Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތިޔަ ލޯބީގައި…15

Nau Level 910 Stories100 Comments500 Comments100 Stories100 Login1K Comments
September 22, 2022 9 Mins Read
0 Comments

“އަހަރެންގެ ހިތުން ޚާއްސަކަމެއް ހޯދި ކުއްޖަކީ ޝަޔަމްއޭ ބުނެފިއްޔާ…” ދެތިންފިޔަވަޅު އެޅިތަނާ ފަހަތުން އިވުނު ނުހައިކްގެ އަޑުން ޝަޔަމްގެ ދެފައި ބިންމަތީގައި ތަތްލިކަހަލައެވެ. ދެލޯ ބޮޑުވެގެންދިޔައިރު ހިތުގެ ހިނގުންވެސް ކުއްލިއަކަަށް އަވަސްވެގެންދިޔައެވެ.

ހުއްޓުން އަރައިފައި ޝަޔަމްއަށް ހުރެވުނީ ދެން ކަންތައްކުރާނެ ގޮތެއް ނުވިސްނިފައެވެ. ނުހައިިކްގެ ފަރާތުން އިވިގެންދިޔަ ބަސްތަކުން ހިތަށް ފިނިކަމެއް އިހުސާސުވެގެންދިޔައެވެ. އެނބުރި ނުހައިކްއަށް ބަލައިލާކަށްވެސް ޝަޔަމް އަކަށް ނުކެރުނުވެ.

ޝަޔަމް އެހެން ހުއްޓައި ތެމިފޯވެގެންހުރި ނުހައިކް އައިސް އޭނާ އާއި ކުރިމައްޗަށްވާގޮތަށް މަޑުކޮށްލިއެވެ. އޭރުވެސް ޝަޔަމްގެ ދެލޮލުން ކަރުނަ ފައިބަމުންދިޔައެވެ. ނަމަވެސް މިހާރު އެހިތްރޮމުންދިޔައީ އުފަލުންނެވެ. ހަޔާތުގައި ވެވުނު ފުރަތަމަ ލޯބި ކާމިޔާބުވީމައި އުފާނުވާނީ ކާކުހެއްޔެވެ.

ނުހައިކްގެ ތޫނު ބެލުމުން ލަދުގަނެ އިސްޖެހިގެންދިޔަ ޝަޔަމް ދެއަތުން މޫނު ފޮރުވައިލުމާއެކު ނުހައިކްގެ ލުއި ހީލުމުގެ އަޑު ވާރޭގެ އަޑާއެކުވެގެން ދިޔައެވެ. އެހެނަސް މޫނުން އަތްނަގައި ބަލައިލާކަށް ޝަޔަމްއަކަށް ނުކެރުނެވެ.

“ޝަމަޔް.. ލުކް އެޓް މީ..” ދާދި ގާތުން އިވުނު ނުހައިކްގެ ހިތްގައިމު އަޑުން ލަސްލަހުން އަތުގެ އިނގިލިތައް ފޭކޮށްލަމުން ޝަޔަމް ބަލައިލިއެވެ. އެއާއެކު ފެނުނު މަންޒަރުން ހައިރާންވެހުރެ އޭނާގެ މޫނުމަތިން ދެއަތްތިލަ އެއްކޮށް ނެގިއެވެ.

ކުރިމަތީގައި އެއްކަކޫ މައްޗަށް ތިރިވެގެން އޭނާ އާއި ދިމާލަށް ރަތްކުލައިގެ ފިނިފެންމަލެއް ދިއްކޮށްލައިގެން އިން ނުހައިކް ފެނި ޝަޔަމްގެ ތުންފަތަށް ރީތި ހިނިތުންވުމެއް ވެރިވެގެންދިޔައެވެ. ބުނާނެ އެއްޗެއް ނޭނގި ނުހައިކްއަށް ބަލަންހުރި ޝަޔަމް ރަކިގޮތަކަށް ތުންފަތް ހަފަން ފެށުމުން ލޮލުގެ އިޝާރާތުން އެމަލުގައި ހިފުމަށް ނުހައިކް އެދުނެވެ.

މޭގައި ޖައްސައިލެވިފައިވި ދެއަތް ތިރިކޮށްލަމުން ކަނައަތުން ނުހައިކް ދިއްކޮށްގެންހުރި ފިނިފެންމަލުގައި ޝަޔަމް ހިފައިލިއެވެ. ވާރޭގެ ތިކިތަކުން ތެމެމުންދިޔަ އެމަލުގެ ރަތްކަން ގަދަވެފައިވާ ކަހަލައެވެ.

“ތެންކްސް..” މަލުގެ ފިޔަތަކުގައި އަތުން ކުޅެލަމުން ލަދުން އޮޅެމުންދިޔަ ޝަޔަމް މަޑުމަޑުން ބުނެލިއެވެ. ދާދި ދެންމެއަކާ ޖެހެންދެން އޭނާގެ ފުށުން ފެނުނު ހިތްވަރު ނުހައިކްގެ ބަސްތައްއިވި ދިޔައީ ކޮންތަނަކަށް ކަމެއްވެސް ނޭނގެއެވެ. ނުހައިކްއަށް ބަލަން ނުކެރި ޝަޔަމް އެކި ދިމަދިމާއަށް ކަޅި ހިންގަމުންދިޔައެވެ.

ޝަޔަމް އުޅެމުންދިޔަ ގޮތުން ނުހައިކްއަށް މަޖާވިއެވެ. އިންތަނުން ތެދުވެ ތެމިފައިވާ އިސްތަށިގަނޑުގައި އަތްފުނައަޅައިލަމުން ލޯތްބާއެކު ޝަޔަމްގެ ދޮންމޫނަށް ބަލައިލިއެވެ.

“އަހަރެންވެސް.. ޝަޔަމް ދެކެ ވަރަށް ލޯބިވޭ.. ކިހިނެއް ކޮންއިރަކުކަމެއް ޚުދު އަހަރެންނަށްވެސް ނޭނގެ.. ދުވަހަކުވެސް އަހަރެންގެ ހިތާ ކުޅެލެވޭފަދަ އަންހެންކުއްޖަކާ ދިމާވެދާނެކަމަށް އަހަރެން ހިއެއްނުކުރަން. އަދި އެކުއްޖަކީ ޝަޔަމްއަށް ވެދާނެއޭ ހުވަފެނުންވެސް އަހަރެންގެ ހިތަށް ނާރާ.. އެކަމަކު.. މިއަދު.. މިއަދު އެހުރިހައި ހީކުރުންތަކެއް ބަދަލުވެއްޖެ.. ފަހަރެއްގަވެސް ޝަޔަމްއަށް އަހަރެން ކަމުގޮސްފާނެކަމަަށް އަހަރެން ކުޑަކޮށްވެސް ގަބޫލެއްނުކުރަން.. ހިތުގެ ހާލު ބަޔާންކުރަން ޖެހިލުންވީވެސް ދެމެދުގައިވި ފަރަގު ހިތަށްއަަރާފަ.. އެކަމަކު.. ދެން އަހަރެން ފަސްޖެހޭކަށްނެތިން.. އަހަރެންގެ މޭގެތެރޭގައިވި މިހިތް ބަލައިގަތް ކުއްޖަކީ ތީ.. އަހަރެންނަށް މިވަނީ ވަރަަށް މަތިވެރި ދަރަޖައަކަށް ޝަޔަމްދެކެ ލޯބިވެވިފަކަން ޔަގީން.. އަހަރެން އެދެނީ.. ޝަޔަމް އާއި ކައިވެނިކޮށް ރީތި ދިރިއުޅުމެއް އުޅެން.. އަހަރެންގެ ލޯބިވާ އަނބިމީހަގެ ނަމުން އަހަރެންގެ ހިތުގެ މަލިކާއަށް ގޮވާލަން.. ޝަޔަމް.. އެދުވަހާ ޖެހެންދެން އިރާދަކުރެއްވިއްޖާ އަހަރެމެންގެ ދެމެދު މިއޮތް އިން ފަހަނައަޅައިދާފަދަ އެއްވެސްކަމެއް އަހަރެންގެ ފަރާތުން ނުވާނެކަމުގެ ޔަގީންކަން ދެން.. ބުނެބަލަ.. ޝަޔަމް އަހަރެންނާ ކައިވެނިކޮށްފާނަންތަ؟ އަހަރެންގެ މިހުވަފެން ހަގީގަތަކަށް ހެދުމަށް އަހަރެންނަށް އެހީވެދޭނަންތަ؟” ބޮލުގެ ފުށްކިބައިގައި އަތުން ފިރުމައިލަމުން ދެއަތް ލައިގެންހުރި ޖިންސްގެ ޖީބަށް ކޮށްޕައިލުމަށްފަހު އެހިތުގައިވީ ހުރިހައި އެއްޗެއް ޝަޔަމްގެ ކުރިމަތީގައި ނުހައިކް ބަންޑުން ކޮށްލިއެވެ.

