ތިޔަ ލޯބީގައި…20
ލަމްޔާގެ މޫނަށް ބަލައިލަމުން ކުށްވެރިއަކު ފަދައިން ތޮއިބާ އިސްޖަހައިލިއެވެ. އެހުރިހަކަމެއް ހިތުގައި ފޮރުވައިގެން ހުރެހުރެ އޭނާ ވަރުބަލިވެއްޖެއެވެ. އެއުދާސްތައް ހިތުން ބޭރުކޮށްލައި އެހިތަށް ކުޑަނަމަވެސް ހަމަޖެހުމެށް ލިބުމަަށް އޭނާގެ ނަފުސު އެދިގަތެވެ. އެއްދިމާއަކަށް ނަޒަރު ހުއްޓައިލި ތޮއިބާ ފުންނޭވައެއްލަމުން މާޒީގެ އެހިތި ހަނދާންތަކުގެ ތެރެއަށް ފީނައިގަތެވެ.
*****
ތޮއިބާ އަކީ މިނިވަން ޚިޔާލުތަކެއްގެވެރި ޒުވާނެކެވެ. އެއްވެސް އިރެއްގައި ދިރިއުޅުމުގެ އެއްވެސް ކަމެއްގައި ވިސްނައި ފިކުރުކުރާކަށް ތޮއިބާ ބޭނުމެއްނުވެއެވެ. ދިރިއުޅުމުގެ ކޮންމެ ކަމެއްވެސް ނިންމައީ ޚުދު އޭނާ ބޭނުންވާގޮތަށެވެ. އެހެނަސް.. އޭނާގެ މުޅި ދިރިއުޅުން އެފުށްމިފުށަށް ޖެހިގެންދިޔައީ ނަޒީމްގެ ބައްޕަގެ ފަރާތުން އެއާއިލާއަށް ހުށައެޅިގެންދިޔަ ކައިވެނީގެ ސަބަބުންނެވެ. ނަޒީމްގެ ބައްޕަ ހަލްދޫނަކީ ތޮއިބާގެ ބައްޕަ ނިމާލް މަސައްކަތްކުރާ އޮފީހުގެ ވެރިޔާއެވެ. ތަނަވަސް އާއިލާއަކުން އައި ކައިވެނީގެ މިހުށައެޅުމަށް ތޮއިބާގެ މައިންބަފައިން އެއްގޮތަކަށްވެސް އިންކާރުކުރާކަށް ބޭނުމެއްނުވިއެވެ. ނަޒީމް އާއި ނުރުހުނަސް އޭނާގެ މުއްސަނދިކަންވީ ތޮއިބާގެ ހިތް ދަހިވެތިކުރުވި ކަމަކަށެވެ. ފުރަތަމަ އެކައިވެންޏާއި ނުރުހުނު ނަމަވެސް މައިންބަފައިންގެ މަޖުބޫރުން ތޮއިބާ ޖެހުނީ އެމީހުންގެ ކުރިމަތީގައި ބަލިގަބޫލުކުރާށެވެ. އެއްވެސް ގޮތެއް ނެތުމުން އެމުއްސަނދި ދިރިއުޅުމާއި އޭނާއަށް ލިބޭނޭ އަރާމާއި އުފަލާއިމެދުގައި ތޮއިބާއަށް ވިސްނުން ހިންގެންފެށިއެވެ.
ތޮއިބާގެ އާއިލާއިން ރުހުން ދިނުމާއެކު އެކައިވެނި ލަސްކުރާކަށް ހަލްދޫން ބޭނުމެއްނުވިއެވެ. ސަބަބަކީ އޭނާގެ ހުރި ހަމައެކަނި ދަރިފުޅުގެ ހިތުގެ މަލިކާއަށް ތޮއިބާ ވުމެވެ. ހަލްދޫނަކީ އެއްވެސް އިރެއްގައި އޭނާގެ މުއްސަނދިކަމުގެ ސަބަބުން ބޮޑާވެ ކިބުރުވެރިވީ މީހެއްނޫނެވެ. އޭނާގެ ކުރިމަތީގައި ކޮންމެ ފަންތިއެއްގެ ކޮންމެ މީހަކުވެސް ހަމަހަމަވެގެންވެއެވެ. އޭނާ ނަޒީމަށްވެސް ދަސްކޮށްދިނީ އެއާދައެވެ. އެފަދައިން މީހުނާއި މެދުގައި ދެކުމަށެވެ. ނަޒީމް ކުޑަކުޑައިރު މަންމަ ނިޔާވެފައި ވުމުން އޭނާގެ ހުރިހައި ޒިންމާއެއްނެގީ ހަލްދޫނެވެ. ހެޔޮގޮތުގައި ދަރިފުޅު ތަރުބިއްޔަތު ކުރުމުގައި އޭނާ ކާމިޔާބު ހޯދިއެވެ. ނަޒީމްގެ ހޮވުން ހެޔޮހިތުން ހަލްދޫނު ބަލައިގަތީ އެދަރިފުޅުދެކެވާ ލޯތްބެއްގެ ސަބަބުންނެވެ.
ކައިވެނިކުރެވުމުން ތޮއިބާއަށް ލިބުނީ އޭނާ ހީކުރިފަދަ އަރާމު ދިރިއުޅުމެކެވެ. އެހެނަސް ފިރިމީހާގެ ކަންތަކުގައި އޭނާއަށް އެއްވެސް ފަރުވާލެއް ނުބެހެއްޓެއެވެ. އެކަން މާބޮޑު ކަމަކަށް ނަޒީމް ނުހެދީ އަލަތުކައިވެނީގެ ފުރަތަމަ ދުވަސްކޮޅުކަމުން ތޮއިބާއަށް އެހުރިހައިކަމެއް އައުކަމަކަށްވެދާނޭ ހީކޮށެވެ.
ތޮއިބާގެ ކައިވެނިކުރެވުމާއެކު އޭނާގެ މައިންބަފައިންވެސް މެލޭޝިއާއިން ގެއެއްގަނެ ރާއްޖެ ދޫކޮށް އެމީހުންގެ ދިރިއުޅުން މެލޭޝިއާއަށް ބަދަލުކުރީއެވެ. އޭގެ ފަހުން އެދެމެދުގައި މާގިނަ މުއާމަލާތްތަކެއް ނުކުރެވެއެވެ. އެމީހުން ހީވަނީ ތޮއިބާގެ ކިބައިން ސަލާމަތްވާނެގޮތެއް ނުފެނިފައިތިބި ބައެއްހެންނެވެ. އެއީ އެއްއިރަކުވެސް ތޮއިބާއަށް އެހައި އަޅައިލިބައަކަށްނުވާތީ އެމީހުންނެތްކަމުގެ މާބޮޑު އިހުސާސެއް އޭނާއަކަށް ނުކުރެވެއެވެ.
ހަޔާތުން ދުވަސްތައް އެގޮތުގައި ފާއިތުވަމުންދަނިކޮށް ހާރޓް އެޓޭކެއްޖެހި ހަލްދޫން މަރުވި ދުވަހަކީ ނަޒީމްގެ މުޅި ހަޔާތަށްވެސް އައި އެންމެ ހިތާމަވެރިއެއްދުވަހެވެ. އެހިތާމައިން ރަނގަޅަށް އަރައިނުގަނެވިގެން އުޅެނިކޮށް ތޮއިބާގެ އުޅުމަށް އަންނަންފެށި ބަދަލުތަކުން އިތުރުހިތްދަތިކަމެއް އޭނާއަށް ބަރުދާސްތުކުރަން ޖެހުނެވެ. ތޮއިބާ ދެކެ ކިތަންމެ ލޯބިވީ ނަމަވެސް އަދި ޒަވާޖީ ހަޔާތަށްޓަކައި ކިތަންމެ ފޮނި އުއްމީދުތަކެއް ކުރި ނަމަވެސް އެއިން ނަޒީމަކަށް ލިބުނު އެއްވެސް އުފަލެއްނެތެވެ. ތޮއިބާގެ އުޅުން ބައެއްފަހަރު ހުންނަގޮތުން އޭނާ ނަޒީމާއި ގަޔާއިނުވަނީހެންވެސް ހީވާފަހަރު މަދެއްނޫނެވެ. ދެމެދަށް ވެރިވަމުންދިޔަ ދުރުކަމުން ނަޒީމު އިތުރަށް ބަލިކަށިކުރުވަމުންދިޔައެވެ. އެހެނަސް ކެތްތެރިކަމާއެކު ތޮއިބާއާއި ކުރިމަތިލެވޭތޯ އޭނާ މަސައްކަތްކުރިއެވެ.
ހުރިހައިކަމެއް ބޮއްސުންލައިގެން ދާންފެށީ އެހިސާބުންނެވެ. ތޮއިބާގެ ކަމަކީ އަބަދު ނަޒީމާއި ޒުވާބުކުރުމެވެ. ނުވަތަ ގިނަ ވަގުތު ބޭރުގައި އެކުވެރިންނާއި އެކުގައި ހޭދަކުރުމެވެ. ނަޒީމްގެ އެއްވެސް ކަމެއްކޮށްނުދޭތާނގައި އޭނާއަށް އެއްވެސް އަޅައިލުމެއް އޯގާތެރިކަމެއް ތޮއިބާގެ ފަރާތުންނެއް ނުލިބެއެވެ. އަމިއްލަ ހާލައިގެން ހުރިހައިކަމެއް ކުރަމުން ނަޒީމް ދިޔައިރު ކެތްތެރިކަމާއެކު ތޮއިބާއަށް ހެޔޮގޮތް ވިސްނައިދެވޭތޯ އޭނާ ބެލިއެވެ. އެހެނަސް ތޮއިބާގެ އުޅުން އިތުރަށް ގޯސްވުން ނޫންހެންކަމެއް ނުވިއެވެ.
