ކުއްލިއަކަށް ކާރުގެ ބިއްލުރިގަނޑުގައި އެއްޗެއް ތަތްވިއެވެ. ރަމީޒުއަށް އެއްވެސް ހަރަކާތެއް ނުކުރެވޭ ގޮތަށް މުޅި މީހާ ގަނޑުވެއްޖެއެވެ. ކަރުގައި މީހަކު ބާރަށް ހިފާ ނޭވާ ނުލެވޭ ގޮތް ހަދައިފިއެވެ. ހިނިގަނޑެއް ޖަހާލި އަޑު އިވުމާއެކު ކުރިމަތިން ފާޅުވީ ރޯޒާގެ ދެވަނައެއް ނެތް ސޫރައެކެވެ. އެވަގުތު ކާރު ފުރުޅައިގެން ގޮސް އިދިފުށަށް ޖެހިއްޖެއެވެ. ރަމީޒުއަށް ހަޅެއް ލަވައިގަނެވުނު ނަމަވެސް ކުރެވޭނެ އިތުރުކަމެއް އެވަގުތަކު ނެތެވެ.
ކާރުގެ ކުރިމަތިން ނުނެއްޓޭނެ ކަން އިނގުންވި ނާއިކް ދެލޯ މަރާލިއެވެ. އެންމެ ފަހު ވަގުތުކޮޅަށް ކަމަށް ނިންމާ ޝަހާދަތް ކިޔާލިއެވެ. ކުއްލިއަކަށް ނާއިކްގެ ކަންފަތުގައި ޖެހުނީ އަންހެނަކު އޭނާއަށް ނުހަނު ބާރަށް ގޮވާލި އަޑެވެ. ނާއިކްއަށް އެދިމާއަށް ބަލައިނުލެވެނީސް އޭނާ ވިއްސައިގެން ގޮސްފިއެވެ.
އިސާހިތަކު މީހުންތައް އެތަނަށް ޖަމާވަމުން ދިޔައެވެ. އެންމެ ފުރަތަމަ އެތަނަށް ދިޔަ މީހާ ގުޅާލީ އެމްބިއުލާންސްއަށެވެ.
“އޭ ތީ އެއްކަލަ ފަރުހާދު ގޯތި ސޮރު. ފަރުހާދުއަށް ގުޅާބަލަ..” އެތަނުގައި ހުރި ފިރިހެނަކު ބުނެލުމުން އެހެންމީހަކު ފޯނު ނަގާ ފަރުހާދުއަށް ގުޅަން ފެށިއެވެ.
ސޯފާގައި އޮތް ފަރުހާދުގެ ފޯނު ރިންގުވާން ފެށުމުން ވަސީމާ ފޯނަށް ބަލައިލިއެވެ. ގޭކައިރި ހަސަންބެ ކަމުން ފޯނު ނެގީ ފަރުހާދު މިވަގުތު ގޭގައި ނޫޅޭ ވާހަކަ ބުނާށެވެ.
“ފަރުހާދޫ.. ތިގޭ ސޮރު އެކްސިޑެންޓެއް ވެއްޖެ. ނިކަން އަވަހަށް މަރުކަޒަށް ދޭބަލަ..” ހަސަންބެ ހާސްވެފައި ހުރެ ބުނެލި ވާހަކައިން ވަސީމާގެ ފައިން ވާގި ދޫވިއެވެ. އިތުރު އެއްޗެކޭ ނުބުނެވެނީސް ވަސީމާ ބިންމައްޗަށް ވެއްޓެން ދިޔައެވެ.
ކޮޓަރިން ނިކުތް ޝިމާލްއަށް ސްޕީކަރަށް ލާފައި އޮތް ފޯނުން ދެއްކި ވާހަކަތައް ވަރަށް ސާފުކޮށް އަޑުއިވުނެވެ. ވަސީމާ ވެއްޓެން ދިޔަ ވަގުތު ޝިމާލް ދުވެފައި ގޮސް މަންމަ ގައިގައި ހިފެހެއްޓިއެވެ. އަދި އަވަހަށް ގޮސް ކާރު ތަޅުދަނޑި ނަގަމުން ވަސީމާ ގޮވައިގެން މަރުކަޒަށް ދިއުމަށް މިސްރާބު ޖެހިއެވެ. އެވަގުތު އޭނާގެ ކަންފަތުގައި ހަރުލާފައި ވަނީ ދެންމެ ހަސަންބެ ބުނެލި ޖުމްލައެވެ. އެކޯވަމުން އެއަޑު ތަކުރާރުވަމުން ދިޔައެވެ.