އިވިގެންދިޔަ ވާހަކަތަކުން ޝަޔަމްގެ ހިތަށް ފުންއަސަރެއް ކުރުވިއެވެ. ނުހައިކްގެ ދުލުން އޭނާދެކެ ލޯބިވާ މިންވަރު ހާމަވެގެންދިޔައިރު ޝަޔަމްގެ ހިތުގައި ނުހައިކްގެ މައްޗަށްވި ލޯބި އިތުރަށް ފުންވެގެންދިޔައެވެ. ނުހައިކް އެއީ އޭނާގެ ނަސީބޭ ހިތަށްއެރީ ކިތައްފަހަރުކަމެއްވެސް ނޭނގެއެވެ.

“ޔެސް… ޔެސް ނުހައިކް.. އަހަރެންވެސް ބޭނުމީ ވީއެންމެ އަވަހަށް ނުހައިކްއާ ކައިވެނިކުރަން.. މިމަލުގަ އަހަރެން ހިފުމަކީވެސް ނުހައިކްގެ ލޯބި އަހަރެން ތެދުހިތުން ގަބޫލުކުރިކަމުގެ ރަމްޒެއްނު..” މަލުގައި ތުންފަތް ޖައްސައިލަމުން ޝަޔަމް ބުނެލިއެވެ. އެއަޑުއިވި ނުހައިކްއަށް ހިނިތުންވެލެވުނެވެ. އުފަލުންގޮސް އޭނާގެ ހިތް ނަށައިލިއެވެ. ލޯތްބާއެކު ރަތްކުލައިން ފެވެމުންދިޔަ ޝަޔަމްގެ މޫނަށް ބަލަހައްޓައިގެން ނުހައިކްއަށް ހުރެވުނީއެވެ.

“ތިވަރަަށް ނުބަލަބަލަ.. އަހަރެން ލަދުގަނޭ..” އޭނާގެ މޫނަށް ފިނިފެންމާ ހުރަސްކޮށްލަމުން ޝަޔަމް ބުނެލިއެވެ.

“އަހަރެން ކުރިންވެސް ބުނީމެއްނު ލަދުގަތީމަ ޝަޔަމް ވަރަށް ލޯތްބޭ.. އެހެންނޫނަސް ވާރޭގެ ޕަރީއެއް ކުރިމަތީގައި ހުންޓި ހުންނައިރު ނުބަލައި ހުރެވޭތަ؟” ލާނެތްގޮތަކަށް ހީލަމުން ނުހައިކް އިތުރަށް ޝަޔަމް ލަދުގަންނަވައިލިއެވެ.

“ދެން ނުހައިކް.. މީ.. މީ ކޮންތާކުން ހޯދި މަލެއް؟” ނުހައިކްގެ ބަސްތަކުން އިތުރަށް ރަކިވި ނަމަވެސް އަތުގައިއޮތް މަލަށް ބަލައިލަމުން ޝަޔަމް އަހައިލިއެވެ. އެއާއެކު ނިތްއަރުވައިލަމުން ނުހައިކް އިޝާރާތްކޮށްލި ދިމާލަށް ޝަޔަމް ބަލައިލިއެވެ. އެމީހުން ތިބި ހިސާބާ ދާދި ކައިރީގައި ހުރި ފިނިފެންމާ ގަސްތަކެއް ޝަޔަމްގެ ލޮލުގައި އަޅައިގަތީ ދެނެވެ. ހީގަންނަމުން ޝަޔަމް ދެފަރާތަށް ބޯހޫރުވައިލިއެވެ.

“ދެން ހިނގާ ދާން. މާގިނައިރު ވާރޭތެރޭ މިހެން ހުންނަންވެއްޖެނަމަ ޝަޔަމް ބަލިވެދާނެ..” އުޑުމައްޗަށް ބަލައިލި ނުހައިކް ފުންނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލަމުން ބުނެލިއެވެ. ބޯޖަހައިލަމުން ޝަޔަމް ކުރިއަށް ހިނގައިގަތެވެ.

ތެމިފޯވެގެން ހިނިއައިސްފައިތިބެ ހޮޓަލަށް ވަދެގެންއައި ޝަޔަމް އާއި ނުހައިކްއަށް ރިސެޕްޝަނުގައި ތިބި ދެކުދިންގެ ނަޒަރު ހުއްޓުނެވެ. އެހެނަސް އެކަމަށް މާބޮޑު ފަރުވާލެއްނުދީ ދެމީހުން އައިސް ލިފްޓަށް އެރިއެވެ.

“ޝަޔަމް..” ކޮޓަރީގެ ދޮރުމަތީގައި މަަޑުކޮށްލަމުން ނުހައިކް މަޑުމަޑުން ގޮވައިލިއެވެ. ތެމިފައިއޮތް އިސްތަަށިގަނޑު އެއްފަރާތަކަށް ގެނެސް ވައްޓައިލަމުން ޝަޔަމް ނުހައިކް އާއި ނަޒަރު ސީދާކޮށްލިއެވެ.

“އަބަދުވެސް.. އަހަރެން ވަރަށް ލޯބިވާކަން ހަނދާންކުރައްޗޭ..” ޝަޔަމްއާއި ގާތްވެލުމަށް ހިތްއެދުނަސް ހުރިތަނުގައިހުރެ ނުހައިކް ބުނެލިއެވެ. ކައިވެނިކޮށްފައި ނޫނީ އެފަދަ ގޮތަކަށް ޝަޔަމްއާއި ގާތްވާކަށް ނުހައިކްގެ ޟަމީރު އެއްބަހެއްނުވެއެވެ. އެހައިވެސް ބޮޑަށް އޭނާ ޝަޔަމްދެކެ ލޯބިވެއެވެ. އިރާދަފުޅުން އެފަދަ ދުވަހެއް އައިސްފިނަމަ ޝަޔަމްދެކެ އޭނާ ލޯބިވާވަރު މުޅި ދުނިގެއަަށްވެސް އޭނާ ހާމަކުރާނެއެވެ.