ގޭގައި އޭނާގެ ހަރަކާތްތަކަށް ފާރަލާނެ އިތުރުމީހަކު ނެތުންވީ ތޮއިބާއަށް ލިބުނު ރަނުގެ ފުރުސަތަކަށެވެ. ނަޒީމް ގޭގައި ނޫޅޭވަގުތުތަކު އެކި ފިރިހެނުން ގެއަށް ވައްދައި އެމީހުނާއި އެކުގައި މަޖާނެގުން އާންމުވާން ފެށިއެވެ. ތޮއިބާގެ ނުފޫޒާއި ބިރުދެއްކުމުގެ ސަބަބުން ގޭގެ ނޯކަރަކަށްވެސް އޭނާގެ ކުރިމަތީގައި އުފްވެސް ބުނެލާކަށް ނުކުރެއެވެ.
އެކިމީހުންގެ ފަރާތުން ވަގުތީ ހިތްހަމަޖެހުމާއި އުފާ ހޯދަމުންދަނިކޮށް ތޮއިބާ މޮޔަކުރުވި ޚަބަރަކަށް އޭނާ ބަލިވެއިން ކަމުގެ ޚަބަރު ވިއެވެ. ދަރިފުޅުގެ ބައްޕަ އަކީ ކާކުކަން ޚުދު އޭނާއަށްވެސް ޔަގީންނެއްނުވެއެވެ. މީގެކުރިންވެސް އޭނާ ވަނީ ދެފަހަރު ނަހަލާލަށް ބަލިވެ އިނދެފައެވެ. އެއިން ކޮންމެ ފަހަރަކުވެސް މީހަކަށް އެކަން ނޭނގެނީސް އެކުވެރިއެއްގެ އެހީގައި އޭނާ ދަރިފުޅު ވައްޓައިލީއެވެ. މިފަހަރުވެސް އެފަދައިން ކަންތައްކުރުމަށް އޭނާގެ ހިތަށް އެރިއެވެ. ވަގުތުން ފޯނު ނަގައި އަވަސް އަވަހަށް އޭނާގެ އެކުވެރިޔާއަށް ގުޅައިލަމުން ވެގެންއުޅޭގޮތް ތޮއިބާ އޮޅުންފިލުވައިދިނެވެ. އެހެން ފަހަރުތަކެކޭވެސް އެއްފަދައިން އަވަހަށް ޑޮކްްޓަރަށް ދައްކައި އެކަމުން ތޮއިބާއަަށް މިންޖުވެވޭނެމަގެއް އެކުވެރިޔާ ފަހިކޮށްދެން އުޅެގަތެވެ. އެހެނަސް މިފަހަރު ކަންތައް ދިމާވީ ދެމީހުންކުރެ އެކަކުވެސް ބޭނުންވިފަދަ ގޮތަކަށެއްނޫނެވެ. ތޮއިބާ އާންމުކޮށް އެކަމުގައި ދައްކާ ޑޮކްޓަރު ދަރިވައްޓައިލުމަަށް ދެކޮޅުހަދައި އެކަމުން ތޮއިބާގެ ފުރާނައަށް ލިބިދާނެ ގިނަގުނަ ގެއްލުންތަކުގެ ވާހަކަތައް ކިޔައިދިނެވެ. ކަންބޮޑުވެ ޖެހިލުންވީވަރުން އެކަމާއިގެން އިތުރަށް ކުރިއަށްދާކަށް އޭނާއަކަަށް ނުކެރުނެވެ.
ހަދާނެގޮތް ހުސްވެ ހަތަރު އުދަރެސް ފެނުޖެހުނުވަގުތު އޭނާގެ އެކުވެރިޔާ ދިނީ މޮޅު ޚިޔާލެކެވެ. އެދަރި ނަޒީމްގެ ބޮލުގައި އެޅުވުމަށް އޭނާ ތޮއިބާއަށް ނަސޭހަތްތެރިވިއެވެ. އޭރުން ދުނިޔޭގެ ކުރިމަތީގައި ފަޟީހަތްނުވެ ސަލާމަތްވެވުނީއެވެ. އެގޮތް ތޮއިބާއަށްވެސް ވަރަަށް ކަމުދިޔައެވެ. އެރޭ ބޭރަށް ނުގޮސް ގޭގައި ތޮއިބާ މަޑުކުރީ ނަޒީމްގެ އިންތިޒާރުގައެވެ. އޭނާ އޮފީހުން އަންނަންވާއިރަށް ކާންހަދައި ފެންވަރައި ނަލަވެލައިގެން ތޮއިބާ ހުއްޓެވެ. ތޮއިބާ އެކްޓް ކުރުމަށް މޮޅުކަމުންނާއި ނަޒީމް ތޮއިބާ ދެކެ ވާ ލޯތްބެއްގެ ސަބަބުން ތޮއިބާ ބޭނުންވިފަދަ ފުރުސަތެއް ހޯދުން ދަތިކަމަކަަށް ނުވިއެވެ. ނިކަން ފަސޭހައިން އޭނާގެ މަޅީގައި ނަޒީމް ޖެއްސިއެވެ.
އެހާދިސާ ހިނގިތާ ދުވަސްކޮޅެއްފަހުން އޭނާ ބަލިވެއިންކަމުގެ ޚަބަރު ނަޒީމަށް ދިނެވެ. ލިބުނު އުފަލެއްގެ ބޮޑުކަމުން އުޅެވޭ ނޫޅެވޭ ގޮތެއްވެސް ނަޒީމަަށް އިހުސާސުވެސް ނުކުރެވުނެވެ. ލިބެން އުޅޭ ދަރިފުޅަށްޓަކައި އެހިނދުން ފެށިގެން އޭނާ އިންތިޒާރުކުރަން ފެށިއެވެ. އެދަރިފުޅުދެކެ އިންތިހާއަށް އެހިތުގައި ލޯތްބާއި ކުލުނު އުފެދުނެވެ. ތަކުރާރުކޮށް އެދަރިފުޅަށްޓަކައި އޭނާއަަށް ހެޔޮދުޢާކުރެވުނެވެ. ހަމަ އެހެންމެ ތޮއިބާއަށްވެސް ހެޔޮ ނަސޭހަތްދީ ބަލިވެއިނުމުން ޖެހޭ އެކި ދަތިތަކުގައި ލޯތްބާއިއެކު އެހީވަމުންދިޔައެވެ. އެހެނަސް ނަޒީމްދެކެ ވާ ފޫއްސެއްގެ ސަަބަބުން އެވާހަކަތައް އަޑުއެހުންވެސް އޭނާއަށްވަނީ ވޭނަކަށް ވެފައެވެ. ލިބެން އުޅޭ ދަރިފުޅާއިމެދުގައިވެސް އޭނާގެ ހިތުގައިވީ ނަފުރަތެވެ. އެކުއްޖާގެ ސަބަބުން އޭނާގެ މިނިވަންކަމަަށް ބުރޫއަރާނެކަން ތޮއިބާއަށް މާކުރިންވެސް ވިސްނެއެވެ.
