“ނޫނެކޭ. މަޑުކޮށްބަލަ. ބަލާބަލަ އެ ދިމަ. އެ އޮތީނު އެ ކާނި ގަސް ދަށުގަ.” އަބްދުﷲ ހުއްޓައިނުލާ ކިޔަން ފެށުމުން ޒުނާމް ސައިކަލު ޕާކު ކޮށްލަމުން ފޭބިއެވެ. އަބްދުﷲ އިޝާރާތް ކުރި ހިސާބާ ކައިރިވަމުން ދިޔަ ވަރަކަށް އެތާ ކުއްޖެއް އޮތް ކަން ޒުނާމްއަށް ފާހަގަ ކުރެވުނެވެ. ޒުނާމް ހިނގުން ބާރުކޮށްލާ އެކުއްޖާގެ މޫނަށް ނަޒަރު ހިންގާލިއެވެ. އެއާއެކު ޒުނާމްއަށް ދެލޯ ބޮޑު ކޮށްލެވުނެވެ.
“ނާއީ..” ވައި އަޑުން ކަހަލަ ގޮތަކަށް ޒުނާމްއަށް ބުނެވުނެވެ.
“އަދި ވެސް މަ ބުނީމަ ގަބޫލު ނުކުރާތި. ދެން ކިހިނެއް ހަދާނީ؟” ޒުނާމްގެ ކޮނޑުގައި ޖަހާލަމުން އަބްދުﷲ ބުނެލިއެވެ. ޒުނާމް އުޑަފައިން އިއްތާލާ ނާއިކްއަށް ގޮވަން ފެށިއެވެ. އޭނާގެ ހިތަށް އެތަށް ސުވާލެއް އުތުރި އަރައިގެން ދިޔައެވެ. ދިހަ ވަރަކަށް ފަހަރު ގޮވުމުން ވެސް ނާއިކްގެ ހަބަރެއް ނުވުމުން ޒުނާމް ދެ ފިކުރެއް މަތީ ހުރެ ފޯނު ނަގާ ކަންފަތުގައި ޖައްސާލިއެވެ.
“ސަލާމް. ކަމެއްވީތަ ޒުނާމް؟ ދައްތަވެސް ކަމަކު ބުނަން ގުޅަން އުޅެނިކޮށް ތިގުޅީ. މިސްކިތުން ނާއީ ފެނުން ތަ؟”
“ވަޢަލައިކުމް ސަލާމް. އާނ ދައްތާ. އަހަރެން ވަރަށް ބޮޑު ވާހަކައެއް ބުނަން ގުޅީ. ނާއީ މިސްކިތަކަށް ނުދޭ. އެކަމަކު ބޮޑުބެ ދައްތަމެންގޭ ބިއްދަށް މަގުގައި ހުންނަ ބޮޑު ކާނި ގަސް ދަށުގައި އޭނާ ހޭނެތިފައި އޮއްވާ އަހަރެންނަށް މިފެނުނީ. ދައްތަ ހޮސްޕިޓަލަށް ދޭ. އަހަރެން މިހާރު އެމްބިއުލާންސަށް ގުޅައިފިން. އެބަ އާދޭ މިހާރު.” ޒުނާމް އޭނާގެ ފަހު ޖުމްލަ ބުނެލި ގޮތަށް ފޯނު ކަންފަތުން ނަގާ ޖިންސްގެ ޖީބަށް ލިއެވެ.
ދެތިން މިނެޓު ފަހުން އެތަނާ ކައިރި ކުރި އެމްބިއުލާންސްގައި ނާއިކް ހޮސްޕިޓަލަށް ގެންދެވުނެވެ. ސިޔާދާ އަށާއި ޒުނާމްއަށް ހިތުގައި އުފެދެމުން ދިޔަ ސުވަލުތަކަށް ޖަވާބު ނުލިބުނީ ނާއިކް ހޭ ނާރާތީއެވެ. އެތަނަށް ވެރިވެފައި އޮތް ހަމަ ހިމޭންކަން ނަގާލީ ސިޔާދާއެވެ.
“ނާހިލްއަށް ގުޅާބަލަ ޒުނާމް. ދައްތައަށް ފޯނު ބާއްވާފަ އާދެވުނީ ވެސް.” ޒުނާމްއަށް ބަލައިލަމުން ސިޔާދާ ބުނެލިއެވެ. ސިޔާދާގެ ބަހަށް އެއްބަސް ވަމުން ޒުނާމް ފޯނު ނަގައި ނާހިލްއަށް ގުޅަން ފެށިއެވެ.
