Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތިޔަ ލޯބީގައި…11

Nau Level 910 Stories100 Comments500 Comments100 Stories100 Login1K Comments
September 13, 2022 9 Mins Read
0 Comments

ނަފުސަށްވެރިވަމުންދިޔަ އުނދަގޫ އިހުސާސުތަކާއެކު ފައިމަތީގައިއޮތް ދެއަތް މުށްކަވައިލަމުން ކުއްލިއަކަަށް ގޮނޑި ދުރަަށްޖައްސައިލުމަަށްފަހު ޒާއިން ތެދުވިއެވެ. އެތަންފެނި ސުވާލުގެ ނަޒަރަކުން ގާޒީ ޒާއިންއާއި ދިމާލަށް ބަލަމުންދިޔައިރު، ސާރާގެ ފަހަތުން ވަދެގެންއައި ތޮއިބާގެ ދެލޯވެސް ބޮޑުވެގެންދިޔައީ ހާސްވީވަރުންނެވެ.

ހުއްޓުންއަރައިފައި ލަމްޔާއާއި ދިމާލަށް ބަލަންހުރި ޒާއިންގެ ގާތަށް އަވަސް އަވަހަށް އައިސް ހުއްޓިލަމުން ޒާއިންގެ ފަހަތުން އަތްޖައްސައިލުމަށްފަހު ތޮއިބާ އޭނާއަށް ގޮވައިލިއެވެ. ތޮއިބާގެ އަޑަށް ސިހިފައި ޒާއިންއަށް ހަމަބިމަށް އާދެވުނުކަހަލައެވެ.

“ކިހިނެއްވީ ޒާން؟” ވައިއަޑުން ތޮއިބާ ކަންބޮޑުވެފައި އަހައިލިއެވެ. ވަކި އެއްޗެކޭނުބުނެ ޒާއިން ދެފަރާތަށް ބޯހޫރުވައިލީ ކަމެއްނުވެއޭ ބުނުމުގެ ގޮތުންނެވެ. އޭރު ސާރާ އާއި އެކުގައި ލަމްޔާވެސް އައިސް ޒާއިން ގާތުގައި ހުއްޓިއްޖެއެވެ. ލަމްޔާއަށް ބަލައިލަމުން ޒާއިން މަޑުމަަޑުން ގޮނޑީގައި އިނށީދެހަމަޖެހިލިއެވެ. ސާރާގެ އެހީއާއިއެކު ލަމްޔާވެސް އޭނާއަށް ޚާއްސަކިރެވިފައިވީ ގޮނޑީގައި އިނށީނުމާއިއެކު ކައިވެނީގެ މަޖިލިސް ފެށިގެންދިޔައެވެ.

“އަނބި.. އަނބި ޤަބޫލުކޮށްފިން..” އަޅައަޅައި ގަންނަމުން ޒާއިން އެހެންބުނެލިއަޑާއެކު ލަމްޔާގެ ކޯތާފަތަށް ޖަންބުކުލަ އަރައިގެންދިޔައެވެ. އިސްޖަހަައިލައިގެން އިނެއްކަމަކު އެތުންފަތުގައި ލަދުރަކި ހިނިތުންވުމެއް ދުވެލިއެވެ.

އަމިއްލަ ދުލުން ބުނެވުނު ޖުމުލަ ޒާއިންގެ ކަންފަތްބުޑުގައި ގުގުމަމުންދިޔައެވެ. ބުނެވުނު ބަހާއިމެދުގައި ޔަގީންނުވެފައިއިންހެން ޒާއިން އިނީ އަމިއްލަ ދުނިޔެއަކަށް ގެއްލިފައެވެ. އެޖުމުލައިން އޭނާގެ ހިތަށް ފިނިކަމެއް އިހުސާސުކުރެވިގެންދިޔައެއްކަމަކު ސިކުނޑިއަށް ބަރުވެގެންދިޔައެވެ. ކުރެވެމުންދިޔަ ފިކުރުތައް އިންތިހާއަށް މައްޗަށްދާންފެށުމާއެކު އޭނާ ބޭނުންވީ އެތަނުން ދުވެ ފިލާށެވެ. ނަމަވެސް އެއްވެސްކަމެއްކުރަން ނުކުޅެދިފައިއިން މީހަކުފަދައިން ޒާއިން އިނީއެވެ. ކުރިއަަށްއޮތް ދުވަސްތަކުގައި ކަންތައްވާނީ ކޮންފަދައަކުންކަމާމެދު އަމިއްލަ ނަފުސާ ސުވާލުކުރާ ހާލުއެވެ.

ކައިވެނީގެ ވަލީމާ ބާއްވަން ހަމަޖެހިފައިވީ އެގޭގެ ގޯތިތެރޭގައެވެ. އެކިކުލަކުލައިގެ ލައިޓުން އެމުޅިތަން ދިއްލައި އަޅައިފައިވީއިރު ހިތްގައިމުކަމެއް މުޅި އެސަރަހައްދަށް ވެރިވެފައިއޮތެވެ. ހަމައެކަނި އާއިލާ އާއި އެކުވެރިންނަށް ބޭއްވޭ ވަލީމާއެއް ނަމަވެސް އެތަނުގައި ފުދޭވަރަަކަށް މީހުން ގިނައެވެ.

ދެމަފިރިންނަށް ޚާއްސަކުރެވިފައިވިތީ ތަނުގައި ހުއްޓި ލަމްޔާ އާއި ޒާއިން ތިބިއިރު ދެމެދުގައި ރަސްކަންކުރަމުންދިޔައީ ހަމަހިމޭންކަމެވެ. އިސްވެ އެއްވެސް ވާހަކައެއް ދެއްކުމަށް ދެހިތްވެސް ޖެހިލުންވެފައިވިއެވެ. ހަގީގަތުގައި ދައްކާނެ ވާހަކައެއްވެސް ދެމީހުންކުރެ އެކަކަަށްވެސް ނުވިސްނެނީއެވެ. އެތަނުގައި އެހެން ހުންނަންވުމުންވެސް ޒާއިންގެ ހިތްހަމަނުޖެހުން އިތުރުވެފައިވިއެވެ. ޕާޓީ ނިމޭނެ އިރެއްގެ އިންތިޒާރުގައި ވަގުތުގުނަމުން އޭނާ ދިޔައީ އެހުރިހައިކަމަކުން އަވަހަށް ސަލާމަތްވާން ބޭނުންވެފައިހުރި މިހަކުފަދައިންނެވެ.

ގަޑިން 10 ޖެހުމާއެކު 8.30ގައި ފެށުނު އެވަލީމާ ނިމުމަކަށް އަތުވެއްޖެއެވެ. ލަމްޔާގެ ގައިގައި ބައްދައިލަމުން އެނިތުގައި ނުހައިކް ބޮސްދިނެވެ. އެއާއެކު ތޮއިބާ އާއި ސާރާ ލަމްޔާ ގޮވައިގެން ޒާއިންގެ ކޮޓަރިއާއި ދިމާއަަށް މިސްރާބުޖެހިއެވެ. އެމީހުންގެ ފަހަތުން ހިނގައިގަންނަން އުޅުނު ޒާއިން ހުއްޓުނީ ނުހައިކް އޭނާއަށް ގޮވައިލި އަަޑަށެވެ.