ދުވަސްތައް އެގޮތުގައި ފާއިތުވަމުންދަނިކޮށް ތޮއިބާގެ ބަނޑަށް އަށްމަސްފުރުނު ދުވަސްވީ މިހުރިހައިދުވަހު އޭނާ ސިއްރުކުރަމުން އައި ބޮޑު ކަންތައްގަނޑު ނަޒީމަށް ފަޅައިއެރިދުވަހަށެވެ. އޮފީހުގެ މުހިންމެ ލިޔުމެއް ހޯދުމަށް ގެއަށް އައިސް އަލަމާރިތެރެ ހާވަމުންދަނިކޮށް އޭނާގެ ލޮލުގައި ހެދުންތަކުގެ ދަށުގައިއޮތް ފައިލެއް އަޅައިގަތެވެ. ކޮންއެއްޗެއްތޯ ބަލައިލުމުގެ ނިޔަތުގައި ނަޒީމް އެފައިލް ނަގައި ހުޅުވައިލިއެވެ. އޭގައިވީ ޚުދު އޭނާގެ މުޅި ދިރިއުޅުން އެފުށް މިފުށަށް ޖެހިގެންދާނެފަދަ ބިރުވެރި ޚަބަރެއްކަން ނޭނގިވީ ހާލުއެވެ. ފައިލް ހުޅުވައިލަމުން އޭގައިވި ލިޔުންތަކަށް ފުންނަޒަރެއް ހިންގައިލި ނަޒީމްގެ ފައިދަށުން ބިންގަނޑު ދެމިގެންދިޔަފަދަ އިހުސާސެއް އޭނާއަށް ކުރެވުނެވެ. މުޅިދުނިގެ އެނބުރިގަތްހެން ހީވިއިރު އެދެލޮލަަށް ކަރުނަ ޖަމާވީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. ކޮންފަދަ ބޮޑު އޮޅުވައިލުމެއްހެއްޔެވެ؟ އެހައިވަރުގެ ބޮޑު ދޮގެއްް ހަދަން ހެޔޮވާނެހެެއްޔެވެ؟ ލިބުނު ހިތްދަތިކަމަކުން މެޔަށް ތަދުވެލިހެންހީވެ ނަޒީމްއަށް މޭގައި އަތުން ހިފަހައްޓައިލެވުނެވެ. އޭނާ ދިން ލޯތްބާއި އޯގާތެރިކަމުގެ ބަދަލު މިލިބުނީ ކޮންފަދަ ނިކަމެތި ގޮތަކަށް ހެއްޔެވެ؟ މި ވަގުތީ ދުނިޔޭގެ އަނިޔާވެރިކަން އެހިނދު އޭނާއަށް އިހުސާސުވިއެވެ. ދެލޮލުން ވެއްޓުނު ކަރުނަތިކި އަތުގެ ނުފުށުން ފުހެލި ނަޒީމްގެ ދެލޯ ފާޚާނާއިން ނުކުތް ތޮއިބާއަށް ހުއްޓުނެވެ. ރުޅިވެރިކަމާއެކު އޭނާއަށް ދެލޯ އަޅައިލެވުނީ ބޭއިޚުތިޔާރުގައެވެ. އެއަނިޔާވެރިއާއަށްޓަކައި އޭނާގެ ހިތް ސާފުކުރާނެ ގޮތެއް ނުވިސްނުނެވެ.
ނަޒީމްގެ އަތުގައިއޮތް ފައިލު ތޮއިބާގެ ލޮލުގައި އަޅައިގަތީ އެހިނދުއެވެ. ތެޅިގަނެފައި އައިސް އޭތި އަވަހަށް އޭނާގެ އަތުން ތޮއިބާއަށް ޖަހައިގަނެވުނެވެ. ނަޒީމްގެ ރުޅިވެރި ނަޒަރުފެނި ބިރުންގޮސް މީހާ ރޫރޫއަޅައިލިއެވެ. ތޮއިބާގެ މޫނަށް އިރުގަނޑަކު ބަލަން ހުރުމަށްފަހު ދަތްކުނޑި ވިކައިލަމުން އެތަނުން ދިއުމަށް ނަޒީމް ހިނގައިގަތީ އައިސްފައިވާ ގަދަ ރުޅީގައި އޭނާގެ ހިތަށްވެސްނާރާފަދަ އަމަލެއް ކުރެވިދާނެތީއެވެ. ރުޅިއަކީ އިންސާނާގެ ބުއްދިގޯސްކުރުވާ އެއްޗެއްކަން އޭނާ ދަނެއެވެ. ކިތަންމެ ހިތްހަމަނުޖެހުނު ނަމަވެސް ބައްޕަގެ ތަރުބިއްޔަތުމަތިން އޭނާ ހަނދާނެއް ނުނެތެއެވެ. ގެއިން ނުކުމެގެން އެދިޔަގޮތަށް އޭނާ އެނބުރި ގެއަށް އައީ އެރޭ ފަތިސްނަމާދުފަހުންނެވެ.
އެތައްގޮތަކަށް އެކަމާއި މެދުގައި އޭނާ ވިސްނުން ހިންގިއެވެ. މާބަނޑު އަންހެނަކު ގެއިންނެރެބއެއްލައިލާކަށް އޭނާގެ ޟަމީރު ތަނެއްނުދެއެވެ. ތޮއިބާ ގޮސް ވަންނާނެ އެއްވެސް އިތުރުތަނެއް ނެތީމައެވެ. ތޮއިބާދެކެ ކިތަންމެ ލޯބިވިއަސް އިތުރަށް އޭނާއާއި އެކުގައި ދެން ކެތެއްނުވާނެއެވެ. ތޮއިބާ ބަނޑުބޮޑުކަން އެނގި ދެމީހުންގެ ކޮޓަރި ތިރީ ބައިގައިހުންނަ ކޮޓަރިއަކަށް ބަދަލުކޮށްފައިވުމުން އޭނާ އަބަދުވެސް އުޅެމުންދިޔަ ކޮޓަރި ހުރީ ހުހަށެވެ. އެރޭ ގެއަށް ދިއުމަަށްފަހު ތޮއިބާ އާއި އެއްވެސް ވާހަކައެއް ދެއްކުމެއްނެތި ނަޒީމް އޭނާ ކުރިންވެސް އުޅެމުންދިޔަ ކޮޓަރިއަށް ބަދަލުވީއެވެ. އެރެއަށްފަހު ދެމީހުންގެ ދެމެދަށް އައީ ހީވެސްނުކުރާވަރުގެ ދުރުމިނެކެވެ. ކޮންމެހެން ބުނަންޖެހޭ އެއްޗެއް ފިޔަވައި އިތުރު އެއްވެސް ވާހަކައެއް ނަޒީމް ތޮއިބާއަކާއި ނުދައްކައެވެ. ތޮއިބާ ފެންނަހިސާބުގައި މާގިނައިރަކު ނުހުރެއެވެ. އެހިތުގައި ތޮއިބާ އާއި މެދުގައި އުފެދިފައިވީ ކިލަނބުކަމެވެ. ޝަކުވާއެވެ.
*****
“ދުވަސްތައް އެގޮތުގަ ފާއިތުވެގެންދިޔަ ގޮތްވެސް ނޭނގެ.. އަހަރެން ވިހޭ އިރުވެސް ކަންތައްއޮތީ އެފަދައިން.. އެކަމަކު ވިހެއުމުގެ ވޭންވަރު އަހަރެންގެ ހަށިގަނޑުގައި އަޅައިގަތީ ނަޒީމްވެސް އަހަރެން ފެންނަފަށުގައި ހުއްޓަ.. އެދުވަހު އެހެންހުރިހައިކަމެއްމަތިން ހަނދާން ނައްތައިލާފަ އަހަރެން ގޮވައިގެން ހޮސްޕިޓަލަށް ދިޔައީ ނަޒީމް.. އެއްވެސް މީހަކަށް ހަގީގަތް ނޭނގޭތީ ހީކުރީ އެއީ ނަޒީމްގެ ކުއްޖެއްކަމަށް.. ކުޑަކުޑަ ޒާން އެންމެފުރަތަމަ އުރާލިވަގުތު އެކުއްޖާއާއި މެދުގައި ނަޒީމްގެ ހިތް ލޯބިންފުރިގެންދިޔަ.. އަމިއްލަ ލެޔަށް ނުވާއިރުވެސް.. އެތުއްތު ފުރާނަދެކެ އޭނާ ލޯބިވީ ހިތާއި ރޫހުން.. އެއްވެސް އަމިއްލަ އެދުމެއްނެތި.. ޒާންވީ އޭނާގެ މުޅި ހަޔާތަށް.. އެދިރިއުޅުމުގެ އުުއްމީދަށް.. އަހަރެންގެ ގާތުގައިހުރެ އެކުއްޖާ ތަރުބިއްޔަތުވާން ވެއްޖެނަމަ ގޯސްމަގަކުން ހިނގައިދާނެތީ ޒާންގެ ހުރިހައިކަމަކާއިވެސް ހަވާލުވާން ބޭނުންވީ ނަޒީމް.. އޭނާފަދަ ހިތްތިރި އޯގާތެރިއެއްގެ ގޮތުގަ ޒާން ދުށުމަަށް އެދެވުނުވަރުން.. ނަޒީމްގެ މޫނުން ފައުޅުވި ކުލަވަރު އަހަރެން ދުށީން.. ވިހެއުމަށްފަހުވެސް އެގެއިން އަހަރެންނަށް ޖާގައެއްލިބުނީ ޒާންދެކެ ނަޒީމްވި މަތިވެރި ލޯތްބެއްގެ ސަބަބުން.. ޒާން އޭނާ ކުރިމަތީގައި އަބަދުމެ ބަހައްޓަން ބޭނުންވުމުން.. ތެދަށް ބުނާނަމަ.. ޒާންވީ ނަޒީމްގެ ބަލިފަޔަށް.. އޭގެ ނާޖާއިޒް ފައިދާނެގީ އަހަރެން.. ޒާންގެ މަންމަ.. އަހަރެންމީ ކިހައި ނުބައި މީހެއް.. އެއޯގާތެރިޔާއާއި މެދު އަހަރެން ކަންތައްކުރީ ދުވަހަކު މީހަކާއި މެދުގައި ކަންތައްްނުކުރާނެފަދަ އިހާނެތިގޮތަކަށް.. ޒާން އާމެދުގައި އޭރު އަހަރެންގެ ހިތުގައި އެއްވެސް ޚާއްސަކަމެއްނުވާއިރުވެސް ނަޒީމްއާއި ޒާންގެ ގުޅުމާއި މެދު އަހަރެން ހަސަދަވެރިވީ.. ޒާން ގޮވައިގެން އުޅޭ ކޮންމެ ވަގުތު ނަޒީމްގެ މޫނުމަތިން ފެންނަ އުފާވެރިކަމެއްގެ ސަބަބުން.. ނަޒީމްގެ އެއްވެސް ކުށެއް ނެތްއިރުވެސް އަހަރެންނަށް ނަޒީމްދެކެ ފޫހިވެ ނަފުރަތުކުރެވެންވީ އެއްވެސް ސަބަބެއްނޭނގެ..” ވާހަކަައިގެ އެހިސާބަށް ދިޔަތަނާ ތޮއިބާ ނޭފަތްއެތެރެއަށް ދަމައިލަމުން ގިސްލަގިސްލާފައި ރޮއެގަތެވެ. ޖެހިބުދެެއްހެން ގަނޑުވެފައި އިވެމުންދިޔަ ވާހަކަތައް އަޑުއަހަން ލަމްޔާ އިނީ ގަބޫލުނުކުރެވިފައެވެ. އަތުގެ ނުފުށުން ކަރުނަތައް ފުހެލަމުން ތޮއިބާ އޭނާގެ ވާހަކަ ކުރިއަށް ގެންދިޔައެވެ.