“ތިގޭ ސޮރު އެކްސިޑެންޓެއް ވެއްޖެ. ތިގޭ ސޮރު އެކްސިޑެންޓެއް ވެއްޖެ..”
ދުވަމުން އައި ކުޑަކުއްޖަކު ފަރުހާދުބެއޭ ގޮވަމުން ޕްރިންޓު ކުރާ ތަނަށް ވަދެގެން ދިޔައެވެ. އޮފީސް ބައިގައި އިނދެފައި ފަރުހާދު ނިކުތީ ވެގެން އުޅޭ ގޮތެއް ބަލައިލާށެވެ.
“ބޭބޭ.. ނާއިކް.. ނާއިކް އެކްސިޑެންޓް ވީ.. މަރުކަޒަށް ގެންގޮސްފި މިހާރު.. ބޭބޭ އަވަހަށް އާދެބަލަ.. ދައްތަވެސް ހޭނެތިގެން ޝިމާލްބެ އެދިޔައީ މަރުކަޒަށް..” ފަރުހާދު ފެނުމާއެކު މާނޭވާ ލަމުން އެކުއްޖާ ވާހަކަދެއްކިއެވެ.
“ކީކޭ؟؟” ހާސްވެފައި ފަރުހާދު ދުއްވައިގަތީ އޮފީސްވެސް ތަޅުނުލައެވެ. އެކުއްޖާ ގޮވާލުމާއެކު އޭނާ ގާތު ތަޅުލުމަށް ބުނަމުން ފަޔަށް ލެވުނުހާ ބާރެއް ލައި ކުރިއަށް ދުވަމުން ދިޔައެވެ. ވޯޑުގެ ކުރިމައްޗަށް އެރުނު ވަގުތަކީ އެތަނުން ޑޮކްޓަރު ނުކުތް ވަގުތެވެ.
“ޕޭޝަންޓްގެ ހާލު ވަރަށް ސީރިއަސް. އިމަރޖެންސީކޮށް މާލެ ގެންދިއުމަށް ތައްޔާރުވެލައްވާ..” ޑޮކްޓަރު އިސްޖަހާލަމުން ބުނެލިއެވެ.
“ޑޮކްޓަރ. އަޅުގަނޑުގެ ދަރިފުޅު ސަލާމަތް ކުރެވޭނެތޯ؟ ކިހާ ވަރެއްގެ ޔަގީންކަމެއް ދެވޭނެތޯ؟” ޑޮކްޓަރުގެ ކޮނޑުގައި ހިފާ ތަޅުވާލަމުން ފަރުހާދު ބުނެލީ ހާސްވެފައިވީ ވަރުންނެވެ.
“މަސައްކަތް ކުރަމުން މިދަނީ. އެދެވިގެންވާ ފަރުވާ ލިބިއްޖެނަމަ ފުރާނަ ސަލާމަތް ކުރެވިދާނެ.” ފުންނޭވައެއް ބޭރުކޮށްލަމުން ޑޮކްޓަރު ވޯޑުގެ ތެރެއަށް ވަދެގެން ދިޔައެވެ.
“ބައްޕާ.. މިތާ އިށީނދެ ހަމަޖެހިބަލަ..” ފަރުހާދު ގޮވައިގެން ގޮސް ގޮނޑިއެއްގައި އިށީންނަމުން ޝިމާލް ބުނެލިއެވެ. ބޯ ޖަހާލަމުން ފަރުހާދު ފުންނޭވާއެއް ދޫކޮށްލިއެވެ.
“އެކްސިޑެންޓްގައި ގެނެވުނު އަންހެން ކުއްޖާގެ އެއްވެސް މީހަކު އެބަ ހުރިތޯ..؟” މިފަަހަރު ވޯޑުން ނިކުތީ ޑޮކްޓަރ ޝައިނާއެވެ.