އަރާމު ނިންޖަކުން ނިދާފައި އޮތް ނާހިލްއަށް ދެލޯ ހުޅުވާލަން މަޖުބޫރުވީ އޭނާގެ ކައިރީގައި އޮތް ފޯނު ރިންގުވާން ފެށުމުންނެވެ. ފުން ނޭވައެއް ދޫކޮށްލަމުން ނާހިލް ފޯނު ސްކްރީނަށް ބަލައިލީ އެވަގުތު އޭނާގެ ފޯނަށް ގުޅަމުން ދިޔަ މީހަކަށް ހިތުން ކުދި ކިޔަމުންނެވެ. ނާހިލްއަށް ފޯނަށް ބަލައިލެވުނު ވަގުތު އެކޮޅުން ފޯނު ކެނޑުނެވެ. ފޯނު ކެނޑުމުން ހިސާބަކަށް އުފާވެ ހުރެ އެނާ ފޯނު ކައިރީގައި ބާއްވާލިއެވެ. އެއާއެކު އޭނާ އަނެއްކާވެސް ފުން ނިންޖެއްގެ ތެރެއަށް ގެނބިގެން ހިނގައްޖެއެވެ.
“ހްމްމް. ފޯނެއް ނުނެގި. އަދި ހަތަރެއް ޖަހާނީ.” ޒުނާމް ފޯނު ކަންފަތާ ދުރުކޮށްލަމުން ބުނެލިއެވެ.
“ދެން ބާއްވާ ނިދަން. ވަރަށް ބިޒީކޮށް އުޅެނީ މިހާރު. ފަހުން ދެން ގުޅާލާނީ.” ސިޔާދާ ނާއިކްގެ މޫނަށް ބަލަން އިނދެ ބުނެލިއެވެ. ހަމަ އެވަގުތަކީ ނާއިކް ދެލޯ ތަގުޅިކޮށްލާ ލޯ ހުޅުވާލި ވަގުތެވެ.
ލޯ ހުޅުވާ ދެފަރާތަށް ބަލައިލެވުނު ނާއިކްއަށް ވަށައިގެންވީ މާޙައުލު ފެނުނީ އަނދިރި ޖަންގައްޔެއްގެ ގޮތުގައެވެ. ކުއްލިއަކަށް އެތާހުރި ގަހެއްގެ ބިއްދަށުން މީހެއް ނިކުންނަހެން ނާއިކްއަށް ހީވިއެވެ. ގައިގައި ހުރި ބާރެއްލާ އޭނާއަށް ހަޅެއް ލަވައިގަނެވުނީ އެހެންވެއެވެ.
“ނާއިކް.. ދަރިފުޅާ.. ލޯ ހުޅުވަބަލަ. މަންމައޭ މިހުރީ.. ދަރިފުޅާ..” ދެން އޭނާގެ ކަންފަތުގައި ޖެހުނީ މަންމަ ވޭނީ ރާގަކަށް އޭނައަށް ގޮވާ އަޑެވެ. ނާއިކްއަށް ރަނގަޅަށް ދެލޯ ހުޅުވާލެވުނު ވަގުތު އޭނާއަށް ކުރިން ފެނުނު މާޙައުލާ މިހާރު އޭނާއޮތް މާޙައުލުގެ ތަފާތުކަން ފާހަގަވިއެވެ. އޭނާއަށް ހަމަޖެހުމުގެ ނޭވައެއް ލެވުނީ އެވަގުތެވެ.
“ކިހިނެއްތަވީ ދަރިފުޅާ؟ ރޭގަ ދަރިފުޅު ނަމާދަށް ދިޔައިންތަ؟ ކީއްވެތަ ދަރިފުޅު އެތަނުގަ އޮތީ؟ ދަރިފުޅަށް ހުވަފެނެއް ފެނުނީތަ؟” ސިޔާދާ ހުރިހާ ސުވާލުތަކެއް އެއްފަހަރާ ކޮށްލިއެވެ.
