Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރި

ޙާލަތު (ނުވަވަނަ ބައި)

Aayaa
Aayaa Level 410 Stories100 Login100 Comments
September 8, 2022 9 Mins Read
1 Comment

“މައްސަލައެއް ނެތް. ލޯ މަރާ..” ޝިމާލް ބުނެލުމާއެކު ހިޝާމް އޭނާގެ ދެލޯ މަރާލިއެވެ.

“ދަރިފުޅާ ހިޝާމް. ބައްޕަ މިއައީ ރަށަށް. ދޮރު ހުޅުވަބަލަ..” އެވަގުތު ހިޝާމްގެ ކޮޓަރި ދޮރުގައި ޓަކި ދެމުން ވާހަކަދެއްކި ޔޫސުފްގެ އަޑަށް ޝިމާލް ސިހުނެވެ. އެންމެ ސިކުންތެއް ވެސް މަޑުނުކޮށް ކުޑަދޮރުން ފުއްމާލަން ދިޔައެވެ. އެހެންނަމަވެސް ޝިމާލް އަރިއަޅާލީ ހިޝާމް އޭނާގެ ފައިން ޝިމާލްގެ ފައިގައި ޖެހުމުންނެވެ.

“ޝިމާލް…..” ދަންވަރުގެ އެހަމަހިމޭންކަން ނަގާލީ ޔޫސުފް އަޑުގެ ކޮޅަށް ޝިމާލްގެ ނަމުން ބާރަށް ހަޅެއްލަވައިގަތުމުންނެވެ. ޔޫސުފްގެ ފަހަތުން އައި ޕޮލިސް އޮފިސަރުން ޝިމާލް ހިފެހެއްޓިއެވެ.

ނާއިކް އެނދުގައި ތެޅި ފޮޅެނީއެވެ. އާދަޔާ ޚިލާފަށް އޭނާގެ ސިކުނޑިއަށް ވަރުބަލި އިހުސާސެއް ކުރެވެމުން ދިޔައެވެ. ނިދޭތޯ އުޅި އެކަން ކާމިޔާބުވާ ގޮތެއް ނުވިއެވެ. ކުއްލިއަކަށް އޭނާއަށް އެނދުން ތެދުވެވުނެވެ. އަދި ވަށައިގެން އެނބުރެން ފެށިއެވެ. ބަލައިލާ މީހަކަށް ނާއިކް ހުރީ ހަމައެއްގައި ނޫންކަން އެނގޭނެއެވެ. ބުރު ނޭނގޭ ވަރަށް ނާއިކް އެނބުރުމަށްފަހު ވެއްޓެން ދިޔައެވެ. ބިންމަތީގައި ޖެހުނު އަޑެއްވެސް ނުއިވުނެވެ. ދެން ނާއިކް ވަށާލީ އަޅިކުލައިގެ ބޯ ދުންތަކެކެވެ. އެ ދުންތައް އެތަނުގައި އިރުކޮޅަކު އެނބުރުމަށް ފަހު ގެއްލުނު އިރު ނާއިކްއެއް ނެތެވެ.

ބާވެފައި ހުރި ޓިނުތަކުގެ ތެރެއިން ހަލާކުވެފައި ހުރި ލޯވަޅުތަކުން އަލި ފޭދިގެން އައިސް އެފަޅުގެ ތެރެއަށް ވަދެއެވެ. އެނޫން އަލި ކަމެއް މުޅި އެތަނުގައިވެސް ނެތެވެ. ވަށައިގެން އިވެމުން ދިޔައީ ބިމުގެ އަޑީގައި އުޅޭ ފަނިފަކުސާ ގޮވާ އަޑެވެ. ވަށައިގެން ނަޒަރު ހިންގާލިއަސް ފެންނަނީ މަކުނު ވާ ތަކެވެ. ސިކުންތުކޮޅަކަށް ހިމޭނުން އޮތުމަށްފަހު ނާއިކްގެ ކޮޓަރިއަށް ވަތް ދުންތައް އެތަނަށް ވަނެވެ. އެދުންތަށް އެތަނުގެ ވަށައިގެން އެނބުރުމަށްފަހު ގެއްލުނު އިރު ނާއިކް އޮތީ އެ ގެގަނޑު ތެރޭގައެވެ. ހަމަ އެއާއެކު ނާއިކް ކޮޅަށް ތެދުވިއެވެ.

ދެލޯ އުނގުޅާލުމަށް ފަހު ލޯ ހުޅުވާލި ނާއިކްއަށް ސިއްސައިގެން ގޮސް ފަހަތަށް ޖެހެވުނީ އޭނާއަށް ހުރެވުނު ތަނާމެދު ބިރުގަތުމުންނެވެ. ނިދީގައި އޮވެގެން އޭނާއަށް މިތަނަށް އާދެވުނީ ތޯ ހިތް ސުވާލު ކުރިއެވެ. ހަމަ އެވަގުތު އެތަނަށް ރަތް ދެލޯ ފާޅުވެ އޭތީގެ ބަރު އަޑު އިވުނެވެ.

“ހަހަހަ.. ކަލޭ ބިރުގަނެއްޖެ ދޯ..” އެއަޑު އިވުމުން ނާއިކްގެ ދެލޯ ބޮޑުވިއެވެ.

“އް. އަހަރެން.. މި.. ތަނަށް.. ގް..ގެ..ނައީ..އް.. އަހަރެންގެ.. ކޮން ކުށެއް.. އް.. އޮތީމަތަ؟” އަޅަ އަޅައިގަންނަމުން ނާއިކްއަށް ބުނެވުނީ ފެން ކަޅިވަމުން ދިޔަ ދެލޮލަކާއި އެކީގައެވެ.

“ހަހަ. ތިޔައީ ކިޔެވުމުގައި މޮޅުވީމަ ވާގޮތް. ދެންވެސް ކިޔެވުމަށް ފަރުވާ ކުޑަކޮށްލާފަ އުޅެނިކޮށް މިކަމުން ސަލާމަތް ވެދާނެ.. ކަލޭ ބޭނުން ގޮތެއް.. ހަހަ..” އޭތީގެ ބިރުވެރި އަޑު އިވުނީ ނާއިކްގެ ފަހަތުންނެވެ. ނާއިކް ފަހަތަށް އެނބުރުނު އިރު އޭނާގެ މޫނުމަތި ވަނީ ރަތް ވެފައެވެ. އެމޫނުމަތިން ފެންނަނީ ރުޅިކަމެއް ނުވަތަ ބިރުވެރިކަމެއް ކަން ދޭހަކުރަން އުނދަގުލެވެ.

