ތިޔަ ލޯބީގައި… 17
“މާމާ.. މި.. މި.. ނަމާދު.. ކުރަނީ… ކިހި.. ކިހިނެއްތަ؟” ޖެހިލުންވެފައި އިނދެ ތުންފަތްހަފަމުންދިޔަ ޝަޔަމް މުހުސިނާއަށް ބަލަން ނުކެރި މަޑުމަޑުން އަހައިލިއެވެ. މާމަ ދަރިފުޅުގެ ސުވާލާއެކު މުހުސިނާއަށް ލިބުނީ ހައިރާންކަމެވެ.
ބުނާނެ އެއްޗެއް ނޭނގި ބަސްހުއްޓިފައި މުހުސިނާއަށް ޝަޔަމް އަށް ބަލަން އިނދެވުނީ ދުވަހަކުވެސް އިވިދާނެކަމަށް ހީވެފައިނެތް ސުވާލެއް ޝަޔަމްގެ ފުށުން އިވުމުންނެވެ. މީގެ ކުރިންވެސް އެތައްފަހަރަކު ނަމާދުކޮށްހެދުމަށް މުހުސިނާ ވަނީ އޭނާގެ މާމަ ދަރިންނަށްވެސް ހަނދާންކޮށް ބުނެދީފައެވެ. އެހެނަސް އޭރުވެސް ޝަޔަމްގެ ފަރާތުން އެކަމަށް އެއްވެސް ޝައުގުވެރިކަމެއް ފައުޅުވެފައި ނުވާއިރު މިއަދު ކުއްލިއަކަށް މިވީ ގޮތަކާއިމެދުގައި އޭނާ ސުވާލުއުފެދޭގޮތްވިއެވެ. ނަމަވެސް އެއިން އެއްވެސް އަސަރެއް މުހުސިނާ ޝަޔަމްއަކަށް ނުދައްކައެވެ.
“ދަރިފުޅު ހަމަ ހަގީގަތުގަވެސް އެނގެން ބޭނުންތަ؟” އިރުކޮޅަކު ޝަޔަމްއަށް ބަލަން އިނުމަށްފަހު ލަސްލަހުން މުހުސިނާ ސުވާލުކޮށްލިއެވެ. ތުންފަތް ހަފައިލަ ހަފައިލައި އިން ޝަޔަމް މުހުސިނާއާއި ނަޒަރު ސީދާކޮށްލަމުން ބޯޖަހައިލީ އެކަމާއިމެދުގައި ވިސްނަންއިންފަދަ ގޮތަކަށެވެ.
“އެންމެ ރަނގަޅު.. މާމަ ދަރިފުޅު އެނގެން ބޭނުންވާ ހުރިހައި އެއްޗެއް ދަރިފުޅަށް ކިޔައިދޭނަން.. އެކަމަކު.. މާމަ އަށް އަހައިލެވިދާނެތަ ދަރިފުޅު ކުއްލިއަކަށް ނަމާދާއި މެދުގައި ޝައުގުވެރިކަން އުފެދުނު ސަބަބެއް..” ޝަޔަމްގެ އަތްތިލައިގައި ހިފައިލަމުން މުހުސިނާ އޯގާތެރިކަމާއެކު ވާހަކަދެއްކިއެވެ. އެއްޗެއް ބުނަން ނުބުނަން އުޅޭފަދަ މީހެއްގޮތަށް ހިނދުކޮޅަކު އިނުމަށްފަހު ޝަޔަމް ފުންނޭވައެއް ދޫކޮށްލިއެވެ.
މުހުސިނާ އަކީ އަބަދުވެސް ސައިނާގެ އާއިލާއިން ޝަޔަމް އެންމެ އިތުބާރުކޮށް ގަދަރުކުރާ ފަރާތެވެ. މާމަގެ އެހުންނަ މަޑުމައިތިރި ހިތްތިރި މިޒާޖު އޭނާއަށް އަބަދުވެސް ވަރަށް ކަމުދެއެވެ. ކޮންމެ ކަމެއްގައިވެސް މާމަ އަށް އިތުބާރުކޮށް ކަންކަން ހިއްސާކުރާހިތް ޝަޔަމް ވަނީ އެމާމަގެ ތަޖުރިބާއާއި ތޫނުފިލިކަން އޭނާއަށް ރަނގަޅަށް ވިސްނޭތީއެވެ. ވީއިރު އޭނާގެ ހަޔާތަށް އައިސްގެންއުޅޭ ބޮޑު ބަދަލުގެ ވާހަކަ މާމައަށް ސިއްރުކުރުމުގެ އެއްވެސް ބޭނުމެއްނެތްތާއެވެ. އެކަމުގައިވެސް އޭނާއަށް އެންމެ ހެޔޮ ގޮތް ވިސްނައިދޭނީ މުހުސިނާ އޭ އޭނާގެ ހިތަށް އަރަނީ ކޮންމެވެސް ކަމެއްްވީމައިތާއެވެ.
އަމިއްލަ ހިތުގެ ބަސް ގަބޫލުކުރަމުން މުހުސިނާގެ އަތުގައި ދެއަތުން ބާރަށް ހިފަހައްޓައިލުމަށްފަހު ޝަޔަމް ވާހަކަދައްކަންފެށިއެވެ. ނުހައިކް އާއި އެންމެ ފުރަތަމަ ދިމާވި ދުވަހުން ފެށިގެން މިއަދާއި ހަމައަަށް އެދެމެދުގައި ހިނގި ހުރިހައި ކަމެއްގެ ވާހަކަ އެއްވެސް އޮޅުވައިލުމެއްނެތި ޝަޔަމް ތެދުތެދަށް މުހުސިނާއަށް ކިޔައިދިނެވެ. ނުހައިކް އާއި ގުޅުންހުރި އެކިކަންކަމުގެ ވާހަކަތައް ކިޔައިދެމުންދިޔައިރު ޝަޔަމްގެ ދެލޮލުގެ ވިދުން އާދަޔާއި ޚިލާފަށް ގަދަވެފައިވާހެންވެސް މުހުސިނާއަށް ހީވިއެވެ. ނުހައިކް އަކީ ބަރާބަރަށް ނަމަދުކުރާ މީހެއްކަމާއި އަބަދުމެ އޭނާގެ ދެލޮލަށް އެމަންޒަރުތައްފެނި އެކަންކަމަށް ޝައުގުވެރިކަން ހިތުގައި އުފެދުނީކަމަށް ޝަޔަމް ބުނެލިއެވެ.
ޝަޔަމްގެ ވާހަކަތައް ނިމުމާއިއެކު މުހުސިނާއަށް ހަމްދު އަޅަމުން ފުޅާކޮށް ހިނިތުންވެލެވުނެވެ. އަބަދުމެ އޭނާގެ ހިތުގައިވި ދުޢާ އިޖާބަކުރައްވައިފިއޭ އެހިނދު މުހުސިނާގެ ހިތަށް އެރިއެވެ. ލޯތްބާއެކު ޝަޔަމްގެ ނިތުގައި ބޮސްދެމުން އެހަށިގަނޑުގައި މުހުސިނާއަށް ބައްދައިލެވުނެވެ. އޭރު އުފާވެރިކަމުގެ ކަރުނަ އެލޮލުން އޮހޮރެމުންދިޔައެވެ.
“އެންމެފަހުން މާމަގެ ލޯބިވާ ޝަޔަމްއަށްވެސް މީހެއްދެކެ ލޯބި ވެވިއްޖެ ދޯ.. މާމަ އުފާކުރަން ދަރިފުޅުގެ ހަޔާތަށް ތިފަދަ އަޚްލާގު ރަނގަޅު ހެޔޮލަފާ ބައިވެރިއަކު ހޮވީތީ… މާމަ އާއި ނުހައިކް ބައްދަލުކޮށްދޭނީ ކޮންއިރަކުން..؟” ޝަޔަމްގެ ބޮލުގައި މުހުސިނާ ލޯތްބާއިއެކު ފިރުމައިލިއެވެ.
“ވަރަށް އަވަހަށް.. އަދި ނުހައިކްގެ މަންމައާވެސް ބައްދަލުކުރަން އެބަޖެހޭ.. މާމާ… އަޅުގަނޑު އަދި މިއިން އެއްވެސް ވާހަކައެއް މަންމަ އާއި ބައްޕަ ގާތު ނުބުނަން.. ޕްލީޒް.. އެހެންވީމަ އަދި މާމަވެސް މިވާހަކަ މަންމަމެން ގާތު ނުދައްކައްޗޭ.. އެނބުރި އޮސްޓްރޭލިއާއަށް ދެވުނު އެންމެ އަވަހަކަށް މިހުރިހައި ވާހަކައެއް މަންމަ މެންނާ ހިއްސާކުރާނަން..” މުހުސިނާގެ އަތަށް ފިތައިލަމުން އާދޭހުގެ ރާގަކަށް ޝަޔަމް އެދުނެވެ. ހިނިއައިސްފައި އެންމެ ރަނގަޅޭ ބުނަމުން މުހުސިނާ ބޯޖަހައިލިއެވެ. “ތެންކިޔޫ..” މުހުސިނާގެ ގައިގައި އޮޅުލައިގަތް ޝަޔަމްއަށް އުފަލުންގޮސް އުޅެވޭ ނޫޅެވޭގޮތެއްވެސް ނޭނގޭ ކަހަލައެވެ. އެކޮޓަރީގައި ދެމައިންގެ އަޑު ގުގުމައިގެން ދިޔައިރު މުހުސިނާގެ ހިތަށްވަނީ އާދަޔާޚިލާފު ހަމަޖެހުމެއް ލިބިފައެވެ.
