ހިޝާމް ސިހިގެން ދިޔައީ އޭނާ ފިލާވަޅު ހަދާ މޭޒުގެ ކައިރީގައި ހުރި ކުޑަދޮރުގައި މީހަކު ޓަކިޖެހި އަޑު އިވުނީމައެވެ. ތިންވަރަކަށް ފަހަރު އެޓަކި ތަކުރާރުވުމަށްފަހު ދެން އިވުނީ ބަރު އަޑަކުން އޭނާ ގާތު ދޮރުހުޅުވުމަށް އެދޭ އަޑެވެ. ނަމަވެސް ޖެހިލުންވެފައި ހުރުމުގެ ސަބަބުން ހިޝާމްއަށް އެދޮރު ހުޅުވާކަށް ނުކެރުނެވެ. އެއަޑު ތިން ފަހަރަށް ތަކުރާރު ވުމަށްފަހު ދެން އޭނާއަށް އައީ އިންޒާރެކެވެ. އަމިއްލައަށް ދޮރު ނުހުޅުވައިފިނަމަ ދޮރު ވައްޓާލާފައިވެސް ކޮޓަރިއަށް ވަންނާނަން ކަމެވެ. އެއަށްވެސް އޭނާ ބީރު ކަންފަތެއް ދިނީ ޖެހިލުންވެފައި ވީލެއް ބޮޑުކަމުންނެވެ. ހިތާހިތުން އޭނާ ސަލާމަތް ކޮށްދެއްވުން އެދި ﷲގެ ހަޟްރަތަށް ދުޢާ ދެންނެވެމުން ދިޔައެވެ.
ހިޝާމްއަށް ނޭވާ ހިފަހައްޓާލެވުނީ ހުޅުވާފައި ހުރި ފެންލައިޓުން މީހެއްގެ ހިޔަނި އެޅުމުންނެވެ. މަތި ބަލައިލި ހިނދު އޭނާއަށް ފެނުނީ ރަށުގެ ނަން މަޝަހޫރު ގޭންގުގެ ބޮޑު މީހާއެވެ. އެމީހާ ހިޝާމްއަށް ބަލައިލަމުން ވިހަ ހިނިތުންވުމަކާއެކު ކޮޓަރި ތެރެއަށް ފުންމާލީ ނުހަނު ފަސޭހަކަމާއެކުއެވެ. ހިޝާމްއަށް ތަނެއް ހިރުވާލަންވެސް ނޭނގިފައި އިންދާ އެ ޒުވާނާ ،އާދެ ޝިމާލް އޭނާ ގާތަށް އަންނަން ފަށައިފިއެވެ.
“ކިހިނެއްވެފަ ތިހުންނަނީ؟ އަހަރެން ފެނުނީމަ ކަމެއް ކުރަންވެސް ނޭނގިފަ ދޯ.. ވާހަކައެއް ދައްކާލަނަން މިއައީ. މިރޭ އެއްވެސް ކަމެއް ނުކުރާނަން. އެކަމަކު އަހަރެން ބުނާކަމެއް ނުކޮށްފިއްޔާ.. ހެހެހެ..” ހިޝާމް ލޯ ކުރިމަތީ އަތް ހޫރުވާލަމުން ޝިމާލް ބުނެލިއެވެ. އެއާއެކު ހިޝާމްއަށް ވިސްނުނީ އޭނާ މިވަގުތު ހިތްވަރާއެކު ކޮޅަށް ތެދުވަން ޖެހޭނެކަމެވެ.
“މާތްﷲ އަހަރެންނަށް ރައްކާތެރިކަން ދެއްވާނެ އިންޝާ ﷲ..” ހިޝާމް ސާބިތު އަޑަކުން ބުނެލިއެވެ.
