Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތިޔަ ލޯބީގައި… 18

Nau Level 910 Stories100 Comments500 Comments100 Stories100 Login1K Comments
October 6, 2022 10 Mins Read
0 Comments

ޝަޔަމްގެ ވާހަކަތައް އިވި ނުހައިކްއަށް ހިތާއިހިތުން ހަމްދުކޮށްލެވުނެވެ. އެހިތުގައި ޝަޔަމްގެ މައްޗަށްވި ލޯބި އެތައް ގުނައެއް އިތުރުވެގެން ދިޔައެވެ. އަބަދުމެ އެގޮތުގައި ޝަޔަމް ލެއްވުންއެދި ނުހައިކްއަށް ދުޢާކޮށްލެވުނެވެ. ލޯތްބާއެކު ޝަޔަމްއަށް ބަލަން އިނދެ އެވާހަކަތައް އަޑުއަހަމުން ދިޔައިރު އުފަލުންގޮސް އޭނާގެ ދެލޯވެސް ވިދަމުންދިޔަ ކަހަލައެވެ. އެހިނދުކޮޅު ދެހިތުގައިވި އިހުސާސުތައް ފުންވެގެންދިޔަކަން ގައިމެވެ.

*****

ފެންވަރައިލައިގެން އިސްތަށިގަނޑު ހިއްކަމުން ނުކުތް ލަމްޔާއަށް ޒާއިންގެ ނަޒަރު ދަތުރުކޮށްލިއެވެ. އަތުގައި އޮތް ފޯނު އެނދުމަތީގައި ބާއްވަމުން ލަމްޔާގެ ކޮންމެ ހަރަކާތަކަށް ބަލަންއިން ޒާއިންގެ ސިކުނޑިއަށް ވެރިވެގަތް ޚިޔާލަކުން އޭނާއަށް ހިނިތުންވެލެވުނެވެ.

ތުވާލި ހިފައިގެން އިސްތަށިގަނޑު ހިއްކަމުންދިޔަ ލަމްޔާއަށްވެސް އިރުއިރުކޮޅާ ޒާއިންއަށް ބަލައިލެވެއެވެ. ދެމީހުންގެ ނަޒަރު ސީދާވެލާ ވަގުތުތަކުގައި ލުއި ހިނިތުންވުމެއް ދެމެދުގައި ބަދަލުކޮށްލައެވެ. ޒާއިންގެ ބެލުމުގައިވީ ކީކޭކަން ނުވިސްނި ލަމްޔާ ޑްރެސިންގް ޓޭބަލްގެ ކުރިމަތީގައިހުރި ކުޑަ ގޮނޑީގައި އިނށީދެ ތައްޔާރުވާން ފެށިއެވެ. އެވަގުތު ލޯގަނޑުން އެނދުގައި އިން ޒާއިން ތެދުވަމުން އޭނާއާއި ދިމާއަށް އަންނަތަންފެނި ލަމްޔާގެ ހިތުގެ ހިނގުން އަވަސްވެގެން ދިޔައެވެ. ކުދި ފިޔަވަޅުތަކެއް އަޅަމުން ޒާއިން އައިސް ހުއްޓިލީ ލަމްޔާގެ ފަހަތަށެވެ. ލޯގަނޑުން ފެންނަމުންދިޔަ އެކެއް އަނެކެއްގެ ސޫރައަށް ގެއްލިފައި ދެމީހުން ތިބިއިރު ދެމެދުގައި ރަސްކަންކުރަމުންދިޔަ ހަމަހިމޭންކަން ނަގައިލާކަށް އެކަކުވެސް މަސައްކަތެއް ނުކުރެއެވެ. ޒާއިން ބަލަންހުރި ގޮތުން ހަށިގަނޑުގެ އެއްވެސް ގުނަވަނެއް ހަލުވައިލާނެ ހިތްވަރެއްވެސް ލަމްޔާއަކަށް ނުލިބުނެވެ. ލަދުވެތި އިހުސާސުތަކެއް ކުރެވެމުންދިޔައިރު އަމާޒުވެފައިވި އެނަޒަރާ އޭނާގެ ނަޒަރު ވަކިކޮށްލާކަށްވެސް ނުކެރުނެވެ. ޖެހި އެތިގަނޑެއްހެން އެއްވެސް ހަރަކާތެއް ކޮށްނުލައި އޭނާ އިނީއެވެ.

“ލަމް… ތައްޔާރުވެސް ނުވަންތަ ތިއިންނަނީ؟” އިރުގަނޑެއްގެ ހިމޭންކަމަށްފަހު ޒާއިން ވާހަކަދެއްކިއެވެ. އެއަޑު އިވިފައި އިސްޖަހައިލި ލަމްޔާ ދެފަރާތަށް ބޯހޫރުވައިލިއެވެ.

“ހިނގާބަލަ ތައްޔާރުވެލައިގެން އަހަރެންނާއެކު ބޭރަށްދާން..” ތެތްކޮށްއޮތް ލަމްޔާގެ އިސްތަށިގަނޑާއި އަތުން ކުޅެލަމުން ޒާއިން އެދުނެވެ.

“ކޮންތާކަށް؟” އެއްއަތުން އަނެއްއަތުގެ އިނގިލިތަކާ ކުޅެމުންދިޔަ ލަމްޔާ މަޑުމަޑުން އަހައިލިއެވެ.

“ކޮންމެވެސް ތަނަކަށް.. އަވަހަށް ރެޑީވޭ.. އަހަރެންވެސް އަންނާނަން ފްރެޝްވެލައިގެން..” ލަމްޔާގެ ބޮލުގައި ފިރުމައިލަމުން ޒާއިން ގޮސް ހަރުގައިއޮތް އޭނާގެ ތުވާލި ހިފައިގެން ފާޚާނާއަށް ވަނެވެ. ހަމަޖެހުމުގެ ނޭވާއެއް ލަމްޔާއަށް ލެވުނީ ދެނެވެ. ޒާއިން އޭނާއާއި ގާތްވެލާ ކޮންމެ ވަގުތެއްގައި އެވާގޮތެއް ބުނެދޭކަށް ޚުދު އޭނާއަށްވެސް ނޭނގެއެވެ. ތުންފަތުގައި ދަތްއަޅައިލަމުން ހިނިތުންވެލި ލަމްޔާ ހަރަކާތްތައް އަވަސްކޮށްލަމުން ތައްޔާރުވާންފެށިއެވެ.

ސިޑިން އެކުގައި ފައިބައިގެންއައި ލަމްޔާ އާއި ޒާއިން އަށް ތޮއިބާގެ ނަޒަރު ހުއްޓުނެވެ. ޓީވީގެ އަޑު މަޑުކޮށްލަމުން ތޮއިބާ އެދެމީހުނަށް އޭނާގެ ސަމާލުކަން ހުއްޓައިލިއެވެ. އެއްޗެއް ބުނަން އުޅެފައިވެސް އޭނާއަށް އިސްޖަހައިލެވުނީއެވެ. އަދިވެސް އޭނާގެ ނަފުސަށް ކުރެވެމުންދިޔަ ކުށްވެރި އިހުސާސުތައް ފިލާގޮތެއް ނުވެއެވެ. ލަމްޔާ ފެންނަ ކޮންމެ ފަހަރަކު ތޮއިބާގެ ހިތް ރޯލައެވެ. ދެން މާ ގިނަ ދުވަހެއްނުވެ ލަމްޔާވެސް އެގެއިން ހިނގައިދާނޭ އޭނާއަށް ހީވަނީއެވެ. ލިބުނު ކުޑަކުޑަ އުފާވެސް ގެއްލިދާނެތީ ބިރުގަނެފައިވާ މީހެކޭ ތޮއިބާއެކޭ އެއްފަދައެވެ.

“މަންމާ.. ލަމް ގޮވައިގެން ބޭރަށްދާން މިދަނީ..” ތޮއިބާގެ ގާތުގައި މަޑުކޮށްލަމުން ޒާއިން ބުނެލިގޮތުން އޭނާއަށް ލިބިގެންދިޔައީ ހައިރާންކަމެވެ. އެފަދަ މަޑުމައިތިރި ގޮތަކަށް ޒާއިން އޭނާއާއި އެންމެ ފަހުން ވާހަކަދެއްކީ ކޮންދުވަހަކު ކަމެއްވެސް އޭނާގެ ހަނދާނުގައި ނެތެވެ. ނުވިތާކަށް ޒާއިން އަކީ ދުވަހަކުވެސް ބޭރަށް ދިއުމުގެ ކުރިން އޭނާގެ ގާތުގައި ބުނެހަދާ މީހަކަށް ނުވާއިރު ކުއްލިއަކަށް އެހެން ކަންތައްކުރުމުން ތޮއިބާ އިނީ ސުވާލުއުފެދިފައެވެ.

