Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރި

ޙާލަތު (ހަތްވަނަ ބައި)

Aayaa
Aayaa Level 410 Stories100 Login100 Comments
August 30, 2022 5 Mins Read
0 Comments

ހަމަ އެވަގުތު ސިއްސައިގެން ގޮސް ނާއިކްއަށް ހޭލެވުނެވެ. ނާއިކްއަށް ދެލޯ ބޮޑުކޮށްލަމުން ކޮޓަރީގެ ވަށައިގެން ބަލައިލެވުނެވެ. ކޮޓަރީގެ ކަނަކުން ދުންގަނޑެއް އަރަން ފެށިތަން ނާއިކްގެ ލޮލުގައި އަޅައިގަތީ އެވަގުތެވެ.

***

“ދަރިފުޅާ ނާއިކް. ތެދުވޭ ބޭސްކާން. ބޭސްކާ ގަޑި ޖެހިއްޖެއޭ.” މޫނުމަތީގައި ބްލޭންކެޓް އަޅައިގެން އޮތް ނާއިކް ބްލޭންކެޓް ނެގީ ކޮޓަރިތެރެ އަލިވެ ސިޔާދާގެ އަޑު އިވުމުންނެވެ.

“ތެދުވެއޭ މީނީ.” ނާއިކް ހަމަޖެހިފައިވާކަން ދެއްކޭތޯ ބަލަމުން ބުނެލިއެވެ.

“ހިޝާމްއައި ދަރިފުޅަށް ގޮވާލަން. އެއީ ހާދަ ރަނގަޅު ކުއްޖެކޭ ދޯ މާޝާﷲ. އަހަރެން އުފާކުރަން އެކަހަލަ ރަނގަޅު ރަހުމަތްތެރިއެއް އަހަރެންގެ ދަރިއަކަށް ލިބުނީމަ. ދޮންބެވެސް ގުޅި. ދަރިފުޅަށް ނިދިފަ އޮތީމަ މަންމައަށް ވަރަށް ލެކްޗަރ ދީފަ ބޭއްވީ. ހެހެ.” އެނދުކައިރީ ހުރި ކުޑަ މޭޒުމަތިން ބޭސް ކޮތަޅު ނަގަމުން ސިޔާދާ ސަމާސާ ކޮށްލިއެވެ.

“މަންމަ ކޮންތާކުންތަ އިނގިރޭސި ދަސްކުރީ. އެހެންނޫނީ މަންމައަށް ނޭނގޭނެ ޑޮކްޓަރެކޭވެސް ބުނެލަން. މިހާރު ލެކްޗާރ އޭ ވެސް އެބަ ކިޔާ. ދޮންބެގެ ލެކްޗަރ އަޑުއަހާފަތަ ތިހާ ސަމާސާ ބޮޑުވެގެން ތިއުޅެނީ. ގެނެބަލަ. މީ މިހާރު ކުޑަ ކުއްޖެއް ނޫނޭ އަމިއްލައަށް ބޭސް ނުކެވޭ ވަރުގެ.” ސިޔާދާ ބޭސް ގުޅައެއް ނަގާ އޭނާއަށް ލަވަން އުޅުމުން ނާއިކް ބުނެލިއެވެ.

“ދަރިފުޅު ކިތަންމެ ވަރަކަށް އުޅުނަސް ތީ މަންމަގެ ބޭބީ ދަރިފުޅަށް ވާނީ. އާނ ދަރިފުޅު މަންމައާ އަރާރުންވާ ފަހަރަކު ވިއްޔާ ބުނާނެ ތިމަންނަގެ މަންމަ ނޫން އެހެން މީހުންނަށް އިނގިރޭސިވެސް އިނގޭނޭ. ފޫހި މަންމައެކޭ މީ. އެހެންވެ މަންމައަކީވެސް ދަރިފުޅަށް ކަމުދާ ކަހަލަ މޮޅު މަންމައަށް ވޭތޯ މަންމަ ބެލީ. އެހެން އުޅެނިކޮށް މޯލްޑިވްސް ނިއުސްއިން އައި އިސްތިހާރެއްގައި އިނީ އެޑަލްޓްސް އިންގްލިޝް ކްލާސްއެއް ޓީވީ އިން ގެނެސްދޭ ވާހަކަ. ދެން ކޮންމެ ރެއަކު އޭތި ބަލަން ފެށީމަ މިހާރު އިނގޭ ބައިވަރު އެއްޗެހި. ވަރަށް މޮޅު މީހެއް ކިޔަވައިދެނީވެސް. އެވެސް ހާދަ މައުލޫމާތު ލިބޭ އެއްޗެކޭ.” ސިޔާދާ ނާއިކްއަށް ފެންތަށި ދިއްކޮށްލަމުން ބުނެލިއެވެ

