Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރި

ޙާލަތު (އެގާރަވަނަ ބައި)

Aayaa
Aayaa Level 410 Stories100 Login100 Comments
October 2, 2022 4 Mins Read
0 Comments

“ނާއިކް ނޭނގެ ދިޔަ ތަނެއް ދައްތާ. އަހަރެންނަކަށް ނުފެނުން. އޭނާ ބުނީ ނުހޯދައްޗޯ. މިއޮތީ ގަނޑުކޮޅު އޭނާ ބާއްވާފަ ދިޔަ.” އިސްދަށަށް ޖަހާލަމުން ޒުނާމް ސިޔާދާގެ ސުވާލަށް ޖަވާބު ދިނެވެ. އެވަގުތު ސިޔާދާ މޭގައި އަތް އަޅާލިއެވެ. ހަމައެއާއެކު އެތާ ހުރި މެޝިންތަކުގެ އަޑުގަދަވެގެން ދިޔުމުން ޒުނާމް އަވަހަށް ތެދުވެ ސިޔާދާއަށް ގޮވަން ފެށިއެވެ. ނަމަވެސް ސިޔާދާގެ ދެލޯ އެވަގުތު މެރިއްޖެއެވެ.

**ތިން އަހަރު ފަސް.**

ފުރޮޅުލީ ގޮނޑީގައި ކާގެއިން ނުކުތް އަންހެން މީހާ ހުއްޓުނީ ކާގޭގައި ހުރި ޒުވާން އަންހެން ކުއްޖާ ވާހަކަދެއްކި އަޑަށެވެ.

އެއަންހެން މީހާގެ ކުރު އިސްތަށިގަނޑުގައި ފުދޭވަރަކަށް ނުރަހުއްޓެވެ. ނޫކުލައިގެ މާޖެހި ހެދުމެއް ލައިގެން އިން އެއަންހެން މީހާއަކީ އެހާ މުސްކުޅި މީހެއް ނޫނެވެ.

“މަންމާ. ޓީވީ ހުޅުވާލަބަލަ. މިހާރު އަށްގަޑި ސާޅީސްވީއެއްނު. ހިޝްކޮ ބުނި ބައިގަ ފެށޭނެއޭ..” ކާގޭގައި ހުރި ތަށިތަށް ނަގަމުން އެޒުވާން ކުއްޖާ ބުނެލިއެވެ. އެއަށް އާއެނކޭ ބުނެލަމުން ފުރުޅުލީ ގޮނޑީގައި އިން އަންހެން މީހާ ހުއްޓުނީ ސިޓިންގ ރޫމުގައި ވަކިން ހުރި ސޯފާ ކައިރިއަށެވެ. އެސޯފާ މަތީގައި އޮތް ރިމޯޓު ނަގަމުން އެއަންހެން މީހާ ޓީވީ ހުޅުވާލިއެވެ. އެއަށްފަހު އުނދަގުލާއެކު ގޮނޑިން ތެދުވެ ސޯފާއަށް ބަދަލުވެލިއެވެ.

އެވަގުތު ޓީވީއިން ފެންނަމުން ދިޔައީ ޖަލްސާއެއް ފެށުމުގެ ކުރިން ޤުރުއާން ކިޔަވާ މަންޒަރެވެ. އެއަންހެން މީހާ ޓީވީއަށް ބަލައިލަމުން ފުންނޭވައެއް ދޫކޮށްލިއެވެ. އެއަށްފަހު އިސްޖަހާލިއެވެ.

“މަންމާ.. ފެށުނީ ދޯ..” އެތަނަށް ހުއްޓުން ޒުވާން ފިރިހެން ކުއްޖާ ބުނެލީ ހިނތުންވާންވީތޯ ނުވާންވީތޯ ނޭނގިފައި ހުރެއެވެ. އޭނާގެ މޫނުމަތީގައި ވީ ފަނޑު ހިނިތުންވުމެކެވެ. ހީވަނީ ހިނިތުންވީވެސް ގަދަކަމުން ހެންނެވެ.

“ދަރިފުޅާ. މަންމަ މިރޭ މިތަން ބަލަން ވަރަށް ދެރަވޭ. ހަނދާންވަނީ..” އަންހެން މީހާގެ ޖުމްލަ މެދުކެނޑުނެވެ.

