Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރި

ޙާލަތު (ސޯޅަވަނަ ބައި)

Aayaa
Aayaa Level 410 Stories100 Login100 Comments
November 1, 2022 7 Mins Read
0 Comments

ކޮޓަރި ދޮރުހުޅުވާލި ޝިމާލްއަށް ލިބުނީ ހައިރާންކަމެކެވެ. މުޅި ކޮޓަރިތެރޭ ވަނީ ކަނު އަނދިރިކަމެވެ. ޝިމާލް ސްވިޗްބޯޑު ހުރި ދިމާއަށް ގޮސް ކޮޓަރީގެ ބޮކި ދިއްލާލިއެވެ. އެއާއެކު އޭނާއަށް ލިބިގެން ދިޔައީ ކުއްލި ސިހުމެކެވެ. އެނދުގެ ކަނަށް ވަދެ ދެކަކޫ މެއާލާ ބޮނޑިކޮށްލައިގެން އޭނާ އިނެވެ.

“ރަޒާން..” ޝިމާލް އެނދުގެ ކައިރިއަށް ހުއްޓެމުން ބުނެލިއެވެ. ނަމަވެސް ރަޒާން އެއްވެސް އެއްޗެއް ނުބުނެއެވެ. ދެތިން ފަހަރަކު ތަކުރާރުކޮށްލުމުން ރަޒާން ބޯ ހިއްލާލިއެވެ. އޭނާގެ ދެލޯވަނީ ރަތްވެ ދުޅަވެފައެވެ. ބަލައިލުމުން ވަރަށް ގިނައިރު ރޮއެފައި ހުރިކަން އެނގެއެވެ.

“ކިހިނެއްވީ؟” ޝިމާލް ރަޒާންއަށް ބަލައިލަމުން ބުނެލިއެވެ.

“ބޭބޭ. މާތް ﷲ އަހަރެންނަށް މަޢާފުކުރައްވާނެތަ؟” ރަޒާން މަޑުމަޑުން ބުނެލިއެވެ.

“ރަޒާން ތިދެރަވަނީ އެކަލާނގެ ރަޒާންއަށް މަޢާފު ނުކުރައްވާނެތީތަ؟” ޝިމާލްވެސް ކޮށްލީ ސުވާލެކެވެ.

“އުމުރު ދުވަހު ފާފަކުރި މީހަކަށް މަޢާފުކުރާނެތަ؟” ރަޒާން އަނެއްކާވެސް ކޮށްލީ ސުވާލެކެވެ.

“ރަޒާން.. އަޅުތަކުން ދެކެ އެންމެ ލޯބިވެވޮޑިގެންވާ ފަރާތަކީ މާތްﷲ. ކިތަންމެ ގިނަ ފާފައެއް ކުރިއަސް އެކަލާނގެ އެފާފަތައް ފުއްސަވައިދެއްވާނެ އިންޝާﷲ.. ޙަދީޘެއްގައި އޮވެއެއްނު އެމީހާގެ ފާފަތައް ކިތަންމެ ގިނަޔަސް ﷲއަށް ދުޢާ ދަންނަވާ ތައުބާ ވެއްޖެއްޔާ އެ ފާފަތައް ފުއްސަވާ ދެއްވާނެ ވާހަކަ.” ޝިމާލް މަޑުމައިތިރި ކަމާއެކު ވާހަކަދެއްކިއެވެ.

“ބޭބޭ.. ދެން ނަމާދަކަށް އަހަރެން ގޮވައިގެން ދައްޗޭ..” ޝިމާލްއަށް ބަލައިލަމުން ރަޒާން އާދޭހާއެކު ބުނެލިއެވެ. ހިނިތުންވުމާއެކު ޝިމާލް ބޯޖަހާލިއެވެ.

“ބޭބެ ބުނި ރަޒާންގެ ދައްތަ ހޭއަރައިފިޔޯ. މިހާރު ދެވޭނެހެން ހީވަނީ. އޭރު މޮނިޓަރިންގަ ބާއްވާފަ އޮތީ. ބަލަންތަ ދެވޭތޯ؟” ޝިމާލް މައުޟޫ ބަދަލުކޮށްލިއެވެ.

“ދާން ބޭނުން..” ރަޒާން ބޯޖަހާލަމުން ބުނެލިއެވެ. ޝިމާލް އޭނާގެ ފޯނު ނަގާ ބައްޕައަށް ގުޅާލިއެވެ. ދެތިން ރިންގަށްފަހު ފަރުހާދު ފޯނަށް ޖަވާބު ދިނެވެ.

“ބައްޕާ.. ރަޒާންގެ ދައްތަ ގާތަށް ދެވޭތަ؟ ރަޒާން ދާން ބޭނުންވާތީ..” ރަޒާންއަށް އަޑުއިވޭނެހެން ފޯނު ސްޕީކަރަށް ލަމުން ޝިމާލް ބުނެލިއެވެ.