“އަޅުގަނޑު..” ދުވެފައި މަރުކަޒަށް ވަދެގެން އައި ފުރާވަރުގެ ފިރިހެން ކުއްޖާ ބުނެލީ މާނޭވާ ލަމުންނެވެ.
“ޕޭޝަންޓްގެ ފަޔަށް ގެއްލުން ލިބިފައި ވަނީ. ފައިގެ އޮޕްރޭޝަނެއް ކުރަން ޖެހޭނީ.. މާލެ ގެންދިއުމަށް ތައްޔާރު ވެލައްވާ..” ޝައިނާ އެކުއްޖާއަށް ބަލައިލަމުން ބުނެލިއެވެ.
އެވަގުތަކީ ކާރުގައި ތާށިވެފައި އޮތް ރަމީޒު ގެނެވުނު ވަގުތެވެ. އަނެއްކާވެސް މުޅި މާޙައުލު ހަލަބޮލިވެގެން ދިޔައެވެ. ރަމީޒުގެ ގާތް މީހަކަށް ގޮވުމާއެކު މިފަހަރުވެސް އެފިރިހެން ކުއްޖާ ދިޔައެެވެ.
ރަމީޒު ކިރިޔާ ދުނިޔޭގައި އޮތް ކަމެވެ. ޑޮކްޓަރުން ލަފާ ދެއްވީ ރަމީޒުވެސް މާލެ ގެންގޮސް އަވަސް ފަރުވާ ދޭށެެވެ.
ވަސީމާ ކައިރިއަށް ވަދެފައި ނުކުތް ފަރުހާދުއަށް ފިރިހެން ކުއްޖާ ފެނިއްޖެއެވެ. ކުރިން ނުފެންނަ ކުއްޖަކަށް ވީތީ ޝިމާލް ގާތުގައި ބުނެފައި އެކުއްޖާ ކައިރިއަށް ހިނގައިގަތެވެ.
“ކޮންނަމެއް ކިޔަނީ؟” އޯގާތެރިކަމާއެކު އޭނާ އަހާލިއެވެ.
“ރަޒާން..” ހައިރާންކަމާއެކު ފަރުހާދުއަށް ބަލައިލަމުން ރަޒާން އޭނާގެ ނަން ބުނެލިއެވެ.
“ކިތައް އަހަރު؟ ބަލައިލާފަ އެހާ ޒުވާން ކުއްޖެއްހެން ހިއެއް ނުވޭ..” ފަރުހާދު އަނެއްކާވެސް ސުވާލުކޮށްލިއެވެ.
“އަށާރަ..” ރަޒާން، ފަރުހާދު މޫނުން ނަޒަރު ވަކިކޮށް ކުރިމައްޗަށް ނަޒަރު ހުއްޓާލިއެވެ.
“ކޮއްކޮ އަކީތަ ދެން ގެނެވުނު މީހުންގެ އެހީތެރިޔާ؟” އޭނާގެ ކައިރީ އިށީންނަމުން ފަރުހާދު އަހާލިއެވެ. ރަޒާން ހުމްއޭ ބުނެލިއެވެ.
“ރުފިޔާގެ ތަނަވަސްކަން ނެތީތަ؟ ޑޮކްޓަރު ބުނެފިއެއްނު މާލެގެންދާ ވާހަކަ؟” އެމީހާ ދެންވެސް ހިތްހެޔޮކަމާއެކު ސުވާލުކުރިއެވެ. ރަޒާންއަށް މިފަހަރުވެސް އާންއޭ ބުނެލެވުނެވެ.
“އެހެންވިއްޔާ ހާސްނުވޭ.. މާލެ ގެންގޮސް ދޭނަން. ބޭބެމެން ބަލައި އަންނާނެ ދިހަ ގަޑި ފަނަރައިގަ ފްލައިޓެއް..” ރަޒާން އިން ހާލުން ފަރުހާދު ހަމްދަރުދީވިއެވެ. މީގެ ކުރިން އޭނާވެސް އެފަދަ ހާލަތެއްގައި ވީތީއެވެ. އެކްސިޑެންޓްވީ ކިހިނެއްތޯ ބަލަން އޭނާ މިވަގުތު ހަނދާންވެސް ނެތިފައި ހުރިކަހަލައެވެ. ރުޅިއަށްވުރެ އޭނާ އިސްކުރީ އިންސާނިއްޔަތުކަމެވެ.
