ތިޔަ ލޯބީގައި…13
މިއީ ދުނިޔެއެވެ. މިތަނުގައި ދިމާވާ ކޮންމެ ކަމަކީވެސް އަހަރެމެންނަށް ކުރިމަތިކުރުވާ އިމްތިހާނެކެވެ. ކެތްތެރިވާންވީ، ކެތްތެރީންނާއި އެކުގައި ﷲ ވޮޑިގެންވާނެކަން އެނގި އެކަލާނގެއަަށް ވަކީލުކުރާ ހާލުއެވެ. ކެތްތެރިންނަަށް އަދަދު ނުކުރެވޭހައި ގިނަގުނަ ޘަވާބާއި ދަރުމަ ހުރިކަން އަމިއްލަ ނަފުސަށް ތަކުރާރުކޮށް ހަނދާންކޮށްދެމުންނެވެ.
އަރައިގެން އައި އިރުގެ ހޫނުކަމުން މުޅިފަޒާ ހޫނުކުރަމުން ދިޔައިރު ގޯތިތެރޭގައި ހުރި ކުޑަ މޭޒެއްގެ ދޮށުގައި ފުންޚިޔާލަކަށް ގެއްލިފައި ލަމްޔާ އިނެވެ. ހާމަވެގެންދިޔަ ހިތި ހަގީގަތާއި ކުރިމަތިލާނެ ގޮތެއް އެސިކުނޑިއަކަށް ނުވިސްނުނެވެ. ހަޔާތަށް އައި ބޮޑު ތޫފާނުގައި ބެހިގެންދާކަށް އެހިތެެއް އެެއްބަހެއްނުވެއެވެ. މާޔޫސްކަން އެކުލެވިފައި ދެލޮލުގައި ހުރި ތެތްކަމުން އަދިވެސް އެހިތްރޮމުންދިޔަވަރު އަންގައިދެއެވެ.
ފުންނޭވައެއްލަމުން ލަމްޔާ އޭނާގެ ނަޒަރު ހާމައަށްއޮތް އުޑަށް ހުއްޓައިލިއެވެ. ސާރާ ގާތުގައި ހުރިހައި ވާހަކައެއް ހިއްސާކުރަން އޭނާގެ ޟަމީރު ގޮވަމުންދިޔައީ ފެށުނީއްސުރެވެސް އޭނާއަކީ ހަޔާތުގައި ދިމާވި ކޮންމެ ކަމެއްވެސް މަންމައާއި ހިއްސާކުރަމުންއައި އަންހެންކުއްޖަކަށް ވީމައެވެ. ނަމަވެސް މިފަހަރު އޭނާގެ ޟަމީރުގެ ގޮވުމަށް ބީރުކަންފަތެއްދޭން މަޖުބޫރުވެފައިވާކަހަލައެވެ. ސާރާއަށް މިހުރިހައިކަމެއް އެނގިއްޖެނަމަ ހިތާމައިން އޭނާގެ ހިތްހަލާކުވާނެކަން ޔަގީނެވެ. ކައިވެންޏަށް އެންމެ ދެދުވަސް ނުވަނީސް މިފަދަ ވާހަކައެއް އަޑުއަހަންވެއްޖެނަމަ އޭނާގެ މަންމަގެ ހިތަށް ހާދަ އަސަރެއްކުރާނެއެވެ. ވިސްނަމުންދިޔަ ވަރަކަށް ދެލޮލަށް ޖަމާވަމުންދިޔަ ކަރުނަތައް އޭގެ މަގާމުދޫކޮށް އެދެލޮލުން އޮހިގަތެވެ. އަވަސް އަވަހަށް އަތުގެ ނުފުށުން ކަރުނަތައް ފުހެލަމުން ލަމްޔާ އިންތަނުން ތެދުވިއެވެ.
ބަދިގޭގައި ތޮއިބާ އާއި އެކުގައި ހަރަކާތްތެރިވަމުންދިޔަ ލަމްޔާގެ ހަމަހިމޭންކަންފެނި ތޮއިބާ ސުވާލުކުރިއެވެ. ހިތުގައިވި ސުވާލުތައް ތޮއިބާ ގާތުގައި އަހައިލަން ހިތަށްއަރައިފައިވެސް އެހިތްވަރެއް ލަމްޔާއަކަށް ނުލިބުނެވެ. ތުންފިއްތައިލަމުން ހިތުގައި ހުރިހައިކަމެއް ސިއްރުކުކޮށްލުމަަށްފަހު ލަމްޔާ އިސްޖަހައިލިއެވެ.
*****
“އޯ ޑޭޑް.. އަޅުގަނޑު މިއިނީ ވަރަށް އުފަލުން.. އެތައް ދުވަހެއްގެ ހުވަފެނެއް މާދަން ފުރިހަމަވާނެ… އަޅުގަނޑުގެ އޮފީސް މާދަން ހުޅުވަން. ހިތަށްއަރާ މަންމައާއި ބައްޕައަށް އާދެވޭނެނަމައޭ.” ލެޕްޓޮޕްގެ ސްކްރީނުން ފެންނަމުންދިޔަ އަޒްހަރާއާއި ވާހަކަދައްކަމުން ޝަޔަމް ދިޔައިރު ހަގީގަތުގައިވެސް އޭނާ އުފާވެފައިއިންވަރު އަޒްހަރަށް އެނގުނެވެ. ވިޔަފާރީގެ ކަންތައްހުރިގޮތުން އޭނާ އަށް މިވަގުތު ރާއްޖެ އާދެވެން ނެތީއެވެ. އެހެންނޫންނަމަ އޭނާ ސައިނާ ގޮވައިގެން ޝަޔަމްގެ އެއުފަލުގައި ބައިވެރިވާން އައީހެވެ.
“ބައްޕާ.. އަދި އަޅުގަނޑު ކަމަކު އެދެންވެފަ އެބައޮތް.. ދެހަފުތާފަހުން އަޅުގަނޑު އެނބުރި އޮސްޓްރޭލިއާއަށް އެބަދާންޖެހޭ.. ކުންފުނިން ހަަވާލުވެފައިއޮތް މުހިންމު ޕްރޮޖެކްޓެއްގެ މަސައްކަތުގަ.. މިކޮޅުން އަޅުގަނޑާއެކު އަޅުގަނޑުގެ އިތުރު މުއައްޒިފަކުވެސް ބައިވެރިވާނެ.. އެހެންވީމަ އަޅުގަނޑުގެ އޮފީސް ކައިރީގައިހުރި ބައްޕަގެ ހޮޓަލުން ޕްރެސިޑެންޝިއަލް ދެ ސޫޓްސް އަޅުގަނޑަށް ހަމަޖައްސައިދީ.. އޭނައާއި އެކު އަޅުގަނޑުވެސް ގަސްދުކުރަނީ ހޮޓަލުގަ މަޑުކުރަން..” ހިތްއަވަސްވެފައިއިން ޝަޔަމް އަޒްހަރަށް ބަލަންއިނދެ ބުނެލިއެވެ. ހިނިތުންވެލަމުން ދަރިފުޅުގެ އެދުމާއި އަޒްހަރު ނިކަން ފަސޭހައިން ރުހި ގަބޫލުވެއްޖެއެވެ. އެތައްއިރަކު އަޒްހަރާއި ސައިނާއާއި އެކިއެކި ވާހަކަތައް ދެއްކުމުގައި އިނުމަށްފަހު ވީޑިއޯ ކޯލް ނިންމައިލިއިރު ޝަޔަމްގެ މޫނުމަތީގައި ރަސްކަންކުރަމުންދިޔައީ އުފާވެރި ހިނިތުންވުމެކެވެ. ހިތްހަމަޖެހިފައިހުރެ ނިދަން ތައްޔާރުވެލަމުން ޝަޔަމްއައިސް އެނދުގައި އޮށޯވެލިއެވެ. އެއާއެކު ނުހައިކްގެ ޚިޔާލުތައް އައިސް އޭނާ ވަށައިލިއެވެ. ރަކި ހިނިތުންވުމަކާއެކު ޝަޔަމް ދެލޯމަރައިލިއެވެ.
*****
އެތައްދުވަހަކަށްފަހު އޮފީސް ހުޅުވިގެން ދިއުމުން ކޮންމެ މީހެއްގެ މޫނުމަތިންވެސް ފައުޅުވަމުންދިޔައީ ހިތްހަމަޖެހުމުގެ ކުލަވަރެވެ. އޮފީހުގެ ފުރިހަމަކަމާމެދުގައި ތައުރީފުނުކުރާ ހަމައެކަކުވެސް ނެތެވެ. އެންމެންގެ ތެރޭގައި ޖިޔާ ފޮނިކަނޑަކަނޑާފައި އުޅުނީ ޝަޔަމްއާއި އޭނާއާއިއޮތް ގުޅުން ހާމަކުރަމުންނެވެ. ޝަޔަމް އާއި ޖިޔާއަކީ އާއިލީގޮތުން ގުޅިފައިވާ ދެކުދިންކަންވީ ގިނަބަޔަކަށް ލިބުނު އައު ޚަބަރަކަށެވެ. ޖިޔާ އުޅެމުންދިޔަގޮތްފެނި ހިޔާމްއަށް ދެފަރާތަށް ބޯހޫރުވައިލެވުނީ ވީފޫއްސެއްގެ ބޮޑުކަމުންނެވެ.
އޮފީސް ހުޅުވުމަށްފަހު ހޭދަވީ ފުރަތަމަ ހަފުތާވީ ކޮންމެ މީހަކަށްވެސް ނުހަނު ބުރަ ދުވަސްތަކަކަށެވެ. ދުވަސްކޮޅަކަށް މަޑުޖެހިފައިހުރި މަސައްކަތާއިވެގެން އެންމެން ހޭބޮއެނާރާއި އުޅެމުންދިޔައީ އެންމެ ފުރިހަމަގޮތުގައި އެމީހެއްގެ ޒިންމާއެއް އަދާކުރަން ބޭނުންވެފައި ތިބެއެވެ.