“ޒާއިން.. މިރޭ އަހަރެން އެނބުރި މިދަނީ ހަގީގަތުގަ އަހަރެންގެ އަތުގައި އޮތް އެންމެ އަގުބޮޑު ޖަވާހިރު ޒާއިން އާއި ހަވާލުކޮށްފަ.. ލަމްދެކެ އަހަރެން ހިތާފުރާނައިން ލޯބިވަން.. އަހަރެންގެ ކޮއްކޮއަަށް ލިބޭ ކޮންމެ ގެއްލުމަކީ އަހަރެންނަަށްވެސް ލިބޭ ގެއްލުމެއް.. އެކޮއްކޮގެ އުފަލާ ހިތްހަމަޖެހުން އަހަރެންނަށް އެހެންހުރިހައި ކަމަަކަަށްވުރެ މުހިންމު.. ހީކުރަން ޒާއިން އަހަރެންގެ އެއަމާނާތަށް ރައްކާތެރިވާނެކަމަށް.. އަހަރެންގެ ކޮއްކޮ ހިތުޖެހޭވަރުކަމެއް ދުވަހަކުވެސް ނުކުރާނެކަމަަށް.. އެކޮއްކޮއަށް ދެރަގޮތެއްވެއްޖެނަމަ އަހަރެން މަޑުން ނުހުންނާނެކަން ހަނދާންކުރާތި.. އަހަރެން އެދެނީ ތިދެކުދިންނަަށްވެސް އުފާވެރި ހަމަޖެހޭ ޒަވާޖީ ހަޔާތެއްލިބުން.. އަހަރެންގެ ހެޔޮ ދުޢާ އަބަދުވެސް ތިދެކުދިންނާއެކު ވާނެ..” ހިތުގައިވި ހުރިހައި ވާހަކައެއް ޒާއިން ގާތުގައި ހާމަކޮށްލުމަށްފަހު ހިނިތުންވެލަމުން ނުހައިކް ޒާއިންގެ ކޮނޑުގައި ޖަހައިލިއެވެ. އަދި އެތަނަށް އައިސް ހުއްޓުނު ސާރާ ގާތުގައި ގެއަށްދިއުމަށް ހިނގާށޭބުނެ އެގެއިން ނުކުތުމަށް ހިނގައިގަތެވެ. ނުހައިކްގެ ފަހަތުން ދިއުމުގެކުރިން ލޯތްބާއެކު ސާރާ ޒާއިންގެ ކޮނޑުގައި ފިރުމައިލިއެވެ. އަދި ޒާއިންގެ ކޮޓަރީގައި ލަމްޔާ އޭނާގެ އިންތިޒާރުގައި އެބައިންކަމަށް ބުނެލިއެވެ.

ނުހައިކް ދެއްކި ވާހަކަތަކުން ބުނާނެ އެއްޗެއް ނުވިސްނިފައި ޒާއިން އެތަނުގައި އެމީހުން ނުކުމެގެންދިޔައިރުވެސް ހުއްޓެވެ. އެވާހަކަތައް ސިކުނޑިތެރޭގައި ތަކުރާރުވަމުންދިޔައީ އޭނާގެ ބޮލުގައި މަޑު ރިހުމެއް އުފައްދަމުންނެވެ. އިސްތަށިގަނޑު ތެރޭގައި އަތްހިންގައިލަމުން ޒާއިން ގެއަށް ވަދެ އޭނާގެ ކޮޓަރިއާއި ދިމާއަށް ލަސްފިޔަވަޅުތަކެއް އަޅަމުންދިޔައެވެ. އޭރު އޭނާގެ ހިތް ނެގިނެގިފައި ޖެހެމުންދިޔައީ އެކޮޓަރީގެ ހަތަރުފާރުތެރޭގައި ލަމްޔާ އޭނާގެ އިންތިޒާރުގައި އިންކަން ހަނދާންކޮށްދެމުންނެވެ.

މަޑުމަޑުން ދޮރު ހުޅުވައިލި ޒާއިންގެ ދެލޯބޮޑުވެގެންދިޔައީ ކޮޓަރިތެރެ ޒީނަތްތެރިކޮށްލައިފައިވީގޮތް ފެނިފައެވެ. އެކި ތަންތަންކޮޅުގައި އުއްބައްތި ދިއްލައިފައިވީއިރު ރަތް ފިނިފެންމަލުގެ ފިޔަތަކުން ކޮޓަރީތެރޭގެ ފަޅުކަންވަނީ ފިލުވައިލައިފައެވެ. ވަގުތުން އެއީ ތޮއިބާގެ ކަމެއްކަން ޒާއިންއަށް ވިސްނުނެވެ. ޔަގީނެވެ. ޕާޓީ ކުރިއަށްދަމުންދިޔަ ވަގުތު ކޮންމެވެސް ބަޔަކާ ހަވާލުކޮށް އޭނާ އެކަން ކުރުވީއެވެ. ދެބުމަގޮށްޖަހައިލަމުން ޒާއިން އެތެރެއަށްވަދެ ދޮރު ލައްޕައިލިއެވެ. އެއަޑަށް އެނދުގެ އެއްއަރިމަތީގައި އިސްޖެހިފައިއިން ލަމްޔާ އިސްއުފުލައިލަމުން ބަލައިލިއެވެ.

ލަމްޔާ އާއި ހަތަރުކަޅި ހަމަވިހިނދު ޒާއިންއަށް ހިންދިރުވައިލެވުނެވެ. ވިރެމުންދިޔަ އުއްބައްދީގެ ފަނޑު އޮރެންޖްކުލައިގެ އަލީގެ ތެރެއިން އެރީތިކަން އެތައްގުނައެއް އިތުރުވެފައިވިއެވެ. ބޮޑު ދެލޮލުގައިވި ތޫނުކަމުން ޒާއިންގެ ހިތް ކަތިލެވެމުންދިޔައެވެ. އެސްފިޔަ ޖަހައިލަންވެސް ބޭނުންނުވެފައި ޒާއިން އެހުރިގޮތަށް ހުއްޓެވެ.

ޒާއިން ބަލަންހުރިގޮތުން ލަދުގަތް ނަމަވެސް މަޑުމަޑުން އިންތަނުން ލަމްޔާ ތެދުވިއެވެ. ގަޔަށް ދޫކޮށްހުރި ހުދުކުލައިގެ ކައިވެނީގެ ހެދުމުގައި ލަމްޔާ ހަގީގަތުގައިވެސް ހީވަނީ ފަރި ޕަރީއެއްހެންނެވެ. ހެދުން ޖަރީކުރުމަަށް މާބޮޑު ގޮތްތަކެއް ހަދައިފައިނެތަސް ޒާއިންއަށް އެހެދުން އެތައްގުނައެއް ރީތިވެގެންދިޔައީ އެލައިގެންހުރި އަންހެންކުއްޖާގެ ސަބަބުންނެވެ.

“ހެދުން.. ބަދަލުކޮށްލަން.. ބޭނުން..” ލައިގެންހުރި ހެދުމުގެ ސަބަބުން އުނދަގޫވެފައިހުރެ ލަމްޔާ ބުނެލިއެވެ. އަރުތެރެހިކެމުންދިޔަ ޒާއިންއަށް ވާހަކަދެއްކުން ފަސޭހަކަމަކަށް ނުވިއެވެ. އަތުގެ އިޝާރާތުން އޭނާ ފާޚާނައިގެ ދޮރު ދައްކައިލިއެވެ. އިތުރަށް އެއްޗެއްބުނަން ނުކެރިހުރެ ލަމްޔާ އައިސް އަލަމާރިން އޭނާ އާންމުކޮށްލައިއުޅޭފަދަ ދޫހެދުމެއް ނެގިއެވެ. ތޮއިބާ ވަނީ ލަމްޔާ އެކޮޓަރިއަށް އައުމުގެކުރިން ގޭގައި ގެންގުޅޭ ކުއްޖާގެ އެހީތެރިކަމާއެކު ލަމްޔާގެ ސާމާނު އަލަމާރިއަށް އަޅައި ތަރުތީބުކޮށްދީފައެވެ.

