ފުދޭވަރަކަށް ތަނަވަސް ގޮތަކަށް ހުރި ގޭގެތެރޭގެ ސިޓިންގ ރޫމު ތެރެއިން ފެންނަނީ ހަމަ ހިމޭންކަމެވެ. ޓީވީއެއްގެ ކުރިމަތީ ހުރި ސޯފައިގައި ހަރު ފިރިހެނެއް އިން އިރު އެއާ ޖެހިގެން ހުރި ސޯފާއެއްގައި ޒުވާން ކުއްޖެއް އިނެވެ.
“މަ ހީކުރީ އޭނާއަށް އެވަރުކުރީމަ މައިތިރިވެގެން ހުންނާނެ ކަމަށް. އެކަމަކު ބަލާބަލަ އެއްވަނަ ހޯދިވަރު. މަގޭ ރަޒާން ޓޮޕް ޓެންއަށް ވެސް ނުހޮވުނޭ. މިވެސް އެސޮރުގެ ކަންތައް. ހިޝާމް އަށް ވެސް ތިންވަނަ ލިބުނޭ..” ރަމީޒު ސޯފާއިން ތެދުވަމުން ބުނެލިއެވެ.
“ބައްޕާ. ދެން އޭނާ ބަހައްޓަން ވީނު.” ރަޒާން ފުދޭވަރަކަށް މަޑުން ބުނެލިއެވެ.
“ބަހައްޓަންވީއޭ. މަގޭގެ ރަޒާންއަށް އެސޮރު ހެދިގޮތަކުންވެސް ނުބަހައްޓާނަން. މަގޭ ދަރިއަށް ވުރެ އެސޮރަށް މޮޅުވެވޭނެތަ؟ އަދި އެހިޝާމްވެސް އަތު އަޅުވާނަން. މަގޭ ދަރިފުޅުގެ ހައްގުގައި މަގޭ ނިކުންނާނަން..” ރަމީޒު ރަޒާންއާ ދިމާއަށް އެނބުރެމުން ހަރު އަޑުން ބުނެލިއެވެ.
“ނާއިކް އުޅެނީ ކޮންތާކުކަން އެނގިއްޖެ. މިއައީ މައުލޫމާތު ހޯދައިގެން. މިއަތޮޅުގައި ހުރި ރަށެއްގައި އުޅެނީ.. މުއްސަނދި ދެމަފިރިއަކާއެކު..” އެވަގުތު އިވިގެން ދިޔައީ ރޯޒާގެ އަޑެވެ.
“ތިޔައީ ކާކުތަ. އެނ. ކަލެއަކަށް ދީންވެރި މީހަކަށް އެއްވެސް ކަމެއް ނުކުރެވޭ. މަށެއް ތިޔަކަހަލަ އެއްޗެއް ބޭނުމެއް ނޫން.. މަށަށް ކަލޭ މަރާލެވިވެސް ދާނެ.” ރަމީޒުގެ ރުޅިގަނޑު ދިޔައީ ގަދަވަމުންނެވެ.
“މަށަށްވެސް ކަލޭ މަރާލެވޭނެ. ކަލެއަށް ވުރެ މަގޭ މާބާރުގަދަ ވާނެ.. އިނގިއްޖެތަ؟” ރޯޒާ ހުރީ ދޫކުރާކަށް ނޫނެވެ. ވަގުތުން އެދެމެދުގައި ވަރުގަދަ ޒުވާބެއް ފެށިގެން ދިޔައެވެ. ރަމީޒު ގޭތެރޭގެ އެއްޗެއްސަށް ގެއްލުން ދެމުން ދިޔަ އިރު ރަޒާން ބިރުން ގޮސް އޭނާގެ ކޮޓަރިއަށް ވަދެއްޖެއެވެ. ރަމީޒު އެންމެ ފަހުން އޭނާގެ ފަންޑިތަ އާލާތްތައް ނަގާ ކިޔަވަން ފެށީ ރޯޒާ މަރާލަންވެގެންނެވެ. ފަތިހުގެ ވަގުތު ރަމީޒު އޭނާގެ މަސައްކަތް ނިންމާލީ ކުރަންބުނި ކަންތައްކޮށް ނިންމާފައެވެ. އޭރު ރަޒާންގެ ކޮޓަރިއާ ޖެހިގެން ހުރި ކޮޓަރީގައި މީހަކު އުޅޭ އަޑުއިވެއެވެ. ރަމީޒު އެކޮޓަރިއަށް ދިޔައީ ރުޅިމޫނު ހަދައިގެން ހުރެއެވެ.
“ކަލޭ ކައިރި ބުނިން މިގޭގައި ނަމާދެއް ނުކުރެވޭނޭ.” ހަށިގަނޑުން ނިކަމެތިވެފައި ހުރި އަންހެން ކުއްޖެއްގެ އިސްތަށިގަނޑުގައި ހިފަމުން ރަމީޒު ބުނެލިއެވެ. އެއާއެކު އެކުއްޖާ ރޮއެގަންނަމުން ބައްޕާއޭ ކިޔާ ގޮވާލިއެވެ.
