(ޢަބްދުﷲގެ ޙަޔާތުން ދުވަހެއް (ފަހުބައި
ޢަބްދުﷲގެ މަންމަ ކާގެއިން ގޮވާލި އަޑު އިވުމާއެކު ވާހަކަ ފޮތް ބޭއްވުމަށްފަހު ޢަބްދުﷲ ދުއްވައިގަތީ ކާގެއަށެވެ. މޭޒު މަތީގައި ދިވެހި ކެއުމެއް ތައްޔާރު ކުރެވިފައި ހުރުމުން އެކަމާ ޢަބްދުﷲ ޝަކުވާ ކުރިއެވެ.
“ކޮއްކީ. މަންމަ ބުނަމެއްނު އެއިރަކު ހަދާފަ ހުރި އެއްޗެއް ކާންވާނެއޭ. އަދި ދަރިފުޅަކަށް ނޭނގެއެއްނު މި ކެއުން ނުބައި ވާނެ ކަމެއްވެސް. ރަހަ ބަލާލަން ހިނގާ ދޯ މަންމިއާއެކު.” ޢަބްދުﷲގެ ބޮލުގައި ފިރުމާލަމުން ޢަބްދުﷲގެ މަންމަ ބުނެލިއެވެ.
ދެންވެސް އެކަމާ ހިތްހަމަ ނުޖެހި ހުރެ ޢަބްދުﷲ ގޮނޑީގައި އިށީނދެ ބަތް އަޅަން ފެށިއެވެ. ތަށި ފުރެންދެން ބަތް އެޅި އިރު މޭޒުމައްޗަށް ބައިވަރު ބަތް އެޅިފައި ހުއްޓެވެ. ނަމަވެސް އެކަމަށް ފަރުވާލެއް ނުބަހައްޓާ ޢަބްދުﷲ ތައްޓަށް ގަރުދިޔަ އެޅިއެވެ. ޢަބްދުﷲ ހިތްހަމަ ޖެހުނު ވަރަށް ކާއެއްޗެހި އެޅުނު އިރު ބަތްތަށި އޮތީ ފުރިފައެވެ. ޢަބްދުﷲއަށް އެކާއެއްޗެހި ނުކެވޭނެކަން ޔަޤީނެވެ. ވަރަށް އުފަލުން އިނދެ ޢަބްދުﷲ ކާން ފެށިއެވެ. ކާންފެށީވެސް ވާއަތުންނެވެ.
“ދަރިފުޅޫ. މަންމަ އަބަދުވެސް ހަނދާންކޮށް ދެމެއްނު ކެއުމުގެ އަދަބުތައް. ދަރިފުޅަށް އެނގޭތަ ކާންވާނީ ކަނާއަތުން. ވާއަތުން ކާނީ އިބިލީސް. އަދި ކާއެއްޗެހި އަޅަންވާނީ ދަރިފުޅަށް ކެވޭވަރަށް. އެހެންނޫނީ އިސްރާފުވާނީ. ދެން ކާއިރު ވާނެ ކާއެއްޗެހި ބޭރަށް ނުދާގޮތަށް ކާން. އަދި ކާއިރު އެކުއްޖެއްގެ ގަޔާއި ކައިރި ފަރާތުން ރީތިކޮށް ކާލަން ވާނީ. މަންމި ވަރަށް ދެރަވާނެ ކެއުމުގެ އަދަބުތަކާ ޚިލާފަށް ކަންޏާ. އަޅެ ތިއްތިކޮށް ކާލަބަލަ ދޫނި.” ތައްޓަކަށް ޖޫސްފޮދެއް އަޅަމުން ޢަބްދުﷲގެ މަންމަ ބުނެލިއެވެ. ނަމަވެސް ޢަބްދުﷲއަށް އެވާހަކަ ނުއިވޭ ފަދައެވެ. ތަށީގައި ބަތް ހާވަމުން ބަތްތައް ބޭރަށް ފައިބަމުން ދިޔަ އިރުވެސް ޢަބްދުﷲ އެކަމަށް ސަމާލުކަމެއް ނުދެއެވެ. އެންމެ ފަހުން ބަތްތަށި ނުކެވިގެން ޢަބްދުﷲ ދިޔައީއެވެ. ޢަބްދުﷲގެ މަންމައަކީ އިސްރާފު ނުކުރާ މީހެއް ކަމުން އެބަތްކޮޅު ކާލީ ޢަބްދުﷲގެ މަންމައެވެ.
