Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަ

(މައާފު އެދެމޭ….(ދެވަނަ ބައި

AHAREN Level 110 Stories
November 4, 2022 2 Mins Read
0 Comments

ގޭގެ ޓީވީއިން އާދަމް ނާޝިދުގެ ކޯޓު އަޑުހެއުން އަޑުއަހަން އިން މާހިންގެ އަތުގައި އޮތް ރިމޯޓު، އޭނާ ޓީވީއާއި ދިމާލަށް އެއްލިއެވެ. ރިމޯޓު ޖެހުނު ވަގުތު ބާރު އަޑުފަށްގަނޑާއެކު ޓީވީ ތަޅައިގެން ދިޔައެވެ. އެއާއެކު މާހިންގެ މަގަތުގައި ނިދާފައި އޮތް އެންމެ ދެއަހަރުގެ ސުހާއަށް ހޭލެވުނެވެ. ތެޅިގަނެފައި އެ ތުއްތު ފުރާނަ ހިމާޔަތަށް އެދި ރޯންފެށިއެވެ. ނަމަވެސް ޙާލަތާއި ވަގުތުގެ ގޮތުން މާހިން ވަނީ އެއްވެސް ކަމެއް ކުރަން ނުކުޅެދިފައެވެ. ސުހާގެ ރުއިމުގެ އަޑު ވެސް އޭނާއަށް ނީވޭ ފަދައެވެ. “ނާޝިދު…ދެން ކަލޭގެ ކިބައިން ބަދަލު ހިފާނީ އަހަރެން” ރުޅިއާއި ހިތާމަ އެކުވެގެން އުފެދުނު ޖަޒުބާތުގައި މާހިން ބުނެލިއެވެ.

އިވުނު ބާރު އަޑުގެ ސަބަބުން މައިމޫނާ ބަދިގޭގައި ހުރެފައި ބޮޑުކޮޓަރިއަށް އައީ ދުވަމުންނެވެ. އޭރު ބިރުން އޭނާގެ ހިތް ބާރު ބާރަށް ތެޅެމުންދިޔައެވެ. ބޮޑުކޮޓަރިއަށް އަޅައިލި ފުރަތަމަ ފިޔަވަޅާއެކު މައިމޫނާއަށް ނަޒަރު ހުއްޓައިލެވުނީ ބިންމަތީގައި އިސްޖަހައިގެން އިން އޭނާގެ ދޮށީ ދަރިއަށެވެ. އޭރު ސުހާ ދިޔައީ ރޮއެ ރޮއެ ހިނދެމުންނެވެ. ލަސްތަކެއް ނުކޮށް މައިމޫނާ އަވަސްވެގަތީ ސުހާގެ ރުއިން މަޑުވޭތޯ އޭނާ މަސަލަސްކުރާށެވެ. އޭރު ޓީވީ ތަޅައިގެން ދިޔަ އަޑާއެކު މާހާ ވެސް ހުރީ ކޮޓަރިން ނުކުމެ ބޮޑު ކޮޓަރީގައެވެ. ވީގޮތެއް އަހާކަށް އޭނާ ގަސްތެއް ނުކުރެއެވެ. ސަބަބު އަންދާޒާ ކުރެވުނީމައެވެ. އެއީ މިދިޔަ ދެ އަހަރެއްހާ ދުވަސްތަކުގެ ތެރޭގައި އޭނާ ހޭނިފައިވާ ކަންކަމެވެ. މާހިންގެ ކުއްލި ރުޅިއަކީ މިހާރު އޭނާއަށް އާންމު ކަމަކަށް ވެއްޖެއެވެ. ވުމާއެކު އޭނާ އެކަންކަމަކާއި އަޅައެއް ނުލައެވެ.

