ތިޔަ ލޯބީގައި…10
ޝަޔަމްއަަށް ނޭނގިނަމަވެސް އެހިތުގައި ވަނީ ނުހައިކްގެ ތަސްވީރު ކުރެހެން ފަށައިފައެވެ. އެހިތުގައި ޖަހަމުންދިޔަ އައު ވިންދުތަކަށް ދޭނެ ނަމެއް ނޭނގުނެއްކަމަކު އޭނާއަށް މަޑުމަޑުން ނުހައިކްގެ ކޮންމެ ސިފައަކާއި ގަޔާވެވެމުންދިޔައެވެ. ނުހައިކްގެ ޚިޔާލުތަކު ތެރޭގައި ގެނބެމުންދާ ވަގުތުތަކުގައި ނުހައިކްއަށްވެސް އެފަދަ އިހުސާސުތައް ކުރެވޭނެތޯ އޭނާގެ މޮޔަހިތާއި ޝަޔަމް ސުވާލުކުރެއެވެ. ޖަވާބު ނުލިބުނަސްއެވެ.
އެހެން ދުވަސްތަކެކޭވެސް އެއްގޮތަށް މިއަދުވެސް ނުހައިކް އޮފީސްތެރޭގައި އުޅެމުންދިޔައީ އެކި މީހުންގެ މަސައްކަތްތައް ކުރިއަށްދަމުންދިޔަ ގޮތް ބެލުމުގައެވެ. އޭނާގެ ފަސްފަހަތުން ޝަޔަމްވެސް އުޅެމުންދިޔައިރު ނުހައިކްއަށް ނޭނގޭނޭހެން އޭނާގެ އެންމެ ކުދި ކުދި ހަރަކާތްތަކަށްވެސް ޝަޔަމް ބަލަމުން ދިޔައެވެ.
އެއްލި ކަޅިއަކުން އޭނާއާއި ދިމާލަށް ބަލަހައްޓައިގެންހުރި ޝަޔަމްފެނި ނުހައިކް ނިތްއަރުވައިލީ ކިހިނެއްވީތޯ އަހައިލާފަދަ ގޮތަކަށެވެ. ޝަޔަމްއަށް މިއިން އެއްވެސް މަންޒަރެއް ނުފެންނަފަދައެވެ. ހަރަކާތެއްކޮށްލުމެއްނެތި ހުއްޓުންއަރައިފައި ޖެހިބުދެއްހެންހުރެ އޭނާ ބަލަމުންދިޔައީ ނުހައިކްގެ މޫނަށެވެ. އަމިއްލަ ދުނިޔެއެއްގައި ޝަޔަމް އުދުހެމުންދިޔައިރު ނުހައިކްއަށް އޭނާގެ މޫނުގައި އަތްކާތައިލެވުނީ މޫނުގައި އެއްޗެއްހުރީކަމަށް ހީކޮށެވެ.
ލަސްފިޔަވަޅުތަކެއްގައި ނުހައިކްއައިސް ޝަޔަމްގެ ކުރިމައްޗަށް މަޑުކޮށްލިއިރުވެސް ޝަޔަމް އެހުރިގޮތަށް ފުންޚިޔާލަކަށް ގެއްލިފައި ހުއްޓެވެ.
“ހެލޯ..” ޝަޔަމްގެ މޫނުމަތީގައި އަތް ހޫރުވައިލަމުން ނުހައިކް ބުނެލިއެވެ. ދެންވެސް ޝަޔަމްގެ ފަރާތުން އެއްްވެސް ހަރަކާތެއްނުފެނުނެވެ. އެސްފިޔަ ޖަހައިލަންވެސް އޭނާ ހަނދާންނެތިފައިވާ ކަހަލައެވެ. ދެބުމަ ކައިރިކޮށްލަމުން ނުހައިކް ތަންކޮޅެއްބާރަށް ކަރުކެހިލައިފައި ޝަޔަމްގެ މޫނުކުރިމަތީގައި ފުށްޓައްކެތްޖަހައިލިއެވެ. ސިއްސައިގެންދިޔަ ޝަޔަމްގެ އަރުތެރޭން ބާރުހަޅޭކެއްގެ އަޑު ބޭރުވެގެންދިޔައެވެ. އެތަންފެނި ނުހައިކްއަށް ހިނިގަނޑު ކޮންޓްރޯލް ކުރުންވީ ދަތިކަމަކަށެވެ. ނުހަައިކް ހެމެންދިޔައިރު އަޖައިބުވެފައި ޝަޔަމްއަށް ބަލަހައްޓައިގެން ހުރެވުނީއެވެ. ދުވަހަކުވެސް އެގޮތަށް ނުހައިކް ހެނިކޮށް އޭނާ ނުދެކެއެވެ. އަބަދުވެސް އެމޫނުމަތިން އޭނާއަށް ފެނުނީ މަޑުމައިތިރިކަމާއި ސީރިއަސްކަމެވެ.