“އަހަރެންވެސް..” ސީދާ ނުހައިކްގެ ދެލޮލަަށް ބަލަންހުރެ ޝަޔަމް ބުނެލިއެވެ. ދުވަހަކުވެސް މީހެއްދެކެ އެދަރަޖައަށް ލޯބިވެވިދާނެކަމަށް ޝަޔަމް ހީނުކުރެއެވެ.

“އެނބުރި ރާއްޖެގޮސް އަހަރެންގެ މަންމައާ ބައްދަލުކުރަން ދާނަންތަ؟” އިރުކޮޅެއްގެ ހިމޭންކަމަަށްފަހު ނުހައިކް އަހައިލިއެވެ. ވަގުތުން ޝަޔަމް އުފާވެލައިފައި ބޯޖަހައިލިއެވެ. ނުހައިކް އާއި ދިމާވެ އޭނާގެ ގޮތް އެނގެންފެށިފަހުން ޝަޔަމްގެ މިޒާޖަަށްވެސް ވަނީ ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ނުހައިކްގެ ގޮތް އެނގޭތީ އިސްވެ އޭނާ އާއި ގާތްވާކަށް ޝަޔަމްވެސް މަސައްކަތެއް ނުކުރެއެވެ. ލޯތްބާއެކު އެކަކު އަނެކަކަަށް ބަލައިލަމުން ރޭގަނޑުގެ ސަލާމް ކުރުމަަށްފަހު ދެމީހުން ކޮޓަރިއަަށް ވަތްއިރުވެސް ދެހިތަށްވަނީ ބަޔާންކުރަން ދަތި އުފަލަކާއި ހަމަޖެހުމެއް ލިބިފައެވެ.

ކޮޓަރިއަށް ވަތްގޮތަށް އަތުގައިއޮތް މަލުގައި ލޯތްބާއިއެކު ޝަޔަމް ބޮސްދިނެވެ. ކޮންމެ ހާލަކުން ނަމަވެސް އޭނާ ކުރި ވައުދު އޭނާ ފުއްދާނެއެވެ. އޭނާ ވާނީ ހަމައެކަނި ނުހައިކްގެ މީހަކަށެވެ. އެދުވަހަކާ ޖެހެންދެން އޭނާ އެގޮތުގައި ކެތްތެރިވާނެއެވެ.

*****

ޝަޔަމްގެ ކާރު އައިސް އެއަރޕޯޓު ކުރިމައްޗަށް މަޑުކޮށްލުމާއެކު ދޮރު ހުޅުވައިލަމުން ދެމީހުން އޭގެއިން ފޭބިއެވެ. އެމީހުންގެ ފޮށިތައް ޑިކީއިން ނެގުމުގައި އުޅުނު ޑްރައިވަރުގެ ގާތަށް ލެފިލަމުން ނުހައިކް އޭނާއަށް އެހީވަންފެށިއެވެ. ނުހައިކްގެ ހުންނަ ހިތްހެޔޮގޮތް ޝަޔަމްއަަށް ވަރަށް ކަމުދިޔައެވެ. ހިނިތުންވެލައިގެން އެމަންޒަރު ބަލަން އޭނާ ހުއްޓެވެ.

ފޮށިތައް ޓްރޯލީއަށް އެރުވުމަށްފަހު ނުހައިކް ޝަޔަމް އަށް އައުމަަށް ގޮވައިލުމުން އޭނާގެ ދާދި ގާތުގައި އަދަބުވެރިކަމާއެކު ހުއްޓިހުރި ޑްރައިވަރަށް ޝަޔަމް ބަލައިލިއެވެ. އަދި ހިނިތުންވެލަމުން ދަނީކަމަަށްބުނެ ޝަޔަމް ނެތް ދުވަސްތަކުގައި ޗުއްޓީއަކަށް އޭނާވެސް އޭނާގެ އާއިލާގެ ގާތަށް ދިއުމަަށް އެދުނެވެ. އަދި އެމީހުނަަށް ޝަޔަމްގެ ސަލާމް ބުނެދިނުމަަށް އެދެމުން އާއިލާ އާއި އެކުގައި ޗުއްޓީ ހޭދަކޮށްލުމަަށް އިތުރަަށް ފައިސާ އޭނާގެ އެކައުންޓަށް ފޮނުވައިފައިވާނެކަމަަށްވެސް ޝަޔަމް ބުނެލީ ހިތްހެޔޮރާގަކަށެވެ.

ޝަޔަމްގެ ފުށުން ފެނިގެންދިޔަ އައު ކަންތަކުން ހައިރާންވެފައި އިސްއުފުލައިލި ޑްރައިވަރު ބަލައިލިއެވެ. ޝަޔަމްގެ ޚާއްސަ ޑްރައިވަރެއްގެ ގޮތުގައި އޭނާ މަސައްކަތްކުރާތާ ދެއަހަރުވެފައި ވީއިރުވެސް މިނޫނީ އެފަދަ ގޮތަކަށް ޝަޔަމް އޭނާ އާއި ވާހަކަދައްކައިފައެއްނުވެއެވެ. ހިތަށް ލިބުނު ހަމަޖެހުމަކުން ފެންކަޅިވެގެންދިޔައެއްކަމަކު ޝުކުރުވެރިވަމުން ފަނޑުގޮތަކަށް އޭނާ ހިނިތުންވެލިއެވެ. ޝަޔަމްވެސް އޭނާގެ ހިނިތުންވުން ރައްދުކޮށްލަމުން ނުހައިކްގެ ފަހަތުން ހިނގައިގަތެވެ.

ފްލައިޓް އިތުރު ސާޅީސް ފަސްމިނެޓް ލަސްވެގެން ދިއުމުން ޗެކިން ވެލުމަަށްފަހު އެއަރޕޯޓުގައި ދެމީހުން މަޑުކޮށްލައިގެން ތިއްބެވެ. އެނބުރި އަމިއްލަ ވަތަނަށް ދެވޭތީ ނުހައިކްހުރީ ނުހަނު އުފަލުންނެވެ.

“ޝަޔަމް ފެނުނީމަ މަންމަ ވަރަަށް އުފާވާނެ.. މަންމަ ވަރަަށް ރަނގަޅުވާނެ.. ޝަޔަމްދެކެ ވަރަަށް ލޯބިވާނެކަންވެސް ޔަގީން..” ގާތުގައިއިން ޝަޔަމްގެ މޫނަށް ބަލަހައްޓައިގެންއިން ނުހައިކް ބުނެލިއެވެ.

“އަހަރެންވެސް ވަރަށް ބޭނުން އަހަރެންގެ އާއިލާ އާއި ނުހައިކް ބައްދަލުކުރަން.. އެކަމަކު ތަންކޮޅެއްފަހުން.. މަންމަ އާއި ބައްޕަ ގާތު ނުހައިކްގެ ވާހަކަދައްކާފަ ބައްދަލުކުރަން ގެންދާނަން.. ހަގީގަތަށް ބުނާނަމަ އެންމެ ހިނދުކޮޅެއްވެސް ބޭކާރު ކުރާކަށް ބޭނުމެއްނޫން. އެކަމަކު އަހަރެންނަަށް އަދި ވަގުތު ބޭނުންވޭ..” ޝަޔަމްގެ ވާހަކަތަކަށް ނުހައިކް އިހްތިރާމްކުރިއެވެ. އަވަސް އަރުވައިލައިފައި ގޮތެއް ނިންމުމުގެ ބަދަލު ދެއާއިލާގެ ރުހުމާއެކު އެކައިވެންޏާއި ވެގެން ކުރިއަަށް ދިއުމަކީ ނުހައިކްވެސް ބޭނުންވާގޮތެވެ.