“ސޯ މީ ޗެލެންޖެއް. ކާކުތޯ މޮޅުވަނީ. އިނގިދާނެތާ ދޯ. ކަލޭ ޖެހޭނީ ކަލޭގެ މަޤާމުން ވަކިވާން. ސުކޫލުގެ ވައިސް ކެޕްޓަންކަމާ، ޕްރިފެކްޓް ކަމާ.. ކަލޭ ކިޔެވުމުންނާ ތިހުރިހާ ހުނަރުތަކެއް ބޭނުން ކުރުން ހުއްޓާލާ. ކިޔެވުމުގައިވެސް ކަލޭ ޖެހޭނީ ދަށްވާން. އެހެންނޫނީ މަރާލަން ކަލޭ. މަރާލާނަން. އަދި އެއްވާހަކަ. މަގޭ މިތަނަށް އައި ވާހަކަ އެއްވެސް މީހެއް ކައިރީ ބުނެފިއްޔާ ހަނދާން ކުރާތި.. އުމުރު ދުވަހު ކަލޭ ހަނދާން ހުންނަ ވަރުގެ އަދަބެއް ދޭނަން.” ޝިމާލް ހިޝާމްއާ ދިމާއަށް ޝަހާދަތް އިނގިލި ދިއްކޮށްގެން ހުރެ އިންޒާރެއް ދިނެވެ.
“ތިޔައީ ކުށްހީއެއް. ﷲ އަހަރެންނަށް ޠާބިތުކަން ދެއްވާށި. އަހަރެން އަހަރެންގެ ގޮތުގައި ﷲ އަހަރެންނަށް ދެއްވި ނިޢުމަތްތަކާއެކު ކުރިއަށް ދާނަން. އިންޝާ ﷲ…” ޝިމާލް ދިން އިންޒާރުތަކެއްގެ ސަބަބުން ހިޝާމްގެ އަނގަ ބަންދުވާން އުޅުނެއްކަމަކު ދެންވެސް ހިތްވަރާއެކު ވާހަކަދެއްކިއެވެ.
“މިދިނީ އިންޒާރެއް… ވިސްނައިގެން އުޅޭތި..” ނުބައި ހިނިގަނޑެއް ޖަހާލަމުން ހިޝާމްއަށް އިތުރު އެއްޗެއް ބުނުމުގެ ފުރުސަތެއް ނުދީ ޝިމާލް ކުޑަދޮރުން ފުންމާލައިގެން ދިޔައެވެ.
ހިޝާމް އަވަސްއަވަހަށް ގޮސް ކުޑަދޮރާ ފެންލައިޓު ލައްޕާލިއެވެ. އެވަގުތަކީ ނަފީސާ ބޭރުން ގެއަށް އައިސް ވަތް ވަގުތެވެ.
“ދަރިފުޅާ.. ނުނިދަނީތަ އަދިވެސް..” ހިޝާމްގެ ކޮޓަރި ދޮރުގައި ޓަކި ޖަހާލަމުން ނަފީސާ ލޮތްބާއެކު އަހާލިއެވެ.
“ލަ.. ލައްބަ.. މަންމަ ނާންނާތީ ނުނިދިފަ. މި.. މި ނިދަން.. ތައްޔާރުވާން.. އުޅެނީ..” އަޅައަޅައިގެން ހިޝާމްއަށް ބުނެވުނެވެ.
“އެހެންތަ؟ ސަލާމަތުން އެބަ ހުރިން ދޯ. ހެހެ..” ނަފީސާ ހިނިތުންވެލީކަން ހިޝާމްއަށް އެނގުނެވެ.