“މަށަށް ބައްޕައޭ ކިޔާނެކަމެއް ނެތް.” ރަމީޒު އަމުރުވެރި ރާގަކަށް ބުނެލުމުން އެކުއްޖާގެ ހަށިގަނޑު ތުރުތުރު އަޅައިގެން ދިޔައެވެ.
“ނޫން. ދެން އަހަރެން ދޫކޮށްލަބަލަ. ތަދުވޭ ބައްޕާ..” ރިޔާޝާ ރޮމުން ބުނެލިއެވެ. ރަމީޒު އަޑެއްނޭހިއެވެ. ރިޔާޝާގެ އިސްތަށިގަނޑަށް އިތުރަށް ވާންކޮށްލީއެވެ.
“ކަލޭގެ އުނދަގޫ މަށަށް ބޮޑުކަމުން ނުވެސް އުޅެވޭ.. މަގޭ ކުރާ އެއްވެސް ކަމަކާ ނުބެހި މަގޭ ބުނާ ކަންތައް ކޮށްގެން އުޅޭށޭ ބުނީ ކިތައް ފަހަރު؟..” ރަމީޒު ރިޔާޝާގެ އިސްތަށިގަނޑުން ދޫކޮށްލަމުން ބުނެލިއެވެ.
ފަތިހުގެ ހިތްގައިމު ތެތް ފިނި ވައިރޯޅިތައް ގައިގައި ބީހިލާއިރު ދެނީ އަރާމު ފިންޏެކެވެ. އިރުމަތި ފަރާތު އުދަރެސް މަތިން އިރު ފެނު ތޮޅިލަމުން ދައްކާލައިފިއެވެ. ހިތްގައިމު އޮރެންޖު ކުލައިގެ ވިލާތައް ނޫކުލައިގެ އުޑުގައި ރަސްކަން ކުރަމުން ދިޔައިރު އެއީ ބަލާ ފޫހިނުވާ މަންޒަރެކެވެ. ރަށުގެ އިރުމަތި ފަރާތުގައި އޮތް ދޮންވެލި ފަސްގަނޑުގައި ސަމާސާކުރަމުން ދިޔައީ ނާހިލްއާ ނައުޝާގެ އިތުރުން ސިޔާދާއެވެ.
“މީތިކޮޅު ކާލާފަ އަނެއްކާވެސް މޫދަށް އެރެންދާނީ ދޯ މަންމާ..” އޯގާތެރިކަމާއެމު ނައުޝާ އޭނާގެ އަތުގައި އޮތް ކޭކުކޮޅު ސިޔާދާގެ އަތަށް ލައިދިނެވެ. ނާހިލް އެމަންޒަރު ބަލަން އިނީ ނައުޝާއަށްޓަކައި ލޯބިން ފުރިފައިވީ ހިތަކާއެކުއެވެ. އޭނާގެ މަންމައަށް އެހާ ލޯބިދޭނެ އަންބަކު ގެނެވުން ކަމަށްޓަކައި އޭނާ ނުހަނު އުފާކުރެއެވެ. އޭނާ ހަމައެކަނި ދެރަވަނީ އޭނާގެ ކޮއްކޮ އޭނާގެ ގާތުގައި ނެތުމުންނެވެ. އެހެންނަމަވެސް ރޭގައި ޓީވީ އިން ފެނުނު މަންޒަރުތަކުންނާއި ހިޝާމް ދެއްކި ވާހަކަތަކުން އޭނާގެ އުންމީދު އާވެފައިވިއެވެ.
“ދެތިން ނޫސްވެރިންވެސް އެތަނަށް ގޮސް އުޅުން. އެއީ އެމް އެން ނިއުސްގެ އައިހަމްއާ އާޝާ.. ރަނގަޅަށް ޓީވީއަށް ލޯއަޅައްޗޭ. އިންޓަވިއުއެއްގެ ވާހަކަދެއްކި އަޑު ނުސާފުކޮށް އިވުނު.” އެވަގުތު ހިޝާމްގެ ޖުމްލަތައް ނާހިލްގެ ސިކުންޑީގައި ތަކުރާރުވެގެން ދިޔައެވެ.
