Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރި

ޙާލަތު (ތޭރަވަނަ ބައި)

Aayaa
Aayaa Level 410 Stories100 Login100 Comments
October 11, 2022 4 Mins Read
0 Comments

“ދޮންބޭ. ޓްރެއިނިންގއަށް ދިޔައިމަ ނޭނގޭ ދޯ މަޑުން ވާހަކަ ދައްކަންވެސް.” ނާއިކް އެމީހާއާ ދިމާއަށް ބުނެލިއެވެ. އެއާއެކު ފަރުހާދު ގޮސް ބޮކި ދިއްލާލިއެވެ.

“ދަރިފުޅާ ޝިމާލް..” ވަސީމާ ޝިމާލްގެ ގައިގައި ބައްދައިގަންނަމުން ބުނެލިއެވެ. ޝިމާލްވެސް މަންމާއޭ ބުނެލަމުން ވަސީމާގެ ގައިގައި ބައްދާލިއެވެ.

“ދެން އޮންނާނީ ނާއިކްގެ ސަޕްރައިޒް އެއްނު.. އެހެންވީމަ ލޯ މަރާ..”ޝިމާލް ނާއިކްއަށް ބަލައިލަމުން އެއްލޯ މަރާލިއެވެ. އެއާއެކު ނާއިކް ދެލޯ ބޮޑުކޮށްލަމުން ކިހިނެއްހޭ އަހާލިއެވެ.

“އަނގަގަދަ ނުކޮށް ލޯ މަރާބަލަ..” ޝިމާލް ނާއިކްގެ އަތުގައި ޖަހާލަމުން ބުނެލިއެވެ. އެއާއެކު ނާއިކް ދެލޯ މަރާލިއެވެ. ޝިމާލް ނާއިކް ގޮވައިގެން ދިޔައީ ގޭގެ ޓެރަހަށެވެ. ލޯ މަރައިގެން ހުރި ނާއިކްވަނީ ލިބޭނެ އެއްޗަކާމެދު ފިކުރު ބޮޑުވެފައެވެ. ސިކުނޑިއަށް އެތަށް އެއްޗެއް އަރާ ފައިބަމުން ދިޔައިރު ނާއިކްގެ ހިތްވަނީ ބަސްނާހާ އެއްޗަކަށް ވެފައެވެ.

“މަބްރޫކް.. ކޮންގްރޮޖުލޭޝަންސް..” ނާއިކްގެ ލޯމަތިން އަތް ނަގަމުން ޝިމާލް ބުނެލިއެވެ. އެއާއެކު ނާއިކްއަށް ފެނުނު މަންޒަރުން އަނގަ ހުޅުވާލެވުނެވެ. ފާރުގައި ޢަރަބި އަކުރުން ‘މަބްރޫކް’ ލިޔެވިފައި އިން އިރު އެތަނަށް ވަނީ ނޫކުލައިގެ ފުއްޕާހަން އަޅާފައެވެ. ނާއިކްގެ ކުރިމަތީ ހުރި މޭޒުމަތިން ފެންނަމުން ދިޔައީ މީރު ކާއެއްޗެއްސެވެ. ފްރައިޑް ރައިހާ ފިހުނުކުކުޅުގެ ވަސް މުޅި އެތަނުގައިވެސް ހުއްޓެވެ. ބޯނެ އެއްޗަކަށް ހުރީ ޝިމާލްއަށާއި ނާއިކްއަށް އެންމެ މީރު އޮރެންޖު ޖޫހެވެ. ފޮނިއެއްޗަކަށް ތައްޔާރުކޮށްފައިވަނީ އޯރިއޯ ޕުޑިންއެވެ.

“ޝުކްރަން..” ނާއިކް ފުމެގަންނަމުން ޝިމާލް ގައިގައި ބައްދާލިއެވެ.

“ޕިސް ޕިސް. މީ ހަމަ އަސްލުވެސް ޅަކުއްޖެއް..” ނާއިކްއަށް ލޯއަޅާލަމުން ޝިމާލް ބޯހޫރުވާލިއެވެ. އެއާއެކު ނާއިކް ތުންކޮޅަށް ގޮތެއް ހަދާލިއެވެ. އެންމެންގެ ހުނުމުގެ އަޑު އެތަނުގައި ގުގުމާލީ ނާއިކް ހަދާލި ގޮތުންނެވެ.

