“ނާއީ..” ނާއިކް ސިއްސައިގެން ދިޔައީ ފަހަތުން ކުއްޖަކު އޭނާގެ ކޮނޑުގައި ޖަހާލަމުން ކައިރީ ހުރި ހުސް ގޮނޑީގައި އިށީނުމުންނެވެ. އެއަޑު ޖެހުނު ވަގުތު އެއަޑުގެ ވެރިއަކީ ކާކުކަން އޭނާ ނަގައިގަނެފިއެވެ.
“ހިޝާމް.” ވައި އަޑުން ކަހަލަ ގޮތަކަށް ނާއިކްއަށް ބުނެވުނެވެ.
“މަ އެހާ ލޯބިން ގޮވާލީމަވެސް ކަލޭ މަ ނަމުން ތި ގޮވީ.” ހިޝާމް ނާއިކްއަށް ބަލައިލަމުން ޝަކުވާ ކޮށްލިއެވެ.
“ހިއްސޭ.” ނާއިކް ކުޑަކޮށް ބާރަށް ގޮވާލިއެވެ.
“އޯއި.. މިހާރު ކިހިނެއްތަ ބްރޯ.؟ އިނގޭތަ މަގޭ ދޮންތަ މެރީ ކުރަން އުޅެނީ. އަންނަ އަހަރު ތެރޭގަ..”
“މަ ހަމަ ބަރާބަރު. ކަލޭ ކިހިނެއް؟ އޯހް ރިއަލީ. މަ ދޮންބެ ޗުއްޓީގަ އައިސް ބުނި ދޮންބެވެސް މެރީ ކުރަންވެގެންނޯ މިއުޅެނީ.”
“އެހެންތަ؟ ރޭގަ ވަރަށް ހެވިފައޭ ގުޅައިގެން އުޅުނީ. ނުބުނި ކާކު ކަމެއް. މިރަށު ސޮރެކޯ. އައި ޑޯންޓް ނޯ.” އެމައުޟޫއަށް ދައްކާނެ އިތުރު ވާހަކައެއް އޭނާގެ ނެތެވެ. “އޭހް ކީއްވެތަ މިހާރު ދުރުދުރުން ތިއުޅެނީ؟ މަ ފެންނަ އިރަށް ފިލާ ވިއްޔަ.”
“މަގޭތާ މި ނަން ވީ. މަ އޭރު މާލޭގަ އުޅެފަ ރަށަށް އައި ފަހުން ކަލޭމެން ދޯ މަށާ ރުޅިވީ. މި ދިޔަ އަހަރަކީ މަށަށް އައި އެންމެ ފޫހި ޗުއްޓީ. އުހުނ ދޮންބެ ހުރީމަ ވަރަށް ފޫހި ފިލި. ދެން އެކަމަކު ދޮންބެ އެކަހަލަ ފޫހި ވާހަކަ ދައްކާތީ ބޯރިންގް ވަނީ.”
“ނާއީ. އަހަރެން ވާހަކައެއް ބުނަންތަ؟ އަސްލު އޮޅުނީ އަހަރުމެންނަށް. އެއީ އެއްވެސް ފޫހި ވާހަކައެއް ނޫން. އަހަރެންގެ ދޮންތަ އަބަދުވެސް ވަރަށް ނަޞޭޙަތް ދޭ. ޤަބޫލުކުރަން ދަތިވިއަސް އަހަރެން ބަދަލު ވެއްޖެއިން. ނާއީވެސް އަހަރެންނާއެކު ކުރިއަށް ހިނގާ.”
“ތީ ކޮން ވާހަކައެއް؟ ކަލޭވެސް ޝައިޚަކަށް ވީ ތަ؟”
“މިހުރިހާ ދުވަހު މަ ވާހަކަ ނުދައްކާ ހުރީ ރުޅިންނެއް ނޫން. ރަޒާންވެސް މަގޭ ދެކެ ވަރަށް ފޫހިވޭ މިހާރު މަ އަބަދު މިކަހަލަ ވާހަކަ ދައްކާތީއޯ ކިޔާފަ. ރަޒާންޓެ އާއެކު އުޅުނީ އޭނައަށް ނަޞޭޙަތް ދޭން. ދޮންތަ ބުނީ އެއްވެސް މީހަކާ ރުޅިން ނޫޅެއްޗޭ.”