ޝަޔަމް ބަލަހައްޓައިގެންހުރިގޮތް ފެނުމުން ނުހައިކްގެ ހިނިގަނޑު ވަގުތުން ހިނދިގެންދިޔައެވެ. ކުރެވުނު ކަންތައް ހިތަށްއެރުމާއެކު ނުހައިކްއަށް ދުރަށް ނަޒަރު ހުއްޓައިލެވުނެވެ. “ސޮރީ.” އެހުރިގޮތަށްހުރެ ނުހައިކް މައާފަަށް އެދުނުގޮތުން ޝަޔަމްއަށް މަޖާވިއެވެ.
“މާފަޑަކަށް ހުރީމަ. އަހަރެން ހީކުރީ ކަމެއްވެފަ ކަމަށް.” މަޑުމަޑުން ނުހައިކް ބުނެލިއެވެ. “އަހަރެންނަށް ކޮންމެކަމެއްވެފަ ހުއްޓަސް ނުހައިކްއަށް ކީއް؟” ދެރަނުވާންވެގެ ހަށަންބަނދެލަމުން ޝަޔަމް އަހައިލިއެވެ. “ހުއްޓުންއަރާފަ މޫނަށް ބަލަހައްޓައިގެން ހުންނަންޏާ ކޮންމެ މީހަކަށްވެސް އުނދަގޫވާނެ ދޯ.” ފަޓުލޫނުގެ ދެޖީބަށް އަތްޖަހައިލަމުން ނުހައިކް ޝަޔަމްއަށް ބަލައިލިގޮތުން ޝަޔަމްއަށް ތުންފަތުގައި ދަތްއަޅައިލެވުނެވެ.
“ހުއް. ހިތުންމާ ރީތި މީހަކަށްވެގެން. އަހަރެން ނޫޅެން އަމުދަކުން ނުހައިކްއަށް ބަލާހިތަކުންނެއް.” ތުންފިއްތައިލަމުން ނުހައިކްއާއި ދިމާލަށް ލޯއަޅައިލުމަށްފަހު އޭނާއާއި ދުރަށް ޝަޔަމް ހިނގައިގަތެވެ. އެއާއެކު ނުހައިކްގެ ދެބުމަ ގޮށްޖެހި ނިތަށް ރޫއަރައިގެންދިޔައެވެ.
“އެކަމެއް ނޭނގެ. ފާޑަކަށް ބަލަންހުރިއިރު ހީވަނީ..” ބުނަންއުޅުނު ޖުމުލަ ފުރިހަމަނުކޮށް ނުހައިކް ހުއްޓައިލީ އޭނާއަށް ބުނެވެންއުޅުނު އެއްޗެއް އިހުސާސުވުމާއެކުއެވެ. ފުންނޭވާއެއްލަމުން ނުހައިކް ދެފަރާތަށް ބޯހޫރުވައިލިއެވެ.