“ނާލް.. ދެން އާދޭ..” ސިޔާދާގެ އަތުގައި އޮތް ކޭކުކޮޅު ހުސްވުމުން ނައުޝާ އެމީހުންނާ ތަންކޮޅެއް ދުރުގައި އިން ނާހިލްއަށް ގޮވާލީ ވެލިގަނޑު މަތިން ތެދުވެ އަތުން ވެލި ފޮޅާލަމުންނެވެ. އެއާއެކު ނާހިލް އައިސް ސިޔާދާގެ ކަނާއަތުގެ މުލައްދަނޑީގައި ހިފާލިއެވެ. ނައުޝާވެސް އަނެއްފަރާތުގައި ހިފާލުމުން ދެމީހުން ވެގެން ސިޔާދާ ކޮޅަށް ބެހެއްޓިއެވެ. އެއަށްފަހު ލަސްލަހުން ސިޔާދާ ގޮވައިގެން މޫދާ ދިމާއަށް ދިޔައެވެ. މޫދުގައި ކުރާ ހަރަކާތްތައް ސިޔާދާ ލައްވާ ކުރުވަމުން ދިޔަ ނައުޝާއަށާއި ނާހިލްއަށްވެސް ހިތްހަމަ ޖެހުން އިޙުސާސް ކުރެވެމުން ދިޔައެވެ. ދުރުގައި މަންޒަރު ބަލާ މީހަކަށް އެއީ ލޯބިން ފުރިފައިވާ ‘ކިއުޓް’ މަންޒަރެކެވެ.
އެވަގުތު މާލޭގެ އާޓިފިޝަލް ބީޗުގައި އެކިވަރުގެ މީހުން ކަސްރަތު ކުރުމުގައި އުޅެއެވެ. އެތަނުން ދިޔަ އެންމެންގެ ނަޒަރުތައްވެސް ހުއްޓެނީ އެއްވަރަކަށް ހިނގާފައި ދިޔަ ހަރު ފިރިހެނަކަށާއި ޒުވާން ކުއްޖާއަށެވެ. ދެމީހުން ހިނިތުންވެފައި ހިނގާލާފައި ދާގޮތުން އެދެމެދުގައި ވަނީ ވަރުގަދަ ގުޅުމެއްކަން އެނގެއެވެ.
“ބައްޕާ. މީހާދަ ސަޅިކަމެކޭ. އިރުއަރާގަޑި ވަރަށް ސަޅި ދޯ. ވަރަށް ހިތްފަސޭހަ. އަޅުގަނޑުމެން ރަށުގައި އަދި މާހިތްގައިމު ވާނެ. ވަރަށް ދާހިތްވޭ. ރޭގަ އަޅުގަނޑުގެ ފްރެންޑް ފެނުން . ފަހުން ނުފެނުނޭ..” ނާއިކް ވަކި ވިސްނުމެއް ނެތި ބުނެލިއެވެ.
” ރަށްރަށުގައި އަސްލުވެސް ވަރަށް ހިތްގައިމު ވާނެ.” ފަރުހާދު ހިނިތުންވެފައި ބުނެލިއެވެ. “ދަރިފުޅާ. މަންމަ މިހާރު ލަސްވެފައި ހުންނާނީ. ހިނގާ ގެއަށް ދާން.”
“އާނ. ހިނގާފަ ދޯ ދާނީ. ނަސީބެއް ނަމާދަށް ދިޔައިރުވެސް ކާރުގައި ނުދެވުނުކަން.. ހެހެ..” ނާއިކް އަޑަށް ޖޯޝެއް ލަމުން ބުނެލިއެވެ.
ޝަވަރު ދޫކޮށްގެން ފެންވަރަން ހުރި ނާއިކް ހުރީ ޝަވަރުން ފެން އަންނަ ދިމާއަށް މޫނު ދިއްކޮށްގެންނެވެ. ނާއިކް ހުރިގޮތުން އޭނާ ހުރީ ވިސްނުމެއްގައި ކަން އެނގެއެވެ. ނާއިކްއަށް ވިސްނެމުން ދިޔައީ އޭނާ ފަސްއަޅަން އުޅުނު މާޒީގެ މަތިންނެވެ. ކިތަންމެ ނުވިސްނާން އުޅުނަސް އެއީ އޭނާގެ ލޯބިވާ ޢާއިލާގެ ހަނދާންތައް ގުޅިފައިވާ މާޒީއެވެ.
**
ކުޑަދޮރުން ފުންމާލި ގޮތަށް ނާއިކް ވަލުމަގުން މިސްރާބު ޖެހީ ބަނދަރަށެވެ. އެވަގުތު އެރަށަށް ފެރީއެއް އައުމަކީ ނާދިރު ކަމެކެވެ. އެހެންނަމަވެސް އޭނާ މިއަދު އެރަށުން ނިކުމެގެން ދާނެވެ. އޭނާގެ ނަސީބު ކަންނޭނގެއެވެ. ބަނދަރަށް ދެވުނު ވަގުތަކީ އެރަށަށް ބޯޓެއް އައި ވަގުތެވެ. ބޯޓުން މުދާ ބޭލުމެއްފަހު މީހުން ފައިބަން ދެން ނާއިކް ހުރީ ރުކެއްގެ ބިއްދަށުގައި މަންޒަރު ބަލާށެވެ. އެއަށްފަހު ބޯޓު އިންޖީނު ހިންގާލުމުން ނާއިކް ގޮސް އެބޯޓަށް އެރިއެވެ.
