Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރި

ޙާލަތު (ފަނަރަވަނަ ބައި)

Aayaa
Aayaa Level 410 Stories100 Login100 Comments
October 20, 2022 7 Mins Read
0 Comments

ހުޅުމާލެ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ނާއިކްއަށް އަވަސް ފަރުވާދޭން ފެށުނެވެ. އައިސީޔޫ ބޭރުގައި ހުރި ގޮނޑިތަކުގައި ވަސީމާމެން ތިއްބެވެ. ގަޑިއެއްގެ އިރު އިންތިޒާރުގައި ތިއްބާ ޑޮކްޓަރު އައިސީޔޫ އިން ނިކުމެއްޖެއެވެ. ވަސީމާއާ ފަރުހާދުގެ އިތުރުން ޝިމާލްވެސް ހުރީ ޑޮކްޓަރު ދޭނެ ޚަބަރެއްގެ އިންތިޒާރުގައެވެ.

“ޕޭޝަންޓްގެ ބޮލަށް ބޮޑެތި އަނިޔާތަކެއް ލިބިފައި ހުރީ. ސައުވީސް ގަޑީއިރު ތެރޭ ހޭނާރައިފިއްޔާ ކޯމާއަކަށް ދިއުމުގެ ފުރުސަތު އެބޮތް. މިހާލަތުގައި އަޅުގަނޑުމެންނަށް ދެވޭނީ ފަންސާސް އިންސައްތައިގެ ޔަގީންކަމެއް. ދުޢާ ކުރޭ. އިރާދުކުރެއްވިއްޔާ ރަނގަޅުވާނެ.” ޑޮކްޓަރު ފަރުހާދުއަށް ބަލައިލަމުން ބުނެލިއެވެ. ހިތްދަތިކަމާއެކު ފަރުހާދު ކަރުއެލުވާލިއެވެ. ވަސީމާގެ ލޮލުގައި ހުރި ކަރުނަތައް އިތުރުވިއެވެ. ޝިމާލް މަންމަ ގޮވައިގެން އައިސް ގޮނޑި ބަރީގައި އިށީނެވެ.

“ޕޭޝަންޓްގެ ގާތަށް ވަދެވޭނީ އަދި ދެގަޑީއިރުގެ މޮނިޓަރިން ނިންމުމަށްފަހު.” ޑޮކްޓަރު ކުރިއަށް ފިޔަވަޅެއް އެޅުމަށްފަހު އެނބުރި ފަރުހާދުއަށް ބަލައިލިއެވެ. މިފަހަރު ފަރުހާދު ބޯޖަހާލިއެވެ.

ފަރުހާދު ވަސީމާގެ ގާތަށް އައުމުން ޝިމާލް ރަމީޒުގެ ހާލެއް ބަލައިލިއެވެ. އެންމެންނާ ވަކިވެގެން އިން ރަޒާންއަށް ބަލައިލުމަށްފަހު ޝިމާލް އޭނާ ގާތަށް ދާން އުޅިފައިވެސް ނުދިޔައީ ނާއިކްއަށް އެހާލު ޖެއްސި މީހަކީ ރަޒާންގެ ބައްޕައަށް ވީތީއެވެ. ރަޒާންއަށް ބަލަމުން ޝިމާލް އޭނާގެ ފޯނު ނެގިއެވެ. ބާރު ހިނގުމެއްގައި އޭނާ ހޮސްޕިޓަލުން ނިކުތެވެ.

“ހެލޯ.. ސީސީޓީވީ ފުޓޭޖް އަހަރެންނަށް ފޮނުވައިދީބަލަ..” ޝިމާލް ވާހަކަދެއްކީ އާރިފްއާއެވެ. ފުރަތަމަ އާރިފް ދެކޮޅު ހެދިއެވެ. ނަމަވެސް ކުރުނުކޮށް ޝިމާލް ކިޔަން ފެށުމުން އޭނާ ޖެހުނީ ހަތިޔާރު ބަހައްޓާށެވެ. ދިހަ ވަރަކަށް މިނެޓުގެ އެ ވީޑިއޯ ބަލާ ނިންމާލުމަށްފަހު ޝިމާލް ހިނގައިގަތީ ހޮސްޕިޓަލް ތެރެއަށެވެ. ނުހަނު ހަމަ ޖެހިލަމުން އޭނާ ގޮސް ހުއްޓުނީ ރަޒާން ކުރިމަތީގައެވެ. އޭރު ރަޒާންގެ ގާތު އިށީނދެގެން ފަރުހާދު އިނެވެ.

“ބުނެބަލަ.. ރާވައިގެން ކުރިކަމެއް ދޯ މީވެސް؟ އަހަރެންނަށް އިނގެއޭ ތީ ކާކުކަން!..” ޝިމާލްގެ އަޑު ބާރެވެ. ފަަރުހާދު ނުހަނު އަވަހަށް ގޮނޑިން ތެދުވެލިއެވެ.

“ދަރިފުޅާ..” ގަބޫލު ނުކުރެވިފައި ފަރުހާދު ބުނެލިއެވެ. ޝިމާލް ފަރުހާދުއަށް ބަލައިލަމުން ފުންނޭވާއެއްލިއެވެ. އަދި ގޮނޑީގައި އެއްވެސް ހަރަކާތެއް ނެތި އިން ރަޒާންއަށް ބަލައިލިއެވެ.

