Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތިޔަ ލޯބީގައި…16

Nau Level 910 Stories100 Comments500 Comments100 Stories100 Login1K Comments
September 27, 2022 14 Mins Read
0 Comments

“ތެންކްސް..” ހިނދުކޮޅެއްގެ ހިމޭންކަމަށްފަހު އަނެއްކާވެސް ލަމްޔާ ބުނެލިއެވެ. އެއާއެކު ލަމްޔާއަށް ފުރަގަސްދީގެންހުރި ޒާއިންއަށް ލުއި ގޮތަކަށް ހީލެވުނެވެ. ހިތަށްލިބިގެންދިޔަ ހަމަޖެހުމަކުން ޒާއިންއަަށް ދެލޯމަރައިލަމުން ޓީޝާޓުގައި ލަމްޔާގެ ކަރުނުން ތެމިފައިވި ހިސާބުގައި ފިރުމައިލެވުނެވެ.

މަޑުހިނގުމެއްގައިގޮސް ސޯފާގައި އިނށީދެ ހަމަޖެހިލަމުން ޝައުގުވެރިކަމާއެކު ލަމްޔާގެ ހަރަކާތްތަކަށް ޒާއިން ބަލަން އިނެވެ. ސަބަބު ނުވިސްނުނެއްކަމަކު ލަމްޔާ ނަމާދުކުރަމުންދިޔަ މަންޒަރުން ނުތަނަވަސް ވެފައިވި އޭނާގެ ހިތަށާއި ނަފުސަށް ހަމަޖެހުން ލިބިގެންދިޔައެވެ. އެގޮތުގައި ލަމްޔާ ނަމާދުކޮށް ނިމެންދެން އޭނާ ބަލަން އިނެވެ.

ނަމާދުކޮށްނިމި މުސައްލަ އަލަމާރީގެ އެއްފަރާތުގައި ބާއްވަމުން އެނބުރުނު ލަމްޔާއަށް އޭނާ އާއި ދިމާއަށް ކަޅިޖަހައިނުލާ ބަލަހައްޓައިގެންއިން ޒާއިން ފެނި ލަދުވެތިކަމުގެ އިހުސާސެއް ކުރެވިގެންދިޔައެވެ. އިސްޖަހައިލަމުން ލަސްލަހުން އައިސް އެނދުގައި ލަމްޔާ އިށީނެވެ. އޭރުވެސް އެއިންގޮތަށް ޒާއިން ލަމްޔާއަށް ބަލަހައްޓައިގެން އިނެވެ.

“ލަމް..” ކޮޓަރީގައި ރަސްކަންކުރަމުންދިޔަ ހަމަހިމޭންކަން ނެތިގެންދިޔައީ ޒާއިންގެ ފިރިހެންވަންތަ އަޑުންނެވެ. އެއަޑަށް އިސްއުފުލައިލަމުން ލަމްޔާ ބަލައިލިއެވެ.

“ހިނގާ ބަގީޗާއަށް.. މިވަގުތު އެތަން ވަރަށް ހިތްފަސޭވަވާނެ.. ބޭރަށް ނުކުމެ ހޫނު ހޫނު ކޮފީއެއް ބޯލަނިކޮށް ހިތަށް ހަމަޖެހުން ލިބިދާނެ..” ސީދާ ލަމްޔާގެ މޫނަށް ނަޒަރު ހުއްޓައިލައިގެން އިނދެ ޒާއިން ބުނެލިއެވެ. އޭނާއަށް ވެފައި އެހުރިގޮތެއް ޚުދު ޒާއިން އަކަަށްވެސް ނޭނގެއެވެ.

ޒާއިން އަށް ބަލަންއިން ލަމްޔާ މަޑުމަޑުން ދެފަރާތަށް ބޯހޫރުވައިލީ އެކަމާ ދެކޮޅުހެދުމުގެ ގޮތުންނެވެ. އޭނާގެ ހިތް ނެގިނެގިފައި ޖެހެމުންދިޔައިރު ޒާއިންގެ އަމަލުތަކާމެދުގައި ސުވާލު އުފެދެމުންދިޔައެވެ. މިއީ އެހެންޏާ މިއިން ދުވަހަކުވެސް ޒާއިން އުޅުނުގޮތެއް ނޫނެވެ. މީގެ ކުރިން ލަމްޔާ ފެންނަހިސާބުގައިވެސް މަޑުކޮށްލާކަށް ޒާއިން ބޭނުމެއްނުވެއެވެ. ވީއިރު މިހާރު އޭނާއަށް އެހުރީ ކިހިނެއްވެފައިހެއްޔެވެ؟

“ހިނގާބަލަ.. އަބަދު ތިހެން މޫޑީވެފަ އިންނާކަށް ނުވާނެ..” އިންތަނުން ތެދުވެގެން އައިސް ލަމްޔާގެ ކުރިމަތީގައި ކުޑަކަކޫ ޖަހައިލަމުން އަނެއްކާވެސް ޒާއިން އެދުނެވެ.

އާދޭހާއިއެކު އޭނާއަށް އަމާޒުވެފައިވި ޒާއިންގެ ދެލޮލަށް ބަލައިލެވުނު ލަމްޔާގެ ދުލުގައި ތަޅެއްލެވުނުފަދައެވެ. ދުލުން ބަހެއްބުނަން ނުކުޅެދުނުއިރު މިފަހަރު ޒާއިންގެ އެދުމަށް އިންކާރުކުރާކަށްވެސް އޭނާއަކަށް ނުކެރުނެވެ. ހަދާނެގޮތެއް ނުވިސްނި އެހެން އިންދައި އޭނާގެ އަތުގައި ހިފައި ކުޑަކޮށް ޒާއިން ދަމައިލިއެވެ.

“ޕްލީޒް” ޒާއިންގެ އަތުގެ ތެރެއިން އަތް ދަމައިގަތް ލަމްޔާގެ ގާތުގައި ޒާއިން އާދޭސްކޮށްލިއެވެ. ބޯޖަހައިލަމުން އިންތަނުން ލަމްޔާ ތެދުވީ އިތުރުގޮތެއް ނެތިގެންކަހަލައެވެ. އެމަންޒަރުން ޒާއިންގެ ތުންފަތުގައި ކާމިޔާބީގެ ހިނިތުންވުމެއް ދުވެލިއެވެ. އަވަސް އަވަހަށް އިންތަނުން ތެދުވަމުން ލަމްޔާ ގާތުގައި ތިރިއަށް އައުމަށް ބުނުމަށްފަހު ޒާއިން ހިނގައިގަތެވެ. ދެއަތް ދެއަތާއި މޮޑެމުން ލަމްޔާވެސް ޒާއިންގެ ފަހަތުން ޖެހިލުންވެފައިހުރެ ހިނގައިގަތެވެ.

ބަދިގޭގައި ހަރަކާތްތެރިވަމުންދިޔަ ގޭގައި ގެންގުޅޭ ކުއްޖާ ކަމުގައިވާ ޝާންތީ ގާތުގައި ދެކޮފީ ތައްޔާރުކޮށްލުމަށްފަހު ބަގީޗާގެ ތެރެއަށް ގެނައުމަށް ބުނަމުން ޒާއިން އެދިމާއަށް މިސްރާބުޖެހިއެވެ. ގޭގެ ބިއްދޮށުގައިހުރި ދޮރު ހުޅުވައިލަމުން ޒާއިން ގޯތިތެރެއަށް ނުކުތެވެ.

ފަތިހުގެ ހިތްގައިމު ވަގުތު މުޅި މާހައުލަށް ފެތުރިފައިވި ދުންފިނީގެ އަސަރުން ހަށިގަނޑަށް އިހުސާސުކުރެވިގެން ދިޔައީ އަރާމުކަމެވެ. އުޑުމައްޗާއި ދިމާއަށް މޫނު އުފުލައިލި ޒާއިން ދެލޯ މަރައިލަމުން ފުން ނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލިއެވެ. ހިތަށް ލިބެމުންދިޔަ ބަޔާންކުރަންދަތި ހަމަޖެހުމުގައި އޭނާއަށް ފުޅާކޮށް ހިނިތުންވެލެވުނެވެ.

ފަހަތުން އިވުނު މަޑުފިޔަވަޅުތަކުގެ އަޑާއެކު ދެލޯ ހުޅުވައިލަމުން ފަހަތަށް އެނބުރި ޒާއިން ބަލައިލިއެވެ. މަޑު ކްރީމް ކުލައެއްގެ ދޫހެދުމާއެކު ހަމަ އެކުލައިގެ ކުޑަ ވަށްބުރުގާކޮޅެއްގައި ހުއްޓިހުރި ލަމްޔާއަށް އޭނާގެ ނަޒަރު ސީދާވުމާއެކު ހިތްގައިމު ރާގެއް އެހިތުގައި ކުޅެލިއެވެ. ތަނަށް ވެރިވެފައިވި ފަނޑު އަލިކަމުގެ ތެރޭގައި ލަމްޔާގެ މައުސޫމުކަމުން ފުރިފައިވި ކުޑަކުޑަ މޫނުކޮޅަށް ބަލަހައްޓައިގެން ބަސްހުއްޓިފައި ޒާއިން އަށް ހުރެވުނެވެ.

“ޒާ..އިން..” އެބެލުމުން ލަދުގަނެ އިސްޖެހުނު ލަމްޔާއަށް ޒާއިންގެ ނަމުން ގޮވައިލެވުނީ އެފަދައިން ނުބަލާށޭ ބުނެލާފަދަ ގޮތަކަށެވެ. ހިނިއައިސްފައި އެއްޗެއް ބުނަން އުޅެފައިވެސް ޒާއިން ހުއްޓުނީ އެދިމާލަށް އަންނަ ޝާންތީ ފެނިފައެވެ. ލަމްޔާ ގާތުގައި އައުމަށް ބުނަމުން ޒާއިން ބަގީޗާތެރޭގައިހުރި ކުޑަ ކޮފީ މޭޒާއި ދިމާއަށް މިސްރާބުޖެހިއެވެ.

ޝާންތީ އާއި އެއްހަމައެއްގައި ހުރެ ހިނގައިފައި އައިސް ލަމްޔާވެސް މޭޒު ދޮށުގައި އިނށީދެލިއެވެ. ގެނައި ކޮފީ ތަބަށް މޭޒުމަތީގައި ބެހެއްޓުމަށްފަހު ޝާންތީ އެތަނުން ދިއުމުން ޒާއިން އިސްޖެހިފައިއިން ލަމްޔާއަށް ނަޒަރު ހުއްޓައިލިއެވެ. އަދި ތަބަށް ތެރެއިން އެއްކޮފީ މަގު ނަގަމުން ލަމްޔާއަށް ދިއްކޮށްލިއެވެ. ތުރުތުރުއަޅަމުންދިޔަ އަތުން ލަމްޔާ މަގުގައި ހިފައިލިއެވެ. އެތަން ރީތިކޮށް ޒާއިންއަށް ފެނުނެވެ.

“އަހަރެންދެކެ ބިރުންތަ ތިއިނީ؟” ޒާއިންގެ ސުވާލުން ސިހިފައި ލަމްޔާ ދެފަރާތަށް ބޯހޫރުވައިލީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ. މަގުގައި ތުންޖަހައިލަމުން ޒާއިން އެތިފޮދެއް ބޯލިއެވެ.