ބޯޓުގައި ބައިގަޑީ އިރެއް ހާއިރު ވޭތުވުމަށްފަހު އެރޭ އެގާރަގަޑި ބައިވަނިކޮށް ބޯޓުގޮސް ވަނީ ނާއިކްގެ ރަށާއި ފުދޭވަރަކަށް ކައިރީގައި އޮތް ރަށަކަށެވެ. ދުރުން ނާއިކްގެ ރަށުގެ މަލަމަތި ފެންނަމުން ދިޔައެވެ.
އެރޭ ނާއިކް ބަނދަރުގައި އިނީ ހަދާނެ އިތުރު ގޮތެއް ނެތިގެންނެވެ. މީހެއްގެ ހިލަމެއްވެސް ނުވާ އެތަނުގައި އިންނަން އޭނާ ޖެހިލުންވެއެވެ. އިރުއަރައިގެން އައި ވަގުތު އެކި މީހުން ބަނދަރުގައި ކޮޅުކޮޅަށް ދަމުން ދިޔައެވެ. ނާއިކް އިނީ އެއިން މީހެއްގެ އެހީތެރިކަމަށް ނުހަނު ބޭނުންވެފައެވެ. އެހެންނަމަވެސް އެންމެންވެސް ނާއިކްއަށް ބަލައިލުމަށް ފަހު ދަނީއެވެ.
ފަހަތުން މީހަކު ކޮނޑުގައި އަތް ބާއްވަމުން ވާހަކަދެއްކުމުން ނާއިކް އެމީހާއަށް އޭނާގެ މަޖުބޫރީ ހާލަތު ކިޔައިދިނެވެ. ހީކުރި ވަރަށް ވުރެ އެމީހާ ހިތްހެވެވެ. ނާއިކް އެމީހާގެ ގެއަށް ގެންގޮސް އެކައްޗެއްވެސް މަދުނުވާނެހެން މިހުރިހާ ދުވަހު ގެންގުޅުނީ އެފަރުހާދުބެ އާއި ވަސީމާ ދައްތައެވެ.
**
“ނާއިކް ދަރިފުޅާ.. މިހާރު ހަތްގަޑި ފަނަރަ ވީ. އަވަސްކޮށްގެން ނިކުމޭ. އަދި ސައިބޮއެގެން ގޭގެ ކަންތައް ހަމައަކަށް އަޅުވާލަންވެސް ޖެހޭނެއެއްނު.” ވަސީމާ ނާއިކް ކޮޓަރި ދޮރުގައި ޓަކި ޖަހާލަމުން ބުނެލިއެވެ. އެއާއެކު ނާއިކް އަވަސްކޮށްލަމުން ނިކުތެވެ.
އެންމެންގެ ނަޒަރުވެސް ހުއްޓެނީ ހަރުދަނާ ހިނގުމެއްގައި މޯލްޑިވްސް ނިއުސްއަށް ވަދެގެންދާ ޒުވާނާއަށެވެ. އޭނާ ލައިގެން ހުރި ގަދަފެހި ކުލައިގެ ގަމީސް ބެގީނުޖަހާ ހުރިއިރު އަތުކުރި ހުރީ އުޅަބޮށްޓާ ހަމައަށް އޮޅާލެވިފައެވެ. ކަޅު ކުލައިގެ ފަޓުލޫނުގެ ޖީބަށް އަތް ޖަހާލައިގެން ހަރު ހިނގުމެއްގައި އޭނާ ކުރިއަށް ދެއެވެ. އަރައިގެން ހުރި ކަޅުކުލައިގެ ބޫޓުން އޮފް އަރައެވެ. ކަޅުކަން ގަދަ ފަން އިސްތަށިގަނޑު ހުރީ ޖެލްލާ އެއްފަރާތަކަށް ތަތްކޮށްފައެވެ. ތުނިކޮށް ކޮށާލާފައި ހުރި ތުނބުޅި މަތިމަހުން އޭނާގެ ފިރިހެންވަންތަކަން ދައްކައިދެއެވެ. ވަށައިގެން ތިބި މީހުން ސިއްރުން އެކަކު އަނެކަކު ގާތު ބުނެލަނީ ‘ނާއިކް’ އެވެ.
“ނާއިކް މިވަނީ ރާއްޖޭގެ ވޯލްޑް ރިކޯޑެއްވެސް ހަދާފައި. ނުވަ މާއްދާ ކިޔެވި އިރު ހަ މާއްދާއިން މިވަނީ ދުނިޔޭގެ ވަނަތަކެއް ހާސިލްކޮށްފައި. އަދި ދެން ހުރި މާއްދާތަކުން ރާއްޖޭގެ ވަނަތައް ޙާސިލްކޮށްފައި ވޭ. މީ ވަރަށް ބުރަ މަސައްކަތުން ކުރެވޭނެ ކަމެއް. ނާއިކް ޓީވީ ބަލަން ތިބި ކުދިންނަށް ބުނެދޭންވީނު މިހާ މޮޅު ނަތީޖާއެއް ނާއިކް ހޯދީ ކިހިނެއްކަން.” ޕްރެޒެންޓަރަކަށް އިން އައިހަމް އަހާލިއެވެ.
