ތިޔަ ލޯބީގައި… 19
“އޯކޭ.. އެހެންވީމަ ރާއްޖެ ގޮއްސަ އަހަރެން މިބުނި ހުރިހައި މައުލޫމާތެއް ހޯދުމަށްފަހު ވީ އެންމެ އަވަހަކަށް އަހަރެންނަށް އަންގާ.. އޭރުން ދެން ކުރިއަށްދާންވީގޮތް އަހަރެން ކިޔައިދޭނަން.. އެންމެ ރަނގަޅެއްނު.. ކަލޭގެ މަސައްކަތުގެ އެޑްވާންސް ޕޭމަންޓް މިއަދު އަހަރެން ޖަމާކޮށްދޭނަން.. ބާކީ ބައި ލިބޭނީ މަސައްކަތް ކާމިޔާބުވީމަ..” މޭޒުމަތީގައި އިނގިލިތަކުން ކުޅެލަމުން އަޒްހަރު ބުނެލިއެވެ. އެކޮޅުން ވާހަކަދައްކަމުންދިޔަ މީހާ އެންމެ ރަނގަޅޭ ބުނެލުމާއެކު އަޒްހަރު ފޯނު ބޭއްވިއެވެ. އޭރު އޭނާގެ ތުންފަތްމަތީގައިވި ކާމިޔާބީގެ ނުލަފާ ހިނިތުންވުމެކެވެ.
*****
ތޮއިބާ އާއި އެކުގައި ބަގީޗާ ތެރޭގައި ގަސްތަކެއް އިންދުމުގެ މަސައްކަތުގައި އެހީވާން ލަމްޔާ އުޅުނެވެ. އަތަށް ލައްވައިފައިވާ އަންގި ނަގަމުން މޫނުމަތީގައި ވިދައި ބަބުޅަމުންދިޔަ ދާތިކިތައް ލަމްޔާ ފުހެލިއެވެ.
“ވަރުބަލި ވީ ދޯ..” އުޑަފައިން އިނށީދެ އިނދެ މަސައްކަތުގައި މަޝްއޫލެވެއިން ތޮއިބާ ލަމްޔާއަށް ބަލައިލަމުން ހިނިތުންވެލިއެވެ. ވަގުތުން ހީލަމުން ލަމްޔާ ދެފަރާތަށް ބޯހޫރުވައިލިއެވެ. އަދި އަނެއްކާވެސް އަންގި އަތަށް މަހައިލަމުން ތޮއިބާއަށް އެހީވުމުގައި އުޅެގަތެވެ.
ސްވެޓް ޕޭންޓްއެއް އެކަނި ލައިގެން ބެލްކަންޏަށް ނުކުތް ޒާއިންގެ ލޮލުގައި ގޭގެ ބިއްދަށު ހައްދައިފައިއޮންނަ ބަގީޗާގައި ހަރަކާތްތެރިވަމުންދިޔަ ތޮއިބާ އާއި ލަމްޔާ އަޅައިގަތެވެ. ވަގުތުން އެދިމާއަށް އައިސް ހުއްޓިލަމުން ލަމްޔާގެ ހަރަކާތްތަކަށް އޭނާ ޝައުގުވެރިކަމާއެކު ބަލަންފެށިއެވެ.
އޭނާއާއި ދިމާއަށް މީހަކު ބަލާހެންހީވެ ލަމްޔާ އިސްއުފުލައިލަމުން ފަރާތްފަރާތް ހޯދައިލިއެވެ. އެހިނދު އެދިމާލަށްހުރި ބެލްކަނީގައި އަތްއަޅުވައިލައިގެން ހިނިއައިސްފައިހުރެ އޭނާއަށް ބަލަމުންދިޔަ ޒާއިން ލޮލުގައި އަޅައިގަތެވެ. ރަކިގޮތަކަށް ހީލަމުން ލަމްޔާ ޒާއިންއަށް ރަނގަޅަށް ބަލައިލިއެވެ.
ހޭވިފައިވި ފަންއިސްތަށިގަނޑުގައިހުރި ތެތްކަމުން ޒާއިން އެއައީ ދެންމެ ފެންވަރައިގެންކަން އެނގޭހައިވެއެވެ. ހަމައެކަނި ސްވެޓް ޕޭންޓެއްގައި ހުރުމުން ޒާއިންގެ ކަސްރަތީ ރީތި ހަށިގަނޑުގެ ބޮޑުބައެއް ވަނީ ހާމައަށް ފެންނާށެވެ. އެސްފިޔަޖަހައިލަންވެސް ހަނދާންނެތިފައި ގޮޅިގޮޅިއަށް އެތުރިފައިވި ޒާއިންގެ ރީތި މަސްތަކަށް ނަޒަރުހުއްޓައިލައިގެން ލަމްޔާއަށް އިނދެވުނެވެ. ލަސްލަހުން ކޮޅަށް ތެދުވެވުނުއިރުވެސް ލަމްޔާއަށް އެކަން އިހުސާސެއްނުވިއެވެ. އަމިއްލަ އަމަލުތައްވެސް އިޚުތިޔާރުން ބޭރުވެފައިވާކަހަލައެވެ.
މޭމަތީގައި ޒާއިން ހަރަކާތްކޮށްލި އަތަށް ބަލައިލަމުން އެދެލޮލާއި ލަމްޔާ ނަޒަރު ސީދާކޮށްލިއެވެ. ލަމްޔާ ބަަލަންހުރިގޮތުން ލާނެތް ގޮތަކަށް ހިނިއައިސްފައިހުރި ޒާއިން އެއްލޯމަރައިލީ ލަމްޔާ އިތުރަށް ރަކިކޮށްލުމުގެ ގޮތުންނެވެ. ކަންތައްވީވެސް ޒާއިން ބޭނުންވިގޮތަށެވެ. ލަމްޔާގެ ދޮންމޫނުކޮޅު ރަތްވުމާއެކު ކުރެވުނުކަންތައް އިހުސާސުވެ ލަދުންގޮސް އޭނާއަށް އަވަސްއަވަހަށް އިސްޖަހައިލެވުނެވެ. ހަދާނެގޮތެއް ނޭނގިފައިހުރި މީހަކުފަދައިން ތުންފަތްހަފަންފެށިއިރު ގަދައަވީގެ ތެރޭގައި އެދޮންމޫނު ވިދަމުންދިޔައެވެ. ޒާއިންއަށް އެމަންޒަރުވީ ބަލައިލަން ހިތްގައިމު މަންޒަރަކަށެވެ. ލުއި ހިނިތުންވުމެއް އޭނާގެ މޫނުމަތީގައި ރަސްކަންކުރަމުންދިޔައިރު ލަމްޔާގެނެސް އެމެޔާލައި ބޮނޑިކޮށްލަން ހިތް އެދުނެވެ.
ވާހަކަ ދައްކައި ދައްކައިވެސް ކޮޅަށްހުރި ލަމްޔާގެ ފަރާތުން އެއްވެސް ޖަވާބެއް ނައުމުން އެންމެފަހުން ތޮއިބާ ލަމްޔާއަށް ބަލައިލިއެވެ. ހުއްޓުންއަރައިފައި ލަމްޔާ މައްޗަށްބަލަން ހުރުމުން ހައިރާންވެފައި ތޮއިބާވެސް ލަމްޔާ ބަލަމުންދިޔަ ދިމާއަށް ބަލައިލިއެވެ. ލަމްޔާއާއި ޒާއިން ކޮށްލި ލާނެތް ސަމާސާ ކިތަންމެ ރަނގަޅަކަށްވެސް ތޮއިބާގެ ލޮލުގައި އަޅައިގަތެވެ. ވަގުތުން އޭނާގެ ތުންފަތުގައިވެސް ލާނެތް ހިނިތުންވުމެއް ދުވެލިއެވެ. ފާއިތުވެދިޔަ ދުވަސްތަކާއެކު އެދެމެދުގައިވި ގުޅުން ބަދަހިވާންފަށައިފައިވާކަން ތޮއިބާއަށްވަނީ ފާހަގަކުރެވެން ފަށައިފައެވެ. އެކަމާއި އޭނާގެ ހިތް އުފާކުރިއަސް ފައުޅުގައި އެހިތުގައި ހިނގާ އިހުސާސުތައް ހާމަކުރާކަށް އޭނާއަކަށް ނުކެރެއެވެ.
“ދަރިފުޅު ދާންވީނު.. ޒާން އެއުޅެނީ ދަރިފުޅު ނެތީމަ ފޫހިވެގެން ކަންނޭނގެ..” ތެދުވެ ލަމްޔާގެ ކޮނޑުގައި އަތްބާއްވައިލަމުން ދިމާކޮށްލާފަދަ ގޮތަކަށް ތޮއިބާ ބުނެލިއެވެ. ތޮއިބާގެ ރާގުހުރިގޮތުން ލަމްޔާ އިތުރަށް ރަކިވާގޮތްވިއެވެ. އިސްއުފުލައި ތޮއިބާ ޒާއިންއަށް ބަލައިލަމުން ހީލިގޮތްފެނި ދެންމެ ހިނގައިދިޔަ ކަންތައް ތޮއިބާއަށް އެނގިއްޖެހެންހީވެ ޒާއިންވެސް ރަކިވިއެވެ. އަވަސްއަވަހަށް އިސްތަށިގަނޑުގައި އަތްހިންގައިލަމުން ނޫންކަމަށް ހަދަައިލައިފައި ޒާއިން އެތަނުންދާން ހިނގައިގަތެވެ. އެއާއެކު ތޮއިބާއަށް ބާރަށް ހީގަނެވުނެވެ. ނުދައްކަން ކިތަންމެ މަސައްކަތެއްކުރި ނަމަވެސް އެދެމެދުގައިވި ލޯބި ތޮއިބާގެ ވިސްނުންތޫނު ސިކުނޑި ދެނެގަނެފިއެވެ.
