Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިޒާރު ( އަށްވަނަ ބައި )

saarah Level 210 Stories100 Comments
September 23, 2015 8 Mins Read
10 Comments

މާޔާ ލައިގެން އެ ހުރީ އޭނައަށް ފެނުނު ކުއްޖާ ލައިގެން ހުރި ހެދުމެވެ. އޭރު އޭނައަށް ފެނުނީ މާޔާކަން އޭނައަށް ޔަގީނެވެ. ދެން މާޔާ ދޮގު އެ ހެދީ ކީއްވެހެއްޔެވެ. ކިޔާން ކުޑަކޮށް ހީލަމުން ތި ވާނީ ހީވުމެކޭ ބުނެލާފާ ދެން އެ ވާހަކައެއް ނުދައްކައެވެ.

” ކޮބާތާ މިހާރު އެންމެން. އަހަރެން މި ކޮޅަށް އައި ފަހުން އަދި އެކަކާ ވެސް ދިމަލެއް ނުވޭ. ހިނގާބަ އެއްމެންނާ ދިމާވާން. ” ކިޔާން އެ ދެއްކީ އެ މީހުންގެ ރަހްމަތްތެރިންގެ ވާހަކަކަން މާޔާއަށް އެގުނެވެ.

” ނޭނގެ. އަހަންނާ އެ މީހުންނާ މިހާރު ނޯވޭ އެއްވެސް ގުޅުމެއް. ” މާޔާ ދުރަށް ބަލާލަމުން ޖަވާބު ދިނެވެ. އެ އަޑުގައިވި ހިތްދަތިކަން ކިޔާނަށް ފާހަގަވިއެވެ. ކިޔާން މާޔާ ގެ މޫނަށް ބަލަން އިނދެ އެއީ ކީއްވެހޭ އަހާލިއެވެ.

” އަހަރެން ބޭނުންނުވީ އެއްވެސް މީހަކާ އެއްވެސް ގުޅުމެއް ބާއްވަން ” ކިޔާން ހައިރާންވެފައި މާޔާގެ މޫނަށް ބަލަންއިން އިރު ހިތުގައި އެތައް ސުވާލުތަކެއް އުފެދިއްޖެއެވެ. އޭނައަށް ނޭގޭ ބޮޑު ހަގީގަތެއް ވާ ކަމުގައި ސިކުނޑި އަންގައިދިނެވެ. އެކަމަކު ކޮން ހަގީގަތެއް ހެއްޔެވެ. މާޔާއާ ސުވާލު ކުރިޔަސް ޖަވާބު ނުލިބޭނެކަން ކިޔާނަށް އެގެއެވެ. މާޔާ ދައްކަމުން ދިޔަ ވާހަކަ ބަދަލު ކޮށްލާފައި ވަޒިފާއާ ބެހޭ ސުވާލު ކުރަން ފެށިއެވެ. މާޔާ މައުޟޫއު ބަދަލު ކުރި ގޮތުން އެކަނިވެސް މާޔާ ކަމެއް ސިއްރުކުރަން އުޅޭކަން ކިޔާން ދެނަގަތެވެ. ކިޔާންވެސް ދެން އިތުރަށް އެކަމާ ބެހޭގޮތުން ވާހަކަ ނުދައްކައެވެ.