“ކޮން އެއްޗެއް؟” ސިޔާދާގެ ވާހަކަ ނިމުމާއެކު ނާއިކް އަހާލިއެވެ.

“ޓީވީ އެއްނު.” ހިނިތުންވެލަމުން ސިޔާދާ ބުނެލިއެވެ.

“މަންމާ. ދޮންބެ ބިޒީކޮށްތަ އުޅެނީ؟” ސިކުންތުކޮޅަކަށް ހިމޭނުން އިނުމަށް ފަހު ނާއިކް ބުނެލީ މަޑުމަޑުންނެވެ.

“ދޮންބެ ބިޒީކޮށް އުޅޭނީ. އެކަމު ދަރިފުޅު ބުނިއްޔާ ދޮންބެ މުޅި ހުރިހާ ވަގުތުވެސް ހުސްކޮށްދޭނެ. ކިހިނެއްވީ؟ ގުޅައިދޭން ވީތަ؟” ސިޔާދާ ނާއިކްއަށް ބަލައިލަމުން ސުވާލުތައް ކޮށްލިއެވެ.

“ހްމްމް” ކުރު ޖަވާބެއް ދިނުމަށް ފަހު ނާއިކް ވިސްނުމެއްގެ ތެރެއަށް ގެއްލުނުވެ. ސިޔާދާ ފޯނު ބަލައި ބޭރަށް ގޮސް އައި އިރު ހުރީ ނާހިލްއަށް ގުޅައިގެންނެވެ. ސިޔާދާ ކޮޓަރި ދޮރު ހުޅުވާލި އަޑަށް ނާއިކް ދިޔައީ ސިހިގެންނެވެ.

ނާއިކްއަށް ފެނުނު ހުވަފެނުގެ ވާހަކައާ އޭނާއަށް ކޮޓަރިން ފެނުނު ރަތް ދެލޮލުގެ ވާހަކައާ ދުންގަނޑުގެ ވާހަކަ ނާހިލް ގާތު ބުނެވުނީ އޭނާގެ އިޚްތިޔާރުން ބޭރުގައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

ނާއިކްގެ ވާހަކަތައް އަޑުއެހުމަށްފަހު ނާހިލް ބުނަންފެށި ބަސްތަކަކުން ނާއިކް ގާތަށް ރުޅި އަންނަން ފެށިއެވެ. ބުނެވުނު ބަސްތައް އަނބުރާ ގެންނަން ބޭނުންވިއެވެ.

“ތި ނޫން އެހެން ވާހަކައެއް ބުނަން ވެއްޖެއްނު ދޯ. ކޮންމެ ފަހަރަކުވެސް ގުޅާފަ ތި ވާހަކައެކޭ ދައްކަނީ. ތި ވާހަކަ އިތުރަށް ދައްކަންޏާ ނާއިކްއަށް ނުގުޅާތި.” ނާހިލް މަޑުކުރާށޭ ކިޔާ އޮއްވާ ނާއިކް ފޯނު ކަނޑާލައިފިއެވެ.

ހިތަށް ވެރިވި މާޔޫސްކަމާއެކު ނާހިލް ސޯފާއަށް ފޯނު އެއްލާލިއެވެ. މޫނުގައި ދެއަތް އެޅި ވަގުތު އޭނާއަށް ނޭނގި ލޮލުން ކަރުނަ ތިއްކެއް އޭނާގެ ދެލޮލުން ފުއްމާލައިފިއެވެ. ހަވީރު ހިޝާމް އެގެއަށް އައުމުން ނާއިކް ރުޅި ގަދަވެ ހުރެވެސް އެދުވަހުގެ ފިލާވަޅުތައް ނިންމިއެވެ.