“ކިހިނެއް އެގޮތަށް މީހަކާ ވާހަކަ ދައްކަން ކެރުނީ؟ ދޭ ގެއަށް ގޮސް އަރާމުކޮށްލަން.. މިހާރު ތިހުރީ މާބޮޑަށް ރުޅިގަދަވެފަ.. ކާރު އައިސް އޮންނާނީ މިހާރު.. ރަޒާންވެސް ގޮވައިގެން ދޭ..” ފަރުހާދު ޝިމާލްއަށް ބަަލައިލަމުން މަޑުމަޑުން ބުނެލިއެވެ. ދުރު ބަލައިލަމުން ޝިމާލް އެއްބަސް ވެއްޖެއެވެ. “ދެންމެ ކަންތައް ކުރި ފަދައިން ދެން ކަންތައް ނުކުރާތީ!”

ތިން ގަޑިއިރާ ތިރީސް މިނެޓުގެ ދަތުރެއް ނިންމާލުމަށްފަހު ނާހިލްމެންނަށް މާލެ ލެފުނު އިރު ހެނދުނު ދިހައެއް ޖަހަނީިއެވެ. ރަށުން ގެނައި ލަގޭޖްތައް ނަގައިގެން އެންމެންވެސް އެރީ ޔޫސުފް ފޮނުވާފައި އޮތް ވޭނަށެވެ.

“މަޑުކޮށްބަލަ. ކިހިނެއްތަ އެމީހުން ތިބި ހޮސްޕިޓަލެއް އެނގެނީ؟” ހިޝާމް ވޭނަށް އަރަމުން ބުނެލިއެވެ.

“ހަބަރުތައް ކީންތަ؟ ބޮޑު އަކުރުން އޮތީ ހުޅުމާލެ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންދިއަ ވާހަކަ..” ނައުުޝާ ހިޝާމްގެ ބޮލުގެ ފުއްކިބައިގައި ޖަހާލަމުން ބުނެލިއެވެ.

“ހިޝްކޮ ދާނީ މަންމަ ކައިރިއަށް ދޯ ފުރަތަމަ؟ އަހަރެން ނާލްމެން ގެއަށް ލާފަ ހިޝްކޮއާއެކު ދާނީ މަންމަ ގާތަށް.. އޯކޭތަ؟” ހިޝާމް ނައުޝާއަށް ލޯ އަޅާލުމުން މިފަހަރުވެސް ވާހަކަދެއްކީ ނައުޝާއެވެ. ހިނިތުންވުމާއެކު ނާހިލް އަނބިމީހާއަށް ބޯ ޖަހާލިއެވެ.

“އެގާރަ ޖަހާއިރަށް އަންނާނަން ދޯ ދޮންތާ؟” ހިޝާމް ބުނެލިއެވެ. ސިޔާދާ އަވަހަށް ނާއިކްގެ ގާތަށް ދާން ބޭނުންވާނެކަން ދަންނާތީއެވެ.

ކާރު އޭގެ މަންޒިލަށް ފޯރުމާއެކު ނާހިލް ސިޔާދާ ގޮވައިގެން ފޭބުމުން ނައުޝާވެސް އޭނާގެ ފަހަތުން ފޭބިއެވެ. އެއަށްފަހު ސިޔާދާއަށް ކާތަކެތި ހެދުމުގައި އެހީތެރި ވުމަށްފަހު އެމީހުން ތިބޭނެ ކޮޓަރިވެސް ދެއްކިއެވެ. ސިޔާދާވެސް އަވަހަށް ނައުޝާގާތު މަންމަގެ ގާތަށް ދާން އެދުމުން ނައުޝާވެސް އަވަސް ކުރަމުން ގެއިން ނިކުތެވެ.

ސައިބޮއެގެން ނާހިލްއާ ސިޔާދާ ވޭނުގައި މިސްރާބު ޖެހީ އައީޖީއެމްއެޗް ހޮސްޕިޓަލަށެވެ. އެއަށްފަހު އެތަނުން ނައުޝާއާ ހިޝާމްއާއެކު އެމީހުން ދިޔައީ ހުޅުމާލެއަށެވެ. ހޮސްޕިޓަލް ކުރިމައްޗަށް ވޭން މަޑުކޮށްލުމާއެކު އެމީހުން ހޮސްޕިޓަލުގެ ތެރެއަށް ވަދެގެން ދިޔައެވެ. ރިސެޕްޝަނިސްޓަކަށް އިން ކުއްޖާގާތު ސުވާލުކޮށްލުމަށްފަހު އެމީހުން މިސްރާބު ޖެހީ އޮޕަރޭޝަން ތިއޭޓަރ ހުރި ދިމާއަށެވެ. އެކި ދިމަދިމާއަށް ނަޒަރު ހިންގަމުން ދިޔަ ނާހިލްގެ ހިތް އަވަސްވެފައި ވިއެވެ. ނައުޝާ ސިޔާދާގެ ގޮނޑި ދުއްވަމުން ނާހިލްގެ ފަހަތުން އައެވެ. ނައުޝާއާ އެއްވަރަކަށް ހިޝާމްވެސް ހިނގަމުން ދިޔައެވެ.

