އާނިމް ދޮރުމައްޗަށް ނިކުތްއިރު އޭނާގެ ރަހުމަތްތެރިން ޕުރައިވެޓް ސްޕޯޓު ކާރެއްގައި އޭނާ ބަލާއައިސް ތިއްބެވެ. “ވާވް ގަދަ އިނގޭ!” ކާރު ފެނުމުން އޭގައި ޖަހާލުމަށްފަހު، އާނިމް އެއަށް އަރަމުން ބުނެލިއެވެ. “ކަލޭވާ ދިއުޅި ދިގުއިނގޭ!…މިތިބަ ރަފާ އާ ނަދާއަށްވުރެވެސް ކަލޭ ގިނައިރު ނަގައިފި!” އާނިމް ކާރަށް އެރުމުން ، ދުއްވަން އިން ކާރުގެ ވެރިޔާ ހައްމާދު ބުނެލިއެވެ.
ބުރޯ ހަމަޖެހިބޭ…ލަސްވުމުން އޭގެ ފައިދާވެސް ވެއްޖެއްޔޭ!” އެހެންބުނެ ވޮލެޓުނަގާ ރުފިޔާތައް ދައްކާލަމުން އާނިމް ހިނިއައިސްފައި ބުނެލިއެވެ. އާނިމް އަތުގައި ހުރި ގިނަ އަދަދުގެ” ފައިސާ ފެނުމާއެކު އޭނާގެ އެކުވެރިންވެސް ދިޔައީ ހައިރާންވެގެންނެވެ. “ބުރޯ ކޮންތާކުން ހޯދި ބައިވަރު ފައިސާތަކެއް؟….ބުރޯ ބުނީމެއްނު ބުރޯ މަންމަ އަތުން ފައިސާ ހޯދަނީ ވަރަށް ހާލުންނޭ…ރުފިޔާ ދިނަސް ބޭކާރު އަނގަތަކެއް ތަޅާފައޭ ދެނީ” އާނިމް އޭނާގެ މަންމަގެ ވާހަކަ ރަހުމަތްތެރިން ގާތު ބުނެފައިވާތީ އެމީހުން އަހާލިއެވެ. “އާނ މުސްކުޅިވީމަ އަނގަ ގަދަވާނެއެއްނު…އަދިވެސް ބޭުނުންވަނީ އެންމެ ތުއްތު ބޭބީއިން އުޅޭހެން މަގެންގުޅެން…މިއަދުވެސް އަނގަތަކެއް ތަޅާލި ނުދޭން ހިފަހައްޓާލީމަ ލަސްވީ…މަ އެންމެފަހުން ގަދަކަމުން ރުފިޔާ ދަބަސް އަތުލައިގެން މިއައީ…ހުރިހާ ރުފިޔާއެއް ހިފައިގެން..އާނ ދެން ވަކިވަރަކަށްދޯ ކެތްވާނީ މަންމައަަކަސް” އާނިމް ބުނެލީ އޭނާ ކުރިކަންތަކަށް ފަޚުރުވެރިވާ ހާލުގައެވެ
އާނ ރަނގަޅަށް ތިހެދީ…އެހެންނޫނަސް ތީ އާނިމްގެ ބައްޕަގެ ރުފިޔާތަކެއްނު..އެހެންވީމަ އޭގެ ބޭނުން އާނިމަށްވެސް ކުރެވޭނެ ނޫންތަ؟” ނަދާ ބުނެލިއެވެ .”އާނ އަހަރެންވެސް ެއެހެންނޭ ބުނީ ބައްޕަގެ އެއްޗެއްވީމަ މަށަށްވެސް ވާންޖެހޭނެ ނޫންހޭ” އާނިމް ބުނެލިއެެވެ. “މަ މީ އާނިމް ނަމަ އެގޭގަ އެންމެ ހިނދުކޮޅަކުވެސް ކެތެއްނުވާނެ..އެފާޑަށާް ވައްވައްޖަހާ އަމިއްލަ މިނިވަންކަމާ ބެހެންޏާ ހާދަ ފޫއްސެއްވާނޭ” ދައްކަމުންދާ ވާހަކަތައް އަޑުއަހަން އިން ރަފާ ބުނެލިއެވެ. “އޯކޭ އެހެންވީމަ މިފަހަރު އާނިމްގެ ޚަރަދުގަ އަހަރުމެން އެންޖޯއީ ކުރާނީ…އަހަރުންވެސް ކޮންމެވެސް ވަރެއް ދޭނަން..” ހައްމާދު ބުނެލިއެވެ