“މަންމާ. އެއްވެސް ކަމެއް ނުވާނެ ގޯސް ކޮށެއް. އަބަދުވެސް ހެޔޮކޮށް ވިސްނަން ވާނީ. މަންމަ މާބޮޑަށް ތިވިސްނަނީ..” ފިރިހެން ކުއްޖާ މަޑުހިނގުމެއްގައި އައިސް ސޯފާއެއްގައި އިއްތާލި ވަގުތު އަންހެން ކުއްޖާވެސް އައިސް އޭނާގެ ކައިރީގައި އިށީނެވެ.

“އެސޮރަށް ތިންވަނަ ދޯ ލިބުނީ. ދެރައެއް ނޫނެއްނު ދޯ. މަންމައަށް ހީވަނީ ނާއިކްއާ ހިޝާމްއާ ދެމީހުން ތިބިނަމަ އެއަށްވުރެ މަތިން ހޯދީސް ކަންނޭނގެ.” ސިޔާދާ ހިނިތުންވަމުން ބުނެލިއެވެ.

“އާނ. ވަރަށް ދެރަވެގެން އުޅުން ނާއިކްގެ ވާހަކަ އަޑުއިވިގެން. ދެން އެވާހަކަ ބާއްވަމާ ދޯ. އަދި އެއްދުވަހު ނާއިކްވެސް އަންނާނެ އަހަރެމެން ގާތަށް.. އިންޝާﷲ.” ސޯފާގައި އިން ނައުޝާ ބުނެލިއެވެ.

ވަގުތުތައް ފާއިތުވަމުން ގޮސް ހިޝާމް ސްޓޭޖަށް އަރައިފިއެވެ. ދެވަނައަށް ދިޔަ ކުދިންގެ ނަންތައް ގޮވާ ނިމުމަށްފަހު އެއްވަނައަށް ދިޔަ ކުދިން ނަންތައް ގޮވަން ފެށިތަނުން ނާހިލް ފާހަނާއަކަށް ދާން ޖެހިގެން ތެދުވިއެވެ.

“އެބަ އަންނަން ފޯނު ހިފައިގެން. ހިޝާމްއަށް ޖެއްސުމެއް ކޮށްލަން ވާނެ. ހަހަ..” ނާހިލް ދިޔަތާ އިރުކޮޅެއް ފަހުން ނައުޝާވެސް ފޯނު ބަލައި ކޮޓަރިއަށް ދިޔައެވެ. ސިޔާދާ ޓީވީއަށް ބަލަމުން ދިޔައީ ނާއިކްގެ ނަން ކިޔާތޯ ހިތާހިތުން ދުޢާކޮށްލަމުންނެވެ. ނާއިކް އޭނާ ދޫކޮށް ދިޔަނަމަވެސް ނާއިކް ކިޔަވާ މޮޅު ކުއްޖަކަށް ވުމަކީ އޭނާގެ އަބަދުގެވެސް އުންމީދެވެ. ކޮންމެ ނަމާދަކަށްފަހު ނާއިކްއަށް އަމާން ހަޔާތަކަށް އެދި އޭނާ ދުޢާ ކުރެއެވެ. ނާއިކް އޭނާ ދޫކޮށް ދިޔަ ދުވަހުގެ ހަނދާންތައް އާވާންފެށި ވަގުތު ސިޔާދާއަށް ޓީވީ ފެންނަމުން ދިޔައީ ފުސްކޮށެވެ.

“އަޙްމަދު ނާއިކް..” އިވުނު ނަމަކުން ސޯފާގައި އިން ސިޔާދާގެ އަތުގައި އޮތް ރިމޯޓު ދޫވެގެން ބިންމައްޗަށް ވެއްޓުނެވެ. އެއާއެކު ދެލޯ ފުހެލަމުން ޓީވީއަށް ބަލައިލީ ދެލޯ ބޮޑުކޮށްލަމުންނެވެ. އޭރު ދުރުން ކުއްޖަކު އައިސް އެތާ ހުރި މީހާ ކައިރިއަށް ހުއްޓެނީއެވެ.

“ނާއިކް…” ސިޔާދާއަށް ވައިއަޑުން ކިޔާލެވުނެވެ.

