ކެތްތެރި ބައްޕައެއް އަޅުގަނޑަށް ލިބުނީމަ. ބައްޕަދެކެ ވަރަށް ލޯބިވޭ.” ޝީހާ އަޙްސަންގެ ގައިގައި ބައްދާލަމުން ބުނެލިއެވެ.
“މިއަދު ދަރިފުޅު ތިއީ ބޮޑު ކުއްޖެއް. ދަރިފުޅުގެ މަންމަ ކަހަލަ އަންބަކަށް ވެވޭތޯ މަސައްކަތް ކުރައްޗޭ. ބައްޕައަށް ޔަޤީން ދަރިފުޅަކީ އެކަހަލަ ކުއްޖެއްކަން.” އަހްސަންވެސް ޝީހާ ގައިގައި ބައްދާލިއެވެ.
“އަޅުގަނޑު ވަރަށް އުފާވެއްޖެ. އަޅުގަނޑާމެދު ބައްޕަ އެއްވެސް ޝައްކެއް ނުކުރާނެކަން އެނގޭތީ. އިންޝާ ﷲ މަންމަ ކަހަލަ މީހަކަށް ވެވޭތޯ މަސައްކަތް ކުރާނަން.” ޝީހާގެ ޖުމްލަ ނިމެނިކޮށް ނައުޝާމެން އެމީހުންނަށް ގޮވަންފެށުމުން ޝީހާއާ އަޙްސަންވެސް އެމީހުންގެ ގާތަށް ދިޔައެވެ.
“ކާން ދާންވެގެން މިގޮވަނީ. ނާއީވެސް އެބަހުރި ލަސްވެފަ..” ޝީހާ އައުމާއެކީ ނައުޝާގެ މޫނުމައްޗަށް ވެރިވީ ލާނެތްކަމެވެ. ޝީހާ ވަށައިގެން ބަލައިލިއެވެ. ދުރުގައި ހުރި ނާއިކްގެ ތޫނު ނަޒަރުވެސް އަމާޒުވެފައި ހުރީ އޭނާއަށެވެ.
“ސުބުހާނަﷲ. މިކުއްޖާއަށް އެހެން ތަނެއްވެސް ނުފެންނަނީތަ؟ އޭއި. ނާއިކޫ..” ހެމުން ޝިމާލް ބުނެލިއެވެ. ނާއިކް ސިއްސައިގެން ގޮސް އެމީހުންނަށް ބަލައިލި ގޮތުން އެމީހުންގެ ހުނުން ވީއިތުރުވިއެވެ.
“ދެން ދާންވީ ކާން. އަހަރުމެންވެސް މިއުޅެނީ ކާންވެގެން. ލަސްނުކޮށް އަންނާތި، އަވަހަށް ގެއަށްވެސް ދާންޖެހޭނެ.” ނާހިލް ނާއިކްގެ ކޮނޑުގައި ހިފާ ކޮށްޕާލަމުން ބުނެލިއެވެ. ނާއިކް ނާހިލްއަށް ލޯއަޅާލަމުން ޝީހާ ގާތަށް ދާން ހިނގައިގަތެވެ.
ނާހިލް މަންޒަރު ބަލަން ހުރި އިރު ފެންކަޅި ވެއްޖެއެވެ. އެންމެ ފަހުން އޭނާގެ ލޯބިވާ ކޮއްކޮވެސް އޭނާ ބޭނުންވާ ކަހަލަ ކުއްޖަކަށް ވެއްޖެއެވެ. އޭނާ ކޮންމެ ނަމާދަކަށް ފަހު ކުރި ދުޢާތައް އިޖާބަ ކުރައްވައިފިއެވެ. އޭނާގެ އުންމީދަކީ ނާއިކް އޭނާގެ ޙަޔާތް އުފާވެރިކަން މަތީ ވޭތުކުރުމެވެ. ހަމަޖެހޭ އަމާން ދިރުއުޅުމެއް އުޅުމެވެ. ނާހިލްގެ ކައިރީގައި ހުރި ޒުނާމްވެސް ހުރީ އެފަދަ ޚިޔާލުތަކަކަށް ގެއްލިފައެވެ. ޚިޔާލުތަކަށް ގެއްލިފައި ހުރި ނާހިލް ސިހިގެން ދިޔައީ ޒުނާމް އޭނާގެ ކޮނޑުގައި ޖަހާލަމުން ހިނިތުންވެލުމުންނެވެ.