“އިނަފް.. ތިނޫން ވާހަކައެއް ދައްކަންޏާ ދެން އަހަރެން ކައިރިއަށް އަންނާނީ.” އިންޒާރުގެ ނަޒަރެއްގައި ހިޝާމްއަށް ބަލައިލަމުން ނާއިކް ބުނެލިއެވެ. އެވަގުތު ކުލާހަށް ޓީޗަރު ވަނުމުން ހިޝާމް އިތުރު އެއްޗެކޭ ނުބުނެ އޭނާގެ ގޮނޑީގައި އިއްތާލިއެވެ.
އިޝާ ނަމާދުކޮށްގެން ގެއަށް އައި ނާއިކް ކާމޭޒު ދޮށުގައި އިއްތާލީ ސިޔާދާ ކާން ގޮވާލުމުންނެވެ. ބަތް ތަބަކާއި ފިހުނު މަސް އަޅާފައި ހުރި ތަށި ހިފައިގެން ސިޔާދާ އައިސް ކާމޭޒު މަތީ ބަހައްޓާލިއެވެ. އެވަގުތު ކާމޭޒު މަތީ އޮތް ސިޔާދާގެ ފޯނު ރިންގުވާން ފެށިއެވެ.
“ދަރިފުޅާ ދޮންބެއަށް ވާނީ. ފޯނު ނަގާބަލަ. އިއްޔެވެސް އެފަކީރު ނުގުޅާ ވިއްޔަ.” ފޯނަށް އިޝާރާތް ކޮށްލަމުން ސިޔާދާ ބުނެލިއެވެ. އެއާއެކު ނާއިކް ފޯނު ނަގާ ކަންފަތުގައި ޖައްސާލިއެވެ.
“ސަލާމް މަންމާ. ކިހިނެއްތަ؟ އިއްޔެވެސް ނުގުޅުން ބިޒީ ކަމުން. އަހަރެންނަށް ފްރީ ވެފަ ގަޑި ބަލާލާ އިރު މަންމަމެންނަށް ދަންވަރު ބާރަ ޖަހާފަ ހުންނަނީ. ދެން ކިހިނެއްތަ ގުޅާނީ. ހަވީރު އެސައިމެންޓެއް ޑިއުވާކަން އިނގުނީ މެންދުރު. ދެން އަވަސް އަރުވާލާފަ އެހަދާ ސަބްމިޓް ކުރަން އުޅުނީ. މިރޭ އިޝާ ފަހުން އެބޮތް ދަރުހެއްވެސް.” ނާއިކް ފޯނު ނަގާ ކަންފަތުގައި ޖައްސާލުމާއެކު އިވިގެން ދިޔައީ ނާހިލް އެއްފައްޗަކަށް ވާހަކަ އަމުނާލި އަޑެވެ.
“ހްމް ބަލާބަލަ. ނުބައި މީހަކަށޭ ތިޔަ ވާހަކަ ދައްކަނީ. އަސްލު ވާހަކަދައްކަން ޖެހޭނީ އަޙުމަދު ނާއިކް ހުސެން ރުޝްދީއަށް.” ނާއިކް ހެވިލާފައި ހުރެ އޭނާގެ އަމިއްލަ ނަން ފުރިހަމަ ކޮށްލިއެވެ.
“ހްމްމް.. ހްމްމް. ބަލަ ދޮންބެއަށް ނޭނގޭނީތަ ނާއިކްއޭ ބުނީމަ. އަމިއްލަ ނަން ފުރިހަމަ ކުރީ. ދެން އަނެއްކާ މީހަކު ވާހަކަވެސް ދެއްކީމައެއްނު އިނގޭނީ ކާކުކަން ވެސް. އެހެންނޫނީ މިގަޑީގަ އަހުމަދު ނާއިކް އުޅޭނީ ފިލާވަޅު ހަދަންވިއްޔަ.” ނާހިލްވެސް ސަމާސާއެއް ކޮށްލިއެވެ.
“އާނ. އެކަމަކު މިކޮޅުން އެއްޗެކޭ ބުނީމަ ދޯ އިތުރު ވާހަކައެއް ދައްކަން ވާނީވެސް.”
“ދެން މަންމަ ކޮބާތަ؟ ހުސެން ރުޝްދީގެ ހަގު ދަރި ކިހިނެއްތަ؟”
“ރަނގަޅޭ. ސައުދީ ކުއްޖާ ކިހިނެއްތަ؟”
“ބިޚައިރަން އަލްޙަމްދުﷲ.”
“ހެޔޮ ހުއްޓާލާ. މިދެނީ މަންމައަށް.”