“ކޮންކަހަލަ ކުއްޖެއްބާއޭ ހިތަށްއަރާ. އެއްއިރަކު ރީތިކޮށް ވާހަކަދެއްކިއްޔާ އަނެއްބައި އިރެއްގަ ވެފަ އެހުންނަގޮތެއް ހަމައެއްގޮތަކަށްވެސް ނޭނގެ. މީނަ އާހެދި އަދި އަހަރެންގެ ދުވަސްވެސްދާނެ. ދެފަހަރު ހަމައަށް އެއްމޫޑެއްގަ ހުންނަތަނެއް ނުފެނޭ. މިހާރަކަށް އައިސް މާ މައިތިރިވެފަ އެހުންނަނީވެސް. ޔަގީން ކޮންމެވެސް މޮޅު ގޭމެއް ޖައްސަނީކަން…” އަމިއްލަ ނަފުސާ ވާހަކަދައްކަމުން ނުހައިކް ދިޔައީ ހަގީގަތުގައިވެސް ޝަޔަމްގެ އުޅުމާއިމެދުގައި އަޖައިބުވެފައި ހުރެއެވެ. އެއްޗެއް ނުބުނިނަމަވެސް ފަހަކަށް އައިސް ޝަޔަމް އޭނާއާއި ދިމާލަށް މާވަރަކަށް ބަލާކަން އޭނާއަށްވަނީ ފާހަގަވެފައެވެ. އެއްގޮތަކަށްވެސް ޝަޔަމްގެ ސިކުނޑިތެރޭގައި ހިނގަމުންދަނީ ކޮންފަދަ ޚިޔާލުތަކެއްކަމެއް އޭނާއަކަށް ނޭނގެއެވެ. ބޮލުގެ ފުއްކިބައިގައި ކަނައަތުން ފިރުމައިލަމުން ނުހައިކްވެސް އޭނާގެ މަސައްކަތަށް އެނބުރި ރުޖޫއަވިއެވެ.
*****
ތޮއިބާ އާއި ފޯނުން ވާހަކަދައްކަމުންދިޔަ ސާރާގެ މޫނުމަތިވަނީ އުޖާލާވެފައެވެ. ހިތްހަމަޖެހިފައިއިނދެ އެފޯނުކޯލު ނިންމައިލަމުން ސާރާ ލަމްޔާއަށް ގޮވައިގެނެސް އޭނާ ގާތުގައި އިނށީނުމަަށް ބުނެލިއެވެ. ސާރާގެ މޫނުމަތީގައިވި ކުލަވަރުންވެސް ދެކެވެން މިއުޅެނީ ކޮންވާހަކައެއްކަން ލަމްޔާއަށް ވިސްނުނެވެ. ލަދުރަކި ހިނިތުންވުމަކާއެކު ސާރާގެ އެއްފަރާތުގައި އޭނާ އިނށީދެލިއެވެ.
“ތޮއިބާ ގުޅީ.. އެމީހުން ބޭނުންވަނީ ވީހަހައިވެސް އަވަހަށް ކައިވެނި ކުރަން.. ދެހަފުތެރޭގައި އެންމެ ލަސްވެގެންވެސް މިކައިވެނި ކުރެވެން އެމީހުން ބޭނުންވޭ. ދަރިފުޅު ކީކޭ ބުނަނީ؟ މަންމަ އަަށްވެސް ތޮއިބާގެ އެޚިޔާލު ވަރަށް ކަމުދޭ. އެހައި ގޮތްބޮޑުކޮށް ކައިވެނީގެ ވަލީމާ ބާވާކަށް އެމީހުންވެސް ބޭނުމެއްނުވޭ. އެހެންވީމަ މަންމަގެ ހިތް ބުނަނީ ދެހަފުތާތެރޭ ހުރިހައިކަމެއް ހަމަޖެހޭނޭ..” ލަމްޔާގެ އަތުގައި ހިފައިލައިގެންއިނދެ ސާރާ ވާހަކަދައްކަމުންދިޔައިރު އެއަޑުގައިވެސްވަނީ އިންތިހާ ދަރަޖައިގެ އުފާވެރިކަމެވެ. ލަމްޔާވެސް އެގޮތާ އެއްބަސްވުމުގެ ގޮތުން ބޯޖަހައިލިއެވެ. ކައިވެނި ލަސްކުރަންވީ އެއްވެސް ސަބަބެއް އޮތްކަމަކަށް އޭނާއަކަށްވެސް ނުފެނެއެވެ.
ލަމްޔާ ބޯޖަހައިލުމާއެކު ސާރާއަށް އުފަލުންގޮސް ލަމްޔާގެ ގައިގައި އޮޅުލައިގަނެވުނެވެ. އޮފީހުގެ މަސައްކަތްތައް ނިންމައިލުމަަށްފަހު ގެއަށް ވަދެގެންއައި ނުހައިކްގެ ލޮލުގައި ސިޓިންގްރޫމުގައިތިބެ ވާހަކަދައްކަމުންދިޔަ ސާރާ އާއި ލަމްޔާ އަޅައިގަތުމުން އަވަސް އަވަހަށް އެތަނަަށް އައިސް ހުއްޓިލިއެވެ.