ލަމްޔާ ހީވަނީ ޒާއިން އަށް ނުބަލަން ހިތުލައިގެން އިންހެނެވެ. ވަށައިގެން އެކި ދިމަދިމާއަށް އޭނާ ނަޒަރުހިންގަމުންދިޔައެވެ. ގަސްތަކުގައި ފޮޅިފައިވި އެކި ކުލަކުލައިގެ މަައުތަކުގެ ފިޔަތަކުގައި ޝަބްނަމްގެ ތިކިތަށް ވިދަމުންދިޔައިރު އެމައުތަކުގެ ތާޒާކަން ފައުޅުވަމުންދިޔައެވެ. މުޅި މާހައުލުވަނީ އެކި މާމެލާމެލީގެ ވަހުން އެއްވަސްކޮށްލައިފައެވެ.

“ސޮރީ..” އިރުގަނޑެއްގެ ހިމޭންކަމަށްފަހު އަތުގައިހުރި ކޮފީ މަގަށް ބަލަހައްޓައިގެންއިން ޒާއިން ބުނެލިއެވެ. އެއަޑުގައިވި މަޑުމައިތިރިކަމުން ލަމްޔާ ހައިރާންވެފައި ޒާއިން އަށް ބަލައިލިއެވެ. އެއްޗެއް ނުބުނި ނަމަވެސް ލަމްޔާގެ ނަޒަރުން އެހިތުގައިވީ ކީކޭކަން ޒާއިންއަށް ފަހުމްވި ކަހަލައެވެ.

“ކުރިން.. އަހަރެންނަށް ކުރެވުނު ހުރިހައި ކަމަށް މައާފަށް އެދެން.. އަހަރެންނަށް.. މައާފުކޮށެއް ނުދޭނަންތަ؟” ޒާއިންގެ މޫނުމަތިން ފައުޅުވަމުންދަނީ ޚުދު އޭނާއަށްވެސް މިދެއްކޭ ވާހަކަތަކާމެދުގައި ޔަގީންނުވެފައިއިންފަދަ އަސަރުތަކެވެ. އަމިއްލަ ނަފުސާއި ޒާއިން އެތައް ސުވާލުތަކެއް ކުރިމަތިކުރުވަމުން ދިޔައިރު އެސުވާލުތަކުގެ ޖަވާބެއް އޭނާއަކަށްވެސް ވިސްނައިގަންނާކަށް ނޭނގުނެވެ. ލަމްޔާ އާއި މެދުގައި އެފަދަ ގާތްގޮތަކަށް ކަންތައްކުރެވެމުންދަނީ ކީއްވެކަމެއް ބުނެދޭކަށް ޒާއިން އަކަށްވެސް ނޭނގެއެވެ. ކުރިން ކުރެވުނު ކަންތަކާ ދެރަވެ މައާފަށް އެދެވެމުންދަނީ ކީއްވެކަމެއްވެސް ޚުދު އޭނާއަށް ބުނެދޭކަށް ނޭނގެއެވެ.

އެއްޗެއް ނުބުނެ ލަމްޔާ އިންނަން ފެށުމުން ޒާއިން މާޔޫސްވާގޮތްވިއެވެ. ތުންފިއްތައިލަމުން ބޮލުގެ އިސްތަަށިގަނޑުގައި އޭނާ އަތްހިންގައިލިއެވެ.

“އިޓްސް އޯކޭ..” ލަމްޔާގެ އަޑު ޒާއިންއަަށް އިވުނީ ކިރިޔަ ކިރިޔާއެވެ. ފުޅާ ހިނިތުންވުމެއް ވެރިކޮށްލަމުން ޒާއިން ލަމްޔާއަށް ޝުކުރުއަދާކޮށްލިއެވެ. އޭރު ވީއުފަލެއްގެ ބޮޑުކަމުން އޭނާގެ ދެލޯވެސް ނަށަމުންދިޔަ ކަހަލައެވެ.

“އަހަރެމެންނަށް ދެއެކުވެރިން ގޮތުގަ ތިބެވިދާނެތަ؟” ގޮނޑީގައި ހަމަޖެހިލި ޒާއިން އަހައިލިއެވެ. އިރުކޮޅަކު ވިސްނައިލަން އިނުމަށްފަހު ލަމްޔާ ބޯޖަހައިލިއެވެ.

“އިޝާރާތަކުން ނޫން.. ވާހަކަ ދައްކަބަލަ ލަމް.. އަހަރެންވެސް އިޝާރާތަކުން ނޫނެއްނު މިއަހަނީ..” ޒާއިންގެ ވާހަކަތަކުން ލަމްޔާއަށް ހީލެވުނެވެ.

“ހޫމް..” އަޑު މަޑުވިއެއްކަމަކު ލަމްޔާ ހޫން އަޅުވައިލުމުންވެސް ޒާއިން ހިތްހަމަޖެހުނެވެ. އިތުރު ވާހަކަތަކެއް ދެމެދުގައި ނުދެކެވުނަސް އެހަމަހިމޭންކަން ދެމީހުނަށްވެސް ކަމުދިޔައެވެ.

ހަވީރު ވެގެން އައިއިރު ގޭތެރޭގައި އެކި ކަންކަމުގައި ހަރަކާތްތެރިވަމުންދިޔަ ލަމްޔާ އާއި ޒާއިންއާއި ދެމެދުގައި މަދުމަދުން ނަމަވެސް އެކި ވާހަކަ ދެކެެވުނެވެ. ލަމްޔާގެ ފުށުންވެސް އެތައް ދުވަހަކަށްފަހު ހަމަޖެހުމުގެ ކުލަވަރުތައް ފެންނަމުންދިޔައެވެ. ހިތުގައިވި ޝަކުވާތައް ފަރުދާކޮށްލަމުން ދިރިއުޅުމާއިގެން ކުރިއަށް ދިއުމަށް އޭނާ ހިތްވަރުކުރަމުން ދިޔައެވެ.

ކޮޓަރިން ނުކުތް ޒާއިންގެ ލޮލުގައި ސިޑިން އަރައިގެން އައި ތޮއިބާ އަޅައިގަތުމާއެކު އޭނާގެ މޫނުމައްޗަށް ފޫހިކަން ވެރިވެގެންދިޔައެވެ. ތޮއިބާ އާއި ގާތަަށް ހިނގައިގަންނަމުން އޭނާ ވަރަށް ބޮޑު ވާހަކައެއް ދައްކަން ބޭނުންވާކަމަށް ޒާއިން ބުނެލިއެވެ. ޒާއިންއަށް ބަލައިލުމަށްފަހު ކޮޓަރިއަށް އަންނަން ބުނަމުން ތޮއިބާ ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ.

“ކިހިނެއްވީ ޒާން..؟” ކޮޓަރީގެ މެދެއްހައި ހިސާބު ހުއްޓިހުރި ޒާއިންއަށް ބަލައިލަމުން ތޮއިބާ އަހައިލިއެވެ. ޒާއިން އޭނާއަށް ބަލަންހުރިގޮތުން ތޮއިބާ ޖެހިލުންވާގޮތްވިއެވެ.

“ކީއްވެ ލަމްޔާގެ އާއިލާއަށް އޮޅުވައިލައިގެން މިކައިވެނި ކުރުވީ؟” ވާހަކަ ދިގުކުރަން ބޭނުންނުވެ ޒާއިން ސީދާ މައުޟޫއަށް ދިޔައެވެ.

“ކީކޭ؟ އޮޅުވާލިއްޔޭ؟ ޒާން ކީކޭތަ ތިކިޔަނީ؟” ނިތަަށް ރޫއަރައިގެންދިޔަ ތޮއިބާ ހައިރާންވެފައި ސުވާލުކޮށްލިއެވެ.

“ނޭނގޭކަމަށް ހެދޭނެކަމެއްނެތް.. މީ ލަމްޔާގެ އާއިލާއަށް އޮޅުވައިލައިގެން ކުރެވުނު ކައިވެންޏެއްކަން އަހަރެންނަށް މިހާރު އެނގިއްޖެ.. އޭރުވެސް އަހަރެންގެ ހިތަށްއެރި އަހަރެންގެ ހަގީގަތް އެނގިހުރެ ލަމްޔާފަދަ އަންހެންކުއްޖަކު އަހަރެންނާ ކައިވެންޏެއް ނުކުރާނޭ..” ބުނެވުނު ބަސްތަކުން ހިތުގައި ރިއްސައިލި ނަމަވެސް ޒާއިން އެކަންނުދައްކައި ވާހަކަދެއްކިއެވެ. ޒާއިންގެ ވާހަކަތަކުން ތޮއިބާގެ ހައިރާންކަންވީ އިތުރެވެ.

“މަންމަ އަކަށް ހަމަ އެއްގޮތަކަށްވެސް ޒާން ތިކިޔާއެއްޗެއް ނޭނގެ.. އަނެއްކާ ދެކުދިން ދެމެދު މައްސަލައެއް ޖެހުނީތަ؟” ކަންބޮޑުވެފައި ތޮއިބާ އަހައިލިއެވެ.

“އަދިވެސް ނޭނގޭކަމަށް ހެދެނީތަ؟ ނޫނީ އަހަރެން މިކިޔާއެއްޗެއް ހަމަނޭނގެނީތަ؟” ރުޅިވެރިކަމާއެކު ޒާއިންގެ ދެއަތް މުށްކެވިގެންދިޔައެވެ. ބުނާނެ އެއްޗެއް ނުވިސްނިފައި ތޮއިބާއަށް ހުރެވުނީ ހަގީގަތުގައިވެސް ޒާއިން ދައްކަމުންދިޔަ ވާހަކަތައް އޭނާއަށް ފަހުމްނުވާތީއެވެ.

“މިބުނަނީ ލަމްޔާ އަހަރެންނާ ކައިވެނިކުރީ އަހަރެންގެ އުޅުންހުރިގޮތުގެ ހަގީގަތް ނޭނގިހުރެއޭ.. އޭނާ ހިތުން އަހަރެންވެސް އުޅެނީ އޭނާ އުޅޭހެން.. މިކައިވެންޏާ އޭނާގެ އާއިލާ އެހައި ފަސޭހައިން ގަބޫލުވީވެސް އެހެންވެކަން ޔަގީން.. ބަލަ އަހަރެންގެ ދެލޮލުންނޭ ކޮންމެ ރެއަކު ލަމްޔާ ކަރުނައަޅައި ރޯ މަންޒަރު ދެކެނީ.. މި ދެކަންފަތުން އެއަޑުއިވިއިވި އަހަރެންގެ ހިތަށްވެސް އަސަރުކޮށްފި.. ކަލޭ ހުރިހައިކަމެއްކޮށްފަ ހަމަޖެހިގެން ތިއުޅެނީ.. އެއްފަހަރުވެސް ހިތަށް ނާރާތަ ކަލޭ ތިކުރިކަމަކުން ހަލާކުވެގެން އެދިޔައީ ބައެއްގެހުރި ހަމައެކަނި އަންހެންދަރީގެ ދިރިއުޅުންކަމެއް.. އެދެލޮލުން އަހަރެން އެތައް އެތައް ޝަކުވާއެއްދުށިން.. ކައިވެންޏާމެދު ކުރި ފޮނިހުވަފެންދުށިން.. އެކަމަކު.. އަހަރެން.. އަހަރެންފަދަ މީހަކާ އިނދެވުނަތީ ލަމް މިއަދު ހިތާމަކުރާކަން ޔަގީން..” ވާހަކަދައްކަމުންގޮސް ދެލޮލަަށް ކަރުނަޖަމާވަންފެށުމުން ގަދަކަމުން އެކަރުނަތައް ދިރުވައިލަން ޒާއިން މަސައްކަތްކުރިއެވެ. އަދިވެސް ލަމްޔާގެ އެވޭނީ ގިސްލުމުގެއަޑު އޭނާގެ ކަންފަތުގައި ހަރުލައިފައިހުރި ކަހަލައެވެ.