“މް.. މާބޮޑު ކަމެއް ނުވެއޭ.. އެއީ ރޭގަ ހުވަފެނެއް ފެނުނީ.. ހުވަފެނުގަ އޮވެގެން ދެވުނީ އެތަނަށް..” ނާއިކް ހަގީގަތް ފޮރުވީ އޭނާއަށް ވީގޮތް ހުދު އޭނާއަށްވެސް ނޭނގޭތީއެވެ. ކުއްލިއަކަށް އެހާ ބިރުވެރި ހުވަފެނެއް ފެންނަންވީ ސަބަބެއް އޭނާއަކަށް ނުވިސްނުނެވެ. ކޮންމެއަކަސް ނާއިކް އޭނާގެ ހިތަށް ވިސްނައިދިނީ އެއީ އެހާ ބޮޑުކަމެއް ނޫން ކަމަށެވެ. ބޯ މައްޗަށް ބަރާ ކުރަމުން ދިޔަ ބޮޑު ވިލާގަނޑުގެ އެއްވެސް ހިލަމެއް ނާއިކްއަކަށް ނުވެއެވެ.
ޑޮކްޓަރު ނާއިކް ބެލުމަށް ފަހު ދިޔައީ އައިވީ ހުސްވުމުން ގެއަށް ދޫކުރަން ބުނެފައެވެ. ސިޔާދާ އިތުރު ތަނަކަށް ނުގޮސް ނާއިކްގެ ގާތު މަޑުކުރިއެވެ. ޒުނާމްއަށްވެސް އެތަނުގައި އިނދެވުނީ އޭނާގެ ޑިއުޓީ ގަޑި އިނީ ރޭގަނޑުކަމަށް ވާތީއެވެ.
އޭގެ ފަހުން ބައި ގަޑިއިރު ނިދުމަށް ފަހު ނާހިލްއަށް ތެދުވަން ޖެހުނީ ފޯނުގެ އެލާމް އަޑަށެވެ. ދަންވަރު އެކި ކަހަލަ މީހުން ގުޅާތީ އޭނާ ފޯނުގައި އިން ނަންބަރަށްވެސް މާބޮޑު ސަމާލުކަމެއް ނުދީ އެނޮޓިފިކޭޝަން ދުއްވާލިއެވެ.
ނަމަވެސް ނަމާދުން ގެއަށް އައި ވަގުތު ނާހިލްގެ ހިތް އެދެމުން ދިޔައީ އޭނާއަށް ގުޅީ ކާކުތޯ ބަލާށެވެ. އެހެންކަމުން ގެއަށް އައި ގޮތަށް ސޯފާއަށް ވެއްޓި ކޮންޓެކްޓަށް ވަނެވެ.
“ޒުނާމް. ކިހިނެއްވީބާ އަނެއްކާ؟ ހަމަ އަހަރެން ނިދާފަކަން އިނގޭތީ ރުޅި އަރުވަން ކަމަށް ވާނީ. ހޭއަރުވާލާނަން މިރޭ. އުހުނ. ބުނި މިރޭ ޑިއުޓީ އޮންނަ ވާހަކަ. އާހް. ސަކަރާތް..” ނާހިލް ފޯނަށް ބަލަން އިނދެ ހިތާ ހިތުން ކިޔާލިއެވެ. މާބޮޑު ކަމަކަށް ނަހަދާ އޭނާ ފޯނު ޖިންސްގެ ޖީބަށްލީ އެހެންވެއެވެ.
ހެނދުނުގެ ނާސްތާކޮށްލައިގެން ނާހިލް އަވަސްވެ ގަތީ ޔުނިވާރސިޓީއަށް ދާށެވެ. ފުނާއަޅަން ލޯގަނޑު ކުރިމައްޗަށް ހުއްޓުން ވަގުތު އޭނާގެ ސިކުނޑި އޭނާއަށް ކަމެއް ހަނދާން ކޮށްދީފިއެވެ. މީގެ މަސްތަކެއް ކުރިން ޒުނާމް އޭނާއަށް ގުޅާ، ދިން ހިތާމަވެރި ހާދިސާއެވެ. ނާއިކްއަށް ކަމެއްވީ ބާއޭ އޭނާގެ ސިކުނޑީގެ ދޮރުގައި ޓަކިޖަހާލަމުން ބުނެލިއެވެ. ޑްރެސިން ޓޭބަލް މަތީ ފުނާ ބޭއްވުމަށްފަހު ނާހިލް ފޯނު ނަގާ ޒުނާމްއަށް ގުޅަން ފެށިއެވެ. ހަތަރުވަނަ ރިންގާއެކު ޒުނާމް ފޯނަށް ޖަވާބުދިނެވެ.
