އިންތިޒާރު ( އެގާރަ ވަނަ ބައި )
ކިޔާން ދެން އޯކޭއޭ ކިޔާލާފަ ދާން ހިނގައިގަތެވެ. މާޔާ ދެރަވެފައި ކިޔާން ދިޔަތަން ބަލަން ހުއްޓެވެ.
މާޔާ ރީތި ވެލައިގެން ނިހާނަށް ގުޅާފަ ތިރިއަށް ދިޔައިރު ބޭރުގައި ހުއްޓެވެ. ނިހާން މާ ރީތި ވެލައިގެން ހުރުމުން މާޔާއަށް މަޖާވިއެވެ. ކުރިން އަޅާ ފަށްތައް ނަގާލާފަ އަތްދިގު ގަމީހަކާ ޖީންސްގައި ނިހާންފެންނަލެއް ރީތިއެވެ. އިސްތަށިގަނޑުވެސް ރީތި ގޮތަކަށް ފުނާ އަޅާލާފަ ފަހަތަށް އައްސާފަ އޮތް ގޮތްވެސް ނިކަން ރީއްޗެވެ. ފުރަތަމަ ފަހަރަށް މާޔާއަށް ހިތާހިތުން ނިހާނަށް ތައުރީފު ކޮށްލެވުނެވެ. މާޔާ ފެނުމުން ނިހާން ހިނިތުންވެލާފައި އައިސް ކާރުގެ ދޮރު ހުޅުވާލަދިނެވެ. ދުރުގައި ކާރު ޕާރކް ކޮށްލައިގެން އިން ކިޔާން އެ މަންޒަރު ބަލަން އިނެވެ. އެ މީހެއްގެ މޫނު ކިޔާނަށް ރީއްޗަށް ފެނުނެވެ. ކުރިން ކޮންމެވެސްތާކުން ފެނުނު ހެން ހީވެގެން ކިޔާން ރަނގަޅަށް ވިސްނާލިއެވެ. އެކަމަކު ވިސްނާ ވިސްނާ ހަނދާން ވާ ގޮތެއް ނުވިއެވެ. މާޔާއާ އޭނައާ އޮތީ ކޮން ގުޅުމެއް ހެއްޔެވެ. ރަހްމަތްތެރިއެއްނަމަ މާޔާ ކިޔާން ކައިރީ އޭނަގެ ވާހަކަ ނުބުނީ ކީއްވެހެއްޔެވެ. އަނެއްކާ އެއީ މާޔާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކުއްޖާ ހެއްޔެވެ. ނޫނެކެވެ. ކިޔާން އަމިއްލަ ނަފްސަށް ވިސްނާދެމުން ދެފަރާތަށް ބޯ ހޫރާލިއެވެ.
ނިހާން އެކި ވާހަކަދައްކަމުން ދިޔައިރު މާޔާ ގިނަ ފަހަރު އިނީ ހިމޭނުންނެވެ. ނިހާން ކިޔާ އެއްޗަކަށް ހޫމް އޭ ބުނެލިޔަސް މާކަ ވާހަކައެއް ނުދައްކައެވެ. ކިޔާން ގެ ވާހަކަ ދައްކަން ފެއްޓުމުން މާޔާ ތަންކޮޅެއް ބާރަށް ކިޔާނާ ބެހޭގޮތުން އެއްވެސް އެއްޗެކޭ ނުބުނާށޭ ބުނުމުން ނިހާން ރުޅިގަދަވިއެވެ. ކުއްލިއަކަށް ކާރު މަޑުކޮށްލަމުން މާޔާގެ އަތުގައި ބާރަކަށް ހިފާލިއެވެ. ކާރު މަޑުކުރީ މަގުމެދަށް ކަމުން ދުއްވާ އެއްޗެހީގެ ބަރުގޮނުގެ އަޑުތައް ގަދަވާން ފެށުމުން މާޔާ ބިރުން އިނދެ ސޮރީއޭ ބުނެލިއެވެ. ” ގުޑް ގާރލް ” ނިހާން މާޔާގެ އަތުން ދޫކޮށްލަމުން ހެވިލާފައި ބުނެލިއެވެ. ނިހާންގެ މޫނުމަތީގަ ޖަހަން މާޔާ ބޭނުންވިއެވެ. އެހެންނަމަވެސް ކެތްކޮށްލައިގެން އިނީ ނިހާންގެ ފަރާތުން ކުރި ނޭރޭނެ ކަން އެގޭތީއެވެ. ގާޑިޔާ ސަރަހައްދަށް ގޮސް ކުރުނބާ ބޯން ތިބި އިރު މާޔާ އިނީ އުދަގޫވެފައެވެ. އެހެން ދިޔަ ގިނަ ބައެއްގެ ލޯ ތައް އޭނައަށް ހުއްޓިފައި ހުރެއެވެ. ނުހުއްޓެންވީ ވެސް ކީއްވެ ހެއްޔެވެ. މާލޭގެ އުޅޭ ގިނަ ބަޔަކަށް ނިހާން ނޭގި ނުދާނެ ވިއްޔާއެވެ. ނިހާން މަޖާވެފައި އިނީ ލާނެތް ގޮތަކަށް ހެވިފައެވެ. މާޔާ އަވަސްކޮށްލައިގެން ދާން އުޅުމުން ނިހާން މާޔާ މަޑުކުރުވިއެވެ. މާޔާ ރުޅިގަދަވެގެން ގޮސް ފަޅައިގެން ދާ ވަރުވިއެވެ. ނިހާން ދާން ބޭނުން ވުމުން ހިނގާށޭ ބުނުމުން މާޔާ ބާރަކަށް ގޮސް ކާރަށް އެރިއެވެ. ނިހާން ހީލަމުން ކާރަށް އަރާ ދުއްވާލިއެވެ.
