Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ޙާލަތު (އަށާރަވަނަ ބައި)

Aayaa
Aayaa Level 410 Stories100 Login100 Comments
November 24, 2022 6 Mins Read
5 Comments

ނާއިކް އިތުރު އެއްޗެއް ނުބުނުމުން ރަޒާން އެކޮޓަރިން ނިކުމެގެން ދިޔައެވެ. ވަކި ހިސާބަކަށް ދެވުނު ތަނުން ޑޮކްޓަރުންނާއި ނަރުހުން ރަމީޒު ބާއްވާފައި އޮތް ރޫމް ކައިރީ ހަރަކާތްތެރިި ވާތަން ފެނި ރަޒާން އެދިމާއަށް މިސްރާބު ޖެހިއެވެ. އެންމެ ކައިރިން ފެނުނު ނަރުސް ކުއްޖާ ގާތުން ރަޒާން ސުވާލުކުރިއެވެ. އޭނާ ދިން ޖަވާބަކުން ރަޒާން ހުއްޓުން އެރިއެވެ.

***

“ކޮބާ ރަޒާން؟” ކޮޓަރިއަށް ވަންނަމުން ފަރުހާދު ބުނެލި އަޑު ނާއިކްއަށް ވެސް އިވުނެވެ.

“ނޭނގެ.. ކޮންތާކަށްބާ އެދިޔައީ؟ އެހެންނޫނީ އަބަދުވެސް ބުނެލާފަ ދަނީ.” ފަރުހާދު ފަހަތުން ކޮޓަރިއަށް ވަންނަމުން ވަސީމާވެސް ބުނެލިއެވެ.

“ބްލެކް ޓީޝާޓެއް ލައިގެން ހުރި ކުއްޖެއްތަ؟” ވަސީމާމެންނަށް ބަލައިލަމުން ނާއިކް އަހާލީ ޔަގީންކުރަން ވެގެންނެވެ.

“އާނ.. އޭނާ ކަޅު ކުލައިގެ ޓީޝާޓެއް ލައިގެން އުޅުނީ މިއަދު..” ފަރުހާދު ވަސީމާއަށް ނަޒަރެއް ދެމުން ބުނެލިއެވެ.

“އޭނާ ބައްޕަމެން ދިޔަ ގަޑީގައި މިކޮޓަރިއަށް ވަތް.. ހަމަ ދެންމެއަކު ނިކުމެގެން އެދިޔައީ..” ރަޒާން އެކޮޓަރިއަށް ވަތްކަން ފަރުހާދު މެންނަށް އޭނާ އަންގާލިއެވެ.

“ދަރިފުޅު އެއްޗެއް ބުނީތަ؟” ގޮނޑީގައި އިށީންނަމުން ފަރުހާދު ނާއިކް ގާތުން އެއްސެވެ.

“އޭނާ ބުނީ ސޮރީއޭ.. ނާއީ ބުނީ މާފު ކޮށްފީމޭ.. ދެން އޭނާ ނިކުމެގެން ދިޔައީ..” އެތެރޭގައި ވީގޮތް ކުރުކޮށް އޭނާ ކިޔައިދިނެވެ.

“ހާދަ ރަނގަޅޭ ދަރިފުޅު..” ނާއިކްގެ ބޮލުގައި ފިރުމާލަމުން ވަސީމާ ހިނިތުންވެލުމާއެކު ބުނެލިއެވެ.

“މަންމާ.. ބައްޕާ.. އަސްލު ކޮން ބައެއް ހެނދުނު އެ އުޅުނީ؟ އެއިރު ވެއްޓުން ދައްތަ މިހާރު ރަނގަޅުތަ؟ އަޅުގަނޑަށް ކިޔައިދީބަލަ ވީ ގޮތް..” ކަންބޮޑުވުން އެކުލެވިފައިވީ އަޑަކުން ނާއިކް ވާހަކަދެއްކިއެެވެ. ފަރުހާދުއާ ވަސީމާ އެކަކު އަނެކަކަށް ބަލައިލިއެވެ.

“ގެއަށް ގޮސްފަ ދޯ އެވާހަކަ ދައްކާނީ؟ ދަރިފުޅު އިހަށް އަރާމުކޮށްލާ މިދުވަސްކޮޅު.. މިވަގުތަކު ނޫން..” ހިނިތުންވުމަކާއެކު ފަރުހާދު އެކަމަށް އިންކާރު ކުރިއެވެ.

“އެޓްލީސްޓް އެދައްތައަކީ ކާކުކަން ބުނެދީބަލަ ބައްޕާ.. އެއީ ކާކުކަން ނުބުނަނީސް އަޅުގަނޑު ނުހުއްޓާނަން..” ތަކުރާރުކޮށް ނާއިކް އެދުނެވެ.