ފާއިތުވެދިޔަ ހަފުތާއެއްހައި ދުވަސްތެރޭގައި ނުހައިކް އާއި ޝަޔަމްގެ ގުޅުންވެސް މަޑުމަޑުން ބަދަހިވަމުން ދިޔައެވެ. މަދުމަދުން ނަމަވެސް ޝަޔަމްގެ ވާހަކަތަކުގައި ނުހައިކް ބައިވެރިވެ ހަދައެވެ. ކޮންމެ ދުވަހެއްގެވެސް ނަމާދު ގަޑިތަކުގައި މިސްކިތަށް ނުދެވިއްޖެނަމަ އޭނާއަށް ޚާއްސަކުރެވިފައިހުރި ކެބިންގައި ނުހައިކް ނަމާދުކޮށް ހަދައެވެ. އެމަންޒަރުތައް ބައެއްފަހަރު ޓަކިޖެހުމެއްނެތި އެކެބިންއަށް ވަންނަ ޝަޔަމްއަށްވަނީ ފެނިފައެވެ. ހައިރާންވެހުރެ އޭނާ އެކަމާއި ގުޅޭގޮތުން ނުހައިކްއާއި ސުވާލުކޮށް ހެދިއެވެ. ޝަޔަމްއަށް އެކަންކަންވީ މަޖާކަމަކަށެވެ. ވާނީވެސް އެހެންނޫންހެއްޔެވެ. އޭނާ އުފަންވީ “ނަމެއްގައި” މުސްލިމު އާއިލާއަކަށްވިއަސް އޭނާ ބޮޑުވެގެންއައީ ދީނާ ބެހޭ އެއްވެސް އިލްމެއް ނުލިބިއެވެ. ޚުދު އޭނާގެ މައިންބަފައިންގެ ފަރާތުންވެސް އޭނާ އެފަދަ މަންޒަރުތަކެއް ނުދެކެއެވެ.
އަބަދުވެސް ނަމާދުކޮށް ހަދާތީ އޭނާ ދުށީ މުހުސިނާއެވެ. ދެންވެސް އޭނާގެ މަންމަ ފާރާތު އާއިލާގައިތިބި އުމުރުން ދުވަސްވީމީހުނެވެ. އެހެންވެ އޭނާއަށް ހީވެފައިއޮތީ އެއީ މުސްކުޅި އާދައެއްކަމުގައެވެ. ބައެއްފަހަރު ނުހައިކްގެ އެހުންނަނީ ކުރީޒަމާނުގެ މީހުންގެ ހުންނަފަދަ ބޯދާ ޚިޔާލުތައްކަމަށް ޝަޔަމްއަށް ގަބޫލުކުރެވެނީ އެހެންވެއެވެ. ޝަޔަމްގެ އެދަފަ ވިސްނުމެއް ހުންނާތީ ނުހައިކް އަޖައިބުވިއެއްކަމަކު ހިތާހިތުން ޝަޔަމްއަށް ހިދާޔަތް ދެއްކެވުންއެދި އޭނާއަށް ދުޢާކުރެވުނެވެ.
*****
ފުރާ ދުވަސްއައިސް ޖެހުނުއިރު ނުހައިކްގެ ހިތަށް އެކި އެއްޗެހި އަރައިފައިބަމުން ދިޔައެވެ. ސާރާ އެކަނި ބަހައްޓައިފައިދާންވުމުން ހިތްނުތަނަވަސްވެފައިވިއެއްކަމަކު ސާރާގެ ބަސް ނުހައިކް ގަބޫލުކުރިއެވެ. އޮސްޓްރޭލިއާއަށްދާން ފުރުމުގެ ކުރިން ނުހައިކް ލަމްޔާ އާއި ބައްދަލުކޮށް ސާރާގެ ހާލު ބަރާބަރަށް ބެލުމަށް އެދުނެވެ. ބޭބެއަށްޓަކައި އުފާކުރާ ހާލު ލަމްޔާ އެކަމަށް އެއްބަސްވީ ނުހައިކް ސާރާ އާއި މެދުގައި ކަންބޮޑުނުވުމަށް ބުނަމުންނެވެ. އެ މަންމަ އެކަނިވިޔަ އޭނާ ނުދޭނޭކަމަށް ވައުދުވަމުންނެވެ. އަމިއްލަ ހިތާމަތަށް އާއިލާގެ ކުރިމަތީގައި ހިނިތުންވެހުރެ ފޮރުވަމުން ކެތްތެރިވުމަށް ލަމްޔާ މަސައްކަތްކުރަމުން ދިޔައިރު އެއިން އެއްވެސް ކަމެއްގެ ހިލަމެއް އެމީހުނަކަށް ނުވެއެވެ.
*****
ދިގު ދަތުރަކަށްފަހު ޝަޔަމްގެ ކާރު އެމީހުން ތިބުމަށް ހަމަޖެހިފައިވި ހޮޓަލުގެ ކުރިމައްޗަށް އައިސް މަޑުކޮށްލިއެވެ. ޝަޔަމްއާއި އެކު ފަހަތު ޝީޓުގައިއިން ނުހައިކް ދޮރުހުޅުވައިލަމުން ނުކުމެ އިސްއުފުލައިލަމުން އޭނާގެ ކުރިމަތީގައިހުރި އުސްއިމާރާތަށް ނަޒަރު ހިންގައިލިއެވެ. ހަމައެކަނި އެއިމާރާތުގެ ބޭރުފުށަށް ބަލައިލުމުންވެސް އެތަނަށް އަންނާނީ ކޮންފެންވަރެއްގެ ބައެއްކަން އެނގޭހައިވެއެވެ. ވަށައިގެން އެކިދިމަދިމާ ބަލަމުންދިޔަ ނުހައިކްއަށް ގޮވައިލަމުން އަތުގެ އިޝާރާތުން އައުމަށް ޝަޔަމް އަންގައިލިއެވެ.
އާޝޯޚުވެހުރެ ޝަޔަމްގެ ފަހަތުން އެހޮޓެލަށް ވަދެގެން ނުހައިކް އައެވެ. ހޮޓެލުގެ ލޮބީ ބޮޑުވެފައި ތަނަވަހެވެ. ލޮބީގެ އެކި ހިސާބުގައި މީހުނަށް މަޑުކޮށްލައިގެން ތިބެވޭނޭހެން ބޮޑެތި ސޯފާ ސެޓުތައް ބަހައްޓައިފައިހުއްޓެވެ. ދުވަހަކުވެސް އެފަދަ ތަނަކަށް އާދެވިފައިނުވާ ނުހައިކްއަށް އެހުރިހައި މަންޒަރެއްވީ ވަރަށް އައު މަންޒަރަކަށެވެ.
ޝަޔަމްގެ ފަހަތުން ގޮސް ލިފްޓަށް އެރެންދެން ދިމާވާ އެކި މީހުން ޝަޔަމްއާއި ކުރިމަތިލަމުން ދިޔައީ ފުޅާ ހިނިތުންވުންތަކާއެކުއެވެ. އެމީހުންގެ އަމަލުތައްހުރިގޮތުން އެމީހުނަށް ޝަޔަމް އެނގޭކަން ނުހައިކްއަށް ވިސްނުނެވެ.
ލިފްޓަށް އަރަމުން އެމީހުންތިބެން ހަމަޖެހިފައިހުރި ފަންގިފިލާގެ ނަމްބަރަށް ޝަޔަމް ފިތައިލިއެވެ. ޝަޔަމްގެ ކޮންމެ ހަރަކާތަކަށް ފަރުވާތެރިވެ ބަލަހައްޓައިގެން ނުހައިކް ހުއްޓެވެ.
“ވަރަށް ހައިރާންވެފަ ދޯ ތިހުރީ.. ހެހެ.. މިއީ އަހަރެންގެ ބައްޕަގެ ހޮޓެލެއް. އަހަރެންގެ ބައްޕަ އަކީ މިތަނުގަ ހޮޓެލްގެ ވިޔަފާރިތައްް ހިންގާ މީހެއް. އަހަރެންގެ އޮފީހާއި އެންމެ ކައިރީގައިހުރީ މިހޮޓެލް ވީމަ ބައްޕަ ގާތު ބުނީ މިތަނުގަ އަހަރުމެންނަށް ތިބެވޭނެގޮތް ހަމަޖައްސައިދެން..” ނުހައިކް ސުވާލެއް ނުކުރި ނަމަވެސް އެހިތުގައިވި ސުވާލުތަކަށް ޝަޔަމް ޖަވާބުދިނެވެ. ހީވަނީ ނުހައިކްގެ ހިތުގައި އޮތް އެއްޗެއް އެނގިގެން ބުނެލިހެންނެވެ.
ލިފްޓްއިން ނުކުމެގެން އައިސް ނުހައިކްއަށް ޚާއްސަކުރެވިފައިވި ކޮޓަރީގެ ކުރިމަތީގައި ޝަޔަމް މަޑުކޮށްލިއެވެ. އަދި އެކޮޓަރިއާއި ކުރިމައްޗަށް ވާގޮތަށް އެހުރީ ޝަޔަމްގެ ކޮޓަރިކަމަށް ބުނެލިއެވެ. އޭރު ހޮޓެލްގެ ދެ މުއައްޒިފަކު ނުހައިކް އާއި ޝަޔަމްގެ ލަގެޖްތައް ހިފައިގެން އައިސް އެހިސާބަށް މަޑުކޮށްލަނީއެވެ. އަތުގައިއޮތް ކީކާރޑުން ކޮޓަރިތައް ހުޅުވުމަށްފަހު ލަގެޖްތައް އެތެރަށް ވެއްދުމަަށްފަހު ނުކުމެ ނުހައިކްއާއި ޝަޔަމްއަތަށް ކީކާރޑު ދިނެވެ. އަދި އަވަސް ހިނގުމެއްގައި އެތަނުން އެނބުރި ދިއައެވެ.
“މީ މިހޮޓެލްގަ ހުރި އެންމެ ބޮޑެތި ކޮޓަރީގެ ތެރެއިން ދެކޮޓަރި.. މި ދެ ކޮޓަރީގެ ވިއު ވެސް ވަރަށް ސަޅިވާނެ.. ހީކުރަން ނުހައިކްއަށް ކަމުދާނެކަމަށް.. މިއަދު އަރާމުކޮށްލާނީ.. އޮފީހަށްދާނީ މާދަމާ..” ކޮޓަރީގެ ކުރިމަތީގައި ހުއްޓިހުރެ ޝަޔަމް ބުނެލިއެވެ. ނުހައިކް ބޯޖަހައިލުމުން ހިނިތުންވުމެއް ބަދަލުކޮށްލުމަށްފަހު ޝަޔަމް އޭނާގެ ކޮޓަރިއަށް ވަނެވެ. ނުހައިކްވެސް މަޑުމަޑުން ދޮރު ހުޅުވައިލުމަށްފަހު ކޮޓަރިއަށްވަދެ ދޮލުލައްޕައިލިއެވެ.
ޝަޔަމް ބުނީ ތެދެކެވެ. އެއީ ހިތްގައިމު ތަނަވަސް ކޮޓަރިއެކެވެ. ވަށައިގެން ނަޒަރު ހިންގަމުންދިޔަ ނުހައިކްއަަށް ހީވީ މުޅިން އެހެން ދުނިޔެއަކަށް އާދެވިގެން އުޅެވޭހެނެވެ. ހިތްހަމަޖެހިފައިހުރެ ކޮޓަރީގެ އެއްއަރިމަތީގައިހުރި އޭނާގެ ފޮށި ހުޅުވައިލުމަށްފަހު ފެންވަރައި ތާޒާވެލުމަށް އޭނާ އަވަސްވެގަތެވެ.
