އިންތިޒާރު ( ނުވަވަނަ ބައި )
” ކޮބާ ޝަހާ ” ސަމީރާ ދޮރު ހުޅުވާލިތަނާ މާޔާ ސުވާލުކޮށްލިއެވެ. ” ޝަހާ އެބަ އުޅޭ ކޮޓަރީގަ. ކިހިނެއްވީ؟ ” ސަމީރާ ހާސްވެފައި ސުވާލިކޮށްލިއެވެ. މާޔާ ހީލަމުން ކަމެއް ނުވެއޭ ބުނެލިއެވެ. ސަމީރާ މާޔާ ގޮވައިގެން ގޮސް ޝަހާގެ ކޮޓަރި ދައްކާލިއެވެ. ބަންޑުން އެދުގައި އޮތް ޝަހާ ދޮރު ހުޅުވާލި އަޑަށް ތެދުވެ ބަލާލިއެވެ. ކުރިމަތީގައި މާޔާ ހުރިތަން ފެނިގެން ވަގުތުން އައިސް ކުރިމައްޗަށް ހުއްޓި ހުރެ މި ކޮޓަރިއަށް ވަނީ ކީއްކުރަން ހޭ އަހާލީ ތަންކޮޅެއް ބާރަށެވެ. މާޔާ އެއްވެސް އެއްޗެއް ނުބުނެ އަތް ދަމާލާފަ ޝަހާ މޫނު މަތީގައި ބާރަކަށް ޖަހާލިއެވެ. ޝަހާ ސިހިފައި މޫނުގައި އަތް އަޅާލަމުން އަތްދޯއޭ ބުނެލިއެވެ. ރުޅިވެރި ކަމާއެކީ ޝަހާ މާޔާއަށް ބަލާލަމުން މާޔަގެ މޫނުގައި ޖަހަން އަތް އުފުލާލި ގަޑީ މާޔާ ހުޝިޔާރުކަމާއެކީ އެ އަތުގައި ހިފާ ހުއްޓުވިއެވެ.
” ކީއްވެގެންތަ ކަލޭ ތި އުޅެނީ؟ މަގޭ ގެއަށް އައިސް މަގޭ ކޮޓަރީގަ މަގޭ މޫނުމަތީގަ ޖަހަން ކަލޭ ލަދެއްވެސް ނުގަނޭތަ؟ ” ޝަހާ ރުޅިވެރިކަމާއެކީ ހަޅޭލައްވައިގަތުމުން މާޔާ ހީލިއެވެ. ” ދެން މަގުމައްޗަށްތަ ދާންވީ؟ އަހަންނަށް އޯކޭ. އެކަމަކު ޝަހާ ލަދުގަންނާނީވެސް މަގުމަތީގަ އެންމެން ކުރިމަތީ އަހަރެން ޝަހާގެ މޫނުމަތީ ޖެހުމުން. ” މާޔާ ދެއަތް މެއާ ހިސާބުން ހުރަސްކޮށްލައިގެން ހުރެ ވާހާކަދެއްކިއެވެ. ” ގެޓް އައުޓް.. ހަމަ މިހާރު މިކޮޓަރިން ނުކުމޭ ” ޝަހާ އަނެއް ފަރާތައް އެބުރިލިއެވެ. ” ދާނަމޭ ދާން ވީމަ. އެކަމަކު ދިޔުމުގެ ކުރިން އަހަރެން ބޭނުން ޝަހާ ކިޔާން ގާތު އެހާ ބޮޑު ދޮގެއް ހެދި ސަބަބެއް ބަލަން. އަހަރެން ދިރިހުއްޓާ މަރާލީ ކީއްވެތޯ ބަލަން ބޭނުން. ” މާޔާ ސާބިތުކަމާއެކީ ވާހަކަދެއްކިއެވެ. ޝަހާ އެބުރިލަމުން ހީލީ މަލާމަތް ކުރާ ފަދައިންނެވެ. ” ސޯ ރޯމިއޯ އެންމެ ފަހުން ބުނެފިދޯ ޖޫލިއެޓް ކައިރީ.. އެކަމަކު އަހަރެން ހައިރާންވަނީ މާޔާ އަހަންނާ ތި ސުވާލު ކުރުމުން. ހަމަ ނޭގިގެންތަ ތި އަހަނީ؟ ” ޝަހާގެ ޖަވާބުން މާޔާ ބުމައަރުވާލީ ނޭގެއޭ ބުނާފަދައިންނެވެ. ” ކަލެއާ ހެދި އަހަރެންގެ ބައްޕަ އެ ހާލުގަ އޮތީ. ބައްޕަ ކޯމާއެއްގަ ކަލެއާ ހެދި ތިން އަހަރު އޮތް. އެންމެ ފަހަރަކުވެސް ވިސްނާލިންތަ އަހަންނަށް ބައްޕައާ ނުލާ އުޅެން އުދަގޫވަރު. މާޔާތީ އެންމެ ގާތުން އަހަރެންގެ ހުރިހާ ސިއްރެއް އެނގޭ މީހާ. މާޔާއަށް ރަނގަޅަށް އެގޭނެ އަހަރެން މަންމައަށް ވުރެވެސް ބޮޑަށް ބައްޕައާ ގާތްކަން. ދެން ކީއްވެ. ކީއްވެ މާޔާ އަހަރެންގެ ބައްޕައަށް އެހެން ހެދީ؟ އާން. އަހަރެން ކިޔާން ގާތު އެހެން ބުނިން. އެއީ އެ ދުވަހު އަހަރެން ބޭނުންވީ މާޔާއާ އެންމެ ގާތް މީހާ މާޔާގެ ކިބައިން އަބަދަށް ދުރުކުރަން. ކިޔާނާ ނުލާ މާޔާ އުޅުނު އެކަނިވެރި ގޮތް އަހަރެން ދެކުނީމޭ. ކުޑައިރުއްސުރެން މާޔާއަށް ކިޔާން އެއީ މާޔާގެ އެންމެ ގާތް އެކުވެރިޔާއަށް ވީ ފަދައިން ބައްޕައަކީ ވެސް އަހަރެންގެ އެންމެ ގާތް މީހާއޭ. އެދުވަހު އަހަރެން ދޮގު ހެދިން. އެނގޭތަ. އެ ދުވަހު އަހަންނަށް އެ ލިބުނު ހިތްހަމަޖެހުން ބަޔާން ކުރަންވެސް ދަތި. އެހާވެސް ހިތްހަމަޖެހުނު އަހަރެން. އެ ދުވަހު އެ ދޮގު ހެދުނީތީ އަހަރެން ކުޑަކޮށްވެސް ރިގްރެޓްއެއް ނުވަން. ނުވެސް ވާނަން. އެގޭތަ ކީއްވެކަން. އެއީ އެ ދޮގުގެ ސަބަބުން އުމުރަށް ނުވިޔަސް އަހަރުތަކެއް ވަންދެން މާޔާއާ ކިޔާން އުޅުނީ ދުރުގަ. މާޔާ ކިޔާނަށް އެންމެ ބޭނުންވި ދުވަހު ކިޔާން ހުރީ މާޔާއާ ދުރުގަ. ” ޝަހާ ވާހަކަ ދެއްކި އިރު ހުރީ ފެންކަޅިވެފައެވެ. ބައްޕަގެ ވާހަކަ ދައްކަން ވުމުން ޝަހާ ބައްޕަ މަތިން މާ ބޮޑަށް ހަނދާންވީއެވެ. ކަރުނުން ފުރިފައި ހުރި ދެލޮލުން މާޔާއަށް ބަލާލަމުން ޝަހާ ހީލީ މަލާމާތްކުރަމުންނެވެ. މާޔާ ހުއްޓުން އަރާފައި ޝަހާއަށް ބަލަން ހުރި އިރު އެ ދެލޯވެސް ހުރީ ފެންކަޅިވެފައެވެ. ނޭގިނަމަވެސް މާޔާއަށް ޝަހާއަށް ހާދަ ހިތްދަތިކަމެއް ދެވިއްޖެއެވެ. މިއަދު މާޔާއަކީ ޝަހާގެ ކުއްވެރިއެކެވެ. މާޔާ ދެރަވެފައި ޝަހާގެ މޫނަށް ބަލާލިއިރު ޝަހާ އަނެއްފަރާތައް އެބުރިލަމުން ކަރުނަ ފޮހެލަނީއެވެ. މާޔަ އިތުރަށް ދެރަވިއެވެ.
” އަހަރެން ގަބޫލު ކުރަން އަހަންނަކީ ކުއްވެރިއެއްކަން. ޝަހާ އަހަރެން ފެންނަ ކޮންމެ ފަހަރަކު ބަލާ ނަފްރަތުގެ ނަޒަރުތައް އަހަންނަށް ފެނޭ. އެކަމަކު ދުވަހަކުވެސް އަހަރެން ޝަހާއަށް އެއްޗެކޭ ނުބުނަން. އެއީ އެ ބެލުންތައް އަހަންނަށް ހައްގުވާތީ. ދުވަހަކުވެސް އަހަންނަށް ޝަހާގެ މާފު ހައްގުނުވާކަން އެގޭތީ. ކުރިންވެސް ބުނިހެން މިއަދު ވެސް ބުނެވޭނީ އެދުވަހު އަހަރެން އަތުން ކުރެވުނު ކަމެއް ވިއްޔާ ކުރެވުނީ ނޭގިހުރެ. ގަސްތުގައެއް އެއް ނޫން…. އަހަންނަށް ހެޔޮ ޝަހާ އަހަރެންދެކެ ކިތަންމެ ރުޅިއެއް އަޔަސް. އެކަމަކު މިއަދު އަހަރެން ބުނަން ބޭނުން އަހަރަމެންދެމީހުންގެ ދެމެދުގައި އޮތް ރުޅިވެރިކަމެއް ވިއްޔާ އަހަރަމެންގެ ދެމެދުގަ އޮތުނަދީ. އޭގެ ތެރެއަށް އެހެން މީހުން ނުވައްދާ.. އަމުދުން ކިޔާން ވައްދާކަށް އަހަރެން ބޭނުމެއް ނޫން. މިއަދުވެސް އަހަރެން މަޑުން ހުރީމުސް އެއީ ކިޔާން ނޫން އެހެން މީހަކު ނަމަ. އެކަމަކު ކިޔާން ވައްދަންޏާ އަހަންނަށްވެސް މަޑަކުން ނުހުރެވޭނެ. ހަނދާން ކުރާތި މީގެ ފަހުން ކިޔާން ކައިރީގަ އެއްވެސް ވާހަކައެއް ނުދައްކާތި!.. ޝަހާ ކިތަންމެ ބޭނުންވިޔަސް ދުވަހަކުވެސް ދެން އަހަރަމެން ދުރު ނުކުރެވޭނެ. ” މާޔާ ހަރުކަށިކަމާއެކީ ބުނެލި ޖުމުލައިން ޝަހާ ޖެހިލުންވިއެވެ. މާޔާ ކިޔާންއަށްޓަކާ މިއަދު ޝަހާއަށް އިންޒާރުވެސް ދިނީ ހެއްޔެވެ.