“ދަރިފުޅާ.. ގެއަށް ދޫކޮށްލީމަ ބައްޕަމެން ކިޔައިދޭނަން.. މިވަގުތު އެއްވެސް ކަމަކާ ނުވިސްނާ..” ފަރުހާދުވެސް ހުރީ އެހާ އަވަހަށް އެވާހަކަތައް ކިޔައިދޭކަށް ނޫނެވެ. އެންމެފަހުން ބަލި ގަބޫލުކުރަން ޖެހުނީ ނާއިކްއަށެެވެ.

**

ވައި ސޫރިއެއްހާ ބާރު މިނުގައި ރަޒާން ދިޔައީ އެ ރޫމް ކައިރީ ތިބި ދެ ޕޮލިހުން ކައިރިއަށެވެ. ރަމީޒު މިކޮޅަށް ގެނައިފަހުން އެންމެ ގާތުން އެކޭސް ބަލަމުން ދިޔައީ އެދެމީހުންނެވެ.

“ހަމަ މިހާރު ޑޭޑް ޖަލަށް ގެންދޭ..” ފުލުސްމީހާގެ ކުރިމައްޗަށް އެރުމާއެކު އެއްނޭވާ މަތިން އޭނާ ބުނެލިއެވެ.

“ރަޒާން.. ކާމް ޑައުން..” ރަޒާން ކޮނޑުގައި ޖަހާލަމުން ދިގުކޮށްހުރި އޮފިސަރު، އިޖާޒް ބުނެލިއެވެ.

“ނޫން މިގަޑީގަ. ހަމަ މިހާރު..” އިޖާޒްގެ އަތް ފޮޅުވާލުމާއެކު ރަޒާން ހަރު އަޑުން ބުނެލިއެވެ.

“މިތާ އިށީނދެ ފުުންކޮށް ނޭވާލާބަލަ..” އިޖާޒްގެ ފަހަތުގައި ހުރި މަހީރު ކުރިއަށް ޖެހިލަމުން ބުނެލިއެވެ. އޭނާ ރަޒާން އަތުގެ މުލައްދަނޑީގައި ހިފާ ކައިރީގައި ހުރި ގޮނޑީގައި ބޭންދިއެވެ.

“އެންމެންނަށްވެސް އިނގޭ ޑޭޑްކަން އެކަން ކުރީ.. ކުއްވެރިއެއް ފެންނަ ހިސާބުގައިވެސް ހުންނާކަށް އަހަރެން ބޭނުމެއްނުވޭ..” އެއަޑުގައި ރިހުމެއްވިއެވެ.

“ރަޒާންގެ ބައްޕަ ހޮސްޕިޓަލުން ޑިސްޗާޖްކޮށް ރަނގަޅުވީމަ، ކޯޓަށް ގޮސް ކޯޓުގެ މަރުހަލާތައް ފުރިހަމަ ވީމަ ޖަލު ހުކުމެއް އިއްވޭނީ.. ހަމަ ހުރެލާފަ މީހަކު ޖަލަކަށް ނުލެވޭނެކަން ރަޒާންއަށްވެސް އިނގޭނެ.. އެކްޓް ލައިކް އޭން އެޑަލްޓް..” މަހީރު ވިސްނައިދޭފަދަ ރާގެއްގައި ބުނެލިއެވެ.

“ދައްތައަށް ގުޅާފަ ހަބަރެއް ކޮށްލާ..” ޑޮކްޓަރުންނާ ވާހަކަދައްކަން ހުރެފައި އެދެމީހުން ކައިރިއަށް އައި އިޖާޒް ބުނެލިއެވެ.

ރަޒާން އެމީހުންނާ ގުޅިފަހުން، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ރިޔާޝާއާ ނައުޝާގެ އިތުރުން ނާހިލް ދުރުން އަންނަތަން ފެނުނެވެ. އެމީހުންގެ ފަހަތުން ފަރުހާދުވެސް އާދެއެވެ. ޑޮކްޓަރާ ވާހަކަ ދެއްކީ ފަރުހާދުއެވެ. ރިޔާޝާ އައިތީ ރަޒާންވެސް ޑޮކްޓަރު ދެއްކި ވާހަކަަތައް އަޑުއަހަން ގޮސް ހުއްޓެވެ. ހިނގާލާފައި އައިސް ރަޒާން އިށީނީ ރިޔާޝާ އިށީނދެ އިން ގޮނޑީގެ ކައިރީގައެވެ.

“ޒާން..” މަޑުމަޑުން ރަޒާންގެ އަތުގައި ހިފާލަމުން އޭނާ ބުނެލިއެވެ.

“ޑޮކްޓަރ ބުނީ ޑޭޑްގެ އެއްފަޅި ވާގިނެތިފައޯ އޮތީ.. އަދި އެހާ ބޮޑަށް ޑޭޑްގެ ހާލަތު ރަނގަޅެއް ނޫން.. ފަހަރެއްގައި އަދިވެސް ހާލު ގޯސްވުމުގެ ފުރުސަތު އެބައޮތޯ..” އިރުކޮޅަކު އިނދެލާފައި އޭނާ ވާހަކަދެއްކިއެވެ.