ތިއޭޓަރ ކުރިމަތީހުރި ގޮނޑިބަރީގައި ފަރުހާދުއާ ވަސީމާ ތިބިތަން ހިޝާމްއަށް ފެނުނެވެ. ކުރިއަށްވުރެ އޭނާގެ ހިނގުން ބާރުކޮށްލިއެވެ. ނައުޝާއާ ހިޝާމް ނާހިލްގެ ފަހަތުގައި މަޑުކޮށްލިއެވެ. ސިޔާދާ ވަސީމާގެ މޫނަށް ފަރުވާތެރިކަމާއެކު ބަލައިލިއެވެ. ވަސީމާވެސް އެމީހުންނަށް ނަޒަރެއް ދެމުން ލުއި ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ.

“ތިއީތަ ނާއިކް ބަލަމުން އަންނަ މީހުންނަކީ؟” ފަރުހާދުއަށް ސަލާމަށް އަތް ދިއްކޮށްލަމުން ނާހިލް ބުނެލިއެވެ. އެއާއެކު ފަރުހާދު ވަސީމާގެ މޫނަށް ބަލައިލިއެވެ. ވަސީމާ ފަރުހާދުއަށް ބަލަހައްޓައިގެން އިނީ ޖަވާބެއް ދޭށޭ ބުނާ ފަދަ ގޮތަކަށެވެ. ހަދާނެ އިތުރު ގޮތެއް ނެތިގެން ނާހިލް ކަރުކެހިލިއެވެ. އެއާއެކު ފަރުހާދު ނާހިލްއަށް ބަލައިލަމުން ކޮޅަށް ތެދުވިއެވެ.

“ނާއިކް ދޫކޮށްފަ އައި މީހުންނޭ ބުނާ ބަޔަކީ ތިއީތަ؟” ނާހިލްގެ ސުވާލަށް ޖަވާބު ދިނުމެއް ނެތި ފަރުހާދުވެސް ކޮށްލީ ސުވާލެކެވެ.

“ލައްބަ.” ނާހިލް ކުރު ޖަވާބު ދިނެވެ. “އޭނާ ކޮބައިތަ؟ އޭނާ ކިހިނެތް؟”

“އޭނާ މިވަގުތު ވީ އޮޕްރޭޝަން ތިއޭޓަރގަ. ކަނާއަތް ބިނދިފައި އިނީމަ އޮޕްރޭޝަން ކުރަނީ. ރޭގެ ވަގުތެއްގައި ބޮލުގެ އޮޕްރޭޝަނެއްވެސް ކުރި. އަތާ ފައިވެސް ވަރަށް ބޮޑަށް މަށައިގެން ގޮސްފައި ވާކަމަށް ޑޮކްޓަރުން މައުލޫމާތު ދެނީ.. އެކްސިޑެންޓްގެ ފަހުން ހޭ ނާރާ. އަޅުގަނޑުމެންނަށް އެތެރެއަށް ވަނުމުގެ ހުއްދަވެސް ލިބުނީ އިއްޔެ މެންދުރު ބާރަ ޖެހިއިރު. އޭގެ ފަހުން ނުވަދެވޭ.. ދެން ކޮންމެ އޮޕްރޭޝަނަކަށް ގެންދާއިރު ފެނިލާ..” ފަރުހާދު ވަމުން ދިޔަ ގޮތް ތަފްސީލުކޮށް ކިޔައިދިނެވެ.

“ކިހާ އިރެއްގެ އޮޕްރޭޝަނެއް މިހާރު އެކުރަނީ؟ ރޭގެ އޮޕްރޭޝަން ރަނގަޅުތަ؟” ނާހިލް އަނެއްކާވެސް ސުވާލުކޮށްލިއެވެ.

“އެއީ ދެގަޑިއިރުގެ އޮޕްރޭޝަންއެއް. ރޭގެ އޮޕްރޭޝަން ކާމިޔާބުކަމާއިއެކު ނިންމާލެވުނު އަލްޙަމްދުﷲ.. ޑޮކްޓަރުން ބުނި ޙާލަތު ރަނގަޅުވަމުންނޭ އައީ. އެކަމަކު ރޭގެ އޮޕްރޭޝަންގެ ފަހުން ބޮލުން ލޭ އައިސްގެން އުޅުން. ވަރަށް ގިނަ ލޭ އައިކަމަށް ވަނީ އެގަޑީގައި. އެހެންވެ ލޭ އަޅަންވެސް ޖެހުން..” ފަރުހާދު ނާއިކްއަށް ވަމުން ދިޔަ ގޮތް ބުނެދިނެވެ.

“އެހެންތަ؟ ބޭބެ ރުފިޔާގެ ކަންތައް؟” ނާހިލް ކަންބޮޑުވެފައި އަހާލިއެވެ.