*****
ޖެހިގެންއައި ދުވަސްތައްވީ ބުރަ ދުވަސްތަކަކަށެވެ. އުޅެންޖެހިފައިހުރިގޮތުން ޝަޔަމްއާއި އެކުގައި އޮފީހުގައި ވަގުތުތައް ހޭދަވެގެން ދާގޮތްވެސް ނުހައިކްއަށް އިހުސާސުނުވެއެވެ. ހީކުރިވަރަށްވުރެ އެއޮފީހުގައި މަސައްކަތްކުރަމުންދިޔަ މުއައްޒިފުންވީ އެކުވެރި މީހުނާއި ގުޅޭ ބަޔަކަށެވެ. އެތަނުގައި ހިތްހަމަޖެހިގެން މަސައްކަތްކުރުމަށް ނުހައިކްއަށް އެހައި ފަސޭހަކަމަކަށްވީ އެހެންވެއެވެ. ނުހައިކްގެ އެކި ޚިޔާލުތައް އެމީހުނަށް ވަރަށް ކަމުދިޔައެވެ. އެހެންމީހުނަަށް ފާހަގަނުވާ ކުދިކުދި ތަންތަންކޮޅުވެސް ނުހައިކް ވަރަށް ފަސޭހަކަމާއެކުގައި ފާހަގަކޮށްލައެވެ. އަދި އެތަންތަންކޮޅު ރަނގަޅުކުރާނެ އެކި ގޮތްތައް ހުށައަޅައެވެ. އެފަދަ ވަގުތުތަކުގައި ޕްރޮޖެކްޓްގައި ޝަޔަމްގެ ދަށުން އެންމެ އިސްކޮށް މަސައްކަތްކުރަމުންދިޔަ މީހާ ޝަޔަމްއަށް ބަލައިލަމުން ހިނިއައިސްފައި ބޯޖަހައިލަނީ ޝަޔަމްގެ ހޮވުން ވަރަށް ރަނގަޅޭ ބުނެލާފަދަ ގޮތަކަށެވެ. ނުހައިކް އެ ޕްރޮޖެކްޓްގައި ބައިވެރިވީފަހުން އެޕްރޮޖެކްޓް އެތައްތަނެއް ފުރިހަމަވެއްޖެކަމުގައި އޭނާ ގަބޫލުކުރިއެވެ.
ބުރަކޮށް އުޅެމުން ދިޔަނަމަވެސް ނުހައިކް ބަރާބަރަށް އޭނާގެ މަންމަ އާއި ކޮއްކޮއަށް ގުޅައި ހާލުބަލައި ހަދައެވެ. އަދި ޕްރޮޖެކްޓް ނިމުނުހައި އަވަހަށް އިރާދަފުޅުން އެނބުރި އެމީހުންގެ ގާތަށް ދާނެކަމަށް ނުހައިކް ބުނެލިއެވެ. ގިނަފަހަރު އާއިލާއަަށް ގުޅެނީ އޮފީހުގައި ބުރަކޮށް އުޅުމަަށްފަހު އެނބުރި ނުހައިކް ހުންނަ ހޮޓަލަށް އައިސްފައިކަމުން ވެފައިހުންނަ ވަރުބައްޔާއެކު ލަމްޔާގެ ފަރާތުންފެންނަމުންދިޔަ ހަމަހިމޭންކަމަށް ނުހައިކްގެ ސަމާލުކަން މާބޮޑަށް ހުއްޓޭގޮތެއްނުވެއެވެ. ފެށުނީއްސުރެވެސް ލަމްޔާ އަކީ ބަސްމަދުކުއްޖަކަށް ވާތީ ކަމަށްވެސް ވެދާނެއެވެ. ނުވަތަ އަމިއްލަ އިހުސާސުތައް ފޮރުވަން ލަމްޔާ ކުޅަދާނައީއެވެ.
މުޅި ދުވަސް އެކިކަންކަމުގައި ނިމިގެންދިޔައެއްކަމަކު ކޮންމެ ދުވަހަކުވެސް ކޮންމެސް އެއްވަގުތެއްގައި ޝަޔަމް ޖިޔާއަަށް ގުޅައި ރާއްޖޭގައިހުރި އޭނާގެ އޮފީހުގެ ކަންކަން ކުރިއަަށްދަމުންދާގޮތް ބަލައެވެ. އާއިލާ ކުއްޖަކަށްވެފައި އެދެމެދުގައިއޮތް ވަރުގަދަ ގުޅުމެއްގެ ސަބަބުން ޝަޔަމް ޖިޔާ އާއި އެކަންކަން ހަވާލުކުރީ ވަރަށް އިތުބާރުކޮށްފައެވެ. އެހެނަސް ޖިޔާގެ ހިތުގައިވަނީ ހަސަދައިގެ ގިނި ރޯވަންފަށައިފައެވެ. ޝަޔަމްއާއި ނުހައިކްގެ ގުޅުން ގާތްވެދާނެތީ އޭނާ ޖެހިލުންވެއެވެ. އޭނާއަށް ނުހައިކްގެ ހިތް ކާމިޔާބުނުކުރެވުނުއިރު ޝަޔަމްއަށް އެކަން ކާމިޔާބުވާކަށް އޭނާގެ ހިތެއް ނޭދެއެވެ.
*****
ހީކުރިވަރަށްވުރެ އަވަހަށް ޕްރޮޖެކްޓްގެ މަސައްކަތްތައް ނިންމައިލެވުނެވެ. ރެޔާއި ދުވާލުކުރި ބުރަމަސައްކަތާއި މެދުގައި ހުރިހައި އެންމެންވެސްތިބީ ހިތްހަމަޖެހިފައެވެ.
މަސައްކަތްތައްނިމި ފުރުމަށް ބާކީ ދެދުވަސް އޮތުމުން ޝަޔަމް ބޭނުންވީ މަޖާކޮށްލާށެވެ. ރޭގަނޑު އޭނާއާއި އެކުގައި ކްލަބަކަށް ދިއުމަށް ނުހައިކްއަަށް ދައުވަތު ދިނުމުން ވަގުތުން ނުހައިކް އެކަމުން މަނާވެގަތެވެ. ނުހައިކް ދާން ބޭނުން ނުވުމުން ޝަޔަމްވެސް ކޮންމެހެން ގަދަކަމުން ނުހައިކް ގެންދިއުމަކަށް ނޫޅުނެވެ. އޭނާގެ އެންމެ ގާތް އެކުވެރިޔާއަަށް ގުޅައިލަމުން އެހިސާބުގައިހުރި ކްލަބަކަށް ރޭގަނޑު އައުމަަށް ޝަޔަމް ބުނެލިއެވެ.
ޝަޔަމްގެ ދައުވަތުވީ މައިކްއަަށް ލިބުނު ރަނުގެ ފުރުސަތަކަށެވެ. ހިތުގައިވި ނުބައި އެދުން ފުއްދުމަަށް އޭނާ ބޭނުންވެފައި ހުންނަތާ ލައްކަ ދުވަސްވެއްޖެއެވެ. އެހެނަސް ހިތަށްވެރިވެގެންދިޔަ ޚިޔާލުތަކުން މައިކްގެ ސިކުނޑި ހާސްކުރުވިއެވެ. ދެފަރާތަަށް ބޯހޫރުވައިލަމުން ބަރާބަރު ގަޑިއަަށް އޭނާ ޝަޔަމް ބަލައިދާނެކަމަށް ބުނެލިއެވެ.
އިރުއޮއްސެމުންދިޔައިރު އެމަންޒަރަަށް ބަލަހައްޓައިގެން ކޮޓަރީގެ ބޮޑު ބިއްލޫރި ދޮރު ކައިރީގައި ނުހައިކް ހުއްޓެވެ. އުޑުމައްޗަށް ވެރިވަމުންދިޔަ ތަފާތު ކުލަވަރު ފަނޑުވެފައިވީ ޖަމާވަމުންދިޔަ ބޮޑު ކަޅު ވިލާތަކުންނެވެ. ވިއްސާރަވާން އުޅޭކަމުގެ ނިޝާންތައް ބަލާލި ކޮންމެ ދިމާލަކުން ފައުޅުވަމުންދިޔައެވެ.
ކުރާނެ ކަމެއްނެތިފައި ހުރުމުގެ ބަދަލު އެހޮޓެލް ކައިރީގައިހުރި އެކި ފިހާރަތަކުން ވިޔަފާރިކޮށްލުމަަށް ނުހައިކްގެ ހިތަަށް އެރިއެވެ. އެނބުރިދާއިރު ސާރާ އާއި ލަމްޔާއަށް ކޮންމެވެސް ހަދިޔާއެއް ގެންދިއުމަށް އޭނާގެ ހިތްއެދުނެވެ. ވިއްސާރަވެދާނެތީ މާދުރު ފިހާރަތަކަށް ދިއުމުގެ ޚިޔާލު އޭނާ ދޫކޮށްލިއެވެ.
އިޝާ ނަމާދަށްފަހު ތައްޔާރުވެލައިގެން ނުހައިކް ކޮޓަރިން ނުކުތް ވަގުތުވީ ޝަޔަމްވެސް ކްލަބަށް ދިއުމަށް ތައްޔާރުވެލައިގެން ނުކުތް ވަގުތަށެވެ. ޝަޔަމް ލައިގެންހުރި ހެދުމުން އޭނާގެ ލޫޅާފަތި ހަށިގަނޑުގެ ވަނާތައް އެއްވެސް ފޮރުވުމެއްނެތި ފައުޅުވަމުންދިޔައެވެ. ގަޔަށް އެމަޑު ނޫކުލައިގެ ހެދުން ހިފައިލައިފައިވީއިރު ހެދުމުގެ ކުރުކަމުން ދޮންފައިގެ ބޮޑުބަޔެއްވެސް އޮތީ ހާމައަަށް ފެންނާށެވެ. އެއްފަހަރު ޝަޔަމްއަށް ބަލައިލިގޮތަަށް ނުހައިކް އިސްޖަހައިލީ ދެވަނަފަހަރަަށް ބަލައިލަން ބޭނުންނުވެގެންނެވެ. ނުހައިކްގެ މިއަމަލުން ޝަޔަމްގެ މަޑު ފިޔާތޮށި ތުންފަތްމައްޗަށް ލާނެތް ހިނިތުންވުމެއް ވެރިވެގެންދިޔައެވެ. އަދި ނުހައިކްއަށް ބަލަހައްޓައިގެންހުރެ އޭނާ ދަނީކަމަށާއި މާދަމާގެ ވަގުތުތައް ނުހައިކް ގޮވައިގެން އޭނާގެ ސިޓީ ދައްކައިލުމުގައި ހޭދަކުރާނެ ވާހަކަ ބުނެލިއެވެ. ނުހައިކްގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުނެއްކަމަކު އަތުކުރީގައިއޮތް ގަޑިއަށް ބަލައިލަމުން ޝަޔަމް އެތަނުން ދިއުމަަށް ހިނގައިގަތެވެ.