“ކޮންތާކަށް؟” ސިކުނޑީގައި އެނބުރެމުންދިޔަ އެކި ޚިޔާކުތައް އެއްފަރާތްކޮށްލަމުން ލަމްޔާ އާއި ޒާއިންއަށް ތޮއިބާ ބަލައިލިއެވެ.

“ވަކި ތަނަކަށް ނޫން.. މަންމަ ހާސްނުވެބަލަ.. އަހަރެން ހުއްޓަ ލަމްއަށް ކަމެއްވިޔަ ނުދޭނަން.. އަހަރެންވެސް އަހަރެންގެ އަނބިމީހާ ރައްކާތެރިކުރާނު..” ތޮއިބާގެ މޫނުމަތީގައިވި އަސަރުތަކުން އޭނާ އެއިނީ ކަންބޮޑުވެފައިހެން ހީވެ ޒާއިން ބުނެލިއެވެ. ޒާއިންގެ ބަސްމަގު ހުރިގޮތުން ގަބޫލުނުކުރެވިފައި ތޮއިބާއަށް އިނދެވުނީއެވެ. ބުނާނެ ވަކި އެއްޗެއް އެވަގުތު ވިސްނައިގަންނާކަށް ތޮއިބާއަަކަށް ނޭނގުނެވެ. އެހެންކަމުން އިތުރުވާހަކަތަކެއް ދެއްކުމެއްނެތި އޭނާ އެއްބަސްވުމުގެ ގޮތުން ބޯޖަހައިލިއެވެ. އެހެނަސް އެމޫނުމަތީގައިވި ކަންބޮޑުވުން ފިލާގޮތެއްނުވިއެވެ. އެދެމީހުން ނުކުމެގެން ދިޔައިރުވެސް ބަލަހައްޓައިގެން ތޮއިބާއަށް އިނދެވުނީއެވެ. ކުޑަ ހިނދުކޮޅަކަށް ސިކުނޑީގެ ހިނގުންވެސް މަޑުޖެހިފައިވާކަހަލަ އިހުސާސުތަކެއް އޭނާއަށް ކުރެވެމުން ދިޔައެވެ.

ލަމްޔާ އެރުމަށްޓަކައި ކާރުގެ ކުރީ ސީޓުގެ ދޮރުފަތް ޒާއިން ހުޅުވައިދިނެވެ. އަމިއްލަ އުސޫލުތަކުން ބޭރުވެ އޭނާގެ އަނބިމީހާއަށްޓަކައި ޒާއިން ގުރުބާންވަމުން ދިޔަފަދައެވެ. ލޯތްބާއި ކުލުނާއެކު ކޮންމެ ކަމެއް ލަމްޔާއަށް ކޮށްދިނުމަކީ އޭނާއަށް ލިބޭ އުފަލެއްކަމުގައި ޒާއިންގެ މުޅި ހިތާއި ރޫހުވެސް އެއްބަސްވެއެވެ.

ކާރު ދުއްވައިލަމުން ގާތުގައިއިން ލަމްޔާއަށް ޒާއިން ލޯބިވެތިގޮތަކަށް ބަލައިލިއެވެ. ދަނބު ކުލައިގެ އަބާޔާއާއި ލަމްޔާ އާއި ނުހަނު ގުޅެއެވެ. ހިތުން ލަމްޔާއަަށް އެތައް ތައުރީފެއް ކުރެވެމުންދިޔައިރު އެބަސްތައް ދުލާއި ހަމައަށް ގެނައުންވީ ދަތިކަމަކަށެވެ.

ކާރުގެ ދުވެލި މަަޑުވިހެން ހީވެ ލަމްޔާ އިސްއުފުލައިލިއެވެ. އެއާއެކު ޒާއިން ކާރު ޕާރކް ކޮށްލަމުން ފައިބައިގެން އައިސް ލަމްޔާ ފޭބުމަށް އެހީތެރިވެދިނެވެ.

“ކޮންތާކަށް މިއައީ..؟” ކާރުން ފައިބައި ވަށައިގެން ނަޒަރު ހިންގައިލި ލަމްޔާ އަހައިލިއެވެ. “ދިޔައީމަ އެނގޭނު..” ލަމްޔާގެ އަތުގައި ހިފައި ބާރުކޮށްލަމުން މަގު ހުރަސްކުރުމަށްޓަކައި ހިނގައިގަތް ޒާއިންގެ ފުށުން ފެންނަނީ ހަމަޖެހުމެވެ. ޒާއިންގެ އެއަމަލުން ސިހުނެއްކަމަކު އެއްޗެއް ބުނާކަށް ލަމްޔާއަކަށް ނުކެރުނެވެ. މެންދުރުގެ އެގަދަ އަވީގައި މަގުމަތީގައި ހަރަކާތްތެރިވަމުންދިޔަ މީހުން ފުދޭވަރަކަށް މަދެވެ.

ދެފަރާތަށް ބަލައިލަމުން ލަމްޔާގެ އަތުގައި ހިފައިގެން އައިސް ޒާއިން މަޑުކޮށްލީ ރެސްޓޯރެންޓެއްގެ ކުރިމައްޗަަށެވެ. ސުވާލު އުފެދިފައި ލަމްޔާ ޒާއިންއަށް ބަލަައިލިއެވެ.

“ކިހިނެއްވީ؟ އަހަރެންގެ އަނބިމީހާ ގޮވައިގެން އަހަރެންނަށް ލަންޗް ޑޭޓަކަށްވެސް ނާދެވޭނެތަ؟” ހިނިއައިސްފައި ލަމްޔާއަށް ބަލައިލަމުން އެދެލޮލުން ފައުޅުވަމުންދިޔަ ސުވާލަށް ޒާއިން ޖަވާބުދިނެވެ.

“ނޫން.. އެހެން ނުބުނަމެއްނު..” ޒާއިންގެ އަތަށް ލަމްޔާ ފިތައިލިއެވެ. ލަމްޔާގެ ޖަވާބާމެދުގައި ހިތްހަމަޖެހިފައިހުރެ އެއަތަށް ބާރުކޮށްލަމުން ޒާއިން ރެސްޓޯރެންޓްގެ ތެރެއަށް ވަންނަން ހިނގައިގަތެވެ. ތަންކޮޅެއް ދުރުގައިހުރި މޭޒެއްގެ ދޮށުގައި ލަމްޔާ ގޮވައިގެން އައިސް ޒާއިން އިނށީދެ ހަމަޖެހިލިއެވެ. އަދި ވެއިޓރ އެއް އައުމުން ދެމީހުނަށްވެސް ގެންނަންވީ ތަކެއްޗަށް ޒާއިން އޯޑަރ ދިނެވެ.

ގޮނޑީގައި ހަމަޖެހިލުމާއެކު ޒާއިން ލަމްޔާ އާއި އެކިއެކި ވާހަކަ ދައްކަންފެށިއެވެ. އެވަގުތު އެއްލިކަޅިއަކުން ހެވިދިލިފައި އެދިމާއަށް އަންނަމުންދިޔަ އަންހެންކުއްޖާ ފެނި ޒާއިންއަށް ދެލޯ ބޮޑުކޮށްލަމުން ތެޅިގަނެވުނެވެ. ހާސްވެފައި ގާތުގައިއިން ލަމްޔާއަށް ބަލައިލެވުނުއިރު ކުޑަހިނދުކޮޅެއްގެ ތެރޭގައި އެމޫނުމަތިން ދާތިކިތައް ވިދައިބަބުޅަން ފެށިއެވެ.

ކިތަންމެ ދުވަހެއްފަހުން ފެނުނު ނަމަވެސް ޖޫލިއާ އޭނާއަށް ވަކިކުރަން އެނގޭނެއެވެ. އޭނާއަށް އަމާޒުވެފައިވި ޖޫލިއާގެ ނަޒަރުން ޖޫލިއާއަށްވެސް އޭނާއަކީ ކާކުކަން އެނގިއްޖެކަން ޒާއިންއަށް ވިސްނުނެވެ. އަވަސް އަވަހަށް އެހެން ދިމާއަކަށް ނަޒަރު ސީދާކޮށްލީ އެދިމާއަށް ބަލަން ބޭނުންނުވެގެންނެވެ.