“އަޅުގަނޑު ކުޑައިރުއްސުރެ ދެކެމުން އައި ހުވަފެނެއް އެއީ މިކަހަލަ ރިކޯޑްއެއް ހަދާ މޮޅު ކުއްޖަކަށްވުން. އަބަދުވެސް ވަރަށް ބުރަކޮށް މަސައްކަތް ކުރަން. އަބަދުވެސް ﷲއަށް ދުޢާ ދަންނަވަން އެކަން ފަސޭހަކޮށް ދެއްވާތޯ. ފެމެލީ އެންމެންވެސް ވަރަށް ހިތްވަރު ދިނީމަ އަސްލު އަމިއްލަ ނަފްސަށް ވަރަށް ބޮޑު އިތުބާރެއް ލިބުން. ބުރަ މަސައްކަތުން މިފަދަ ކާމިޔާބެއް ލިބޭނީ. އެކަމަކު އަބަދު ކިޔަވާށޭއެއް ނޫން. އަޅުކަންތައް ކޮށްފަ، ހިތްހަމަ ޖައްސާލާފަ. ކުޅެލާފަ. މިހުރިހާ ކަމެއް ކުރަމުން އަޅުގަނޑު މިހާ ހިސާބަށް އައީ.” ނާއިކް ޖަވާބު ދިނެވެ.
“އެހެންވީމަ، އެންމެ ފަހު ސުވާލެއް ގޮތަށް ކޮށްލާނީ ނާއިކް ގޮތަށް ކިޔަވަން ބޭނުންވާ ކުދިންނަށް ދޭން ބޭނުންވާ މެސެޖަކީ ކޮބައިތޯއޭ.” ހިނިތުންވުމެއް ހަދިޔާކޮށްލަމުން އައިހަމް ބުނެލިއެވެ.
“އަޅުގަނޑު ފަދައިން މޮޅުވުމަށް ބޭނުންވާ ކުދިންނަށް ބައިވަރު މެސެޖް ދެވިދާނެ. ފުރަތަމަ ﷲއާއި އެކަލާނގެ ރަސޫލާ ލޯބިވާ ކަހަލަ އަޚްލާޤު ރަނގަޅު ދީނަށް ފަރުވާތެރި ކުއްޖަކަށް ވާށޭ. އެއަށްފަހު މައިންބަފައިންނަށް ހެޔޮކޮށް ހިތާށޭ. ހިތްވަރާއެކު ބުރަކޮށް މަސައްކަތް ކުރީމަ ﷲގެ ރަޙްމަތުން މިކަން ކާމިޔާބު ވާނެ. އިންޝާ ﷲ. އެއަށްފަހު ދުޢާ ކުރުމަކީ ހަމަ އެހާ މުހިންމު ކަމެއް. ދުޢާއަކީ މުސްލިމުންގެ ހަތިޔާރުކަމުގައި އަބަދުވެސް ހަނދާން ބަހައްޓަން ވާނެ. ބައެއް ފަހަރު ﷲ އަހަރުމެންގެ އީމާންތެރިކަން ހުރީ ކިހާ ވަރަކަށް ތޯ ބަލައިލަން އިމްތިޙާން ކުރައްވަފާނެ. އެހެންވީމާ އެއިމްތިޙާނަށް ކެތްތެރިވާން ވާނެ. ދެން ހަމައެއާ އެއްކޮށް އެންމެ ފަހު ކަމަކަށް ސިކުނޑިއަށް ތާޒާ ވައި ލިބުމާ. ހިތްފަސޭހަ މާޙައުލަކު ކޮންމެ ދުވަހަކުވެސް މަދުވެގެން ބައިގަޑީއިރު ހޭދަކޮށްލަން ވާނެ. ނިދުމުގެ ކަންކަމަށް ސަމާލުކަން ދިނުމަކީވެސް ކިޔެވުމަށް ސަމާލުކަން ދެވޭލެއް އިތުރުވާނޭ ކަމެއް. ހަށިގަނޑަށް ފައިދާހުރި ކާނާ ކެއުމަށް ސަމާލުކަން ދިނުމަކީވެސް އެހާ މުހިންމު ކަމެއް.” ނާއިކްވެސް ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ.
