Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތިޔަ ލޯބީގައި…12

Nau Level 910 Stories100 Comments500 Comments100 Stories100 Login1K Comments
September 15, 2022 9 Mins Read
0 Comments

ޝަޔަމް ބުނަންއުޅޭ ވާހަކައަކަށް ޝައުގުވެރިކަން ފައުޅުކޮށްލަމުން ނުހައިކް އޭނާގެ ހުރިހައި ސަމާލުކަމެއް ޝަޔަމްއަށް ހުއްޓައިލިއެވެ. ހިތުގެ ހިނގުން އަވަސްވަމުންދިޔަ ޝަޔަމް ކުޑަކޮށް ކަރުކެހިލަމުން ވާހަކަދެއްކޭތޯ މަސައްކަތްކުރިއެވެ.

“މިވަގުތަކު ނޫން. ކިހިނެއްވާނެ ލަންޗް ބްރޭކްގަޑީގަ؟ މިކޮޅުން މެންދުރުގެ ކެއުން ނަގަން..؟ ވަރަަށް ހަމަޖެހިގެންތިބެ އެވާހަކަދައްކަން އަހަރެން ބޭނުމީ..” ހަމަޖެހިލަން މަސައްކަތްކުރަމުން ޝަޔަމް ބުނެލިއެވެ. އެންމެ ރަނގަޅޭބުނެ ނުހައިކް އެކަމަށް އެއްބަސްވެލިއެވެ.

ގަޑިން މެންދުރު އެކެއްޖެހުމާއެކު މަސައްކަތްކުރަމުންދިޔަ މީހުންވެސް އެމީހުންގެ މަސައްކަތްތައް ހުއްޓައިލުމަަށްފަހު ބްރޭކަށް ދިޔައެވެ. ޝަޔަމް އެވަގުތުވީ ގެއަށްގޮސްކަމުން އޭނާ އަންނަންވާއިރަށް ނުހައިކް ފަސްވަނަ ފަންގިފިލައަށްގޮސް ވުޟޫކޮށްހަދައި މެންދުރު ނަމާދުކޮށްލިއެވެ. ނަމާދުކޮށް ނިމުނުއިރު ނަފުސަށްވަނީ ބަޔާންކުރަންދަތި ހަމަޖެހުމެއްލިބިފައެވެ. ނަމާދުކުރުމަށްޓަކައި ޖީބުންނަގައި އެއްފަރާތެއްގައި ބާއްވާލި ފޯނު ނެގިއިރު ޝަޔަމްގެ މިސްކޯލެއް ލިބިފައި އިނުމުން އަވަސް އަވަހަށް ލިފްޓާއި ދިމާއަަށް ހިނގައިގަންނަމުން ނުހައިކް ޝަޔަމްއަށް ގުޅައިލިއެވެ. އެއާއެކު ނުހައިކް ގާތުގައި އެތަނުގައި މަޑުކުރުމަށް ޝަޔަމް ބުނެލިއެވެ.

ހުޅުވިގެންދިޔަ ލިފްޓުން ފޭބި ޝަޔަމްގެ ފަހަތުން އާދިލް ފެނުމާއެކު ނުހައިކް އާދިލްއަަށް ހިތްހެޔޮ ހިނިތުންވުމެއްދިނެވެ. އާދިލްވެސް މަަޑުމަޑުން ބޯޖަހައިލަމުން ޝަޔަމްގެ ފަހަތުންގޮސް އަތުގައިހުރި ތަށިބަރި އޭނާ ދެއްކި ކުޑަ މޭޒުމަތީގައި ބަހައްޓައިލުމަށްފަހު އެތަނުން ދިޔައެވެ.

ދުރުގައިހުރި ނުހައިކްއަށް ގޮވައިލަމުން އޭނާ އިނށީދެގެންއިން ސޯފާއަށް ޝަޔަމް އިޝާރާތްކޮށްލިއެވެ. ޝަޔަމްގެ އިޝާރާތްވިސްނުނު މީހެއްފަދައިން ނުހައިކް އައިސް ޝަޔަމް އިނށީދެއިން ސޯފާގެ އަނެއްފަރާތުގައި އިނށީދެ ހަމަޖެހިލިއެވެ.

“ތީ.. ކޮންތާކުންގެނައި އެއްޗެއް؟” ޝަޔަމް މޭޒުމަތީގައި އަތުރަމުންދިޔަ ތަށިތަކަށް ބަލަންއިނދެ ނުހައިކް އަހައިލިއެވެ. “އަހަރެންގެ ގެއިން.. ކިހިނެއްވީ؟ ނުހައިކްއަށް ކަމުނުދާ އެއްޗެއް ހުރީތަ؟” ކުރަމުންދިޔަ މަސައްކަތް މަޑުޖައްސައިލަމުން ޝަޔަމް އަހައިލިއެވެ. ނޫނެކޭ ބުނުމުގެ ގޮތުން ނުހައިކް ބޯހޫރުވައިލިއެވެ.

ޝަޔަމް ދިއްކޮށްލިތައްޓަށް ކާއެއްޗެހި އަޅަމުން ނުހައިކް ބިސްމި ކިޔުމަަށްފަހު ކާންފެށިއެވެ. އެއަޑު އިވުނު ޝަޔަމްއަށް ލިބުނީ ހައިރާންކަމެވެ. އޭނާގެ މަންމަ ފަރާތުގެ އާއިލާގައިތިބި އުމުރުން ދުވަސްވީމީހުންގެ ފަރާތުން ނޫނީ ޝަޔަމްއަށް އެފަދަ އަމަލެއްނުފެނެއެވެ. ހިތަަށްއެރި އެއްޗަކުން ހެވެން އުޅުނެއްކަމަކު ޝަޔަމް އޭނާގެ ހިނިގަނޑު އެތެރަށް ހިންދައިލިއެވެ. އަދި އޭނާވެސް ކާންފަށަމުން ނުހައިކްއަށް ނަޒަރު ހުއްޓައިލިއެވެ.

“ނުހައިކް.. އަހަރެން.. އަހަރެން ބޭނުން އަހަރެމެން ދެމެދު ރަނގަޅު އެކުވެރިކަމެއް އޮންނަން.. ފެންނަ ކޮންމެ ތަނަކުން މިހެން ޒުވާބުކޮށްހަދަންވެއްޖެނަމަ ކިހިނެއް އެކުގައި މަސައްކަތްކުރާނީ؟ އަހަރެންނަށް އެނގޭ އަހަރެންނަށްކަން ފުރަތަމަވެސް ނުބައި އިމްޕްރެޝަންއެއް ދެވުނީ.. އެހެންވީމަ އެހުރިހައިކަމެއް ރަނގަޅުކުރަންވެސް ބޭނުންވަނީ ޚުދު އަހަރެން.. އަހަރެންދެކޭ ގޮތުގަ މަސައްކަތުގެ މާޙައުލަކީ އެކުވެރި އެންމެންގުޅޭ މާޙައުލަކަށްވެގެން ނޫނީ މަސައްކަތްކުރުމަކީ ވަރަށް އުނދަގޫކަމެއް..” ޝަޔަމްގެ ވާހަކަތަކާ ގުޅިގެން ވަކިއެއްޗެއް ނުބުނި ނަމަވެސް އެވާހަކަތައްް ކަނުލައިއަޑުއަހަން ނުހައިކް އިނެވެ. އެތަންފެނި ހިތްހަމަޖެހިފައިއިނދެ ޝަޔަމް އޭނާގެ ވާހަކަތައް ކުރިއަށް ގެންދިޔައެވެ.

