Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތިޔަ ލޯބީގައި…14

Nau Level 910 Stories100 Comments500 Comments100 Stories100 Login1K Comments
September 19, 2022 12 Mins Read
0 Comments

“ލޯބި.. އަހަރެންނަަށް ލޯބި ވެވިއްޖެ.. އާން.. އަހަރެންނަށް ހަގީގަތުގައިވެސް ނުހައިކްދެކެ ލޯބި ވެވިއްޖެ..” ލަދުވެތި އިހުސާސުތަކެއް ވެރިވަމުންދިޔަ ޝަޔަމްގެ ޟަމީރުގެއަޑު އޭނާގެ ކަންފަތްބުޑުގައި ގުގުމައިގެން ދިޔައެވެ. ތުންފަތުގައި ދަތްއަޅައިލި ޝަޔަމް ނުހައިކްއާއި ގާތްވެލުމަށްފަހު އޭނާގެ ކޯތާފަތުގައި ބޮސްދިނެވެ. “އައި ލަވް ޔޫ ނުހައިކް.. އައި ލަވް ޔޫ ސޯ މަޗް..” އެހިދު އަމިއްލަ އިޚުތިޔާރުން ބޭރުގައި ޝަޔަމްގެ ދެތުންފަތް ދެމެދުން އެހިތުގެ ސިއްރު ފައުޅުވެގެންދިޔައެވެ.

އިރުކޮޅަކު ނުހައިކްއަށް ބަލަން އިނުމަަށްފަހު ޝަޔަމް އޭނާ ލައިގެންއިން ކޯޓު ބައިލަމުން ދެމީހުންގެ ގައި ނިވައިވާނެހެން އެކޯޓު އަޅައިލިއެވެ. އަދި ފާރުގައި ބޯޖައްސައިލަމުން ދެލޯމަރައިލީ ހިނިތުންވެފައި އިނދެއެވެ. އޭނާއަަށްވެސް ހަޔާތުގައި ފުރަތަމަ ފަހަރަށް ލޯބި ވެވިއްޖެއެވެ. އެއިހުސާސުގައި ހުންނަ ފޮނިމީރުކަން މިއަދު ޝަޔަމްއަށްވެސް އެނގިއްޖެއެވެ. ކޮންމެ ހާލަކުން ނަމަވެސް ނުހައިކްގެ ހިތް ކާމިޔާބުކުރުމަަށް ޝަޔަމްގެ ނަފުސު ގޮވައިލިއެވެ.

އުނދަގޫ ގޮތަކަށް އެސްފިޔަތައް ތަޅުވައިލަމުން ނުހައިކް ދެލޯ ހުޅުވައިލިއެވެ. ނިދީގެ އަސަރު ލޮލުން ފިލުވައިލުމަަށްޓަކައި ދެލޮލުގައި އަތް ހާކައިލަމުން ނުހައިކް ވަށައިގެން ނަޒަރު ހިންގައިލިއެވެ. އެވަގުތު އޭނާގެ ގައިމަތީގައި އަޅައިފައިއޮތް ކޯޓާއި އޭނާގެ ވައަތްފަރާތު ފާރުގައި ބޯޖައްސައިލައިގެން ނިދިފައިއިން ޝަޔަމް އަޅައިގަތެވެ. ޝަޔަމް އެތަނަަށް އައި އިރަކާއިމެދުގައި ސުވާލު އުފެދިފައި އިނދެ ނުހައިކް އޭނާގެ އަތުކުރީގައި އޮތް ގަޑިއަަށް ބަލައިލިއެވެ. ފަތިހު 5 ޖަހައިބޮޑުވެފައިހުރިތަން ފެނުމުން ހޭވިފައިވި އިސްތަށިގަނޑުގައި އަތްހިންގައިލުމަށްފަހު އަވަސް އަވަހަަށް ޝަޔަމް ހޭލައްވަން އުޅެގަތެވެ. އެމީހުން އެތަނުގައި ތިއްބައި ބަޔަކަށް ނުފެންނަ ކަމެއްވެސް ނޭނގެއެވެ. ނުހައިކް އެތަނުގައި އިނށީދެ އިނީ ޝަޔަމް އާއި މެދުގައި ވިސްނައިފައި އޭނާ އެކަނި ދޫކޮށްލައިފައިގޮސް ކޮޓަރީގައި އޮންނަން ނުކެރިގެންނެވެ. އެއްގޮތަކަަށްވެސް ޝަޔަމް ނުކުމެ އޭނާގެ ގާތުގައި އިނދެފާނެކަމަަށް ނުހައިކް ހީކޮށްފައެއްނެތެވެ.

ޝަޔަމް އަަށް ގޮވައިލުމަަށްޓަކައި އޭނާ އާއި ދިމާއަށް އެނބުރިލި ނުހައިކްއަށް ހިނިތުންވެލެވުނީ ނިދީގައިއިނދެ ޝަޔަމްވެސް މައުސޫމު ގޮތަކަށް ހިނިތުންވެލިތަން ފެނިފައެވެ. ޝަޔަމްގެ މޫނަށް ބަލަންއިނުމަށްފަހު ޝަޔަމްގެ ނަމުން ނުހައިކް ގޮވައިލިއެވެ. އެހެނަސް ޝަޔަމްއަށް އެއްވެސް ހިލަމެއްވީހެނެއް ހިއެއްނުވެއެވެ.

“ނުހައިކް.. ވަރަށް ލޯބިވޭ… ޕްލީޒް.. އަހަރެން ދޫކޮށްފަ ނުދައްޗޭ..” ޝަޔަމްގެ ކޮނޑުގައި ނުހައިކް އަތްޖައްސައިލި ވަގުތު އެއަތުގައި ހިފަމުން ނިދިފައިއިން ޝަޔަމް ދެރަވެލައިފައި ބުނެލިއެވެ. އިވުނު ބަސްތަކުން ނުހައިކް ގަނޑުވާގޮތްވިއެވެ. ދެލޯބޮޑުކޮށްލަމުން ނުހައިކްއަށް ހިންދިރުވައިލެވުނެވެ. ޝަޔަމް ހަގީގަތުގައިވެސް އޭނާ ދެކެ ލޯބިވެދާނެ ހެއްޔެވެ؟ ގަބޫލުކުރަން ކިތަންމެ ދަތިވިއަސް ނުހައިކްގެ ހިތަށް ޝަޔަމްގެ ބަސްތަކުން ހަމަޖެހުން ލިބިގެންދިޔައެވެ. ބޭއިޚްތިޔާރުގައި އޭނާއަަށް ހިނިތުންވަމުން އަމިއްލަ މޭގައި އަތުން ފިރުމައިލެވުނެވެ. އެހެނަސް… ޝަޔަމް އާއި އޭނާ އާއި ދެމެދުގައިވި ފަރަޤު ހިތަަށްއަރައި އިސްޖަހައިލެވުނެވެ. އޭނާފަދަ ޒުވާނަކާއި ޝަޔަމް އެކަށީގެނެއް ނުވެއޭ ހީވެ ތުންފިއްތައިލެވުނެވެ. ނަމަވެސް ލޯތްބަކީ އެފަދަ ފަރަގުތައް ދަންނަ އެއްޗެއް ނޫނެވެ. ލޯބި ކަނު އެއްޗަކަށްވަނީ އެހެންވެ ނޫންހެއްޔެވެ.

ފުންނޭވާއެއްލަމުން ނުހައިކް ޝަޔަމްގެ ކޮނޑުގައި ކޮށްޓައިލަމުން ގޮވައިލިއެވެ. އެއަޑަށް ސިހިފައި ދެލޯ ހުޅުވައިލި ޝަޔަމް ފުންމައިގެން ތެދުވިއެވެ. ދެލޯ ބޮޑުކޮށްގެން ނުހައިކްއަށް ބަލަންހުރި އިރު އޭނާގެ ދޮންމޫނު ރަތްވަމުންދިޔައީ ގަނެފައިވާ ލަދެއްގެ ސަބަބުންނެވެ. އެފަދަ ގޮތަކަށް ނުހައިކްއަށް ފެނިދާނެކަމަށް އޭނާ ހިއެއްނުކުރެއެވެ.

“ސޮރީ..” އިސްތަށިގަނޑު ރީތިކޮށްލަމުން އިސްޖެހިފައިއިން ޝަޔަމް ބުނެލިއެވެ.

“ސޮރީ ބުނާވަރު ކަމެއް ނުވެއެއްނު.” އަތުގައިއޮތް ކޯޓު ޝަޔަމްއަށް ދިއްކޮށްލަމުން ނުހައިކް ބުނެލިއެވެ. ވަކި އެއްޗެކޭ ނުބުނެ ޝަޔަމް ކޯޓުގައި ހިފިއެވެ. “އާރ ޔޫ އޯކޭ ޝަޔަމް؟” ޝަޔަމްގެ ހަރަކާތްތަކަށް ފަރުވާތެރިވެ ބަލަންހުރި ނުހައިކް އަހައިލީ ކަންބޮޑުވެފައި ހުރެއެވެ. މަޑުމަޑުން ބޯޖަހައިލަމުން ޝަޔަމް އޭނާގެ ކޮޓަރިއަށް މިސްރާބެޖެހިއެވެ. ތަންކޮޅަކަށް ގޮސްފައި މަޑުޖެހިލަމުން އެނބުރި ނުހައިކްއަށް އޭނާ ބަލައިލިއެވެ.

“ނުހައިކް ތިދަނީ ނިދަންތަ؟” ކޯޓާއި އަތުން ކުޅެމުން ޝަޔަމް އަހައިލިއެވެ. ޖަވާބުގައި ނުހައިކް ދެފަރާތަށް ބޯހޫރުވައިލިއެވެ.