“އެހެންވީމާ މިއީ ނާއިކްގެ ފަރާތުން ތިކުދިންނަށް ލިބުން މެސެޖަކީ. ދޯ.” މިފަހަރު ވާހަކަދެއްކީ އައިހަމް ގާތު އިން ހުމާމްއެވެ. ނާއިކްއަށް ބަލައިލަމުން ހުމާމް ބުނެލުމުން ނާއިކް މިފަހަރުވެސް ހިނިތުންވަމުން ބޯޖަހާލިއެވެ.” ނިންމާލަމުން ނާއިކް ކީކޭ ބުނެލާނީ. ޝުކުރު ދަންނަވާލަން ބޭނުންވަނީ ކޮންބަޔަކަށް؟”
“ވަރަށް ގިނަ ބަޔަކަށް ޝުކުރު ޙައްޤުވޭ. މަންމައާ ބައްޕައާ ދޮންބެއަށްވެސް ޝުކުރު އަދާކޮށްލަން ބޭނުން. އަދި އަޅުގަނޑުގެ އެންމެ ގާތް އެކުވެރިޔާއަށް. އެމީހުން ދެއްވި ނަޞޭޙަތްތަކުން މިހާ ހިސާބަށް އަޅުގަނޑަށް މިއާދެވުނީ. މިވަގުތު ގާތުގައި އެންމެން ނެތަސް ވަރަށް ހަނދާންވޭ. ވަރަށް ބޮޑަށް ޝުކުރިއްޔާ އަޅުގަނޑަށް ވެދިން އެހީތެރިކަމަށް.. ވަރަށް ލޯބިވޭ އެންމެންދެކެވެސް.” ދެމާނައެއް އެކުލެވޭ ގޮތަށް ނާއިކް ބުނެލީ އޭނާގެ ހިތުގެ ހާލެވެ. އޭނާގެ މޫނުމަތީގައި ވީ އުޖާލާކަން ގެއްލުވައިނުލާ ވޭތޯ އޭނާ ބެލިއެވެ.
ދެގަޑީއިރުގެ އެއިންޓަވިއު އާ ޝޫޓިންގ އެއް ނިންމާލެވުނު އިރު ނާއިކް ހުރީ ލޮޑުވެފައެވެ. އެހެންކަމުން އެންމެ ފުރަތަމަ ފިހާރައަށް ނުގޮސް އެމީހުން ދިޔައީ ރެސްޓޯރަންޓަކަށް ކުޑަކޮށް ސައިބޯލާށެވެ. އެއަށްފަހު މާލޭގަ މަޝްހޫރު ފިހާރަތަކަށް ގޮސް އެކި އެއްޗެހި ގަންނަމުން ދިޔައެވެ.
“ދަރިފުޅާ. ދެންމެ ދެއްކި އިސްތިހާރުން މިއަދު މެންދުރު އަންނަ ޕްރޮގްރާމެއްގައި ހާއްސަ މެހެމާނެއް އިންނަ ވާހަކަ ކިޔައިފި. އަނެއްކާ އެއީ ނާއިކްއަށް ވާނެބާ..” ކޮޓަރިން ނިކުތް ނާހިލްއަށް ބަލައިލަމުން ސިޔާދާ ބުނެލިއެވެ.
“. މަންމަ އަރާމުވެސް ނުކުރަންތަ؟ ނައު އަނެއްކާ މަންމަ އެނދުގައި ނުބާއްވާތަ އެދިޔައީ؟” ނާހިލް ހިނިތުންވުމާއެކު ސުވާލުތަކެއް ކޮށްލިއެވެ.
“ނޫނޭ. އެކަނބުލޮ އެދިޔައީ މަންމަ އަރާމުކުރަން ބާއްވާފަ. އެކަމަކު ހިޝާމް ރޭގަ ބުނި ވާހަކަތައް ހަނދާންވާ ވަރުން ނޯއެވިގެން މިއައީ.. އަމިއްލައަށް ތެދުވެވޭތީ ގޮނޑި ކައިރީގަ ހުރީމަ އެރީ. ކިރިޔާ ނުވެއްޓުނީވެސް.. ހެހެ..” ސިޔާދާ އުފާވެފައި ބުނެލިއެވެ.
“އެހެންތަ؟ އެހެންވީމަ މިގަޑީގައި ހިނގާ ދޯ އަރާމުކޮށްލަން. ތި ޕްރޮގްރާމް އަންނަ ގަޑީގައި ނިދި އައިސްދާނެއްނު. މެންދުރު ނަމާދަށް ތެދުވާނީ ދެން ދޯ؟” ނާހިލް އޭނާގެ މަންމަގެ ކަނާއަތުގައި އޭނާގެ ވާއަތުން ހިފާލަމުން ބުނެލިއެވެ.
“ކޮން އިރަކުންތަ ހިޝާމް މިކޮޅަށް އަންނަނީ..؟” ސިޔާދާ ސުވާލުކޮށްލިއެވެ.
“މެންދުރު އެކެއްގެ ފްލައިޓުން އިފުރުއަށް އާދޭ.. ރަށަށް އާދެވޭ އިރު ހަވީރު ހާއިރު ވާނެ. ހަތަރަކަށް ބަލަމާ ދޯ.. އެސޮރު އެރަށް ބަލައިލާ ހިތުން މަޑުކުރަން ހުރީ. ފަޅުރަށެއް ކަމަކު ނުލާހިކު ހިތްގައިމު ރަށެކޯ.” ނާހިލް ބުނެލިއެވެ.