ކޮޓަރިން ނިކުތް ނާހިލްގެ އަތުގައި އޮތް ފޯނު ދޫވެގެން ބިންމައްޗަށް ވެއްޓުނީ ޓީވީ އިން ނުހަނު ކައިރިން ދައްކާލި ސޫރަ ފެނިފައެވެ. އެއީ ދުވަހެއްގެ ކޮޅުންވެސް އޭނާއަށް އޮޅޭނެ ސޫރައެއް ނޫނެވެ. އެތެރެއަށް ދަމާލި ނޭވާވެސް ނުލާ ނާހިލް ހުއްޓުން އަރާފައި ހުއްޓެވެ. ނައުޝާއަށް ވެސް ވީ އެފަދަ ގޮތެކެވެ. ދެލޯ ބޮޑުކޮށްލި އިރު އޭނާގެ އަނގަ ހުޅުވިފައި ވީ ދުރުމިން ބުނެދޭން ނޭނގޭ ވަރަށެވެ. ހަމަ އެވަގުތު ޓީވީއިން ފެނުނު ނާއިކް ފުރިހަމަ ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ. ހީވަނީ އެއީ އެމީހުންނަށް ދިން ހިނިތުންވުމެއް ހެންނެވެ.

ޖަލްސާގައި އިން ހިޝާމްއަށް އެ ނަން އިވުނީ ފެން ބޯން ފެން އަނގައަށް އަޅަނިކޮށެވެ. އެއާއެކު އޭނާ އަނގައަށް އޮއްސާލި ފެންތައް ބުރައިގެން ގޮސް ކޮށި އަރައިގަތެވެ. ގިނަ ބައެއްގެ ނަޒަރު އޭނާއަށް އަމާޒު ވިއަސް ހިޝާމްގެ ނަޒަރު ހުރީ ސްޓޭޖް މަތީ ހުރި ނާއިކްއަށެވެ. ދުވެފައި ގޮސް ނާއިކްގެ ގައިގައި އޮޅުލައިގަންނަން ހިތަށް އެރިއެއްކަމަކު ޖަލްސާގެ ހަމަ ހިމޭންކަން ނަގާލާ މީހަކަށް އޭނާ ވާކަށް ބޭނުމެއް ނޫނެވެ. މިހާރުވެސް އޭނާއަށް ވަނީ އެތާ ތިބި ކުދިންގެ ގަޔަށް ފެންތައް ބުރުވާލެވިފައެވެ. އެހެންކަމުން ހިމޭނުން އިނީ ނާއިކްއާ ބައްދަލުވޭތޯ ހިތާހިތުން ދުޢާ ކޮށްލަމުންނެވެ.

“ހިޝާމް.. އެއީ. ނާއިކްތަ؟” އެވަގުތު އަތުގައި އޮތް ފޯނަށް މެސެޖެއް އައުމުން ހިޝާމް ބަލައިލިއެވެ. ދޮންތަގެ ފަރާތުން އައިސް އިން އެމެސެޖަށް ރިޕްލައި ކޮށްލީ ޔެސްއޭ ޖަހާފައެވެ.

“އޭނާއާ މީޓްކޮށްބަލަ..”

“އިންޝާ ﷲ..” ހިޝާމް ޖަވާބެއް ދިނެވެ.

ޖަލްސާ ނިމުނު ވަގުތު ހިޝާމް އަވަސް އަވަހަށް ނާއިކް އިއްތާލި ގޮނޑިއަށް ބަލަމުން ތެދުވިއެވެ. އެވަގުތު އެތަނުން ނާއިކް ވެސް ތެދުވެ ފަހަތް ބަލައިލިއެވެ. ނާއިކްގެ މޫނުމަތީ ވަނީ ފުޅާ ހިނިތުންވުމެކެވެ. ހިޝާމްއަށް ހިތާހިތުން ދުޢާކޮށްލެވުނީ ނާއިކްއަށް އޭނާ ފެނޭތޯއެވެ. އެހެންނަމަވެސް ނާއިކް ދެފަރާތަށް ބަލާލަމުން ދުރުގައި ތިބި ދެމީހަކަށް ހަނާ އަޅާލިއެވެ. ހިޝާމްއަށް އެމީހުންނަށް ބަލައިލެވުނެވެ.