“ދެން ކާން ހިނގާބަލަ. ހާދަ ބަނޑުހައޭ..” ޝިމާލް ބަނޑުގައި އަތް އުނގުޅާލަމުން ގޮނޑިއެއް ދަމާލިއެވެ. ޝިމާލްގެ ފަހަތުން އެންމެންވެސް ގޮނޑީގައި އިއްތާލިއެވެ.

“އެ ނާއިކް އުޅޭ ތަނެއް މަށަށް އެނގިއްޖެ. ދެން އެންމެ ސިކުންތުކޮޅެއްވެސް މަ ބޭކާރުކުރަން ބޭނުމެއް ނޫން. މާދަން އަންނަ ފެރީއިން މަގޭ އެރަށަށް ދާނަން. މަގޭގެ މިދެއަތުން އޭނަގެ ހަޔާތް ބަރުބާދުކޮށްލާނަން..”ސިޓިންގ ރޫމުގައި އިން ރަމީޒު ރަޒާންއަށް ބަލައިލަމުން ބުނެލިއެވެ. ނަމަވެސް ރަޒާން އެއްވެސް ބަހެއް ނުބުނެއެވެ.

“ބައްޕާ.. ތިއީ ގޯސްކަމެކޭ.” ފަހަތުން އިވިގެން ދިޔަ ރިޔާޝާގެ އަޑާއެކު ރަމީޒުގެ ރުޅިގަދަވެގެން ދިޔައެވެ.

“ބޭކާރު ވާހަކަ ނުދައްކާ ނިކަމެތި އަންހެނާ..” ރަމީޒު ރިޔާޝާގެ ކަންފަތުގައި ހިފަމުން ބުނެލިއެވެ. ވަގުތުން ރިޔާޝާގެ ލޮލުން ހޯސްލާފައި ފެންތައް ފައިބައިގަތެވެ. ނޫފައިގަނެފައި ހުރި ކަންފަތުގައި ރަމީޒު ހިފުމުން ރިޔާޝާއަށް ލިބުނު ވޭން ދެގުނަ ވީއެވެ. އެނިކަމެތި އަންހެން ކުއްޖާއަށް ދުވާލެއްގެ ސައުވީސް ގަޑީއިރު އެތަކެއް އަނިޔާތަކެއް ލިބެއެވެ. ނަމަވެސް ޙައްޤުގޮތުގައި ހުންނަނީ ކެތްތެރިކަމާއި އެކުގައެވެ.

“ނޫން. އަހަރެންނަށް ވީވަރަކުން ތިކަން ހުއްޓުވަން މަސައްކަތް ކުރާނަން.” ރިޔާޝާހުރީ ދޫދޭކަށް ނޫނެވެ. ހެޔޮ ވިސްނުން ފަހުން އޭނާއަށް ވީވަރަކުން އެފަދަ ކަންތައް ހުއްޓުވައެވެ..

ނާއިކްގެ ޙަޔާތާ ރަމީޒުގެ ޙަޔާތާ އެއްވެސް ގުޅުމެއް ނެތެވެ. ނާއިކް ކިޔެވީ އޭނާގެ ބުރަ މަސައްކަތުންނެވެ. ރަޒާންވެސް މަސައްކަތް ކުރިނަމަ ކާމިޔާބުވާނެކަމީ ހަމަ ޔަޤީންކަމެކެވެ. ނާއިކްއަށްވުރެ ރަނގަޅު ނަތީޖާއެއްވެސް ލިބުނީހެވެ. ވީއިރު ބަދަލު ހިފަންވީ ސަބަބެއް އެބަ އޮތްތޯއެވެ؟ ބައެއް މީހުންނަށް ހަމަ ނުވިސްނެނީއެވެ. ކިތަންމެ ކުޑަކަމަކާމެދުވެސް ބަދަލު ހިފުމުގެ ރޫޙު އުފެދެއެވެ. ހިތުގައި ހަސަދައިގެ ހުޅުކޮޅެއް ރޯވެއެވެ. އެކަކަށް ލިބި އުފާ އަނެކަކަށް ލިބެން ބޭނުންވާ މީހުން މިހާރު ދުނިޔޭގައި ނޫޅެއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

