ހަނަފަސް ސަހަރާގެ މެދުގައި ހުއްޓި ހުރި ފިރިހެން ކުއްޖާ ދަނީ ވަށައިގެން ބަލަމުންނެވެ. ކައިރި އެއްވެސް ހިސާބަކުން މީހެއްގެ ހިލަމެއް ނުވާތާ ކުޑަ ސުތްޕެއްގެ ހިލަންވެސް ނުވެއެވެ. ދުރުން ނަމަވެސް ގަހެއްހާ މިންވަރުވެސް ފެންނަން ނެތެވެ. އެފިރިހެން ކުއްޖަކީ ނާއިކް ނޫން ދެވަނަ ކުއްޖެއް ނޫނެވެ. ކުއްލިއަކަށް ނާއިކް ފަހަތް ބަލައިލީ ބިރުވެރި އަޑެއް އިވުމުންނެވެ. އޭނާ ހުރިތަން ފިޔަވާ ހުރިހާ ހިސާބެއްގައި މިހާރުވަނީ ފެން ހެދެން ފަށާފައެވެ. ކުޑަ ފެން ކޮޅުތަކެއް ނޫނެވެ. ބޮޑެތި ފެން ކޯރުތަކެވެ. ސާފު ރީތި ފެނެއް ނޫނެވެ. ވަޅު ފެއްސަކަށް ދާ ހަޑި ފެންގަނޑެކެވެ. އޭނާއަށް އިވުނު އަޑަކީ ފަހަތުގައި އޮތް ކިނބުލެއް ބަރު އަޑަކުން ގޮވާލި އަޑެވެ. ވަށައިގެންވާ މާޙައުލު ފެނުގެ މާޙައުލަކަށްވެ ނާއިކް ފައި ޖައްސައިގެން ހުރި ތަންކޮޅުވެސް ފެނަށް ބަދަލުވަމުން ދެއެވެ. ނާއިކްއަށް ބާރަށް ހަޅެއް ލަވައިގަނެވުނެވެ. އިސާހިތަކު އޭނާ ފެން ގަނޑުގެ ތެރެއަށް ޣަރަޤުވާން ފެށިއެވެ. އެހީއަކަށް ގޮވަމުން ގޮސް ކަރުތާ ފެނަށް ގެނބޭ ވަރުވެއްޖެއެވެ. ވަށައިގެން ކިނބޫތަކެއް އޭނާއާ ކައިރިވަމުން ދިޔައެވެ. ނަމަވެސް އެއެއްޗެއްސަށް ނާއިކްއާ ކައިރިވެވެނީ ވަކިވަރަކަށެވެ. ނާއިކް ހާސްވެ ތެޅިފޮޅެމުން ދަނިކޮށް ކުއްލިއަކަށް މަތިން ހެލިކޮޕްޓަރެއްގެ އަޑު އިވެން ފެށިއެވެ. އޭތި އަންނަނީ އޭނާއާ ދިމާއަށެވެ. ކުއްލިއަކަށް އޭގެ ތެރެއިން މީހަކު ވައިކުޑައެއްގައި ފުންމާލިއެވެ. އެމީހާ ވައި ކުޑައިގައި އައިސް ނާއިކްގެ އަތުގައި ހިފާ ނެގިއެވެ. އެމީހާގެ އިތުރުން އެހެންމީހަކުވެސް އެވައި ކުޑައިގައި ހުއްޓެވެ. އޭނާ އެމީހުންނަށް ފުން ނަޒަރެއް ދިން ވަގުތު އެއީ ކޮން ބައެއްކަން އޭނާއަށް ޔަޤީން ވިއެވެ. އެއީ ނާހިލްއާ ހިޝާމްއެވެ.
އެނދުގައި ތެޅި ފޮޅެމުން ދިޔަ ނާއިކްއަށް ފުންމައިގެން ތެދުވެވުނެވެ. އޭނާއަށް އަވަސް ނޭވާތަކެއް ލެވެމުން ދިޔައެވެ. ނޭވާތައް ހަމައަކަށް އެޅުވޭތޯ މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބުވާ ގޮތެއް ނުވެއެވެ. ވަށައިގެންވާ މާޙައުލަށް ނަޒަރު ހިންގާލެވުމާއެކު ނިދާބޮކިވެސް ނުދިއްލާ ހުރިކަން އޭނާއަށް ފާހަގަވިއެވެ. މުޅިތަނަށް ވެރިވެފައިވަނީ އަނދިރިކަމެވެ. ކުއްލިއަކަށް އޭނާއަށް ކުރިން ރޭ ހުވަފެނުގައި ފެނުނު ރަތް ދެލޯ ފާޅުވާން ފެށިއެވެ. ނާއިކް އެނދުގެ ބިއްދަށަށް ޖެހެމުން ދިޔައީ ގައިމަތީ އޮތް ރަޖާގަނޑާއެކުއެވެ.