ކަޅުކުލައިގެ ބޮޑު ހެދުމަކާ ހަމަ އެކުލައިގެ ބޮޑު ބުރުގަލެއްގައި ހުރި އަންހެން މީހަކާއި ކަޅު ކުލައިގެ ގަމީހަކާއި ފަޓުލޫނެއް ލައިގެން ހުރި ފިރިހެން މީހެއް ނާއިކްގެ ގާތަށް އެވަގުތު ދާން ފެށިއެވެ. ހިޝާމް އެމީހުންނަށް ބަލަމުން ދެ ހިޔާލެއްގައި ހުރެ ނާއިކްއާ ދިމާއަށް ދާންފެށިއެވެ. އެހެންނަމަވެސް އޭނާއަށް ނާއިކްގެ ގާތަށް ނުދެވެނީސް އެދެމީހުންގެ އިތުރުން ދެތިން ނޫސްވެރިންވެސް ނާއިކްގެ ގާތަށް ގޮސް ވާހަކަދައްކަން ފެށިއެވެ. ހަމަ އެވަގުތަކީ ޔޫސުފް ހިޝާމްއަށް ގުޅަން ފެށި ވަގުތެވެ.

“ދަރިފުޅު އަވަހަށް އާދޭ ގެއަށް ދާން. ބައްޕަ މިހުރީ ގޭޓު ކައިރީ. މަންމަ ވަރަށް ބޮޑަށް ކެއްސާތީ ޔޫލީ ދައްތަ ގުޅާފަ ބުނެފި.” ހިޝާމްއަށް އިވުނީ ޔޫސުފް ހާސްވެފައި ހުރެ ވާހަކަދެއްކި އަޑެވެ.

“ލައްބަ. މިދަނީ..” މާޔޫސްކަމާއެކު ކަރު އެލުވާލަމުން ހިޝާމް އެ މާލަމުން ނިކުންނަން ދިޔައީ ނާއިކްއަށް ބަލަމުންނެވެ. އޭނާއަށް ނާއިކްއާ މިހާ ކައިރިއަށް އާދެވުމަށްފަހު ދުރަށް ދާން ޖެހުމުން ހިތަށް ވެރިވީ މާޔޫސްކަމެވެ. އެހެންނަމަވެސް އޭނާއަށް ނާއިކްއާ ދިމާވޭތޯ ދުޢާކުރަމުން އެމާލަމުން ނިކުމެގެން ދިޔައެވެ.

މޯލްޑިވްސް ނިއުސްގެ ރިޕޯޓަރުން އޭނާއަށް ޕްރޮގްރާމަކަށް ދިއުމަށް ދަޢުވަތު ދިނެވެ. ނާއިކް ހިނިތުންވުމާއެކު އެކަމަށް އެއްބަސްވިއެވެ.

“މަރުހަބާ ދަރިފުޅާ.. މަންމަ ވަރަށް އުފާވެއްޖެ..” ނާއިކްގެ ގައިގައި ބައްދާލަމުން އޭނާގެ މަންމަ، ވަސީމާ ބުނެލިއެވެ.

“ބައްޕަވެސް ދަރިފުޅާމެދު ފަޚުރުވެރިވަން. މަރުހަބާ. ދަރިފުޅަށް ވަރަށް އަވަހަށް ބޮޑު ސަޕްރައިޒްއެއް ލިބޭނެ. މާދަމާ އެކަމަކު.” އޭނާގެ ބައްޕަ، ފަރުހާދު ކާރު ދުއްވާލަމުން ހިނިތުންވުމެއް ދިނެވެ.

“ބައްޕަ ދޭން ބޭނުންވާ ސަޕްރައިޒް އަޅުގަނޑަށް އެބަ އިނގޭ ކަންނޭނގެ. މަންމައާ ބައްޕައަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. އަޅުގަނޑަށް ތިކޮށްދެއްވި ހުރިހާ ކަމަކަށް.” ނާއިކްވެސް އުފާވެފައި އިނދެ ބުނެލިއެވެ.

“އުހުނ. ދަރިފުޅަށް އަދިއަކު ނޭނގޭ އެއްކޮށް. އެއީ މަންމައާ ބައްޕައާ ދޮންބެ ވެގެން ދަރިފުޅަށް ދޭ ހަދިޔާއެއް.” އެއްލޯ މަރާލަމުން ފަރުހާދު ބުނެލިއެވެ.