“އަހަރެންނަށްވުރެ ޒާންގެ ހިތުގަވެސް ޚާއްސަކަމެއް ދެވުނީ ނަޒީމްއަށް.. އެހެންނު ވާނީވެސް.. ބޮޑުވެގެން އައިއިރު ޒާންގެ ހުރިހާކަމެއް ކޮށްދީހެދީ ނަޒީމް.. އެއްވެސް ޝަކުވާއެއްނެތި.. ޒާންއަށް ކާންދީ.. ފެންވަރުވައި ރީތިކޮށް.. ސްކޫލަށް ގެންގޮސްދީ ބަލިވީމައި އެންމެ ގާތުގައިހުރެ އަޅައިލައިހެދީވެސް ނަޒީމް.. އޮފީހުގަ ބުރަކޮށްއުޅެމުންވެސް ޒާންގެ އެއްވެސްކަމެއްގަ ފަރުވާކުޑައެއްނުކުރޭ.. އެދަރި ހުންނަނީ ނަޒީމްއައި އަޅައި މޮޔަވެފަ.. އެއީ އޭނާގެ މުޅި ދުނިޔެ.. ކޮންމެ ތަނަކު އުޅެފައި ގެއަށް އަޔަސް އެންމެ ފުރަތަމަ ހޯދާނީ ނަޒީމް.. ބަލައިފި މީހަކަށް އެއީ އޭނާގެ ދަރިއެއްނޫނޭ ބުނާކަށް ނޭނގޭނެ.. އެހައިވެސް އެދެމެދުގައިވީ ގުޅުން ވަރުގަދަ.. ދެބަފައިން އެކަކު އަނެކަކުދެކެ ލޯބިވީ އެފަދައިން.. އެއްވެސް މީހަކަށް އަހަރެން ނެތްފަދަ.. އަހަރެން ކޮބައިތޯ އެކަކުވެސް ބަލައިނުލާ.. އަނެއްކާވެސް އަހަރެންނަށް އެމިނިވަންކަން ލިބުނު.. އެކަމަކު.. ނަޒީމް އުފަލުގައި އުޅޭތަން ދެކޭކަށް ބޭނުމެއްނުވި.. އަހަރެން ބޭނުންވީ އޭނާއަށް ލިބުނު ކުޑަކުޑަ އުފާވެސް ޖަހައިގަންނަން.. ޒާން އާއި ނަޒީމް ކޮންމެ ގޮތަކުންވިއަސް ދުރުކުރުވަން.. އަހަރެން… އަހަރެން ނަޒީމަށް ބިރުދެއްކީ.. މަޖުބޫރުކުރުވީ.. އެހިތުގައި ޒާންއަށްޓަކައިވީ ކޮންފަދަ އަމިއްލަ އެދުމެއްނެތް ލޯތްބެއްކަން އެނގިހުރެ.. ޒާން ކުރިމަތިން ގެއްލެން ނަޒީމް ނޭދޭނެކަން އެނގިހުރެ.. އަހަރެން ނަޒީމް ގާތުބުނީ ޒާން އާއި ދުރުވާން.. އެއްވެސް ގުޅުމެއްނުބާއްވަން.. އެހެންނޫނީ.. އަހަރެން.. ޒާން ގޮވައިގެން ފިލާނީ ކަމުގަ.. އެގެއިން ނުކުމެގެންދާނީ ކަމުގަ.. ޒާންގެ މައްޗަށް ހިނގާނީ އަހަރެންގެ ބާރުކަމުގަ.. އެގޮތް ނަޒީން ބޭނުންނުވާނަމަ ޒާންއާއި ދުުރުން އުޅުމަަށް.. އެދުވަހު ނޫނީ އަހަރެން ނަޒީމް ރޮނިކޮށް އޭގެކުރިން ދުވަހަކުވެސް ނުދެކެން.. އެދެލޮލުން ކަރުނަ ހިލުނު.. އެވަގުތުވީ ބޭރުތެރޭ ކުޅެން އުޅެފަ ޒާން ގެއަށްއައިސް ވަތް ވަގުތަަށް.. ވަގުތުން ދުވަމުންއައިސް ނަޒީމްގެ ފައިގަ ބައްދާލާފަ ބުނި ބައްޕި ދެކެ ވަރަަށް ލޯބިވެޔޭ.. ނަޒީމްގެ ހިތަށް އެވަގުތު ކުރާނެ އަސަރު ޚިޔާލަށް ގެންނަންވެސް އަހަރެންނަަށް އުނދަގޫ..” ރޮވޭވަރުން ވާހަކަދައްކަން އުނދަގޫވި ނަމަވެސް ހިތްވަރުކުރެވޭތޯ ތޮއިބާ މަސައްކަތްކުރަމުން ދިޔައެވެ. ތޮއިބާގެ ވާހަކަ ނިމެންދެން އެއްވެސް އެއްޗެއްނުބުނެ މަަޑުމަޑުން ލަމްޔާ އިނެވެ. އޭރު އޭނާގެ ލޮލުންވެސް ކަރުނަ ފައިބަމުންދިޔައެވެ.
“ފުރަތަމަ އަހަރެންގެ އެއިންޒާރު ނަޒީމް ނެގީ ވަރަަށް ލުއިކޮށް.. އަހަރެން މިގެ ދޫކޮށް ގޮސްއުޅޭނެތަނެއް ނެތްކަން އޭނާއަށް ޔަގީންވާތީހެން ހީވަނީ.. އެކަމަކު ދެން އަހަރެން ކަންތައްކުރީ އެހެން ގޮތަކަަށް.. ޒާން އާއި ނަޒީމް ދުރުނުވެއްޖެނަމަ ޒާން އަށް ތަޅައި އަނިޔާކުރާނެކަމުގެ ބިރުދެއްކީ.. ޒާންއަށް ކުޑަވެސް ގެއްލުމެއްވާން އޭނާ ނޭދޭނެކަން އެނގޭތީ.. އެދުވަހު އަހަރެންނަށް އެކަންކުރަން ކެރިދާނެކަން އަންގައިދިނުމުގެ ގޮތުން.. ޒާން.. ޒާން ގައިގައި އަހަރެން.. މިދެއަތުން.. ޖަހަން..ވެސް ޖެހިން..” ތޮއިބާއަށް އޭނާގެ ދެއަތަށް ބަލައިލަމުން ބާރަށް ރޮއިގަނެވުނެވެ. އެހިތަށް އެހުރިހައި ހަނދާންތަކުން އަސަރުކުރުވަމުން ދިޔައީ ބަޔާންކުރަންވެސް ދަތިވާވަރަށެވެ.