ރޭގަނޑުގެ ކެއުން ނިންމާލުމަށްފަހު ނާއިކް ފިލާވަޅު ހަދަން އިށީނެވެ. ހުރިހާ ފިލާވަޅެއް ހަދާ ނިންމާލެވުނު އިރު ދިހައެއް ޖަހައިފިއެވެ. އެވަގުތަކީ ސިޔާދާ ނިދަން ވަންނަމުން ނާއިކް ނިދައިފިތޯ ބަލަން ކޮޓަރި ދޮރު ހުޅުވާލި ވަގުތެވެ.
“ދަރިފުޅާ ނިދަން ވީ ދެން. ފަތިހު އަވަހަށް ނަމާދު ކުރަން ތެދުވަން ވާނެއްނު.” ކޮޓަރީގެ ނިދާ ބޮކި ދިއްލާލަމުން ސިޔާދާ ބުނެލިއެވެ. ނާއިކް ހޫން ލައްވާލަމުން އެނދަށް ވެއްޓިގަތެވެ. ސިޔާދާ ނާއިކްއަށް ބަލައިލަމުން ކޮޓަރި ދޮރު ލައްޕާލުމަށްފަހު ދިޔައެވެ. ވަރުބަލިވެފައި ހުރި ނާއިކް ހުވަފެނުގެ ފުން ކަނޑަށް ގެނބިގެން ދިޔައީ ނުހަނު އަވަހަށެވެ.
މަގަށް އެޅިފައި އިން ހަމަ އެކަނި އައްޔަކީ ނާއިކްގެ އަތުގައި އޮތް ޓޯޗުގެ އައްޔެވެ. ވަށައިގެން އިވެމުން ދިޔައީ އެކިސޫފިތައް އެކި ރާގުތަކަށް ބިރުވެރި ލަވަ ކިޔަމުން ދިޔައެވެ. ވަށައިގެން ބަލައިލިއަސް މީހަކު ބިރުން ހޭނެތޭހާ ވަރުވެއެވެ. އެމަގުގެ ދެފަރާތުގައި އެކި ވަރުގެ ގަސްތައް ހެދިފައި ހުއްޓެވެ. އެމަގުގެ ކައިރީގައާ އެމަގު ހުރި ހިސާބުގަނޑުގައި މީހެއްގެ ހިލަމެއްވެސް ނެތެވެ. އެހިސާބުގަނޑަށް މީހަކަށް ދާން ކެރޭނީވެސް ފަހެ ކިހިނެއް ހެއްޔެވެ؟
އެއީ ރަށުގެ އެންމެންވެސް އެތަނަކަށް ދާން ފަސްޖެހޭ ތުނޑީ މަގެވެ. ފަސްޖެހުމެއް ނެތި ނުހަނު ހަމަޖެހިފައި ނާއިކް ގޮސް ތުނޑިއަށް ފޭބިއެވެ. ދެފަރާތަށް ބަލައިލުމަށްފަހު ނާއިކް ވެލިގަނޑުގައި އިށީނެވެ. އޭނާ މޫދަށް ބަލަން އިނީ އެތަނުގެ ހިތްގައިމުކަން ފެނިފައެވެ.
ކުއްލިއަކަށް އޭނާ ފަހަތް ބަލައިލީ މީހަކު އޭނާގެ ނަމުން ގޮވާ އަޑަށެވެ. އެކަކުވެސް ފެންނަން ނެތުމުން ހީވި ގޮތެއް ކަމަށް ނިންމައި އަނެއްކާވެސް އޭނާ ކުރިމަތިން ފެންނަމުން ދިޔަ ނޫކުލަގަދަ ކަނޑަށް ބަލަން އިނެވެ. އަނެއްކާވެސް އޭނާއަށް ފަހަތް ބަލަން މަޖުބޫރުވީ އޭނާގެ ނަމުން މީހަކު ގޮވަމުން ދިޔައިތީއެވެ. މިފަހަރު އޭނާ އިށީނދެ އިން ތަނުން ތެދުވެ އަޑު އަންނަ ދިމަ ބަލަން ފެށިއެވެ. ގަސްތަކުގެ ތެރެއިން އެއްޗެއް ހެލެމުން ދިޔައިތީ އޭނާ އެދިމަ ބަލައިލިއެވެ. ނާއިކްގެ ހެއަށް ގޮތްވެ ހޭނުނެތުނީ ކިރިޔާއެވެ. އޭނާގެ ބޯ މަތީ އޮތީ ކަޅު ކުލައިގެ ނަންނުގައްޗެކެވެ. ކުރިން ފެންނަ ވަރުގެ ނަންނުގައްޗަށް ވުރެ ފަލަ ކޮށް އޮތް އެއްޗެކެވެ. އޭތި ނާއިކްއަށް ބަލަން އޮވެ ދެލޯ މަރާލުމަށްފަހު ލޯ ހުޅުވާލިއެވެ. އެއާއެކު އޭތީގެ ލޮލުގެ ކަޅި ރަތް ކުލައިން ދިއްލުނެވެ. ނާއިކްއަށް ސިހިފައި ފަހަތަށް ޖެހިލެވުނެވެ. ހަމަ އެވަގުތު އެނުބައި ނަންނުގަތި އަނގަ ހުޅުވާލިއެވެ. އޭތި އަނގަހުޅުވާލި ވަގުތު އަނގައިގައި އޮތް ވިހަގަދަ ދޫ ފެނި ނާއިކްގެ ދެފައިން ވާގި ދޫނުވީ ކިރިޔާއެވެ. ދުލަށް އައިހާ ހެޔޮ އެއްޗެއް ކިޔަމުން ރަށުތެރެއަށް ވަނުމަށް ދުއްވައިގަނެވުނެވެ.