“ނާއިކް.. ނާއިކް ދަރިފުޅާ..” ބޭރުން އިވިގެން ދިޔަ ސިޔާދާގެ އަޑަށް އެ ދެލޯ ގެއްލި ނިދާބޮކި ވެސް ދިއްލިގެން ދިޔައެވެ. ހަމަ އެވަގުތު ބޭރުން ސިޔާދާ އައިސް ނާއިކްގެ ކޮޓަރި ދޮރު ހުޅުވާލިއެވެ. ނޭވާ ނުލެވި ތެޅެމުން ދިޔަ ނާއިކް ފެނި ސިޔާދާއަށް ރޮވެން ފެށުނެވެ. އަވަސް އަވަހަށް ކޮޓަރިއަށް ގޮސް އެމްބިއުލާންސަށް ގުޅާލެވުނެވެ.
މަރުކަޒުގައި ބަލިމީހަކު ގެނެސްގެން އުޅޭތީ ޒުނާމްއަށް އެރޭ ގެއަށް ދެވޭ ގޮތެއް ނުވިއެވެ. ވޯޑުން ނިކުމެގެން އައި ވަގުތު ރިސެޕްޝަންގައި އިން ފިރިހެން މީހާ ފާހަނައަކަށް ދާންވެގެން ދަނީއެވެ. ޒުނާމް އެތަނުގައި މަޑުކޮށްލީ ފޯނުކޯލެއް އައިސް ދާނެތީއެއް ނޫނެވެ.
ކުއްލިއަކަށް ރިސެޕްޝަންގައި ހުރި ފޯނު ރިންގުވާން ފެށިއެވެ. އެތަނުގައި އިތުރު މީހެއް ނެތުމުގެ ސަބަބުން ޒުނާމް ފޯނު ނެގިއެވެ.
“އައްސަލާމު ޢަލައިކުމް. ވަރަށް އަވަހަށް ނިޝާން ގެއަށް އައިސް ދީބަލަ. އަޅުގަނޑުގެ ދަރިފުޅަށް ނޭވާ ނުލެވިގެން އުޅެނީ.” ޒުނާމްގެ ކަންފަތުގައި ޖެހުނީ ރޮމުން ވާހަކަދެއްކި ސިޔާދާގެ އަޑެވެ.
“ބޮޑުބެ ދައްތަ؟” ސުވާލުގެ ރާގަކަށް ޒުނާމްއަށް ބުނެވުނެވެ.
“އާނ ދަރިފުޅާ. ބޮޑުބެ ދައްތަ. އަވަސް ކުރޭ.. އެފަކީރު މަރުވަނީ ކަންނޭނގެ..” ސިޔާދާގެ ރުއިމުގެ އަޑު ގަދަވެގެން ދިޔަ ވަގުތު ފޯނު ކެނޑުނެވެ.
އެމްބިއުލާންސްގައި ނާއިކް ހޮސްޕިޓަލަށް ގެނެވުނު އިރު އޭނާއަށް ރަނގަޅަށް ނޭވާ ލެވޭ ވަރު ވެއެވެ. އެހެންނަމަވެސް ނޭވާތަށް އަވަސްވެފައި ވިއެވެ. ނާއިކްގެ ކަންތައް ހަމައަކަށް އެޅުމުން ޒުނާމް ނާހިލްއަށް މެސެޖެއް ކޮށްލީ ކޮންމެ ރެއަކު ނާހިލްއަށް އުނދަގޫ ނުކުރާން ވެގެންނެވެ.
ފަތިސް ނަމާދުން ސަލާން ދިނުމަށްފަހު އިރުކޮޅަކު އިނުމަށްފަހު ނާހިލް މިސްކިތުން ނިކުތެވެ. އޭނާގެ ޖިންސް ޖީބަށް އަތް ކޮށްޕާލަމުން ފޯނު ނެގިއެވެ. އެއަށްފަހު ސައިލެންޓްގައި އޮތް ފޯނު އޮން ކޮށްލަމުން ފޯނަށް ނަޒަރެއް ދިނެވެ. އެވަގުތު ޒުނާމްގެ މެސެޖެއް ލިބިފައިވާތީ އެމެސެޖަށް ކްލިކްކޮށްލިއެވެ. މެސެޖް ކިޔަމުން ދިޔަ ނާހިލްގެ ދެބުމަ ކައިރިވެފައިވިއެވެ. ލަސްކުރުމެއް ނެތި ޒުނާމްގެ ނަންބަރަށް ގުޅާލިއެވެ.