“އެދުވަހު ޒާން އަށް އެހެން ނުހެދުމަށްއެދި ނަޒީމް އަހަރެންގެ ގާތުގައި ރޮއެ އާދޭސްކުރި.. ޒާން އެއީ އޭނާގެ ފުރާނަކަމުގައި ބުނި.. އެފުރާނަ ދިރިހުއްޓައި އޭނާއާއި ވަކިނުކުރުމަށް ތަކުރާރުކޮށް އެދުނު.. އަހަރެންނަށް ލިބުނީ ކާމިޔާބު.. އެކަމާ އަހަރެން އުފާކުރިން.. އަހަރެން ކަންތައްކުރަންބުނި ގޮތަަށް ހުރިހައިކަމެއް ކުރާން ނަޒީމްއަށް މަޖުބޫރުވީ.. އެކުޑަކުޑަ ލޯބި ޒާންއަށްޓަކައި.. އަހަރެންގެ ހިތުގަ އޭރު ޒާންގެ މައްޗަށް ރަހުމެއްނެތްއިރު އަހަރެން ކޮންމެފަދަކަމެއްވެސް ޒާންއަށް ކޮށްފާނެކަން އެނގޭތީ.. ނަޒީމް ޒާންއަށްޓަކައި ގުރުބާންވީ.. އަހަރެންބުނި ކޮންމެ ކަމެއް އޭނާ ކުރި.. މަޑުމަޑުން ޒާންއާއި ދުރުވި.. އެދަރީގެ ހުރިހައިކަމެއް އަހަރެންނާ ހަވާލުކުރި.. އެބަދަލަށް ހޭނުން ޒާންއަށްވީ ދަތިކަމަކަށް.. އޭނާގެ ހިތުގަ އަހަރެންނަށްވުރެ ބޮޑަށްވީ ނަޒީމް.. ނަޒީމްގެ ދުރުކަމުން ޒާންއަށް އެއުމުރުގައިވެސް ފުން އަަސަރެއްކުރުވި.. އެދެމީހުނަށް ލިބެމުންދިޔަ ވޭން ދުށުން އަހަރެންނަަށްވީ އުފަލަކަށް.. ޒާން ރޮއި ހިތާމަކުރި.. ޝަކުވާކުރި ނަޒީމް އޭނާއާއި އަޅައިނުލަންހެދުމުން.. ނުބައި ވަސްވާސްތައްދީ ޒާންގެ ހިތުގައި ނަޒީމްގެ މައްޗަށް ނަފުރަތުގެ ހުޅު ރޯކުރިމީހަކީ އަހަރެން.. އަހަރެން ބުނިން ނަޒީމް ޒާންދެކެ ލޯތްބެއް ނުވެއޭ.. އެއީ އޭނަ ދެއްކި ދަޅައެކޭ.. ލޯބިވާނަމަ އެހެން ކަންތައްނުކުރާނެއޭ.. ނަޒީމްދެކެ ޒާން ބޮޑުވެގެންއައިއިރު ރުޅިއަންނަންފެށީ އެހިސާބުން.. އެހެނަސް އެހިތުގައި އަދިވެސް ނަޒީމަަށްޓަކައި ލޯބިވާކަން އަހަރެންނަށް އެނގޭ.. އެހިތުގައި އެހައި ޝަކުވާވަނީ އެހެންވެ.. އަހަރެން ނެތްވަގުތުތަކުގައި ސިއްރުން ޒާން އުޅޭ ނޫޅޭގޮތް ނަޒީމް ބަލާކަން އަހަރެންނަަށް އެނގޭ.. ދުރުދުރުންވިއަސް ޒާންގެ ކަންތައް ބަލަހައްޓާކަން އެނގޭ.. އެކަމަކު ޒާން އޭނާދެކެ ރުޅިއަންނަންފެށިކަން އެނގުނު ހިސާބުން ނަޒީމް އެއްކޮށް މާޔޫސްވި.. އެހެނަސް އެހިތުގައިވި ޒާންގެ ލޯބި ފަނޑެއްނުވި.. އެއީ އަބަދުވެސް ޒާންދެކެ އެންމެ ލޯބިވި އެންމެ އަޅައިލި އެންމެ އޯގާތެރިވެދިން ބައްޕަ.. އަމިއްލަ ދަރިއަކަަށް ނުވިނަމަވެސް..” ތޮއިބާއަށް އަނގަމަތީގައި އަތްއަޅައިލެވުނެވެ. ރޮވެމުންދިޔަވަރުން މޭފިތޭފަދަ އިހުސާސެއް އޭނާއަށް ކުރެވުނެވެ.
“ބޮޑުވެގެން އައިއިރު އެޚިޔާލާއި ފިކުރުތަކާ ދުރުވުމަށް ޒާން ޚިޔާރުކުރީ ނުބައި އެކުވެރިންނާއި އެނުބައިވި އަމަލުތައް.. އޭނާ ދެކުނުގޮތުގައި އޭނާ އެންމެ ލޯބިވިމީހާ އޭނާގެ ހިތުގައި ފުން ޒަޚަމްތަކެއް ލެއްވީ.. ޒާން އަށް ނޭނގުނުކަމީ އެހުރިހައިކަމެއްގެ ފަހަތުގައިވެސްވީ އަހަރެންކަން.. ނަޒީމް އެހުރިހައިކަމެއްކުރީ ޒާންއަށްޓަކައިކަން.. އެހެނަސް ޒާންގެ އުޅުން އެފަދައިން ބަދަލުވެދާނެކަމަކަށް އޭނާ ހިއެއްނުކުރޭ.. ޒާންއަށް ހެޔޮގޮތް ވިސްނައިދެން ނަޒީމް މަސައްކަތްކުރި.. ނަމަވެސް.. އަހަރެން ޒާންގެ ހިތުގައި އުފެއްދި ނަފުރަތުގެ ސަބަބުން ނަޒީމްގެ ވާހަކަތަކަށް އޭނާދިނީ ބީރުކަންފަތެއް.. ނަޒީމް ދެރަވާނެހައި ގޮތަކަށް އުޅުން ބައްޓަންކުރި.. އެކަމާއި ނަޒީމް ހިތާމަނުކުރާ އެންމެ ސުކުންތުކޮޅެއްނުދޭ…” ތޮއިބާއަށް ނޭފަތް އެތެރެއަށް ދަމައިލެވުނެވެ.
“އެގޮތުގައި ދުވަސްތައް ވޭތުވަމުންދަނިކޮށް އަހަރެންގެ މުޅި ޙަޔާތް ބަދަލުވީ ނަޒީމަށް ދިމާވި އެކްސިޑެންޓަށްފަހު.. އެކްސިޑެންޓްގަ ނަޒީމަަށް އަނިޔާވީ އަހަރެންގެ ފުރާނަ ސަލާމަތްކުރުމަށް އުޅުމުގެތެރޭ.. އަމިއްލަ ފުރާނަ އަތްމައްޗަަށް ލައިގެން އޭނާ އަހަރެން ސަލާމަތްކޮށްދިނީ.. އެރޭ މަގުމަތިން ބާރު ސްޕީޑްގައިއައި ކާރުގެ ކުރިމަތިން ނަޒީމް އަހަރެން ކޮށްޕައިނުލިނަމަ މިއަދު އެބަލި އެނދުގައި އޮންނާނީ އަހަރެން.. އަހަރެންގެ މުޅި ދިރިއުޅުން އެރެއަށްފަހު ބަދަލުވި.. ނަޒީމްއާއި މެދުގައި ދެކެވެމުންދިޔަގޮތްވެސް.. އަހަރެންގެ ހިތުގައި ފުރަތަމަ ފަހަރަށް ނަޒީމްގެ އޯގާތެރިކަމާއި އެދިން ހެޔުނަސޭހަތްތައް އެނބުރިގަތް.. ކަންކަމާއި ވިސްނުން ހިންގެންފެށިވަރަކަަށް ނަޒީމްގެ ވާހަކަތަކުގެ ތެދުވެރިކަން އަހަރެންނަށް އިހުސާސުވި.. އަަހަރެންނަށް ހެޔޮވިސްނުން ދެއްވި ރަސްކަލާނގެއަށް ހަމްދުހުރި.. މިއަދު އަހަރެންގެ ކުރިމަތީގައި އަހަރެންގެ ފިރިމީހާގެ ޤަދަރުވަނީ އުފުލިފަ.. އެފަދަ ފިރިއަކު ދެއްވިކަމަށްޓަކައި ޝުކުރުވެރިވަން.. އަހަރެންގެ ހުރިހައި ނުބައި އާދަތަކުން ދުރުވެ ތައުބާވިން.. ޒާންއަަށް ހުރިހައި ހަގީގަތެއް އަންގައިދޭން ބޭނުންވި.. ނަޒީމްގެ ކުށެއްނެތްކަން ބުނެދޭން ބޭނުންވި.. އެކަމަކު.. ޒާން.. ނަޒީމްގެ ނަން ކިޔާލާއަޑުވެސް އަހާކަަށް ބޭނުމެއްނުވޭ..” މޫނުގައި އަތްއަަޅަމުން ތޮއިބާ ބާރަށް ރޮއެގަތެވެ. އެކަޅު މާޒީއާއި މެދުގައި އޭނާ ހިތާމަނުކުރާ އެންމެ ދުވަހެއް ނުދެއެވެ. ނަޒީމްގެ ކިބައިން މައާފަށް އެދުމަަށް އޭނާވަނީ ކެތްތެރިކަން ކުޑަވެފައެެވެ.
ރޮމުންދިޔަ ތޮއިބާގެ ގައިގައި ބައްދައިލަމުން ހިތްވަރުކުރުމަަށް ލަމްޔާ ބުނެލިއެވެ. ހުރިހައިކަމެއްވެސް ﷲ ގެ އިރާދަފުޅުން ރަނގަޅުވާނޭ ބުނެލިއެވެ. އޭރު އޭނާއަށްވެސް ރޮވެމުންދިޔައެވެ. ކުއްލިއަކަށް ތޮއިބާއާއި ލަމްޔާ ފަހަތަށް އެނބުރިބަލައިލީ އެމީހުންތެ ފުރަގަހުގައިހުރި ތަނބެއްގެ ފަހަތުން އިވިގެންދިޔަ ވޭނީ ގިސްލުމެއްގެ އަަޑުންނެވެ. ހައިރާންވެފައި އެކަކު އަނެކަކަށް ބަލައިލެވުނުއިރު ތަނބުގެ ފުރަގަހުގައި ނިވައިވެހުރި ޒާއިންއަށް އިވިގެންދިޔަ ވާހަކަތަކުން ރޮއެގަންނަމުން ހުރިތަނަށް ތިރިވެވުނެވެ. އެހިތުގައި ރިއްސައިލީ މިއިން ޒަމާނަކުވެސް ނުރިހޭވަރަށެވެ. މޭގައި އަތްއަޅައި ބާރުކޮށްލިއިރު އެވޭނަށް އޭނާއަށް ކެތްނުވެގެން އުޅޭކަހަލައެވެ.