“އެހެންވީއިރު އަހަރެންނާއެކު ހެނދުނުގެ ނާސްތާގަ ބައިވެރިވާންވީނު.” ހަމަޖެހޭގޮތް ދައްކަމުން ޝަޔަމް ނުހައިކްއަށް ބަލައިލިއެވެ. ދެންވެސް ނުހައިކް އެއްބަސްވުމުގެ ގޮތުން ބޯޖަހައިލިއެވެ. “އޯކޭ.. ފްރެޝްވެލައިގެން ހަތެއް ޖަހަންވާއިރަށް ނުކުމޭ..” ގަޑި ބުނެލުމަށްފަހު ޝަޔަމް ގޮސް އޭނާގެ ކޮޓަރިއަަށްވަނެވެ.

ފެންވަރައިލައިގެން ނުކުމެ ނަމާދުކޮށް ހަދައިގެން ލޯގަނޑު ކުރިމަތީގައި ތައްޔާރުވާންހުރިއިރު އޭނާގެ ކަންފަތްބުޑުގައި އިރުއިރުކޮޅާ ޝަޔަމް ބުނެލި ބަސްތައް ތަކުރާރުވަމުންދިޔަކަހަލައެވެ. ޝަޔަމްގެ ދުލުން އޭނާދެކެ ލޯބިވާކަން ހާމަކުރިއިރު ނުހައިކްގެ ހިތުގެ ހާލަކީވެސް އެއީއެވެ. ޝަޔަމްއަށް އެކަން އަންގަން ޚުދު ނުހައިކްވެސް ބޭނުންވެއެވެ. ނަމަވެސް ޖެހިލުންވަނީ ކީއްވެގެންކަމެއް ޚުދު އޭނާއަށްވެސް ބުނެދޭކަށް ނޭނގެއެވެ.

އެކި ކަންކަމާއި މެދުގައި ފިކުރުހިންގަމުން ނުހައިކް ތައްޔާރުވެ ނިންމައިލިއެވެ. އަދި ދޮރުހުޅުވައިލަމުން ކޮޓަރިން ނުކުތެވެ. އޭރު އޭނާގެ އިންތިޒާރުގައި ޝަޔަމް ވެސް އޭނާގެ ކޮޓަރީގެ ދޮރުމަތީގައި ހުއްޓެވެ.

ހޮޓެލުގެ އެންމެ ތިރީބައިގައި ހުންނަ ރެސްޓޯރެންޓުން ސައި ބޮއެގެން ދެމީހުން އެކުގައި ބޭރަށް ނުކުތްއިރު ޝަޔަމްގެ ކާރު ހޮޓެލް ކުރިމަތީގައި އޮތެވެ.

“ތަނަކަށް ދާންތަ ޝަޔަމް ތިއުޅެނީ؟” ހައިރާންވެފައި ނުހައިކް އަހައިލިއެވެ. “އަހަރެން އެކަންޏެއްނޫން.. ނުހައިކްވެސް..” ނުހައިކްއަަށް ބަލަންހުރި ޝަޔަމް ބުނެލިއެވެ. އަދި އަންނާށޭ ބުނެލަމުން ކާރާއި ދިމާއަށް ހިނގައިގަތެވެ.

“ކޮންތާކަށް މިދަނީ؟” ޝަޔަމް އާއި ޖެހިގެން ކުރީ ސީޓަަށް އަރައި ހަމަޖެހިލަމުން ނުހައިކް އަހައިލިއެވެ. “ދިޔައީމަ އެނގޭނެ.” ކާރު ސްޓާރޓް ކޮށްލަމުން ޝަޔަމް ބުނެލީ ހަމަޖެހިލައިފައި އިނދެއެވެ. ޑްރައިވަރަކާއި ނުލާ މިނޫނީ ޝަޔަމް އަމިއްލައަށް ކާރު ދުއްވަނިކޮށް ނުހައިކް ނުދެކެއެވެ.

ކާރުގައި ޝަޔަމް އައިސް މަޑުކޮށްލީ ބޮޑު ފިހާރައެއް ކުރިމައްޗަށެވެ. ނުހައިކްގެ ހައިރާންކަން އިތުރުވެގެން ދިޔައީ ޖަހައިފައިހުރި ބޮޑެތި ބިއްލޫރިތަކުގެ ތެރެއިން އެފިހާރައިން ވިއްކަންހުރި އެކިކަހަލަ ސާމާނުތައް ފެނިފައެވެ. މުސްލިމް އަންހެންކުދިން ލާފަދަ އެކި ޑިސައިންސްގެ އަބާޔާތަކަަށް ހުއްޓުންއަރައިފައި ބަލަހައްޓައިގެން ނުހައިކް ހުންނަން ފެށުމުން ޝަޔަމް އޭނާއަށް ގޮވައިލިއެވެ. އަދި ޝަޔަމްއާއި އެއްކޮށް އައުމަށް ބުނަމުން ކާރުން ފައިބައި އެފިހާރައާއި ދިމާއަށް ހިނގައިގަތެވެ.

ޝަޔަމްގެ ފަހަތުން ވަދެގެންދިޔަ ނުހައިކް ވަށައިގެން ނަޒަރު ހިންގަމުން ދިޔައެވެ. ނުހައިކް ސުވާލު އުފެދިފައިހުރީ އެފަދަ ފިހާރައަކަށް ޝަޔަމް އޭނާ ގޮވައިގެން އައުމުންނެވެ. ހަމަ ޔަގީނުންވެސް ޝަޔަމްއަކީ އެފަދަ ހެދުން ލައި އުޅޭ ކުއްޖެއްްނޫވިއްޔާއެވެ.

ޚިޔާލުގެ ކަނޑަކަށް ޣަރަގުވަމުންދިޔަ ނުހައިކް ސިހިފައި ބަލައިލީ ޝަޔަމް އޭނާގެ އަތުގައި ހިފައިލަމުން ކުރިމަތީގައިހުރި ހަރުގަނޑެއްގައި އަޅުވައިފައިހުރި ކަޅުކުލައިގެ ދޫ އަބާޔާއެއް ދައްކައިލުމުންނެވެ.

“މިހެދުން ނުހައިކްގެ ކޮއްކޮ އަަށް ހެޔޮވަރުވާނެތަ؟” އޭގެއަަށް ޝައުގުވެރިކަމާއެކު ބަލަންހުރެ ޝަޔަމް އަހައިލިއެވެ. ސުވާލުގެ ނަޒަރަކުން އެއްޗެއް ނުބުނެ ނުހައިކް ބަލަން ހުންނަން ފެށުމުން ޝަޔަމް އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ.

“ރޭގަ.. އަސްލު.. އަހަރެންނަށް ކަމެއްނުވެ ސަލާމަތްވީ ނުހައިކްގެ ސަބަބުން.. އެކަމަށް އަހަރެން ޝުކުރުވެރިވަން.. ނުހައިކް ގެންގުޅުނު ކޮތަޅު ފެނުނީމަ އެނގުނު ނުހައިކް އުޅުނީ ވިޔަފާރިކުރަންކަން.. އަދި އަހަރެންނަށްދިން ޝޯލް އެއީ ނުހައިކްގެ މަންމަ ނޫނީ ކޮއްކޮއަށް ގަތް އެއްޗެއްކަން.. އެކަމު ބޮޑަށް ހިތަށްއެރީ ނުހައިކްގެ ކޮއްކޮއޭ އެފަދަ އެއްޗެހި ބޭނުންކުރާނީ.. އަހަރެންގެ ސަބަބުން އެޝޯލް ހަޑިވީ.. އެހެންވެ އަހަރެން ހިތަށްއެރީ އަހަރެންގެ ފަރާތުން ހަދިޔާއެއްދޭނީއޭ..” ހެދުންތަކުގައި އަތްހާކައި ބަލަމުންދިޔަ ޝަޔަމް ބުނެލިއެވެ.

“އިޓްސް އޯކޭ.. ޝަޔަމް ބަދަލުގަ އެއްޗެއް ނުދިނަސް ރަނގަޅުވާނެ..” މަަޑުމަޑުން ނުހައިކް ބުނެލިއެވެ.

“ކީއްވެ؟ އަހަރެން ދޭ ހަދިޔާއެއް ގަބޫލުކުރުންވެސް ނުހައިކްއަށް މަނަލީތަ؟” މާޔޫސްކަން ވެރިވެގެންދިޔަ ޝަޔަމް އަހައިލިއެވެ.

“ނޫން.. އެހެނެއްނޫން.. އެއީ.. އެއީ އަހަރެން ތިމާނައިގަ ޝަޔަމްއަށް ކޮށްދިން ކަމެއްނޫން.. ބަދަލުގަ އެއްވެސް އެއްޗެއް ބޭނުމެއްނޫން..” ޝަޔަމްގެ ކުށްހީ ފިލުވައިލުމުގެ ގޮތުން ނުހައިކް އަވަސް އަވަހަށް ބުނެލިއެވެ.

“އަހަރެން ހެޔޮހިތުން އެއްޗެއްދޭން މިއުޅެނީ.. އެހެންނޫނަސް މީހަކު ހަދިޔާއެއްދިނީމަ އެކަން ގަބޫލުކުރުމެއްނޫންތަ އެންމެ ރީތި ގޮތަކީ..” ފަނޑު ހިނިތުންވުމަކާއެކު ނުހައިކްގެ މޫނަށް ބަލައިލަމުން ޝަޔަމް ބުނެލިއެވެ. ނުހައިކްވެސް ބޯޖަހައިލީ އިތުރަށް ޝަޔަމްއާއި ދެކޮޅުވެރިވާން ބޭނުންނުވުމުންނެވެ.