“ރުފިޔާ ދޯ. ބޭބެއަކީ ރިސޯޓެއްގެ ވެރިއެއް.. މާލޭގައި ބޭބެގެ ފިހާރައެއްވެސް ހުންނާނެ. އެއީވެސް ވަރަށް ފެންވަރު ރަނގަޅު ތަނެއް. ބޭބެއާ ދައްތަ މިވީ އެއްއަހަރު ދުވަހު ނާއިކް ބަލަމުން މިއައީ އަމިއްލަ ދަރިއެއް ފަދައިން. އެހެންވީމަ ނާއިކްއަށް ކުރަންޖެހޭ ހުރިހާ ހަރަދެއް ބޭބެމެން ހަމަޖައްސާނަން. އެކަމާ ހާސްނުވޭ..” ފަރުހާދު ކުޑަކޮށް ހިނިތުންވެލަމުން ބުނެލިއެވެ. އެވަގުތު ޑޮކްޓަރެއް އައިސް ފަރުހާދު ގާތު މަޑުކޮށްލިއެވެ. ނާހިލްއާ ފަރުހާދުގެ ނަޒަރުވެސް އޭނާއަށް ހުއްޓުނެވެ.

“ޕޭޝަންޓް ހޭ އަރައިފި.. އެކަމަކު މިކޮޅުން ގަޑިއިރެއް ވަންދެން މޮނީޓަރިންގަ ބާއްވާލާފަ ވޯޑަށް ބަދަލުކޮށްލަ ދޭނަން.” ފަރުހާދުއަށް ބަލައިލަމުން ހިތްހެޔޮ ޑޮކްޓަރު ބުނެލިއެވެ. ފަރުހާދު ބޯޖަހާލިއެވެ.

“އެއީ ކާކު؟” ނާހިލް އެނގެން ބޭނުންވެފައި އަހާލިއެވެ.

“އެއީ އިއްޔެ އެކްސިޑެންޓްގައި ފަޔަށް އަނިޔާވި ކުއްޖާ. އެކުއްޖާގެ ދެފައިވެސް ޖެހުނީ ބުރިކޮށްލަން. އެކްސިޑެންޓްގެ ފަހުން އަދި އެހޭއެރީ.. އޭނަވެސް ސަކަރާތްވެގެން އައިސީޔޫއަށް ގެނައީ ރޫމެއްގައި އޮވެފަ.. ފިރިހެން މީހާ ކޯމާއެއްގަ ވީ.. އޭނާގެ ހާލަތު ހައްދަހާ ދަށަށް ދަނީ..” ފަރުހާދު ރިޔާޝާއާ ރަމީޒުގެ ހާލަތުވެސް ބުނެދިނެވެ. ނާހިލް އެހެންހޭ ބުނެލިއެވެ.

“މީގެ ފަހުން އަހަރެން ނާއިކްގެ ކަންތަކާ ހަވާލުވަން..” ފަރުހާދުއާ ވަސީމާއަށްވެސް ނަޒަރެއް ދެމުން ނާހިލް ބުނެލިއެވެ.

“ނޫން، ނޫން.. އެއީ އަހަރެންގެ ދަރިއެއް. އަމިއްލަ އުފަން ދަރިއެއް ނޫނަސް އަހަރެން ނާއިކް ދެކެ ލޯބިވަނީ އަމިއްލަ ދަރިއެއްފަދައިން. އޭނާ އަހަންނާ ދުރު ނުކުރާތި.. ނޫން ނޫން..” އެމީހުންގެ ވާހަކަ އަޑުއަހަން ހުރި ވަސީމާ މޫނުގައި އަތް އަޅާ ރޯންފެށިއެވެ. މިހުރިހާ އިރު އޭނާ ހިފަހައްޓަމުން ދިޔަ ކަރުނަތައް ބަންޑުންވެގެން ދިޔައެވެ.

“ވަސީމާ. އަހަރުމެން ދޫކޮށްފަ އޭނާ ނުދާނޭ. އެކަމަކު އޭނަގެ އަސްލު ޢާއިލާ ކައިރިއަށް އޭނާވެސް ދާން ބޭނުންވާނެއްނު. ވަސީވެސް ވަސީގެ އާއިލާއަށް އެދުނު ވަރަށް ނާއިކްވެސް އޭނާގެ އަމިއްލަ ޢާއިލާއަށް އެދޭނެ. އޭނާ އަހަރުމެން ދެކެ ލޯބިވެއެއްނު. ބުނެއެއްނު މަންމައާ ބައްޕަ ދޫކޮށްފަ އަހަރެން ކިހިނެއްހޭ ދާނީ؟ އިއްޔެ ގެއިން ނިކުންނަމުންވެސް އެހެން ބުންޏެއްނު. ހިތްވަރު ކުރަން ވާނެ.” ފަރުހާދު ވަސީމާއަށް ހިތްވަރު ލައިދިނެވެ.