އޭނާ އެއީ ނަޒީމްގެ ދަރިއެއް ނޫންހެއްޔެވެ؟ ނަޒީމް އޭނާއާއި ދުރުވީ ހަމަ މަންމަގެ ފިއްތުންތަކުގެ ސަބަބުންހެއްޔެވެ؟ އަމިއްލަ ދަރިއަކަށް ނުވާއިރުވެސް ނަޒީމް އޭނާދެކެ އެހައި ލޯބިވީހެއްޔެވެ؟ އެކަމަކު.. އާހް… އޭނާއަށް ނަޒީމާއި ދޭތެރޭގައި ކަންތައްކުރެވުނީ ހާދަހައި އިހާނެތިކޮށެވެ. ކުޑަމިނުން މަރުގެ ތުންފަތްމަތީގައި އެބައްޕަ އޮތްއިރު އެ އޯގާތެރި އިންސާނާގެ ހާލުބަލައިލަންވެސް އޭނާ ނުދިޔައެވެ. ނަޒީމް އޭނާދެކެ އެހައި ލޯބި ނުވިނަމަ މިއަދު އޭނާ އުޅޭނީ ކޮންފަދަ ހާލެއްގައިހެއްޔެވެ؟ އެއޯގާތެރިކަމުން އޭނާއާއި އޭނާގެ މަންމައަށް ދިރިއުޅެވޭނެމަގު ފަހިކޮށްދިންއިރު ބަދަލުގައި ޒާއިންއަށް ދެވުނީ ކޮންއެއްޗެއް ހެއްޔެވެ؟ އާހް.. މިއަދު އެބައްޕައާއި އޭނާ ކުރިމަތިލާނީ ކިހިނަކުން ހެއްޔެވެ؟ ކޮން ހައިސިއްޔަތަކުން ހެއްޔެވެ؟ އެހެނަސް ހެވެވެ. އަމިއްލަ ބައްޕައަށް ނުވިނަމަވެސް ޒާއިންގެ ނަޒަރުގައި އެއީ އޭނާގެ ބައްޕައެވެ. ލައްކަދުވަހު އެލޯތްބަށްއެދި އޭނާ ތެޅިފޮޅިއްޖެއެވެ. ހިތުގައިވި ޝަކުވާތަކާއިއެކު ދިރިއުޅެވިއްޖެއެވެ. ބައްޕަދެކެ ކިތަންމެ ނުރުހުނަސް އެހިތުގައިވި ލޯތްބަކަށް އުޅެއުޅެވެސް ފަނޑުކަމެއްނައެވެ. ދުވަހަކުވެސް ނާނާނެއެވެ. އެއަށްވުރެ އެބައްޕައަށް އެހިތުން ދެވިފައިވި ލޯބި މާބޮޑުވެގެންވެއެވެ. އަދި އަމުދުން ހުރިހައި ހަގީގަތެއް އެނގުމަށްފަހު އެލޯބި އެތައްގުނައެއް އިތުރުވެއްޖެއެވެ. ބައްޕައެއްގެ މަގާމުގައި އޭނާ ދެކެން ބޭނުންވަނީ ހަމައެކަނި ނަޒީމެވެ.
ހިތަށްވެރިވަމުންދިޔަ އެކި ޚިޔާލުތަކުން ޒާއިންގެ ގިސްލުން ބާރުވަމުންދިޔައެވެ. ހިތަށް ނުކުޅަދާނަވާވަރަށް އެހިތުގައި ވޭންއަޅަމުންދިޔައެވެ. ލޮލުން އޮހޮރެމުންދިޔަ ވޭނީ ކަރުނަތަކުން އެލޮލުގައި މަޑުރަތްކަމެއް އުފައްދައިފިއެވެ. އަބްދު ﷲ މެންނާއެކުގައި މަސައްކަތުގައި އުޅެފައި މާބޮޑަށް ލަސްވެ ވަރުބަލިކަން އިހުސާސުވުމުން އޭނާ ގެއަށް އައީ ފަހަރެއްގައިވެސް އެފަދަ ވާހަކަތަކެއް އަޑުއިވިދާނެކަމަކަށްނޫނެވެ. މިހުރިހައި ދުވަހު ތޮއިބާ އޭނާއަށް ބުނެދޭންއުޅުނު ވާހަކައަކީ މިއީތާއެވެ. ޒާއިންއަށް މޫނުމަތީގައި އަތްއަޅައި ބާރުކޮށްލެވުނެވެ. ކުށްވެރިކަމުގެ އިހުސާސުން މުޅިމީހާ ފިތެމުންދިޔައިރު އެމުޅިހަށިގަނޑު ރޫރޫއަޅަމުންދިޔައެވެ.
ތޮއިބާއާއި ލަމްޔާ އެތަނަށް އައިސް ހުއްޓުނުއިރު ތަނބުގައި ލެގިލައިގެން އިނށީދެއިނދެ ބާރަށް ރޮމުންދިޔަ ޒާއިންފެނި ތޮއިބާގެ ބަސްހުއްޓުނެވެ. އޭނާގެ ވާހަކަތައް ޒާއިންއަށް އަޑުއިވިއްޖެކަން އެހިނދު އޭނާއަށް ވިސްނުނެވެ. ލަދުވެތިކަން ހިތަށްވެރިވެގެން ދިޔައެއްކަމަކު މަޑުމަޑުން ޒާއިން ގާތުގައި އޭނާވެސް އިނށީދެލިއެވެ.
“ދަ..ދަ..ރިފުޅާ.. މަންމައަށް.. މައާފުކޮށްދީ..” ޒާއިންގެ އަތުގައި ހިފައިލަމުން ތޮއިބާއަށް ހިތްވަރުކޮށްފައި ބުނެވުނީ އެހިސާބަށެވެ. ކިތަންމެ ވާހަކައެއް ދައްކަން ބޭނުންވިއަސް އޭނާގެ އަރުތެރެ ބެދި ގިސްގެ މަޑު އާހެއް އެތުންފަތްދެމެދުން ބޭރުވިއެވެ.
“އަހަރެން.. ބޭނުމީ.. ބައްޕަ.. ގާތަށް ދާން.. އަހަރެން.. ބަ..އް..ޕަ.. ގާތަށް… ގެންގޮސްދީ..” ތޮއިބާގެ ކުރިމަތީގައި ދެއަތް ޖޯޑުކޮށްލަމުން ޒާއިން އާދޭހާއި އެކުގައި އެދުނެވެ. އެންމެ ސުކުންތެއްވެސް ލަސްކުރާކަށް އޭނާ ބޭނުމެއްނުވެއެވެ. ވީ އެންމެ އަވަހަކަށް އޭނާގެ ލޮބުވެތި ބައްޕަގެ ސޫރަ ދެކިލާހިތުން އެހިތް ތެޅިފޮޅިގަތެވެ. ޒާއިންގެ ހާލުފެނި ލަމްޔާއަށް އަނގަމަތީގައި އަތްއަޅައިލެވުނެވެ. މިވަގުތު އެހިތަށް ކުރާނެ އަސަރު އަންދާޒާކޮށްލަންވެސް ދައްޗެވެ. އޭނާގެ ދެލޮލުންވެސް ކަރުނަ އޮހޮރެމުންދިޔައިރު އެމޫނުމަތިވަނީ އެއްކޮށްރަތްވެފައެވެ.
ޒާއިންގެ އެދުމަށް އަވަސް އަވަހަށް ބޯޖަހައިލަމުން ޒާއިންގެ އަތުގައިހިފައިގެން ތޮއިބާ އިންތަނުން ތެދުވިއެވެ. އަދި ހަރުއަޑުން އާމިރުއަށް ގޮވައިލިއެވެ. ތޮއިބާގެ އަޑަށް ތެޅެމުން ފޮޅެމުންކަހަލަ ގޮތަކަށް އާމިރު އައިސް އެތަނުގައި ހުއްޓުނެވެ. އެންމެންގެ ހާލަތުފެނި އޭނާ ހާސްވާގޮތްވިއެވެ.
“ކާރު ގެނޭ.. އަހަރެން ބޭނުން ހޮސްޕިޓަލަށް ދާން..” ޒާއިން ގަޔާއި ގާތްކޮށްލަމުން ތޮއިބާ ބުނެލިއެވެ. ބޯޖަހައިލި އާމިރު އަވަސް ހަރަކާތަކާއެކު ގޭގެ މައިދޮރުން ނުކުންނަން ހިނގައިގަތެވެ.