ކިޔާން މާޔާ ގެއަށް ލާން ގޮސް ގޭ އެތެރެއަށް ވެނެވެ. އޭރު މާއިޝާ ހޭލައިގެން އުޅެނީ ކާންށެވެ. ކާ ގޭގައި ކާން އިންދާ ސިޓިންރޫމުން ކިޔާންގެ އަޑު އިވިގެން މާއިޝާ އުފާވެލާފައި ގޮސް ސިއްރު ސިއްރުން ބޭރު ބަލާލިއެވެ. ސޯފާ ގޮނޑީގައި އިށީދެލައިގެން އިން ކިޔާން ފެނުނު ހިނދު މާއިޝާގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. މާއިޝާ އިސްތަށިގަނޑު އަތުން ރީތިކޮށްލަމުން ބޭރަށް ނުކުމެލިއެވެ. ކިޔާނަށް މާއިޝާ ފެނުމުން ހިނތުންވެލާފައި ކިހިނެއް ހޭ އަހާލިއެވެ. މާއިޝާ ރަކި ގޮތަކަށް ހީލަމުން ރަނގަޅޭ ބުނެލިއެވެ. ކިޔާން ނުކުމެގެން ދާން ފެށުމުން މާއިޝާ ހަލުވިފިޔަވަޅުތަކެއްގައި ސިޑިން އަރައިގެން ގޮސް ހުއްޓިލީ ކޮޓަރީގެ ބެލްކަނީގައެވެ. ރެއިލިންގް ގައި އަތް އަޅުވާލައިގެން ކިޔާންއަށް ބަލަން މާއިޝާ ހުރީ ހެވިފައެވެ. އެހެން ހުރެލާފައި މާއިޝާ ފޯނު ނަގައިގެން ފޮޓޯއެއް ނަގަން އުޅުނުތަނާ، ކިޔާން ކާރަށް އަރަމުން މައްޗަށް ބަލާލި ވަގުތު މާއިޝާ ފެނުނެވެ. މާއިޝާ ހާސްވިވަރުން އަތުގައި އޮތް ފޯނު ދޫނުވީ ކިރިޔާއެވެ. ހަމަޖެހިލަމުން ސެލްފީއެއް ނަގަނީ ކަމުގައި ހެދިގެން މާއިޝާ މޫނަށް ވައްތަރެއް ޖައްސާލިއެވެ. ކިޔާން ހެވިލާފައި ޓާޓާ ކިޔާލަމުން ކާރަށް އަރާ ދުއްވާލިއެވެ. ކިޔާންގެ ކާރުގޮސް ލޯ މަތިން ގެއްލެންދެން މާއިޝާ ބަލަން ހުއްޓެވެ. ފޮޓޯއެއް ނެގުނުތޯ ބަލާލިއިރު ނަސީބަކުން ސަޅި ފޮޓޯއެއް ނެގިފައި އިނެވެ. ކިޔާން މައްޗަށް ބަލާލި ގަޑީ އޭނައަށް ނޭގިގެންވެސް ފޮޓޯއެއް ނެގުނީއެވެ. މާއިޝާ ހެވިލާފައި ފޯނުގައި ބޮސް ދިނެވެ. ނިދަން އަރާފަ ވެސް މާއިޝާ ކިޔާންގެ ފޮޓޮއަށް ބަލައިގެން އެތައް އިރެއް ވަންދެން އޮތެވެ.

އީދު ދުވަހުގެ ހަވީރު ބީޗް ސަރަހައްދުގައި އެކި ކަހަލަ ކުޅިވަރުތަކާ މުނިފޫހިފިލުވުމުގެ ޕްރޮގްރާމް ތަކެއް އިންތިޒާމު ކޮށްފައި އޮތެވެ. މާއިޝާ ރައްޓެހި ކުދިންތަކާ އެކީ ބީޗް ސަރަހައްދަށް ދިއުމުން މާޔާ އޮތީ ފޫހިވެފައެވެ. ކޮޓަރީގައި ލެޕްޓޮޕުން ފިލްމެއް ބަލަން އޮއްވާ ކިޔާން ގުޅާފަ ބޭރަށް ދާން ބުނުމުން މާޔާ އުފާވެލާފައި އަވަހަށް ރެޑީ ވިއެވެ. ކިޔާން މާޔާ ބަލާއައެވެ. ދުއްވާ އެއްޗެހި ދުއްވުން މަނާ ކޮށްފައި އޮތުމުން ދެމީހުން ދިޔައީ އެކީ ހިނގާލާފައެވެ. މީހުން ގިނަ ކަމުން މަގުތައް ވެސް އޮތީ ބާރުވެފައެވެ. ދެމީހުން ހިގާލާފައި ދިޔައިރު އެތައް ބައެއްގެ ލޯތައް އަމާޒުވެފައި ހުއްޓެވެ. ބައެއް އަންހެން ކުދިން ކިޔާނަށް ދެއްކެން ތުއިވަމުން ދެއެވެ. މާޔާ ކައިރީގަ ހުރެގެން ކިޔާނާ ދިމާކުރެއެވެ. ކިޔާން ލާނެތް ގޮތަކަށް ހީލަމުން މާޔާގެ އަތުގައި ހިފައިގެން ހިނގަމުން ދެއެވެ. މާޔާ ކިޔާންގެ މޫނަށް ބަލާލަމުން ހީލާފައި ކޮންމެހެން އަތް ނައްޓުވާކަށް ވެސް ނޫޅެއެވެ. ދެމީހުން ހިނގާލަފައި ގޮސް ހުއްޓިލީ ބީޗް ސަރަހައްދުގައެވެ. މާޔާއަށް އެތާގަ ހުރި ޕޮޕްކޯން ވިއްކާ ތަނެއް ފެނިގެން ބާރަކަށް ދިޔައެވެ. ކިޔާން ހީލަމުން ދާންވެގެން ކުރިމައްޗަށް ބަލާލި ވަގުތު ކުރިމަތިން ފަރި ހިނގުމެއްގައި ހިނގާލާފައި އައި ޝަހާ ފެނިގެން ބުމަ ގޮށްޖަހާލިއެވެ. ޝަހާ ފޯނާ ކުޅެމުން އަންނާތީ ކިޔާނެއް ނުފެނެއެވެ.