“އަހަރެން ތިދެމަފިރިންނާ ދުވަހަކުވެސް ނާއިކް ދުރު ނުކުރުވާނަން. އަހަރެން ވަކި ތިދެމަފިރިންނާއި އެސޮރު ދުރުކުރުވާނީ ކިހިނެއް؟ އޭރަށް އަހަރެން ވާނީ ބޮޑާވެރި ކިބުރުވެރި މީހަކަށް ނޫންތަ؟” ސިޔާދާ ފެންކަޅިވަމުން ދިޔަ ދެލޮލަކާއި އެކީ ބުނެލިއެވެ. “ތިދެމަފިރިން ނާއިކް ތި ބަލައިދިން ގޮތުން އަހަރެން އެކަމުގެ ދަރަނި އަދާކުރާނީ ކިހިނެއް؟ އަހަރެން ކޮން ދުލަކުން ކިހިނެއް ޝުކުރު އަދާކޮށްދޭނީ..؟”

“އަހަރެން ބޭނުމެއް ނޫން މިކަމުގެ ދަރަނި އަދާކުރާކަށް. އަހަރެންނާ އެދަރި ދުރުނުކޮށްދީފިއްޔާ އަހަރެން ދައްތައަށް ޝުކުރު އަދާކޮށްދޭނަން. އަހަރެން ނާއިކް ދެކެ ލޯބިވޭ. ވަރަށް ލޯބިވޭ..” ވަސީމާ ދުވެފައި ގޮސް ސިޔާދާގެ ގައިގައި ބައްދައިގަތެވެ. މަންޒަރު ބަލަން ހުރި ނައުޝާގެ ދެލޮލުންވެސް ކަރުނަ ނީރާލިއެވެ. ހިޝާމް މަންޒަރު ބަލަން ހުރީ ތުން ފިއްތައިގެންނެވެ. ނާހިލްއާ ފަރުހާދުގެ ލޮލުންވެސް ކަރުނަ ހިލުނެވެ.

“ވަސީމާ.. އަހަރެންގެ ދަރިފުޅު ބަލައިދިން ކަމަށްޓަކައި ވެސް އަހަރެން ވަސީމާއާ އެކުއްޖާ ދުރު ނުކުރުވާނަން. އިންޝާ ﷲ..” ސިޔާދާ ވަސީމާގެ ގައިގައި ބައްދައިގެން އޮވެ ގިސްލަމުން ބުނެލިއެވެ.

ދެތިން މިނެޓު ރުއިމަށްފަހު ވަސީމާ ދެލޯ ފުހެމުން ގޮނޑީގައި އިއްތާލިއެވެ. ސިޔާދާ ކަރުނަތައް ފުހެމުން ގޮނޑީގެ ފުރުޅުގައި ހިފާ ފަހަތަށް އެނބުރުނެވެ. ހީވާ ގޮތުން ސިޔާދާއަށް އަދިވެސް ރުއިން ހުއްޓަން އުނދަގޫ ވަނީއެވެ. ނާހިލްގެ އެދުމަށް ނައުޝާ ސިޔާދާ ގޮވައިގެން ހޮސްޕިޓަލުގެ ބޭރަށް މިސްރާބު ޖެހިއެވެ. ނާހިލް އަތުގެ ނުފުށުން ކަރުނަތައް ފުހެލަމުން ފަރުހާދުގެ ގާތު ހުއްޓުނެވެ. އޭރު ވަސީމާ އިނީ މޫނުގައި އަތް އަޅައިގެންނެވެ.

“ބޭބެ އެހެންވީމަ މިދަނީ ދައްތަ ގޮވައިގެން ގެއަށް. އިރުކޮޅަކުން ދައްތަ ހަމަ ޖެހުނީމަ އަންނާނަން.” ފަރުހާދު ނާހިލްއަށް ބަލައިލަމުން އިސްދަށަށް ޖަހާލިއެވެ.

“ބޭބެމެން މިހާރު ލޮޑުވެފައެއްނު ތިބޭނީ. އިއްޔެއިން ފެށިގެން މިތަނުގައި ތިތިބެނީ ދޯ؟ މެންދުރު ފަހުން އަޔަސް ރަނގަޅު ވާނެ.. ބޭބެގެ ނަންބަރު އަޅުގަނޑަށް ދޭންވީނު. އޭރަށް ގުޅާލެވޭނު ކަމެއް ވިއަސް.” ފަރުހާދުގެ ކޮނޑުގައި އަތް ބާއްވާލަމުން ނާހިލް ބުނެލީ ހިތްހެޔޮ ކަމާއެކުއެވެ.

“މީ ބޭބެގެ ނަންބަރު. ބޭބެ ދާނީ ނާއިކްގެ ހާލެއް ބަލައިލާފަ. އާދޭ ނާހިލް. އެހެންނޫނީ ޑޮކްޓަރުންނަށް ނޭގިދާނެ.” ފަރުހާދު ވެސް ހިތްހެޔޮކަމާއެކު ބުނެލިއެވެ.

“އޮޕްރޭޝަން ވަރަށް ކާމިޔާބު އިރާދަކުރެއްވިއްޔާ. ޕޭޝަންޓްގެ ގާތަށް ވަދެވޭނީ މެންދުރު ބާރަ ޖަހާއިރު.” އެވަގުތު އޮޕްރޭޝަން ތިއޭޓަރ އިން ނުކުތް ޑޮކްޓަރު ހިނިތުންވުމާއެކު ބުނެލިއެވެ. ފަރުހާދުއާ ނާހިލްއަށް އެއްފަހަރާ ކަހަލަ ގޮތަކަށް އަލްޙަމްދުﷲއޭ ބުންޏެވެ.