ސިޔާދާ ނިދަން ވަނުމުގެ ކުރިން ނާއިކްގެ ކޮޓަރި ތަޅުގައި ހިފާލިއެވެ. ކުރިއެކޭ އެއްގޮތަށް އެދޮރުވަނީ ތަޅުލެވިފައެވެ. އެހެންނަމަވެސް އެތެރެއިން ނާއިކް އޯކަށް ދެމޭ އަޑު އިވެއެވެ. އެވަގުތު ސިޔާދާގެ ހިތަށް ބިރުވެރިކަން ވަނެވެ. ދޮރުގައި ޓަކި ޖަހާލަން ހިތަށް އެރިއެއްކަމަކު އެކަން ކުރާކަށްވެސް ނުކެރުނެވެ. ކޮޓަރިތަކުގެ ޑަބަލް ތަޅުދަނޑި ގެންނަން ހިތަށް އެރުމާއެކު އޭނާގެ އަމިއްލަ ނަފްސަށް ނުރުހުން ވެވުނެވެ. ނާއިކް ދޮރު ނުހުޅުވާން ހުއްޓާ އޭނާ ދޮރުހުޅުވުމުން ނާއިކް އޭނާދެކެ ރުޅިއައިސް ދާނެ ކަމަށެވެ. ސިޔާދާ ހިތްވަރު އެލުވާލާފައި ދާން އެޅި ފިޔަވަޅާއެކު އޭނާއަށް އެނބުރި އެކޮޓަރިއާ ދިމާއަށް ބަލައިލެވުނީ ބިންމަތީގައި އެއްޗެއް ޖެހުނު އަޑަށެވެ. އެއްޗެއް ނޫނެވެ. ނާއިކް ވެއްޓުން އަޑެވެ. ސިޔާދާ ރޮއެގަންނަމުން އޭނާގެ ކޮޓަރިއާ ދިމާއަށް ދުއްވައިގަތެވެ. އަދި ކަބަޑުގެ ބިއްދަށުގައި އޮތް ދަޅަކުން ތަޅުދަނޑި ފައްޗެއް ނެގިއެވެ. އެއަށްފަހު އޭތި ހިފައިގެން ނާއިކްގެ ކޮޓަރިއާ ދިމާއަށް ދުއްވައިގަތެވެ.
ކޮޓަރި ދޮރު ހުޅުވާލި ސިޔާދާ ދިޔައީ ސިއްސައިގެންނެވެ. މިހުރިހާ ދުވަހު ސާފުތާހިރުކޮށް އޮތް ކޮޓަރިއަށް ސުނާމީއެއް އަރާފައިވާ ފަދައެވެ. ހެދުން އަލަމާރީގައި ހުރި އެއްޗެއް ވިއްޔާ ހުރީ މުށިގަނޑު މަތީއެވެ. އެނދުގެ ބެޑްޝީޓް އޮތީ އެއްފަރާތަކަށް ކަހާލާފައެވެ. އެނދުގައި އޮންނަ ދެ ބާލީސް އޮތީ ވަށް ގުޅަތަކެއް ހެންނެވެ. ކިޔަވާ މޭޒުމަތީ ހުރި ފޮތްތައްވެސް އޮތީ އެއްވެސް ތަރުތީބެއް ނެތި އުކާލާފައެވެ. ވަގުތުތައް ބޭކާރު ނުކޮށް ސިޔާދާ އަވަހަށް ގޮސް ފާޚާނާ ދޮރު ހުޅުވާލިއެވެ.
އޭނާއަށް ދުވެފައި ގޮސް ނާއިކްގެ ގައިގައި ބައްދައިގަނެވުނެވެ. ދެތިން މިނެޓު ރޯން އިނުމަށްފަހު މިފަހަރުވެސް ސިޔާދާއަށް އެހީއަކަށް އެދި ގުޅާލެވުނީ ޒުނާމްއަށެވެ.
“ހޮސްޕިޓަލަށް ނުގެންދައްޗޭ. އަހަރެން މިދަނީ..” އެވަރަށް ބުނުމަށްފަހު ޒުނާމް ފޯނު ކަނޑާލިއެވެ.
ދެތިން މިނެޓު ފަހުން ޒުނާމް ހާސްވެފައި ހުރެ ސިޔާދާމެންގެ ގެއަށް ވަދެގެން އައެވެ. ނާއިކްގެ ކޮޓަރިއަށް ވަތް ވަގުތު ޒުނާމްއަށްވެސް ވީ ސިޔާދާއަށްވެސް ވީކަހަލަ ގޮތެކެވެ. އެހެންނަމަވެސް އަވަހަށް ޒުނާމްގޮސް ފާހަނައަށް ވަނެވެ. ބިންމައްޗަށް ވެއްޓިފައި އޮތް ނާއިކްގެ ގައިގައި އޮޅުލަމުން ދިޔަ ސިޔާދާ ފެނުމުން ޒުނާމް ފުރަތަމަވެސް ސިޔާދާ ދުރުކުރެވޭތޯ ބެލިއެވެ. ޒުނާމް ސިޔާދަ ގާތު ދެތިން ފަހަރަކު ބުނެލުމުން ދެލޯ ފުހެލުމަށްފަހު ސިޔާދާ ނާއިކްއާ ދުރުވިއެވެ. ޒުނާމް ނާއިކް ހިއްލާލައިގެން ގެންދިޔައީ ސިޔާދާގެ ކޮޓަރިއަށެވެ.