“ހީކުރީ އަހަރެން ތިކަން ކުރާނެ ކަމަށް ތަ؟ އުހުނ ނުކުރާނަން. އަހަރެން ދުވަހަކުވެސް ކިޔެވުމެއް ނުހުއްޓާނަން އިރާދަކުރެއްވިއްޔާ.. ބިރު ނުދައްކާ ހުންނާނީ..” ނާއިކް އަޑު ހަރުވެގެން ދިޔައެވެ. އޭނާގެ އަޑުގައި ޖެހިލުންވުމެއް ނެތެވެ.

“ހެހެ. ތިޔަކަހަލަ ވާހަކަ ދައްކަން ވާނީ އަހަރެންނަކީ ކާކު ކަން އެނގިގެން. އަހަންނަކީ ރޯޒާ. އަހަރެން އަދި ތި ފެންނަނީ ރަތް ދެލޮލެއްގެ ސިފައިގަ ދޯ. ބޭނުންތަ އަސްލު ސިފަ ބަލައިލަން..” މަލާމާތުގެ ރާގެއްގައި ރޯޒާ ބުނެލިއެވެ.

ހަމަ އެއާއެކު ނާއިކްގެ ކުރިމަތީ އިން ރަތް ދެލޯ ބޮޑުވާން ފެށިއެވެ. އެދެލޯ ބޮޑުވެ އޭނާއަށް ވުރެ އިސްކޮޅުން ބޮޑުވި ފަހުން އެއްޗެއްގެ ސޫރައެއް ފާޑު ޖެހެން ފެށިއެވެ. ބޮޑު ރަތް ދެލޮލެއް އަޑި ޖަހާފައި އިން އިރު ދެބުމަ ހުރީ އަނގުރު އަލިފާން ކުލައިގައެވެ. ނޭފަތްވެސް އަޑި ޖަހާފައި އިން އިރު އަނގައިގައި ހުރި ދަތެއް ވިއްޔާ ހުރީ ބޭރަށް ނިކުމެފައެވެ. ތުންފަތް ހިމަ ކޮށް އިން އިރު އެތުންފަތުގެ އެކި ތަންތަނުން ލޭތިކި ފައިބާ ހުއްޓެވެ. މޫނުމަތީގެ އެކިތަންތަނުންވެސް ލޭގެ އަސަރު ފެންނަން ހުއްޓެވެ. ބޮލުގެ ދެފަރާތުގައި ކަޅު ކުލައިގެ ދެދަޅު އިން އިރު އެދެދަޅުގެ ކޮޅު އިނީ ރަތް ކުލައިން ދިއްލިފައެވެ. ދަގަނޑު ހެދުމެއްގައި އެ ނުބައި އެތި ހުރިއިރު އޭގެ ފައި ފެންނާކަށް ނެތެވެ. ދެއަތުގެ ކަށިތައް ބޭރަށް ނިކުމެފައި ހުރި އިރު އަތުގެ ނިޔަފަތިތައް ހުރީ ދިގުވެފައެވެ.

ނާއިކްއަށް އެމަޚުލޫޤު ފެނުން ވަގުތު އޭތި ގެއްލެން ފެށިއެވެ. ރަތް ދެލޮލަކަށްވެ އެލޯ ކުޑަވަމުން ގޮސް ނާއިކްއަށް ކުރިން ފެންނަ ދެލޯ ވަރު ވެއްޖެއެވެ. ހަމަ އެއާއެކު އެމަޚުލޫޤުގެ އަޑު އިވުނެވެ.

“ހަހަހަ.. ދެންވެސް ހަމަ ހުރީތަ؟ އަހަރެންގެ ބާރެއްވެސް ދައްކާލަ ދީފާނަން..” މިފަހަރު ނާއިކްގެ ވަށައިގެން އަޑު އެކޯ ވަމުން ދިޔައެވެ.

“އަހަރެންގެ ކުށަކީ ކޮބައިތަ؟ ކިޔެވުމަކީ ކޮންމެ މީހަކަށްވެސް ކުރެވިދާނެ ކަމެއް. އެއީ އެމީހަކު ކުރާ މަސައްކަތުގެ ނަތީޖާ. އަހަރެންވެސް ބުރަ މަސައްކަތެއް ކޮށްގެންނޭ މޮޅު ވަނީ.” ނާއިކްގެ އަޑުގައިވީ ވޭނާއި އާދޭހެވެ. ޝަކުވާއިން ފުރިފައިވީ އަޑެކެވެ.

ނަމަވެސް ދެން އިތުރު އެއްވެސް އެއްޗެއް އަޑެއް ނުއިވުނެވެ. ނާއިކް އެހުރިތަނަށް ބިންމައްޗަށް ވެއްޓެން ދިޔައީއެވެ. މިފަހަރުވެސް ދުންތައް އަރާ ގެއްލުނު އިރު ނާއިކް އެތަނުގައެއް ނެތެވެ.

އަނެއް ދުވަހު ނާއިކް ސުކޫލަށް ދިޔައީ ސިޔާދާއަށްވެސް ފެނިނުލައެވެ. ސުކޫލަށް ދިޔަ މަގުމަތިން އޭނާއަށް ރޭގަ ފެނުނު މަޚުލޫޤުގެ ބޮލުގައި އިން ދެދަޅު އެހެންމީހުންގެ ބޮލުން ފެންނަމުން ދިޔައެވެ. ނާއިކްއަށް އެމީހުން ފެނުމުން ސިހިގެން ދެއެވެ. ނާއިކް އެންމެ ހައިރާންވީ އެދަޅު އިންނަނީ އޭނާ އެންމެ ގާތްކޮށް އުޅޭ މީހުންގެ ބޮލުގައި ކަމަށް ވާތީއެވެ. އަދި އެމީހުން އޭނާއަށް ބަލައިލައިފާ ދޭ ހިނިތުންވުމުގައި ނުބައެއް ފޮރުވިފައި ވާހެން އޭނާއަށް ހީވެއެވެ.

އިރު އަރައިގެން އައި ވަގުތު މުޅި ރަށުތެރޭ ދެކެވެން ފެށީ ޝިމާލް ހިޝާމްއަށް ބިރުދައްކައިގެން އުޅުނު ވާހަކައެވެ. ޝިމާލް ޕޮލިސް ސްޓޭޝަން ގައި ބަންދުގައި ހުއްޓެވެ.

