“މީ ކޮން ބައެއް؟” ވަސީމާ ދުރުވެލުމާއެކު ނާއިކް ސިޔާދާމެންނަށް އިޝާރާތްކޮށް ބުނެލުމާއެކު އެންމެންގެ މޫނުމަތީގައި ވި ހިނތުންވުން ފިލާ ގޮއްސިއެވެ. މުޅި މާހައުލަށް ވެރިވެގަތީ ހަމަހިމޭންކަމެވެ.
ފަހަތަށް އެނބުރިލުމާއެކު ގޮނޑި ކައިރީ ހުރި ނައުޝާގެ އަތުގައި ސިޔާދާ ހިފާލިއެވެ. އެ މޫނުމަތިގައި ވީ ނިމުމެއް ނެތް ހާސްކަމެވެ. ވީ ގޮތެއް ކިޔައިދޭށޭ ބުނާ ފަދައަކުން އޭނާ ނައުޝާ އަށް ބަލަހައްޓައިގެން ހުއްޓެވެ. ފަރުހާދު ނާހިލްއަށް ބަލައިލިއެވެ. ބުނަންވީ ކީކޭކަމެއް ނޭނގިފައި ހުރި ނާހިލްގެ ނަޒަރު ވެސް ދަތުރުކުރީ ފަރުހާދަށެވެ. ދެމީހުންވެސް އެކަކު އަނެކަކަށް ބަލައިލީ ޖަވާބެއް ދޭށޭ ބުނާ ފަދައަކުންނެވެ. އެންމެފަހުން ފަރުހާދު އެކަމަށް އިސްނެގިއެވެ.
“ދަރިފުޅު ސަމާސާ ކުރަނީތަ މިވަގުތު ވެސް؟” ފަހަރަކު މީހެއްގެ މޫނަށް ބަލަމުން ފަރުހާދު ބުނެލައިފިއެވެ.
“އަޅުގަނޑުތަ ނޫނީ ބައްޕަތަ؟ އެކްސިޑެންޓް ވެގެން ހޭއެރިއިރު މިހާ ގިނަ މީހުން އެއްކުރީ ސަމާސާ ކުރަންތަ؟” ނާއިކްގެ ވާހަކައިގެ ރާގުން އޭނާ އެކުރަނީ ސަމާސާއެއް ނޫންކަން އެންމެންނަށްވެސް ޔަގީން ވެއްޖެއެވެ. ހަމަ ހިމޭން ކަމުގެ ސުކޫތަކަށް ފަހު ނާހިލް ދުވެފައި ބޭރަށް ނިކުތެވެ.
ނައުޝާގެ އަތުގައި ހިފަހައްޓައިގެން ހުރި ސިޔާދާގެ އަތް މަޑުމަޑުން ދޫވަމުން ދާތީ އޭނާ ސިޔާދާއަށް ބަލައިލި ވަގުތު ސިޔާދާ އަރިއަޅާލިއެވެ. ނާހިލް ފަހަތުން ބޭރަށް ދާން ވެގެން އުޅުން ފަރުހާދުއަށް ސިޔާދާއާ ހަމައަށް ދެވުނީ އެވަގުތެވެ. އޭނާއަށް ސިޔާދާ ނުހިފެހެއްޓުނު ނަމަ ސިޔާދާ ވެއްޓުނީހެވެ.
ދައްތާއޭ ކިޔާލަމުން ވަސީމާ ދުވެފައި އައިސް ސިޔާދާއަށް ގޮވަން ފެށިއެވެ. ނައުޝާވެސް ރޮވިފައި ހުރެ ސިޔާދާއަށް ގޮވިއެވެ. ނާއިކް އެނދުގައި އޮތީ ވަމުންދާ ގޮތް ދެނެގަންނަން އުޅޭ ފަދައަކުންނެވެ.
“ހިނގާ އަވަހަށް ބޭރަށް..” ސިޔާދާ އަތްދަނޑި މައްޗަށް ނަގައިގެން ފަރުހާދު ހިނގައިގަތީ ބޭރަށެވެ. ނައުޝާއާ ވަސީމާވެސް އޭނާގެ ފަހަތުން އައެވެ.
“ވަސީ މަޑުކުރޭ ނާއިކް ކައިރީ..” ކޮޓަރީގެ ދޮރާ ހަމައަށް އައިސްފައި ފަރުހާދު ބުންޏެވެ. ބޯ ޖަހާލަމުން ވަސީމާ އެއްބަސްވީ ނާއިކް ކައިރީވެސް މީހަކު މަޑުކުރަން ވާނެކަން ދަނެގެންނެވެ.
ޑޮކްޓަރު ގޮވައިގެން ކޮޓަރިއަށް އައި ނާހިލްއަށް ފާހަގަވީ އެކޮޓަރިން މީހުން މަދުވެފައިވާ ކަމެވެ. ސުވާލު ކޮށްލަން އަނގަ ހުޅުވާލި ވަގުތު ކޮޓަރިއަށް ވަދެގެން އައީ ފަރުހާދުއެވެ. އޭނާގެ ފަހަތުން ޔޫސުފްއާ ހިޝާމްވެސް ވަނެވެ.
“އެޑްމިޓްކޮށްފި.. ޑޮކްޓަރު ބުނީ މާ ހާސްވިމަ ވީގޮތެއް ކަމަށް.. ނައުޝާއާ ރިޔާޝާވެސް އެބަތިބި..” ފަރުހާދު ވީގޮތް ކިޔައިދިނެވެ. މިވަގުތު ދާންވީ މަންމަ ގާތަށް ކަމެއް, މަޑުކުރަންވީ ކޮއްކޮ ގާތުގައި ކަމެއް ނިންމަން ނާހިލްއަށް އުނދަގޫވިއެވެ.