ހަފްތާއެއް ފާއިތުވި އިރު ނާއިކް ސުކޫލަށް ދާން ފަށައިފިއެވެ. ޒުނާމް އައިސް ނަޞޭޙަތް ދިނަސް އެއީ ނާއިކްއަށް ނުއިވޭ ބަސްތަކެއް ފަދައެވެ. ވޭތުވެ ދިޔަ ދުވަސްތަކުގައި އެއްވެސް އުނދަގުލެއް ނުވާތީ އެވާހަކަތައް އަޑުއަހަން ނާއިކް އެއްގޮތަކަށް ވެސް ބޭނުން ނުވީއެވެ.

“ނާއިކް. މަށަށް ބޯޅަ އެއްލާ. ނާއީ…” ބޯޅަ ހިފައިގެން ދަނޑު ތެރޭ ދުވަމުން ދިޔަ ނާއިކްއަށް ހިޝާމް ގޮވާލިއެވެ. ނާއިކް ހިޝާމްއަށް ބޯޅަ އެއްލިއެވެ. ނަމަވެސް ހިޝާމްއަށް ބޯޅަ ލިބުމުގެ ކުރިން އަނެއް ގުރޫޕުން ބޯޅަ އަތުލައިފިއެވެ.

“ނޯހް.” ނާއިކް ބޮލުގައި އަތް އަޅާލަމުން ބުނެލީ އަނެއް ޓީމުން ގޯލެއް ޖަހާ ތިނެއް ތިނަކުން އެއްވަރުވީމައެވެ.

“ނާއީ ދެން ހިނގާ ގެއަށް ދާން. މިހާރު އެ އިރުއޮއްސެނީ. މަޣްރިބް ނަމާދަށް ދާއިރު ފެންވަރާލަންވެސް ވާނެއްނު.” ހިޝާމް ގަޑިއަށް ބަލާލަމުން ބުނެލިއެވެ.

“އޯކޭ ވާނެ އެންމެ ދުވަހަކު ތަންކޮޅެއް ލަހުން ދިޔަސް. މަޑުކޮށްބަލަ.” ނާއިކް ފަރުވާކުޑަ ޖަވާބެއް ދިނުމަށް ފަހު ކުޅުމައިގެން ދިޔައެވެ. އިރުއޮއްސި ބަންގި ގޮވުމުން ހުރިހާ ކުދިން ގެއަށް ގޮއްސިއެވެ. ނާއިކް ބޭނުންވީ އިރުކޮޅަކަށް ގޮނޑުދޮށަށް ގޮސްލާފައި ގެއަށް ދިއުމަށެވެ.

ރަށުގެ ހުޅަނޑު ފަރާތު ގޮނޑުދޮށާ ދިމާއަށް ހިނގާފައި ދިޔަ ނާއިކް ސިކުނޑީގައި ވަނީ އޭނާއަށް މިދިޔަ ހަފްތާގައި ދިމާވި ކަންތައްތަކެވެ. އެހެންކަމުން އޭނާގެ ހިތުގައި ބިރުވެރިކަމެއްވެސް ވިއެވެ.

ދޮންފަޅޯކުލައިގެ ހިތްގައިމު ވިލާތައް މުޅި އުޑުގައި ރަސްކަން ކުރަމުން ދިޔައެވެ. ތަންކޮޅު ކޮޅުން އެވިލާތަށް ހުންނަ ގޮތް ހާދަ ހިތްގައިމެވެ. ކަނޑުގައި އެއްވެސް ރާޅު ބާންޏެއް ނެތެވެ. ކުދި ކުދި ރާޅުތަށް ހުދުކުލައިގެ ކާފޫރު ވެލިގަނޑުގައި ބޮސް ދީފައި ދެއެވެ. މިދިލި ގަސްތަކުގައި އުޅޭ ކާޅުތައް އިރުކޮޅުކޮޅުން ގޮވައިގަންނަމުން އުދުހިގަނެއެވެ. ނާއިކް ގޮސް ހުދު  ދޮންވެލި ގަނޑުމަތީ އިށީނެވެ. ނާއިކް އިންގޮތުން ފޮޓޯގްރަފާއަކަށް ފެނިއްޖެއްޔާ ކެމެރާ ހިފައިގެން އަންނާނެކަން ގައިމެވެ. ފޮޓޯއެއް ނަގާލަން އެމަންޒަރު އެހާވެސް ފުރިހަމައެވެ.