އެކިއެކި ވާހަކަ ދެއްކުމުގައި ތިއްބައި އަސުރު ނަމާދު ބަންގީގެ އަޑު ނުހައިކްގެ ފޯނުން އިވިގެންދިޔައެވެ. ފްލައިޓްގެ ފުރުން ލަސްވެފައިވުމުން ނުހައިކް ނިންމީ އެތަނުގައި އަސުރު ނަމާދު ކުރުމަަށްފަހު ދަތުރުފަށާށެވެ.

އެތަނުގައި ހަރަކާތްތެރިވަމުންދިޔަ އެތަނުގެ މުއައްޒިފަކާއި އިރުކޮޅަކު ވާހަކައިދައްކައިލުމަަށްފަހު ނުހައިކް ގޮނޑިބަރީގައިއިން ޝަޔަމްގެ ގާތަށް އައިސް މަޑުކޮށްލިއެވެ.

“އަހަރެން މިދަނީ ނަމާދުކޮށްލަން ދާން.. ޝަޔަމް މިތާ މަޑުކުރާނީތަ؟” ޝަޔަމް އާއި އެއްހަމައަކަަށް ތިރިވެލި ނުހައިކް އަހައިލިއެވެ. “އަހަރެން.. ނުހައިކްއާ އެއްކޮށް ދިއަސް އެންމެ ރަނގަޅުތަ؟” އުނގުމަތީގައި ޖޯޑުކޮށްލެވިފައިވި ދެއަތްތިލައަށް ބަލައިލަމުން ނުކެރިފައިއިންފަދަ ގޮތަކަށް ޝަޔަމް އަހައިލިއެވެ. އެންމެ ރަނގަޅޭ ބުނަމުން ނުހައިކް ތެދުވުމާއެކު ޝަޔަމްވެސް އިންތަނުން ތެދުވިއެވެ.

އެއަރޕޯޓު ތެރެއަަށް ވަދެގެންގޮސް ތަންކޮޅެއް ބިތްދޮށުގައިހުރި ކުޑަ ކޮޓަރިއެއްކަހަލަ ތަނެއްގެ ކުރިމަތީގައި ނުހައިކް މަޑުކޮށްލިއެވެ. އަދި އެތަނުގެ ދޮރު ހުޅުވައިލަމުން އެތެރެއަށްވަނެވެ. ފަހަތުން ޝަޔަމްވެސް ވަނެވެ.

“މީ ޕްރެޔަރ ރޫމެއްތަ؟” ވަށައިގެން ނަޒަރު ހިންގައިލި ޝަޔަމް އަހައިލިއެވެ. “ނޫން.. މީ އޭރު އަހަރެން ވާހަކަދެއްކި މީހާ ބުނިތަން.. މިތަނުގަ ނަމާދުކޮށްލިއަސް އެންމެ ރަނގަޅުވާނޭ އޭނާ ބުނީ.. ޝަޔަން ތިހުރި ގޮނޑީގަ އިނށީދެލަންވީނު. އަހަރެން އަންނާނަން ވުޟޫކޮށްލައިގެން.” އެތަނުގެ އެއްފަރާތުގައި ހުރި ދިގު ގޮނޑިއަށް އިޝާރާތްކޮށްލަމުން ނުހައިކް ބުނެލިއެވެ. ބޯޖަހައިލަމުން ޝަޔަމް ގޮސް އެގޮނޑީގައި އިނށީދެހަމަޖެހިލިއެވެ.

ވުޟޫކޮށްލައިގެން އައި ނުހައިކް ގިބްލަ ހޯދައިލަމުން އެތަނުގެ އެއް ފަރާތުގައި ހުއްޓިލިއެވެ. އަދި ހަމަހިމޭންކަމާއެކު ނަމާދުކުރަން ފެށިއެވެ.

ނުހައިކްގެ ހަރަކާތްތަކަށް ފަރުވާތެރިވެ ބަލަންއިން ޝަޔަމްގެ ހިތަށް އެމަންޒަރުން ތަފާތު އިހުސާސެއްކުރެވިގެންދިޔައެވެ. މިއީ ނުހައިކް ނަމާދުކުރާތީ ފެނުނު ފުރަތަމަ ފަހަރު ނޫން ނަމަވެސް ޝަޔަމްއަށް އެހެންޏާ މިފަދަ ގޮތަކަށް އިހުސާސުކުރެވިފައެއް ނެތެވެ. ތަނަށްވެރިވެފައިވި ހަމަހިމޭންކަމުގައި ޝަޔަމްގެ ދެލޯ ކަރުނުން ފުރެންފެށީ ހިތަށް ވެރިވަމުންދިޔަ އެކި އެކި ޝުއޫރުތަކުންނެވެ. އަމިއްލަ ނަފުސާއި މެދުގައި ޝަޔަމްއަަށް ވިސްނުން ހިންގެންފެށީ ކީއްވެކަމެއް އޭނާއަކަށް ނޭނގެއެވެ. ފުސްވެގެންދިޔަ ދެލޮލުގެ ތެރެއިން ދުޢާއަށް ދެއަތްއުފުލައިގެންއިން ނުހައިކްއަށް ޝަޔަމް ބަލަންއިނެވެ. އެހިނދު އޭނާގެ ހިތުގައި ތަފާތު ވިންދެއް ޖަހައިލިއެވެ. މިއިން ދުވަހަކު ސިކުނޑިއަށް ވެރިނުވާ ތަފާތު ޚިޔާލުތަކުން ޝަޔަމްގެ ނަފުސް ބަނދެވިގެންދިޔައެވެ. ކަރުނައިގެ ތެރޭން ލުއިގޮތަކަށް ޝަޔަމް ހީލިއިރު އަމިއްލަ ނަފުސާ ކަމަކަށް އެއްބަސްވިކަހަލައެވެ.

*****

ދިގު ދަތުރަކަަށްފަހު އަމިއްލަ ގައުމަަށް އާދެވުމުން ނުހައިކްގެ ހިތަށް ލިބުނު ހަމަޖެހުމުގައި ފުޅާކޮށް ހިނިތުންވެލަމުން ފުންނޭވާއެއްލިއެވެ. ލަގެޖްތައް ޓްރޯލީއަށްލައި ނުނިމެނީސް އެތަނަށް އައިސް މަޑުކޮށްލި އާދިލްފެނި ނުހައިކް ސަލާމް ގޮވައިލިއެވެ. ހިތްހެޔޮކަމާއެކު ސަލާމުގެ ޖަވާބުދެމުން އާދިލް ޝަޔަމްއަށް ބަލައިލިއެވެ. އެވަގުތު ހިނިތުންވެ އޭނާއަށް ބަލަންހުރި ޝަޔަމް ފެނި އާދިލްއަށް ހައިރާންކަން ލިބުނެވެ.

“ހިނގާ ދާން. ނުހައިކްވެސް އާދޭ އަހަރެންނާއެކު..” ނުހައިކްގެ މޫނަށް ބަލައިލި ޝަޔަމް އެދުނެވެ. ބޯޖަހައިލަމުން އެމީހުންގެ ފަހަތުން ނުހައިކް ހިނގައިގަތެވެ.

ނުހައިކްގެ ގޭ ކުރިމައްޗަށް އާދިލް ކާރު މަޑުކޮށްލުމާއެކު ޝަޔަމްއަށް ލޯބިން ބަލައިލަމުން ވަދާއުގެ ސަލާމް ކުރުމަށްފަހު ނުހައިކް ކާރުން ފޭބިއެވެ. އަދި އޭނާގެ ފޮށި ޑިކީއިން ނަގަމުންގޮސް ގެއަށްވަނެވެ. ނުހައިކް ގެއަށްވަނުމާއިއެކު އަތުން ކާރު ދުއްވައިލުމަށް ޝަޔަމް އިޝާރާތްކޮށްލިއެވެ.