**އެއް މަސް ފަސް**

ކޯޓުން ނިކުމެގެން އައި ހިޝާމް ހުއްޓިލީ ފުލުސް ވެހިކަލާ ފުދޭވަރަކަށް ކައިރީގައެވެ. އެވަގުތު ބިޑިއަޅުވައިގެން ޝިމާލްއާ ރާއިފްގެ އިތުރުން މާޖިދުވެސް ކޯޓުން ނެރުނެވެ. ހިޝާމް ފަހަރަކު މީހެއްގެ މޫނަށް ބަލައިލިއެވެ. ކުރެވުނު ކަމާމެދު ދެރަވި އެކަކުވެސް އެތަނުގައި ހުރި ހެނެއް ހިޔެއް ނުވެއެވެ. ކުއްވެރިން އަރުވައިގެން ޕޮލިސް ޖިޕް ދުއްވާލުމާއެކު ހިޝާމްއަށް ހިތްހަމަ ޖެހުމުގެ ނޭވައެއް ދޫކޮށްލެވުނެވެ. ފާއިތުވި މަސްދުވަސް ތެރޭގައި ކުރެވުނު ކަންކަމާމެދު އޭނާ އަމިއްލަ ނަފްސަށް ފަޚުރުވެރިވެވުނެވެ. މިއަދަކީ ކުށްވެރިންނަށް އޭގެ އަދަބު ލިބުން ދުވަހެވެ. ޝިމާލްމެންނަށް ފަސްއަހަރު ދުވަހެއްގެ ޖަލު ހުކުމެއް އިއްވުނީއެވެ.

ޝިމާލް ހައްޔަރުކުރެވުނު ދުވަހާ ޖެހިގެން އައި ދުވަހު ހިޝާމް މާލެދާން ފުރީ އޭނާގެ ބައްޕަގެ އެންގުމަށެވެ. ހިނގާދިޔަ ހާދިސާއަށް ފަހު ދަރިފުޅު ރަށުގައި ބެހެއްޓުމަށް ބައްޕައަށް އުނދަގޫވީއެވެ. އެންމެ ގާތް އެކުވެރިޔާ ދޫކޮށް ހިޝާމް މާލެފުރީ އެއެކުވެރިޔާވެސް އެކަނި ޙާލަށް ދޫކޮށްލާފައެވެ. ނަމަވެސް ކޮންމެ ދުވަހަކުވެސް ހިޝާމްއާ ނާއިކް ފޯނުން ގުޅައިގެން ވާހަކަ ދައްކައެވެ. އެކަކު އަނެކަކުގެ ހާލު ބަލައެވެ.

ޖަލުގެ ދެތޭރި ދޭތެރެއިން ބޭރަށް ބަލަހައްޓައިގެން ހުރި މީހާ ހުރީ ފުން ވިސްނުމެއްގައެވެ. އެއީ ވޭތުވެ ދިޔަ ދުވަހުގައި އޭނާގެ ހާލަތެވެ. ޖަލުގެ ކަނެއްގައި ބިއްޖެހިފައި އިނދެދާނެއެވެ. މީހަކާ ވާހަކައެއް ނުދައްކައެވެ. ކާ އެއްޗެއް ގެނައަސް ނުކައެވެ. ހީވަނީ އޭނާ އިނީ ޝޮކެއްގައި ހެންނެވެ.

“ޝިމާލް. ކައެ ކިހިނެއްވެފައިތަ ތިހުންނަނީ. މިތަނުން ނިކުންނަން ގޮތެއް ހޯދަން ވެއްޖެއްނު.” ޖަލުގެ ތެރެއިން އޭނާގެ ކޮނޑުގައި އަތް އަޅަމުން ވާހަކަދެއްކީ ރާއިފްއެވެ. އެވާހަކަ ޝިމާލްގެ ކަންފަތަށް ފޯރި ހެންނެއް ހިއެއް ނުވެއެވެ. ނޫނީ އަޑު އިވޭ ކަމަށް ނުހަދަނީ އެވެ.

“ޝިމާލް. ކައެ ކޮން ބައްޔެއް ޖެހިފައިތަ ތިހުރީ؟ އެނ.” ރާއިފްގެ އަޑު ހަރުވެގެން ދިޔައެވެ. ނަމަވެސް ޝިމާލްއަށް ކަމެއް ވާކަން ވެސް ރެއަކާ ނުލައެވެ. ޝިމާލްގެ އެއްވެސް ޖަވާބެއް ނުލިބުމުން ރާއިފް ދިޔައެވެ.

ރޭގަނޑުގެ ވަގުތު ނާއިކް ފިލާވަޅުތައް ހަދަމުން ދަނިކޮށް ސިޔާދާ އައިސް އޭނާ އަތަށް ފޯނު ދިއްކޮށްލިއެވެ. ސިޔާދާ ފެނުމުން ނާއިކްއަށް ގޮނޑީގައި އިނދެވެސް ފަހަތަށް ޖެހިލިއެވެ. ކޮޓަރިތެރެއަށް ނަޒަރު ހިންގާލި ސިޔާދާއަށް އެވަގުތު އެކަން ފާހަގަނުވީ ކަންނޭނގެއެވެ. ސިޔާދާގެ ފޯނުން ނާއިކްއަށް ގުޅީ ހިޝާމްއެވެ. ނާއިކް ސުކޫލުގައި ދިން ފިލާވަޅުތައް ކިޔައިދިނުމުން ހިޝާމްވެސް އޭނާ ސުކޫލުގައި ކުރި ކަންތަކުގެ ވާހަކަ ކިޔައިދެއެވެ.

އާދައިގެ މަތިން މިރޭވެސް ގެނައި ކާއެއްޗެހި ހުރި ގޮތަށް ގެންދަން ޖެހުނެވެ. ޝިމާލް އެތަށިން އެތިކޮޅެއް ނުކެއިތާ އެއަށް ބަލައިވެސް ނުލިއެވެ. ރާއިފް އައިސް ޝިމާލްއާ ވާހަކަދެއްކުމުން ޝިމާލް އެއްޗެކޭ ނުބުނުމުން ރާއިފް މިފަހަރު ދިޔައީ ރުޅިގަދަވެފައި ހުރެއެވެ. ދެތިން މިނެޓު ފާއިތުވި ފަހުން ޝިމާލްގެ ކަންފަތުގައި ޖެހުނީ ރާއިފްއާ މާޖިދުގެ ޒުވާބުގެ އަޑެވެ. އެއަޑު ބާރުވަމުން ގޮސް އެތަނުން އެއްޗެހި އުކަން ފެށި އަޑު އިވުމުން، ކުރުގެޅިގެން އިން ޝިމާލް  ކުޑަކޮށް ބަލައިލިއެވެ. އެވަގުތު މާޖިދުގެ ބާރު ހަޅޭކުގެ އަޑާއި އެއްވަރަށް ރާއިފްގެ ހަޅޭކުގެ އަޑު އިވުނެވެ. ޝިމާލް ކޮޅަށް ތެދުވި ވަގުތަކީ ޖަލު ބަލަހައްޓާ ފުލުހުން އެތަނަށް ވަދެގެން އައި ވަގުތެވެ.