“އަބަދުވެސް ކަންތައް ވާނީ އެންމެ ރަނގަޅަށް، ޒާން.. ޒާންވެސް ބައްޕައާ މެދު ހިތްހެޔޮ ކުރޭ.. މަންމަގެ އެންމެ ފަހު ވަސިއްޔަތަކީ އެއީ.. ބައްޕައާމެދު ހިތްހެޔޮކޮށް ބައްޕައަށް ހެޔޮދުއާ ކުރުން.. މަންމަގެ އެންމެ ފަހުގެ އެދުން ފުރިހަމަ ކޮށްދެވެންޏާ މިކަންތައް ކުރޭ..” ރިޔާޝާވެސް ބެލީ ރަޒާންއަށް ވިސްނައިދެވޭތޯއެވެ.

އެދުވަސް ފާއިތުވެގެން ދިޔައީ އެންމެންގެ މެދުގައި ހަމަހިމޭންކަން ވަނިކޮށެވެ. ޑިއުޓީ ނިންމާފައި ގެއަށް އައިގޮތަށް ޝިމާލް ކޮޓަރިން ބޭރަށްވެސް ނުނިކުމެއެވެ. ހޮސްޕިޓަލުގައި ތިބެގެން ކުރެވޭނެ ކަމެއް ނެތުމުން ރަޒާންއާ ރިޔާޝާވެސް އަސުރުވުމުން އައީ ގެއަށެވެ. ބައްޕަގެ ސަބަބުން ނާއިކްގެ އާއިލާއަށް ވީގޮތް ހިތަށްއަރާ ކޮންމެ ފަހަރަކު ރިޔާޝާގެ ހިތަށް ކުރަނީ ފުން އަސަރެކެވެ. ފަރުހާދުއާ ވަސީމާ އެދުވަހުގެ ހުރިހާ ވަގުތެއްވެސް ހޭދަކުރީ ނާއިކްގެ ގާތުގައެވެ. ހަވީރުން ނާއިކްގެ ގާތަށް ދާން ކިޔާފައިވެސް ނާހިލްމެން ނުދިޔައީ ސިޔާދާގެ ހާލު ރަނގަޅު ނޫންވުމުންނެވެ.

ދެހަފްތާ ފާއިތުވެގެން ދިޔައީ އެގޮތުގެ މަތިންނެވެ. އެމީހުންގެ ތެރޭގައި އަބަދުވެސް ވަނީ ހަމަހިމޭންކަމެެވެ. އެކަކު އަނެކަކާ ވާހަކަދައްކާ އުޅެނީ ކޮންމެހެންވެސް މަޖުބޫރު ވެގެންނެވެ. ރަމީޒު ވޯޑަކަށް ބަދަލު ކުރެވުނު ނަމަވެސް ދެތިން ފަހަރަކު ހާލަތު ގޯސްވެގެން އައިސީޔޫއަށް ލާން ޖެހުނެވެ. ނަމަވެސް ނާއިކްގެ ހާލަތު އައީ ދުވަހެއް ދުވަހަކަށް ރަނގަޅު ވަމުންނެވެ. މިއަދަކީ އޭނާ ހޮސްޕިޓަލުން ޑިސްޗާޖު ކުރެވޭ ދުވަހެވެ. އެހާތަނަށް ފަރުހާދު ނާއިކްއަށް ބުނެދިނީ ނާހިލްއަކީ އޭނާގެ ގާތް ރަހުމަތްތެރިއެއް ކަމަށެވެ. ނައުޝާއަކީ ނާހިލްގެ އަނބިމީހާ ކަމާއި ސިޔާދާއަކީ އޭނާގެ މަންމަކަމެވެ.

އިޝާ ނަމާދަށް ފަހު އަށްގަޑި ބައި ހާއިރު ގެއަށް އައިސް ވަތް ޝިމާލްއަށް ލިބުނީ ކުޑަ ހައިރާންކަމެކެވެ. ގޭތެރެ ޒީނަތްތެރި ކުރެވިފައިވަނީ ކުޑަވަރެއްގެ ޕާޓީއަކަށެވެ. ސިޓިންގ ރޫމުގެ ބޮޑު ސޯފާގައި ނާހިލްއާ ނައުޝާގެ އިތުރުން ސިޔާދާއާ ނަފީސާ އިނެވެ. ދެމީހުންނަށް އިށީނދެވޭ ސޯފާއެއްގައި ހިޝާމްއާ ޔޫސުފް ތިބިއިރު ވަކިން ހުރި ސޯފާގައި އިނީ ނާއިކްއެވެ. ކާގެއިން ގޮނޑިއެއް ގެނެސް ރިޔާޝާ އިށީނދެ އިން ފުރުޅުލީ ގޮނޑީގެ ކައިރީގައި އިށީނދެ ރަޒާން އިނެވެ. ނާއިކްގެ ގާތު ކޮޅަށް ވަސީމާއާ ފަރުހާދު ތިއްބެެވެ.