އެނދުމަތީގައި ނާއިކް ބޭއްވުމަށްފަހު ޒުނާމް ފޯނު ނަގާ ޤުރުއާން ޕްލޭކޮށްލިއެވެ. ދުނިޔޭގެ މަޝްހޫރު ޤާރީއެއް ކަމަށްވާ ޣާމިދީގެ އަޑުން ސޫރަތުލް ބަޤަރާ ކިޔަވަން ފެށުމުން މުޅި ތަނަށް އަމާންކަން ވެރިވެގެން ދިޔައެވެ. އެރޭގެ ވަގުތު ނާއިކްއަށް އިތުރު ކަމަކާ ދިމައެއް ނުވެއެވެ.
ނާއިކްއަށް ހޭލެވުމާއެކު ފުރަތަމަވެސް ބަލައިލެވުނީ ވަށައިގެންވާ މާޙައުލަށެވެ. ރޭގެ ފަހުން އޭނާއަށް އަމިއްލަ ހަށިގަނޑަށް ބާރު ފޮރުވެން ފެށި ފަހުން ހޭލެވުނު މިއީ ފުރަތަމަ ފަހަރެވެ. ކިތަންމެ ފަހަރަކުވެސް އޭނާ އަމިއްލަ ނަފްސު ކޮންޓްރޯލްކުރަން އުޅުނެއްކަމަކު ކުޑަކޮށްވެސް އެކަން ކާމިޔާބެއް ނުވިއެވެ. ކުއްލިއަކަށް ރޭގެ ހަނދާންތައް އޭނާގެ ސިކުނޑި ވަށާލައިފިއެވެ.
ނާއިކްއަށް ދެލޯ ހުޅުވާލެވުނު އިރު އޮއެވުނީ އޭނާ ވެއްޓުން ތަނުގައެވެ. ތެދުވެ ދުއްވައިގަންނަން އުޅުނު ނަމަވެސް ދަމާބާރަކަށް އޭނާ ދަމައިގަތީ ގަސްބޯ ޖަންގައްޔާއި ދިމާއަށެވެ. އެބާރުގައި އޭނާ ގަސްތަކުގައި މޫނު އަޅައިގަންނަމުން ވަލުތެރޭ ހިނގެމުން ދިޔައެވެ. އޭނާއަށް ހަމަޖެހެވުނީ ފަސްމިނެޓު ފަހުން އޭނާގެ ގެ ހުންނަ މަގަށް ނިކުމެވުނީމައެވެ. އަވަސް އަވަހަށް ގެއަށް ވަދެގެން ދިޔައީ އެއްވެސް މީހަކާ ވާހަކަދައްކާނެ ހިތްވަރެއް އޭނާގެ ނެތީމައެވެ. މަންމަ ވާހަކަދެއްކުމުން ބަހެއް ނުބުނެވުނީވެސް އެހެންވެއެވެ. ކޮޓަރިއަށް ވަދެ ދޮރު ތަޅުލި ވަގުތު އަނެއްކާވެސް ދަމާ ބާރު އޭނާގެ ހަށިގަނޑަށް ވަނެވެ. ކޮޓަރިތެރޭ ހުރި އެއްޗެހި ނަގާ އުކެން ފެށުނީވެސް އެބާރު އޭނާގެ ހަށިގަނޑުގައި ހުރީމައެވެ. އޭނާގެ އަތް ދުރަށް ލާން މަސައްކަތް ކޮށްފިނަމަ އިތުރު އެހެން އެއްޗެއްސަށް ގެއްލުން ދެވެއެވެ. މަންމަމެން ދޮރުގައި ޓަކި ޖެހުމުން ދޮރު ހުޅުވަން ދާން ފިޔަވަޅެއް އަޅަން އުޅެފިނަމަ އޭނާ އެހުރި ތަނަށް ވެއްޓެން އުޅެއެވެ. އެހާލެއްގައި އޭނާ އުޅެނިކޮށް ހޮޑުލަވައިގަތެވެ. ފާހާނާއާ ހަމައަށް ދެވުނު ވަގުތު އޭނާގެ ބޮލުގައި ގަދައަށް ރިއްސައިގަތެވެ. އޯކަށް ދެމޭ ވަރަކަށް ބޮލުގެ ރިހުން ގަދަވެއެވެ. ނާއިކްއަށް ކެތްނުވެގެން ވެއްޓެން ދަނިކޮށް ރަތް ދެލޯ ފާޅުވެ ނުބައި ހިނިގަނޑެއް ޖަހާލާފައި ގެއްލުނެވެ.