“ހާއި..” ހިނިއައިސްފައި އައިސް އެމޭޒު ކައިރިއަށް ހުއްޓެމުން ތުއިގޮތަކަށް ޖޫލިއާ ބުނެލިއެވެ. ހިންދިރުވައިލި ޒާއިންއަށް ބަލައިލެވުނީ ކަޅިޖަހައިނުލާ ޖޫލިއާއަށް ބަލަހައްޓައިގެން އިން ލަމްޔާ އަށެވެ.

“އޯ ގޯޑް.. ހިއެއްވެސް ނުކުރަން އެފަހުން ދިމާވެދާނެކަމަށް.. އެރޭ ކިހިނެއްތަ ހެދީ؟ އަހަރެން ނުސް ހޭލަނީސް ދިޔައީ ދޯ.. ކީއްވެ؟ އަހަރެން ކަމުނުދަނީތަ؟.. ހާދަ ވަރަކަށް ހޯދީމޭ.. ކިތައްރޭ އެތަނަށްވެސް ދެވުނު ފެނޭތޯ.. ބަޓް އައި ވޯސް ޓޫ އަންލަކީ.. އައި ރިއަލީ މިސްޑް ޔޫ.. ނަންވެސް އެނގޭނަމަ އެއްނު މީހެއްގާތުގަވެސް އެހުނީހީ.. އެކަމު އަދިވެސް ތީނަގެ ނަމެއް ނޭނގެ.. ޕާޓީ ތެރޭއުޅުނު ގިނަ މީހުނަށްވެސް ޔަގީންކޮށް އަހަރެން މިދައްކަނީ ކާކުގެ ވާހަކައެއްކަމެއް ބުނެދޭކަށް ނޭނގުނު..” މޭޒުމަތީގައިއޮތް ޒާއިންގެ އަތުގައި ޖޫލިއާ މަޑުމަޑުން ފިރުމައިލިއެވެ. ވާހަކަދައްކަމުންގޮސް ޖޫލިއާ ހީވަނީ ޒާއިންގެ އުނގަށް އަރައިފާނެހެންނެވެ. ޒާއިން އަތް ދުރަށް ޖައްސައިލިއިރު އެހިތް ނެގިނެގިފައި ޖެހެމުންދިޔައީ ލަމްޔާ ބަލައިންގޮތް ފެނިފައެވެ. ލަމްޔާ އާއި ނަޒަރު ސީދާވެފައި ވީއިރު ބުނާނެ އެއްޗެއް ނުވަތަ ކުރާނެކަމެއްވެސް އެސިކުނޑިއަށް ނުވިސްނޭފަދައެވެ. މާޒީގެ ކަޅު އަނދިރިކަން އޭނާ މިފަދަ ގޮތަކަށް ވަށައިލައިފާނެކަމަކަށް ޒާއިން ހިއެއްނުކުރެއެވެ.

“ކާކު ގޮވައިގެން އައިސްތަ ތިއިނީ؟.. ހަހަ.. އަހަރެން ހީކުރީ މި ޓައިޕް އަންހެންކުދިން ތީނަ އަށް ކަމުނުދާނެކަމަށް.. ބަލާބަލަ ހުރި ވައްތަރު.. ހީވަނީ ފޮތިފޭއްޔަކަށް އެރިގެން..” ޒާއިން އަތްދުރަށް ޖައްސައިލުމާއެކު ޖޫލިއާގެ ނަޒަރު ލަމްޔާއަށް ހުއްޓުނެވެ. އެތަނުގައި ލަމްޔާ އިނުމުން ޒާއިން ކަންތައްކުރިގޮތޭ ހީވޭ ހިތްހަމަނުޖެހިފައި އޭނާ ލަމްޔާއަށް މަލާމާތްކޮށްލަން ބޭނުންވީއެވެ. އެހެނަސް އޭނާގެ ވާހަކަ ފުރިހަމަ ނުވަނީސް ޒާއިން އޭނާގެ ނަމުން ހަރުކަށިކަމާއެކު ގޮވައިލަމުން އިންތަނުން ތެދުވިއެވެ. އެ މޫނުމަތީގައި ރަސްކަންކުރަމުންދިޔަ ހިތްހަމަނުޖެހުމުގެ އަސަރުތައްފެނި ޖޫލިއާ ޖެހިލުންވާގޮތްވިއެވެ. ފަހަތަށް ފިޔަވަޅެއް އަޅައިލަމުން އެއްފަހަރު ޒާއިންއަށް އަދި އަނެއްފަހަރު އިސްޖެހިފައިއިން ލަމްޔާއަށް ޖޫލިއާ ބަލައިލިއެވެ.

“ޚަބަރުދާރު.. ދެން އެންމެ ލަފުޒެއް ތިދުލުން ބޭރުކޮށްލިއަސް އަހަރެން ވަރުގެ ނުބައި މީހެއް ނުހުންނާނެކަން ހަނދާންކުރާތި.. ޝީ އިޒް މައިން.. މައި ވައިފް.. އަހަރެންގެ އަނބިމީހާއޭ ކިޔައިގެން މީހަކު ކުޑަކުޑަ އެއްޗެއް ބުނާއަޑުއަހާކަށްވެސް އަހަރެންނަކަށް ކެތެއް ނުވާނެ.. ކަލެއާ އޭނައާ އަޅައިވެސް ނުކިޔޭނެ.. އިރެއްގަ އަހަރެންނަށް އެކަހަލަ އަންހެނުން ކަމުނުދިއަސް މިހާރު އެފަދަ އަންހެނުންގެ ރީތިކަމާއި ފުރިހަމަކަން އަހަރެންނަށް ވިސްނިއްޖެ.. އަހަރެންމީ ކަލެއާ އެންމެ ފުރަތަމަ ދުވަހު ބައްދަލުވި މީހާއެއްނޫން.. އޭރުގެ އެދިރިއުޅުމަށް އަހަރެން ވަދާއު ކިޔައިފިން.. އެހެންވީމަ ދެން އެންމެ ރަނގަޅުވާނީ ކަލޭވެސް އަހަރެން ހޯދަން މަސައްކަތް ނުކުރިއްޔާ.. ކަލޭ ބޭނުންވެގެން ތިއުޅޭ ކަންތައް ފުއްދައިދޭނެ ކިތަންމެ މީހުނެއްވެސް ކަލެއަށްވާނެ.. މިހާރު މިތަނުން ދާންއުޅޭ..” ދަތްކުނޑި ވިކައިލަމުން ޒާއިން ހަޅޭލަވައިގަތެވެ. ހަގީގަތުގައި ލަމްޔާއަށް ނިސްބަތްކޮށް ޖޫލިއާކުރި މަލާމާތުން އޭނާގެ ރުޅިގަނޑު ފަޅައިގެންދިޔައީއެވެ. އެއްވެސް މީހަކު ލަމްޔާއަށް ކުޑަވެސް ބަހެއް ބުނާކަށް ޒާއިންގެ ހިތެއް ނުރުހެއެވެ.

ހުއްޓުން އަރައިފައި ޖޫލިއާ ހުރީ އިވުނު ވާހަކަތައް ގަބޫލުކުރަން ދަތިވެފައެވެ. ތުންފިއްތައިލަމުން ޒާއިންގެ މޫނަށް ބަލަން ހުރުމަށްފަހު ލަމްޔާއަށް ބަލައިލަމުން އަވަސް އަވަހަށް އެތަނުން ދިއުމަށް އޭނާ ހިނގައިގަތެވެ. އެތަނުގައި މީހުން މަދުކަންވެސް ނަސީބެކޭ ޖޫލިއާގެ ހިތަށް އެރިއެވެ. ޒާއިންފެނި އެތަނަށް ދެވުނު މޮޔައޭ ހީވެފައިހުރެ ޖޫލިއާގޮސް އެތަނުން ނުކުތެވެ.

ޖޫލިއާ ދިޔަތަން ބަލަންހުރި ޒާއިން ދެލޯމަރައިލައި ފުންނޭވާއެއްލަމުން މޫނުގައި އަތްއުނގުޅައިލިއެވެ. އަދި ލަސްލަހުން ގޮނޑީގައި އިނށީންނަމުން ކުށްވެރިއަކު ފަދައިން ލަމްޔާއަށް ބަލައިލިއެވެ. ހަމަހިމޭންކަމާއެކު އޭނާއަށް ބަލަހައްޓައިގެންއިން ލަމްޔާގެ ދެލޮލުން ހިތްދަތިކަން ކުޑަހިނދުކޮޅަކަށް ޒާއިން ދުށްޓެވެ. އަމިއްލަ ނަފުސް ކުށްވެރިކުރެވުމާއެކު ޒާއިންއަށް އިސްޖަހައިލެވުނެވެ. ކިތަންމެ ފުރިހަމައަށް އެދުވަސް ވޭތުވާން އެދުނެއްކަމަކު އެކަންދެން ނުވާނެކަން ޒާއިންއަށް އެނގެއެވެ. ހިތަށްލިބުނު ވޭނަކުން އިތުރަަށް ލަމްޔާ އާއި ނަޒަރު ސީދާކޮށްލާނެހައި ހިތްވަރެއް ޒާއިންއަކަށް ނުލިބުނެވެ.