ލަމްޔާގެ ކޮންމެ ހަރަކާތަކަށް ބަލަހައްޓައިގެން އެހުރިފިޔަވަޅުމަތީގައި ޒާއިން ހުއްޓެވެ. ބުނާނެ ބަހެއް ނުވަތަ ކުރާނެ ކަމެއްވެސް ނުވިސްނިފައެވެ. ޒާއިންގެ އެހަމަހިމޭންކަމުން ލަމްޔާ އިތުރަަށް ހާސްކުރުވަމުންދިޔައެވެ. ޒާއިންގެ ނަޒަރުން ރެކެންބޭނުންވެފައިހުރި މީހަކުފަދައިން އަވަސް އަވަހަށް ލަމްޔާގޮސް ފާހާނައަށްވަދެ ދޮރުލެއްޕިއެވެ. ލަމްޔާގެ މިއަމަލުން ޒާއިންގެ ތުންފަތަށް ފަނޑުހިނިތުންވުމެއް ވެރިވެގެންދިޔައެވެ. އެހެނަސް އެހިނިތުންވުން ދެމިގެންދިޔައީ މަދު ސުކުންތުކޮޅަކަށެވެ. އެއްޗެއް ވިސްނައިލަން އިރުކޮޅަކު ހުރުމަަށްފަހު ގަމީހުގެ މަތިން ލައިގެންހުރި ކޯޓު ބާލަމުން ޒާއިން ކޮޓަރިން ނުކުތެވެ.

ހެދުން ބަދަލުކޮށް ތާޒާވެލައިގެން ލަމްޔާ ނުކުތްއިރު ކޮޓަރިއަަށް ވެރިވެފައިވީ ފަޅުކަމެވެ. ޒާއިން ކޮޓަރީގައި ނެތީކަން އެނގި ލަމްޔާ ތުންފަތުގައި ދަތްއަޅައިލަމުން އެނދުގެ އެއްއަރިމަތީގައި އިނށީދެލިއެވެ. އެރޭގެ ކުރިއަަށްއޮތް ވަގުތުތަކުގައި ވާނީ ކިހިނެއްކަން ނޭނގި އެހިތްވަނީ ނުތަނަވަސްވެފައެވެ.

ދެމީހުން ރަނގަޅަށް ދަސްނުވެ ކުރެވުނު ކައިވެންޏެއް ނަމަވެސް ލަމްޔާ ބޭނުންވީ ރިވެތިގޮތުގައި އެގުޅުން ފަށައިގަންނާށެވެ. ދެމަފިރިން އެކުގައި ސުންނަތް ނަމާދެއްކޮށް ދުޢާކުރަން އޭނާ އިނީ ބޭނުންވެފައެވެ. އެވަރުން ވުޟޫކޮށްގެން ނުކުތީވެސް ޒާއިން ގާތުގައި ހިތުގެ އެދުން ހާމަކުރަން އަމިއްލަ ނަފުސަށް ހިތްވަރުދެމުންނެވެ.

ޒާއިންގެ އިންތިޒާރުގައި ލަމްޔާ ވަގުތުތައްގުނަމުން ދިޔައިރު، އޭނާ އެދިޔަތަނަކާއި މެދުވެސް ލަމްޔާ އިނީ ސުވާލުއުފެދިފައެވެ. ކޮޓަރީގެ ދޮރުހުޅުވައިލަމުން އޭނާ ބޭރުވެސް ބަލައިލައިފިއެވެ. އެހެނަސް ގޭތެރޭގައިވެސް ރަސްކަންކުރަމުން ދިޔައީ މަރުފަދަ ހިމޭންކަމެވެ. އެނދުގެ ހެޑް ބޯޑާއި ބުރަކަށްޓާ ދެމެދަށް ބާލީހެއް ލައްވައިލަމުން ލަމްޔާ ހަމަޖެހިލީ ޒާއިން ނާނަނީސް ނިދަން ބޭނުންނުވެފައި އިނދެއެވެ. ނަމަވެސް ފާއިތުވެދާންފެށި ވަގުތުތަކާއެކު ވެފައިހުރި ވަރުބަލިކަމެއްގެ ސަބަބުން ލަމްޔާގެ ދެލޮލަށް ނިދި ސަވާރުވަމުންދިޔައީ އޭނާއަށް ނިންޖާއި ދެކޮޅަށް ހަނގުރާމަކުރުމަށް ދަތިކުރުވަމުންނެވެ.

*****

ރޭގަނޑުގެ ހަމަހިމޭންވަގުތެވެ. ޓެރަހުގައިހުރި ކުޑަ ކޮފީމޭޒު ދޮށުގައި އިނށީދެލައިގެން އަތުގައިހުރި މަގުން ކޮފީގެ އެތިފޮދުފޮދު ބޮމުން ޝަޔަމް ދިޔައިރު އޭނާގެ ސިކުނޑީގައިވީ ނުހައިކްގެ ޚިޔާލުތަކެވެ. ޚިޔާލުތަކަށް ގެއްލިފައިއިންލެއް ބޮޑުކަމުން ޖިޔާ އައިސް އެތަނަށް ހުއްޓުނުކަމެއްވެސް ޝަޔަމް ނުދެނަހުއްޓެވެ.

“ހާދަ ފުން ވިސްނުމަކަށް ގެއްލިފައޭ.” ޝަޔަމްގެ ކޮނޑުގައި ޖަހައިލަމުން ޖިޔާ ދިމާކޮށްލިއެވެ. ޖަވާބުގައި އެއްވެސް އެއްޗެއް ބުނުމެއްނެތި ފަނޑު ހިނިތުންވުމަކުން ޝަޔަމް ފުއްދައިލީއެވެ.

“ކޮން ޚިޔާލެއްތަ ތިކުރަނީ؟ ތީ ދުވަހަކުވެސް ޝަޔަމް އިންގޮތެއްނޫން. ހަމަގައިމުވެސް އަހަރެން ނުދެކެން.” ޝަޔަމް ގާތުގައިހުރި ގޮނޑީގައި އިނށީދެލަމުން އަނެއްކާވެސް ޖިޔާ ސުވާލުކޮށްލިއެވެ.

“އެއްވެސް ޚިޔާލެއް ނުކުރަން. ތީ ޖިޔާއަށް ހީވާގޮތެއް.” ލުއި ގޮތަކަށް ހީލަމުން ޝަޔަމް ބުނެލިއެވެ. ޖިޔާ ނިތް އަރުވައިލަމުން ދެފަރާތަށް ބޯހޫރުވައިލިއެވެ.

“ހެވޭ ނުބުންޏަސް. އެނީވޭސް.. އޮފީހުގެ މަސައްކަތް ކިހިނެއްކުރިއަށްދަނީ؟ އެންޑް ނުހައިކްއާ ދެމީހުން އެކަނި ތިހެން އުޅޭއިރު އެއްވެސް ކަމެއް ހަމަ ނުހިނގާތަ؟” ޝަޔަމްއާއި ގާތްވެލަމުން ޖިޔާ އެއްލޯ މަރައިލައިފައި އަހައިލިއެވެ. ފަހަކަށް އައިސް ޝަޔަމް ނުހައިކްގެ ވާހަކަނުދައްކާތީ އޭނާ އިނީ ސުވާލުއުފެދިފައެވެ. އަނެއްކާ އެދެމެދުގައި އޭނާއަށް ނޭނގި ކަންތައްގަނޑެއް ހިނގަނީބާވައެވެ.