ސޯފާ ތަކުގެ ކުރިމަތީގައި ހުރި މޭޒުމަތީގައި ސްޓޯބެރީ ކޭކެއް އިނެވެ. އެ ކޭކުގެ ކައިރީގައި އެޕޯލޯ ކޭކާއި ނިއުޓްރޯ ބިސްކޯދު ޕެކެޓު އަޅާފައި ހުރި ތައްޓެއް ހުއްޓެވެ. މޭޒު ކައިރީ ހުރި އެހެން މޭޒެއްގައި ފެންޓާ ފުޅިއަކާ ސްޕްރައިޓް ފުޅިއެއް ހުއްޓެވެ.

“އަވަހަށް އާދޭ.. ދޮންބެ ނައިސްގެން ނުފެށިފަ މިތިބީ..” ހިނިތުންވުމާއެކު ނާއިކް ބުނެލިއެވެ. އެންމެން ތިބުމުން ގަދަކަމުން ކަހަލަ ގޮތަކަަށް ޝިމާލް ހިނިތުންވެލިއެވެ.

“ދެން އަވަހަށް ކޭކު ފަޅާ..” ނާހިލް އަޑަށް ފޯރިލާފައި ބުނެލިއެވެ. އެންމެންވެސް އެއްބަސް ވުމުގެ ގޮތުން ބޯޖަހާލިއެެވެ.

ނާއިކްވެސް އިތުރަށް މަޑުނުކޮށް ކޭކު ފެޅިއެވެ. އެތަނުގައި ތިބި މީހުންނަށް އޭނާ ކޭކުން އެތިކޮޅެއް ލަވައިދިނެވެ.

“ހުރިހާ އެންމެންނަށްވެސް ވަރަށް ބޮޑަށް ތެންކިއު.. ކޮން ބައެއް ކަން އެންމެ ރަނގަޅަށް ނޭނގުނަސް އަހަރެންނަށް ފީލްވޭ ތިއީ ވަރަށް ސްޕެޝަލް ބައެއްކަން..” ޓިޝޫއަކުން އަތް ފުހެލަމުން އޭނާ ހިނިތުންވުމާއެކު ބުނެލިއެވެ. އުފާވެރި އެމާހައުލަށް އިތުރު ދިރުމެއް އައި ފަދައެވެ. އެކަކު އަނެކަކަށް ބަލައިލަމުން ނުހަނު ފުޅާ ހިނިތުންވުން ތަކެއް ހަދިިޔާކޮށްލިއެވެ.

އެންމެންވެސް ކެއުމަށް އިންސާފު ކުރަން ފެށިއެވެ. ދުރުގައި މަންޒަރު ބަލަހައްޓައިގެން ރިޔާޝާ އިނީ އުނދަގޫވެފައެެވެ. އޭނާއަށް މިފަދަ އުފާވެރިކަމެއް ހައްގުނުވާނޭ އޭނާގެ ހިތަށް އަރަނީއެވެ. ޝިމާލްގެ ހާލަކީވެސް އެއީއެވެ. އެހެނަސް އޭނާ އެއިހުސާސްތައް ހިތުގެ ކަނެއްގައި ރައްކާކުރުމަށްފަހު ވީވަރަކުން އެންމެންނާއެކު މަޖާކުރެވޭތޯ ބެލިއެވެ. ނާއިކް އާއިލާއެއްގެ ގޮތުގައި ދެކެނީ އެމީހުން ކަމަށްވާތީ އޭނާ ދެރަކުރަން ބޭނުން ނުވާތީއެވެ. ރިޔާޝާ އެކަނި އިންތަން ފުރަތަމަވެސް ފެނުނީ ޝިމާލްއަށެވެ. އެހެނަސް އޭނާއަށް ވީގޮތް ބަލަން ދާން ނުކެރުނީ ރިޔާޝާ އަކީ އަންހެން ކުއްޖަކަށް ވީތީއެވެ. އެއްވެސް މީހަކު ރިޔާޝާގެ ގާތަށް ދޭތޯ ހިތާހިތުން ދުއާކޮށްލަ އިންދާ ނައުޝާ ރިޔާޝާ ގާތަށް ދިޔަ މަންޒަރު ފެނުމުން އޭނާއަށް ހިތްހަމަ ޖެހުމުގެ ނޭވައެއް ދޫކޮށްލެވުނެވެ.