“މާމާ..” ދުވެފައި އައިސް ސޯފާގައި އިން މުހުސިނާގެ ގައިގައި ޝަޔަމް އޮޅުލައިގަތެވެ. އަތުގައިއޮތް ދުޢާފޮތް ލައްޕައިލަމުން މުހުސިނާ ޝަޔަމްގެ ބޮލުގައި ލޯތްބާއެކު ފިރުމަައިލިއެވެ.

“ދަރިފުޅުގެ ވިޔަފާރި ފުޅާވީތީ މާމަ ވަރަށް އުފާވޭ.. އެގޮތުންވެސް މާމައަށް ގިނަގިނައިން ދަރިފުޅާ ބައްދަލުވުމުގެ ފުރުސަތު ލިބޭތީ.” ޝަޔަމްގެ ގައިގައި ބައްދައިލި މުހުސިނާގެ އަޑުގައިވީ އުފާވެެރިކަމެވެ. މުހުސިނާގެ ވާހަކައިން ޝަޔަމްވެސް ހީލިއެވެ. އެވާހަކަތަކާ ޚުދު އޭނާގެ ނަފުސުވެސް އެއްބަސްވެއެވެ.

“ޝަޔަމް.. ވެލްކަމް ބެކް..” ކާކޮޓަރިން ނުކުތް ޖިޔާ ޝަޔަމް ފެނުމާއެކު އެދިމާލަށް އަންނަމުން ބުނެލިއެވެ.

ޖިޔާ ފެނުމާއެކު އިންތަނުން ތެދުވަމުން އޭނާ އާއި އެކުގައި އައުމަށްބުނެ ޝަޔަމް އޭނާގެ ކޮޓަރިއަށް މިސްރާބުޖެހިއެވެ. ނިތްއަރުވައިލަމުން ޖިޔާވެސް ޝަޔަމްގެ ފަހަތުން ހިނގައިގަތެވެ.

“ހާދަ އުފަލުން ހުރިހެން ހީވެއޭ.. ޔަގީން މިދަތުރުގަ ކަންތައްގަނޑެއް ހިންގާލާފަ ތިއައީ..” އެނދުމައްޗަށް ވެއްޓިގަތް ޝަޔަމްގެ އެއްފަރާތުގައި އިނށީދެލަމުން ޖިޔާ ލޯހިމަކޮށްލުމަށްފަހު ޝަޔަމްއަށް ބަލައިލިއެވެ. އެދަތުރުގައި ހިނގި ހުރިހައިކަމެއް އެނގެން ޖިޔާ އިނީ ބޭނުންވެފައެވެ.

ޖިޔާއަށް ބަލައިލަމުން ޝަޔަމް ތުންފަތުގައި ދަތްއަޅައިލިއެވެ. އެހެންނާ ނުފެންނަފަދަ ކަންތައްތަކެއް ޝަޔަމްގެ ފަރާތުން ފެންނަން ފެށުމުން ޖިޔާގެ ބޮލުގައި ނުބައި ގޮތަކަށް ރިއްސާލިއެވެ.

“ކިހިނެއްވީ އެއްޗެއް ނުބުނެ މާ ފާޑަކަށް ހެވިފަ ތިއޮންނަނީ؟ ބުނެބަލަ އަޅެ.. އަނެއްކާ ޝަޔަމްގެ މިޝަން ކޮޕްލީޓް ވީތަ؟” ޝަޔަމްގެ ކޮނޑުގައި އަތުން ޖަހައިލަމުން ހަމަޖެހިލަން މަސައްކަަތްކުރަމުންދިޔަ ޖިޔާ އަނެއްކާވެސް ވާހަކަދެއްކިއެވެ.

“ތި މިޝަންގެ ވާހަކަ އަބަދު ނުދައްކަބަލަ.. އެއީ ކުރިއެއްނު.. އެހެންނޫނަސް އެކަންތައް އަހަރެން ހިތުން ފުހެލައިފިން..” މިފަހަރު ޖިޔާގެ ވާހަކަތަކާ ވިއްދައި ޝަޔަމް ވާހަކަދެއްކިއެވެ. ތުންފަތަށް ވައްތަރެއް ޖައްސައިލި ޖިޔާގެ މޫނުމަތިން ފައުޅުވީ ފޫހިކަމެވެ.

“އޯކޭ.. ދެން ނުދައްކާނަން.. އެކަމަކު ތިވެގެން އުޅޭ ގޮތެއް ބުނެބަލަ. އަހަރެންނަށް ޔަގީން ކޮންމެވެސް ކަމެއް ހިނގައިފިކަން.. ޝަޔަމް އެހެންނާވެސް ހުރިހައި ވާހަކައެއް އަހަރެންނާ ހިއްސާކުރަމެއްނު..” ދާދި އަވަހަށް މޫނުމަތީގައިވި ކުލަވަރު ޖިޔާ ފޮރުވައިލިއެވެ.

“ޖިޔާ އަށް ގަބޫލުކުރަންވެސް އުނދަގޫވާނެ މިވާހަކަތައް.. އަހަރެންނަށް އެނގޭ ޖިޔާ ނުހައިކްދެކެ ފޫހިވާކަން.. އެކަމަކު އެއީ ޖިޔާ ތިހީކުރާކަހަލަ މީހެއްނޫން.. ނުހައިކް ފަދަ ޚުލްގުހެޔޮ ރަނގަޅު ފިރިހެނަކާ އަހަރެންގެ ހަޔާތުގަވެސް އަދި ބައްދަލެއްނުވޭ. ޖިޔާ.. ޕްލީޒް އަހަރެން މިދައްކާ ވާހަކަ ރަނގަޅަށް އަޑުއަހައްޗޭ..” ވާހަކަދައްކަމުންގޮސް އާދޭހުގެ ރާގަކަށް ޝަޔަމް ބުނެލިއެވެ. އޭރު އޭނާގެ ނަޒަރުވެސްހުރީ ޖިޔާގެ މޫނަށް ހުއްޓިފައެވެ.

“ޝަޔަމް ކީކޭތަ ކިޔަން ތިއުޅެނީ؟ އަހަރެންނަކަަށް ނުވިސްނޭ. ތަންކޮޅެއް ސާފުވާނެހެން ތިބުނާ އެއްޗެއް ބުނެބަލަ..” ހިތްހަމަނުޖެހުނަސް އެކަން ނުދައްކައިވޭތޯ ޖިޔާ މަސައްކަތްކުރިއެވެ.

“އަހަރެންނަަށް.. ނުހައިކްދެކެ ލޯބިވެވިއްޖެ.. ވަރަށް ވަރަށް ބޮޑަށް.. ނުހައިކް އަށްވެސް.. އަހަރުމެން ދެމީހުންވެސް ބޭނުންވަނީ އާއިލާގެ ރުހުމާއެކު ވީ އެންމެ އަވަހަކަށް ކައިވެނިކުރަން..” އޮށޯވެގެން އޮތުމުގެ ބަދަލު ތެދުވެ އެނދުމަތީގައި ދެވައިވަށްކޮށްލައިގެން އިނދެ ޝަޔަމް ޖިޔާގެ މޫނަަށް ބަލައިލިއެވެ.