“އޮފީހުގެ މަސައްކަތްތައް ހަމަ ބަރާބަރު.. ތެންކްސް ޓް ނުހައިކް.. އަހަރެން ބޭނުންވި ގޮތަށްވުރެވެސް ފުރިހަމައަށް އެކަން އެބަ ކުރިއަަށްދޭ.. ނުހައިކްގެ ވިސްނުން ވަރަށް ފުރިހަމަ.. އަހަރެންނަަށް ވަރަށް ކަމުދޭ އޭނާގެ ޚިޔާލުތައް..” ކޮފީ މަގުގެ އެއްކައިރީގައި އިނގިލި ހާކަމުން ދުރަަށް ނަޒަރު ހުއްޓައިލައިގެންއިން ޝަޔަމް ބުނެލިއެވެ. ޝަޔަމްގެ ވާހަކަ ހުރިގޮތުން ޖިޔާއަށް ބުނާނެއެއްޗެއް ނޭނގުނެވެ. ނުހައިކްއަށް އެެފަދަ ތަޢުރީފުތަކެއް ޝަޔަމް ކޮށްފާނޭ އެއްފަހަރުވެސް އޭނާގެ ހިތަކަށް ނާރައެވެ.

“ތީ ހަމަ ޝަޔަމްތަ؟ އަހަރެން ހީކުރީ ޝަޔަމް ނުހައިކްދެކެ ފޫހިވާކަމަށް.” އިރުކޮޅެއްގެ ހިމޭންކަމަށްފަހު ޖިޔާ ބުނެލިއެވެ. އޭނާގެ ދެލޯވީ ޝަޔަމްގެ މޫނަށް އަރައިފައިބަމުންދިޔަ ކުލަވަރަށް ހުއްޓައިލެވިފައެވެ. އެމޫނުން ޝަޔަމް ދައްކަމުން އެދާވާހަކަތަކުގެ ތެދުދެގޮ އެނގެން އޭނާ ބޭނުންވަނީ ކަންނޭނގެއެވެ.

“ހެހެ.. އަހަރެންގެ ޒާތީ ދިރިއުޅުމާ، ވިޔަފާރީގެ ކަންކަމާ އެއްއިރަކުވެސް އެއްކޮށެއް ނުހަދަން.. އެއީ ވަކި ދެކަމެއް.. އެންޑް.. ޔެސް.. އެއްއިރެއްގަ އަހަރެންނަށް ނުހައިކްދެކެ ފޫހިވެވުނަސް.. މިހާރު އެނގޭ އެއީ އެހެންމީހުންކަހަލަ މީހެއްނޫންކަން.. އެހެންމީހުނާ ނުހައިކް.. ވަރަށް ތަފާތު.. މިހުރިހައި ދުވަހެއް ވީއިރުވެސް.. އެފަދަ ގޮތަކަށް އޭނާ އަހަރެންނާ ދިމާއަށް ބަލައިވެސްނުލާ..” ޚިޔާލުތަކަށް ގެއްލިފައިއިނދެ ޝަޔަމް ވާހަކަދައްކަމުންދިޔައިރު ޖިޔާގެ ހައިރާންކަން އިވެމުންދިޔަ ވާހަކަތަކުން އިތުރުވަމުން ދިޔައެވެ. ޝަޔަމްގެ ހިތުގައިވި އެއްޗެއް ދެނެގަންނަން އުނދަގޫވެފައި ޖިޔާ އިންއިރު އޭނާގެ ހިތުގައި ނުހައިކްއާއި މެދުގައިވި ފޫހިކަން އިތުރުވަމުންދިޔައެވެ.

“ޝަޔަމް މޮޔަވީތަ؟ އެބަ އެނގޭތަ ތިކިޔޭ އެއްޗެއް؟ ޝަޔަމްގެ ޕްލޭންމަތިން ހަނދާންނެތުނީތަ؟” ޝަޔަމްގެ ކޮނޑުގައިހިފައި ތަޅުވައިގަންނަމުން ޖިޔާ ތަންކޮޅެއް ބާރަށް ބުނެލިއެވެ. ސިހިފައި ޝަޔަމް ޖިޔާގެ މޫނަށް ބަލައިލިއެވެ. އަދި ޖިޔާ އޭނާއާއި އަމާޒުކޮށްލި އެސުވާލުތަކާމެދުގައި ވިސްނައިލިއެވެ.

ތެދެކެވެ. ނުހައިކްގެ ހިތް އަތުލާނެކަމަށްބުނެ ޝަޔަމްވަނީ އަމިއްލަ ސިކުނޑީގައި އެތައްކަމެއް ރާވާފައެވެ. ޖިޔާއަށް އެދުވަސް ދައްކާނެކަމަށްބުނެ އޭނާވަނީ އެތައް ފޮންޏެއްވެސް ކަނޑައިފައެވެ. އެހެނަސް ފުންކޮށް އެކަންކަމާއި މެދުގައި ވިސްނައިލުމުން މިހާރު އޭނާގެ ނަފުސު އެކަންކަމާއި ދެކޮޅުހަދާކަން ޝަޔަމްއަށް އިހުސާސުވިއެވެ. ކީއްވެހެއްޔެވެ؟ ޚުދު ޝަޔަމްއަށްވެސް އެސުވާލުގެ ޖަވާބެއް ނޭނގެއެވެ. އޭނާއަކީ އަބަދީއްސުރެވެސް ކުރަންބުނެފިކަމެއް ކުރާ މީހެކެވެ. ނަމަވެސް މިފަހަރު އެކަން ބަދަލުވެއްޖެއެވެ.

ދެފަރާތައް ބޯހޫރުވައިލަމުން ޝަޔަން އިންތަނުން ތެދުވީ އިތުރަށް އެމައުޟޫއަށް ވާހަކަދައްކަން ބޭނުންނުވުމުންނެވެ. އޭނާއަށްވެސް ނޭނގޭ ސުވާލުތަކެއްގެ ޖަވާބު އޭނާދޭނީ ކިހިނަކުން ހެއްޔެވެ؟

“ވަރަށް ނިދިއާދޭ އެބަ. ގުޑް ނައިޓް” ޖިޔާއަށް އިތުރަށް ވާހަކަދައްކާނޭ ފުރުސަތެއްނުދީ ޝަޔަމް އެތަނުން ދިއުމުން އަނގައިން އަޑެއްލައްވައިލަމުން އޭނާއަށް ދަތްކުނޑި ވިކައިލެވުނެވެ. ޝަޔަމްއަށް އެހައިބޮޑު ބަދަލެއް އަންނަންވީ ކީއްވެހެއްޔެވެ؟ ކުރިން ނުހައިކްގެ ނަން އިވުނަސް އެމޫނުމަތިން ފައުޅުވާ ފޫހިކަން މިހާރު ފައުޅުނުވަނީ ކީއްވެހެއްޔެވެ؟ ނުހައިކްއަަށް ތައުރީފުކުރަމުން ދިޔައިރު ޝަޔަމްގެ ދެލޯ ވިދަމުންދިޔަގޮތް ޖިޔާ ދުއްޓެވެ. އެދެމެދުގައިވި ގުޅުން ގާތްވީބާވައެވެ؟ ޖިޔާއަަށް ނޭނގި ކޮންމެވެސް ކަންތައްގަނޑެއް އެދެމެދުގައި ހިނގައިފިކަން ޔަގީނެވެ. ޝަޔަމް އެވާހަކަތައް އޭނާއާއި ހިއްސާކުރަން ބޭނުންނުވަނީކަން ގައިމެވެ. އެކަމަކު ކީއްވެހެއްޔެވެ؟ އަނެއްކާ…. އަނެއްކާ ޝަޔަމްއަށް ނުހައިކްދެކެ ލޯބިވެވުނީހެއްޔެވެ؟ ހިތަށްވެރިވެގަތް ސުވާލާއެކު ނޫނެކޭ ކިޔައި ޖިޔާއަށް ބާރަށް ހަޅޭލަވައިގަނެވުނެވެ.