“ސަލާމް. ކިހިނެއްވީ އެގަޑީގަ ގުޅާފަ އެއޮތީ؟ މީހުން ނިދާފަ ތިބޭ ގަޑިއޭ އެއީ..” ހިތުގެ ތެރޭގައި އޮތް ހާސްކަން ފިލުވާ ހަމަ ޖެހިލެވޭތޯ ބަލަމުން ނާހިލް ބުނެލިއެވެ.
“ވަޢަލައިކުމް ސަލާމް. އިނގޭ މީހުން ނިދާފަ ތިބޭ ގަޑިކަން. އެކަމަކު ބައެއް ކުދިންނަށް ވީގޮތެއް ނޭނގިގެން ހާސްވެގެން ގުޅީ.” ޒުނާމް ނާއިކްއަށް ލޯ އަޅާލަމުން ލާނެތް ރާގަކަށް ބުނެލިއެވެ.
“ކާކަށް ކީއްވީތަ؟” ނާހިލް ހާސްވެފައި އަހާލިއެވެ. ޒުނާމް ވީގޮތް ކިޔައިދިނީ ޔޯލައޭ ކިޔަމުންނެވެ.
“އިނގޭތަ ޔޯލަ ޔޯލަ ވާހަކައިގާ ހުރި ހަގީގަތެއް؟ ބައެއް މީހުންނަކި ޔޯލަ ވާހަކަ ގަބޫލުނުކުރާ މީހުން. ތިކަމުގެ އަސްލު ހަގީގަތް ބަލަން ޖެހޭނެ ދޯ..” ނާހިލް ސީރިއަސް އަޑަކުން ވާހަކަދެއްކިއެވެ.
“ޔޯލަ ވާހަކައިގައި ހުރި ހަގީގަތެއް ބަލަން އަޅެ އެސޮރާ ވާހަކަދައްކަބަލަ. އޭރަށް އެނގިދާނެތާ…” ހެވިފައި ޒުނާމް ބުނެލިއެވެ.
“ހްމްމް.. ދެން އަވަސް ކުރޭ. ޔުނިވާރސިޓީގެ ގަޑި ޖެހެނީ މިހާރު. ކޮބާތަ އަހަރެން މަންމަ؟” ނާހިލް ފޯނު ކަންފަތުން ނަގާ ސްޕީކަރު ޖައްސާލުމަށް ފަހު އެނދަށް އެއްލިއެވެ. އެކޮޅުން ޒުނާމް އޯކޭއޭ ބުނެލިއެވެ. އެއަށްފަހު އިވިގެން ދިޔައީ ނާއިކްގެ އަޑެވެ.
“ސަލާމް އަރަބި ކުއްޖާ. ކިހިނެއްވީތަ؟” ހުރިހާ ވާހަކައެއް ދޮންބެއަށް ކިޔައިދޭނެކަން ޔަގީނާ ގާތްވަމުން އައި ވަގުތުވެސް ނާއިކް ވާހަކަ ބަދަލު ކުރެވޭނެ ގޮތެއް ހޯދޭތޯ ވިސްނިއެވެ.
“ހަމަ ރަނގަޅު އަލްޙަމްދުﷲ. ނާއީ ކިހިނެއްތަ؟ ރޭގަ ކިހިނެކޯ ވީ؟ ސައުދީގެ ބޮޑު ނޫހުން ހަބަރު ފެނިގެން މިގުޅާލީ.. ހުވަފެނެއް ފެނިގެން އެހިސާބަށް ދިޔައީ ކީއްވެތަ؟ އަނެއްކާ ތުނޑިއާ ދިމައަށް މޫދަށް އެރެން ދަނީތަ މިހާރު ކޮންމެ ދުވަހަކު؟” ނާހިލްއަށް ސުވާލުތައް ކޮށްލެވުނީ އެއްފަހަރާއެވެ. ވީގޮތް އޮޅުން ފިލުވުމަށްޓަކައި އޭނާގެ ހިތް އެދެމުން ދިޔައީ ނާއިކްއަށް ގެއްލުމެއް ލިބިދާނެތީއެވެ.
