Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަ

މައާފު އެދެމޭ… (ފުރަތަމަ ބައި)

AHAREN Level 110 Stories
November 1, 2022 2 Mins Read
1 Comment

بسم الله الرحمن الرحيم

*މި ވާހަކަ ކިޔުންތެރިންނަށް ކަމުދާނެކަމަށް އުންމީދު ކުރަމެވެ.

 

ހަމަ ހިމޭން މާޙައުލެކެވެ. ދުރުން ގޮވާލާ ކޮވެއްޔެއްގެ އަޑު ނޫނީ ނީވެއެވެ. ފަތިހުގެ އެ ހިތްގައިމު ވަގުތު ގޭގެ ބޭރުގައި ބަހައްޓާފައި ހުރި ޖޯލިތަކުން ޖޯއްޔަކަށް ހަށިގަނޑު ދޫކޮށްލައިގެން ޒުވާނަކު އޮތެވެ. އެއްއަތުގައި ސިނގިރޭޓު ބުރިއެއް އޮތްއިރު އޭނާގެ އަނގައިން ދިޔައީ ދުންތައް ނެރެމުންނެވެ. އެއްވެސް ފައިދާއެއް ނެތް، ހުސް ގެއްލުމުން ފުރިފައިވާ އެއްޗެއްކަން އެނގި ހުރެ ވެސް، އޭނާ އޭގެ ބޭނުން ކުރަމުން ދިޔައީ ހޯދަން ބޭނުންވާ އަރާމާއި ހިތްހަމަޖެހުން އޭގެއިން ލިބޭނެކަމުގެ އުންމީދުގައެވެ. ބޯ ކަޅު އެސްފިޔަތަކުގެ ހިޔަނި އެޅިފައިވާ މަޑު މުށި ކުލައިގެ ދެ ކަޅިއަށްވަނީ އުޑުމަތީގެ ރީތި މަންޒަރުތައް ކުލަވެފައެވެ. ރަވައިގެ ތެރޭގައި ހިފެހެއްޓިފައިވާ ކަރުނަތައް ހިންދާލުމަށް، ދެ ލޯ މަރައި ތަނގުޅިކޮށްލުމަށްފަހު ތުނބުގައި ސިނގިރޭޓު ޖައްސައިލިއެވެ. ސިކުންތުކޮޅެއްގެ ތެރޭގައި ހިތް އެދޭފަދަ “ހިތްހަމަޖެހުމެއް” އޭނާއަށް ލިބުނުފަދައެވެ.