އޭގެ އަނެއް ދުވަހެވެ. ހެނދުނު ބޯކޮށް ވާރޭ ވެހިފައި މަގުމަތީގައި އޮތީ ހުސް ފެންގަނޑު ތަކެވެ. ބަގީޗާގެ މާގަސްތަކުގެ މަލުގަ ފެން ހަރުލާފައި ހުރިގޮތް ނިކަން ހިތްގައިމެވެ. މާއިޝާ ފޯނުން ފޮޓޯ ނަގަމުން ދިޔައިރު މާޔާ އިނީ މަޖާވެލާފައި އެ މަންޒަރު ބަލާށެވެ. މަލީހާ ހޫނު ކޮފީ ގެނެސްދިނުމުން ތިންމީހުން އެކީ ކޮފީ ބޯން އިށީދެގެން ތިބީ މަޖާ ވާހަކަ ދައްކާށެވެ. އިރުކޮޅަކުން ނިޝާ ގުޅާލާފަ މާޔާ ކައިރީ އަންނަން އެދުނެވެ. މާޔާ ފެންވަރާލައިގެން އެގެއަށް ދިޔައިރު އެންމެން ސިޓިންރޫމުގައި ވާހަކައިގެ ތިއްބެވެ. މާޔާ ފެނުމުން ނިޝާ އުފާވެލާފައި އައިސް ވާހާކަ ދައްކަން ފެށިއެވެ. ކިޔާން ދުރުގައި މާޔާއަށް ބަލަން އިނެވެ. ޑެނިމް ގަމީހަކާ އެކީ ކަލު ޖީންސްއެއް ލައިގެން އިސްތަށިގަނޑު މައްޗަށް ނަގާ އައްސާފައި އޮތް އިރު ނިކަން ރީއްޗެވެ. ކިޔާން އާޝޯހުވެފައި މާޔާއަށް ބަލަން އިންދާ ޒިޔާން އައިސް ކޮނޑުގައި ޖަހާލިއެވެ. މާޔާ އެ ގޭގައި އިރުކޮޅެއް ވެގެން ދިޔައިރުވެސް ކިޔާން ވާހަކައެއް ނުދައްކައެވެ. މާޔާ ކިޔާން ވާހަކަ ނުދައްކައިގެން ގޮސް ކައިރިއަށްވެސް ހުއްޓުނެވެ. ކިޔާން އަޅާވެސްނުލާ ދުރަށް ދިޔުމުން މާޔާ ދެރަވިއެވެ. ހިސާބަކަށް އުދަގޫވެފައި މާޔާ ހިނިތުންވެގެން ހުރީ ގަދަކަމުންނެވެ. އިރުއިރުކޮޅާ ކިޔާނަށް ބަލާލެވެއެވެ. އެއިން ކޮންމެ ފަހަރަކުވެސް ކިޔާން އިންނަނީ ދުރަށް ބަލައިގެންނެވެ. ޒިޔާނަށް އެކަން ފާހަގަވެގެން ގޮސް ކިޔާން ކައިރީ ކިހިނެއްވީހޭ ވެސް އަހާލިއެވެ. ކިޔާން ކަމެއް ނުވެޔޭ ބުނަމުން ވާހަކަ އޮޅުވާލިއެވެ.
އެންމެ ފަހުން މާޔާއަށް ނުހުރެވިގެން ކިޔާންގެ އަތުގައި ހިފާލަމުން ހަލުވިފިޔަވަޅުތަކެއްގައި ސިޑިން އަރައިގެން ގޮސް ކިޔާންގެ ކޮޓަރިއަށް ވަންނަމުން އެއް އަތުން ދޮރުވެސް ލައްޕާލިއެވެ. އެންމެން ހައިރާންވެފައި މާޔާ ކިޔާން ގޮވައިގެން ދިޔަތަން ބަލަން ތިބި އިރު ޒިޔާން ހެވިލާފައި ބަލަން އިނެވެ. ކަރީމް ފާޑަކަށް ހިތްހަމަނުޖެހިފައި މޫނު އަބުރާލިއެވެ. ” ކިހިނެއްވީ؟ އިއްޔެގެ ކަންތަކާ ހެދިތަ ރުޅި އައިސްގެން ތި އުޅެނީ؟ އިފް ސޯ އައި އެމް ސޮރީ.. އެކަމަކު ޕްލީސް ތި ގޮތަށް އަހަންނާ ވާހަކަ ނުދައްކާ ނުހުރޭ. އިޓްސް ކިލިންގް މީ ” މާޔާ ކިޔާނާ ހަތަރުކަޅި ހަމަކޮށްލަމުން ހުރިހާ އެއްޗެއް ކިޔާލިއިރު ފެންކަޅިވިއެވެ. ކަރުނަ ފައިބައިގަންނާނެތީ އަވަހަށް އިސްޖަހާލިއެވެ. މާޔާގެ ފެންކަޅިވެފައި ހުރި ދެލޯ ފެނުމުން ކިޔާންގެ ހިތް މަޑުޖެހިލި ފަދައެވެ. ކިޔާން މަޑުމަޑުން މާޔާގެ ދަތްދޮޅީގައި ހިފާ އުފުލާލިއެވެ. މާޔާގެ ލޮލުން ފައިބައިގެން ދިޔަ ކަރުނަތިކި ވެއްޓުމުގެ ކުރިން ކިޔާން އަވަހަށް ފޮހެލީ އޯގާތެރިކަމާއެކުއެވެ. ” އައި އެމް ސޮރީ. ނޭނގެ އަހަންނަށް ވެފަ ހުރި ގޮތެއް ވެސް. މާޔާ އިއްޔެ އޭނައާ އެކު ފެނުމުން ރުޅިއައީ.. ” ކިޔާން މާޔާގެ މޫނުގައި ދެއަތުން ހިފާލަމުން ބުނެލި ޖުމުލައިން މާޔާ ލޯ ބޮޑުކޮށްލިއެވެ. ” އަހަރެން ހީކުރީ އެއީ މާޔާގެ ލޯބިވެރިޔާކަމަށް.. އެކަމަކު ލޯބިވެރިއަކު ހުންނަނަމަ މާޔާ އަހަރެން ކައިރީ ބުނީހެއް ނު ދޯ ” ކިޔާން އަނެއްކާވެސް ވާހަކަދެއްކިއެވެ. މާޔާ ކިޔާނެ އެއްޗެއް ނޭގިގެން ހުއްޓިފައި ކިޔާންގެ މޫނަށް ބަލަން ހުރީއެވެ. ނިހާން އިއްޔެ މާ ރީތިވެގެން ހުރީމަ ކިޔާނަށް ނިހާންގެ އަސްލު ސިފައެއް ނުފެންނާނެއެވެ. އެއީވެސް ނަސީބެކޭ މާޔާގެ ހިތަށް އެރިއެވެ. ” އެހެންވެ ރުޅިއައިސްގެން ތިއުޅެނީ؟ ހީ އިޒް ޖަސްޓް އެ ފުރެންޑް.. ” މާޔާ ކުޑަކޮށް ހިނިތުންވެލަމުން ބުނެލިއެވެ. ކިޔާން ހީލަމުން ހިތުން ނަސީބެއް ނުންހޭ ބުނެލަމުން މާޔާގައިގަ ބައްދާލިއެވެ.
ހެވިލާފައި ދެމީހުން އެކީ ސިޑިން ފައިބައިގެން އައިތަން ފެނިގެން އެންމެން އެއްފަހަރާ ބަލާލިއެވެ. ކަރީމް ވަގުތުން ތެދުވެ ކިޔާން ކައިރީ ވާހަކައެއް ދައްކަން ކޮޓަރިއަށް އަންނާށޭ ބުނެލިއެވެ. ކިޔާންގެ ތުންފަތުގައިވި ހިނިތުންވުން ފިލާ މޫނުމަތިން ހާސްކަން ފެނިގެންދިޔައެވެ. ކިޔާން ޒީނަތުއަށް ބަލާލުމުން ބޯ ޖަހާލާފައި ދާށޭ ބުނެލިއެވެ. މާޔާ ވާ ނުވާ ނޭގިފައި ކިޔާނަށް ބަލާލިއެވެ. ކިޔާން މާޔާއަށް ބަލާލަމުން ހިނިތުންވެލާފައި ހިނގައިގަތެވެ. އޭރު ޒިޔާންވެސް ހާސްވެފައި އެއްފަހަރު މާޔާއަށް އަނެއްފަހަރު ކިޔާނަށް ބަލާލިއެވެ. ކިޔާން ދިޔުމުން ޒިޔާން ގޮސް މާޔާ ކައިރީ އެ ވާނީ ކޮންމެވެސް ބިޒްނެސް ކަމަކާ ބެހޭގޮތުން ވާހަކަ ދައްކާށޭ ބުނެލީ މާޔާ ހިތްހަމަޖައްސާލާށެވެ. ޒީނަތުވެސް އެއްބައިވުމުގެ ގޮތުން ގަދަކަމުން ހިނިތުންވެލާފައި އެއީ ތެދެކޭ ބުނެލިއެވެ. ކިޔާންގޮސް ކޮޓަރިއަށް ވަންތަނާހެން ކަރީމް ދޮރުލައްޕާލާށޭ ބުނެލިއެވެ. ކިޔާން ދޮރު ލައްޕާލަމުން ގޮސް ބައްޕަ ކައިރީ ސޯފާގައި އިށީދެލިއެވެ.