*****
ބަދިގެ ތެރޭގައި ޝާންތީ އާއި އެކުގައި ހަރަކާތްތެރިވަމުންދިޔަ ލަމްޔާ އަށް ބަލަހައްޓައިގެން ދޮރު ކުރިމަތީގައި ތޮއިބާއަށް ހުރެވުނީ ކުށްވެރި އިހުސާސަކާއި އެކުއެވެ. ލަމްޔާއަށް ހުރިހައި ހަގީގަތެއް އެނގޭ އިރުވެސް އެއިން އެއްވެސްކަމެއް ފައުޅުނުކޮށް އެކުއްޖާ ކެތްތެރިވަމުންދިޔަ ގޮތް ފެނި އޭނާގެ ހިތުގައި ލަމްޔާއަކަށްޓަކައިވި ގަދަރާއި ލޯބި ވަރުގަދަވެގެން ދިޔައެވެ. އެފަދަ މާތް އަންހެންކުއްޖަކު ލިބޭނީ ހާދަހައި ނަސީބުގަދަ މީހަކަށެވެ.
ލޮލުން ވެއްޓުނު ކަރުނަތިކި ފުހެލަމުން އިސްޖަހައިލި ތޮއިބާ ބަދިގޭ ތެރެއަށް ވަދެގެން އައެވެ. ކިތަންމެ ލަދުގަނެ ޖެހިލުންވީ ނަމަވެސް މިއަދު އޭނާއަށް ލަމްޔާގެ ކިބައިން މައާފަށް އެދެންވަނީ ޖެހިފައެވެ. އަމިއްލަކުށެއް އެކަމުގައި ނެތަސް އޭނާގެ މުޅި ނަފުސުވަނީ ކުށްވެރިކަމުގެ ބޯފާރެއްގެ މެދުގައި ފިތިފައިކަހަލައެވެ.
މަޑުމަޑުން އައިސް ޝާންތީ ގާތުގައި ބޭރު ރޯނުގައި ހިއްކަން އަޅައިފައިހުރި އެއްޗެހި ނެގުމަށް ތޮއިބާ ބުނެލިއެވެ. ތޮއިބާގެ އަޑަށް އުނދުން ދޮށުގައި އެއްޗެއް އުދައިގެންހުރި ލަމްޔާ ފަހަތަށް އެނބުރި ބަލައިލިއެވެ. އެކަން ނުފެންނަކަމަށް ހަދަމުން ތޮއިބާ އައިސް ޝާންތީ ބަހައްޓައިފައިދިޔަ ތަރުކާރީތަށި ކައިރިކޮށްލަމުން ބާކީ ހުރި ތަރުކާރީކޮޅު ކޮށަން ފެށިއެވެ. ތޮއިބާގެ އާދަޔާ ޚިލާފު ހަމަހިމޭންކަމުން ހައިރާންވިއެއްކަމަކު އެކަމާއި ވިދިގެން ސުވާލެއްކުރާކަށް ލަމްޔާއަކަށް ނުކެރުނެވެ. އެހެންކަމުން އިރުކޮޅަކު ތޮއިބާއަށް ބަލަން ހުރުމަށްފަހު އެނބުރި އުނދުން މަތީގައި އުދާފައިހުރި ތެއްޔަށް ލަމްޔާ ނަޒަރު ހުއްޓައިލިއެވެ.
އެކިޚިޔާލުތަކުން ސިކުނޑި ފިތެމުންދިޔަ ވަރަށް ތޮއިބާގެ ދެލޯ ފުސްވަމުން ދިޔައެވެ. އަމިއްލަ އިޚުތިޔާރުން ބޭރުގައި އެދެތުންފަތް ފޫއަޅުވައިލުމަށްފަހު ބޭރުވި މަޑު އާހުގެ އަޑު ލަމްޔާގެ ކަންފަތާއި ހަމައަަށް ފޯރިއެވެ. ސިހިފައި ތޮއިބާ އާއި ދިމާލަށް އެނބުރިލި ލަމްޔާ ދެތިން ފިޔަވަޅު އަޅައިލަމުން އައިސް ތޮއިބާގެ ގާތުގައި ހުއްޓިލަމުން އޭނާގެ ކޮނޑުގައި ދެއަތުން ހިފަހައްޓައިލިއެވެ.
“މަންމަ ރޮނީތަ؟ ކިހިނެއްވީ މަންމާ؟ އަނެއްކާ ބައްޕަގެ ހާލު މާބޮޑަށް ގޯސްވީތަ؟” ރޮމުންދިޔަ ތޮއިބާ ފެނުމުން ހާސްވެފައި އެއްފައްޗަކަށް ލަމްޔާ ސުވާލުތައް އަމުނައިލިއެވެ. ހިތުގައިޖެހިފައި ވީވަރުން ވާހަކަދެއްކުމަށް އުނދަގޫވެ ތޮއިބާ ލަސްލަހުން ބޯ ހޫރުވައިލިއެވެ. އޭރުވެސް އޭނާގެ ދެލޮލުން ކަރުނައިގެ މުތީތައް ހުއްޓުމެއްނެތި ފައިބަމުން ދިޔައެވެ.
ލަމްޔާގެ ދެއަތްތިލަ ކޮނޑުން ނައްޓައިލަމުން އޭނާގެ ދެއަތުގެ ތެރޭގައި ތޮއިބާ ހިފަހައްޓައިލިއެވެ. އަދި މަޑުމަޑުން ގެނެސް އޭނާގެ ނިތުގައި ޖައްސައިލިއެވެ. ގިސްގެ އަޑާއެކު ތޮއިބާގެ ރުއިން ބާރުވެގެން ދިޔައެވެ. ކަންބޮޑުވީވަރުން ލަމްޔާއަށް އަނެއްކާވެސް ތޮއިބާއަށް ގޮވައިލެވުނެވެ.
“މަންމައަށް މައާފުކުރާނަންތަ؟” ލަމްޔާގެ ދެއަތްތިލައަށް ފިތައިލަމުން ތޮއިބާ ބުނެލިއެވެ. އޭނާގެ ވާހަކަތަކުން ވިސްނައިގަންނަންވި އެއްޗެއް ނޭނގިފައި ލަމްޔާއަށް ހައިރާންކަމާއެކު ތޮއިބާއަށް ބަލަހައްޓައިގެން ހުރެވުނެވެ.
ލަމްޔާ ބަލަންހުރިގޮތުން ތޮއިބާ އިތުރަށް އޮޅުންފިލުވައިދިނެވެ. ކަންތައްވީގޮތް ޚުދު އޭނާއަށްވެސް އެނގުނީ ވަރަށް ފަހުން ކަމުގައި އިސްޖަހައިލަމުން ތޮއިބާ ބުނެލިއެވެ. އެނގިހުރެ އެފަދަ ދެރައެއް އޭނާ ލަމްޔާއަކަށް ނުދޭނަންކަން ތޮއިބާ ހާމަކުރިއެވެ.
ހުރިހައި ވާހަކަތަކެއް ތޮއިބާ ކިޔައިދީ ނިމުމުން ބަސްހުއްޓިފައިހުރި ލަމްޔާއަށް ތޮއިބާގެ ގައިގައި ބައްދައިލެވުނެވެ. ވެދިޔަ ކަންތަކުގައި ހަގީގަތުގައި ތޮއިބާގެ އެއްވެސް ކުށެއްނެތްކަމުގައި އޭނާއަށް ވިސްނި ހެޔޮހިތުން ތޮއިބާއަށް މައާފުކުރިއެވެ. ނަމަވެސް ސާރާ އާއި މެދުގައި ނާޒް ކަންތައްއެކުރި ގޮތާއިމެދު އޭނާގެ ހިތުގައި ޝަކުވާ އުފެދުނެވެ. މަންމަގެ ގާތް އެކުވެރިއެއްގެ މަގާމުގައި ހުރެ ނާޒް ކަންތައް އެކުރީ ރަނގަޅަށް ނޫންކަމުގައި އޭނާ ގަބޫލުކުރިއެވެ. އަދި އެހުރިހައިކަމެއް އެނގިއްޖެނަމަ ސާރާ ދެރަވެ ހިތުގައި ޖެހޭނެވަރުވެސް ލަމްޔާއަށް އިހުސާސުވިއެވެ. އިތުރަށް އެކަމުގައި ހިފައި ދަމަން އޭނާ ބޭނުންނުވީ އެހެންވެއެވެ. އަމިއްލަ މަންމައާއި މެދުގައި ވިސްނައިފައެވެ. ސާރާ އަށް އެއިން އެއްވެސްކަމެއް އެނގޭކަށް ލަމްޔާ ބޭނުމެއްނުވެއެވެ.
*****
އަބްދު ﷲ އާއި ރަޔާންގެ އެހީ އާއި އެކު ޒާއިން ދީނުގެ ހުރިހައިކަމެއް މަޑުމަޑުން އުނގެނެން ފެށިއެވެ. ކޮންމެ ރެއަކުވެސް އިޝާ ނަމާދަށްފަހު މިސްކިތުގައި އެމީހުނާއި އެކުގައި ޒާއިން ވަގުތު ހޭދަކުރެއެވެ. ފާއިތުވެދާންފެށި ދުވަސްތަކާއެކު އޭނާ އައީ ބަރާބަރަށް ނަމާދު ވަގުތުތަކަށް ހޭނެމުންނެވެ. ކޮންމެ ނަމާދު ވަގުތެއްގައިވެސް ބަންގީގެ ދިހަ މިނެޓުކުރިން ފަރުވާ ބަހަައްޓައިގެން އޭނާ މިސްކިތަށް ދެއެވެ.
ޒާއިންގެ މިއަމަލުތަކުން އަބްދު ﷲ ގެ ހިތަަށް ފިނިކަން ލިބެމުންދިޔައެވެ. ޒާއިން އާއި މެދުގައި ކެތްތެރިކަމާއެކު އޭނާ ކަންތައްކޮށްދެމުން ދިޔައީ އަމިއްލަ ދަރިއަކާއި މެދުގައިވެސް ކަންތައް ކޮށްދޭނެހައި ލޯބިންނެވެ.