މަންޒަރު ފެނުނު ޝިމާލްގެ ބޮލަށް ގޮތެއް ނުވިއެއްކަމަކު ކިރިޔާ ލޭ ފެންނަ އިރަށް ހޮޑުލާ ކުއްޖަކު ހޭނެތިގެން ވެއްޓުނީސްކަން ޔަގީނެވެ. މާޖިދުގެ ކަރުގައި ނިޔަފަތި އެޅިފައި ހުރިއިރު އެތަނުން ހުއްޓުމެއްނެތި ލޭ އަންނަމުން ދިޔައެވެ. މަސްގަނޑުން އެއްބައި ފެންނަމުން ދިޔަ ގޮތުން ބޯ އެނބުރުން އަރާނެކަން ޔަގީނެވެ. ރާއިފްގެ މޫނުމަތީގައި ނޫފައިގަނެފައި ހުރިއިރު އޭނާގެ ކަރުގައިވެސް ނިޔަފަތި އެޅިފައި ހުއްޓެވެ. ރާއިފްގެ ކަރުގެ މަސްގަނޑުން އެއްބައި ނެއްޓިފައި އޮތް އިރު ތޫނު ހަތިޔާރެއް ނެތިވެސް އެމީހުން މާރާމާރީއެއް ހިންގާނެކަން ޔަގީންވެއެވެ.

ޖަލު ބަލަހައްޓާ ފުލުސް މީހާ އެމީހުން ދުރުކުރަން އުޅުނު ވަގުތު މާޖިދު އެމީހާގެ ފައިގައި ހިފާ ވައްޓާލިއެވެ. ޕޮލިސް ޓްރެއިނިންއެއް ނެހެދިއެއްކަމަކު މާޖިދުމެން މާމޮޅުހެން ބައެއްފަހަރު ހީވެއެވެ. މާޖިދުއަށް އެހެންކަމެއް ނުކުރެވެނީސް އޭނާ ބިންމައްޗަށް ވެއްޓިއްޖެއެވެ.

އޭރު ބިންމަތީގައި އޮތް ރާއިފް ކުރު ނޭވާތަކެއް ލަމުން ދިޔައެވެ. އޭނާގެ ލޮލުގެ ކަޅި އޮތީ މައްޗަށް އަރާފައެވެ. ހަމަ އެވަގުތު ރާއިފް ތެޅިގަނެ އަތުގައި ވަރެއް ނެތް ހާލުވެސް އަތް ހިއްލަން މަސައްކަތް ކުރަމުން ދިޔައެވެ. ހިވާ ގޮތުން އޭނާ ކަރުގައި އަތްލަން މަސައްކަތް ކުރަނީއެވެ. ދެންފެނުނީ އަޖައިބު ކުރުވަނިވި މަންޒަރެކެވެ. ރާއިފްގެ ކަންފަތުންނާއި ނޭފަތުން ލޭ ފާއިބަން ފެށި މަންޒަރެވެ. އެވަގުތު ޖަލުގައި އުޅޭ އޮފިސަރުން ރާއިފް ސްޓެރަޗާރ އަކަށް ލައިގެން އެތަނުން ނެރެން ގެންދިއައެވެ. އެހެންކަމުން ޝިމާލްއަށް މަންޒަރު ފެނުނީ އެވަރަށެވެ.

ރާއިފް ނެރުނުތާ މިނެޓެއް ނުވަނީސް މާޖިދުވެސް ސްޓްރެޗާރ އެއްގައި އެތަނުން ނެރެވުނެވެ. އޭރު މާޖިދުގެ ދެލޯ މެރި އޭނާ ހިމޭންވެއްޖެއެވެ.

އެ ދެމީހުން އެތަނުން ނެރެވުމުން ޝިމާލް ދެންވެސް އިންތަނަށް ތިރިވެ މަޑުން އިނީއެވެ. ހަމަ އެވަގުތު އޭނާގެ އަތުގައި ބިޑި އެޅުވުމަށްޓަކައި ފުލުސް އޮފިސަރެއް އައެވެ. އެއަށްފަހު އޭނާ އެހެން ގޮޅިއަކަށް ގެންދެވުނެވެ.

ނޫސްތަކުގެ ފަލަ ސުރުހީއަށް މިޚަބަރު އަރައިގެން ދިޔައީ ނުހަނު ހަލުވި މިނުގައެވެ. މާރާމާރީ ހިންގި ދެމީހުންގެ ވާހަކައެވެ. އޭގެ ތެރެއިން އެކަކު އެމްބިއުލާންސްގެ ތެރޭގައި މަރުވި ވާހަކައެވެ. ދެން މީހާ ދުނިޔޭގައި ހުރުމާމެދު ޑޮކްޓަރުން އުންމީދު ކަނޑާލާފައިވާ ވާހަކައެވެ.

ބޮޑު ކަންތައް ގަނޑެއް ލޯ ކުރިމަތީގައި ހިނގުމުން ޝިމާލްއަށް އަނެއްކާވެސް ސުވާލުތަކަކަށް ޖަވާބުދޭން ގެންދެވެނުވެ.

ޖެހިގެން އައި ދުވަހުގެ ހެނދުނު ނާސްތާ ޝިމާލްއަށް ގެންދެވުމުން އޭނާ ނުކައި އެއަށް ބަލަހައްޓައިގެން އިނީއެވެ. އެއަށްފަހު އޭނާ ދުލުގައި ނެތް ހިތްވަރެއްލައި ވާހަކަ ދައްކަން ފެށިއެވެ.

“ސާރ. އަޅުގަނޑު ބޭނުން ނަމާދުކުރަން. އަޅުގަނޑު ބޭނުން ދީނާއި މެދު އުނގެނެން. އަޅުގަނޑުގެ ވަގުތު ޖެހުމުގެ ކުރިން ތައުބާވާން. އާޚިރަތަށްޓަކައި ހެޔޮ އަމަލެއް ކުރަން. ސާރ. ހެލްޕް މީ.” އިސްދަށަށް ޖަހައިގެން އިނދެ ޝިމާލް އެހެން ބުނިއިރު އޭނާގެ ދެލޮލުން ކަރުނަ ފައިބައެވެ.

“އާދެ. އަޅުގަނޑުމެން އެހީވާނަން. އެކަމަކު ކައިގެން ނޫންތޯ އިންނަން ވާނީ؟ ނުކައި އިނދެ އަމިއްލަ ހަށިގަނޑަށް ގެއްލުން ދިނުމަކީ ގޯސް ކަމެއްނު. މިހާރު ތިންވަނަ ދުވަސް މިއީ ނުކައި އިންނަތާ..” އެޕޮލިސް އޮފިސަރ ޝިމާލްއަށް ތަށި ދިއްކޮށްލަމުން ބުނެލިއެވެ. ޝިމާލް ތުރުތުރު އަޅަމުން ދިޔަ އަތަކާއި އެކު އެތަށީގައި ހިފާ ކާން ފެށިއެވެ. ކައި ނިމުމަށްފަހު ޝިމާލްއަށް ދީނާއި ބެހޭ ފޮތްތަކެއް ލިބުނެވެ. އޭނާއަކީ ކުޑައިރު ވަރަށް ގިނައިން ފޮތް ކިޔާ އުޅުން ކުއްޖަކަށް ވާތީ ނުހަނު ޝައުގުވެރިކަމާއެކު ފޮތްތަށް ކިޔަން ފެށިއެވެ.