“އަހަރެން ބޭނުން ނުހައިކްއަށް އޮފާރއެއް ދޭން. މިތަނުގެ މަސައްކަތްތަކުގަ ނުހައިކް ފާޅުކުރި އެކިޚިޔާލުތަކާ ނުހައިކް ތިގެންގުޅޭ ތޫނު ވިސްނުން އަހަރެންނަށް ވަރަށް ކަމުދޭ.. އޮސްޓްރޭލިއާގަ ހުރި އަހަރެންގެ ކޮމްޕެނީއަކީ އިންޓީރިއަރ ޑިޒައިނިންގްގެ މަސައްކަތްވެސްކޮށްދޭތަނެއް.. އަހަރެންވާނީ އެދާއިރާއިންވެސް ތައުލީމު ހާސިލްކޮށްފަ.. އަސްލު ބުނަން މިއުޅެނީ މީވެސް މިހާރު އަހަރެންގެ ތަނަކަށްވެފަ، އަހަރެންގެ ކޮމްޕެނީއަށްލިބޭ ތަފާތު އެކި ބޮޑެތި ޕްރޮޖެކްޓްސްގެ މަސައްކަތުގަ އަހަރެންނަށް ފާހަގަކޮށްލެވޭ މުއައްޒިފުން އަބަދުވެސް ބައިވެރިކުރުމަށް އަހަރެން ބޭނުންވޭ.. ނުހައިކްގެ އެބަހުރި އެހުނަރު.. އެހެންވީމަ ދެން އަހަރެން މިދައްކާ ވާހަކަތަކާމެދު ވަރަށް ފުންކޮށް ނުހައިކް ވިސްނައިލުމަށް އަހަރެން އެދެން.” ދައްކަމުންދިޔަ ވާހަކަތައް މަޑުޖައްސައިލަމުން ފަރުވާތެރިކަމާއެކު ޝަޔަމް ނުހައިކްއަށް ބަލައިލިއެވެ.

ޝަޔަމް ދައްކަމުންދިޔަ ވާހަކަތަކުން ނުހައިކްއިނީ ހައިރާންވެފައެވެ. ނަމަވެސް އެއްވެސް އެއްޗެއްނުބުނެ އޭނާ އިނީ ޝަޔަމްއަށް ވާހަކަދެއްކުމަށް ފުރުސަތުދީގެންކަހަލައެވެ. ޝަޔަމްގެ ވާހަކައެއްކޮށް ނިމުމުން ނޫނީ އެއްވެސް އެއްޗެއް ބުނާކަށް ނުހައިކް ބޭނުމެއްނުވިއެވެ.

“މިފެށޭ ހަފުތާގަ މިއޮފީސް ހުޅުވޭނެ.. އެއަށްފަހު ކުޑަ ދުވަސްކޮޅަކަށް އަހަރެން އެނބުރި އޮސްޓްރޭލިއާއަށް ދާނަން.. އަހަރެންގެ އެދުމެއް ނުހައިކް އަހަރެންނާއެކު މިދަތުރުގަ ބައިވެރިވުން.. މިއީ ވިޔަފާރި ދަތުރެއް.. އަހަރެންގެ ކުންފުންޏަށް އެބައޮތް ޕްރޮޖެކްޓްއެެއްލިބިފަ.. އޭގަ ފުދޭވަރަކަށް މީހުން ބައިވެރިވާނެ.. އަހަރެން.. އަހަރެން ބޭނުން ނުހައިކްވެސް މި ޕްރޮޖެކްޓްގަ ބައިވެރިވާން.. އެހެންވީމަ.. އަހަރެން ބޭނުން އަހަރެންނާއެކު މިދަތުރުގަ ނުހައިކްވެސް އޮސްޓްރޭލިއާއަށްދާން.. ލަފާ ކުރެވޭގޮތުގަ 2 ހަފުތާ އެކޮޅުގަވާނީ.. އަހަރެންނަށް އެންމެ ރަނގަޅު ވިސްނައިލައިފަ ނުހައިކް ވަކި ޖަވާބެއްދިނަސް..” ޝަޔަމް ވާހަކަދައްކައި ނިންމައިލުމަށްފަހު ނުހައިކްގެ ޖަވާބެއްގެ އިންތިޒާރުގައި އިނެވެ. އެޚިޔާލު އޭނާގެ ސިކުނޑިއަަށް އައީ ނުހައިކްގެ ހުނަރުވެރި މަސައްކަތްތައްފެނިފައެވެ. ކަންކަން ކުރުމުގައި ނުހައިކް ގެންގުޅޭ ހަރުދަނާ ވައްޓަފާޅި ޝަޔަމްއަށް ވަރަށް ކަމުދެއެވެ. އެފަދަ ފުރުސަތެއް ނުހައިކްއަށް ހުޅުވައިލެވުނީވެސް އެހެންވެއެވެ. ކާމިޔާބުކަމާއެކު އެފަދަ ހުނަރުވެރި މުއައްޒިފުންގެ އެހީއާއެކު ނިންމައިލެވޭ ކޮންމެ ޕްރޮޖެކްޓަކީ އޭނާގެ މުޅި ކުންފުންޏަށްވެސް ލިބޭ ބޮޑު ކުރިއެރުމެކެވެ.

“އަޅުގަނޑު ވިސްނައިލަން ބޭނުން..” އިރުކޮޅެއްގެ ހިމޭންކަމަށްފަހު ނުހައިކް ބުނެލިއެވެ. ޝަޔަމްއަށް އެގޮތްވެސް އެންމެ ރަނގަޅެވެ. ބޯހަޖަހައިލަމުން އޭނާ ހިނިތުންވެލިއެވެ.

“އަޅުގަނޑޭ؟؟ އަޅުގަނޑު ނުކިޔަސް އެންމެ ރަނގަޅޭ. އެހައި ފޯމަލްވާއެއްޗެއްނޫން..” ޝަޔަމްގެ ވާހަކައަށް ނުހައިކްވެސް ލުއިގޮތަކަށް ހީލިއެވެ. ދެމެދަށްވެރިވި ހަމަހިމޭންކަމާއެކު ދެމީހުންވެސް ކައިނިންމައިލިއެވެ. ޝަޔަމްއަށް ޝުކުރުއަދާކުރަމުން ނުހައިކް ބްރޭކްގަޑި ނިމުމާއެކު އެނބުރި މަސައްކަތްތައް ކުރިއަށްދަމުންދިޔަ ފަންގިފިލާއަށް ދިޔައެވެ.

*****

މޯޅިއަކަށް ދެމިލަމުން ތެދުވި ޒާއިން މޫނުމަތީގައި އަތްހާކައިލަމުން ކޮޓަރިއަށް ވަށައިގެން ނަޒަރު ހިންގައިލިއެވެ. ލަމްޔާގެ އެެއްވެސް ހިލަމެއްނެތުމުން އޭނާ ދިޔަތަނަކާމެދު ޒާއިންއަށް އަމިއްލަ ނަފުސާ ސުވާލުކޮށްލެވުނެވެ. ކޮޓަރީގައިހުރި ބޮޑު ގަޑިއަށް ނަޒަރު ހިންގައިލިއިރު މެންދުރުން އަނބުރައި 2 ޖަހަނީއެވެ. ހޭވިފައިވި އިސްތަށިގަނޑުގައި އަތްފުނައަޅައިލަމުން އިންތަނުން ތެދުވެ ތުވާލި ހިފައިގެން ޒާއިން ފާޚާނާއަށް ވަނެވެ.