ނުހައިކްގެ އެހީއާއި އެކު ޝަޔަމް އެތަނުން އޭނާއަށް ކަމުދިޔަ ހެދުމެއް ނެގިއެވެ. އެހުރިހައިވަގުތު އެތަނުގައި އުޅުނުއިރު އެހެދުންތަކަށް އޭނާގެ ސަމާލުކަން ހުއްޓޭގޮތްވިއެވެ. އަދި އެތަނުގައި ބުރުގާ އަޅައިގެންތިބެ ހަރަކާތްތެރިވަމުންދިޔަ އެކި އަންހެނުންނަަށްވެސް ޝައުގުވެރިކަމާއެކު ޝަޔަމް ބަލަމުންދިޔައެވެ. އެމީހުން ހެދުން އަޅައިފައިތިބިގޮތް އޭނާއަށް ކަމުދާންވީ ސަބަބެއް ޝަޔަމްއަކަަށް ނޭނގުނެވެ. އަމިއްލަ ނަފުސަަށް ބަލައިލުމުން ނޭނގޭ ހުސްކަމެއް އޭނާއަށް އިހުސާސު ކުރެވުނެވެ. އޭނާ ލައިގެންހުރި ހެދުމާއި އެހެދުންތަކާއި އަޅައިކިޔައިލެވުނެވެ. ލަދުވެތި އިހުސާސަކުން ނަފުސު ބަނދެވިގެން ދިޔައިރު ފުރަތަމަ ފަހަރަށް އޭނާ ލައިގެންހުރި ހެދުމާއި މެދުގައި ޝަޔަމްއަަށް ވިސްނައިލެވުނެވެ. އެހިނދު ރޭގެ ހާދިސާތަކާއި މައިކްގެ ދުލުން އޭނާއާއި ދިމާއަަށް ބޭރުވެގެންދިޔަ ބަސްތަކާއި މެދުގައި ޝަޔަމްއަށް ފުންކޮށް ވިސްނައިލެވުނެވެ.

ތުންފިއްތައިލި ޝަޔަމް ލަސްލަހުން އޭނާގެ ގާތުގައިހުރި ނުހައިކްއަށް ބަލައިލިއެވެ. އޭރު ނުހައިކްވެސް ހުރީ ޝަޔަމްއަށް ބަލަހައްޓައިގެންކަމުން ދެމީހުންގެ ނަޒަރު ސީދާވެގެންދިޔައެވެ. ދެހިތުގެ ވިންދު އަވަސްވެގެންދިޔަހިނދު ޝަޔަމް އަވަސް އަވަހަށް އިސްޖަހައިލީ އޭނާގެ މޫނުމައްޗަށް އަރައިފައިބަމުންދިޔަ ކުލަވަރު ސިއްރުކޮށްލުމުގެ ގޮތުންނެވެ.

“ޝަޔަމް ލަދުގަތީމަ ވަރަށް ލޯބި..” އަމިއްލަ އިޚުތިޔާރެއްނެތި ނުހައިކްގެ ދުލުން ބޭރުވި ޖުމުލައާއިއެކު އިސްއުފުލައިލަމުން ޝަޔަމް ނުހައިކްއަށް ބަލައިލިއެވެ. ބުނެވުނު އެެއްޗަކާއި މެދުގައި ނުހައިކްއަށްވެސް ވިސްނައިލެވުނީ ދެނެވެ. ނޫންކަމަށް ހަދައިފައި ނުހައިކް އެހެންދިމާއަކަށް ބަލައިލިއިރު އެބަސްތަކުން ޝަޔަމްގެ ހިތުގެ ތެޅުން އިހުނަށްވުރެ އަވަސްވެގެންދިޔައެވެ.

ވިޔަފާރިކޮށް ނިމިގެން ދެމީހުން އެފިހާރައިން ނުކުތްއިރު އެދެމެދަށްވަނީ ހަމަހިމޭންކަމެއް ވެރިވެފައެވެ. ދެމީހުންކުރެ އެކަކަށްވެސް ދައްކާނެ ވާހަކައެއް ނޭނގޭ ކަހަލައެވެ.

ކާރު ސްޓާރޓް ކޮށްލަމުން ޝަޔަމް ދުއްވައިލިއެވެ. އެއާއެކު މަަޑުމަޑުން ހުރި ނުހައިކް ޝަޔަމްއަަށް ބަލައިލިއެވެ. “ހިތްހަމަ ނުޖެހިފަތަ؟” ޝަޔަމްގެ މޫނަށް ބަލަހައްޓައިގެންއިނދެ ނުހައިކް އަހައިލިއެވެ. “ނޫން.. އަހަރެން ހިތްހަމަ ނުޖެހުނިއްޔާ ނުހައިކް ދެރަވާނެތަ؟” ކުރިމަތިން ފެންނަމުންދިޔަ ކާރޫ ބާރޫ ބޮޑުމަގަށް ނަޒަރު ސީދާކޮށްލައިގެންއިން ޝަޔަމް އަހައިލިއެވެ. ލުއި ހިނިތުންވުމަކާއެކު ނުހައިކް އާނއެކޭ ބުނެލުމާއެކު ޝަޔަމް ނުހައިކްއަށް ބަލައިލީ ތަފާތު ގޮތަކަށެވެ. ހީވާގޮތުން ނުހައިކްގެ ވާހަކަތަކުގައި ފޮރުވިފައިވި މާނަ ދެނެގަންނަން އޭނާ މަސައްކަތްކުރަނީއެވެ.

“ކޮންތާކަށް މިހާރު މިދަނީ؟” ނިތްއަރުވައިލި ނުހައިކް ސީޓުގައި ހަމަޖެހިލިއެވެ. “އަހަރެން ބުނީމެއްނު މިއަދު ނުހައިކްއަށް އަހަރެންގެ ސިޓީ ދައްކައިލަން ގެންދާނަމޭ..” ޝަޔަމްގެ އަޑުގައި އައު ޖޯޝެއް އެކުލެވިގެންދިޔައެވެ. ރޭގެ ހާދިސާއަށްފަހު ޝަޔަމް އެހައި ހަމަޖެހިފައިހުންނަން މަސައްކަތް ކުރަމުންދިޔައީތީ ނުހައިކްގެ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއްލިބިގެންދިޔައެވެ. އެއީ ޝަޔަމް އަށްވެސް ވަކި ފަސޭހަކަމެއްނޫންކަން އޭނާ އަށް ވިސްނެއެވެ. އެހެނަސް އޭނާ ހިތްވަރާއެކު އެކަންކަމާއި ކުރިމަތިލަމުންދިޔަގޮތް ނުހައިކްއަށް ކަމުދިޔައެވެ. ހިނިތުންވެލަމުން އަވަހަަށް އެކަމަށް އެއްބަސްވީ ޝަޔަމްގެ ފޯރިގެއްލޭފަދަކަމެއް ކުރަން ބޭނުންނުވުމުންނެވެ.

ނުހައިކް ގޮވައިގެން ޝަޔަމް އެކިތަންތަނަށް ދިޔައެވެ. އޭނާ ދިރިއުޅޭ ހިސާބުގައިހުރި މަޝްހޫރު އެތައްތަނެއް ނުހައިކްއަށް ދެއްކިއެވެ. އެފަދަ ތަންތަން އަލަށް ހަމަލޮލުން ދެކިލުމަށް ލިބުނު ނުހައިކްގެ ފަރާތުން ފެނިގެންދިޔަ ޝައުގުވެރިކަން ޝަޔަމްއަށް ފާހަގަވިއެވެ. ނުހައިކް އާއިއެކު އެފަދަ ވަގުތުތަކެއް ހޭދަކޮށްލަން ލިބުމުން ޝަޔަމް ހުރީ ނުހަނު އުފަލުންނެވެ.

މެންދުރުވުމުން ޝަޔަމް ނުހައިކް ގޮވައިގެން އަނބުރައި ހޮޓެލަށް އައީ ނުހައިކް އަކީ ގަވައިދުން ނަމާދުތައް ކުރާ މީހެއްކަން ދަންނާތީއެވެ. އޭނާގެ ސަބަބުން ނުހައިކްގެ އާއްމު ދިރިއުޅުމަށް އެއްވެސް ބަދަލެއް އަންނާކަށް ޝަޔަމް ނޭދެއެވެ. ޝަޔަމްގެ ސިކުނޑި ތެރޭގައި އެނބުރެމުންދިޔަ އެއްވެސް ޚިޔާލެއް ނުހައިކްއަކަށް ނޭނގެއެވެ. އޭނާ ހީކުރީ އެނބުރި ހޮޓެލަށް އައުމުން ޝަޔަމް މާބޮޑަށް ވަރުބަލިވީ ކަމަށެވެ. އެހެނަސް މެންދުރު ވަގުތަށް ހޮޓެލަށް އާދެވުނީތީ އޭނާ ހުރީ ހިތްހަމަޖެހިފައެވެ.

“އަދިވެސް ހުންނާނެ ބައިވަރު ތަންތަން.. އެކަމަކު ދެން ދާނީ މިރޭގެ ކެއުމަށްފަހު.. ރޭގަނޑު ލައިޓްތައް ދިއްލައިއަޅައިފައި އޮންނައިރު ވަރަށް ހިތްގައިމުވާނެ.” ހޮޓެލް ކުރިމަތީގައި ތިބެ ވާހަކަދައްކަމުން ޝަޔަމް ބުނެލިއެވެ. ލައިގެންހުރި ޖިންސްގެ ޖީބަށް އަތްކޮށްޕައިލި ނުހައިކް ބޯޖަހައިލީ ޝަޔަމްގެ ވާހަކައަށް އެއްބަސްވުމުގެ ގޮތުންނެވެ.