އެފޮތްތައް ކިޔަމުން ދިޔަ ވަރަކަށް ޝިމާލްއަށް ރޮވެމުން ދިޔައެވެ. ﷲގެ ރަޙްމަތުގެ ތަނަވަސްކަން އެނގުމުން ޝިމާލް އެފޮތް އޭނާގެ މޭގައި ޖައްސާލިއެވެ. އަދި ހަމަ ވަގުތުން ނަމާދު ކުރަން ބޭނުންވިއެވެ. އެކަމަށްޓަކައި އޭނާ ކޮޅަށް ތެދުވި ވަގުތަކީ މެންދުރު ނަމާދު ބަންގި ގޮވަން ފެށި ވަގުތެވެ. އަށް އަހަރަށްފަހު ހެޔޮ ނިޔަތެއްގައި ނަމާދު ކުރެވުމުން އޭނާއަށް ނޭނގޭ އުފާވެރިކަމެއް އިޙްސާސް ކުރެވުނެވެ. ހަމަ އެވަގުތު އޭނާއަށް އޭނާގެ މަންމަމެން މަތިން ހަނދާންވެގެން ދިޔައެވެ. އެއާއެކު އޭނާގެ މާޒީ މަތިން ހަނދާންވެގެން ދިޔައެވެ.

**

އުމުރުން ސޯޅަ އަހަރުގެ ޝިމާލްއަކީ ރަށުގައި އެންމެ ބަސްއަހާ ކުދިންގެ ތެރެއިން އެކަކެވެ. ދީނުގެ މާގިނަ މަޢުލޫމާތު ނޭނގުނަސް ސުވަރުގެ ދިއުމަށްޓަކައި މަސައްކަތް ކުރާ ކުއްޖެކެވެ. ފަސްއިރު ނަމާދުކޮށް ޤުރުއާން ކިޔަވާ ކުއްޖެކެވެ. ވީވަރަކުން ދީނާއި މެދު އުނގެނެން މަސައްކަތް ކުރެއެވެ. ޝިމާލްގެ މަންމަ އާއި ބައްޕައަކީވެސް ފުދޭވަރަކަށް ދީންވެރި ބައެއް ކަމުން އަބަދުވެސް ދެނީ ރަނގަޅު ނަޞޭޙަތްތަކެވެ. ހުރި ހަމައެކަނި ދަރިފުޅު ރަނގަޅު ކުއްޖެއްގެ ގޮތުގައި ބޮޑުވަމުން އައިތީ އޭނާގެ މަންމައާއި ބައްޕަ ތިބީ ނުހަނު އުފަލުންނެވެ. އެކަން އެނގޭ ކޮންމެ ފަހަރަކު ޝިމާލްވެސް ރަނގަޅު ކުއްޖެއްގެ ގޮތުގައި ހުރެވޭތޯ ތަކުރާރުކޮށް ދުޢާ ކުރެއެވެ.

އޯލެވެލްގައި ރަނގަޅު ނަތީޖާއެއް ލިބުމާއެކު އިތުރަށް ތަޢުލީމު ޙާސިލް ކުރުމަށްޓަކައި އޭނާގެ މަންމަމެން އެރަށް ކައިރީގައި އޮތް ރަށަށް އޭނާ ފޮނުވިއެވެ. އަތުގައި ފައިސާ ހުއްޓެއްކަމަކު އޭނާގެ މަންމަމެން އޭނާ މާލެ ފޮނުވާކަށް ބޭނުމެއް ނުވެއެވެ. ކުޑަ ޗުއްޓީއެއް ލިބުނަސް ރަށަށް އާދެވޭހާ ކައިރީގައި އޮތް ރަށަކަށް ދިއުމަކީ ޝިމާލްވެސް ބޭނުންވި ގޮތެވެ. މާލޭކަހަލަ ތޮއްޖެހުން ބޮޑު ތަނަކަށް ދިއުމަކީ ޝިމާލް އެންމެ ފޫހިވާ ކަމެވެ.

ކަންތައްތައް ބަދަލުވީ އެރަށަށް ދިއުމަށްފަހުއެވެ. އެރަށުގެ އެންމެ ގޯސް ކުދިން އުޅެމުން އައި ކުލާހަކީ ޝިމާލްގެވެސް ކުލާހެވެ. ފުރަތަމަ ޝިމާލްއަށް އެކަމާމެދު ރުޅި އާދެވުނަސް ފަހަކަށް އައިސް ޝިމާލްއަށް ގޯސްކަންތައް މޮޅުކަމެއްގެ ގޮތުގައި ފާހަގަވާން ފެށިއެވެ. ގޯސް ކުދިންގެ ތެރޭގައި އެންމެ އިސްކޮށް އުޅެނީ ރާއިފްއެވެ. ޝިމާލް ފުރަތަމަ އެކުދިންނާ ރައްޓެހި ވެވޭތޯ ބެލިއެވެ. ހީކުރި ވަރަށްވުރެ ފަސޭހައިން އެކުދިންނާ ރައްޓެހި ވެވުމުން ޝިމާލްއަށް ފަޚުރުވެރިވެވުނެވެ. ގޯސްކަމެއް ކުރަން އެޅުނު ދެވަނަ ފިޔަވަޅަކީ ރޭގަނޑު ގިނަ ވަގުތު ބޭރުގައި އުޅުމެވެ. އަހިވަކާޖެހި އަހިވަށް ފާވާހެން ޝިމާލްގެ އުޅުން ގޯސްވެގެން ދިޔައީ ނުހަނު އަވަހަށެވެ. ޗުއްޓީ ލިބުމުން ރަށަށް ދިޔަ ނަމަވެސް ފަހުން އައިސް އޭނާ ރަށަށް ދިއުން ހުއްޓާލިއެވެ. މަންމަމެންގެ ފޯނުކޯލު ތަކަށް ޖަވާބުދެނީވެސް ހިތަށް އެރިއްޔާއެވެ.