އިރު އެރުމާއެކު މާހާ އިލޮށިފަތި ހިފައިގެން ގޯތި ތެރެއަށް ނުކުތީ، ގޭގައި އިންދާފައި ހުރި ބޮޑު އަނބު ގަހުން ވެރިފައި ހުރި ފަތްތައް ހޮވާށެވެ. ނަމަވެސް އޭނާގެ ހަރަކާތްތަކަށް ހުއްޓުމެއް އައީ ބޭރު ޖޯލީގައި ލޯމަރައިގެން އޮތް އޭނާގެ ބޭބެ ފެނުމުންނެވެ. އޭނާގެ ހިތް ހަމްދަރުދީ އިން ފުރުނެވެ. މަޑު މަޑުން ހިނގާލައިފައި ގޮސް ގޭގެ ތިރިފާރު ކައިރީގައި މަޑުކޮށްލިއެވެ. ބޭބެއަށް ގޮވާލާނަމޭ ހިތަށް އެރި ނަމަވެސް އޭނާ މަޑުކޮށްލިއެވެ. “މާހާ” ގޯތި ތެރެއަށް ނުކުންނަމުން މާހާއަށް އޭނާގެ މަންމަ، މައިމޫނާ ގޮވާލި އަޑު އިވުމާއެކު އޭނާ ދިޔައީ ސިއްސައިގެންނެވެ. ވަގުތުން ޖޯލީގައި އޮތް ބޭބެއަށް ނަޒަރެއް ދެވުނެވެ. އޭރު އޭނާ އޮތީ ދެލޯ ހުޅުވައިގެންނެވެ. އަވަސް ހަރަކާތަކާއެކު އޭނާ ޖޯލިން ތެދުވެގެން ގޭތެރެއަށް ދިޔުމަށް ޓަކައި ހިނގައިގަތެވެ. ނަމަވެސް އެ ފިޔަވަޅުތަކަށް ހުއްޓުމެއް އައީ މައިމޫނާ އަޑު އިވުމުންނެވެ. “ދަރިފުޅު މާހިން..ރޭގަވެސް އޮތީ ބޭރުގަތަ؟” މައިވަންތަކަމުގެ ފުރިފައިވާ ރާގެއްގައި މައިމޫނާ އަހައިލިއެވެ. ނަމަވެސް މަންމަގެ މޫނާ ނަޒަރު ސީދާ ކޮށްލި މާހިންގެ ދެބުމަ ގޮށްޖެހިގެން ދިޔައެވެ. މައިމީހާއަށް ފަސްދިނުމަށްފަހު އޭނާ ގޭތެރެއަށް ވަންނަން ހިނގައިގަތް ވަގުތަކީ، އޭނާގެ ހަގަށް ހުންނަ މާހިލް، ދެއަހަރުގެ ތުއްތު ކުއްޖަކު އުރައިގެން ގޯތި ތެރެއަށް ނުކުތް ވަގުތެވެ. އޭރު އެ ތުއްތު ކުއްޖާ ދިޔައީ އަޑުގެ ނެތް ތަނަށް ރޮމުންނެވެ. މާހިންއަށް ހުރެވުނު ތަން ވެސް ނޭނގުނުފަދައެވެ. ބާރުބާރަށް ހިނގައިފައި ގޮސް މާހިލްގެ އުރުގައި އިން އެ ތުއްތު ކުއްޖާ ނަގައިގެން ގޭތެރެއަށް ވަނެވެ.

***********

ސުޕްރީމް ކޯޓުގެ ގާޒީ، އަޑު އެހުން ކުރިއަށްދާ މާލަމަށް ވަނުމާއެކު އެތަނުގައި ތިބި އެންމެން ކޮޅަށް ތެދުވިއެވެ. މާލަމުގެ އެއްފަރާތުގައި ދައުލަތުގެ ވަކީލުން ތިބިއިރު، އަނެއް ފަރާތުގައި ޖަލުގެ ގައިދީން ލާ ފަދަ ޔުނިފޯމެއް ލައިގެން އިން މީހެއްގެ އިތުރުން އޭނާގެ ވަކީލުން ތިއްބެވެ. ގާޒީ އިށީންނެވުމާއެކު އެންމެން ވެސް އިށީނެވެ. ގާޒީ އޭނާގެ މަސައްކަތައިގެން ކުރިއަށް ދާން ފެށުމާއެކު އެންމެން ވެސް ސަމާލުވެލިއެވެ. “ދައުވާ ކުރާ ފަރާތާއި ދައުވާ ލިބޭ ފަރާތުން ވެސް ހުށަހަޅާނެ އިތުރު ލިޔެކިޔުމެއް ނުވަތަ ހެއްކެއް ނެތްނަމަ އަޅުގަނޑު ހުކުމް ކުރުމައިގެން ކުރިއަށް ދާނަން”. ގާޒީ ދެން ކިޔަން ފެށި އެއްޗެއްސަކީ އެތަނުގައި ތިބި ވަކީލުންނަށް ފަހުމުވާ ތަކެތި ކަމަށް ވީ ނަމަވެސް އިށީންދެގެން އިން ނާޝިދު އަކަށް އެކިޔާ އެއްޗެއްގެ ވާނުވާއެއް އެނގުނު ހެނެއް ހިއެއް އިނގުނެވެ. އެތަކެއް ވާހަކަތަކެއް ދެއްކުމަށްފަހު އެންމެ ފަހުން އޭނާ ނޭވާ ހިފަހައްޓާލަން ޖެހޭ ހިނދުކޮޅަށް އައުމާއެކު ނާޝިދުގެ ހިތް ބާރު ބާރަށް ތެޅެމުން ދިޔައެވެ. “ހދ.ކުޅުދުއްފުށީ ސައިމާގޭ، އައިމިނަތު ސުމާ މަރައިލިކަމަށް ދައުވާ ލިބޭ ހދ.ކުޅުދުއްފުށީ ރަންވިލާ އާދަމް ނާޝިދަކީ، ތަހުޤީޤީ އިދާރާތަކާއި ހުށަހަޅައިވާ ހެކިތަކުގެ މައްޗަށް ބިނާކޮށް އައިމިނަތު ސުމާގެ ޤާތިލް ނޫންކަން ކަށަވަރުކޮށްދެމެވެ. އަދި އާދަމް ނާޝިދުގެ މައްޗަށް އުފުލައިފައިވާ ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއާއި ތޫނު އެއްޗަކުން ހަމަލާދީ މީހަކު މެރުމުގެ ދައުވާއަކީ ބާތިލު ދައުވާތަކެއްކަން ތަހުޤީޤީ އިދާރާތަކަށް ކަށަވަރުވާތީ އެ ދައުވާތައް ބާތިލުކުރަމެވެ. ވުމާއެކު، އައިމިނަތު ސުމާގެ ޤާތިލް ކަމަށް ދައުވާކޮށް އާދަމް ނާޝިދުގެ މައްޗަށް ކޮށްފައިވާ އުމުރު ދުވަހުގެ ޖަލު ހުކުމް ބާތިލްކޮށްފީމެވެ”. ގާޒީގެ މިބަސްތަކާއެކު ނަޝީދަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ.