އެދުވަހުގެ ޢަޞުރު ނަމާދު ނިމިގެން ޢަބްދުﷲ ގެއަށް ދިޔައިރު ޢަބްދުﷲގެ މަންމަ ހުރީ ހަވީރު ސައި ހަދާފައެވެ. ޢަބްދުﷲ ގޮނޑިއެއްގައި އިށީން އިރު ޢަބްދުﷲގެ މަންމަވެސް ތަށްޓަކަށް ސައި އެޅުމަށްފަހު ގޮނޑިއެއްގައި އިށީނެވެ.
“މަންމަ ދަރިފުޅަށް ވަރަށް ރީތި ވާހަކައެއް ކިޔައިދެންތަ؟” ޢަބްދުﷲގެ މަންމަ ހިނިތުންވުމާއެކު ބުނެލިއެވެ.
“މަންމި އަބަދުވެސް އެއްކަހަލަ ވާހަކަ ކިޔައިދޭނީ..” ޢަބްދުﷲ ތުންގަނޑު ނެރުނެވެ.
“އެކަމަކު މިއީ ވަރަށް ރީތި ވާހަކައެއް. އަޑު އަހާލައްޗޭ. އެއްސަހަރެއްގައި މިއުޅެނީ ވަރަށް މުއްސަނދި މީހަކު އިނގޭ. އެމީހާ އަބަދުވެސް ކަނީ ވާއަތުން. ދެން އެމީހާގެ ގާތުގަ އުޅޭ މީހެއް މިބުނަނީ ވައަތުން ކާކަށް ނުވާނެއޭ. ބުނީމަ އެމީހާ ބުނީ ތިމަންނައަށް ފަސޭހަ އަތަކުންނޭ ކާނީ. ތިމަންނަ ކާއަތަކުންނޭ ތިމަންނަ ކާނީ. ހަމަ ބުނިތަނާ އެމީހާއަށް ސްޓްރޯކެއް ޖެހިގެން އެމީހާގެ ވައަތުފަޅި އެކަށް ވާވީ. އެމީހާއަށް ދުވަހަކުވެސް އެވާއަތް ބޭނުން ނުކުރެވޭ ގޮތަށް.. އެހެންވީމަ ދަރިފުޅަށް އެބަ އިނގެއެއްނު މާތްﷲ ނަހީކުރައްވާފައިވާ ކަމެއް ކުރާ މީހަކަށް ކިތަންމެ ބޮޑު ޢަޒާބެއްވެސް ލިބިދާނެކަން ދޯ. އަދި އެއީ ދުނިޔެމަތީގައި ދޯ. އާޚިރަތުގައި އަދި މާބޮޑު ޢަޒާބެއް ލިބޭނެއްނު. ދަރިފުޅު ވިސްނާލައްޗޭ މިވާހަކައާ މެދު..” ޢަބްދުﷲގެ މަންމަ މިފަހަރުވެސް ވާހަކަދެއްކީ ނުހަނު އޯގާތެރިކަމާއެކުއެވެ. ޢަބްދުﷲ ހަމައެކަނި ބޯޖަހާލީއެވެ.
އެރޭ ނިދަން އޮވެގެން ޢަބްދުﷲއަށް ވިސްނެނީ އެކަމާމެދުއެވެ. ޢަބްދުﷲއަށް ނިދުނީވެސް އެޚިޔާލުގައި ވަނިކޮށެވެ.
އަނެއްދުވަހު ހޭލައިގެން ޢަބްދުﷲ އޭނާގެ މަންމަގާތު ދެން ދުވަހަކުވެސް ކާއެއްޗަކާ ބެހޭ ގޮތުން ހަޑިކޮށް ވާހަކަ ނުދައްކާނަން ކަމަށް ވަޢުދުވިއެވެ.