*****
ޝަޔަމްގެ ކޮޓަރީގައި ހިފައިލައިފައިހުރީ މަޑު ގިސްލުމުގެ އަަޑެވެ. ފަނޑުއަލިކަމެއް މުޅި ކޮޓަރިއަށް ފެތުރިފައިވީއިރު އެހަތަރުފާރުވެސް އޭނާގެ ހިތާމައިގައި ބައިވެރިވަމުންދިޔަ ކަހަލައެވެ. ފާއިތުވެދިޔަ ދެތިންދުވަހު އޭނާގެ ހާލަކީ މިއީއެވެ. އެއްވެސްކަމެއް ކުރާހިތްނެތި އަބަދު ހިތާމަކުރުމުގައި މުޅިމީހާގެ ދުވަސްހޭދަކޮށްލަން ބޭނުންވެފައިވާކަހަލައެވެ. ޝަޔަމް އުޅެމުންދިޔަގޮތުން ސައިނާގެ ހިތަށް އަސަރު ކުރިނަމަވެސް ގޮތްދޫކުރަން ޚުދު އޭނާވެސްހުރީ ބޭނުންނުވެފައެވެ. ދުވަސްކޮޅަކު ހިތާމަކުރުމަށްފަހު ޝަޔަމް ހަމައަކަށް އެޅިދާނޭ ސައިނާގެ ހިތް ބުނެއެވެ.
މަދުންވިއަސް ޝަޔަމްއާއި ވާހަކަދެއްކޭ ވަގުތުތަކުގައި ޝަޔަމް ކަމެއް ސިއްރުކުރާހެން ނުހައިކްއަށް ހީވިއެވެ. އަހައި އަހައިވެސް ޝަޔަމްގެ ފަރާތުން ޖަވާބެއް ނުލިބުމުން ނުހައިކްވަނީ މާޔޫސްވެފައެވެ. އެހެންނާ އަބަދުވެސް ޖޯޝާ ފޯރީގައި އޭނާއާއި ވާހަކަދައްކާ ކުއްޖާގެ ފަރާތުން އާދަޔާޚިލާފު މަޑުމައިތިރިކަމެއް ނުހައިކްއަށް އިހުސާސުކުރެވެއެވެ. ބައެއްވަގުތުތަކުގައި ޝަޔަމް ރޯހެންވެސް ނުހައިކްއަށް ހީވެއެވެ. އެހެނަސް ކަމެއްކުރަން އޭނާ ނުކުޅެދިފައިވީ ޝަޔަމްގެ ފުށުން ވެގެންއުޅޭގޮތެއް އޮޅުންނުފިލާތީއެވެ.
“ގޭތެރޭގެ މާހައުލު މިހެން އޮއްވަ އަޒްހަރު ކޮންތާކަށްދާން ތިއުޅެނީ؟” އެނދުމަތީގައި އިނދެ ދަބަހަށް އެއްޗެހިއަޅަމުންދިޔަ އަޒްހަރަަށް ބަލައިލަމުން ހިތްހަމަނުޖެހިފައި ސައިނާ އަހައިލިއެވެ.
“ތާކުން ތާކު ނުޖެހޭ ކަންތައްތަކާ ވިސްނައި ފިކުރުކުރާނެހައި ވަގުތެއް އަހަރެންގެ ނެތް.. މިއުޅެނީ ވިފަޔާރި ދަތުރަކު ލަންޑަނަށް ޖައްސައިލަން.. ވާނީ ކިތައް ދުވަސްކަމެއް ޔަގީންކޮށް ބުނާކަށް ނޭނގެ.. އެހެންވީމަ އަހަރެން އަންނަންދެން ސައިނާވާނެ ޝަޔަމް އުޅޭނޫޅޭގޮތް ބަލަން.. އަހަރެން އައުމުގެ ކުރިން އޭނައަށް ރަނގަޅަށް ވިސްނަދީ..” ސައިނާއަށް ބަލައިލުމެއްނެތި އެއްނޭވައިން އަޒްހަރު ބުނަން ބޭނުންވި އެއްޗެއް ބުނެލުމަށްފަހު ދަބަހުގެ ޒިބުއެޅުވިއެވެ. ކޮޓަރިއަަށް ވެރިވެގެންދިޔަ ހިމޭންކަމުގައި އަޒްހަރު ނުކުމެގެންދިޔަ މަންޒަރުބަލަން ކަންބޮޑުވެފައި ސައިނާ އިނެވެ.
*****
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖެއްސި ފްލައިޓުން ފައިބަމުން ޖީބުގައިއޮތް ފޯނު ނަގައި ފްލައިޓް މޯޑް އަޒްހަރު އޮފް ކޮށްލިއެވެ. އަދި ވަށައިގެން ނަޒަރުހިންގައިލަމުން ފޯނުން ނަމްބަރަކަށް ގުޅައިލުމަށްފަހު ކަންފަތުގައި ފޯނު ޖައްސައިލިއެވެ. އެމީހަކާއި އިރުކޮޅަކު ވާހަކަދައްކަން ހުރުމަށްފަހު މަޑުމަޑުން ހިނގަމުންގޮސް އޭނާ ގެނައި ދަބަސްނަގަމުން އެމީހަކު ބުނި ދިމާއަށް މިސްރާބުޖެހިއެވެ.
ދުރުގައި އޮތް ކާރުގެ ކުރިމަތީގައި ކަޅުކުލައިގެ ކޯޓު ފަޓުލޫނުގައިހުރި މީހަކު ފެނުމުން އަޒްހަރު ހިނގުން އަވަސްކޮށްލިއެވެ. އަޒްހަރު އަރައިހަމަވުމާއެކު އެމީހަކު ސަލާމަށް އަތްދިއްކޮށްލީ އަބަދީއްސުރެވެސް ދަންނަމީހަކު ފަދައިންނެވެ.
“ތޭންކްސް ޖޯން.. މިހައި ކުރު މުއްދަތެއްގެ ތެރޭގަ އަހަރެންބުނި ހުރިހައިކަމެއް ފުރިހަމަކުރީމަ.. މިއަދު ކަލޭގެ ޕޭމަންޓްގެ ބާކީބައި އަހަރެން ޖަމާކޮށްދޭނަން.. އެހަށް ހިނގާ ހޮޓެލްއަށް.. ރާއްޖޭގަ އަހަރެން ހުރިކަން އެއްވެސް މީހަކަށް އެނގޭކަށް ބޭނުމެއްނޫން.. ބާކީ ހުރި ވާހަކަތައް ދައްކާނީ ހޮޓެލަށް ދިއުމަށްފަހު..” ޖޯންގެ ކޮނޑުގައި ޖަހައިލަމުން ސީރިއަސް ރާގަކަށް އަޒްހަރު ބުނެލިއެވެ. އެސިކުނޑީގައި އެނބުރެމުންދަނީ ކޮންފަދަ ޚިޔާލުތަކެއްކަމެއް ބުނެދޭކަށް ނޭނގެއެވެ. އަޒްހަރުގެ މޫނުމަތިން އެއްވެސް އަސަރެއް ފައުޅުނުވާއިރު ޖޯންގެ މޫނުމަތިންވެސް ފައުޅުވަމުންދިޔައީ އެފަދަ ކުލަވަރެކެވެ.
ހޮޓެލްގެ ސޫޓަށް އައިސް ވަންނަމުން އަޒްހަރު އަތުގެ އިޝާރާތުން ފަހަތުން އައުމަށް ޖޯނަށް އަންގައިލިއެވެ. ކިޔަމަންތެރިކަން އަދާކުރަމުން ފަހަތުން ޖޯންވަދެ ކޮޓަރީގެ ދޮރު ލައްޕައިލިއެވެ.
“ކޮބާ އަހަރެން ފަހުން ކުރަންބުނި ކަންތައް ހަމަޖެހިއްޖެތަ؟” ވަކިންހުރި ބޮޑު ސޯފާއެއްގައި އިނށީދެ ހަމަޖެހިލަމުން އަޒްހަރު އަހައިލިއެވެ. އާނއެކޭ ބުނެލަމުން އަޒްހަރު ބޭނުންވާނެ ހުރިހައި ތަފްސީލެއް ޖޯން ކިޔައިދިނެވެ.