ކޮށަކޮށައިގެންވިއަސް ޒާއިން ޤުރުއާން ކިޔަވަންވެސް ދަސްކުރަން ފެށިއެވެ. ކޮންމެ ދުވަހަކު ކޮންމެވެސް މިންވަރެއް އަބްދު ﷲ ގާތުގައި ޒާއިން ބައިނދައިގެން ކިޔަވައިދެއެވެ. ގޭގައި ލައިވެސް އެދުވަހެއްގެ ފިލާވަޅެއް މުތާލިއާ ކުރުމަށް ޒާއިން އިސްކަންދެއެވެ.
މިއިން އެއްވެސްކަމެއް ލަމްޔާ ނުދެނަހުއްޓެވެ. ކުއްލިއަކަށް ޒާއިންގެ އުޅުމަށް އަންނަންފެށި ބަދަލުތަކާއި މެދުގައި ލަމްޔާ ވަނީ ސުވާލުއުފެދިފައެވެ. ގޭގައި އުޅޭ ވަގުތެއްނަމަ ލަމްޔާ އާއި އެކުގައި ގިނަ ވަގުތު ހޭދަކުރުމަށް ޒާއިން އިސްކަންދެއެވެ. ހީވާގޮތުން ލަމްޔާގެ ގޮތް ދަސްކުރުމަށް އޭނާ މަސައްކަތްކުރަނީއެވެ. އެކަމުގެ ސަބަބުން އެދެމެދުގައިވި ބީރަށްޓެހިކަންވެސްވަނީ ކޮންމެވެސް ވަރަކަށް ނެތިގޮސްފައެވެ.
*****
ނުހައިކްގެ ގޭގެ ދޮރުމަތީގައި ހުރެ އެގެއަަށް ޝަޔަމް ނަޒަރު ހިންގައިލިއެވެ. އާދައިގެ ގެއެއްކަމަކު ބަލައިލި ކޮންމެ ދިމާލަކުންވެސް ފެންނަމުންދިޔައީ ސާފު ތާހިރުކަމެވެ.
ކަންފަތުގައި ޖަހައިލައިގެން ހުރި ފޯނު ބާއްވަމުން ނުހައިކް އައިސް ޝަޔަމް ގާތުގައި މަޑުކޮށްލިއެވެ. އަދި އަވަހަށް އެތެރަށް ވަންނަން ހިނގާށޭ ބުނެލިއެވެ.
ފާއިތުވެދިޔަ ދެތިން ދުވަހު ޖިޔާގެ ފަރާތުން ނުހައިކްއަށް ވަނީ ތަފާތު ގޯނާ ތަކާއި ކުރިމަތިލާން ޖެހިފައެވެ. ޝަޔަމްއޭ ކިޔައިގެން އޭނާ އެކިއެކި ވާހަކަތައްވަނީ ނުހައިކްއަށް އަޑުއިއްވައިފައެވެ. އެހެނަސް ނުހައިކްގެ ހިތުގައި ޝަޔަމްއަށްޓަކައިވި ލޯތްބާއި އިތުބާރެއްގެ ސަބަބުން ޖިޔާގެ އެއްވެސް މަސައްކަތެއްވަނީ ކާމިޔާބުވާގޮތް ނުވެފައެވެ. އަވަސްއަރުވައިލައިފައި ޝަޔަމް ގޮވައިގެން ސާރާ އާއި ބައްދަލުކުރަން ނުހައިކް އައީވެސް އެހެންވެއެވެ. އިތުރަށް ދުވަސްތަކެއް ބޭކާރުކުރާކަށް އޭނާގެ ޟަމީރު އެއްބަހެއް ނުވެއެވެ.
ނުހައިކްގެ ފަރާތުން ކޮންމެވެސް ވަރަކަށް ވާންމިއުޅެނީ ކިހިނެއްކަން ވިސްނި ސާރާ ވަނީ އެވަގުތަށްޓަކައި ފުރިހަމައަށް ތައްޔާރުވެފައެވެ. ސާރާގެ އެދުމަށް ލަމްޔާވެސް އެގެއަށް އައިސް އުޅުނީ އެހެންވެއެވެ. ދޮންބެގެ ދިރިއުޅުމަށް އެފަދަ ބަދަލެއް އަންނައިރު އެންމެ ގާތުގައިހުރެ އެހުރިހައި ކަމެއްގައި ބައިވެރިވާން ޚުދު އޭނާވެސް ބޭނުންވެއެވެ.
“މަންމައަަށް ހަމަ ޔަގީންތަ ދޮންބެ އުޅެނީ ކައިވެނިކުރަަންކަން..” މޭޒުމަތީގައި ހެދިކާ ތަށިތައް އަތުރަމުންދިޔަ ލަމްޔާ ސާރާއަށް ބަލައިލިއެވެ.
“އާން.. މަންމައަކަށް ނޫންތަ ދަރިންގެ ގޮތް އެންމެ ރަނގަޅަށް އެނގޭނީ.. ނުހައިކްއަށް އެވާހަކަތައް ދައްކަން ނުކެރިގެން އުޅުނުގޮތްފެނި މަންމައަށް ވަގުތުން ވިސްނިއްޖެ މިއީ އެފަދަ ކަމެއްކަން.. ދެން ބައްދަލުކުރުވަން އެގެންނަ ކުއްޖަކު ގެނައީމަ ބޮޑަށް ޔަގީންވާނު..” ބަދިގޭގައި ހަރަކާތްތެރިވަމުންދިޔަ ސާރާ ހިނިއައިސްފައި ވާހަކަދެއްކިއެވެ. ލުއިގޮތަކަށް ހީލި ލަމްޔާވެސް އެވާހަކަތަކާ އެއްބަސްވެލިއެވެ.
ގޭތެރެއަށް ވަދެގެންއައި ނުހައިކްގެ އަޑަށް ސާރާ އާއި ލަމްޔާވެސް އަވަސްއަރުވައިލައިފައި ބަދިގެއިން ނުކުމެގެން ބޮޑުކޮޓަރީތެރެއަށް އައެވެ. ވަގުތުން ނުހައިކްގެ ފަހަތުގައި އިސްޖެހިފައިއިން ލޫޅާފަތި އަަންހެންކުއްޖާއަށް ސާރާގެ ސަމާލުކަން ހުއްޓުނެވެ. ކަކުލާއި ހަމައަށް އަންނަ ކްރީމް ކުލައިގެ ދޫ ކުރުތާއަކާއި މަޑު ނޫކުލައިގެ ޖިންސްގައިހުރި ޝަޔަމްގެ ފުރިހަމަ ތަސްވީރަށް ހިތާއިހިތުން ސާރާއަށް ތައުރީފުކޮށްލެވުނެވެ. އަވަހަށް އަންނާށޭ ބުނަމުން ސޯފާތަކާއި ދިމާއަށް ސާރާ އިޝަރާތްކޮށްލިއެވެ.
ލަސްހިނގުމެއްގައި ޝަޔަމް އައިސް އެތަނުން ސޯފާއެއްގައި އިނށީނުމުން ސާރާ އާއި ލަމްޔާވެސް އޭނާ އާއި ކުރިމަތިވާގޮތަަށްހުރި ސޯފާގައި ިއިނށީދެ ހަމަޖެހިލިއެވެ. ސާރާ އިށީން ސޯފާގެ ފަހަތުގައި އައިސް މަޑުކޮށްލަމުން ލޯތްބާއިއެކު ނުހައިކް ޝަޔަމްއަށް ނަޒަރެއް ދިނެވެ. އަދި ކަރުކެހިލަމުން ވާހަކަދައްކަން ފެށިއެވެ.
ޝަޔަމްގެ ކުރު ތައާރަފެއްދެމުން އޭނާގެ ކުޑަކުޑަ އާއިލާވެސް ނުހައިކް ޝަޔަމްއަށް ތައާރަފުކޮށްދިނެވެ. ނުކެރިއިނދެވެސް އިސްވެ ވާހަކައެއް ފެށުމަށް ޝަޔަމް މަސައްކަތްކުރިއެވެ. ހަޔާތުގައިވެސް އެފަދަކަމަކާއި ކުރިމަތިލީ ފުރަތަމަ ފަހަރުކަމުން ކަންތައްކުރަންވީ ގޮތެއް ޝަޔަމްއަކަށް މާބޮޑަކަށް ނުވިސްނުނެވެ.
“އަމް.. މަންމާ… މީ.. މީ.. އަޅުގަނޑު…” ހިސާބަކަށް ހާސްވެފައިހުރި ނުހައިކްއަށްވެސް ހަގީގީ މައުޟޫއަށް ދިއުންވީ ދަތިކަމަކަަށެވެ.
“ކައިވެނިކުރަން ބޭނުންވާ ކުއްޖާ.. އެހެންނު..” ހިނިއައިސްފައި އިންތަނުން ތެދުވެގެން އައިސް ޝަޔަމް ގާތުގައި އިނށީންނަމުން ނުހައިކްގެ ޖުމުލަ ސާރާ ފުރިހަމަކޮށްލިއެވެ. ރަކިވީވަރުން ބޮލުގެ ފުށްކިބައިގައި އަތްހާކައިލަމުން ނުހައިކް އިސްޖަހައިލިއެވެ.
“މަންމާ.. ބަލާބަލަ ދޮންބެ އަންހެންކުއްޖެއްހެން ލަދުގަންނަ ވަރު…” ނުހައިކްއަށް ބަލަންއިން ލަމްޔާއަށް އެއްޗެއް ނުބުނެ ނުއިނދެވުނެވެ. އެފަދަ ފުރުސަތެއްގެ ބޭނުމުގައި އިން މީހަކަށް ވާނީވެސް އެހެންނޫންހެއްޔެވެ. ނުހައިކްއާއި ލަމްޔާ ދިމާކުރަމުންދިޔަ ގޮތުން ސާރާ ގާތުގައިއިން ޝަޔަމްއަށްވެސް މަޖާވިއެވެ.