އެނދުމަތީ ޝިމާލް އޮތީ ސީލިންގަށް ނަޒަރު ހުއްޓައިގެން  ވިސްނުމެއްގައެވެ. އޭނާ ވަނީ ވޭތުވެ ދިޔަ ދުވަސްތަކުގައި އޭނާގެ ޙަޔާތް ދިޔަގޮތާމެދު ވިސްނާށެވެ. އެހާ ގިނަ ދުވަސް ވީއިރު ކިތަންމެ ކަމެއް ބަދަލުވެގެން ގޮސްފައި ވެއްޖެއެވެ. ގެއްލުން ދެވުނު ކިތަންމެ އާއިލާއެއް ކުރިމައްޗަށް އަރަން ޖެހިއްޖެއެވެ. އެތައް ބައެއްގެ ނުރުހުމާއި ކުރިމަތިލެވިއްޖެއެވެ.

**

ޝިމާލް ޖަލުގައި އުޅޭތާ ދެދުވަސް ފަހުން ލިބިގެން ދިޔައީ މާޖިދު ނިޔާވި ޚަބަރެވެ.

“މާޖިދު ރޭގެ ވަގުތެއްގަ ނިޔާވީ. އޭނާ މީގެ ހަފްތާއެއް ކުރިން ހޭއެރި ކަމަށް ވަނީ. ޑޮކްޓަރުންގެ އެހީއާއެކު އޭނާ ތައުބާވި ވާހަކަވެސް ބުނި. މާޖިދުއަކީ ކޮންކަހަލަ ކުއްޖެއްކަން ޝިމާލްއަށް އެނގޭތަ؟” ޝިމާލްއަށް ކާއެއްޗެހި ގެނެސްދޭ ފުލުސް އޮފިސަރަކު ވިދާޅުވިއެވެ.

“ނޫން އެހެން ނޭނގެ. އޭނާ ޢާއިލާގެ ވާހަކައެއް ނުދައްކާ. އަޅުގަނޑު ދައްކާ ފަހަރަކުވެސް ވަރަށް މޫޑު އޮފްވާނެ. ސުކޫލުގަ އުޅުނު އިރު ވަރަށް ބަސްއަހައިގެން ކިޔެވީ. އެކަމުގެ ތެރެއަށް އޭނާ ވަނީ އަށާރަ އަހަރުވެސް ވެފަ ހުއްޓާ..” ޝިމާލް އޭނާއަށް އެނގޭ މަޢުލޫމާތު ކިޔައިދިނެވެ.

“އާނ. އޭނަގެ ޢާއިލާއިން ގެއިން ނެރެލީ ބަސް ނާހަނީއޭ ކިޔާފަ. ދެން މާޖިދު މަސައްކަތް ކުރީ ބަސްއަހާ ކުއްޖަކަށް ވެގެން އުޅެވޭތޯ. ގްރޭޑް ދިހައެއް ނިންމަފަ ދިޔައިމަވެސް ނުވެއްދި ގެއަކަށް. ވަރަށް އަނިޔާކުރި ކަމަށް ވަނީ އެއިރު ގެއަށް ވައްދާތޯ ގޮސްގެން އުޅުނު އިރު. ދެން އަނެއްކާ އެގާރަ ބާރަ ކިޔަވައިގެން ދިޔައީ. ދިޔައިމަވެސް ހަމަ އެހާ ގޯސްކޮށް ކަންތައް ކުރީ.. ދެން އޭނާ ގޯސްމަގު ޚިޔާރު ކުރީ… ނިޔާވީމަ އެޚަބަރު ދިނިން ފުލުހުން ވެސް. އެކަމަކު މޫނު ބަލައިލަންވެސް ނާދޭ. އަސްލު މާޖިދުގެ ބައްޕަ އެގޭ އެހެންކުދިންގެ ބައްޕައަށް ނުވާތީ އެމީހުން މާޖިދު ބޭނުން ނުވަނީ. އޭނާގެ މަންމަވެސް އޭނާ ބޭނުމެއްނުވޭ..” ފުލުސް މީހާ ކިޔައިދިނެވެ.