“ގުޑް.. އަހަރެންނަށް އޭރުވެސް އެނގޭ ޖޯންއަށް ވާނެކަން.. އެހެންވެ މިކަން ހަވާލުކުރީވެސް.. ތިއަށްވުރެ ފުރިހަމައަށް މިކަން ކުރެވޭނެ އެހެންމީހަކު ނުހުންނާނެކަން ޔަގީން..” ޖޯންގެ ވާހަކަތަކުން ހިތްހަމަޖެހިފައިއިނދެ އަޒްހަރު ތައުރީފުކޮށްލިއެވެ.
“އެހެންވީމަ ހުރިހައިކަމެއް ރެޑީ ދޯ..” ބޮޑާކަމާއެކު ގޮނޑީގައި އަޒްހަރު ލެގިލިއެވެ. ބޯޖަހައިލަމުން ޖޯން އަޒްހަރަށް ބަލައިލިއެވެ. ނުލަފާ ގޮތަކަށް ހިނިއައިސްފައި އަޒްހަރު އިނީ އޭނާގެ ހިތަށް ލިބިފައިވި ބޮޑު ހަމަޖެހުމަކުންނެވެ.
*****
ރޭގަނޑުގެ ހަމަހިމޭން ވަގުތެވެ. ފިހާރައަކުން ސާރާ ނުކުތީ ގެއަށް ބޭނުންވާނެ ބައެއް ސާމާނު ގަނެގެންނެވެ. އޭރު ގަޑިން ވަނީ ދިހައެއްޖަހައި ބޮޑުވެފައެވެ. އަތުގައިހުރި ކޮތަޅުތެރެ ހާވާއި ބަލައިލަމުން ސާރާ ގެއަށް ދިއުމަށްޓަކައި ހިނގައިގަތެވެ. ޖެހެމުންދިޔަ ރޯޅި ބާރުވެ އޭގައި ތެތްފިނިކަމެއްހުރިހެން އިހުސާސުވެ ސާރާ އުޑުމައްޗާއި ދިމާއަށް ނަޒަރު ހުއްޓައިލިއެވެ. އުޑުމަތި ބައްދަމުންދިޔަ ބޯކަޅު ވިލާތައްފެނި ސާރާ ހިނގުން ބާރުކޮށްލިއެވެ. މަގުގެ ދެފަރާތް ބަލައިލަމުން މަގު ހުރަސްކޮށްލުމަށްފަހު ގެ ހުންނަ ހަނި ގޯޅިއަށް ސާރާ ވަނެވެ. ގޯޅި ތެރެއަށް ފެތުރިފައިވީ ފަނޑު އަލިކަމެކެވެ. ވާރޭ އޮއްސައިނުގަންނަނީސް ގެއާއި ހިސާބަށް އާދެވުމުން ހިތްހަމަޖެހިފައި ސާރާ ހިނގުން މަޑުކޮށްލިއެވެ. އެއްވެސް މީހެއްގެ ހިލަމެއް ގޯޅިތެރޭގައި ނުވާއިރު އޭނާގެ ހަރަކާތްތަކަށް ބަޔަކު ފާރަވެރިވަމުންދިޔަކަމެއް ސާރާ ނުދެނަހުއްޓެވެ.
ގެއާއި ހިސާބަށް އެރިތަނުން ކުއްލިއަކަށް އައި ނައިތަނެއް ނޭނގި ފަހަތުން މީހަކު އައިސް އޭނާގެ އަނގަމަތީގައި ފޮތިގަނޑެއް އަޅަމުން ގެއާއި ދުރަށް އޭނާ ދަމައިގަތެވެ. ލިބުނު ސިހުމާއެކު ހަޅޭއްލަވައިގަންނަމުން އެމީހެއްގެ އަތްދަށުން ސަލާމަތްވުމަށް ސާރާ ތެޅިފޮޅިގަތެވެ. އަތުގައިއޮތް ކޮތަޅު ތިރިއަށް ވެއްޓުނުއިރު ސާރާގެ އަޑުވެސް ހިނދިގެންދިޔައީއެވެ.
އެމީހުންގެ ގާތަށް އައިސް މަޑުކޮށްލި ވޭންގެ ދޮރު ކަހަައިލަމުން ޖާނުން ވަރުގަދަ ދެފިރިހެނުން އޭގެއިން ފައިބައި ސާރާ އުފުލައިލައިގެން ގެންގޮސް ވޭނުގެ ފަހަތަށް އަރުވަމުން ދޮރު ލައްޕައިލިއެވެ. އެއާއެކު އޭގެ ތެރޭގައި އިން އެހެން މީހަކު ސާރާގެ ދެފަޔާއި އަތް ފޮތިގަނޑަކުން ބަންނަމުން އަނގަމަތީގައިވެސް ފޮތިގަނޑެއް އައްސައި ބާރުކޮށްލިއެވެ. އެއިން އެއްވެސް މީހެއްގެ ކުޑަވެސް ރަހުމެއް ނެތް ފަދައެވެ.
ވާނުވާ ނޭނގި ސީޓު މައްޗަށް ވެއްޓިފައިއޮތް ސާރާ ސަލާމަތަށް އެދި ހަޅޭލަވައި އާދޭސްކުރަން ބޭނުންވިއެވެ. އެހެނަސް އޭނާގެ އަޑު ބޭރުވާގޮތެއްނުވިއެވެ. އެތަށް ހިތްވަރެއްކުރަމުންދިޔަ ސާރާ ބިރުންގޮސް ރޫރޫ އަޅަމުންދިޔައިރު އެދެލޮލުން ހުއްޓުމެއްނެތި ކަރުނަ އޮހޮރެމުންދިޔައެވެ. ސީޓުމަތީގައި ތެޅިތެޅި އެތައްއިރަކު އޮތުމަށްފަހު އެންމެފަހުން ހަށިގަނޑުގެ ވަރުދޫވެ ޚަބަރުހުސްވެގެން އޭނާގެ ދެލޯ މެރުނެވެ. އޭރުވެސް ސާރާގެ ހިތް ނެގިނެގިފައި ޖެހެމުންދިޔައީ ވާންމިއުޅެނީ ކިހިނެއްކަން ނޭނގޭހާލުއެވެ.
*****
އޮފީހުގައި މަސައްކަތް ބުރަކަމުން މިހާރަކަށް އައިސް ނުހައިކްއަށް ގެއަށްދެވޭއިރު ގިނަ ދުވަސްދުވަހު ހުންނަނީ ރޭގަނޑު އެގާރަޖަހަން ގާތްވެފައެވެ. މިރޭވެސް އޭނާ މަސައްކަތުގައި މަޝްއޫލުވެފައި އެކަނިމައި އެކަނި އޮފީހުގައި އިނެވެ. ޝަޔަމް އެނބުރި އައުމުގެކުރިން ހަވާލުވެވިފައިހުރި ހުރިހައި މަސައްކަތެއްކޮށް ނިންމާލަން ނުހައިކް ބޭނުންވެއެވެ.
ޝަޔަމްގެ ޚިޔާލުތައް ސިކުނޑިއަށް ވެރިވުމާއެކު އެހިތް ރޯލިއެވެ. ކޮންމެވެސް ބޮޑު ހިތާމައެއް ޝަޔަމް ކުރަމުންދާހެން އޭނާއަށް ހީވަނީއެވެ. އެހެނަސް އުޅެއުޅެވެސް އެއިން އެއްވެސް ކަމެއް ޝަޔަމްގެ ފުށުން އޮޅުންފިލާގޮތްނުވުމުން ނުހައިކްވަނީ ގޮތްހުސްވެ މާޔޫސްވެފައެވެ. ލެޕްޓޮޕްގެ ސްކްރީނުން ނަޒަރު ވަކިވެ އެއްދިމާއަކަށް ގެއްލިފައި ޝަޔަމްގެ ޚިޔާލުގައި ނުހައިކްއަށް އިނދެވުނެވެ. އިރުކޮޅަކު އެހެން އިނުމަށްފަހު ފުންނޭވާއެއްލަމުން އެނބުރި ކުރަންހުރި މަސައްކަތަށް ނުހައިކް ރުޖޫއަވީވަތުގު މޭޒުމަތީގައިއޮތް ފޯނު ރިންގްވާން ފެށިއެވެ. ނިތަށް ރޫއަރުވައިލަމުން ފޯނު ނަގައި ނުހައިކް ބަލައިލިއެވެ. އެފަދަ ވަގުތެއްގައި އޭނާއަށް ގުޅާނެ މީހަކު ނުހުންނާނެކަން ޔަގީނާ ގާތަށް ނުހައިކްއަށް އެނގެއެވެ. ސްކްރީނަށް އަރައިފައިވި ނުދަންނަ ނަމްބަރުފެނި ފަރުވާކުޑަ ގޮތަކަށް އަލުން ފޯނު މޭޒުމަތީގައި ބާއްވައިލިއެވެ.
ތަކުރާރުކޮށް އެނަމްބަރުން ގުޅަންފެށުމުން ބޮލަށް އުނދަގޫވެ އެންމެފަހުން ނުހައިކް ފޯނު ނަގައި ކަންފަތުގައި ޖަހައިލަމުން ހަލޯއޭ ބުނެލިއެވެ. އެއަޑުގައި ހިތްހަމަނުޖެހުން އެކުލެވިފައިވިއެވެ.