“މައްސަލައެއް ނޯންނާނެ…ތިންދުވަހުގެ މަޖާ ހަފްތާއަކަށް ހަދަންވީނު އަހަރެން ހަރަދު ދޭނަން..އާނ މިހެން ރުފިޔާގަނޑެއް އަތަކު ނުޖެހޭނެ އަބަދަކުއެއް…ލިބޭ ފަހަރުވާނެ އޭގެ ބޭނުން ރަނގަޅަށް ކޮށްލަން” އާނިމް ހަމަޖެހިލާފައި ބުނެލިއެވެ. ވާހަކަދެއްކުމަށްފަހު އެމީހުން ކާރު ނައްޓާލީ ދަތުރުގެ ބޮޑުބައި އާނިމްގެ ހަރަދުގައި ގެންދިއުމަށެވެ. “މީތަ ތިބި މީހުންނަކީ އަހަރުން ހަތަރުމީހުންތަ؟” ކާރު ދުއްވާލުމުން އޭގައި ހަމަޖެހިލައިގެން އިށީންދެލަމުން އާނިމް އަހާލިއެވެ. “ނޫނޭ ދެން ތިބީ ޝަހާއާ އިކުރާމާ ހަފްޒާއެއްނު…އެމީހުންއެބަތިބި ފުރަން ބަނދަރުމަތީގަ އަހަރުންގެ އިންތިޒާރުގަ” ހައްމާދު ބުނެލިއެވެ ”
ކީއްވެ ޝަހާ ނައީ މިކާރުގަ؟ “އާނިމް އަހާލިއެވެ “އޭނަ ބޭނުންވީ އިކޫއާ އެކު އަންނަން…އޯކޭ ވާނެއެއްނު ބަދަރުމައްޗަށް ވަކިވަކިން ތިމީހުން ދިޔަސް…ކަލޭގެ ލޯބިވާ ޝަހާ އެމީހުން ކައެއް ނުލާނޭ ހަމަޖެހިބޭ” ހައްމާދު ބުނެލީ ސަމާސާ ރާގަކަށެވެ.ހައްމާދު އެހެންބުނުމުން އާނިމާ ދެންތިބިމީހުން ހޭންފެށިއެވެ
*************
ކޮޓަރިތެރޭގައި ބަންދުވެފައިވާ ޚަދީޖާ ، އާނިމަށް ގޮވާ ގޮވާ ވަރުބަލިވިއިރުވެސް އެދޮރު ނުހުޅުވުމުން ، އާނިމް ދިޔައީކަން އޭނާއަށް އެނގުނެވެ.ވެފައިވާ ވަރުބަލިން ޚަދީޖާ އެނދުގައި އިށީންދެލިއެވެ.މިއަދު އޭނާއަށްވަނީ ދުވަހަކުވެސް ކުރިމަތިލާން ޖެހިފައި ނުވާހާ ބޮޑުާ ހިތާމައަކާ ކުރިމަތިލާން ޖެހިފައެވެ.އެހިތުގައި ވަނީ ވޭނީ ރިހުން އުފައްދާލާފައެވެ. ވަރުބަލި ފިލުވާލަން އެނދުގައި އިން ޚަދީޖާއަށް އޭނާގެ އެނދުގެ ބޯލާކޮޅާ ދިމާލުގައި އިން ކުޑަ ކަބަޑުމަތީގައިވާ ފަސްލީޓަރުގެ ފެންފުޅި ފެނުނެވެ.ކަރުތެރެ ހިކިފައިވުމުން، ކަރު ތެންމާލުމަށްޓަކާ މެދުން ތިރިއަށް ގޮސްފައިވާ އެފެންފުޅި ނަގާ އޭގެން ކޯވަރެއް ޚަދީޖާ ބޯލިއެވެ.