ރަޒާންއަށް ދެލޯ ބޮޑުކޮށްލެވުނެވެ. ކޮންކަހަލަ ހިތްހެޔޮ މީހެއް ހެއްޔެވެ؟ ދުނިޔޭގައި މިހާ ހިތްހެޔޮ މީހުން އުޅޭ ބާއޭ ރަޒާންގެ ހިތަށް އެރިއެވެ. ރަޒާން ކޮޅަށް ތެދުވެ އެމީހާއަށް ޝުކުރު އަދާކުރިއެވެ.
“ކިހިނެއްތަ މިހެންވީ؟” ފަރުހާދު ރަޒާން ކައިރިއަށް ދިއުމުން ޝިމާލް ނިކުތީ ބޭރަށެވެ. އެއްވެފައި ތިބި މީހުން ތެރެއިން ގޮސް އޭނާ ހުއްޓުނީ އެކުވެރި ފުލުހެއް ކައިރީގައެެވެ.
“މީހުން ބުނީ ކާރު ޖެއްސީއޯ އޭނާ ގައިގަ.. އެކަމަކު އިތުރު ކަމެއް މިވަގުތު ކުރެވޭކަށް ނެތް.. އެމީހުން ހޭއެރީމަ އިތުރު މައުލޫމާތު ހޯދޭނީ..” މީހުންތަކު ތެރެއިން އެއްފަރާތް ވެލަމުން އާރިފް ބުނެލިއެވެ.
“ސީސީޓީވީ އިންނަ ތަނެއްތަ އެއީ؟” ޝިމާލް އަހާލިއެވެ.
“ޔެސް.. ސްޓޭޝަންގަ އެކަންތައް ކުރިއަށްދޭ އެބަ..” ޝިމާލް ކޮނޑުގައި ޖަހާލަމުން އާރިފް ބުނެލިއެވެ. “ޑޯންޓް ވޮރީ، އެވްރީތިންގ ވިލް ބީ ފައިން.. އަހަރެން މި ކޭސްއާ ހަވާލުވެގެން މިހުރީ.. އިރާދަކުރެއްވިއްޔާ ކުށްވެރިންނަށް ހައްގު އަދަބު ދޭނަން..”
ދިހަ ގަޑި ފަނަރަވީ ވަގުތު އެރަށު ބަނދަރަށް ވަދެގެން އައި ލާންޗުން ފޭބީ ނާހިލްމެންނެވެ. އޭރު ސީ ޕްލޭންއަކަށް ބަޔަކު އަރަމުން ދިޔައެވެ. ކައިރީގައި އެމްބިއުލާންސް އޮތެވެ. ނާހިލް އެރަށަށް ފައިބުމަށްފަހު ސީ ޕްލޭންއަށް ބަލަހައްޓައިގެން ހުއްޓެވެ. އިރުކޮޅެއް ނުވެ ސީ ޕްލޭން ބުރަފަތި އަބުރާލަމުން ދުއްވާލިއެވެ. އެއާއެކު އެމްބިއުލާންސްގެ އިތުރުން އެތާ ތިބި މީހުން ގޭގެއަށް ދާން ފެށިއެވެ.
ނާހިލްވެސް ސީ ޕްލޭން ދިއުމުން ވަށައިގެން ނަޒަރު ހިންގާލިއެވެ. އޭރު ގިނަ ބަޔަކު އެމީހުންނަށް ބަލަމުން ގެތަކަށް ދަނީއެވެ. ނާހިލް އެތަނުން ދިޔަ ބޭބެއަކަށް ގޮވާލަމުން ނާއިކްގެ ގެއަށް ގެންގޮސް ދިނުމަށް އެދުނެވެ. އެމީހާ ނާހިލް ގޮވައިގެން ސިޔާދާމެންނާއި ދުރަށް ޖެހިލިއެވެ.
