“ދައްތަގެ ހަޔާތާ ބެހޭގޮތަކުން ޝައިނާއަކަށް މާބޮޑަކަށް ނޭނގެ…އާނިމުގެ ބައްޕައާ މާމަ އަދި ކާފަ ކޮބާ؟” ޚަދީޖާގެ ވާހަކަތައް އަޑުއަހަން އިން ޝައިނާ، އޭނާގެ ހިތުގައި އުފެދިފައިވާ ސުވާލުތައް ޚަދީޖާއާ ކޮށްލިއެވެ.
“ދައްތައަކީ ރާއްޖެތެރޭ ރަށަކަށް އުފަން ވަރަށް ފަގީރު މީހެއް…މިގެއަކީ އާނިމުގެ ބައްޕަގެ މައިންބަފައިންގެ ގެއެއް…އެމީހުން ރާއްޖެއިން ބޭރަށް ފުރަން ދިޔަ ދުވަހު ކަނޑުމަތީގަ ހިނގި ހާދިޘާއެއްގަ ނިޔާވީ…އެމީހުން ނިޔާވުމުން މިގެ ލިބުނީ އާނިމުގެ ބައްޕަ އަބޫބަކުރަށް…އެއީ އަބޫބަކުރަކީ އެމީހުންގެ ހުރި ހަމައެކަނި ދަރިއަށްވެސް ވާތީއާއެކު…ފަހުން އާނިމުގެ ބައްޕަވެސް ނިޔާވީ” އިސްދަށަށް ޖަހާލަމުން ޚަދީޖާ ބުނެލީ ނުހަނު ދެރަވެލާފައެވެ.
“އާނިމުގެ ބައްޕަ ނިޔާވީ ކިހިނެއްވެގެން؟” ޝައިނާ އަހާލިއެވެ. “ކުއްލިއަކަށް މެއަށް އެރި ތަދަކުން..އަބޫބަކުރަކީ ވަރަށް ދުޅަހެޔޮ މީހެއް…އެއްވެސް ބައްޔަކަަށް ބޭހެއްވެސްކުރި މީޙެއްނޫން…އެކަމަކު ތަގުދީރުގަ އެކަން އެގޮތަށް ވާން އިނީމައޭ އެހެންވީ ބުނެވޭނީ” އަބޫބަކުރުގެ ވާހަކަދައްކަމުންދިޔަ ޚަދީޖާގެ ދެލޯ ކަރުނައިން ފުރާލިއެވެ. “އެހެންތަ ވަރަށް ދެރަވެއްޖެ….އެމީހުންގެ ފާފަ ﷲ ފުއްސަވައިދެއްވާ އެމީހުންނަށް ސުވަރުގެ މިންވަރުކުރައްވާށި” ޝައިނާ މައިއްޔިތުންނަށް ދުޢާ ކޮށްލިއެވެ. “އާމީން” ޚަދީޖާ އާމީން ކިޔާލިއެވެ.
ވަގުތުކޮޅަކު ހިމޭންވެލުމަށްފަހު، ޚަދީޖާ ސޯފާއިން ތެދުވިއެވެ.އަދި ޝައިނާގާތު މަޑުކުރުމަށްބުނެ، ޚަދީޖާ ހިނގައިގަތީ އޭނާގެ ކޮޓަރިއާ ދިމާލަށެވެ. ކޮޓަރިއަށް ވަތް ޚަދީޖާ ނިކުތީ ފޮޓޯ އަލްބަމެއް ހިފައިގެނެވެ.ޝައިނާ ގާތު އިށީނދެލުމަށްފަހު، ޚަދީޖާ ފޮޓޯ އަލްބަމް ހުޅުވާލިއެވެ.އަދި އޭގައި ހުރި ފޮޓޯތައް ޝައިނާއަށް ދައްކަންފެށިއެެވެ.