ކިޔާން ކޮޓަރިން ނުކުމެގެން އައި އިރު މޫނު މަތީގައި ވަނީ އެކި ކުލަވަރުތަކެވެ. ހިތުގައި ހައިޖާނެއް އުފެދިފައިވާހެން ހީވިއެވެ. ދެންމެ ބައްޕަ ދެއްކި ވާހަކަ ސިކުނޑީގައި އެބުރެމުން ދިޔައެވެ. ސޯފާގައި އިސްޖަހާލައިގެން އިން މާޔާ ފެނުމުން އެއްފަހަރާ ހުރިހާ ކަމެއް ހަނދާން ނެތުނުހެން ހީވިއެވެ. ޒިޔާނަށް ކިޔާން ފެނުމުން ކުޑަކޮށް ލޯ މަރާލީ ހަމަޖެހޭށޭ ބުނާފަދައިންނެވެ. ކިޔާން ބޯ ޖަހާލަމުން ހިނިތުންވެލާފައި އައިސް ކޮފީ ބޯ ހިތްވެއްޖެޔޭ ބުނެލިއެވެ. މާޔާ އިސްއުފުލާލަމުން ކިޔާނަށް ބަލާލި ވަގުތު ކިޔާން ހިނިތުންވެލި ގޮތުން ހިތްހަމަޖެހުނެވެ. އެހެންނަމަވެސް އެ މޫނު މަތިން އޭނައަށް މާޔޫސްކަން ފެނުނެވެ. އަނެއްކާ ކަރީމްބެ ދެއްކީ ކޮން ވާހަކައެއް ހެއްޔެވެ؟ ނިޝާ ކޮފީ ހަދާލައިގެން އައިސް ބަގީޗާއަށް ހިނގާށޭ ބުނެލިއެވެ. ޒިނަތު އެބަ އަންނަމޭ ކިޔާފަ ދިޔައީ ކޮޓަރިއަށެވެ. ނިޝާއާ ޒިޔާން އެކީ ގޮސް ބޭރަށް ނުކުތް އިރު ފަހަތުން މާޔާއާ ކިޔާންވެސް ނުކުތެވެ. ހަތަރު މީހުން އެކީ ގޮސް ގޮނޑިތަކުގައި ޖައްސާލިއެވެ. ނިޝާ ހުއްޓާނުލާ އަނގަ ތަޅަމުން ދިޔައިރު މާޔާ ބައިވެރިވެލައެވެ. ކިޔާން އެއްވެސް އެއްޗެކޭ ނުބުނެ އިން އިރު އަދިވެސް ވިސްނެނީ ބައްޕަ ދެއްކި ވާހަކައާ ދޭތެރޭއެވެ. ޒިޔާން ކިޔާނަށް ބަލާލަމުން އިސްޖަހާލީ ހަމްދަރްދީވެގެނެވެ. ކިޔާން މިވަގުތު ހިތަށް އަރާނެ އެއްޗެހި އޭނައަށް އިހްސާސް ވާ ފަދައެވެ. ނިޝާގެ މަންމަ ގުޅައިގެން ނިޝާ އެތެރެއަށް ދިޔައީ ޒިޔާން ގޮވައިގެންނެވެ. އެ ދެމީހުން ދިއުމުން މާޔާ ކިޔާނަށް ބަލާލަމުން ކިހިނެއްވީ ހޭ އަހާލީ މަޑުންނެވެ. ކިޔާން މާޔާއަށް ބަލާލީ އެހެންނާ ނުބަލާ އަސަރުގަދަގޮތަކަށެވެ. ކިޔާންގެ އެ ބެލުމުން އެކަނި ވެސް ކޮންމެވެސް ކަމެއް ގޯސްވެއްޖެކަމުގައި މާޔާގެ ހިތް ބުނެލިއެވެ. ކިޔާން އެއްވެސް އެއްޗެއް ނުބުނެ މާޔާއާ ހަތަރު ކަޅި ހަމަކޮށްލައިގެން އިނީ އެހެން ދިމާލަކަށް ބަލަން ބޭނުންނުވެފައެވެ.
ކުއްލިއަކަށް ވާރޭ ވެހެން ފެށުމުން ކިޔާން ދުވެލާފައި ގޮސް ފެންޑާގައި މަޑުކޮށްލަމުން އިސްތަށިގަނޑުގައި ހުރި ފެންތައް ފޮޅަމުން ބަލާލި ވަގުތު މާޔާ ދެއަތް ދަމާލައިގެން ވާރެއާ ތެމެން ހުރި ތަން ފެނިގެން ހުއްޓުން އަރާފައި ބަލަން ހުރެވުނީ ކަޅި ޖަހާ ނުލައެވެ. ދެލޯ މަރާލައިގެން މައްޗަށް މޫނު އުފުލާލައިގެން މާޔާ ހުރީ ކުޑަކޮށް ހިނިތުންވެލައިގެންނެވެ. ކިޔާން ބަލަން ހުރެލާފައި މާޔާ ދިމާލަށް ފިޔަވަޅުތައް އަޅަމުން ދިޔައީ ބޭއިހްތިޔާރުގައެވެ. މާޔާ ކައިރިއަށް ގޮސް ކިޔާން މާޔާގެ އަތުގައި ހިފާލަމުން ކައިރިކޮށްލިއެވެ. މާޔާ ސިހިފައި ލޯ ހުޅުވާލި ވަގުތު އެހާ ކައިރިން ކިޔާންގެ ތޫނުދެލޯ އޭނައަށް އަމާޒުވެފައި ހުރިތަން ފެނިގެން ހުއްޓުން އަރާފައި ބަލަން ހުރެވުނެވެ. ކިޔާން އެއްއަތުން މާޔާގެ އުނަގަނޑުގައި ހިފާލަމުން ކުރިއަށްވުރެވެސް ކައިރިކޮށްލަމުން، އަނެއް އަތުން މާޔާގެ މޫނުގައި ފިރުމާލިއެވެ. ކިޔާން މާޔާގެ މޫނާ މޫނު ކައިރިކޮށްލިއެވެ. ކިޔާންގެ ހޫނު ނޭވާތައް މޫނަށް އެޅެން ފެށުމުން މާޔާ ލޯމަރާލިއެވެ. ކިޔާން މާޔާގެ ތުންފަތުގައި މަޑުމަޑުން ބޮސްދިން ހިނދު މާޔާ އަތް އުފުލާ ކިޔާންގެ މުލައްދަޑީގައި ބާރަކަށް ހިފާލިއެވެ. ހިނދުކޮޅެއްގެ އެ ވަގުތުކޮޅު ނިމުނީ ކުއްލިއަކަށް ކިޔާން މާޔާއާ ދުރުވެލުމުންނެވެ. މާޔާ ދެލޯ ހުޅުވާލަމުން ކިޔާނަށް ބަލާލިއިރު ކިޔާން އޭނަ ފަސްދީފަ ދަނީއެވެ. މާޔާ ހައިރާންވެފައި ކިޔާންގެ ފަހަތުން ގޮސް ފެންޑާއަށް އެރިއެވެ. އޭރު ކޮޓަރީގެ ކުޑަދޮރު ކައިރީ ހުއްޓިލައިގެން ހުރި ޒިޔާނަށް އެ މަންޒަރު ރީއްޗަށް ފެނުނެވެ. ކިޔާނާ މާޔާގެ އެ ގާތްކަމުން ޒިޔާން ހިނިތުންވެލިއެވެ. އެހެންނަމަވެސް ދެވަނަ ސިކުންތުގައި ހިތައް އެރި އެއްޗަކުން އެ ހިނިތުންވުން ފިލައި ދިޔައެވެ.