ރޭގަނޑުގެ ޑިއުޓީ ނިންމާލުމަށްފަހު ގެއަށް އައިސް ތާޒާވެލި ޒުނާމް ސިއްސައިގެން ދިޔައީ ރިންގް އޮންކޮށްފައި އޮތް އޭނާގެ ފޯނު ބާރަށް ރިންގުވާން ފެށުމުންނެވެ. ތުންފަތުގައި ދަތް އަޅާ އޭނާގެ ކަޅުކަން ގަދަ ފަން އިސްތަށިގަނޑުގެ ތެރޭގައި އަތް ހާކާލިއެވެ. ސިޔާދާ ގުޅަނީކަމަށް ހީކޮށް ފޯނުގެ ސްކްރީނަށް ބަލައިލުމެއް ނެތި ޒުނާމް ފޯނު ނަގާ ކަންފަތުގައި ޖައްސާލަމުން ‘ސަލާމް ބޮޑުބެ ދައްތާ’އޭ ބުނެލިއެވެ.
“މަށަށް އަދި މިއިނގުނީ މީ ކަން ބޮޑުބެ ދައްތަ. ކީއްކުރާނީ. މިހާރު މަ އަންހެނަކަށް ވެސް ހެދީ.” ޒުނާމްގެ ބަސްތައް އަޑުއިވުނު ނާހިލްގެ ތުންފަތަށް ލާނެތް ހިނިތުންވުމެއް ވެރިވިއެވެ.
“އާހް. އަދި މިއިނގުނީ ބޮޑުބެ ދައްތަ ނޫންކަން. ބޮޑުބެދައްތަ ލަސްވެފަ ހުންނާނީ. މަބުނިން ވިއްޔަ އަންނާނަމޭ ވަރަށް އަވަހަށް.” ޒުނާމް އޭނާގެ ކަނދުރާގައި އެއްއަތް އަޅުވާލަމުން ޒާތަކަށް ލަދުގަނެފައިވާ އަޑަކުން ބުނެލިއެވެ.
“ހްމް. ނާއިކްއަށް ކިހިނެއް ވީތަ؟ މިހާރު ދެވަނަ ދުވަހެއްނު މީ. ޒުނާމް ޕްލީޒް އޭނައަށް އަޅާލައްޗޭ.. އޭނަ މިހާރު ބޭނުންވާނީ މީހުންގެ ލޮތްބާ އަޅާލުން. އަހަރެން ބިޒީކަމުން އޭނާއަށް ވާހަކަދައްކާނެ ވަގުތެއް ނުވޭ މަދުން ނޫނީ. އަނެއްކާ މިހާރު ޕާރޓް ޓައިމްއަށް ޖޮބަކަށްވެސް ދަން.” ނާހިލް އާދޭހުގެ ރާގެއްގައި ވާހަކަ ދެއްކިއެވެ. ނާހިލް އޭނާގެ ކޮއްކޮދެކެ ވާ ލޯބި ހަމައެކަނި އެބަސްތަކުންވެސް ދޭހަވެއެވެ.
“އާން ދެވަނަ ދުވަސް. އޭނާ ވަރަށް ދުރުން އުޅެނީ އެންމެންނާ. އޭނާ ކަމެއް ފޮރުވައޭ މަގޭ ހިތް މިހާރު ހާސްފަހަރު ބުނެފި. ގަދަކަމުން މީހުންނާ ހިނިއައިސް އުޅެނީ. އޭނާގެ އުޅުމުން އަހަންނަށް ވަރަށް ފާހަގަވޭ. މިކަމުގެ ހައްލެއް ހޯދަން އުޅިބަލަ ދޮންބޭ. އިންޝާ ﷲ. އަހަރެން ނާއީއާ އެއްކޮށް ވަގުތު ހޭދަކުރާނަން.” ޒުނާމް ކަންބޮޑުވުމާއެކު ބުނެލިއެވެ.