އެކޮޅުން ވާހަކަދެއްކި މީހަކު ބުނި އެެއްޗަކުން ދެލޯބޮޑުކޮށްލަމުން އިންތަނުން ފުންމައިގެން ނުހައިކްއަށް ތެދުވެވުނެވެ. އޭރު ކަންބޮޑުވުމާއި ހާސްކަން އެމޫނުމަތިން ފައުޅުވަމުންދިޔައެވެ.
“އާދޭސްކުރަން.. އަހަރެންގެ މަންމައަށް ދެރަގޮތެއް ނުހަދާތި.. ކަލޭމެންބުނި ކޮންމެ ކަމެއް އަހަރެން ކޮށްފާނަން.. އަހަރެންގެ މަންމަ ދޫކޮށްލާ..” ހާސްވެގެންގޮސް ކުރެވޭ ނުކުރެވޭ ކަމެއްވެސް ނުހައިކްއަށް އިހުސާސުނުވެއެވެ. ހުއްޓުމެއްނެތި އެމީހެއްގެ ކިބައިން އެދެމުންދިޔައީ ސާރާއަށް ދެރަގޮތެއް ނުހެދުމަށެވެ.
“ކަލޭގެ މަންމަ ސަލާމަތްވާނެ އޮތީ އެންމެ ގޮތެއް… އަހަރެން މިބުނާ ގޮތަކަށް ކަންތައްކުރޭ.. ތިއޮފީހުގެ ކުރިމަތީގައި އޮންނާނެ ކަޅު ކުލައިގެ ކާރެއް.. އެޔަށް އަރާ.. އޭރަށް އަހަރެން މިހުރި ހިސާބަކަށް ކަލޭ ގެނެސްދޭނެ.. ހަނދާންކުރާތި.. މިއިން އެއްވެސްކަމެއް ޕޮލިހަށް އަންގައިފިނަމަ ނުރައްކާވާނީ ހަމަ ކަލޭގެ މަންމައަށް.. ކަލޭގެ ކޮންމެ ހަރަކާތަކަށް ފާރަވެރިވާނެ މީހުން އެބަތިބި.. އެހެންވީމަ ކަމެއްކުރުމުގެ ކުރިން ރަނގަޅަށް ވިސްނާތި.. އަވަސްކުރޭ.. އަހަރެންގެ އަތުގަ އެހައި ގިނަ ވަގުތެއްނެތް..” އެކޮޅުން އިވެމުންދިޔަ ބަރު އަޑުގެ ވެރިޔާ އިންޒާރެއް ދޭފަދައިން ބުނެލިއެވެ.
ނުހައިކްއަށް ހުރެވުނު ތަންވެސް ނޭނގުނެވެ. އެމީހަކު އޭނާގެ ފަރާތުން ބޭނުންވަނީ ކޮންކަމެއްބާވައެވެ؟ އޭނާއާއި އޭނާގެ މަންމައަކީވެސް އެއްވެސް މީހަކާއި ދުޝްމިންކަމެއް އޮންނަ ބައެއްނޫނެވެ. ދެން އެވަރުގެ ކަމެއް ކުރާނެ މީހަކާއި ކުރަންވީ ސަބަބެއްވެސް ނުހައިކް އަކަށް ނުވިސްނުނެވެ.
މޭޒުމަތީގަައި ހުރި އެއްޗެއް އެހުރިގޮތަކަށް ބެހެއްޓުމަށްފަހު އަވަސްއަރުވައިލައިފައި ނުހައިކް އޮފީހުން ނުކުތުމަށް ދުއްވައިގަތެވެ. ހާސްވެކަންބޮޑުވެފައި ހުރިވަރުން އެއްވެސް އެއްޗެއް އޭނާގެ ސިކުނޑިއަކަށް ނުވިސްނެއެވެ. ހިތްނެގިނެގިފައި ޖެހެމުންދިޔައިރު ސާރާގެ ސަލާމަތަށްއެދި ތަކުރާރުކޮށް އޭނާއަށް ދުޢާކުރެވެމުންދިޔައެވެ. އޮފީހުން ނުކުމެ ރަނގަޅަށް ދޮރު ތަޅުލުމަށްފަހު ހަލުވި ހިނގުމެއްގައި ނުހައިކް އައިސް މަގުމައްޗަށްވާގޮތަށް ހުއްޓިލިއެވެ. އޭރު އެމަގުގެ އަނެއްފަރާތުގައި ކަޅުކުލައިގެ ކާރެއް ޕާރކްކޮށްލައިފައި އޮތެވެ. މޫނުމަތީގައިވި ދާތިކިތަށް އަތުން ފުހެލަމުން ނުހައިކް އެކާރާއި ދިމާއަށް ހިނގައިގަތެވެ. އޭނާއަށް އެހިސާބަށް ނާދެވެނީސް ކާރުން މީހަކުފައިބައި ކާރުގެ ފަހަތު ސީޓު ދޮރު ހުޅުވައިލިއެވެ. ހިންދިރުވައިލަމުން ނުހައިކް ކާރަށް އައިސް އެރުމާއެކު އެމީހަކު ނުހައިކް އާއި ޖެހިގެން އަރައި ކަޅުފޮތިކޮޅަކުން ނުހައިކްގެ ދެލޯ ފޮރުވައިލިއެވެ. ހަރަކާތެއްވެސްކޮށްލަން ނުކެރިފައި ނުހައިކް އިނީ އޭނާއަށްކޮށްލެވޭ ކުޑަކުޑަކަމަކުންވެސް އޭނާގެ ލޯބިވާ މަންމަގެ ފުރާނައަށް ގެއްލުމެއްވެދާނޭ ހީވާތީއެވެ.
ލޯމަތީ ފޮތިކޮޅު ބަނދެލުމާއެކު ނުހައިކްއަށް ހިންދިރުވައިލެވުނެވެ. ވާންމިއުޅެނީ ކިހިނެއްނޭނގި އޭނާއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. ގޮނޑީގައި ހަމަޖެހިލުމާއެކު ކާރު ދުއްވައިލިކަމުގެ އިހުސާސު އޭނާއަށް ކުރެވުނެވެ. ކެތްތެރިކަމެއްނެތި ވަގުތު ގުނައިލަ ގުނައިލައި ނުހައިކްއަށް އިނދެވުނެވެ.
ކާރުގެ ދުވެލި މަަޑުކޮށްލުމާއެކު މީހަކު އޭނާގެ އަތުގައި ހިފައި ކާރުން ފެއިބުމަށް އެހީވިއެވެ. ދެއަތްގެނެސް ފަހަތުން ހިފަހައްޓައިލަމުން ފަހަތުން ކޮށްޕަމުން ގެންގޮސް ތަނެއްގެ ތެރެއަށް ވެއްދިއެވެ. އެއްވެސްތަނެއް ނުފެންނާތީ އާދެވިފައިހުރީ ކޮންހިސާބެއްގެ ކޮންތަނަކަށް ކަމެއް ބުނެދޭކަށް ނުހައިކް އަކަށް ނޭނގެއެވެ.
ވަކި ހިސާބަކަށް އައުމަށްފަހު ނުހައިކްގެ ލޮލުގައި އައްސައިފައިވާ ފޮތިކޮޅު އެމީހަކު މޮހެލިއެވެ. ލޯތަޅުވައިލަމުން އުނދަގޫގޮތަކަށް ނުހައިކް ދެލޯހުޅުވައިލިއެވެ. ވަށައިގެން ނަޒަރު ހިންގައިލުމާއެކު އެއީ އަލަށް ހަދަން ފަށައިފައިވާ ކޮންމެވެސް އިމާރާތެއްކަން އޭނާއަށް އެނގުނެވެ. މަސައްކަތުގެ އެކިއެކި ސާމާނު އެކިދިމާލުގައި ބަހައްޓައިފައި ހުއްޓެވެ. މުޅިތަނަށްވެސް ފެތުރިފައިވީ ފަނޑުފަނޑު އަލިކަމެކެވެ.
ހުއްޓުންއަރައިފައިހުރި ނުހައިކްގެ ދެއަތްގެނެސް ފުރަގަހަށްލަމުން އެމީހަކު އަނެއްކާވެސް ނުހައިކް ކޮށްޕަމުން ކުރިއަަށްގެންދަން ފެށިއެވެ. އެމީހެއްގެ ގާތުގައި ވައަތް ފަރާތަށް ވާގޮތަށް އެހެން މީހަކުވެސް ހުއްޓެވެ. ހަނި ގޯޅިގަނޑެއްގެ ތެރެއިން ގެންގޮސް ބިއްދޮށުގައި ހުރި ކޮޓަރިގަނޑެއްކަހަލަ ތަނަކަށް އެމީހުން ވަނެވެ. މުޅި އެތަނުގައިވެސްވީ އެހެންދިމަދިމާލެކޭ އެއްފަދައިން ފަނޑު އަލިކަމެކެވެ.