“ދަރިފުޅާ. މިހާރު ކިހިނެއްތަ؟ ރޭގަ ކިހިނެއްތަ ވީ؟” ނާއިކް ސިހިގެން ދިޔައީ ކިރުތައްޓަކާ ބިސްކޯދު ޕެކެޓެއް ހިފައިގެން އައި ސިޔާދާ ވާހަކަދެއްކުމުންނެވެ.
“ރޭގަ ކުޑަކޮށް ރުޅި އާދެވުނީ. އެއީ އެވަރު ކަމެއް ނޫނޭ. މަންމަ ހާސްނުވެބަލަ..” ހަމަޖެހިފައިވާ އަޑަކުން ވާހަކަދައްކަމުން ނާއިކް ބުނެލިއެވެ. ނާއިކްގެ އަޑު ކިތަންމެ އޮމާންކަމުގައި ވިއަސް އޭނާގެ ހިތް އޮތީ ހަމަޖެހިފައެއް ނޫނެވެ.
“އެހެންތަ؟ ދޮންބެ ބުނި ދަރިފުޅު ހޭލީމަ ވަގުތުން ގުޅައްޗޭ. ކާގޭގަ ފޯނު ވީ. އެބަ އަންނަން ހިފައިގެން..” ސިޔާދާ ނާއިކްގެ ބޮލުގައި ފިރުމާލަމުން ތެދުވިއެވެ.
“އުހުނ. ފަހުން ގުޅާނީ. ބްރޭކް ފަހުން ސުކޫލަށް ދާނަން..” ސިޔާދާ ތެދުވުމާއެކު ނާއިކްވެސް ތެދުވިއެވެ. އަދި އަތުގައި އޮތް ކިރުތަށި ސިޔާދާ ގެނައި ތަށީގައި ބަހައްޓަމުން ނާއިކް އަވަހަށް ގޮސް ވަނީ އޭނާގެ ކޮޓަރިއަށެވެ.
އެދުވަހު އިންޓަވަލް ކުރިން ނާއިކްއަށް ނުލިބުން ގަޑިތައް ހިޝާމްގެ އެހީއާއެކު ނާއިކްއަށް ލިބުނެވެ. ޓީޗަރަކު ކިޔައިދޭ ވަރަށް ވުރެ ތަފްސީލުކޮށް ހިޝާމް ކިޔައިދޭތީ ނާއިކްއަށް ކުލާހަށް ހާޒިރުނުވެވުން ކަމުގެ އިހުސާސެއްވެސް ނުކުރެވެއެވެ.
މެންދުރު ނަމާދުކޮށްގެން ނާއިކް ކާން ދިޔުމުން ސިޔާދާ ނާހިލްއަށް ގުޅިއެވެ. ކުރިން ހުރިހާ ވާހަކަތަކެއް ކިޔައިދިން ނަމަވެސް މިއަދު ނާއިކްގެ ދުލުން ރޭގެ އެއްވެސް ވާހަކައެއް ނުކިޔައިދިނެވެ.