“ކޮއްކޮއަށް ނޭނގޭތަ؟ ދެންމެ އެއްނު އެދިޔައީ ސީ ޕްލޭން އިން. އެކުއްޖާ އެކްސިޑެންޓެއް ވެގެން އެދިޔައީ..” އެމީހާ ބުނެލި ވާހަކައިން ނާހިލްގެ ނޭވާ ކަރުގައި ތާށިވި ފަދައެވެ. ވީގޮތް ކިޔައިދިނުމަށް އެދޭ ފަދައިން އޭނާ ހުރީ އެމުސްކުޅި ބޭބެއަށް ބަލަހައްޓައިގެންނެވެ.
“މަންޒަރު ދުށް މީހުން ބުނީ އެކާރު ދިޔައީ އެފަކީރު ގައިގައި ޖައްސާށޯ. ފިސާރި ހިތްހެޔޮ ސޮރެކޭ އެއީ. މީހުންނަށް އެހާ ހެޔޮވެސް ވާނެ. ބޭބެވެސް އަތިރިމަތީ އުޅިފަ ގެއަށް ދިޔަ މަގުމަތިން މީހުން އެއްވާތީ ދިޔައީ. ކާރު ދުއްވަން އިން މީހާވެސް ވަރަސް ސީރިއަސް ވެގެން މާލެ އެގެންދިޔައީ.. ދެން އަންހެން ކުއްޖަކު ދިޔައީ އެދެމެދަށް ވަންނަން. އެކުއްޖާގެ ފައި އޮތީ ފިސްފިސް ވެފައި. ނާއިކްމެން ގޮވައިގެން ފަރުހާދުމެން އެދިޔައީ މާލެ.” އެމީހާ ދެރަވެފައި ބުނެދިނެވެ. ނާހިލް އެވާހަކަ ސިޔާދާމެން ގާތު ބުނާނެ ގޮތަކާއި މެދު ވިސްނިއެވެ.
“މަންމާ.. ނާއިކް މާލެ ގޮއްސި. މަންމަ ހިތްވަރު ކުރާތި. ދުނިޔެއަކީ އިމްތިޙާނެއް..” ނާހިލް މަޑުމަޑުން ބުނެލިއެވެ. އަތި އޭނާގެ ދެއަތުން ސިޔާދާގެ ދެއަތުގައި ހިފާލަމުން އިތުރަށް ވާހަކަދައްކަން ފެށިއެވެ. “މަންމައަކީ ހިތްވަރު ގަދަ މީހެއް. ނާއިކް އަންނަ ދުވަހު މަންމަ ހުރިއްޔާ އޭނާ އުފާވާނީ.. މަންމާ ހިތްވަރު ކުރާތި. އަހަރެން މިބުނި ބަސްތައް ހަނދާން ކުރާތި. މީގެ އިރުކޮޅެއް ކުރިން އެދިޔަ ފްލައިޓަކީ ނާއިކް ގެންދެވުނު ފްލައިޓް. އޭނާ އެކްސިޑެންޓެއް ވީ. މަންމާ. ހިތްވަރު ކުރޭ..” ނާހިލް އިސްޖަހާލަމުން ބުނެލިއެވެ.
“ކީކޭ؟” ނައުޝާއާ ހިޝާމްއަށް އެއްފަހަރާ ބުނެވުނެވެ. ނާހިލް ދެންވެސް ބޯ ޖަހާލިއެވެ.
ސިޔާދާ އެއްވެސް އެއްޗެއް ނުބުނެއެވެ. ކުރިމައްޗަށް ނަޒަރު ހުއްޓައިގެން އިނީއެވެ. ހަރަކާތެއްވެސް ނުކޮށްލިއެވެ. ނާހިލްގެ ސިކުނޑިއަށް ވަރުގަދަ އިންޒާރެއް ލިބުނު ކަހަލައެވެ. މަންމާއޭ ކިޔާ ސިޔާދާގެ އަތުގައި ހިފާލިއެވެ. ސިޔާދާގެ ލޮލުން ވެއްޓުނު ކަރުނަތިކި ޖެހުނީ ނާހިލްގެ އަތުގައެވެ. މަންމައަށް ރޮވެނީކަން އެނގި ނާހިލް އޭނާގެ މަންމަ ގައިގައި ބައްދާލިއެވެ.