“ނާއިކް.. ކިހިނެއް ހާލު؟” މުޅި މާހައުލު ހިމޭންވެފައި އޮންނަން ފެށުމުން ޑޮކްޓަރު ނާއިކްއާ ސުވާލުކޮށްލިއެވެ. ރަނގަޅު ކަމަށް ބުނެ އޭނާ ޖަވާބު ދިނެވެ.
“މިތަނުން ނާއިކް ދަންނަނީ ކޮން ބައެއް؟” ނާއިކްއަށް ބަލަމުން ޑޮކްޓަރު އަނެއްކާވެސް ސުވާލުކުރިއެވެ.
“ބައްޕަ އެކަނި.. ދެން މި ކުއްޖާ ފެނުންހެން ހީވޭ.” ހިޝާމްއަށް އިނގިލި ދިއްކޮށްލަމުން ނާއިކް ބުނެލިއެވެ.
“އެންމެ ރަނގަޅު..” ލުއި ހިނިތުންވުމެއް ނާއިކްއަށް ހަދިޔާ ކޮށްލަމުން ޑޮކްޓަރު ނިކުތީ ބޭރަށެވެ. އޭނާގެ ފަހަތުން ނާހިލްއާ ފަރުހާދުވެސް އައެވެ.
“އަޅުގަނޑާއެކު ރޫމްއަށް ދުރުވޭ..” ބޯޖަހާލަމުން ދެމީހުންވެސް ޑޮކްޓަރުގެ ފަހަތުން ހިނގައިގަތެވެ. ވީގޮތް އެނގުނަސް އެމީހުން ތިބީ އެކަން ގަބޫލުކުރަން ބޭނުންނުވެފައެވެ.
“ނާއިކްގެ ބައެއް ހަނދާންތައް ވަނީ ސިކުނޑިން ފުހެވިފަ.. ހަނދާންތައް އަނބުރާ އައުމަށް ދުވަސް ނަގާނެ.. ހުރިހާ ކަމެއް އެއްކޮށް ހަނދާން ނުވެދާނެ، އެކަމަކު ގިނަ ކަންކަން ހަނދާންވާނެ.. އެހެންވީމަ ހުރިހާ ކަމެއް އެއްފަހަރާ ކިޔައިދިނުމަށްވުރެ މިދުވަސްކޮޅު ލަސްލަހުން ކަންތައް ކިޔައިދީ.. ސިއްހަތަށް ފައިދާ ހުރި ކާނާ ކެއުމަށާ، ގަވައިދުން ކަސްރަތު ކުރުމަށް ހާއްސަ ސަމާލުކަން ދީފިނަމަ ކުރު މުއްދަތެއްގެ ތެރޭ ހަނދާންތައް އަނބުރާ އައުމުގެ ފުރުސަތު ބޮޑުވާނެ.. އިތުރު ޓެސްޓްތައް ހެދުމަށްފަހު މީގަ ދެން އިތުރު އެއްޗެއް ބުނަން އިނގޭނީ..” މިވަގުތު ލިބެން ހުރި މައުލޫމަތު ޑޮކްޓަރު ހިއްސާކުރިއެވެ. ފަރުހާދުއާ ނާހިލް ބަހެއް ނުބުނެ ތިބީއެވެ. އެންމެ ކުރިން އެރޫމްއިން ނިކުމެގެން ދިޔައީ ނާހިލްއެވެ. ފަރުހާދު ޑޮކްޓަރު ގާތުގައި ވާހަކަދައްކަން އިރުކޮޅަކު މަޑުކުރިއެެވެ.
މަޑުމަޑުން ހިނގާފައި ނާހިލް ދިޔައީ މަންމަ އޮތް ވޯޑަށެވެ. ވަށައިގެން ވީ މާހައުލަށް އޭނާގެ އެއްވެސް ސަމާލުކަމެއް ނެތެވެ. ހަގީގަތުގައި ޑޮކްޓަރު ދެއްކި ވާހަކަތައް އަދިވެސް އޭނާ ގަބޫލެއް ނުކުރެއެވެ. ވޯޑުގެ ދޮރާ ހަމައަށް އައިސްފައި އޭނާ މަޑުކޮށްލިއެވެ. ދޮރުގައި އިން ބިއްލޫރިގަނޑުން އޭނާ އެތެރެ ބަލައިލިއެވެ. ސިޔާދާ ގާތަށް ނުގޮސް އޭނާ މަޑުކޮށްގެން ހުރީ އެތަނުގައެވެ. މަންމައާ ވާހަކަދައްކާނެ ހިތްވަރެއް އޭނާގެ ނެތީމައެވެ. އިރުކޮޅަކު އެތަނުގައި އޭނާ ހުއްޓާ ރިޔާޝާގެ ނަޒަރު އޭނާއަށް ހުއްޓިއްޖެއެވެ، ވަގުތުން އޭނާ ނައުޝާ ގާތު ވާހަކައެއް ބުނެލިއެެވެ. އޭނާއަށް ބަލައިލުމަށްފަހު ނައުޝާ ނިކުންނަން އައުމުން ނާހިލް ކުރިމަތީ ހުރި ގޮނޑިބަރިން ގޮނޑިއެއްގައި އިށީނެވެ.