“އެ އަންނަނީ، އަވަހަށް ދޭ! ރަނގަޅަށް ކާތި. މިއަދު ބޮޑާ ނަހާކާތި ނުކާންވެގެން.. ލަވާނެ ނުކާން އުޅެންޏާ. ގުޑް ލަކް..” ޝަފާ ޝީހާގެ ކޮނޑުގައި ޖަހާލަމުން ބުނެލިއެވެ. އޭނާއަކީ އަހްސަންގެ ކޮއްކޮ، އަކްމަލްގެ އަނެހެނުންނެވެ. އަމިއްލަ ދަރިއެއް ފަދައިން އޭނާ ޝީހާ ބެލުމުން އެދޭތެރޭގައި އޮންނަނީ ވަރުގަދަ ގުޅުމެކެވެ.
އެތަށް ސަކަރާތެއް ޖެހުމަށް ފަހު އެމީހުންނަށް ގެއަށް އާދެވުނީ ދަންވަރު ބާރަޖަހަން ގާތްވެފައި ހުއްޓައެވެ. ސިޓިންގ ރޫމުގައި ކަޅު ކުލައިން ވެލްކަމް ޖަހާފައި އިނެވެ. އެއީ ޒިޔާންގެ ބުރަ މަސައްކަތް ކަން ނާއިކްއަށް ފުރަތަމަ ބަލައިލުމާއެކުވެސް އިނގުނެވެ. ނާއިކް ކޮޓަރި ދޮރާހަމައަށް ރަތް ދޫލައެއް އަޅާފައި އޮތް އިރު އެދޫލައިގައި ފިނިފެންމަލުގެ ފިޔަތަށް ހުއްޓެވެ. އެރަތް ދޫލަ މަތިން ހިނގާލާފައި ގޮސް އެމީހުން ހުއްޓުނީ ކޮޓަރި ދޮރުމަތީއެވެ. ދޮރުގެ ދެފަރާތަށް ނާއިކްއަށް އެންމެ ރީތި، ރަތް ކުލައިގެ ފޮތިގަނޑެއް އައްސާފައި އިނެވެ. އެފޮތިގަނޑުގައި ހުދު ކުލައިގެ ޓައިއެއް އިން އިރު އެޓައިގައި ކޮޓަރި ދޮރުގެ ތަޅުދަނޑި އިނެވެ. ރަތްކުލައިގެ ދެހިތް އިން އެތަޅުދަނޑި ޝީހާއަށް ނުހަނު ކަމުދިޔައެވެ. ލަސްކުރުމެއް ނެތި އަވަހަށް ދޮރު ހުޅުވާލިއެވެ. ކޮޓަރީގައި ވީ ކަނު އަނދިރިކަން ފިލައިގެން ދިޔައީ ނާއިކް ކޮޓަރީގެ ބޮކި ދިއްލާލުމުންނެވެ.