މާގަނޑުން އޮހެމުންދިޔަ ފެންތަކުގެ ދަށުގައި ވައަތް ފާރުގައި ވިއްދައިލައިގެން ޒާއިން ހުއްޓެވެ. އޭރު ފަތިހު ހިނގައިދިޔަ ހާދިސާ ތަކުރާރުކޮށް އޭނާގެ ދެލޯކުރިމަތީގައި ސިފަވަމުންދިޔައެވެ. ލަމްޔާގެ ހިތްދަތިވެފައިވާ މޫނާއި ޖެހިލުންވެފައިހުރެ ޒާއިންއާއި ދުރަށް ދިޔަގޮތް އޭނާގެ ސިކުނޑީގައި ހަރުލައިފައިހުރި ކަހަލައެވެ. އެއާއެކު ނުހައިކް ދެއްކި ވާހަކަތައްވެސް އޭނާގެ ކަންފަތްބުޑުގައި ގުގުމަމުން ދިޔައެވެ. އަނެއްކާ… ޒާއިންއަށް ކަންތައްކުރެވުނުގޮތުން ލަމްޔާ އެނބުރި އޭނާގެ ގެއަަށް ދިޔައީބާވައެވެ؟ ހިތަށްވެރިގަތް ސުވާލާއެކު ޒާއިންއަށް ދެފަރާތަށް ބޯހޫރައިލެވުނެވެ. އެއީ އޭނާ ގަސްދުގައިކުރިކަމަކަށް ނުވާއިރުވެސް އަމިއްލަ ނަފުސު ކުށްވެރިކުރެވެމުންދިޔައެވެ. ހިތާއި ސިކުނޑިއާއި ދެމެދުގައި ބޮޑު ބަހުސެއްކުރިއަށްދަމުންދިޔަ ކަހަލައެވެ. ހިތް އެދެމުންދިޔައީ ލަމްޔާގެ ކިބައިން މައާފަށް އެދުމަަށެވެ. އަދި އެެދިރިއުޅުމަަށް ފުރުސަތެއް ދިނުމަށެވެ. ނަމަވެސް ސިކުނޑި އޭނާއަށް ހަނދާންކޮށްދެމުން ދިޔައީ އެއީ މަޖުބޫރުން ކުރެވުނު ކައިވެންޏެއްކަމެވެ. ވީއިރު ޒާއިންއަށް ކުރެވުނު ކަންތަކާއި ބުނެވުނު ބަސްތަކުގައި އޭނާގެ އެއްވެސް ކުށެއް ނެތްކަމެވެ. އަދި މައާފަށްއެދި ލަމްޔާގެ ގާތުގައި ޒާއިން ދަށްވާކަށް ނުޖެހޭނެކަމެވެ. އޭނާއަކީ ތޮއިބާއާއި ލަމްޔާ ބުނާހައިގޮތެއް ހަދަންހުރި މީހެއްނޫންކަމެވެ. އެއީ އޭނާގެ ދިރިއުޅުމެވެ. އެދިރިއިޅުން ކުރިއަށް ގެންދާނީ އޭނާ ބޭނުންވާ ގޮތަކަށެވެ. ވިސްނިވަރަކަށް ޒާއިންއަށްވެސް ބުރަވެވުނީ ސިކުނޑީގެ ކޮޅަކަށެވެ. ފުންނޭވާއެއް ދޫކޮށްލަމުން ޒާއިން ފެންވަރައި ނިންމައިލަމުން އުނަގަނޑުގައި ތުވާލި އަނދެލުމަށްފަހު ފާޚާނައިން ނުކުތެވެ.

އެވަގުތު ކޮޓަރިއަަށްވަދެގެންއައި ލަމްޔާއަށް ޒާއިންފެނި އަވަސް އަވަހަށް އަނެއްފަރާތަށް އެނބުރުނެވެ. އެތަންފެނި ޒާއިންގެ މޫނުމައްޗަށް ލާނެތް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. ދާދި ދެންމެއަކު އޭނާގެ ޟަމީރު ވިސްނައިދިން ހުރިހައިކަމެއްމަތިން އޭނާ ހަނދާންނެތުނުކަހަލައެވެ. ހިނިއައިސްފައިހުރެ މަޑުހިނގުމެއްގައި ޒާއިން އައިސް ލަމްޔާގެ ކުރިމައްޗަށްވާގޮތަށް މަޑުކޮށްލިއެވެ.

ޒާއިން އައިސް ހުއްޓުމާއެކު ލަދުގަނެ ޖެހިލުންވެފައިހުރި ލަމްޔާ އިސްޖަހައިލިއެވެ. ފަތިހު ދިމާވި ކަންތަކަށްފަހު އޭނާ ހުރީ ޒާއިންދެކެ ބިރުގަންނަގޮތްވެފައެވެ. ހިންދިރުވައިލަމުން ލަމްޔާ ފަހަތަށް ފިޔަވަޅެއް އަޅައިލީ ޒާއިން އާއި ދުރުވެލުމުގެ ގޮތުންނެވެ.

ލަމްޔާ އުޅެމުންދިޔަގޮތާއި އެމޫނަށް އަރައިފައިބަމުންދިޔަ ކުލަވަރުން ޒާއިންއަށް މަޖާވިއެވެ. އަމިއްލަ ނަފުސުގެ މައްޗަށްއޮތް ކޮންޓްރޯލް ގެއްލި ލަމްޔާއާއި ސަމާސަކޮށްލަން އޭނާގެ ހިތް އެދުނެވެ. ކުރިމަތީގައި އޭނާގެ ހިތަށް އެންމެ ފުރަތަމަ އަސަރުފޯރުވި އަންހެންކުއްޖާ ހުއްޓައި އޭނާއަށް މަޑުން ހުރެވިދާނެހެއްޔެވެ؟

ލަމްޔާ ފަހަތަށް އަޅައިލާ ކޮންމެ ފިޔަވަޅަކަށް ޒާއިން ލަމްޔާގެ ގާތަށް ފިޔަވަޅެއް އަޅައިލައެވެ. ހަނދާނެގޮތެއް ނޭނގި ލަމްޔާ ކަންބޮޑުވާގޮތްވިއެވެ. ޒާއިން އޭނާއަށް ކަމެއްކުރަން އުޅެނީއޭ ހިތައި ލަމްޔާގެ ހިތަށް ބިރުވެރިކަން ވަންނަންފެށިއެވެ. ހުރި ފިޔަވަޅުމަތީގައި ހުއްޓެމުން ލަމްޔާ ދެއަތްދެއަތާ މޮޑެންފެށީ ހަދާނެ ގޮތެއް ނުވަތަ ބުނާނެ އެއްޗެއް ވިސްނައިލަމުންނެވެ.

ލަމްޔާގެ ކުރިމަތީގައި ހުއްޓެމުން ކަންބޮޑުވެފައިހުރި ލަމްޔާގެ ދަތްދޮޅީގައި ހިފައި ޒާއިން އުފުލައިލިައެވެ. އެއާއެކު ބިރުންހުރި ލަމްޔާ ލަސްލަހުން އޭނާގެ ދިގު އެސްފިޔަތައް އުފުލައިލަމުން ޒާއިން އާއި ލޮލާލޯ އަމާޒުކޮށްލިއެވެ.

ހާސްކަން އެކުލެވިފައިވި ލަމްޔާގެ ދެލޮލަށް ބަލަހައްޓައިގެން ޒާއިންއަށް އިރުކޮޅަކު ހުރެވުނެވެ. އެބޮޑު ދެލޮލުން ބަލަމުންދިޔަގޮތުން ޒާއިންގެ ހިތުގެ އެންމެ ހިމަނާރަށް އަސަރުކުރުވައިފިއެވެ. ބޭއިޚުތިޔާރުގައި ޒާއިންއަށް ލަމްޔާގެ ދަތްދޮޅީގައި ބޮޑުވައިއިނގިލިން ފިރުމައިލެވުނެވެ. ޒާއިންގެ އެއަމަލުން ހިންދިރުވައިލި ލަމްޔާގެ ތުންފަތުގައި މަޑު ތުރުތުރެއް އުފެދިގެންދިޔައެވެ. އެމަންޒަރުފެނި ޒާއިން އިތުރަށް ލަމްޔާ އާއި ގާތްވެލިއެވެ.

ޒާއިން ގާތްވަމުންދިޔަވަރަކަށް ލަމްޔާގެ ހަަށިގަނޑުގައިވެސް މަޑު ތުރުތުރެއް އުފެދިގެންދިޔައެވެ. އިތުރަަށް ޒާއިންގެ މޫނަަށް ބަލަން ނުކެރި އަވަސް އަވަހަށް ލަމްޔާ ދެލޯމަރައި ބާރުކޮށްލިއެވެ. ހިނިއައިސްފައިހުރެ ޒާއިން އޭނާގެ އަނގަ ލަމްޔާގެ ކަންފަތާއި ކައިރިކޮށްލިއެވެ.

