Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރި

ޙާލަތު (ދިހަވަނަ ބައި)

Aayaa
Aayaa Level 410 Stories100 Login100 Comments
September 26, 2022 5 Mins Read
0 Comments

އަސުރު ނަމާދުން ގެއަށް އައިސް ވަތް ނާއިކްއަށް މުޅި ގޭތެރެ ފެނުނީ އަނދިރި ޖަންގައްޔެއް ގޮތުގައެވެ. ގެއަށް އައިސް ސިޓިންގ ރޫމު ދޮރު ހުޅުވާލުމަށްފަހު ކުރިއަށް އެޅި ދެތިން ފިޔަވަޅަށްފަހު އޭނާ ސިއްސައިގެން ދިޔައީ ނުހަނު ބާރަށް ދޮރު ލެއްޕުން އަޑު އިވިފައެވެ. އެއާއެކު މުޅި ތަނަށް ކަނު އަނދިރިކަން ވެރިވެގެން ދިޔައެވެ. މީހަކު އައިސް އޭނާގެ ދެލޮލަށް އިނގިލި ކޮށްޕާލިއަސް ނޭނގޭނެއެވެ.

***(ދިވަހަނަ ބައި)***

އަސުރު ނަމާދަށްފަހު ޒިކުރުތައް ކިޔަން ސިޓިންގ ރޫމަށް ދާންވެގެން ނިކުތް ސިޔާދާއަށް ފަހަތަށް ޖެހިލެވުނީ ގޭތެރެ އަނދިރިކޮށް އޮތީމައެވެ. ނަސީބު ދިމާކުރި ގޮތުން ކޮޓަރީގެ ބޮކި ނިއްވާލިގޮތަށް ސިޔާދާއަށް ސްވިޗުބޯޑުން އަތެއް ނުނެގެއެވެ. އަވަހަށް ބޮކި ދިއްލާލުމަށް ސްވިޗަށް ފިތާލި ނަމަވެސް އިވިގެން ދިޔައީ ބިރުވެރި އަޑެކެވެ. ދަބަރު އަޑެއް އިވުމަށްފަހު ކޮޓަރި ތެރެއިން އެއްޗެއް ވެއްޓުން އަޑު އިވުމުން ސިޔާދާއަށް ނޭވާ ހިފަހައްޓާލެވުނެވެ. އެތެރެއަށް ދަމާލި ނޭވާލާންވެސް ޖެހިލުންވެފައިވީ ފަދައަކުން ސިޔާދާ ހުއްޓި ހުރީއެވެ. ހަމައެއާއެކު އޭނާއަށް އިވިގެން ދިޔައީ ނާއިކް ވޭނީ ރާގަކަށް މަންމައޭ ކިޔާ ގޮވާލި އަޑެވެ.

ސިޔާދާއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނީ ގޭގައި ހުރީ އޭނާ އެކަނި ނޫންކަން އެނގުމުންނެވެ. ވަގުތުން އޯއިއޭ ބުނެލެވުނީ ފުންނޭވައެއް ލަމުންނެވެ.

މަންމައަށް ގޮވާލުމަށްފަހު އެތަށް އިރެއް ވީއިރުވެސް އަޑެއް ނުއިވުމުން ނާއިކް ބިރުގަތެވެ. އޭރު އެއަނދިރި ތަނަށް ނާއިކްގެ ދެލޯ ހޭނި ތަންތަން ވަކިވާވަރުވެއެވެ. ދެއަތް އުކަމުން ގޮސް ނާއިކް ހުއްޓިލީ ނާހިލްގެ ކޮޓަރި ދޮރުމަތީއެވެ. ކުއްލިއަކަށް އެތަނަށް ނޫކުލައިގެ އައްޔެއް ފާޅުވާން ފެށިއެވެ. އެއަލި ބޮޑު ވަމުން ގޮސް ސީލިންގުގައި ޖެހިއްޖެއެވެ. އެއާއެކު ބޯ ދުންތަކެއް އެއަލި ވަށާލިއެވެ. މިނެޓެއް ފަހުން އެދުންތައް ފިލިއިރު އެތާ ހުރީ ނާއިކްއަށް އުނދަގޫ ކުރަމުންދިޔަ ޖިންނިއެވެ. ނާއިކް ދެލޯ  ބޮޑުކޮށްލީ ސިޔާދާގެ ކޮޓަރި ދޮރުމަތީ ހުރި ރަތްކުލައިގެ އެތި ފެނުމުންނެވެ. އޭރު އެތަނަށްވަނީ އެއެތީގެ ސަބަބުން ކުޑަކޮށް އަލިވެފައެވެ.