“އާން.. ދެންމެ ޑޮކްޓަރު ބުނި ރިޔާޝާ މިހާރު ވަރަށް ރަނގަޅު ވާހަކަ.. އަސުރު ފަހުން ވޯޑަށް ބަދަލުކޮށްދޭނެ ވާހަކަވެސް ބުނި..” ފަރުހާދުގެ ޖަވާބު އަވަހެވެ. އޯކޭއޭ ބުނެލަމުން ޝިމާލް ކޯލް ކަނޑާލިއެވެ.

“މިހާރު ބަންގި ގޮވާފާނެ. އަވަހަށް ރީތިވެލައިގެން އަންނަން ދޭ. ބޭބެވެސް އެބަ އަންނަން ވުޟޫކޮށްލައިގެން. ނަމާދުން ފައިބައިގެން ދާނީ ދައްތަ ގާތަށް ދޯ..”ޝިމާލް ރަޒާންގެ ކޮނޑުގައި ޖަހާލަމުން ކޮޓަރިން ނިކުންނަން ދިޔައެވެ. މަޑުމަޑުން ބޯޖަހާލަމުން ރަޒާން އެނދުން ތެދުވިއެވެ.

ޝިމާލްއާ ރަޒާން މިސްކިތުން ފައިބައިގެން ދިޔައީ ހޮސްޕިޓަލަށެވެ. އެވަގުތު ނާއިކްގެ ގާތަށް ވަދެވޭ ގަޑި ނިމުމާ ގާތްވެފައި ވާތީ ޝިމާލްއާ ރަޒާންވެސް ނާއިކްގެ ގާތަށް އައިސީޔޫ އަށް ވަނެވެ. އެއަށްފަހު ރަޒާން ދިޔައީ ރިޔާޝާއަށް ގޮވާލާށެވެ.

“ކޮބާ ބައްޕަ؟” ދުލުގައި ވަރެއް ނެތް ޙާލުގައި ވެސް ރަޒާން ފެނުމާއެކު ރިޔާޝާ ފުރަތަމަ ކޮށްލީ އެސުވާލެވެ. ރަޒާންގެ މޫނުމައްޗަށް ނުރުހުމުގެ ކުލަވަރު ވެރިވެގެން ދިޔައެވެ.

“އެބޮތް އައިސީޔޫގަ. އެއީ އަހަރެންނާ ބެހޭ ކަމެއް ނޫން.. ދެން އޭނާގެ ވާހަކަ ނުދައްކާތި!” ރަޒާން ވާހަކަދެއްކިއިރު އޭނާ ހުރީ ނުރުހިފައިކަން އެނގެއެވެ.

“ރަޒާން. ތިހެން ވާހަކަ ނުދައްކަބަލަ. އެއީ ރަޒާންގެވެސް ބައްޕައޭ. ރަޒާންދެކެ ލޯބިވި ބައްޕައޭ..” ރިޔާޝާ މަޑުމައިތިރިކަމާއެކު ބުނެލިއެވެ.

“އަހަރެންގެ ބައްޕަ އަހަރެން ދެކެ ލޯބިވަންޏާ ދޮންތަދެކެވެސް ލޯބިވާނެ. ލޮތްބަކީ ކޮންއެއްޗެއްކަން ނޭނގޭތީ އަމިއްލަ ދަރިފުޅުގެ ދިރުއުޅުން އަމިއްލަ ދެއަތުން ހަލާކުކޮށްލާނީ. ލުކް ދޮންތާ.. މިއަދު ދޮންތަގެ ދެފައި ވެސް ބުރިކޮށްލަން ޖެހުނީ ހަމަ ބައްޕަގެ ސަބަބުން.. ބައްޕަ ގާތު އަހަރެން ބުނިން ދެން ނާއިކްގެ ދިރިއުޅުމަށް ވަންނަން އަހަރެން ބޭނުމެއް ނޫނޭ.. އެކަމަކު ބައްޕަ އެހެން އެހެދީ އަމިއްލައަށް” ރަޒާން ރިޔާޝާގެ އަތުގައި ހިފާލަމުން ބުނެލިއެވެ.

“ދޮންތާ.. އައި ކާންޓް ފޮގިވް ހިމް.. މަންމަވެސް މަރުވީ ބައްޕަގެ ސަބަބުން ދޯ؟” ކުއްލިއަކަށް ރަޒާން ސުވާލުކޮށްލިއެވެ.

“ޒާން.. ޕްލީސް ސްޓޮޕް އިޓް. ނިމިފަ އޮތް ކަމެއްގެ ވާހަކަ ނުދައްކާ.. މިވަގުތު ބައްޕައަށްޓަކައި ހެޔޮ ދުޢާކުރޭ..” ރަޒާން މަންމަގެ ވާހަކަ އެހުމުން ރިޔާޝާއަށް ލިބުނު ސިހުމުގައި ވާހަކަދެއްކުނީ ވެސް އިރުކޮޅެއް ފަހުންނެވެ.