“ކިހިނެއްވެފަ ތިއިނީ؟ އާދޭ އަވަހަށް ކޭކު ކާން.. މިހާރު ހުރިހާ އެއްޗެއްވެސް އެ ހުސްވަނީ..” ރިޔާޝާ ގާތު ހުއްޓެމުން ނައުޝާ އަހާލިއެވެ. ނަމަވެސް އެއަޑު ރިޔާޝާއަށް އިވުނު ހެންނެއް ހިޔެއް ނުވެއެވެ. ނައުޝާ ދެފަހަރު ރިޔާޝާއަށް ގޮވާލިއެވެ.

“ކީކޭ؟” ހިޔާލުތަކަށް ގެއްލިފައި އިން ރިޔާޝާ ސިއްސައިގެން ގޮސް ބުނެލިއެވެ. ނައުޝާ ރިޔާޝާގެ މޫނަށް ބަލަހައްޓައިގެން ހުއްޓެވެ.

“ކީއްވެ ރޮނީ؟” ނައުޝާ ސުވަލުކުރުމާއެކު، ރިޔާޝާ އިސްޖަހާލަމުން ލޮލުން ފޭބި ކަރުނަތައް ފުހެލިއެވެ. ރިޔާޝާގެ ގާތަށް ތިރިވެލާ އޭނާ ރިޔާޝާގެ އަތުގައި ހިފާލިއެވެ.

“އަހަރުމެން އެކަކުވެސް ރިޔާއަށް ރުޅިއެއް ނޫން.. ރަޒާންވެސް އަހަރުމެން ބަލައިގަންނަނީ ކޮއްކޮއެއް ފަދައިން.. ވީއިރު މިފަދަ ވަގުތެއްގައި ނުރޮއެ..” ނައުޝާއަށް ހީވީ ރިޔާޝާގެ ހިތުގައި އޮތީ ކީކޭކަން އެނގުނީ ހެންނެވެ. އެފަދަ އޯގާތެރި ބަސްތަކެއް އިވުމުން ރިޔާޝާގެ ލޮލުން ފޭބި ކަރުނަތައް ވީ އިތުރެވެ. ނައުޝާގެ އެބަސްތަކުން ލޯބިވާ މަންމަގެ މަތިން ހަނދާންވުމުން ރިޔާޝާއަށް ގިސްލެވެން ފެށުނެވެ. އެއާއެކު ހަލަބޮލިވެފައިވާ މާހައުލުވެސް ހިމޭންވެއްޖެއެވެ. ވަސީމާ އަވަސް އަވަހަށް ރިޔާޝާގެ ގާތަށް ޖެހިލިއެވެ. އޭނާ ރިޔާޝާ ދެކެނީ އަމިއްލަ ދަރިއެއް ފަދައިންނެވެ.

“ދަރިފުޅާ.. ކިހިނެއް ވީ؟” ކަންބޮޑުވެފައި ވަސީމާ ސުވާލުކޮށްލިއެވެ.

“ދަރިފުޅާ.. ތިއީ އަހަރުމެންގެވެސް އާއިލާ.. ދައްތަ ހެޔޮހިތުން ދަރިފުޅާ ރަޒާންވެސް ބަލައިގަންނަމޭ..” އަމިއްލައަށް ގޮނޑި ދުއްވަމުން ގޮސް ރިޔާޝާ ގާތު ހުއްޓެމުން ސިޔާދާ ބުނެލިއެވެ. އެންމެންގެ ސަމާލުކަންވެސް ރިޔާޝާއަށް ހުއްޓުމުން ޝިމާލް އުޅުނީ ތަންވަޅު ބަލާފައި ކޮޓަރިއަށް ދާށެވެ. ރިޔާޝާ ރޯން ފެށުމުން އޭނާގެ ހިތުގައި އެޅި ވޭން ދެގުނަވީހެން ހީވުމުންނެވެ.

“ޝިމާލް އިހަށް މަޑުކޮށްބަލަ..” ދެލޯ މަރާލަމުން ޝިމާލް ހުއްޓުނެވެ. ނަމަވެސް ފަހަތް ބަލައި އެންމެންނާ ކުރިމަތިލާނެ ހިތްވަރެއް އޭނާގެ ނެތެވެ.

އަހަރެން މިއުޅެނީ ނާއިކްއަށް ދިމާވި ކަންތަކުގެ ހަގީގަތް ބުނެދޭން.. ކަނުލާ އަޑުއަހާތި..” ރިޔާޝާ އަނެއްކާވެސް އެންމެންނާ ދިމާއަށް ގޮނޑި އަނބުރާލީ ސާބިތުކަމާއެކީއެވެ. އެހިތުގައި ހުރިހާ އެއްޗެއް ފޮރުވައިގެން އޭނާއަށް ހުރެވިއްޖެއެވެ. އެހެނަސް މިއަދު އޭނާ ހުރިހާ އެއްޗެއްވެސް އެންމެންނަށް ކިޔައިދޭނެއެވެ. ފޮރުވިފައި އޮތް ހަގީގަތް ހާމަކޮށްދޭނެއެވެ.