“ދަރިފުޅު އެކަން ކުރަން ޢަޒުމު ކަނޑައެޅީތީ މަންމަ ދަރިފުޅަށް ހަދިޔާއެއް ދޭނަން. އަވަހަށް ލޯ މަރާ.” ޢަބްދުﷲގެ މަންމަ ނުހަނު ޖޯޝާއެކީ ބުނެލިއެވެ. މަންމަގެ ޖުމްލަ ރަނގަޅަށް ނުނިމެނީސް ޢަބްދުﷲ ލޯ މަރާލީ ލިބޭނެ ހަދިޔާއަކާ މެދު ޚިޔާލު ކުރަމުންނެވެ.
މިނެޓެއް ނުވަނީސް ޢަބްދުﷲގެ މަންމަ އިޒުނަ ދިނުމުން ޢަބްދުﷲ ލޯހުޅުވާލިއެވެ. އެއާއެކު ޢަބްދުﷲއަށް ދެލޯ ބޮޑުކޮށްލެވުނު އިރު އަނގަމަތީގައި އެއް އަތް އެޅިއްޖެއެވެ. ޢަބްދުﷲގެ ކުރިމަތީ ހުރީ އެތައް ދުވަހެއް ވަންދެން އޭނާ ދެކެން ބޭނުންވި ލޯބިވާ ބައްޕައެވެ. ޢަބްދުﷲގެ ބައްޕައަކީ ބޮޑު ޖަމިއްޔާއެއްގެ ރައީސްކަމުން ގިނައިން އުޅެނީ ކޮންމެސް ދަތުރަކު ގޮހެވެ. ދުވެފައި ގޮސް ޢަބްދުﷲ ބައްޕަ ގައިގައި ބައްދާލިއެވެ. ޢަބްދުﷲގެ ބައްޕަވެސް ޢަބްދުﷲގެ ގައިގައި ވަރަށް ލޯބިން ބައްދާލިއެވެ.
“މިއޮތީ ބައްޕަ ދަރިފުޅަށް ގެނެސްދިން ހަދިޔާއެއް. ހިނގާ ދޯ ކޯޗެއްތޯ އޮތީ ބަލައިލަން.” ޢަބްދުﷲގެ ބައްޕަ އަތުގައި އޮތް ރަތްކުލައިގެ ޕާރުސަލް ޢަބްދުﷲއަށް ދިއްކޮށްލަމުން ބުނެލިއެވެ.
“ބައްޕާ. ކޮއްކޮގެ އިސްލާމް މުދައްރިސް ބުނީ ކުއްޖަކު ހެޔޮކަމެއް ކޮށްދިނުމުން ޖަޒާކަﷲ ޚައިރަންއޭ ބުނަން ވާނޭ. ބައްޕައަށް ޖަޒާކަﷲ ޚައިރަން..” ޢަބްދުﷲ ހަދިޔާގައި ހިފަމުން ބުނެލިއެވެ. އަދި ގިނައިރެއްނުވެ ހަދިޔާ ކަނޑާލިއެވެ.
އޭގައި އޮތީ މުޞްޙަފެކެވެ. ޢަބްދުﷲ ހިނިތުންވުމާއެކު ބައްޕަ ގައިގައި ބައްދާލިއެވެ.
“ޝުކުރިއްޔާ ބައްޕާ. އަޅުގަނޑު މިއަދަށް ފަހު އަބަދުވެސް ޤުރުއާން ކިޔަވާނަން. އެއީ އަޅުގަނޑުގެ އެންމެ ގާތް އެކުވެރިޔާ ކަމުގައި ހަދާނަން އިންޝާ ﷲ.” ޢަބްދުﷲ ލޮތްބާއެކު މަންމައާ ބައްޕަ ގައިގައި އެއްފަހަރާ ބައްދާލިއެވެ.
-ނިމުނީ-