“އެހެންތަ؟” ދެރަވެފައި ޝިމާލްއަށް ބުނެވުނެވެ.

އޭގެ ހަފްތާއެއް ފަހުން ޝިމާލް ޖަލުން މިނިވަން ވީ ވެރިކަން ބަދަލުވުމުގެ ސަބަބުން ބައެއް ގައިދީން މިނިވަން ވުމުންނެވެ. ޝިމާލް އެންމެ ފުރަތަމަވެސް ދިޔައީ އޭނާގެ މަންމަގެ ގާތަށެވެ. ހީކުރިގޮތާ ހިލާފަށް މަންމަމެން ތިބީ އޭނާ އެމީހުން ގާތަށް އަންނާނެ ދުވަހަކަށް އިންތިޒާރުގައެވެ. ޝިމާލްއަށް ރޮވުނީ އޭނާ އެހާ ބަސްނާހާ އުޅުނު އިރުވެސް މަންމަމެން އޭނާދެކެ ވާލޮތްބަށް ބަދަލެއް ނާންނާތީއެވެ.

ކުއްލިއަކަށް ނާއިކް އޭނާގެ ކުރިމަތިން ފެނުމުން އޭނާ ހައިރާންވިއެވެ. އެއީ ރަމީޒުގެ އަތުން މަރާލަން އުޅުނު ނާއިކްކަމާމެދު އޭނާގެ ހިތުގައި ޝައްކެއް ނެތެވެ. އެހެންނަމަވެސް ނާއިކް މިރަށަށް އައި ގޮތަކާއިމެދު އޭނާގެ ހިތުގައި ސުވާލު އުފެދުނެވެ. ކިތަންމެ ވަރަކަށް ސުވާލުކުރިއަސް ނާއިކްގެ ފަރާތުން ޖަވާބެއް ނުލިބުނެވެ. ޝިމާލްއަށް މަންމަމެންގެ ފަރާތުން އިވުނު ވާހަކަތަކުން އިނގުނީ އޭނާ ކައުސިލަރު ގާތުވެސް ވީގޮތް ނުބުނާ ކަމެވެ. ނާއިކްއަށް ވެގެން އުޅެނީ ކުޑަކަމެއް ނޫންކަން އޭނާއަށް ޔަގީންވިއެވެ. ޝިމާލް ނާއިކްއާ ރައްޓެހިވެލީ ނުހަނު ފަސޭހައިންނެވެ. ދެމީހުން ވެގެން ދީނީ ވާހަކަތައް ދައްކާ އުޅުނެވެ. ފުރަތަމަ ކޮޅު ނާއިކް އެކަމާ ގާތްނުވިއަސް ފަހުން ނާއިކްވެސް ދީނާމެދު އުނގެނެން ފެށިއެވެ. ނާއިކް ކުއްލިއަކަށް ދީނާ އެހާ ގާތްވުމުން ސުވާލުކުރިއަސް އެއަށްވެސް އޭނަ ޖަވާބެއް ނުދެއެވެ.

ރަނގަޅު ވަޒީފާއެއް އަދާކުރުމަށްޓަކައި އެމް.އެން.ޑީ.އެފްއަށް ވަންނަން ފޯމުލީ ޝިމާލް ރަށަށް އައިސް އުޅޭތާ އަހަރެއް ފަހުންނެވެ. އެއަށްފަހު އޭނާއަށް އެތަނުން ޖާގަ ލިބުމާއެކު، ގިނަ ދުވަސްނުކޮށް ޓްރެއިނިންގ އަށް ފުރަން ޖެހުނެވެ.

