Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުޑަކުދިންގެ

(ތިންވަަނަ ބައި) ޢަބްދުﷲ ގެ ޙަޔާތުން ދުވަހެއް

Aayaa
Aayaa Level 410 Stories100 Login100 Comments
August 26, 2022 3 Mins Read
0 Comments

ހަލަބޮލިވެފައިވާ ރަށުތެރޭގެ މަގުތަކުން ހިނގާފައި އަންނަނީ ޢަބްދުﷲއާއި އޭނާގެ މަންމައެވެ. ދެމައިން އެކުގައި ހިނގާފައި އަންނަނިކޮށް ގެއެއްގެ އަސްކަނި ދޮށުގައި އިން މުސްކުޅި ބޭބެއަކު ގޮވާލިއެވެ.

“ކިހިނެއްވީ ބޭބޭ؟” ޢަބްދުﷲގެ މަންމަ އެބޭބެގެ ގާތުގައި މަޑުކޮށްލަމުން އޯގާތެރިކަމާއެކު ބުނެލިއެވެ.

“މަންމި އެބޭބެއާތަ ތި ވާހަކަ ދައްކަނީ؟ ބަލާބަ ލާފަ އިން ހަޑި ހެދުން. އެހުރީ ވީދިފަ. އަނެއްކާ ކިލާހޭކިފަ ހުރީވެސް. ބޭބެ ކައިރިން މެހިތައްވެސް އެދުވަނީ ނުބައި ވަސް ދުވާތީ. ކޮއްކޮ މިދަނީ މާމަ ގެއަށް. މަންމިވެސް އާދޭ ތި ބޭބެގާތު ނުހުރެ.” ޢަބްދުﷲ ބުނަން ބޭނުންވި ހުރިހާ ވާހަކައެއް ބުނެ ނިމުމުން އޭނާގެ މަންމައާ ދިމަ ބަލައިވެސް ނުލާ ދުއްވައިގަތެވެ. މަންޒަރު ބަލަން ހުރެފައި ޢަބްދުﷲ މަންމަ ދެފަރާތަށް ބޯހޫރުވާލި އިރު އެބޭބެގެ ގިސްލުމުގެ އަޑު އިވުނެވެ.

“ބޭބެ ނުރޮއްޗޭ އިނގޭ. އަދި ޢަބްދުﷲއަށް ވިސްނޭނެ. މިއޮތީ އަޅުގަނޑު ބޭބެއަށް ދޭ ހަދިޔާއެއް އިނގޭ.” ޢަބްދުﷲ މަންމަ ދަބަހުން ރުފިޔާގެ ނޫޓުތަކެއް ނަގާ އެބޭބެއަށް ދިއްކޮށްލިއެވެ.

“އިންޝާﷲ. އަދި އެކުއްޖާއަށް ވިސްނޭނެ. މާތް ﷲ ދަރިފުޅަށް ހެޔޮ ރަޙްމަތް ލައްވާށި. އާމީން.” އެބޭބެ ޢަބްދުﷲއަށާ އޭނާގެ މަންމައަށް ހެޔޮ ދުޢާ ކޮށްދިނެވެ. ޢަބްދުﷲގެ މަންމަ ހީލާފައި ކުރިއަށް ހިނގައިގަތެވެ.

ޢަބްދުﷲ އެކުވެރިޔަކާ ވާހަކަދައްކަން ހުރުމަށްފަހު މާމަގެ ގެއަށް ވަންނަން އުޅުނު ވަގުތަކީ ޢަބްދުﷲގެ މަންމައަށްވެސް އެގެއާ ހަމައަށް ފޯރި ވަގުތެވެ. ދެމީހުންނަށްވެސް ގޭތެރެއަށް ވަދެވުނީ އެކުއެކީގައެވެ. އެވަގުތަކީ ޢަބްދުﷲގެ ބަލި މާމަ އަސާގަނޑެއްގެ އެހީގައި ކޮޓަރިން ނުކުމެގެން ޖޯއްޔަށް ދިޔަ ވަގުތެވެ. މާމައަށް ބެލުމެއް ނެތި ޢަބްދުﷲ އެގޭތެރެއަށް ދުއްވައިގަތީ އޭނާގެ ކޮއްކޮއެއް ކަމަށްވާ ޚާލިދު ހޯދާށެވެ. ނަމަވެސް ޢަބްދުﷲ މާމަގެ އަތުގައި ޖެހި މާމަގެ އަތުގައި އޮތް އައިނު ބިންމައްޗަށް ވެއްޓިއްޖެއެވެ. އެ އައިނަކީ މާމައަށް ވަރަށް މުހިންމު އައިނެކެވެ.