ނާއިކް އެތާ އިށީންތާ އިރުކޮޅެއް ނުވެ ބައިވަރު ކާޅުތަކެއް ގޮވައިގަންނަމުން އުދުއްސައިގަތެވެ. އެމަންޒަރު ފެނުން މީހަކު ބިރުން ފިތްކަނޑައިގެން ދާނެއެވެ. އެތަން ފެނުނު މީހަކަށް އެކާޅުތައް އުދުއްސައިގަތީ ކިހާ ބިރަކުންކަން ފަހުމް ވާނެއެވެ.

“ނާއިކް.. ނާއިކް.. ނާއިކް..” ފަހަރަކަށް ވުރެ ފަހަރެއް ބާރުވަމުން ތިން ފަހަރަކު ނާއިކްއަށް ގޮވައިލި އަޑު ނާއިކްގެ ކަންފަތަށް ފޯރިއެވެ. ހީވަނީ މީހަކު ނާއިކް ކައިރިއަށް އަންނަނީ ހެންނެވެ. ވަގުތުން ނާއިކް ފަހަތް ބަލައިލިއެވެ. ނަމަވެސް އެއްވެސް މީހަކު ފެންނާކަށް ނެތެވެ.

“ނާއިކް.. ނާއިކް.. ނާއިކް..” ހަމަ އެގޮތަށް އަޑު ތަކުރާރުވެގެން މިފަހަރު އައީ ނާއިކް ކުރިމަތިންނެވެ. ފަހަތަށް ބަލަން އިން ނާއިކް ކުރިމައްޗަށް ބަލައިލިއެވެ. ނަމަވެސް ކުރިއާ އެއްގޮތަށް އެއްވެސް މީހެއް ނުވަތަ އެއްޗެއް ވެސް ފެންނާކަށް ނެތެވެ. ދެން އެއަޑު އައީ އޭނާގެ ވާއަތް ފަރާތުންނެވެ. ނާއިކް އެފަރާތަށްވެސް ބަލައިލިއެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ.

“ނާއީ.. ނާއިކް.. ނާއީ..” މިފަހަރު ކަނާއަތް ފަރާތުންނެވެ. ކުރިއެކޭވެސް އެއްގޮތަށް މީހެއް ފެންނާކަށް ނެތެވެ. ދެތިން ފަހަރު މިގޮތަށް ތަކުރާރުވާން ފެށުމުން ނާއިކްގެ ހިތް އޮބިނޯންނަ ވަރަށް ތެޅެން ފަށައިފިއެވެ. ނާއިކް ކޮޅަށް ތެދުވެ ވަށައިގެން އެނބުރެން ފެށީ އެމީހެއް ފެނޭތޯއެވެ. ނަމަވެސް ނާއިކް އެނބުރުން އަރައިގެން އިރުވެސް މީހެއް ފެންނާކަށް ނެތެވެ. އެންމެ ފަހުން އޭނާ އެހުރިތަނަށް ވެއްޓިއްޖެއެވެ. ވަށައިގެންވާ މާހައުލުވެސް ނާއިކްއަށް ސާފު ނުވެއެވެ. ކުއްލިއަކަށް އޭނާގެ ކައިރިން އެއްކަލަ ރަތް ދެލޯ ފަޅުވާން ފެށިއެވެ. އެރަތް ދެލޯ ފަހަތުން ބޯ ދުންގަނޑެއްވެސް އަރަން ފެށިއެވެ. ނާއިކް ދެލޯ މަރާ ބާރުކޮށްލަމުން ކުރުސި ކިޔޭތޯ ބެލިއެވެ. ނަމަވެސް ވީ ނުވީއެއް ނޭނގި ނާއިކް ހޭނެތުނީއެވެ.