އެއަހަރު ނިމުނު އިރު ޝިމާލްގެ ނަތީޖާ އޮތީ ދަށްވެފައެވެ. އެކަން އެނގުނު ޝިމާލްގެ ބައްޕަ ޝިމާލް ބަލައި އެރަށަށް ދިޔައެވެ. އަދި ރަށަށް ގެންގޮސް ނަޞޭޙަތް ދިނެވެ. އުޅެވުނީ ކިހާ ގޯސްކޮށް ކަން އެނގުންވުމުން ޝިމާލް ދެރަވިއެވެ. އަދި އުޅުން އިޞްލާޙުކޮށް ކުރިން އުޅުންގޮތް ދޫކޮށްލަން ޢަޒުމު ކަނޑައެޅިއެވެ. ނަތީޖާއަކަށްވީ އެޗުއްޓީގައި ޝިމާލް އަނެއްކާވެސް ބަދަލުވުމެވެ. ބަރާބަރަށް ނަމާދުކޮށް ބަސްއެހުމެވެ. އެހެންކަމުން ޖެހިގެން އައި އަހަރުވެސް ޝިމާލް އެރަށަށް  ކިޔަވަން ފޮނުވިއެވެ. ޝިމާލް އެރަށަށް ދިޔައީ އޭނާ މަންމަމެންގެ ގާތު ބަސްއަހާނަން ކަމަށް ވަޢުދުވެގެންނެވެ.

މިފަހަރު އޭނާއާ ކުލާހުން ދިމާވީ މަޑުން އިންނަ ކުއްޖަކާއެވެ. އެކަމާމެދު ޝިމާލް ނުހަނު ހިތްހަމަ ޖެހުނެވެ. މާޖިދުއަކީ ކިޔަވަން މަސައްކަތް ކުރާ ކުއްޖެކެވެ. އޭނާއަކީ ޝިމާލްއަށް ކުރިންވެސް ބައްދަލުވި ކުއްޖެކެވެ. ޓޮޕްޓެން ޖަލްސާއަށް މާލެއަށް ދިޔައިރު އޭނާއިން ގޮނޑިއާ ޖެހިގެން އިން ގޮނޑީގައި އިން ކުއްޖަކީ މާޖިދުއެވެ. މާޖިދުވެސް ވަނީ ޓޮޕްޓެންގެ ހަތަރުވަނަ ހޯދާފައެވެ. ރަށަށް އައިސް މާޖިދުއާ ގުޅޭތޯ ބެލިނަމަވެސް އެކަން ނާކާމިޔާބުވުމުން ޝިމާލް ފުދޭވަރަކަށް ދެރަވެސް ވިއެވެ.

ޝިމާލްގެ ޢަޒުމާ އެއްގޮތަށް އޭނާ އެއަހަރު ކިޔެވުން ނިންމާލީ ނުހަނު މަތީ ނަތީޖާއަކާ އެކުއެވެ. ޝިމާލްއާ އެއްވަރަށް މާޖިދުވެސް ވަނީ ނުހަނު މަތިން ފާސްވެފައެވެ. ޝިމާލް އެފަހަރު ރަށަށް ދިޔައީ ނުހަނު އުފަލުންނެވެ. އެންމެ ފުރަތަމަ ގޮސް މަންމަގައިގައި ބައްދާލެވުނެވެ. އެވަގުތު އޭނާއަށް ނޭނގި އޭނާގެ ލޮލުން ކަރުނަ ފައިބައިގެން އައެވެ.

ރަށަށްއައިސް މިފަހަރުވެސް މާޖިދުއާ ގުޅޭތޯ އުޅުނު ނަމަވެސް މިފަހަރުވެސް އެކަން ނާކާމިޔާބުވީއެވެ. އިނާމު ދިނުމުގެ ރަސްމިއްޔާތަށް ޝިމާލް ދިޔައީ މާޖިދުއާ ބައްދަލުވާނެ ކަމުގެ އުންމީދުގައެވެ. އެކަން ކާމިޔާބުވެސް ވިއެވެ. ނަމަވެސް މިފަހަރު މާޖިދުގެ މަޑުމައިތިރި ކަމުގެ ފަހަތުގައި އެހެން ކަމެއް ފޮރުވިފައިވާކަން ޝިމާލްއަށް ފާހަގަވިއެވެ.

އެއްރެއަކު މާޖިދުއާއެކު ރެސްޓޯރަންޓަކަށް ދިޔައިރު އޭނާ އެހެން ރަޙުމަތްތެރިންތަކެއްވެސް އެތާ ތިބޭނެ ވާހަކަ ބުންޏެވެ. ޝިމާލްއަށް އެތަނުން ފެނުނީ އެންމެ ދަންނަ މޫނެކެވެ. އެއީ ރާއިފްއެވެ. ރާއިފްގެ އިސްތަށިގަނޑު ދިގު ކުރެވިފައިވާއިރު ކަރުގަޔާ އަތުގައި ޗޭނު އެޅުވިފައި ހުރުމުން ޝިމާލް ނުރުހުންވިއެވެ. މީހާގެ ހަށިގަނޑު ގުދަށް އޮތް އިރު ކަނާއަތުގެ އިނގިލިތަށް ވަނީ ކަޅުވެފައެވެ.

އެރެއަކީ އަނެއްކާވެސް ޝިމާލްގެ އުޅުން ބަދަލުވާން ފެށި ރެއެވެ. ގިނަވަގުތު ބޭރުގައި އުޅެން ފެށުނެވެ. ރައްޓެއްސެއްގެ ގާތަށްކަމަށް ބުނެ މަންމަމެންނަށް ވަގަށް މާޖިދުގެ ގެއަށް ދެވެން ފެށިއެވެ. އެހާހިސާބުން ޝިމާލްއަށް ދިމާވީ ބޮޑު ގޭންގަކާއެވެ. ޝިމާލްއަށް މިފަހަރު އެއާ ގާތްވެވުނީ ދުރުނުވެވޭ ވަރަށެވެ.

ޝިމާލްގެ މަންމައާ ބައްޕަ އެތަށް ނަޞޭޙަތެއް ދިނެއްކަމަކު މިފަހަރު އެމީހުން ކުރިމަތީ އަޑުލައި އެމީހުންނަށް އަތް އިސްކުރަން ފެށިއެވެ. ޝިމާލްގެ ބައްޕަމެން ރަށަށް ދިޔައީ އޭގެ މަހެއް ފަހުން ޝިމާލް އެމީހުންނާ ވަގަށް ރާއްޖެއިން ބޭރަށް ފުރުމުންނެވެ.