“އެހެންވީމަ އެއީ މަންމަ މަރާލި މީހަކީ ދޯ.. އަހަރެންނަށް ހީވިއޭ.. މަންމަ އެރޭ އުޅުން ގޮތް.. އެއީ ޑޭޑް އަހަރެންނަށް ކިޔައިދިން އެއްޗެހި.. ނާއީއަށްވެސް އެހެން ވާނޭ ބައްޕަ ބުނި.. ބަޓް ލަކިލީ ނާއީ ދިޔައީ ދޯ ރަށުން..” ރަޒާންގެ ދެލޮލަށް ކަރުނަ ޖަމާވިއެވެ. މަންމަގެ ވަކިވެ ދިއުން އަދިވެސް އެހިތުގައި ބިންވަޅު ނެގިފައި ވަނީ ދެންމެ ހިނގައިދިޔަ ހާދިސާއެއް ހެންނެވެ.

“ޒާން.. ކޮންމެ ކަމެއްވެސް ވާނީ އެންމެ ރަނގަޅަކަށް. އެއީ ޒާންގެ ބައްޕަ. ދުވަހަކުވެސް ބައްޕައާ ދެމެދު އޮންނަ ލޭގެ ގުޅުމެއް ނުކެނޑޭނެ..” ރިޔާޝާގެ އަޑުގައި ވި ރިހުން ރަޒާންއަށް ސިއްރެއް ނުވިއެވެ.

“ޓެލް މީ ދި ޓްރުތް ދޮންތާ.. ދޮންތަ ހަގީގަތް ނުބުނަނީސް އަހަރެން މިތަނުން ނުދާނަން.. މަންމަ މަރުވީ ޑޭޑްގެ ސަބަބުންތަ؟” ރަޒާން އަނެއްކާވެސް އެސުވާލު ތަކުރާރު ކޮށްލިއެވެ. ރިޔާޝާގެ ގަޔަށް ގުޅާފައި ހުރި މެޝިންތަކުގެ އަޑާއި އެކުވެގެން ދިޔައީ ރިޔާޝާގެ މަޑު ގިސްލުމުގެ އަޑެވެ.

“އް.. އާން..” ތުރުތުރު އަޅަމުން ދިޔަ އަޑާއެކު އެހެން ބުނެވުމާއެކު އޭނާގެ ގިސްލުމުގެ އަޑު ގަދަވެގެން ދިޔައެވެ. ހާމަވެގެން ދިޔަ ހަގީގަތާއެކު ރަޒާން އިނީ ހުއްޓުން އަރާފައެވެ. ރިޔާޝާގެ އަތުން އޭނާގެ އަތް ދަމައިގަންނަމުން ބޮލުގައި ބާރަށް ހިފަހައްޓާލިއެވެ. އެވަގުތު ރިޔާޝާގެ ހާލަތު ދަށްވެގެން ދާން ފެށުމުން ނަރުސް ކުއްޖެއް އައިސް ރަޒާންއަށް އެރޫމްއިން ނުކުންނަން އެންގިއެވެ. ފުރާނަނެތް މައްޔިތެއް ފަދައިން މަޑުމަޑުން ހިނގާފައި އޭނާ ކޮޓަރިން ނުކުތެވެ.

ރަޒާން އެރޫމުން ނުކުތުމާއެކު ޝިމާލް އޭނާ އިށީނދެ އިން ގޮނޑިން ތެދުވިއެވެ. ހުއްޓުން އަރާފައި ރަޒާން ހުންނަން ފެށުމުން އެތެރޭގައި ކަންތައް ދިޔައީ ރަނގަޅަށް ނޫންކަން ފަހުމް ވެއްޖެއެވެ. އަވަސް އަވަހަށް ހިނގާފައި ގޮސް ރަޒާން ގާތު މަޑުކޮށްލަމުން ރަޒާންގެ ނަމުން ގޮވާލިއެވެ.

“ގެއަށް ދާން..” ކުރިއަށް ހިނގައިގަންނަމުން ރަޒާން ބުނެލީ ކިރިޔާ ޝިމާލްއަށް އަޑުއިވޭ ވަރަށެވެ. އިތުރު ސުވާލެއް އޭނާ ނުކުރީ މިވަގުތަކީ އެކަމަށް އެންމެ ރަނގަޅު ވަގުތު ނޫންކަން ހިތަށް ވިސްނައިދެމުންނެވެ.