*****

ހަނދުގެ ރިހިއަލިން މޫދުގެ ލޮނުގަނޑު ވިދަމުންދިޔައިރު ހީވަނީ ކުދިކުދި ޖަވާހިރުގެ މުތީތަކެއް ހެންނެވެ. ފެތުރިފައިއޮތް ހުދު ފަސްގަނޑުގައި ލޯތްބާއި އޯގާތެރިކަމާއެކު ކުދިކުދި ރާޅުތައް ސަމާސަކުރަމުންދިޔައެވެ. އެމަންޒަރުން ހަނދާއި އޭގެ ބައިވެރިން އުފާ ހާސިލްކުރަމުންދިޔަ ކަހަލައެވެ.

މުޅިމާހައުލަށް ވެރިވެފައިވީ ފަޅުކަމެވެ. ދިރޭއެއްވެސް އެއްޗެއްގެ ހިލަމެއްނުވާ އެތަނުގައި އިނށީދެލައިގެން މޫދަށް ނަޒަރުހުއްޓައިލައިގެން ޒާއިން އިންއިރު އެމޫނުމަތިން ފައުޅުވަމުން ދިޔައީ މާޔޫސްކަމެވެ. އަލަތު ކައިވެނީގެ އެއްވެސް އުފާވެރިކަމެއް އެހިތަކަށް އިހުސާސެއްނުވެއެވެ. އޭނާގެ މުޅި ނަފުސު ބަނދެވިފައިވީ ތަފާތު އެކިޚިޔާލުތަކުންނެވެ.

ހަޔާތުގެ އެކިކަންކަމާމެދުގައި ފިކުރުހިންގަންއިންއިރު ވަގުތު ދިޔަގޮތްވެސް އޭނާއަށް ނޭނގުނެވެ. އަތުކުރީގައިއޮތް ގަޑިއަށް ނަޒަރެއްދިންވަގުތު މީހާ އެހައި ސިހުނީ އެހެންވެކަން ޔަގީނެވެ. ގަޑިން މެންދަމު އެކެއްޖަހައި ބޮޑުވީއެވެ. ކޮޓަރިން ނުކުމެގެން ގޭގެ ފުރަގަހުގައިއޮތް އަތިރިމައްޗަށް އޭނާއައީ އެކަނިވެލަން ބޭނުންވެފައިހުރިވަރުންނެވެ.

ފުންނޭވާއެއްލަމުން އިންތަނުން ޒާއިން ތެދުވިއެވެ. އޭނާ ބޭނުންނޫނަސް މިދިރިއުޅުމާ ކުރިމަތިލާން އެބަޖެހެއެވެ. ނަމަވެސް ޒާއިން ބިރުގަންނަނީ ލަމްޔާގެ ސަބަބުން އޭނާގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލެއް އައިސްފާނެތީއެވެ. ލަމްޔާގެ ކުރިމަތީގައި އޭނާ ބަލިކަށިވެދާނެތީއެވެ. އެއްގޮތަކަށްވެސް އެހިތުގައި ހިނގަމުންއަންނަ އިހުސާސުތައް ކުރިހޯދާކަށް ޒާއިން ބޭނުމެއްނުވެއެވެ. އެއިހުސާސުތައް އެހެން މީހެއްގެ ކުރިމަތީގައި ބޭޒާރުވާން އޭނާއަކަށް ނުރުހެވޭނެއެވެ. ޒާއިން ބޭނުންވަނީ ކުރިއެކޭވެސް އެއްފަދައިން އޭނާގެ ގޮތުގައި އޭނާ ހިފަހައްޓާށެވެ. ތޮއިބާގެ މަޖުބޫރުން ކައިވެނިކުރެވުނެއްކަމަކު އެކައިވެނި ދަމަހައްޓަން އޭނާ އެެއްވެސް މަސައްކަތެއް ކުރާކަށް ބޭނުމެއްނުވެއެވެ.

އެކިކަންކަމާމެދުގައި ވިސްނަމުން އަވަސް ނިންމުންތަކެއް ނިންމަމުން އައިސް ޒާއިން ގެއަށްވަނެވެ. ކަޅުކުލައިގެ ކޯޓު ކޮނޑުމަތީގައި އަޅުވައިލައިފައިއޮތްއިރު ލައިގެންހުރި ކަޅުފަޓުލޫނުގެ ދެޖީބަށް އަތްޖަހައިލައިގެންހުރެ މަޑުހިނގުމެއްގައި އައިސް އޭނާ ކޮޓަރިއަށް ވަނެވެ. ކޮޓަރީގައި ދިއްލައިފައިހުރި އުއްބައްތިތައް ނިވިފައިވުމުގެ ސަބަބުން މުޅިކޮޓަރިއަށް ވެރިވެފައިވީ އަނދިރިކަމެވެ. ވަަށައިގެން ނަޒަރުހިންގައިލަމުން އައިސް ކޮޓަރީގައިހުރި މަޑު އޮރެންޖް ކުލައިގެ ނިދާބޮކި ޒާއިން ޖައްސައިލިއެޗެ. ވެރިވެގެންދިޔަ ފަނޑު އަލިކަމުގެ ތެރޭގައި އެނދުމަތީގައި ނިދިފައިއޮތް ލަމްޔާ އޭނާގެ ލޮލުގައިއަޅައިގަތެވެ. އޭނާ އޮތްގޮތުން ނިދިފައިއެވަނީ އޭނާގެ އިޚުތިޔާރުން ބޭރުގައިކަން ޒާއިންއަށް ވިސްނުނެވެ.

ލަސްފިޔަވަޅުތަކެއް އަޅަމުންއައިސް ޒާއިން ހުއްޓިލީ ލަމްޔާ ކުރިމައްޗަށެވެ. އޭނާގެ ދެލޯ ލަމްޔާގެ ކުޑަކުޑަ މޫނުކޮޅަށް ހުއްޓައިލަމުން ފަރުވާތެރިކަމާއެކު ޒާއިން ލަމްޔާއަށް ބަލައިލިއެވެ. އެހައި މިނިވަންކަމާއެކު ގާތުން ލަމްޔާގެ ސޫރައަށް ބަލައިލަން ލިބުނު ފުރުސަތު ނަގައިލާކަށް ޒާއިންގެ ހިތެއް އެއްބަހެއްނުވިއެވެ.

ލައިގެންއޮތް ކަޅުދޫހެދުމާއެކު އަޅައިފައިއޮތް ކަޅުކުލައިގެ ކުޑަ ވަށްބުރުގާކޮޅުން ލަމްޔާގެ މައުސޫމުކަން އެކުލެވޭ މޫނުގެ ރީތިކަން އިތުރުވެފައިވެއެވެ. ލުއިގޮތަކަށް ހީލަމުން ޒާއިން ތަށިމުށިގަނޑުމަތީގައި ލަމްޔާއަށް ކުރިމަތިވާނެހެން އިނށީދެ ހަމަޖެހިލިއެވެ. އެގޮތުގައި އެތައްއިރަކު ލަމްޔާގެ ސޫރައަށް ބަލަހައްޓައިގެން ޒާއިން އިންއިރު އެދެލޮލާއި މިރޭ ނިދިވެސް ރުޅިހަދައިފައިވާކަހަލައެވެ.