ޝަޔަމްގެ ގޮތް ދަސްކުރަން ބޭނުންވެފައިއިން މީހަކު ފަދައިން ސާރާ އެކިއެކި ސުވާލުތައް ޝަޔަމްއާއި ކުރިމަތިކުރުވަމުން ދިޔައެވެ. ފުރަތަމަ ބައްދަލުވުންކަމުން އަމިއްލަ ވާހަކަތައް މާބޮޑަށް އަހައި އޮޅުންފިލުވާކަށް ސާރާއަކަށްވެސް ނުކެރުނެވެ. އެހެނަސް ފެންނަފެނުމަށް ޝަޔަމްގެ އެއްވެސް އުނި ސިފައެއްނެތް ކަމުގައި ސާރާއަށް ގަބޫލުކުރެވުނެވެ. ސާރާ އާއި ލަމްޔާގެ ގާތްކަމާއި އެމާހައުލުގެ އުފާވެރިކަމުން ނުތަނަވަސް ވެފައިވި ޝަޔަމްގެ ހިތަށް ހަމަޖެހުން ލިއްބައިދިނެވެ. ސާރާފަދަ އޯގާތެރި މައިދައިތައެއް ލިބޭނީ ނަސީބުވެރިއަކަށްކަމަށް ޝަޔަމްއަށް ގަބޫލުކުރެވުނެވެ. އެމީހުނާއި އެކުގައި ހޭދަވަމުންދިޔަ ކޮންމެ ވަގުތަކާއިއެކު ޝަޔަމްގެ ހިތުގައި އެއާއިލާގެ މައްޗަށް ލޯބިޖެހެމުންދިޔައެވެ. އެތައް އިރަކު އެގޭގައި ހޭދަކުރުމަށްފަހު އިރުއޮއްސެން ގާތްވެފައި ހުއްޓައި އެގެއިން ދިއުމަށް ނުކުތް އިރުވެސް ޝަޔަމްގެ މޫނުމަތީގައި ނުފިލާ ހިނިތުންވުމެއް ރަސްކަންކުރަމުންދިޔައީ އެހިތުގެ ހާލު ފައުޅުކަންބޮޑު ގޮތެއްގައި ބަޔާންކޮށްދެމުންނެވެ. ބަލައިލި ކޮންމެ މީހަކަށްވެސް އޭނާ ހުރީ އުފަލުންކަން އެނގޭނެކަން ގައިމެވެ.
*****
ފޯނު ކަންފަތުން ނައްޓައިލުމާއެކު ރުޅިގަދަވެފައި ހުރި އަޒްހަރު އަތުން ޖެހިޖެހީނުން މޭޒުމަތީގައި ހުރި ގަނޑުތައް އުކައިލިއެވެ. ކޮފީޖޯޑެއް ހިފައިގެން ސައިނާ ސްޑަޑީ ރޫމަށް ވަނީ އެވަގުތުއެވެ. އެއްފަހަރު ރުޅިއައިސްފައި ދެކޮޅަށް ހިނގަމުންދިޔަ އަޒްހަރަށް ބަލައިލަމުން އަނެއްފަހަރު ކުރިމަތީގައި އެކި ދިމަދިމާއަށް ބުރުއްސައިގެން ގޮއްސައިހުރި ކަރުދާސްތަކަށް ސައިނާ ބަލައިލިއެވެ.
“އަޒްހަރް… ކިހިނެއްވީތަ މާ ރުޅިއައިސްގެން ތިއުޅެނީ؟ ކާކައިތަ ދެންމެ ފޯނުން ވާހަކަދެއްކީ؟” ކޮފީ ޖޯޑު މޭޒުމަތީގައި ބަހައްޓަމުން އަޒްހަރުގެ ރުޅިވެރި ދެލޮލަށް ސައިނާ ބަލައިލިއެވެ.
“ނޭނގެ އަހަންނަކަށް.. އަހަރެމެންގެ ފަސްފަހަތުގަ ޝަޔަމް އެކުޅޭ ކުޅިގަނޑުގެ އެއްވެސްކަމެއް ސައިނާ އަށް އެނގޭތަ؟” އަޒްހަރުގެ އަޑުގައިވެސްވީ ނުރުހުމުގެ އަސަރެވެ.
“އޭން.. ކީކޭތަ އަޒްހަރު ތިކިޔަނީ؟ ކުޅިގަނޑޭ؟ ކޮން ކުޅިގަނޑެއްތަ؟” އެއްޗެއް ނުވިސްނިފައިހުރި މީހަކުފަދައިން ސައިނާ އަޒްހަރާއި ސުވާލުކުރިއެވެ.
“އާން.. އެނގޭތަ ދެންމެ ގުޅީ ކާކުކަން..؟ ސައިނާގެ ދައްތަގެ ދަރި ޖިޔާ.. އޭނާ ބުނީ މާލޭގެ ކޮންމެވެސް އާދައިގެ އާއިލާއެއްގެ ފާޑެއްގެ ސޮރަކާ ޝަޔަމް އިންނަން އުޅޭ ވާހަކަ.. ކިހާ ތާހިރު.. އަދި އެވެސް އޭނާގެ ދަށުން މަސައްކަތްކުރާ މުއައްޒިފަކާ.. ކިހާ ހުތުރުކަމެއްދެން.. އޭނާ ވިޔަފާރި ދަތުރޭ ކިޔާފަގޮސް ގަންނަ ގަނޑަކީ މިއީތަ؟ އަހަރުމެންގެ އިއްޒަތާއި ޤަދަރާމެދުވެސް ޝަޔަމް ނުވިސްނަނީތަ؟ އަހަރެން އޮންނާނީ މާކުރިން ޝަޔަމްގެ ކައިވެނި ހަމަޖައްސާފަ.. އޭނާ ނޫން މީހަކާއި ޝަޔަމް އިންނާކަށް އަހަރެންނަކަށް ގަބޫލެއްނުވެވޭނެ.. ސައިނާ ހަމަ މިހާރު ޝަޔަމްއަށް ގުޅާފަ ބުނޭ ވީ އެންމެ އަވަހަކަށް އެނބުރި އަންނާށޭ..” ރުޅިއައިސްގެންގޮސް އަޒްހަރު ތުރުތުރުއަަޅަމުން ދިޔައިރު އިވުނު ވާހަކަތައް ގަބޫލުނުކުރެވިފައި ސައިނާއަށް ހުރެވުނީއެވެ.
“ސައިނާ.. އަހަރެން މިދައްކާ ވާހަކަ އެބަ އަޑުއިވޭތަ؟” ހުއްޓުންއަރައިފައި ސައިނާ ހުންނަންފެށުމުން އަޒްހަރު އިތުރަށް ހިތްހަމަނުޖެހޭގޮތްވިއެވެ. ހަގީގަތަކީ ޖިޔާ ދެއްކި ވާހަކަތަކުން އޭނާ ހަމައިންނައްޓައިފައިވާކަމެވެ. ހުރިހަމައެކަނި ދަރި އެހައި ދަށުދަރަޖައިގެ މީހެއްގެ އަންބަކަށް ވާކަށް އަޒްހަރުއަކަށް ނުރުހެވޭނެއެވެ.
“އަޒްހަރު ހަމަޖެހިބަލަ.. އެހަަށް ޝަޔަމްކުރެ އަހައި ވެގެންއުޅޭގޮތެއް އޮޅުންފިލުވަން އަހަރެންނަށް ފެންނަނީ.. ތިވަރުގެ ބޮޑު ނިންމުމެއް އަހަރުމެންނަށް ނާންގައި ޝަޔަމް ނުނިންމާނެ..” ފިކުރަކަށް ގެއްލިހުރެ ސައިނާ ބުނެލިއެވެ.
“މިގޮތަށްހުރެ އަހަރެން ޝަޔަމްއާ ކުރިމަތިލާކަށް ބޭނުމެއްނޫން.. ސައިނާ އޭނާ އާއި ވާހަކަދައްކަބަލަ..” ފުންނޭވައެއްދޫކޮށްލި އަޒްހަރު ނިތުގައި އަތުން ފިރުމައިލިއެވެ. އޭރުވެސް ޖިޔާގެ ވާހަކަތައް އޭނާގެ ކަންފަތްބުޑުގައި ގުގުމަމުން ދިޔަ ކަހަލައެވެ. ދެލޯމަރައި ބާރުކޮށްލީ އެވާހަކަތައްމަތިން ހަނދާންނައްތައިލަން ބޭނުންވެފައިހުރި މީހަކުފަދައިންނެވެ.
*****
ބޮޑުތިކިވާރޭގެ ހިތްގައިމު އަޑުން މުޅި މާހައުލު ގުގުމައިގެންދިޔައެވެ. ޖެހެމުންދިޔަ ރޯޅީގައިވި ތެތްފިނިކަމުގެ ސަބަބުން ފަޒާގައި ހިފައިލައިފައިވި ފިނިކަން އިތުރުވެފައިވެއެވެ.
ރޭގަނޑުގެ އެހަމަހިމޭންވަގުތު ނިދީގެ އަރާމުކަމުގެ ތެރެއަށް ކޮންމެ މީހަކުވެސް ޣަރަގުވެފައިވީއިރު ކޮޓަރީގެ މެދެއްހައި ހިސާބުގައި މުސައްލަ ފަތުރާލައިގެން ޒާއިން އަޅުކަމުގައި ވަގުތު ހޭދަކުރަމުން ދިޔައެވެ. ކޮންމެ ރެއެއްގެވެސް އެވަގުތަކީ އާދަވެގެން ޒާއިން އަޅުކަމުގައި ވަގުތު ހޭދަކުރާ ވަގުތެކެވެ. އެކުން އެވަގުތުގައި ލަމްޔާވެސް ނިދާފައި އޮންނާނެތީ އެކަންވެސްވީ ޒާއިންއަށް ލިބޭ ހަމަޖެހުމަކަށެވެ.