“ނާލް..” ނާހިލް ގާތުގައި އިށީންނަމުން ނައުޝާ ލޮތްބާއެކު ފިރިމީހާއަށް ގޮވާލަމުން އޭނާގެ އަތުގައި ހިފާލިއެވެ. ކަރުނަވީ ލޮލަކުން ނާހިލް ނައުޝާއަށް ބަލައިލިއެވެ. ފިރިމީހާގެ އިހުސާސްތައް ދަނެ އޭނާ މަޑުމަޑުން ނާހިލްގެ ގައިގައި ބައްދާލިއެވެ.
“ނައު.. ކީއްވެ އަބަދު މިހެން ވަނީ؟ ބައްޕަ ނިޔާވިފަހުން ދުވަހަކުވެސް އަހަރުމެންގެ އާއިލާއަށް އުފަލެއް ނެތީތަ؟” ނައުޝާގެ ކޮނޑުގައި ބޯއަޅައިގެން އޮވެ އޭނާއަށް ޝަކުވާ ކުރެވުނެވެ.
“ޓްރަސްޓް ﷲ.. ހިތްވަރު އެލޭ ކޮންމެ ފަހަރަކު ނަމާދުން ވާގި ހޯދާ..” އެއަށްފަހު ފާއިތުވި ވަގުތު ދެމީހުންވެސް އެއްވެސް އެއްޗެއް ނުބުނެއެވެ.
“ތެންކިއު ލޯބިވާ..” ނައުޝާގެ ކަންފަތް ދޮށުގައި މަޑުމަޑުން ނާހިލް ބުނެލިއެވެ. އެއަށްފަހު ނައުޝާ އޭނާގެ ގަޔާ ދުރުކޮށްލަމުން އޭނާގެ ނިތަށް ބޮސްދިނެވެ. ބަހެއް ބުނުމެއް ނެތި ނައުޝާ ނާހިލް ގައިގައި ބައްދާލަމުން ދުރުވެލިއެވެ.
“މަންމައާ ވާހަކަދައްކާލަން ދޭ..” ކޮޅަށް ތެދުވަމުން ނައުޝާ ބުނެލިއެވެ. ލުއި ހިނިތުންވުމަކާއެކު ނާހިލް ބޯޖަހާލިއެވެ. ނާހިލްއަށް ވުރެ ކުރިން ނައުޝާ އެތެރެއަށް ވަންނަން ދިޔައެވެ. އެހެންނަމަވެސް އޭނާ ފަހަތް ބަލައިލީ ނާހިލް ފަހަތުން ނާންނަކަން އެނގުން ވުމުންނެވެ. ފޯނު ކަންފަތުގައި ޖައްސާލަމުން މިދަނީ ކަމުގައި އޭނާ ބުންޏެވެ.
ފޯނަށް ޖަވާބު ދިނުމަށްފަހު އޭނާ ވަށައިގެން ބަލައިލިއެވެ. އެއަށްފަހު ދުރުގައި ތިބި ބަޔަކަށް ހަނާ އަޅާލިއެވެ.
“ޒުނާމް..” އެމީހުން ކައިރިއަށް އައުމާއެކު ނާހިލް ޒުނާމްއާ ސަލާމް ކޮށްލަމުން ބުނެލިއެވެ.
“ނާއިކް މިތަނަށް ބަދަލުކުރީތަ؟ ބުނީމެއްނު ޕްރައިވެޓް ވޯޑެއްގައޭ އޮންނަނީ..” ވަށައިގެން ނަޒަރެއް ދެމުން އޭނާ އަވަސް އަވަހަށް ބުނެލިއެވެ.
“ޒުނާމް. ހީ ލޮސްޓް ހިޒް މެމޮރީ.. މިގަޑީގައި ވަނުން ރަނގަޅެއް ނޫން.. އެހެންވެ މަންމަ އަނބުރައިގަނެގެން އެޑްމިޓް ކޮށްފައި އޮތީމަ..” އެންމެންގެ ތެރެއިން ދުރަށް ޖެހިލަމުން ނާހިލް ބުނެލިއެވެ. ފުރަތަމަ ޒުނާމް ހީކުރީ ނާހިލް މަޖަލަށް ވާހަކަ ދައްކަނީ ކަމުގައެވެ. އެހެނަސް އެމޫނުމަތީގައި ވި ސީރިއަސްކަން އެކަން ދޮގުކުރެއެވެ. ޒުނާމްއަށްވެސް ޖެހުނީ އެހަގީގަތް ގަބޫލު ކުރާށެވެ. އާއިލާއާ އެވާހަކަ ހިއްސާ ކުރީ ޒުނާމްއެވެ. ތަކުރާރުކޮށް އެވާހަކަ ދައްކަން ނާހިލް ބޭނުން ނުވާނެކަން އޭނާ ދެނެގަތީއެވެ.
ޒާހިދާއާ ޒުނާމްއާއެކު ނާހިލް އެތެރެއަށް ވަނެވެ. ރިޔާޝާއާއެކު ނައުޝާ ބޭރަށް ނިކުތީ އެތެރޭގައި ގިނަ މީހުން ނުތިބުމަށް އިރުޝާދު ދީފައިވާތިއެވެ. އެތަނުގައި ރަޒާން ނެތްކަން ފާހަގަަވި ނާހިލް ނައުޝާ ގާތުން ރަޒާން ކޮބައިތޯ އަހާލިއެވެ.
“ބޭރަށް ދިޔަތާ ކިތަންމެ އިރެއް ދޯ..” ރިޔާޝާއަށް ބަލައިލަމުން ނައުޝާ ވާހަކަދެއްކިއެވެ. އޭނާ މަޑުމަޑުން އާނއެކޭ ބުނެލިއެވެ.