“ކީއްވެ ފިލަން ތިދުވަނީ؟ ހަހަހަ.. ނާއިކް.. ނާއިކް.” ފަހަތުން ބިރުވެރި އަޑެއް އޭނާއަށް އިވެމުން ދިޔައެވެ. ފަހަތް ބަލައިލަންވެސް ނުކެރިފައި ނާއިކް އޭނާގެ ދުވުން ބާރުކޮށްލިއެވެ. މަގުގެ ކޮޅަށް އާދެވުމުން އޭނާ ފަހަތް ބަލައިލިއެވެ. އެކަކުވެސް ފެންނަން ނެތުމުން ހިތަށް ހަމަޖެހުމެއް ލިބިގެން ދިޔައެވެ. އަވަހަށް ގެއަށް ދިއުމަށްޓަކައި ކުރިމައްޗަށް އެނބުރުނެވެ. އެވަގުތު ކުރިމަތިން ފެނުނު ބޮޑު ރަތް ދެލޮލެއްގެ ސަބަބުން ނާއިކްއަށް ދެލޯ މަރާ ތަގުޅި ކޮށްލެވުނެވެ.
ތެޅިގަންނަމުން ނާއިކްއަށް ފުންމައިގެން ތެދުވެވުނެވެ. މުޅި މީހާ ވަނީ ދާހިއްލާ ފޯވެފައެވެ. ފެނުނީ ހުވަފެނެއްކަން އެނގުންވުމުން ނާއިކްއަށް ހަމަ ޖެހުމުގެ ނޭވައެއް ލެވުނެވެ. ނަމަވެސް ދެފަރާތަށް ބަލައިލެވުނު ވަގުތު އެއީ އޭނާގެ ކޮޓަރި ނޫންކަން ނަގައިގަނެވުމުން ހާސްވިއެވެ. ކުރިމަތިން ފެންނަމުން ދިޔަ ރުއްތަކުގެ ތެރެއިން އެއްޗެއް ނިކުންނަން އުޅޭ ހެން ހީވި ވަގުތު އޭނާގެ ލޯ ތަގުޅިވެގެން ދިޔައެވެ.