“ހުރިހާ ސުވާލެއް އެއްފަހަރާ ކުރީމަ ކިހިނެއްތަ ވާނީ؟ ތިކުރި ހުރިހާ ސުވާލެއް ހަނދާނުގަ ބަހައްޓަން އުޅިގެން މިހާރު ހަނދާނުގަ ނެތް އެންމެ ސުވާލެއްވެސް..” ނާއިކް ޝަކުވާގެ ރާގަކަށް ބުނެލިއެވެ.
***
“ދަރިފުޅާ. މިހާރު ޑޭޑްގެ މަސައްކަތް ވަރަށް ކުރީގަ މިއުޅެނީ. ނާއިކްގެ ދުވަސްދާން މާގިނަ ދުވަހެއް ނެތް. ނާއިކް މިއަދު ހޮސްޕިޓަލުގަ އެބަ އޮތެއްނު ރޭގަ ފާޑެއްގެ ހުވަފެނެއް ފެނިގެން ހޭނެތުނީއޯ ކިޔާފަ. އަސްލު އިނގޭތަ އެއީ ބައްޕަގެ ކަމެކޭ.” ރަމީޒު މަސައްކަތުގައި އިންދާ ކޮޓަރި ދޮރުހުޅުވާލި ރަޒާން އާއި މުޚާތަބުކޮށްލިއެވެ.
“އެހެންތަ؟ ޑޭޑް ހާދަ ސަޅި މަސައްކަތެކޭ ތިކުރަނީ.. އަޅުގަނޑުވެސް ތިމަސައްކަތް ކުރާނީ އިނގޭ ޑޭޑް. ދެން ހިޝާމްގެ އޯ..” ރަޒާން އަބަދުވެސް ބުނާ ވާހަކަ ތަކުރާރު ކޮށްލިއެވެ.
“އެކަމަކު އަދި ހިތާމަވެރި ހަބަރެއް ލިބޭނީ. ހިޝާމްއަށް ގޮތެއް ނެހެދޭ. ރޯޒާއަކަށް ހިޝާމްއާ ކައިރިއެއް ނުވެވޭ. އޭނާ ދުއާތައް ކިޔައިގެން އުޅޭތީ. އެހެންގޮތެއް ހޯދާނީ. ބައްޕަގެ އެޖެންޓުން އުޅޭނެ. މިރށުގަ އުޅޭ ޕާޓޭ ސޮރުން ކޮޅަކާ ހަވާލުކޮށްލީމަ އެކަން ހަމަ ޖެހޭނެ.” ރަމީޒު އެއްދިމާލަކަށް ބަލަން އިނދެ ބުނެލިއެވެ.
“އޯކޭ.” ވާހަކަ ކުރުކޮށްލަމުން ރަޒާން ކޮޓަރިން ނިކުމެގެން ދިޔައެވެ.
***
ކިތަންމެ ކިޔައިދޭން ބޭނުން ނުވިކަމުގައި ވިއަސް ނާއިކްއަށް ޖެހުނީ ހުވަފެނުގައި ވީގޮތް ނާހިލްއަށް ކިޔައިދޭށެވެ. ނާއިކްގެ ވާހަކަ އަޑުއަހަން ހުރި ނާހިލްގެ ބަސްވަނީ ހުއްޓިފައެވެ. ނާހިލްއަށް ކަމެއް ރެއަކާލީ ނާއިކް ދެތިން ފަހަރު އޭނާއަށް ގޮވުމުންނެވެ. ހެނދުނާ ހަވީރުގެ ޛިކުރުތައް ކިޔާ ދީނަށް ފަރުވާތެރި ވުމަށާ ޖެހިޖެހިގެން ތިންރޭ ވަންދެން އެކަހަލަ ހުވަފެން ފެނިއްޖެނަމަ ދޮންބެ ގާތުބުނުމަށް އެދެމުން ނާހިލް ފޯނު ކުރުކޮށްލީ ޔުނިވާސިޓީއަށް ދާނެޖެހޭ ވަގުތު ކުޑަތަން ވަމުން އައިތީއެވެ.
މެންދުރުން އަނބުރާ އެކެއް ޖަހާލާހާ އިރު ނާއިކް ގެއަށް ދޫކުރެވުނެވެ. ގެއަށް އައިސް މެންދުރު ނަމާދުކޮށްގެން ނާއިކް ފޮތް ދަބަސް ހިފައިގެން ކިޔަވާ މޭޒުކައިރީ އިއްތާލީ އިނގިރޭސި ޕާސްޓް ޕޭޕަރެއް ހަދާށެވެ.