ކަރުނަވީ ދެލޮލާއެކު ސަޖިދައަށް ތިރިވި ޒާއިންގެ ތުންފަތް ފޫއަޅުވައިލުމަށްފަހު މަޑު އާހެއް ބޭރުވެގެންދިޔައެވެ. ނަމަވެސް ވެހެމުންދިޔަ ވާރޭގެ ހިތްގައިމު ރާގުގެ ތެރެއަށް އެއަޑުވެސް ފޭދިގެންދިޔައީއެވެ.
ރަޖާގަނޑު ގައިމަތިން ސޮހިގެންގޮސްފައިވުމުން ހީކަރުވައިގަނެގެން ނިދިފައިއޮތް ލަމްޔާއަށް ހޭލެވުނެވެ. ކުޑަކުޑަކޮށް ދެލޯހުޅުވައިލަމުން ލަމްޔާ ރަޖާގަނޑުގައި ހިފައި ގެނެސް ގައިމަތީގައި އެއްކޮށްއަޅައި ފޮރުވައިލީ ހަަށިގަނޑަށް އިހުސާސުކުރެވެމުންދިޔަ ފިނިން އަވަހަށް ސަލާމަތްވާން ބޭނުންވެފައި އޮތްވަރުންނެވެ.
ރަޖާއަޅައި ހަމަޖެހިލަމުން އޮތް ފަރާތް ނޫން އަނެއްފަރާތަށް ލަމްޔާ އެނބުރުނެވެ. އަދި ލަސްލަހުން ދެލޯ ހުޅުވައިލަމުން ޒާއިން އޮންނަ ސޯފާއަށް ނަޒަރު ހުއްޓައިލިއެވެ. ކިތަންމެ ނިދިއައިސްފައި އޮތް ނަމަވެސް ލަމްޔާގެ ނަފުސަށް ހާސްކަން ވެރިވެގެންދިޔައެވެ. އަދިވެސް ޒާއިން ގެއަށް ނާންނަނީބާއޭ ހިތަށްއަރައި ކަންބޮޑުވެފައި ލަމްޔާއަށް އެނދުން ތެދުވެވުނެވެ. އެވަގުތު ފެނުނު މަންޒަރުން ލަމްޔާ ގަނޑުވާގޮތްވިއެވެ. ދެފަހަރަކު ލޯ ތަޅުވައިލަމުން މޫނުމަތީގައި އަތްއުނގުޅައިލުމަށްފަހު އަނެއްކާވެސް ލަމްޔާއަށް ކުރިމަތިން ފެންނަމުންދިޔަ މަންޒަރަށް ބަލައިލެވުނެވެ.
ސަޖިދައިގައި އޮތް ޒާއިންއަށް ބަލަން އޭނާއަށް އިނދެވުނީ އެއީ ހަގީގަތެއްކަން ގަބޫލުނުކުރެވިފައެވެ. ކޯތާފަތްމަތިން ތެތްކަމެއް އިހުސާސުކުރެވި ލަމްޔާއަށް މަޑުމަޑުން ކޯތާފަތުގައި އަތްޖައްސައިލެވުނެވެ. ލޮލުން ކަރުނަ އޮހޮރެމުންދިޔަކަންވެސް އޭނާއަށް އެނގުނީ ދެނެވެ.
އަނގަމަތީގައި އަތްއަޅައިލީ އަޑު ބޭރުވިޔަ ނުދިނުމަށެވެ. ދެލޯމަރައި ބާރުކޮށްލި ލަމްޔާއަށް ހިތާހިތުން އޭނާގެ ދުޢާ އިޖާބަކުރެއްވިކަމަށްޓަކައި އޭނާގެ ވެރި ރަސްކަލާނގެއަށް ހަމްދުކޮށްލެވުނެވެ. މުޅި ދުނިޔެއަށް ސިއްރުން ކޮންމެ ދުވަހަކުމެ އޭނާ ކުރަމުންދިޔަ ދުޢާ އިޖާބަކުރެވިގެންދިޔަ ފުރިހަމަކަން ނިކަން ދެކިބަލާށެވެ. އެއްވެސް ކަމަކީ ނުވާނެ ކަމެއްކަމުގައި އަހަރެމެން ހީކުރަން ނުވަނީ މިހެންވެއެވެ. އަހަރެމެން އިންސާނުންގެ ނަޒަރުގައި ކިތަންމެ ނުވާނޭ ހީވާ އެތައްކަމެއްވެސް ފުރިހަމަކުރެއްވުމަށް އަހަރެމެންގެ ވެރި ރަސްކަލާނގެ ކުޅަދުންވަންތަވެ ވޮޑިގެންވެއެވެ. ކޮންމެ ހާލެއްގައިވެސް ކޮންމެ ކަމެއްގައިވެސް އެކަލާނގެއަށް އިތުބާރުކޮށް ގިނަގިނައިން ދުޢާ ކުރަންވަނީ އެހެންވެގެންނެވެ. އިޚްލާސްތެރި ދުޢާއެއްގައި ހުރި ފޮނި މީރުކަމެއްވެސް އެފަދަ މީހުނަށް އިހުސާސުކުރެވޭނެކަން ޔަގީނެވެ.
އަތުގެ ނުފުށުން ދެލޮލުން އޮހޮރެމުންދިޔަ ކަރުނަތައް ފުހެލަމުން އިންތަނުން ލަމްޔާ ތެދުވިއެވެ. އަދި ޒާއިންއަށް އަޑު ނީވޭނޭހައި ސިއްރުން ގޮސް ހެދުން އަލަމާރިން ހެދުމެއް ނެގުމަށްފަހު ފާޚާނާއަށް ވަނެވެ. އިރުކޮޅެއް ފާޚާނާގައި ވުމަށްފަހު ލަމްޔާ ނުކުތީ ހެދުން ބަދަލުކޮށް ވުޟޫކޮށް ހަދައިގެންނެވެ. އޭރު މުސައްލަމަތީގައި ދުޢާއަށް އަތްނަގައިގެން ޒާއިން އިނެވެ.
އަލަމާރީގެ ކަނެއްގައިއޮތް އޭނާގެ މުސައްލަ ނަގަމުން ކުދިކުދި ފިޔަވަޅުތަކެއްގައި ލަމްޔާ އައިސް ޒާއިންގެ ގާތުގައި މުސައްލަ ފަތުރާލަމުން އިނށީނެވެ. ދެލޯ މަރައިލައިގެން އިން ޒާއިންއަށް މިއިން އެއްވެސްކަމެއް ނޭނގެއެވެ. މެރިފައިވި އެސްފިޔަތައް ފޫދުއްވައިލުމަަށްފަހު އޮހޮރެމުންދިޔަ ކަރުނަތަކުން ޒާއިންގެ ކޯތާފަތް ތެތްމަމުން ދިޔައެވެ. ފުސްވެގެންދިޔަ ދެލޮލުން ލަމްޔާ ޒާއިން ގާތުގައި އިނދެ އެމަންޒަރު ބަލަމުންދިޔައިރު އެހިތަށްވެސް ވަނީ ނުހަނު ފުން އަސަރެއް ކޮށްފައެވެ. އެހިނދު އެހިތުގައި ޒާއިންގެ މައްޗަށްވި ޤަދަރު އުފުލިގެންދިޔަފަދަ އިހުސާސެއް ލަމްޔާއަށް ކުރެވުނެވެ. ފަނޑު ހިނިތުންވުމެއް އެމަޑު ތުންފަތް މައްޗަށް ވެރިވެފައިވީއިރު ކަރުނައިގެ ސަބަބުން އެތޫނު ދެލޮލުގެ ވިދުން ގަދަވެފައިވެއެވެ.
ދުޢާކޮށް ނިންމައިލުމަަށްފަހު ހަމްދު އަޅަމުން ޒާއިން ދެލޯހުޅުވައިލިއެވެ. ވަގުތުން އޭނާގެ ކަނައަތް ފަރާތުގައި ދޮޅި އަޅައިގެން އިނށީދެއިން ލަމްޔާ އެލޮލުގައި އަޅައިގަތެވެ. ލިބުނު ހައިރާންކަމާއެކު ލޮލަށް ފެނުނު މަންޒަރު ގަބޫލުނުކުރެވިފައި އިނދެ ޒާއިން ފަސްއެނބުރި އެނދާއި ދިމާއަށް ބަލައިލީ ހަގީގަތުގައިވެސް އޭނާގެ ގާތުގައި އިނީ ލަމްޔާކަން ޔަގީންކުރަން ބޭނުންވެފައިއިނދެއެވެ. ހުސްކޮށް އޮތް އެނދު ފެނުމުން ޒާއިން އަވަސް އަވަހަށް އޭނާގެ ގާތުގައިން ލަމްޔާއަށް ނަޒަރު ހުއްޓައިލިއެވެ.
“ލަމް..” ޒާއިންގެ އަޑުގައިވެސްވީ ހައިރާންކަމެވެ. އެއްވެސް އެއްޗެއް ނުބުނެ ލަމްޔާ ޒާއިންއަށް ބަލަހައްޓައިގެން އިނީއެވެ.
“ލަމް.. ހާދަ އަވަހަށް ހޭލީ.. އަދި ގަޑިން ދެގަޑި ބައި ކިރިޔާ އެވީ..” ލަމްޔާ އާންމުކޮށް ތެދުވާނީ ތިނެއް ޖަހާއިރުކަން އެނގޭތީ ޒާއިން ބުނެލިއެވެ.
“އަހަރެންނަށް މިރޭ އަވަހަަށް ހޭލެވުނީ މިމަންޒަރު ފެންނަން ނޫންކަމެއްވެސް ނޭނގެއެއްނު..” ލަމްޔާގެ އަޑުއިވި ލުއި ގޮތަކަަށް ޒާއިން ހީލިއެވެ.