ޒާހިދާ ފެނުމާއެކު ސިޔާދާގެ ރުއިން ވީ އިތުރެވެ. ޒާހިދާ ގައިގައި ބައްދައިގެން އޮވެ ސިޔާދާ އެތައް އިރަކު ރުޔެވެ.
“މަންމާ.. މިގަޑީގައި ހިތްވަރު ކުރަންވާނީ..” މައިމީހާ ރޯތަން ބަލަން ހުންނާކަށް ނާހިލްގެ ހިތަށް ކެތެއް ނުވިއެވެ. އޭނާ ގޮސް ޒާހިދާގެ ކޮނޑުގައި އަތް ބާއްވާލިއެވެ. ޒާހިދާ ކަރުނަ ފުހެލުމާއެކު ދުރަށް ޖެހިލިއެވެެ.
“މަންމާ.. ތިހާ އަވަހަށް އުންމީދު ގެއްލުވާލާކަށް ނުވާނެ. ޑޮކްޓަރު ބުނި އިރާދަކުރެއްވިއްޔާ ނާއީގެ ހަނދާންތައް އަަންނާނޭ..” އެނދު ކައިރީ ހުރި ގޮނޑީގައި އިށީނދެ ނާހިލް ވާހަކަދެއްކިއެވެ.
“ބޮޑުބެ ދައްތާ.. އިރާދަކުރެއްވިއްޔާ ނާއީ ރަނގަޅުވާނެ.. އަހަރުމެންވެސް މިތިބީ ބޮޑުބެދައްތައާއެކު..” އެހުރިހާ އިރަކު ދުރުގައި މަންޒަރު ބަލަންހުރި ޒުނާމްވެސް ކައިރިވެލިއެވެ.
“ކޮން އިރަކު ޒުނާމްގެ ކައިވެނި އޮތީ؟..” ނާއިކްގެ ވާހަކަ ދައްކަން ސިޔާދާއަކަށް ފަސޭހައެއް ނުވިއެވެ. އެހެންވެ އޭނާ ފެށީ ޒުނާމްގެ ކައިވެނީގެ ވާހަކައެވެ. އޭނާ އެއައީ ކައިވެނި ކުރަންވެގެން އަންހެން ކުއްޖާގެ އާއިލާއާ ބައްދަލު ކުރަން އެރަށަށް ގޮސްފައެވެ.
” ޖެނުއަރީގަ ބާއްވަން ހަމަ ޖައްސާފަ މިއައީ.. ބޮޑުބެ ދައްތައަށް އޭރަށް ދެކުނަށްވެސް ޖައްސާލެވޭނެ ދޯ އަހަރުމެންނާއެކީ..” ޒުނާމްވެސް އޭނާގެ ކައިވެނީގެ ކަންކަން އޮތް ގޮތް ކިޔައިދޭން ފެށިއެވެ. ސިޔާދާ ކުޑަކޮށްވެސް ހިތްހަމަ ޖެހޭނެ ކަމަށް ބަލާފައެވެ.
“ކައިވެނީގެ ކުލައަކީ ކޮބާ؟” ނާހިލް ޖޯޝެއް އެކުލެވިފައިވާ އަޑަކުން ބުނެލިއެވެ.
“އެ ފެމެލީ ކުދިން ކިއީ ނޫ ކުލަ އޯ.. އައިނީއާ އަމްރާ ބޭނުންވަނީ މިކޮޅުން މެރޫން ކުލައިން ހެދުން ފަހަން..” ޒުނާމް ބުނެލިއެވެ.
“އިރާދުކުރެއްވިއްޔާ އަހަރުމެން ދާނަން ކައިވެންޏަށް.. ނާއީ ވެސް ދާނެ..” ޒުނާމްގެ އަތުގައި ހިފާލަމުން ސިޔާދާ ބުނެލީ ކަރުނަވީ ހިނިތުންވުމަކާއެކީ އެވެ.
“ދައްތަ ދެން އަރާމުކޮށްލާ.. އަހަރުމެން ގެއަށް ދާނީ ދެން އިނގޭ.. އަންނާނަން އަދި..” ޒާހިދާ ސިޔާދާގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ.
ބާރު ހިނގުމެއްގައި ރަޒާން ގޮސް ބައްޕަ ބާއްވާފައި އޮތް ކޮޓަރިއަށް ވަނެވެ. އެކޮޓަރިއަށް ވަންނަ އިރު ލާންޖެހޭ ހާއްސަ ހެދުމުގައި އޭނާ ހުރިއިރު އެމޫނުމަތީގައި ވި އަސަރުތައް ފޮރުވިފައި ވަނީ އަޅައިގެން ހުރި މާސްކުންނެވެ.
“ޑޭޑް.. ޔޫ ވިލް ޕޭ ފޯ ވަޓް ޔޫ ޑިޑް..” ތުރުތުރު އަޅަމުން ދިޔަ އަޑަކުން ރަޒާން ބުނެލިއެވެ.
“ޑޭޑް.. ވައި؟.. ކީއްވެ އެހެން ހެދީ؟” އެކަނިމާއެކަނި އިނދެ ރަޒާން ދިޔައީ ރަމީޒުއާ ވާހަކަ ދައްކަމުންނެވެ. ބައެއް ފަހަރު އޭނާގެ އަޑު ބާރުވެއެވެ. އަނެއްބައި ފަހަރު އޭނާ ރޯން ފަށާފާނެ ހެން ހީވެއެވެ. ރުއިމުގެ ތެރެއިން ހޭން ފަށާފާނެއެވެ. ރަޒާން އެތަނަށް ވަނީއްސުރެ ދުރުގައި މަންޒަރު ބަލަން ހުރި ނަރުސް ކުއްޖާ އެންމެ ފަހުން އެތެރެއަށް ވަދެ އެތަނުން ނުކުތުމަށް އެންގިއެވެ.