ޓައިލްސް ފެންނަން ނެތް ވަރަށް ފުއްޕާހަން އަޅާފައި ހުރި އިރު ނާއިކްގެ ލޮލުގައި ފުރަތަމަވެސް އަޅައިގަތީ ފާރުގައި ކުރަހާފައި ހުރި ތަނަށެވެ. އޭނާ ގެއިން ނިކުތް އިރު އެތަނުގައި އެއްވެސް ކުރެހުމެއް ނުހުންނާނެއެވެ. އެހާއަވަހަށް އެމީހުން ކުރެހީތާއެވެ. ‘ނާއިކް އެންޑް ޝީހާ’ ޖަހާފައި އިން އިރު އޭގެ ބޭރުގައި އުދުހިގެން ދާ މަލުގެ ފިޔަތަކެއް ކުރަހާފައި ހުއްޓެވެ. ނާއިކްގެ ލޯ އެތަނަށް އަމާޒުވި ނަމަވެސް ޝީހާގެ ނަޒަރު ފުރަތަމަ ހުއްޓުނީ އެނދުމައްޗަށެވެ. ހަތަރު ބާލީސް ރީތިކޮށް އަތުރާލައިފައި އިން އިރު އެނދުގެ ބެޑްޝީޓާއި އެއްގޮތް ވާނެހެން އެބާލީސްތަކުގެ އުރަވެސް ހުރީ ރަތް ކުލައިންނެވެ. އެނދުގެ މެދުގައި ގަދަ ފިޔާތޮށި ކުލައިގެ ފިނިފެންމަލުން ބޮޑު ހިތެއް އިނެވެ. ޝީހާއަށް ހިނިތުންވެވުނެވެ. ނާއިކްގެ އަތްތިލައަށް ޝީހާގެ ކުޑަ އަތްތިލަ މަހާލެވިގެން ދިޔައީ އެހިނދުގައެވެ.
ކުއްލިއަކަށް ބާރަށް ދޮރު ޖެހުނު އަޑަށް ނާއިކްއާ ޝީހާވެސް ދޮރާ ދިމައަށް ބަލައިލިއެވެ. އެއަށްފަހު ދެމީހުންގެ ނަޒަރުވެސް ސީދާވެލިއެވެ. ވަގުތުން ޝީހާގެ މޫނަށް ޖަންބު ކުލަ ވެރިވެގަތުމާއެކު ދުރު ބަަލައިލިއެވެ.
“އެއްޗެއް ދައްކަންތަ؟” ކިޔާނެ އެއްޗެއް ނޭނގުމާއެކު ނާއިކްއަށް ކޮށްލެވުނީ އެސުވާލެވެ. ސިކުނޑި ދިން ކުއްލި ހިޔާލަކާއެކުއެވެ. މަޑުމަޑުން ޝީހާ ‘ހޫމް’ އަޑު ލައްވާލިއެވެ.
“އެއީ އަހަރެންނަށް ފުރަތަމަ ލޯބި އިހުސާސްވި ދުވަސް.. މައި ފަސްޓް ލަވް!..” ކައިވެނީގެ ފުރަތަމަ ރޭވެސް އަނބިމީހާ ބަހައްޓާފައި ‘ފަަސްޓް ލަވް’ ތާއެވެ. ޝީހާ ހުރީ ނާއިކްގެ ހަރަކާތްތަކަށް ބަލާށެވެ. ހެދުން އަޅުވާ އަލަމާރި ތެރެއިން އޭނާ ނެގީ ކުޑަކުޑަ ފޮށްޓެކެވެ. ފޮށީގެ މަތީގައި އައްސާލައިފައިވާ ގަދަ ރަތް ކުލައިގެ ރިބަން ކޮޅު އޭނާ ދޫކޮށްލިއެވެ. އެއަށްފަހު އެފޮށީގެ ތެރެއިން ފަތްޖަހާލާފައިވާ ހުދުު ގަނޑެއް ނެގުމަށްފަހު ފޮށި އެނދުމަތީގައި ބެހެއްޓިއެވެ.
“އެދުވަސް މަތިން ޝީ ހަނދާން ނެތް ދޯ؟” ނާއިކް އެގަނޑު ނިއުޅާލަމުން ޝީހާއަށް ދައްކާލިއެވެ. އެއާއެކު އޭނާ ދެލޯ ބޮޑުކޮށްލަމުން އަނގަމަތީ އަތް އަޅާލިއެވެ. ދިގު ފިޔަވަޅުތަކެއްގައި އައިސް ނާއިކް އަތުގައި އޮތް ގަނޑު އަތުލިއެވެ. މާނަވީ ބެލުމަކުން ނިކަން ހިނިއައިސްފައި ޝީހާއަށް ބަލަން ނާއިކް ހުއްޓެވެ.