ޝަޔަމް ދިޔަދިމާއަށް ނުހައިކްއަަށް ބަލަހައްޓައިގެން ހުރެވުނީ ހިތްދަތިގޮތަކަށެވެ. މީހެއްގާތުގައި ނުބުނި ނަމަވެސް ފާއިތުވެ ގޮސްފައިވާ ދުވަސްތަކުގައި ނުހައިކްއަށްވަނީ ޝަޔަމްއަށް ޚާއްސަކަމެއްދެވެން ފަށައިފައެވެ. ޝަޔަމްއާއި އެކުގައި ވުމަށް އޭނާގެ ހިތްއެދެއެވެ. އެއަންހެންކުއްޖާ އާއި ދުރުގައިހުރުން އޭނާއަށްވަނީ ދަތިކަމަކަށްވެފައެވެ. ނަމަވެސް އިސްވެ އެފަދަ އެއްވެސް އެއްޗެއް ބުނާކަށް ނުހައިކްގެ ޟަމީރު އެއްބަހެއް ނުވެއެވެ. އޭނާ އާއި ޝަޔަމް އަޅައިނުކިޔޭނެކަން ޚުދު އޭނާއަށްވެސް ވިސްނެއެވެ. އެދެމީހުންނަކީ އެކަށީގެންވާ ދެމީހުންނޫންކަން އޭނާގެ ހިތަށް ވިސްނައިދޭން އޭނާ މަސައްކަތްކުރެއެވެ. ސިކުނޑީގެ ހައިޖާނުގަނޑު މަތަކުރުމަށްޓަކައި ފުންނޭވައެއް ދޫކޮށްލަމުން ތިރިއަަަށް ދިއުމަށްޓަކައި ނުހައިކް މިސްރާބުޖެހިއެވެ. ހިތާހިތުން ޝަޔަމްގެ ރައްކާތެރިކަމަށްއެދި އޭނާއަަށް ދުޢާކޮށްލެވުނީ ކީއްވެކަމެއް ނޭނގެއެވެ.
ހޮޓެލުން ނުކުމެގެންއައިސް ކާރަށް އެރި ޝަޔަމް ފެނުމުން މައިކްއަަށް ހިންދިރުވައިލެވުނެވެ. އެތައްދުވަހަކަށްފަހު ޝަޔަމް ފެނުނުއިރު އޭނާގެ ރީތިކަން އިތުރަަށް ފުރިހަމަވެފައި ހުރިހެންވެސް މައިކްއަށް ހީވިއެވެ. ނުލަފާ ގޮތަކަށް ހީލަމުން ހާމަވެފައިވީ ޝަޔަމްގެ ރީތިދެފަޔަށް މައިކް ނަޒަރު ހިންގައިލިއެވެ. އެއާއެކު އޭނާގެ ކެތްތެރިކަން ކޮޅުންލައިގެންނުދިޔައީ ކިރިޔާއެވެ.
“މިރޭ ހީވޭ ވަކިން ޝަޔަމް ރީތިހެން.. ތިހެދުން ޝަޔަމްއާ ވަރަށް ގުޅޭ..” ކާރު ދުއްވައިލަމުން މައިކް ޝަޔަމްއަށް ތައުރީފުކޮށްލިއެވެ. މައިކްގެ ބަސްތަކުން ޝަޔަމްގެ ތުންފަތުގައިވި ހިނިތުންވުން ފުޅާވެގެން ދިޔައެވެ. ނުހައިކް އޭނާއަށް އެފަދަ ތައުރީފެއް ނުކުރަނީ ކީއްވެހެއްޔެވެ؟ އެފަދަ ބަސްތައް އޭނާ އަހާހިތްވަނީ ނުހައިކްގެ ފުށުންނެވެ.
ނުހައިކްގެ ޚިޔާލުތަކަށް ގެއްލިހުރެ ޝަޔަމް ހޮޓަލާއި ދިމާއަށް ނަޒަރު ހިންގައިލިއެވެ. އޭރު ހޮޓެލުގެ އެއްފަރާތުގައި އެކާރާއި ދިމާއަށް ބަލަހައްޓައިގެންހުރި ނުހައިކް އޭނާ ދުއްޓެވެ. ހިތަށް އުފާވެރިކަން ލިބުނެއްކަމަކު ޝަޔަމް އެއިންކަމެއް އޭނާގެ މޫނުމައްޗަކުން ފައުޅެއް ނުކުރެއެވެ.
“މައިކް.. ކޮންތަނަކަަށް ތިދަނީ؟” އެމީހުން ދިއުމަަށް ހަމަޖެއްސި ކްލަބް ފަސްދީ މައިކްދާން ފެށުމުން ހައިރާންވެފައި ޝަޔަމް އަހައިލިއެވެ. ޝަޔަމްއަށް ބަލައިލަމުން ވަކި އެއްޗެކޭ ބުނުމެއްނެތި މައިކް ކުރިއަަށް ކާރު ދުއްވަމުންދިޔައެވެ. ޝަޔަމް ފެނުމާއެކު އޭނާގެ ހަމަބުއްދި ފިލައިފައިވާކަހަލައެވެ. އެއްވެސް ކަމަކާއި މެދުގައި އިތުރަަށް އެއްވެސް ވިސްނުމެއް ހިންގާކަަށް އޭނާ ބޭނުމެއްނުވެއެވެ. އެހިތުގައިވި އެދުންވަނީ އެހެންހުރިހައި ކަމެއްގެ މައްޗަށް ކުރިހޯދައިފައެވެ. ލައްކަ ދުވަހު އޭނާ ކެތްވެސް ކޮށްފިއެވެ. އެހެނަސް އެމަލުގެ ފޮނިމީރުކަން ނުލިބެނީސް އޭނާގެ ތެޅިފޮޅެމުންދިޔަ ނަފުސަށް ހަމަޖެހުމެއް ނުލިބޭނެކަން އޭނާއަށް އެނގެއެވެ.
ސުވާލުގެ ނަޒަރަކުން އެކިދިމަދިމާ ބަލަމުން ޝަޔަމް ދިޔައެވެ. ކްލަބާއި ތަންކޮޅެއް ދުރުގައިއޮތް އަނދިރި ގޯޅިއެއްގެ ތެރެއަށް މައިކް ކާރު މަޑުކޮށްލިއެވެ. އެއީ ވަރަށް މަދުން ނޫނީ މީހުން އަންނަ ހިސާބެއްނޫންކަން ޝަޔަމް ދަނެއެވެ. ކޮންސްޓްރަކްޝަންގެ އެކި މަސައްކަތްތައް ކުރިއަށްދަމުންދިޔަ އިމާރާތްތައް އެހިސާބުގައި ގިނައެވެ. ނިތަށް ރޫއަރުވައިލަމުން ޝަޔަމް މައިކްގެ މޫނަަށް ބަލައިލީ މިއީ އޭނާކުރާ ނުބައި ސަމާސާއެއްކަމަށް ހީކޮށެވެ.
“މައިކް.. ސީރިއަސްލީ.. މީ ކޮންކަމެއް؟ ކީއްކުރަން މިތަނަަށް ތިއައީ؟ ހިނގާ އެނބުރިދާން.. ބަލާބަލަ މިތަން ފެންނަލެއް ބިރުވެރިކަން.. އަހަރެން އެބަ ޖެހިލުންވޭ..” ވަށައިގެން އެކި ދިމަދިމާއަށް ނަޒަރު ހިންގަމުންދިޔަ ޝަޔަމްގެ ހިތަށްވަނީ ބިރުވެރިކަން ވަދެފައެވެ. ނަމަވެސް ޝަޔަމްގެ އަޑުގައިވި ޖެހިލުންވުމާއި ހާސްކަން މައިކްއަށް ފާހަގަނުވާފަދައެވެ. އެއަށްވުރެ އޭނާގެ ސިކުނޑިއަށް އަތްގަދަކުރަމުންދިޔަ ޚިޔާލުތައްވަނީ ފުންވެފައެވެ. މަސްތީގިތޮތަކަށް ޝަޔަމްއަށް ބަލައިލަމުން އޭނާ ޝަޔަމްގެ ހާމަވެފައިއޮތް ފަލަމަސްގަނޑުގައި އަތުން މަޑުމަޑުން ފިރުމައިލިއެވެ. މައިކްގެ އެއަމަލާއެކު ސިހިފައި ޝަޔަމްއަަށް އޭނާ އާއި ދިމާއަށް ބަލައިލެވުނެވެ. ފަނޑުއަލިކަމުގެ ތެރޭގައި ފެންނަމުންދިޔަ ޝަޔަމްގެ މޫނާއި ދިމާއަަށް ގުދުވެލަމުން މައިކް އެއްއަތުން ޝަޔަމްގެ ފަންއިސްތަށިނޑު އެއްފަރާތްކޮށްލިއެވެ. އަދި ޝަޔަމްއަށް ދުރަށްޖެހިލުމަށް ކުޑަވެސް ވަގުތުކޮޅެއްނުދީ އޭނާގެ ބޮޑު ދެއަތުން ޝަޔަމްގެ މޫނުގެ ދެފަރާތުގައި ހިފަހައްޓައިލިއެވެ. “މައިކް” މައިކްގެ އަމަލުތައް އިމުން ބޭރުވެގެންދާހެންހީވެ އަމިއްލަ ނަފުސަށް ވެރިވަމުންދިޔަ ނުތަނަވަސްކަމާއި ހާސްކަމާއެކު ޝަޔަމްއަަށް ގޮވައިލެވުނެވެ. އެހެނަސް ޝަޔަމްގެ ބިރުވެރިކަމުން ފުރިފައިވިއަޑު ކާރުގެ ތެރެއަށް ހިނދިގެން ދިޔައީއެވެ.
ދެއަތުން މައިކްގެ އަތުގައިހިފައި އޭނާގެ މޫނާއި ދުރުކުރުމަށް ޝަޔަމް މަސައްކަތްކުރަމުންދިޔައެވެ. އޭރު އޭނާގެ ހިތް ނެގިނެގިފައި ޖެހެމުންދިޔައިރު ހަށިގަނޑުގައި މަޑުމަޑު ތުރުތުރެއްވަނީ އުފެދިފައެވެ.