**

ޝިމާލް ދެފަރާތަށް ބޯހޫރުވާލުމަށްފަހު އެހިޔާލުތައް ސިކުނޑިން ނެރެލިއެވެ. ވީކަމެއް އެއްވެސް މީހަކަށް ބަދަލު ނުކުރެވޭނެކަން އޭނާ ދަނެއެވެ. ވީއިިރު އޭނާއަށް އޮތީ ކުރެވިފައި އޮތް ކަންކަމުން އިބުރަތް ހާސިލްކޮށް ކުރިއަށް ދިއުމެވެ..

ހެނދުނު ނުވައެއް ޖެހި ވަގުތު ރަމީޒު ހުރީ އަނގޮޅިތީމުގެ ބަނދަރުގައެވެ. އޭނާގެ ހިތުގައި ވަނީ ބަދަލު ހިފުމުގެ ރޫޙެވެ. ބަނދަރު ކައިރިއަށް އައިސް މަޑުކޮށްލި ކާރުގައި އިން މީހާ ކާރުން ފައިބަމުން ރަމީޒްއަށް ހަނާ އަޅާލިއެވެ. އެއާއެކު ރަމީޒު އެމީހާއަށް ބަލައިލަމުން ކާރާ ދިމާއަށް ދިޔައެވެ.

“މިއޮތީ ކާރު. ތަޅުދަނޑި އިންނާނެ ޖަހާފަ. އަހަރެން މިދަނީ ގެއަށް ސައިކަލުގަ. ހަވީރު ފުރަންޏާ ގުޅާލާފަ ބުނާތި.” ކާރުން ފޭބި ހަރުމީހާ ރަމީޒުއަށް ބަލައިލަމުން ބުނެލިއެވެ.

“މައްސަލައެއް ނެތް..” ރަމީޒު ކާރަށް އަރަމުން ބުނެލިއެވެ. އެއަށްފަހު ކާރު ދުއްވާލީ ރަށުގެ ބޮޑުމަގަށް ދިއުމަށްޓަކައެވެ. ނާއިކްގެ ގެ އެމަގުގައި ހުންނަ ކަމަށް އޭނާއަށް މައުލޫމާތު ލިބިފައި ވާތީއެވެ.

ސައިކަލަށް އަރާ ނާއިކް މިސްރާބުޖެހީ ބަނދަރުކައިރީ ހުރި ފަރުހާދުގެ ޕްރިންޓް ކުރާ ތަނަށެވެ. ކުޑަ އިރުކޮޅެއް ކުރިން ފަރުހާދު އޭނާއަށް ގުޅާ މަސެއްކަތެއްގައި އެހީވެދޭން އައުމަށް ބުނީމައެވެ. ތަންކޮޅަކަށް ދުއްވާލެވުނު ތަނާ އެމަގުން ކާރެއް އަންނަ ތަން ފެނުނެވެ. އެކާރާ ކައިރިވަމުން ދިޔަ ވަރަކަށް އޭގައި އިން މީހާއަށް ތަންދެއްކުމަށް ނާއިކް މަގުގެ އެއްކައިރިއަކަށް އަރަމުން ދިޔައެވެ.

ކުރިމަތިން އަންނަމުން ދިޔައީ ނާއިކްކަން އެނގުންވި ރަމީޒު ނާއިކްއާ ދިމާއަށް ކާރު ދުއްވާލިއެވެ. އޭނާގެ ލޭ ބޮކިޖަހާފައި ކެކިގަތް ފަދައެވެ. ހުދު އޭނާއަށް ވާނެގޮތަކާމެދު ވިސްނާވެސް ނުލިއެވެ. އެކަމާމެދު ވިސްނޭނީވެސް އައިސްފައި ހުރި ރުޅިގަނޑު މައިތިރި ވެގެން ނޫން ހެއްޔެވެ؟

***

“މަންމާ.. މަންމާ.. ރޯޒާ.. މަންމާ.. ދައްތަ އަނބުރާ އަހަރެން ކައިރިއަށް ގެނެސްދީ..” ރޯޒާގެ މޫނުގައި ހިފާ ތަޅުވާލަމުން ރޯޒާގެ ކޮއްކޮ ކިޔަންފެށިއެވެ. ރަތް ކުލައިގެ ތާޖު އަޅައިގެން އެތާ ހުރި ރޯޒާގެ މަންމަ، ދާނިޝް ރާނީ ނުރުހުންތެރިކަމާއެކު އެތާތިބި އެންމެންނަށް ބަލައިލިއެވެ.

