އާނިމަށް ވިސްނައިދެވޭތޯ ޚަދީޖާ ވަރަށް މަސައްކަތްކުރިއެވެ.ނަމަވެސް އާނިމް އޭނާގެ މަންމަގެ ނަސޭހަތުގެ އަޑެއް ނޭހިއެވެ.އެހެންކަމުން އިތުރަށް އަނގައިން އެއްވެސްބަހެއް ނުބުނެ އެކޮޓަރިތެރެ ސާފުކުރަން ޚަދީޖާ ފެށިއެވެ.
***************.
އެދުވަހުގެ ފަހުން އެގެއަށް އެކި ކަހަލަ އަންހެންކުދިން އާނިމް ގެންނަންފެށިއެވެ.ޚަދީޖާ ގެ ކުރިމަތީގައިވެސް އެކަކު އަނެކަކާ ގައިގޯޅިވަމުންދިޔައެވެ.ލައިފައި އެއްލާލާ އަންނައުނެއްގެ ބީދައިން، އަންހެންކުދިންނާއި ލޯބީގެ ގޮތުން ގުޅި އަދި ރުޅިވަމުން އާނިމް ދިޔައެވެ.އެކަކާއެކު ހަފްތާއަކަށްވުރެ އިތުރަކަށް އާނިމް ނޫޅެއެވެ.ނަތީޖާއަކަށްވެގެންދިޔައީ ޔުމްނާ އައި ފަދައިން އެގެއަށް އާނިމްގާތަށް ނުރުހުންތެރި އަންހެންކުދިން އަންނަން ފެށުމެވެ. އެއްބަޔަކު އައިސް އާނިމް ގާތު އެގޮތަށް ކަންތައް ނުކުރުމަށް ރޮއެ އާދޭސްކުރާއިރު، އަނެއްބަޔަކު އައިސް ރުޅިއައިސްގެން ޒުވާބުކުރެއެވެ.ބައެއްފަހަރު ޒުވާބު ތަޅާފޮޅުމަކަށްވެސް ބަދަލުވެގެންދެއެވެ .އާނިމަކީ ރީތި މީހެކެވެ.އަންްހެންކުދިންގެ ހިތް ދަަމައިގަންނަ ފަދަ ސިފަތަކެއް އޭނާއަށް ލިބިފައިވެއެވެ.އެހާ ފަސޭހައިން އޭނާގެ މަޅީގައި އެކުދިން ޖެހޭ ސަބަބަކީ އެއީ ކަމަށް ވެދާނެއެވެ
ދުވަހަކަށްވުރެ ދުވަހެއް ދިޔައީ އާނިމްގެ އުޅުން ގޯސްވެ ބޮއްސުންލަމުންނެވެ.ޚަދީޖާ ހުއްޓަސް އެއީ އާނިމަށް ނެތްމީހެއްފަދައެވެ.އާނިމް ހިތްއެދޭގޮތަކަށް އުޅެމުންދިޔައެވެ.ކުރިން އެންމެ އަންހެނަކު ގެންނަ އާނިމް ފަހުން އެއްފަހަރާ ދެމީހުން ނޫނީ ތިންމީހުންވެސް ކޮޓަރިއަށް ވައްދަންެ ފެށިއެވެ.އޭނާގެ އެކޮޓަރިއަކީ މަސްތުވާތަކެތީގެ އައްޑާއަކަށް ވިއެވެ.ޒިނޭކުރާ މައިޒާނަކަށް އެތަން ވިއެވެ.ކުރުކޮށް ބުނާނަމަ އެންމެހާ ނުބައި ޢަމަލުތަކެއްގެ ކިއްލާއަަކަށް އެތަން ވިއެވެ.އާނިމްގެ އެވިޔާނުދާ މުޑުދާރު އަމަލުތަކަށް ޚަދީޖާއަކަށް ކެތެއްނުކުރެވުނެވެ.އެކަމާ ނުރުހުންވެ ޚަދީޖާ ވަރަށް އެއްޗެހިކިއެވެ.ވަރަށް ނަސޭހަތްވެސް ދިނެވެ.ނަމަވެސް އެހެންފަހަރުތަކެކޭ އެއްފަދައިން އާނިމަށް ވީ އެއީ ބޭކާރުވާހަކަތަކެއް ކަމަށެވެ.ޚަދީޖާގެ ބަހަކީ އާނިމްގެ ކުރިމަތީގައި އެއްވެސް ބަހަކަށް ނުވިއެެވެ