“މައިކް.. ޕްލީޒް.. އާދޭސްކުރަން.. އަހަރެން ދޫކޮށްލާ..” އަޑަށް ބާރުލަމުން ޝަޔަމް ބުނެލިއެވެ. އަމިއްލަ އެދުމުން ފޯވަމުންދިޔަ މައިކްއަށް އެއަޑުއިވުނުހެނެއް ހިއެއްނުވެއެވެ. އެއަށްވުރެ އޭނާގެ ސިކުނޑި ހިޞާރުކުރަމުންދިޔަ ޝައިތާނީ ވަސްވާސް ގަދަވެފައިވެއެވެ. އިތުރަށް އޭނާގެ މޫނު ޝަޔަމްގެ މޫނާއި ގާތްކޮށްލަމުން އެއޮމާން މޫނުގެ އެތަން މިތަނުގައި އޭނާ ބޮސްދޭންފެށީ މޮޔައަކު ހެންނެވެ.
ހިތަށް ވެރިވެގަތް ރުޅިވެރިކަމާއެކު ހާސްވެފައިއިން ޝަޔަމް ކުއްލިއަކަށް މައިކްގެ އިސްތަށިގަނޑުގައި އަތުން ހިފައި ލުއްކެތްޖެހިއެވެ. ވީތަދުން ތެޅިގަނެފައި އޭނާއަށް ޝަޔަމްއާއި ދުރަށް ޖެހިލެވުނެވެ. ޝަޔަމްގެ ފަރާތުން ފެންނަމުންދިޔަ ގަދަހެދުންތަކުން މައިކްގެ ނަފުސު ހަމައިންނެއްޓިކަހަލައެވެ. ނިތަށް ރޫއަރުވައިލަމުން ބާރަށް ޝަޔަމްގެ ދެއަތުގައި އޭނާ ހިފެހެއްޓިއެވެ.
“ކޮބާތަ މައްސަލައަކީ؟ އަހަރެން މީ ޝަޔަމްގެ އެންމެ ގާތް އެކުވެރިޔާއެއްނު.. އަހަރެމެން ދެމެދުގަ މިފަދަ ގުޅުމެއްއޮތުމަކުން އެއީ މައްސަލައެއްކަމަކަށް އަހަރެން ނުދެކެން.. ޝަޔަމްވެސް ގަދަހެދުން ހުއްޓާލަބަލަ.. ތިރީތި ހަަށިގަނޑުގަ ރަނގަޅަަށް ނުބީހެވެނީސް އަހަރެންގެ އަތުން އެއްވެސް އަނިޔާއެއް ލިބޭކަށް ނޭދެން.. ޝަޔަމްއަށްވެސް އެންމެ ރަނގަޅުވާނީ އެގޮތް.. އެހެން ނޫނީ ވޭން އަޅާނީވެސް ހަމަ ތިހަށިގަނޑުގަ.. މަޑުން އިނދެބަލަ.. އަހަރެން ޝަޔަމްގެ ހިތް އުފާކޮށްދޭނަމޭ..” ރުޅިވެރިކަމާއެކު ފެއްޓި ވާހަކަ ނިންމައިލިއިރު މައިިކްގެ އަޑުގައިވީ މަސްތުކަމެވެ. ޝަޔަމްއަަށް އޭނާ ބޭނުންވެފައިއިން މިންވަރެވެ. ޝަޔަމްގެ ދެއަތުގައިހިފައި އޭނާ އާއި ދިމާއަށް މައިކް ދަމައިގަތެވެ. އެދިޔަ ބާރުމިނުގައިގޮސް ޝަޔަމްގެ މޫނު ޖެހުނީ މައިކްގެ މޭގައެވެ. ދެލޯމަރައިލަމުން މައިކް ޝަޔަމްގެ ބުރަކަށީގައި ފިރުމައިލިއެވެ. އަދި އޭނާ ލައިގެންއިން ހެދުމުގެ ފަހަތުގައިހުރި ޒިބާއި މަޑުމަޑުން އަތުން ކުޅެލިއެވެ.
“ނޫން.. ނޫން.. ޕްލީޒް މައިކް.. ނޫން.. އަހަރެންނަށް ތިހެން ނުހަދާ.. އަހަރެމެންގެ އެކުވެރިކަމުގެ ހައްގުގަ.. ޕްލީޒް.. އަހަރެން މީ ތިފަދަ ގޮތްގޮތަށް އުޅޭ ކުއްޖެއްނޫންކަން އެންމެ ރަނގަޅަށް އެނގޭނީ މައިކްއަށް.. ޕްލީޒް.. އަހަރެން ދޫކޮށްލާ.. އަހަރެން މައިކްއަށް ކުރާ އިތުބާރު ސުކުންތެއްގެ ތެރޭ ވެއްޔާ މޮޑެނުލާ.. އާދޭސްކުރަން..” މައިކްގެ މެޔުގައި ބޮލުން ތަޅަމުން ތެޅިފޮޅެމުންދިޔަ ޝަޔަމް އާދޭސްކުރަމުން ދިޔައެވެ. ވާހަކަދައްކަމުންގޮސް އޭނާއަށް ރޮވުނީ ކޮންއިރަކުކަމެއްވެސް ޚުދު ޝަޔަމްއަށް ބުނެދޭކަށް ނޭނގެއެވެ. އަބަދީއްސުރެވެސް އެންމެ ގާތްކޮށްދެކުނު، އެންމެ އިތުބާރުކުރި އެކުވެރިޔާގެ ފުށުން އެފަދަ ކަމެއް ފެނިދާނެކަމަށް ފަހަރެއްގައިވެސް ޝަޔަމް ހިއެއްނުކުރެއެވެ. އެހެނަސް މިރޭ މައިކްގެ އަމަލުތައްހުރިގޮތުން އޭނާއަށް ކުރެވުނީ ކިހައިބޮޑު ކުށްހީއެއްކަން ޝަޔަމްއަަށް ވިސްނުނެވެ.
“ތީއޭ މައްސަލައަކީ.. ޝަޔަމް ކީއްވެތަ ވަކި އެހެން އަންހެންކުދިން އުޅޭގޮތަށް ނޫޅެންވީ؟ އެންމެ ރެއަކު އަހަރެންނާ މިފަދަ ގޮތަކަށް ގާތްވެލިއަސް ޝަޔަމްއަށް ވާނެގެއްލުމެއް ނޯނާނެ.. މިއީ މައްސަލައެއްނޫނޭ.. އަހަރެން ޝަޔަމްއަށް ބޭނުންވާންފެށީ އިއްޔެއަކު މިއަދަކު ނޫނޭ.. ތިމަލުގެ ރަހަ ބަލައިލާހިތުން ހުންނަތާ ކިތަންމެ ދުވަހެއްވެއްޖެ.. އެންމެ ފަހަރަކު.. ހަމަ އެންމެ ފަހަރަކު.. އަހަރެންނަށް އެފުރުސަތު ދީބަލަ..” މައިކް އެކޭ ހަމަބުއްދި ފިލައިފައިއިން މީހެކޭ ތަފާތެއްނެތެވެ. މިވަގުތު ޝަޔަމް އޭނާއާއި މެދުގައި ކޮންމެ ގޮތަކަށް ވިސްނިނަމަވެސް އޭނާއަށް ހެވެވެ. ފަހުންވެދާނެ ގޮތަކާއި މެދުގައި ފިކުރުހިންގުމަށްވުރެ އޭނާގެ ހަށިގަނޑުގައި އުފެދެމުންއައި އިހުސާސުތައް މާވަރުގަދައެވެ. މޮޔައަކުހެން ގަދަހަދަމުން ރޮމުން އާދޭސްކުރަމުންދިޔަ ޝަޔަމް މައިތިރިކުރެވޭތޯ އޭނާ މަަސައްކަތްކުރަމުން ދިޔައެވެ. ފަހަރެއްގައިވެސް ޝަޔަމްގެ ފަރާތުން ދެކޮޅުވެރިކަން ފެނިދާނެކަމަށް ހީވެފައިނެތުމާއިއެކު އޭނާގެ ސިކުނޑިއަށް އަތްްގަދަކުރަމުންދިޔަ ވަސްވާސްތަކުން މައިކްގެ ރުޅި ހަމައިންނައްޓާގޮތްވިއެވެ.
ހިފަހައްޓައިލައިގެންއިން ޝަޔަމްގެ ދެއަތަށް ބާރުކޮށްލަމުން އޭނާ ޝީޓާއި ދިމާއަށް މައިކް ކޮށްޕައިލިއެވެ. އަދި އަތުގައިހުރި ބާރެއް ލައިފައި ޝަޔަމްގެ ކޯމަތީގައި ޖަހަމުން ދެފަރާތުން ޝަޔަމްގެ ކޮލުގައިހިފައި އަނގަޔަަށް ފިތައިލިއެވެ. ވީތަދާއެކު ހޯސްލައިފައި ޝަޔަމްގެ ދެލޮލުން ކަރުނަ އޮހިގަތެވެ. ބޭއިޚުތިޔާރުގައި ހިތާއިހިތުން އޭނާއަަށް ނުހައިކްއަށް ގޮވައިލެވުނެވެ. އަޑު ނީވޭނެކަން އެނގޭއިރުވެސް އޭނާ ސަލާމަތްކޮށްދިނުމަށް އެދެވުނެވެ.
“އެންމެ ހިނދުކޮޅަކުވެސް މައިތިރިވެގެން އިނދެބަލަ.. ތިއުޅެނީ އަހަރެންގެ އަތުން ބޮނޑިއެއްނުބޮވިގެންތަ؟” ޝަޔަމްގެ ކަރުނުންފުރިފައިވި ދެލޮލާއި ނަޒަރު ސީދާކޮށްލަމުން ދަތްކުނޑިވިކައިލައިފައި މައިކް ބުނެލިއެވެ. ހިތުގެ އެދުން ފުރިހަމަކުރުމަށް އެޅެމުންދިޔަ ހުރަސްތަކުން އޭނާގެ ބުއްދިއައްވެސް އަސަރުކުރަމުން ދިޔައެވެ. ގިސްލަގިސްލައިފައި ރޮއެގަންނަމުން ޝަޔަމްއަަށް ދެލޯމަރައިލެވުނެވެ. ހަދާނެގޮތެއްނޭނގި އޭނާގެ ސިކުނޑީގެ މަސައްކަތްވެސް ހުއްޓުމަކަށް އައިސްފައިވާ ކަހަލައެވެ. އިރުކޮޅަކު ޝަޔަމްއަަށް ބަލަން އިނުމަަށްފަހު އެއްމިޔަކަނުން ހިނިތުންވެލަމުން މައިކް އޭނާގެ މޫނު ޝަޔަމްގެ ދޮން ކަނދުރާއާއި ދިމާއަށް ތިރިކޮށްލިއެވެ. އަދި ޝަޔަމްގެ ކޯތާފަތުގައި ހިފަހައްޓައިގެންހުރި އަތް މަޑުމަޑުން ތިރިކުރަމުންގޮސް އޭނާ ލައިގެންހުރި ހެދުމުގެ ކޮނޑާދިމާލުންހިފައި ތިރިއަަށް ޖައްސައިލިއެވެ. ކަނދުރާއަށް އިހުސާސުވެގެންދިޔަ މައިކްގެ ހޫނު ނޭވާތަކާއެކު މެރިފައިވި ޝަޔަމްގެ ދެލޯ ކުއްލިއަކަށް އޭނާ ހުޅުވައިލިއެވެ. އަދި އަތަށް ލެވުނުހައި ބާރެއް ލައިފައި މައިކްގެ މޭގައިއަޅައި ދުރަށް ކޮށްޕައިލިއެވެ. ނުވިސްނައިއިން މައިކް ފަހަތަަށް ވިއްސައިގެންދިއުމާއެކު ލިބުނު ހަނި ފުރުސަތުގައި ކާރުގެ ދޮރު ހުޅުވައިލަމުން ޝަޔަމް އަވަހަށް އޭގެއިން ފޭބިއެވެ. ހަނދާންނެތިގެން ނަމަވެސް މައިކްއަަށް ކާރުގެ ދޮރު ތަޅުނުލެވުނުކަން ނަސީބޭ އެވަގުތު ޝަޔަމްގެ ހިތަަށް އެރިއެވެ.