އިޝާ ނަމާދުން ފައިބައިގެން ޝިމާލްއާ ރަޒާން ކާރުގައި ދިޔައީ މާލެއަށެވެ. ގެއަށް އައި ފަހުން ރަޒާން މަޑުން އިންނާތީ އޭނާ ހިތްހަމަ ޖައްސާލުމަށް ބޭރަށް ނިކުންނަން ފަރުހާދުއާ ވަސީމާ ބުނުމުންނެވެ. އެހެނަސް ޝިމާލްގެ ހިތުގައި އެހެން ބޭނުމެއް ވިއެވެ. ރަޒާންގެ ދުލުން މިހުރިހާ ދުވަހަކު ވެފައި ހުރި ކަމެއް ކިޔައިދިނުމެވެ. މިވަގުތު ހުރިހާކަމެއް ހިތުއަޅައިގެން އެއްވެސް މީހަކާ ހިއްސާނުކޮށް އިނުމަކީ ރަޒާންއަށް ނުވާނެ ކަމެއްކަން އިނގޭތީއެވެ. ކުރާކޮންމެ ސުވާލަކަށް ރަޒާން ޖަވާބުދޭނެކަމުގެ ޔަގީންކަން އޭނާގެ ހިތުގައިވީ އެހެންވެއެވެ.

“ކޮންތާކަށް މިދަނީ؟” ސިނަމާލެ ބްރިޖުން މާލެއަށް އާދެވުމާއެކު ދަތުރު މަތީގައި ރަޒާންކުރި ފުރަތަމަ ސުވާލަކީ އެއީއެވެ. ޝިމާލް ރަޒާންއަށް ނަޒަރެއް ދިނެވެ.

“ކޮންތާކަށް ދާން ބޭނުމީ؟ ރެސްޓޮރަންޓަކަށް ކާން ދާންވީނު؟” ޝިމާލް ބޭނުންވީ ރަޒާން ބޭނުންވާ ތާކަށް ދާށެވެ. އިތުރު އެއްޗެއް ނުބުނެ ރަޒާން ބޯޖަހާލިއެވެ. ފަސްވަރަކަށް މިނެޓު ފަހުން ކާރު ޕާކު ކުރުމަށްފަހު ރަޒާންއާ ޝިމާލް ކުރިމަތީ ހުރި ރެސްޓޮރަންޓަށް ވަދެގެން ދިޔައެވެ.

އޯޑަރު ނަގަން އައި ވެއިޓަރު ދިއުމުން ފުންނޭވައެއް ދޫކޮށްލުމަށްފަހު ރަޒާން ބިއްލޫރިގަނޑުން ބޭރަށް ނަޒަރު ހުއްޓާލިއެވެ. އެތަނުން ނުހަނު ސާފުކޮށް މޫދު ފެނެއެވެ. ދުރުދުރުން ބައެއް ރަށްތައް އޮތީ ދިއްލާ އަޅާފައެވެ. ބޮޑުވާން ފަށާފައި ހުރި ހަނދު އެވަގުތު ދިޔައީ އޮއްސޭށެވެ.

“ރަޒާންއަށް އިނގޭދޯ އަހަރެން މީ ކާކުކަން؟” ރަޒާންގެ ހަރަކާތްތަކަށް ފަރުވާތެރިވެގެން އިން ޝިމާލް ސުވާލުކޮށްލިއެވެ. ޝިމާލްއަށް ލުއި ނަޒަރެއް ދެމުން ރަޒާން ހުމް ލައްވާލިއެވެ.

“ނާއިކް ކީއްވެ މިކޮޅަށް އައީ؟ އަހަރެން ގާތު ނުބުނި އަސްލު މިކޮޅަށް އައީ ކީއްވެކަމެއް..” ޝިމާލް ފުރަތަމަ ފެށީ ނާއިކްގެ ވާހަކައެވެ. ފުރަތަމަވެސް ރަމީޒްގެ ވާހަކަ އަހައިފިއްޔާ ރަޒާން ރުޅި އަތުވެދާނެކަން ދަނެގެންނެވެ. ޝިމާލްއަށް ބަލަހައްޓައިގެން އިރުކޮޅަކަށް ހިމޭންވެފައި އޭނާ އިނެވެ.

“ބައްޕަގެ ޕްލޭން ކާމިޔާބު ވީމަ.. ޝިމާލްބެ އަށް އިނގޭތަ؟ މަންމަ ވެސް މަރާލީ ބައްޕަ..” ރަޒާން ހާމަކޮށްލީ ޝިމާލްއަށް ނޭނގޭ ހަގީގަތެކެވެ.

“ކިހިނެތް؟ އަހަރެން އައި އިރު ރަޒާންގެ މަންމަ ހުރީ ގަދަވެ ސަލާމަތުން..” ހައިރާންވެ އަންތަރީސްވެފައި އިނދެ ޝިމާލްއަށް ސުވާލު ކޮށްލެވުނެވެ.