” ހަމަ ތިހާ ލޯބިވަނީތަ އޭނަ ދެކެ؟ ގައިމު ރަހްމަތްތެރިއަކަށްޓަކާ ތިވަރު ނުވާނެ މީހަކު.. ތިހާ ލޯބިވާއިރު އޭނައަށް މާޔާގެ ހަގީގަތް ކިޔާދިނިންތަ؟ ޔަގީން ނުކިޔައިދޭކަން. ދޫކޮށްފަ ގޮސްދާނެތީ ބިރުންވެސް ނުކިޔައިދޭނެ. އަހަންނަށް ޔަގީން މާޔާގެ ހަގީގަތް އެގިއްޖިޔާ ކިޔާން މާޔާއަށް ބަލާވެސްނުލާނެކަން. ކާކުދޯ ގާތިލަކާ އެކީ އުޅެން ބޭނުންވާނީ. އޫޕްސް.. ހަމައެކަނި ގާތިލެއްވެސް ނޫނޭ… ” މާޔާ ދާން އެބުރިލިތަނާ ޝަހާ ވާހަކަ ދައްކަން ފެއްޓުމުން ހުއްޓިލިއެވެ.
” ހުއްޓާލާ!! އާން.. ލޯބިވޭ….. އަދި ބުނަން އަހަރެންގެ ހަގީގަތް ކިޔާދޭންވީމަ އެކަން ވެސް ކުރާނަން. ކިޔާން ނުދާނެ އަހަރެން ދޫ ކޮށްފައެއް.. އެންމެން ޝަހާ ގޮތެއް ނުވާނެ އެއް ނު. ” މާޔާ ދަތްތަކަށް ބާރުލާފައި ޖަވާބު ދީފަ ނުކުމެގެން ދިޔައީ ޝަހާއަށް ވަރުގަދަ ބަހެއް ޖަހާލަމުންނެވެ. މާޔާގެ ފަހު ޖުމްލައިން ޝަހާ ހުރީ ގަބޫލުކުރަން ދަތިވެފައެވެ. އޭނަ ގޮތެއް އެންމެން ނުވާނެޔޭ އެބުނީ ކީއްވެ ހެއްޔެވެ. އޭނަ އެހާވެސް ގޯސް ހެއްޔެވެ. ” ބިޗް ” ޝަހާ ބާރަކަށް ދޮރުލައްޕާލަމުން ގޮސް އެދަށް ވެއްޓިގަތެވެ.
މާޔާ ނުކުމެގެން ދިޔައިރު ސަމީރާ ގޮވުމުންވެސް އަޅާވެސް ނުލާ ދިޔައީ ހަގީގަތުގައި ސަމީރާ ގޮވި އަޑު ނީވިމުންނެވެ. ޝަހާ ދެއްކި ވާހަކަތައް ސިކުނޑީގައި އެބުރެމުން ދިޔައިރު އެހެން އެއްވެސް ކަމެއް ވާ ހެނެއްވެސް ހިޔެއް ނުވެއެވެ. އޭނަގެ ހަގީގަތް އެގިގެން ހަގީގަތުގައިވެސް ކިޔާން އޭނަ ދޫކޮށްފާނެ ހެއްޔެވެ. ނޫނެކެވެ. ކިޔާން އެހާ ގޯހެއް ނުވާނެއެވެ. ކިޔާނަށް ވިސްނޭނެއެވެ. މާޔާ ދެފަރާތައް ބޯ ހޫރާލަމުން އަމިއްލަ ހިތައް ވިސްނައިދިނިވެ.