ކިޔާން ހަލުވި ފިޔަވަޅުތަކެއްގައި ސޑިން އަރައިގެން ގޮސް ވަނީ ކޮޓަރިއަށެވެ. މާޔާ ގޮވުމުންވެސް ކިޔާން އަޅާނުލާ ދިޔުމުން މާޔާ ހުރީ ހިސާބަކަށް ލަދުގެންފައެވެ. ދޮރު ކުރިމަތީ ހުއްޓިލައިގެން ހުރީ ތެމިފައި ހުރުމުން އެތެރެއަށް ވަންނަން ނުކެރިފައެވެ. ނިޝާ ނުކުމެފައި ތެމުނީހޭ ކިޔާފަ މާޔާ ގޮވައިގެން ދިޔައީ ހެދުން ބަދަލުކުރާށެވެ. ނިޝާގެ ހެދުންތައް ހުރީ މާޔާއަށް ހެޔޮވަރެށެވެ. ހެދުން ބަދަލުކޮށްގެން މާޔާ ތިރިއަށް އައި އިރު ކިޔާނެއް ނުފެނެއެވެ. ސޯފާގައި އިން ޒިޔާން ކައިރީ ކިޔާން ކޮބާހޭ މާޔާ އަހާލިއެވެ. ޒިޔާން ކިޔާންވީ ކޮޓަރީގައޭ ބުނުމުން މާޔާ ވިސްނާލާފައި އެބަ އަންނަމޭ ބުނެލިއެވެ. މާޔާ ގޮސް ކިޔާންގެ ކޮޓަރީ ތަޅުގައި ހިފިއިރު ހުރީ އެތެރެއިން ތަޅުލާފައެވެ. މާޔާ ކުޑަކޮށް ޓަކި ޖަހާލަމުން ކިޔާނަށް ގޮވާލިއެވެ. ދެތިން ފަހަރު ގޮވި އިރުވެސް ކިޔާންގެ އެއްވެސް ހަބަރެއް ނުވެއެވެ. މާޔާ މާޔޫސީގޮތަކަށް ދާން އެބުރިލިތަނާ ކިޔާން ދޮރުހުޅުވާލާފައި މާޔާގެ އަތުގައި ހިފާ ކޮޓަރިތެރެއަށް ވައްދަމުން ދޮރުތަޅުލިއެވެ. ކިޔާން މާޔާގެ ކޮނޑުގައި ހިފާލަމުން ގޮސް ތަތްކޮށްލީ ފާރުގައެވެ. ކިޔާން އަދިވެސް ހުރީ ތެތް އެއްޗެހީގައެވެ. ބުރަކަށި ޖެހުނުލެއް ބާރުކަމުން މާޔާ ލޯމަރާ ބާރުކޮށްލިއިރު ކަރުން މަޑުއާހެއްގެ އަޑެއް ނުކުތެވެ. ” އައި ލަވް ޔޫ ” ކިޔާން މާޔާގެ މޫނުގައި އެ ދެއަތުން ހިފާލަމުން ބުނެލި ޖުމުލައިން މާޔާ ދެލޯ ބޮޑުކޮށްލިއެވެ. ކިޔާނާ މާޔާގެ ހަތަރުކަޅި ހަމަވެފައި ވީ އިރު ކިޔާންގެ ދެލޮލުން އެއީ ތެދެއްކަން ހާމަވެއެވެ. މާޔާގެ ދެލޯ ފުރިގެން އައީ އުފާވެރިކަމުގެ ކަރުނައިންނެވެ. މިއީ އޭނަ އެންމެ އަޑުއަހަން ބޭނުންވި ޖުމުލައެވެ. އޭނަވެސް ކިޔާންދެކެ ލޯބިވާކަމަށް ބުނަން ބޭނުން ވިއެވެ. އެހެންނަމަވެސް ދޫ ހަރަކާތެއް ނުކުރިއެވެ. ކިޔާން ބަލަން ހުރެލާފައި މާޔާގެ ނިތްކުރީގައި ބޮސްދިނީ ލޯބިން ފުރިގެންވީ ގޮތަކަށެވެ. މާޔާ ދެލޯ މަރާލަމުން އެ ވަގުތުކޮޅު ދެމިގެން ދާން ބޭނުންވިއެވެ.