އޭގައިވަނި އާނިމުގެ ކުޑައިރުގެ ފޮޓޯތަކާ، ޚަދީޖާގެ ދެމަފަރިިންގެ ފޮޓޯތަކެވެެ.ކުރުކޮށް ބުނާނަމަ އެއާއިލާގެ ފޮޓޯތަކެވެ.އެމީހުން ކައިވެނި ކުރިދުވަހުގެ ފޮޓޯތަކުގެ އިތުރުން، އާނިމް އުފަންވި ދުވަހުގެ ފޮޓޯތަކާ ހަމައަށް އެއަލްބަމުގައި ވެއެވެ.އެފޮޓޯތަކަށް ބަަލައިލިއަސް ޚަދީޖާ އުޅުނު އުފާވެރި ދިރިއުޅުމާއި، ޚަދީޖާގެ ދެމަފިރިން އާނިމުދެކެ ވާލޯބި ހާމަވެގެންދެއެެވެ.
“މިހާރު އާނިމަކީ މިފޮޓޯތަކުގަ ފެންނަން މިހުރި ތުއްތު މައުސޫމު ކުއްޖާއޭ ބުނާނެތަ މީހަކު؟” ފޮޓޯތަކަށް ބަލަން ވަގުތުކޮޅަކު އިނދެލުމަށްފަހު ޚަދީޖާ ބުނެލީ ދެރަވެގެންގޮސް އަޑުތުރުތުރު އަޅާ ހާލުގައެވެ. “އާނިމުގެ މާމަމެންގެ އިތުރުންގެ އޭނާގެ ބައްޕައަށް، މިހާރު އާނިމް ހުންނަގޮތާއި އޭނާގެ އުޅުން ފެނިއްޖެނަމަ ދައްތައާ އެއްވަރަށް އެމީހުންވެސް ވަރަށް ދެރަވާނެ” ޚަދީޖާ ބުނެލިއެވެ. “އާނިމަށް ކިހިނެއްވީ؟” ޚަދީޖާގެ އާއިލާއަށް ވެގެންއުޅޭގޮތް އޮޅުންފިލުވާލުމަށްޓަކައި ޝައިނާ އަހާލިއެވެ.ޝައިނާގެ އެބަސްތަކުން ޚަދީޖާ ޝައިނާއާ ދިމާލަށް އެނބުރުނެވެ.އަދި ޚަދީޖާ، އޭނާގެ ހަޔާތާ ބެހޭގޮތުން ޝައިނާއަށް ކިޔައިދޭންފެށިއެވެ.ޚަދީޖާގެ އެންމެ ކުޑައިރުގެ ދިރިއުޅުމުން ފެށިގެންނެވެ. އާނިމުގެ ބައްޕައާ ދިމާވި ހިސާބުންނާއި އެމީހުން މާލެ އައިސް ކައިވެނިކުރިގޮތުގެ ވާހަކައިން ފެށިގެން, އެދެމަފިރިންގެ ހުރި ހަމައެކަނި ދަރި އާނިމް ލިބުނު ހިސާބުންނެވެ.ކުރުކޮށް ބުނާނަމަ ޚަދީޖާގެ ހަޔާތް އެފުށް މިފުށަށް ކިޔައިދިނެވެ.
ފަގީރު އެކަނިވެރި ދިރިއުޅުމަކުން، ލޯތްބާއި އަޅާލުން ލިބުނު އުފާވެރި އަދި ހަމައެހެންމެ މުއްސަނދި ދިރިއުޅުމަކަށް އޭނާގެ ދިރިއުޅުން ބަދަލުވެ، އެހަޔާތަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދިނީ އެމީޙުންގެ ލޮލުގެ ކޮއި ކަމުގައިވާ ތުއްތު އާނިމުކަން އަޑުއަހަން އިން ޝައިނާއަށް އެނގެމުންދިޔައެވެޚަދީޖާގެ ކުޑަ އާއިލާ ދިރިއުޅެމުން އައި އުފާވެރި ދިރިއުޅުން ނިމި އެހަޔާތަށް މޮޅީގެ ސާލެއް ލެވުނީ އާނިމުގެ ކާފަމެންގެ އިތުރުން އާނިމުގެ ބައްޕަވެސް ދުނިޔެ ދޫކުރި ހިސާބުންކަންވެސް ޝައިނާއަށް އެނގުނެވެ.އެހިތާމަވެރިކަމުގައި ޚަދީޖާ އުޅެމުންދަނިކޮށް އޭނާގެ ހަޔާތަށް އިތުރު އަނދިރިކަމެއް ވެރިވީ، އޭނާގެ ލޯބިވާ ދަރިފުޅު މަސްތުގެ ވަބާގައި ޖެހި އުޅުން ގޯސްވުމުންކަންވެސް ޝައިނާއަށް އެނގުނެވެ.ޚަދީޖާގެ އިތުރުން އާނިމުގެ ބައްޕައާއި މާމަ އަދި ކާފަވެސް އާނިމުދެކެ ވިލޯތްބާއި، އާނިމަށް ދިން ހާއްސަ ސަމާލުކަން، ޚަދީޖާގެ ވާހަކަތައް އަޑުއަހަން އިން ޝައިނާއަށް އެނގެމުންދިޔައެވެ.