ކޮޓަރީގެ މެދެއްހައި ހިސާބުގައި ބޮޑު ގޮނޑިއެއްގައި އިނށީދެއިން މީހާ ނުހައިކްގެ ލޮލުގައި އަޅައިގަތެވެ. އޭގެ ތަންކޮޅެއް ފަހަތުގައި ހުރި ގޮނޑިއެއްގައި ބަނދެފައިއިން ސާރާއަށް ނުހައިކްގެ ދެލޯހުއްޓުމާއެކު އޭނާއަށް އެދިމާއަށް ދެވެން އުޅުނެވެ. ސާރާގެ ދެލޯކުޑަކޮށް ހުޅުވިފައިވުމުން އެތަނުގައި ހިނގަމުންދިޔަ ކަންތައްތައް އޭނާއަށް ކޮންމެވެސް ވަރަކަށް ފެންނަމުންދިޔައެވެ. އަނގަމަތީގައިވެސް ބޮޑު ފޮތިގަނޑެއް އައްސައިފައިހުރިއިރު އޭނޭ ގާތުގައި ދެފަރާތުގައި ދެފިރިހެނުން ހުއްޓިތިއްބެވެ. ރޮއެރޮއެ ދެލޯ ދުޅަވެފައިވުމުން ދެލޮލުގައިވެސް ރިއްސަމުންދިޔައީ އޭނާއަށް ކެތްނުވާވަރަށެވެ.
ނުހައިކްގެ ފަހަތުގައިހުރި މީހާ އޭނާގެ ބުރަކަށީގައި އަޅައި ކޮށްޕައިލުމާއެކު އެދިޔަބާރުމިނުގައި އޭނާގޮސް ޖެހުނީ ގޮނޑީގައި އިނށީދެއިން ފިރިހެންމީހާގެ ފައިބުޑަށެވެ. އެއާއެކު އެތަނުގައި އެމީހެއްގެ މަލާމާތުގެ ހުނުމުގެ އަޑު ގުގުމައިގެންދިޔައެވެ. އެމަންޒަރުފެނި ސާރާއަށް ވޭނުންފުރިގެންވާފަދަ ގޮތަކަށް ދެލޯމަރައި ބާރުކޮށްލެވުނެވެ.
“ނުހައިކް..” އިސްޖެހިފައިއިން ނުހައިކްގެ ދަތްދޮޅީގައި ހިފައި އިސްއުފުލައިލަމުން އެމީހަކު ގޮވައިލިއެވެ. ނިތަށް ރޫއަރުވައިލަމުން ނުހައިކް އޭނާގެ އަތް ފޮޅުވައިލިއެވެ.
“ތިހާ ގަދަ ބާރުދައްކަން މިތާނގައި ނޫޅެއްޗޭ.. ހަމަ ގެއްލުންވާނީ ކަލެއަށް..” ޗުސް ތަޅައިލަމުން އޭނާ ބުނެލިއެވެ.
“ކަލޭ ތީ ކާކު؟ ކޮންކަމެއް ބޭނުންވެގެން ތިއުޅެނީ؟” އެއިންގޮތަށް އިނދެ ނުހައިކް އަހައިލިއެވެ. އެއާއެކު އެމީހެއްގެ ބާރު ހުނުމުގެ އަޑު އިވިގެންދިޔައެވެ.
“އަހަރެން ބޭނުންވާ ކަންތައް ވަރަށް ސާފު.. އިތުރަށް ވާހަކަ ދިގުކުރާކަށް އަހަރެން ނެތިން.. އަހަރެން ބޭނުންވަނީ ކަލެއާ ޝަޔަމްއާ ދެމެދު އޮތް ލޯބީގެ ގުޅުން މިހާރުން މިހާރަށް ކަނޑައިލަން.. ކަލެއާ ޝަޔަމް ދުރުވާން..” ނިތްއަރުވައިލަމުން ސާފު އިނގިރޭސިބަހުން އެމީހަކު ބުނެލިއެވެ. ހައިބަވަންތަކަން އޭނާގެ ކިބައިން ފައުޅުވަމުންދިޔައެވެ. އެއްޗެއް ނުބުނެ އިރުކޮޅަކު ހައިރާންވެފައި ނުހައިކްއަށް އިނދެވުނެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އޭނާ ވަށައިލި ގަދަ ރުޅިވެރިކަމާއަކު ކަޅިއަޅައިލަމުން އިންތަނުން ތެދުވަން ނުހައިކް އުޅެގަތެވެ. ވަގުތުން އޭނާގެ ގާތުގައިހުރި މީހާ ނުހައިކްގެ ކޮނޑުގައިހިފައި ތިރިއަށް ކޮށްޕައިލިއެވެ. އަނގަވަތަށް ނުހައިކް ޖެހުމާއެކު އަނެއްކާވެސް އެމީހަކު ހީގަތެވެ.
“ތިހާ ފަސޭހައިން މިތަނުން ސަލާމަތެއް ނުވެވޭނެ..” ހިނިއައިސްފައި އެމީހަކު ވާހަކަދެއްކިއެވެ.
“ކަލޭތީ ކާކުހޭ؟ އަހަރެންނާ ޝަޔަމް ދުރުކުރުވަން ކަލެއަށް އޮތީ ކޮންހައްގެއް..؟” ދަތްކުނޑިވިކައިލަމުން ނުހައިކް ހަޅޭއްލަވައިގަތެވެ. ނުހައިކްގެ ރާގުން އެމީހެއްގެ މޫނުމައްޗަަށްވެސް ރުޅިވެރިކަން ވެރިވެގެންދިޔައެވެ. ނުހައިކްގެ އަނގައިގައި ހިފައި އޭނާ ބާރަށް ފިތައިލިއެވެ.
“އަހަރެންގެ ނަމަކީ އަޒްހަރު.. ޝަޔަމް އެއީ އަހަރެންގެ ދަރިއެއް.. ޝަޔަމް.. އަޒްހަރު.. އެނގިއްޖެތަ؟ އަހަރެންގެ ދަރިއެއްގެ މައްޗަށް ބަސްކިޔަން އަހަރެންނަށްއޮތީ ކޮންހައްގެއްހޭ އަހަން ކަލޭތީ ކާކުތަ؟ މޮޔަ ކުއްޖާގަނޑު.. ދެންވެސް އަހަރެންގެ އަތްދަށުން ކަލެއާ ކަލޭގެ އެހުރި މަންމަގަނޑު ސަލާމަތްކުރަން ބޭނުންވަންޏާ އަހަރެން މިބުނާގޮތަކަށް ކަންތައްކުރޭ..” އަޒްހަރުގެ ބާރު އަޑު ގުގުމައިގެންދިޔައިރު އިވުނު ވާހަކަތަކުން ބުނާނެ އެއްޗެއް ނުވިސްނި ގަނޑުވެފައި ނުހައިކްއަށް އިނދެވުނީއެވެ. ނުހައިކްގެ މޫނު ފަރާތަކަށް އަނބުރައިލަމުން އަޒްހަރު އޭނާގެ އަނގައިން ދޫކޮށްލިއެވެ. އަޒްހަރު ފިތައިލި ހިސާބަށް ވީތަދާއެކު ނުހައިކްއަށް އެތަނުގައި އަތުން ފިރުމައިލެވުނެވެ.
މަޑުމަޑުން ނުހައިކްގެ ނަޒަރު ގޮނޑީގައި ރޮވިފައި އޭނާ އާއި ދިމާއަށް ބަލަހައްޓައިގެންއިން ސާރާއަށް ހުއްޓުނެވެ. އެތަށް ޒަމާނަކަށްފަހު އެދެލޮލުން އެފަދަގޮތަކަށް ކަރުނަ ފައިބާތަން ފެނުމުން ނުހައިކްގެ ހިތުގައި ޖެހުނުވެ. އެއްވެސް އިޚުތިޔާރެއްނެތި އެދެލޮލުންވެސް ކަރުނަ އޮހިގަތެވެ. ލަސްލަހުން ދެފަރާތަށް ބޯހޫރުވައިލުމަށް ސާރާ މަސައްކަތްކުރިއެވެ. މަޑުއާހެއް ނުހައިކްގެ އަނގައިން ބޭރުވުމާއެކު ތުންފިއްތައިލަމުން އޭނާއަށް އިސްޖަހައިލެވުނެވެ. ސާރާ ރޯމަންޒަރުބަލަން އޭނާއަށް ކެތްނުވީއެވެ. އަޒްހަރުގެ ވިހަ ޖުމުލަތަކުން ނުހައިކްގެ ހިތް ތޮރުފެމުންދިޔައިރު އޭނާގެ ސިކުނޑިއަށްވެސް ބާރުކުރަމުންދިޔައެވެ.
“ކަލެއަށް އޮތީ އެންމެ ދެގޮތް.. ކަލޭގެ މަންމަ ނޫނީ ޝަޔަމް.. ވިސްނާފަ މިވަގުތު ގޮތެއް ނިންމާ.. ކަލޭގެ އެންމެ ނިންމުމަކުންވެސް ކަލޭގެ މަންމަގެ ދުވަސް ހިނގައިދާނެކަން ހަނދާންކުރައްޗޭ…” ބޮޑާ ގޮތަކަށް ގޮނޑީގައި ލެގިލަމުން ގޮނޑީގެ އަތްގަނޑުގައި އަޒްހަރު އަތުގެ އިނގިލިތަކުން ކުޑަކޮށް ތަޅައިލިއެވެ. އެވަގުތު ސާރާގެ އެއްފަރާތުގައިހުރި ދެމީހުންކުރެ އެކަކު ތޫނު ވަޅިއެއްނަގައި އަތަށް ހެޔޮވަރުކޮށްލިތަން ނުހައިކްގެ ލޮލުގައި އަޅަައިގަތެވެ.