“ޙަޤީޤަތަކީ މިއީ.. އަހަރެންގެ ބައްޕައަކީ ހުރިހާވެސް ނުބައި ހެދި މީހަކީ. މިކަމަށްޓަކައި އަހަރެން ބައްޕަގެ ފަރާތުން މަޢާފަށް އެދެން. ނާއިކްގެ ކިޔެވުން ހަލާކުކުރަން ބައްޕައާ ރަޒާން ބޭނުންވީ.. ހިޝާމްއަށް ބިރުދައްކަން ޝިމާލްއަށް އެންގީވެސް ބައްޕަ. އަހަރެން އެދެނީ އެކަމުގައި ޝިމާލް ކުށްވެރި ނުކޮށް އަހަރެން ކުށްވެރިކުރަން..” ރިޔާޝާ ހުރިހާ ވާހަކައެއް ކިޔައިދެމުން ދިޔައެވެ. އެންމެންވެސް ތިބީ ހިމޭންވެފައެވެ. އިވެމުންދިޔަ ވާހަކަތަކުން ނާއިކްއަށް ބޮލުގައި ރިހުމެއް އުފެދެމުން ދިޔަހެން ހީވިއެވެ. ނާހިލްއަށް ކުރެވުނު ކުށްހީ ޔަގީންވުމުން ބުނާނެ އެއްޗެއް ނޭނގިފައި ހުރެވުނީއެވެ.

“ރިޔާޝާގެ ބޮލުގައި އެމައްސަލަ ނާޅުވާ. އަހަރެން އެކަމުގައި ބައިވެރިވީން. އަހަރެން އެކަމުގައި ބައިވެރި ނުވިނަމަ އެކަމެއް ނުވީހެއްނު..” ރިޔާޝާގެ ވާހަކަ ނިމުމާއެކު ޝިމާލް ވާހަކަދެއްކިއެވެ.

“މިތަނުގައި ކުށްވެރިއެއް ނެތް. ދެބަސް ނުވޭ.. މިއީ އެންމެން ވާހަކަނުދައްކާ ތިބެންވީ ވަގުތެއް ނޫން. މިއީ އެންމެންވެސް އެކުވެރިވާންވީ ވަގުތު.” ނާހިލް އެންމެންނަށްވެސް ދިނީ ހެޔޮ ނަސޭހަތެކެވެ. ކުރިއެކޭ އެއްގޮތަށް މިފަހަރުވެސް އެތަނުގައި ވީ ހަމަހިމޭންކަމެވެ. ޝިމާލް މަޑުމަޑުން ގޮސް ކޮޓަރިއަށް ވަދެ ދޮރު ލެއްޕިއެވެ.

“ކޭން އެނީވަން-” ނާއިކްގެ ޖުމްލަ ފުރިހަމަ ނުވީ ރިޔާޝާގެ ފޯނު ރިންގުވާން ފެށި އަޑު އިވުމުންނެވެ.

“ވައަލައިކުމް ސަލާމް.. ކިހިނެއްތޯ ވީ؟” ރިޔާޝާ ފޯނު ނެގުމަށްފަހު ބުނެލިއެވެ.

“ކީކޭ؟” އެކޮޅުން ދެއްކި ވާހަކަތައް އަޑުއަހަން ހުރި ރިޔާޝާގެ މޫނުމައްޗަށް ވެރިވީ ހާސްކަމެވެ. ފަހަރަކު މީހެއްގެ މޫނަށް އޭނާ ބަލައިލިއެވެ. ކަންފަތުގައި ޖައްސާފައި އޮތް ފޯނު ކާޕެޓް މައްޗަށް ވެއްޓުނީ އެވަގުތެވެ. ރަތްވެ ދުޅަވެފައި ހުރި ދެލޮޮލަށް އަނެއްކާވެސް ކަރުނަ ޖަމާވާން ނެގީ ކުުޑަ ހިނދުކޮޅެކެވެ.

“ފަރުހާދުބެ.. ހޮސްޕިޓަލަށް އަހަރެން ގެންގޮސްދީ..” ގިސްލަމުން ރިޔާޝާއަށް ބުނެވުނީވެސް ވަރަށް ހާލުންނެވެ.

“ޑޭޑްއަށް ކިހިނެއްވީ؟” ފަރުހާދުއަށް ސުވާލު ނުކުރެވެނީސް ރަޒާން އަހާލިއެވެ.

“ޑޭޑް.. ވަރަށް.. ސްސަކަރާތް.. ވެގެން..” އަނެއްކާވެސް ރިޔާޝާގެ ރުއިންވީ އިތުރެވެ.