*******

“އޭ..އެއްކަލަ ނާޝިދު މިނިވަންވެއްޖެއެއްނުން. މަ އެދުވަސް ހިތަށް އެރިއޭ ނާޝިދު އެކަހަލަ ކަމެއް ނުކުރާނޭ. އެއަށްވުރެ އޭނާ މާ ސޯލިހު ވިއްޔާ” ހައްވަ، އޭނާގެ ގޭގެ ޖޯލީގައި ދުފަން އޮތް އޭނާގެ ފިރިމީހާ އަހުމަދު ކައިރީގައި ބުންޏެވެ. “ހޫމް. މި ހަފްތާ ނިމޭހާއިރު އޭނާ އަންނާނެދޯ މިރަށަށް. މަ ހިތަށް އަރާ މާހިން އެފަކީރު ވައްދާނެބާއޭ؟” އަނގައަށް ފޯއްތައް އަޅަމުން އަޙުމަދު ބުންޏެވެ. “ކޮންމެ ގޮތެއްވިއަސް އެއީ އޭނާގެ ބަފާ. ބައްޕައަށް ވީތީ ވެސް މާހިންއަށް ޖެހޭނެ ނާޝިދު އެގެއަށް ވައްދަން. އެހެންނޫނަސް އެއީ ނާޝިދުގެ ގެއެއް.” ހައްވަ ވިސްނަން އޮވެފައި ބުނެލިއެވެ. “އަމުދަކުން ނާޝިދު އެގެއަށް ވަނިއްޔާ މާހިން ސުހާ ގޮވައިގެން މަގުމަތީގަ އުޅެން ޖެހުނަސް އެގެއަކު ނުހުންނާނެ. ހަމަ އޭނާގެ ކާފަގެ ބޯހަރުކަން އެހުންނަނީ. އެސޮރު އަދިވެސް ޤަބޫލުކުރަނީ ސުމާ މަރާލީ ނާޝިދު ކަމަށް.” އަޙުމަދު ބުންޏެވެ. “އޭނާ ކިތަންމެ ވަރަކަށް ޤަބޫލު ކުރިޔަސް އޭނާގެ އަންހެނުން މަރާލީ ނާޝިދު ކަމަކަށް ނުވާނެ ދޯ؟. އެހެންނޫނަސް ނާޝިދު ވަކި ކީއްވެތަ ނާޝިދުގެ އަމިއްލަ ޅީދަރިފުޅު މަރާލަންވީކީ؟ އަމިއްލަ ދަރިއެއްފަދައިން އެމަންޖެދެކެ ނާޝިދު ލޯބިވި ވިއްޔަ” ހައްވަ އޭނާ ޤަބޫލުނުކުރާކަން އަންގާލިއެވެ. “އެކަމަކު ހާދަ އަނިޔާވެރިކޮށޭ މަރާލާފަ އޮތީ. މަންޒަރު ދުށް މަގޭ އެކުވެރިއެއް އުޅޭނެ..ހާޝިމް. އޭނާ ބުނި ލޭގެ ކޯރު ހެދިގެން އައިސްފައޮތޯ އެގޯތިން ވެސް ބޭރަށް. ބޮލާ ތަންތަންވެސް ފަޅާލާފައޯ އޮތީ ބުނި. އަދި ނުވިތާކަށް ހަތް ތަނަކަށް އޮތޯ ވަޅި ހަރާލާފަ ވެސް. ވަރަށް ވަރު އަރުވާލާފައޯ އޮތީ”. “އަދި އެވަރުން ނުވެގެން ތި އޯސްޓް މޯޓަމެކޭ ކިޔާ އެއްޗެއް ވެސް ހެދި އޭ. މަ އަޑުއެހިން އެއީ އިތުރަށް ހަށިގަނޑު ކަފައިގެން ހަދާ އެއްޗަކޯ” ހައްވަ ބުންޏެވެ. “ހައްވައިދީ..އޯސްޓް މޯޓަމެއް ނޫނޭ. ޕޯސްޓް މޯޓަމް. ހޫން ރަނގަޅަށް ތިޔަ ބުނީ. އެއީ ގުނަވަންތައް ކަފައިގެން ހަދާ އެއްޗެއް.” އަހުމަދު ބުނެލިއެވެ.