ދެލޯ ބޮޑުކޮށްގެން ނާއިކް އޭނާއާ ދިމާއަށް ބަލަން ހުރުމުން ސިޔާދާ ވާނުވާ ނޭނގި ހުރެ ކިހިނެއްވެފައިހޭ އަހާލިއެވެ. ނަމަވެސް އޭނާގެ އަނގައިން އަޑެއް ނުނިކުތެވެ. ކުއްލިއަކަށް ނާއިކްގެ ރުޅިވެރި އަޑު އޭނާގެ ކަންފަތުގައި ޖެހުނެވެ.

“ކަލޭ ކިހިނެއްވެގެންތަ ތިއުޅެނީ؟” ނާއިކްގެ ބާރުއަޑު އިވުމުން ސިޔާދާ ސިހިގެން ދިޔައެވެ. ނާއިކް އޭނާއަށް މިހާ ހަޑިކޮށް ދުވަހަކުވެސް ވާހަކައެއް ނުދައްކައެވެ.

“ދަރިފުޅާ..” ވައި އަޑުން ސިޔާދާ ބުނެލިއެވެ. އެއާއެކު ނާއިކް ރުޅި ގަދަވެފައި ހުރެ އޭނާއާ ދިމާއަށް ފިޔަވަޅުތަކެއް އަޅަމުން ދިޔައެވެ. އެދެލޮލުގައި ހުރި ނުރައްކާތެރިކަން ފެނި ސިޔާދާގެ ހިތް ބިރުވެރިކަމުން ވަށާލިއެވެ.

“ނިކުމޭ.. މިގެއަށް ވަދެގެން ނުވާނެ. މަށަށް އުނދަގޫ ކުރިއަސް މިގޭގެ އެހެން މީހުން އުނދަގޫކޮށްގެން ނުވާނެ. މަގޭ މަންމައަށް އެންމެ ކަމެއް ކުރިއަސް އިނގޭނެ ހަދާނެ ގޮތެއް.” އޭތި ފަހަތަށް އަޅަމުން ދިޔަ ކޮންމެ ފިޔަވަޅަކަށް ނާއިކް ދިޔައީ ފިޔަވަޅެއް އަޅަމުންނެވެ. ކުއްލިއަކަށް އޭތި އޭނާގެ މަންމަގެ ކޮޓަރިއަށް ވަދެ ދޮރު ޖެހުމުން ނާއިކްގެ ލޭ ކެކިގަތެވެ.

ސިޔާދާ ފަހަތަށް އަޅަމުން ދިޔަ ކޮންމެ ފިޔަވަޅަކަށް ނާއިކް ފިޔަވަޅެއް އަޅަމުން ދިޔައެވެ. ކޮޓަރި ދޮރުގައި ތަތް ވުމުން ކުރެވޭނެ އިތުރު ކަމެއް ނެތުމުން ސިޔާދާގެ ނޭވާ ހާސްވާން ފެށިއެވެ. އެހެންކަމުން ވިސްނަން ހުރުމަށްފަހު ކުއްލިއަކަށް އޭނާ ދޮރު ހުޅުވާލުމަށް ފަހު ދޮރު ތަޅުލިއެވެ. އެއަށްފަހު އެކިތަންތަނުގައި އަތް ހާކަމުން ގޮސް އޭނަގެ ފޯނު ހޯދިއެވެ. ނަމަވެސް އޭނާ ހުއްޓުން އެރީ ނާއިކް އެދޮރުގައި ބާރު ބާރަށް ތަޅައިގަނެ ކޮޓަރިން ނިކުންނާށޭ ކިޔަން ފެށުމުންނެވެ. ސިކުންތުކޮޅަކަށް ހިމޭނުން ހުރުމަށްފަހު ފޯނު ދިއްލާލަމުން ކޮންޓެކްޓްއަށް ވަދެ ނަންބަރަކަށް ޑަޔަލް ކުރަން ފެށިއެވެ. އެހެންނަމަވެސް ފޯނު ކެނޑިގެން ދިޔައެވެ. ސިޔާދާ ފޯނަށް ބަލައިލި ވަގުތު ރޭންޖު ނެތްކަމަށް ދެއްކިއެވެ. ނަމަވެސް ހިތްވަރު އެލުވައި ނުލާ ތަކުރާރުކޮށް އެމީހަކަށް ގުޅަމުން ދިޔައެވެ. ކޮންމެ ފަހަރަކުވެސް ރިންގުނުވެ ފޯނު ކެނޑެނީއެވެ. ހަދާނެ އިތުރު ގޮތެއްނެތި ސިޔާދާއަށް ރޮވެން ފެށިއެވެ. އޭރުވެސް ނާއިކް ގޮށްމުށްކަވާ ދޮރުގައި ތަޅަމުން ދިޔައެވެ.