.ޚަދީޖާފަދަ ދީނަށްލޯބިކުރާ މީހަކު، އާނިމްފަދަ ވިޔާނުދާ ކުއްޖަކާއެކު އުޅެން އުދަނގޫވިއެވެ. އާނިމަކީ ޚަދީޖާގެ ދެލޯފަދައިން ލޯބިވި ދަރިއެކެވެ. . އޭނާގެ ލޯބިވާ ފިރިމީހާ ދުނިޔެދޫކޮށްފައި ދިޔައިރު އޭނާއާ ހަވާލުކޮށްފައި ދިޔަ އަމާނާތެކެވެ އަދި ހަމައަެހެންމެ މިހާރު ދުނިޔޭގައި ހުރި ޚަދީޖާގެ ހަމައެކަނި މީހާވެސްމެއެވެ.ވީއިރު އާނިމް އެފަދަ ގޮތަކަށް އުޅުމުން ޚަދީޖާގެ ހިތަށް ވަރަށްބޮޑަށް އަސަރުކުރިއެވެ.ނަމަވެސް އޭނާގެ ދަރިފުޅު އިސްލާހުވާނެކަމުގެ އުންމީދު އޭނާ ދުލެއްނުކުރެއެެވެ.ޚަދީޖާ މިހާރު އެންމެ ދެކެން ބޭނުންވަނީ ރަނގަޅުމީހަކަށް އޭނާ ވާތަނެވެ.ކޮންމެ ނަމާދަކަށްފަހު އޭނާގެ ދަރިފުޅު އިސްލާހުވޭތޯ ދުޢާކުރުމުގައި އޭނާ ދެމިހުއްޓެވެ
****************
އާނިމް އޭނާގެ ދުވަސްތައް އާދައިގެމަތިން ވިޔާނުދާކަމާއެކު އުޅެމުންދިޔައެވެ. އާނިމްގެ އުޅުމާއި ގެއަށް ގެންނަ މީހުންގެ ސަބަބުން ޚަދީޖާއަށް އުދަނގޫވާ ވާހަކަ އެތައްފަހަރަކު އާނިމް ގާތު ޚަދީޖާ ބުނެފިއެވެ..އާނިމް ޚަދީޖާގެ ބަސް ގަބޫލުނުކުރާތީ ޚަދީޖާ އެކަން ހުއްޓުވަން އަމަލީ މަސައްކަތް ފެށިއެވެ.އެގޮތުން އާނިމް ހޯދަން އަންަނަ މީހުން ގެއަށް ނުވައްދަން ފެށިއެވެ.ޚަދީޖާ އެގޮތަށް ކަންތައް ކުރުމުން އާނިމް އިތުރަށް ރުޅިއައެވެ.އޭނާގެ ރަހުމަތްތެރިން ގެއަށް ނުވެއްދުމުގެ އެއްވެސް ހައްގެއް ޚަދީޖާއަކަށް ލިބިގެންނުވާކަމަށް ބުނެ އެއްޗެހިކިއެވެ.އާނިމް އުޅޭ ވިޔާނުދާ އުޅުން އުޅެން އެހެންތަނަކަށް ދިއުމަށާއި އިސްލާހުވީމައި ނޫނީ ގެއަށް ނުވަނުމަށް އެންމެ ފަހުން ޚަދީޖާ ބުންޏެވެ.ޚަދީޖާ ހީކުރީ އޭނާ އެހެންބުނުމުން މިފަަހަރު އާނިމް ބަސް ގަބޫލުކުރާނެ ކަމަށެވެ.ނަމަވެސް ކަންތައްތައްވީ ޚަދީޖާ ހީކުރިގޮތާ ޚިލާފަށެވެ.އާނިމް އެކަތި ދޫނުކޮށް ޚަދީޖާއާ ޒުވާބުކުރިއެވެ.ގެއަކީ އޭނާގެ ބައްޕަގެ ގެއެއްކަމުން، އެގޭގައި އޭނާއަށް ވެސް ހައްގު އޮންނާނެކަމަށްބުނެ ޚަދީޖާގެ އަނގަ ބަންދުކޮށްލިއެވެ