“ނާއިކް މަޑުކުރޭ ގޭގަ.. ވަސީ އާދޭ ރިޔާޝާއާއެކު ދާން..” އަވަސްއަވަހަށް ގެއިން ނިކުންނަން ދަމުން ފަރުހާދު ބުންޏެވެ.

ފަހަރަކު މީހެއް ނާއިކްއަށް އަލްވަދާޢު ކިއުމަށްފަހު ގެއިން ނިކުމެގެން ގޮއްސިއެވެ. މުޅިތަން ހިމޭންވުމާއެކު އޭނާ ގަޑި ބަލައިލިއެވެ. ރޭގަނޑު ނުވަ ގަޑި ބައިވަނީއެވެ. އިރުކޮޅަކު ސިޓިންގ ރޫމުގައި މަޑުކޮށްލުމަށްފަހު އޭނާ ދިޔައީ ކޮޓަރިއަށެވެ. ފާހަނައަށް ވަދެ މޫނުދޮވެލައި ލައިގެން ހުރި ޓީޝާޓު ބަދަލުކޮށްގެން އޭނާ ކޮޓަރިން ނިކުތެވެ.

“ދޮންބޭ.. ސައިކު ތަޅުދަނޑި ދީބަ.. ޕްލީޒް..” ޝިމާލްގެ ކޮޓަރި ދޮރުގައި ޓަކިޖަހާލަމުން އޭނާ ގޮވާލިއެވެ.

“ވަދޭ..” ޝިމާލް ގޮވާލި އަޑު އިވުމުން އޭނާ ދޮރު ހުޅުވާ އެތެރެއަށް ވަނެވެ. އޭނާ އިނީ ސްޓަޑީ ޑޭބަލް ކައިރީ ފޮތެއް ކިޔާށެވެ.

“އެންމެން ދިޔައީތަ؟” ނާއިކް ވަނުމާއެކު ޝިމާލް ސުވާލުކޮށްލިއެވެ. މަޑުމަޑުން އޭނާ ހޫމްއޭ ބުނެލިއެވެ.

“ދީބަ ތަޅުދަނޑި..” އަނެއްކާވެސް ނާއިކް އެދުނެވެ.

“ކޮންތާކަށް ދާން؟” ލޮލުން އައިނު ނަގާ މޭޒުމަތީގައި ބާއްވާލަމުން ޝިމާލް އަހާލިއެވެ.

“ރަޒާންގެ ޑޭޑް ސަކަރާތްވެގެން އެންމެން ހޮސްޕިޓަލަށް ދިޔައީ.. އަހަރެންވެސް ހިތަށްއެރީ ދާނަމޭ.. މިވީ ދުވަސްތަކުގައި ރަޒާން ވެސް ފްރެންޑަކަށް ވެއްޖެ. އެހެންވެ..” ނާއިކްގެ ޖުމްލަ ނުނިމެނީސް ޝިމާލް ހުރީ ކޮޅަށް ތެދުވެއެވެ.

“ކީކޭ؟ ވަޓް! ވެއިޓް.. ދޮންބެވެސް ދާނަން..” ޝިމާލް ދުއްވައިގަތީ ފާހަނައަށެވެ. ނިދަން ތައްޔާރުވެ, ލައިގެން ހުރި އަންނައުނު ބަދަލު ކުރަން ކަންނޭނގެއެވެ.

“ދޮންބެ އާދޭ.. ނާއީ މިހުރީ ބޭރުގަ..” ބޯ ޖަހާލަމުން ނާއިކް ނިކުތީ ބޭރަށެވެ.

މަގުމައްޗަށް ނިކުމެ އޭނާ ދެފަރާތަށް ބަލައިލިއެވެ. ރަށްތަކާ އަޅާ ބަލާއިރު މާލެ ހާދަ ތަފާތޭ އޭނާ ހިތަށް އެރިއެވެ. ދަންވި ވަރަކަށް ބޭރަށް ނިކުމެ އުޅޭ މީހުން މިތަނުގައިވަނީ އިތުރެވެ. ރަށުގައި ނަމަ މިހާއިރު ވާއިރު މަގެއްގެ މަތިން މީހަކުވެސް ފެންނާނީ މަދުންނެވެ.

އާއްމު ގޮތެއްގައި ޝިމާލް ސައިކަލު ޕާކުުކުރާ ހިސާބަށްދާން އެނބުރުނު ނާއިކް ޖެހުނީ މަގުމަތިން ހިނގާފައި އައި ކުއްޖެއް ގައިގައެވެ. އޭނާގެ މޭގައި ޖައްސާލެވިފައި ހުރި ބައެއް ފޮތްތަކުން ފޮތެއް ބިންމައްޗަށްވެސް ވެއްޓުނެވެ. ނާއިކް އެފޮތް ނަގާ އެކުއްޖާއަށް ދިއްކޮށްލިއެވެ.