“ވެދާނެ ތިހެންކަމަށްވެސް.. އެކަމަކު ދެން ވާހަކަދައްކާނީ ނަމާދުކޮށް ނިންމައިލުމަށްފަހު ދޯ.. އަހަރެންވެސް އަދި ދަމުނަމާދެއް ނުކުރަން.. ލަމް.. އަހަރެންނާއެކު.. ނަމާދު ކުރާނަންތަ؟” ހިސާބަކަށް ޖެހިލުންވެފައި އިނދެ ޒާއިން އަހައިލިއެވެ. ސުވާލެއްކުރަން އުޅެފައިވެސް ހަމަހިމޭންކަން ޚިޔާރުކުރަމުން ލަމްޔާ ބޯޖަހައިލިއެވެ. ލަމްޔާގެ އެކުޑަކުޑަ ހަރަކާތުން ޒާއިންގެ ހިތަށް ލިބުނީ ބަޔާންކުރަން ދަތި ހަމަޖެހުމެކެވެ. އަތްދިއްކޮށްލަމުން އޭނާ އާއި އެކުގައި ތެދުވާން ޒާއިން އެދުނެވެ. އިތުރު ވިސްނުމަކަށްވެސް ނުގޮސް ވަގުތުން ލަމްޔާ އޭނާގެ އަތްތިލަ ޒާއިންގެ އަތުގެ ތެރެއަށް ލިއެވެ. އެތުނި އަތްތިލައިގައި ހިފައި ބާރުކޮށްލަމުން ޒާއިން ތެދުވިއެވެ. ޒާއިން އާއި އެކުގައި މަޑުމަޑުން ލަމްޔާވެސް އިންތަނުން ތެދުވަމުން ޒާއިންއަށް ހިނިތުންވެލިއެވެ.
ދެމަފިރިން އެކުގައި ދަންވަރުގެ އެހަމަހިމޭން ވަގުތުގައި އަޅުކަމުގައި މަޝްއޫލުވަމުން ދިޔައިރު ދެހިތުގައިވެސް ޖަހަމުންދިޔައީ އެއްވިންދެކެވެ. ދެހިތަށްވެސް އިހުސާސުކުރެވެމުންދިޔައީ ފިނިކަމެވެ. އެކަކު އަނެކަކުގެ މައްޗަށް ދެހިތުގައިވެސްވަނީ ފުން ލޯތްބެއް އުފެދެން ފަށައިފައެވެ. ދުލުން އެކަމަށް އެއްބަސްނުވި ނަމަވެސް ކޮންމެ މީހެއްގެވެސް އަމަލުތަށް އެކަމަށް ހެކިދެއެވެ.
ސަލާމް ދިނުމަށްފަހު ދެމަފިރިން އެކުގައި ދުޢާއަށް އަތްހިއްލައިލިއެވެ. އެކަކު އަނެކަކަށްޓަކައި ދެހިތްވެސް ދުޢާކުރަމުންދިޔައިރު ދެމީހުންގެ ލޮލުން ފައިބަމުންދިޔަ ކަރުނަވެސް ދެހިތުގައިވި ފުން އިހުސާސުތަަށް ފައުޅުކޮށްދިނުމަށް މަސައްކަތްކުރާކަހަލައެވެ.
ދުޢާކޮށް ނިންމައިލި ޒާއިންގެ ނަޒަރު ލަމްޔާއާއި ބައްދަލުވިއެވެ. ގާތުގައި އޭނާއަށް ބަލަހައްޓައިގެންއިން އެހިތުގެ މަލިކާފެނި މޭގައިވި އޭނާގެ ހިތްތެޅިލިއެވެ. ލަސްލަހުން ލަމްޔާ އާއި ޒާއިން ގާތްވާންފެށުމުން އިސްޖަހައިލި ލަމްޔާ ދެލޯމަރައި ބާރުކޮށްލިއެވެ. އެތަންފެނި ފަނޑު ގޮތަކަށް ހީލި ޒާއިން އެއްވެސް ވިސްނުމެއްނެތި ލަމްޔާގެ ނިތުގައި ލޯތްބާއެކު ބޮސްދިނެވެ.
ޒާއިންގެ އަމަލުން ސިހިފައި އެސްފިޔަތައް އުފުލައިލަމުން ލަމްޔާ ބަލައިލިއެވެ. އެހެނަސް ދެވަނަ ސިކުންތުގައި ޒާއިން ލަމްޔާ އާއި ދުުރުވެލަމުން ކޮޓަރީގައި ހުރި ކުޑަ ދޮރާއި ދިމާއަށް ނަޒަރު ހުއްޓައިލިއެވެ. އަދި ފަތިސްނަމާދު ބަންގި ގޮވުމާއި ދެމެދު ވަގުތު އޮތުމުން ލަމްޔާ ގާތުގައި އަންނާށޭބުނެ އިންތަނުން ތެދުވެ ކުޑަދޮރާއި ދިމާއަށް ހިނގައިގަތެވެ. ވާނުވާ ނޭނގިފައި އިން ލަމްޔާވެސް ތެދުވަމުން ޒާއިންގެ ފަހަތުން ހިނގައިގަތެވެ.
ކުޑަދޮރުގެ ދޮރުފޮތިގަނޑު އެއްފަރާތަށް ކަހައިލަމުން ދޮރުފަތް ޒާއިން ހުޅުވައިލިއެވެ. އޭރުވެސް ބޯކޮށް ވާރޭ ވެހެމުންދިޔައެވެ. ޖެހިލި ވައިރޯޅިއާއެކު އިހުސާސުކުރެވުނު ފިނިކަމުން ލަމްޔާ ތުރުތުރުއަޅައިލިއެވެ. ފަހަތަށް އެނބުރި އޭނާގެ ގާތުގައި ހުއްޓިހުރި ލަމްޔާއަށް ޒާއިން އަތްދިއްކޮށްލުމުން އެއަތުގައި ލަމްޔާ ހިފައިލިއެވެ.
ލަމްޔާ ގެނެސް ކުޑަދޮރުކައިރީގައި ބަހައްޓައިލަމުން އޭނާގެ ފަހަތަށް ވާގޮތަށް ޒާއިން ހުއްޓި އޮހެމުންދިޔަ ވާރޭގެ ތިކިތަކަށް ނަޒަރު ހުއްޓައިލިއެވެ. “ރަޙުމަތުގެ ވާރޭ ވެހޭ ވަގުތަކީ ދުޢާ އިޖާބަކުރެވޭ ވަގުތެއް ދޯ..” އެހުރިގޮތަށްހުރެ ޒާއިން ބުނެލުމާއެކު ހައިރާންވެފައި ލަމްޔާ ޒާއިންގެ މޫނަށް ބަލައިލިއެވެ.
“ހޫމް.. އެކަމު ޒާއިންއަށް ކިހިނެއް..” ސުވާލު ފުރިހަމަނުކޮށް ލަމްޔާ ހުއްޓައިލިއެވެ. ޒާއިންގެ އަމަލުތަކުން ހަގީގަތުގައިވެސް ލަމްޔާއަށް ލިބިފައިވި ހައިރާންކަން އިތުރުވެފައިވިއެވެ. އެއްޗެއް ބުނަން އުޅެފައިވެސް ހީކަރުވައިގަނެގެން މުޅި މީހާ ރޫރޫއަޅައިލުމުން ހަށަންބަނދެލަމުން ފަހަތަށް ފިޔަވަޅެއް ލަމްޔާ އަޅައިލިއެވެ.
“ހީކަރުވަނީތަ؟” ލަމްޔާއަށް ވީގޮތްފެނި ލޯބިން ޒާއިން އަހައިލިއެވެ. މަޑުމަޑުން ލަމްޔާ ބޯޖަހައިލިއެވެ. އެއާއެކު ކުއްލިއަކަަށް ލަމްޔާގެ ގާތަށް ޖެހިލަމުން އޭނާގެ ފުރަގަހުން ދެއަތްވަށައިލައި ޒާއިން ބައްދައިލިއެވެ. ސިހުނުވަރުން ތެޅިގަނެފައި ލަމްޔާއަށް ޒާއިންއަށް ބަލައިލެވުނެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވީވަގުތު ލަމްޔާގެ ނޭވާ ހޮޅީގައި ތާށިވިހެން ހީވިއެވެ. އެސްފިޔަ ޖަހައިލަންވެސް ހަނދާންނުވެފައި ދެމީހުން އެކަކު އަނެކަކަށް ބަލަހައްޓައިގެން ތިބިއިރު ދެހިތުގެ ވިންދުވެސް ހިނދެއް ހިނދަކަށް އަވަސްވަމުންދިޔައެވެ. ހިނިތުންވަމުން ގުދުވެލި ޒާއިން އޭނާގެ ބޯ ލަމްޔާގެ ބޮލުގައި ޖައްސައިލަމުން ދެލޯމަރައިލިއެވެ.
“ތޭންކްސް ލަމް.. އަހަރެންގެ ވީރާނާވަމުންދިޔަ ދިރިއުޅުމަށް އައީމަ.. މިދިރިއުޅުން އާރާސްތުކޮށްދިނީމަ.. މަގުގެއްލިފައި ވަނިކޮށް ކުރިއަށްދާނެ މަގުދައްކައިދިނީމަ..” ޒާއިންގެ އަޑު ލަމްޔާއަށް އިވުނީ ކިރިޔަ ކިރިޔާއެވެ. ބުނާނެ އެއްޗެއް ނުވިސްނި އެހުރިގޮތަަށް ލަމްޔާއަށް ހުރެވުނީއެވެ.