ބުނާނެ އެއްޗެއް ނޭނގި ހުއްޓުންއަރައިފައި ތޮއިބާއަށް ހުރެވުނީ އިވިގެންދިޔަ ވާހަކަތަކަކުންނެވެ. ފަހަރެއްގައިވެސް އެފަދަ ނިޔަތެއްގައި އޭނާ އެއްވެސްކަމެއް ކޮށްފައިނުވާއިރު ޒާއިން އޭނާގެ ބޮލުގައި އެއެޅުވީ ހާދަ ބޮޑު އިލްޒާމެކެވެ.

“އަހަރެން ހީކުރީ ލަމްޔާ އަހަރެންނާ އިންނަން ގަބޫލުވީ މިމުއްސަނދިކަމުގެ ބޭނުމުގަކަމަށް.. އެކަމަކު.. އެއަންހެންކުއްޖާގެ ހިތުގެ ސާފުކަން މިއަދު އަހަރެންނަށް އެނގި އިހުސާސުވެއްޖެ.. ކީއްވެ؟ އަހަރެން މިއަހަނީ ކީއްވެހޭ ކަލޭ އެގޮތަށް ކަންތައްކުރީ؟ އަހަރެންނަކީ މާ މާތްކޮށްއުޅޭ މީހެއްނޫންކަން އެންމެ ރަނގަޅަށްވެސް އެނގޭނީ ކަލެއަށް.. ދެން ކީއްވެހޭ އޮޅުވައިލީ؟ އަހަރެންނަށް އެނގޭ ކިތަންމެ ދުވަހަކު އެޝަކުވާތަށް އުފުލިއަސް ލަމްޔާ އުފްވެސް ނުބުނާނެކަން.. އެކަމަކު އަހަރެން މަޑަކުން ނުހުންނާނަން.. އަހަރެން މިއިން ކޮންމެ ސުވާލެއްގެވެސް ޖަވާބު ބޭނުން.. ބަސްހުއްޓި މަންމަންވެފަ ހުންނަންވީކީ ނޫނޭ.. ނޫނީ ކަލެއަށްކުރެވުނު ކަންތަކުން ބުނާނެ އެއްޗެއް ނޭނގިފަތަ ތިހުންނަނީ؟” މަޑުމައިތިރިކޮށް ވާހަކަދައްކަން ފެށިނަމަވެސް ޒާއިންގެ އަޑުގައި ހަރުކަށިކަމާއި ރުޅިވެރިކަން އެކުލެވިގެންދިޔައެވެ. ރުޅިއައިސް ރަތްވެފައި ހުރިއިރު އޭނާގެ ނަޒަރު ހުރީ ސީދާ ތޮއިބާއަށް ހުއްޓިފައެވެ.

“ހުއްޓާލާ ޒާއިން.. ތިވާހަކަދެއްކެނީ ކަލޭ ބަނޑުއަޅައި ވިހޭ މައިމީހާއާ ކަމެއްވެސް ނޭނގޭތަ؟ ތިވަރުގެ ބޮޑު އިލްޒާމެއް އަހަރެންގެ ބޮލުގައި އަޅުވާއިރު އަހަރެންމީ ތިހީކުރާހައި ނުބައި އަންހެނެއްނޫނޭ.. އަހަރެން ބަޔަކަށް އޮޅުވައިލަންވީ ކީއްކުރަން.؟ އެކަމުން އަހަރެންނަށް ކޮންފައިދާއެއްވާނެކަމަށް؟ ތިކައިވެނީގެ ޚިޔާލު ހިފައިގެން އަހަރެންގެ ގާތަށް އައީ ނާޒް.. އެދުވަހުވެސް އަހަރެން ނާޒް ގާތު ބުނިން ޒާއިންއާ އިންނަން އެއްބަސްވާ ކުއްޖަކަށް ޒާއިންގެ ހުރިހައި ހަގީގަތެއް..” އެހިސާބަށް ވާހަކަދިޔަތަނާ ތޮއިބާއަށް ހުއްޓައިލެވުނީ ހިތަށްވެރިވި ސުވާލުތަކަކުންނެވެ. ދެލޯބޮޑުކޮށްލަމުން ދެއަތް އަނގަމަތީގައި އަޅައިލެވުނުއިރު މަޑުމަޑުން ދެފަރާތަށް ބޯހޫރުވަމުންދިޔައީ އަމިއްލަ ނަފުސާ ކަމަކަށް ދެބަސްވާފަދައިންނެވެ.

“އަނެއްކާ….. އަނެއްކާ ނާޒް.. އެމީހުނަށް މިއިން އެއްވެސްކަމެއް ނާންގަނީތަ؟ ނާޒް އަހަރެންނަށްވެސް އޮޅުވައިލީތަ؟ ޔާރައްބީ.. އަހަރެން ދެން ކިހިނެއްހަދާނީ.. ހަގީގަތުގަވެސް ލަމްޔާގެ އާއިލާއަށް އެއްވެސްކަމެއް ނޭނގެނީތަ؟ އެހައި ފަސޭހައިން މިގުޅުމަށް އެއްބަސްވީ އެހެންވެތަ؟” ކަރުނުން ބަރާވި ދެލޮލުން ޒާއިންއަށް ބަލައިލި ތޮއިބާއަށް އެއްފަހަރާ އެތައް ސުވާލެއްކޮށްލެވުނެވެ.

ތޮއިބާއަށް ވީގޮތްފެނި ޒާއިންގެ ރުޅިގަނޑުވެސް ހިސާބަކަށް ފިނިވާގޮތްވިއެވެ. އެހެނަސް ހިތުގައިވި ހަމަނުޖެހުން ފިލާގޮތެއް ނުވިއެވެ. ބުނާނެއެއްޗެއް ނުވިސްނި ރޮވިފައި އޭނާއަށް ބަލަހައްޓައިގެންހުރި ތޮއިބާގެ ސުވާލުތަކަށް ޒާއިން ބޯޖަހައިލިއެވެ.

“ޔާ ﷲ.. އަހަރެންނަށް މިކުރެވުނީ ކޮންފަދަކަމެއް.. ނޭނގި ނަމަވެސް ކުއްޖެއްގެ ދިރިއުޅުން ހަލާކުކޮށްލެވިއްޖެ.. އަހަރެން.. އަހަރެން ދެން އެމީހުނަަށް ދައްކާނީ ކޮންމޫނެއް.. އަހަރެން ލަމްޔާ އާއި ކުރިމަތިލާނީ ކިހިނެއް؟ އެދަރިވެސް ޒާއިން ފަދައިން މިހާރު އަހަރެންނަށް ނަފުރަތުކުރާނެކަން ޔަގީން.. ނާޒް… އަހަރެންނަށް ގަބޫލުވެސް ނުކުރެވޭ.. ނާޒް އެފަދަކަމެއް ކޮށްފާނެތަ؟ އަހަރެންނަށް އެހައިބޮޑު ދޮގެއް ހަދައިފާނެތަ؟” އަނގަމަތީގައި އަތްއަޅައި ބާރުކޮށްލަމުން ކައިރީގައިހުރި ސޯފާ ގޮނޑީގައި ތޮއިބާއަަށް އިނށީދެވުނެވެ. އޭރު ހަމަ ރަނގަޅަށްވެސް އޭނާއަށް ރޮވިއްޖެއެވެ. ކުރާނެކަމެއް ނޭނގުނުތާނގައި ބުނާނެ އެއްޗެއްވެސް ތޮއިބާއަކަށް ނުވިސްނުނެވެ. އެއަށްވުރެ އޭނާގެ ސިކުނޑީގައި އުފެދިފައިވި ތޫފާނުގެ އަސަރު ވަރުގަދަވެފައިވެއެވެ.

ތޮއިބާގެ އަމަލުތަކުން ހަގީގަތުއިވެސް ތޮއިބާއަަށް މިއިން އެއްވެސްކަމެއް ނޭނގޭހެން ޒާއިންއަށް ހީވިއެވެ. ކިޔުނު އެއްޗިއްސާއިމެދު ވިސްނި ތުންފިއްތައިލަމުން ޒާއިން ފަހަތަށް ފިޔަވަޅެއް އަޅައިލިއެވެ. އެއްޗެއް ބުނަން އުޅެފައިވެސް ފުންޚިޔާލަކަށް ގެއްލިފައިއިން ތޮއިބާއަަށް ބަލައިލަމުން ޒާއިން އެތަނުން ނުކުންނަން ހިނގައިގަތެވެ. އޭނާގެ ހިތުގައި އުފެދިފައިވި ހައިޖާނުގަނޑުވެސް ވަކި ކުޑައެއްނޫނެވެ. އެއްޗެއް ވިސްނޭވަރަށްވުރެ އޭނާގެ ބޮލުގައި އުފެދިފައިވިރިހުން ވަރުގަދަވެފައިވެއެވެ. ތޮއިބާގެ ކޮޓަރިން ނުކުތްގޮތަށް އޭނާ މިސްރާބުޖެހީ ގެއިން ބޭރަށް ނުކުތުމަށެވެ. ކާރުގައި ބޭރަށް ދިއުމުގެ ޚިޔާލު ޒާއިން ދޫކޮށްލީ ތަޅުދަނޑިބަލައި އޭނާގެ ކޮޓަރިއަށް ދާންޖެހޭނެކަން އެނގޭތީއެވެ. މިވަގުތު އޭނާ ހުރީ ލަމްޔާ އާއި ކުރިމަތިލެވޭފަދަ ހާލަތެއްގައެއްނޫނެވެ. އަލުން ލަމްޔާގެ ކިބައިން މައާފަަށް އެދެންޖެހިދާނެފަދަކަމެއް ކުރާކަށް ޒާއިން ބޭނުމެއްނުވެއެވެ. ގެއިން ނުކުތުމަަށްފަހު ފުންނޭވާއެއްލަމުން މަގުގެ އެއްފަރާތުން އިސްޖަހައިލި ޒާއިން ހިނގައިގަތެވެ.

ގެޔާއި ދުރުނޫން ހިސާބެއްގައިހުރި ޕާރކެއްގެ ގޮނޑިއެއްގައި ޒާއިން އިނށީދެހަމަޖެހިލިއެވެ. ތަފާތު އެކިޚިޔާލުތަކުން އަމިއްލަ ނަފުސު ބަނދެވެމުންދިޔައިރު އޭނާގެ ދެބުމަވަނީ ގޮށްޖެހިފައެވެ. ހަދާނެގޮތެއް ނޭނގިގެންއުޅޭ މީހަކުފަދައިން އިރުއިރުކޮޅާ ނިތްކުރިމަތީގައި ފިރުމައިލަމުން ބޮލުގެ އިސްތަށިގަނޑުގައި އަތްހިންގައިލައެވެ. އެގޮތުގައި އެތަނުގައި އިރުއޮއްސި އަނދިރިވީއިރުވެސް ޒާއިން އިނެވެ. ގެއަށްދިއިމުގެ ކުޑަވެސް ޚިޔާލެއް އޭނާގެ ނެތްފަދައެވެ.