ގެއަށް ގޮސް ފެންވަރާލައިގެން މާޔާ ބޭރަށް ނުކުމެ ކާލައިގެން ޓީވީ ބަލަން އިދެފަ މާއިޝާ ނުފެނިގެން މަންމައާ ސުވަލުކޮށްލިއެވެ. ” ކޮޓަރީގަ ވީ. މިހާރު އަބަދު ކޮޓަރީގަ އުޅެނީ އެ ކުއްޖާ. ނޭނގެ ވެފަ ހުންނަ ގޮތެއްވެސް. އަބަދު ކޮންމެވެސް ހިޔާލަކަށް ގެއްލިފަ. ” މަންމަގެ ޖަވާބުން މާޔާ މާއިޝާގެ ކޮޓަރި ކައިރިއަށް ގޮސް ތަޅުގައި ހިފާލިއެވެ. އެތެރެއިން ތަޅުލާފަ ހުރުމުން މާޔާ ކުޑަކޮށް ދޮރުގައި ޖަހާލަމުން މާއިޝާއަށް ގޮވާލިއެވެ. ދެތިން ފަހަރު ގޮވާލިތަނާ މާއިޝާއައިސް ދޮރު ހުޅުވާލިއެވެ. މާޔާ އެތެރެއަށް ވަދެ ކޮޓަރިތެރެ އޮތް ހާލު ފެނުމުން ބޮލަށް އުދަގޫވިއެވެ. ހެދުންތައް އެތައް މިތާގައެވެ. އެނދުގަ އަޅާފަ އޮތް ބެޑްޝީޓް އެއްފަރާތަކުން ވެއްޓިފައި އޮތް އިރު ބާލިސްތައް ހުރީ ބިންމަތީގައެވެ. މާޔާ އެއްޗެކޭ ކިޔާލަމުން ގޮސް ކޮޓަރި ތަރުތީބު ކުރަން ފެށިއެވެ. މާއިޝާ މޫނު ހަދާލައިގެން އިނީ ސޯފާއަށް އަރައެވެ. ” ކިހިނެއްވީ މާ މޫޑީ ވެފަ. ކިޔެވުން މާ ހާރޑް ވީ ތަ؟ މާއިޝާއިން ގޮތް ފެނިގެން މާޔާ ސުވާލުކޮށްލިއެވެ. މާއިޝާ އެއްޗެކޭ ނުކިޔައެވެ. މާޔާ ކޮޓަރި ރީތިކޮށްލާފަ ގޮސް މާޔާއާ ޖެހިގެން އިށީދެލިއެވެ.
” ކިހިނެއްވީ؟ ” މާޔާ މާއިޝާގެ އަތުގައި ހިފާލަމުން ސުވާލުކޮށްލިއެވެ. މާއިޝާ ކިޔާންގެ ވާހާކަ އަހަން ބޭނުންވިއެވެ. ދޮންތައާ ކިޔާން އުޅެނީ ރައްޓެހިވެގެންތޯ ބަލަން ބޭނުންވިއެވެ. އެހެންނަމަވެސް މާޔާ ހީކޮށްފާނެ އެއްޗަކަށް އަހަން ނުކެރުނީއެވެ. މާޔާ ކިޔާން ދެކެ ލޯބި ވަންނާ އޭނަ ކިޔާން މަތިން އަބަދަށް ހަނދާންނައްތާލާނެއެވެ. ދުވަސްތަކައް ފަހު ދޮންތައަށް ލިބުނު އެ އުފާވެރިކަން އޭނައާ ހެދި ގެއްލޭކަށް ބޭނުމެއް ނޫނެވެ. އެކަމުގެ ސަބަބުން އޭނަގެ ހިތައް ކިތަންމެ ތަދެއް ވިޔަސް ހެވެއެވެ. މާއިޝާ ގަދަކަމުން ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިކުރުވަމުން ” ސްޓަޑީ ސްޓްރެސް ” އާ ހެދި އޭ ބުނެލިއެވެ. މާޔާ މާއިޝާގެ އިސްތަށިގަނޑުގައި ފިރުމާލަމުން ރެސްޓް ނަގަމުން ކިޔަވާށޭ ބުނެލިއެވެ. މާއިޝާ ބޯ ޖަހާލަމުން ހިނިތުންވެލިއެވެ.
އޭގެ އަނެއް ދުވަހެވެ. މާޔާ އޮފީހަށް ދާން ރެޑީވެގެން ގޭޓް ކައިރީ ހުރީ މާއިޝާ ގަރާޖުން ކާރު ނެރެގެން އަންނަދެނެވެ. އަތުކުރީ އޮތް ގަޑިއަށް ބަލާލަމުން މާޔާ މާއިޝާ އަންނަތޯ ބަލާލިއެވެ. އޭރުވެސް މާއިޝާ އަދިކިރިޔާ ގޭގެ ދޮރުން ނުކުތީއެވެ. މާޔާ ތަންކޮޅެއް ބާރަށް އަވަސްކުރާށޭ ކިޔާފަ ގޮވާލިތަނާ ފަހަތުން ބަރުގޮނުގެ އަޑު އިވިގެން ބަލާލިއެވެ. އޭރު ކަޅު ކުލައިގެ ކާރެއް މަޑުކޮށްގެން އޮތީ އެގޭ ގޭޓް ކުރިމަތީގައެވެ. މާޔާ ސުވާލު އުފެދިފައި ބަލާލިތަނާ ކާރުގެ ބިއްލޫރިގަނޑު ތިރިކޮށްލިއެވެ. ދުއްވާ ސީޓްގައި އިށީދެލައިގެން އިން ނިހާން ފެނުނު ހިނދު މާޔާ ދެލޯ ބޮޑުކޮށްލިއެވެ. ދެވަނަ ސިކުންތުގައި މާޔާ އަވަހަށް މާއިޝާވީ ކިހާސެއްބެގެ ތޯ ބަލާލަން ފަހަތް ބަލާލިއެވެ. މާއިޝާ އޭރު ކާރުގެ ދޮރު ހުޅުވާފަ އަރަނީއެވެ. މާޔާ ނިހާންއިން ކާރުގެ ކައިރިއަށް ގޮސް ހުއްޓިލިއެވެ.