އެއްއަރިއަކަށް އަޅުވައިލެވިފައިވި އަތްދަބަހުގައި ބާރަށް އަތުން ހިފަހައްޓަމުން ފަޔަށް ލެވުނުހައި ބާރެއްލައިފައި ޝަޔަމް ދުއްވައިގަތެވެ. އެވަގުތު ދަބަހުގެ ތެރެއިން އިވުނު އޭނާގެ ފޯނުގެ ރިންގް އަޑާއެކު ދުވަމުންދިޔަ ޝަޔަމް ފޯނު ނަގައި ބަލައިލިއެވެ. ސްކްރީނަަށް އަރައިފައިވި ނުހައިކްގެ ނަމުން ހިތްއަވަސްވެފައިހުރި ޝަޔަމް އަވަސް އަވަހަށް ފޯނު ނަގައި ކަންފަތުގައި ޖައްސައިލިއެވެ.
“ނު.. ނުހަ.. އިކް.. ޕް..ލީޒް.. ސޭވް.. މީ..” ގިސްލެވިފައިހުރިލެއް ބޮޑުކަމުންނާއެކު ދުވަމުންދިޔުމުން ވާހަކަދެއްކުންވީ ޝަޔަމްއަަށް ދަތިކަމަކަށެވެ. އެހެނަސް ހިތްވަރުކޮށްފައި އޭނާ ވާހަކަދެއްކޭތޯ މަސައްކަތްކުރިއެވެ.
*****
ޝަޔަމް ގާތުގައި އެއްޗެއް އަހައިލުމަށް ގުޅައިލި ނުހައިކްގެ މުޅި ނަފުސު ކުއްލިއަކަަށް އެލާޓަށް އައިކަހަލައެވެ. ދެލޯބޮޑުވެފައިހުރިއިރު އިވެމުންދިޔަ ޝަޔަމްގެ އަަޑުން މީހާއަަށް ހުއްޓުންއަރާގޮތްވިއެވެ. އަތުގައިއޮތް ކޮތަޅާއިއެކު ދުވެފައިކަހަލަގޮތަކަށް ނުހައިކް ހުރި ފިހާރައިން ނުކުތެވެ.
“ޝަޔަމް.. ވަޓްސް ރޯންގް؟ ކޮންތާކު ތިހުރީ؟” ފޯނު ކަންފަތުގައި ޖައްސައިބާރުކޮށްލަމުން ކަންބޮޑުވެފައި ނުހައިކް އަހައިލިއެވެ. ނަމަވެސް ދެވަނަ ފަހަރަށް ޝަޔަމްއަށް އެއްޗެއް ބުނެވުމުގެ ކުރިން ފޯނު ކެނޑިއްޖެއެވެ. ދެބުމަ ކައިރިވެގެންދިޔަ ނުހައިކް އަލުން ޝަޔަމްއަށް ގުޅަމުން ފޯނު ކަންފަތުގައި ޖައްސައިލިއެވެ. އިރުކޮޅަކި ރިންގް ވުމަށްފަހު ފޯނުކެނޑުމުން ނުހައިކް ހާސްވާގޮތްވިއެވެ. އަތުން މޫނުގައި ފިރުމައިލަމުން މަގުމައްޗަށް ނުކުމެ ޓެކްސީއެއް ލިބޭތޯ އޭނާ މަސައްކަތްކުރަން ފެށިއެވެ. ނަސީބަކުން މާބޮޑު މަސައްކަތަކާއިނުލާ ޓެކްސީއެއް އޭނާއަށް ލިބުނެވެ. ކުރީ ޝީޓަށްއަރައި ހަމަޖެހިލަމުން އެހިސާބާއި އެންމެ ކައިރީގައިހުރި ކްލަބަށް ދިއުމަށް ނުހައިކް ބުނެލި އިރުވެސް ޝަޔަމްއަށް ގުޅޭތޯ އޭނާ މަސައްކަތްކުރަމުން ދިޔައެވެ. ނަމަވެސް ދާދި ދެންމެއަކާ ޖެހެންދެން ރިންގްވި ޝަޔަމްގެ ފޯނު އޮތީ މިހާރު ނިއްވައިލައިފައިކަމަށް ބުނަންފެށުމުން ނުހައިކްގެ ކަންބޮޑުވުން އިތުރުވެގެން ދިޔައެވެ.
ޓެކްސީގެ ދުވެލި މަޑުޖެހުމާއެކު ވަށައިގެން ނުހައިކް ނަޒަރު ހިންގައިލިއެވެ. ޝަޔަމް އަރައިގެންދިޔަ ކާރު އެހިސާބުގައި ނެތުމުން ޝަޔަމް އައީ އެކްލަބަށް ނޫންހެން ހީވެ ޓެކްސީ ޑްރައިވަރާއި ދިމާއަށް އޭނާ އެނބުރިލިއެވެ.
“މި ނޫން އެހެން ކްލަބެއް ދެން ނީނދޭތަ މިހިސާބުގަ؟” ކެތްތެރިކަން ކުޑަވެފައި އިނދެ ނުހައިކް އަހައިލިއެވެ. “ނޫން. މިމަގުގެ ތަންކޮޅެއް އެކޮޅުވެސް ހުންނާނެ ކްލަބެއް. އެތަނައްތޯ ދާންވީ؟” އަދަބުވެރިކަމާއެކު އެމީހާ އަހައިލިއެވެ. ނުހައިކް މަޑުމަޑުން ބޯޖަހައިލިއެވެ. އަދި ބޭރަށް ނަޒަރު ހުއްޓައިލީ ޝަޔަމްގެ އެއްވެސް އަސަރެއް އެއިން ހިސާބަކުން ފެނޭތޯއެވެ.
ކުއްލިއަކަށް ހުރަސްކޮށްލި ގޯޅިއެއެއްގެ ތެރެއިން އޭނާ އަށް ކާރެއް ފެނުނުހެން ހީވިއެވެ. އަދި އެކާރު ކައިރީގައި ދެމީހަކު ހަރަކާތްތެރިވާހެން ހީވެ ނުހައިކްގެ ނިތަށް ރޫއަރައިގެން ދިޔައެވެ. މަގަށްވެރިވެފައިއޮތް ފަނޑު އަލިކަމުގެ ތެރޭގައި ކޮންބައެއްކަން ސާފު ނުވިއަސް ނުހައިކް ބޭނުންވީ އޭނާގެ ހިތުގެ ހަމަޖެހުމަށްޓަކައި އެގޯޅި އަދި އެއްފަހަރު ބަލައިލުމަށްފަހު ދާށެވެ.
“ދެންމެ ހުރަސްކުރި ގޯޅި ކައިރިއަށް އަލުން ދެވިދާނެތަ؟ ސޮރީ.. އަހަރެން މި މަސައްކަތްކުރަމުން ދަނީ މީހަކު ހޯދަން..” ހިސާބަކަށް ކަންބޮޑުވެފައިއިނދެ ނުހައިކް ބުނެލިއެވެ. ނުހައިކްގެ މޫނަަށް ބަލައިލަމުން ޑްރައިވަރު ހިތްހެޔޮ ހިނިތުންވުމެއް ދިނެވެ. އަދި ބޯޖަހައިލަމުން ކާރު ފަހަތަށް ޖައްސަންފެށިއެވެ.
“އެގޯޅިން އެއްޗެއް ފެނުނީތަ؟ އަސްލު އަހަރެން އެވަރަަށް އެގޯޅިތެރެއަކަށް ނުސްބަލަން.. ތިއީ ވަރަށް މަދުފަހަރަކު ނޫނީ ބަޔަކު އަންނަ ގޯޅިއެއްވެސް ނޫން.. އަހަރެން ވަރަށް އަޑުއަހަން ތިއީ ވަރަށް ނާމާން ހިސާބެކޭ ކިޔާއަޑުވެސް.. އެހެންވެ އާންމުކޮށް މިހިސާބުން ދަތުރުކުރިޔަސް މީހުން ވަރަަށް ތިގޯޅިއަށް ސަމާލުކަން ނުދޭނެ..” ކާރު ފަހަތަށް ޖައްސަމުން ޑްރައިވަރު ބުނެލިއެވެ. ވަކި އެއްޗެކޭ ނުބުނެ އޭނާގެ ވާހަކަތައް އަޑުއަހަން ނުހައިކް އިނެވެ.
ގޯޅީގެ އެއްކައިރިއަށް ޓެކްސީ މަޑުކޮށްލުމާއެކު ލޯހިމަކޮށްލަމުން ނުހައިކް ތަންކޮޅެއް ރަނގަޅަށް އެގޯޅި ތެރެއަށް ބަލައިލިއެވެ. ފެންނަމުންދިޔަ މަންޒަރު ކޮންމެވެސް ވަރަކަށް އޭނާއަށް ފަހުމްވީ ދެނެވެ. އޭނާ ގާތުގައިއިން ޑްރައިވަރުވެސް ދެލޯބޮޑުކޮށްލަމުން ނުހައިކްގެ ކޮނޑުގައި ޖަހައިލިއެވެ.