ބައްޕަ ކައިރިން ނިކުމެގެން އޭނާ ދިޔައީ ނާއިކް ބާއްވާފައި އޮތް ކޮޓަރި ކައިރިއަށެވެ. އެތަނުގެ ބޭރުގައި މަޑުކޮށްލައިގެން ރިޔާޝާ ހުރީ ރަޒާން ދިޔަތަނެއް ނޭނގި ހާސްވެފައެވެ.
“ކޮންތާކުން ތިއައީ؟” ރިޔާޝާ ހުރީ ރަޒާން ވީތަނެއް ނޭނގި ހިތްހަމަ ނުޖެހިފައެވެ.
‘ބައްޕަ ކައިރިން..” ދުރު ބަލައިލަމުން ރަޒާން ބުނެލިއެވެ. ރިޔާޝާ ރަޒާންއަށް ބަލަން ހުރީ ފާޑަކަށެވެ.
“އާރ ޔޫ އޯކޭ؟” ރަޒާން ހިމޭންވެފައި ހުންނަން ފެށުމުން ރިޔާޝާ އަހާލިއެވެ. “ދޮންތަ ބުނި ވާހަކަތައް އަބަދުވެސް ހަނދާނުގައި ބަހައްޓައްޗޭ!.”
“ހުމް..” ރިޔާޝާ ކަންބޮޑު ކުރުވަން ބޭނުންނުވާތީ ރަޒާން ބުނެލިއެވެ.
މަސައްކަތުގައި އަވަދިނެތި އުޅުމަށްފަހު ޝިމާލް ބްރޭކްއަށް ދިއުމަށްޓަކައި ޝަހީދު ހުސައިން އާދަމް ބިލްޑިންގ އިން ނިކުމެ ޕާކިންގ އޭރިއާއަށް މިސްރާބު ޖެހިއެވެ. ސައިކަލު ކައިރީ މަޑުކޮށްލަމުން އޭނާ ސައިލެންޓްގައި އޮތް ފޯނު ނަގާ ބަލައިލީ ވަކި މުހިންމު އެއްޗެއް ފެނިދާނެތީއެއް ވެސް ނޫނެވެ. ނަމަވެސް ބައްޕަގެ ފަރާތުން ލިބިފައިވީ މެސެޖް ފެނުމުން އޭނާއަށް ހިނިތުންވެވުނީ އިޚްތިޔާރުން ބޭރުގައެވެ. އަވަސްކޮށްލަމުން ސައިކަލަށް އަރާ މިސްރާބުޖެހީ ހުޅުމާލެއަށް ދިއުމަށެވެ.
އަވަސް ފިޔަވަޅުތަކެއްގައި އޭނާ އެޕްރައިވެޓް ވޯޑަށް ވަތް އިރު ޝައްކުގެ ނަޒަރަކުން ޝިމާލްއަށް ބަލަހައްޓައިގެން މީހަކު އިންކަމެއް އޭނާއަށް ރޭކައި ނުލައެވެ. ޝިމާލް އެރޫމުގެ ތެރެއަށް ވަނުމާއެކު ނާއިކް ހިނިތުންވެލަމުން ދޮންބޭއޭ ކިޔާ ގޮވާލިއެވެ. އެއާއެކު ޝިމާލް ފިޔަވަޅުތަށް އަވަސްކޮށްލަމުން ގޮސް ނާއިކްގެ ގައިގައި ކުޑަކޮށް ބައްދާލިއެވެ. އެއާއެކު ނާއިކް އޭނާގެ ވާއަތުން ޝިމާލްގެ މޭމަތީ އަޅާ ދުރަށް ކޮށްޕާލިއެވެ.
“ޗީ.. ދުވާ ކުނިވަސް. ޔުނީފޯރމް ބަދަލުކޮށްގެން އެތަނުން ނުނިކުމެވެނީތަ؟” ނާއިކް ސަމާސާއަކަށް ބުނެލިއެވެ.
“އެހެންނޫނީ އަބަދުވެސް އެކޮޅުން ޔުނިފޯރމް ބަދަލުކޮށްގެންނޭ އަންނަނީ. މިއަދު ދެން މާ އަވަސް އަރުވާލާފަ އަންނަން ވެގެން އައީ. ދެން އަނެއްކާ ބައްޕަ މެސެޖް ކޮށްފަ އޮތްތަން ފެނިގެން މިއައީ ހޮސްޕިޓަލަށް..” ޝިމާލް ދެރަވާކަމަށް ހެދެމުން ބުނެލިއެވެ.
“ހޫން.. ބްރޭކް ގަޑި ވިއްޔާ ދާން އުޅޭ ސައިބޯން.. ރަނގަޅަށް ކައިގެން ދޯ ޑިއުޓީގަ އުޅެވޭނީ.” ނާއިކް ޝިމާލްއަށް ލޯއަޅާލަމުން ބުނެލިއެވެ.
“އައްދެ. ނާއިކް ހީކުރީ އެމްއެންޑީއެފް މީހުން އެހާ ވީކް ވާނެކަމަށްތަ؟” ޝިމާލް އިށީނދެ އިން ގޮނޑިން ތެދުވަމުން އޭނާ ބުނެލިއެވެ. “ދެން ކިހިނެއްވީ އެހާ ގިނަދުވަސްކޮށްފަ ފެމިލީ ފެނުނީމަ؟ ދޮންބެއަށް ނާއިކް އެއްވެސް ވާހަކައެއް ނުކިޔައިދެމެއްނު..”