“އިނގެއެއްނު ޝިމާލްބެ ގެއަށް ގޮސްގެން އުޅުނު އިރުވެސް މަންމަ އެކަންކަމާ ދެކޮޅު ހަދާވަރު.. ބައްޕަ އަށް މަންމަގެ އުނދަގޫ ބޮޑުވީ ދޮންތަވެސް ކުރިން އުޅުން ގޮތް ދޫކޮށްލީމަ.. އެހެންވެ. މަންމައަށްވެސް އެހެން ހެދީ.. އެރޭ މަންމަ ނޭވާ ނުލެވިގެން އުޅުނީ. އެކަމަކު މަންމަ ބުނެގެން އަހަރެން ދިޔައީ އެރޭ ނިދަން.. ދަންވަރު ދޮންތަ ގޮވާފަ ބުނިއިރު ހުރިހާ ކަމެއްވެސް ނިމިއްޖެ. މަންމައާ ދޮންތަވެސް އަހަރެންނަށް ހުރިހާ އެއްޗެއް ސިއްރުކުރީ އޯލެވެލް ޓެސްޓްތައް ފެށެން ކައިރިވެފަ އޮތީމަ. ހަގީގަތުގަ ބައްޕަ ދެކެ ވާލޮތްބަށްވުރެ މަންމަދެކެ މާލޯބި ވެވޭނެ. ކިތަންމެ ތޮޅުނަސް އެއްބަނޑު ދައްތަދެކެ ކޮއްކޮ ދެކެ ވަރަށް ލޯބިވާނެ..” ޝިމާލް ބޭނުންވި ފަދައިން ރަޒާން ދިޔައީ ހުރިހާ ވާހަކައެއް ކިޔައިދެމުނެވެ.

“ރިޔާޝާ އޭރު ރަށަށް އައިސް އުޅުނީ ކޯސް ފުރިހަމަ ނުކޮށް ދޯ ؟ އޭރުތަ ކުރިން އުޅުނު ގޮތް ދޫކޮށްލީ؟” މާޒީ ހަނދާން ކުރަމުން ޝިމާލް އަނެއްކާވެސް ސުވާލުކޮށްލިއެވެ.

“ހުމް.. ދޮންތައާ މީހަކު ބެހުނީ.. އެހެންވެ ކޯސް ފުރިހަމަ ނުކޮށް އައީ. މަންމަ އަބަދުވެސް ނަސޭހަތް ދޭނެ. ދޮންތައަށް މަންމަ ބުނެދޭ ވާހަކަތަކުގެ ތެދުކަން އޭރު އިހުސާސްވެއްޖެ. އޭރު އަހަރެން ދޮންތަދެކެ ވަރަށް ފޫހިވޭ. އަހަރެންގެ ހިތް އޭރުވީ ތެދުމަގާ ދުރުގަ.” އިސްއޮބާލައިގެން އިނދެ ރަޒާން ދިޔައީ އޭނާއަށް އެނގިފައި ހުރި ހުރިހާ ހަގީގަތެއް ކިޔައިދެމުންނެވެ.

“މާތްﷲއީ އަޅުތަކުންގެ ފާފަފުއްސަވާ ރަސްކަލާނގެ.. މިއަދު ރަޒާންއަށް ތެދުމަގު ލިބުނު ކަމަށްޓަކައި ޝުކުރުކުރޭ.” ޝިމާލް ރަޒާންއަށް ހިތްވަރުދިނެވެ.

“އޯލެވެލް ޓޮޕްޓެން ދިހަވަނައަށް އަހަރެން ލައްވާލި. ނާއިކް ނުފެނުނީމަ ހީކުރީ ނާއިކްއަށް ދެން ދުވަހަކުވެސް ކުރި ނުހޯދޭނެއޭ.. އެހެންވެ އޭލެވެލްއަށް އެހާ މަސައްކަތެއް ނުކުރަން.. މިއަދު މި އިހްސާސްވަނީ އަސްލު ނުވިސްނޭކަން. ގާތުގައި ތިބި މޮޅެތި ކުދިންގެ ކިޔެވުން ހަލާކު ކުރިއަސް އަހަރެންނަށް ކާމިޔާބުވާނީ އަހަރެން ކުރާ ބުރަ މަސައްކަތުންކަން މިއަދު މި އިނގެނީ. އެދުވަހު އެހުރިހާ ކަމެއް ނުކުރެވުނު ނަމަ އޭލެވެލް ހެދިއިރު އެމީހުންގެ އެހީއާއެކު އެންމެން އެއްކޮށް މަސައްކަތް ކޮށްގެން އެއްވަނައާ ހިސާބަށް އާދެވޭނަކަން މިއަދު އިހުސާސްވެއްޖެ..” ރަޒާން އިނީ އުޅެވުނު ގޮތާމެދު އިންތިހާއަށް ލަދުގަނެފައެވެ.

“ރަޒާން ބޭނުންވެގެންތަ އެކްސިޑެންޓް ހިނގަން މެދުވެރިވީ؟” ވާހަކަ ހުއްޓާލި ގޮތަށް ރަޒާން އެއްވެސް އެއްޗެއް ނުބުނެ އިނުމުން ޝިމާލް ސުވާލުކޮށްލިއެވެ.