އެދުވަހުން ފެށިގެން ޝިމާލްއަށް އޭނާގެ މައިންބަފައިންނާއި ބައްދަލެއް ނުވެއެވެ. އެމީހުން އުޅޭ ރަށަށް ފައިއެޅުމަކީ މަނާކަމެއް ކަމަށް ޝިމާލް އަމިއްލަ ނަފްސަށް ވިސްނައިދިނެވެ. ރާއްޖެއިން ބޭރުގައި އުޅުމަށްފަހު ޝިމާލްމެން މާލެއަށް އައިތާ ދުވަސްކޮޅަކަށް ފަހުން އެމީހުން ޖަލަށް ލެވުނެވެ. އެހެންނަމަވެސް އެތަނުން ފިލައިގެން ޝިމާލްމެން އެނބުރި އައީ އޭނާ އޭލެވެލް ކިޔަވަން އައިސް ހުރި ރަށަށެވެ.

**

އެއާއެކު އޭނާ މަންމަގެ ގާތަށް ދާން ބޭނުންވިއެވެ. ނަމަވެސް އޭނާ ފުރަތަމަ ބޭނުންވީ މަންމަ ފަޚުރުވެރިވާ ފަދަ މީހަކަށް ވާށެވެ. އެއާއެކު އޭނާގެ ހިތުގައި ދުވަހަކުވެސް މީހަކަށް ގުޑުވާނުލެވޭނެ ފަދަ ޢަޒުމެއްވިއެވެ. އުފާވެރިކަމުން ފުރާލި ހަޔާތަކަށް ޝިމާލްއަށް މަރުހަބާ ކިއީ، ނާއިކްގެ ހަޔާތް ތޫފާނަކާއި ކައިރިއަށް ގެންދަމުން ދިޔަ ވަގުތުއެވެ.

ހަފްތާއެއް ފާއިތުވެގެން ދިޔައީ އަމާން އެހެނަސް ބިރުވެރިކަމުން ވަށާލެވިފައިވާ ހިތަކާއެކުއެވެ. މީހުންނާ ކުރިމަތިލާން ނާއިކްއަށް ފަސްޖެހެވެނީ އެމީހުން އޭނާއަށް ދޭ ވިހަ ހިނިތުންވުން ތަކުންނެވެ. ކޮންމެ ރެއަކު ނިދާ ގަޑީގައި ރަތް ދެލޯވެސް އޭނާއަށް ވިހަ ހިނިތުންވުމެއް ދިނުމާއެކު ކޮންމެސް ގޯނާއެއް ކުރެއެވެ. އެއްރޭ ބޮކި ނިއްވާ ދިއްލަން ފަށާފާނެއެވެ. ދެން ރެއަކު އަލަމާރި މަތީ ހުރި އެއްޗެހި ވަރާފާނެއެވެ. އެކަމުގެ ސަބަބުން ނާއިކްއަށް ހަމަ ނިދިލިބޭ ގޮތެއް ނުވިއެވެ.

ހުކުރު ދުވަހު ހެނދުނު ހޭލި ވަގުތު ނާއިކްއަށް، އެނދުގެ ހެޑްބޯޑު މަތި ފެނުމާއެކު ފުންމައިގެން ތެދުވެވުނެވެ. އެތަނުގައި ހުރި އެއްޗެއް ވިއްޔާ ހުރީ ބިންމައްޗަށް ފައިބާފައެވެ. ނުވި ތާކަށް މުޅި އެތަނަށް އޮތީ ހިރަފުސް އަޅާފައެވެ. އައި ރުޅީގައި ނާއިކް ދެއަށް މުށްކަވާލަމުން ފާރުގައި ޖަހާލިއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި ދުވެފައި ގޮސް ކޮޓަރި ދޮރު ތަޅުލިއެވެ. ނާއިކްއަށް ދޮރު ތަޅުލެވުނީ ކިރިޔާއެވެ. ސިޔާދާ ކަންބޮޑުވެފައި ނާއިކްއަށް ގޮވަމުން އައިސް ކޮޓަރި ދޮރާ ހަމައަށް އަތުވެއްޖެއެވެ.

“ދަރިފުޅާ.. ކިހިނެއް ތިހެދީ؟ ދަރިފުޅު ރަނގަޅުތަ؟” ކަންބޮޑުވެފައި ސިޔާދާ ބުނެލިއެވެ. ނާއިކް ދެންވެސް ދެއަތް މުށްކަވާލުމަށްފަހު ދެލޯ މަރާލިއެވެ. އެއަށްފަހު ފުންނޭވައެއް ލަމުން ދެލޯ ހުޅުވާލިއެވެ.

“މަންމަވެސް. އަހަރެން އޯކޭއޭ. ދޭބަލަ ސައި ތަށްޓެއް ގިރައިދޭން. ހޫނުކޮށް އިނގޭ. އެބަދަން ސައިބޯން.” މޫނުމައްޗަށް ހިނިތުންވުމެއް ވެރިކުރަމުން ނާއިކް ބުނެލިއެވެ. އެއާއެކު ސިޔާދާ ހޫނއޭ ކިޔާފައި ދިޔައެވެ.

ހަމަ އެވަގުތަކީ އެރަތް ދެލޯ އެތަނަށް ފާޅުވި ވަގުތެވެ. ނާއިކްއަށް ދަތްކުނޑި ވިކާލެވުނެވެ.

“ކަލޭ ހަމަ މިހާރު މިތަން ސާފުކުރޭ..” އަޑަށް ބާރުލަމުން ނާއިކް ބުނިބަސް އެކޮޓަރިތެރޭ ގުގުމައިގެން ދިޔައެވެ. ހަމަ އެވަގުތު ނާއިކްއަށް ދެލޯ ބޮޑޫކޮށްލެވުނީ މަންމައަށް އަޑުއިވިދާނެތީއެވެ.

“މަށެއް ނުޖެހޭނެ ކަލޭ ބުނާ ކަމެއް ކުރާކަށް.. ކަލޭ މަގޭ ބުނި ކަމެއް ނުކުރި.. އަދަބު އަޚުލާގުވެސް ނެތި ދިޔައީތަ؟ މަށަށް ކަލޭއޭ ކިޔަން؟” ނުރުހުމުގެ ރާގަށް އޭތި ބުނެލި އަޑު އިވުނީ ނާއިކްގެ ކަންފަތް ބުޑުންނެވެ. އެއަޑު ތިން ފަހަރު ތަކުރާރުވެގެން ވެސް ދިޔައެވެ.

އެއަށްފަހު ދުންގަނޑެއް އެރުމަށްފަހު އެރަތް ދެލޯ ގެއްލިގެން ދިޔައެވެ. ނާއިކް މިފަހަރުވެސް ދަތްކުނޑި ވިކާލަމުން ކޮޓަރިތެރެ ތަރުތީބު ކުރަން ފެށިއެވެ. އެހެންކަމުން އޭނާއަށް ކާން ދެވުނީވެސް އޭގެ ގަޑީރެއް ފަހުންނެވެ. ނާއިކްގެ ނަސީބު ކަންނޭނގެއެވެ. ނާއިކްއަށް ސައިހެދުމަށްފަހު ސިޔާދާ ދިޔައީ އޭނާގެ އެކުވެރިއަކަށް ގޮވާލާށެވެ.