އާނިމަށް އައިސްފައިވާ ބަދަލުން ޚަދީޖާ މުޅިން މާޔޫސްވިއެވެ.އާނިމަށް ބޭނުންވާ ކެއުންބުއިމުގެ ހިދުމަތްތައް ކޮށްދިނުމާއި އަންނައުނުތައް ދޮވެކޮށްދިނަސް، ކުރިން ދޭހެން ރުފިޔާ ދިނުން ހުއްޓާލިއެވެ.އެކަމާ އާނިމް އިންތިހާއަށްރުޅިއައެވެ.ޚަދީޖާ ރުފިޔާ ނުދޭންފެށުމުން އޭނާއަށް އާނިމް ޖެއްސުންކުރަން ފެށިއެެވެ.ގޭގައި ހިފާ ގެންގުޅޭ ސާމާނުތަކުން ފެށިގެން އަގުބޮޑެތި ސާމާނުތައް ހަލާކުކުރަން ފެށިއެވެ.ޚަދީޖާ އާމްދަނީ ހޯދަނީ ގެ ކުއްޔަށްދީގެންކަމުން، އެރުފިޔާއަކީ އާނިމްގެވެސް ހައްގެއްކަމަށް އޭނާ ބުންޏެވެ.އެއީ ގެއަކީ ބައްޕަގެ ގެއަަކަށްވެފައި ކުލި ލިބެނީ އެގެއިން ކަމަށްވާތީއެވެ. ބައެއްފަހަރު ރުޅިއައިސްގެން ޚަދީޖާއަށް އަތްއިސްކުރެވެންވެސް އާނިމް އުޅެއެވެ.އެހެންނަމަވެސް އެއީ މަންމަ ކަމަށްވާތީ ޖަހަން އަތްނަގާފަވެސް އާނިމް ތިރިކުރަނީއެެވެ
އާނިމްގެ އުޅުން އިސްލާހުކުރަން ހަދާނެގޮތެއް ޚަދީޖާއަކަށް ނޭނގުނެވެ.ކަމާބެހޭ ފަރާްތްތަކަށް އެކަން އެތައް ފަހަރަކު ޚަދީޖާ ރިފޯޓުވެސް ކުރިއެވެ..ނަމަވެސް ހައްޔަރުކުރުމަށްފަހު އަނެއްކާވެސް އޭނާ ދޫކޮށްލަނީއެވެ.އާނިމްގެ އުޅުމާމެދު ވިސްނާ ވިސްނާ ޚަދީޖާގެ ބޯގޮވާ ހިސާބަށް ކަންތައްތައް ހިނގައްޖެއެވެ.އާނިމާ ދޭތެރޭ ވިސްނައި ޚަދީޖާގެ ދެލޮލުން ކަރުނަ ހިކޭތަނެއް ނާދެއެވެ
*************
(އެއް ހަފްތާ ފަސް…..)
މިއަދު މީ އާންމުކޮށް ކޮންމެ ދުވަހަކުވެސް ކުލި ދައްކާ ދުަވަސްކަމުގައިވާތީ ޝައިނާ ޚަދީޖާ ކައިރިއަށް ކުލި ހިފައިގެންދާން ތައްޔާރުވިއެވެ.ޝައިނާއަކީ ޚަދީޖާމެންގޭގައި ކުއްޔަށް އުޅޭ ޒުވާނެކެވެ.އޭނާ އުޅެނީ ޚަދީޖާމެން އުޅޭ ފުލޯއާ އިންވެގެން ހުންނަ ތިރީ ފުލޯގައެވެެ.ސިޓީއުރައަކަށް ރުފިޔާ އަޅައިގެން ޝައިނާ ޚަދީޖާގެ އެޕާޓްމަންޓަށް ދާން ސިޑިން މައްޗަށް އަރަންއުޅުނެވެ.އެވަގުތު އޭނާ ހުރީ ކޮންމެވެސް ވަރަަކަށް ހިތްނުތަނަވަސްވެ ޖެހިލުންވެފައެވެ. އެއީ އާނިމާއި ދިމާވެދާނެތީއެވެ..ޝައިނާ އާނިމްެދެކެ ވަރަށް ބިރުގަނެއެވެެ.އެހެންނުވާންވީ ސަބަބެއް ނެތެވެ.