“ޒަ.. ޒާން..” ހިތްވަރުކޮށްފައި ކޮންމެވެެސް އެއްޗެއް ބުނެވޭތޯ ލަމްޔާ މަސައްކަތްކުރިއެވެ. “ޝްޝްޝް..” ލަމްޔާގެ ވާހަކަތަށް ހުއްޓުވަމުން ޒާއިން ވާހަކަދައްކަން ފެށިއެވެ. އޭނާގެ ހަޔާތަަށް އެފަދަބޮޑު ބަދަލެއް އައި ކިހިނެއް ކޮންއިރަކުކަން ޒާއިން ބުނެދިނެވެ. އަބްދު ﷲ އާއި ރަޔާންގެ ވާހަކަތައްވެސް ލަމްޔާއަށް ކިޔައިދިނެވެ. ކޮންމެ ރެއަކު އޭނާ ދަނީ އެމީހުން ގާތަށްކަމާއި ގޭގައި ގިނަވަގުތު ފޯނަށް ބަލަހައްޓައިގެން އިނދެ އޭނާ ކުރާކަމަކީ ޤުރުއާން ކިޔެވުންކަންވެސް ބުނެލިއެވެ. އަދި އެވާހަކަތައް ލަމްޔާ ގާތުގައި ބުނަން ފަސްޖެހުމުން އަދި މަޑުކޮށްލައިގެން ހުރީކަމުގައި ޒާއިން ބުނެލިއެވެ. އެހެނަސް ލަމްޔާއަށް އެގޮތަށް އެކަން އެނގެން އޮތުމުން މިރޭ އެމަންޒަރުތައް ފެނުނީކަމާއި އެވަގުތުގައި އޭނާ ކުރީ ތައުބާ ނަމާދުކަމުގައިވެސް ޒާއިން ބުންޏެވެ. ގިނަގިނައިން ތައުބާވާ އަޅުންދެކެ އެކަލާނގެ ލޯބިވެވޮޑިގަންނަވާނެކަމަށް އަބަދުވެސް އަބްދު ﷲ ބުނެއޭ ޒާއިން ބުނެލިއެވެ. އެހެންވެ އެކަން ވަނީ އޭނާގެ ހިތުގައި ބިންވަޅުނެގިފައެވެ.
ޒާއިންގެ ވާހަކަތަކުން ލަމްޔާގެ ހިތަށް ލިބުނު ފިނިކަމަކުން ފުޅާކޮށް ހިނިތުންވެލެވުނެވެ. އުފާވެރިކަމުގެ ކަރުނަ އެދެލޮލުން ނިރާލިއެވެ. އުފަލުންގޮސް އޭނާއަށް ރޮވުނުއިރު ޒާއިން އިތުރަށް އޭނާގެ މެޔާލައި ލަމްޔާ ފިއްތައިލިއެވެ. އޭރު އޭނާއަށްވެސް ރޮވެމުންދިޔައެވެ. އެގޮތުގައި ދެމީހުން އެތައްއިރަކު ތިއްބެވެ. ތަކުރާރުކޮށް ލަމްޔާއަށް ހިތާއިހިތުން ހަމްދުކުރެވެމުން ދިޔައިރު ޒާއިންއަށް ލަމްޔާގެ އުފަލަށްއެދި ދުޢާ ކުރެވެމުންދިޔައެވެ.
ފޯނުގެ އެލާމް އަޑަށް ހޭވެރިކަންވެ ޒާއިން އަވަސް އަވަހަށް ލަމްޔާ އާއި ދުރުވެެލިއެވެ. ފަތިސް ނަމާދު ވަގުތުވާން ފަނަރަ މިނެޓަށްވީކަން އެނގި ޒާއިން އިސްޖެހިފައި ހުރި ލަމްޔާއަށް ބަލައިލަމުން އެނިތުގައި ބޮސްދިނެވެ. އަދި މިސްކިތަށް ދަނީކަމަށް ބުނަމުން ހިނގައިގަތެވެ. އޭރު ޒާއިންއަށް ބަލަންހުރި ލަމްޔާގެ ދެލޮލުން ފައުޅުވަމުންދިޔައީ ޒާއިން އާއި މެދުގައި ފަޚުރުވެރިވާފަދަ އަސަރުތަކެކެވެ.
*****
ފާއިތިވެދާންފެށި ދުވަސްތަކާއެކު މަޑުމަޑުން ޝަޔަމް ދިޔައީ މުހުސިނާގެ ވާހަކަތަކާއި އަމަލުތަކަށް ޝައުގުވެރިވަމުންނެވެ. މުހުސިނާގެ ފުށުން ފެންނަ ކަންކަމަށް ޝަޔަމްގެ ހިތްޖެހެމުންދިޔައިރު އޭނާގެ އަމަލުތަކާއި ބަސްތަކުންވެސް އެކަން ފައުޅުވަމުންދިޔައެވެ.
މުހުސިނާ އާއި އެކުގައި ފުރަތަމަ ނަމާދުކުރި ދުވަސްވީ ޝަޔަމްއަށް ތަފާތު އެތައް އިހުސާސެއްކުރެވުނު ދުވަހަކަށެވެ. ހިތަަށް މިއިން ޒަމާނަކު ނުލިބޭފަދަ ހަމަޖެހުމެއް އޭނާއަށް އިހުސާސުކުރެވިގެންދިޔައެވެ. އެދުވަހަށްފަހު ގަވައިދުން ކޮންމެ ނަމާދެއްވެސް ކުރުމަށް ޝަޔަމް އިސްކަންދޭންފެށިއެވެ. އަދި މުހުސިނާ ޤުރުއާން ކިޔަވައި ހަދާއިރު އެއަޑު އަހައި އޭނާގެ އަޑުދަށުން ކިޔަވަން ދަސްކުރަން ޝަޔަމް ފެށިއެވެ. ފުރަތަމަ އެއީ ދަތިކަމަކަށްވީ ނަމަވެސް ދުވަސްތަކާއެކު އެދަތިކަން މަޑުމަޑުން ފިލަން ފެށިއެވެ. އެއާއެކު އޭނާގެ ޚިޔާލަށް އެތައްކަމެއް ވެރިވެގެންދާން ފެށިއެވެ. ހިތަށްވެރިވި އެދުން ފުރިހަމަކުރުމަށްޓަކައި މުހުސިނާ ގޮވައިގެން ޝަޔަމް އެކި ފިހާރަތަކަށް ވިޔަފާރިކުރަން ދިޔައެވެ. ޝަޔަމްގެ އަމަލުތައްވިސްނި މުހުސިނާގެ ހިތަށް ބަޔާންކުރަންދަތި އުފާވެރިކަމެއް ވެރިވެގެންދިޔައެވެ. ފަށްފަށުން ހެއްދެވި ފަރާތަށް އޭނާއަށް ޝުކުރުވެރި ވެވުނެވެ.
“މާމާ.. އަޅުގަނޑު… ރީތިތަ؟ މިގޮތަށް ހެދުން އެޅީމަ އަޅުގަނޑާ ގުޅޭތަ؟” ލޯގަނޑުން ފެންނަންހުރި އަމިއްލަ ސޫރައަށް އާޝޯޚުވެފައި ބަލަހައްޓައިގެންހުރި ޝަޔަމް އޭނާގެ ފަހަތުގައި ހުއްޓިހުރި މުހުސިނާގެ ގާތުގައި އަހައިލިއެވެ. ހިނިއައިސްފައިހުރި މުހުސިނާ އަވަސް އަވަހަށް މާމަ ދަރިފުޅުގެ ގާތަށް ޖެހިލަމުން ފަހަތުން އޭނާގެ ދެކޮނޑުގައި ހިފަހައްޓައިލިއެވެ.
“މާޝާ ﷲ.. ވަރަށް ވަރަށް ރީތި.. ފުރިހަމަ ހިޖާބުން ހިޖާބުވީމަ އަދި މާމަގެ ދަރިފުޅުގެ ފުރިހަމަކަން މިއެނގުނީ.. އަބަދުވެސް ތިގޮތުގައި ދަރިފުޅު ހުންނައްޗޭ.. ހަނދާނުގަ އަބަދުވެސް ބަހައްޓާތި.. އަންހެނެއްގެ ރީތިކަންވަނީ ތިގޮތުގަކަން..” ޝަޔަމްގެ ބޮލުގައި ފިރުމައިލި މުހުސިނާގެ ދެލޯ ފެންކަޅިވެގެންދިޔައެވެ. އެފުސްކަމުގެ ތެރޭގައި އޭނާގެ ކުރިމަތީގައި ކަޅު އަބާޔާއަކާއި ކަޅު ކުލައިގެ ޝޯލެއް އަޅައިގެންހުރި ޝަޔަމްއަށް މުހުސިނާ ބަލައިލީ ފަޚުރުވެރިކަމާއެކުއެވެ. ޝަޔަމްއަށް ހެޔޮވިސްނުން ދެއްވީތީ ޝުކުރުކުރާ ހާލުއެވެ. އުފަލުންހުރި ޝަޔަމްވެސް މުހުސިނާގެ ގައިގައި ބައްދައިލީ ހިތަށް ލިބުނު ހަމަޖެހުމަކުންނެވެ.
ކާރުގައި އިންއިރު ހައިރާންކަމާއެކު އިރުއިރުކޮޅުން އާދިލްއަށް ޝަޔަމްއަށް ބެލެމުންދިޔައީ ދުވަހަކުވެސް ފެނިދާނޭ ހީވެފައިނުވާ މަންޒަރެއް ދެލޯކުރިމަތިން ފެންނަމުން ދިޔުމުންނެވެ. ފަހަތު ސީޓުގައި ފޯނާއިކުޅެންއިން ޝަޔަމްއަށް އާދިލްގެ ބެލުންތައް ފާހަގައެއް ނުވިއެވެ. އެއަށްވުރެ ފޯނުން ކުރަމުންދިޔަ ކަމަކަށް އޭނާގެ ޝައުގުވެރިކަންވަނީ ހުއްޓިފައެވެ.
އޮފީސް ދޮރުމައްޗަށް ކާރު މަޑުކޮށްލުމާއެކު ދޮރުހުޅުވައިލަމުން ޝަޔަމް ފޭބިއެވެ. އަދި އަތްދަބަސް ރަނގަޅުކޮށްލަމުން ފަރިހިނގުމެއްގައި އައިސް އޮފީހަށް ވަނެވެ.