*********

ހަވީރުގެ ވަގުތު މާހިލް އަސުރު ނަމާދު ކޮށްގެން އައިސް ގެއިން ނުކުތީ އެކުވެރިންނާއެކު ބުރެއް އަޅައިލަން ދިޔުމަށެވެ. ގޭގެ ބޭރުގައި ފުރަގަސްދީގެން ހުރި މާހިން ފެނުމާއެކު އޭނާ، އޭނާގެ ބޭބެއަށް ގޮވައިލިއެވެ. ފަސްއެނބުރި ބަލައިލި ނަމަވެސް މާހިން އެއްވެސް އެއްޗެއް ނުބުންޏެވެ. ސިނގިރޭޓު ބުރި ބިންމައްޗަށް ވައްޓައިލުމަށްފަހު އޭނާ ހިނގައިގަތީ ރަށުތެރެއަށެވެ.

ބޮޑު މަގަށް އެޅުމާއެކު މީހުންގެ ނަޒަރު އޭނާއަށް ހުއްޓެން ފެށިއެވެ. ހަމްދަރުދީގެ ނަޒަރުތަކާއި ޖެހިލުންވުމުގެ ނަޒަރުތަކެވެ. ސަބަބު އެންމެ ރަނގަޅަށް އެނގޭނީ ވެސް މާހިންއަށެވެ. ނަމަވެސް އެއިން މީހަކަށް ސަމާލުކަން ނުދީ އޭނާ ހިނގައިގަތީ އޭނާގެ ހިތުގެ ހިތްހަމަޖެހުމާއި ގުޅިފައިވާ ތަނަށެވެ. ކަރުނައާއި ހުނުންތަކުން ފުރިފައިވި އޭނާގެ މާޒީއާއި ގުޅިފައިވާ ތަނަށެވެ. ރަށުގެ ތުނޑިއަށް ނުކުމެވުމާއެކު މާހިން ހަށިފުރާ ނޭވާއެއް ދޫކޮށްލިއެވެ. ރާޅުޖަހައި ހިސާބުގައި އޭނާ މަޑުމަޑުން ހިނގަމުން ދިޔައިރު އޭނާ ލައިގެން ހުރި ކަޅު ފަޓުލޫނު ދިޔައީ ތެމެމުންނެވެ. ލައިގެން ހުރި ކަޅު ގަމީހުގެ ދެއަތް މުލައްދަނޑިއާއި ހިސާބަށް އޮޅައިލުމަށްފަހު މާހިން ގުދުވެ މޫދަށް އަތްތިލަ ކޮއްޕާލިއެވެ. އެއަށްފަހު ދުރަށް ފެން އުފަން ފެށީ އެތަނުގައި މީހަކު ހުރި ފަދައިންނެވެ. ނަމަވެސް ހަރަކާތްތަކަށް ހުއްޓުމެއް ގެންނަން އޭނާއަށް މަޖުބޫރުވީ ލޮލުން ފެށިގެން ކޯތާފަތާއި ހަމައަށް އައި ކަރުނަތަކުގެ ސަބަބުންނެވެ. ނަމަވެސް އޭނާ އެކަރުނަތައް ފުހެން މަސައްކަތެއް ނުކުރެއެވެ. ހިންދެމިލުމަށްފަހު އޮއްސެމުން ދިޔަ އިރަށް ބަލަހައްޓައިގެން ހުރެ އޭނާ ހަށަންބަނދެލިއެވެ. ދެލޮލުން ހުއްޓުމެއްނެތި ފައިބަމުން ދިޔަ ކަރުނަތަކާއެކު މާހިންގެ ދެތުންފަތުން ފޫއަޅުވާލީ އޭނާ އެމީހަކަށް ޓަކައި އެތަކެއް ކަރުނައެއް އޮހޮރަމުންދާ އެހިތުގެ ހިތްހަމަޖެހުމާއި ގުޅިފައިވާ މީހާގެ ނަމެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

AHAREN

Level 110 Stories

STORIES ARE JUST ANOTHER IMAGINARY WORLD FULL OF EMOTIONS. ✌️✌️ =AhArEn=

Other Articles

Previous

ޙާލަތު (ސޯޅަވަނަ ބައި)

Next

ފައިސާ ދަބަސް

Next
November 5, 2022

ފައިސާ ދަބަސް

Previews
November 1, 2022

ޙާލަތު (ސޯޅަވަނަ ބައި)



All Right Reserved!