“ތި ބޮޑު ދެލޮލުން ތިގޮތަށް ބަލަންޏާ އަހަރެން ކުރަން ގަސްދުގައިނެތް ކިތަންމެ ކަމެއްވެސް އަހަރެންގެ އިޚުތިޔާރުން ބޭރުގައި ކުރެވިދާނެ.. އެހެންވީމަ.. ދެން.. ތިގޮތަށް ނުބަލައްޗޭ..” ސިއްރެއް ބުނެލާފަދައިން ޒާއިން ބުނެލިއެވެ. އަދި ލާނެތް ހިންޏެއް އައިސްފަައިހުރެ ލަމްޔާ އާއި ދުރަށް ޖެހިލަމުން އޭނާގެ ފުރަގަހުގައި އެއްއަރިމަތީގައިހުރި އަލަމާރިއާއި ދިމާއަށް މިސްރާބުޖެހިއެވެ.

ޒާއިން ބުނެލި ބަސްތައް ލަމްޔާގެ ހިތުގެ ވިންދު އަވަސްކުރުވިއެވެ. ދެލޯހުޅުވައިލަމުން ކަނައަތްގެނެސް މޭގައި ޖައްސައިލަމުން ލަމްޔާ ފުންނޭވައެއްލިއެވެ.

ހަމަޖެހިލަން މަސައްކަތްކުރި ނަމަވެސް އޭނާގެ ހަށިގަނޑުގައި އުފެދިފައިހުރި މަޑު ތުރުތުރާއި ރޯމަހެއް ތެޅޭހެން ތެޅެމުންދިޔަ ހިތުގެ ސަބަބުން އެކަންވީ އުނދަގޫކަމަކަށެވެ. ޒާއިންގެ ފަރާތުން އެފަދަ ކަމެއްފެނިދާނެކަމަށްވެސް ހީވެފައިނުވާއިރު ކުއްލިއަކަށް ލިބުނު ސިހުން ފިލުވައިލުމަށް ލަމްޔާއަށް ވަގުތުނެގިއެވެ.

ޒާއިންވެސް މިއީ އަޖައިބެއްކަހަލަ އިންސާނެކެވެ. އެއްސުކުންތު އޭނާގެ ފަރާތުން އެފަދަ ލޯބިވެތި އަމަލެއް ފެނިއްޖެނަމަ ދެވަނަ ސުކުންތުގައި ދުރުމީހަކުފަދައިން އޭނާ ލަމްޔާއާއި މެދުގައި ކަންތައްކުރަންވީ ސަބަބައެއް ލަމްޔާއަކަށް ނުވިސްނުނެވެ. ރޭގައި ލަމްޔާގެ ގައިމަތީގައި އެރަޖާގަނޑު އަޅައިދިނީވެސް ޒާއިން ކަމާއިމެދުގައި އޭނާ ޝައްކެއްނުކުރެއެވެ. އެހެނަސް ފަތިހު ޒާއިންގެ ފުށުން ފެނިގެންދިޔައީ ލަމްޔާ ދުވަހަކުވެސް ހިތަށް ނާރާފަދަ ހަރުކަށިކަމާއި ރުޅިވެރިކަމެވެ. އެއްގޮތަކަށްވެސް އެއަރަތެއްކަހަލަ އިންސާނާ ހައްލުކުރާނެގޮތެއް ލަމްޔާގެ ސިކުނޑިއަކަށް ނައެވެ.

“ކަ.. ކާން.. އާދޭ..” އަޅައަޅައިގަންނަމުން ލަމްޔާ ބުނެލިއެވެ. އަލަމާރި ކައިރީގައި ހުރެފައި ލަމްޔާގެ އަޑަށް ޒާއިން ބަލައިލިއެވެ. އޭރުވެސް ނުފިލާ ހިނިތުންވުމެއް އޭނާގެ ތުންފަތްމައްޗަށް ވެރިވެފައި ހުއްޓެވެ. ޒާއިންއަށް ފުރަގަސްދީގެންހުރި ލަމްޔާއަކަށް އެތަނެއްނުފެނެއެވެ. ކޮޓަރީގައި ހުންނަން ނުކެރިގެން ޒާއިން ގާތުގައި ތައްޔާރުވެގެން އައުމަށް ބުނެފައި ލަމްޔާ ކޮޓަރިން ނުކެތެވެ.

ތައްޔާރުވެލައިގެން ސިޑިން ފައިބައިގެން އައި ޒާއިންއަށް ބޮޑުކޮޓަރީގެ ސޯފާގައި ތޮއިބާ އާއި ވާހަކަދައްކަންއިން ލަމްޔާގެ ނަޒަރު ހުއްޓުނެވެ. ވަގުތުން ލަމްޔާގެ މޫނު ރަތްވެގެންދިޔައެވެ. އެމަންޒަރުފެނި ތޮއިބާއަށް ހީލެވުނީ ދެކުދިންގެ ދެމެދުގައި އޮތް ގުޅުން ބަދަހިވަމުންދަނީކަމަށް ހީކޮށެވެ. ކޮންމެވެސް ދުވަހަކުން އޭނާގެ ހިތް އެދޭފަދަ ޒުވާނަކަށް ޒާއިންވާނޭ ހިތައެވެ. ލަމްޔާއަކީ ޒާއިންއަށް ލެއްވި ނަސީބެއްކަމަށް ތޮއިބާ ގަބޫލުކުރެއެވެ. ޚުދު ޒާއިންއަށްވެސް އެކަން ހަޔާތުގައި ކޮންމެވެސް ހިސާބަކުން އިހުސާސުވާނެކަމަށް އޭނާގެ ހިތް ބުނެއެވެ.

ޖެހިލުންވި ނަމަވެސް ތޮއިބާއަށް އަވަސް ނަޒަރެއްދެމުން ލަމްޔާ އިންތަނުން ތެދުވެ ކާކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ. ފަހަތުން ޒާއިންވެސް ލައިގެންހުރި ކަކުލާހަމައަށް އަންނަ ހުދު ސޯޓުބުރީގެ އެއްޖީބަށް އަތްޖަހައިލަމުން ހިނގައިގަތެވެ. އެހުރިހައި އިރު އޭނާގެ ނަޒަރު ހުރީ ލަމްޔާގެ އަމަލުތަކަށް ހުއްޓިފައެވެ. ވަށައިގެންވި އެހެން އެއްވެސް އެއްޗެއް އޭނާއަށް ނުފެންނަކަހަލައެވެ.

ލަމްޔާ ކާން ހަދައިދިނުމާއެކު ކައިގެން ޒާއިން ދިޔައީ ގެއިން ބޭރަށެވެ. އެތައްވަގުތެއް އެކަހެރިކޮށް ކާކޮޓަރީގައި ހޭދަވިއެއްކަމަކު އެދެމެދުގައި އެއްވެސް ވާހަކައެއް ނުދެކެވެއެވެ. ޒާއިން ހިމޭންކަން ޚިޔާރުކޮށްގެންއިނދެ ކައިނިންމައިލިއިރު ލަމްޔާ އިނީ ލަދުގަނެ ވާހަކައެއްދައްކަން ނުކެރިފައެވެ.