ނިދީގައި ލަމްޔާ ފުރޮޅިލިލުމާއެކު ސިހިފައި ޒާއިން އިންތަނުން އަވަހަށް ތެދުވިއެވެ. ދުރަށް ހިނގައިގަންނަން އުޅެފައިވެސް ކޮޓަރީގައިހުރި އޭސީއަށް ބަލައިލަމުން އެނދުމަތީގައިއޮތް ލަމްޔާއަށް ޒާއިން އަނެއްކާވެސް ބަލައިލިއެވެ. އެއްޗެއް ވިސްނައިލަން އިރުކޮޅަކު ހުރުމަށްފަހު އެނދުގެ އަނެއްފަރާތުގައިއޮތް ބޯރަޖާގަނޑު ގެނެސް ލަމްޔާގެ ގައިމަތީގައި ޒާއިން އަޅައިލިއެވެ. އަދި އައިސް ކޮޓަރީގެ އެއްއަރިމަތީގައިހުރި ބޮޑު ސޯފާގައި ހަށިގަނޑު ދަމައިލަމުން ހަމަޖެހިލިއެވެ.

ނިދީގައިއޮތް ލަމްޔާއަށް ހޭލެވުނީ ކަރުހިއްކައިގަނެގެންނެވެ. ހޭލެވެމުމާއެކު ފުންމައިގެން އޭނާ ތެދުވިއެވެ. އެއާއެކު ގައިމަތީގައިއޮތް ބޯރަޖާގަނޑު އެއްއަރިއަކަށް ސޮހިގެން ދިޔައެވެ. ހައިރާންވެފައި އެރަޖާގަނޑު ނަގަމުން އޭނާ ބަލައިލީ ހަމަޔަގީނުންވެސް އޭނާއަށް ނިދުނުއިރު ގައިމަތީގައި އެރަޖާ ނޯނާނެކަން އެނގިހުރެއެވެ.

އެއްލިކަޅިއަކުން ކޮޓަރީގައިހުރި ސޯފާގައި ނިދިފައިއޮތް ޒާއިން އޭނާގެ ލޮލުގައިއަޅައިގަތެވެ. ވަގުތުން އެއީ ޒާއިންގެ ކަމެއްކަން ވިސްނި ލަމްޔާއަށް ހީލެވުނެވެ.

ރަޖާގަނޑު އެނދުމަތީގައި ބާއްވައިލަމުން ކޮޓަރީގައިހުރި ބޮޑު ގަޑިއަށް ލަމްޔާ ނަޒަރުހުއްޓައިލީ ގަޑިންވީއިރެއް އެނގެން ބޭނުންވެފައިހުރިވަރުންނެވެ. ދެލޯ ހިމަކޮށްލަމުން ގަޑިއަށް ބަލައިލުމާއެކު އޭނާގެ ދެލޯބޮޑުވެގެންދިޔައީ ގަޑިން ފަތިހު 5 ޖަހާ ބޮޑުވެފައިހުރިތަންފެނިފައެވެ. އަވަސްއަވަހަށް އޭނާގެ ފޯނު ހޯދައިލުމަށްޓަކައި އެނދުމަތީގައި އަތްހިންގައިލިއެވެ. އެހެނަސް ފޯނުއަތު ނުޖެހުމުން ގެނައި އަތްދަބަސްތެރެއިން ފޯނުނުނެގޭކަން އޭނާ ހަނދާންވިއެވެ. ދަމުނަމާދަށް ނުހޭލެވުމުން ދެރަވެފައިހުރެ ލަމްޔާ އަވަސްވެގަތީ ފަތިސްނަމާދު ކޮށްލުމަށެވެ.

ރަޖާގަނޑު ފަތްޖަހައިލުމަށްފަހު އެނދުމަތި ރީތިކޮށްލަމުން އޭނާގޮސް ފާޚާނައަށްވަނީ މީހާ ތާޒާވެލައި ވުޟޫކޮށް ހެދުމަަށްޓަކައެވެ. ވުޟޫކޮށްގެން މޫނުފުހަމުން ފާޚާނާއިން ނުކުތްވަގުތު އަދިވެސް ކަރުހިއްކާކަން އިހުސާސުވެ އޭނާއަަށް ފެންނުބޮވޭކަން ހަނދާންވިއެވެ. އެނދުގެ އެއްްއަރިމަތީގައިހުރި ކަބަޑުގެ މަތީގައިހުރި ފެންޖަގުން ފެންފޮދެއް ތައްޓަށްއަޅައި އަވަހަށް ބޯލީ ކަރުހިއްކުން ފިލުވައިލުމުގެ ގަސްދުގައެވެ.

ތުންފަތްހަފަމުން ލަސްހިނގުމެއްގައި އައިސް ޒާއިން ގާތަށް މަޑުކޮށްލި ލަމްޔާގެ ހިތްވަނީ އަވަސްވެފައެވެ. ދެއަތްދެއަތާ މޮޑެމުންވެސް ހިތްވަރުކޮށްފައި އޭނާ ޒާއިންއަށް ގޮވައިލިއެވެ. ޒާއިންގެ ފަރާތުން އެއްވެސް ހިލަމެއްނުވުމުން ތުރުތުރުއަޅަމުންދިޔަ އަތުން ޒާއިންގެ ކޮނޑުގައި ކޮށްޓައިލަމުން ލަމްޔާ އަނެއްކާވެސް ގޮވައިލިއެވެ. ނިދީގައިއޮވެ ހިތްހަމަނުޖެހުމުގެ އަޑެއްލައްވައިލަމުން ޒާއިން ދެލޯހުޅުވައިލީ އޭނާގެ ނަމުން ތަކުރާރުކޮށް މީހަކުގޮވާއަޑަށެވެ. އެވަގުތު އޭނާއާއި ދިމާލަށް ގުދުވެއޮތް ލަމްޔާފެނި ސިހިފައި އޭނާއަށް ތެދުވެވުނެވެ.

ޒާއިންގެ އަވަސް ހަރަކާތުން ސިހިގެންދިޔަ ލަމްޔާވެސް އޭނާއާއި ދުރަަށް ފަހަތަށް ފިޔަވަޅެއް އަޅައިލިއެވެ. ރޭގަނޑުގެ ހަމަނިދި ނުލިބުމުގެ ސަބަބުން ޒާއިންގެ ބޮލުގައި ގަދައަށް ރިއްސަމުންދިޔައެވެ. ނިދުނުތާ މާގިނައިރެއްނުވަނީސް ލަމްޔާ ގޮވުމުން އޭނާ ރުޅިއަންނަގޮތްވިއެވެ.

“ކިހިނެއްވީ؟” ހުއްޓުންއަރައިފައި އޭނާއަށް ބަލަންހުރި ލަމްޔާއަަށް ބަލައިލަމުން ހިތްހަމަނުޖެހިފައި ޒާއިން އަހައިލިއެވެ. ޒާއިންގެ ރާގުހުރިގޮތުން ލަމްޔާ ޖެހިލުންވާގޮތްވިއެވެ.

“ނަމާދުކުރަން..” ޖެހިލުންވީވަރުން ލަމްޔާއަަށް ވާހަކަދައްކަން އުނދަގޫވިއެވެ. އެހެންނަމަވެސް ހިތްވަރުކޮށްފައި ކޮންމެވެސް އެއްޗެއް ބުނެވޭތޯ އޭނާ މަސައްކަތްކުރިއެވެ.