“ނޫން. އަހަރެން ބުނިން ބޭނުމެއް ނޫނޭ ދެން ނާއިކްއަށް ގޮތެއް ހަދާކަށް.. އެކަމަކު ބައްޕަ.. ބައްޕަ ބޭނުމެއް ނުވޭ އެކަކުވެސް އުފަލުގައި އުޅޭކަށް. ދޮންތައަށް އިނގުނީ ބައްޕަ ތިރަށަށް ދާން އުޅޭކަން. ބައްޕަ ދިޔަ ފެރީއިން ދޮންތަވެސް ތިކޮޅަށް ދިޔަ.. އަހަރެންނަށް ހޭލެވުނު އިރު ދޮންތަ އޮތީ ނޯޓްކޮޅެއް ބާއްވާފަ. އެހެންވެ އަވަހަށް ތިރަށަށް ދެވޭނެ ގޮތެއް ބެލީ. ނަސީބަކުން ބަނދަރުން ދިމާވި ބޭބެއެއް ޑިންގީގަ ގެނެސްދިނީ. ދެން އިނގެއެއްނު ވީ ގޮތް..” ޝިމާލް ބޭނުންވި ހުރިހާ ވާހަކައެއް ރަޒާން ކިޔައިދިނެވެ. ރަޒާންގެ ވާހަކައަށް ޝިމާލް މަޑުމަޑުން ބޯ ޖަހާލިއެވެ. ދެމީހުންވެސް ކެއުމަށް އިންސާފުކުރަން ފެށީ އެހިސާބުންނެވެ.

ތިން ދުވަސް ފަހުން ނާއިކް ޕްރައިވެޓް ވޯޑަކަށް ބަދަލުކުރެވުނެވެ. ނަމަވެސް ހޭއަރާނެ ދުވަހެއް ލަފާކުރަން ޑޮކްޓަރުންނަކަށް ނޭނގެއެވެ.

ހަފްތާއެއް ފާއިތުވެގެން ދިޔައީ ގަޑިއަށް ބަލަ ބަލާ ތިއްބައެވެ. ފާއިތުވި ހަފްތާތެރޭ ރަޒާންގެ އުޅުން ބަދަލުވެގެން ދިޔައެވެ. ނާހިލްމެން ރަޒާންއަށް މަޢާފުކުރީ ރަޒާންގެ އުޅުން ބަދަލުވީތީއާއެކު ހިތުގައި މީހަކާމެދު ރުޅިވެރިކަމެއް ބާއްވަން ބޭނުން ނުވާތީއެވެ. ޝިމާލްވެސް އެހަފްތާތެރޭ ޗުއްޓީ ނިންމާ ވަޒީފާއަށް ނިކުންނަން ފަށައިފިއެވެ. ރަމީޒުގެ ހާލަތު ރަނގަޅުވުމުގެ ކޮޅުމައްޗެއް ނުފެނެއެވެ. އެއޮތް ހާލުގައި މެޝިންތަކުގެ އެހީގައި ދުނިޔޭގައި އޮތް ކަމެވެ. ފަރުވާއަށް ފަހު ރިޔާޝާ ހޮސްޕިޓަލުން ޑިސްޗާރޖް ކުރިތާ ދެދުވަސް ވެއްޖެއެވެ.

ހެނދުނު ހައެއް ޖެހި ވަގުތު ފަރުހާދު އެ ކޮޓަރިން ނިކުތެވެ. ފަތިސް ނަމާދުން ފައިބައިގެން އޭނާ ގެއަށް ދަނީ ނާއިކް ކައިރިއަށް ވަދެލާފައެވެ. ނަމާދުން ނިމިގެން ނައުޝާއާ ސިޔާދާވެސް ކޮންމެ ދުވަހަކުހެން ނާއިކްގެ ގާތަށް އަންނާނެއެވެ. ވަސީމާމެންނާ ހިޝާމްމެން ނާއިކްއަށް ޒިޔާރަތް ކުރަނީ ހަވީރުގެ ވަގުތެވެ. ދެމީހުންނަށް ހިނިތުންވުމެއް ހަދިޔާ ކޮށްލަމުން ފަރުހާދު ނާއިކްގެ ހާލަތު ބުނެލައިދިނެވެ. ކުރިއަށްވުރެ ވަރަށް ބޮޑުތަން ރަނގަޅުވެފައިވާ ވާހަކަ ޑޮކްޓަރުން ބުނިކަން އަންގާލަދިނެވެ.

އާދަޔާ ޚިލާފަށް ސިޔާދާގެ މިޒާޖު މިއަދު ތަފާތެވެ. ނާއިކްގެ އެނދުގައި އަތް އަޅައިގެން އޭނާ އިންނަނީ ފިކުރެއްކުރާށެވެ. ސިޔާދާ ގޮވައިގެން ހެނދުނު ސައިބޯން ދިއުމުގެ ކުރިން ނައުޝާ ބޭރަށް ދިޔައީ ބައްޕައަށް ގުޅާ ކާރު ފޮނުވައިދޭން އެދޭށެވެ. އެހެންނޫނީ ގެއަށް ދާގަޑިއަށްވުރެ ކުރިން ދިއުމަށް އޭނާ ނިންމީ ސިޔާދާގެ ހާލު މިއަދު ރަނގަޅު ނޫންކަން އިހުސާސް ވުމުންނެވެ.