އިޝާ ނަމާދު ބަންގި ގޮވައިގެން ދިޔައިރުވެސް ޒާއިން އެޕާރކުގެ ތެރޭގައި ފުންޚިޔާލަކަށް ގެއްލިފައި އިނެވެ. ދިރިއުޅުމުގެ އެކި ކަންތަކާމެދު އޭނާއަަށް ފިކުރުހިންގެމުންދިޔައިރު ލަމްޔާ އާއި މެދުގައިވެސް އޭނާއަށް ވިސްނެމުންދިޔައެވެ.

އަތުކުރީގައި އޮތް ގަޑިއަަށް ބަލައިލަމުން އިންތަނުން ޒާއިން ތެދުވީ މާލަސްވެއްޖެނަމަ ލަމްޔާ އޭނާއާއި މެދުގައި ނުބައި ހީތަކެއްކޮށްފާނޭ ހިތަށްއެރުމުންނެވެ. ލައިގެންހުރި މަޑު ނޫކުލައިގެ ޖީންސްގެ ޖީބުތެރެއަށް ދެއަށްކޮށްޕައިލަމުން ޒާއިން ގެއަށް ދިއުމަަށްޓަކައި ހިނގައިގަތެވެ. ހިތުގައިވީ ހައިޖާނުގަނޑު މަތަނުވި ނަމަވެސް އޭނާގެ ރުޅިގަނޑުވަނީ އެއްކޮށްހެން ފިނިވެފައެވެ.

އިސްޖަހައިލައިގެންހުރެ ލަސްފިޔަވަޅުތަކެއްގައި ހިނގަމުން އައި ޒާއިންއަށް ކުރިމަތީގައިހުރި މިސްކިތްފެނި ހުއްޓުންއެރިއެވެ. މީގެ ކުރިންވެސް އޭނާ ވަނީ އެތައްފަހަރަކު އެމިސްކިތް ހުރަސްކޮށް ހިނގައިހަދައިފައެވެ. އެހެނަސް މިވަގުތު އެހެންޏާ ނުކުރެވޭފަދަ އެތައް އިހުސާސެއްް އޭނާއަށް ކުރެވެމުންދިޔައީ ކީއްވެކަމެއް ނޭނގެއެވެ. މިސްކިތަަށް ވަންނަ ދޮރުކުރިމަތީގައި ހުއްޓިލަމުން އެތައްް ދުވަހަކަށްފަހު ޝައުގުވެރިކަމާއެކު ޒާއިން މިސްކިތުގެ ގޯތިތެރެއަށް ނަޒަރު ހިންގައިލިއެވެ.

“ނަމާދު ނުކުރާނަންތަ؟” ސިހިފައި ޒާއިންއަށް ވަށައިގެން ނަޒަރު ހިންގައިލެވުނީ ލަމްޔާގެ އަޑު އޭނާގެ ކަންފަތުގައި ޖެހުނުހެން ހީވެގެންނެވެ. ނަމަވެސް އޭނާ ހުރި ހިސާބުގައިވެސް ލަމްޔާގެ ހިލަމެއްނެތުމުން އެއީ އޭނާއަށް ހީވިގޮތެއްކަމަށް ނިންމައި އަލުން ކުރިމަތީގައިހުރި މިސްކިތަށް ނަޒަރު ހުއްޓައިލިއެވެ.

ލަމްޔާގެ ފަރާތުން އަބަދުމެ އިވޭ ޖުމުލަ ޒާއިންގެ ސިކުނޑީގައި ހަރުލައިފައި ހުރިކަހަލައެވެ. ލަމްޔާގެ ދުލުން އެހެންބުނެލާއަޑު އޭނާގެ ކަންފަތްބުޑުގައި ގުގުމަމުންދިޔައެވެ. ދެލޯމަރައި ބާރުކޮށްލި ޒާއިން ފުންނޭވާތަކެއް ލާންފެށިއެވެ. އެވަގުތު ކުއްލިއަކަަށް މީހަކު އޭނާގެ ފުރަގަހުން ކޮނޑުގައި އަތްބާއްވައިލިކަމުގެ އިހުސާސުކުރެވި ދެލޯހުޅުވައިލަމުން ޒާއިން ބަލައިލިއެވެ.

އޭނާގެ ފަހަތުގައި ހިނިތުންވެފައިހުރީ މީގެ ކުރިން އޭނާ ދަންނަ ޒުވާނެއް ނޫނެވެ. އެޒުވާނާ ޒާއިންއަށް ބަލަހައްޓައިގެންހުރިގޮތުން އޭނާ ސުވާލުއުފެދޭގޮތްވިއެވެ. ހިތްހެޔޮކަން އެޒުވާނާގެ ފުށުން ޒާއިންއަށް އިހުސާސުކުރެވެމުން ދިޔައެވެ.

“މިތަނުގަ އޮތް ދަރުސް އަޑުއަހަންތަ އައިސް ތިހުރީ؟ އަވަހަަށް ހިނގާ އެތެރެއަށް. ނަސީބަކުން އަދި ނުފެށޭ.. އަހަރެންވެސް އަވަސް އަރުވައިލައިފަ މިއައީ އެހެންވެ. ކީއްކުރާނީ.. އިޝާ ނަމާދަށްވެސް މި މިސްކިތަށް އަންނަން ހުރީ މިރޭ ދަރުހެއް އޮންނަކަން އެނގުނީމަ. އެކަމަކު ގެއިން ނުކުމެވުނުލެއް ލަސްކަމުން އިޝާ ނަމާދުގެ ޖަމާއަތުގައި ބައިވެރިނުވެވިދާނެތީ ގެ ކައިރީގައި ހުރި މިސްކިތުން ނަމާދުކޮށް ނިންމައިލިގޮތަށް އަވަހަށް މިއައީ.. މިހާރުވެސް މާ ވާހަކަ ގިނަވެއްޖެ ދޯ.. އަވަހަަށް ހިނގާ އެތެރެއަށް. މިހާރު ފަށަން އުޅޭނެ..” ޒާއިންގެ ކޮނޑުގައި ޖަހައިލަމުން ހިނިއައިސްފައި އެޒުވާނާ ބުނެލިއެވެ. ހީވަނީ އެތައް ދުވަހަކު ދަންނަ މީހަކާއި ބައްދަލުވެ ވާހަކަދެއްކިހެންނެވެ. އިންކާރުކުރަން ބޭނުންވިއެއްކަމަކު އެ ޒުވާނާގެ ކުރިމަތީގައި އެކަން ފައުޅުކުރާކަށް ޒާއިންއަކަށް ހިލާ ނުކެރުނެވެ. އެއްޗެއް ނުބުނެ އެޒުވާނާގެ ފަހަތުން ޒާއިންވެސް މިސްކިތުގެ ތެރެއަަށްވަންނަން ހިނގައިގަތެވެ.

މިސްކިތުގެ ތެރެއަށް އަޅައިލި ފުރަތަމަ ފިޔަވަޅާއެކު ޒާއިންގެ ގައިގައި ހީވީ މަޑު ވައިރޯޅިއެއް ބީހިލިހެންނެވެ. ލިބުނު ހިތްހަމަޖެހުމަކުން ބޭއިޚުތިޔާރުގައި ޒާއިންއަށް ހިނިތުންވެލެވުނެވެ. އޭނާއަށް މިވަނީ ކިހިނެއްކަން ނޭނގުނަަސް ކުރެވެމުންދިޔަ އައު އިހުސާސުތަކުން އޭނާގެ މުޅި ނަފުސަށްވެސް ހަމަޖެހުން ގެނުވައިފިކަހަލައެވެ.

މިސްކިތްތެރެއަށް ވަންނަމުން ވަށައިގެން އެއްތަނަކަށް ޖަމާވެފައިތިބި މީހުނަށް ޒާއިން ބަލައިލިއެވެ. އެންމެން އެއްހިސާބެއްގައި އިނށީދެ ތިބިއިރު އެމީހުނާއި ކުރިމަތިވާގޮތަށް މެދުއުމުރުގެ ފިރިހެނަކު އިނެވެ. ހުދުހުދު ތުނބުޅިއާއިއެކު އޭނާގެ މޫނުމަތީގައިވި އަލިކަމުން ޒާއިންއަށް ހައިރާންކަމާއެކު އެމީހަކަށް ބެލެމުންދިޔައެވެ. ގާތުގައިހުރި ޒުވާނާ އިނށީންނާށޭ ބުނިއަޑަށް ހިންދިރުވައިލަމުން އެޒުވާނާއާއި ޖެހިގެން އޭނާވެސް އިނށީދެ ހަމަޖެހިލިއެވެ.

ބިސްމީގެ ބަރަކާތުން ދަރުސްފެށިގެންދިޔައިރު ކޮންމެ މީހަކުވެސް ޝައުގުވެރިކަމާއެކު ދެކެވެމުންދިޔަ ވާހަކަތައް އަޑުއެހުމުގައި ތިއްބެވެ. ދުނިޔަވީ އެކިކަންތަކާއި އާޚިރަތުގެ އެކި ކަންކަމުގެ މައްޗަށް ބިނާކޮށް އެމީހަކު ވާހަކަދައްކަމުންދިޔައެވެ. އަދި އަހަރެމެން ގަދަ ކީރިތިވަންތަ ﷲ އަށް އަޅުކަންކުރަންވީ ކީއްވެކަންވެސް އޭނާ ކިޔައިދެމުންދިޔައެވެ. އޭނާގެ ވާހަކަތަކުގައި އެކަލާނގެ އަޅުތަކުންދެކެ ލޯބިވާ މިންވަރާއި އެކަލާނގެ އޯގާވަންތަކަމުގެ މައްޗަށް އަލިއަޅުވައިލިއެވެ. އަދި ﷲ އީ ގިނަގިނައިން އަޅުތަކުގެންގެ ފާފަ ފުއްސަވައިދެއްވާ އެންމެ ރަހުމާންވަންތަ ރަސްކަލާނގެކަމުގައި ތަކުރާރުކޮށް އޭނާ ހަނދުމަކޮށްދެމުންދިޔައެވެ. މަޑުމައިތިރިކަމާއެކު އޭނާގެ ކުރިމަތީގައިތިބި މީހުނަށް ވިސްނޭނެފަދައިން އޭނާ ވާހަކަދައްކަމުންދިޔައެވެ.

ޝައުގުވެރިކަމާއެކު އެވާހަކަތައް ކަނުލައި އަޑުއަހަންއިން ޒާއިންގެ ހިތުގައިވި ހުރިހައި ހަމަނުޖެހުމެއްގެ މަތިން އޭނާ ހަނދާންނެތިފައިވާކަހަލައެވެ. އެވާހަކަތަކާއި މެދުގައި އޭނާއަށް ފުންކޮށް ވިސްނުންހިންގެމުންދިޔައިރު ކުރިމަތީގައި އިނދެ ވާހަކަދައްކަމުންދިޔަ މީހާ ކުރާ ކޮންމެ ސުވާލެއް އަމާޒުވަނީ ސީދާ އޭނާއަށްހެން ޒާއިންއަށް ހީވާންފެށިއެވެ. އެސުވާލުތައް ޚުދު އަމިއްލަ ނަފުސާކުރެވެމުންދިޔަ ވަރަކަށް ނޭނގޭ ބިރުވެރިކަމެއް އޭނާގެ ނަފުސަށް ވެރިވާންފެށިއެވެ. މުޅި ނަފުސު ބަލިކަށިވެ ނިކަމެތިވެގެންދިޔަ އިހުސާސެއް ކުރެވިގެންދިޔައެވެ. ހީވަނީ އެވާހަކަތައް އޭނާގެ ހިތުގެ ވަށައިގެންވި ބޯ ފާރު ފޫއަޅުވައިލުމަށްފަހު ހިތުގެ އެންމެ ހިމަނާރާއި ކުޅެލިހެންނެވެ.