“މަންމަ.. އަހަރެން ބޭނުމީ އަހަރެންގެ މަންމަ.. ހެޔޮނުވާނެ.. މަންމަ ދޫކޮށްލާ.. އަހަރެން ކަލޭމެންބުނި ކޮންމެކަމެއްވެސް ކޮށްފާނަން..” ތެޅިގަނެފައި އަވަސް އަވަހަށް ނުހައިކް ބުނެލިއެވެ. އެދެލޮލުން ހުސްވުމެއްނެތި ކަރުނައިގެ ކޯރެއް ފައިބަމުންދިޔައިރު އެހިތުގައި ވަނީ ތޫނު ތަދެއް އުފެދިފައެވެ. ހަޔާތުގައި އެންމެ ފުރަތަމަ ވެވުނު ލޯބިވެސް ބީވަނީހެއްޔެވެ؟ ކޮންފަދަ ބޮޑު ހިތްދަތިކަމެއްހެއްޔެވެ؟ އެހެނަސް ކުރެވޭނެ އިތުރުކަމެއް ނެތެވެ. ގޮތްހުސްވެފައިވާ މީހަކުފަދައިން ނޭފަތް ދަމައިލަމުން ނުހައިކްއަށް ސާރާއަށް ބަލަހައްޓައިގެން އިނދެވުނެވެ.
“ގުޑް ޗޮއިސް ބޯއި..” ނުލަފާ ހިނިގަނޑަކާއެކު އަޒްހަރު ބޯތަޅުވައިލިއެވެ. އޭނާގެ ޕްލޭން އެހައި ކާމިޔާބުކަމާއެކު ފުރިހަމަވެދާނޭ އޭނާ ހިއެއްނުކުރެއެވެ. ނަމަވެސް އަޒްހަރު ހުރީ އެއްއިރަކުވެސް ގޮތްދޫކުރާގޮތަކަށް ނޫނެވެ. އެއްގޮތުން ނޫނިއްޔާ އަނެއްގޮތަކުންވެސް ނުހައިކް އާއި ޝަޔަމް ދުރުކުރުވަން އޭނާ ބޭނުންވެއެވެ.
އިތުރުއެއްޗެކޭ ބުނަން އަަޒްހަރު އަނގަހުޅުވައިލި ވަގުތު ޖީބުގައިއޮތް ފޯނު ރިންގްވާންފެށުމުން އެނަގައި ބަލައިލިއިރު ވައިބަރ މެދުވެރިކޮށް ގުޅަމުންދިޔައީ ސައިނާއެވެ. ފޯނު ބިޒީކޮށްލުމާއެކު އަނެއްކާވެސް ސައިނާ ގުޅަންފެށިއެވެ. ހިތްހަމަނުޖެހިފައި އަޒްހަރު ސައިނާގެ ކޯލަށް ޖަވާބުދިނެވެ. ހަލޯއޭ ބުނެލުމާއެކު އިވިގެންދިޔައީ ސައިނާގެ ހާސްވެފައިވީ އަޑެވެ.
“އަޒްހަރު.. ފޯނަށް ކިހިނެއް ހަދައިގެންތަ ތިއުޅެނީ؟ އަޒްހަރުގެ ފޯނަކަށް ނުއެއްގުޅޭ.. ވައިބަރ އިން މިގުޅީވެސް އިތުރުގޮތެއް ނުވިސްނިގެން..” ހާސްވެފައި ސައިނާ ވާހަކަ ދެއްކިއެވެ.
“ކިހިނެއްތަވީ އެވަރަކުން ނުގުޅިގެން ތިއުޅެނީ..؟” ނުހައިކްއަށް ނަޒަރެއްދެމުން އަޒްހަރު އަހައިލިއެވެ. ސައިނާގެ ސުވާލުތަކަށް ޖަވާބުދިނުމުގެ އެއްވެސް ޝައުގެއް އޭނާގެ ނެތްފަދައެވެ.
“އަޒް… އަޒްހަރު.. ޝަޔަމް.. ޝަޔަމް ރާއްޖެއަށްދާން ފުރައިފި..” ކަންބޮޑުވެފައި ވެގެންއުޅޭގޮތް ސައިނާ ބުނެލިއެވެ.
“ވަޓް؟ ކީކޭ؟ ޝަޔަމް ފުރިއްޔޭ.. މިހައި ކުޑަދުވަސްކޮޅަކަށްވެސް ސައިނާއަށް އޭނަ ނުބެލެހެއްޓުނު ދޯ..” ގޮނޑީގެ އަތްގަނޑުގައި އަޒްހަރު ބާރަށް ގޮށްމުށުން ޖަހައިލިއެވެ.
“އަޒްހަރު ހަމަޖެހިބަލަ.. އޭނާ ދިޔައީ އަހަރެންނަށްވެސް ނޭނގި.. ސިއްރުން.. ވިޔަފާރިއެއްކޮށްލަން އަހަރެން ބޭރަށް ގޮއްސަ އައި އިރު ގެއަކު ނެތް.. ކޮޓަރީގެ ޑްރެސިންގް ޓޭބަލް މަތީ އޮތީ ކުޑަ ނޯޓެއް.. ވަރަށް އަވަހަށް ރާއްޖެދާން ޖެހިގެން ދިޔައީކަމަށް..” ކަންތައްވީގޮތް ތަންކޮޅެއް ތަފްސީލުކޮށް ސައިނާ ކިޔައިދިނެވެ. ސައިނާގެ ވާހަކަތައް އަޑުއަހަންއިން އަޒްހަރުގެ ސިކުނޑިއަށް ކުއްލިއަކަށް ވެރިވި ޚިޔާލަކުން އޭނާއަށް ބޭއިޚުތިޔާރުގައި ހިނިތުންވެލެވުނެވެ. ސައިނާ ގާތުގައި ކަންބޮޑުނުވުމަށާއި އޭނާ އެކަން އެބަ ބަލަންކަމަށްބުނެ އަޒްހަރު ފޯނު ބޭއްވިއެވެ. އަދި ނުލަފާ ގޮތަކަށް ނުހައިކްއަށް ބަލައިލިއެވެ.
“މާރަނގަޅަކަށްނު މިވީ.. ޝަޔަމް އެބައާދޭ މިކޮޅަށް.. އެހެންވީމަ ނުހައިކްގެ މަސައްކަތްވެސް ލުއި ވީނު..” ސީދާ ނުހައިކްގެ ދެލޮލަށް ބަލަންއިނދެ އަޒްހަރު ބުނެލިއެވެ. އެބަސްތަކުން ނުހައިކްގެ ހިތުގައިވި ރިހުން އިތުރުކުރުވިއެވެ.
“ސޯ.. ކުޑަކުޑަ ބަދަލެއް އެބަ ގެންނަންޖެހޭ.. ނުހައިކް ޝަޔަމްއާ ގޮތް ގުޅުން ކަނޑައިލަންދެން ސާރާ ހުންނާނީ އަހަރުމެންގެ ބެލުމުގެދަށުގަ..” އަޒްހަރުގެ ވާހަކަ ފުރިހަމަނުވަނީސް ނޫނެކޭ ކިޔައި ބާރަށް ނުހައިކްއަށް ހަޅޭއްލަވައިގަނެވުނެވެ. އެއާއެކު އަޒްހަރު ނިތްއަރުވައިލަމުން ނުހައިކްއަށް ބަލައިލިއެވެ. އަތުގައި އޮތް ޕޯޓަބަލް ރައުޓަރއިން އަތްމަތީގައި ކުޑަކޮށް ތަޅައިލަމުން އަޒްހަރު ލޯހިމަކޮށްލިއެވެ.
“އަހަރެންގެ މަންމަ ދޫކޮށްލާ.. އަހަރެން މިބުނީނު ކަލޭ ބޭނުންވާ ކަންތައް ކުރާނަމޭ..” ދަތްކުނޑި ވިކައިލަމުން ރުޅިގަދަވެފައި ނުހައިކް ބުނެލިއެވެ. އަޒްހަރުގެ ހިތުގައި ރަހުމުގެ ކަންފުޅެއްވެސް ނެތީބާވައޭ ނުހައިކްގެ ހިތަށް އެރިއެވެ. ވަރުދެރަވެފައި ގޮނޑީގައި އިން ސާރާގެ ހާލުފެނި ނުހައިކްގެ ހިތް ގިސްލައިރޮމުންދިޔައިރުވެސް އެހަރުހިތުގެ ވެރިޔާއަށް އެއްވެސް އަސަރެއްނުކުރާކަހަލައެވެ.