އެދޮންދޮން މޫނު ފެނުމާއެކު ނާއިކްގެ ހިތަށް ދުވަހަކުވެސް ނުވާ ގޮތެއް ހަމަ ޔަގީނުންވެސް ވިއެވެ. ބޮޑު ދެލޮލަކާއި ދިގު އެސްފިޔަތަކެކެވެ. މަޑު ފިޔާތޮށި ކުލައިގެ ތުންފަތުގައި އެއްވެސް އަސަރެއް ފެންނާކަށް ނެތެވެ. ލާފައި ހުރީ ކަޅު ކުލައިގެ ގަޔަށްދޫ އަބާޔާ ހެދުމެކެވެ. އޭނާގެ އިސްތަށިގަނޑު ފޮރުވިފައި ވަނީ ތަފާތު ގޮތަކަށް އަޅައިގެން ހުރި ގަދަ ނޫކުލައިގެ ޝޯލްއިންނެވެ. ދެމީހުންގެ ހަތަރު ކަޅި ހަމަވުމާއެކު އެންމެ ފުރަތަމަ ނަޒަރު ވަކިކޮށްލީ އެ އަންހެން ކުއްޖާއެވެ.

“ސޮރީ.. އެންޑް ތެންކިއު..” ނާއިކް އަތުން ފޮތް ޖަހައިގަތުމާއެކު އޭނާ ބާރުބާރަށް ހިނގައިގަތެވެ. މައުނަވީ ހިނިތުންވުމެއް އޭނާގެ ތުންފަތުގައި ދުވެލި ވަގުތު ލޮލުގައި އަޅައިގަތީ ތާރުގަނޑު މައްޗަށް ވެއްޓިފައި އޮތް ގަނޑެެކެވެ. ގަނޑު އެއްފަރާތް ހުރި ގޮތުން އެއީ ނޯޓުފޮތަކުން ކަނޑާލާފައިވާ ގަނޑެއްކަން އޭނާއަށް އެނގުނެވެ. ނާއިކް އެގަނޑު ނަގާ ބަލައިލިއެވެ.

“ޝީހާ..” ގަނޑުގައި އިނގިރޭސިން ބޮޑު އަކުރުކޮށް ލިޔެވިފައި އޮތީ އެހެންނެވެ. ގަނޑުގެ އެންމެ މަތިންނާއި ދަށުން ކަޅު ކުލައިގެ ގަލަމަކުން ޑިޒައިނެއް އަޅަން ފަށާފައި އޮތެވެ. ވައި އަޑުން ނާއިކްއަށް ޝީހާގެ ނަން ކިޔާލެވުނެވެ. ޖިންސްގެ ޖީބަށް ގަނޑުކޮށްޕާލަމުން ބަލައިލިއިރު އެއަންހެން ކުއްޖާ ޖެހިގެން އިން މަގަށް އަޅާލަނީއެވެ. ނާއިކްއަށް ހިނިތުންވެވުނީ އިހްތިޔާރުން ބޭރުގައެވެ.

**ހަތްއަހަރު ފަސް**

-ނުނިމޭ-

Share Article

Aayaa
Follow Me Written By

Aayaa

Level 410 Stories100 Login100 Comments

Other Articles

Previous

ހޯދަން ނޭދެން ލޯތްބެއް ތިޔަ ނޫން… 29

Next

އުމުރަށް ވެސް ލޯބިވާނަމެވެ (1)

Next
November 27, 2022

އުމުރަށް ވެސް ލޯބިވާނަމެވެ (1)

Previews
November 22, 2022

ހޯދަން ނޭދެން ލޯތްބެއް ތިޔަ ނޫން… 29

5 Comments!

  1. Aayaa Aayaa says:
    November 24, 2022 at 11:21 am

    Salaam Readerss.. Mi vaahaka nimumakah mi aee mihaaru, dhen onnaany vaahakaige last part.. In sha Allah Next Sunday ga kiyuntherinnah vaahaka kiyalan libeyne!! ^_^
    With loving Regards.! <3
    -Aayaa-

  2. ❤️SHANE❤️ says:
    November 24, 2022 at 1:52 pm

    I love this vaahaka ekam nimeny dhww but keep it up aayaa❤️❤️

    1. Aayaa Aayaa says:
      November 24, 2022 at 3:09 pm

      Labba nimeny.. In Sha Allah Aaya ge ehen vaahaka thah ves kiyalan libeyne..
      Thank you ❤️SHANE❤️ for the lovely comment..

  3. mariyam says:
    November 25, 2022 at 2:06 pm

    I Love this vaahaka ekam nimeny dhww but keep it up aayaa❤️❣️
    I love you so much aayaa 💘💞❤️❣️💕♥️💗

    1. Aayaa Aayaa says:
      November 25, 2022 at 7:57 pm

      Thank you Mariyam..!!
      I appreciate your support..😊❤️

Comments are closed.



All Right Reserved!