ނަމާދު ދޮޅި އަޅައިގެން ސިޔާދާ ސިޓިންގް ރޫމުގައި ދެކޮޅަށް ހިނގަމުން ދިޔައެވެ. ނާއިކް މިއަދު މަޣްރިބް ނަމާދަށް ދާން ގެއަށްވެސް ނާދެއެވެ. ފުރަތަމަ ސިޔާދާ ހީކުރީ ނާއިކް ނަމާދަށް ދިޔައީ ކަމަށެވެ. ނަމަވެސް ފުޓުބޯޅަ ކުޅޭ އެއްޗެހި ލައިގެން ނަމާދަށް ނުދާނެކަން ސިޔާދާއަށް އެނގުނެވެ. ކޮންމެއަކަސް ނާއިކްއާ މެދު ވިސްނިވަރަކަށް ސިޔާދާގެ ސިކުނޑި އިތުރަށް ހާސްވަމުން ދިޔައެވެ. ކުއްލިއަކަށް ސިޔާދާ ދުއްވައިގަތީ ނާއިކްގެ ކޮޓަރިއާ ދިމާއަށެވެ.

ދެލޯ ބޮޑުކޮށްލަމުން ޒުނާމް ބުނެލީ މިސްކިތަށް ނުދާކަމަށެވެ. ފޯނު ކުރުކޮށްލަމުން ޒުނާމް ސައިކަލު ތަޅުދަނޑި ހިފައިގެން ކޮޓަރިން ނިކުތެވެ. ހާސްވެފައި ހުރިވަރުން ޒުނާމްއަށް ކޮޓަރި ދޮރު ލައްޕާލެވުނީ ބާރަށެވެ.

“ދޮންބޭ..” ސިޓިންގ ރޫމުގައި މުޞްޙަފް ހިފައިގެން ކިޔަވަން އިން އަމްރާ ޒުނާމްއަށް ގޮވާލީ ކަންބޮޑުވެފައިވާ އަޑަކުންނެވެ.

“ކިހިނެއް ވީތަ؟” ޒުނާމް އެކައްޗެކޭވެސް ނުބުނެ ނިކުންނަން ދިއުމުން އަމްރާގެ ކައިރީ އިން އައިނީ ބުނެލިއެވެ.

“ބޮޑުބެ ދައްތަ ގުޅީމަ. ނާއީ ގެއަށް ނައިސްގެން.” ޒުނާމް ސިޓިންގް ރޫމު ދޮރު ހުޅުވާލަމުން ބުނެލިއެވެ. އަމްރާ އަވަސްވެ ގަތީ އެޚަބަރު އޭނާގެ މަންމަމެންނަށް ދޭށެވެ.

“ނާއިކް ފެނުންތަ؟” ފުޓުބޯޅަ ދަނޑު ކައިރިން ފެނުން މުސްކުޅި ބޭބެއަކާ ޒުނާމް ސުވާލު ކޮށްލިއެވެ.

“ބޭބެ ނަމާދަށް ދަނިކޮށް މިދިމާ ގޮނޑުދޮށަށް ފައިބަނިކޮށް ފެނުން” ޒުނާމް ކުރި ސުވާލަށް ޖަވާބު ދީފައި އެބޭބެ ހިނގައިގަތެވެ.

ޒުނާމް ވަކި ހިސާބަކަށް ދުއްވާފައި ގޮސް ސައިކަލު ޕާކުކޮށްލަމުން ހިނގާފައި ގޮސް ގޮނޑުދޮށަށް ފޭބިއެވެ. ދެފަރާތަށް ބަލައިލި އިރު އެއްވެސް މީހެއްގެ ހިލަމެއް ވާކަށް ނެތެވެ. ޒުނާމް ހިސާބަކަށް ނުތަނަވަސް ވިއެވެ.