ކުއްލިއަކަށް ޒިޔާން އައިސް ދޮރުގައި ޓަކި ޖަހަމުން ކިޔާނަށް ގޮވަން ފެށުމުން ހިތާ ދެކޮޅަށްވެސް ގޮސް ދޮރުހުޅުވާލީ މާޔާގެ އަތަށް ފިތާލަމުންނެވެ. ދޮރުހުޅުވާލުމުން ބައްޕަ އެބަ ގޮވައޭ ޒިޔާން ބުނެލީ ތަންކޮޅެއް ސީރިއަސް ވެލަމުންނެވެ. ދޮންބެގެ މޫނުމަތިން ފެނުނު ކުލަވަރުން ކޮންމެވެސް ކަމެއް ވެއްޖެ ކަމުގެ ނިޝާން ފެނެއެވެ. ކިޔާން ބޯ ޖަހާލަމުން އެއްޗެހި ބަދަލުކޮށްގެން މި އަންނަނީއޭ ބުނެލިއެވެ. މާޔާއަށް ބަލާލަމުން ކިޔާން ގޮސް އަލަމާރި ހުޅުވާލިއެވެ. މާޔާ ބަލަން ހުރެލާފައި ޒިޔާނާ އެކީ ތިރިއަށް ދިޔައިރު ނުވެސް ދަންނަ ޒުވާން އަންހެންކުއްޖަކާ މެދުއުމުރުގެ ފިރިހެނަކު އިށީދެގެން ތިބިތަން ފެނުމުން ސުވާލުއުފެދުނެވެ. މާޔާ ކުޑަކޮށް ހީލަމުން ގޮސް ހުއްޓިލީ ނިޝާ ކައިރީގައެވެ. އިރުކޮޅަކުން ސިޑިން ފައިބައިގެން އައި ކިޔާނަށް ސޯފާގައި އިށީދެގެން ތިބި ދެމީހުން ފެނުމުން ލޯ ބޮޑުކޮށްލެވުނެވެ. ކަރީމްއަށް ކިޔާން ފެނިގެން އަވަހަށް އަންނާށޭ ބުނެލިއެވެ. އިށީދެގެން އިން އަންހެންކުއްޖާ ކިޔާންގެ ނަން އިވުމުން އިސްއުފުލާލަމުން ކިޔާނަށް ބަލާލީ ރަކިގޮތަކަށް ހީލަމުންނެވެ. ޒިޔާނަށް ކިޔާންގެ މޫނުމަތިން ފެނުނު ކުލަވަރުން ދެރަވިއެވެ. މި ދުވަސް އަންނާނޭކަން އެގުނަސް މިގޮތަށް އައިސްދާނެއެކޭ ހީނުކުރެއެވެ. ” އިބްރާހިމްބޭ…” ކިޔާން ގަދަކަމުން ހީލަމުން އައިސް އެތާއިން މެދުއުމުރުގެ މީހާއާ ސަލާން ކޮށްލިއެވެ. އިބްރާހިމްއާ ޖެހިގެން އިށީދެގެން އިން ޝާޔަންއަށް ބަލާލަމުން ކިޔާން ހައި އޭ ބުނެލަމުން ގޮސް ބައްޕައާ ޖެހިގެން އިށީދެލިއެވެ.
” އިބްރާހިމް.. ކުރިންވެސް ރާވާފައި އޮތް ގޮތަށް ކުދިންގެ ކައިވެނި ކުރިއަށް ގެންދަންވީ ހަމަ. މިހާރު ޝާޔަން ކިޔަވާ ވެސް ނިމުނީއެއްނު. ދެން އެންމެ ރަނގަޅުވާނީ ވީހާވެސް އަވަހަކަށް ކައިވެނި ކުރަން. ޝާޔަން ރެޑީ ވިއްޔާ ކިޔާންވެސް އެ ހުރީ ހަމަ ތައްޔާރަށް. ދޯ ކިޔާން ” ކަރީމް ހީލާފައި ބުނެލި ޖުމުލަތަކުން މާޔާ ދެލޯ ބޮޑުކޮށްގެން ހުރީ ގަބޫލުނުކުރެވިފައެވެ. ފައިދަށުން ބިންގަނޑު ދެމިގެން ދިޔަހެން ހީވިއެވެ. އިހްތިޔާރަކާ ނުލާ ލޮލަށް ކަރުނަ ޖަމާވީ ކިޔާން ބޯ ޖަހާލިތަން ފެނިގެނެވެ. ފައިކޮޅުން ވާގިދޫވެގެން ދިޔަހެން ހީވުމުން މާޔާ ކައިރީގަ ހުރި ތަނބުގައި ބުރަކަށި ޖައްސާލިއެވެ. އެތާގަ އެންމެ ސިކުންތެއްވެސް ހުންނާކަށް މާޔާ ބޭނުމެއް ނޫނެވެ. އެހެންނަމަވެސް އެންމެން ކުރިމަތީ ދާނެ ހިތްވަރެއްވެސް ނުލިބުނެވެ. ކިޔާން ހިތްދަތިގޮތަކަށް މާޔާއަށް ބަލާލަމުން އިސްޖަހާލީ ކުއްވެރިއަކު ފަދައިންނެވެ. ޒިޔާން ދެރަވެފައި އެއްފަހަރު މާޔާއަށް އަނެއްފަހަރު ކިޔާނަށް ބަލާލިއެވެ. ޒީނަތުވެސް ދެރަވެފައި ކިޔާނަށް ބަލާލިއެވެ. ކަރީމްއާ އިބްރާހިމް އުފާވެލާފައި މަރުހަބާ ކިޔަމުން ދިޔައިރު ޝާޔަން ހެވިފައި އިނީ ކިޔާންގެ މޫނަށް ބަލައިގެންނެވެ. ޝާޔަންއާ ކަރީމް ދިޔުމުން މާޔާ ގަދަކަމުން ހިނިތުންވެލަމުން އައިސް ކިޔާންގެ ކުރިމައްޗަށް ހުއްޓިލިއެވެ. ” ކޮންގުރަޗުލޭޝަން ” މާޔާގެ އެ ކުރު ޖުމުލައިން ކިޔާން އިސްއުފުލާ ބަލާލިއެވެ. މާޔާގެ ދެލޮލުން ޝަކުވާ ފެންނަމުން ދިޔައިރު މޫނުމަތީގައިވީ ހިތްދަތިކަމެވެ. ކިޔާން ކުއްވެރިއަކުހެން އެއްވެސް އެއްޗެއް ނުބުނެ ދުރަށް ބަލާލިއެވެ. މާޔާ ދަނީއޭ ބުނެލަމުން ނުކުމެގެން ދިޔައީ އެހެން އެއްވެސް މީހަކާ ދިމާލަށް ބަލާވެސްނުލައެވެ. ކިޔާން މާޔާ ދިޔަ ދިމާލަށް ބަލަން ހުރެލާފައި ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ވަނީ ކޮޓަރިއަށެވެ.
މާޔާ ކާރަށް އަރާ ދުއްވާލީ ދާނެ ވަކި މަންޒިލެއް ނެތިއެވެ. މި ވަގުތު އޭނަ ގެއަށް ދާން ބޭނުމެއް ނޫނެވެ. ދެންމެ ހިނގާދިޔަ ހާދިސާ ބޮލުތެރޭ ތަކުރާރުވަމުން ދިޔައެވެ. މާޔާ ކާރު ގޮސް މަޑުކޮށްލީ ކާނިވާ ސަރަހައްދަށެވެ. މިއޮތް ހުރިހާ އިރު ވަންދެން ހިފަހައްޓައިގެން ހުރި ކަރުނަތައް ފައިބައިގަތީ ހިފެހެއްޓުމެއްނެތިއެވެ. ބާރަކަށް މާޔާ ރޮމުން ހުންގާނުގައި ބޯ ޖައްސާލިއެވެ. ކިޔާން މީހަކާ އިންނަން އުޅޭ އިރު އޭނަ ދެކެ ލޯބިވެޔޭ ބުނީ ކީއްވެ ހެއްޔެވެ. ކިޔާން އޭނަ ދެކެ ލޯބި ނުވެއެވެ. ލޯބިވާނަމަ އެހެން މީހަކާ އިންނަން އެއްބަސްނުވީހެވެ. ލޯބިވެޔޭ އެ ބުނީ ހަމައެކަނި ރަހްމަތްތެރިއެއްގެ ހައިސިއްޔަތުންނެވެ. މާޔާ ރޮމުން ދިޔައިރު ކިޔާނާމެދު ހިތުގައި އެތައް ޝަކުވާއެއް އުފެދުނެވެ.