“ކީއްވެ އެންމެން ނާއީގެ ފެމިލީއޭ ކިޔަނީ؟ ނާއީގެ ފެމިލީ އަކީ މީއެއްނު؟ އިނގޭތަ! ނާއީ ހޭއެރިއިރު ބައްޕަ މިތަނަށް ބަޔަކު އެއްކޮށްފަ ތިބީ.. ނާއީއަށް އެމީހުން ނޭނގެއޭ ބުނިއިރަށް ގޮނޑީގައި އިން ދައްތަ ހޭނެތިގެން ވެއްޓިއްޖެ.. ދޮންބެ ޕްލީސް އެކްސްޕްލެއިން މީ.. ނާއީ ބިރުގަނޭ އެބަ މިހާރު.. ވަޓްސް ގޮއިންގ އޮން؟” ނާއިކްގެ އަޑުގައިވީ އިންތިހާއަށް ހާސްކަމެވެ.
އިވުނު ވާހަކަތަކުން ޝިމާލްއަށް ހުރެވުނީ ކުޑަ ޝޮކެއްގައެވެ. ނާއިކްއަށް އޭނާގެ އާއިލާ ނޭނގެއޭ ބުނުމުންނެވެ. ދެތިން ފަހަރަކު ނާއިކް ދޮންބޭއޭ ކިޔާ ގޮވާލުމުންވެސް އެއްވެސް އެއްޗެއް ނުބުނެވުނީ އެހެންވެއެވެ.
“މިގަޑީގައި ދަނީ އިނގޭ.. އަންނާނަން ޑިއުޓީ ނިންމާފަ..” ޝިމާލް ނުކުންނަން ދަމުން ބުނެލިއެވެ.
ޝިމާލް ނިކުތުމާއެކު ވަސީމާ އައިސް ޝިމާލްގެ ގައިގައި ބައްދާލަމުން ރޯން ފެށިއެވެ. ޝިމާލްއަށްވެސް އެވަގުތު ރޮވެން ފެށުނެވެ. ކަންދިމާކުރި ގޮތުން ޝިމާލްއަށް ކުރިމަތި ލައިގެން ހުރެވުނީ އެރޫމުގެ ކުރިމަތީ ހުރި ގޮނޑިބަރިތަކާއި ދިމާއަށެވެ. ޝިމާލް އެރޫމުން ނިކުންނާނެ އިރެއްގެ އިންތިޒާރުގައި ހުރި ޔޫސުފްއަށް ޝިމާލް ފެނުމާއެކު ދެލޯ ބޮޑުކޮށްލަމުން ގޮނޑިން ތެދުވެވުނެވެ.
“ޝިމާލް؟ ކަލޭ މިތާ ކީއްކުރަނީ؟ އަނެއްކާ އަނެއް ކުއްޖެއްގެ ދިރިއުޅުން ހަލާކު ކޮށްލަންތަ؟” ޔޫސުފް ވާހަކަދެއްކީ ހަރު އަޑުންނެވެ. ޝިމާލްގެ ކޮނޑުގައި ޔޫސުފް ހިފުމާއެކު ވަސީމާވެސް ޝިމާލްއާ ދުރަށް ޖެހިލަމުން ޔޫސުފްއާ ޝިމާލްގެ މޫނަށް ބަލައިލީ ވާނުވާ ނޭނގިފައި ހުރެއެވެ.
“ބޭބޭ އަހަންނަށް މާފުކުރޭ..” އިސްޖަހާލަމުން ޝިމާލް އާދޭހާއެކު ބުނެލިއެވެ.
“މާފޭ؟ ކަލެއަށް މާފު ހައްގުވޭތަ؟ މަގޭ ހިޝާމްގެ ހިތްވަރުގަދަކަމުން ކަލޭ ކައިރިން ސަލާމަތް ވީ. އެސޮރު މަގޭ ކައިރީ އެވާހަކަ ނުބުނިނަމަ ޔަގީން މީނަ އެސޮރު މަރާލަންވެސް ފަސް ނުޖެހޭނެކަން..” ޝިމާލްގެ ޔުނީފޯމު ގިރުވާނުގައި ހިފަމުން ޔޫސުފް ބުނެލިއެވެ.
“ބޭބޭ. ހިޝާމްގެ ސަބަބުން އަހަރެންނަށް ހިދާޔަތު ލިބުނީ.” ޔޫސުފް ހުއްޓުވަން ޝިމާލް މަސައްކަތެއް ނުކުރިއެވެ.
“މަށަށް ބޭބޭއޭ ނުކިޔާ. ޔަގީނޭ މިފަހަރުވެސް ޖަލުން ފިލައިގެންނޭ އެއުޅެނީ. އަދި މާ މާތް މީހެއްކަމަށް އެބައުޅެ އެއްނު ސިފައިންގެއަށް ވަދެގެން. މިކަހަލަ މީހުންނަށް ނޭނގޭނެ ގައުމު ހިންގާކަށް..” ޔޫސުފް އަނެއްކާވެސް އަޑުގަދަ ކޮށްލިއެވެ. ހަމަ އެވަގުތު އެތަނަށް އައި ހިޝާމް ޔޫސުފްގެ އަތް ޝިމާލްގެ ޔުނީފޯމުން ނައްޓަވާލިއެވެ. އެވަގުތަކީ ޝިމާލް އަނެއްކާވެސް ވާހަކަދެއްކި ވަގުތެވެ.