ސިޔާދާ ފަތިސް ނަމާދުކުރަން ތެދުވެ ނާއިކްއަށް ގޮވަން ނުދިޔައީ އޭނާ ނާއިކްއަށް ގޮވުމުގެ ކުރިން ނާއިކް ނަމާދަށް ދާތީއެވެ. ސިޔާދާ ފަތިސް ނަމާދުކޮށްގެން ދުޢާތައް ކިޔަން އިނދެފައި ތެދުވީ ނާއިކް ހޭލިކަމުގެ އިޝާރާތެއް ނުވުމުންނެވެ. ނާއިކް ކޮޓަރި ދޮރު ހުޅުވާލުމުން ސިޔާދާއަށް ފެނިގެން ދިޔައީ އެނދުން ކައްސާލައިގެން ވެއްޓިފައި އޮތް ރަޖާގަނޑެވެ. ކޮޓަރީގެ ދެދިމާލުގައި އޮތް ދެބާލީސް ފެނުން ވަގުތު ސިޔާދާގެ ހިތް ސުވާލުން ފުރުނެވެ. ނާއިކް ނަމާދަށް ނުދަނީ ހެއްޔެވެ؟ އޭނާ އަނެއްކާ ކޮންކަމަކާ ރުޅި އައީ ބާއެވެ؟ މީގެ ކުރިން ރަޖާގަނޑު ފަތްޖަހާ ބާލީސްތައް ރީތިކުރުމަށްފަހު ނޫނީ ނާއިކް ނަމާދަށް ނުދާތީ ސިޔާދާގެ ހިތަށް އެތަށް ވަސްވާސްތަކެއް ވަންނަން ފެށިއެވެ. ނާއިކްއަށް މިރޭ ހޭލެވުނީ ލަހުން ހެއްޔެވެ؟ އެހެންވެ އަވަހަށް މިސްކިތަށް ދިޔައީ ހެއްޔެވެ؟ އެކަމަކު ސޯނާ ގަޑި އެލާމުވެ އެހުރީ ކީއްވެ ހެއްޔެވެ؟ ލަހުން ހޭލެވުނަސް ސޯނާ ގަޑި ނިއްވާލަން ވާނެ ނޫން ހެއްޔެވެ؟ ޖަވާބު ނުލިބުނު އެތަށް ސުވާލެއް އޭނާގެ ހިތު ތެރޭ އުތުރި އަރައިގެން ދިއުމުން އޭނާގެ ހާސްކަންވީ އިތުރެވެ. ކޮންމެއަކަސް ނާއިކް ގެއަށް އަންނަން ދެން ސިޔާދާ ގޭގައި ހުންނަން ނިންމިއެވެ. އެހެންކަމުން ސިޓިންގ ރޫމު ސޯފައިގައި އިއްތާލާ ހަމަ ޖެހެން މަސައްކަތް ކުރިއެވެ. ނަމަވެސް އެކަން ނުވީ ނާއިކް ވީތަނެއް އޭނާއަށް ނޭނގޭތީއެވެ.
ފަތިސް ނަމާދަށް ފަހު ޒުނާމް ސައިކަލުގައި ރަށުތެރޭ ދުއްވާލަން ނިންމިއެވެ. މިސްކިތުން ނިކުންނަނިކޮށް އޭނައަށް ފެނުން އޭނާގެ އެންމެ ގާތް އެކުވެރިޔާ އަބްދުﷲއާ އެކު ސައިކަލަށް އަރައި ދުއްވަން ފެށިއެވެ. ރަށުގެ މީހުން އާބާދުވާން ފަށާފައިވާ ހިސާބުގައި ދުއްވަމުން ގޮސް ސިޔާދާމެންގެ ހުންނަ މަގަށް އެޅިއެވެ.
“ޒުނާމް މަޑުކޮށްބަލަ. އެ އޮތީ ކުއްޖެއްތަ؟” އޭނާގެ ފަހަތުގައި އިން އަބްދުﷲ ގޮވާލިއެވެ.
“ކޮންތާކުތަ؟ ކަލެއަށް އެއްޗެއް ނުފެނުނަސް ފެނިދާނެ.” ޒުނާމް ފަރުވާ ކުޑަ ގޮތަކަށް ބުނެލިއެވެ.
“ނޫނެކޭ. މަޑުކޮށްބަލަ. ބަލާބަލަ އެ ދިމަ. އެ އޮތީނު އެ ކާނި ގަސް ދަށުގަ.” އަބްދުﷲ ހުއްޓައިނުލާ ކިޔަން ފެށުމުން ޒުނާމް ސައިކަލު ޕާކު ކޮށްލަމުން ފޭބިއެވެ. އަބްދުﷲ އިޝާރާތް ކުރި ހިސާބާ ކައިރިވަމުން ދިޔަ ވަރަކަށް އެތާ ކުއްޖެއް އޮތް ކަން ޒުނާމްއަށް ފާހަގަ ކުރެވުނެވެ. ޒުނާމް ހިނގުން ބާރުކޮށްލާ އެކުއްޖާގެ މޫނަށް ނަޒަރު ހިންގާލިއެވެ. އެއާއެކު ޒުނާމްއަށް ދެލޯ ބޮޑު ކޮށްލެވުނެވެ.
“ނާއީ..” ވައި އަޑުން ކަހަލަ ގޮތަކަށް ޒުނާމްއަށް ބުނެވުނެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.




Waiting for the next part 🥰❤️😘
Vrh reethi vaahaka eh ma sha Allah
Allahummabarik thuhtha
Thank you Dhahthiiii! I really appreciate your support! 🙂