” ޝަހާ… ” ކިޔާން ބަލަން ހުރެލާފައި ގޮސް މާޔާގެ އަތުގައި ހިފާލަމުން ޝަހާއަށް ގޮވާލިއެވެ. ޝަހާ ފޯނުން ނަޒަރު ވަކިކޮށްލަމުން އިސްއުފުލާލި ވަގުތު މާޔާއާ ކިޔާން އެކީ ފެނުމުން ލޯ ބޮޑުކޮށްލިއެވެ. ދެ މީހުންގެ ގުޅުވާލެވިފައިވާ އަތަށް ޝަހާ ބަލާލީ ހާސްކަމާއެކީގައެވެ. ކިޔާންގެ ތޫނު ދެލޯ އޭނައަށް ހުއްޓިފައި ހުރިތަން ފެނިގެން ޝަހާ އިސްޖަހާލަމުން ހަމަޖެހިލަން މަސައްކަތްކުރިއެވެ. އޭރު އެކުވެރިންތަކާ އެކީ އުޅުނު މާއިޝާއަށް މާޔާ ފެނިގެން ދުވެފައި އައި ވަގުތު ކިޔާން އައިސް މާޔާގެ އަތުގައި ހިފިތަން ފެނިގެން ހުއްޓުން އަރާފައި ހުރި އިރު ދެލޯ ހުރީ ފެންކަޅިވެފައެވެ. މާއިޝާ ދެރަވެފައި ބަލަން ހުރެފަ އެބުރި ދިޔައީ އެމީހުންގެ ކުރިމައްޗަށް ދާނެ ހިތްވަރެއް ނެތުމުންނެވެ.

” ކިޔާން. އަހަރެން އެބަ އަންނަން ޕޮޕްކޯން ގަނެގެން ” މާޔާ ޝަހާއަށް ބަލާލަމުން ހިނގައިގަތީ ޝަހާއާ ވާހަކަވެސް ނުދައްކައެވެ. ކުޑަމިނުން ހިނތުންވުމެއްވެސް ނުދެއެވެ. ކިޔާން ހައިރާންވިއެވެ. މާޔާއާ ޝަހާ ދެމީހުންނަކީ ކުޑައިރު އެންމެ ގާތްކޮށް އުޅުނު ދެމީހުންނެވެ. ދެން މިއަދު ފެންނަ ކަމަށްވެސް ހަދާނުލީ ކީއްވެ ހެއްޔެވެ. ކިޔާން މާޔާ ދިޔަތަން ބަލާފައި އަނެއްކާވެސް ޝާހާއަށް ނަޒަރު ހުއްޓާލިއެވެ. ޝަހާ އަޅާވެސްނުލާ ކިޔާނަށް ބަލާލަމުން ހިނގައިގަތެވެ.

” ޝަހާ!.. ” ޝަހާ ކިޔާން ފަސްދީފައި ދަނިކޮށް ކިޔާން އެބުރިލަމުން ގޮވާލިއެވެ. ޝަހާ ހުއްޓިލަމުން އެބުރިލިއެވެ.