ޒާއިން ނުކުމެގެންދަމުން ދަނީ ކޮންތަނަކަށްކަމެއް ލަމްޔާ ގާތުގައި ނުބުނެއެވެ. އިސްވެ އަހާލަން ލަމްޔާ އަކަށްވެސް ނުކެރުނެވެ. އެހެންކަމުން ޒާއިންދިޔަ ތަނަކާއިމެދު ތޮއިބާ ސުވާލުކުރުމުން ދޭނެ ޖަވާބެއް ލަމްޔާއަކަށް ނޭނގުނެވެ. ތޮއިބާގެ ބޮލުގައި ނުބައިގޮތަކަށް ރިއްސައިލިއެވެ. މިހުރިހައިދުވަހު އޭނާ ދުއްފަދަ މަންޒަރެއް ލަމްޔާއަށް ފެނިއްޖެނަމަ އެއަންހެންކުއްޖާއަށް ވެދާނެ ގޮތަކާއިމެދުގައި ތޮއިބާއަށް ވިސްނައިލެވުނެވެ. ހިތާހިތުން ޒާއިންގެ ފަރާތުން އެފަދަ މަންޒަރެއް ނުދެއްކެވުންއެދި އޭނާއަށް ދުޢާކޮށްލެވުނެވެ.

*****

ބޮޑުކޮޓަރީގައިހުރި ސޯފާގައި އޮށޯވެލައިގެން ނިތްމަތީގައި އަތް ބާއްވައިލައިގެން ނުހައިކް އޮތީ ފުންވިސްނުމަކަށް ގެއްލިފައެވެ. ޝަޔަމް ދެއްކި ވާހަކަތައް އޭނާގެ ސިކުނޑީގައި ބުރުޖަހަމުންދިޔައިރު ގޮތެއްނިންމަން ނުހައިކްއަަށް ވަނީ އުނދަގޫވެފައެވެ. ޝަޔަމްގެ ހުށައެޅުން ގަބޫލުކުރަން ބޭނުންވި ނަމަވެސް ސާރާ އެކަނި ގޭގައި ބަހައްޓާފައި އެހައި ދިގު މުއްދަތަކަށް ދިއުމަށް އޭނާގެ ހިތް ދެކޮޅުހަދަމުން ދިޔައެވެ. ހަދާނެގޮތެއް ނޭނގި ނުހައިކްގެ ފިކުރުތައް އިތުރުވަމުންދިޔަ ވަރަކަށް އޭނާއަށް ނިތުގައި އަތުން ފިރުމައިލެވުނެވެ.

“ބޮލުގައި ރިއްސަނީތަ؟” ޓީވީއިން ރޭގަނޑު އަށެއްގެ ޚަބަރު ބަލަންއިން ސާރާއަށް އެތަންފެނި އަހައިލިއެވެ. “އުހުން..” ކުރު ޖަވާބަކުން ނުހައިކް ފުއްދައިލިއެވެ.

“ދަރިފުޅު ކަމަކާ މާބޮޑަށް ފިކުރު ކުރަނީތަ؟ މަންމައާއިވެސް ހިއްސާކޮށްލީމައެއްނު މަންމައަށްވެސް ހައްލެއް ހޯދައިދެވޭނީ.” ޓީވީގެ އަޑު މަޑުކޮށްލަމުން ސާރާ އޭނާގެ ހުރިހައި ސަމާލުކަމެއް ނުހައިކްއަށް ހުއްޓައިލިއެވެ.

“އޮފީހުގެ ވެރިޔާގެ ފަރާތުން އަޅުގަނޑަށް ލިބުނު ފުރުސަތަކާ ދޭތެރެގައި މިވިސްނަނީ.. ވެރިޔާގެ ހުށައެޅުން ގަބޫލުކުރާނީތޯ ނުވަތަ ނޫންތޯ..” އިރުގަނޑެއްގެ ހިމޭންކަމަށްފަހު ފުންނޭވައެއްލަމުން ނުހައިކް ބުނެލިއެވެ.

“އަނެއްކާ ކޮންކަހަލަ ފުރުސަތެެއް؟” ސީރިއަސްވެލަމުން ސާރާ އަހައިލިއެވެ. އެއާއެކު ވެގެންއުޅޭގޮތް ނުހައިކް ސާރާއަށް އޮޅުންފިލުވައިދިނެވެ. ނުހައިކްގެ ވާހަކަތަކާމެދުގައި ސާރާ ފުންކޮށް ވިސްނަމުންދިޔައެވެ. އެދަރިފުޅަށް އެލިބުނީ ރަނގަޅު ފުރުސަތެކޭ އޭނާގެ ހިތް ބުނެލިއެވެ. އެހެނަސް އެދަރިފުޅުގެ ފިކުރުތައް ގުޅިފައިވީ އޭނާއާއިއެވެ. އޭނާގެ ސަބަބުން އޭނާގެ ދަރިންނަަށް ލިބޭ ކުރިއެރުންތަކުން މަހުރޫމުވާކަަށް ސާރާ ބޭނުމެއްނުވެއެވެ.

“ތިކަހަލަ ފުރުސަތަކީ އަބަދު އަބަދު ލިބޭނެ ފުރުސަތެއްނޫން.. ތީ ދަރިފުޅަށް މިންވަރުކުރުވާ ނިއުމަތަކަށްވެސް ވެދާނެ.. މަންމަ ބޭނުން އޮފީހުން ލިބޭ ތިފަދަ ފުރުސަތުތައް ނުހައިކް ގަބޫލުކުރަން.. މަންމަގެ ދެދަރިންނަށްވެސް މަންމަ އިތުބާރުކުރަން. ގޯސްމަގަކުން ތީގެ އެންމެ ކުއްޖެއްވެސް ނުދާނެކަން މަންމައަށް އެނގޭ.. ދަރިފުޅު ކަންބޮޑުވަނީ މަންމައާ މެދުގައި ވިސްނާފަ ދޯ.. މަންމަ އެކަނިވެދާނެތީތަ؟ އެހެންވީއިރު ދަރިފުޅު އެވަރަށް ތިކަމާ ނުވިސްނާ.. މަންމަ އަކީ އެކަނިއުޅެންވެސް ދަސްވެފަހުރި އަންހެނެއް.. އަދި މީހެއްގެ އެހީތެރިކަމާ ނުލައި އުޅެވޭނެހައި ބާރު އިރާދަފުޅުން މިހަށިގަނޑުގައި އެބަހުރި.. އެހެންވީމަ.. ދަރިފުޅު އެވަރަށް ނުވިސްނާ.. ދަރިފުޅަށް ލިބޭ ކޮންމެ ކުރިއެރުމަކީ ހަމަ މި މަންމައަށްވެސް ލިބޭ ކުރިއެރުމެއް..” އިންތަނުން ތެދުވެގެން އައިސް ނުހައިކްގެ ގާތުގައި އިނށީދެ އޭނާގެ އިސްތަށިގަނޑުގައި ލޯތްބާއެކު އަތްހިންގަމުން ސާރާ ވާހަކަދައްކަމުން ދިޔައެވެ. ސާރާގެ ވާހަކަތަކުން ނުހައިކްގެ ހިތަށް ހަމަޖެހުންލިބި ގޮތް ނިންމަން ފަސޭހަވެގެން ދިޔައެވެ.

*****

އެނދުގެ ހެޑް ބޯޑުގައި ލެގިލައިގެންއިން ލަމްޔާ އަތުތެރޭގައިއޮތް ފޯނަށް ބަލައިލިއެވެ. ގަޑިން ރޭގަނޑު 9 ޖަހަން ދަނީއެވެ. އަދިވެސް މެންދުރުފަހު ގެއިން ނުކުމެގެންދިޔަ ގޮތަަށް ޒާއިން ގެއަށް ނާދެއެވެ. ކަންބޮޑުވެފައި ތުންފަތް ހަފައިލަ ހަފައިލައި ލަމްޔާ އިނީ ހަދާނެގޮތަކާއިމެދުގައި ވިސްނާށެވެ. ނިދިތާޔަށް ޖެހެމުންދިޔަ ނަމަވެސް ލަމްޔާ ހިތްވަރުކުރަމުން ދިޔައީ ނުނިދައި ވޭތޯއެވެ. ކޮންމެ ރެއަކު ޒާއިން އެދާތަނަކާއި މެދުގައި އޭނާގެ ހިތުގައިވަނީ ސުވާލު އުފެދިފައެވެ. ފަހަރެއްގައިވެސް އޭނާ ހީކުރިފަދަ އެއްވެސް އަމަލެއް ޒާއިންގެ ފުށުން އަދި ފެނިފައެއްނެތެވެ. އެހުރިހައި ކަމަކާއިމެދުގައި ލަމްޔާއަށް ވިސްނުންހިންގެމުން ދިޔައެވެ. ތޮއިބާ ގާތުގައި ބުނަން ހިތަށް އަރައިފައިވެސް އަދި މަޑުކޮށްލީ ޒާއިންގެ ޚަބަރެއްވޭތޯއެވެ.