މަރުފަދަ ހިމޭންކަން ވެރިވެފައިވި މުޅި މިސްކިތް ކުއްލިއަކަށް ގުގުމައިގެންދިޔައީ މީހެއްގެ ވޭނީ ރުއިމުގެ އަޑުންނެވެ. ގިސްލަގިސްލާފައި އެމީހަކު ރޮމުންދިޔައިރު ހީވަނީ އެތައްދުވަހަކު ބޮޑު ވޭނެއް ތަހައްމަލުކޮށްފައިވާ މީހަކު ރޯހެންނެވެ. ދަރުސް ކުރިއަށް ގެންދަމުންދިޔަ އަބްދު ﷲ ވެސް އޭނާގެ ވާހަކަތައް މެދުކަނޑައިލަމުން އަޑުއަންނަމުންދިޔަ ދިމާއަށް ނަޒަރުހުއްޓައިލިއެވެ. އޭރު އެތަނުގައިތިބި އެކި މީހުންގެ ބެލުންތައްވެސް ވަނީ އެދިމާއަަށް ހުއްޓިފައެވެ. އަބްދު ﷲ ގެ ފުށުން ކަންބޮޑުވުން ފެނިގެންދިޔައިރު ހާސްވެފައި ޒާއިންގެ ގާތުގައިއިން ޒުވާނާ އަބްދު ﷲ އަށް ބަލައިލީ ހަދާނެގޮތެއް ނުވިސްނިފައެވެ. ދެފަރާތަށް ބޯހޫރުވައިލި އަބްދު ﷲ އެއިޝާރާތްކުރަނީ ހަމަޖެހުމަށްކަމަށް ވިސްނި ޒާއިންގެ ގާތުގައިއިން އެޒުވާނާ ބޯޖަހައިލަމުން އޯގާތެރިކަމާއެކު ރޮއެގިސްލަމުންދިޔަ ޒާއިންގެ ބުރަކަށީގައި މަޑުމަަޑުން ފިރުމައިލިއެވެ.

ކަރުކެހިލަމުން ޒާއިންއަށް ހުއްޓިފައިވި އެހެން މީހުންގެ ސަމާލުކަން އަބްދު ﷲ އަނބުރައި ހޯދިއެވެ. އަދި މެދުކެނޑުނު ހިސާބުން ވާހަކަ ކުރިއަށް ގެންގޮސް އިތުރަށް ދިގުނުދަންމައި ދަރުސް ނިންމައިލިއެވެ. ދޭތެރަކުން އޭނާގެ ނަޒަރު ޒާއިންއަށް ހުއްޓޭއިރު އެ މޫނުމަތިން ކަންބޮޑުވުން ފައުޅުވެ ވެލައެވެ. އޭނާގެ ބެލުންތަކުން އޭނާ އިނީ ޒާއިންގެ ގާތަށް ދިއުމަށް ބޭނުންވެފައިކަން އެނގެއެވެ.

ދަރުސް ނިމުމާއެކު ތިބިތަނުން ތެދުވެ މީހުންތައް މިސްކިތުން ނުކުންނަން ހިނގައިގަތެވެ. ކޮންމެ މީހަކުވެސް ސުވާލުއުފެދިފައި ޒާއިންއަށް ސިއްރުބެލުންތައް ދެމުންދިޔައިރު އެކަމާއި އެއްވެސް ފަރުވާލެއްނެތި އިސްޖެހިފައި ޒާއިން އިނެވެ.

މީހުންތައް މިސްކިތުން ނުކުތުމާއެކު އަބްދު ﷲ އަވަސްގަތީ ޒާއިންގެ ގާތަށް ދިއުމަށެވެ. އޭރުވެސް ކޮންމެވެސް ވަރަކަށް ޒާއިންއަށް ގިސްލެވެމުންދިޔައެވެ. އޭނާ ގާތުގައި އިން ޒުވާނާ ޒާއިންގެ ކޮނޑުގައި ފިރުމައިލަ ފިރުމައިލައި އެއިންގޮތަށް އިނެވެ.

“ދަރިފުޅާ..” ލޯތްބާއި އޯގާތެރިކަމުން ފުރިގެންވި އަޑަކުން ޒާއިންގެ ގާތުގައި އިނށީދެ އޭނާގެ އިސްތަށިގަނޑުގައި އަތްހިންގައިލަމުން އަބްދު ﷲ ގޮވައިލިއެވެ. އެއަޑުއިވި ޒާއިންގެ ރުއިން އަނެއްކާވެސް ބާރުވެގެން ދިޔައެވެ.

“ދަރިފުޅާ.. ނުރޮއެ ވީގޮތެއް ބުނެބަލަ.. ދަރިފުޅަށް ދިމާވެގެން ތިއުޅޭކަމެއްގަ އެހީތެރިވެވޭނީވެސް އޭރުން..” މިފަހަރު ޒާއިންގެ ކޮނޑުގައި ހިފައިގެނެސް އޭނާގެ ގައިގައި ޖައްސައިލަމުން އަބްދު ﷲ ނުހަނު މަޑުމަޑުން ބުނެލިއެވެ. އެއަޑުގައިވި އޯގާތެރިކަމާއި ކުލުނެއްގެ ސަބަބުން ޒާއިން ނަޒީމް މަތިން ހަނދާންވާގޮތްވިއެވެ. އޭނާގެ ބައްޕަ އޭނާ އާއި މުޚާތަބު ކުރާއިރުވެސް އެފަދަ ހިތަށް ފިނިކަން ލިއްބައިދެނިވި އިހުސާސުތަކެއް ޒާއިން އަށް އަބަދުވެސް ކުރެވެއެވެ.

ވާހަކަދެއްކުމަށް ނުކުޅެދިފައިއިނދެ ޒާއިން އަޑުން އަޑުނަގައި ރޮމުންދިޔައިރު އަބްދު ﷲ ގެ ފިކުރު އިންތިހާއަށް ބޮޑުވެގެންދިޔައެވެ. ކެތްތެރިކަމާއެކު ޒާއިން އަށް ހިތްވަރުގެ ބަސްތައްް ބުނަމުން ޒާއިންމަސަލަސްކުރުމަށް އޭނާ މަސައްކަތްކުރަމުންދިޔައީ އެއްވެސް ފޫހިކަމެއް ނެތިއެވެ.

އިރުގަނޑަކު ރުއިމަށްފަހު މަޑުމަޑުން ޒާއިން ހަމައަކަށްއެޅޭގޮތް ވިއެވެ. ރުއިން ހުއްޓިފައިވީ ނަމަވެސް ގިސްގެ އަޑު ދޭތެރަކުން އޭނާގެ ދެތުންފަތް ފޫއަޅުވައިލުމަށްފަހު ބޭރުވެގެންދަނީ އެހިތަށް ކޮށްފައިވި ފުން އަސަރު އަންގައިދެމުންނެވެ.

“ދަރިފުޅާ.. ނިކަން ހަމަޖެހިފަ ބޭބެ ގާތު ވެގެންއުޅޭ ގޮތެއް ބުނެބަލަ.. ބޭބެ އަށް ތިކަމުގަ އެހީތެރިކަމެއް ވެވުނަސް އެނގޭނީ އޭރަކަށްނު..” ޒާއިން ހަމައަކަށް އެޅުނުކަން އެނގި އަބްދު ﷲ ވާހަކަދެއްކިއެވެ.

ތުންފިއްތައިލި ޒާއިން އިރުގަނޑެއްގެ ހިމޭންކަމަށްފަހު މަޑުމަޑުން ވާހަކަދައްކަން ފެއްޓިއެވެ. ކީއްވެ ކަމެއް ނޭނގެއެވެ. އޭނާގެ މުޅި ހިތާއި ރޫހުވެސް ގޮވަމުން ދިޔައީ ގާތުގައިއިން އަބްދު ﷲ އަށް އިތުބާރުކުރުމަށެވެ. ހިތްވަރުކޮށްފައި އަބްދު ﷲ ގެ ވާހަކަތަކުން އޭނާގެ ހިތަށް ކުރުވި އަސަރު ޒާއިން ބަޔާންކޮށްދެން މަސައްކަތްކުރިއެވެ. ލަތުވެތި އިހުސާސަކާއެކު އޭނާ ނަމާދު ނުކުރާތާވެސް އެތައް ޒަމާނެއް ވެދާނެކަމާއި އަދި އޭނާގެ ދިރިއުޅުމުގެ ދެންވެސްހުރި ކަންތައްތައް ޒާއިން ކިޔައިދިނެވެ. އަދި އެކަންކަމަށް ކުޑަވެސް ޝައުގެއް އުފެދުނީ އަބަދާއި އަބަދު އޭނާގެ އަނބިމީހާގެ ކިބައިން އިވޭ ބަސްތަކާއި ފެންނަ އަމަލުތަކުގެ ސަބަބުން ކަމުގައި ޒާއިން ބުނެލިއެވެ. ހަގީގަތުގައި މިސްކިތްކުރިމަތީގައި ހުއްޓިހުރީ ދަރުހެއް އޮންނަކަން އެނގިގެން ނޫންކަމާއި މިސްކިތް ފެނުމުން އޭނަގެ އަނބިމީހާގެ އަމަލުތަކުގެ މަތިން ހަނދާންވެ ދޮރުކުރިމަތީގައި މަޑުކޮށްލެވުނީކަމުގައި ޒާއިން ބުނެދިނެވެ.

އެހެނަސް އަބްދު ﷲ ގެ ވާހަކަތަކުން މިއިން ޒަމާނަކުވެސް އޭނާގެ ހަރުހިތަށް ނުކުރާވަރަށް އަސަރު ކުރުވައިފިކަމާއި ހަޔާތުގައި ފުރަތަމަ ފަހަރަށް ހެއްދެވި ފަރާތާއި މެދުގައި ވިސްނި ހިތަށް ބިރުވެރިކަން ވަތްކަމަށް ޒާއިން ލަސްލަހުން ބުނެލިއެވެ. އޭނާއަށް އުޅެވެމުންއައި ނުބައި ދިރިއުޅުން ދޫކޮށްލުމަށް އޭނާގެ ޟަމީރު އެހިނދު ގޮވައިލިކަމުގައި ޒާއިން ބުނެލިއެވެ.

“އަހަރެން… އަހަ..ރެން.. ބަދަލު.. ވާން ބޭނުން.. ވަރަށް ބޮޑަށް ބޭނުން.. މިފަދަ ވިސްނުމެއް އަންނަންވީ ސަބަބެއް ނޭނގުނަސް.. މިއަދާ ހަމައަށް އަހަރެންނަށް އުޅެވުނީ ރަނގަޅަށް ނޫންކަން މިއަދު އަހަރެންގެ ނަފުސުވެސް އެއްބަސްވޭ.. ބޭބެގެ ވާހަކަތަކުން… އަހަރެންގެ މުޅި ވިސްނުމަށް އަސަރުކޮށްފި.. އަހަރެންގެ އަނބިމީހާއަށްޓަކައި ހެޔޮލަފާ ފިރިއަކަށްވާން އެދެވެން ފަށައިފި.. ބޭބޭ.. އަހަރެން… ތައުބާވާން ބޭނުން.. އެކަމަކު.. އެކަން ކުރާނެގޮތެއް ނޭނގެ.. ބޭބޭ ބުނީމެއްނު.. ތައުބާވާ އަޅުންނަށް އެކަލާނގެ ފާފަފުއްސަވާނޭ.. އެފަދަ އަޅުންނާއިމެދު ރުއްސަވާނޭ.. އަހަރެންވެސް ބޭނުން އެފަދަ މީހުންގެ ތެރެއިންވާން.. ބޭބޭ.. އަހަރެންނަށް އެހީތެރިވެދީފާނަންތަ؟ އަހަރެންނަށް އަލުން ނަމާދުކޮށް ދީނުގެ ހުރިހައިކަމެއްކުރަން ދަސްކޮށްދީފާނަންތަ؟” ކުރެހިފައިވި އަަޑަކުން މާޔޫސްވެފައި ޒާއިން އަބްދު ﷲ ގެ މޫނަށް ބަލައިލަމުން އަހައިލިއެވެ.