ފަނަރަ މިނެޓު ވަންދެން ގޮނޑުދޮށާ އެތާ ކައިރި ބެލިއިރުވެސް ނާއިކް ފެންނަން ނެތުމުން ޒުނާމް ގޮނޑުދޮށުން އަރަން ހިނގައިގަތެވެ. ޒުނާމް ސިޔާދާއަށް ގުޅަން ކުރި މަސައްކަތްވެސް ވީ ބޭކާރެވެ. އެހެންކަމުން ސިޔާދާއާ މެދު ކަންބޮޑުވެފައި ހުރުމުން ޒުނާމް އަވަސްވެ ގަތީ ސިޔާދާ ކައިރިއަށް ދިޔުމަށެވެ.

“ބޮޑުބެ ދައްތާ.. ނާއިކް ކޮބާ؟ އައިއްސިތަ؟” ޒުނާމް ހާސްވެފައި ހުރެ ސުވާލުކޮށްލިއެވެ.

“އާނ އައިއްސި. މުޅި މީހާ ތުރުތުރު އަޅާ. މޫނުމަތީ ކުޑަކޮށް ލޭ ހުރި. ވާހަކައެއް ވެސް ނުދެއްކި. ހީވަނީ މަންމަނު މީހެއްހެން. އަޑު ނީވޭ މީހެއްހެން. ކޮޓަރިއަށް ވަދެ ބާރަށް ދޮރު ޖަހައިފި. ޓަކި ޖަހާލީމަވެސް ނުހުޅުވި. ހީވަނީ ރުޅި ގަދަވެފަ ހުރި ހެން.” ސޯފާގައި ފިކުރެއްގައި އިން ސިޔާދާ ބުނެލިއެވެ.

“އެހެންތަ؟ އަހަރެން މަޑުކޮށްލާނަން ނާއީ ނިކުންނަންދެން.” ޒުނާމްވެސް ދެފިކުރެއްގައި އިނދެ ސޯފައިގައި އިށީނެވެ.

“ދައްތައަށް މައްސަލައެއް ނެތް. އެހެންވީމަ މިގެއިން މިރޭ ކައިގެން ދާނީ ދޯ؟” ސިޔާދާ ސޯފާ އިން ތެދުވަމުން ބުނެލިއެވެ.

ޒުނާމް ސިޔާދާ އަށް ބަލައިލަމުން ހިނިތުންވުމާއެކު ބޯޖަހާލިއެވެ. އެއަށްފަހު ފޯނު ނަގާ ވައިބާރ ޗެޓް ލޮގު ހުޅުވާލިއެވެ. ކުޑަކޮށް ސްކްރޯލްކޮށްލަމުން އޭނާ ވަނީ ދޮންބެ ޖަހާފައި އިން ޗެޓަށެވެ. އެއަށްފަހު މެސެޖެއް ފޮނުވާލިއެވެ.

އެރޭގެ ނުވައެއް ޖެހިއިރުވެސް ނާއިކް ކޮޓަރި ދޮރު ނުހުޅުވައެވެ. ދޮރުގައި ޓަކި ޖަހާ ގޮވި ނަމަވެސް އެތެރެއިން އެއްވެސް އަޑެއް ނީވެއެވެ. އެހެންކަމުން ނާއިކްއަށް އުނދަގޫނުކުރަން ނިންމަމުން ސިޔާދާއާ ޒުނާމް ހަތިޔާރު ބެހެއްޓިއެވެ.

ޝާހީ ގެއެއްގެ ސިޓިންގ ރޫމުގައި ވަނީ މަޑު އޮރެންޖު ކުލައިގެ ބޮތްކެއް ދިއްލާލެވިފައެވެ. އެތަނުގެ ތެރޭގައި ފަޅުކަން ވި ނަމަވެސް ސިޓިންގ ރޫމުގެ ކަނާއަތް ފަރާތުގައި ހުރި ދޮރުގެ ދަށުން ހުދު ކުލައިގެ އަލި ފޭދިފައިވިއެވެ. އެކޮޓަރިން އެއަލި ފެނުމުން އެތަނުގައި އުޅޭ މީހަކު ހުރީ ނުނިދާކަން އެނގެއެވެ.