“ކީއްވެ ތިހާ ހާސްވެފަ ތިހުރީ؟ އަހަންނާ މާޔާއެކީ ފެނުމުންތަ؟ ނޫނީ މަރުވެފައި އޮތް މީހަކު ދިރިހުއްޓާ ފެނުމުންތަ؟ ” ކިޔާން ޖީބައް އަތް ޖަހާލަމުން ވާހަކަ ދެއްކީ މަލާމާތުގެ ރާގުގައެވެ. ޝަހާ ބުނާނެ އެއްޗެއް ނޭގިގެން ކިޔާންގެ މޫނަށް ބަލަން ހުރެފަ އިސްޖަހާލިއެވެ.       “ވަރަށް ހައިރާންވެއްޖެ ޝަހާ އެހާ ބޮޑު ދޮގެއް ހެދީމަ. އަހަރެން މިހާ ދުވަސްވަންދެން ޝަހާގެ ދޮގު ގަބޫލުކޮށްގެން ހުރީ. މިހާ ދުވަސްވަންދެން އަހަރެން ރާއްޖެ އެބުރި ނައިސް ހުރީ ޝަހާއާ ހެދި. ބުނެވިދާނެތަ އެހާ ބޮޑު ދޮގެއް ހެދި ސަބަބު.. ” ކިޔާން ވާހަކަ ދައްކަން ހުއްޓާ މާޔާ އަންނަތަން ފެނިގެން ޝަހާ ބާރަކަށް ހިނގާލަފަ ގޮސް މީހުންގަނޑުތެރެއަށް ވަދެއްޖެއެވެ. މާޔާ އައިސް ކިހިނެއްވީހޭ އަހާލުމުން ކިޔާން ކަމެއް ނުވެޔޭ ބުނަމުން ހިނިތުންވެލިއެވެ. ޕޮޕްކޯން ކަމުން ދެމީހުން ގޮސް ކުޅިވަރު ބަލަން ހުއްޓިލިއެވެ.

މާޔާ މާއިޝާ މަތިން ހަދާންވެގެން ގުޅުމުން މާއިޝާ ފޯނު ނުނެގިއެވެ. މާއިޝާ ގޭގަ ކޮޓަރީގެ އެދުގައި އިށީދެލައިގެން އިންއިރު ރިންގްވަމުން ދިޔަ ފޯނަށް ބަލާލިއެވެ. ފޯނު ނިއްވާލަމުން މާއިޝާ އެނދުގައި އޮށޯވެލިއެވެ. ހިފެހެއްޓުމެއްނެތި ކަރުނަ ފައިބައިގަތުމުން މާއިޝާ ބާލިސް ނަގައިގެން މޫނު މަތީގައި އަޅާލިއެވެ. މާޔާއާ ކިޔާން އުޅެނީ ލޯބީގެ ގޮތުން ގުޅިގެން ހެއްޔެވެ. މާއިޝާ އަމިއްލަ ހިތާ ސުވާލުކޮށްލިއެވެ.

ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް މާއިޝާގެ ހިތުގައި ކިޔާނަށް އޮތް ލޯބި ވަރުގަދަވަމުން ދިޔައެވެ. އަބަދު ކިޔާންގެ ހިޔާލުގައި ވަގުތުތައް ގުނަމުން ދެއެވެ. ކިޔާންގެ ފަރާތުން މާއިޝާއާ ގަޔާވާ އެއްވެސް ކަހަލަ އިޝާރާތެއް ނުފެންނާތީ މާއިޝާ ހުންނަނީ ދެރަވެފައެވެ. މާޔާއާ ކިޔާން އަބަދު އެކީގައި އުޅޭއިރު އެހެންނާ ނުވާ ގޮތްތަކެއް ކިޔާނަށް ވެއެވެ. އަބަދު މާޔާ ކައިރީގަ ހުންނަން ހިތް ބޭނުންވެއެވެ. ކޮންމެވެސް ގޮތަކުން ވާހަކަ ދެއްކުމުން ހިތަށް ހަމަޖެހުން ލިބިދެއެވެ. މާޔާއާ އެކީ ބޭރަށް ދާން ބޭނުންވެއެވެ. ހިނގާލާފައި ދާ އިރު މާޔާގެ އަތުގައި ހިފުމުން ހިތްހަމަޖެހުން ލިބެއެވެ. ކުދި ކުދި ހަދިޔާ މާޔާއަށް ކިޔާން ހަދިޔާ ކުރެއެވެ. މާޔާ ކޮންމެ އެއްޗެއް ރައްކާތެރިކަމާ އެކު ފޮރުވައެވެ.