ޒާއިންގެ ވާހަކަތަކުން ހިތަށް ލިބުނު ހަމަޖެހުމަކުން ފެންކަޅިވެގެންދިޔަ އަބްދު ﷲ އަވަސް އަވަހަށް ބޯޖަހައިލަމުން ޒާއިންގެ ގައިގައި ބައްދައިލިއެވެ. އަދި އޭނާގެ ބުރަކަށީގައި ލޯތްބާއިއެކު ފިރުމައިލަމުން ﷲ އަަށް ޙަމްދުކުކޮށްލިއެވެ.

“ބޭބެ ވަރަށް އުފާވެއްޖެ ޒާއިންއަށް ވިސްނުނީމަ.. ދެން ތިކަމާދެރަނުވޭ.. އިރާދަކުރެއްވިއްޔާ ބޭބެއަށް އެނގުނު މިންވަރަކުން ޒާއިންއަށް ހުރިހައިކަމެއްވެސް ދަސްކޮށްދޭން ބޭބެ މިހުރީ ތައްޔާރަށް.. ކުރީގަ ތިދިރިޅުނުން ކޮންމެފަދަ ގޮތަކަށް ހޭދަވެފައިވިއަސް އިރާދަކުރެއްވިއްޔާ މިއަދުން ފެށިގެން ހުރިހައިކަމެއްވެސް ދާނީ ރަނގަޅަށް…” ލޮލުން އުފާވެރިކަމުގެ ކަރުނަ ނިރާލި ނަމަވެސް އެހިތަށްކޮށްފައިވި ފުން އަސަރު ފޮރުވައިލަމުން އަބްދު ﷲ ބުނެލީ ޒާއިންއަށް ހިތްވަރުދޭފަދަ ގޮތަކަށެވެ. އަބްދު ﷲ ގެ ވާހަކަތަކަށް ބޯޖަހައިލަމުން އޭނާ އާއި ދުރުވެލި ޒާއިން އަތުގެ ނުފުށުން މޫނުމަތި ފުހެލައި ސާފުކޮށްލިއެވެ. އޭރު އޭނާގެ ގާތުގައި އިން ޒުވާނާއަށްވެސްވަނީ ޒާއިންގެ ވާހަކަތަކުން ނޭނގޭ އަސަރުތަކެއް ކޮށްފައެވެ. ﷲ ގެ ކުޅަދުންވަންތަކަމާއެވެ. އެކަލާނގެ އަޅަކަށް ތެދުމަގު ދެއްކެވުމަށް އިރާދަކުރައްވައިފިނަމަ އެކަން ހުއްޓުވުމުގެ ބާރު އެހެން އެއްވެސް ފަރާތަކަށް ލިބިގެނެއްނުވެއެވެ.

“ޝުކުރިއްޔާ..” ގާތުގައި ބަސްމަދުވެފައިއިން ޒުވާނާއަށް ބަލައިލަމުން ޒާއިން ހިނިތުންވެލިއެވެ. “ރަޔާން.” އެހިނދު ޒާއިންގެ ހިނިތުންވުން ރައްދުކޮށްލަމުން ސަލާމަށް އަތްދިއްކޮށްލި ރަޔާން އަމިއްލައަށް ތައާރަފުވެލިއެވެ.

“ތީ ބޭބެގެ ހުރި ހަމައެކަނި ދަރިފުޅު” ޒާއިން އާއި ޖެހިގެންއިން އަބްދު ﷲ ވެސް ފަނޑުގޮތަކަށް ހީލަމުން ބުނެލިއެވެ. އެޖުމުލައިން ހައިރާންވެފައި ޒާއިންއަށް ރަޔާންއަށް ބަލައިލެވުނެވެ. އަބްދު ﷲ އެބުނީ ތެދެކޭ ބުނެލާފަދަ ގޮތަކަށް ރަޔާން ބޯޖަހައިލިއެވެ. ދެމެދުގައިވި ބީރައްޓެހިކަން ނެތިދިއުމާއެކު ތަފާތު ވާހަކަތައް ދެކެވެންފެށިއެވެ.

*****

މަޑުމަޑުން ކޮޓަރީގެ ދޮރުހުޅުވައިލަމުން ޒާއިން އެތެރަށް ވަނެވެ. ކޮޓަރިއަށް ފެތުރިފައިވި ނިދާބޮކީގެ ފަނޑުއަލިކަމުގެ ތެރޭގައި ޒާއިން އަތުކުރީގައިއޮތް ގަޑިއަށް ބަލައިލިއެވެ. އޭރު ގަޑިން 10 ޖަހަންވަނީ ގާތްވެފައެވެ. އެނދުމަތީގައި ފުންނިންޖަކުން ނިދިފައިއޮތް ލަމްޔާގެ ސޫރައަށް ބަލަހައްޓައިގެން ޒާއިންއަށް ހުރެވުނެވެ. އެހިނދު އޭނާގެ ހިތް ލަމްޔާއަށްޓަކައި ލޯބިން ފުރިގެންއައެވެ. ދުވަހަކު އަންހެން ކުއްޖަކަަށް ނުދެވުނު ޤަދަރާއި އިހުތިރާމު އެހިތުގައި ލަމްޔާއަށްޓަކައި އުފުދިގެން އައެވެ.

އެނދުގެ އެއްއަރިމަތީގައި ހުއްޓިލަމުން ލޯބިން ފުރިގެންވި ބެލުމަކުން ޒާއިން ލަމްޔާއަށް ބަލައިލިއެވެ. އެހިތުގައިވި އިހުސާސުތައް ކޮންޓްރޯލް ކުރާކަށް މިރެއަކު އޭނާ ބޭނުމެއްނުވެއެވެ. ލަމްޔާ އެންމެ ފުރަތަމަ ފެނުނުހިނދުން ފެށިގެން އެހިތުގައި ޖަހައިލި އައު ވިންދަށް ދޭނެ ނަމެއް އެހިތްވަނީ ހޯދައިފައެވެ. އަދު އެއިން އެެއްވެސް ކަމަކާއި ދެކޮޅު ހަދާކަށް ޒާއިން ބޭނުމެއްނޫނެވެ. އޭނާގެ ނަފުސު އެލޯބީގެ އޮއެވަރުގައި ބެހިގެންދިއުމަށް އޭނާ ވަނީ ރުހުމާއިއެކު ދޫކޮށްލައިފައެވެ. ހަމަޔަގީނުންވެސް އެއޮއެވަރު އޭނާ ގެންގޮސް ބީއްސާލާނީ އަމާން އޮމާން މަންޒިލަކަށް ކަމާއިމެދު ޒާއިންއަށް އެއްވެސް ޝައްކެތްނުވެއެވެ.

ލޮލުން ވެއްޓުނު ކަރުނަތިކި އަތުގެ ނުފުށުން ފުހެލަމުން ޒާއިން ކުޑަކޮށް ގުދުވެލިއެވެ. އަދި ލަމްޔާގެ ގައިމަތީގައިވި ރަޖާގަނޑު ރަނގަޅުކޮށްލަމުން އެނިތުގައި ބޮސްދިނެވެ.

“ތެންކްސް ލަމް.. އަހަރެންގެ ދިރިއުޅުމަށް ތިއަށްވުރެ އެކަށޭނަ އެހެން ބައިވެރިއެއްނުހުންނާނެ.. ކޮންމެވެސް ދުވަހަކުން އިރާދަކުރެއްވިއްޔާ ލަމް ފަޚުރުވެރިވާފަދަ ފިރިއަކަށް އަހަރެން ވެދޭނަން.. އަހަރެންގެ ހިތުގަ ލަމްއާ މެދުގައިވި މިވާ އިހުސާސުތައް ތިހިތަށް ބަޔާންކޮށްދޭނަން.. ދުވަހަކުވެސް ލަމްއާއި ވަކިވާކަށް ނޭދެން.. އެއަށްވުރެ މާބޮޑަށް އަހަރެންނަށް ލަމްދެކެ ލޯބިވެވިއްޖެ.. އިރާދަފުޅުން.. ތިހިތް އަހަރެން ލޯބިން ފުރާލަދޭނަން… ލަވްޔޫ މައި ލިޓްލް އޭންޖެލް..” ލަމްޔާގެ އޮމާން ކޯތާފަތުގައި ބޮސްދިން ޒާއިންގެ އަމިއްލަ ނަފުސު އޭނާ އާއި އެތައް ވާހަކައެއް ދެއްކިއެވެ. އެތައް އިރަކު ލަމްޔާގެ ސޫރައަށް ބަލަން އިނުމަށްފަހު ފުންނޭވާއެއްލަމުން ޒާއިން އެއްޗެހި ބަދަލުކޮށް ހެދުމަށްފަހު ގޮސް ސޯފާގައި އޮށޯވެލިއެވެ. ހަށިގަނޑަށް ލިބިފައިވި ވަރުބަލިކަމެއްގެ ސަބަބުން ދާދި އަވަހަށް ޒާއިންއަށް ނިދީގެ ފުންކަނޑަށް ފީނައިގަނެވިއްޖެއެވެ.

*****

އިށީނދެއިން ގޮނޑި ދެފަރާތަށް އަނބުރަމުން ޖިޔާ އޮފީސް ތެރޭގައި ހަރަކާތްތެރިވަމުންދިޔަ މީހުނަށް ނަޒަރުހިންގަމުން ދިޔައެވެ. ސިކުނޑިތެރޭގައި އެތައްކަމެއް އެނބުރެމުންދިޔައިރު ޝަޔަމްގެ ވާހަކަތައް ވަނީ އެހިތުންފިލާގޮތް ނުވެފައެވެ. އިރުއިރުކޮޅާ ދަތްކުނޑިވިކެމުން ދިޔައިރު އޭނާގެ ދެލޯ ހޯދަމުން ދިޔައީ ހަމަ އެންމެ ފަރާތެކެވެ.

ޝަޔަމްގެ ކެބިންއިން ފައިލްތަކެއް ހިފައިގެން ނުކުތް ނުހައިކް އޭނާގެ ލޮލުގައި އަޅައިގަތުމާއެކު ނުލަފާ ހިނިތުންވުމެއް އެތުންފަތަށް ވެރިވެގެންދިޔައެވެ. ނުހައިކް ކުރިއަށް ހިނގައިގަތުމާއެކު އިންތަނުން ތެދުވަމުން ލައިގެންހުރި ކުރު ސްކާރޓްކޮޅަށް ދަމައިލުމަށްފަހު ޖިޔާ ވެސް ނުހައިކްގެ ފަހަތުން ހިނގައިގަތެވެ. އޮފީސް ނިމޭގަޑި ގާތްވެފައިވުމާއެކު އެތަނުގައި ހަރަކާތްތެރިވަމުންދިޔަ މީހުންވެސް ހިސާބަކަށް މަދެވެ.