ކިޔަވާ މޭޒު ދޮށުގައި އިއްތާލައިގެން އިން ހިޝާމްއަށް އިރުކޮޅު ކޮޅުން އާފުރެލެވެއެވެ. ނަމަވެސް ހަދަން ފަށާފައިވި އެސައިމެންޓް ނިމުމަކާ ގާތްވެފައި ވާތީ އެސައިމެންޓް ނިންމުމަށްފަހު ނޫނީ ނުނިދަން ހިޝާމް އިނީ އަމިއްލަ ނަފްސަށް ވައުދުވެގެންނެވެ. އަދި އަމުދުން އޭނާ ގޭގައި އެކަނި ހުއްޓާ ނިދާކަށް ބޭނުމެއް ނުވެއެވެ.

ހިޝާމް އެކަނި ގޭގައި ބެހެއްޓުމަށްފަހު އޭނާގެ މަންމަ ދިޔައީ މަންމަގެ ގާތް ރައްޓެއްސެއްގެ ދަރިފުޅު ބަލިވެގެން އެކުއްޖާއަށް ގޮވާލާށެވެ. ގޭގެ ނޯކަރުވެސް މަސައްކަތް ނިންމާލުމަށްފަހު ގެއަށް ގޮސްފައިވީތީ ހިޝާމް ކުޑަކޮށް ޖެހިލުންވެސް ވިއެވެ. އެހެންނަމަވެސް ﷲ ނޫން އެހެން ފަރާތަކަށް އޭނާ ރައްކާތެރިކޮށް ނުދެވޭނެކަން އިނގޭތީ ﷲ އަށް ވަކީލުކޮށްގެން އިނެވެ.

ހިޝާމް ސިހިގެން ދިޔައީ އޭނާ ފިލާވަޅު ހަދާ މޭޒުގެ ކައިރީގައި ހުރި ކުޑަދޮރުގައި މީހަކު ޓަކިޖެހި އަޑު އިވުނީމައެވެ. ތިންވަރަކަށް ފަހަރު އެޓަކި ތަކުރާރުވުމަށްފަހު ދެން އިވުނީ ބަރު އަޑަކުން އޭނާ ގާތު ދޮރުހުޅުވުމަށް އެދޭ އަޑެވެ. ނަމަވެސް ޖެހިލުންވެފައި ހުރުމުގެ ސަބަބުން ހިޝާމްއަށް އެދޮރު ހުޅުވާކަށް ނުކެރުނެވެ. އެއަޑު ތިން ފަހަރަށް ތަކުރާރު ވުމަށްފަހު ދެން އޭނާއަށް އައީ އިންޒާރެކެވެ. އަމިއްލައަށް ދޮރު ނުހުޅުވައިފިނަމަ ދޮރު ވައްޓާލާފައިވެސް ކޮޓަރިއަށް ވަންނާނަން ކަމެވެ. އެއަށްވެސް އޭނާ ބީރު ކަންފަތެއް ދިނީ ޖެހިލުންވެފައި ވީލެއް ބޮޑުކަމުންނެވެ. ހިތާހިތުން އޭނާ ސަލާމަތް ކޮށްދެއްވުން އެދި ﷲގެ ހަޟްރަތަށް ދުޢާ ދެންނެވެމުން ދިޔައެވެ. ހިޝާމްއަށް ނޭވާ ހިފަހައްޓާލެވުނީ ހުޅުވާފައި ހުރި ފެންލައިޓުން މީހެއްގެ ހިޔަނި އެޅުމުންނެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Aayaa
Follow Me Written By

Aayaa

Level 410 Stories100 Login100 Comments

Other Articles

Previous

ނުފިލާނޭ މިހިތަކުން 3

Next

އެދުވަހު ލޯބިން 18

Next
August 30, 2022

އެދުވަހު ލޯބިން 18

Previews
August 30, 2022

ނުފިލާނޭ މިހިތަކުން 3



All Right Reserved!