ނާއިކްއަށް ފުރަގަސް ދީގެން އިން ސިޔާދާއަށް ނާއިކްގެ ދެލޯ ތަގުޅިވީ ކަމެއް ނޭނގުނެވެ. އުނދަގޫ ކަމާއެކު ނާއިކްގެ ދެލޯ ހުޅުވާލުމާއެކު އެތާ ހުރި މެޝިންތަކުން އަޑު ކިޔަންފެށިއެވެ. ސިޔާދާ ކުއްލިއަކަށް ނާއިކްއާ ވީފަރާތަށް ގޮނޑި އަނބުރާލިއެވެ. އޭނާގެ ހިތްތެޅެމުން ދަނީ އެތެރޭގައި ނީންނާން އުޅޭ ފަދައަކުންނެވެ. ލޯ ހުޅުވައިގެން އޮތް ނާއިކް ފެނުމާއެކު ސިޔާދާގެ ދެލޯ ބޮޑުވެއްޖެއެވެ.

ކޮޓަރިއަށް ވަތް ނައުޝާއަށް މަންޒަރު ފެނުމާއެކު އަވަސްވެ ގަތީ ޑޮކްޓަރުންނަށް ގޮވާށެވެ. އޭނާގެ ހިތް އުފާވެރިކަމުން ފުރިގެން އައެވެ. ޑޮކްޓަރުން އެރޫމަށް ވަނުމުން އެމީހުންގެ އެދުމަށް ސިޔާދާ ގޮވައިގެން ނައުޝާ ބޭރަށް ނުކުތެވެ. އެއަށްފަހު އޭނާގެ ފޯނު ނެގުމަށްފަހު އަވަސްވެގަތީ ނާހިލްއަށް ގުޅުމަށެވެ.

ލިބުނު ޚަބަރަކުން ނާހިލްއަށް އަވަސްވެ ގަނެވުނީ ހޮސްޕިޓަލަށް ދިއުމަށެވެ. ނަމަވެސް ދިއުމުގެ ކުރިން ފަރުހާދުއަށް ގުޅާ އެޚަބަރު ދިނެވެ. އެއަށްފަހު ހިޝާމް ގޮވައިގެން ގެއިން ނިކުތީ ޔޫސުފްއަށްވެސް ގުޅާ އެޚަބަރު ދެމުންނެވެ.

ފަރުހާދުއަށް އެނދުގައި އޮވެފައި ފުންމައިގެން ތެދުވެވުނީ ފޯނު އެނދުމައްޗަށް ޖަހަމުންނެވެ. ދުވެފައި ކަހަލަ ގޮތަކަށް ވަސީމާއަށް ގޮވަމުން ކޮޓަރިން ނިކުމެގެން ދިޔައިރު އެއީ ނޭވާ ހާސްވެގެން އުޅޭ މީހެކޭ ހީވެދާނެއެވެ.

“ފަރުހާދު؟ ހާދަ ހާސްވެފަ؟” ފަރުހާދު ގޮވަމުން އައި ގޮތުން ވަސީމާ ހާސްވެފައި އަހާލިއެވެ.

“ވަސީ.. ވަސީމާ.. ނާއިކް-” ފަރުހާދުގެ ޖުމްލަ މެދުކެނޑުނީ ކަންބޮޑުވެފައި ހުރި ވަސީމާ ވާހަކަދައްކަން ފެށުމުންނެވެ.

“ކީކޭ؟ ނާއިކްއޭ؟ ނާއިކްއަށް ކިހިނެއްވީތަ؟ އެސޮރު ސަކަރާތް ވީތަ؟” ދެލޯ ބޮޑުކޮށްލަމުން ވަސީމާ ބުނެލިއެވެ.

“ނާއިކްއަށް ކަމެއް ވީއެއް ނޫނޭ.. ނާއިކް ހޭއެރީއޭ.. އާދެބަލަ ހޮސްޕިޓަލަށް.. އަވަސް ކޮށްބަލަ..” ފަރުހާދު ސިޓިންގ ރޫމުގެ ދެކޮޅަށް ދުވަމުން ކިޔަމުން ދިޔައިރު ދެފަޔަށް ހިނިއަރައިގެން އުޅޭ މީހަކަށް އޭނާ ދޫނުކުރެއެވެ.