“އަހަރެންނަށް ކޮންޔަގީންކަމެއް އޮތީ ކަލޭ އެކަން ކުރާނެކަމުގެ..؟ ކަންތައްކުރަންވީ ގޮތް އެނގޭނީ ކަލެއަކަށްނޫން.. އަހަރެންނަށް.. ބާރު އޮތީ އަހަރެންގެ އަތްމަތީ.. އެހެންވީމަ އެގޮތަށް ފައިނަލްވީ.. ކަލޭ އެގުޅުން ކަނޑައިލަންދެން ކަލޭގެ މަންމަ ހުންނާނީ އަހަރެން ގާތުގަ.. އަވަހަށް މަންމަ ސަލާމަތްކުރަން ބޭނުންވާނަމަ މިކަން އަވަހަށް ކޮށް ނިންމާލަންވީ.. އެހެންނޫނަސް ގުޅުމެއް ކަނޑައިލުމަކީ މާ އުނދަގޫކަމެއްވެސް ނޫނެއްނު.. އެއްދުވަހުންވެސް އެކަން ނިންމައިލެވިދާނެ.. އަހަރެންނަށް ޔަގީން އާދެވުނުހައި އަވަހަށް ޝަޔަމް ކަލެއަށް ގުޅާނެކަން.. އެކަމަކު ހަނދާންކުރާތި.. މިއިން އެއްވެސްކަމެއް ޝަޔަމްއަށް އެނގިގެންނުވާނެ.. އަހަރެންނަށް މިގޮތަށް ކަންތައްކުރަން މަޖުބޫރުވީވެސް އޭނާގެ ސަބަބުން.. އަހަރެން ބުނިގޮތް ހަދައި އަހަރެންނަށް ކަމުދާ މީހަކާއި އިންނަން އެއްބަސްވިނަމަ މިހުރިހައި ހަޑިއެއްހާވާކަށް އަހަރެންނަކަށް ނުޖެހުނީސް.. ހަނދާންކުރާތި.. ކަލޭގެ މަސައްކަތް ފުރިހަމަވަންދެން ްއަހަރެންގެ މީހުން ކަލެއަށް ފާރަލާނެ.. އެހެންވީމަ ވިސްނައިނުލާ އެއްވެސް މޮޔަކަމެއް ނުކުރާތި.. އަހަރެން މިބުނި ވާހަކަތައް ސާފުވެއްޖެތަ؟” އަނެއްކާވެސް ނުހައިކްގެ އަނގައަށް ފިތައިލައިގެން އިނދެ އަޒްހަރު އަޑުހަރުކޮށް ބުނެލިއެވެ.
އަޒްހަރުގެ އެވާހަކަތަކުން ނުހައިކްގެ ހިތުން ލޭކަރުނަ އޮހޮރުވައިލިއެވެ. ސާރާއަށްޓަކައި އޭނާ ކޮންމެދަފަ ގުރުބާނީއެއްވެސް ވެދާނެކަން އޭނާގެ ވެރިރައްބު ދެނެވޮޑިގެންވާނެކަން ކަށަވަރެވެ. އެމަންމައަށް ކުޑަވެސް ގެއްލުމެއްވާކަށް އޭނާގެ ހިތެއް ނުރުހެއެވެ. ގިސްގެއަޑު ބޭރުވެދާނެތީ ނުހައިކް ބާރަށް ދެތުންފަތް ފިއްތައިލިއެވެ. އަދި ފުންނޭވާއެއް ދޫކޮށްލަމުން މަޑުމަޑުން ބޯޖަހައިލިއެވެ. ކޮންމެކަމެއް ކުރި ނަމަވެސް އެވަގުތު އޭނާއަށް އަޒްހަރުގެ ކިބައިން ސަލާމަތް ނުވެވޭނެކަން އޭނާއަށް އެނގެއެވެ. ސާރާއަށް ބަލައިލަމުން ނުހައިކް ލޮލުން އޮހޮރެމުންދިޔަ ކަރުނަތައް އަތުގެ ނުފުށުން ފުހެލިއެވެ.
“މަންމާ.. އަހަރެން.. މިނުލަފާ މީހުންގެ ކިބައިން އިރާދަކުރެއްވިއްޔާ މަންމަ ސަލާމަތްކުރާނަން.. ޕްލީޒް އަހަރެންނަށްޓަކައި ކެތްތެރިވެ ހިތްވަރުކުރާތި.. ޔާ ﷲ.. އަޅާގެ ލޯބިވާ މަންމައަށް ރައްކާތެރިކަމާއި ސަލާމަތްތެރިކަން ދެއްވާށި.. އާމީން..” ހިތާހިތުން ސާރާއަށްޓަކައި ނުހައިކްއަށް ދުޢާކޮށްލެވުނެވެ. އެވަގުތު ފަހަތުގައި ހުރި މީހާ ނުހައިކްގެ އަތުގައިހިފައި އެތަނުން އޭނާ ނެގިއެވެ. އަދި ލޯމަތީގައި ފޮތިގަނޑު އައްސަމުން އެތަނުން ނުހައިކް ގޮވައިގެންް ދިއުމަށް ހިނގައިގަތެވެ. ކާމިޔާބީގެ ބޮޑާ ހިނިތުންވުމަކާއެކު ގޮނޑީގައި އެއްފައިމައްޗަށް އަނެއްފައި އަރުވައިގެން އެމަންޒަރު ބަލަން އަޒްހަރު އިނެވެ.
ކާރުގައި ނުހައިކް ގޮވައިގެން އެމީހުން އައިސް މަޑުކޮށްލީ ނުހައިކްގެ ގޭ ކުރިމައްޗަށެވެ. އެލޮލުގައި އައްސައިފައިވީ ފޮތިކޮޅު އެމީހުން މޮހެލުމާއެކު ނުހައިކްއަށް ވަށައިގެން އަވަސް އަވަހަށް ނަޒަރު ހިންގައިލެވުނެވެ. އޭނާގެ ގޭ ކުރިމަތީގައި ކާރު އޮތުމުން އެގެ އެނގުނުގޮތަކާއި މެދުގައި އެހިތުގައި ސުވާލު އުފެދުނެވެ. ހައިރާންކަން ފައުޅުވަމުންދިޔަ ނަމަވެސް ކަންކަމާ ވިސްނިވަރަކަށް އެއީ ކުރިއައިލައި ވަރަށް ތައްޔާރުވެގެން އެމީހުންކުރި ކަމެއްކަން ނުހައިކްގެ ސިކުނޑި ދެނެގަތެވެ. އެއްވެސް އެއްޗެއް ބުނުމެއްނެތި ކާރުގެ ދޮރުހުޅުވައިލަމުން ނުހައިކް އޭގެއިން ފޭބިއެވެ. އޭނާއަށް ދެންއޮތީ އިންތިޒާރުކުރުމެވެ. ޝަޔަމްއާއި ބައްދަލުވާނެ ވަގުތަކަށް އިންތިޒާރުކުރުމެވެ. ޝަޔަމްއާއި ދުވަހަކު ވަކިވާން ހިތް ނޭދުނަސްއެވެ. ހަތަރެސްފަރާތުން ފިތެމުންދިޔަފަދަ އިހުސާސަކާއެކު ގޭތެރެއަށް އައިސްވަތް ނުހައިކްގެ ބަޑި ފަޅައިގެންދިޔައެވެ. ހަދާނެގޮތް ހުސްވެ އިންތަނަށް މީހާ ތިރިވިއިރު އެވޭނީ ރުއިމުގެ އަޑުން މުޅި އެގެވެސް ގުގުމަމުން ދިޔައީ ނުހައިކްގެ ހިތާމައިގައި ބައިވެރިވަމުން ކަހަލައެވެ.
*****
ފަހަކަށް އައިސް ޒާއިން އަބަދުވެސް ލަމްޔާގެ ފަހަތުގައި ޖައްސާފައި ހުންނަކަން ތޮއިބާއަށްވަނީ ފާހަގަވެފައެވެ. ދެކުދިންގެ އުޅުން ހުންނަގޮތުން ހިނިއައި ނަމަވެސް އެކަން ނުދަންނަކަމަށް ހެދިގެން ތޮއިބާ ހުންނަނީއެވެ. ދެކުދިން އުޅޭގޮތުން އެކަކު އަނެކަކުދެކެ ލޯބިވިއަސް އެކަން ހާމަކުރަން ނުކެރިގެން އުޅޭކަން ތޮއިބާގެ ތޫނުފިލި ސިކުނޑި ދެނެގަތެވެ. އެހެނަސް އެދުވަހެއްވެސް ލަހެއްނުވެ އަތުވެދާނެކަން އެނގި ކެތްކޮށްލައިގެން އޭނާ ހުރީއެވެ. ލޯބިވާ ދެހިތަކަށް ދުރުގައި ކެތްކުރެވިދާނެ ހެއްޔެވެ؟
ގޭގެ ދޮރުމަތީގައި ބޭރަށް ނަޒަރު ހުއްޓައިލައިގެން ހުރުމަށްފަހު އެންމެފަހުން ވަރުބަލިވެގެން ލަމްޔާ އެތެރަަށްވަނެވެ. ވިއްސާރަ ފާޑަކަށް އޮތުމުން ތަރިތަކުގެ ބެބުޅުންވެސްވަނީ ފަނޑުވެފައެވެ. ޖެހިލާ ރޯޅިތަކުންވެސް ރޫރޫ އަޅައިގެންދާހާވެއެވެ. ސިޓިންގް ރޫމުގައިހުރި ބޮޑު ގަޑިއަށް ބަލައިލަމުން ލަމްޔާއައިސް ސޯފާއެއްގައި އިނށީދެލިއެވެ. ލަމްޔާގެ މޫނަށް ބަލައިލަމުން ތޮއިބާ ޓީވީގެ އަޑު މަޑުކޮށްލިއެވެ.