ޓްރީޓޮޕް ހޮސްޕިޓަލުގެ ތެރެއަށް ވަދެގެންގޮސް ނަޒީމް އޮތް ކޮޓަރީގެ ކުރިމަތީގައި ތޮއިބާ މަޑުކޮށްލިއެވެ. ޒާއިން ބޭނުންވީ ނަޒީމްއާއި އެކުގައި އެކަހެރިވަގުތުކޮޅެއްކަމުން އެއްފަރާތުގައި ތޮއިބާ އާއި ލަމްޔާ މަޑުކޮށްލިއެވެ. އޮބިނޯންނަވަރަށް ތެޅެމުންދިޔަ ހިތަކާއެކު އެކޮޓަރީގެ ދޮރު ހުޅުވައިލަމުން ލަސްލަހުން ޒާއިން އެތެރެއަށްވަނެވެ. ބަލިއެނދުގައި އެއްވެސް ހަރަކާތެއްނެތިފައިއޮތް ނަޒީމްފެނި އޭނާއަށް ހިންދިރުވައިލެވުނެވެ. ލޮލުން އޮހޮރެމުންދިޔަ ކަރުނަތަަަށް އަތުގެ ނުފުށުން ފުހެލަމުން މަަޑުމަޑުން އައިސް ނަޒީމް އޮތް އެނދުގެ އެއްފަރާތުގައިހުރި ގޮނޑީގައި ޒާއިން އިނށީނެވެ. އަދި ހަމަހިމޭންކަމާއެކު އިރުކޮޅަކު ނަޒީމްގެ އަނަރޫފަވެފައިވާ މޫނަށް ނަޒަރުހުއްޓައިލައިގެން އޭނާ އިނެވެ.
“ބައްޕާ..” ޒާއިންގެ ކުރެހިފައިވި އަޑުން ކޮޓަރީގެ ހަމަހިމޭންކަން ނެތިދިޔައެވެ. އެހެނަސް ޒާއިން ގޮވައިލުމުންވެސް ނަޒީމްގެ ފަރާތުން އެއްވެސް ހަރަކާތެއް ފައުޅެއްނުވިއެވެ. ތުންފިއްތައިލަމުން ނަޒީމްގެ އަތުގައި ޒާއިންއަށް ބޭއިޚުތިޔާރުގައި ހިފަހައްޓައިލެވުނެވެ.
“ބައްޕާ.. އަހަރެންދެކެ.. ނުރުހުންވެފަތަ ތިއޮތީ؟ ދެން ދުވަހަކުވެސް އަހަރެން ގާތަށް އެނބުރި ނާނާނަންތަ؟ ލޯބިން އަހަރެންގެ ބޮލުގައި ފިރުމައިނުލާނަންތަ؟ ގަބޫލުކުރަން.. އަހަރެންނަށް ބައްޕަގެ ހިތުގަ އިންތިހާއަށް ޖެއްސިއްޖެ.. އަހަރެންގެ ސަބަބުން ބައްޕަ ހިތާމަކުރާނެވަރު ވިސްނޭ.. އެކަމަކު ބައްޕާ.. ބައްޕަގެ މި ދަރިފުޅު އެނބުރި އައިސް މިއިނީ ވިސްނިގެންނޭ.. ދެން ދުވަހަކުވެސް ބައްޕަ ހިތުޖެހި ނުރުންވާނެ އެއްވެސްކަމެއް ނުކުރާނަން.. އަހަރެންނަށް މައާފުކޮށްދީ ބައްޕާ.. ޕްލީޒް.. ބައްޕަގެ މައާފަށްވުރެ ބޮޑަށް މިވަގުތު އަހަރެން ބޭނުން އެއްވެސް އެއްޗެއްނެތް.. ޕްލީޒް.. ތިތާ ނޯވެ ތެދުވެބަލަ ބައްޕާ.. އަހަރެންނަށް… ޒާން ކިޔާފަ ގޮވައިލަބަލަ.. ހެޔޮނުވާނެ.. ބައްޕަގެ ދުލުން ދަރިފުޅާއޭ ކިޔާ ގޮވައިލާނެ ދުވަހަކަށް އަހަރެން ހާދަ ދިގު އިންތިޒާރެއް ކޮށްފީމޭ.. ޕްލީޒް.. އަހަރެން އެނބުރި އައިމަވެސް ތިއެނދުގަ ބައްޕަ ހަމަ އޮންނާނީތަ؟ ބައްޕަގެ ޒާން ގާތަށް އެނބުރި ނާނާނަންތަ؟ ހަނދާންވޭތަ؟ ބައްޕަ ބުނީމެއްނު ދުވަހަކުވެސް ޒާން އެކަނިކޮށްލާފަ ބައްޕަ ނުދާނަމޭ.. ޕްލީޒް ކަމް ބެކް. ޕްލީޒް ކަމް ބެކް.. އައި މިސް ޔޫ ޑޭޑް.. އައި މިސް ޔޫ ސޯ ޑޭމް މަޗް.. ޕްލީޒް ކަމް ބެކް.. ޕްލީޒް ފޯގިވް މީ.. ޕްލީޒް..” ނަޒީމްގެ އަތުގައިހިފައި ގެނެސް އޭނާގެ މޫނުގައި އެއަތުން ފިރުމަމުންދިޔަ ޒާއިންގެ ބަޑި ފަޅައިގެންގޮސް ރޮއެގަނެވުނެވެ. ނަޒީމްގެ ކުރިމަތީގައި ނުރޯން ކިތަންމެ ހިތްވަރެއް ކުރިއެއްކަމަކު އޭނާއަށް ކެތްނުވީއެވެ. ގުދުވަމުން ނަޒީމްގެ މޭގައި ބޯއަޅައިލަމުން އެހަށިގަނޑުގައި ޒާއިން ބައްދައިލިއެވެ. އެހިނދު އޭނާއަށް ނޭނގުނުކަމީ ލޯމެރިފައިއޮތް ނަޒީމްގެ ދެލޮލުގެ ހިމަކޮޅުން ކަރުނައިތެ ތިއްކެތް ވެއްޓިގެންދިޔަ ކަމެވެ. ލޯބިވާ ދަރިފުޅުގެ ހިތާމައިގައި އެހާލުގައިވެސް އޭނާގެ ހިތް ބައިވެރިވަމުންދިޔަކަމެވެ.
*****
އެނބުރި ރާއްޖެ އާދެވުމާއެކު އެންމެ ފުރަތަމަވެސް ޝަޔަމް ގުޅީ ނުހައިކްއަށެވެ. ޝަޔަމްގެ އަޑު ކަންފަތުގައި ޖެހުމާއެކު ނުހައިކްގެ ހިތުގައި ރިއްސައިލިއެވެ. އޭނާއަަށް ބުނެވޭ ކުޑަކުޑަ ބަހަކުންވެސް އެނާޒުކުހިތް ތަޅައިގެން ގޮސްފާނެކަން އޭނާއަށް އެނގެއެވެ. ކުޑަވެސް ހިތާމައެއް ޝަޔަމްއަށް ލިބެން ނޭދޭއިރު އޭނާގެ ފުށުން އެހުރިހައިކަމެއް ޝަޔަމް ބަރުދާސްތުކުރާ މަންޒަރުބަލަން ވަކި އޭނާއަށް ކެތްވާނެހެއްޔެވެ.؟ އެހެނަސް.. އާހް.. މިއަދު އޭނާއަށް އެނޫންގޮތެއް ނެތެވެ. އޭނާއަށް މަޖުބޫރެވެ. އަޒްހަރު ވަނީ ކުޑަވެސް ކަތިފިޔަވަޅެއް ނޭޅޭވަރަށް އޭނާގެ ބާރުގަދަ ކޮށްފައެވެ. އެޅޭ އެންމެ ކަތިފިޔަޅެއްގެ ސަބަބުންވެސް އޭނާގެ ލޯބިވާ މަންމަގެ ފުރާނަގޮސްފާނެއެވެ. ލަމްޔާއަށް މިއިންކަމެއްގެ ހިލަންވުމުގެ ކުރިން ސާރާ އެތަނުން ސަލާމަތްކުރަން އޭނާ ބޭނުންވެއެވެ. އެއީ.. އޭނާގެ ލޯބި ގުރުބާންކޮށްގެން ކަމުގައި ވިއަސްއެވެ.
އަޒްހަރު ބުނިފަދައިން އޭނާގެ ކޮންމެ ހަރަކާތަކަށް ފާރަލާނެ މީހުން އޭނާގެ ވަށައިގެން ހަރަކާތްތެެރިވަމުން ދިޔައެވެ. އެއިން މީހަކަަށް ސިއްރުން އޭނާއަށް އެއްވެސްކަމެއް ކުރެވޭކަށް ނޯވެއެވެ. ބޯގޮވާ ހިސާބަށް ނުހައިކްގެ ފިކުރުތައްވަނީ ގޮއްސައެވެ. ހަދާނެގޮތެއް ނުވިސްނި މުޅި މީހާވަނީ މާޔޫސްކަމެއްގެ ތެރޭގައެވެ.