ކިޔާން ދޮރު ތަޅުލާފަ ގޮސް ބަންޑުން އެދަށް ވެއްޓިގަތް އިރު އިރުކޮޅެއް ކުރިން ބައްޕަ ދެއްކި ވާހަކަ ބޮލުތެރޭ އެނބުރެމުން ދިޔައެވެ. ” ކިޔާން.. ބައްޕަ އުއްމީދުކުރަން ކިޔާން ބައްޕަކައިރީ ވީ ވައުދު ހަނދާންހުރިކަމަށް. ދެންމެ ފެނުނު މަންޒަރުން އެހެން ހީނުވާތީ މިހެން މި އެހީވެސް. ކިޔާންވަނީ މީހަކާ އިންނަން އެއްބަސްވެފަ. ދުވަސްކޮޅެއްގެ ތެރޭ އެ ކައިވެނި ކުރެވޭނެ. ކިޔާން ތި ގޮތަށް މާޔާއާ އެކީ އުޅޭތަން އިބްރާހިމްމެން މީހަކަށް ފެނިއްޖެޔާ ކީކޭ ހިތަށް އަރާނީ. ބައްޕައަށް އެނގޭ ކިޔާނަށް މާޔާ ވަރަށް ހާއްސަކަން. އެކަމަކު މި ކައިވެންނަށް ކިޔާން އެއްބަސްވީ އަމިއްލަ ރުހުމުގަ. ގަބޫލުކުރަން ކިޔާން ކައިވެންނަށް އެއްބަސްވީ މާޔާ މި ދުނިޔޭގަ ނެތްކަން އެގުނު ހިސާބުންކަން. އެކަމަކު މިއަދު ދެން ކިޔާން ބޭނުންވިޔަސް މި ކައިވެނި ނުހުއްޓުވޭނެ. ބައްޕަ ބޭނުމެއް ނޫން ބައްޕައާ އިބްރާހިމްގެ ދުވަސްވީ އެކުވެރިކަމަށް އެއްވެސް ބުރޫއެއް އަރާކަށް. އަދި އަނެއްކޮޅުން މިއަދު ބައްޕަ މި ގޮތަށް މިއުޅެވެނީ ވެސް އިބްރާހިމްއާ ހެދި. އެ ދުވަހު އިބްރާހިމް ބައްޕަމެންނާ އެހީ ނުވިނަމަ ވާނެ ގޮތް ކިޔާނަށްވެސް ރަނގަޅަށް އެގޭނެ. ޝާޔަން ކިޔާންދެކެ ނުލާހިކު ލޯބިވޭ. ތިގޮތަށް މާޔާއާ ގާތް ވަންނާ ކިޔާނަށް އުދަގޫވާނެ މާޔާއާ ފަހުން ދުރުވާން. އެހެންވީމަ ވަގުތު އޮއްވާ މާޔާއާ ދުރުވޭ. އަދި ބައްޕައަށްޓަކާ މި ކައިވެނި ކުރޭ ކިޔާން. ” ކިޔާން ތެދުވެ އެނދުގައި އިށީދެލަމުން ދެއަތުން ބޮލުގައި ހިފާލީ ބޮލަށް ބާރުވެގެނެވެ. މާޔާ ހިތަށް އަރާނެ އެއްޗެހި ވިސްނާލުމުން ވެސް ކިޔާން ދެރަވިއެވެ. ދެލޯ ފެންކަޅިވެގެން ދިޔައީ މާޔާގެ ހިތަށް ކުރާނެ އަސަރު އަންދާޒާ ކުރެވުމުންނެވެ.
ކަރީމްއާ އިބްރާހިމްއަކީ ދުވަސްވީ ދެ ރަހްމަތްތެރިންނެވެ. ދެމީހުންނަކީވެސް ފުޅާދާއިރާއެއްގައި ވިޔަފާރި ކުރާ ދެމީހުންނެވެ. ކަރީމް ދަރިންނަށް ކިޔަވަދޭން ލަންޑަނަށް ބަދަލުވިއިރު ދިޔައީ ވިޔަފާރީގެ ހުރިހާ ކަމެއް އޮފީހުގެ މެނޭޖަރު ކަމަށްވާ ނާފިޒުއާ ހަވާލުކޮށްފައެވެ. ނާފިޒުއަކީ ވިޔަފާރި ފެށީއްސުރެން ހަކީމްއާ އެކީ އުޅެމުން އައި މީހެއް ކަމުން ނާފިޒުއަށް އިތުބާރުކޮށްފަ ހަކީމް ވިޔަފާރި ނާފިޒް އާ ހަވާލުކުރީއެވެ. އެހެންނަމަވެސް ކަރީމް މެން ދިޔަތާ އަހަރެއްވެސް ނުވަނީސް ނާފިޒު ކަރީމްއަށް އޮޅުވާލާ ވިޔަފާރި ދަށަށް ދާން ފެއްޓިއެވެ. ކަރީމްއަށް އެކަން އެގިގެން ވަގުތުން މާލެ އައެވެ. އެހެންނަމަވެސް އޭރު މާ ބޮޑަށް ވެސް ލަސްވެއްޖެއެވެ. ވިޔަފާރި އެއްކޮށް ހެން ބަނގުރޫޓު ވީއެވެ. އެއްވެސް އިންވެސްޓަރަކުވެސް ކަރީމް އަށް އެހީތެރިވާން ބޭނުމެއްނުވިއެވެ. އެ ވަގުތު ކަރީމްއަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދިން ހަމައެކަނި މީހަކީ އިބްރާހިމްއެވެ. އިބްރާހިމްގެ އެހީގައި ވިޔަފާރި ކުރިން އޮތް ހިސާބަށް އަނބުރާ އައެވެ. ކަރީމް ނެތްތާގައި ވިޔަފާރި ބަލެހެއްޓީ އިބްރާހިމްއެވެ. އިބްރާހިމްގެ އެހީގެ ބަދަލުގައި ކަރީމް އިބްރާހިމްއަށް ހަދިޔާއެއް ދޭން ނިންމިއެވެ. ކަރީމް އިބްރާހިމް ކައިރީ ކަމަކު ކިޔާށޭ ބުނުމުން އެދުނީ ކިޔާނާ ޝާޔަންގެ ކައިވެނި ކޮށްދިނުމަށެވެ. އިބްރާހިމް ކަރީމްއާ ބައްދަލު ކުރަން އަންނަ ގިނަ ދުވަސްތަކުގަ އަންނަނީ ޝާޔަން ގޮވައިގެންނެވެ. އެހެން އަންނަމުން ޝާޔަންއަށް ކިޔާންދެކެ ލޯބިވެވުނީއެވެ. އެވާހަކަ ޝާޔަން އެންމެ ފުރަތަމަ ބުނީ ބައްޕަ ކައިރީއެވެ. ދަރިފުޅުގެ އުފަލައްޓަކައި އިބްރާހިމް ބޭނުންވީ ކިޔާނާ ޝާޔަން ކައިވެނިކުރުވާށެވެ. ފުރަތަމަ ކިޔާން ކައިރީ ކައިވެންނަށް އެދުމުން ކިޔާން ދެކޮޅުހެދިއެވެ. އެހެންނަމަވެސް މާޔާގެ މަރަށް ފަހު ކަރީމް އަނެއްކާވެސް ކިޔާން ކައިރީ ޝާޔަންއާ ކައިވެނިކުރަން އެދުމުން އެކަމަށް އެއްބަސްވިއެވެ. ކަރީމްގެ އެދުމުގެ މަތިން ކިޔާން ބައްޕަ ކައިރީ ކައިވެނިކުރާނެ ކަމަށް ވައުދުވެސް ވިއެވެ. ޝާޔަންއާ ކިޔާން ވާހަކަ ދައްކައިގެން ކައިވެނި ކުރަން ނިންމީ ކިޔަވާ ނިމުމުންނެވެ.