“ނުހައިކް..” ފަހަތުން މީހަކު ގޮވައިލިއަޑުއިވި ހުއްޓެމުން ނުހައިކް ބަލައިލިއެވެ. ފަރިހިނގުމެއްގައި އެދިމާއަށް އަންނަ ޖިޔާ ފެނިފައި އޭނާގެ މޫނުމައްޗަށް ފޫހިކަންވެރިވެގެންދިޔައެވެ. އެހެނަސް އެސަރުތައް ދައްކަން ބޭނުންނުވެ ނުހައިކް އެހެންދިމާއަކަށް ނަޒަރު ހުއްޓައިލިއެވެ.

“ޝަޔަމްގެ ކެބިންއިން ނުކުމެގެން ތިދަނީ ހާދަ ހިނިއައިސްފައި ހުރެއޭ.. އަނެއްކާ އެތެރޭގަ ދެމީހުން ކީއްކޮށްލީ..؟” އެއްލޯ މަރައިލަމުން ހިނިއައިސްފައި ލާނެތްގޮތަކަައް ޖިޔާ އަހައިލިއެވެ. ޖިޔާގެ ވާހަކަތަކުން ހައިރާންވީވަރުން ބުނާނެ އެއްޗެއްވެސް ނުހައިކްއަކަށް ނުވިސްނުނެވެ. ޖިޔާ އެފަދަ އެއްޗެއް ބުނަންޖެހުނު ސަބަބެއްވެސް ނުހައިކްއަކަަށް ނޭނގުނެވެ.

“ކިހިނެއްވީ މާ ފާޑަކަށް ތިބަލަނީ؟ ހީކުރީ އެއްވެސްކަމެއް އަހަރެންނަަށް ނޭނގޭކަމަށްތަ؟” އަތުން އިސްތަށިގަނޑުގެ ކޮޅުތަކާ ކުޅެމުންދިޔަ ޖިޔާ އަނެއްކާވެސް އަހައިލިއެވެ.

“ޖިޔާ ކީކޭތަ ކިޔަން ތިއުޅެނީ؟ އަހަރެންނަކަަށް ނުވިސްނުނު.” ހިތްހަމަނުޖެހިފައި ނުހައިކްވެސް ކޮށްލީ ސުވާލެކެވެ.

“އާން.. ނުވިސްނޭކަމަަށް ހެދުނީމަ ނުވިސްނޭނު.. އެހެންޏަ.. ތީ އެއްޗެއް ނުވިސްނޭވަރުގެ ގަމާރެއްތަ؟ އަހަރެން ބުނަން މިއުޅެނީ ކަލެއާ ޝަޔަމްގެ ގުޅުމުގެ ވާހަކަ..” ދަތްތަކަަށް ބާރުކޮށްލަމުން ޖިޔާ ބުނެލިއެވެ. އެއަޑުގައިވެސް ހިތްހަމަނުޖެހުން އެކުލެވިގެންދިޔައެވެ.

“އެކަމުގަ ކޮބާ ޖިޔާގެ މައްސަލައަކީ؟ ގުޅުން އޮތީ އަހަރެންނާ ޝަޔަމްއާ ދެމެދު.. އެހެންނޫނަސް ތި އިޝާރާތްކުރާފަދަ ވިޔާނުދާ އެއްވެސް ގުޅުމެއް އަހަރެމެން ދެމެދުގަ ނުހިނގާ.. އަހަރެންނަށް އަހަރެންގެ އިން ވަކިކުރަން އެނގޭ..” ޖިޔާގެ ވާހަކަތައްްހުރިގޮތުން ނުހައިކް ގާތަށް ރުޅިއަންނަގޮތް ވިއެވެ.

“ހުއް.. ބަލަ ތި ހީކުރާހާ މާތް މީހެއް ނޫނޭ ޝަޔަމް އަކީ.. އޭނަކަހަލަ ހުރިހައިގޮތަކުން ފުރިހަމަ އަންހެނެއް ކަލޭ ކަހަލަ ކަޓު މީހަކުދެކެ ލޯބިވެދާނެކަމަށް ކަލޭ ހީކުރީތީވެސް އަހަރެން ހައިރާންވޭ.. ހަހަ.. އެންމެ ފަހަރަކުވެސް ޝަޔަމް ކަލެއާއެކީ އެކުޅެނީ ލޯބީގެ ކުޅިގަނޑެކޭ ހިތަކަށް ނާރާތަ؟” ހަށަން ބަނދެލުމަށްފަހު ދެލޯ ހިމަކޮށްލަމުން ޖިޔާ ނުހައިކްއަށް ބަލައިލިއެވެ. މިފަހަރު ޖިޔާ ދޫކޮށްލި ތީރު އޭގެ އަމާޒަށް ވާސިލުވެއްޖެއެވެ. އެވާހަކަތަކާ އެއްބަސްވާން ބޭނުން ނުވިއަސް ނުހައިކްގެ ހިތަށް ބިރުވެރިކަމުގެ އަސަރުވެރިވެގެން ދިޔައެވެ. ނުބައި ގޮތަކަށް ހިތްގުޑިލުމާއެކު ދެބުމަގޮށްޖެހިގެންދިޔައެވެ.

“ޝަޔަމް ނުހައިކް ދެކެ ލޯބިވެޔޭ ބުނީ ލޯބިވާތީއެއްނޫނޭ.. ތިއީ ހުސްފޭކު.. އޭނާ ބޭނުންވީ އަހަރެންނަށް ދައްކަން އޭނާއަށް ނުހައިކްގެ ހިތް ފަތަހަކުރެވިދާނެކަން.. ހަހަހަ.. މިހާރު އަހަރެންވެސް ގަބޫލުކުރަން ޝަޔަމްއަށް އެކަން ވެދާނެކަން.. އެހެންޏަ.. ކަލޭ ތިހުރީ އޭނާގެ ލޯބީގަ ދީވާނާވެފަ..” މަލާމާތުގެ ފާޑަކަށް ޖިޔާ ބުނެލިބަސްތަކުން ނުހައިކްގެ ހިތަށް ތަދުވެގެންދިޔައެވެ. ނަމަވެސް ޖިޔާގެ ކުރިމަތީގައި ދެރަ ގަބޫލުކުރާކަށް ނުހައިކްވެސް ބޭނުމެއް ނުވިއެވެ.

“އަހަރެން ޝަޔަމްއަށް އިތުބާރުކުރަން.. ހީކުރީ ތިހެން އިއްވާލާ ވާހަކަތަކަކުން އަހަރެންގެ ހިތުގަ ޝަޔަމްއަށް އޮތް ލޯބި ފަނޑުވެދާނެކަމަށްތަ؟ އެހެންނޫނަސް އަހަރެން ހީވާ އެއްޗެއް ބުނަންތަ؟ ޖިޔާގެ ދައްތަ އާމެދު ޖިޔާ ހަސަދަވެރިވަނީ.. ނޫންތަ؟” ޖިޔާގެ ކުރިމަތީގައި ހަމަޖެހިލަމުން ނުހައިކް ބުނެލިއެވެ.

ހިތްހަމަނުޖެހުނުވަރުން ޖިޔާއަށް ނުހައިކްއާއި ދިމާއަށް ފިޔަވަޅެއް އަޅައިލެވުނީ އިންޒާރުގެ ބެލުމަކުން އޭނާއަށް ބަލައިލަމުންނެވެ. “ގޯ ޓް ހެލް..” ދަތްކުނޑިވިކައިލަމުން ޖިޔާ ބުނެލިއެވެ. “އަހަރެން ނުސް އުޅެން ތިކަހަލަ މީހުނާ ބޭކާރު އަނގަތަޅާހިތަކުންނެއް.. އެހައި ވަގުތެއް އަހަރެންގެ ނުސް ނެތް..” ޖިޔާ އާއި ފަހަތަށް ފިޔަވަޅެއް އަޅައިލަމުން އޭނާއަށް ފުރަގަސްދިނުމަށްފަހު ނުހައިކް ހިނގައިގަތެވެ.

އެމަންޒަރު ބަލަންހުރި ޖިޔާ ފައިން ބާރަށް ތަށިމުށިގަނޑުމަތީގައި ޖަހަމުން އަނގަޔަށް ވައްތަރެއް ޖައްސައިލިއެވެ. އޭރު ރުޅި އައިސްގެންގޮސް މީހާ ހީވަނީ ހަމައިންނައްޓައިފައިވާހެންނެވެ. ޖިޔާގެ ދޮން މޫނު ރަތްވެފައިވީއިރު އޭނާއަށް ފުންކޮށްނޭވައިލެވެމުން ދިޔައެވެ.

“ދުވަހަކުވެސް ކަލެއަަށް ޝަޔަމް އެއް ނުލިބޭނެ.. އަހަރެން ކުރެވެންހުރި ކޮންމެ ކަމެއް ކުރާނަން.. ދުވަހަކުވެސް ތިދެމީހުނަށް އެކުގަ އުޅެވުނަކަ ނުދޭނަން.. ދުވަހަކުވެސް ނުދޭނަން..” މުށްކެވިފައިވި އަތަށް ބާރުކޮށްލަމުން ޖިޔާ އޭނާގެ އަމިއްލަ ނަފުސާއި ވާހަކަދެއްކިއެވެ. އޭރު މުޅިމީހާގެ ހަށިގަނޑުގައިވެސް ވަނީ މަޑު ތުރުތުރެއް އުފެދިފައެވެ.

*****

ހިނިއައިސްފައި ހުރެ ބޮޑުކޮޓަރީ ތެރެއަށް ވަދެގެންއައި ނާޒްއަށް ތޮއިބާގެ ނަޒަރު ހުއްޓުނެވެ. ހަމަހިމޭންކަމާއެކު ނާޒްއަށް ބަލަހައްޓައިގެން އިންއިރު އެހިތުގައި އެތައް ޖަޒުބާތެއް އުތުރިއަރަމުން ދިޔައެވެ.

“އިބާ.. ހާދަ ފާޑަކަށް ތިއިނީ… ކަމެއްވީތަ؟” ތޮއިބާ އާއި ޖެހިގެން ވަކިންހުރި ސޯފާގައި އިނށީދެލަމުން ނާޒް އަހައިލިއެވެ.

“ނާޒް.. އަހަރެން ނާޒްއަށް ވަރަށް އިތުބާރުކުރަން.. ދުވަހަކުވެސް ނާޒް އަހަރެންގެ އިތުބާރު ގެއްލޭފަދަކަމެއް ނުކުރައްޗޭ..” ވާހަކަ ދިގުކުރަން ބޭނުންނުވެ އިނދެ ސީދާ މައުޟޫއަށް ދިއުމަށް ތޮއިބާ މަސައްކަތްކުރިއެވެ.

“އިބާ.. ކިހިނެއްވީ ކުއްލިއަކަށް ތިގޮތަަށް ތިވާހަކަދައްކަނީ..؟” ސުވާލު އުފެދިފައި ނާޒް އަހައިލިއެވެ. ތޮއިބާގެ ވާހަކަތައް ހުރިގޮތުން ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް އޭނާއަށް އިހުސާސުކުރެވިގެން ދިޔައެވެ.