“އެންމެން ދޭ.. މި ގަނޑުވަރުގައި އުޅޭ އެންމެންދޭ. ރޯޒާއަށް މިހެންހެދި މީހަކު މަރާލާ. ދެން އެންމެ އަވަހަށް މި ގަނޑުވަރަށް ވަންނަ މީހަކު އަހަރެންނަށް ދޭން ޖެހޭނެ ހަބަރަކީ ރަމީޒު މަރުވެއްޖެކަމުގެ ހަބަރު..” ދާނިޝް ރާނީ އެންގުމާއެކު ހުރިހާ ޖިންނިތަކެއް ބޯ ޖަހާލުމާއެކު އުދުއްސާލިއެވެ.

***

ނާއިކް ބައިސްކަލުގައި އެއްކައިރިއަކަށް އަރަމުން ދިޔައެވެ. އެހެންނަމަވެސް އެކާރު އަންނަމުން ދިޔައީ އޭނާއާ ދިމާއަށެވެ. ނާއިކް އެމަގުގެ އަނެއް ކޮޅަށް އެރިއިރު އެކާރުވެސް އެދިމާލަށް އަރައިފިއެވެ. އެކާރާ ކައިރިވަމުން ދިޔަ ވަރަކަށް ނާއިކްގެ ހިތުގެ ތެޅުން އަވަސްވެފައި ވިއެވެ. ކާރު ދުއްވަން އިން މީހާ އިނީ ހަމައިގާތޯ އޭނާގެ ހިތް ސުވާލުކުރިއެވެ.

ކާރުގައި އިން ރަމީޒު ނާއިކްއާ ކައިރިވަމުން ދިޔުމުން ހިނިތުންވެލިއެވެ. ކާރުގެ ސްޕީޑް އެންމެ ފުލް ކޮށްލުމާއެކު ނާއިކްގެ ސައިކަލު ކުރިމައްޗަށް އެރިއެވެ.

ކުއްލިއަކަށް ކާރުގެ ބިއްލުރިގަނޑުގައި އެއްޗެއް ތަތްވިއެވެ. ހިތަށް ވެރިވި ބިރުވެރިކަމާއެކު އަތުގައި އަތްލެވުނީ ތަވީދު އިންތޯއެވެ. ނަމަވެސް އަވަސް ކުރަން ހަދައިގެން އޭނާއަށް އެވެސް ނާޅާ އާދެވުނީކަން ހަނދާންވިއެވެ. ރަމީޒުއަށް އެއްވެސް ހަރަކާތެއް ނުކުރެވޭ ގޮތަށް މުޅި މީހާ ގަނޑުވެއްޖެއެވެ. ކަރުގައި މީހަކު ބާރަށް ހިފާ ނޭވާ ނުލެވޭ ގޮތް ހަދައިފިއެވެ. ހިނިގަނޑެއް ޖަހާލި އަޑު އިވުމާއެކު ކުރިމަތިން ފާޅުވީ ރޯޒާގެ ދެވަނައެއް ނެތް ސޫރައެކެވެ. އެވަގުތު އެކާރު ފުރުޅައިގެން ގޮސް އިދިފުށަށް ޖެހިއްޖެއެވެ. ރަމީޒުއަށް ހަޅެއް ލަވައިގަނެވުނު ނަމަވެސް ކުރެވޭނެ އިތުރުކަމެއް އެވަގުތަކު ނެތެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Aayaa
Follow Me Written By

Aayaa

Level 410 Stories100 Login100 Comments

Other Articles

Previous

ބަދުނަސީބުުގެ ހިޔަނި އެޅުމުން 1

Next

-1- ބަދުނަސީބުގެ ހިޔަނި އެޅުމުން

Next
October 11, 2022

-1- ބަދުނަސީބުގެ ހިޔަނި އެޅުމުން

Previews
October 10, 2022

ބަދުނަސީބުުގެ ހިޔަނި އެޅުމުން 1



All Right Reserved!