” އަރާ ކާރަށް. އަހަރެން ދާނީ މާޔާ އޮފީހަށް ލައިދޭން. ގޭ އެއްވެސް މީހަކަށް އަހަރެން ފެންނަން ބޭނުންނުވަންޏާ އިތުރު ސުވާލެއް ނުކޮށް އަރާ! ” ނިހާން ސީދާ މާޔާގެ މޫނަށް ބަލަން އިނދެ ބުނެލި ޖުމުލައިން މާޔާ ހައިރާންވިއެވެ. މާޔާ ބަލަން ހުރިގޮތް ފެނުމުން ނިހާން ކުޑަކޮށް ބުމަގޮށްޖަހާލަމުން އުޅުނީ ދޮރު ހުޅުވާފަ ނުކުންނަންށެވެ. އެކަމަކު އޭގެ ކުރިން މާޔާ އަވަސްއަރުވާލާފަ އެބަ އަންނަމޭ ބުނެލާފަ ދިޔައީ މާއިޝާ ހުއްޓުވާށެވެ. މާއިޝާއަށް ނިހާން ފެންނާކަށް އޭނަ ބޭނުމެއް ނޫނެވެ. މާޔާ އަވަހަށް ގޮސް ބަލާލިއިރު މާއިޝާ އިނީ ކޮންމެވެސް މީހަކަށް ގުޅައިގެންނެވެ. ” މާއިޝާ އޯކޭ މިއަދު ނުދިޔަސް. ދޮންތަ ފުރެންޑަކާ އެކީ މިއަދު ދާނީ.. ސޮރީ ކުރިން ނުބުނެވުނީމަ. ކުއްލި ޕްލޭނެއް. ” މާއިޝާ ފޯނު ބޭއްވުމުން މާޔާ ބޭރުގަ އޮތް ކާރަށް އިޝާރަތް ކޮށްލަމުން ބުނެލިއެވެ. މާއިޝާ ދޮރުމަތީގައި އޮތް ކާރަށް ބަލާލިއެވެ. އެކަމަކު ބިއްލޫރިގަނޑު މަތިކޮށްފައި ހުރުމުން އެތެރެއެއް ނުފެނެއެވެ. ” ބޭކާރު ގޮތުގަ އަހަރެން އެހާ އަވަހަށް ހޭލެއްވީ. މިއަދު ކޮލެޖްއަށް ވެސް ދާން ޖެހެނީ ހަވީރު ވިއްޔާ. ދެން ބަލާ އާދޭތަ؟ ” މާއިޝާ ކާރުން ފައިބަމުން ސުވާލުކޮށްލީ އަދިވެސް ބޭރުގަ އޮތް ކާރަށް ބަލާލަމުންނެވެ. ނޫނެކޭ ބުނުމުގެ ގޮތުން މާޔާ ދެ ފަރާތަކަށް ބޯ ހޫރާލަމުން ދާން އުޅުނުތަނާ މާއިޝާ އެއީ ބިޓްހޭ އަހާލިއެވެ. މާޔާ ކުޑަކޮށް ހީލަމުން ގޮސް ކާރަށް އެރީ އެއްވެސް އެއްޗެކޭ ނުބުނެއެވެ. މާޔާގެ އެ ހިނިތުންވުމުން މާއިޝާ އުފާވިއެވެ. އެ ހީލުމުގެ މާނަ މާއިޝާ ނެގީ އެއީ މާޔާގެ ބިޓްގެ މާނައިގައެވެ. އެހެންވީއިރު ކިޔާނާ މާޔާއާ ދެމީހުންގެ ދެމެދުގައި އޮތީ ހަމަ އެކަނި އެކުވެރިކަން ތާއެވެ. މާއިޝާ އުފަލުންގޮސް ހުރިހާ ދަތްތަކެއް ފެންނަ ވަރަށް ހީލިއެވެ.
” ކިހިނެއް އަހަރެން އުޅޭ ގެ އެގުނީ؟ ” ކާރަށް އަރާ ހަމަޖެހިލުމުން ނިހާން ކާރު ދުއްވާލުމުން މާޔާ ސުވާލުކޮށްލީ މަގަށް ބަލަން އިދެއެވެ. ” ހޯދަން އުޅޭ މީހަކަށް އެއްވެސް ކަމެއް ހޯދުމަކީ އުދަގޫ ކަމަކަށް ނުވާނެ ” ނިހާންގެ ޖަވާބުން މާޔާ ނިހާނަށް ބަލާލީ ހައިރާންވެފައެވެ. ނިހާނަށް އެނގޭނީ އޭނަ ކުރިން އުޅުނު ގެއެވެ. މިގެ ނިހާނަކަށް ނޭގޭނެއެވެ. އެހެންވީމަ ނިހާން އޭނަ އުޅޭގޮތްވެސް ބަލަން ފެށީތާއެވެ. މާޔާ އެއްޗެކޭ ނުބުނެ އަނެއްކާވެސް މަގަށް ނަޒަރު ހުއްޓާލިތަނާ ނިހާން ކުރި ސުވާލަކުން މާޔާ ކުރިއަށް ވުރެވެސް ބޮޑަށް ހައިރާންވިއެވެ. ދެލޯ ބޮޑުކޮށްލަމުން މާޔާ ނިހާނަށް ބަލާލިއެވެ. އޭރު ނިހާން ފާޑަކަށް ހެވިފައި އިނެވެ. ” ކިޔާން ކައިރީ މިހާރު ބުނީހޭ ލޯބިވާ ވާހަކަ؟ ” ނިހާން އަނެއްކާވެސް ސުވާލު ތަކުރާރުކޮށްލިއެވެ. ނިހާނަށް ކިޔާން މާލެ އައިކަން އެނގުނީހެވެ. އެނގުނިއްޔާ އެނގުނީ ކިހިނެއްހެއްޔެވެ. މާޔާ ހާސްވިއެވެ. ” ނުބުނަށްޗޭ އަނެއްކާ ކިޔާން މާލޭގަ ނެތޭ. މާޔާ އެހެން ބުނެފާނެތީ ހުންނާނެ ހެކިވެސް. ކުރިން ދުވަހު މާ ލޯބިން އަތުގުޅުވާލައިގެން މަގު ހުރަސްކުރަނިކޮށް ދެކުނީމޭ.. ” ނިހާން މާޔާގެ މޫނުން ފެންނަމުން ދިޔަ ކުލަވަރުން ސީރިއަސްވެލާފައި ބުނެލިއެވެ. ” ކޮން ހެއްކެއް؟ ” މާޔާ ބިރުން އިދެ އަހާލިއެވެ. ނިހާން އެއްއަތުން ފޯނު ނަގައިގެން ފޮޓޯއެއް ދައްކާލިއެވެ. މާޔާ އެ ފޯނުނަގައިގެން ފޮޓޯއަށް ބަލަން އިނީ ދެލޯބޮޑުކޮށްލައިގެންނެވެ. އެއީ އެ ދެމީހުން ސައި ބޮއެގެން ނުކުތް ވަގުތު ކިޔާން އޭނަ އަތުގަ ހިފި ވަގުތު ނަގާފަ އިން ފޮޓޮއެކެވެ. އެހެންވީމަ ނިހާން ރަނގަޅަށްވެސް އޭނައަށް ފާރުލަނީތާއެވެ. މާޔާ ހިތްހަމަނުޖެހިފައި ފޯން ބޭއްވީ ތަންކޮޅެއް ބާރަށެވެ. ނިހާން ހެވިލާފައި އަނެއްކާވެސް ކުރިން ކުރި ސުވާލު ކުރިއެވެ. މާޔާ މަޑުމަޑުން ނޫނެކޭ ބުނެލީ ބޭރަށް ބަލާލަމުންނެވެ. މާޔާގެ ޖަވާބުން ނިހާންގެ ތުންފަތްމަތީގައި ދުވެލީ ހިތްހަމަޖެހުމުގެ ހިނިތުންވުމެކެވެ. މާޔާ ބޭރުބަލައިގެން އިން އިރު ލޮލުގައި ކަރުނަ ވިދާލިއެވެ. ކިޔާން މާލޭގަ ހުރިހާ ދުވަހަކު ނިހާންގެ އުދަގޫ އޭނައަށް ކުރިމަތިވާނެއެވެ. ކިޔާނާ މާޔާ ދުރުކުރަންވެސް ނިހާން އޭނައަށް އުދަގޫ ކުރާނެއެވެ. މާޔާ ލޯ މަރާލަމުން ތިރީ ތުންފަތުގައި ދަތް އަޅާލިއެވެ.
ކާރު މަޑުކުރުމުން މާޔާ ލޯ ހުޅުވާ ބަލާލިއިރު އޮފީސް ކުރިމައްޗެވެ. މާޔާ އެބުރިލަމުން ނިހާންގެ މޫނަށް ބަލާލިތަނާ ނިހާން ކައިރިވެފައި މާޔާގެ އަތުގައި އޮތް ފޯނު ދަމައިގަތީ ކޮލަށް ބޮސްދެމުންނެވެ. މާޔާ ދެލޯބޮޑުކޮށްލާފައި ނިހާނަށް ބަލާލީ ރުޅިވެރިކަމާއެކީއެވެ. ” ތިއޮތީ މަގޭ ނަންބަރު. ސޭވް ކޮށްލާ. މިއަދު ބަލާ އަންނާނަން.. މަޑުކުރާތި.! ” ނިހާން އަބުރާ މާޔާ އަތަށް ފޯނު ދެމުން ބުނެލިއެވެ. އަނެއްކާވެސް އިންޒާރެކެވެ. ދެން އޭނައަށް ޖެހޭނީ ކޮންމެގޮތެއްވިޔަސް މަޑުކުރާށެވެ. މާޔާ ރުޅިވެރިގޮތަކަށް ނިހާނަށް ބަލާލައިފައި ކާރުން ފައިބައިގެން ދޮރު ޖަހާލީ އަތު ހުރި ބާރެއް ލައިފައެވެ. އެއީ ނިހާން މޫނުމަތީގައި މާޔާ ޖެހި ބޮނޑިއެއް ފަދައެވެ. އެހާ ވެސް އޭނަ ނިހާން މޫނުމަތީގައި ޖަހާ ހިތްވިއެވެ. ނިހާން ހިނިތުންވެލަމުން ކާރު ދުއްވާލިއެވެ. މާޔާ ފޯނުގައި އޮތް ނިހާންގެ ނަންބަރު ފެނުމުން އިތުރަށް ރުޅި ގަދަވިއެވެ. މާޔާ ވަގުތުން ނަންބަރު ފޮހެލިއެވެ. ކޯލް ލިސްޓުންވެސް ނަންބަރު ޑިލީޓް ކޮށްލިއެވެ.