“ޒާން..” މަޑުމަޑުން އިވިލި ލަމްޔާގެ އަޑުން ޒާއިން އިސްއުފުލައިލިއެވެ. “އިޓްސް އޯކޭ..” ފަނޑުގޮތަކަށް ހިނިތުންވެލަން ލަމްޔާ މަސައްކަތްކުރިއެވެ.

“ނޫން.. އިޓްސް ނޮޓް.. އައި އެމް ސޮރީ.. އެނގޭ ނުބުންޏަސް ލަމް ތިއިނީ ދެރަވެފަކަން.. އޭނަގެ ވާހަކަ ހުރިގޮތުން އަހަރެން ނުބުންޏަސް ހުރިހައި ކަމެއް ލަމްއަށް ވިސްނިއްޖެކަން އެނގޭ.. އެކަމަކު.. އެއީ.. އެއީ އަހަރެންގެ މާޒީ.. އޭރު.. އެހެން އުޅުނީ ހިތަށް ލިބޭ ހުރިހައި ނުތަނަވަސްކަމަކާއި ކުރެވޭ އެކި ފިކުރުތަކުން ހިނދުކޮޅަކަށްވިއަސް ދުރުވެލާން ބޭނުންވާތީ.. އެހެނަސް މިއަދު އަހަރެންނަށް ވިސްނޭ.. ހަގީގަތުގަ އަހަރެންނަށް އޭރު ޚިޔާރުކުރެވުނީ ރަނގަޅު މަގު ނޫންކަން..” ދުރަށް ނަޒަރު ހުއްޓައިލައިގެން އިނދެ ޒާއިން ވާހަކަދައްކަމުން ދިޔައެވެ.

“އަހަރެންމީ ލަމް ހީކުރިފަދަ މީހެއްނޫން ދޯ.. އަހަރެންގެ އޮތީ ކަޅު އަނދިރި މާޒީއެއް.. ތެދަށް ބުނާނަމަ އަހަރެންފަދަ މީހަކާ ލަމް އެކަށީގެނެއްވެސް ނުވޭ.. އަހަރެންނަށް މާފުކުރޭ ލަމް..” ޒާއިންގެ ވާހަކަތަކުން ނުތަނަވަސްވެފައިވި ލަމްޔާގެ ހިތަށް ހަމަޖެހުން ގެނުވިއެވެ. ހީލަމުން ޒާއިންގެ އަތްމަތީގައި އޭނާގެ އަތްތިލަ ބާވައިލަމުން އެއަތަަށް ކުޑަކޮށް ލަމްޔާ ފިތައިލިއެވެ.

“ތީ އަހަރެން ހީކުރިވަރަށް ވުރެވެސް މާ ރަނގަޅު މީހެއް.. ފުރިހަމަ ތައުބާއަކުން ތައުބާވެއްޖެ މީހެއްގެ ހުރިހައި ފާފައެއް އެކަލާނގެ ފުއްސަވާނެ.. ޒާންގެ މާޒީގައި ކުރެވިފައިހުރި ކުށްތަކާއި ފާފަތަކުގެ ވާހަކަދައްކާކަށް އަހަރެން ބޭނުމެއްނޫން.. ކޮންމެ މީހެއްގެވެސް މާޒީއެއް އޮންނާނެކަން އަހަރެންނަށް ވިސްނޭ.. އެއްވެސް މީހަކީ އެންމެ ފުރިހަމަ މީހެއްނޫން.. ކޮންމެ އިންސާނަކަށްވެސް ފާފަ ކުރެވޭނެ.. އެކަމަކު އެކަން ވިސްނި ތައުބާވެއްޖެ މީހަކަށްވުރެ ރަނގަޅު ދެވަނަ މީހަކު ކޮބާ؟ އަހަރެމެންނަށް އޮތީ މާޒީގަ ކުރެވުނު ކަންކަމުން އިބްރަތް ހާސިލްކުރުން.. އަބަދު ފަހަތަށް އެނބުރި މާޒީއަށް ބަލަންވެއްޖެނަމަ އަހަރެމެންގެ ކުރިމަގާއި ކުރިމަތިލާނީ ކިހިނެއް؟” އޯގާތެރިކަމާއެކު ޒާއިންއަށް ވިސްނައިދޭފަދައިން ލަމްޔާ ބުނެލިއެވެ. އެވާހަކަތަށް އަޑުއަހައިފައި ޒާއިންގެ އުއްމީދު އާވެގެން ދިޔައެވެ. ކޮންމެ ކަމެއްގައިވެސް ލަމްޔާ އޭނާއާއި އެކުގައި ހުންނާނެކަން ވިސްނި އުފާވިއެވެ. އެފަދަ އަންބަކު ލިބުނުކަމަށްޓަކައި ޝުކުރުވެރިވިއެވެ. ލޯތްބާއެކު ލަމްޔާގެ އަތްގެނެސް ތުންފަތުގައި ޖައްސައިލަމުން ޒާއިން ބޮސްދިނެވެ. އެއާއެކު ލަމްޔާގެ ލުއި ހީލުމުގެ އަޑު އެތަނަށް ފެތުރިގެންދިޔައެވެ.

*****

އަވިއައިނު ނަގަމުން ހަރުފަތްތައް ގިރާކޮށްލުމަށްފަހު ޝަޔަމް ގޭތެރެއަށް ވަދެގެން އައެވެ. ކާކޮޓަރިން އާފަލެއް ކަމުން ނުކުތް ޖިޔާގެ ލޮލުގައި ޝަޔަމް އަޅަައިގަތުމާއެކު އެދިމާއަށް އޭނާގެ މިސްރާބު ބަދަލުކޮށްލިއެވެ.

“ސީރިއަސްލީ ޝަޔަމް.. މިހާރު ހަމަ ހީވަނީ ބޮޑު މާއްޔެއްހެން.. ހަހަ.. އަމިއްލައަށް އަމިއްލަ މީހާ ޖޯކު ހައްދާފަ ތިހުރީ..” ޝަޔަމްގެ ކުރިބައްދަމުން ޖިޔާ މަލާމާތްކޮށްލިއެވެ. ޝަޔަމްގެ ބަދަލާއިމެދުގައި ގޭގެ ދުވަަސްވީ ބައެއް މީހުން އުފާކުރިއިރު އަނެއްބައަކުވަނީ އެކަމާއިމެދުގައި ނުރުހުން ފައުޅުކޮށްފައެވެ. އޭގެ ތެރޭގައި އެންމެ އިސްކޮށްހުރި އެކަކީ ޖިޔާއެވެ.

“އެމީހާގަނޑާ ޖެހުނުފަހުން ޝަޔަމް ހާދަ ބޯރިންގް ވެއްޖޭ ދޯ.. އެހެންނުވާނީ.. ނުހައިކްއަށް ކަމުދާނީ އޭނަ އުޅޭހެންއުޅޭ މީހުނެއްނު.. ދެން ލޯބިވަންޏާ ޖެހޭނީ ފޮތި މާއްޔަކަށްވިއަސް ބަދަލުވާންތާ..” ހިނިގަނޑެއްޖަހައިލަމުން ޖިޔާ ބުނެލިގޮތުން ޝަޔަމްގެ ހިތުގައި ޖެހުނެވެ. އެއީ ހަގީގަތުގައިވެސް އޭނާއާއި އެންމެ ގާތްކޮށްއުޅުނު މީހާބާވައޭ ހިތަށްއެރިއެވެ. ޖިޔާ އެހައިބޮޑަށް ބަދަލުވެދާނެކަމަކަށް ފަހަރެއްގައިވެސް ޝަޔަމް ހިއެއްނުކުރެއެވެ.

“ސްޓޮޕް އިޓް ޖިޔާ.. ކިހިނެއްވެގެންތަ ތިއުޅެނީ..؟ މިއީ އަހަރެންގެ އަމިއްލަ ކަމެއް.. މިގޮތަަށް ހެދުންއަޅައި މިހެން ބަދަލުވީ ނުހައިކް ބުނެގެނެއްނޫން.. އަހަރެންނަށް އަމިއްލައަަށް ވިސްނިގެން.. ހަމަ ކޮންމެ ކަމެއް ނުހައިކްގެ ބޮލުގަ އަޅުވަންޖެހޭތަ؟” ޖިޔާގެ ބަސްމަގު ހުރިގޮތުން ޝަޔަމް ހިތްހަމަނުޖެހޭގޮތްވިއެވެ.