“ދެން ތިތާ ދެކޮޅަށް ދުވީމަ ދެވޭތަ؟ ދެންވެސް ދޭބަލަ ގަމީހެއް ލައިގެން އަންނަން.. އަލްޙަމްދުﷲ.. މަގޭވާ ހީކުރީ ނާއިކްއަށް ކަމެއް ވީއޭ. ހާދަ ބިރެކޭ މަގޭ އެގަތީ..” ވަސީމާ ކޮޓަރިއާ ދިމާއަށް ދުއްވައިގަންނަމުން ބުނެލިއެވެ. ފަރުހާދު އުޅެމުން ދިޔަގޮތުން އޭނާގެ ގާތަށް ހިނިވެސް އައެވެ.

“ނާއިކް ހޭއެރީތަ ދައްތާ؟ އަހަރެންވެސް ގޮވައިގެން ދާންވީނު؟” ބަދިގެއިން ދުއްވާ ގޮނޑީގައި ނިކުތް ރިޔާޝާ ބުނެލިއެވެ.

“އާނ ދަރިފުޅާ.. އަވަހަށްދޭ ތައްޔާރުވެލަން. ރަޒާންވެސް ގޮވައިގެން ދާނީ ދޯ. އެކަނި ގޭގައި ބަހައްޓާކަށް ނުވާނެއްނު. ޝިމާލްވެސް އެދިޔައީ ޑިއުޓީއަށް.” ފަރުހާދު ވަސީމާގެ ފަހަތުން ކޮޓަރިއަށް ވަންނަމުން ގޮވާލިއެވެ.

ކާރުގައި ވަސީމާއާ ފަރުހާދު މިސްރާބު ޖެހިއިރު ނާހިލްއާ ހިޝާމްވެސް ތިބީ ކާރުގައެވެ. ދެކާރަށްވެސް ޓްރީޓޮޕް ހޮސްޕިޓަލަށް އާދެވުނީ އެކު އެކީގައެވެ. އެންމެންވެސް ކާރުން ފައިބައިގެން އަވަސް ހިނގުމެއްގައި މިސްރާބު ޖެހީ ނާއިކް ބާއްވާފައިވާ ވޯޑަށެވެ. އެތަނަށް މަޑުކޮށްލެވުނު ވަގުތަކީ ޑޮކްޓަރެއް ރޫމުން ނުކުތް ވަގުތެވެ.

“ޕޭޝަންޓްގެ ހާލު ސްޓޭބަލް. ވަދެލިއަސް އެންމެ ރަނގަޅު.” ފަރުހާދުއަށް ބަލައިލަމުން ޑޮކްޓަރު ހިނިތުންވުމާއެކު ބުނެލިއެވެ. ފަރުހާދު ވަސީމާ ގޮވައިގެން ބޭރުގައި މަޑުކޮށްލީ ނާއިކްގެ ޢާއިލާއަށް ވަގުތު ދިނުމަށެވެ.

ސިޔާދާ ނާއިކްގެ ގާތަށް ހުއްޓުނު ވަގުތު ނާއިކް ލޯ ހުޅުވާލިއެވެ. އެއައަށްފަހު ބިރެއް ފެނުނު ފަދައިން އެ އެނދުގައި އޮތުމަށްފަހުވެސް ފަހަތަށް ޖެހިލިއެވެ. އެ ބެލުމުގައި ވަނީ ބީރައްޓެހި ގޮތެކެވެ.

“މަންމަ.. ބައްޕަ. ކޮބާތަ؟ ގެނެސްދީބަލަ؟” ނާއިކް އެމީހުންގެ މޫނަށް ބަލައިލަމުން އެދުނެވެ. ނާއިކް އެދުނީތީ ނާހިލް ބޭރުގައި ތިބި ފަރުހާދުމެންނަށް ގޮވާލިއެވެ.

“ދަރިފުޅާ..” ނާއިކް ފެނުމާއެކު ވަސީމާ ދުވެފައި ގޮސް ނާއިކްގެ ގައިގައި ބައްދާލިއެވެ. ފަރުހާދުވެސް އެނދުގެ އަނެއްފަރާތުގައި ހުއްޓެމުން ނާއިކްގެ ބޮލުގައި ފިރުމާލިއެވެ. އެންމެންވެސް ހިނިތުންވެފައި އެމަންޒަރު ބަލަން ތިއްބެވެ.

“މީ ކޮން ބައެއް؟” ވަސީމާ ދުރުވެލުމުން ނާއިކް ސިޔާދާމެންނަށް އިޝާރާތްކޮށް ބުނެލުމާއެކު އެންމެންގެ މޫނުމަތީގައި ވި ހިނތުންވުން ފިލާ ގޮއްސިއެވެ. މުޅި މާހައުލަށް ވެރިވެގަތީ ހަމަހިމޭންކަމެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Aayaa
Follow Me Written By

Aayaa

Level 410 Stories100 Login100 Comments

Other Articles

Previous

މަދަދުވެރިޔާ (22)

Next

(މައާފު އެދެމޭ….(ދެވަނަ ބައި

Next
November 4, 2022

(މައާފު އެދެމޭ….(ދެވަނަ ބައި

Previews
November 1, 2022

މަދަދުވެރިޔާ (22)



All Right Reserved!