“އޭނާއަށް އެވާ ކަންތަކަކީ ޑޮކްޓަރީ ގޮތުން ފަރުވާ ހޯދޭނެ ކަމެއް ނޫން. އެއީ ރުޤްޔާކޮށްގެން ރަނގަޅުކުރެވޭނެ ކަންކަން. އޭނާ ލައްވާ ދީނީ ކަންތައް ކުރުވަބަލަ ޒުނާމް. އަބަދުވެސް ދީނަށް ފަރުވާތެރި ކުރުވަބަ. ތީ އެއްނު މީހުން ކޮސް ކޮށްގެން ކަންތައް ކުރުވަން މޮޅު މީހަކީ. މާޝާﷲ. ދޮންބެ ދެން ބޭނުމީ ވީހާވެސް އަވަހަށް ރަށަށް ދާން. އެކަމަކު މިއަހަރަކީ އެންމެ ފަހު އަހަރު ދޯ ކިޔަވަން ލިބޭނެ. ނާއީގެ ވެސް ފަހު އަހަރު. އޭނާ ބޭނުންވޭ ކިޔަވާ ޓޮޕް ޓެން އެއްވަނަ. ވަރަށް ހާސްވޭ މިހާރު.” ނާހިލް ފުން ނޭވައެއް ދޫކޮށްލިއެވެ.
“އާނ. އޭ އޯކޭ ސަލާމް. މާ ލަސްވަނީ، ގުޑް ލަކް. ދެން މާބޮޑަށް ނުވިސްނާ. އިންޝާ ﷲ ހުރިހާ ކަމެއް ރަނގަޅުވާނެ. ނާއީގެ ކަންތަކާ އަހަރެން ހަވާލުވަން.” ޒުނާމް ގަޑިއަށް ބަލައިލަމުން ފުން ނޭވައެއް ދޫކޮށްލިއެވެ. ނާހިލް އޯކޭއޭ ބުނެ ފޯނު ބޭއްވިއެވެ.
ދެލޯ ތަގުޅިކޮށްލަމުން ލޯ ހުޅުވާލި ނާއިކްގެ ލޮލުގައި ފުރަތަމަވެސް އަޅައިގަތީ އަތަށް ގުޅާފައިވާ އައިވީއެވެ. ރޭގެ ހަނދާންތައް އާވަމުން ދިޔަ ނާއިކްގެ ނޭވާތައް އަވަސްވަމުން ދިޔައެވެ. އެވަގުތު ކައިރީ ހުރި މެޝިންގެ އަޑުވެސް ގަދަވާން ފެށިއެވެ. ދޮރުހުޅުވާފައި ވަދެގެން އައި ނަރުހުންނާ ޑޮކްޓަރުން އަވަސް އަރުވާލާފައި އުޅެން ފެށިއެވެ.
ހިތުގައި އުތުރި އަރައި ގަތް ޝަކުވާތަކުން އޭނާގެ ލޮލުން ހޯސްލައިފައި ކަރުނަތައް ފައިބަން ފެށިއެވެ. ހަމައެއާއެކު އޭނާ އިތުރަށް ދުނިޔޭގައި އޮންނަ ހިތެއްވެސް ނުވިއެވެ.
“ދެން ނުވާނެ. އަހަރެންނަށް މިކަމާ ފައިޓެއް ނުކުރެވޭނެ..” ވަރުދެރަ އަޑަކުން ނާއިކް އެހެން ބުނެ ދެލޯ މަރާލީ މީ އޭނާގެ އެންމެ ފަހު ވަގުތުކަމަށް ހީކޮށްލަމުންނެވެ.
ފޯނު ޖިންސްގެ ޖީބަށް ލުމަށްފަހު ސައިކަލު ތަޅުދަނޑި ހިފައިގެން ޒުނާމް ބޭރަށް ނިކުތެވެ. އޭނާ އެހެންނޫނީ ސައިކަލު ދުއްވާފައި ދާ ވަރަށް ވުރެ މަޑުން ދުއްވަމުން ދިޔަ އިރު އޭނާގެ ސިކުނޑި ވަނީ އެހެންކަމަށް ގެއްލިފައެވެ.