“ނިކުންނާށޭ. މަގޭ މިދޮރު ނުވައްޓާލަނީސް ނިކުންނަން ވީ..” ނާއިކްގެ ބާރު އަޑު މުޅި ގޭތެރޭ ގުގުމައިގެން ދިޔައެވެ. ސިޔާދާއަށް ލިބުނު އިންޒާރާއެކު ދެފައިން ވަރުދޫވެގެން ނުވެއްޓުނީވެސް ކިރިޔާއެވެ. ނާއިކް މިވަގުތު އެހުރީ ހަމައެއްގައި ނޫންކަން އޭނާއަށް އެނގުނެވެ.  އޭނާއަށް ނޭނގި ނާއިކް އެހެން ކަންތައްތަކެއްވެސް ތަހައްމަލު ކޮށްފިކަން ޔަގީންވެއްޖެއެވެ.

އެތެރެއިން އެއްވެސް އަޑެއް ނުއިވުމުން ނާއިކް ދޮރު ތަޅު ހަލާކުކޮށްލަން ނިންމިއެވެ. އޭނާ ހުރިތަނުން ފަހަތަށް ދިހަ ވަރަކަށް ފިޔަވަޅު އަޅާލުމަށްފަހު އަތް ގޮށްމުށް ކަވާލަމުން ދުވެފައި ގޮސް ދޮރުގައި ޖެހިގަތެވެ. އެއާއެކު އެދޮރު ވެއްޓުނެވެ. ކޮޓަރީގެ ކަނެއްގައި އޭތި ހުރުމުން ނާއިކް އެއާ ދިމާއަށް ހިނގައިގަތެވެ. އަދި އޭތީގެ ދެއަތުގައި ހިފާ މައްޗަށް އުފުލާލަމުން މަތީގައި އަނބުރާލަމުން ބިންމައްޗަށް ވައްޓާލިއެވެ. އެއާއެކު އޭތީގެ ދެލޯ މެރިގެން ދިޔައެވެ.

ނާއިކްއަށް އެދޮރު ވައްޓާލެވުނީ ކޮން ބާރަކުންތޯ ސިޔާދާގެ ހިތަށް އެރިއެވެ. ނާއިކް އޭނާއާ ދިމާލަށް އަންނަމުން ދިޔައީތީ މިފަހަރު ސިޔާދާއަށް އެއްވެސް ކަމެއް ކުރާކަށް ނުކެރުނެވެ. ނާއިކް މަޑުކޮށްވެސް ނުލާ އައިސް އޭނާގެ އަތުގައި ހިފާ މަތީގައި އަނބުރާލުމުން ސިޔާދާގެ ބޮލަށް އެނބުރުން އެރިއެވެ. އަދި އެހާ ބާރަށް އޭނާ ބިންމައްޗަށް ވައްޓާލުމުން ސިޔާދާގެ ގަޔަށް އެރި ތަދާއެކު ދެލޯ މެރުނެވެ.