މެންދުރު ދެގަޑި ފަނަރަވީ ވަގުތު ރާ އަތޮޅު އިފުރު އެއާޕޯޓުން ނިކުމެގެން އައި ނާއިކްގެ ނަޒަރު ވަނީ ކުރިމައްޗަށެވެ. އެއަރޕޯޓުން ނުކުތް ގޮތަށް ނާއިކްއާ ފަރުހާދުގެ އިތުރުން ވަސީމާވެސް އެމީހުން ހިފާފައި އޮތް ލާންޗަށް އެރީ އަނގޮޅިތީމަށް ދާށެވެ.
ހަމަ އެފްލައިޓުން ނާއިކްމެންނަށް ވުރެ ފަހަތުން ނިކުތް ހިޝާމް ދިޔައީ ދެކޮޅަށް ބަލަމުންނެވެ. ކުއްލިއަކަށް އޭނާގެ ނަޒަރު ހުއްޓުނީ ގަދަނޫކުލައިގެ ޓީޝާޓަކާއި އައިސް ބުލޫކުލައިގެ ޖިންސެއްގައި ހުރި އޭނާއަށް ވުރެ ކުޑަތަންކޮޅެއް އިސްކޮޅުން ދިގު ކުއްޖެކެވެ. ފަހަތުން ފެނުމާއެކުވެސް އެއީ ނާއިކްކަން ނަގައިގަންނާކަށް ހިޝާމްއަށް އުނދަގުލެއް ނުވިއެވެ. ވަގުތުން ނާއިކްގެ ފަހަތުން އޭނާ ހިނގަން ފެށިއެވެ. ކުޑަކޮށް ދުވަމުން ނާއިކްގެ ފަހަތުން ހިޝާމް ދިޔަނަމަވެސް އެއަށްވުރެ ކުރިން ނާއިކްމެންގެ ލާންޗު ދުއްވާލައިފިއެވެ. މިފަހަރުވެސް މާޔޫސްކަމާއެކު ހިޝާމް ކަރު އެލުވާލިއެވެ. ނަމަވެސް އެލާންޗުގައި ލިޔެފައިވީ ނަން ހިޝާމް ހިތުދަސްކޮށްލިއެވެ.
“ސީ ޓްރެވަލް. 12”
ހަވީރުގެ ހިތްގައިމު ވަގުތު ހުޅުދުއްފާރު ބަނދަރަށް ނިކުމެ ތިބީ ސިޔާދާމެންނެވެ. އެމީހުންގެ މޫނުމަތިން ފެންނަނީ އުފާވެރިކަމެވެ. އެވަގުތު ކަނޑިންމައިން ވަދެގެން އައި ލާންޗު ފެނި އެންމެން ވެސް އެދިމާއަށް ހިނގައިގަތެވެ. ލާންޗު ކައިރިކުރުމާއެކު ހިޝާމް ލަސްކުރުމެއް ނެތި ލާންޗުން ފޭބިއެވެ. އެއާއެކު ނައުޝާ އޭނާގެ ކަރަށް މާފައްޗެއް މަހާލިއެވެ. އެއާއެކު ހިޝާމް ދެލޯ ބޮޑުކޮށްލަމުން ސަޕްރައިޒް ވެއްޖެއޭ ބުނެލިއެވެ.
“ބޭބޭ…” ހިޝާމް ނާހިލްއަށް ބަލައިލަމުން ބުނެލިއެވެ. ނާހިލް ބުނެލީ ހޫމްއެވެ.
“އަހަރެންނަށް ނާއިކް ފެނުނު. އެއަރޕޯޓުން ނިކުންނަނިކޮށް ފެނުނީ. އެކަމަކު މިފަހަރުވެސް ދިމާ ނުވި.” ހިޝާމް އިސްޖަހާލަމުން ބުނެލިއެވެ.
“އާނ. އޭނާ މިއަތޮޅު އަނގޮޅިތީމުގަ އުޅެނީ. ހިޝާމް ބުނިހެން އޭނާ އިންޓަވިއު އަކަށް ދިޔަ. އަހަރެން ހީކުރީ އޭނާ އަހަރުމެން މަތިން ހަނދާން ނުވާނެކަމަށް. އެކަމަކު އޭނާ ބުނި ގާތުގައި ނެތަސް ލޯބިވެއޭ. ހަނދާންވެއޭ.” ނާހިލްގެ މޫނުމަތިން ހިތާމައިގެ އަސަރެއް ފާޅުވިއެވެ. “މާދަން ހެނދުނަށް ލޯންޗެއް ނަގައިފިން އެރަށަށް ދާން. ހިޝާމް ބޭނުމިއްޔާ ބުނެލާ. ދިހައެއް ޖަހާއިރަށް ފުރަން މިކިއަނީ..”
“އަހަރެންވެސް ދާނަން..” ހިޝާމް ވަގުތުން ބުނެލިއެވެ.