“ދައްތަ އަބަދުވެސް ވިސްނަމުންދިޔައީ ދައްތައަށް އާނިމް ތަރުބިއްޔަތު ކުރުމުގަ ގޯސް ހެދުނީ ކޮން ހިސާބަކުންތޯ…ވިސްނާ ވިސްނާ ދައްތަގެ ސިކުނޑިއަށް އޭގެ ޖަވާބެއް ނުލިބުނު….ނަމަވެސް އެކޮޓަރިތެރޭގަ ދައްތަ ބަންދުވި މި ތިންދުވަހު ދައްތައަށް ވަރަށް ބޮޑަށް ކަންކަމާމެދު ވިސްނާލެވުނު…އަދި ދައްތައަށްވެސް އާނިމުގެ މާމަމެންގެ އިތުރުން ބައްޕައަށްވެސް ހެދުނު ގޯހަކީ އާނިމް ބޭނުންވިހާ ކަމެއްކޮށްދިނުންކަން މިއަދު ދައްތައަށް ވިސްނިއްޖެ…ލޯބިވާތީ އޭނާ ބުނިހާ ކަމެއްކޮށްދީ ބުނިހާ އެއްޗެއް ގަނެދީ ހެދުމަކީ އެއީ އަސްލު ކުއްޖާ ހަލާކުކުރުންކަން މިހާރު ދައްތައަށް އެނގިއްޖެ…އާނިމަށް ކުރެވުނު އިތުބާރެއްގެ ބޮޑުކަމުންނާއި އެއީ ބޮޑުވެފައިހުރި ފިރިހެންކުއްޖަކަށްވެސް ވާތީއާއެކު އޭނާ ބޭރުތެރޭގަ ކުރަނީ ކޮންކަމަކާއި އުޅެނީ ކޮންބަޔަކާއެކުކަން ބަލައިނުލެވުން، އެއީވެސް ދައްތައަށް ހެދުނު ގޯސްތަކެއް ކަން މިހާރު ދައްތައަށް ވިސްނިއްޖެ” ޚަދީޖާ ބުނެލީ ނުހަނު ދެރަވެލާފައެވެ.ޚަދީޖާގެ ވާހަކަތައް އަޑުއަހަން އިން ޝައިނާގެ ދެލޯ ކަރުނައިން ތެންމާލިއެވެ.
“އަމިއްލަ މައިމީހާ ކޮޓަރިތެރޭ ތަޅުލާފަ ހުރިހާ ފައިސާކޮޅެއް ހިފައިގެން އާނިމް ދިޔައިރު، އެހިތަކަށް އެއްވެސް ވަރަކަށް އަސަރެއް ނުކުރޭބާއޭ ހިތަށްއަރަނީ…ބައެއްފަހަރު ހިތަށްއަރަނީ އެހާ ނުލަފާ ކުއްޖަކަށް އާނިމުވީ ކޮން ސަަބަބަކާ ހުރެބާވައޭ..ގައިމު މަދުވާނެ އެއްވެސް ކަމެއް އާނިމަކަށް ނޯންނާނެ ވީއިރު ކީއްވެ؟” ވާހަކަދައްކަމުންދިޔަ ޚަދީޖާއަށް ރޮވުނެެވެ.ޚަދީޖާ ރޯންފެށުމުން ޝައިނާގެ ހިތަށް ވަރަށް އަސަރުކުރިއެވެ.