އޭނާގެ ހުރި ހަމަ އެކަނި ބޭބެއަކީ ނާހިލްގެ ބައްޕަ ރުޝްދީއެވެ. ބޮޑުބެގެ މަރަށް ފަހު އޭނާއަށް ބޭބެއެއްގެ ލޯބި ދިނީ ނާހިލްއެވެ. މިއަދު ކިތަންމެ ހަމަ ޖެހިގެން ނާހިލް ވާހަކަދެއްކި ނަމަވެސް ނާހިލް، ނާއިކްއާ މެދު ވިސްނާނެވަރު ޒުނާމްއަށް އަންދާޒާ ކުރަންވެސް ނޭނގެއެވެ. ނާއިކްއާ މެދު ކަންބޮޑުވެގެން ނާހިލް އަބަދުވެސް ޒުނާމް ގާތު ވާހަކަދައްކައެވެ. އޭނާ ނާހިލްއަށް އޯގާތެރި ނުވާންވީ ސަބަބެއް ނެތެވެ. މީގެކުރިން ޒުނާމްއަކީ ދީނަށް ފަރުވާތެރި މީހަކަށް ނުވިއަސް އޭނާއަށް އެންމެ ނަޞޭޙަތްތެރިވީ ނާހިލްއެވެ. އޭނާގެ ކޮންމެ ހިތާމައެއްގައި ނާހިލްވެސް ބައިވެރިވެއެވެ. އޭނާއަށް ލިބޭ ކޮންމެ އުފަލަކީ ނާހިލްގެވެސް އުފާ ކަމުގައި ހަދައެވެ. މިއަދު ޒުނާމް ނާހިލްއަށް އަޅާލާނެވެ. އޭނާއަށް އެކަން ކުރެވުނު އެންމެ ފުރިހަމައަކަށް ކުރާނެއެވެ.
ޚިޔާލުތަކުގެ ތެރެއިން ނިކުމެވުނު ޒުނާމްގެ ލަގޮނޑި އަތަށް ނައީ ކިރިޔާއެވެ. ކުރިމަތިން އޭނާއާ ދިމާއަށް އަންނަމުން ދިޔަ ސައިކަލުގައި އިން މީހާވެސް އިނީ ހަދާނެގޮތެއް ނޭނގިފައެވެ. ޒުނާމްއަށް ކުއްލިއަކަށް ބުރެކި ޖައްސާލެވުނެވެ. އެމީހާވެސް ބުރެކި ޖައްސާލިއެވެ. ކުއްލިއަކަށް ދެމީހުން ބުރެކި ޖެއްސުމުގެ ސަބަބުން ކުޑަ ތަންކޮޅެއް ކުރިއަށް ދެސައިކަލުވެސް ދިޔައެވެ. ޒުނާމް ސައިކަލުގެ ހަރު ޖައްސާލަމުން އޭނާގެ ކުރިމަތީ އޮތް ސައިކަލުގައި އިން މީހާގެ ކައިރިއަށް ދިޔައެވެ.
“ބޭބޭ. ކިހިނެއްވީ؟ ތަނެއް ޖެހުނުތަ؟ ތަދުވިތަ؟ ވަރަށް ބޮޑަށް މަޢާފު ކުރައްޗޭ. އަޅުގަނޑަށް މަގަށް ނުބަލާ ދުއްވުނީ.” ޒުނާމް ހާސްވެފައި ބުނެލިއެވެ.
“ބޭބެ ބޭބެ ނުކިޔާ ބުނެބަލަ ކޮންހިޔާލަކަށް ކަން ގެއްލިފައި އިނީ؟ އަނެއްކާ މިހާރު ލޮލަށް ނުފެންނަނީތަ؟ ބޭބެ ނޭނގުން ދޯ އެކޮއެއަށް؟ ވަރަށް ބޮޑަށް މަޢާފަށް އެދެން. ބޭބެއަށްވެސް ނުބައި ފަޅިން ދުއްވުނީ.” ބޭބެ ކިޔަމުން އޭނާއާ ވާހަކަދެއްކީ އޭނާގެ އެކުވެރިޔާ ޢަބްދުﷲ އެވެ.
“ކަލޭ ދޯ. ހާސްވި ވަރުން ނުކެރޭނެ ދޯ މީހެއްގެ މޫނަށް ބަލަންވެސް. އުހުނ ނުވޭ އެއްވެސް ގޮތެއް. އަސްލުވެސް ރިއަލީ ސޮރީ.” ޒުނާމް ބޯކަހާލަމުން ސައިކަލަށް އެރިއެވެ.
“އެހެ. އޯކޭއޭ. މަށަށްވެސް ސޮރީ ނުބައި ފަޅިން ދުއްވުނީމަ.” އަބްދުﷲ ހިނިއައިސް އިނދެ ބުނެލިއެވެ. ޒުނާމް ހިނިތުންވެލާ ދަނީއޭ ބުނެ ސައިކަލު ދުއްވާލިއެވެ.