“އަހަރުމެންނަަށް މިފެންނަނީ ރަނގަޅަަށްތަ؟ ހީވަނީ އެމީހަކު ގަދަކަމުން އަންހެންކުއްޖަކަށް ކަމެއްކުރަން އުޅޭހެން..” ކުޑަކުޑަކޮށް ކާރު އެދިމާލަށް އަނބުރައިލަމުން ޑްރައިވަރު ވާހަކަދެއްކިއެވެ. ކާރުގެ ހެޑްލައިޓުން މަގަށް ވެރިވެގެންދިޔަ އަލިކަމާއެކު ރޮވިފައި އެދިމާލަށް ބަލައިލި ޝަޔަމްގެ މޫނު ރީތިކޮށް ނުހައިކްއަށް ފެނުނެވެ. އެހިނދު އިނދެވުނުތަންވެސް ނުހައިކްއަަށް ނޭނގުނެވެ. އަވަސް އަވަހަށް ޓެކްސީއިން ފައިބަން އޭނާ އުޅެގަތެވެ.
“އެއީތަ ތިހޯދާ ކުއްޖަކީ؟ މައި ގޯޑް.. އަވަހަށްދޭ.. އަހަރެން ޕޮލިހަށް އެބަގުޅަން..” ކާރުގެ ހެޑްލައިޓުން އެޅިފައިވި އަލިކަމުގެ ތެރޭ ފެންނަމުންދިޔަ މަންޒަރު ގަބޫލުނުކުރެވިފައިއިނދެ ޑްރައިވަރު ބުނެލިއެވެ. އަދި ލައިގެންއިން ފަޓުލޫނުގެ ޖީބުން ފޯނު ނަގަމުން އަވަސް އަވަހަށް ނަމްބަރަކަށް ފިތައިލަމުން ކަންފަތުގައި ފޯނު ޖައްސައިލިއެވެ.
ޝަޔަމްގެ ގައިގައި އޮޅުލައިގެނެގެންކަހަލަ ގޮތަކަށްހުރެ ގަދަހަދަމުންދިޔަ ޝަޔަމް މައިތިރިކުރަން މައިކް މަސައްކަތްކުރަމުން ދިޔައެވެ. ޝަޔަމްއަށް ސަމާލުކަން ދެވިފައިވާލެއް ބޮޑުކަމުން އެގޯޅިއަށް ވެރިވެގެންދިޔަ އަލިކަންވެސް އޭނާއަށް ފާހަގަނުވެއެވެ. އެގޮތުގައިވެސް އޭނާ މަސައްކަތްކުރަމުން ދިޔައީ ޝަޔަމްގެ ހަޑިގަނޑުން އުފާ ހާސިލުކުރެވޭތޯއެވެ. އޭރު އެކި ފަހަރުމަތިން މައިކް ގެނައި ހަރަކާތްތަކާއެކު ޝަޔަމް ލައިގެންހުރި ހެދުމުގެ އެކި ދިމަދިމާލުން އިރައިގެންގޮސްފައި ހުއްޓެވެ. ކަނައަތު ކޮނޑާއި ދިމާލުން އިރައިލައިފައިވީއިރު ހެދުމުގެ ތިރިންވެސް ތަންގަނޑެއް ވީދިފައިހުއްޓެވެ. އެހެނަސް ޝަޔަމް އުޅެމުންދިޔަ ގޮތުން އަދިވެސް އޭނާގެ މަސައްކަތް ކާމިޔާބުވާގޮތެއް ނުވެއެވެ.
ޓެކްސީއިން ފައިބައިގެން ދުވެފައިކަހަލަ ގޮތަކަށް އެދިމާއަށް އައި ނުހައިކް މައިކްގެ ފަހަތުން ޓީޝާޓުގައި ހިފައި ދަމައިގަތެވެ. އެހިނދު ސިހިފައި ފަހަތަށް ބަލައިލި މައިކްގެ މޫނުގައި ގޮށްމުށުން އޭނާ ޖެހިއެވެ. ދިފާއުގައި މައިކްއަަށް ކަމެއްކުރާނެ އެއްވެސް ފުރުސަތެއްނުދީ ނުހައިކް އޭނަގެ ޓީޝާޓުގެ ކަރާއި ދިމާލުން ދެފަރާތުގައި ހިފައި ގެންގޮސް މައިކްގެ ކާރާއި ދިމާއަށް އޭނާ ކޮށްޕައިލިއެވެ. ވިއްސައިގެންގޮސް ކާރުބުޑަށް ޖެހުމާއެކު ރުޅިއައިސްފައި މައިކް ތެދުވިއެވެ.
“ކަލޭ ތީ ކާކުތަ މިދޭތެރަަށް ވަންނަން؟ ނުބެހޭ ކަންތަކާ ނުބެހި ހުރޭ.” ނުހައިކްއާއި ދިމާއަށް އަންނަމުން މައިކް ހަޅޭއްލަވައިގަތެވެ. “އަހަރެން މީ ކޮންމެ މީހަކަސް ކަލެއަށް ކީއް.؟ ކަލޭ ދެން އެހަށިގަނޑުގެ އެންމެ ތަންފުކެއްގަ އިނގިލިކުރި ޖައްސައިލިއަސް އެއިން ކޮންމެ އިނގިއްޔެއް އަހަރެން ބިންދާލާކަށްވެސް ފަހެއް ނުޖެހޭނަން.” ނުހައިކްގެ އަޑުވެސް އެހިސާބުގައި ގުގުމައިގެން ދިޔައެވެ.
ނުހައިކްގެ ގައިގައި ހިފައިގަންނަން އުޅުނު މައިކްއަށް ކުއްލި ސިހުމެއް ލިބުނީ އެހިސާބާއި ކައިރިން އިވިގެންދިޔަ ޕޮލިސް ކާރުގެ ސައިރަން އަޑުންނެވެ. ނުހައިކްގެ ގައިގައި ޖަހަަން އުޅެފައިވެސް އެޚިޔާލުދޫކޮށްލަމުން އެތަނުން ފިލަން އޭނާ އުޅެގަތެވެ. އެހެނަސް މައިކްއަަށް އެފުރުސަތު ނުދީ ވިސްނައިގެންހުރި ނުހައިކް އޭނާގެ ގައިގައި ހިފައިގަންނަމުން އޭނާ ހުއްޓުވިއެވެ. ގަދަހެދިއެއްކަމަކު މައިކްއަށް ނުހައިކްގެ ގާތުގައި ކުރިހޯދޭގޮތެއް ނުވިއެވެ. ޕޮލިސް ކާރު އައިސް އެތަނަށް މަޑުކޮށްލި އިރުވެސް އޭނާއަަށް ސަލާމަތްވެވޭގޮތެއް ނުވިއެވެ.
އެއްފަރާތްވެލަމުން ތިރިއަށް ވެއްޓިފައިއޮތް އަތްދަބަސް ނަގައި މޭގައި ޖައްސައިލަމުން ހާމަވެފައިވި ހަށިގަނޑު ނިވާކުރުމަަށް މަސައްކަތްކުރަމުންދިޔަ ޝަޔަމް ގިސްލެވިފައި އެމަންޒަރުތައް ބަލަން ހުއްޓެވެ. ރޮވިފައިހުރިލެއް ބޮޑުކަމުން އޭނާގެ މެޔަަށްވެސް ތަދުވަމުންދިޔައެވެ. ޕޮލިހުން މައިކްއާއި ހަވާލުވުމާއެކު ނުހައިކް އަވަސްވެގަތީ ޝަޔަމްއާއި ދިމާއަަށެވެ.
ޓީޝާޓު މަތިން ނުހައިކް ލައިގެންހުރި ޖެކެޓް ބައިލަމުން އަވަސް އަވަހަށް ޝަޔަމް އޭތި ލެއްވިއެވެ. އަދި އޭނާ ދަތުރުކުރި ޓެކްސީގެ ޑްރައިވަރު ގާތުބުނެ އޭނާ ގެނައި ކޮތަޅު ގެނައެވެ. ކޮތަޅު ހާވައިލަމުން އޭގެން އޭނާ ލަމްޔާއަށް ގަތް ފުޅާ ޝޯލް ނަގައި ޝަޔަމްގެ އުނަގަނޑާއި ދިމާލުން އޭނާގެ ދެފައިގެ ބޮޑުބައެއް ނިވާވާގޮތަށް އައްސައިލިއެވެ. އެހުރިހައިއިރު އިސްޖެހިފައިހުރި ޝަޔަމް އިސްއުފުލައިލަމުން ކަރުނަވީ ދެލޮލުން އޭނާގެ ގާތުގައި ހުރި ނުހައިކްއަށް ބަލައިލިއެވެ. އެއާއެކު އޭނާގެ ބަޑި ފަޅައިގެންދިޔައެވެ. ބާރަށް ރޮއެގަނެވުމާއެކު ބޭއިޚުތިޔާރުގައި އޭނާއަށް ނުހައިކްގެ ގައިގައި ބައްދައިގަނެވުނެވެ. ޝަޔަމްގެ ގިސްލުމުގެ އަޑުން މުޅި މާހައުލު ގުގުމަމުންދިޔައިރު، ހަވީއްރުއްސުރެ އުޑުމަތި ބައްދަމުންއައި ކަޅުވިލާތަކުން ވާރޭ އޮއްސައިގަތީ ހަމަކުއްލިއަކަަށެވެ. ޝަޔަމްގެ ހިތާމައިގައި މުޅި ދުނިޔެވެސް ބައިވެރިވަމުންދިޔަ ކަހަލައެވެ.
ރޫރޫއަޅަމުންދިޔަ ޝަޔަމް ގެނެސް މެޔާލައި ބާރުކޮށްލަމުން ލޯތްބާއެކު ނުހައިކް ޝަޔަމްގެ ބޮލުގައި ފިރުމައިލިއެވެ. އަދި ކުޑަކުއްޖަކު މަސަލަސްކުރާނެފަދައިން ޝަޔަމް ހަމައަކަަށް އެޅުވޭތޯ ނުހައިކް އުޅެގަތެވެ.
“ޝްޝްޝް.. ދެން ހުއްޓާލާ. އަހަރެން މިހުރީ އައިހެއްނު.. އަހަރެން ހުއްޓަ އިރާދަކުރެއްވިއްޔާ ޝަޔަމްއަށް ދެރަގޮތެއް ވިޔަކަ ނުދޭނަން.. އަހަރެންނަށް އިތުބާރުކުރޭ..” ގަޔާއި ޝަޔަމް ދުރުކޮށްލަމުން އެދެލޮލުން އޮހޮރެމުންދިޔަ ކަރުނަތައް ނުހަނު އޯގާތެރިކަމާއެކު ނުހައިކް ފުހެލަދިނެވެ. އިރުކޮޅަކު ނުހައިކްގެ ދެލޮލަަށް ބަލަން ހުރުމަަށްފަހު އަނެއްކާވެސް ޝަޔަމް ނުހައިކްގެ ގައިގައި ބައްދައިލިއެވެ. ޝަޔަމްގެ ކޮނޑާއި ދިމާލުން ގަޔާއި ކައިރިކޮށްލައިގެންހުރެ އެތަނަށް އައިސް ހުއްޓުނު ޕޮލިސް އޮފިސަރާއި ނުހައިކް ވާހަކަދައްކަން ފެށިއެވެ.
