ޢަބްދުﷲގެ ޙަޔާތުން ދުވަހެއް (ދެވަނަ ބައި)
ވަށައިގެން ފެންނަމުން ދިޔަ ފެހި ގަސްތައް ޖެހިލާ ފިނި ރޯޅިއާއެކު ދެކޮޅަށް ހެލިލައެވެ. ކުރިމަތިން ފެންނަ ހިތްގައިމު މޫދުގައި އެކި ކުޅިވަރުތަކުގައި ޢަބްދުﷲ އާއި އޭނާގެ އެކުވެރިން ދިޔައީ ފޯރި ނަގަމުންނެވެ. ކޮންމެ ހޮނިހިރު ދުވަހަކީ ޢަބްދުﷲ އޭނާގެ އެކުވެރިންނާއެކު މަޖާކުރާ ދުވަހެވެ.
“ޢަބްދުﷲ. ދެން އަންނަ ހޮނިހިރު ދުވަހެއްގައި އުޅެބަލަ ގޮނޑުދޮށުގައި މަސްފިހަން. ވަރަށް މަޖާވާނެ.” ޢަބްދުﷲ އަށް ބޯޅަ އެއްލަމުން ސުފްޔާން ބުނެލިއެވެ.
“ތިއީ ވަރަށް ރަނގަޅު ޚިޔާލެއް. އަހަރެންނަށް ފެންނަނީ ސޮސެޖްވެސް ފިހަން. އަހަރެން ސޮސެޖް ގެންނާނަން. މަންމަ ވަތްގަނޑުން ރުފިޔާ ނަގައިގެން ގަނެވޭނެ.” ޢަބްދުﷲ ބޯޅަ ހިފަމުން ބުނެލިއެވެ.
“އަހަރެން ދައްތަ މިރުސް ފުނޑައި ދޭނެ. މޫދަށް އައިސް މަސް ބާނައިގެން މަސް ފިހާނީ ދޯ.” މޫދުގެ އަޑީގައި ފިނާލުމަށްފަހު މައްޗަށް އެރި ޙާރިޡް ބުނެލީ ނުހަނު ޖޯޝާ އެކުއެވެ.
ކޮންމެއަކަސް ތިން ކުދިން މަސްފިހަން ރާވަމުން ދިޔައެވެ. ޢަބްދުﷲ ދިޔައީ މަންމަގެ ވަތްގަނޑުން ރުފިޔާ ނަގާނެ ގަޑިއަކާ މެދު ވިސްނަމުންނެވެ. ޢަބްދުﷲއަށް އެކަން ކުރަން އެންމެ ރަނގަޅު ވަގުތަކަށް ފެނުނީ މަންމަ ބަދިގޭގައި ރޮށިފިހަން އުޅޭ ގަޑިއެވެ. ވަރަށް ވިސްނުމަށްފަހު އެދުވަސް ޖެހުމުގެ ދެދުވަސް ކުރިން ޢަބްދުﷲ މަންމަގެ ވަތްގަނޑުން ސަތޭކަ ރުފިޔާ ނަގައިފިއެވެ. ވައްކަމެއް ކުރެވުމުން ޢަބްދުﷲ އެކަމާ ކަންބޮޑުވިއަސް އެއީ މާބޮޑު ކަމެއް ކަމަށް ނުދެކުނެވެ.
ޖެހިގެން އައި ހޮނިހިރު ދުވަހު ޢަބްދުﷲ އޭނާގެ އެކުވެރިންނާއެކު ގޮނޑުދޮށުގައި މަސްފިހަމުން ދިޔައެވެ. މަސްފިހެ ނިމި ކެއުމުގެ ތެރެއިން ސުފްޔާން އޭނާ މަސްހިފަން ބައްޕަ ގާތުން ދޮށި ދިނުމަށް އެދުނު ވާހަކަ ބުންޏެވެ.
“އަހަރެން މޫދަށް އަންނަން ވެގެން ބައްޕަ ގާތު ބުނިން މަސްހިފަން ދޮށްޓެއް ދޭށޭ. ބައްޕަ ވަރަށް ނަޞޭޙަތް ދީފަ ދޮށި ދިން. ބުނި ކޮންމެކަމެއް ކުރާއިރު ވެސް ބައްޕަމެން ގާތު ބުނަން ވާނެއޭ.” ސުފްޔާން މަސްކޮޅެއް އަނގަޔަށް ލަމުން ބުނެލިއެވެ.
“އަހަރެން ދައްތަ ގެއަށް ގޮސް ބުނީމަ މިރުސް ފުނޑައިދިނީ. ދެން ދައްތަ އަމިއްލައަށް އަހަރެމެން ބޯނެ އެއްޗެއް ގެންނަން ވާނެ ނޫންހޭ ބުނެ ސްޕްރައިޓް ފުޅިއެއް ގަނެދިނީ.” ޙާރިޡްވެސް އޭނާ އެއްޗެހި ހޯދިގޮތް ބުނެދިނެވެ. އެންމެފަހުން ޢަބްދުﷲ އަށް އޭނާ ސޮސެޖް ހޯދިގޮތް ބުނަން ޖެހިއްޖެއެވެ.