ވަރުބަލި ފިލުވަން އިން އިރުވެސް ޚަދީޖާއަށް ކުރެވެނީ އާނިމްގެ ޚިޔާލެވެ.މައިމީހާއަށް އިހާނެތިކޮށް ހިތަން އޭނާގެ ދަރިފުޅުގެ ހިތް އެހާ ހަރުވީ ކޮންއިރަކުތޯ އަމިއްލަ ނަފަްސާ ޚަދީޖާ ސުވާލުކޮށްލިއެވެ.ގޭގައި ހުރި ހުރިހާ ރުފިޔާތަކެއް ހިފައިގެން އާނިމް ދިއުމުން، ޚަދީޖާ އަތުގައި މިހާރު އެންމެ ރުފިޔާއެއްވެސް ނެތެވެ.އެހެންކަމުން އެރުފިޔާތައް އާނިމް ހުސްނުކޮށްލާތޯ ޚަދީޖާ ހިތާހިތުން ދުއާކޮށްލިއެވެ.ވަގުތުކޮޅަކު އެނދުގައި އިނުމަށްފަހު އަލަމާރިއާ ދިމާލަށް ޚަދީޖާ ދިޔައެވެ.އަދި ފޮޓޯއަޅާ އަލްބަމް ނަގާ ހުޅުވާލުމަށްފަހު އެނދުގައި އަނެއްކާވެސް އިށީނދެލިއެވެ.ފަހަރަކު ފޮޓޯއެއް ބަލަމުން ޚަދީޖާ ގެންދިޔައެވެ.ފޮޓޯތަކަށް ބަލަމުންދިޔަ ޚަދީގެ ދެލޯ ކަރުނައިން ތެންމާލިއެވެ.އޭގައިވާ އާނިމްގެ ކުޑައިރުގެ ފޮޓޯތައް ފެނުމުންެނެވެ.އެމައުސޫމު ތުުއްތު މޫނައި ދެލޮލަށް ބަލަހައްޓައިގެން ޚަދީޖާއަށް ވަރަށް އިރު އިނދެވުނެވެ.އޭނާގެ އެމަައުސޫމު ތުއްތު ދަރިފުޅު މިއަދު އެވަނީ ވިޔާނުދާ މަގުން އަޅާފައެވެ.އެކަމާ ވިސްނިވަރަކަށް ޚަދީޖާއަށް ދިޔައީ އިތުރަށް ރޮވެމުންނެވެ
ފަހަރަކު ފޮޓޯއެއް ބަލަމުން ގޮސް އެންމެ ފަހު ދެތިން ގަނޑާ ހަމައަށަް ދެވުނު ވަގުތު، ޚަދީޖާގެ ރުއިން ކުއްލިއަކަށް ގަދަވެގެންދިޔައެވެ.އެއީ އޭނާއާ އޭނާގެ ލޯބިވާ ފިރިމީހާ ނަގައިފައިވާ އެމީހުންގެ ކައިވެނީގެ ކުރީކޮޅުގެ ފޮޓޯތަކެވެ.އެމީހުންގެ ޅައިރުގެ ފޮޓޯތަކެވެ.ޚަދީޖާ އޭނާގެ ފިރިމީހާގެ ފޮޓޯއަަށް ކަރުނުން ފުރިގެންވާ ހާލު ވަރަށް ރަނގަޅަށް ބަލާލިއެވެ.އަދި މަޑުމަޑުން އެފޮޓޯގައި އަތް ބީއްސާލިއެވެ. “އަހަންނަށް މާފުކުރޭ…އަހަރެމެންގެ ހިތުގެ ފިނިކަން ކަމުގަވާ އާނިމްވަނީ މިހާރު ވިޔާނުދާ މަގުންގޮސް ހުސްވެފަ…އަހަންނަށް އޭނާ އިސްލާހެއް ނުކުރެވުނު…އަހަންނަށް މާފުކުރޭ!” ފޮޓޯގަނޑަށް ބަލަންއިނދެ ޚަދީޖާ ބުނެލިއެވެ