“ވެރިކަން ބަދަލުވިއިރު އަހަރެން ޖަލުން މިނިވަން ވީ. ފަހަރެއްގައިވެސް އަހަރެން ފިލީއެއް ނޫން. އުމުރު ދުވަހު ޖަލުގެ ތޭރިތައް ބިއްދަށުގައި އިންނަން ޖެހުނަސް އަހަރެން އެފަހަރު އިނީ އެތަނުގެ ތެރޭގައި އިންނަން ވެގެން. އަހަރެން ސިފައިންގޭގައި މިއުޅެނީ އަހުދެއް ވެގެން. އަހުދެއް ވުމަށްފަހު އެމީހާއާ އެހަވާލުކުރެވެނީ ބޮޑު އަމާނާތެއް. އެ އަޙުދާމެދު ޤިޔާމާތް ދުވަހުން ސުވާލުކުރެވޭނެ.” ޝިމާލް މަޑުމައިތިރިކަމާއެކު ވާހާކަދެއްކި ނަމަވެސް ޔޫސުފް އަނެއްކާވެސް ޝިމާލްގެ ގަޔަށް އަތްލާ އަޑުގަދަ ކުރަން އުޅުނެވެ. ނަމަވެސް ޔޫސުފް މައިތިރި ކުރީ ހިޝާމްއެވެ.
“ބައްޕާ. މީހަކު އިޞްލާޙުވާނެ އިރެއް ބައްޕައަށް އިނގޭތަ؟ ބައްޕަ އެހެންވިއްޔާ ބައްޕަގެ މިދަރިފުޅާ ދޭތެރޭ ކީއްވެތަ ތިހެން ވާހަކަ ނުދައްކަނީ. މިއީ ވެސް ހަމަ ގޯސްކޮށް އުޅުމަށްފަހު އީޞްލާޙުވި ކުއްޖެއް ނޫންތަ؟ އެހެންނޫނަސް ތިގޮތަށް ވާހަކަދައްކާކަށް ނުވާނެއްނު ކިތަންމެ ގޯސް މީހަކާވެސް. އޯގާތެރިކަމާއެކު ވާހަކަދައްކަން ވާނީ. އޭރަށް އެމީހަކަށް ވިސްނޭނީވެސް..” ހިޝާމް ޔޫސުފްގެ ކޮނޑުގައި އަތްބާއްވައިގެން ވާހަކަދެއްކިއެވެ. އެއާއެކު ޔޫސުފް ޝިމާލްއަށް ލޯއަޅާލަމުން ގޮނޑިބަރީގައި އިއްތާލަން ދިޔައެވެ.
“ބޭބެ.. އަހަންނަށް ހަމަ އެންމެ ކަމެއް ކޮށްދީ. އަހަންނަށް މަޢާފުކޮށްދީ. ހިޝާމްވެސް. ބޭބެގެ މަޢާފު ނުލިބެނީސް އަހަރެންގެ ހިތަށް ހަމަޖެހުމެއް ނުލިބޭނެ.” ޝިމާލް ޔޫސުފްއަށް ބަލަހައްޓައިގެން ހުރެ ބުނެލިއެވެ.
“އަހަރެން މަޢާފުކޮށްފިން. އުންމީދު ކުރަން އިތުރަށް އެކަހަލަ ކަމެއް ތަކުރާރު ނުވާނެކަމަށް..” ހިޝާމް ވަގުތުން ބުނެލިއެވެ. ޝިމާލް ހިޝާމްއަށް ބަލައިލިއިރުު އޭނާގެ ދެލޮލުން ކަރުނަތައް ފައިބައި ގަނެއްޖެއެވެ.
“އެއް ފަހަރުކަމަށް މަޢާފުކޮށްފިން. އުޅުން އިޞްލާޙުކޮށް ރަނގަޅަށް އުޅެން މަސައްކަތް ކުރާތި މީގެ ފަހުން..” ފުންނޭވާ ތަކެއް ލަމުން ޔޫސުފް ބުނެލީ ފުދޭވަރަކަށް މަޑުންނެވެ.
“ޝުކުރިއްޔާ.” އެންމެންނަށް ފަސްދެމުން ހިނގައިގަތް ޝިމާލް ހިތްވަރުކުރަމުން ދެލޯ ފުހެލިއެވެ. އެމަންޒަރު ކިތަންމެ ރަނގަޅަކަށްވެސް އެތާތިބި އެންމެންނަށް ފެނުނެވެ. ވަސީމާއަށް ދެލޯ މަރާބާރުކޮށްލެވުނީ ދަރިފުޅުގެ ކެތްތެރިކަން ފެނިފައެވެ. އޭނާއަށް ނޭނގި އެދަރިފުޅު އެތަށް ކަރުނައެއް ބާލާނެކަމާމެދު ވަސީމާއަށް ޝައްކުރާކަށްވެސް ނުޖެހުނެވެ. ހާދަހާ ހިތްވަރުގަދަ ކުއްޖެކޭ ވަސީމާގެ ހިތް ބުނެލިއެވެ.
ކިތަންމެ އިރެއްވީއިރުވެސް އެތަނުގައި ވަނީ ހަމަހިމޭންކަމެވެ. ޝިމާލް ދިޔަ ދިމާއަށް އެންމެން ބަލަން ތިބީ ގަބުއަރާފައި ކަހަލަ ގޮތަކަށެވެ. އިސްވެ އަނގައިން ބުނާނެ އެކަކުވެސް އެވަގުތު ނެތެވެ. އެކަކު އަނެކަކާ ދިމާއަށް ބަލައިވެސް ނުލައެވެ. ފަރުހާދު ކުރިއަށް ފިޔަވަޅެއް އަޅާލަމުން ގޮސް ނާއިކް ބާއްވާފައި އޮތް ރޫމަށް ވަނެވެ. އިރުކޮޅަކުން ރިޔާޝާ އަމިއްލައަށް ގޮނޑިދުއްވަމުން އެރޫމަށް ވަންނަން ދިޔައެވެ.