“ދެން ހިނގާ ދާން..” ނައުޝާ ސިޔާދާ ގާތުގައި ހުރެ ބުނެލިއެވެ. އެއާއެކު ނާހިލްއާ ހިޝާމް އެމީހުންގެ ގާތަށް ދިޔައެވެ. އަދި ގެއަށް ދިއުމަށްޓަކައި ހިނގައިގަތެވެ.
މަޣްރިބް ނަމާދަށް ފަހު ގެއަށް އައި ނާއިކް އެންމެ ފުރަތަމަވެސް ކޮޓަރިއަށް ގޮސް ގެނައީ އަކުރުތަކެއް ހުރި ފުއްޕާހަން ތަކެކެވެ. ނާއިކް އެއަކުރުތައް ފާރުގައި ހަރުކުރި ވަގުތަކީ ވަސީމާ ކޭކެއް ހިފައިގެން އައިސް އެތާހުރި މޭޒެއްގެ މަތީ ބެހެއްޓި ވަގުތެވެ. ނާއިކް ގޭގެ ވަށައިގެން ނަޒަރެއް ދިނެވެ. ރަންކުލައާ ހުދުކުލައިގެ ފުއްޕާހަންތައް ސިޓިންގ ރޫމުގެ އެކި ތަންތަނަށް އެޅިފައި ހުރި އިރު ބައެއް ހަންތައް ފާރުގައި ހަރުކުރެވިފައިވެސް ހުއްޓެވެ. އެއްފަރާތެއްގައި ހުރި ސޯފާއިން ދެ ކޮންފެއްޓީ ނަގަމުން ނާއިކް އެކަތި ދިއްކޮށްލީ ވަސީމާއަށެވެ. އެއަށްފަހު ސިޓިންގ ރޫމުގައި ހުރި ބޮކި ނިއްވާލަމުން ނާއިކް ކޭކު ބެހެއްޓި މޭޒުކައިރިއަށް ދިޔައެވެ. ހަމަ އެވަގުތަކީ ސިޓިންގ ރޫމުގެ ދޮރު ހުޅުވުން ވަގުތެވެ. ލޮލުގައި ފޮތިކޮޅެއް އައްސާފައިވާ ފިރިހެނެއް ގޮވައިގެން ފަރުހާދު ގެއަށް ވަނެވެ.
ބިޔަ ހަށިގަނޑެއްގެ ވެރިއެކެވެ. ހިތެއްގެ ބައްޓަމަށް އިން މޫނެކެވެ. ކަޅުކަންގަދަ ބޯ ބުމައާ ރޭގަނޑެއްފަދަ އިސްތަށިގަނޑު ނުލާހިކު ގުޅެއެވެ. ލައިގެން ހުރި ރަތް ކުލައިގެ ޓީޝާޓާއި ކަޅުކުލައިގެ ޖިންސް އޭނާގެ ފިރިހެންވަންތަ ކަން ފުރިހަމަ ކޮށްދެއެވެ. އެފިރިހެން މީހާގެ އަތުގައި ހިފައިގެން ފަރުހާދު އައިސް މަޑުކޮށްލީ ކުޑަ މޭޒެއްގެ ކުރިމަތީއެވެ. އެއަށްފަހު އެމީހާގެ ލޮލުގައި އެޅިފައި އޮތް ފޮތިކޮޅު ނައްޓަވާލިއެވެ. އެއާއެކު ދިއްލާލެވުނު އުއްބައްތީގެ އައްޔާއެކު މުޅިތަނަށް ކުޑަ އަލިކަމެއް ވެރިވިއެވެ.
“ސަޕްރައިޒް ދޮންބޭ.. ކޮންގްރެޖުލޭޝަންސް..” ނާއިކް ކޮންފެއްޓީ ގޮއްވާލަމުން ހަޅޭއް ލަވައިގަތެވެ. ވަސީމާ އަތުގައި އޮތް ކޮންފެއްޓީ އަނބުރަމުން ދިޔަ ގޮތުން ނާއިކް ގޮސް އޭތިވެސް ގޮއްވާލަ ދިނެވެ. އެއާއެކު އެންމެންގެ ހުނުމުގެ އަޑު އެތަނުގައި ގުގުމައިގެން ދިޔައެވެ.
“ކޮބައިތަ ބޮކި؟ ދިއްލަންވީނު ދެން ދޯ؟” އެފިރިހެން މީހާ ފުދޭވަރަކަށް ބާރަށް ބުންޏެވެ.
“ދޮންބޭ. ޓްރެއިނިންގއަށް ދިޔައިމަ ނޭނގޭ ދޯ މަޑުން ވާހަކަ ދައްކަންވެސް.” ނާއިކް އެމީހާއާ ދިމާއަށް ބުނެލިއެވެ. އެއާއެކު ފަރުހާދު ގޮސް ބޮކި ދިއްލާލިއެވެ.
“ދަރިފުޅާ ޝިމާލް..”
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.