ގަޑިން ބާރަ ޖެހުމާއެކު ޑޮކްޓަރުން އައިސް އިޒުނަ ދިނުމާއެކު ފުރަތަމަ ވަނީ ސިޔާދާއާ ނާހިލްއެވެ. ނާހިލް މަޑުމަޑުން ގޮނޑި ދުއްވަމުން ދިޔައެވެ. އައިސީޔޫ އެނދުގައި އޮތް ނާއިކްފެނި ކުއްލިއަކަށް ސިޔާދާ ގޮނޑީގެ ފުރުޅުގައި ހިފާ ހުއްޓުވިއެވެ. ނާހިލްގެ ފިޔަވަޅުތައް މަޑުޖެހުނު އިރު ސިޔާދާ އަމިއްލައަށް ގޮނޑި އަނެއްފަރާތަށް އަނބުރާލިއެވެ.

“މަންމަ ބިރުގަނޭ..” އަޑު ތުރުތުރު އަޅަމުން ދިޔަ ޙާލު ސިޔާދާ ބުނެލިއެވެ. ނާހިލް ސިޔާދާގެ ކައިރީ އިށީން ވަގުތު ސިޔާދާ ރޮމުން ދިޔަކަން ފާހަގަވިއެވެ.

“މަންމާ. އެއީ މާކުރީގެ ދުވަހެއް. މިއަދު މީ އެހެން ދުވަހެއް.” ނާހިލް ސިޔާދާގެ އަތުގައި ހިފާލަމުން ބުނެލިއެވެ. ސިޔާދާ މަޑުމަޑުން ބޯޖަހާލިއެވެ. އެއާއެކު ނާހިލް އަނެއްކާވެސް ގޮނޑި އަނބުރާލަމުން ނާއިކްގެ ގާތަށް ދިޔައެވެ.

ގައިގެ އެތަންމިތަނަށް ހުރީ އެކި ހޮޅިތައް ގުޅާފައެވެ. މާހައުލުގެ ހަމަހިމޭންކަން ނަގާލާފައި ވަނީ ކެނޑިނޭޅި އިވެމުންދާ މެޝިންތަކުގެ ‘ބީޕް’ އަޑުންނެވެ. ބަލިމީހާގެ އެނދުގައި އޮތް މީހަކު ފެނިއްޖެ މީހަކު ހިތް ފަޅައިގެންދާހާ ވަރުވެއެވެ.

ސިޔާދާ ނާއިކްއަށް ބަލައިލިއެވެ. ތިން އަހަރު ފަހުން އެދަރިފުޅުގެ މޫނު ފެނުމުން ސިޔާދާގެ ހިތަށް ކުރީ ފުން އަސަރެކެވެ. ޒުވާން ދަރިފުޅު މަރާ ހަނގުރާމަކުރާތަން ބަލަން ކެތްވާނީ ކޮން މައަކަށް، ބަފައަކަށް ހެއްޔެވެ؟ އެންމެ ހިނދުކޮޅަކަށްވެސް އޭނާގެ ލޮލުން ކަރުނަ ނުހިކެއެވެ. އެއީ ކިތަންމެ ރުޅިގަދަވެފައި ހުއްޓަސް އޭނާއާ ރީތިބަހުން ވާހަކަދެއްކި ދަރިފުޅެވެ. ކިޔެވުމަށްޓަކައި ބުރަކޮށް މަސައްކަތް ކުރި ދީނާއި މެދު އުނގެނެން މަސައްކަތް ކުރި ދަރިފުޅެވެ. މަންމަގެ ދިފާޢުގައި އެއްރޭ ނުކުތް ހިތްވަރުގަދަ ދަރިއެވެ. އޭނާ ދެރަވި ވަގުތުގައި އައިސް ހެއްވާލަދިން ތުއްތު ދަރިފުޅެވެ. އެމޫނުން ފެންނަނީ މައުސޫމްކަމެވެ. ހިތްވަރުގަދަ ބަޠަލެއްގެ މޫނުމަތިން ފެންނަފަދަ އަސަރު ނާއިކްގެ މޫނުމަތީ ވިއެވެ.

“ދަރިފުޅާ.” ކަރުނަތަކުގެ ތެރެއިން ސިޔާދާއަށް ބުނެވުނެވެ. ކެތްނުކުރެވި ސިޔާދާއަށް ރޮވެން ފެށިއެވެ. ނާހިލް ސިޔާދާ ގޮވައިގެން ބޭރަށް ނިކުންނަން އުޅުނީ މަންމަގެ ހާލު މާބޮޑަށް ދަށްވެދާނެތީއެވެ. އެހެނަސް ސިޔާދާ އެކަމަށް އިންކާރު ކުރިއެވެ.