“ނުހައިކް ދޭ އަރާމުކޮށްލަން.. އަހަރެން މިދަނީ އަހަރެންގެ މަންމަ އާއި ބައްޕައާ ބައްދަލުކޮށްލަން.. މިފަރު މިކޮޅަށް އައިސް އަދި އެމީހުނާ ބައްދަލުކޮށްލަން ނުދެވޭ..” ނުހައިކްގެ ކުރިމަތީކަހަލަ ގޮތަކަށް ހުއްޓިހުރި ޝަޔަމް ބުނެލިއެވެ. އެންމެ ރަނގަޅޭ ނުހައިކް ބުނެލުމުން ޝަޔަމް އޭނާގެ އަތުގައިހުރި ކޮތަޅުތައް ނުހައިކްއަށް ދިއްކޮށްލިއެވެ. އަދި ފޯނު ނަގަމުން އޭނާގެ ޑްރައިވަރަށް ގުޅައިލިއެވެ. ޝަޔަމްގެ ކޯލާއެކު ހޮޓެލުގެ ލޮބީގައި މަޑުކޮށްގެންއިން އޭނާގެ ޑްރައިވަރު އަވަސް ހިނގުމެއްގައި އައިސް އެތަނަށް ހުއްޓުނެވެ. ނުހައިކްއަށް ފަނޑު ހިނިތުންވުމެއް ހަދިޔާކޮށްލަމުން ކާރާއި ދިމާއަށް ޝަޔަމް ހިނގައިގަތެވެ. އޭރު ކާރުގެ ފަހަތު ސީޓުގެ ދޮރު ހުޅުވައިލައިގެން އޭނާގެ އިންތިޒާރުގައި ޑްރައިވަރު ހުއްޓެވެ.

“ޕްލީޒް ބީ ސޭފް..” ޝަޔަމް އޭނާއަށް ފުރަގަސްދީ އެނބުރިލުމާއެކު ކުއްލިއަކަށް ކަންބޮޑުވެފައި ނުހައިކް އަށް ބުނެލެވުނެވެ. އެއަޑަށް ޝަޔަމް ނުހައިކްއަށް ބަލައިލިއެވެ. އެވަގުތުކޮޅު ޝަޔަމްގެ ތޫނު ދެލޮލުގެ ވިދުން ގަދަވެގެން ދިޔަހެން ނުހައިކްއަށް ހީވިއެވެ. މައުސޫމުގޮތަކަށް ބޯއަރިކޮށްލަމުން ނުހައިކްއަށް ބަލައިލުމަށްފަހު ޝަޔަމް ބޯޖަހައިލިއެވެ.

“އެއްވެސް ކަމެއް ބޭނުންވެއްޖެނަމަ އަހަރެންނަށް ގުޅާތި..” އެސްފިޔަ ޖަހައިލުމެއްނެތި ޝަޔަމްއަށް ބަލަންހުރި ނުހައިކް އަނެއްކާވެސް ބުނެލިއެވެ. ނުހައިކްގެ ވާހަކަތަކުން ޝަޔަމްގެ ހިތަށް ފިނިކަން ލިބިގެންދިޔައެވެ. ނުހައިކް އެދުނު ކޮންމެ ކަމަކަށް އޭނާ ހިތުން ރުހުމުން ގަބޫލުވާނެއެވެ. ބަހެއް ނުބުންޏަސް ޝަޔަމް އޭނާގެ ވާހަކަތަކާ އެއްބަސްވިކަން އޭނާ ބަލަންހުރިގޮތުން ނުހައިކްއަށް ވިސްނުނެވެ. އެހިނދު ލޮލުގެ އިޝާރާތުން އަވަހަށް ދިއުމަށް ނުހައިކް އެދުނެވެ. ނުހައިކްގެ އިޝާރާތް ވިސްނުނު މީހަކު ފަދައިން ޝަޔަމް ލަސްފިޔަވަޅުތަކެއްގައި ގޮސް ކާރަށް އެރިއެވެ.

ކާރު ގޮސް ލޮލުކޮޅަށް އޮބާލަންދެން ނުހައިކް އަށް ބަލަން ހުރެވުނީއެވެ. ކުޑަ ހިނދުކޮޅަކަށްވިއަސް ޝަޔަމް އޭނާގެ ދެލޯކުރިމަތިން ގެއްލުމުން ނޭނގޭ ބިރުވެރިކަމެއް އޭނާގެ ނަފުސަށް ވެރިވިއެވެ. އަލުން އެފަދަ ހާދިސާއެށް އޭނާއަށް ކުރިމަތި ނުކުރެއްވުންއެދި ޝަޔަމްގެ ރައްކައުތެރިކަމަަށްޓަކައި ނުހައިކްއަށް ދުޢާ ކޮށްލެވުނެވެ.

*****

ބޮޑު ދަގަނޑު ގޭޓުގެ ކުރިމައްޗަަށް ކާރު މަޑުކޮށްލުމުގެކުރިން ދެފަރާތުގައިތިބި ދެދޮރުވާނުން ގޭޓު ހުޅުވައިލިއެވެ. ހުޅުވިގެންދިޔަ ގޭޓުގެ ތެރެއިން ޝަޔަމްގެ ކާރު ވަދެގެންދިޔައިރު ގޯތިތެރޭގައި ހައްދައިފައިވި އެކިއެކި ގަސްތަކަށް ޝަޔަމްގެ ނަޒަރު ހުއްޓިފައިވިއެވެ. އެހައި ދުވަސްފަހުން އަމިއްލަ ގެއަށް އާދެވުމުން ބަޔާންކުރަން ދަތި ހިތްހަމަޖެހުމެއް އޭނާގެ ނަފުސަށް ލިބިގެންދިޔައެވެ.

ތަނަވަސް ބޮޑު ގޯތި ތެރޭގައި ކާރު ދުއްވައި ހިނގައި ހެދުމަށްޓަކައި ގައުޖަހައި މަގު ހަދައިފައި ހުއްޓެވެ. ވަށައިގެން ހުސްކޮށްއޮތް ތަންތަނުގައި ކުދިކުދި ވިނައިގެ ކާޕެޓެއް ހައްދައިފައިއޮތްއިރު އެކި ދިމަދިމާލުގައި އެކިވައްތަރުގެ ގަސްތައް އިންދާފައި ހުއްޓެވެ. ގޭޓާއި ތަންކޮޅެއް ދުރުގައިހުރި ބިޔަ ބޮޑު ފިތުރޯނު ގަހުގެ ދަށުގައި ދެމީހަކަށް އިނށީދެ އިނދެވޭނެފަދަ ދަގަނޑު އުނދޯންޔެއް ބަހައްޓައިފައި ހުއްޓެވެ. އުނދޯންޔާއި ދުރުނޫން ހިސާބެއްގައި ތިންމީހަކަށް އިނދީދެވޭނެހެން ކުޑަ މޭޒެއް ބަހައްޓައި ވަށައިގެން ސްޕަންޖް ގޮނޑި އަތުރައިފައި ހުއްޓެވެ. ފިތުރޯނު ގަހުގެ ކުރިމައްޗަށްވާގޮތަށް ބޮޑު ފެންއަރުވާ ވަޑާމެއް ހަދައިފައިހުރިއިރު އޭގެއިން އޮހޮރެމުންދިޔަ ފެންތަކުން ވަށައިގެންވި މާހައުލުގައި ހިތްގައިމު އަޑެއް އެކުލެވިފައިވިއެވެ.

ގޭޓާއި ތަންކޮޅެއް ދުރުގައިހުރި ހުދާއި އަޅީގެ ބިޔަ އިމާރާތަށް ބަލައިލި ޝަޔަމްގެ ހިނިތުންވުން ފުޅާވެގެންދިޔައެވެ. ސައިނާ އާއި އަޒްހަރު ގާތުގައި ބުނުމަކާއިނުލާ އޭނާ އެއައީ އެމީހުނަށް ސަޕްރައިޒެއް ދިނުމުގެ ގޮތުންނެވެ.

މަޑުދުވެއްޔެއްގައި ގޮސް ގޭގެ ޕޯޓިކޯ ކުރިމައްޗަށް ކާރު މަޑުކޮށްލުމާއެކު އަވަސް އަވަހަށް އޭގެއިން ޝަޔަމް ފޭބިއެވެ. އަދި ކޮނޑުގައި އަޅުވައިލައިފައިއޮތް ދަބަސް ރަނގަޅުކޮށްލަމުން ގެއަށް ވަނުމަށްޓަކައި ހަދައިފައިހުރި ކުޑަ ތިން ހަރުފަތް ގިރާކޮށްލަމުންގޮސް ގޭގެ ބެލް އަޅައިލިއެވެ.

ހުދު ޔުނީފޯރމުގައިހުރި އަންހެންކުއްްޖެއް ދޮރު ހުޅުވައިލުމާއެކު ހިނިއައިސްފައި ޝަޔަމް އެކުއްޖާއަށް ބަލައިލަމުން ދުވެފައިކަހަލަ ގޮތަކަށް ގޭތެރެއަށް ވަދެގެން ދިޔައެވެ.

“ލޭލާ.. ކާކުތަ މިގަޑީ ގޭގެ ބެލް އަޅަނީ؟” ބޮޑުކޮޓަރީގައި ބެހެއްޓިފައިހުރި އަޅިކުލައިގެ ސޯފާގެ އެއްފަރާތުގައި އެއްފައި މައްޗަށް އަނެއްފައި އަރުވައިލައިގެން އިނދެ މަޖައްލާއެއް ބަލަމުންދިޔަ ސައިނާ އަހައިލިއެވެ.