ކުރެވުނު ކަންތަކާ މެދު ފަޚުރުވެރި ވަމުން ނާއިކް އޭނާގެ ކޮޓަރިއަށް ދިއުމަށް މިސްރާބު ޖެހިއެވެ. ނަމަވެސް އޭގެ ކުރިން ގޭތެރެއަށް ކަރަންޓު ދޭން ސާކިޓު ޖައްސަން ދިޔައެވެ. އެހެންނަމަވެސް ސާކިޓުންވެސް ކަރަންޓު ނުޖެއްސުމުން ނާއިކް ގޭގެ ދޮރު ހުޅުވަން ދިޔައެވެ. ދޮރުގައި އަތްލުމާއެކު އޭނާގެ އަތަށް ތޫނު އެއްޗެއް ހެރުނެވެ. އަތުން ލޭފޭބުމުން ފަސްޓް އެއިޑް ހޯދަން ނާހިލްގެ ކޮޓަރިއަށް ވަނެވެ. އަތުގައި ބެންޑޭޖް އަޅާލުމަށްފަހު ނާއިކް އޭނަގެ ކޮޓަރިއަށް ވަދެ ބިންމަތީގައި އިއްތާލީ ހާސްވެފައި ހުރެއެވެ. އެކި ޚިޔާލުތައް އޭނާގެ ސިކުނޑީގައި ކޮށަމުން ދިޔަ ވަގުތު ނާއިކްއަށް ގިސްލެވެން ފެށުނެވެ. ކިޔަވާ މޮޅުވުމަކީ މިހާ ވޭން ލިބޭނެ ކަމެއް ކަން އޭނާއަކަށް ކުރިން ނޭނގެއެވެ. ސިކުންތުކޮޅަކަށް ހިތްވަރު ދޫކޮށްލަން ހިތަށް އެރިއެއްކަމަކު އޭނާ ކިޔާ ވާހަކަތަކުން ފެންނަފަދަ ހީރޯއަކަށް ވާން އޭނާގެ ހިތުގައި ޢަޒުމު ކަނޑައެޅިއެވެ.

މަޣްރިބް ނަމާދު ބަންގި ގޮވީ އޭނާ އެހެން އިންދައެވެ. އެވަގުތު އޭނާ ނަމާދުކުރާ ހިތެއްވެސް ނުވިއެވެ. އެގޮތުގެ މަތިން އަނެއްކާވެސް އިރުތަކެއް ފާއިތުވެ އިޝާ ނަމާދަށް ބަންގި ގޮވަން ފެށިއެވެ. މިފަހަރުވެސް ނަމާދުނުކޮށް ނާއިކް ދިޔައީ ބޭރަށެވެ. ރޭގަނޑުގެ ވަގުތުކަމުން އަނދިރިކޮށް އޮތް އެތަން މާބިރުވެރިކަމަށް ދައްކައެވެ. ކިތަންމެ ހަމަ ޖެހެން މަސައްކަތް ކުރިއަސް ނާއިކް ވަނީ ދާހިތްލާފައެވެ. ހިތް އޮބިނޯންނަ ވަރަށް ތެޅެމުން ދިޔައެވެ.

އެންމެ ފުރަތަމަވެސް ނާއިކް ދިޔައީ އޭނާގެ މަންމަގެ ކޮޓަރިއަށެވެ. އޭރުވެސް އެނުބައި އެތި އެތަނުގައި އޮތެވެ. ނާއިކް އެމަޚުލޫޤަށް ބަލަން ހުރުމަށްފަހު ގޮސް އޭތި ނެގިއެވެ. އަދި ބިންމަތީގައި ކާއްތަމުން ގެންގޮސް ވެއްދީ ބަދިގެއަށެވެ. އެއަށްފަހު އެތަނުގައި އޮތް ވަޅިއެއް ނަގާ އޭތީގެ އަތުގެ ކުޑަހުޅުގައި އަޅާލިއެވެ. އެއާއެކު އެތަނުން ބޮކިޖަހާފައި ލޭއަންނަން ފެށިއެވެ. ނާއިކް އެތަނަށް ބަލަން ހުރުމަށްފަހު އަނެއްކާވެސް އޭނާގެ ކޮޓަރިއަށް ދާން ހިނގައިގަތެވެ. ނަމަވެސް ފިޔަވަޅުތައް މަޑުޖެހުނީ އެއެތީގެ އަޑު އިވުމުންނެވެ.