“ލަމް.. ކިހިނެއްވީ؟” ލޯތްބާއެކު ލަމްޔާއަށް ގޮވައިލަމުން ތޮއިބާ އަހައިލިއެވެ.
“މަންމާ.. ޒާން އަދިވެސް ގެއަށްނާދޭ.. ގުޅީމަ ފޯނަކަށްވެސް ޖަވާބެއްނުދޭ..” އަތުގައިއޮތް ފޯނަށް ނަޒަރު ހުއްޓައިލައިގެން އިނދެ ލަމްޔާ މަޑުމަޑުން ބުނެލިއެވެ. އެއަޑުގައިވި ކަންބޮޑުވުން ތޮއިބާއަށް ފާހަގަވިއެވެ. އަނެއްކާވެސް ޒާއިންގެ ފުށުން އެފަދަ ނުބައިކަމެއް ފެންނަން އުޅެނީއޭހީވެ ތޮއިބާގެ ހިތްތެޅިލިއެވެ.
“އަނެއްކާވެސް ޒާން.. އެކަމެއްކުރަން ދިޔައީބާ؟” ހިތުގައިއޮތް ސުވާލު ދުލުން ބޭރުވިކަމެއް ތޮއިބާ ނުދެނަހުއްޓެވެ. ޚިޔާލަކަށް ގެއްލިއިނދެ ތޮއިބާ ބުނެލިގޮތުން ސިހިފައި ލަމްޔާ ތޮއިބާއަށް ބަލައިލިއެވެ.
“ނޫން މަންމާ.. ޒާން އެކަން ހުއްޓާލާފި.. ދެން ދުވަހަކުވެސް އިރާދަކުރެއްވިއްޔާ އެފަދަ ކަމަކާ ޒާން ގާތެއްނުވާނެ..” ލުއިގޮތަކަށް ހީލަމުން ތޮއިބާގެ ކުށްހީ ފިލުވައިލުމަށް ލަމްޔާ މަސައްކަތްކުރިއެވެ.
“ކިހިނެއް؟ ކޮންއިރަކު؟ ލަމްއަށް ކިހިނެއް ތިކަން ޔަގީންވަނީ؟” ހައިރާންވީވަރުން ތޮއިބާއަަށް އެއްފައްޗަކަަށް ސުވާލުތައް އަމުނައިލެވުނެވެ. ތޮއިބާގެ ކޮންމެ ސުވާލަކަށް ލަމްޔާ ޖަވާބުދިނެވެ. ޒާއިންގެ ހަޔާތް ބަދަލުވެފައިވާކަން ލަމްޔާ ޔަގީންކޮށްދިނެވެ.
އެހުރިހައި ވާހަކައެއް އަޑުއަހައި ނިމުނުއިރު ތޮއިބާއަށްވަނީ ވަރަށް ފުންއަސަރެއްކޮށްފައެވެ. ﷲ އަށް ޙަމްދުކޮށްލަމުން އޭނާއަށް މެޔާއި ދިމާލުން ހިތުގައި އަތްއަޅައި ބާރުކޮށްލެވުނެވެ. އަބަދުމެ އޭނާ ދެކެން ބޭނުންވި ދުވަސް ދެކުމުގެ ހެޔޮ ތައުފީޤު މިންވަރުކުރެއްވީތީ ޝުކުރުވެރިވެވުނެވެ. ޒާއިންގެ ފަރާތުން އެފަދަ ބަދަލެއް ފެނިދާނެކަމަަށް ހީވެސްވެފައި ނެތްއިރު އެލިބުނީ ކިހައި އުފާވެރި ޚަބަރެއް ހެއްޔެވެ.
ގިސްލެވިފައި ތޮއިބާ ރޮމުންދިޔަ ގޮތުން އިންތަނުން ތެދުވެ ލަމްޔާ އައިސް ތޮއިބާގެ ގާތުގައި އިނށީދެލިއެވެ. އަދި ތޮއިބާގެ ބުރަކަށީގައި ފިރުމައިލަމުން އޭނާއާއި ގާތްކޮށްލިއެވެ.
“މަންމާ.. ޒާން ދިޔައީ އަބްދު ﷲ ބޭބެ ގުޅައިގެން.. ދަރުހެއްގެ ކަންތަކުގަ އެހީވަން.. މިހައި ލަސްވުމުން އަޅުގަނޑަށްވެސް ކަންބޮޑުވެވުނީ.. ވެދާނެ ތަންކޮޅެއް ބުރަވީކަމަށްވެސް..” ފަނޑު ހިނިތުންވުމަކާއެކު މަޑުމަޑުން ލަމްޔާ ބުނެލިއެވެ.
“އެދަރި ހެޔޮމަގު ޚިޔާރުކުރުމަކީ މިވަގުތު މަންމައަށް ލިބޭނެ އެންމެބޮޑު އުފާ.. ދަރިފުޅަށް.. ނޭނގުނަސް.. ޒާން.. އެނުބައިމަގު ޚިޔާރުކުރީ މި މަންމަގެ ސަބަބުން..” ގިސްލެވޭވަރުން ވާހަކަދެއްކުންވެސް ތޮއިބާއަށް ތަދިވަމުންދިޔައެވެ. ބުނާނެ އެއްޗެއް ނުވިސްނިފައި ލަމްޔާއަށް އިނދެވުނެވެ. ތޮއިބާފަދަ ހެޔޮލަފާ ރަނގަޅު މަންމައެއްގެ ސަބަބުން ޒާއިން ނުބައިއަތަށް އަޅަން ޖެހިދާނެ އެއްވެސް ސަބަބެއް ލަމްޔާއަކަށް ނުވިސްނުނެވެ.
“މަންމަ ބުނަން ތިއުޅޭ އެއްޗެއް އަޅުގަނޑަކަށް ނޭނގުނު..” ތޮއިބާގެ އަތުގައި ހިފައިލައިގެން އިނދެ ލަމްޔާ ބުނެލިއެވެ.
“ޒާންގެ ބައްޕަ އެހާލުގައި ހޮސްޕިޓަލުގަ އޮތްއިރުވެސް އޭނާގެ ހާލު ބަލާލަންވެސް ޒާން ނުދަނީ ކީއްވެތޯ ދަރިފުޅުގެ ހިތަށް ނާރާތަ؟” ކަރުނަވީ ދެލޮލުން ލަމްޔާއަށް ބަލައިލަމުން ތޮއިބާ އަހައިލިއެވެ. އިރުކޮޅެއްގެ ހިމޭންކަމަށްފަހު ލަސްލަހުން ލަމްޔާ ދެފަރާތަށް ބޯހޫރުވައިލިއެވެ. އެއީ އަބަދުވެސް އޭނާގެ ހިތުގައި ބުރުޖަހަމުންދިޔަ ސުވާލެކެވެ. ޒާއިން ދުވަހަކުވެސް އޭނާގެ ބައްޕަގެ ވާހަކަ ނުދައްކަނީ ކީއްވެހެއްޔެވެ؟ އެބައްޕަގެ ހާލު އެނގެން ބޭނުންނުވަނީ ކީއްވެހެއްޔެވެ؟ ނަޒީމް އެހާލުގައި އޮތްއިރުވެސް ޒާއިންގެ ހިތަށް އެއްވެސް އަސަރެއް ނުކުރަނީ ހެއްޔެވެ؟ އެކަމަކު ސަބަބަކީ ކޮބައިބާވައެވެ؟
“މަންމަގެ ސަބަބުން..” މޭގައި ބާރަށް ހިފައި އޮބައިލަމުން ގިސްލެވިފައި ތޮއިބާ ބުނެލިއެވެ. “ތިބުނީ؟ ކީއްވެ މަންމަގެ ސަބަބުންކަމަށް ވާންވީ؟” ތޮއިބާ ބުނަން އުޅޭ އެއްޗެއް އެއްގޮތަކަށްވެސް ލަމްޔާއަކަށް ނުވިސްނުނެވެ. ލަމްޔާގެ މޫނަށް ބަލައިލަމުން ކުށްވެރިއަކު ފަދައިން ތޮއިބާ އިސްޖަހައިލިއެވެ. އެހުރިހަކަމެއް ހިތުގައި ފޮރުވައިގެން ހުރެހުރެ އޭނާ ވަރުބަލިވެއްޖެއެވެ. އެއުދާސްތައް ހިތުން ބޭރުކޮށްލައި އެހިތަށް ކުޑަނަމަވެސް ހަމަޖެހުމެށް ލިބުމަަށް އޭނާގެ ނަފުސު އެދިގަތެވެ. އެއްދިމާއަކަށް ނަޒަރު ހުއްޓައިލި ތޮއިބާ ފުންނޭވައެއްލަމުން މާޒީގެ އެހިތި ހަނދާންތަކުގެ ތެރެއަށް ފީނައިގަތެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.