“އަދިވެސް އަހަރެންތަ ކަމެއްވެގެން މިއުޅެނީ؟ އޯ ގޯޑް.. ޝަޔަމްއަަށް ކިހިނެއްތަ ވެގެން ތިއުޅެނީ..؟ އަމިއްލަ ނަފުސަށް ބަލާލާފަ ތިސުވާލުކޮށްބަލަ..” ރުޅިއައިސްފައި ދެފަރާތަށް ބޯހޫރުވައިލަމުން ޖިޔާ އެތަނުން ދިޔައެވެ. އެއާއެކު ފުންނޭވައެއްލަމުން ޝަޔަމް އިސްޖަހައިލިއެވެ. ޖިޔާގެ ފަރާތުން ކުރިމަތިވާ އެފަދަ ބަހުގެ ހަމަލާތަކުން ހަގީގަތުގައިވެސް އޭނާގެ ހިތް ޒަޚަމް ކޮށްލައެވެ. އެންމެ ލޯބިވާ އެންމެ ގާތްކޮށްދެކުނު މީހާގެ ފަރާތުން އެފަދަކަމެއް ކުރިމަތިވުމުން ހިތުގައިނުޖެހޭނީ ކާކު ހެއްޔެވެ؟

ފެންކަޅިވި ނަމަވެސް ކަރުނަތަައް އެތެރެއަށް ހިންދައިލަމުން ޝަޔަމް ކުރިއަށް ހިނގައިގަތެވެ. އެވަގުތު އަތްދަބަސްތެރޭގައި އޮތް ފޯނުގެ ރިންގްގެ އަޑުން ހުރިފިޔަވަޅުމަތީގައި ހުއްޓެމުން ފޯނު ނަގައި ޝަޔަމް ބަލައިލިއެވެ. ސްކްރީނަށް އަރައިފައިވާ ސައިނާގެ ނަންފެނި ހިނދުކޮޅަކަށް އިހުސާސުކުރެވެމުންދިޔަ މާޔޫސްކަންފިލައި ހިތަށް ފިނިކަން ލިބިގެންދިޔައެވެ.

“މަންމާ..” ފޯނު ކަންފަތުގައި ޖަހައިލަމުން އުފާވެލާފައި ޝަޔަމް ގޮވައިލިއެވެ.

“ދަރިފުޅު ކޮންއިރަކުންތަ އެނބުރި އަންނަނީ؟ މިހާރު ކިހާ ދުވަހެއްވެއްޖެ. ދަރިފުޅު އަންނާނެ ދުވަހެއްބަލަން މަންމައަށް ގުޅުނު އަދަދުވެސް މިހާރު ނޭނގެ..” ކަންބޮޑުވެފައި ސައިނާ ބުނެލިއެވެ.

“މަންމަ ހާސްނުވެބަލަ.. އަޅުގަނޑު މިހުރީ ދުރުބައެއްގެ ގާތުގައެއްނޫނެއްނު.. އޮފީހުގެ ކަންތައް ހަމައަކަށް އަޅުވައިލައިފައި އިރާދަކުރެއްވިއްޔާ ދެތިންދުވަސްތެރޭ ފުރާނަން..” ސައިނާ އާއި ވާހަކަދައްކަމުން އައިސް ޝަޔަމް ކޮޓަރިއަށް ވަނެވެ. މާކަ ގިނައިރަކު ވާހަކަދައްކާކަށް ސައިނާ މަޑެއްނުކުރިއެވެ. ޝަޔަމްގެ ވާހަކަތަކަށް އެންމެ ރަނގަޅޭ ބުނެލަމުން އޭނާ ފޯނުކޯލު ކުރުކޮށްލަމުން ފޯނު ބޭއްވިއެވެ.

“މަންމަވެސް ހާދަ ފާޑަކަށޭ އެއުޅެނީ.. އެހެންނާވެސް އަހަރެން ވިޔަފާރި ދަތުރުތަކު އެތައްދުވަހެއް ގައުމުން ބޭރު ހޭދަކުރަން.. އެކަމަކު ދުވަހަކުވެސް މަންމަ މިހެންނެއް ނޫޅޭ.. އަނެއްކާ ކަމެއްވީބާ؟” އެނދުމަތީގައި އިނށީދެލި ޝަޔަމްގެ ހިތަަށް ތަފާތު ޚިޔާލުތަށް ވެރިވަމުންދިޔައެވެ. އެނބުރި ސައިނާ މެންގެ ގާތަަށް ދިއުމަށް އޭނާ ނިންމިއެވެ. އޭގެ ކުރިން އޮފީހުގެ ހުރިހައިކަމެއް ނުހައިކްއާއި ހަވާލުކޮށް ކަންތައްތައް ދާގޮތް އެންގުމަށް ޝަޔަމް ހިތަަށްއެރިއެވެ. އަތުން ނިތްކުރި ކުޑަކޮށް މަސާޖުކޮށްލަމުން ޝަޔަމް ދެލޯމަރައިލިއެވެ. ކުރެވެމުންދިޔަ އެކި ފިކުރުތަކުން އޭނާގެ ބޮލުގައި މަޑު ރިހުމެއް އުފައްދައިފިއެވެ.

*****

ޗެކިން ވުމަަށްފަހު އެއަރޕޯޓު ތެރޭ ޝަޔަމް އިންއިރު ގާތުގައިއިން ނުހައިކްގެ މޫނުމަތިން ފައުޅުވަމުންދިޔައީ ހިތާމަވެރިކަމެވެ. އެނބުރި ޝަޔަމް ދާވާހަކަ ބުނީއްސުރެ އޭނާގެ ހިތަށްވަނީ ފާޑެއްގެ ބިރުވެެރިކަމެއް ވެރިވެފައެވެ. ޝަޔަމް ގެއްލިދާނޭ އޭނާއަަށް ހީވާކަހަލައެވެ. ނަމަވެސް މިއިން އެއްވެސްކަމެއް ނުހައިކް ފައުޅެއްނުކުރެއެވެ. ޝަޔަމްގެ ހާލަކީވެސް އެއީކަން ވިސްނި އޭނާގެ ސަބަބުން އިތުރަށް ޝަޔަމް ދެރަވެ މާޔޫސްވާން ނުހައިކް ނޭދެއެވެ.

ބޯރޑިންގްއަަށް ގޮވައިލުމާއެކު ނުހައިކްއަށް ބަލައިލަމުން ޝަޔަމް ހިނިތުންވެލިއެވެ. އަދި ދަނީއޭ ބުނެލަމުން އިންތަނުން ތެދުވިއެވެ.

“ޕްލީޒް ބީ ސޭފް..” ޝަޔަމްއާއި އެކުގައި ތެދުވަމުން ނުހައިކްއަށް ކަންބޮޑުވެފައި ބުނެލެވުނެވެ. ބޯޖަހައިލަމުން ހިނިތުންވެފައި އިރުކޮޅަކު ނުހައިކްއަށް ބަލަން ޝަޔަމް ހުއްޓެވެ.

“އަހަރެން ނުހައިކްދެކެ ވަރަށް ލޯބިވޭ.. އަބަދުވެސް އެކަން ހަނދާނުގަ ބަހައްޓައްޗޭ..” ނުހައިކްގެ ލޮލަށް ބަލައިލި ޝަޔަމްގެ ދެލޯ ފެންކަޅިވެގެން ދިޔައެވެ. މަޑުމަޑުން ތުންފަތް ތުރުތުރު އަޅައިލުމާއެކު އޭނާއަށް ތުންފަތުގައި ދަތްއަޅައިލެވުނެވެ. “އަހަރެންވެސް..” ނުހައިކްއަށްވެސް މަޑުމަޑުން ބުނެލެވުނެވެ. އެކަކު އަނެކަކަށް ބަލަން ހުރުމަަށްފަހު އެންމެފަހުން ޝަޔަމް ނަޒަރު ވަކިކޮށްލިއެވެ. އަދި ވަދާއުގެ ސަލާމް ކުުރަމުން އެތެރަށް ވަންނަން ހިނގައިގެތެވެ. އެވަގުތު ނުހައިކްއަށް އޭނާގެ ހިތް ދޫވެގެންދިޔަފަދަ އިހުސާސެއްކުރެވުނެވެ. އަތުން މޭގައި ފިރުމައިލަމުން ޝަޔަމްގޮސް އޮބާލަންދެން އޭނާ ބަލަންހުއްޓެވެ.