އަވަސް ހިނގުމެއްގައި ހޮސްޕިޓަލަށް ވަދެގެން ގޮސް ޒުނާމް ވަށައިގެން ނަޒަރެއް ދިނެވެ. ވޯޑުގެ ދޮރާ ދިމާވާ ގޮތަށް ހުރި ގޮނޑީގައި ސިޔާދާ އިނީ ޖެހި ބުދެއް ހެންނެވެ. ދެލޯ ތަޅުވާވެސް ނުލާ އިންގޮތުން އޭނާ އިނީ ވަރަށް ހާސްވެފައި ކަން އެނގެއެވެ.
“ބޮޑުބެ ދައްތާ.. ކިހިނެއްވީތަ؟” ސިޔާދާގެ ގާތު މަޑުކޮށްލަމުން ޒުނާމް އަހާލިއެވެ.
“ދަރިފުޅާ. ޑޮކްޓަރުން ވަރަށް ހާސްވެފަ އެބަ އުޅޭ. ދެންމެވެސް ނަރުހުން ނިކުމެގެން ދިޔައިރު ވަރަށް ހާސްވެފަ ތިބީ. އެތަނަށް ވަތް ޑޮކްޓަރު ނުވެސް ނިކުމޭ އަދި. ދައްތަ ހަނދާނެއް ނެތް ކިހިނެއްވީތޯ އަހާލަންވެސް. ދަރިފުޅު މިތާނގެ ހަބަރެއް ހޯދައިދީބަ. މިތަނަށް ގެނައި ފަހުން އަދި އެފަކީރު ލޮލަށްވެސް ނުފެނޭ ވިއްޔަ..” ސިއްސައިގެން ދިޔަ ސިޔާދާ ބުނެލިއެވެ.
“އެބަ އަންނަން..” ހަމަ އެކަނި އެވަރަށް ބުނެލަމުން ޒުނާމް ހިނގައިގަތެވެ. ސިޔާދާ ޒުނާމް ދިޔަ ދިމާއަށް ބަލަން އިނެވެ.
ދެލޯ މަރާލުމަށް ފަހު ނާއިކް އިރުކޮޅަކު އޮތެވެ. އިރުކޮޅަކަށްފަހު އަނެއްކާވެސް ލޯ ހުޅުވާ ވަށައިގެން ނަޒަރެއް ދިނެވެ. އޭނާ އޮތީ ހޮސްޕިޓަލުގައި ކަމުން ހިތާހިތުން ޝަކުވާ ކޮށްލެވުނެވެ. ޑޮކްޓަރުން ހާސްވެފައި ތިބުމަށްފަހު ހަމަ ޖެހުމުގެ ނޭވާއެއް ލީތަން އެވަގުތު ނާއިކްއަށް ފެނުނެވެ. އޭރު އޭނާގެ ނޭވާތައް ރަނގަޅުވެފައި ވިއެވެ. ނާއިކް ލޯ މަރާލީ ހިސާބަކަށް ރުޅިއައުމުންމެވެ.
“ޓެސްޓު ތަކުގެ ނަތީޖާއިން އެއްވެސް މައްސަލައެއް ހުރި ކަމަށް ނުދައްކާ. ހުރިހާ ކަމެއްވެސް ރަނގަޅު. އަޅުގަނޑު މިދަނީ ބްރޭކްއަށް. ކަމެއް ގޯސްވަންޏާ ގުޅާލާތި. ޕޭޝަންޓްގެ ފެމެލީ މީހުން ވެއްދިއަސް މައްސަލައެއް ނެތް. އެމީހުންނަށް ހުރިހާ ކަމެއް ބުނެދޭތި. ކަންތައް ސިއްރުކޮށްގެން މީހުން ހާސްކުރުމަށްވުރެ ތެދު ހެދުން ބުއްދިވެރިވާނެ.” ނާއިކްގެ ކަންފަތުގައި ޖެހުނީ އޭނާގެ ކަންތަކާ ހަވާލުވެގެން ހުރި ޑޮކްޓަރ ޝައިނާގެ އަޑެވެ. “ބައި ދަ ވޭ އަޅުގަނޑު އައިސް ޗެކްކޮށްލާފަ އަދި ޑިސްޗަރޖް ކުރާނީ..”