“މަންމާ ހިތްވަރު ކުރަންވާނެ.. ނާއީވެސް ބޭނުމެއް ނުވާނެއްނު މަންމަ ދެރަވެފަ ހުންނާކަށް..” ސިޔާދާގެ ގައިގައި ހިފަހައްޓައިގެން ހުރެ ނާހިލް މަންމައަށް ހިތްވަރު ދިނެވެ.
“ކިހިނެއް؟ ކިހިނެއް އެހެން ވާނީ؟ މަންމަ ދެން ބޭނުންވަނީ ނާއިކްގެ ގާތަށް ދާން. ވީހާވެސް އަވަހަކަށް.” ސިޔާދާ ހިތްވަރު ކުރަމުން އަހާލިއެވެ. “އެކަމަކު މިހާ ދުވަހު ނުގޮސް ހުރެފަ މިއަދު އޭނާ ގާތަށް ދިއުމަށް އަހަރެން ލަދުވެތިވާން ޖެހޭނެ..”
“ނާއިކް އަކީ ވިސްނޭނެ ކުއްޖެއް.. އޭނާ ނުހޯދާ ހުރީ އޭނާ އަހަރުމެން ގާތުގައި ނެތީމަ ފަސޭހަވާތީއެއް ނޫން. ހަމަ އޭނާއަށް ރަނގަޅަކަށްނު މަންމާ.. މިއަދު އޭނާ އެދަނީ އޭނާ ބޭނުންވި ދާއިރާއިން ރާއްޖެއިން ބޭރުގައި ތައުލީމު ހާސިލުކުރަމުން..” ނާހިލް ސިޔާދާއަށް ހިތްވަރު ލައިދިނެވެ.
“އަހަރެން އަތުގައި މިހާރު ކުލީ ލާންޗެއްގައި ދެވޭ ވަރަށް ރުފިޔާއެއް ނެތް..” އެންމެންނަށް ކުރިމަތިވާނެހެން ހުއްޓެމުން ނާހިލް ބުންޏެވެ.
“ބައްޕަ އެހީވާނެ..” ނައުޝާ ބުނެލިއެވެ. ހިޝާމް ބޯޖަހާލިއެވެ.
“ދެން ކިހިނެއް ހަދާނީ؟” ލޮލުން އައި ކަރުނަތައް ފުހެމުން ސިޔާދާ އެންމެންނަށް ބުނެލިއެވެ.
“ރަށަށް ދާނީ ފުރަތަމަ. ދެން އެއްޗެހި ޕެކްކޮށްފަ ފުރާނީ. މާދަން ފަތިހު ފުރަން ވީނު.؟” ނާހިލް އެންމެންގެ ލަފައަކަށް އެދޭފަދަ ގޮތަކަށް ބުނެލިއެވެ.
“ތިގޮތް އެންމެ ރަނގަޅުވާނީ ދޯ. މިއަދު އަނެއްކާ ދަތުރު ކުރަންވީމަ މަންމަ ސަކަރާތް ވެދާނެ.” ނައުޝާ ނާހިލްއާ އެއްބަސް ވިއެވެ. ހިޝާމް ބޯޖަހާލީ ރަނގަޅުވާނެ ކަމަށް ބުނަމުންނެވެ.
ހުޅުމާލެ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ނާއިކްއަށް އަވަސް ފަރުވާދޭން ފެށުނެވެ. އައިސީޔޫ ބޭރުގައި ހުރި ގޮނޑިތަކުގައި ވަސީމާމެން ތިއްބެވެ. ގަޑިއެއްގެ އިރު އިންތިޒާރުގައި ތިއްބާ ޑޮކްޓަރު އައިސީޔޫ އިން ނިކުމެއްޖެއެވެ. ވަސީމާއާ ފަރުހާދުގެ އިތުރުން ޝިމާލްވެސް ހުރީ ޑޮކްޓަރު ދޭނެ ޚަބަރެއްގެ އިންތިޒާރުގައެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.