*****

ގޭގެ ބެލް އަޅައިލިއަަޑަށް އެދިމާއަށް ހަލުވިކަމާއެކު ނޯކަރަކު ދިޔައެވެ. ސޯފާގައި ނޫހެއްކިޔަންއިން އަޒްހަރުވެސް އިސްއުފުލައިލަމުން ދޮރާއި ދިމާއަށް ބަލައިލީ ބެލްއެޅީ ކާކުތޯ ބަލައިލުމުގެ ގޮތުންނެވެ. އޭނާގެ ގާތުގައި ޓީވީއިން ދައްކަމުންދިޔަ ރިއަލިޓީ ޝޯ އަކަށް ގެއްލިފައި ސައިނާ އިނެވެ.

ހިނިއައިސްފައި އެތެރަށް ވަދެގެންއައި ޝަޔަމް ފެނުމާއެކު ދެލޯބޮޑުކޮށްލަމުން އަޒްހަރަށް އިންތަނުން ތެދުވެވުނެވެ. ހުއްޓުންއަރައިފައި ކުރިމަތިންފެންނަމުންދިޔަ އޭނާގެ އަންހެންދަރިއަށް ބަލަންހުރިއިރު އެމަންޒަރު ގަބޫލުކުރަންވެސް އޭނާއަށް ދަތިވެފައިވާފަދައެވެ. އަވަސްވަމުންދިޔަ ނޭވާތަކާއެކު ގަދަ ރުޅިއެއް އަޒްހަރު ވަށައިލަމުންދިޔައެވެ. ޓީވީއަަށް ގެއްލިފައިއިން ސައިނާއަަށް މިއިން އެއްވެސް މަންޒަރެއް ނުފެނެއެވެ.

“ޝަޔަމް..” ރުޅިގަނޑު ކޮންޓްރޯލުން ނައްޓައި އަޒްހަރަށް ބާރަަށް ހަޅޭލަވައިގަނެވުނުއިރު އަތުގައިއޮތް ނޫސްވެސް ކުރިމަތީގައިހުރި ކުޑަ ބިއްލޫރި މޭޒުމައްޗަށް ހޫރައިލެވުނެވެ. އަޒްހަރުގެ ބާރު އަޑުން މުޅިގެ ގުގުމައިގެންދިޔައަޑަށް ސިހިފައި ސައިނާއަށްވެސް އިންތަނުން ތެދުވަމުން ކުރިމައްޗަށް ބަލައިލެވުނެވެ. އެއާއެކު އަނގަމަތީގައި އަތްއަޅައިލަމުން ސައިނާއަށްވެސް ދެލޯބޮޑުކޮށްލެވުނެވެ. ދުވަހަކުވެސް އަޒްހަރުގެ ކިބައިން ރުޅިވެރިކަން ދެކިފައިނުވާ ޝަޔަމްއަށް އަޒްހަރު ގޮވައިލިގޮތުން ބިރުގަނެފައި ފަހަތަަށް ފިޔަވަޅެއް އަޅައިލެވުނެވެ. އޭރު އެމޫނުމަތިން ފައުޅުވަމުންދިޔައީ ހައިރާންކަމެވެ. އޭނާފެނި އަޒްހަރު އެހައި ރުޅިއަންނަންޖެހުނު ސަބަބެއް ޝަޔަމްއަކަަށް ނުވިސްނުނެވެ. ފަހަރަކު މީހެއްގެ މޫނަށް ބަލަމުންދިޔަ ޝަޔަމް އަޒްހަރުގެ ނަޒަރުން ޖެހިލުންވެފައިހުރެ ހިންދިރުވައިލިއެވެ.

“ބައްޕާ..” ބިރުގަނެފައި ހުރިވަރުން ޝަޔަމްގެ އަޑު ނުކުތީ ކިރިޔާއެވެ.

“ޗި.. ކޮންވައްތަރަކަށްތަ ހެދުން އަޅާފަ ތިހުރީ؟ ބަލާބަލަ މީހާ ޖަހާވައްތަރު..” ރުޅިގަނޑު ކޮންޓްރޯލް ކުރުންވީ އަޒްހަރަށް އުނދަގޫކަމަކަށެވެ. ހިތްހަމަނުޖެހިފައި އޭނާ ޝަޔަމް އާއި ދިމާއަށް އައެވެ.

“މިގޮތަށް ހެދުން އެޅީމަ ކިހިނެއްތަވީ ބައްޕާ؟ މީއެއްނު ހަގީގަތުގަ އަހަރެމެން މުސްލިމު އަންހެނުން ހެދުންއަޅަން ޖެހޭނެ ގޮތަކީ..” ޖެހިލުންވިއެއްކަމަކު މިފަހަރު ހިތްވަރުކޮށްފައި އަމިއްލަ ދިފާއުގައި ޝަޔަމް ވާހަކަދެއްކިއެވެ. އެދެމީހުނަށް ބަލަހައްޓައިގެން ބުނާނެ އެއްޗެއް ނުވިސްނިފައި ސައިނާ އަށް ހުރެވުނީއެވެ.

“ކީކޭ؟ މުސްލިމުންނޭ؟ އަހަރުމެން މީ މުސްލިމުންތަ؟ އެމީހުން އުޅޭ ގޮތަށްތަ އަހަރެމެން މިއުޅެނީ؟ ތި ދީނެއް ގަބޫލުކުރާނަމަ އަހަރެމެން އެންމެ ކުޑަ ދުވަހުންސުރެ ކަލޭ ބަލައިބޮޑުކުރާނީ އެދީނުގަ އޮންނަ ކަންކަން ކިޔައިދީ ދަސްކޮށްދީގެންނު.. އެކަމަކު ދުވަހަކުވެސް އެފަދަ ތަރުބިއްޔަތެއް އަހަރެމެން ކަލެއަށް ދިނިންތަ؟ ބަލާބަލަ ކަލޭގެ އެހުރި މަންމައަށް.. އޭނަ އެހުރީ ތިފާޑަށް ހެދުން އަޅާފަތަ؟ އޭނަ ދުވަހަކުވެސް ކަލެއަށް ތިފާޑަށް ހެދުންއަޅަން ދަސްކޮށްދިންތަ؟” ޝަޔަމްގެ ކުރިމައްޗަށް އައިސް ހުއްޓެމުން ދަތްކުނޑި ވިކައިލައިފައި އަޒްހަރު ބުނެލިއިރު އެދެލޮލުން އެކަނިވެސް އޭނާ ރުޅިގަދަވެފައިހުރި މިންވަރު ހާމަވަމުންދިޔައެވެ. އަޒްހަރުގެ ވާހަކަ ހުރިގޮތުން އަޖައިބުވީވަރުން ޝަޔަމްއަށް ބުނާނެ އެއްޗެއް ނުވިސްނުނެވެ.

“އަހަރެމެން މުސްލިމު އާއިލާއަކަށް ނިސްބަތްވިޔަސް ހަގީގަތަކީ ތިހުރިހައިކަމެއް އަހަރެމެން ގަބޫލުނުކުރާކަން.. އަޒްހަރު ބުނިހެން ގަބޫލުކުރާނަމަ ޝަޔަމް ބޮޑުވީހީވެސް އެގޮތުގަ.. އެކަމަކު.. އަހަރެމެންގެ އުޅުމުން ޝަޔަމްއަށް އެއިން އެއްވެސްކަމެއް ފެނޭތަ؟ ނުފެނެއެއްނު.. ދެން؟ އަހަރެންނަށް އަޒްހަރާ ދިމާވިކަން އެއީ އަހަރެންގެ ނަސީބު.. ކައިވެނި ނުކުރަނީސް އުޅެންޖެހުނު ގޮތުން އަހަރެންހުރީ ބޯގޮވާވަރުވެފަ.. މަންމަމެން ހިތްހަމަޖައްސަދެން ނަމާދުވެސް ކުރީ.. އަހަރެން ބޭނުންވެގެނެއްނޫން.. އެއްއިރަކުވެސް އެފާޑަށް އުޅޭކަށް އަހަރެން ބޭނުމެއްނުވޭ..” ދުރުގައިހުރި ސައިނާ ޝަޔަމްއަށް ބަލަންހުރެ ފޫހި ރާގަކަށް ބުނެެލިއިރު އެވާހަކަތައް އަޑުއިވިފައި ޝަޔަމްގެ ހިތަށް ތަދުވެލިއެވެ.