ނާހިލް ޔުނިވާރސިޓީ އިން އައިސް ފެންވަރާ ތާޒާ ވެލިއެވެ. އޭނާ ލެޕްޓޮޕް ހިފައިގެން ސިޓިން ރޫމަށް ދާން އުޅުނު ވަގުތު ގޭގެ ބެލް އަޅާ އަޑުއިވުނެވެ. ހައިރާންވެ ހުރެ ނާހިލް ގޮސް ގޭގެ ދޮރުހުޅުވާލިއެވެ. ކުރިމަތީ ހުރީ އޭނާއަށް މިއަދު ޔުނިވާރސިޓީ އިން ފެނުނު ޔޫސުފްބެއެވެ.
“އަނހާ ޔޫސުފްބެ. ކީއްކުރަނީ މިކޮޅުގަ؟” ނާހިލް ހިނިތުންވެ ހުރެ ބުނެލިއެވެ.
“ހެހެ. މިއައީ ދެން ނައުޝާ ކައިރިއަށް ދަތުރެއް ލިބުނީމަ. ދަރިފުޅު ދެން ބައްޕައޭ ކިޔަން ވާނީ..” ހިނިތުންވެ ހުރެ ޔޫސުފް ބުނެލިއެވެ.
“ހެހެ.. އަވަހަށް އާދޭ އިށީންނަން. ކިހިނެއްތަ ބޭބެ؟ މިހާރު ކޮބާތަ ހުޅުވަން އުޅުން ފިހާރަ؟ ހުޅުވިއްޖެތަ؟”
“އަލްޙަމްދުﷲ ވަރަށް ރަނގަޅު. ދަރިފުޅު ކިހިނެއްތަ؟ ފިހާރަ ހުޅުވިއްޖެ އިރާދަކުރެއްވީތީ. ޝިހާމު އިންޑިއާއަށް ބޭސްފަރުވާއަކަށް ދާންވީމަ ލަސްވީ މިކޮޅަށް އައުން.” ޔޫސުފް ދެންވެސް ހިނިތުންވުމާއެކު ވާހަކަދެއްކިއެވެ.
“ރަނގަޅު އަލްޙަމްދުﷲ. އެކަމަކު މިއަދު ނާއީ ކުޑަކޮށް ބަލިވެ އުޅުނީމަ ކުޑަކޮށް ހިތްނުތަނަވަސްވެފަ ހުރެވެނީ. ހެހެ. ޝިހާމްބެ އެއީ އެއްކަލަ ޑޮކްޓަރ އަހްސަންގެ އަންހެނުންގެ ބައްޕަ ދޯ. ބޭބެއާ ކިހިނެއް ދިމާވީ؟” ނާހިލް ޔޫސުފްގެ ކައިރީ އިށީންނަމުން ބުނެލިއެވެ.
“އެހެންތަ؟ މިއަދު ހިޝާމް ގުޅައިގެން އުޅިފަވެސް ނުބުނޭ ނާއިކް ބަލިކޮށް އުޅޭ ވާހަކައެއް. އެއީ ގާތް އެކުވެރިން ދޯ. އާނ އެއީ އެޝިހާމު. ބައްޕައާ އޭނައާ ދިމާވީ ސުނާމީގެ ދެއަހަރެއް ފަހުން އޭނަ ވަރަށް ދަތި ހާލުގައި އުޅެނިކޮށް. ބައްޕަވެސް އެދުވަސްކޮޅު ކުޑަކޮށް ދަތިކޮށް އުޅުނީ ރިސޯޓުގެ ބޮޑުބައެއް ހަލާކުވީމަ. އެކަމަކުވެސް އޭނައަށް އެހީވީމަ އޭނާ ބައްޕައާ ގުޅުން ބޭއްވީ. ދެން ފަހަކުން އޭނާ ބުނީ ތިމަންނަ ފިހާރައެއް ހުޅުވަން ބޭނުމޯ. އެހެންވެ ދެމީހުން އެއްކޮށް އެމަސައްކަތް ފެށީ.” ޔޫސުފް ކިޔައިދިނެވެ.
ނާހިލްއާ ޔޫސުފް ވާހަކަދައްކަން ތިބުމަށްފަހު ޔޫސުފް ގެއަށް ދިޔައީ އަސުރު ވަގުތު ކައިރިވީ ފަހުންނެވެ. ޔޫސުފް ގެއިން ނިކުމެގެން ދިޔަތަން ބަލަން ނާހިލްއަށް ހުރެވުނީ ހިނިތުންވެފައެވެ.