“މަންމާ.” ދާދި ގާތުން އިވިގެންދިޔަ ޝަޔަމްގެ އަޑުން ގަބޫލުނުކުރެވިފައި އިންފަދަގޮތަކަށް ސައިނާ ބަލައިލިއެވެ. “ޝަޔޫ.. ދަރިފުޅުތަ؟” އަތުގައިއޮތް މަޖައްލާ ކުރިމަތީގައިހުރި ބިއްލޫރި ކުޑަ މޭޒުމަތީގައި ބާއްވައިލަމުން އިންތަނުން ތެދުވި ސައިނާ އައިސް ލޯތްބާއެކު ޝަޔަމްގެ ގައިގައި ބައްދައިލިއެވެ.

“މަންމަ މެންނަށް އަންގައިވެސްނުލާ ތިއައީ.. ބައްޕަ އެބަ އިން ސްޑަޑީ ރޫމްގަ.. ދަރިފުޅު ފެނުމުން ވަރަަށް އުފާވާނެ.. ޝަޔޫ ނާނަ ވާހަކަ އަބަދު ދައްކަނީ.. ބައްޕަވެސް އުޅެންޖެހޭލެއް ބުރަކަމުން ދަރިފުޅު ގާތަށް ނުދެވިގެން އަދި މިއުޅެނީ..” ޝަޔަމްގެ އަތުގައި ހިފައި ގޭގެ ބޮޑުކޮޓަރީތެރެއިން އެރެންހުރި ފުޅާ ސިޑިއާއި ދިމާއަށް ހިނގައިގަންނަމުން ސައިނާ ބުނެލިއެވެ.

“އިޓްސް އޯކޭ މަންމާ.. މަންމަމެން ނުދިއަސް އަޅުގަނޑު މިއައީނު.. ޕްރޮޖެކްޓްގެ ކަންތަކުގަ އުޅެން ޖެހުނުލެއް ބުރަކަމުން އަޅުގަނޑަށްވެސް މަންމަ މެން ގާތަށް އަންނާނެ ވަގުތެއްނުވީ..” ސައިނާގެ ކޮނޑުގައި އެލިގަންނަމުން ޝަޔަމް އުފާވެލައިފައި ވާހަކަދެއްކިއެވެ. ނަމަވެސް ޝަޔަމްގެ ވާހަކަތަކަށްވުރެ ބޮޑަށް ސައިނާގެ ސަމާލުކަން ހުއްޓިފައިހުރީ އޭނާ ޝަޔަމްގެ އަތުގައި ހިފިވަގުތު އޭނާގެ އަތުގެ ކުޑަހުޅާއި ދިމާލުން ފެނުނު ޒަޚަމް ތަކަށެވެ.

“ޝަޔޫ އަތަށް ކިހިނެއްވެފަ؟” ހުރި ހަރުފަތްމަތީގައި ހުއްޓިލަމުން ކަންބޮޑުވެފައި ސައިނާ އަހައިލިއެވެ. ވަގުތުން ޝަޔަމްގެ މޫޑު އޮފްވެގެންދިޔައެވެ. ހަމަޖެހެން މަސައްކަތްކުރިއަސް ޝަޔަމްގެ މިލައިގެންދިޔަ މޫނާއި އެމޫނުމައްޗަށް އަރައިގެންދިިޔަ ކުލަވަރު ސައިނާއަށް ރީތިކޮށް ފެނުނެވެ.

“ދަރިފުޅަށް ކަމެއްވީތަ؟” އިސްޖަހައިލި ޝަޔަމްގެ ދަތްދޮޅިދަށަށް އަތްލައްވައިލަމުން އިސްއުފުލައިލައިފައި ސައިނާ އޯގާތެރިކަމާއެކު އަހައިލިއެވެ. މަންމަގެ އޯގާތެރިކަން އިހުސާސުވެ ޝަޔަމްގެ ހިތަަށް ފުން އަސަރެއްކުރިއެވެ. ނުރޯން ހިތްވަރުކުރަމުންދިޔަ ޝަޔަމްގެ ހިތަަށް ރޭގެ ކޮންމެ ހިނދެއް ވަކިވަކިން ސިފަވެގެންދިޔަ ކަހަލައެވެ. އެއާއެކު އޭނާގެ ހުއްދައަކާނުލައި ދެލޮލަށް ކަރުނަތައް ބޮނޑިވެގަތެވެ.

ޝަޔަމްއަށް ވަމުންދިޔަގޮތްފެނި ސައިނާގެ ކަންބޮޑުވުން އިތުރުވެގެން ދިޔައެވެ. އަޒްހަރުގެ ގާތަށް ދިއުމުގެ ބަދަލުގައި ޝަޔަމް ގޮވައިގެން އޭނާގެ ކޮޓަރިއަށް ދިއުމަަށް ސައިނާގެ ނަފުސު ގޮވައިލީ ޝަޔަމް އަށް ވެގެންއުޅޭގޮތެއް އޮޅުންފިލުވަން ބޭނުންވެފައިހުރިވަރުންނެވެ.

“ދަރިފުޅު؟” ސިޑީގެ އެންމެ މަތީ ހަރުފަތުގައި ހުއްޓިހުރި އަޒްހަރުގެ އަޑުން ސިހިފައި ސައިނާ އާއި ޝަޔަމް އެކުއެކީގައި މައްޗަށް ބަލައިލިއެވެ.

“ކިހިނެއްވީ؟ ޝަޔޫ ރޮނީތަ؟ ކޮންއިރަކު ގެއަަށް އައީ؟” އިސްޖަހައިލި ނަމަވެސް ޝަޔަމްގެ ކަރުނުން ބަރާވެފައިވި ދެލޯ އަޒްހަރަށް ފާހަގަވިއެވެ. އޭނާ ސްޑަޑީ ރޫމުން ބޭރަށް އައީ އޭނާގެ ކޮޓަރީގައި ހުރި މުހިންމު ބައެއް ލިޔެކިޔުންތަކެއް ހޯދުމުގެ ބޭނުމުގައެވެ. އެހެނަސް ސިޑިމަތިން ސައިނާ މީހަކާ ވާހަކާ ދައްކާއަޑުއިވި އެދިމާލަށް އައީ ފަހަރެއްގައިވެސް އެއީ ޝަޔަމްއަށް ވެދާނޭ ހީކޮށްފައެއްނޫނެވެ.

“އަޒްހަރު.. ޝަޔޫ އަަށް ކޮންމެވެސް ކަމެއް ވެއްޖެ.. ބަލާލަބަލަ ޝަޔޫގެ އަތް..” ޝަޔަމްގެ އެއްއަތް ހިއްލައިލައި އަޒްހަރަށް ސައިނާ ދައްކައިލިއެވެ. ދެލޯބޮޑުވެގެންދިޔަ އަޒްހަރު ބާރު ހިނގުމެއްގައި ހަރުފަތްތައްް ގިރާކޮށް އައިސް ސައިނާ އާއި ޝަޔަމް ގާތުގައި މަޑުކޮށްލިއެވެ. އަދި ފަރުވާތެރިކަމާއެކު ޝަޔަމްގެ އަތުގައި ހިފައި ބަލައިލިއެވެ.

“ހިނގާ ކޮޓަރިއަށް.. އެތާ ތިބެ ވާހަކަ ދައްކާނީ..” ހާސްވެފައިހުރެ އަޒްހަރު ބުނެލިއެވެ. ދެލޮލުން އޮހޮރެންތައްޔާރުވެފައިހުރި ކަރުނަތައް އަތުގެ ނުފުށުން ފުހެލަމުން ސައިނާ އާއި އަޒްހަރާއި އެކުގައި ޝަޔަމް ހިނގައިގަތެވެ.

ޝަޔަމްގެ ކޮޓަރީގައިހުރި ބޮޑު އެނދުގަގެ މަގަތުގައި ސައިނާ އާއި އަޒްހަރު އިނށީނީ އެމީހުންގެ މެދުގައި ޝަޔަމް ބައިނދަމުންނެވެ. އަދި ލޯތްބާއި އެކުގައި ޝަޔަމް ގާތުން ވެގެންއުޅޭގޮތެއް ސުވާލުކުރިއެވެ.

ޝަޔަމްގެ ބަޑި ފަޅައިގެންދިޔައީ ކުއްލިއަކަަށެވެ. ހިތުގައި އަތްއަޅައި ކެތްތެރިވާން ހިތްވަރުކުރަމުންދިޔައެއްކަމަކު އެހަނދާންތައް އެހިތުން ފިލައިގެންދާގޮތެއް ނުވެއެވެ. ނުހައިކްގެ ކުރިމަތީގައިވެސް އޭނާ މަސައްކަތްކުރަމުން ދިޔައީ އެކަން ނުދައްކައިވޭތޯއެވެ. ކަށީނެތް ހިތްވަރުވިޔަސް ނެރެވޭތޯއެވެ. އެކަންކަން ހިތުން ފުހެލުމަށްފަހު ކުރިއަށްދެވޭތޯއެވެ. ނުހައިކްގެ ކުރިމަތީގައި އެކަން އޭނާއަށް ކޮންމެވެސް ވަރަކަށް ކާމިޔާބުވެސް ވިއެވެ.