“ނާޒް.. އަހަރެން ކުރާ ސުވާލަކަށް ތެދުތެދަށް ޖަވާބު ދީބަލަ.. ނާޒް.. ލަމްޔާގެ އާއިލާއަށް އަހަރެން އަންގަންބުނި ހުރިހައި ކަމެއް އެންގިންތަ؟ އެމީހުން މިކައިވެންޏާ ގަބޫލުވީ ޒާއިންގެ އަމަލުތައް ހުރިގޮތް އެނގިހުރެތަ؟” ތޮއިބާގެ މޫނުމަތިން ފައުޅުވަނީ އެސުވާލުތަކުގެ ޖަވާބު ހޯދުމަށްޓަކައި ކެތްތެރިކަން ކުޑަވެފައިވާ މިންވަރެވެ. ސީރިއަސްކަމާއެކު ނާޒްގެ މޫނަށް އޭނާ ބަލަމުންދިޔައީ އެމޫނުމައްޗަށް އަރައިފައިބަމުންދިޔަ ކުލަވަރު ދެނެގަންނަން ބޭނުންވެފައި އިނދެއެވެ.

“އިބާ..” ކުއްލިއަކަށް ކުރިމަތިވި ސުވާލުތަކަށް ޖަވާބުދާރީވާނެ ގޮތެއް ނާޒްއަކަށް ނުވިސްނުނެވެ. ތޮއިބާއަށް ގޮވައިލަމުން ދޮގެއްހަދަން ހިތަށް އެރިނަމަވެސް ތޮއިބާ ބަލަހައްޓައިގެން އިންގޮތުން ނާޒްގެ ދުލުގައި ތަޅެއްލެވުނު ކަހަލައެވެ. ބުނާނެ އެއްޗެއް ނޭނގި އޭނާއަށް އިސްޖަހައިލެވުމާއެކު ދެލޯބޮޑުކޮށްލި ތޮއިބާއަށް މޭމަތީގައި އަތް ބާވައިލެވުނެވެ. ނާޒްގެ އެއަމަލުން ހުރިހައިކަމެއް އޭނާއަށް ފަހުމްވިކަހަލައެވެ. ދެލޮލަށް ބޮނޑިވެގަތް ކަރުނަތަކާއެކު ތޮއިބާއަށް އަނެއްފަރާތަށް މޫނު އަނބުރައިލެވުނެވެ.

“ދުވަހަކުވެސް ހިއެއް ނުކުރަން އަހަރެންގެ އެންމެ ގާތް އެކުވެރިޔާގެ ގޮތުގައިހުރެ ނާޒް ތިވަރުގެ ބޮޑު އޮޅުވައިލުމެއް އޮޅުވައިލާނެކަމަކަށް.. ކޮބާ އަހަރެން ނާޒްއަށް ކުރި އިތުބާރު..؟ އެއްފަހަރުވެސް ތިގޮތަށް ކަންތައްކުރުމުން އަހަރެންވާނެ ދެރައާ ގަންނާނެލަދާ މެދުގަ ނާޒް ވިސްނައިނުލަންތަ؟ އެމީހުނަށް އަހަރެން ދައްކާނީ ކޮން މޫނެއް. ބައެއްގެ ހުރި ހަމައެކަނި އަންހެންދަރިއޭ އެއީ.. ނާޒް ބުނީމެއްނު ސާރާ އަކީވެސް ނާޒްގެ ގާތް އެކުވެރިއެކޭ.. އެއްއެކުވެރިއަކު އަނެއް އެކުވެރިއަކާ ދޭތެރޭ ކަންތައް ކުރަނީ ތިގޮތަަށްތަ؟” ކުރެހިފައިވި އަޑަކުން ހިތްހަމަނުޖެހިފައި ތޮއިބާ ވާހަކަދެއްކިއެވެ. ކަންތައްވީގޮތާއި މެދުގައި އޭނާ އިނީ ނުހަނުބޮޑަށް ހިތުގައިޖެހި ދެރަވެފައެވެ.

“އިބާ ޕްލީޒް.. އަހަރެން އެގޮތަށް ކަންތައްކުރީ ހަމަ އިބާއަށް ރަނގަޅަކަށް.. އިބާ އުޅެމުންދިޔަ އެކަނިވެރި ދިރިއުޅުމާ އިބާ ކުރަމުންދިޔަ ހިތާމަތަކުން ކުޑަވެސް ލުޔެއް ލިބިދާނެކަމަށް ހީކޮށް.. ޕްލީޒް.. އިބާ.. އަހަރެންވެސް އެނގިހުރެ އިބާ ދެރަވެހިތާމަކުރާނެފަދަ ކަމެއް ނުކުރާނު.. ދެން ސާރާ.. އެއީވެސް އަހަރެންގެ އެކުވެރިއެއް.. އެކަމަކު އެޔަށްވުރެ އިބާ އަހަރެންނާ އޮންނަ ގުޅުން މާގާތޭ.. އެހެންވީމަ އަހަރެންނަށް ބޮޑަށް ވިސްނޭނީ އިބާއާ މެދުގައެއްނު.. ޒާއިން އުޅެމުންދިޔަގޮތުން އިބާ އަބަދު ރޮއިހިތާމަކުރާކަށް އަހަރެން ބޭނުމެއްނޫން.. އެފަދައިން ކަންތައްކުރީ ހަމަ އިބާއަށް ރަނގަޅަކަށް.. ޒާއިންގެ ދިރިއުޅުމަށް ހެޔޮބަދަލެއް އައީމަ އުފާވާނީވެސް ހަމަ އިބާ އެއްނު.. އެއްފަހަރުވެސް ވިސްނާލަބަލަ.. ޒާއިންގެ އެހަޑި މުޑުދާރު ދިރިއުޅުން އެނގިހުރެ އިބާ ބޭނުންވާފަދަ އެއްވެސް އަންހެންކުއްޖަކު އެދިރިއުޅުމަށް އަންނާކަށް ބޭނުމެއްނުވާނެ.. އަހަރެން އެގޮތަށް ކަންތައްކުރީ އެހެންވެ..” އިންތަނުން ތެދުވެގެންގޮސް ތޮއިބާގެ ދެއަތުގައި ހިފައިލަމުން އާދޭހުގެ ރާގަކަށް ނާޒް ބުނެލިއެވެ.

ނާޒްގެ ވާހަކަ ހުރިގޮތުން ތޮއިބާ އިތުރަށް ހިތްހަމަނުޖެހޭގޮތްވިއެވެ. ނާޒްގެ އަތުގެ ތެރެއިން އޭނާގެ ދެއަތްތިލަ ނަގަމުން ތޮއިބާ ނާޒްގެ އާދޭހުން ފުރިގެންވި ދެލޮލަަށް ނަޒަރު ހުއްޓައިލިއެވެ.

“އަހަރެންމީ އެހައި އަމިއްލަ އެދުން ބޮޑު މީހެއްނޫނޭ ނާޒް.. އަހަރެންގެ ދަރީގެ ދިރިއުޅުން އާރާސްތުކުރާށޭ ކިޔައި އެހެން މީހެއްގެ ދިރިއުޅުން ބަރުބާދުކޮށްލާކަށް ފަހަރެއްގައިވެސް އަހަރެން ބޭނުމެއްނޫން.. އަހަރެން އެދުނީ ޒާއިންގެ ހަގީގަތް އެނގިހުރެ އެދިރިއުޅުމަށް އަންނާނެ ހެޔޮލަފާ އަންހެންކުއްޖަކަށް.. އެކުއްޖެއްގެ ސަބަބުން އެދިރިއުޅުން ބަދަލުވެގެންދާނެފަދަ ކުއްޖަކަށް.. ނާޒްގެ ހޮވުން ކިތަންމެހައިވެސް ފުރިހަމަ.. އެކަމަކު.. ނާޒް ތިކުރިކަމަކުން އަހަރެން ހަގީގަތުގަވެސް ވަރަަށް ދެރަވެއްޖެ.. ދެން.. އަހަރެން ނާޒްއަށް އިތުބާރުކުރާނީ ކިހިނެއް؟” ލޮލުން ފައިބަމުންދިޔަ ކަރުނަތައް އަތުގެ ނުފުށުން ފުހެލަމުން ތޮއިބާ ބުނެލިއެވެ. އެވާހަކަތަކުން ދެރަވެ ނާޒްއަށް އިސްޖަހައިލެވުނެވެ. ކޮންމެ ނިޔަތެއްގައި ކުރެވުނު ނަމަވެސް އޭނާއަށް ކުރެވުނީ ތޮއިބާގެ ހިތުގައި ޖެހޭފަދަ ކަމެއްކަން ވިސްނުނެވެ.

*****

މަޑުމަޑުން ޓަކިޖަހައިލަމުން ޝަޔަމް މުހުސިނާގެ ކޮޓަރީގެ ދޮރު ހުޅުވައިލިއެވެ. އެނދުގެ އެއްފަރާތުގައި ޤުރުއާން ކިޔަވަންއިން މުހުސިނާ އިސްއިފުލައިލަމުން ބަލައިލިއެވެ. ޝަޔަމް ފެނުމުން ހިނިތުންވެލަމުން އަތުގެ އިޝާރާތުން އޭނާގެ ގާތަށް އައުމަށް ބުނަމުން ޚަތިމް ލައްޕައިލުމަށްފަހު އެނދުގެ އެއްއަރިމަތީގައި ހުރި ކަބަޑުގެ މަތީގައި ބާއްވައިލިއެވެ.

ލަސްހިނގުމެއްގައި އައިސް ޝަޔަމް މުހުސިނާގެ ގާތުގައި އިނށީދެލިއެވެ. އަދި އުނގުމަތީގައި ދެއަތް ޖޯޑުކޮށްލަމުން އޭނާއަށް ބަލަހައްޓައިގެންއިން މުހުސިނާ އާއި ނަޒަރު ސީދާކޮށްލިއެވެ.

“ދަރިފުޅު ކަމަކުތަ؟” ޝަޔަމްގެ ފަންއިސްތަށިގަނޑުގައި ލޯތްބާއެކު ފިރުމައިލަމުން މުހުސިނާ އަހައިލިއެވެ. ހަމަހިމޭންކަމާއެކު ޝަޔަމް މުހުސިނާއަށް ބަލަންއިންއިރު ހީވަނީ ކަމަކާއިމެދުގައި ވަރަށް ބޮޑަށް ވިސްނަމުންދިޔަ ހެނެވެ.

“ޝަޔަމް.. ދަރިފުޅާ..” ދެއަތް ދެއަތާއި މޮޑެމުންދިޔަ ޝަޔަމްއަށް ބަަލަންއިން މުހުސިނާ ހާސްވެފައި ޝަޔަމްއަށް ގޮވައިލީ އޭނާގެ މޫނުމަތިން ފައުޅުވަމުންދިޔަ އަސަރުތަކުންނެވެ.

“މާމާ.. މި.. މި.. ނަމާދު.. ކުރަނީ… ކިހި.. ކިހިނެއްތަ؟” ޖެހިލުންވެފައި އިނދެ ތުންފަތްހަފަމުންދިޔަ ޝަޔަމް މުހުސިނާއަށް ބަލަން ނުކެރި މަޑުމަޑުން އަހައިލިއެވެ. މާމަ ދަރިފުޅުގެ ސުވާލާއެކު މުހުސިނާއަށް ލިބުނީ ހައިރާންކަމެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nau

Level 910 Stories100 Comments500 Comments100 Stories100 Login1K Comments

A girl who loves reading and writing stories. My dream has always been to become a successful story writer. In Sha Allah. ❤

Other Articles

Previous

ޙާލަތު (ދިހަވަނަ ބައި)

Next

ނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ1

Next
September 29, 2022

ނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ1

Previews
September 26, 2022

ޙާލަތު (ދިހަވަނަ ބައި)



All Right Reserved!