ހަވީރު ކުޅެން ދިއުމުގެ ބަދަލުގައި ނާއިކްއާ ހިޝާމްވެސް ގޭގައި މަޑުކުރިއެވެ. ނާއިކް ފިލާވަޅުތައް ނިންމާ މުތާލިއާ ކުރަމުން ދިޔައިރު ހިޝާމް އިނީ އޭނާގެ ކޮޓަރީގައި ވިސްނުމެއްގެ ތެރެއަށް ގެއްލިފައެވެ. އިރުކޮޅަކު އެހެން އިނުމަށް ފަހު ހިޝާމް ތެދުވެގެން ގޮސް އޭނާގެ މޭޒުމަތީ އޮތް އޭނާގެ ފޯނު ނެގިއެވެ. އެއަށްފަހު ވައިބާރ އަށް ވަދެ ޗެޓްލޮގެއް ހުޅުވާލަމުން ގުޅަން އިން ފިތަށް އޮބާލިއެވެ. އަދި އެތާ އޮތް ހެޑްފޯނު ނަގައި ފޯނަށް ގުޅާލިއެވެ. ދެތިން ރިންގަށް ފަހު އެކޮޅުން ފޯނު ނެގުމުން ހިޝާމް ވާހަކަ ދެއްކިއެވެ.
“ސަލާމް ދޮންތާ. ކިހިނެއްތަ؟ ފްރީކޮށްތަ ތިއުޅެނީ.؟” އެކޮޅުން ސަލާމް ގޮވާލުމާއެކު ހިޝާމް ބުނެލިއެވެ.
“އާނ ފްރީ މިދުވަސްކޮޅު. ހިޝްކޮ ކިހިނެތް؟ ހާދަ ވަރަކަށް ސުވާލުތަކެއް ކޮށްލީ މާބޮޑު ވާހަކައެއް އޮތީތަ؟” ނައުޝާ ހިނިތުންވުމާއެކު ބުނެލިއެވެ.
“އާނ. ވަރަށް ބޮޑު ވާހަކައެއް ދައްކަން. ގޮތެއް ނިންމަން އުނދަގޫ ކަމުން..” ހިޝާމް މަޑުމައިތިރި އަޑަކުން ވާހަކަދެއްކިއެވެ. ނައުޝާ އިތުރު އެއްޗެއް ނުބުނެ އަޑުއަހަން އިނެވެ. އެކަން އެނގުނު ހިޝާމް ވާހަކަދެއްކިއެވެ.
“ރޭގަ ފިލާވަޅު ހަދަން އިންދާ އެއްކަލަ ޝަމާލް އައިސް ކުޑަދޮރުން ވަނީ.. ބުނީ އަހަރެން ހުރިހާ މަޤާމުތަކަކުން ދުރުވާށޯ.. އޭނާގެ ބޭނުމަކީ ކޮބައި ކަމެއް ނޭނގެ…” ހިޝާމް މަޑުމައިތިރި ކަމާއެކު ބުނެލިއެވެ.
ނައުޝާއާ ހިޝާމް އެތަށް އިރަކު ވާހަކަދައްކަން އިނުމަށްފަހު ފޯނު ބޭއްވީ ރާއްޖެއަށް މަޣްރިބް ނަމާދު ބަންގި ގޮވަން ފެށުމުންނެވެ. ހިޝާމްގެ ތުންފަތުގައި ނުފިލާ ހިނިތުންވުމެއް އޭގެ ފަހުން ވިއެވެ.
އެރޭގެ ވަގުތު ހިޝާމް ފިލާވަޅު ހަދަން އިންދާ ޝިމާލްގެ އުނދަގޫ ޖެހުނެވެ. ޝިމާލް ފުރަތަމަ ފަހަރު ދޮރުގައި ޓަކި ޖަހާލުމުން ހިޝާމް ދޮރު ހުޅުވާލިއެވެ.