ހަފްތާއެއް ނިމިގެން ދިޔައިރު މާޔާއާ ކިޔާންގެ ގުޅުމަށް ފުދޭ ވަރަކަށް ދުރުމިނެއް އައެވެ. ކިޔާން މާޔާއަށް ގުޅިޔަސް މާޔާ ފޯނެއް ނުނަގައެވެ. މެސެޖްއަކަށް ޖަވާބެއް ނުދެއެވެ. ކިޔާން މާޔާއާ ވާހަކަދައްކަން ބޭނުންވިޔަސް އެގެއަށް ދާނެ ހިތްވަރެއް ނުލިބުނެވެ. ކިޔާން އަބަދުހެން އުޅެނީ ކޮޓަރި ތެރޭގައެވެ. ޑިއުޓީއަށް ދާން ނޫން ގޮތަކަށް ކޮޓަރިން ބޭރަށް ނުނުކުމެއެވެ. ޒީނަތު ކާން ކޮޓަރިއަށް ކާއެއްޗެއް ގެނަޔަސް ގިނަފަހަރު ނުކައެވެ. ޒީނަތު ދެރަވެގެން އެ ވާހަކަ ކަރީމް ކައިރީ ދެއްކުމުން ދުވަސްކޮޅަކުން ރަނގަޅުވެދާނެޔޭ ބުނެލައެވެ. ޒިޔާނަށް ކިޔާން އުޅޭ ގޮތް ފެނުމުން ދެރަވެއެވެ. އެހެން ނަމަވެސް ކުރާނެ ވަކި ކަމެއް ނެތުމުން ޒިޔާންވެސް ބަލަން ހުންނަނީއެވެ. އެންމެ ފަހުން ކެތް ނުވެގެން ޒިޔާން ކިޔާނާ ވާހަކަ ދައްކަން ނިންމިއެވެ.
” ކިޔާން. ތި ގޮތަށް ހިތާމަ ކުރިޔަސް އެއްވެސް ކަމެއް ރަނގަޅެއް ނުވާނެ. އަމިއްލައަށް ކެރިގެން ކިޔާން ބޭނުންވާ ގޮތެއް ބުނޭ. ދޮންބެ ބުނާނީ އެންމެ ވާހަކައެއް. ފަހުން ހިތާމަ ކުރާނެ ވަރުގެ ކަމެއް ނުކުރާތި. ކައިވެންނަކީ ކުޅޭ ކުޅިވަރެއް ނޫން. ވިސްނާފަ ނޫނީ ކުރިއަށް އެންމެ ފިޔަވަޅެއްވެސް ނާޅައްޗޭ. ” ޒިޔާން ކިޔާން ކައިރީ އެނދުގައި އިށީދެލަމުން ވާހަކަ ދެއްކީ މަޑުމައިތިރިކަމާއެކީއެވެ. ” ދޮންބޭ. އަހަރެން މި ކައިވެންނަށް އެއްބަސްވީ ބައްޕައަށްޓަކާ.. އަހަރެން އެންމެ ފުރަތަމަ ވެސް މި ކައިވެންނަށް ނޫނެކޭ ބުނީ އަހަރެން މި ކައިވެނި ކުރަން ބޭނުންނުވާތީ. މާޔާ ދެކެ ލޯބިވަތީކީ ނޫން. މި ކައިވެނި ކުރަން ބައްޕަ އަހަރެން ކައިރީ އެދުނު އިރު އަހަރެން މާޔާ ދެކެ ލޯތްބެއް ނުވޭ. އެކަމަކު އެންމެނަށް ހީވީ އަހަރެން ނޫނެކޭ ބުނީ މާޔާދެކެ ލޯބިވާތީއޭ. ނޫން. ފަހުން އެއްބަސްވީވެސް ބައްޕައަށްޓަކާ. އަހަރެން ބޭނުންވެގެނެއް ނޫން. ބައްޕަ މިކަން ބޭނުންވާތީ. އަހަންނަށް ހީވީ ފަހަރެއްގަ ކައިވެނި ކޮށްގެން ހަމަ އަހަންނަށް ޝާޔަން ދެކެ ލޯބިވެވިދާނެޔޭ. މެރިއެޖް ވޯކްއައުޓް ކުރާނެޔޭ… އެކަމަކު މިހާރު…. ” ކިޔާންގެ ޖުމުލަ މެދުކަނޑާލީ ޒިޔާންގެ ޖުމުލައިންނެވެ. ” އެކަމަކު މިހާރު މާޔާދެކެ ލޯބިވޭ.. ކައިވެނިކުރަންވެސް ބޭނުންވަނީ މާޔާއާ. ދޮންބެއަށް އެނގޭ. އެނގޭ ކިޔާނަށް މާޔާދެކެ ލޯބިވެވިއްޖެކަން. ބުނަން. މިކަމުގަ ކިޔާން ކަންތައް ކުރާނީ ކިޔާން ބޭނުންވާ ގޮތަށް. އެއީ ކޮންމެ ގޮތެއް ވިޔަސް ދޮންބެ ކިޔާނަށް ސަޕޯރޓް ކުރާނަން. ” ޒިޔާން ހީލަމުން ކިޔާންގެ ކޮނޑުގައި ހިފާލިއެވެ. ކިޔާން ހިނިތުންވެލަމުން ޒިޔާނަށް ބަލާލީ ޝުކުރުވެރި ނަޒަރަކުންނެވެ. މި ވަގުތު އޭނަ މީހެއްގެ އެހީ ކިތަންމެހާވެސް ބޭނުމެވެ.