މަސައްކަތުގައި މާޔާ އުޅެނިކޮށް ކިޔާން ގުޅާލިއެވެ. ކިޔާން މިއަދު ބަލާ އަންނާނަމޭ ބުނުމުން މާޔާ ބިޒީވެފައި ހުރުމުން ނިހާން މަތިން ހަނދާންވެސް ނުކޮށް އޯކޭއޭ ބުނެލިއެވެ. ކިޔާން ހީލަމުން ފޯނު ބޭއްވީ ” މިސް ޔޫ ” އޭ ބުނެލަމުންނެވެ. ފޯނު ބޭއްވިތަނާ އަނެއްކާ ނުވެސް ދަންނަ ނަންބަރަކުން ގުޅާލިއެވެ. މާޔާ ފޯން ނުނަގން އުޅެފަވެސް ދެވަނަ ފަހަރަށް ގުޅުމުން ފޯނު ނެގިއެވެ. ” ކާކަށް ގުޅައިގެން؟ ކީއްވެ ފޯނު ނުނެގީ.. އޯހ. ނުކުރަންދޯ ސޭވް އެއް؟ ” މާޔާ ހަލޯއޭ ބުނެލިތަނާ ނިހާންގެ އަޑުއިވިގެން ރުޅިގަދަވިއެވެ. ” ސުވާލުކުރާ އިރު ހީވަނީ މަ މީ އޭނަގެ އަންހެނުން ހެން. ކަންތަކާ ލައިގަތީ ” މާޔާ ހިތާ ހިތުން ކިޔާލިއެވެ. ” އޮފީސް ކުއްޖަކަށް ގުޅައިގެން ހުރީ. މި ވަގުތު ވަރަށް ބިޒީ. ފަހުން ގުޅާނަން. ” މާޔާ ނިހާން އެއްޗެކޭ ކިޔާނެ ފުރުސަތެއްވެސް ނުދީ ފޯން ކަނޑާލިއެވެ.
ޑިއުޓީ ނިންމާލާފަ ކިޔާން ގެއަށް ދިޔަ އިރު ޒިޔާން ކޮންމެވެސް މީހަކަށް ގުޅައިގެން ހާސްކަމާއެކީ ވާހަކަދައްކަމުން ދިޔައެވެ. އޭރު ޒީނަތުވެސް މޮޅިވެރިގޮތަކަށް ޒިޔާނަށް ބަލަން އިނީ އިށީދެލައިގެންނެވެ. ” ކިހިނެއްވީ؟ ” ކިޔާން ޒީނަތު ކައިރީ އިށީންނަމުން އަހާލިއެވެ. ” ކިޔާން.. މިއަދު ހަވީރު ބިޒީ ނޫންވިއްޔާ ކަމެއް ކޮށްދީބަލަ. ” ފޯނުގައި ހުރި ޒިޔާނަށް ކިޔާން ގެ އަޑު އިވިގެން ފޯނު ބާއްވަމުން ބުނެލިއެވެ. ކިޔާން ބުމަ އަރުވާލީ ކޮންކަމެއްހޭ އަހާލަމުންނެވެ. ” މިއަދު ހަވީރު ނިޝާ އެބަ އާދޭ. ދޮންބެއަށް ނެތް އެއްވެސް ގޮތަކަށް ދެވޭކަށް. ވަރަށް މުހިންމު މީޓިންގްއެއް އެބައޮތް. މީޓިންގް ޗޭންޖްވެސް ނުވި. ކިޔާނަށް ދެވޭނެތަ އެއާޕޯޓަށް ؟ ” ޒިޔާން ގެ ސުވާލުން ކިޔާން ބޯ ޖަހާލީ ހިނިތުންވެލަމުންނެވެ. ” ދެން ފަހަރި ބަލާ ނުދެވެންނާ ކާކު ބަލާ ދާނީވެސް. ދޯ މަންމާ.. އެކަމަކު ނިޝް ނުބުނޭ އަންނަ ވާހަކައެއްވެސް. އިއްޔެގަ ވެސް ވާހަކަ ދެއްކި.. ” ކިޔާން ޒީނަތުއަށް ދޯ ދެމުން ބުނެލީ ހެމުންނެވެ. “އާނ. ކުއްލިއަކަށް އަންނަން ނިންމީ. ” ޒިޔާން ހީލަމުން ޖަވާބުދިނެވެ. ކިޔާން ޒިޔާނާ ދިމާކުރަން ތިހިރީ ވަރަށް އުފަލުންހޭ އަހާލީ ލާނެތް ގޮތަކަށް ހެމުންނެވެ. ޒީނަތުވެސް ކިޔާނާ ބައިވެގެން ޒިޔާނާ ދިމާކުރަން ފެށިއެވެ. ޒިޔާން ހެމުން ދިޔައީ ދާންވާ ގަޑި ބުނެފައެވެ. ނިޝާއަކީ ޒިޔާންގެ އަންހެނުންނެވެ. ޒިޔާންމެން މާލެ އައިއިރު ނިޝާގެ ކިޔެވުން ނުނިމެއެވެ. ޒިޔާން ނިޝާއާ އެކީ އަންނަން އެކޮޅުގައި މަޑުކުރަން އުޅުމުން ނިޝާ ޒިޔާން ކައިރީ ދާން ބުނީ އެކޮޅުގައި އާއިލާއާއެކީ އުޅޭތީއެވެ. ދެމީހުން ދިމާވީ އެއް ކޮލެޖްއެއްގައި ކިޔަވަން އުޅެނިކޮށެވެ. ލޯބިވެގެން ކައިވެނިކުރިތާ އަދި ވާނީ އެއް އަހަރެވެ. ނިޝާ ޒިޔާނަށް ވުރެ ތިންއަހަރު ކުޑައެވެ. ނިޝާއާ ކިޔާނަކީ އެއް އުމުރެއްގެ ދެމީހުންނެވެ. ކިޔެވުން ނިމުމުން ނިޝާ މާލެ އަންނަން ނިންމީ ކުއްލި ގޮތަކަށެވެ.