“އަޅުގަނޑުނެތި ކޮންވާހަކައެއް މާފޯރީގަ ދައްކާލަނީ؟” ސާރާގެ އަނެއްފަރާތުން އިނށީންނަމުން ނުހައިކް އަހައިލިއެވެ. އެއާއެކު ތޮއިބާ އާއި ދެކެވުނު ހުރިހާ ވާހަކައެއް ސާރާ ނުހައިކްއަށްވެސް ކިޔައިދިނެވެ. އުފާވެލައިފައި ނުހައިކް އިންތަނުން ތެދުވެގެން އައިސް ލަމްޔާގެ ގައިގައި ބައްދައިލަމުން އެމޫނުގައި ލޯތްބާއިއެކު ފިރުމައިލިއެވެ. ނާޒުކުމަލެއްފަދަ އޭނާގެ ކޮއްކޮ ބޮޑުވީ ކޮންދުވަހަކުބާއޭ އޭނާގެ ހިތަަށް އަރަމުންދިޔައެވެ.
“މަންމާ. ބަލާލަބަލަ ލަމް ފޮނިވެފަ އިންވަރު. އެހެންނުވާނީ. ދޮންބެއަށްވުރެ ކުރިން ހަމަޖެހުނީ ލަމްގެ ކައިވެނި ވިއްޔަ. ދޮންބެ މިހެންހުރެ މުސްކުޅިވެގެންދާއިރުވެސް މަންމަ ނޫޅޭ ދޮންބެގެ ކައިވެނި ކުރުވާކަށް.” ލަމްޔާއާއި ދިމާކޮށްލުމުގެ ގޮތުން ނުހައިކް ދެރަވާކަމަށް ހަދައިަލައިފައި ބުނެލިއެވެ. “ދެން ދޮންބޭ” ނުހައިކްގެ ކޮނޑުގައި އަތުންޖަހައި ދުރަށް ކޮށްޕައިލަމުން ލަމްޔާ ހީގަތެވެ. ދެބެންގެ ސަކަރާތުގައި ސާރާވެސް ބައިވެރިވަމުންދިޔައީ ހިނިއައިސްފައި އިނދެއެވެ.
*****
ފާއިތުވެދާންފެށި ދުވަސްތަކާއެކު ސާރާ އާއި ލަމްޔާގެ އިތުރުން ނުހައިކްވެސް އުޅެމުންދިޔައީ ކައިވެނީގެ ތައްޔާރީތައްވުމުގައި ނުހަނު ބުރަކޮށެވެ. އޮފީހުގެ ކަންކަން ބެލެހެއްޓުމުގައި ޝަޔަމްއަށް އެހީތެރިވުމުގެ އިތުރުން ގޭގައި ހޭދަވެގެންދާ ވަގުތުތައް އޭނާ ހުސްކޮށްލީ އޭނާގެ ލޯބިވާ ކޮއްކޮގެ ކައިވެނީގެ ކަންކަމަށެވެ.
ތޮއިބާ އާއި ސާރާގެ ބެލުމުގެ ދަށުން ރަންކިޔުމުގެ ކަންތައް ނިމިގެންދިޔައިރު ލަމްޔާގެ ހިތަށްވެސް ބަޔާންކުރަންދަތި އުފާވެރިކަމެއް އިހުސާސުވަމުންދިޔައެވެ. ޒާއިންގެ ކޮންމެ ސިފައަކާއި ލަމްޔާގެ ހިތްވަނީ ރުހިފައެވެ. މަޑުމައިތިރިކަން ޒާއިންގެ ފުށުން ފެނުނުއިރު އެއީ ލަމްޔާއަށް އެންމެ ބޮޑަށް ގަޔާވެވުނު އެއްސިފައެވެ. ފަހަރުގައިވެސް އޭގެ ފަހަތުގައި ފޮރުވިފައިވި ޒާއިންގެ އަސްލު ސިފައިގެ ހިލަމެއް އޭނާއަކަށް ނުވެއެވެ. އެއިން އެއްވެސްކަމެއް ނޭނގޭހާލު ލަމްޔާ އޭނާގެ ޚިޔާލީ ގަނޑުވަރު ބިނާކުރަމުންދިޔައީ ވަރަށްވެސް ފޮނި އުއްމީދުތަކަކާއި އެކީއެވެ. މިހާރުއްސުރެ އޭނާގެ ކައިވެނިކުރެވޭނެ ދުވަހަކަށް ލަމްޔާއަށް އިންތިޒާރުކުރެވެން ފެށިއެވެ.