މަޣްރިބް ނަމާދަށްފަހު ނާހިލް ބުނިފަދައިން ޛިކުރުތައް ކިޔޭތޯ ނާއިކް މަސައްކަތް ކުރިއެވެ. ރޭގައި އޭނާ ތަޙައްމަލު ކުރި ބިރުވެރިކަން އޭނާ ދުވަހަކުވެސް ތަޙައްމަލު ކުރާކަށް ބޭނުމެއް ނުވެއެވެ. ނަމަވެސް ފަނަރަ މިނެޓުވީ އިރުވެސް ޛިކުރު ކިޔާ ނުނިމުމުން ނާއިކް ފޯނު ލޮކް ކޮށްލީ އެޛިކުރުތައް ނުކިޔާވެސް އޭނާއަށް އުޅެވޭނެ ކަމަށް އޭނާގެ ގޮތްދޫނުކުރާ ހިތަށް ވިސްނައިދެމުންނެވެ. ހަމަ އެވަގުތަކީ ސިޔާދާ ނާއިކްއަށް ގޮވާލި ވަގުތެވެ. ބޭރަށް ނިކުންނަން ބޭނުން ނުވުމުން އެއޮތް ގޮތަށް އޮތުމަށް ފަހު އާނއެކޭ ކިޔާ ގޮވާލިއެވެ.
“ހިޝާމް އެބަހުރި ބައްދަލު ކޮށްލަން އައިސް. ނިކުމެބަލަ.” ނާއިކްގެ ކޮޓަރި ދޮރު ހުޅުވާލަމުން ސިޔާދާ ބުނެލިއެވެ.
“ބޮލުގަ ރިއްސާ އެބަ. އޭނާ ގާތު ބުނޭ ވަންނާށޭ.” ކަންނެތްކަމާއެކު ނާއިކް ބުނެލިއެވެ.
އެވަގުތު ސިޔާދާގެ އެދުމާއެކު ހިޝާމް އައިސް އެކޮޓަރިއަށް ވަނެވެ. ހިޝާމްގެ އަތުގައި އޮތް އެތެރެ ނުފެންނަ ކޮތަޅު ފެނުމުން ނާއިކް ހައިރާންވިއެވެ. މީގެ ކުރިން ހިޝާމްއަކީ ބޭރަށް ދާއިރު އަތުގައި ސުކޫލު ފޮތެއް ބާއްވަންވެސް ލަދުން އުޅޭ މީހެކެވެ.
“ހިއްސޭ…” ނާއިކް ހިޝާމްއަށް ގޮވާލިއެވެ.
“ހުމްމް. ކޮން ބައްޔެއް ޖެހިގެންތަ ތިއުޅެނީ. ދޮންތަ ގުޅާފަ ބުނި ބައްޕަ ބުންޏޯ ނާއީ ބަލިކޮށޭ އުޅެނީ. މަ ހިތަށް އެރި ކިހިނެއް ބާއޭ ބައްޕައަށް އެވާހަކަ އިނގުނީ. ދެން އާދޭސް މަތީ އާދޭސް ކޮށްގެން މިއިނގުނީ ނާއީގެ ދޮންބެއާ ކަން ދޮންތަ މެރީ ކުރަން އުޅެނީ. އެހެންވެ މިއައީ. ކްލިއަރ ތަ؟” ހިޝާމް އޭނާގެ އަތުގައި އޮތް ކޮތަޅު ނާއިކްއަށް ދިއްކޮށްލަމުން ބުނެލިއެވެ.