ހުކުރަށް ދިއުމަށްޓަކައި ފެންވަރައިގެން ފާހަނައިން ނިކުންނަން ދިޔަ ނާއިކް ދޮރުގެ ތަޅުގައި ހިފާ ކޮށްޕާލިއެވެ. ނަމަވެސް އެދޮރެއް ނުހުޅުވުނެވެ. ބޭރުން ދޮރުގެ ތަޅުގައި މީހަކު ހިފައިގެން ހުރިހެން އޭނާއަށް ހީވެގެން ދިއުމުން ނާއިކްގެ ގާތަށް މިފަހަރުވެސް ރުޅިއައެވެ. މިނެޓެއް ވަންދެން ހުރުމަށްފަހު ދޮރުގައި ހިފާ ކޮށްޕާލި ނާއިކް ނުވެއްޓުނީ ކިރިޔާއެވެ. ދޮރު ހުޅުވޭނެ ކަމަށް ނާއިކް ހީވެސް ނުކުރެއެވެ. މިއަދު މާވަރަކަށް އެއެތީގެ އުނދަގޫ ބޮޑުވަނީ ކީއްވެތޯ ނާއިކްގެ ހިތަށް އެރިއެވެ.

ހުކުރުން ގެއަށް އައި މަގުމަތީ ނާއިކްއަށް އެކިގޮތްގޮތުން އޭތި އުނދަގޫ ކުރަމުން ދިޔައެވެ. ގެއެއްގެ ފާރުގައި ބޮނޑެއްގެ ސިފަޖެހިގެން އޮތުމަށްފަހު ނާއިކްގެ ގަޔަށް ފުންމާލީ އޭނާ ނުވެސް ވިސްނާ ހުއްޓައެވެ. މިހުރިހާ ކަމެއް ވަމުން ދިއުމުން ނާއިކްގެ ރުޅިގަނޑު ދިޔައީ ކޮންޓްރޯލް ނުކުރެވޭ ވަރަށް ގަދަވަމުންނެވެ.

ނާއިކްއަށް ގެއަށް ވަދެވުނު ވަގުތަކީ ސިޔާދާ ކާގެއިން ނިކުތް ވަގުތެވެ. ނާއިކްއަށް މިއަދު ސިޔާދާގެ ފަރާތުން އެހެން ތަފާތެއް ފެނުނެވެ. ކުރިން ފެންނަ ދެދަޅުގެ އިތުރުން ސިޔާދާގެ ގައި ވަށައިގެން ނޫކުލައިގެ ދުންތަކެއް އެނބުރެމުން ދިޔައެވެ. އެކަމާމެދު ނާއިކް ބިރުގަތެއްކަމަކު އިސްޖަހާލަމުން ގޮސް ކޮޓަރިއަށް ވަނެވެ.

“ދަރިފުޅު ނުކަނީތަ؟ މިހާރު ހާދަ ދުރުން އުޅޭހެން ހީވެއޭ މަންމައަށް.” ސިޔާދާގެ އޮމާން އަޑު ނާއިކްއަށް އިވުނީ ކުރަކި އަޑެއް ގޮތަށެވެ. އެވަގުތު ނާއިކްގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ.  މަންމަ ކިތަންމެ ދެރަވިއަސް ނާއިކްއަށް ދެން މަންމައާ ކައިރިއަކު ނޫޅެވޭނެއެވެ. މަންމަ ކައިރިއަށް ދިއުމަށް އޭނާ މިހާރު މާބޮޑަށްވެސް ޖެހިލުންވެއެވެ.

“އިރުކޮޅަކުން ދާނީ އިނގޭ..” ފާރަށް ލެނގިލަމުން ނާއިކް ބުނެލީ ފުދޭވަރަކަށް މަޑުންނެވެ.

ނާއިކް ކާން ނިކުތީ ސިޔާދާ އާދަކޮށް ކޮންމެ ހުކުރު ދުވަހު ބަލަމުންދާ ޕްރޮގްރާމް ފެށުން ގަޑީގައެވެ. މަޑުމަޑުން ކޮޓަރިން ނިކުމެގެން ގޮސް ކާގެއަށް ވަދެ ތަށްޓަށް ބަތާއި ކުކުޅު އަޅައިގެން ކާންފެށިއެވެ. ކައި ނިންމާލުމަށްފަހު އެހެން ދުވަސްތަކާއި ޚިލާފަށް ނާއިކް ދިޔައީ ކާމޭޒުމަތީގައި ހުރި ތަށިތަށް ނަގާ އެތަން ރީތި ކޮށްފައެވެ. ހަމައެހާ މަޑުން އައިސް ކޮޓަރިއަށް ވަނީ ކުރިމަތިވާން އުޅޭ ބޮޑު ތޫފާނުގެ ހަމަ އެއްވެސް ހިލަމެއް ނުވާ ހާލުގައެވެ.

އަސުރު ނަމާދުން ގެއަށް އައިސް ވަތް ނާއިކްއަށް މުޅި ގޭތެރެ ފެނުނީ އަނދިރި ޖަންގައްޔެއް ގޮތުގައެވެ. ގެއަށް އައިސް ސިޓިންގ ރޫމު ދޮރު ހުޅުވާލުމަށްފަހު ކުރިއަށް އެޅި ދެތިން ފިޔަވަޅަށްފަހު އޭނާ ސިއްސައިގެން ދިޔައީ ނުހަނު ބާރަށް ދޮރު ލެއްޕުން އަޑު އިވިފައެވެ. އެއާއެކު މުޅި އެތަނަށް ކަނު އަނދިރިކަން ވެރިވެގެން ދިޔައެވެ. މީހަކު އައިސް އޭނާގެ ދެލޮލަށް އިނގިލި ކޮށްޕާލިއަސް ނޭނގޭނެއެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Aayaa
Follow Me Written By

Aayaa

Level 410 Stories100 Login100 Comments

Other Articles

Previous

ހޯދަން ނޭދެން ލޯތްބެއް ތިޔަ ނޫން… 19

Next

ތިޔަ ލޯބީގައި…10

Next
September 8, 2022

ތިޔަ ލޯބީގައި…10

Previews
September 8, 2022

ހޯދަން ނޭދެން ލޯތްބެއް ތިޔަ ނޫން… 19

One Comment

  1. Aayaa Aayaa says:
    September 8, 2022 at 4:20 pm

    Salaam dear readers,
    I’m taking a break for few weeks..
    I sincerely appreciate all of your support.. Keep waiting..!

Comments are closed.

Next Episodeޙާލަތު (ދިހަވަނަ ބައި)←


All Right Reserved!