********

ގޭގެ ޓީވީއިން އާދަމް ނާޝިދުގެ ކޯޓު އަޑުހެއުން އަޑުއަހަން އިން މާހިންގެ އަތުގައި އޮތް ރިމޯޓު، އޭނާ ޓީވީއާއި ދިމާލަށް އެއްލިއެވެ. ރިމޯޓު ޖެހުނު ވަގުތު ބާރު އަޑުފަށްގަނޑާއެކު ޓީވީ ތަޅައިގެން ދިޔައެވެ. އެއާއެކު މާހިންގެ މަގަތުގައި ނިދާފައި އޮތް އެންމެ ދެއަހަރުގެ ސުހާއަށް ހޭލެވުނެވެ. ތެޅިގަނެފައި އެ ތުއްތު ފުރާނަ ހިމާޔަތަށް އެދި ރޯންފެށިއެވެ. ނަމަވެސް ޙާލަތާއި ވަގުތުގެ ގޮތުން މާހިން ވަނީ އެއްވެސް ކަމެއް ކުރަން ނުކުޅެދިފައެވެ. ސުހާގެ ރުއިމުގެ އަޑު ވެސް އޭނާއަށް ނީވޭ ފަދައެވެ. “ނާޝިދު…ދެން ކަލޭގެ ކިބައިން ބަދަލު ހިފާނީ އަހަރެން” ރުޅިއާއި ހިތާމަ އެކުވެގެން އުފެދުނު ޖަޒުބާތުގައި މާހިން ބުނެލިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

AHAREN

Level 110 Stories

STORIES ARE JUST ANOTHER IMAGINARY WORLD FULL OF EMOTIONS. ✌️✌️ =AhArEn=

Other Articles

Previous

ވައުދޭ ވެވޭ މީ… 30

Next

މަދަދުވެރިޔާ (22)

Next
November 1, 2022

މަދަދުވެރިޔާ (22)

Previews
October 29, 2022

ވައުދޭ ވެވޭ މީ… 30

One Comment

  1. AHAREN says:
    November 1, 2022 at 3:00 pm

    Mee alhugandu mi website gai shaaiu kuraa furathama silsilaa vaahakaeve. Mi vaahaka aky kiyuntherinnah kamudhaa vaahaka akah vaanekamah ummeedhu kurameve. Shukuriyya 😊

    =AhArEn=

Comments are closed.

Next Episode(މައާފު އެދެމޭ….(ދެވަނަ ބައި←


All Right Reserved!