މާޔާ ޑިއުޓީ ނިންމާލާފައި ދާން އުޅުނުތަނާ ކިޔާން ގުޅާފަ މިހުރީ ބޭރުގައޭ ބުނެލިއެވެ. މާޔާ ހިނިތުންވެލަމުން ބޭރަށް ނުކުތްއިރު ކިޔާން ޕާކްކޮށްފައި އޮތް ކާރުގައި ލެގިލައިގެން ހުރީ މޮޑެލް އެއް ފަދައިންނެވެ. މަގުން ދިޔަ އެތައް ކުދިންގެ ލޯތައް ކިޔާނަށް އަމާޒުވާތަން ފެނިގެން މާޔާ ހިނިއައެވެ. ހީލަމުން މާޔާ ކުރިޔަށް އެޅި ފުރަތަމަ ފިޔަވަޅު ހުއްޓުނީ ކިޔާންގެ ކާރު ކައިރިއަށް ހުއްޓާލި ނިހާންގެ ކާރު ފެނިގެންނެވެ. ދެވަނަ ސިކުންތުގައި މާޔާގެ ތުންފަތުގައިވި ހިނިތުންވުން ފިލައިގޮސް މޫނު މަތިން ހާސްކަން ފެނިގެންދިޔައެވެ. މާޔާ އެ ހުރި ގޮތަށް ހުއްޓިލައިގެން ހުރެ ހިންދިރުވާލީ ކުރާނެ ކަމެއް ނޭގިގެންނެވެ. ނިހާން އަންނާނަމޭ ބުނިކަން އޭނަ ހަނދާން ނެތުނީ ކިހިނެއްހެއްޔެވެ. ނިހާނާ އެކީ ގޮސްގެން ކިޔާންގެ ހިތުގައި އޭނައާ މެދު ނުބައި ހިޔާލުތަކެއް އުފެދޭކަށް މާޔާ ބޭނުމެއްނޫނެވެ. އަދި ކިޔާންގެ ހިތުގައި ޖައްސާކަށް ވެސް އޭނަ ބޭނުމެއް ނޫނެވެ. ދެން ހުރީ ނިހާނެވެ. ކިޔާނާ އެކީ ގޮސްގެން ނިހާން ކަންތައް ކުރާނެ ގޮތެއްވެސް ނޭގެއެވެ. މާޔާ އެހުރި ގޮތަށް ހުރެ ފަހަރަކު މީހެއްގެ މޫނަށް ބަލާލަމުން ތިރީ ތުންފަތުގައި ދަތް އަޅާލީ ގޮތްހުސްވެފައިވާ މީހަކު ފަދައިންނެވެ. މާޔާގެ މޫނަށް ބަލަން ހުރެ ކިޔާން ބުމަ އަރުވާލީ ކިހިނެއްވީހޭ އަހާފަދައިންނެވެ. އޭރު ނިހާން ކާރުން ފައިބައިގެން ކިޔާނަށް ބަލާލަމުން މާޔާއަށް ބަލާލީ ބުމަގޮށްޖަހާލަމުންނެވެ. މާޔާ އިތުރަށް ބިރުގަތެވެ. ވިސްނާލާފައި މާޔާ ހިނގައިގަތެވެ.
( ނުނިމޭ )
15 Comments!
Comments are closed.
hope you all will like this part too.. 🙂 if any mistake is there please let me know. 🙂
next part hopefully on Sunday 🙂
Wow! Hama Varah reethi Maa Shaa Allah.. Keep it up Sister 🙂
Thank you elena ?
Wow! Hama habeys…v reethi mi story ??
Thank you leem 🙂
OMG! Who is this idiot Nihaan??? I hate him really… Haadha foohi meeha gandeh vahtharu jaha ey.. But still this part is also awesome nd very much interesting… Btw miharu kyhve story daily koh up nukoh dheny? Plx upload the nxt part soon.. 🙂 <3
Heheh dhw. Varah foohi meeheh. Mihaaru kudakoh busy vma daily koh up nuvany. Try kuraanan dhedhuvahun ehdhuvahu kureveytho. 🙂 thank you shau ?
nudhaathi e nihaan gandaaekoh…
Hahah
Awwww varahh niceeee sharahh itss owsmmmm.. hmmm nudhaathi e nihaan gandaa ehkoh.. btt mashah haadha heeve eyy e nihaan ar ekee hen dhaaneee… dhennn nuuunnnnnn….
Thank you ? Heheh nawhoo. Next part in ngeyne kaakaa ehkoh kan dhaany.
v reethi mi part vx…. kon nihaan eh tha?? haadha foohi myhekey..
nihaan arr ehkoh nudhacheyy…
Thank you shaz ?
Vaahakah up nuvey…. Mi kn dhuvahkun vaane kameh baaaa?????? But nice story…. Keep it up ???❤❤❤
thank you xobaa :* 🙂
mihaaru up kohfin. sorry lasvma 🙂