ހަވީރު ވަގުތެވެ. ކިޔާން ފެންވަރާލައިގެން ދުއްވާލަން ދިޔައީ ބޭރަށް ނުކުމެ ހިތަށް ހަމަޖެހުން ހޯދައިގަންނަންށެވެ. ކާރުގައި ބޭރުމަގުން ދަނިކޮށް ސުނާމީ ބިނާގެ ފާރު މަތީގައި މޫދަށް ނަޒަރު ހުއްޓާލައިގެން އިން މާޔާ ފެނުމުން ކާރު މަޑުކޮށްލިއެވެ. ފައިބަން އުޅެފަވެސް ކިޔާން ކާރުގަ މަޑުކޮށްލައިގެން އިނީ ދުރުން މާޔާއަށް ހިތްފުރެންދެން ބަލާލަންވެގެނެވެ. އެހެން އިންދާ ޕާޓޭ ވައްތަރުޖަހާ ޒުވާނަކު ގޮސް މާޔާގެ ފަހަތަށް ހުއްޓިލިއެވެ. ފާޑާކަށް ހެވިފައި މާޔާއަށް ބަލަން ހުރިގޮތުން ކިޔާނަށް ހީވީ އޭނަ މާޔާއާ ބެހެނީ ކަމަށެވެ. އެހެން ކަމުން އަވަހަށް ކާރުން ފައިބައިގެން މާޔާ ކައިރިއަށް ދަނިކޮށް އެ ޒުވާނާ މާޔާގެ ނަމުން ގޮވާލަމުން ކައިރީގައި އިށީނުމުން ހައިރާންވިއެވެ. އެ ހައިރާންކަން އިތުރުވީ މާޔާ އެ ޒުވާނާއަށް ނިހާންގެ ނަމުން މުހާތަބުކޮށްލުމުންނެވެ. މާޔާއަށް ޕާޓޭއް އެގެންވީ ކިހިނެއްޔެވެ. ކިޔާން ސުވާލުއުފެދިފައި ހުރެ ގޮސް މާޔާގެ ފަހަތަށް ހުއްޓިހުރެ ގޮވާލުމުން މާޔާ ފަހަތަށް އެބުރުނީ ލޯ ބޮޑުކޮށްލަމުންނެވެ. ނިހާން ތެދުވެ ކިޔާނަށް ބަލާލީ ބުމަ ގޮށްޖަހާލަމުންނެވެ. ” ހިނގާ ދާން.” ކިޔާން ނިހާނަށް ބަލާލަމުން މާޔާގެ އަތުގައި ހިފާލަމުން ދާން ހިނގައިގަތެވެ. މާޔާ އެއްޗެކޭ ނުބުނެ ނިހާނަށް ނަޒަރެއް ދެމުން ކިޔާންގެ ފަހަތުން ހިގައިގަތްތަނާ ނިހާން މާޔާގެ އަނެއް އަތުގައި ހިފާ ހުއްޓުވިއެވެ. އަތަށް ބާރުވެގެން ކިޔާން އެބުރި ބަލާލިއިރު ނިހާން މާޔާގެ އަތުގައި ހިފަހައްޓައިގެން ހުރިތަން ފެނިގެން ރުޅިގަދަވިއެވެ. މާޔާ ގޮތްހުސްވެފައިވާ މީހެއް ހެން ފަހަރަކު މީހެއްގެ މޫނަށް ބަލާލީ ހާސްކަމާއެކީއެވެ. ހަވީރުވަގުތުކަމުން މީހުން އެހާ ގިނައެވެ. އެތައް ބައެއްގެ ލޯ އެމީހުންނަށް ހުއްޓިފައި ހުރިއިރު އެއްބައި މީހުން މަޑުމަޑުން އެމީހުންނަށް ބަލާލަމުން އަނގަތަޅަމުން ދިޔައެވެ. ނިހާނާ ކިޔާންގެ ހަތަރުކަޅިހަމަވެފައި ހުރިއިރު ދެމީހުންގެ މޫނުމަތިންވެސް ފެންނަނީ ރުޅިވެރިކަމެވެ. ” ދޫކުރޭ މާޔާގެ އަތުން..” ކިޔާން އަކުރުތަކަށް ބާރުލަމުން ބުނެލީ ރުޅިވެރިކަމާއެކީއެވެ. ނިހާން ކުރިއަށްވުރެވެސް ބޮޑަށް ބުމަ ގޮށްޖަހާލަމުން މާޔާއަށް ބަލާލިއެވެ. މާޔާ ހާސްކަމާއެކީ ނިހާނަށް ބަލާލަމުން ގޮތެއް ނިންމިއެވެ. ލޯ މަރާލަމުން މާޔާ މަޑުމަޑުން ކިޔާންގެ އަތް ނައްޓުވާލިއެވެ. ކިތަންމެ ހިތަށް ތަދުވިޔަސް މިވަގުތު އެންމެ ރަނގަޅުވާނީ މިގޮތްކަން އެގޭތީ މާޔާ ކިޔާންގެ އަތް ނައްޓުވާލަމުން ނިހާނާއެކީ ހިނގައިގަތެވެ. ކިޔާން ގަބޫލުކުރަން ދަތި ގޮތަކަށް މާޔާ ދިޔަ ދިމާލަށް ބަލަން ހުރިއިރު ރުޅިގަދަވެގެން ގޮސް އަތް މުއްކަވާލެވުނެވެ. މާޔާގޮސް ކާރަށް އަރާ ދުއްވާލީ ނިހާންވެސް ކާރަށް އަރުވައިގެންނެވެ. ކިޔާން ހިތްދަތިގޮތަކަށް މާޔާ ދިޔަ ދިމާލަށް ބަލަން ހުރެފަ ގޮސް ކާރަށް އަރާ ދުއްވާލިއެވެ.
( ނުނިމޭ )
16 Comments!
Comments are closed.
hii all. sorry for the late upload. hope you all will like this part too. next part hopefully tumrw night. 🙂
kobaa …
Wow nice.!!
Wowxxxxxx
Vrh love mi part vx.. Ekm kiyaan ah kihineh thi hedhy saarah? Maya ge past aa beheygothun knme vx varakah ehcheh kiyaa dhyba nxt part ga plxxxxx vrh engen beynun what actually hpnd with Maya…. Plx upload the nxt part soon okay? 🙂 <3
Sarah I wanna knw something abt mayas past.. hope thay could be seen in the upcoming part…anyway thanks for the update. …. I really enjoyed this story 🙂 🙂 🙂 🙂
That*
Wow. varah reethi mi part ves. Nxt part avahah up koh dhey thi…
V salhi waiti 4 the nxt prt
Wow vrh shalhi ahvaha eh nihaan jala laa kiyaan ah maya dher eh hen nuhadaa
waiting for the next part.
keep it up saarah…
hurihaa vaahaka eh kahala gothah mi huhnany maigandu eh haadhisaa akah.. loabivaa dhemeehun nueh gulheyne.. abadhuves kommes myhaku dhemeehun ge dheythere ah huras alhaane.. loabi vaa vaahaka bunevey thaneh naannaane.. aarrgh so cliche.. you have talent to write beautiful stories.. so come up with new ideas.. good luck with your story
hey that was the comment of mine.. but i don’t know it changed to anonymous.. swear i wrote the comment by my name.. sorry.
nice episode! wating for nxt part. majority wanna knw abt maayaa’s past. n i too. so plx i request u, in nxt part mention abt it! nihaan is going so far.
Zeen thi buny rangalhah! Huriha story eh kahala gothakah hunnany thibunaahen! Ehenve varah foohi! Kiyaa hiyy ves nuvey. Thafaathu style eh ge story eh kiyan beynumy
When’s the next part????