“ވާއު ރިއަލީ.. އަހަރެންނަށް އަންގާވެސް ނުލާ ދޮންބެ..” ނާއިކް އެކޮތަޅުގައި ހިފާ އެތެރެ ބަލައިލަމުން ބުނެލިއެވެ. “މަށަކަށް ނޭނގެ ކޮން ބައްޔެއް ކަމެއް. ނުވޭ ބޮޑު ކަމެއްވެސް. ދޮންބެ އެކަމަކު މާހާސްވެގެން އުޅެނީ.. އެކަމަކު މީ ކޮން ކޮތަޅެއް؟ ހާދަ މޭވާއެއް. މިރަށުގައި ހުރި މޭވާ ތަކުގެ ދިރާސާއެއް ހަދަން މޭވާ އެއްކުރަނީތަ؟”
“ތިޔައީ ނާއީއަށް ދޭންވެގެން ގަތް އެއްޗެހި. ދިރާސާ ހަދަންޏާ ތިމޭވާތައް އަނބުރާ ދިނަސް މައްސަލައެއް ނެތް. މަ ވަރަށް ކާހިތްވާ އެއްޗެހި ހުންނާނީ ގަނެފަ. ބަލި މީހަކަށް ޒިޔާރަތް ކުރާއިރު ހަދިޔާ ގެންގޮސް ދިނުމުން އެމީހުން އުފާވާ ވާހަކަ ލިޔެފައި އޮތް ރިޕޯޓެއް ކީން ވިއްޔަ ކުރިން ދުވަހު. ދެން.. ނާއި ދޮންބެ ހާސް ނުވިއްޔާ ދެރައެއް ނުނޭ. މިހާރުވެސް ބޮލުގަ ރިއްސާތީ ތިއުޅެނީ.” ހިޝާމް ހީލަމުން ބުނެލިއެވެ.
ހިޝާމް އެގޭގައި އިނުމަށްފަހު ދިޔައީ އިޝާ ނަމާދަށް މިސްކިތަށެވެ. ހިޝާމް ދިއުމުން ނާއިކް ވެސް ނަމާދު ކުރަން އަވަސްވެ ގަތެވެ. އިޝާ ނަމާދަށްފަހު ނާއިކް، ކައިގެން ނިދަން އޮއްތާލީ ބޮލުގެ އިތުރަށް ބަނޑުގައިވެސް ރިއްސާތީއެވެ. ނަމަވެސް ހުވަފެނީ ޢާލަމަށް ދިއުމުގެ ކުރިން އޭނާއަށް ހިޝާމްގެ ހިތްހެޔޮކަމަށްޓަކައި ހިތާހިތުން ތަޢުރީފު ކޮށްލެވުނެވެ.
ހަނަފަސް ސަހަރާގެ މެދުގައި ހުއްޓި ހުރި ފިރިހެން ކުއްޖާ ދަނީ ވަށައިގެން ބަލަމުންނެވެ. ކައިރި އެއްވެސް ހިސާބަކުން މީހެއްގެ ހިލަމެއް ނުވާތާ ކުޑަ ސުތްޕެއްގެ ހިލަންވެސް ނުވެއެވެ. ދުރުން ނަމަވެސް ގަހެއްހާ މިންވަރުވެސް ފެންނަން ނެތެވެ. އެފިރިހެން ކުއްޖަކީ ނާއިކް ނޫން ދެވަނަ ކުއްޖެއް ނޫނެވެ. ކުއްލިއަކަށް ނާއިކް ފަހަތް ބަލައިލީ ބިރުވެރި އަޑެއް އިވުމުންނެވެ. އޭނާ ހުރިތަން ފިޔަވާ ހުރިހާ ހިސާބެއްގައި މިހާރުވަނީ ފެން ހެދެން ފަށާފައެވެ. ކުޑަ ފެން ކޮޅުތަކެއް ނޫނެވެ. ބޮޑެތި ފެން ކޯރުތަކެވެ. ސާފު ރީތި ފެނެއް ނޫނެވެ. ވަޅު ފެއްސަކަށް ދާ ހަޑި ފެންގަނޑެކެވެ. އޭނާއަށް އިވުނު އަޑަކީ ފަހަތުގައި އޮތް ކިނބުލެއް ބަރު އަޑަކުން ގޮވާލި އަޑެވެ. ވަށައިގެންވާ މާޙައުލު ފެނުގެ މާޙައުލަކަށްވެ ނާއިކް ފައި ޖައްސައިގެން ހުރި ތަންކޮޅުވެސް ފެނަށް ބަދަލުވަމުން ދެއެވެ. ނާއިކްއަށް ބާރަށް ހަޅެއް ލަވައިގަނެވުނެވެ. އިސާހިތަކު އޭނާ ފެން ގަނޑުގެ ތެރެއަށް ޣަރަޤުވާން ފެށިއެވެ. އެހީއަކަށް ގޮވަމުން ގޮސް ކަރުތާ ފެނަށް ގެނބޭ ވަރުވެއްޖެއެވެ. ވަށައިގެން ކިނބޫތަކެއް އޭނާއާ ކައިރިވަމުން ދިޔައެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.