ޝަޔަމް ފެނުމާއެކު މުޅި އޮފީސް ތެރެއަށް ހަމަހިމޭންކަން ވެރިވެގެން ދިޔައެވެ. ބަސްހުއްޓި އަނގަ މައްޗަށް ޖަހައިގެން ކޮންމެ މީހަކުވެސް ބަލަމުންދިޔައީ ޝަޔަމްއާއި ދިމާއަށެވެ. އެކަން ފާހަގަ ނުވާކަމަށް ހަދަމުން ހިތްހެޔޮ ހިނިތުންވުމެއް ހަދިޔާކުރަމުން ޝަޔަމް އައިސް އޭނާގެ ކެބިންއަށް ވަނެވެ. ވަގުތުން އެކަކު އަނެކަކަށް ބަލައިލަމުން ފެނުނު މަންޒަރާމެދު ގަބޫލުނުކުރެވިފައިތިބެ އެންމެން ވާހަކަދައްކަން ފެށިއެވެ.
އަތުކުރީ ގަޑިއަށް ބަލައިލަމުން ނުހައިކް އިން ގޮނޑިން ތެދުވަމުން މޭޒުމަތީގައި އޮތް ފައިލު ނެގުމަށްފަހު ކެބިން އިން ނުކުމެ ޝަޔަމްގެ ކެބިންއާއި ދިމާއަށް ހިނގައިގަތީ އެހައިއިރު ވާއިރު ޝަޔަމް އޮފީހަށް އަންނާނެކަން އެނގިހުރެއެވެ.
މަޑުހިނގުމެއްގައި އައިސް ކެބިންގެ ދޮރުގައި ޓަކިޖަހައިލުމާއެކު އެތެރެއިން ވަންނާށޭ ޝަޔަމް ބުނެލި އަޑު އިވުނެވެ. އެއާއެކު ކަރުގައިއޮތް ޓައީ ރަނގަޅުކޮށްލަމުން ނުހައިކް ދޮރު ހުޅުވައިލިއެވެ.
ކެބިންއަށްވަދެ ޝަޔަމްއަށް ނަޒަރު ހުއްޓައިލިގޮތަށް އެހެން ދިމާއަކަށް ނުހައިކްއަކަށް ބަލައެއްނުލެވުނެވެ. ހުއްޓުން އަރައިފައި އެހުރި ފިޔަވަޅުމަތީގައި އޭނާއަށް ހުރެވުނީ އަޖައިބުވީވަރުންނެވެ.
އެސްފިޔަ ޖަހައިލަންވެސް ހަނދާންނުވެފައި ނުހައިކް ހުއްޓައި ގޮނޑިން ތެދުވި ޝަޔަމް އައިސް ނުހައިކްގެ ކުރިމަތީގައި ހުއްޓިލަމުން ހިނިތުންވެލިއެެވެ. އެހެނަސް ނުހައިކް ބަލަންހުރިގޮތުން ލަދުގަނެ އޭނާއަށް އިސްޖަހައިލަން މަޖުބޫރުވިއެވެ.
“ކިހިނެއް؟ ކޮންއިރަކު؟ އަނެއްކާ.. އަހަރެންނަށް މިފެންނަނީ ހުވަފެނެއްތަ ޝަޔަމް؟” އިސްޖެހިގެންދިޔަ ޝަޔަމްގެ ހިތްގައިމު މޫނަށް ގެއްލިފައިހުރެ ނުހައިކް އަހައިލިއެވެ. ލަސްލަހުން ޝަޔަމް ދެފަރާތަށް ބޯހޫރުވައިލީ އެކަމާއި ދެކޮޅުހެދުމުގެ ގޮތުންނެވެ.
“ޝަޔަމް ހަގީގަތުގަވެސް ބުރުގާ އެޅީތަ؟” އަދިވެސް އެކަން ގަބޫލުކުރަން ނުހައިކް ހުރީ އުނދަގޫވެފައެވެ. އެފަދަ އެއްވެސް ވާހަކައެއް އޭނާ ގާތުގައި ޝަޔަމް ދައްކައިފައި ނުވާއިރު ކުއްލިއަކަށް އެގޮތަށް ޝަޔަމް ފެނުމުން ނުހައިކްއަށް ލިބުނު ހައިރާންކަން ފިލާގޮތެއްނުވިއެވެ. މިފަހަރުވެސް ނުހައިކްގެ ސުވާލަށް ޝަޔަމް ބޯޖަހައިލުން ފިޔަވާ އިތުރުއެއްޗެއް ނުބުނެއެވެ.
“ކިހިނެއްވީ ކުއްލިއަކަށް..؟” ރަނގަޅަށް ސުވާލު ފުރިހަމަކުރާނެ ގޮތެއް ނުހައިކްއަކަށް ނުވިސްނުނެވެ. އެހެނަސް އެހިތުގައިވީ ކީކޭކަން ޝަޔަމް ދެނެގަތެވެ.
“ކަމުނުދަނީތަ؟” ނުހައިކްގެ ސުވާލަށް ޖަވާބުދިނުމުގެ ބަދަލުގައި ޝަޔަމްވެސް ކޮށްލީ ސުވާލެކެވެ.
“ނޫން.. ވަރަށް ރީތި.. މާޝާ ﷲ.. ހަގީގަތުގަ މިވަގުތު ބުނާނެ އެއްވެސް އެއްޗެއް އަހަރެންނަކަށް ނުވިސްނޭ.. އެއަށްވުރެ ޝަޔަމް ތިގޮތަށްފެނި އަހަރެންގެ ނަފުސަށް ލިބިގެންދިޔަ ފިނިކަން މާބޮޑު..” ލޯބިވެތި ނަޒަރެއް ޝަޔަމްއަށް ދެމުން ނުހައިކް ބުނެލިއެވެ. ނުހައިކްގެ ވާހަކަތަކަށް ޝަޔަމް ލުއިގޮތަކަށް ހީލިއެވެ. އަދި ގޮނޑިއަށް އިޝާރާތްކޮށްލަމުން އިނށީނަން އައުމަަށް އެދުނެވެ.
އިނށީދެ ހަމަޖެހިލަމުން ޝަޔަމް ނުހައިކްއާއި އޭނާގެ ނަޒަރު ސީދާކޮށްލިއެވެ. އަދި މަޑުމަޑުން އިނދެ އޭނާއަށް އެހުރިހައި ބަދަލެއް އައި ގޮތް ނުހައިކްއަށް ކިޔައިދޭންފެށިއެވެ. ހަގީގަތަކީ މުސްލިމު އާއިލާއަކަށް ނިސްބަތްވިޔަސް އޭނާއަށް ދީނާއި ބެހޭ މާބޮޑު އެއްޗެއް ނޭނގޭކަމެވެ. އެހެނީ އޭނާގެ މައިންބަފައިންނަކީ ދުވަހަކުވެސް އެގޮތަށް އުޅުނު ބައެއްގެ ގޮތުގައި ޝަޔަމް ދެކެފައިނުވާތީއެވެ. މާމަގެ ފަރާތުން އެކަންކަން ފެނުނަސް އޭނާ އަކީ ދުވަހަކުވެސް އެފަދަ ކަންކަމާއި މެދުގައި ވިސްނައި ޝައުގުވެރިކަން އުފެދުނު މީހެއްނޫނެވެ. ނަމަވެސް.. ނުހައިކްއާއި ދިމާވިފަހުން އޭނާގެ މުޅި ދިރިއުޅުން ބަދަލުވެއްޖެއެވެ. ދުވަހަކުވެސް ނުކުރާނޭ ހީވި އެތައްކަމެއް އޭނާ ވަނީ މިއަދު ކޮށްފައެވެ. ދީނުގެ ކަންކަމަށް ބޮޑަށް ޝައުގު އުފެދުނީ ނުހައިކްއާއި އެކުގައި ހޭދަވީ ދުވަސްތަކުގެ ތެރެއިންނެވެ. ނުހައިކްގެ ފުށުން އަބަދުމެ ފެންނަ ކަންކަމުގެ ސަބަބުންނެވެ. މާމަގެ ގާތުން އެކި އެއްޗެހި އޮޅުންފިލަންފެށި ވަރަކަށް އެހިތުގައިވި ޝައުގު އައީ ބޮޑުވަމުންނެވެ. ނޭނގޭ އެތައްކަމެއް އެމާމަ އޭނާއަށް ދަސްކޮށްދިނެވެ. މިއަދު ހަޔާތުގައި އެފަދަ ބޮޑު ނިންމުމެއް ނިންމައި އެފަދަ ފިޔަވަޅެއް އަޅަން ޝަޔަމްއަށް ހިތްވަރު ލިބުނީވެސް އެމާމަގެ ސަބަބުންނެވެ. ޝަޔަމްގެ ވާހަކަތައް އިވި ނުހައިކްއަށް ހިތާއިހިތުން ހަމްދުކޮށްލެވުނެވެ. އެހިތުގައި ޝަޔަމްގެ މައްޗަށްވި ލޯބި އެތައް ގުނައެއް އިތުރުވެގެން ދިޔައެވެ. އަބަދުމެ އެގޮތުގައި ޝަޔަމް ލެއްވުންއެދި ނުހައިކްއަށް ދުޢާކޮށްލެވުނެވެ. ލޯތްބާއެކު ޝަޔަމްއަށް ބަލަން އިނދެ އެވާހަކަތައް އަޑުއަހަމުން ދިޔައިރު އުފަލުންގޮސް އޭނާގެ ދެލޯވެސް ވިދަމުންދިޔަ ކަހަލައެވެ. އެހިނދުކޮޅު ދެހިތުގައިވި އިހުސާސުތައް ފުންވެގެންދިޔަކަން ގައިމެވެ.
*****
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.