ޝަޔަމްގެ ކޯލު ނިމުމާއެކު އަޒްހަރު ވަގުތުން ނުހައިކްއަށް ގުޅިއެވެ. އޭނާގެ މީހުންގެ ފަރާތުން ނުހައިކްއަށް ޝަޔަމްގެ ކޯލެއް އައިކަން އެނގިގެންނެވެ. ތަކުރާރުކޮށް އަޒްހަރު ނުހައިކްއަށް ބިރުދައްކައި އިންޒާރު ދިނެވެ. އަދި ވީހައިވެސް އަވަހަށް އޭނާ ބުނި ކަންތައް ކޮށް ނިންމައިލުމަށް ނަސޭހަތްތެރިވިއެވެ. ދެފަރާތަށްވެސް ހަމަޖެހުން އޮތީ އެގޮތުގައިކަމަށް ބުނަމުންނެވެ. އަދި ސާރާގެ ކަރާއި ދިމާއަށް ވަޅިއެއް ހުރަސްކުރެވިފައިވި ވީޑިއޯއެއްވެސް ނުހައިކްގެ ގާތުގައި ހަރަކާތްތެރިވަމުންދިޔަ މީހުން ލައްވައި އަޒްހަރު އޭނާއަށް ދެއްކިއެވެ. ތެޅިގަނެފައި ސާރާއަށް ގެއްލުމެއް ނުދިނުމަަށްއެދި ނުހައިކް އާދޭސްކުރިއެވެ. އަދި މިއަދުން މިއަދަށް ޝަޔަމްއާއި ބައްދަލުކޮށް ހުރިހައިކަމެއް ނިންމާނެ ވާހަކަ ހިތްދަތިގޮތަކަށް ބުނެލިއެވެ.
އޮފީސް ބަންދު ދުވަހެެއްކަމުން ނުހައިކްގެ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ. ހިތްވަރުކޮށްފައި ޝަޔަމްއަށް ގުޅަމުން އެރޭގެ ވަގުތެއްގައި އޭނާ އާއި ބައްދަލުކުރުމަށް ނުހައިކް އެދުނެވެ. އުފާވެފައި ޝަޔަމް އެކަމަށް އެއްބަސްވިއެވެ. އޭނާ ބޭނުންވަނީ މައިންބަފައިންގެ ނުގަބޫލުގައިވެސް ނުހައިކް އާއި ގުޅޭށެވެ. އެދަރަޖައަށް އޭނާއަށް ދެން އިތުރު މީހަކުދެކެ ލޯތްބެއް ނުވެވޭނެއެވެ.
ތައްޔާރުވެލައިގެން ނުހައިކް ބުނި ގަޑިއަށް ރަސްފަންނުގެ ހަމަހިމޭން ސަރަހައްދެއްގަައި މޫދަށް ނަޒަރުހުއްޓައިލައިގެން ޝަޔަމް ހުއްޓެވެ. ފަހަތުގައި މީހަކު ހުރިހެންހީވެ ފަސްއެނބުރިލަމުން އޭނާ ބަލައިލިއެވެ. ކަޅު ޓީޝާޓަކާއި ޖީންސެއްގައި ހުރި ނުހައިކްފެނި ޝަޔަމް ހިނިތުންވެލިއެވެ. އެގޮތަށް އޭނާ އެ ހިނިތުންވެލީ ހާދަ ދުވަހެއް ފަހުންނެވެ. ނުހައިކްގެ ސޫރަ އެކަނި ފެނިފައިވެސް އޭނާގެ ހިތުގައިވި ހުރިހައި އުދާހެއް ހިނދިގެން ގޮއްސިއެވެ. ހިތަށް ހަމަޖެހުން ލިބިއްޖެއެވެ. ހިތްއަވަސްވެފައިހުރެ ނުހައިކްއާއި ދިމާއަށް ޝަޔަމް ފިޔަވަޅެއް އަޅައިލިއެވެ.
“ހިނގާ އެކޮޅު އިނށީނަން.. އެތަނުގަ އެއްވެސް މީހެއްވެސް ނެތް..” އަތުން ވަކި ހިސާބަކަށް އިޝާރާތްކޮށްލަމުން ޝަޔަމް ބުނެލިއެވެ. އެއްވެސް ވާހަކައެއް ދެއްކުމެއްނެތި ނުހައިކް ހިނގައިގަތްގޮތުން ޝަޔަމް ހައިރާންވިއެވެ. އެހައި ދުވަސްފަހުން އޭނާ ފެނުމުންވެސް ނުހައިކް އެއްވެސް ވަރަކަށް އުފަލެއްނުވޭހެއްޔެވެ؟ ނުހައިކްއަށް ވެފައިހުރިގޮތަކާއި މެދުގައި ވިސްނަމުން އޭނާގެ ފަހަތުން އައިސް ޝަޔަމްވެސް އިނށީދެހަމަޖެހިލިއެވެ.
“ނުހައިކް.. ކިހިނެއްވެފަ ތިއިނީ؟” ޝަޔަމް އަހައިލިއެވެ. “ކުޑަކޮށް ބޮލުގަ ރިއްސާތީ.” ދުރަަށް ނަޒަރުހުއްޓައިލަމުން ނުހައިކް ބުނެލިއެވެ. ވަގުތުން ކަންބޮޑުވެފައި އެހެންވީއިރު އެރޭ އެތަނަށްއައީ ކީއްވެގެންތޯ ޝަޔަމް ސުވާލުކޮށްލިއެވެ. މުހިންމު ވާހަކައެއްދައްކަން ބޭނުންވާކަން ނުހައިކް ހާމަކުރީ އެހިސާބުންނެވެ. އެއާއެކު އޭނާވެސް މުހިންމު ވާހަކައެއް ދައްކަން ބޭނުންކަމުގައި ޝަޔަމް ބުނެލިއެވެ. ސުވާލުގެ ނަޒަރަކުން ނުހައިކް ބަލައިލުމާއެކު ޝަޔަމް ހިނިތުންވެލިއެވެ. އަދި ފުންނޭވައެއް ދޫކޮށްލަމުން އޮސްޓްރޭލިއާގައި ކަންތައް ހިނގައިދިޔަގޮތް ނުހައިކް އަަށް ކިޔައިދިނެވެ. އެއަޑުގައިވި މަަޑުމައިތިރިކަމުން ނުހައިކްގެ ހިތަށްވެސް އަސަރުކުރިއެވެ. އަޒްހަރު މިއީ ކޮންކަހަލަ ބަފައެއްބާއޭ އޭނާގެ ހިތަށް އެރިއެވެ.
“ނުހައިކް.. އަހަރެން.. އަހަރެން ބޭނުންވަނީ އަވަހަަށް ކައިވެނިކުރަން.. ހިނގާ އަހަރުމެން މިކޮޅުގަ ކައިވެނިކުރަން.. ދުވަހަކުވެސް މަންމައާއި ބައްޕަ މިގުޅުމަކަށް ގަބޫލެއްނުވާނެ.. އެކަމަކުވެސް އަހަރެންގެ އެއްވެސް ފަރުވާލެއްނެތް.. އަހަރެން ދިރިއުޅުން މިކޮޅަށް ބަދަލުކޮށްފާނަން.. ޕްލީޒް.. ކޮންމެސް އެއްޗެއް ބުނެބަލަ.. މަންމަމެންގެ ނުގަބޫލުގަވިޔަސް ނުހައިކްއާ ކައިވެނިކުރަން އަހަރެން ބޭނުން..” ނުހައިކްގެ މޫނަަށް ނަޒަރު ހުއްޓައިލަމުން ޝަޔަމް ލަސްލަހުން އެހިތުގެ އެދުން ފައުޅުކޮށްލިއެވެ. ޝަޔަމްގެ ބަސްތަކުން ނުހައިކްގެ ހިތުގައިވި ރިހުން ގަދަވެގެންދިޔައެވެ. އެހިތުގައި ހިފައި މީހަކު ޗަސްކޮށްލިނަމަވެސް އެހައި ވޭނެއް ނާޅާނެކަން ކަށަވަރެވެ. ހިންދިރުވައިލި ނުހައިކް ވަށައިގެން ނަޒަރު ހިންގައިލިއެވެ. ނޫންކަމަށް ހަދައިފައި އެހިސާބުގައި ހަރަކާތްތެރިވަމުންދިޔަ އަޒްހަރުގެ މީހުން ފެނުމުން އިސްޖަހައިލަމުން ނުހައިކް ދެލޯމަރައި ބާރުކޮށްލިއެވެ. ދެއަތް މުށްކެވިގެންދިޔައިރު އެހިތަަށް ތަދުވަމުންދިޔަވަރު ދަންނާނެ މީހެއްނެތެވެ. ނުހައިކްގެ ޖަވާބެއްގެ އިންތިޒާރުގައި ކެތްތެރިކަން ކުޑަވެފައި ޝަޔަމް އިނެވެ. ހިތްވަރުކޮށްފައި ޝަޔަމްއަަށް ބަލައިލި ނުހައިކް ފަޒާގެ ތެރެއަށް ފުންނޭވައެއް ދޫކޮށްލިއެވެ.
“އަހަރެންނަަށް މައާފުކުރޭ ޝަޔަމް.. އަަހަރެންނަށް.. ތިކަން ކޮށްދެވޭކަށް ނެތް..” އެދެލޮލަަށް ބަލަން ނުކެރި ނުހައިކް ނަޒަރު ވަކިކޮށްލިއެވެ.
“ވަޓް؟ ކީކޭ ތިބުނީ؟ އަހަރެންނަކަށް ނުވިސްނުނު..” ނިތަަށް ރޫއަރުވައިލަމުން ޝަޔަމް އަވަސް އަވަހަށް އަހައިލިއެވެ. އޭރު އެހިތުގެ ތެޅުންވެސް އިންތިހާއަށް އަވަސްވަމުން ދިޔައެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.







vrh reethi