“ކަލޭ ހިތުން މިހެން ހެދީ އަހަރެންނަށް ލަނޑު ދޭންތަ؟ ކަލޭ މަންމަ ފެންނާނެ ކަމަށްތަ؟ މިހެން ހެދީތީވެސް ނުފެންނާނެ. ކަލޭގެ މަންމައެއް ދެން ކަލޭގެ ތިޔަ ދެލޮލަކަށް ނުފެންނާނެ. އޭގެ ބަދަލުގައި މަގޭ ކަލޭ ފަހަތުގައި އަބަދުވެސް ހުންނާނަން.. ހަހަ..” އޭތީގެ ބަރު އަޑު އެތަނުގައި ހިފާލި ވަގުތު ނާއިކް ފަސްއެނބުރި ބަލައިލިއެވެ. އޭތި އޭރު އޭނާއާ ދިމާލަށް އަންނަނީއެވެ. ގަތް ބިރެއްގެ ބޮޑުކަމުން ނާއިކް ދުވެފައި ގޮސް ކޮޓަރިއަށް ވަދެ ދޮރު ތަޅުލިއެވެ. ފަހަތުން އޭތި އައިސް ދޮރުގައި ތަޅަމުން ދިޔައިރު ހީވަނީ ދޮރު ކުދިކުދިކޮށްލާފާނެ ހެންނެވެ.

ނާއިކްއަށް ގިސްލެވެން ފެށުނީ ކެތްނުކުރެވިގެންނެވެ. އޭނާއަށް ދެން މިގޭގައި ނޫޅެވޭނެ ކަމަށް އަމިއްލަ ނަފްސު ބުނަމުން ދިޔައެވެ. އޭނާގެ ގާތް މީހެއް ނެތް ތަނެއްގައި އޭނާ ދިރިއުޅޭނީ ކިހިނެއް ހެއްޔެވެ؟ އެހެންތަނަކަށް ވެސް ދެވޭނީ އޭނާއަށް ގެއިން ނިކުމެގެން ނޫން ހެއްޔެވެ؟ ވިސްނަން ހުރުމަށްފަހު ނާއިކް ގޮސް ކުޑަދޮރުގައި އަތްލިއެވެ. އެދޮރު ހުޅުވުމުން ނާއިކް އަނެއްކާވެސް އެދޮރު ލައްޕާލިއެވެ. އެއަށްފަހު އަލަމާރި ތެރެ ހާވަމުން ގޮސް ނެގީ ދަބަހެކެވެ.

ނާއިކްގެ ކޮޓަރިތެރޭ ހުރީ ނޫކުލައިގެ ޖިންސެއްގައި ހުރި ދިގު ކުއްޖެކެވެ. ކަޅުކުލައިގެ ހޫޑީއެއް ލައިގެން ކަޅު ކުލައިގެ ފޭސް މާސްކަކާއެކު ހުރިއިރު އެއީ ނާއިކްއެކޭ ނުބުނާނެއެވެ. އެހެންނަމަވެސް އެކޮޓަރިތެރޭ ހުރީ ނާއިކް ނޫން ދެވަނަ ކުއްޖެއް ނޫނެވެ. ހޫޑީއެއްގައި އޭނާ ހުންނަ ގޮތް ތަފާތުކަމުން ބަލައިލާ މީހަކަށް އެއީ ނާއިކްކަން ދޭހަކުރަން އުނދަގޫ ވާނެއެވެ. މަޑުމަޑުން ނާއިކް ދޮރު ހުޅުވާލިއެވެ. އޭރު ދޮރުމަތީ އެއްކަލަ އެތި އޮތެވެ. ނާއިކް އެއަށް ބަލައިލަމުން އަނެއްކާވެސް އޭތި ބިންމަތީގައި ކާއްތަމުން ގެންގޮސް ސިޓިންގ ރޫމުގައި ބޭއްވިއެވެ.