މެންދުރުވެގެން ދިޔައިރު ސިޔާދާ ޑިސްޗަރޖް ކުރުމާއެކު ނާހިލްމެން ދިޔައީ ގެއަށެވެ. ހަވީރު އަންނާނެ ކަމުގައި ބުނަފެއެވެ. ނައުޝާމެންނާއެކު ރިޔާޝާވެސް ދިޔައީ އެމީހުންގެ ގެއަށެވެ. ރަޒާން މަޑުކުރީ ފަރުހާދު މެންނާއެކު ގެއަށް ދިއުމަށެވެ. ނާއިކް ވަރަށް ކިޔައިގެން ވަސީމާއާއެކު ފަރުހާދުވެސް ދިޔައީ މެންދުރު ނަމާދު ކުރާށެވެ. ނާއިކްގެ ކޮޓަރި ބޭރުގައި މަޑުކޮށްގެން އިން ރަޒާން އަވަސް ފިޔަވަޅުތަކެއްގައި ގޮސް އެކޮޓަރީގެ ދޮރު ހުޅުވާލިއެވެ. ނިދެމުން ދިޔަ ނާއިކް ކުޑަކޮށް ތެދުވެލާ ރަޒާންއަށް ނަޒަރު ހުއްޓާލިއެވެ. އެންމެން އެހާ ހާސްވެގެން އުޅުނު އިރުވެސް އެތަނުގައި މާ މަޑުން ހުރި މީހަކީ ކުރިމަތީ ހުރި ޒުވާނާކަން ނާއިކްގެ ސިކުނޑި ބުނެދިނެވެ.
“ރަޒާން.. އައިމް ރަޒާން..” އެނދު ކައިރީ ހުއްޓެމުން ރަޒާން އަމިއްލަ ނަން ބުނެލައިދިނެވެ. ލުއި ހިނިތުންވުމެއް ނާއިކް ހަދިޔާ ކޮށްލިއެވެ.
“ކީއްކުރަން؟” ހިސާބަކަށް ހިތްހަމަ ނުޖެހިފައި ހުއްޓަސް ފާޅުގައި އެކަން ދައްކާކަށް ނާއިކްއަކަށް ނުކެރުނެވެ.
“އިނގޭ އަހަރެން ނޭނގޭނެކަން.. އެކަމަކުވެސް ވި ހުރިހާ ކަމަކަށް މާފަށް އެދެން.. ދެން ދުވަހަކުވެސް އެފަދަ ކަމެއް ތަކުރާރު ނުވާނެކަމުގެ ޔަގީންކަން އަހަރެން މިދެނީ… އިންޝާﷲ..” އިސްޖަހާލަމުން ރަޒާން ވާހަކަދެއްކިއެވެ. “ތިއީ ހަމަ އަސްލުވެސް ރަނގަޅު ރަހުމަތްތެރިއެއް. ބޮޑާ ވެވުނީ އަހަރެންނަށް. ގޯސް ހެދުނީވެސް އަހަރެންނަށް.. ސޮރީ..”
“މަޑުކޮށްބަލަ..” އެނބުރި ރަޒާން ނިކުންނަން ހިނގައިގަތުމުން ނާއިކް ގޮވާލިއެވެ. މަޑުޖެހިލަމުން ރަޒާން ފަހަތް ބަލައިލިއެވެ. “މާފަށް އެދުނީ ކޮންކަމަކަށް ކަމެއް ނޭނގުނު.. އެކަމަކުވެސް ތީނައަށް ކުށެއް ކުރެވިފައި އޮތިއްޔާ މާފު ކޮށްފިން..”
ނާއިކް އިތުރު އެއްޗެއް ނުބުނުމުން ރަޒާން ކޮޓަރިން ނިކުމެގެން ދިޔައެވެ. ވަކި ހިސާބަކަށް ދެވުން ތަނާ ޑޮކްޓަރުންނާ ނަރުހުން ރަމީޒު ބާއްވާފައި އޮތް ރޫމް ކައިރީ ހަރަކާތްތެރި ވާތަން ފެނި ރަޒާން އެދިމާއަށް މިސްރާބު ޖެހިއެވެ. އެންމެ ކައިރިން ފެނުނު ނަރުސް ކުއްޖާ ގާތު ރަޒާން ސުވާލުކޮށްލިއެވެ. އޭނާ ދިން ޖަވާބަކުން ރަޒާން ހުއްޓުން އެރިއެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
13 Comments!
Comments are closed.




Your stories are amazing!! I just luved it ❤️
Thank you Ammmu for your kind comment..!☺️🥰
Luuuuuuuuuvvvvvvv your story 😍😍😍😍😍😍😍
Keep up the good work 👏
Hope I could meet you one day
Luv you girrrl
Thank you so much nightmare..!🥰 Hehe, In Sha Allah.. Let’s see dhww?😁
Wow luv the story.
U r so talented masha Allah
Thank you for your kind comment “Aayaa’s Fan”! 🥰😁
Your stories are soo beautiful.. keep going dear.. ❤️
I appreciate your support..! Thank you..🥰☺️
I love this story please can you write more story ☺️🙂
Thank you so much Inma.. Yes, In Sha Allah..☺️
Masha allah i look forward to continue reading all your storys
Masha allah i look forward to continue reading all your storys
Thank you so much dear.. Means a lot to me!