*****
ދުވަސްތައް އޭގެ ހަލުވި މިނުގައި ފާއިތުވަމުންދިޔައީ އެއްބައެއްގެ ދިގު އިންތިޒާރަށް އަވަސް ނިމުމެއް ގެނެސްދިނުމުގެ މަގުސަދުގައިކަހަލައެވެ. އިންތިޒާރުކުރަމުންއައި ދުވަސް އައިސްޖެހުނުއިރު އަލަތު ކައިވެނިކުރެވެންއުޅޭ ދެހިތުގެ ވިންދުވެސް ވަނީ ދުވަހަކުވެސް އަވަސްނުވާވަރަށް އަވަސްވެފައެވެ. ލަމްޔާގެ ހިތް އުފަލުން ނަށަމުންދިޔައިރު، ޒާއިންގެ ހިތަށްވަނީ ނުތަނަވަސްކަމެއް ވެރިވެފައެވެ.
ލޯގަނޑުން އަމިލްލަ ސޫރައަށް ބަލަހައްޓައިގެންހުރި ޒާއިންގެ މޫނުގައިވީ ފެންނަމުންދިޔަ އަމިއްލަ ސޫރައާމެދު ގަޔާނުވާފަދަ އަސަރުތަކެކެވެ. ވަގުތުއައިސް ޖެހެމުން ކުރެވެންއުޅޭ ކައިވެންޏާމެދުގައި އޭނާއަށް މާބޮޑަށް ވިސްނެނީއެވެ. ސިކުނޑި އެކައިވެންޏަަށް ދެކޮޅުހެދުމަށް ބުނަމުންދިޔަނަމަވެސް އެހިތް ގޮވަމުން ދިޔައީ ކައިވެނިކުރުމަށެވެ. ހަމައެކަނި އޭނާގެ މިލްކަކަށް އެރީތިރީތި އަންހެންކުއްޖާ ހެދުމަަށެވެ.
ލަމްޔާ ނުފެނި ދުވަސްތަކެއް ފާއިތުވެ ގޮސްފައިވީއިރު އެޗާލު ސޫރަ ދެކިލުމަަށްޓަކައި ބަސްނާހާ އޭނާގެ ހިތް ތެޅިފޮޅެމުންދިޔައެވެ. ދަތްޕިލަޖައްސާ ބާރުކޮށްލަމުން ޒާއިން މަސައްކަތްކުރަމުންދިޔައީ އެއިހުސާސުތައް ހިންދައިލެވޭތޯއެވެ. އެއްގޮތަކަށްވެސް އެފަދަ ކަންކަމާމެދުގައި ޚިޔާލުކުރާކަށް ޒާއިން ބޭނުމެއްނުވެއެވެ. ދެފަރާތަށް ބޯހޫރަމުންދިޔަ ޒާއިންގެ މޫނުމައްޗަށް ރުޅިވެރިކަން ވެރިވެގެންދިޔައީ އޭނާއަށް އަމިއްލަ ނަފުސްގެ އެދުންތައް ކޮންޓްރޯލު ނުކުރެވުމުންނެވެ. އެފަދަ ގޮތަކަށް ލަމްޔާއާއި ދޭތެރޭގައި ދެކެން ބޭނުން ނުވިއެއްކަމަކު އޭނާއަށް އެކަން ކާމިޔާބުވާގޮތެއް ނުވިއެވެ. މޭގެތެރޭގައިވި އޭނާގެ ހިތުގައި ލަމްޔާގެ ތަސްވީރު ކުރެހިފައިވީ ފަނޑުވުމެއްނުވާފަދަ ގޮތަކަށެވެ. އެތައްގޮތަކަށް މަސައްކަތްކޮށްގެންވެސް އެތަސްވީރު ހިތުންފިލާގޮތެއް ނުވިއެވެ.
ފުންނޭވާތަކެއް ލަމުންދިޔަ ޒާއިން މައިތިރިވީ ތޮއިބާގެ އަޑަށެވެ. އޭނާއަށް ގޮވަމުން އެދިމާލަށް އަންނަ ތޮއިބާގެ ފިޔަވަޅުގެ އަޑު އިވުމާއެކު ހަމަޖެހިލަން މަސައްކަތްކުރަމުން ޒާއިން އަނެއްކާވެސް ލޯގަނޑުން ފެންނަމުންދިޔަ އޭނާގެ ސޫރައަށް ނަޒަރު ހުއްޓައިލިއެވެ.