“ކިހިނެއްވީ މަންމާ؟ ބައްޕާ؟” ވަސީމާއާ ފަރުހާދު ގެއަށް ވަނުމާއެކު ޝިމާލް ކަންބޮޑުވެފައި އަހާލިއެވެ. ފަރުހާދު އިޝާރާތުން އެވާހަކަ ނުދައްކަން ބުނުމުން ޝިމާލް ހުއްޓާލިއެވެ. އެހެންނަމަވެސް އޭނާގެ މޫނުމަތީގައި ވަނީ ސުވާލުމާކެކެވެ. ފަރުހާދު ވަސީމާ ގޮވައިގެން ކޮޓަރިއަށް ވަތް މަންޒަރު ބަލަން ހުރުމަށްފަހު ޝިމާލް އައިސް ސޯފާގައި އިށީނެވެ. ފަރުހާދު އޭނާއާ ވާހަކަދައްކަން ނިކުންނާނެކަން ޔަގީންވާތީއެވެ.

“ކިހިނެއްވީތަ ބައްޕާ؟” ފަރުހާދު ކޮޓަރިން ނިކުތުމާއެކު ޝިމާލް އަހާލިއެވެ. އޭނާގެ މޫނުމަތީވަނީ ނިމުމެއްނެތް ހާސްކަމެވެ. ކުރުގޮތަކަށް ފަރުހާދު ވީގޮތް ކިޔައިދިނެވެ.

“އް..އެމީހުން ގާތު އަހަރެންގެ ވާހަކަ ބުނިންތަ؟” ފަރުހާދު ވާހަކަ ނިމުމާއެކު ޝިމާލް ހާސްވެފައި އަހާލިއެވެ.

“ކިހިނެއްވީ؟ ނުބުނަން ދަރިފުޅުގެ ވާހަކައެއް..” ފަރުހާދު ވީގޮތެއް ނޭނގޭ ފަދައަކުން ޝިމާލްގެ ސުވާލަށް ޖަވާބު ދިނެވެ.

“ބައްޕާ.. އަހަރެން އާދޭސްކޮށްފަ ބުނަން.. އެމީހުން ގާތު އަހަރެންގެ ވާހަކަ ނުދައްކާތި. އަހަރެން.. އަހަރެން ރަނގަޅު ވަގުތެއްގައި އެމީހުން ގާތަށް ދާނަން. އަހަރެން އެމީހުން ގާތުން މާފަށް އެދޭނަން.. ބައްޕާ.. އެމީހުން ގާތު އަހަރެންގެ ވާހަކަ ނުބުނައްޗޭ..” ޝިމާލް އާދޭހުން ފުރިފައިވީ އަޑަކުން ބުނެލިއެވެ.

“ބައްޕަ ނުބުނާނަމޭ. އެކަމަކު ވީގޮތެއް ބުނެބަލަ؟ ދަރިފުޅަށް ކުރިން އެމީހުން އެނގެނީތަ؟” ފަރުހާދުގެ ސުވާލާއެކު ޝިމާލް އިސްދަށަށް ޖަހައިގެން އިނދެ ހިޝާމްއަށް އޭނާ ކުރި ކަންތަކުގެ ވާހަކަ ކިޔައިދިނެވެ. އެވަގުތު ވަސީމާ ކޮޓަރިން ނިކުމެގެން އައުމުން ދެމީހުން ދައްކަން ތިބި ވާހަކަ މެދުކަނޑާލިއެވެ.

“މަންމައަށް ތިދެއްކި ވާހަކަތައް އަޑު އިވިއްޖެ ދަރިފުޅާ.. މަންމަ ފަޚުރުވެރިވަން ތިކަހަލަ ދަރިއެއް މަންމައަށް ދެއްވީތީ.” ވަސީމާ ޝިމާލްގެ ބުރަކަށީގައި ފިރުމާލަމުން ސޯފާގައި އިށީނެވެ.

“މަންމާ.. އެކަމަކު އަހަރެންގެ ހިތުގައި އަބަދުވެސް އެ ހަނދާންތައްވޭ.. އަހަރެންނަށް ދިރިއުޅެން އެހާ ފަސޭހައެއްނޫން..” ވަސީމާގެ ކޮނޑުގައި ބޯއަޅާލަމުން ހިތްދަތި އަޑަކުން ޝިމާލް ބުނެލިއެވެ. އޭނާއަކީ އެއްއިރެއްގައިވެސް އަމިއްލަ އިހުސާސްތައް ފޮރުވަން އެނގޭ ކުއްޖެއް ނޫނެވެ. ވަސީމާގެ ހަނދާނަށް އައީ ކުޑައިރުގެ ތުއްތު ޝިމާލެވެ.

“ދަރިފުޅާ.. ހުރިހާ ކަމެއްވެސް ރަނގަޅުވާނެ.. މަންމައާ ބައްޕަ މިތިބީ އަބަދުވެސް ދަރިފުޅާއެކު..” ޝިމާލްގެ ގައިގައި ހިފަހައްޓާލައިގެން ހުރެ ވަސީމާ ހިތްވަރު ދިނެވެ.

“މަންމާ.. މިއީ އިންސާފެއްތަ؟ އަހަރެންނަށް މިހާ އުފާވެރި ދިރިއުޅުމެއް ހައްގުވޭތަ؟ މަންމާ.. އަހަރެންނަށް އިހުސާސް ވަނީ އަަހަރެން އުޅެން ވާނީ ޖަލުގައޭ.. މިދިރިއުޅުން އަހަރެންނަށް ހައްގެއް ނޫނޭ..” ވަކި ހިސާބަކުން ޝިމާލްގެ މަޑު ގިސްލުމުގެ އަޑު އިވުނެވެ. ދަރިފުޅު ރޯތަން ފެނި ވަސީމާއަށް ވެސް ރޮވެން އުޅުނެވެ. އެހެނަސް އޭނާ ކަރުނަތައް ހިންދާލިއެވެ.