“އަހަރެން މަންމަ ވަތްގަނޑުން ރުފިޔާ ނަގައިގެން ސޮސެޖް ގަތީ.” ޢަބްދުﷲ ބުނެލީ މަޑުންނެވެ. ހުރިހާ އެކުވެރިން މަންމަ ގާތުގައި ބުނެގެން އެއްޗެހި ގެނެސް އޭނާ އެކަނި ވަގަށް އެއްޗެހި ގެނައުމުން ދެރަވިއެވެ. އެހެންކަމުން އޭނާ ނިންމީ މަންމައަށް ޙަޤީޤަތް ކިޔައިދޭށެވެ.
ޢަބްދުﷲއަށް ގެއަށް ދެވުނު އިރު މެންދުރު ބާރަ ޖަހަނީއެވެ. އެހެންކަމުން އަވަހަށް ފެންވަރައިގެން ފުރަތަމަ ދިޔައި ނަމާދަށެވެ. މެންދުރު ނަމާދުކޮށްގެން ޢަބްދުﷲ ގެއަށް އައިއިރު އޭނާގެ މަންމަ ހުރީ ވަރަށް މީރުކޮށް ކައްކާފައެވެ. ކާންވެގެން ގޮނޑީގައި އިށީނުމަށްފަހުވެސް ޢަބްދުﷲއަށް ކާކަށް ނުކެރުނެވެ.
“ކޮއްކި ކިހިނެއްވީ ނުކައި ތިއިނީ؟” ޢަބްދުﷲގެ މަންމަ ސުވާލުކޮށްލިއެވެ.
“ކޮއްކޮ މަންމަ ވަތްގަނޑުން ރުފިޔާ ނެގީ މިއަދު މަސްފިހާ އިރު ސޮސެޖު ގަންނަން ވެގެން. އެހެންކުދިން އެކުދިންގެ މަންމަ ކައިރީ ބުނެގެން ގެންދިޔައީ ކޮއްކޮ ފިޔަވާ. އެހެންވެ ކޮއްކޮ ދެރަވޭ މަންމައަށް ނޭނގި އެވަރު ކަމެއް ކުރެވުނީމަ. ސޮރީ މަންމާ..” ޢަބްދުﷲގެ ވާހަކަ ނިމުނު އިރު އޭނާއަށް ގިސްލެވެއެވެ.
“މަންމަ ދަރިފުޅަށް މަޢާފުކޮށްފިން. މަންމައަށް އިނގޭ ދަރިފުޅު މަންމަގެ ވަތްގަނޑުން ރުފިޔާ ނެގިކަން ވެސް. ދަރިފުޅު ރުފިޔާ ނަގަނިކޮށް މަންމައަށް ފެންނަންވެސް ފެނުނު. އަދި މިއަދު ފިހާރާގައި އުޅޭ ދައްތަ އައިސް ބުނި ދަރިފުޅު ސޮސެޖް ގެންދިޔަ ވާހަކަވެސް. ދަރިފުޅަށް އެނގޭތަ މަންމަ ދަރިފުޅަށް މަޢާފު ކުރަން ޖެހުނު ސަބަބު؟” ޢަބްދުﷲގެ މަންމަ ޢަބްދުﷲގެ ގާތަށް އައިސް ސުވާލުކޮށްލިއެވެ. ޖަވާބެއްގެ ގޮތުން އިސްޖަހާލައިގެން އިނދެ ޢަބްދުﷲ ދެފަރާތަށް ބޯހުރުވާލީއެވެ.
“އެއީ ދަރިފުޅު މަންމަ ގާތުގައި ތެދުހެދީމަ. ގޯސް ކަމެއް ކުރެވުނީމަ އެކަން އެނގި ތައުބާވާ މީހުންދެކެ މާތް ﷲ ލޯބިވެ ވޮޑިގެންވާނެ. އަދިވާނެ އެކަމެއް ދެވަނަ ފަހަރު ނުކުރަން ޢަޒުމް ކަނޑައަޅަން ވެސް. ކޮންމެ އިންސާނަކަށްވެސް ކުށް ކުރެވޭނެ. މަޢާފަށް އެދުމާއި މަޢާފުކުރުމަކީ ވަރަށް ރަނގަޅު ޢަމަލެއް.” ޢަބްދުﷲގެ މަންމަ ޢަބްދުﷲއަށް ކިޔައިދިނެވެ.
“މަންމާ. މީގެ ފަހުން ކޮއްކޮ ދުވަހަކުވެސް މަންމަ ދެރަވާ ކަމެއް ނުކުރާނަން އިންޝާﷲ. މަންމި ބުނަމެއްނު ގޯސް ކަމެއް ކުރެވުނީމަ އަދަބުދޭ ވާހަކަ. ކޮއްކޮއަށް ގޯސް ކަމެއް ކުރެވިއްޖެއްނު.” ޢަބްދުﷲ އޭނާގެ މަންމަގެ އަތުގައި ހިފާލަމުން ބުނެލިއެވެ.
“ދަރިފުޅު މި ހޮނިހިރު ދުވަހުން ފެށިގެން ދެން އަންނަ ހޮނިހިރު ދުވަހަކަށް ވާނެ ކޮޓަރިތެރެ ފޮޅަން. އެންމެ ރަނގަޅުތަ؟” ޢަބްދުﷲގެ ބޮލުގައި ފިރުމާލަމުން އޭނާގެ މަންމަ ބުނެލިއެވެ. ކިޔަމަންތެރިކަމާއެކު ޢަބްދުﷲ ބޯޖަހާލިއެވެ. ޢަބްދުﷲގެ މަންމަ ޢަބްދުﷲ ގައިގައި ބައްދާލުމަށްފަހު ކެއުމަށް ބުނެލިއެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.