“ދެން ކޮށްބަލަ. ތީ އަހަރެންގެ ހުއްދަ ހޯދަންޖެހޭ ކަމެއްނޫން.” ހަރުކަށިކަމާއެކު ޒާއިން ބުނެލިއެވެ. ބޮލުގައި ރިހެމުންދިޔަވަރުން ކިޔޭ ނުކިޔޭއެއްވެސް ޒާއިންއަށް ނޭނގެއެވެ.

“ޒާއިންވެސް.. ނަމާދުކުރަން.. ޖެހޭނު..” ބިރުގަތްނަމަވެސް އަނެއްކާވެސް ލަމްޔާ ބުނެލިއެވެ. “ކަލޭ ކުރާހައިކަމެއް އަހަރެންޖެހޭތަ ކުރަން. ތީ އަހަރެން ކުރާކަހަލަ ކަންކަމެއްނޫން. ކުރަންޏާ ތިމާމީހާ އަމިއްލައަށްގޮސްކުރަންވީނު. އަހަރެންނަަށްދެން އުނދަގޫކޮށްގެން ނުވާނެ.” ހިތްހަމަނުޖެހިފައި ޒާއިން ހަޅޭލަވައިގަތުމާއެކު ލަމްޔާގެ ދެލޯބޮޑުވެގެންދިޔައެވެ. އަވަސް އަވަހަށް ޒާއިންއާއި ދުރަަށް ހިނގައިގަތެވެ. އޭރު އޭނާގެ ދެލޯވަނީ ކަރުނުންފުރި ބަރާވެފައެވެ. މިވީ ކިހިނެއްހެއްޔެވެ؟ ޒާއިން ރުޅިއަންނަވަރުގެ އެއްޗެއް އޭނާއަށް ބުނެވިއްޖެހެއްޔެވެ؟ ލަމްޔާއަށް އެއްްގޮތަކަށްވެސް ނުވިސްނުނެވެ. ތުންފިއްތައިލަމުން ލަމްޔާ ނަމާދަށް އަރަމުން ސޯފާގައިއޮތް ޒާއިންއަށް ބަލައިލިއެވެ. އެއާއެކު އޭނާގެ ހިތުގައި ރިއްސައިލިއެވެ. އަނެއްކާ ޒާއިންއާއި ކައިވެނިކޮށްގެން އޭނާއަށް މިކުރެވުނީ ރަނގަޅުކަމެއްބާވައެވެ. ނަމާދުކޮށްނިމި މުސައްލަމަތީގައި އިންއިރުވެސް ޒާއިންގެ ވިހަގަދަ ޖުމުލަތައް ލަމްޔާގެ ކަންފަތްބުޑުގައި ގުގުމަމުން ދިޔައެވެ. އެއާއެކު އެއްވެސް ހިފެހެއްޓުމެއްނެތި އެދެލޮލުން ކަރުނައޮހިގަތެވެ. ހަޔާތުގައި ދުވަހަކުވެސް މީހަކު އޭނާއާއި ވާހަކަދައްކައިފައިނުވާފަދަ ގޮތަކަށް ޒާއިން ވާހަކަދެއްކުމުން ހަގީގަތުގައިވެސް ލަމްޔާގެ ހިތަށްވަނީ ވަރަށް ތަދުވެފައެވެ.

*****

ކާރުން ފައިބައިގެން އައިސް އޮފީހަަށްވަދެ މަސައްކަތްތައް ކުރިއަަށްދަމުންދިޔަ ފަންގިފިލައަަށްގޮސްވަތް ޝަޔަމްއަށް ލިބުނީ ހައިރާންކަމެވެ. އެކިމީހުނާއި އެކުގައި މަސައްކަތްތަކުގައި ބައިވެރިވަމުންދިޔަ ނުހައިކްފެނި އޭނާގެ ތުންފަތަށް ހިނިތުންވުމެއްވެރިވިއެވެ. ނުހައިކްއަަށް ގޮވައިލަމުން އައިސް ޝަޔަމް އެހިސާބުގައި މަޑުޖެހިލިއެވެ.

“އަހަރެން ހީކުރީ މިއަދު އޮފީހަށް ނާނާނެކަމަަށް. ކޮއްކޮގެ ކައިވެނީގެ ކަންކަމު މާބުރަކޮށްއުޅޭ ވާހަކަ ބުނީމައޭ އަހަރެން މިއަދު އޮފްއެއްނަގަން ނުހައިކް ގާތު ބުނީ.. ނުހައިކްވެސް އެއްބަސްވީމެއްނު އޮފްއެއް ބޭނުންވާކަމަށް..” ޝަޔަމް ވާހަކަދެއްކިލެއްރީތިކަމުން ނިތްއަރުވައިލަމުން ނުހައިކް ޝަޔަމްގެ މޫނަށް ނަޒަރު ހުއްޓައިލިއެވެ.

“ރޭގަ ކައިވެނި ކުރެވިއްޖެ.. އެނގޭ މިއަދު އޮފް އެއް ބޭނުންވާ ވާހަކަ ބުނެވުނުކަން. އެކަމް.. ލަމް.. ލަމް ނެތީމަ ގޭތެރެ ވަރަށް ފަޅު.. ކަމެއްނުކޮށް އެހެން ހުންނަންވީމަ.. މާބޮޑަށް ފޫހިވާތީ.. އެހެންނޫނަސް.. މިކަންތައް އަވަހަަށް ނިމުނީމައެއްނު އޮފީސް އަވަހަށް ހުޅުވޭނީވެސް..” ލުއިގޮތަކަށް ހީލަމުން ނުހައިކް ބުނެލިއެވެ. ބަދަލުގައި ޝަޔަމް ބޯޖަހައިލީ ނުހައިކް އެދައްކާ ވާހަކަ އޭނާއަށް ވިސްނޭކަން އަންގައިދިނުމުގެ ގޮތުންނެވެ.

“ތިވެސް ތެދެއް.. އަހަރެން ހީކުރިވަރަށްވުރެ މާއަވަހަށް މަސައްކަަތްތައް ކުރިއަށް އެބަދޭ.. ހީވަނީ އަންނަ ހަފުތާގެ ކޮންމެވެސް ދުވަހެއްގަ އޮފީސް ހުޅުވައިލެވޭނެހެން.. ދެން ބާކީ ހުންނާނީ ނަންބޯޑު ހެދުމާއި އެހަރުކުރުމުގެ ކަންތައްކެއްނު.” ކުރިއަށްދަމުންދިޔަ މަސައްކަތްތަކަށް ބަލަންހުރި ޝަޔަމްގެ މޫނުމަތިން ފައުޅުވަނީ އެކަމާ ހިތްހަމަޖެހިފައިހުރިކަމުގެ ނިޝާންތަކެވެ. އާނއެކޭ ބުނަމުން އެތަނުން މީހަކާއި ދިމާލަށް ނުހައިކް ހިނގައިގަންނަން އުޅުނެވެ. އެހިނދު އޭނާގެ ނަމުން ޝަޔަމް ގޮވައިލުމާއެކު ހުއްޓި ޝަޔަމްއަށް ނުހައިކް ބަލައިލިއެވެ.

“ތޭންކްސް.. އެންޑް ސޮރީ..” އިސްޖަހައިލައިގެންހުރެ ޝަޔަމް މަޑުމަޑުން ބުނެލިއެވެ. ޝަޔަމް އެބުނި ބަސްތަކުގެ މުރާދު ނުވިސްނިފައި ނުހައިކްހުއްޓެވެ. ސުވާލުގެ ނަޒަރަކުން ހައިރާންވެފައި ނުހައިކް ބަލަންހުރުމުން ޝަޔަމް ލަދުގަންނަގޮތްވިއެވެ.