“ދަރިފުޅާ.. ދެން ހުއްޓާލާ.. ކެތްކުރަންވާނެ.” ޝިމާލް އޭނާއާ ދުރުކޮށްލަމުން ވަސީމާ ޝިމާލްގެ މޫނުގައި ހިފަހައްޓާލިއެވެ. މަންމައަށް ބަލައިލަމުން ޝިމާލް ބޯ ޖަހާލަމުން ކަރުނަތައް ފުހެލިއެވެ. “ފަރުހާދޫ.. ބާރަ ގަޑި ވިހި ވެއްޖެ. ހިނގާބަލަ ހޮސްޕިޓަލަށް ދާން..”

“އެހެންވީމަ ބައްޕަ މިދަނީ އިނގޭ.. ކޮބާ އެސޮރު؟ ނުނިކުމޭތަ؟” ފަރުހާދު ޝިމާލްގެ ބުރަކަށީގައި ފިރުމާލުމަށްފަހު ވަސީމާއާ އެއްކޮށް ހިނގައިގަންނަމުން ކުއްލިއަކަށް ކަމެއް ހަނދާންވި ފަދައަކުން ބުނެލިއެވެ.

“ކޮޓަރީގަ. ވަރަށް ގޮވައިގެން ކާން ނުކުތް. ކައިގެން އަނެއްކާ ކޮޓަރިއަށް ވަނީ.. އޭގެ ފަހުން ނުނިކުމޭ..” ޝިމާލް ކަނާއަތް ފަރާތުގައި ހުރި ކޮޓަރިއަށް ބަލައިލަމުން ބުނެލިއެވެ.

“އޭނާއާ ވާހަކަދައްކާލާ ހަދައްޗޭ. ވަރަށް ދެރަވެފައި ހުރިހެން ހީވަނީ..” ފަރުހާދު ހިނގައިގަންނަމުން ބުނެލިއެވެ. ޝިމާލް ކޮޅަށް ތެދުވަމުން ހޫމްއޭ ބުނެލިއެވެ. ރަޒާންގެ ހިމޭންކަމުން ޝިމާލްގެ ހިތަށްވެސް ޙަމްދަރުދީވިއެވެ. އެފަދަ ޙާލަތެއްގައި އޭނާވީނަމަ ވާނެ ޙާލެއް އިހުސާސް ކޮށްލެވުނެވެ. ހިތުގައި ނުރުހުންތެރިކަމެއް ވިއަސް އޭނާ އެހިތަށް ވިސްނައިދިނީ ރަޒާންގެ ކުށެއް ނުވާކަމުގައެވެ. ވަސީމާމެން ނިކުމެގެން ދިޔަތަން ބަލަން ހުރި ޝިމާލް ޖިންސްގެ ޖީބަށް އަތް ޖަހާލަމުން ފުންނޭވައެއް ދޫކޮށްލިއެވެ. ބޮޑު ހަނގުރާމައަކަށް ދާން ތައްޔާރުވި މީހެއް ފަދައެވެ.

“ރަޒާން.” ކޮޓަރީގެ ދޮރުގައި ޓަކިދެމުން ޝިމާލް ގޮވާލިއެވެ. އެތެރެއިން އަޑެއް ނުއިވުމުން ޝިމާލް ދެތިން ފަހަރަކު ގޮވާލިއެވެ. ނަމަވެސް ރަޒާންގެ ޚަބަރެއް ނުވިއެވެ.

“ރަޒާން.. ބޭބެ ދޮރު ހުޅުވަނީއޭ..” އެންމެ ފަހުން ޝިމާލް ދޮރުގެ ތަޅުގައި ހިފާލިއެވެ. އެދޮރު ތަޅުނުލާ ހުރުމުން ނުހަނު ފަސޭހައިން ޝިމާލްއަށް ހުޅުވާލެވުނެވެ.

ކޮޓަރި ދޮރުހުޅުވާލި ޝިމާލްއަށް ލިބުނީ ހައިރާންކަމެކެވެ. މުޅި ކޮޓަރިތެރޭ ވަނީ ކަނު އަނދިރިކަމެވެ. ޝިމާލް ސްވިޗްބޯޑު ހުރި ދިމާއަށް ގޮސް ކޮޓަރީގެ ބޮކި ދިއްލާލިއެވެ. އެއާއެކު އޭނާއަށް ލިބިގެން ދިޔައީ ކުއްލި ސިހުމެކެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Aayaa
Follow Me Written By

Aayaa

Level 410 Stories100 Login100 Comments

Other Articles

Previous

ތިޔަ ލޯބީގައި… 24

Next

ތިޔަ ލޯބީގައި… (ފަހުބައި)

Next
October 22, 2022

ތިޔަ ލޯބީގައި… (ފަހުބައި)

Previews
October 19, 2022

ތިޔަ ލޯބީގައި… 24



All Right Reserved!