ގިސްލައި ރޮމުންދިޔަ ޝަޔަމް މަސަލަސްކުރެވޭތޯ ކަންބޮޑުވެފައިތިބި ސައިނާ އާއި އަޒްހަރު މަސައްކަތްކުރަމުން ދިޔައެވެ. އެތައްއިރަކު އެހެން ކަރުނައެޅުމަަށްފަހު އެންމެފަހުން ގިސްލެވިފައިވި ހާލު ޝަޔަމް އޭނާ އާއި ދޭތެރޭގައި މައިކް ކަންތައްކުރިގޮތް ކިޔައިދިނެވެ. ކޮންމެ ހާދިސާއެއް ވަކިވަކިން ޝަޔަމް ކިޔައިދެމުން ދިޔައިރު އަޒްހަރުގެ މޫނު ރަތްވަމުންދިޔައީ އައި ގަދަ ރުޅީގައެވެ. ޝަޔަމްގެ އެންމެ ގާތް މީހާ ގޮތުގައިހުރެ މައިކް އެހައި ދަށުދަރަޖައިގެ އަމަލެއް ހިންގަފާނެކަމަށް ދުވަހެއްގެ ކޮޅުންވެސް އެމީހުން ހިއެއްނުކުރެއެވެ. ދާދި ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އެހުރިހައި ދުވަހު މައިކްއަށްކުރި އިތުބާރު ސައިނާ އާއި އަޒްހަރުގެ ހިތުން ފިލައިގެންދިޔައެވެ. އަދި އެމީހުންގެހުރި ހަމައެކަނި ދަރިފުޅަށް ބޮޑުކަމެއް ނުވަނީސް އޭނާ ސަލާމަތްވީތީ އުފާކުރިއެވެ. މައިކް ހުރީ ޕޮލިހުންގެ ހައްޔަރުގައިކަން އެނގުމުން އަޒްހަރުގެ ހިތަށް ހަމަޖެހުން ލިބުނެވެ. އެހެންނޫންނަމަ މައިކް ހުރިތަނަކުން އޭނާގެ ދުވަސް ދުއްވަައިލާކަށްވެސް އަޒްހަރު ފަހެއް ނުޖެހޭނެއެވެ.

*****
ޓްރީޓޮޕް ހޮސްޕިޓަލުގައި ނަޒީމް ބާއްވައިފައި އޮތް ކޮޓަރީގެ ތެރޭގައި ތޮއިބާ އާއި އެކުގައި ލަމްޔާ ހަރަކާތްތެރިވަމުންދިޔައިރު ދޭތެރަކުން އޭނާގެ ނަޒަރު ނަޒީމަށް ހުއްޓެއެވެ. މިފާއިތުވި ދުވަސްތަކުގައި އެންމެ ފަހަރަކުވެސް ޒާއިން އޭނާގެ ބައްޕަ ދެކިލަން ހޮސްޕިޓަލަށް އައިސްފައިނުވާތީ އެކަމާއި ލަމްޔާ ހުރީ ސުވާލު އުފެދިފައެވެ. ނަމަވެސް އޭގެ ފަހަތުގައިވެސް އޭނާއަށް ނޭނގޭ ކޮންމެވެސް ސިއްރެއްވާނޭ ލަމްޔާގެ ހިތަށް އެރިއެވެ.

ފާއިތުވެދިޔަ ދެހަފުތާއެއްހައި ދުވަހުގައި ލަމްޔާ އާއި ޒާއިންގެ ދެމެދަށްވަނީ ނޭނގޭ ހަމަހިމޭންކަމެއް ވެރިވެފައެވެ. ދެބީރަށްޓެހިންހެން އެއްކޮޓަރިއެއްގައި ދެމީހުން އުޅެމުންދިޔައިރު ކޮންމެ މީހަކުވެސް މަސައްކަތް ކުރަމުން ދިޔައީ އަނެކަކާއި ވީހައިވެސް ބޮޑަށް ވާހަކަނުދައްކައި ވޭތޯއެވެ. ލަމްޔާގެ ހަޔާތަަށް އައިސްފައިވި ބޮޑު ކޮޅިގަނޑު ހިތުގެ އެންމެ އަޑީގައި ފޮރުވައިލަމުން އޭނާ ކެތްތެރިވަމުންދިޔައީ ސާރާ އަށްޓަކައެވެ. އޭނާގެ ލޯބިވާ މަންމައަށް އޭނާގެ ސަބަބުން ކުޑަވެސް ހިތާމައެއް ލިބޭކަށް ލަމްޔާ ނޭދެއެވެ.

ހިތުގައި ކިތަންމެގިނަ ޝަކުވާއެއް ފުނިޖެހިފައިވިއަސް ލަމްޔާ އެއިން އެއްވެސް ކަމެއް އެއްވެސް މީހެއްގެ ކުރިމަތީގައި ފައުޅެއްނުކުރެއެވެ. ތޮއިބާ އާއި މެދުގައި ހިތުގައި ހަމަނުޖެހުން އޮތެއްކަމަކު އޭނާ ލަމްޔާއާއި ދޭތެރޭގައި ކަންތައްކޮށްދޭލެއް ހެޔޮކަމުން އިސްވެ އެފަދަ އެއްވެސް ސުވާލެއް ކުރާކަށް ލަމްޔާ އަކަށް ނުކެރެއެވެ.

ފާއިތުވެދިޔަ ދުވަސްތަކުގައި ޒާއިން މަސްތުގެ ހާލުގައިވީތީ އޭނާއަށް ކިތަންމެ ރެއަކު ފެނިފައިވެއެވެ. ލޮލުން ލޭކަރުނަ އޮހޮރުނަސް އޭނާ ދުލުން އުފްވެސް ބުނެނުލައެވެ. ދޭތެރަކުން ޒާއިން ގާތުގައި އޭނާ އާއި އެކުގައި ނަމާދުކޮށްހަދަން އައުމަަށް ބުންޏަސް ޒާއިންގެ ފުށުން ފެނިގެންދާ ފޫހިކަން ލަމްޔާގެ ހިތަަށް އުނދަގޫކުރެއެވެ. ނުބުނި ނަމަވެސް އޭނާގެ ހިތްވަނީ ޒާއިން ބަލައިގަނެފައެވެ. ޒާއިންގެ ހަގީގަތް އެނގުމުންވެސް އެހިތުން ޒާއިންއަށް ދެވުނު މަގާމު ފުހެވޭގޮތެއް ނުވިއެވެ. ހަނދާނެގޮތް ހުސްވެ ލަމްޔާގެ ގިނަ ވަގުތު ހޭދަވެގެންދަނީ ވިސްނައި ފިކުރުކުރުމުގައެވެ.

ފުންނޭވާއެއްލި ލަމްޔާއަށް ތޮއިބާ ބަލައިލިއެވެ. “ދަރިފުޅު މާބޮޑަށް ވަރުބަލިވީތަ؟ ހެނދުނު އައިގޮތަށް މަންމަ އާއެކު ހޮސްޕިޓަލުގަ ތިއުޅެނީ.. ދާންވީނު ގެއަށް އަރާމުކޮށްލަން..” ނަޒީމްގެ އަތުގައި ހިފައިލައިގެންއިން ތޮއިބާ އޯގާތެރިކަމާއެކު ބުނެލިއެވެ.

“މަންމަ ނުދާނަންތަ؟” އިނށީދެއިން ގޮނޑީގެ އެއްފަރާތަށް ޖެހިލި ލަމްޔާ އަހައިލިއެވެ. “މަންމަވެސް އިރުކޮޅަކުން ދާނަން.. މެންދުރު ސުހޭލް އަންނާނެ ގެއަށް. އޭރަށް ކޮންމެހެންވެސް ދާންޖެހޭނެ..” ހިނިތުންވެލަމުން ތޮއިބާ ބުނެލިއެވެ.

“ސުހޭލް އެއީ ކާކު؟” ނިތަށްރޫއަރައިގެންދިޔަ ލަމްޔާ އަހަލިއެވެ.

“އެއީ ނަޒީމްގެ އެއްއަތްކަހަލަ މީހެއް.. އޭނާ އެންމެ ގާތްކޮށްދެކޭ އެކުވެރިޔާ.. ނަޒީމްގެ ބިޒްނަސްގަ ސުހޭލްގެ ހިއްސާވެސް އޮވޭ.. ނަޒީމްއަށް މިހެންވީފަހުން ވިޔަފާރީގެ ހުރިހައިކަމެއްހެން ބަލަހައްޓަނީ ސުހޭލް.. މަންމައަކީ އެދާއިރާގަ މާބޮޑު އެއްޗެއް އެނގޭ މީހެއްނޫން.. އެހެނަސް އެއްވެސް ކަމެއް ނިންމުމުގެ ކުރިން ސުހޭލް މަންމައާ އެކަމެއް މަޝްވަރާކުރޭ.. ކަންކަމުގަ މަންމަގެ ޚިޔާލުވެސް ހޯދާނެ.. މުހިންމު ލިޔެކިޔުންތަކެއް ދައްކައިލަން ޖެހޭތީ މިއަދު އަންނާނަމޭ ބުނި.. އެހެންވީމަ އެހައިއިރަށް ގެއަށްދާންވާނު..” ލުއިގޮތަކަަށް ހީލި ތޮއިބާ ލަމްޔާއަށް އޮޅުންފިލުވައިދިނެވެ. އެއްވެސް އެއްޗެއް ނުބުނެ ލަމްޔާ މަޑުމަޑުން ބޯޖަހައިލިއެވެ.

“ދަރިފުޅުމެންގެ ކައިވެންޏަށްވެސް ވަރަަށް އަންނަހިތުން އުޅުނު. އެކަމަކު ބިޒްނަސް ދަތުރެއްގަ ރާއްޖެއިން ބޭރު ހުރީމަ އާދެވޭގޮތްނުވީ..” ލަމްޔާއަށް ބަލަންއިން ތޮއިބާ ބުނެލިއެވެ.