“ކޮންކަމަކަށް؟” އިރުކޮޅެއްވެގެން ދިޔައިރުވެސް ޝަޔަމް ވާހަކަނުދެއްކުމުން ނުހައިކް އަހައިލިއެވެ. “ތޭންކްސް.. ނުހައިކްގެ ހެލްޕަަށް. ހަގީގަތުގަ މިހައި ފުރިހަމައަށް އޮފީހުގެ ކަންކަން ކުރިއަށް މިދަނީ ނުހައިކްގެ ވިސްނުންތޫނުކަމުން.. ކޮންމެ ޚިޔާލެއްވެސް އެހައި ފުރިހަމަ.. އަހަރެންނަށްވެސް.. ނުހައިކްގެ ޚިޔާލުތަށް ވަރަށް ކަމުދޭ.. އެހެންވެ.. އެންޑް ސޮރީ.. އެންމެ ފުރަތަމަ އަހަރުމެން ދިމާވި ދުވަހު ނުހައިކްއާއި ދިމާލަށް އަހަރެންނަށް ކިޔުނު އެއްޗިއްސަށް.. އަދި އޭގެ ފަހުންވެސް.. އަހަރެނަށް ކަންތައް ކުރެވުނު ގޮތަށް..” މަޑުމައިތިރިކަމާއެކު އެހިތުގައިވި ކަންކަން ޝަޔަމް ހާމަކޮށްލިއިރު އެދޮންމޫނަށްވަނީ ޖަންބުކުލަ އަރައިފައެވެ. ޖަވާބުގައި ބުނާނެ އެއްޗެއް ނުހައިކްގެ ސިކުނޑިއަކަށް ނައެވެ. އޭނާ ހަގީގަތުގައި ހީކުރިހައި ހިތް ނުބައި ކުއްޖަކަށް ޝަޔަމް ނުވިތާއެވެ. އެގޮތަށް ވިސްނުނީމައި ނުހައިކް ދެރަވެދުގަތެވެ. ކުރެވޭ ހީތަކުގެ ނުބައިކަން އެވަގުތު އޭނާއަށް ވިސްނުނެވެ. އެއްޗެއްބުނަން ނުކުޅެދުމުން ނުހައިކް ލަސްލަހުން ބޯޖަހައިލަމުން ޝަޔަމްއަށް ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. އެތަންފެނި ޝަޔަމްގެ ހިތަށް ހަމަޖެހުން ލިބިގެންދިޔައެވެ.

“ސޯ.. އަހަރެންނަަށް މައާފުކުރީތަ؟” ހަގީގަތުގައިވެސް ޝަޔަމްގެ ހިތުގައި ނުހައިކްއާއި މެދުގައިވި ގިލަންވެރިކަންވަނީ ފިލައިފައެވެ. އޭނާ މައާފަށް އެދުނީ އެހެންވެއެވެ. ފާއިތުވެދިޔަ ރޭގައި އޭނާ ވަނީ އެހުރިހައި ކަމަކާއިމެދުގައި ވަރަށް ވިސްނުން ހިންގައިފައެވެ. މިވީ ދުވަސްްތަކުގައި ނުހައިކްގެ ފަރާތުން އޭނާ ހިތްހަމަނުޖެހޭފަދަ އެއްވެސް ކަމެއް ނުވެއެވެ. ވީއިރު ހިތުގައިއޮތް ނަފުރަތަކީ ބޭކާރު އެއްޗެއްގެ ގޮތުގައި ޝަޔަމް ދުއްޓެވެ. އަނެއްކޮޅުން ޖިޔާއަށް އެހީއެއްވުމުގެ ގޮތުންވިއަސް އޭނާއަށް ކުރަން ނިންމިފައިހުރީ ދެކޮޅުނުޖެހޭ ކަންތައްތައްކަމުގައި އޭނާގެ ޟަމީރު ވިސްނައިދިނެވެ. ޚުދު ޝަޔަމްއަށްވެސް އެކަންކަން ގަބޫލުކުރެވެއެވެ. ނަމަވެސް… ނަމަވެސް އެހިތުގައި ނުހައިކްއަށް ޚާއްސަކަމެއް ދެވިއްޖެއެވެ. ނޭނގިހުއްޓައި އެހިތުގައި ނުހައިކްގެ ތަސްވީރު ކުރެހި ނިމިއްޖެއެވެ. އޭގައި އޭނާގެ ކުށެއް އެބައޮތްހެއްޔެވެ؟ ނުހައިކްގެ ހިތްފަތަހަކުރުމަށް އަޒުމު ކުރިއިރު ފަހަރެއްގައިވެސް މިހެންވެދާނެކަމަށް ޝަޔަމް ހިޔެއްނުކުރެއެވެ.

ފުންވިސްނުމަކަށް ގެއްލިފައިހުރި ޝަޔަމްއަށް ނުހައިކް ގޮވައިލިއެވެ. އެއަޑަށް އެސްފިޔަތައް ތަޅުވައިލަމުން ޝަޔަމް ނުހައިކްއާއި ނަޒަރު ސީދާކޮށްލިއެވެ. ހަގީގަތުގައިވެސް ކުރިމަތީގައިހުއްޓިހުރި އެއިންސާނާ އޭނާގެ ހިތް ބަލައިގަނެފައިވާކަން އެހިނދު ޝަޔަމްއަށް އިހުސާސުވިއެވެ.

“އަމް.. ސޮރީ.. ހެހެ.. ކަމަކާމެދު ވިސްނާލެވުނީ.. ނުހައިކް.. އަހަރެން.. އަހަރެން ވާހަކައެއް ބުނަން ބޭނުން..” ޖެހިލުންވެފައިހުރެ ޝަޔަމް ބުނެލިއެވެ. މީހެއްގެ ކުރިމަތީގައި އަމިއްލަ ނަފުސުގެ މައްޗަށްއޮތް އިތުބާރުގެއްލި މީހާ ޖެހިލުންވި މިއީ ފުރަތަމަފަހަރެވެ. އެހެންޏާ ނުވާ އެތައްގޮތްތަކެއް މިހާރު ނުހައިކްގެ ކުރިމަތީގައި ހުންނައިރު އޭނާއަށްވާކަން ކަށަވަރެވެ.

ޝަޔަމް ބުނަންއުޅޭ ވާހަކައަކަށް ޝައުގުވެރިކަން ފައުޅުކޮށްލަމުން ނުހައިކް އޭނާގެ ހުރިހައި ސަމާލުކަމެއް ޝަޔަމްއަށް ހުއްޓައިލިއެވެ. ހިތުގެ ހިނގުން އަވަސްވަމުންދިޔަ ޝަޔަމް ކުޑަކޮށް ކަރުކެހިލަމުން ވާހަކަދެއްކޭތޯ މަސައްކަތްކުރިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nau

Level 910 Stories100 Comments500 Comments100 Stories100 Login1K Comments

A girl who loves reading and writing stories. My dream has always been to become a successful story writer. In Sha Allah. ❤

Other Articles

Previous

ވައުދޭ ވެވޭ މީ… 27

Next

ތިޔަ ލޯބީގައި…12

Next
September 15, 2022

ތިޔަ ލޯބީގައި…12

Previews
September 13, 2022

ވައުދޭ ވެވޭ މީ… 27



All Right Reserved!