“ކިހިނެއް މީތި ލިބުނީ؟ އެރޭ އަހަރެން ގެއަށް ގޮސް ނުހާވާކަށް ފޮތެއް ނުހުންނާނެ..” އެތަށް އަހަރަކަށް ފަހު ނުފެނިގެން އުޅުނު ގަނޑު ފެނުމުން އެމޫނުމަތި އުޖާލާވެގެން ގޮއްސިއެވެ.
“ފޮތް ހިފައިގެން ދިޔައީނު އަހަރެން މީތި ދޭންވާއިރު..” ދެމީހުންގެ ދޭތެރޭ އޮތް ބީރައްޓެހިކަން ފިލައި ދިޔައީ ކޮންތާކަށް ކަމެއްވެސް ނޭނގެއެވެ. ‘ފަސްޓް ލަވް’ އިން ފެށި ކުޑަ ވާހަކައިގައި ކުރި ފަޅައިގެން ގޮސްފިއެވެ.
“އެއީ.. އެއީ ނާއީތަ؟” ލަދުރަކި ހިނިތުންވުމަކާއެކު ޝީހާ ސުވާލުކޮށްލިއެވެ. ޝީހާއަށް ބަލައިލަމުން އޭނާ ބޯޖަހާލިއެވެ.
“އަހަރެން އުޅުނިން މީތީގަ އޮތް ޑިޒައިން ފުރިހަމަ ކުރަން.. އެކަމަކު އާޓްއަށް އަހަރެން އެހާ މޮޅެއް ނުވާނެ…” ދެމީހުންވެސް އިށީނީ ގޮދަޑި މަތީގައެވެ.
“އޭރަށް ކަމަކު ނުދާނެ.. މީތި މި ގޮތަށް ބާއްވާ..” އަނބުރާ ނާއިކްގެ އަތަށް އެގަނޑު ލައިދެމުން އޭނާ ބުނެލިއެވެ.
ދެއަތް އުފުލާލާ ނާއިކް ޝީހާގެ ކޯތާފަތުގެ ދެފަރާތުގައި ލޯބިން ފިރުމާލިއެވެ. އެއަށްފަހު މަޑުމަޑުން ގާތްވެލާ ޝީހާގެ ނިތުގައި ބޮސްދިނެވެ. ޝީހާއާ ދުރުވެލަމުން އޭނާ އަތް ދިއްކޮށްލިއެވެ. ފަސްޖެހިފައި ހުއްޓަސް އޭނާގެ ހުޅުވާލެވިފައިވާ އަތްތިލައިގެ ތެރޭ ޝީހާގެ އަތްތިލަ ބާއްވާލިއެވެ. ދެމީހުންވެސް އެކަކު އަނެކަކާ ވަކިނުވާން ވަޢުދުވިއެވެ. ކޮންމެ ޙާލަތެއްގައިވެސް އެކުގައި ވުމަށާއި ދުވަހަކުވެސް ދޫނުކުރާނަންކަމަށް ބުނަމުންނެވެ. ދުނިޔޭގައި ދިމާވާ ދަތި ޙާލަތްތަކުގައާއި އުފާވެރި ޙާލަތެއްގައި ވެސް އެކުގައި ވުމަށް އެއްބަސްވަމުންނެވެ.
-ނިމުނީ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
10 Comments!
Comments are closed.




I love this story I proudly to make lovely story I am so happy . I was reading this story it was so beautiful story
Keep it up aayaa I love you very much 💘💕♥️💗😘
Means a lot to me!! Thank you so much 🥰❤️
Very nice story thuhtha ….. Keep going
Thank you Hikooo..!!😘 Thuhtha Miss you sooo much..🥺❤️
Very nice thuhtha keep going love you ❤️❤️😍
Thank you for the lovely comment @$hi..❤️🥰
And Love you too..😘😘
Konirakun ehen vahaka ea nereny
I can’t wait to read your storys
Keep going
Love you💕💕💕💖
In sha Allah dhigu vaahaka eh next year ge February/March hisaabuga neredheynan.. keep waiting till then..!❤️
BTW thanks for your lovely comment <3
😊🥰
Keep up aashyaa.I will always support you. love you aash.😘❤️
In sha Allah, I will..!
Aww Thank you so much Kim v..😅❤️Love you tooo..😘😘