“އަނެއްކާވެސް ނޭވާ ހާސްވެގެންނޯ. މިހާރު ރަނގަޅު. ވަދެވޭނެ ނާއީ ކައިރިއަށް މިހާރު.” މީގެ އަހަރުތަކެއް ކުރީގެ ހަނދާނެއް އާވަމުން ދިޔަ ސިޔާދާގެ ނަޒަރު ހުއްޓުނީ އޭނާގެ ކައިރިއަށް އައިސް މަޑުކޮށްލި ޒުނާމްގެ އަޑަށެވެ. އަވަސް އަވަހަށް ދެލޯ ފުހެލަމުން ސިޔާދާ ގޮސް ވޯޑަށް ވަނެވެ. ސިޔާދާގެ ފަހަތުން ޒުނާމްވެސް ލަސް ހިނގުމެއްގައި ވަނެވެ.
“ދަރިފުޅާ..” ނާއިކް ސިއްސައިގެން ގޮސް ލޯހުޅުވާލީ އޭނާގެ ބޮލުގައި ފިރުމާލަމުން ވާހަކަދެއްކި ސިޔާދާގެ އަޑު އިވުމުންނެވެ. ސިޔާދާއަށް ބަލައިލަމުން ނާއިކް ކުޑަކޮށް ހިނިތުންވެލިއެވެ. ނަމަވެސް އެހިނިތުންވުން ސިޔާދާގެ ލޮލާ ހަމައަކަށް ނުފޯރިއެވެ. ޒުނާމްއަށް ނާއިކްގެ ލޯ މަތިން ފެނުނު މާޔޫސްކަން މާބޮޑަށްވެސް ފާހަގަވިއެވެ. ޒުނާމްއަށް އެކަން ފާހަގަ ވިއިރު ސިޔާދާ ދެލޮލުގެ ކޮއި ފަދައިން ލޯބިވާ އޭނާ ދަރިފުޅުގެ މޫނުމަތިން މާޔޫސްކަން ފެނިއްޖެނަމަ، އެކަން އޭނާއަށް ސިއްރު ވާނެ ހެއްޔެވެ. ނޫނެކެވެ. ސިޔާދާގެ ލޮލުން ހިތާމައިގެ ކަރުނަތައް ފައިބައިގަތެވެ.
ނާއިކް ގެއަށް ދޫކުރަން ބުނެވުނު ވަގުތު ގެއަށް ދޫކުރެވުނެވެ. ނާހިލް ގުޅުމުން ރޭ ފެނުނު ހުވަފެނުގެ ވާހަކަ ނާއިކްއަށް ކިޔައިދޭން ޖެހުނެވެ.
މެންދުރު ނަމާދު ނިންމާލުމަށްފަހު ޒުނާމް މިސްކިތުގައި އިށީނީ ޤުރުއާނުގެ ތަރުޖަމާ ފޮތެއް ހިފައިގެންނެވެ. މީގެ ކުރިން އާންމު ގޮތެއްގައި އޭނާ ތަރުޖަމާ ނުކިއާތީ އާޔަތްތަކުގެ މާނަ ރަނގަޅަށް ނޭނގޭތީ ދަސްކުރާށެވެ. ނާހިލް ބުނި ގޮތުން ނަމަ ނާއިކް ކިރިޔާވެސް ޤަބޫލުކުރާނީ ޤުރުއާނުގެ އާޔަތްތަކާ އޭގެ ތަރުޖަމާ ކިޔައިދިނުމުންނެވެ. ފުރަތަމަ ޢައްމާ ފޮތުގެ ތަރުޖަމާ ކިޔަން ފެށީ ފަސޭހަ އަކަށެވެ.
“އައްސަލާމު ޢަލައިކުމް ބޭބޭ. މިއަދު ތަރުޖަމާ ކިޔާ ދުވަހަކީތަ؟ އަސްލު ވަރަށް ސަޅި ކަމެކޭ ތީ. އީމާންކަން ވަރުގަދަ ވާނެ ތަރުޖަމާ ކިޔާލާ އުޅުނީމަ.” ޒުނާމް ފޮތުން ނަޒަރު ވަކިކޮށްލީ އޭނާ ކައިރިއަށް އައިސް ހުއްޓުން ހިޝާމް ވާހަކަ ދެއްކުމުންނެވެ. އެއީ ޒުނާމްގެ މިސްކިތު ފްރެންޑްއޭ ބުނެލިއަސް ދޮގަކަށް ނުވާނެއެވެ.
“އަނހާ ހިޝާމްތަ؟ އާނ މިއަދު ތަރުޖަމާ ކިޔަނީ މި. ހިޝާމް ކިޔަވަން އިނީމަ ބޭބެ އެއްވެސް އެއްޗެއް ނުބުނެ އައީ.” ޒުނާމް ހިނިތުންވަމުން ވާހަކަދެއްކިއެވެ.