ރޭގަނޑުގެ ވަގުތެވެ. މާޔާ އޮފީސް މަސައްކަތެއް ކުރަން ލެޕްޓޮޕް ނަގައިގެން އިނީ އެނދުގެ ބޯލާ ކޮޅުގައި ލެގިލައިގެންނެވެ. އެހެން އިންދާ ކިޔާން ގުޅާލުމުން މާޔާ ލެޕްޓޮޕް އެއްކައިރީގައި ބަހައްޓާފައި ފޯނު ނެގިއެވެ. ފޯނު ނެގުމާއެކު ކިޔާން ދޮރުހުޅުވާލާށޭ ބުނުމުން މާޔާ ހައިރާންވިއެވެ. ތެދުވެގެން ގޮސް ބެލްކަނިން ތިރި ބަލާލިއިރު ކިޔާން ތިރީގައި ހުއްޓެވެ. މާޔާ އަވަހަށް ގޮސް ދޮރު ހުޅުވާލިއެވެ. ކިޔާން އިސްޖަހާލައިގެން ހުރެ އިސްއުފުލާލި ވަގުތު މާޔާގެ މެއަށް ހޫނު ފެން އެއްޗެއް އޮއްސާލިހެން ހީވިއެވެ. ކިޔާންގެ ދެ ލޯ ކަރުނުން ފުރިފައި ހުރިއިރު މޫނުމަތިން ފެންނަނީ ހިތްދަތިކަމެވެ. މާޔާ ބަލަން ހުރި އިރު ލޯ ފެންކަޅިވިއެވެ. ތުންފަތުގައި ދަތް އަޅާލަމުން މާޔާ ކިޔާން ކައިރިއަށް ގޮސް އެދެއަތުގައި ހިފާލިއެވެ.

” ހާދަ ހަޑިއޭ ކިޔާން ތި ގޮތަށް ހުރީމަ. ކިޔާންގެ ޕާރސަނަލިޓީއަކާ ނުވެސް ގުޅޭ. ” މާޔާ ކިޔާން ހެއްވާލަން ވެގެން ބުނެލިއެވެ. ކަންތައްވީވެސް އެހެންނެވެ. ކިޔާން ކުޑަކޮށް ހީލަމުން އެހެން ހޭ އަހާލިއެވެ. މާޔާ ބޯ ޖަހާލަމުން ހިނތުންވެލިއެވެ. މާޔާ ކިޔާންގެ އަތުގައި ހިފައިގެން ދިޔައީ ޓެރެސްއަށެވެ. އެތާ ހުންނަ އުދޯލީގައި ކިޔާން ބައިންދާފަ މާޔާ އެބައަންނަމޭ ކިޔާފަ ދާން އުޅުމުން ކިޔާން އެ އަތުގައި ހިފާ މަޑުކުރުވިއެވެ.

” އެބަ އަންނަމޭ ކޮފީ ހިފައިގެން. ފައިވް މިނިޓްސް ” މާޔާ ކިޔާން އަތަށް ފިތާލަމުން ބުނެލިއެވެ. ކިޔާން އެ އަތުން ދޫކުރުމުން މާޔާ ތިރިއަށް ގޮސް ހޫނު ދެ ކޮފީ ތައްޔާރުކޮށްގެން އައެވެ. ކިޔާންއާ ޖެހިގެން ގޮތަކަށް މާޔާ އިށީދެލަމުން ކޮފީ ތަށި ކިޔާނަށް ދިއްކޮށްލިއެވެ. ކިޔާން ކޮފީތަށި ތުބުގައި ޖަހާލަމުން މަޑުމަޑުން ތޭންކްސް އޭ ބުނެލިއެވެ.

” ކިހިނެއްވީ؟ ” ކިޔާން ހަމަޖެހިލުމުން މާޔާ ސުވާލުކޮށްލިއެވެ. ކިޔާން މާޔާގެ މޫނަށް ފުންކޮށް ބަލާލިއެވެ.