މަޖުބޫރުވެފައިހުރި މީހަކުފަދައިން ލައިގެންހުރި އަތްދިގު ހުދު ގަމީހުގެ މަތިން ކަޅުކުލައިގެ ޖެކެޓް އޭނާލިއެވެ. އަދި އިސްތަށިގަނޑު ރީތިކޮށްލުމާއެކު ގަޔަށް ސެންޓް ބުރުވައިލިއެވެ. އެއާއެކު މުޅި ކޮޓަރިތެރެ އެއްވަސްވެގެންދިޔައީ ޒާއިން ބޭނުންކުރި ސެންޓްގެ ހިތްގައިމު ވަހުންނެވެ.
ހިތްހަމަނުޖެހިފައިހުރެ ޒާއިން އައިސް ކޮޓަރިން ނުކުތެވެ. އެވަގުތަކީ ތޮއިބާވެސް އައިސް އެހިސާބަށް ހުއްޓުނުވަގުތުކަމުން ޒާއިންއަށް ހިނިތުންވެލަމުން އޭނާއާއި އެއްކޮށް އައުމަށް ތޮއިބާ ބުނެލިއެވެ.
“މަންމަ ހީކުރަން މަންމަ ލަދުގަންނަވަރުގެ ކަމެއް އެންމެގެތެރޭ ޒާން ނުކުރާނެކަމަށް.” ތޮއިބާގެ އަޑުގައިވީ އާދޭހެވެ. ވަކި އެއްޗެކޭ ބުނުމެއްނެތި ޒާއިން ހިނަގައިގަތުމުން ފަހަތުން ތޮއިބާވެސް ހިނގައިގަތީ ކަންބޮޑުވެފައި ހުރެއެވެ.
އެތައްފަހަރަކު ގެއިން ނުކުމެގެން ހިނގައިދާނަމޭވެސް ޒާއިންގެ ހިތަށް އަރަމުން ދިޔައެވެ. އިތުރުގޮތެއް އޮތްނަމަވެސް އޭނާ މިކައިވެންޏެއްނުކުރާނެއެވެ. ނަމަވެސް…
ތުންފިއްތައިލި ޒާއިން ހިނގުންބާރުކޮށްލިއެވެ. ސިޑި ގިރާކޮށް ބޮޑުކޮޓަރިއަަށް ފެއިބިއިރު އެތަނުގެ މެދުގައި ބަހައްޓައިފައިހުރި މޭޒު ދޮށުގައި ގާޒީ އާއި ހެކިވެރިން އިނށީދެތިއްބެވެ. ވަށައިގެން ނަޒަރު ހިންގައިލި ޒާއިންއަށް އެރެއަށްޓަކައި އެތަން ތައްޔާރުކުރެވިފައިވީ ފުރިހަމަކަށްފެނި އާޝޯޚުވިއެވެ. މަޑުނޫކުލަ އާއި ހުދުކުލައިގެ އެކިވައްތަރުގެ މަލުން އެތަނުގެ ފާރުތައް ޒީނަތްތެރިކުރެވިފައިވީއިރު ބޮޑުކޮޓަރީގެ މެދުގައި މައްޗަށްވާގޮތަށް ހުރި ބޮޑު ޗާންދަލިޔާވެސްހުރީ ދިއްލައިލައިފައެވެ. އޭނާ ފައިބައިގެންއައި ސިޑީގެ ދެފަރާތްވެސްވަނީ ހުދާއި ނުލުގެ ރެބަނުން ރީތިޑިޒައިނަކަށް ޒީނަތްތެރިކޮށްލައިފައެވެ.
ހުއްޓުންއަރައިފައި އެކިދިމާބަލަން ޒާއިން ހުރުމުން ތޮއިބާ އައިސް އޭނާގެ ފަހަތުން އަތް ޖައްސައިލަމުން ކުރިއަށް ދިއުމަށް އެދުނެވެ. މުޅި ދުވަހު ކޮޓަރިން ނުނިކުމެ އޮތުމުގެ ސަބަބުން ގޭތެރޭގައި ކުރިއަށްދިޔަ އެއިން އެއްވެސްކަމެއްގެ ހިލަމެއް ޒާއިންއަކަށް ނުވެއެވެ. އެއްވެސް ކަމެއްގައި އޭނާގެ އެހީތެރިކަމަށް ޚުދު ތޮއިބާވެސް އެދިފައެއްނުވެއެވެ.