“އަހަރެން ގޯސް ދޯ. ބޭބެ އަހަރެން ކިޔަވަން އިނީމަ އުނދަގޫ ނުކޮށް އައިމަ އަހަރެން ބޭބެއަށް އުނދަގޫ ކުރީވިއްޔަ. ވަރަށް ބޮޑަށް ސޮރީ. ދަނީއޭ ޒުނާމްބެ. ކުޑަކޮށް ލަސްވެސް ވެއްޖެ. މަންމަ ކަންބޮޑުވެފަ އިންނާނީ މިހާރު. ހެހެ.” ޒުނާމްއަށް ހަނާ އަޅާލަމުން ހިޝާމް ހިނގައިގަތެވެ.
މެންދުރު ކައިގެން އަރާމުކޮށްލަން ޖައްސާލި ވަގުތު ނާއިކްއަށް ނިދުނެވެ. އެވަގުތަކީ ހިޝާމް ނާއިކްއަށް ގޮވާލަން އައި ވަގުތެވެ. ނާއިކްއަށް ނިދިފައި އޮތުމުން ހަވީރު އަންނާނެ ވާހަކަ ބުނުމަށްފަހު ހިޝާމް ދިޔައީ ގެއަށެވެ.
ނާއިކް ހިނގަމުން ދިޔައީ ރަށުގެ ތެރެއިންނެވެ. ވަށައިގެން ގޭގެ ހުއްޓަސް އެގޭގެއިން އެއްވެސް އަޑެއް ނީވެއެވެ. މީހެއްގެ ހިލަމެއްވެސް ނުވެއެވެ.
ކުއްލިއަކަށް ވީ ނުވީއެއް ނޭނގި އޭނާއަށް ހުރެވުނީ ހިމަކޮށް ރާނާފައިވާ ވަޅެއްގެ މަތީގައެވެ. އެވަޅުގެ ތެރެއިން ފެން ފެނުމުގެ ބަދަލުގައި ފެންނަނީ އެކިކަހަލަ ވިހަ، ދިރޭ ސޫފިތަކެވެ. އޭނާއަށް އެވަޅުގެ މަތީގައި ހުރެވެނީ ކިރިޔާއެވެ. އެވަޅުގަނޑަށް އޭނާ ވައްޓާލުމަށް އޭނާގެ އެކުވެރި ރަޒާން މަސައްކަތް ކުރަމުން ދިޔައެވެ. އޭނާގެ ފަހަތުގައި ރަމީޒު ނުލަފާ ހިނިތުންވުމެއްގައި ހުއްޓެވެ.
ރަޒާން ނާއިކް އެވަޅަށް ކޮއްޕާލަން އަތް ހިއްލާލި ވަގުތު އެއަތުގަ ހިފާ ރަޒާން ދުރަށް ކޮށްޕާލީ އޭނާގެ ދޮންތަ، ރިޔާޝާއެވެ. ނާއިކް ހައިރާންވީ ފެޝަން ހެދުން ލައި އުޅޭ ރިޔާޝާ ކަޅުކުލައިގެ ދޫ ހެދުމަކާއެކު ބޮޑު ބުރުގަލެއް އަޅައިގެން ހުރުމުންނެވެ.
ހަމަ އެވަގުތު ނާއިކްގެ އަތުގައި މީހަކު ހިފާ ބޭރަށް ދަމައިގަތެވެ. ނާއިކްއަށް އެމީހެއްގެ މޫނަށް ބަލައިލެވުނެވެ. އެއީ ޒުނާމްއެވެ. ޒުނާމްގެ ފަހަތުން ދުރުގައި ހުރި ނައުޝާ ނާއިކްގެ ލޮލުގައި އަޅައިގަތެވެ. އަދި ނައުޝާގެ ފަހަތުން ބައިވަރު މީހުންތަކެއް އަންހެނަކު އަތުލަފިކޮށްގެން އަންނަތަން ފެނުނެވެ. ނާއިކްއަށް އެމީހުން ސާފުވާ ގޮތެއް ނުވިއެވެ.
ހަމަ އެވަގުތު ސިއްސައިގެން ގޮސް ނާއިކްއަށް ހޭލެވުނެވެ. ނާއިކްއަށް ދެލޯ ބޮޑުކޮށްލަމުން ކޮޓަރީގެ ވަށައިގެން ބަލައިލެވުނެވެ. ކޮޓަރީގެ ކަނަކުން ދުންގަނޑެއް އަރަން ފެށިތަން ނާއިކްގެ ލޮލުގައި އަޅައިގަތީ އެވަގުތެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.