“އޯހް. އެހެންވީމަ ވަރަށް އެގްޒައިޓިން. އެކަމަކު އަޅުގަނޑުވެސް ބޭނުން ދޮންބެއަށް ސަޕްރައިޒްއެއް ދޭން.” ނާއިކް ފަރުހާދަށް ބަލައިލަމުން ބުނެލިއެވެ.

“ތިބުނީ ދެން ޝޮޕިންއަށް ދާށޭ އެއްނު. މިރޭ ހުރިހާ އެއްޗެއް ޕެކް ކުރޭ. މާދަން ނާއީގެ އިންޓަވިއުގެ ހުރިހާ ކަމެއް ނިންމާފަ ދާނީ ޝޮޕިންއަށް. އޯކޭއެއްނު.” ފަރުހާދު ދެންވެސް ހިނިތުންވުމާއެކު ބުނެލިއެވެ. ނަމަވެސް ނާއިކް އިސްޖަހާލިއެވެ. ” ސޮރީ. ނާއީއެއް ނޫން ދަރިފުޅު..”

“ހެހެ އޯކޭ. ދެން ބައެއް ފަހަރު އެހެން ކިއިދާނެ ދޯ..” ނާއިކް ހަމަޖެހެން މަސައްކަތް ކުރަމުން ބުނެލިއެވެ.

“ދަރިފުޅު ނުބަނެމެއްނު ނާއީ ނުކިޔަންވީ ސަބަބެއް. އަޅެ މަންމައަށް ބުނެދީބަލަ.” ވަސީމާއަށް ނުހުރެވިގެން ބުނެވުނެވެ. އެވަގުތު ފަރުހާދު ވަރަށް ބާރަށް ވަސީއޭ ކިޔާ ގޮވާލިއެވެ. ނާއިކް އިސްޖަހާލީއެވެ.

“އެއީ އަޅުގަނޑު ދޫކޮށްފަ އައި އެންމެން ވެސް ލޯބިން ކިޔާނީ ނާއީ. އެހެންކީމަ އެމީހުން މަތިން މާބޮޑަށް މިސްވަނީ..” ނާއިކް ދެރަވެފައި ބުނެލިއެވެ.

“ދަރިފުޅާ.. ބައްޕަ ވަރަށް އައިސް ކްރީމް ބޯހިތްވެއްޖެ.. އަޅެ މިހާރު ވަރަށް ދުވަސްވެއްޖެ އައިސްކްރީމް ނުބޯތާ..” ފަރުހާދު މައުޟޫ ބަދަލުކޮށްލިއެވެ.

“އެއްކަލަ ފަރުހާދު. ހީވާނީ ބޭބީއެއް ހެން. ނަވާވީސް އަހަރުގެ ކުއްޖެއްގެ ބައްޕައެކޭ.” ވަސީމާ ފަރުހާދުއަށް ލޯ އަޅާލިއެވެ.

“ދެން އަޅުގަނޑޯ. ސަތާރަ އަހަރުގެ ކުއްޖެއްގެވެސް.” ނާއިކް އިތުރުކޮށްލިއެވެ. ވަސީމާ ދޮގެއް ނޫނޭ ބުނެލިއެވެ.

ފުދޭވަރަކަށް ތަނަވަސް ގޮތަކަށް ހުރި ގޭގެތެރޭގެ ސިޓިންގ ރޫމު ތެރެއިން ފެންނަނީ ހަމަ ހިމޭންކަމެވެ. ޓީވީއެއްގެ ކުރިމަތީ ހުރި ސޯފައިގައި ހަރު ފިރިހެނެއް އިން އިރު އެއާ ޖެހިގެން ހުރި ސޯފާއެއްގައި ޒުވާން ކުއްޖެއް އިނެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Aayaa
Follow Me Written By

Aayaa

Level 410 Stories100 Login100 Comments

Other Articles

Previous

މަދަދުވެރިޔާ (12)

Next

ނިމްރާގެ ޢަޒުމް

Next
October 2, 2022

ނިމްރާގެ ޢަޒުމް

Previews
September 29, 2022

މަދަދުވެރިޔާ (12)



All Right Reserved!