ޝައިނާއަކީ މޫނުބުރުގާ އަޅައިގެން އުޅޭ ޒުވާނެއްކަމުން އޭނާއަށް މަލާމަތްކޮށް ފުރައްސާރަކުރުމަކީ އާނިމް ވަރަށް ކުރާހިތްވާ ކަމެކެވެ.ޝައިނާ ފެންނަ ކޮންމެފަހަރަކު އާނިމް އޭނާއާ ދިމާލަށް އެކި ނަންނަމުން ގޮވާ އަތާއި ފައިން ވައްތަރުޖައްސާ ފުރައްސާރަ ކުރާތީއެވެ.އެހެންކަމުން ގެއަށް ވަންނަ ކޮންމެފަހަރަކު އާނިމާ ބައްދަލުނުވޭތޯ ޝައިނާ ހިތާހިތުން ދުޢާ ކުރެއެވެ އާނިމްގެ އެއަމަލުން ޝައިނާއަށް އުދަނގޫވިއަސް ގޭގެ ވެރިޔާ ގާތު އެމައްސަލަޖައްސާކަށް އޭނާއަކަށް ނުކެރެއެވެ.
ޚަދީޖާއާ ދިމާވެ އޭނާއާ ވާހަކަދެކެވިފައިވާތީ، އޭނާގެ ހިތްހެޔޮކަން ޝައިނާއަށް ވަނީ ފެނިފައެވެ.ނަމަވެސް އާނިމާކީ ޚަދީޖާގެ ދަރިއަކަށްވެފައި، އޭނާ ގާތު އާނިމާ ބެހޭގޮތުން މައްސަލަ ޖައްސައިފިނަމަ، އެކަމާ ޚަދީޖާ ހިތްހަމަނުޖެހި ޝައިނާ ގާތު ގެއިން ނިކުތުމަށް އަންގަފާނެތީ ޖެހިލުންވަނީއެވެ.އެގެއަކީ ޝައިނާ އެންމެ ކުޑައިރުއްސުރެ ދިރިއުޅުނު ގެއަށްވެފައި، އެހެންތަނަކަށް ބަދަލުވުމަކީ ފަސޭހަކަމަށްނުވާތީ ޝައިނާ ކެތްތެރިވިއެވެ
މަޑުހިނގުމުގައި ސިޑިންމައްޗަށް ޝައިނާ އެރިވަގުތު އާނިމް ފައިބާތަން ފެނުނެވެ.އާނިމް ފެނުމާއެކު ޝައިނާއަށް ވެގެންދިޔަގޮތް ޚުދު އޭނާއަކަށްވެސް ނޭނގެއެވެ.މުޅިމީހާ ސިހުންވެ އަވަސްއަވަހަށް އެއްފަރާތަކަށް ޖެހި ބިރުން އާނިމާ ދިމާލަށް ބަލަން ހުއްޓެވެ.މިއަދުވެސް އާނިމްގެ އުދަނގުލާ ކުރިމަތިލާން ޖެހުނީއޭ ހިތަށްއަރާ ހާލުގައެވެ.ނަމަވެސް ކަންތައްވީ ޝައިނާ ހީކުރިގޮތާ ޚިލާފަށެވެ.ހަލުވި ހިނގުމުގައި ފޭބި އާނިމް ހުރީ ވަރަށް ބޮޑަށް ކަމަކާ ހިތްހަމަ ނުޖެހިފައިކަން އޭނާގެ މޫނުމަތިން ޝައިނާއަށް ދޭހަވިއެވެ.ޝައިނާ ހުރަސްކޮށް ދިޔައިރުވެސް އޭނާ މިއަދު ޝައިނާއާ ދިމާލަށް ބަލައިވެސް ނުލައެވެ.
އާނިމްގެ ފުށުން މިއަދު އުދަނގުލެއް ނުވުމުން ޝައިނާ ﷲ އަަށް ހަމްދު ކުރިއެވެ.އަދި ޚަދީޖާގެ އެޕާޓްމަންޓަށް އެރުމަށްފަހު ދޮރުގައި ޓަކިޖަހާލިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.