“ވަޓް؟ ޝަޔަމް މޮޔަވީތަ؟ ތިކިޔޭއެއްޗެއް އެބަ އެނގޭތަ؟ އެމީހާގަނޑު ޝަޔަމްގެ ބޮލަަށްވެސް އެރުނީތަ؟ އޭނަ އެއުޅެނީ ލޯބިންނެއްނޫން.. ޝަޔަމްގެ މުދަލުގެ ދަހިވެތިކަމުގަ.” އިންތަނުން ފުންމައިގެން ޖިޔާއަށް ތެދުވެވުނީ ލިބުނު ސިހުމަކުންނެވެ. އެފަދަ ވާހަކަތަކެއް ޝަޔަމްގެ ދުލުން އަަޑުއިވުމުން ގަބޫލުކުރަން އޭނާއަަށް ދަތިވީއެވެ. ނުހައިކްދެކެ ލޯބިވެވުނު ނަމަވެސް ކައިވެންޏާ ހަމައަށް ޝަޔަމްގެ ވިސްނުން ގޮސްފާނެއޭ ފަހަރެއްގައިވެސް ޖިޔާ ހިއެއްނުކުރެއެވެ.

“ނޫން.. ޖިޔާ ހަމަޖެހިބަލަ.. ނުހައިކް އެއީ އެފަދަ މީހެއްނޫން.. އަހަރެންނަށް އިތުބާރުކުރޭ.. ޖިޔާ ތިހީކުރާފަދަ އެއްވެސް ނިޔަތެއް ނުހައިކްގެ ނެތް.. ޕްލީޒް ޖިޔާ.. އަހަރެންގެ ހިތްމަރައިނުލާ.. އަހަރެންގެ އާއިލާއިން އަބަދުވެސް އެންމެ ގާތްކޮށް ދެކުނީ ޖިޔާ.. އަަހަރެން ބޭނުމެއްނޫން މިގުޅުމާމެދު ޖިޔާ ނުރުހިފަ ހުންނާކަަށް..” ޖިޔާގެ ދެއަތުގައި ހިފައިލަމުން ދެރަވެލައިފައި ޝަޔަމް ބުނެލިއެވެ. ޖިޔާއަށް ވިސްނައިދެވޭތޯ އޭނާ މަސައްކަތްކުރަމުން ދިޔައެވެ.

“އަހަރެންނަށް ގަބޫލުވެސް ނުކުރެވޭ ޝަޔަމް ތިފަދަކަމެއް ކޮށްފާނެކަމަށް..” ހިތްހަމަނުޖެހުނުވަރުން ޝަޔަމްގެ އަތް ފޮޅުވައިލަމުން ޖިޔާ ދުަރަށްޖެހިލިއެވެ. ހަސަދައިގެ ގިނިން އެހިތް އަނދަމުންދިޔައިރު އެކަން ފަރުދާކުރަންވެސް އޭނާ ނުކުޅެދިފައިވާކަހަލައެވެ.

“އަހަރެންނަށް ޔަގީން އަޒްހަރުބެއާ ސައިނައްތަވެސް ތިގުޅުމާ ގަބޫލު ނުވާނެކަން.. ޝަޔަމްއާ އަޅާބަލާއިރު ނުހައިކް އެއީ ކާކު؟ ޗީ ޗީ.. ހަޔާތުގެ ބައިވެރިއަކަށް މީހަކު ޚިޔާރުކުރާއިރު ތިމާއާ އެއްފެންވަރެއްގެ މީހެއް ޚިޔާރުކުރިނަމަ..” ދެފަރާތަށް ބޯހޫރައިލަމުން ޝަޔަމް ގޮވަގޮވައި ހުއްޓައި އެކޮޓަރިން ނުކުމެގެން ޖިޔާ ދިޔައެވެ. ޖިޔާގެ ވާހަކަތަކުން ހިތަަށް މާޔޫސްކަން ވެރިވެގެންދިޔަ ޝަޔަމްއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ.

“ނޫން.. އަހަރެންގެ މައިންބަފައިން މިގުޅުމާ ގަބޫލުވާނެ.. އެމީހުން އަހަރެންދެކެ އެހައިވަރަށް ލޯބިވާނެކަން ޔަގީން.. އަހަރެންގެ އުފަލަށް އެމީހުން އެއްވެސް ހުރަހެއް ނާޅާނެ.. ކޮންމެ މީހަކު ކޮންމެ އެއްޗެއް ކިޔަސް އަހަރެން ނުހައިކްއާ ވަތްކެތްނުވާނަން..” ހިތަށްވެރިވަމުންދިޔަ އެކިޚިޔާލުތަކުގައި ގެނބެމުންދިޔަ ޝަޔަމްގެ ޟަމީރު ބުނެލިއެވެ.

އަތުގެކޮޅަށް ކޮޓަރީގެ ދޮރުލައްޕައިލި ޖިޔާ ދަތްކުނޑި ވިކައިލަމުން އިސްތަށިގަނޑުގައި އަތް ހިންގައިލިއެވެ. ރުޅިއައިސްގެންގޮސް ހަދައިފައި ނުހަދާނެގޮތެއް ނޭނގިގެންއުޅޭ މީހެކޭ އޭނާއެކޭ އެއްވެސް ތަފާތެއްނެތެވެ.

“ނުހައިކްވެސް ޝަޔަމް ދެކެ ލޯބިވަނީތަ؟ ކީއްވެ؟ އެންމެ ފުރަތަމަ ނުހައިކް ފެނުނީ އަހަރެންނަށް.. ދެން ކީއްވެ؟ ޝަޔަމްއަށްވުރެ ވަކި އަހަރެންވެސް ހުތުރެއްނުވާނެ.. އެހެންވިޔަސް ހެޔޮ.. އަހަރެންނަށް ނުލިބުނު އުފަލެއް އެހެންމީހަކަށް ލިބުނަ ނުދޭނަން.. ނޫން.. އަހަރެންނަށް އެކަމަކާ ނުރުހެވޭނެ… ދުވަހަކުވެސް ނުރުހެވޭނެ.. ޝަޔަމް ޖެހޭނީ ނުހައިކްއާ ދުރުވާން.. ކޮންމެ ގޮތެއް ހަދާފަވެސް އަހަރެން އެކަން ކުރާނަން.. އަހަރެންގެ މީހަކަށްނުވެ ޝަޔަމްގެ މީހަކަށްވެސް ވަކި ނުހައިކްއަކަށް ނުވެވޭނެ..” އަމިއްލަ ނަފުސާ ވާހަކަދައްކަމުންދިޔަ ޖިޔާގެ ދެލޮލަަށްވަނީ ކަރުނަ ޖަމާވެފައެވެ. ހަސަދަވެރިކަމުގެ ތެރޭގައި އޭނާގެ މުޅި ނަފުސުވެސް އަނދަމުންދިޔައެވެ.

*****

ދަންވަރުގެ ހަމަހިމޭންވަގުތެވެ. ސޯފާގައި ނިދިފައިއޮތް ޒާއިންއަށް ދެލޯތަޅުވައިލަމުން ލޯހުޅުވައިލެވުނީ ޓީޝާޓް ލައިގެން އޮތުމުން ނިދީގައިވެސް އުނދަގޫ އިހުސާސުތަކެއް ކުރެވިގެންނެވެ.

ޒާއިންއަަށް ހަމަހޭވެރިކަން ވުމާއެކު ކޮޓަރީގައި ހިފައިލައިފައިވި ވޭނީ މަޑު ގިސްލުމުގެއަޑު އިވުނެވެ. އެއަޑުގައިވި ހިތްދަތިކަމުން ކޮންމެ ހިތަކަށްވެސް އަސަރުކުރާނެކަން ގައިމެވެ. ތެދުވަން އުޅެފައިވެސް ނިދާބޮކީގެ ފަނޑު އަލިކަމުގެ ތެރޭގައި ޒާއިން ކޮޓަރިތެރެއަށް ވަށައިގެން ނަޒަރު ހިންގައިލިއެވެ. އެވަގުތު ފެނުނު މަންޒަރުން ލިބުނު ހައިރާންކަމުގައި ޒާއިންއަށް އޮތްތަނުން ތެދުވެވުނެވެ.