“އާނިމަށް އަދި ވިސްނޭނެ..ދައްތަ ނުރޮއެ ހުއްޓާލާ” ޚަދީޖާގެ ބުރަކަށީގައި ފިރުމަމުން ޝައިނާ ބުނެލީ އަމިއްލަ ދެލޯ ފުހެލުމަށް ފަހުގައެވެ. “އަޅުގަނޑުވެސް ވާޙަކައެއް ބުނަންވެފަ އެބައޮތް…އެކަމަކު ހައްތަހާވަސް ބުނަން ފަސްޖެހެވެނީ އެކަމަކު މިދަނޑިވަޅުގަ ބުނެލާނަން….އާނިމު އަޅުގަނޑަށް ވަރަށް އުދަނގޫ ކުރޭ…ސިޑިން އަރާ ވަގުތުތަކުގަވެސް ގެއަށް ވަންނަ ވަގުތަކުގަވެސް…އަޅުގަނޑު ނިގާބު އަޅާފަ ހުންނާތީ ވައްތަރުޖައްސާ އެކި ނަންނަމުން ގޮވާ ވަރަށް ފުރައްސާރަކުރޭ…ބައެއްފަހަރު ގަޔާ ދިމާލަށްވެސް އާދޭ….އާނިމްގެ އުޅުން ހުންނަގޮތުން އަޅުގަނޑު އޭނަދެކެ ވަރަށް ބިރުގަނެ ޖެހިލުންވޭ… ނަމަވެސް ދައްތަ ކައިރި އެޝަކުވާކުރަން ނުކެރުނީ އަޅުގަނޑަށް” އާނިމްގެ އުދަނގޫތައް ޝައިނާ ކިޔައިދިނެެވެ.
“ސުބުހާނަﷲ…އެހެންތަ ކޮއްކޮއަށްވެސް އޭނަ އުދަނގޫކުރޭތަ؟….ޕިސް ޕިސް” ޚަދީޖާ އަހާލީ ހައިރާންކަމާއި ހިތްހަމަނުޖެހިފައި ހުރެއެވެ. “ލައްބަ” ޝައިނާ ބުނެލިއެވެ. “އަމިއްލަ މައިމީހާއަށް އިހުތިރާމް ނުކުރާ މީހަކު އެހެންމީހަކަށް ވަކި ރަނގަޅުވާނެތަ؟…އާނިމުގެ ފަރާތުން ވަރަށް ބޮޑަށް ދައްތަ މާފަށްއެދެން…ދެން އެކަހަލަކަމެއް ވެއްޖެޔާ ވަގުތުން ދައްތައަށް އަންގާތި އިނގޭ ކޮއްކޯ” ޚަދީޖާ ބުނެލިއެވެ.
“ދައްތަ އާނިމްދެކެ ވަރަށް ބޮޑަށް ރުޅިއައިސްފަ މިހުރީ އެކަމަކު ދަރިއަކަށްވާތީ އޭނަ ދެރަވާނެފަދަ ކަމެއްކުރާކަށް ނުކެރޭ…އާނިމް ކިތަންމެ ބޮޑަސް ދައްތައަށް އަދިވެސް ސިފަވަނީ އެއީ ދައްތަ އުނގަށް ލައިގެން ގެންގުޅުނު ތުއްތުކުއްޖާގެ ގޮތުގަ” ޚަދީޖާ ބުނެލިއެވެ. “މައިވަންތަކަމަކީ ވަރަށް ވަރުގަދަ ގުޅުމެއް…މިއަދު ދައްތަގެ ބަދަލުގަ އެހެންމީހަކު އިންނަމަ ހަމަަގައިމުވެސް އާނިމަށް ބަދަލުހިފާނެކަން ޔަގީން” ޝައިނާ ބުނެލީ ވަރަށް ދެރަވެލާފައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.