“ދަރިފުޅާ މާމައަށް އައިނު ނަގައި ދީފަ ދޭބަލަ. ޚާލިދު ވީ އޭނަގެ ބައްޕައާ އެކު ދުއްވާލަން ގޮހޭ.” ތުރުތުރު އަޅާ އަޑަކުން މާމަ އާދޭހާއެކު ބުނެލިއެވެ. ނަމަވެސް އެއަށް ސަމާލުކަން ނުދީ ޢަބްދުﷲ ދުއްވައިގަތެވެ. ޢަބްދުﷲގެ މަންމަ މިފަހަރު ބަލަން ހުރުމަށްފަހު ޢަބްދުﷲއަށް ގޮވާލިއެވެ.

“ޢަބްދުﷲ މަންމަ ދެކެ ލޯބިވޭތަ؟” ޢަބްދުﷲ މަންމަ ބާރަށް ގޮވާލުމުން ޢަބްދުﷲ އެހުރިތާ ހުރުމަށްފަހު ބާރަށް ލައްބައޭ ކިޔާ ގޮވާލިއެވެ.

“މަންމަދެކެ ލޯބިވަންޏާ މާމަދެކެ ވެސް ލޯބިވާން ވާނެ. އަވަހަށް އާދޭ މާމައަށް އައިނު ނަގައިދޭން. އޭރަށް މަންމަދެކެ ލޯބިވާކަމަށް ޤަބޫލު ކުރާނީ..” ޢަބްދުﷲ މަންމަ އަނެއްކާވެސް ބާރަށް ގޮވާލިއެވެ. ތުންގަނޑު ނެރެގެން ހުރެ ޢަބްދުﷲ މާމައަށް އައިނު ނަގައިދިނުމަށްފަހު ގޭތެރެއަށް ވަންނަން ހިނގައި ގަތެވެ.

“ދަރިފުޅު ހާދަ ބަސްއަހައޭ މަންމި ދޫނި..” ޢަބްދުﷲއާ ދިމަ ބަލައިލަމުން ހިނިތުންވެފައި ހުރެ ޢަބްދުﷲ މަންމަ ބުނެލިއެވެ.

ޖެހިގެން އައި ދުވަހު ސުކޫލުން އައި ގޮތަށް ޢަބްދުﷲ ބޮލުގައި ރިއްސާތީ ކުޑަކޮށް ނިދާލަން ބޭނުންވިއެވެ. އެނދުގައި އޮށޯވެވުނު ހެނެއް ހިޔެއްނުވެ ޢަބްދުﷲ އަށް ނިދިއްޖެއެވެ.

ބާވެފައި ހުރި ޖިފުގަނޑެއްގެ ދޮރު ހުޅުވާލަމުން ނިކުމެގެން އައީ ޢަބްދުﷲއެވެ. ޢަބްދުﷲ ލައިގެން ހުރީ ބާވެފައި ހުރި ހަޑި ޓީޝާޓެކެވެ. އަތުގައި އޮތް އަސާގަނޑުގެ އެހީގައި ޢަބްދުﷲ ކުރިއަށް ހިނގައިގަތެވެ. އޭރު އެއަވަށުގެ ކުދިން ފުޓުބޯޅަ ކުޅެން އެތަނުގައި އުޅެއެވެ. އެތަނުން ކުއްޖަކު ޖެހި ބޯޅަ ޖެހުނީ ޢަބްދުﷲ ހިފަހައްޓައިގެން ހުރި އަސާގަނޑުގައެވެ. އަސާގަނޑު ވެއްޓުން ވަގުތު ޢަބްދުﷲވެސް އަމިއްލަ ޙާލަށް ނުހުރެވިގެން ވެއްޓުނެވެ. އެއާއެކު އެތާތިބި ކުދިން ބާރަށް ހޭންފެށިއެވެ.

“އެއްކަލަ މުސްކުޅި ބޭބެގަނޑު ނިކުތީ ދޯ. އައްޗި.. ބަލާ މިތަނަށް ވެސް ކުނިވަސް އެބަދުވާ..” އެކިކުދިން ޢަބްދުﷲއަށް މަލާމަތް ކުރަމުން ދިޔައެވެ. ހިތްވަރު ކޮށްލަމުން ޢަބްދުﷲ ތެދުވި އިރު އޭނާގެ ލޮލުން ކަރުނަ ފައިބަމުން ދިޔައެވެ.