ކޮޓަރީގެ އެއްފަރާތުގައި ހުދު ދޮޅިއެއް އަޅައިގެން މުސައްލަމަތީގައި ސަޖިދައިގައިއޮވެ ގިސްލައި ރޮމުން ލަމްޔާ ދިޔައިރު އެމަންޒަރުން އޭނާގެ ހިތަށްވެސް ފުން އަސަރެއްކުރުވިއެވެ. މިއިން ދުވަހަކުވެސް ނަމާދުގައި އެފަދަ ހިތްދަތިގޮތަކަށް ލަމްޔާ ރޯތީ ޒާއިން ނުދެކެއެވެ.

ލަމްޔާގެ ހަރަކާތްތަކަށް ބަލަން އޭނާއަށް އިނދެވުނީ އެހެން ހުރިހައިކަމެއްގެ މަތިންވެސް ހަނދާންނެތިފައެވެ. އެވޭނީ ގިސްލުމުން އެތައް ޝަކުވާއެއް ކުރަމުންދިޔަ ކަހަލައެވެ. ހިންދިރުވައިލި ޒާއިން އެއްފަރާތުގައިއޮތް ފޯނު ނަގައި ގަޑިބަލައިލީ އެވަގުތު ލަމްޔާ ކުރަމުންދިޔައީ ކޮންނަމާދެއްކަމާއި މެދުގައި ސުވާލުއުފެދިފައި އިނދެއެވެ. ގަޑިން މެންދަމުން އަލިވެ 3 ޖަހައިބޮޑުވީއެވެ. ރޭގަނޑުގެ އެއަރާމު ނިދި ނަގައިލައިފައި ލަމްޔާ ކުރަމުންދިޔަ ކަމަކުން ޒާއިންގެ ސަމާލުކަން އެކަމަށް ހުއްޓޭގޮތްވިއެވެ.

ފޯނު އެއްފަރާތުގައި ބާއްވަމުން ހަމަހިމޭންކަމާއެކު ލަމްޔާގެ ހަރަކާތްތަކަށް ގެއްލިފައި ޒާއިންއަށް އިނދެވުނެވެ. ނޭނގޭ އެތައް އިހުސާސަކުން އެހިތް ބަނދެވަމުންދިޔައެވެ. ހިނދެއް ހިނދަކަށް ލަމްޔާގެ ގިސްލުން ބާރުވާން ފެށުމާއެކު އިންތަނުން ޒާއިންއަށް ތެދުވެވުނީ އަމިއްލަ އިޚުތިޔާރުން ބޭރުއެވެ.

ލަސްފިޔަވަޅުތަކެއްގައި އައިސް ޒާއިންއަށް ލަމްޔާގެ ގާތުގައި އެއްފަރާތަކަށްވާހެން މަޑުކޮށްލެވުނެވެ. އެވޭންދެނިވި އަޑުން އޭނާގެ މުޅި ނަފުސުގެ ހަމަޖެހުންވެސް ގެއްލިގެންގޮސްފިއެވެ. ލަމްޔާއަށް ބަލަންއިނުމަަށްފަހު ޒާއިންއަށް އޭނާގެ ގާތުގައި އިނށީދެވުނެވެ. އެހިނދު ސަޖިދައިގައިއޮތް ލަމްޔާ ތެދުވަމުން އިންތަނުގައި ހަމަޖެހިލިއެވެ. އިރުކޮޅެއްގެ ހިމޭންކަމަށްފަހު ނޯތްދަމައިލަމުން ލަމްޔާ ސަލާމްދިނެވެ. ގާތުގައިއިން ޒާއިން އޭނާގެ ލޮލުގައި އަޅައިގަތީ އެވަގުތުއެވެ. ސިހުނަސް އެކަން ނުދައްކައި ގިސްލުން މަތަކުރެވޭތޯ އޭނާ މަސައްކަތްކުރަމުން ދިޔައެވެ.

ލަމްޔާ ސަލާމް ދެމުން އޭނާއަށް ބަލައިލިގޮތްފެނި ޒާއިންގެ ހިތް މަޑުކަފަކޮޅަކަށް ވެގެންދިޔައެވެ. އެކަރުނަވީ ދެލޯ އޭނާގެ ހިތުގައިވެސް މަޑުރިހުމެއް އުފައްދައިފިއެވެ. މީގެ ކުރިން އެފަދަ ވޭންދެނިވި ގޮތަކަށް ލަމްޔާ ރުއި އަޑު އޭނާއަށް އިވިފައެއްނުވެއެވެ.

އިތުރު އެއްވެސްކަމަކާ ވިސްނުމެއްނެތި އޭނާގެ ގާތުގައިއިން ލަމްޔާގެ ކޮނޑުގައި ހިފައިގެނެސް އޭނާގެ މެޔާލައި ޒާއިން ބޮނޑިކޮށްލިއެވެ. ތެޅިގަނެފައި ގަދަހަދައިލަމުން ދުރަށްދާން ލަމްޔާ އުޅުނެއްކަމަކު ޒާއިން ހިފަހައްޓައިގެންއިންލެއް ބާރުކަމުން އޭނާއަށް އެކަން ކާމިޔާބުވާގޮތެއް ނުވިއެވެ. ޒާއިންގެ މޭގައި އަތުން ތަޅައިގަންނަމުން ދުރުވާން އުޅެގެންވެސް އޭނާއަށް އެކަމެއް ނުވިއެވެ. އިތުރަށް އޭނާގެ މެޔާލައި ޒާއިން ލަމްޔާ ބާރުކޮށްލީއެވެ.

ޒާއިންގެ ގާތްކަމުން ލަމްޔާއަށް އިތުރުހިތްދަތިކަމެއް ލިބުނުކަހަލައެވެ. އޭނާގެ ރުއިން ބާރުވެގެން ދިޔައީ ގަސްދަކައިނުލައެވެ.

“ޝްޝްޝް.. ބޭބީ އިޓްސް އޯކޭ.. ޕްލީޒް ހުއްޓާލާ.. ތިވަރަށް ރޯކަން ނުވާނު..” ދޮޅިމަތިން ލަމްޔާގެ ބޮލުގައި ބޭއިޚްތިޔާރުގައި ބޮސްދެމުން އޭނާގެ ކޮނޑުގައި ލޯބިން ޒާއިން ފިރުމަންފެށިއެވެ. އޭނާއަށް އެފަދައިން ކަންތައްކުރެވެމުންދިޔައީ ކީއްވެކަމެއް ޚުދު ޒާއިންއަކަށްވެސް ނޭނގެއެވެ. ލަމްޔާ ހަގީގަތުގައިވެސް އޭނާގެ ހިތާއި ކުޅެލައިފިއެވެ. ދުވަހަކު ކުރަން ގަސްދުގައިނެތް އެތައްކަމެއް އޭނާއަށް ކުރެވެމުންދިޔައީ އެހެންވެއެވެ.