އަތުގައިއޮތް ފޯނުގެ އެލާމްގެ އަޑަށް ސިހިފައި ލަމްޔާއަށް ދެލޯހުޅުވައިލެވުނެވެ. ނުވެސް އެނގި ހުއްޓައި މިރޭވެސް އޭނާއަށް ނިދުނީއެވެ. ހޭލެވުމާއެކު ފުންމައިގެން ލަމްޔާ އެނދުން ތެދުވިއެވެ. ފޯނަށް ބަލައިލިއިރު މެންދަމުން އަނބުރައި 3 ޖަހައިބޮޑުވެއްޖެއެވެ. ކޮންމެ ރެއަކުވެސް ދަމުނަމާދަށް ހޭލުމަށްޓަކައި ލަމްޔާ އޭނާގެ ފޯނު އެލާމުކުރެއެވެ. ހޭވެރިކަންވީ އެ އެލާމްގެ އަޑަށްކަން އޭނާއަށް އެނގުނީ ފޯނަށް ބަލައިލުމުންނެވެ. ކަންބޮޑުވެ ހާސްވެފައި ލަމްޔާއަށް ކޮޓަރީތެރެއަށް ބަލައިލެވުނެވެ. އަދިވެސް ޒާއިން ގެއަށް ނާނަނީހެއްޔެވެ؟ އަނެއްކާ ޒާއިންއަަށް ކަމެއްވީބާވައެވެ؟ ހިތަށްވަތް ބިރުވެރިކަމެއްގެ ސަބަބުން އަވަސް އަވަހަށް ކޮޓަރިން ނުކުމެ ތޮއިބާއަށް އެޚަބަރުދޭން ލަމްޔާ ބޭނުންވިއެވެ.

ބާރު ހިނގުމެއްގައި ތޮއިބާގެ ކޮޓަރިއާއި ދިމާއަށްދިޔަ ލަމްޔާގެ ފިޔަވަޅުތަކަށް މަޑުޖެހުމެއްއައީ ގޭގެ ބޮޑު ދޮރުގެ ތަޅު ހުޅުވައިލުމަށްފަހު ދޮރުގައިހިފައި މީހަކު ހުޅުވައިލިއަޑަށެވެ. މިސްރާބު ބަދަލުކޮށްލަމުން ލަސްފިޔަވަޅު ތަކެއްގައި ލަމްޔާ ސިޑިއާއި ދިމާއަށް ހިނގައިގަތެވެ. ނަމަވެސް ސިޑިއާއި ހިސާބަށްދިޔަތަނުން އޭނާގެ ފިޔަވަޅު ހުއްޓި ދެލޯބޮޑުވެގެންދިޔައީ ދޮރުންވަދެގެންއައި ޒާއިން ފެނިފައެވެ.

ހަމަހޭގެއްލި ދެފަރާތަށް ކިރެމުންކަހަލަ ގޮތަކަށް ޒާއިން އައިސް ސިޑިކައިރީގައި މަޑުޖެހިލިއެވެ. އަދި މަތީގައި ހުއްޓި ފެންކަޅިވެފައި އޭނާއަށް ބަލަހައްޓައިގެންހުރި ލަމްޔާއަށް ބަލައިލަމުން ނުލަފާގޮތަކަށް ހީލިއެވެ. ސިޑީގެ އެއްއަރިމަތީގައި ހިފަހައްޓައިލަމުން މައްޗަށް އަރަން ޒާއިން މަސައްކަތްކުރަމުން ދިޔައެވެ. ހުރި ހާލަތުގެ ސަބަބުން އެކަން ދަތިކަމަކަށްވި ނަމަވެސް ފަހަރަކު ހަރުފަތެއް ގިރާކުރަމުން ޒާއިން ސިޑިން އަރަންފެށިއެވެ.

“ޒާ.. އިން..” ވައިއަޑުން ރޮވިފައިހުރި ލަމްޔާއަށް ބުނެލެވުނީ އޭނަގެ ކުރިމަތިން ފެންނަމުންދިޔަ މަންޒަރު ގަބޫލުކުރަން ދަތިވީވަރުންނެވެ. ދޮރުން ވަދެގެން ޒާއިން އައިގޮތް ފެނިލުމާއެކުވެސް އޭނާ އެހުރީ ހަމަހޭގައިނޫންކަން ލަމްޔާގެ ސިކުނޑި ދެނެގަނެފިއެވެ. އެހެނަސް އެކަން ގަބޫލުކުރަން ދަތިވެފައި އޭނާހުރީ ހުވަފެނުންވެސް އޭނާގެ ހަޔާތުގެ ބައިވެރިޔާގެ ކިބައިން އެފަދަ ކަމެއް ފެނިދާނެކަމަށް ހީކުރެވިފައި ނެތީމައެވެ.

“ޒާ.. ޒާއިން..” އަނެއްކާވެސް ލަމްޔާއަށް ޒާއިންގެ ނަން ކިޔައިލެވުނެވެ. ލިބިފައިހުރި ޝޮކެއްގެ ސަބަބުން އޭނާގެ ސިކުނޑީގެ މަސައްކަތްވެސް ހިނދުކޮޅަކަށް ހުއްޓިފައިހުރިކަހަލައެވެ.

ސިޑިން އަރައިގެން އައިސް އޭނާގެ ކުރިމަތީގައި ހުއްޓެމުން ޒާއިން ލަމްޔާ އާއި ނަޒަރު ސީދާކޮށްލިއެވެ. ލޮލުން އޮހޮރެމުންދިޔަ ކަރުނަތަކާއެކު ނޭފަތާއި އަނގައާއި އެއްކޮށް އަތުން ނިވާކޮށްލަމުން ލަމްޔާ ފަހަތަށް ފިޔަވަޅެއް އަޅައިލީ ޒާއިންގެ ގައިން ދުވަމުންދިޔަވަހުން އުނދަގޫވެގެންނެވެ. އެތަންފެނި ޒާއިން ހިނިގަނޑެއް ޖަހައިލިއެވެ. އަދި ފަރުވާކުޑަގޮތަކަށް ލަމްޔާ އާއި ދުރަށްޖެހިލުމަށްފަހު ގޮސް އޭނާގެ ކޮޓަރިއަށްވަދެ ދޮރުޖެހިއެވެ.