ހަމަ އެވަގުތު އޭތީގެ ހަރަކާތެއް އައިސް ފުންމައިގެން ތެދުވިއެވެ. ނާއިކް އެއަށް ބަލައިލަމުން ކުރިމަތީ ހުރި ކުޑަ މޭޒު މަތީހުރި ބިއްލޫރި ވާސްއަށް ބަލައިލިއެވެ. އެވަގުތު އަނެއްކާވެސް އޭނާއާ ކުރިމަތިލުމަށް އެނުބައި އެތި އައެވެ. ނާއިކް ހުށިޔާރުވެގެން ހުރި ކަމުގައި ވިއަސް މިފަހަރު އޭތި އައިސް ހިފީ ނާއިކްގެ ދެއަތުގެ މުލައްދަނޑީގައެވެ. އެއަށްފަހު އޭނާ މައްޗަށް ހިއްލާލުމަށްފަހު ބިންމައްޗަށް ވައްޓާލިއެވެ. އެއާއެކު ނާއިކްގެ ގަޔަށް އެރި ތަދާއެކު އައުޗްއޭ ބުނެލިއެވެ.

“ތިހެން ވާނީ އަހަރެންނަށް އަނިޔާ ކުރަން އުޅެންޏާ..” އޭތި ނުބައި ހިނިތުންވުމަކާއެކު ބުނެލިއެވެ.

“ކަލޭއަކަށް އެއްވެސް ޙައްޤެއް ނެތް މަށާ ބެހޭކަށް..” ނާއިކް އަޑަށް ހަރުކަށިކަން ގެންނަމުން ބުނެލިއެވެ.

“ކަލެއަށް ދެން ކޮން ހައްގެއް އޮތީ؟” އަނެއްކާވެސް އެމަޚުލޫޤު ބުނެލިއެވެ.

“ކަލޭ އަހަރެންގެ ކުށެއް ނެތި އަހަރެންގެ ހަޔާތާ ބެހުނީ..” ނާއިކް ސާބިތުކަމާއެކު ބުނެލިއެވެ. އެއާއެކު އޭތި ހިނިގަނޑެއް ޖަހާލަމުން ނާއިކްއާ ދިމާލަށް އަނެއްކާވެސް އަންނަން ފެށިއެވެ. އެހިނދު ނާއިކް ގަޔަށް ތަދުވަމުންދާ ހާލުވެސް ތެދުވެ ދުރަށް ޖެހިލިއެވެ. ފަހަތަށް ދެތިން ފިޔަވަޅު އަޅާލުމަށްފަހު މޭޒުމަތީ ހުރި ވާސްއަށް ބަލައިލިއެވެ. އެއަށްފަހު ހުށިޔާރުކަމާއެކު އެ ވާސް ނަގާ އޭތީގެ ގަޔަށް ޖަހާލިއެވެ. މުޅި ގެއަށް އެ ވާސް ތެޅުން އަޑާއެކު އޭތީގެ ހަޅޭކުގެ އަޑު އިވުނެވެ. ނާއިކް ފަހަތް ބަލާލުމެއް ނެތި ދުވެފައި ގޮސް ކޮޓަރިއަށް ވަނެވެ. އަދި ޖިންސްގެ ޖީބަށް އަތް ކޮށްޕާލަމުން ގަނޑުކޮޅެއް ނަގާ ލިޔާ މޭޒުމަތީ ބާއްވާލިއެވެ. އެއަށްފަހު ލަސްކުރުމެއް ނެތި އެނދުމަތީ އޮތް ދަބަސްނަގާ ކޮނޑުގައި އަޅުވާލަމުން ކުޑަ ދޮރުން ފުންމާލިއެވެ.

“ދެން އޭނާއާ ނުބެހި ބަހައްޓަމާ.. އެހެން ތަނަކަށް ގޮސް އެސޮރު އުޅޭނީ ކިހިނެއް؟ ތިބުނީނު ފެރީއަށް ވާވަރަށް އެކަންޏޭ ރުފިޔާވެސް ގެންދިޔައީ.. ދެން އެސޮރު ކިހިނެއް ދިރިއުޅޭނީ. މަގޭ ރަޒާންއަށް ދެން ހަމަޖެހިގެން ކިޔެވޭނީ..” ރަމީޒު އޭނާގެ ސިއްރު ކޮޓަރީގައި އިނދެ ރޯޒާއާ ވާހަކަ ދައްކަމުން ދިޔައެވެ. އެއަށް ރޯޒާ ބޯޖަހާލިއެވެ.