ގަބޫލުނުކުރިނަމަވެސް އެހިތުގެ ހަމަޖެހުމަކީ އެނިޔަނެތި އަންހެންކުއްޖާއެވެ. އެހިތުގައި ފޮރުވަން މަސައްކަތްކުރަމުންދިޔަ ލޯބި ޒާއިންގެ ކޮންމެ އަމަލަކުން ފައުޅުވަމުންދިޔައެވެ. އެހެނަސް އެކަމަށް އޭނާގެ އެއްވެސް ފަރުވާލެއް ނެތްފަދައެވެ. ލޯބިން ގިސްލެވިފައިއިން ލަމްޔާ މަސަލަސްކުރެވޭތޯ އޭނާ މަސައްކަތްކުރަމުން ދިޔައެވެ.

“އިޓްސް އޯކޭ ބޭބީ.. އިޓްސް އޯކޭ..” ވަރުބަލިވެފައި އޭނާގެ މޭގައި މޫނު ޖައްސައިލައިގެންއިން ލަމްޔާގެ ނިތުގައި ޒާއިންއަށް ބޮސްދެވުނެވެ. ޒާއިންގެ އަމަލުތަކާއި ބަސްތަކުން އަޖައިބުވެފައިވިޔަސް އެކަމާ ވިއްދައި އެއްޗެއް ބުނެވުމަށްވުރެ ލަމްޔާ ވަނީ ރުއިމުގެ ސަބަބުން ވަރުބަލިވެފައެވެ. ޒާއިންގެ އަތުތެރަށް އަމިއްލަ ހަށިގަނޑު ދޫކޮށްލައިގެން އޭނާއަށް އިނދެވުނީ އެހެންވެއެވެ.

“ޕްލީޒް.. ދެން ނުރޮއްޗޭ.. މި ބޮޑު ބޮޑު ދެލޮލާއި ކަރުނަ އެއްގޮތަކަށްވެސް ނުގުޅޭ..” ލަމްޔާގެ އިސްއުފުލައިލަމުން އެދެލޮލުން އޮހޮރެމުންދިޔަ ކަރުނަތައް ޒާއިން ފުހެލިއެވެ. އެއްޗެއް ނުބުނެ ބަސްހުއްޓިފައި ލަމްޔާ ޒާއިންއަށް ބަލަހައްޓައިގެން އިނެވެ. ހަގީގަތުގައި ބުނާނެ އެއްޗެއްވެސް އޭނާއަށް ނުވިސްނުނީއެވެ. ވާނީވެސް އެހެންނޫން ހެއްޔެވެ. ފެންނަމުން މިދަނީ ދުވަހަކުވެސް ޒާއިންގެ ފުށުން ފެނުނު ކަމެއްނޫންވިއްޔާއެވެ. އަދި ދުވަހެއްގެ ކޮޅުންވެސް ފެނިދާނެކަމަށްވެސް ހީކުރެވުނުކަމެއް ނޫނިއްޔާއެވެ.

ބަސްހުއްޓިފައި އިން ލަމްޔާގެ ކޮލުގައި ލަސްލަހުން ޒާއިން ބޮޑުވައި އިނގިލިން ފިރުމައިލިއެވެ. އެހިނދު ތުންފިއްތައިލަމުން ލަމްޔާ ޒާއިންއާއި ދުރަަށް ޖެހިލިއެވެ. ކުރެވުނު ކަންތަކާމެދުގައި ޒާއިންއަށް ވިސްނައިލެވުނީ ދެނެވެ. އޭނާވެސް ނޫންކަމަށް ހަދައިފައި ލަމްޔާ އާއި ކުަޑަކޮށް ދުރުވެލިއެވެ. ބަހެއްވެސް ނުބުނެ ދެމީހުން ތިބިއިރު ލަމްޔާގެ ރުއިންވެސް ވަނީ ހުއްޓިފައެވެ. ޒާއިންގެ ފަރާތުން ލިބިގެންދިޔަ ގާތްކަމުން އޭނާގެ ޒަޚަމްތަކުގައި ވަގުތީ ބޭހެއް އެޅުނުފަދައެވެ.

އެއްޗެއް ނުބުނެ ލަމްޔާ އިންނަން ފެށުމުން އިންތަނުން ޒާއިން ތެދުވިއެވެ. އަދި އެނދުގެ އެއްފަރާތުގައިހުރި ކުޑަ މޭޒުމަތީގައިހުރި ތައްޓަށް ފެންފޮދެއް އަޅައިގެން އައިސް ލަމްޔާގެ ގާތުގައި އިނށީދެލިއެވެ.

އިސްޖެހިފައިއިން ލަމްޔާގެ ތުނބުގައި ޒާއިން ފެންތަށި ޖެއްސުމުން ލަސްލަހުން އެދިގު އެސްފިޔަތައް ހިއްލައިލަމުން ލަމްޔާ ޒާއިންއަށް ބަލައިލިއެވެ. ލަމްޔާގެ ކަތި ނަޒަރުން ޒާއިންގެ ހިތުގެ ހިނގުން އަވަސްވެގެންދިޔައެވެ. އެހެނަސް އެއިހުސާސުތައް ހިންދައިލަމުން ލޮލުން ފެންތައްޓަށް އިޝާރާތްކޮށް ފެންފޮދެއް ބުއިމަށް ޒާއިން އެދުނެވެ. އެއްވެސް ދެކޮޅުހެދުމެއްނެތި ޒާއިން އެދުނުފަދައިން ލަމްޔާ ކަންތައްކުރިއެވެ. އެތަންފެނި ޒާއިންއަށް ކުޑަކުއްޖަކު ފަދައިން ހިނިތުންވެލެވުނެވެ.

ފަތިސްނަމާދު ބަންގީގެ އަޑުން ސިހިފައި އެކަކު އަނެކަކަށް ސީދާކޮށްލެވިފައިވި ނަޒަރު ދެމީހުން ވަކިކޮށްލިއެވެ. ފުންނޭވާއެއްލަމުން އިންތަނުން ތެދުވެ ލަމްޔާ ނަމާދަށް ތައްޔާރުވެލިއެވެ.

“ނަމާދު ނުކުރާނަންތަ؟” ދުރަށް ހިނގައިގަތް ޒާއިން ހުރިތަނުގައި ހުއްޓިލީ އިވިގެންދިޔަ ލަމްޔާގެ އަޑުންނެވެ. އެއްޗެއް ނުބުނެ މާގިނައިރު ޒާއިން ހުންނަން ފެށުމުން މާޔޫސްކަމާއެކު ލަމްޔާ އިސްޖަހައިލިއެވެ.

“ތެންކްސް..” ހިނދުކޮޅެއްގެ ހިމޭންކަމަށްފަހު އަނެއްކާވެސް ލަމްޔާ ބުނެލިއެވެ. އެއާއެކު ލަމްޔާއަށް ފުރަގަސްދީގެންހުރި ޒާއިންއަށް ލުއި ގޮތަކަށް ހީލެވުނެވެ. ހިތަށްލިބިގެންދިޔަ ހަމަޖެހުމަކުން ޒާއިންއަަށް ދެލޯމަރައިލަމުން ޓީޝާޓުގައި ލަމްޔާގެ ކަރުނުން ތެމިފައިވި ހިސާބުގައި ފިރުމައިލެވުނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nau

Level 910 Stories100 Comments500 Comments100 Stories100 Login1K Comments

A girl who loves reading and writing stories. My dream has always been to become a successful story writer. In Sha Allah. ❤

Other Articles

Previous

އެ ހުވަފެން-10

Next

ހިތުގައި ވޭ ތިޔަ ނަން…6

Next
September 24, 2022

ހިތުގައި ވޭ ތިޔަ ނަން…6

Previews
September 22, 2022

އެ ހުވަފެން-10



All Right Reserved!