“އެކަމަކު މަންމާ..” ވާހަކަދެއްކުމަށް ޝަޔަމް މަސައްކަތްކުރިއެވެ. “ކޮން އެކަމަކު މިކަމަކެއްތަ؟ ހަމަ މިހާރު ތިބުރުގާ ބާލާ..” ރުޅިގަދަވެފައިހުރި އަޒްހަރަށް ކުރެވޭ ނުކުރެވޭ ކަމެއްވެސް ނޭނގޭކަހަލައެވެ. ޝަޔަމް އަޅައިގެންހުރި ޝޯލްގައި ހިފައި އޭނާ ދަމައިގަތެވެ. އެއްއަރިއަކަށްދިޔަ ޝަޔަމްއަށް ގަބޫލުނުކުރެވިފައި އަޒްހަރަށް ގޮވައިލަމުން ރޮއެގަނެވުނެވެ. އަޒްހަރުގެ އެސިފައަކީ އެއްއިރެއްގައިވެސް ޝަޔަމް ދެކެފައިނުވާ ސިފައެއްކަމުން އޭނާގެ ހިތުގައި ނުހަނުބޮޑަށް ޖެހުނެވެ.

“ނޫން.. ނޫން.. އެކަކު ބުންޏަސް އަހަރެން ބުރުގާއެއް ނުނަގާނަން.. ޕްލީޒް ބައް..ޕާ.. އަހަ..ރެންނަށް ތިހެން.. ނުހަދާ..” މަޑުގިސްލުމެއްގެ އަޑު ޝަޔަމްގެ އަނގައިން ބޭރުވިއެވެ. ގެނައި ކުއްލި ހަރަކާތަކާއެކު އަޒްހަރު ދުރައްޖައްސާލަމުން ޝަޔަމް އޭނާ އާއި ދުރަށް ދެތިންފިޔަވަޅު އަޅައިލިއެވެ.

“ޝަޔަމްއަށް ތިބަދަލެއް އަންނަންޖެހޭ ސަބަބެއް އަހަރެންނަކަށް ނުވިސްނޭ.. އެކަމަކުވެސް އަހަރެންނަށް ޔަގީން.. ތިއީ ތިހިތާވެގެންއުޅޭ މީހާގެ ނުފޫޒުން ކޮށްގެންއުޅޭކަމެއްކަން.. ދޯ..” ޝަޔަމްއަށް ބަލަހައްޓައިގެންހުރި އަޒްހަރުގެ މޫނުމަތިން ފައުޅުވެގެންދިޔައީ ނުރައްކާތެރި އަސަރުތަކެކެވެ. އަޒްހަރުގެ ޖުމުލައިން ޝަޔަމް ސިހުނެވެ. ނުހައިކްގެ ވާހަކަ އޭނާއަދި އަޒްހަރާއި ސައިނާ ގާތުގައި ބުނެފައިނުވާއިރު އެކަން އެމީހުނަށް އެނގުނީ ކިހިނެއްހެއްޔެވެ؟ ޝަޔަމްގެ ދެލޮލުން އެހިތުގައި އުފެދުނު ސުވާލުތަށް އަޒްހަރު ދެނެގަތެވެ. މަލާމާތުގެ ހިނިތުންވުމެއް ވަގުތުން އެތުންފަތް މައްޗަށް ވެރިވިއެވެ.

“ޝަޔަމް ހީކުރީ ޝަޔަމް އުޅޭ ނޫޅޭހައިގޮތެއް އަހަރެމެން ނުބަލާނެކަމަށްތަ؟ ވިޔަފާރި ދަތުރޭ ކިޔާފަގޮސް ކުޅޭ ކުޅިގަނޑު ނިކަން ތާހިރެއްނު.. ލަދުން ބޯހަލާކުވާވަރުވޭ.. އެމީހަކީ ޝަޔަމްއާ އަޅާބަލައިރު ކާކުތަ؟ ކުޑަކޮށްވެސް ލަދެއްނުގަތްތަ އަމިއްލަ މީހާގެ ދަށުން މަސައްކަތްކުރާ އެފަދަ އާދައިގެ މީހަކަށް ހިތްކީއިރަކު؟” އަޒްހަރުގެ ވާހަކަތަކުގައިވެސްވީ މަލާމާތެވެ. އެވާހަކަތަކުން ނިތަށް ރޫއަރައިގެންދިޔަ ޝަޔަމްއަށް ދަތްކުނޑިވިކައިލެވުނެވެ.

“ލޯތްބަކީ ތިހުރިހައި ފަރަގުތަކެއް ދަންނަ އެއްޗެއްނޫން.. ނުހައިކްއަށްވުރެ ރަނގަޅު އެހެން މީހަކު ދުވަހަކުވެސް އަހަރެންނަކަށް ނުލިބޭނެ..” އަޒްހަރުގެ ބަސްމަގު ހުރިގޮތުން ޝަޔަމް ހިތްހަމަނުޖެހޭގޮތްވިއެވެ.

“ދަރިފުޅާ.. ބައްޕަ އެބުނަނީވެސް ދޮގުވާހަކައެއްނޫނެއްނު.. ދަރިފުޅުގެ އެކުވެރިން ގޮތުގަ ކޮންމެ ފަންތިއެއްގެ މީހަކު ހުއްޓަސް އަހަރެމެންނަށް ފަރުވާލެއްނެތް.. އެކަމަކު ދިރިއުޅުގެ ބައިވެރިއަކަށް ހޮވަންވާނީ ތިމާއާއި އެކަށީގެންވާ އެއްފަންތީގެ މީހެއް..” ސައިނާ މަސައްކަތްކުރީ ރީތިގޮތުގައި ޝަޔަމްއަށް ވިސްނައިދިނުމަށެވެ.

“ކީއްވެތަ މަންމަމެންނަށް ނުވިސްނެނީ..؟ ބައްޕައާ އަޅާބަލާއިރު މަންމައަކީވެސް އެއްވެސް މީހެއްނޫން.. މި މުއްސަނދިކަމާ މަންމަގެ އާއިލާގެ މުއްސަނދިކަމާ އަޅާވެސް ނުކިޔޭނެ..” އެހިތުގައިވި ތެދުވެރި ލޯބީގެ ހައްގުގައި ޝަޔަމް ހަނގުރާމަކުރަމުންދިޔަ ފަދައެވެ. ކުޑަތަންފުކެއްވެސް ދޫދޭކަށް އޭނާ ބޭނުމެއްނުވެއެވެ. އަޒްހަރާއި ސައިނާ އެދައްކަނީ ދެކޮޅުނުޖެހޭ ވާހަކަތަކެއްކަން އޭނާގެ އަމިއްލަ ނަފުސަށް ވިސްނެއެވެ. އެހެނަސް އެކަން އެމީހުނަށް ވިސްނައިދޭނެގޮތެއް ޝަޔަމްއަކަށް ނޭނގުނެވެ.

“ހުއްޓާލާ.. ބަލަ ރާއްޖޭގެ ފެންވަރުގައި އެއާއިލާއަކީވެސް ހޮވައިލެވޭފަދަ މުއްސަނދި އާއިލާއެއް.. އެހެންވީމަ ކަލެއަށް ތިހެންބުނެވޭކަށް ނޯންނާނެ.. އިތުރު ބަހުސްތަކެއްކުރަން ހަދާނެކަމެއްނެތް.. އަހަރެމެން ތިގުޅުމަކަށްވެސް އަދި ޝަޔަމްގެ ތިބަދަލަކަށްވެސް ގަބޫލެއްނޫން.. ތިކަން ހުއްޓާލާ.. އަހަރެން އޮންނާނީ ޝަޔަމްގެ ކައިވެނިހަމަޖައްސާފަ.. އެހެންވީމަ އެދުވަހަކާ ޖެހެންދެން މައިތިރިވެގެންހުރޭ..” އަޒްހަރުގެ ރުޅިގަނޑު އިތުރަށް ކެކިގަތްކަހަލައެވެ. ޝަޔަމް އާއި ދިމާލަށް ޝަހާދަތްއިނގިލި ދިއްކޮށްލަމުން އޭނާ ބާރަށް ހަޅޭލަވައިގަތެވެ. އަލަށް އެގޭތެރެއިން ފެންނަމުންދިޔަ މި މަންޒަރުތަކުން ހައިރާންވެފައި ގޭގެ ނޯކަރުންވެސް ސިއްރު ސިއްރުން ބަލަން ތިއްބެވެ.