“އެހެންތަ.. އެހެންވީއިރު މިއަދުވާނެ ސުހޭލްބެއާ ބައްދަލުކޮށްލަން.. އެހެންވީމަ އަޅުގަނޑުވެސް ގެއަށްދާނީ މަންމައާއެކު.. ގެއަށްދިއަސް ކުރާނެ މާގިނަ ކަންތައްތަކެއް ނުހުންނާނެ..” ގޮނޑީގައި ލަމްޔާ ހަމަޖެހިލިއެވެ. ތޮއިބާ ވެސް ލަމްޔާގެ ވާހަކައަށް އެއްބަސްވެލަމުން އެންމެ ރަނގަޅޭ ބުނެލިއެވެ.

*****

ރޭގަނޑުގެ ހިތްގައިމު ވަގުތެވެ. ހަނދުވަރު ދީފައިވި ނަމަވެސް ފަޒާގައިވަނީ ތެތްފިނިކަމެއް ހިފައިފައެވެ. ކާރުގައި އައިސް ޝަޔަމް މަޑުކޮށްލީ އޭނާ އާންމުކޮށް އައިސް އުޅޭ ޕާރކެއްގެ ކުރިމައްޗަށެވެ. ކާރު ޕާރކް ކޮށްލުމާއެކު ދޮރުހުޅުވައިލަމުން ނުހައިކް އޭގެއިން ފޭބިއެވެ.

“މީ ކޮންތަނެއް؟” ކުރިމަތިން ފެންނަންއޮތް ޕާރކަށް ނަޒަރު ހިންގައިލަމުން ނުހައިކް އަހައިލިއެވެ. “މައި ފޭވްރިޓް ޕްލޭސް..” ކާރުން ފައިބައިގެން އައިސް ނުހައިކްގެ ގާތުގައި މަޑުކޮށްލަމުން ޝަޔަމް ބުނެލިއެވެ. ރޭގަނޑުގެ ކެއުމަށްފަހު ބޭރަށް ނުކުތް ދެމީހުންގެ އެންމެ ފަހު މަންޒިލަކަަށްވީ އެޕާރކެވެ.

ލަސްހިނގުމެއްގައި ކައިރިކައިރީ ތިބެގެން ހިނގައިފައި އައިސް ޝަޔަމް މަަޑުކޮށްލީ އެޕާރކް ތެރޭގައި އޮތް ބޮޑު ފެންގަނޑެއް ކައިރިއަށެވެ. ދުރުދުރަށްދާންދެން ވަށައިގެން ފެހިކަންފެންނަންއޮތްއިރު އެކި ހިސާބުތަކުގައި ބޮޑެތި ބިޔަ ގަސްތައް ހެދިފައިހުއްޓެވެ. ފެންގަނޑުގެ ވަށައިގެންނާއި އެކި ދިމަދިމާލުގައި އިށީނދެވޭނޭގޮތަށް ލަކުޑި ބެންޗް ޖަހައިފައިހުއްޓެވެ.

ފެންގަނޑާއި ކުރިމަތިވާހެންހުރި ބެންޗެއްގައި ޝަޔަމް އިނށީނުމުން ނުހައިކްވެސް އޭނާ އާއި ޖެހިގެން ބެންޗްގެ އަނެއްފަރާތުގައި އިނށީދެ ހަމަޖެހިލިއެވެ. ހަމަހިމޭންކަމާއެކު ހަނދުވަރުގެ ރިހިއަލިން ވިދައި ބަބުޅަމުންދިޔަ ފެންގަނޑަށް ނަޒަރު ހުއްޓައިލައިގެން ދެމީހުންތިބިއިރު ޖެހިލާ މަޑު ރޯޅިން ހަޑިގަނޑަށް ބަޔާންކުރަންދަތި އިހުސާސެއްކުރުވަމުން ދިޔައެވެ. އެހިސާބުގައި ހަރަކާތްތެރިވަމުންދިޔަ މީހުން މަދެވެ. އެކަމާއި އެންމެ ބޮޑަށް ހިތްހަމަޖެހުނީ ޝަޔަމްއެވެ. އޭނާ އިނީ އެފަދަ ވަގުތެއްގެ އިންތިޒާރުގައި ކަހަލައެވެ.

“ރޭގަ.. ޝަޔަމްގެ ފޯނަަށް ގުޅޭގޮތްނުވުމުން އަހަރެން ވަރަށް ބިރުގަތް.. ފޯނަށް ކިހިނެއް ހެދީ..” މާހައުލަަށް ވެރިވެފައިއޮތް ހަމަހިމޭންކަން ނެތިގެންދިޔައީ ނުހައިކްގެ އަޑުންނެވެ.

“އެގަޑީ އަހަރެންނަށް ކިރިޔާވެސް މައިކްގެ ކާރުން ފައިބާނެ ފުރުސަތެއް ލިބުނީ.. ފައިބައިގެން ދުއްވައިގަތްތަނާ ނުހައިކް ގުޅީ.. ނުހައިކްއާ ވާހަކަދައްކަން އުޅެނިކޮށް މައިކް އައިސް ފަހަތުން އަހަރެންގެ އަތްމަތީޖެހިތަނާ ފޯނު ވެއްޓި ބިންމަތީ ޖެހުނުގޮތުން ފޯނު އޮފްވީމަ ނިއްވައިލައިފައޮތްކަމަށް އެރީ.. ނަސީބަކުން ފޯނަށް އެއްވެސް ކަމެއްނުވޭ..” އުނގުމަތީގައިއޮތް ދެއަތްތިލައަށް ބަލަހައްޓައިގެންއިން ޝަޔަމް ބުނެލިއެވެ. ޝަޔަމްގެ ވާހަކަތަކާމެދުގައި ވިސްނައިލަން އިރުކޮޅަކު ނުހައިކް އިނެވެ.

“މައިކް އެއީ ކާކު؟ ޝަޔަމްގެ ލޯބިވެރިޔާތަ؟” ހިތުތެރޭގައި އެނބުރެމުން އޭނާގެ ނަފުސުގެ ހަމަޖެހުން ނަގައިލަމުންދިޔަ ސުވާލު އެންމެފަހުން ނުހައިކް ކޮށްލިއެވެ. ނުހައިކްގެ ސުވާލުން ހައިރާންވެފައި ޝަޔަމް ނުހައިކްއަށް ބަލައިލިއެވެ.

“ނޫން.. އެއީ އަހަރެންގެ ބެސްޓް ފްރެންޑް.. އެކަމަކު ދުވަހަކުވެސް ހިއެއްނުކުރަން އޭނާ އެފަދަ ގޮތަކަށް އަހަރެންނާ ދޭތެރޭ ކަންތައްކޮށްފާނެކަމަކަށް..” ޝަޔަމްގެ އަަޑުގައިވި މާޔޫސްކަން ނުހައިކްއަށް ފާހަގަވިއެވެ. އިތުރަށް އެމައުޟޫއަށް ވާހަކަދައްކާކަށް ނުހައިކް ބޭނުމެއްނުވިއެވެ.

“އަހަރެންގެ ހަޔާތަށް ދުވަހަކުވެސް އެފަދަ ގޮތަކަަށް އެއްވެސް ފިރިހެނެއް ނާދޭ.. އެއްވެސް މީހަކާމެދު އެފަދަ ނަޒަރަކުން ނުދެކެވޭ.. އެކަމު.. މިހާރު.. މިހާރު އަހަރެންނަަށް އިހުސާސުވާގޮތް ތަފާތު.. ހަޔާތުގަ ދުވަހަކުވެސް ނުކުރެވޭފަދަ އައު އިހުސާސުތަކެއް ކުރެވޭހެން ހީވަނީ.. އަހަރެންނަށް ހީވަނީ.. ލޯބި.. ވެވިއްޖެހެން..” ސިއްރު ސިއްރުން ނުހައިކްގެ މޫނަށް ބަލައިލަމުން ޝަޔަމް ބުނެލިއެވެ. އިތުރަަށް ފަސްޖެހި ލަސްކުރާކަަށް ޝަޔަމް ބޭނުމެއްނުވެއެވެ. އޭނާގެ ހިތުގެހާލު ނުހައިކްއަށް އަންގަން ޝަޔަމް އިނީ އިންތިހާއަަށް ބޭނުންވެފައެވެ.

ޝަޔަމްގެ ވާހަކައަަށް އެއްވެސް އެއްޗެއް ނުބުނެ ނުހައިކް އިނީ ބުނާނެ އެއްޗެއް ނުވިސްނިފައެވެ. ޝަޔަމް ބުނަން އެއުޅެނީ އޭނާގެ ވާހަކަކަން ޚުދު ނުހައިކް އަށްވެސް އެނގެއެވެ.

“ނުހައިކް.. އަހަރެން.. ވާހަކައެއް ބުނަން ބޭނުން..” ތުންފަތް ހަފައިލަމުން ހިސާބަކަަށް ޖެހިލުންވެފައިއިނދެ ޝަޔަމް ބުނެލިއެވެ. ދެންވެސް ނުހައިކްއަަށް ބުނާނެއެއްޗެއް ނޭނގުނެވެ. ނުހައިކްގެ ހަމަހިމޭންކަމުން ޝަޔަމްއަަށް ހީކުރެވުނީ އޭނާ އެދައްކާ ވާހަކަތަކަށް ނުހައިކް ޝައުގުވެރިވެފައި އިނީ ކަމަށެވެ. ކުޑަކޮށް ކަރުކެހިލަމުން ޝަޔަމް ނުހައިކްއާއި ދިމާއަށް އެނބުރިލިއެވެ. އަދި މޫނުމައްޗަށް ވެއްޓިފައިއޮތް އިސްތަށިކޮޅު ގެންގޮސް ކަންފަތް ދަށަށް ލައްވައިލަމުން ވާހަކަދައްކަން ފެށިއެވެ.