އަނގަމަތީގައި އަޅައިގެންހުރި އަތަށް ބާރުކޮށްލި ލަމްޔާއަށް ހަމަރަނގަޅަވެސް ރޮވުނެވެ. ދެލޮލުން އޮހޮރެމުންދިޔަ ކަރުނައިގެ މުތީތަކާއެކު އޭނާ މަަސައްކަތްކުރަމުންދިޔައީ ރޯއަޑު ނީއްވައިވޭތޯއެވެ. ނަމަވެސް ދެތުންފަތް ދެމެދުން މަޑު ގިސްލުމެއްގެއަޑު ބޭރުވެގެންދިޔައެވެ. މިވީ ކިހިނެއްހެއްޔެވެ؟ އޭނާގެ ހުވަފެންތަކުގައި ހަގީގީކުލަ ނުޖެހެނީސް އެހުވަފެންތައް ވިއްސިވިހާލިވެގެންދިޔައީއެވެ. އެވަރުގެ ބޮޑު ކެއްސެއް ތޮއިބާ އާއި ޒާއިން އެމީހުނަށްދިނީ ކީއްވެހެއްޔެވެ؟ ލަމްޔާމެންގެ ފަރާތުން ކޮންކަމެއްގެ ބަދަލެއްހިފަން ހެއްޔެވެ؟ ސާރާއަށް މިއިން އެއްވެސްކަމެއް އެނގޭބާވައެވެ؟ ސާރާ އާއި ނުހައިކްއަަށް އެނގިއްޖެނަމަ ދެންކަންތައްވާނެ ގޮތެއްވެސް ޚުދު ލަމްޔާއަަށްވެސް ބުނާކަށް ނޭނގެއެވެ. ޔަގީނުންވެސް އޭނާގެ ލޯބިވާ މަންމަގެ ހިތްފަޅައިގެންދާނެއެވެ. އެހައި އުފަލުންހުރެ އެހައި ލޯބިން އެމީހެއްގެހުރި ހަމައެކަނި އަންހެންދަރީގެ ކައިވެނިކޮށްދެވުނީ ނަމާދުނުކުރާ މަސްތުގެ ދުނިޔޭގައި ޣަރަގުވަމުންދިޔަ މީހަކާއިކަން އެނގުމުން އަސަރު ނުކުރާނީ ކޮންމަޔަކަަށް ހެއްޔެވެ؟

ވިސްނިވަރަކަށް ހިތްތަދިވެފައިހުރި ލަމްޔާގެ ހިތަށް ރުޅިވެރިކަން ވަންނަމުން ދިޔައެވެ. މިއީ ގަސްދުގައި އޮޅުވައިލައިގެން ޒާއިންއާއި ތޮއިބާ ކުރުވިކަމެކޭ ހީވާންފެށިއެވެ. ނަފުސު ގައިދުކޮށްލި ގަދަރުޅީގައި ދެލޮލުން އޮހޮރެމުންދިޔަ ކަރުނަތައް އަތުގެ ނުފުށުން ފުހެލުމަަށްފަހު ލަމްޔާ ކޮޓަރިއާއި ދިމާއަށް ބާރު ހިނގުމެއްގައި މިސްރާބުޖެހިއެވެ.

ކޮޓަރީގެ ދޮރުހުޅުވައިލަމުން ވަތްއިރު ސޯފާގޮނޑިއަަށް ވެއްޓިގަނެގެންކަހަލަ ގޮތަކަށް ޒާއިންއިނެވެ. ލަމްޔާ ވަތްއަޑުއިވި މަރައިގެންހުރި ދެލޯ ހުޅުވައިލަމުން ޒާއިން ބަލައިލިއެވެ.

“ކީއްވެ؟ އަހަރެން މިއަހަނީ ކީއްވެހޭ؟” ދަތްކުނޑި ވިކައިލަމުން ޒާއިންގެ ކުރިމަތީގައި ހުއްޓިހުރެ ލަމްޔާ އަހައިލިއެވެ. އެއަޑުގައިވި ރުޅިވެރިކަމުން ޒާއިންއަަށް އެއްވެސް އަސަރެއްކުރިހެނެއް ހިއެއްނުވެއެވެ. ލަމްޔާއަށް ބަލަހައްޓައިގެން އޭނާ އެއިންގޮތަށް އިނެވެ. “އަހަރެން މިވާހަކަ ދައްކަނީ ޒާއިންއާއޭ.. ކަންފަތްބީރުވީތަ؟ އަހަރެންނަަށް ޖަވާބެއްދީ. އަހަރެން މިއަހަނީ ކީއްވެހޭ އަހަރެންގެ އާއިލާއަށް އޮޅުވައިލައިގެން މިކައިވެނިކުރީ؟” ހުއްޓުމެއްނެތި ކަރުނަތައް ފައިބަމުންދިޔަ ލަމްޔާގެ ބޮޑު ދެލޮލުންވެސް ފެންނަނީ އިންތިހާ ދަރަޖައިގެ ރުޅިވެރިކަމެެވެ. ލަމްޔާގެ ރާގުހުރިގޮތުން ޒާއިން ގާތަށްވެސް ރުޅިއަންނަގޮތްވިއެވެ. އިންތަނުން ފުންމައިގެން ތެދުވަމުން ލަމްޔާއާއި ދިމާލަށް ފިޔަވަޅެއް އަޅައިލިއިރު އެބެލުމުގައިވި ނުރައްކާތެރިކަން އިހުސާސުވެ ލަމްޔާ ބިރުގަންނަގޮތްވިއެވެ. އެހެނަސް އައިސްފައިހުރި ގަދަ ރުޅި މަތަވާގޮތެއްނުވިއެވެ. އެހެންޏާ ނުލިބޭ އައު ހިތްވަރެއް އޭނާއަށް ލިބިފައިވާކަހަލައެވެ. ހުރިފިޔަވަޅުމަތިން ގުޑިވެސްނުލައި ލަމްޔާ ހުއްޓެވެ.

“އަދިވެސް އަހަރެންތަ އޮޅުވައިލީ..؟ އަހަރެން ނާހަންތަ ކަލޭ ގާތުގައި އެއްވެސް މަޖުބޫރުކަމެއް ނެއްތޯ.. ކަލެއެއްނޫންތަ ބުނީ މިއީ ހަމަ ކަލޭގެ ރުހުމުގަ ކުރެވޭ ކައިވެންޏެކޭ. ދެން ކޮން ބޭކާރު އަނގައެއް އަރުވާކަށް.. ކަލެއާހެދި އަހަރެންގެ މުޅި މިނިވަންކަންނެތި ދިޔައީ.. އެހުރި ކޮޓަރީގައިއޮތް އަންހެނާ އަހަރެންނަށް މަޖުބޫރުކުރީ.. ހަމަ ކަލޭގެ ސަބަބުން.. އެއަންހެނާއަށް ކަލޭ މާ ކަމުދިޔައީމަ.. ފާޑެއްގެ ޖުއްބާގަނޑަކަށް އެރިހުރި މާ މާތްމީހެކޯލަ ކަލޭތީ..” ދަތްތައް ޖައްސައި ބާރުކޮށްލަމުން ޒާއިންވެސް އޭނާގެ ހިތުގައިހުރި ޖަޒުބާތުތައް ބޭރުކޮށްލިއެވެ. ކިޔޭ ނުކިޔޭއެއް ނޭނގުނު ނަމަވެސް އެކަމަކަށް ޒާއިންގެ އެއްވެސް ފަރުވާލެއްނެތެވެ. ޒާއިންގެ ވާހަކަތަކުން ލަމްޔާގެ ރުޅިގަނޑު ކެކި އަރައިގަތެވެ.

“ޚަބަރުދާރު ޒާއިން.. މިކައިވެންޏަށްއެދި އެންމެ ފުރަތަމަވެސް އަހަރެންގެ އާއިލާ ގާތަށްއައީ ކަލޭގެ އާއިލާގެ ފަރާތުން.. ކަލޭމެން ބޭނުންވެގެން..” ލަމްޔާވެސް އެންމެ ތަންފުކެއްވެސް ދޫކުރާކަށް ބޭނުމެއްނުވިއެވެ. ޒާއިން އޭނާގެ ބޮލުގައި އެޅުވި އިލްޒާމުތަކުން އޭނާގެ ހިތުގައިވި ރިހުން އިތުރަށް ފުންވެގެންދިޔައެވެ.