“އަނހާ ކޮޔާ.. ހާދަ އަވަހަކަށް ދޮރު ހުޅުވީ. އިނގޭ ވިއްޔަ ދޯ ކުޑަދޮރު ފަޅާފަވެސް ވަންނާނެކަން. މިއަދު އެކަންޏެއް ނޫން މިއައީ. އެބަ އުޅޭ ފޯރި މަރާ ދެތިން މީހަކު.” އާދައިގެ މަތިން ޝިމާލްގެ އަޑުގައި ވަނީ މަލާމާތެވެ.
“ނޫނޭ. ކުޑަދޮރު ފަޅާފަ ވަނަސް އަހަރެން އަހަރެންގެ ގޮތުގައި ހުންނާނަން. ހެހެ.” ހިޝާމްގެ މޫނުމަތީގައި ވަނީ ހިނިތުންވުމެކެވެ. ޝިމާލް އެހެން ބަޔަކު އައި ވާހަކަ ބުނުމުން ހިޝާމް ކުޑަކޮށް ޖެހިލުން ވިއެވެ. ނަމަވެސް ސާބިތުކަން މަތީ ވާހަކަދެއްކިއެވެ. ހިޝާމް އެހާ ހަމަޖެހިފައި ހުރުމުން ޝިމާލް ހައިރާން ވިއެވެ. އޭނާ މިހުރިހާ ދުވަހު މިކަހަލަ ކިތަންމެ ކަމެއް ކޮށްފައި ހުރި އިރު އެ އެންމެންގެ މޫނުމަތިން ފެންނާނީ ބިރުވެރިކަމެވެ. ހިޝާމް ހަމަޖެހެންވީ ކީއްވެ ބާއޭ އޭނާގެ ހިތް ތަކުރާރުކޮށް ބުނަމުން ދިޔައެވެ.
“އެހެންތަ؟ މިރޭ ކަލޭގެ ފަހު ދުވަސްކަމަށް ތައްޔާރުތަ؟” ޝިމާލް ހިޝާމްގެ ކޮނޑުގައި އަތް ބާއްވާލަމުން ބުނެލިއެވެ.
“އާނ. މިރޭ މީ އަހަރެންގެ ފަހު ރެއަށް ވިއްޔާ އަހަރެން ގެންދާނެ ގަޑީގައި މަލަކުލް މައުތު އަހަރެން ބަލައި އަންނާނެ. އަހަރެން އެގަޑިއަށް ތައްޔާރުވާން ޖެހޭނެ. މިރޭ އަހަރެންގެ ފުރާނަ ގެންދަވަން ނެތިއްޔާ ކިތަންމެ އަނިޔާއެއް ކުރިއަސް އަހަރެންގެ ފުރާނަ އަހަރެންގެ ހަށިގަނޑުގައި ހުންނާނެ. އަހަރެންވެސް ސުވާލެ ކުރާނަން. މިއީ ޝިމާލްގެ ފަހު ދުވަސްކަމަށް ޝިމާލް ތައްޔާރުތަ؟” ހިޝާމް ހިނިތުންވެލަމުން ބުނެލިއެވެ. ހިޝާމް ކޮށްލި ސުވާލުން ޝިމާލްގެ ހިތުގެ ތެޅުން އަވަސް ވިއެވެ.
މީގެ ހަފްތާއެއް ކުރިން އޭނާގެ ރައްޓެއްސެއްގެ ބޭބެއެއްވެސް ވަނީ ކުއްލި މަރަކުން މަރުވެފައެވެ. އެހެންކަމުން ޝިމާލްގެ ހިތަށް ނުތަނަވަސްކަން ވެރިވިއެވެ. ނަމަވެސް ހަމަޖެހެމުން ވާހަކަދެއްކޭތޯ ބެލިއެވެ.
“މައްސަލައެއް ނެތް. ލޯ މަރާ..” ޝިމާލް ބުނެލުމާއެކު ހިޝާމް އޭނާގެ ދެލޯ މަރާލިއެވެ.
“ދަރިފުޅާ ހިޝާމް. ބައްޕަ މިއައީ ރަށަށް. ދޮރު ހުޅުވަބަލަ..”
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.