“ނުހައިކް.. އަހަރެން ދުވަހަކުވެސް އެއްވެސް މީހެއް ގާތު މިފަދަ ވާހަކަތަކެއް ނުދައްކަން.. ތެދަށް ބުނާނަމަ އަހަރެންނަށް މިކުރެވޭ އިހުސާސުތައްް ބުނެދޭނެ ގޮތެއްވެސް ނޭނގެ.. މި އިހުސާސުތައްް އަތުރައިލެވޭނެހައި ފުރިހަމަ ލަފުޒުތަކެއް ވާނެބާވައޭވެސް ހިތަށްއަރާ.. އަހަރެންނަށް މިހެން ދެކެވެންފެށީ ކިހިނެއް ކޮންއިރަކުކަމެއް ބުނެދޭކަށް އަހަރެންނަކަށް ނޭނގެ.. އަހަރެންނަށް އެނގޭހައިވެސް ކަމަކީ.. އަހަރެންގެ ހިތް.. ނުހައިކް ބަލައިގަނެފަ ވާކަން.. އަހަރެންނަށް ނުހައިކްއާ ގަޔާވެވޭކަން.. އަހަރެންނަށް.. އަހަރެންނަށް ނުހައިކްދެކެ ލޯބި ވެވިއްޖެކަން.. ވަރަށް ބޮޑަށް ލޯބިވެވިއްޖެކަން.. އައި ރިއަލީ ލަވް ޔޫ ނުހައިކް..” ހިތްވަރުކޮށްފައި އެހިތުގެ ސިއްރު ޝަޔަމް ފައުޅުކޮށްލިއިރު އޭނާގެ ދޮންކޯތާފަތާއި ނޭފަތުގެ ކުރީކޮޅަށް ހީވަނީ އެހަށިގަނޑުގައި ދައުރުވަމުންދިޔަ ހުރިހައި ލެޔެެއް ޖަމާވެފައި ވާހެންނެވެ.

ބަސްހުއްޓިފައި ޝަޔަމްގެ މޫނަށް ބަލަހައްޓައިގެން ނުހައިކް ހުންނަންފެށުމުން އޭނާ ހާސްވާގޮތްވިއެވެ. ބުނެވުނީ ނުހައިކް ހިތްހަމަނުޖެހޭފަދަ އެއްޗެއްހެން ހީވެ ޝަޔަމްގެ ހިތް ތެޅިލިއެވެ.

“ނުހައިކް.. ކޮންމެވެސް އެއްޗެކޭ ބުނެބަލަ..” ފިނިވެފައިވި ދެއަތްތިލަ ޖޯޑުކޮށްލަމުން ޝަޔަމް މަޑުމަޑުން ބުނެލިއެވެ. އޭރު ކަންބޮޑުވުމުގެ ސަބަބުން ޝަޔަމްގެ އަަޑުގައިވެސް މަަޑު ތުރުތުރެއް ހުއްޓެވެ. އެކަން ނުހައިކް އަށްވެސް ފާހަގަވިއެވެ. ޝަޔަމްގެ ފުށުން އެފަދަ ވާހަކަތަކެއް އަޑުއިވިދާނެކަމަށް ތައްޔާރުނުވެއިން ނުހައިކްގެ ސިކުނޑީގެ ހިނގުން ހިނދުކޮޅަކަށް މަޑުޖެހިފައިހުރިކަހަލައެވެ.

“އަހަރެންނަށް.. ބުނާނެ އެއްޗެއް ނޭނގެ..” ހިތާއި ސިކުނޑިއާއި ދެމެދު ހިނގަމުންދިޔަ ވަރުގަދަ ހަނގުރާމައިގައި ބުރަވާނެކޮޅެއް ނުވިސްނިފައިއިން ނުހައިކްއަަށް ގަސްދަކާއިނުލާ ބުނެވުނެވެ.

“ވަޓް؟ ބުނާނެ އެއްޗެއް ނޭނގެއޭ.. ކީއްވެ؟ އަހަރެން ހީކުރީ ނުހައިކްވެސް އަހަރެންނާ ގަޔާވާކަމަށް.. އެކަމަކު.. އޯ ގޯޑް. ނޯ.. އަނެއްކާ.. އަނެއްކާ ނުހައިކްގެ ހަޔާތުގަ ޚާއްސަ ކުއްޖެއް ހުރީތަ؟ އަހަރެންނަށް އޭރު ކުރެވުނީ ކުށްހީއެއްތަ؟ ނުހައިކް ގަޔާވާ ކުއްޖެއް ހުރޭ ދޯ.. އެހެންވެ ދޯ ބުނާނެ އެއްވެސް އެއްޗެއް ނޭނގުނީ.. ނޯ ނޯ..” ހިތަށް އިހުސާސު ކުރެވިގެންދިޔަ ތޫނު ތަދާއެކު ހާސްވެފައިއިން ޝަޔަމްއަަށް ކިޔޭ ނުކިޔޭއެއްވެސް ނޭނގޭކަހަލައެވެ. އޭނާގެ ސިކުނޑި މަސައްކަތްކުރަމުންދިޔައީ އެއްޗެއް ވިސްނޭވަރަަށްވުރެ އަވަހަށެވެ.

ވާރޭގެ ފުރަތަމަ ތިކި ޝަޔަމްގެ މޫނުގައި ބީހިލީ އެވަގުތުއެވެ. ދާދި ދެންމެއަކާ ޖެހެންދެން ހަނދުވަރުގެއަލިން ފެވިފައިވި އުޑުމަތި ބަނަވެގެންދިޔައީ ކޮންއިރަކުކަމެއްވެސް އޭނާއަށް ނޭނގެއެވެ. ވަށައިގެންވި މާހައުލުގައި ހިނގަމުންދިޔަ ކަންތަކާމެދުގައި ވިސްނައި ފިކުރުހިންގުމަށްވުރެ އެހިތުގެ ހައިޖާނުގަނޑު ވަނީ ބޮޑުވެފައެވެ. ތުރުތުރުއަޅައިލި ދެތުންފަތް ދެމެދުން މަޑު އާހެއް ބޭރުވެގެންދިޔައިރު ބުނެވުނު ބަސްތަކުން ގަތް ލަދެއްގެ ސަބަބުން އެރީތި ދެލޯ ކަރުނުން ފުރިގެންދިޔައެވެ.

ޝަޔަމްއަށް ވަމުންދިޔަގޮތްފެނި ނުހައިކްގެ ހިތަށްވެސް އަސަރުކުރިއެވެ. އެހިނދު ހިތާއި ސިކުނޑިއާއި ދެމެދު ކުރެވެމުންދިޔަ ހަނގުރާމައިގައި ސިކުނޑީގެ މައްޗަށް ހިތް ކުރިހޯދިއެވެ.

ވާރޭގެ ތިކިތައް ބޯވެ ދެމުންދިޔަ ހަމަލާތައް ވަރުގަދަވެގެންދިޔައިރު އެވާރޭގަނޑުތެރޭގައި ގުޑިވެސްނުލައި އެކަކު އަނެކެެއްގެ މޫނަަށް ބަލަހައްޓައިގެން ނުހައިކް އާއި ޝަޔަމް ތިއްބެވެ. ޝަޔަމްގެ ލޮލުން ހޯސްލައިފައި ފައިބަންފެށި ކަރުނައިގެ ކުދި ކުދި މުތީތައް ވާރޭގެ ތިކިތަކާ އެކުވެ އެކޯތާފަތުގައި ބޮސްދެމުންގޮސް އޭނާގެ ދަތްދޮޅިން ތިރިއަށް ވެއްޓެމުންދިޔައެވެ.

އެހަމަހިމޭންކަމުގެ ތެރޭގައި ކެތްކުރުންވީ ޝަޔަމްއަަށް ދަތި ކަމަކަށެވެ. ނުހައިކްގެ ކުރިމަތީގައި އަމިއްލަ ނަފުސު ފަޟީހަތްވީފަދަ އިހުސާސެއްކުރެވި އެތަނުގައި އިތުރަަށް އިންނަން ނުކެރުމުން ތެދުވެ ނުހައިކްއާއި ދުރަށް ޝަޔަމް ހިނގައިގަތެވެ. ލޮލުން ފައިބަމުންދިޔަ ކަރުނަތަކަަށް ހުއްޓުމެއްނައި ނަމަވެސް އިރުއިރުކޮޅާ ދެއަތުން ޝަޔަމް މޫނު ފުހެލައެވެ.

“އަހަރެންގެ ހިތުން ޚާއްސަކަމެއް ހޯދި ކުއްޖަކީ ޝަޔަމްއޭ ބުނެފިއްޔާ…” ދެތިންފިޔަވަޅު އެޅިތަނާ ފަހަތުން އިވުނު ނުހައިކްގެ އަޑުން ޝަޔަމްގެ ދެފައިތިލަ ބިންމަތީގައި ތަތްލިކަހަލައެވެ. ދެލޯ ބޮޑުވެގެންދިޔައިރު ރޯމަހެއް ތެޅޭހެން އޭނާގެ ހިތުގެ ތެޅުންވެސް ކުއްލިއަކަަށް އަވަސްވެގެންދިޔައެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nau

Level 910 Stories100 Comments500 Comments100 Stories100 Login1K Comments

A girl who loves reading and writing stories. My dream has always been to become a successful story writer. In Sha Allah. ❤

Other Articles

Previous

މަދަދުވެރިޔާ (8)

Next

މަދަދުވެރިޔާ (9)

Next
September 22, 2022

މަދަދުވެރިޔާ (9)

Previews
September 17, 2022

މަދަދުވެރިޔާ (8)



All Right Reserved!