************
އެތައް އިރަކު ފޮޓޯ އަލްބަމު އަތަށް ލައިގެން އޭގައިވާ ފޮޓޯތަކަށް ބަލަން ޚަދީޖާ އިނެވެ.އެގޮތުގައި އިނުމަށްފަހު، އަލްބަމް އަނެއްކާވެސް އަލަމާރިއަށް ޚަދީޖާ ލިއެވެ.އަދި އޭނާގެ ފޯނު އޮތްތޯ ލައިގެންހުރި ހެދުމުގެ ދެފަރާތު ޖީބުގައި އަތްޖަހާލިއެވެ.ފޯނު ޖީބުގައި ނެތުމުން އެނދުމައްޗާއި ކުޑަ ކަބަދުމަތި ޚަދީޖާ ބަލައިލިއެވެ.ނަމަވެސް އެތާކުވެސް ފޯނު ނެތުމުން، ފޯނުވާނީ ސިޓިންރޫމުގައިކަން ޚަދީޖާއަށް ޔަގީންވިއެވެ.އެހެންކަމުން ހަދާނެގޮތެއް ނޭނގިފައި ޚަދީޖާއަށް އިނދެވުނެވެ.ފޯނު އޮްތްނަމަ ގޭގައި ކުއްޔަށް އުޅޭ މީހަކަށް ގުޅައިގެން ނަމަވެސް ޚަދީޖާ އުޅުނީ ކޮޓަރި ދޮރުހުޅުވޭތޯއެވެ.ވިސްނަން އިނުމަށްފަހު އަނެއްކާވެސް ދޮރާ ދިމާއަށް ޚަދީޖާ ދިޔައެވެ.އަދި އެދޮރު ހުޅުވޭތޯ މަސައްކަތް ކޮށްލިއެވެ.ނަމަވެސް ޚަދީޖާއަކީ ގައިބާރު ދެރަވެފައިވާ މުސްކުޅިއެއް ކަމުން، ވަރުބަލިވިއިރުވެސް އޭނާއަށް އެދޮރެއް ނުހުޅުވުނެވެ.އަތުގައިވެސް ކޮޓަރީގެ އިތުރު ތަޅުދަނޑިއެއް ނެތުމުންނާއިއެކު، ދެން ހަދާނެގޮތަކާމެދު ވިސްނަން ޚަދީޖާ ހުއްޓެވެ.އާނިމް ކޮޓަރިއަށް ވަދެދާނެތީ ކޮޓަރީގެ ހުރިހާ ތަޅުދަނޑިއެއްވެސް ޚަދީޖާ ހުންނަނީ އެއް ފައްޗަކަށް އަމުނާފައެވެ.އާނިމް ދަމުންދިޔައީ ކޮޓަރި ބޭރުން ތަޅުލުމަށްފަހު ، އެތަޅުދަނޑިފަތި ކޮޓަރިން ބޭރުން ތަޅަށް ޖަހާފައެެވެ.އެހެންކަމުން ޚަދީޖާއަށް ތަޅުހުޅުވޭނެ އެއްވެސްގޮތެއް ހިޔާލަކަށް ނައެވެ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.