ރަށުތެރޭގައި ހިނގަމުން ގޮސް ޢަބްދުﷲ ގެއެއްގެ އަސްކަނި ދަށުގައި އިށީނެވެ. މިއަދު އޭނާއަށް އެންމެ ރުފިޔާކޮޅެއް ވެސް ނުލިބުނެވެ. ކާނެ އެއްޗެއްވެސް ލިބޭނީ ލާރިއެއްވެސް ލިބިގެން ނޫންހެއްޔެވެ. މަގުހުރަސް ކުރަން ދިޔަ މީހެއް ފެނިގެން ޢަބްދުﷲ އެމީހަށް އެހީއަކަށް އެދި ގޮވާލިއެވެ. އެހިނދު އެމީހާ ޢަބްދުﷲ ގެ ކައިރިއަށް އައިސް ހަޅެއް ލަވައިގަތެވެ.

ސިއްސައިގެން ގޮސް ޢަބްދުﷲއަށް ހޭލެވުނު އިރު މުޅި މީހާ ތުރުތުރު އަޅައެވެ. ފެނުނު ހުވަފެނާ މެދު ވިސްނަން އޮތުމަށްފަހު ފުއްމައިގެން ތެދުވެގެން ގޮސް ޢަބްދުﷲގެ މަންމަގެ އަތުގައި ހިފާ ތަޅުވާލިއެވެ.

“މަންމާ. ހިނގާބަ އެއްކަލަ ބޭބެ ކައިރިއަށް ދާން. ކޮއްކޮ އެމީހާ އަށް ހަދިޔާ ހިފައިގެން ދާނީ. ރީތި ހެދުމަކާ ނޫޑުލީސް ތައްޓެއް ގެންގޮސްދޭނީ. މަންމާ ހިނގާ އަވަސް.” ޢަބްދުﷲ އެއްނޭވާ މަތިން ހުރިހާ ވާހަކައެއް މަންމައަށް ކިޔައިދީ ނިންމާލިއެވެ.

ޢަބްދުﷲއަށް އައި ކުއްލި ބަދަލުފެނި ޢަބްދުﷲގެ މަންމަ ވީގޮތް އޮޅުން ފިލުވިއެވެ. ޢަބްދުﷲ ފެނުނު ހުވަފެނުގެ ވާހަކަ ކިޔައިދިނެވެ.

އެދުވަހު ހަވީރު ޢަބްދުﷲ އެބޭބެއާ ބައްދަލު ކުރަން ދިޔަ އިރު އެބޭބެ ހަމަ އެތަނުގައި އިނެވެ. ޢަބްދުﷲ އެމީހާއަށް މަޢާފަށް އެދުމަށްފަހު އޭނާ ގެނައި ހަދިޔާތައް ބޭބެއަށް ދިނެވެ. އެބޭބެ ޢަބްދުﷲ އަށް ހެޔޮދުޢާ ކޮށްދިނެވެ.

ޢަބްދުﷲއަށް ވިސްނާލެވުނެވެ. މިއަދު ވަރަށް ގިނަކުދިން މުސްކުޅި ބޭބެމެންނަށާ ދައްތަ މެންނަށް ވަރަށް މަލާމަތް ކުރެއެވެ. ނަމަވެސް ބޮޑެތި މީހުންނަށް އިޙްތިރާމް ކުރުމަކީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަހަރުމެންނަށް ކުރަން އެނގެވި ކަމެއްކަން އެނގުނެވެ. ޢަބްދުﷲ އެހެން ކުދިންނަށްވެސް އެކަން ދަސްކޮށްދިނުމަށް އެދުވަހު ޢަޒުމު ކަނޑައެޅިއެވެ. އަދި ބައްޕައާ ގުޅައިގެން އެއާ ގުޅޭ ޙަދީޡެއްވެސް ދަސްކުރިއެވެ. އެ ހަދީޡްގައި ވަނީ “އަހަރުމެންގެ ކުޑަކުދިންނަށް އޯގާތެރިނުވާ އަދި ބޮޑެތި މީހުންނަށް ޤަދަރު ނުކުރާ މީހާއީ އަހަރުމެންގެ ތެރެއިންވާ މީހެއް ނޫނެވެ.” (ރިވާކުރެއްވީ ސުނަނުއް ތިރްމިޛީ)

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Aayaa
Follow Me Written By

Aayaa

Level 410 Stories100 Login100 Comments

Other Articles

Previous

ޙާލަތު (ހަވަނަ ބައި)

Next

ތީ އޭ ހަނދަކީ 19

Next
August 28, 2022

ތީ އޭ ހަނދަކީ 19

Previews
August 26, 2022

ޙާލަތު (ހަވަނަ ބައި)



All Right Reserved!