ނާހިލްގެ އެދުމަށް އެރޭ ދިހަގަޑި ބައިވެ ބޮޑުވެފައި ހުއްޓާ ޒުނާމް މިސްރާބުޖެހީ ސިޔާދާގެ ގެއަށެވެ. އެގެއަށް ގޮސް ދޮރުހުޅުވާލި ޒުނާމްގެ ނޭވާ ހުއްޓުން ފަދައެވެ. ސިޔާދާގެ ބޮލުގެ އެކިހިސާބަށް ބިއްލޫރި ހެރިފައި ހުރި އިރު އަތުގައިވެސް ލޭގަނޑުވެފައި ހުއްޓެވެ. ޒުނާމްއަށް ވައި އަޑުން ބޮޑުބެދައްތާއޭ ގޮވާލިއެވެ. އެއަށްފަހު އެމްބިއުލާންސްއަށް ގުޅަމުން ސިޔާދާ ނަގައިގެން ގެންގޮސް ސޯފައިގައި ބޭއްވިއެވެ.

މުޅި ގޭތެރެއަށް ނަޒަރު ހިންގަމުން ގޮސް ނާއިކްގެ ކޮޓަރި ދޮރު ހުޅުވާލިއެވެ. އެއާއެކު އަނެއްކާވެސް އޭނާއަށް ނޭވާ ހިފަހައްޓާލެވުނެވެ. ޒުނާމްގެ ލޮލުގައި އަޅައިގަތީ ލިޔާ މޭޒުމަތީ އޮތް ގަނޑުކޮޅެވެ. އަވަހަށް ގޮސް އޭތި ކިޔާލިއެވެ.

“އަހަރެން ހޯދުމަކީ ނުރައްކާތެރި ކަމެއް. އަހަރެން މިހުރީ ސަލާމަތުން އިރާދުކުރެއްވިއްޔާ. ވަރަށް ސަލާމް.. ވަރަށް ލޯބިވޭ.. ނާއިކް..” އެއާއެކު ޒުނާމްގެ ހިތުގައި އެތައް ސުވާލުތަކެއް އަރާ ފައިބަން ފެށިއެވެ. އެވަގުތަކީ އެމްބިއުލާންސް ގޭ ކުރިމައްޗަށް މަޑުކޮށްލި ވަގުތު ކަމުން ޒުނާމް ކޮޓަރިން ނިކުމެގެން ދިޔައެވެ.

ހޮސްޕިޓަލުގެ އެނދުގައި އޮތް ސިޔާދާ ދެލޯ ތަގުޅި ކޮށްލިއެވެ. ބަލިމީހާގެ އެހީތެރިޔާގެ ގޮނޑީގައި އިން ޒުނާމްގެ މޫނުމަތިން އެވަގުތު ކަންބޮޑުވުމުގެ ކުލަވަރު ފެނިގެން ދިޔައީ ސިޔާދާގެ ސުވާލުތަކަށް ޖަވާބުދޭނެ ގޮތެއް ނުވިސްނުމުންނެވެ.

“ނާއިކް ނޭނގެ ދިޔަ ތަނެއް ދައްތާ. އަހަރެންނަކަށް ނުފެނުން. އޭނާ ބުނީ ނުހޯދައްޗޯ. މިއޮތީ ގަނޑުކޮޅު އޭނާ ބާއްވާފަ ދިޔަ.” އިސްދަށަށް ޖަހާލަމުން ޒުނާމް ސިޔާދާގެ ސުވާލަށް ޖަވާބު ދިނެވެ. އެވަގުތު ސިޔާދާ މޭގައި އަތް އަޅާލިއެވެ. ހަމައެއާއެކު އެތާ ހުރި މެޝިންތަކުގެ އަޑުގަދަވެގެން ދިޔުމުން ޒުނާމް އަވަހަށް ތެދުވެ ސިޔާދާއަށް ގޮވަން ފެށިއެވެ. ނަމަވެސް ސިޔާދާގެ ދެލޯ އެވަގުތު މެރިއްޖެއެވެ.

**ތިން އަހަރު ފަސް**

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Aayaa
Follow Me Written By

Aayaa

Level 410 Stories100 Login100 Comments

Other Articles

Previous

މަދަދުވެރިޔާ (11)

Next

ތިޔަ ލޯބީގައި…16

Next
September 27, 2022

ތިޔަ ލޯބީގައި…16

Previews
September 26, 2022

މަދަދުވެރިޔާ (11)



All Right Reserved!