“ހުއް.. އަހަރެން އެބައުޅޭތަ އަންބެއް ބޭނުންވެގެން؟ އަންބަކުނެތަސް އަހަރެން ބޭނުންވާ ކަންތައްތައް އަހަރެންނަށް ފުދޭ.. މިހުރިހައިކަމެއްވެސް ކުރީ އެއަންހެނާ.. އޭނާ އަހަރެންނަށް މަޖުބޫރު ނުކުރިނަމަ އަހަރެން ދުވަހަކުވެސް ކަލެއަކާ ނީނާނަން.. އެހެންނޫނަސް.. ކަލޭ މާރުޅިއަންނަކަމަށް ހެދުނަސް.. އަހަރެންނަށް ޔަގީން މިއީ ކަލޭވެސް ބޭނުންވެގެން.. އަހަރެންގެ މުދަލުގެ ދަހިވެތިކަމުގަ ކުރި ކައިވެންޏެއްކަން.. އެހެންނޫންނަމަ އަހަރެންކަހަލަ މީހަކަށް ކަލޭ ބަލައިވެސްނުލާނެ.. އަދި އެއްވާހަކަ.. އަހަރެންގެ ގޭގައިހުރެގެން އަހަރެންގެ ކަންކަމާ ބެހެން ނުހަދާތި.. އެ އަންހެނާގެ މަޖުބޫރުން އަހަރެން ކަލެއާއި ކައިވެނި ކުރިޔަސް.. އަހަރެންގެ ފަރާތުން ކަލެއަށް އެއްވެސް މޮޅެއްނުވާނެ.. އަހަރެންގެ މިއުޅުމަށް ބަދަލެއްވެސް ނާނާނެ.. ހަނދާންކުރާތި.. އަހަރެންނާއި ދުރުގައިހުރޭ..” ލަމްޔާއާއި ދިމާލަށް ޝަހާދަތްއިނގިލި ދިއްކޮށްލަމުން ޒާއިން ހަޅޭލަވައިގަތެވެ.

“ނު.. ނޫން… އަހަރެންނަށް.. މިއިން އެއްވެސްކަމެއް ނޭނގޭ.. އަހަރެންގެ އާއިލާއަށްވެސް.. އެނގިހުރެ އެމީހުން އަހަރެންނަށް މިވަރުގެ ބޮޑު ދެރައެއްނުދޭނެ.. ނޫން.. އަހަރެން.. އަހަރެންމީ މުދަލުގެ ދަހިވެތިކަމުގަ އުޅޭމީހެއްނޫން.. ﷲ އަހަރެންނަށް ދެއްވި މިންވަރު އަހަރެންނަށް ފުދޭ..” ގިސްލެވުންދިޔަ ހާލު ލަމްޔާ ބުނެލިއެވެ. އެއަޑުގައިވި ރިހުމުން ޒާއިންގެ ހިތަށްވެސް އަސަރުކޮށްލިއެވެ. އެހެނަސް އެކަން ދައްކާކަށް އޭނާ ބޭނުމެއްނުވިއެވެ. ލަމްޔާ އާއި ގާތްވާންވެއްޖެނަމަ އޭނާގެ ނަފުސު ނުހިފެހެއްޓިދާނެތީ ޒާއިން ބިރުގަނެއެވެ. ދަމާބާރަކުން އޭނާގެ ހިތް ލަމްޔާއަށް ލެނބެމުންދިޔައެއްކަމަކު އެހިތުގެ ގޮވުމަށް އިޖާބަދޭކަށް އޭނާ ބޭނުމެއްނުވެއެވެ. ގިސްލަމުންދިޔަ ލަމްޔާއަށް ބަލަން އުނދަގޫވެ ޒާއިން އޭނާގެ ނަޒަރު އެހެންދިމާއަކަށް ހުއްޓައިލިއެވެ.

“ތީ އަހަރެންނަށް އެނގޭ ކަންކަމެއްނޫން.. އަހަރެންނާ ބެހޭކަމެއްވެސް ނޫން.. ލަމްޔާ ތިސުވާލުތައް ކުރަންޏާ އަހަރެންގެ މަންމައާކުރޭ.. ދެން އިތުރަށް މިބަހުސްކުރާކަށް ބޭނުމެއްނޫން. ވަރަށް ވަރުބަލި..” ބޭނުންނުވި ނަމަވެސް މިފަހަރު ޒާއިންގެ އަޑުގައި މަޑުމައިތިރިކަން އެކުލެވިގެންދިޔައެވެ. އެކަން ލަމްޔާއަށް އިހުސާސުވީހެނެއް ހިއެެއްނުވެއެވެ. ރޮމުން ގިސްލަމުންދިޔައިރު އައިސްފައިހުރި ރުޅިގަނޑުވަނީ ކޮންމެވެސް ވަރަކަށް ފިނިވެފައެވެ. ކައިވެންޏަށް އެންމެ ދުވަހެއް ވީތަނާ އޭނާގެ ހިތް ހަލާކުވެ ކުދިކުދި ވެއްޖެއެވެ. ފަރުވާކުޑަ ނަޒަރެއް ލަމްޔާއަށް ދެމުން ޒާއިން ސޯފާގައި އޮށޯވެ ހަމަޖެހިލިއެވެ. އިވެމުންދިޔަ ލަމްޔާގެ މަޑު އާހުގެ އަޑު ނީވޭކަމަށް ހަދައި އޭނާ ދެލޯމަރައިލިއެވެ. އެއާއެކު ދާދި ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އޭނާގެ ދެލޮލަށް ނިދި ސަވާރުވެއްޖެއެވެ.

ގިސްލެވެމުންދިޔަ ލަމްޔާގެ އަަޑު މުޅި ކޮޓަރީގައި ހިފައިލައިފައި ވީއިރުވެސް އެއަޑުއަހައިލާނެ ހަމައެކަކުވެސް ނެތެވެ. ހިތްހަލާކުވެފައިވީ ހާލު ލަމްޔާ ލަސްފިޔަޅުތަކެއްގައި ގޮސް ފާޚާނައަށްވަދެ ވުޟޫކޮށް ހަދައިގެން އައިސް ދަމު ނަމާދުކުރަންފެށިއެވެ. އޭރުވެސް އެދެލޮލުން ހުއްޓުމެއްނެތި ކަރުނައިގެ މުތީތައް ރޮނގުހަދައިފައި ފައިބަމުން ދިޔައެވެ.

ސަޖިދައިގައި އޮވެ ލަމްޔާ އެހިތުގެ ހާލު އޭނާގެ ވެރިރައްބަށް އިއްވަމުންދިޔައީ ކޮންމެ ހާލެއްގައި ވީނަމަވެސް އެކަލާނގެ އޭނާއަށް ދެރަގޮތެއް މިންވަރުނުކުރައްވާނެކަން އެނގޭތީއެވެ. އެއްވެސް ނަފުސަކަށް އެނަފުސަކަށް ކުޅަދާނަވެގެންވީ މިންވަރުން ނޫނީ އެކަލާނގެ ތަކުލީފެއްނުޖައްސަވައެވެ. މިއީ ދުނިޔެއެވެ. މިތަނުގައި ދިމާވާ ކޮންމެ ކަމަކީވެސް އަހަރެމެންނަށް ކުރިމަތިކުރުވާ އިމްތިހާނެކެވެ. ކެތްތެރިވާންވީ، ކެތްތެރީންނާއި އެކުގައި ﷲ ވޮޑިގެންވާނެކަން އެނގި އެކަލާނގެއަަށް ވަކީލުކުރާ ހާލުއެވެ. ކެތްތެރިންނަަށް އަދަދު ނުކުރެވޭހައި ގިނަގުނަ ޘަވާބާއި ދަރުމަ ހުރިކަން އަމިއްލަ ނަފުސަށް ތަކުރާރުކޮށް ހަނދާންކޮށްދެމުންނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nau

Level 910 Stories100 Comments500 Comments100 Stories100 Login1K Comments

A girl who loves reading and writing stories. My dream has always been to become a successful story writer. In Sha Allah. ❤

Other Articles

Previous

ތިޔަ ލޯބީގައި…11

Next

5-ސޯލްމޭޓްސް

Next
September 15, 2022

5-ސޯލްމޭޓްސް

Previews
September 13, 2022

ތިޔަ ލޯބީގައި…11



All Right Reserved!