*****
ޕޮލިސް ސްޓޭޝަނުން ނުކުމެ ޝަޔަމްގެ އަތުގައި ހިފައިގެން އައިސް ނުހައިކް ޓެކްސީއަަށް އެރިއެވެ. ހަމްދަރުދީގެ ބެލުމަކުން ހުއްޓުންއަރައިފައިއިން ޝަޔަމްއަށް ބަލައިލަމުން ޑްރައިވަރު ކާރުދުއްވައިލިއެވެ. އެމީހުންތިބޭ ހޮޓެލްގެ ކައިރިއަށް ކާރު މަޑުކޮށްލުމާއެކު އެއްފަރާތުގައިއޮތް އޭނާ ގެނައި ކޮތަޅު ނަގަމުން ޑްރައިވަރަށް ފައިސާދެއްކުމަށްފަހު ޝުކުރު އަދާކޮށްލަމުން ޓެކްސީއިން ފައިބައި ޝަޔަމް ފެއިބުމަށް ނުހައިކް އެހީވެދިނެވެ. ރުއިން މެދުކެނޑިފައި ވީނަމަވެސް ޝަޔަމްހުރީ ބަސްމަދުވެ ފުންޚިޔާލަކަަށް ގެއްލިފައެވެ. އޭރުވެސް ހުއްޓުމެއްނެތި ބޯކޮށް ވާރޭ ވެހެމުންދިއުމުގެ ސަބަބުން މަގުމަތީގައި ހަރަކާތްތެރިވަމުންދިޔަ މީހުން މަދެވެ.
ހޮޓެލް ކައިރީގައި މަޑުކޮށްލަމުން ޝަޔަމްގެ މޫނުމަތި ފުހެލުމަަށްފަހު ތެމިފައިވި އެދިގު އިސްތަށިގަނޑު ނުހައިކް ރަނގަޅުކޮށްލައިދިނެވެ. އަދި ހުއްޓުންއަރައިފައި އޭނާގެ މޫނަށް ބަލަމުންދިޔަ ޝަޔަމްއަށް ފަަނޑު ހިނިތުންވުމެއްދެމުން ޝަޔަމް ގާތްކޮށްލުމާއެކު ހޮޓެލަށް ވަނުމަށް ހިނގައިގަތެވެ. ނަސީބަކުން ހޮޓެލް ތެރޭގައި ރިސެޕްޝަނުގައި ތިބި ކުދިން ފިޔަވައި އެހެން އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ރިސެޕްޝަނުގައި އޮލަ ވާހަކައެެއްގައި ތިބި ޒުވާން ދެކުދިންގެ މާބޮޑު ސަމާލުކަމެއް ޝަޔަމްއާއި ނުހައިކްއަށް ނުހުއްޓުނީތީ ނުހައިކްއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.
ޝަޔަމްގެ ކޮޓަރި ކައިރިއަަށް މަަޑުކޮށްލަމުން އޭނާގެ ބޮލުގައި ފިރުމައިލުމަަށްފަހު އަރާމުކޮށްލަން ނުހައިކް ބުނެލިއެވެ. އަދި ޝަޔަމް އެކަނިވިޔަނުދީ އަބަދުވެސް އޭނާގެ ގާތުގައި ނުހައިކް ހުރެދޭނަންކަމަށް ބުނެލިއެވެ. އެއްވެސް އެއްޗެއް ބުނުމެއްނެތި ހަމައެކަނި ބޯޖަހައިލަމުން ޝަޔަމް ލަސްފިޔަވަޅުތަކެއްގައި ކޮޓަރިއަަށްވަދެ ދޮރުލައްޕައިލިއެވެ. އެއާއެކު ހިފަހައްޓަމުންދިޔަ ކަރުނަތައް އޭގެ މަގާމު ދޫކޮށް ދެލޮލުން އޮހޮރިގަތެވެ. އިންތަނަށް ތިރިވެލަމުން އެތައްއިރަކު އެހުރިހައިކަމަކާއި މެދުގައި ވިސްނައި ކަރުނައަޅަން ޝަޔަމް އިނެވެ. އަޑު ބޭރުވެދާނެތީ އަނގަމަތީގައި ދެއަތް އަޅައި ބާރުކޮށްލައިގެން އިންއިރު އެހިތުގައިވަނީ ދުވަހަކުވެސް ނުޖެހޭވަރަށް ޖެހިފައެވެ. މައިކްގެ އަމަލުތައް އެހިސާބަށް ދާންވީ ސަބަބެއް އޭނާއަކަށް ނުވިސްނުނެވެ. ހަމަޔަގީނުންވެސް ޝަޔަމްގެ ފުށުން ނުބައި މެސެޖެއް މައިކްއަަށް ނުދެވޭކަން އޭނާއަށް ކަށަވަރުވެއެވެ. ދެން ކީއްވެހެއްޔެވެ؟ ރޮއެ ރޮއެގޮސް މީހާ ވަރުބަލިވުމުން ހަމަޖެހިލަން މަސައްކަތްކުރަމުން އިންތަނުން ތެދުވެ ފާޚާނާއާއި ދިމާއަށް އޭނާ މިސްރާބުޖެހިއެވެ.
މެންދަމުގެ ހަމަހިމޭންވަގުތެވެ. ހުއްޓުމެއްނެތި ވެހެމުންދިޔަ ވާރޭގެ ސަބަބުން މާހައުލުގައި ފިނިކަން ހިފައިލައިފައި ހުއްޓެވެ. މަޑު މިއުޒިކެއްގެ އަޑެއްފަދައިން އިވެމުންދިޔަ ވާރޭގެ އަަޑުންވެސް ތެޅިފޮޅެމުންދިޔަ ޝަޔަމްގެ ހިތަށް ހަމަޖެހުމެއް ނުލިބުނެވެ. ދެފަރާތަަށް ފުރޮޅި ފުރޮޅި އެނދުގައި އޮތުމަަށްފަހު އެންމެފަހުން ޝަޔަމް އެނދުންތެދުވިއެވެ. ނިދި އޭނާގެ ލޮލާއި ވަކިވެފައިވީއިރު ގިނައިރު ރުއިމުގެ ސަބަބުން ވަރުބަލިކަން އެދޮންމޫނުމަތިން ފައުޅުވަމުންދިޔައެވެ.
ލައިގެންހުރި ހެދުމުގެ މަތިން ބޯ ޖެކެޓެއްލަމުން ޝަޔަމް އައިސް އޭނާގެ ކޮޓަރީގެ ދޮރު މަޑުމަޑުން ހުޅުވައިލިއެވެ. އެއާއެކު ފެނުނު މަންޒަރުން އޭނާގެ ދެތުންފަތް ތުރުތުރުއަޅައިލިއެވެ.
އޭނާގެ ކޮޓަރިއާއި ކުރިމައްޗަށް ވާގޮތަަށްހުރި ނުހައިކްގެ ކޮޓަރީގެ ކައިރީގައި އިނށީދެލައިގެން ނިދިޖެހިފައި ނުހައިކް އިނެވެ. ފައިކުރުކޮށްލެވިފައި ވީއިރު ދެއަތް ކަކުލުގައި އަޅުވައިލައިގެން ފާރުގައި ބޯޖައްސައިލައިގެން ނުހައިކް އިނެވެ. ލައިގެންއިން މެރޫން ސޯޓުބުރިއާއި ހުދު ޓީޝާޓުން ނުހައިކްވެސް އެއިނީ ފެންވަރައި ތާޒާވެގެންކަން ޝަޔަމްއަަށް އެނގުނެވެ.
ފުންނޭވާއެއްލަމުން ކޮޓަރީގެ ދޮރު ލައްޕައިލުމަަށްފަހު ޝަޔަމް އައިސް ނުހައިކް ގާތުގައި އިނށީނެވެ. ފާރުގައި ބުރަކަަށި ޖައްސައި ހަމަޖެހިލަމުން އޭނާގެ މޫނު ނުހައިކްއާއި ދިމާއަަށް ޝަޔަމް އަނބުރައިލިއެވެ. މިރޭ ނުހައިކް ނައިނަމަ އޭނާއަަށް ވާނެ ގޮތެއް ހިތަަށްއަރުވައިލައިކަށްވެސް ޝަޔަމް ބޭނުމެއްނުވެއެވެ. އޭނާގެ އަބުރާއި އިއްޒަތް ސަލާމަތްކޮށްދިން އެއިންސާނާއަށްޓަަކައި ޝަޔަމްގެ ހިތް ވަނީ ޝުކުރުން ފުރިފައެވެ.
ދެލޮލަަށް ބޮނޑިވެގަތް ކަރުނަތަކާއެކު ނުހައިކްގެ އިސްތަަަށިގަނޑުގައި ޝަޔަމްއަަށް ލޯތްބާއި ކުލުނާއެކު ފިރުމައިލެވުނެވެ. އެވަގުތު ކަރުނައިގެ ތެރެއިންވެސް ހިކިފައިވި އެތުންފަތްމައްޗަށް ފަނޑު ހިނިތުންވުމެއްވެރިވިއެވެ. ނުހައިކްއަށްޓަކައި އެހިތުގައިވި ޖަޒުބާތުތައް ފުންވެގެންދިޔައެވެ. އެހިތުގައި ޖަހައިލި އައު ވިންދާއެކު ޖަންބުކުލަ އަރައިގެންދިޔަ ކޯތާފަތުގައި ބޮސްދީފައި ކަރުނަތިއްކެތް ވެއްޓިގެންދިޔައެވެ.
“ލޯބި.. އަހަރެންނަަށް ލޯބި ވެވިއްޖެ.. އާން.. އަހަރެންނަށް ހަގީގަތުގައިވެސް ނުހައިކްދެކެ ލޯބި ވެވިއްޖެ..” ލަދުވެތި އިހުސާސުތަކެއް ވެރިވަމުންދިޔަ ޝަޔަމްގެ ޟަމީރުގެއަޑު އޭނާގެ ކަންފަތްބުޑުގައި ގުގުމައިގެން ދިޔައެވެ. ތުންފަތުގައި ދަތްއަޅައިލި ޝަޔަމް ނުހައިކްއާއި ގާތްވެލުމަށްފަހު އޭނާގެ ކޯތާފަތުގައި ބޮސްދިނެވެ. “އައި ލަވް ޔޫ ނުހައިކް.. އައި ލަވް ޔޫ ސޯ މަޗް..” އެހިނދު އަމިއްލަ އިޚުތިޔާރުން ބޭރުގައި ޝަޔަމްގެ ދެތުންފަތް ދެމެދުން އެހިތުގެ ސިއްރު ފައުޅުވެގެންދިޔައެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.