“ނޫން.. އަހަރެންގެ މިގޮތެއް ބަދަލެއް ނުކުރާނަން.. އަދި ނުހައިކް ނޫން އެއްވެސް މީހަކާ ނީންނާނަން.. ހެޔޮނުވާނެ ބައްޕާ.. ތިހެންކަންތައް ނުކުރޭ.. އާދޭސްކުރަން..” ޝަޔަމްގެ ހިތަށް ތަދުވެފައިވީ މިންވަރު އެދެލޮލުން ފައިބަމުންދިޔަ ކަރުނަތައް ހެކިދެއެވެ. ރޮމުންދިޔައިރު އެއަޑުވެސްވަނީ ކުރެހިފައެވެ. ޝަޔަމްގެ ގިސްލުމުން އަޒްހަރުގެ ހިތަށް އެއްވެސް އަސަރެއްކުރިހެނެއް ހިއެއްނުވެއެވެ. އަނެއްފަރާތަށް މޫނު އަނބުރައިލަމުން ލައިގެންހުރި ފަޓުލޫނުގެ ދެޖީބަށް އަތްޖަހައިލިއެވެ.

“މަންމަ އާއި ބައްޕަ ނުގަބޫލުވިޔަސް.. އިރާދަކުރެއްވިއްޔާ.. އަހަރެން.. ނުހައިކްއާއި ވަތްކެތްނުވާނަން..” ކަރުނައިން ފުސްވެފައިވި ދެލޮލުން އަޒްހަރާއި ސައިނާއަށް ބަލައިލަމުން އޭނާގެ ކޮޓަރިއާއި ދިމާއަށް ޝަޔަމް ދުއްވައިގަތެވެ. ފަހަރެއްގައިވެސް ވެދާނޭ ހީވެފައިނެތްކަމަކާއި ކުރިމަތިވުމުން އޭނާގެ ހިތަށްވަނީ ނުހަނު ފުން އަސަރެއްކޮށްފައެވެ. ލޯބިވާ މައިންބަފައިންގެ ދުލުން އިވިގެންދިޔަ ވިހަޖުމުލަތަކުން އެނާޒުކު ހިތް ޒަޚަމްކޮށްލައިފިއެވެ. ހިތުޖެހިފައި ޝަޔަމް ރޮމުންދިޔައިރު އަޒްހަރުގެ ވާހަކަތައް އޭނާގެ ކަންފަތްބުޑުގައި ގުގުމަމުން ދިޔައެވެ.

“ހީވޭތަ ކަމެއްހެން.. ލޯބިން ބަލައި ބޮޑުކުރިއަސް މިމީހުންގެ ފަރާތުން އަހަރުންނަށްލިބޭ ރީތިނަމެއް ނޯވޭ.. ފެނިއްޖެތަ ސައިނާ.. ކަލޭގެ އަންހެންދަރީގެ އަސްލު ހަގީގީކުލަ އަދި ކިރިޔާ މިފައުޅުވާންފެށީ.. މިއަދު އަހަރުމެންނަކީ އޭނާއަށް އެއްވެސް ބައެއްނޫން.. ކިހައި ރަނގަޅު..” ޝަޔަމްގެ ފަހު ޖުމުލައިން އަޒްހަރު މުށްކަވައިލަމުން ކުރިމަތީގައިހުރި ސައިނާ އާއި ދިމާއަށް ހަޅޭއްލަވައިގަތެވެ. އެއަޑަށް ކާކޮޓަރި ކައިރީގައިތިބި ނޯކަރުންގެ މޫނުމަތިންވެސް ބިރުވެރިކަން ފައުޅުވެލިއެވެ. ހާސްވެފައި އެކެއް އަނެކެއްގެ މޫނަށް ބަލައިލީ ދެންވާނީ ކިހިނެއްހެއްޔޭ ސުވާލުކުރާ ފަދައިންނެވެ.

“އަޒްހަރު ހަމަޖެހިބަލަ.. އެއީ ހަމައެކަނި އަހަރެންގެ ދަރިއެއްނޫން.. އަޒްހަރުގެވެސް ދަރިއެއް.. ޝަޔަމް އަށް ލިބިފަ އެހުރި ބޯހަރުކަން އެއީ އަޒްހަރުގެ ފަރާތުން ވާރުތަވެފަހުރިކަމެއް..” ދެފަރާތަށް ބޯހޫރުވައިލަމުން ހިތްހަމަނުޖެހިފައިހުރެ އެތަނުން ސައިނާ ދިޔައެވެ. ޝަޔަމް އެކަންތައްކުރިގޮތުން ޚުދު އޭނާވެސް ހުރީ ހަމަނުޖެހުމެއްގެ ތެރޭގައެވެ. ޝަޔަމްގެ އަމަލުތަކާމެދު ނުރުހުނެއްކަމަކު ހަރުކަށިކަން ދައްކަން ނުކެރުނީ އެއީ އޭނާގެ ހުރި ހަމައެކަނި ދަރިފުޅަށްވީތީއެވެ.

ސައިނާ ދިޔަދިމާއަށް ބަލަން ހުރުމަށްފަހު ބާރުހިނގުމެއްގައި އަޒްހަރު މިސްރާބުޖެހީ އޭނާގެ ސްޑަޑީ ރޫމާއި ދިމާއަށެވެ. އެދިޔަގޮތަށްގޮސް އެތަނަށްވަދެ އަތުގެކޮޅަށް ދޮރު ހޫރައިލަމުން އައިސް އޭނާގެ ބޮޑު ލެދަރ ގޮނޑިއަށް ހަށިގަނޑު ދޫކޮށްލިއެވެ. ފުންކޮށް ދެތިން ނޭވާލަމުން އަމިއްލަ ނަފުސު ހަމައަކަށްއަޅުވަން އަޒްހަރު މަސައްކަތްކުރިއެވެ. އިރުކޮޅަކު ދެލޯމަރައިލައިގެން އެއްޗެއް ވިސްނަން އޮތުމަށްފަހު ގޮނޑީގައި ހަމަޖެހިލަމުން ފޯނު ނަގައި ނަމްބަރަކަށް ގުޅައިލިއެވެ. ކޮންމެފަދަ ކަމެއް ކޮށްގެންވިއަސް ޝަޔަމް އާއި ނުހައިކް ދުރުކުރުވަން އޭނާ ބޭނުންވެއެވެ. އަމިއްލަ ގަދަރު މީހުންގެ ކުރިމަތީގައި އެހައި ދަށުދަރަޖައަކަށް ވެއްޓިގެންދާކަށް އަޒްހަރަކަށް ނުރުހެވޭނެއެވެ.

“ހަލޯ..” އެކޮޅުން ފޯނުނެގުމާއެކު އަޒްހަރު ބުނެލިއެވެ. ދެމެދުގައި އެތައްއިރަކު އެކި ވާހަކަތައް ދެކެވުމަށްފަހު ކަމަކަށް އެއްބަސްވެ ފޯނުކޯލު ކުރުކޮށްލަން އަޒްހަރު އަވަސްވެގަތެވެ.

“އޯކޭ.. އެހެންވީމަ ރާއްޖެ ގޮއްސަ އަހަރެން މިބުނި ހުރިހައި މައުލޫމާތެއް ހޯދުމަށްފަހު ވީ އެންމެ އަވަހަކަށް އަހަރެންނަށް އަންގާ.. އޭރުން ދެން ކުރިއަށްދާންވީގޮތް އަހަރެން ކިޔައިދޭނަން.. އެންމެ ރަނގަޅެއްނު.. ކަލޭގެ މަސައްކަތުގެ އެޑްވާންސް ޕޭމަންޓް މިއަދު އަހަރެން ޖަމާކޮށްދޭނަން.. ބާކީ ބައި ލިބޭނީ މަސައްކަތް ކާމިޔާބުވީމަ..” މޭޒުމަތީގައި އިނގިލިތަކުން ކުޅެލަމުން އަޒްހަރު ބުނެލިއެވެ. އެކޮޅުން ވާހަކަދައްކަމުންދިޔަ މީހާ އެންމެ ރަނގަޅޭ ބުނެލުމާއެކު އަޒްހަރު ފޯނު ބޭއްވިއެވެ. އޭރު އޭނާގެ ތުންފަތްމަތީގައިވި ކާމިޔާބީގެ ނުލަފާ ހިނިތުންވުމެކެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nau

Level 910 Stories100 Comments500 Comments100 Stories100 Login1K Comments

A girl who loves reading and writing stories. My dream has always been to become a successful story writer. In Sha Allah. ❤

Other Articles

Previous

ތިޔަ ލޯބީގައި… 17

Next

ކަލާގެ ހިނިތުންވުން ޓްރެއިލާ

Next
October 6, 2022

ކަލާގެ ހިނިތުންވުން ޓްރެއިލާ

Previews
October 5, 2022

ތިޔަ ލޯބީގައި… 17



All Right Reserved!