މަޑުމަޑުން އައިސް އޭނާއަށް ޚާއްސަކުރެވިފައިވީ ގޮނޑީގައި ޒާއިން އިނށީނެވެ. ހާސްވެފައިއިން ނަމަވެސް އެކަމުގެ އެއްވެސް އަސަރެއް އޭނާގެ މޫނުމަތިން ފައުޅެއްނުވެއެވެ.
8 ޖަހަން ދިހަމިނެޓަށްވެފައި ހުއްޓައި ގޭގެ ދޮރުމަށްޗަށް ކާރެއް މަޑުކޮށްލިއަޑު އިވުނެވެ. އުފާވެފައިހުރެ އެދިމާއަށް ތޮއިބާ ހިނގައިގަަތެވެ. ޒާއިން އިނށީދެއިނީ ގޭގެ ދޮރާއި ކުރިމަތިވާގޮތަށްކަމުން ދޮރުން ވަންނަ މީހުން އޭނާއަަށް ވަރަށް ސާފުކޮށް ފެނެއެވެ.
ސާރާއާއި ނުހައިކްގެ ދެމެދުގައި ހުދު ކައިވެނީގެ ހެދުމާއެކު އިސްޖެހިފައިހުރެ ވަދެގެންއައި ލަމްޔާ ފެނުމާއެކު ޒާއިން ލައިލައިހުރި ނޭވާވެސް ހިނދުކޮޅަކަށް ހުއްޓުނުކަހަލައެވެ. ދެލޯބޮޑުވެފައި އެރީތި އަންހެންކުއްޖާއާއި ދިމާލަށް އޭނާ ބަލަމުންދިޔައިރު ވަށައިގެންވި މީހުންތައްވެސް އެދެލޯކުރިމަތީގައި ފަނޑުވެގެން ދިޔައެވެ.
މޭޒާއި ދިމާއަށް އަންނަމުންދިޔަ ލަމްޔާއަށް ބަލަހައްޓައިގެންއިން ޒާއިންގެ ހިތަށް އެތައްއެއްޗެއް އަރައިފައިބަމުންދިޔައެވެ. އޭނާފަދަ މީހަކަށް އެނިޔަނެތި އަންހެންކުއްޖާ ހައްގުބާވައެވެ؟ މިއީ ލަމްޔާގެ މައްޗަށްވެވޭ ނާއިންސާފަކަށް ވެދާނެހެއްޔެވެ؟ ލަމްޔާއަށް ހަމަ އެއްވެސް މަޖުބޫރުކަމެއް ކުރިމަތިނުވޭ ބާއެވެ؟ އޭނާގެ ހަގީގަތްއެނގިހުރެ އެފަދަ ކުއްޖަކު އޭނާއާއި އިންނަން ރުހޭނީ ކޮންފަދައަކުން ހެއްޔެވެ؟
ތަފާތު ޚިޔާލުތަކުގައި ބަނދެވެމުންދިޔަ ޒާއިންގެ ސިކުނޑިއަށްވެސް ހިނދެއް ހިނދަކަށް ބާރުކުރަމުން ދިޔައެވެ. ހިތް އެދެމުންދިޔައީ ލަމްޔާގެ ގާތަށް ދިއުމަަށެވެ. އެހެނަސް ސިކުނޑި ވިސްނައިދެމުންދިޔައީ މުޅިން ތަފާތު އެއްޗެކެވެ.
ނަފުސަށްވެރިވަމުންދިޔަ އުނދަގޫ އިހުސާސުތަކާއެކު ފައިމަތީގައިއޮތް ދެއަތް މުށްކަވައިލަމުން ކުއްލިއަކަަށް ގޮނޑި ދުރަަށްޖައްސައިލުމަަށްފަހު ޒާއިން ތެދުވިއެވެ. އެތަންފެނި ސުވާލުގެ ނަޒަރަކުން ގާޒީ ޒާއިންއާއި ދިމާލަށް ބަލައިލިއިރު، ސާރާގެ ފަހަތުން ވަދެގެންއައި ތޮއިބާގެ ދެލޯވެސް ބޮޑުވެގެންދިޔައީ ހާސްވީވަރުންނެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.