” ކުރީ ދުވަހު މާޔާ އަހަރެން ކައިރީ ސުވާލު ކުރީމެއްނު ކީއްވެހޭ އަހަރެން ޑޮކްޓަރަކަށް ވީ؟ އަހަރެން ޑޮކްޓަރަކަށް ވީ ވަރަށް ބޮޑު މަގްސަދެއްގައި. އަހަރެންގެ ވަރަށް ގާތް މީހަކު އެކްސިޑެންޓެއްގައި މަރުވީ. ޑޮކްޓަރުންނަށް އެ ކުއްޖާ ސަލާމަތް ނުކުރެވުނު. އެ ދުވަހު އަހަރެން ބޭނުންވީ ޑޮކްޓަރަކަށް ވާން. އެދުވަހު އަހަރެން އިހްސާސް ކުރި ވޭން އެހެން މީހަކަށް އިހްސާސްވިޔަ ނުދޭން. އަހަރެން އެއްވެސް އިރެއްގަ ޑޮކްޓަރަކަށް ވާން ބޭނުމެއް ނުވޭ. އެކަމަކު އެ ދުވަހު އަހަރެންގެ ހިތައް އެރީ ފަހަރެއްގަ ޑޮކްޓަރަކަށްވެ އެހެން މީހެއްގެ ފުރާނަ ސަލާމަތް ކޮށްދެވިއްޔާ އަހަރެން އުމުރު ދުވަހު ރިގްރެޓް ކުރާކަށް ނުޖެހޭނެޔޭ. އެ ކުއްޖާގެ އެންމެ ފަހު ވަގުތު އޭނައާ އެއްކޮށް ނެތުމުގެ ރިގްރެޓް. އެ ކުއްޖާއަށް ކުރެވުނު ވައުދު ނުފުއްދުނު ކަމުގެ ރިގްރެޓް. ފަހަރެއްގަ އެކަމުން އަހަންނަށް އެ ކުއްޖާގެ މާފު ލިބިދާނެ ކަމުގަ އުއްމީދުގަ އަހަރެން ޑޮކްޓަރަކަށް ވީ. ” ކިޔާން ދެރަވެލާފައި ވާހަކަ ދައްކަމުން ފަހު ތިން ޖުމްލަ ބުނެލީ މާޔާއާ ހަތަރުކަޅި ހަމަކޮށްލަމުންނެވެ. މާޔާ ފެންކަޅިވެފައި ކިޔާންގެ ވާހަކަ އަޑުއަހަން އިނީ ސުވާލު އުފެދިފައެވެ. އެއީ ކާކު ހެއްޔެވެ. އެ މީހަކަށްޓަކާ ކިޔާން އަމިއްލަ ހުވަފެންތައް ދޫކޮށްލާފަ އެ ކުއްޖާގެ މާފު ހޯދަން އުޅޭނީ ހާދާ ޙާއްސަ ވީމައެވެ.

” އެކަމަކު މިއަދު.. މިއަދު އަހަރެން ކުރިމަތީ އެކްސިޑެންޓްވެގެން ގެނައި ކުއްޖެއް ނިޔާވެގެން އެ ދިޔައީ. އަހަންނަށް އެއްވެސް ކަމެއް ނުކުރެވުނު. އެ ކުއްޖާ ސަލާމަތެއް ވެސް ނުކުރެވުނު އަހަންނަށް. އަހަންނަށް އިހްސާސް ކުރެވޭ އެ ކުއްޖާގެ އާއިލާ ހިތާމަ ކުރާނެވަރު. އެކަމަކުވެސް…….. ” ކިޔާންގެ އަޑުކުރެހިގެން ވާހަކަ ނުދެއްކުމުން ހުއްޓާލާފައި މޫނުގައި އަތް އަޅާލިއެވެ. މާޔާ ކިޔާންގެ ކޮނޑުގައި ހިފާލަމުން ބައްދާލި އިރު އެ ދެލޮލުން ކަރުނަ ފައިބައިގަތެވެ. ކިޔާން މޫނުން އަތް ވަކިކޮށްލަމުން މާޔާގެ ހަށިގަނޑުގައި ބައްދާލިއެވެ. މާޔާ ކިޔާންގެ އިސްތަށިގަނޑުގައި ފިރުމާލަމުން މަޑުމަޑުން ނުރޯށޭ ބުނެލިއެވެ.

” ކިޔާން. އެއްވެސް މީހަކަށް އެ މީހެއްގެ މަރު ނުހުއްޓުވޭނެއޭ. ވަގުތު ޖެހުމުން ކޮންމެ މީހަކުވެސް މަރުވާނެ. ޑޮކްޓަރުންނަށްވެސް މަސައްކަތް ކުރެވޭނީ. ތަގުދީރުގައި ވާ ގޮތެއް އެއްވެސް މީހަކަށް ބަދަލު ނުކުރެވޭނެ. އަހަރަމެންނަށް ޖެހޭނީ ކެތްކުރަން. މާތްﷲ އެއްވެސް މީހަކަށް ދެރަގޮތެއް މެދުވެރިނުކުރައްވާނެ. އަހަންނަށް ޔަގީން އެ ކުއްޖާވެސް މިހާރު ކިޔާނަށް މާފު ކޮށްފާނެކަން. ޝީ ވިލް ބީ ޕްރައުޑް އޮފް ޔޫ. ” މާޔާ ކިޔާން ހިތްހަމަޖައްސަން ވާހަކަ ދެއްކިއެވެ. މާޔާގެ ފަހު ޖުމުލައިން ކިޔާން މާޔާގެ ގައިން ދޫކޮށްލަމުން އެ މޫނަށް ބަލާލިއެވެ.  ” އާރ ޔޫ؟ ” ކިޔާން މަޑުމަޑުން ކޮށްލި ސުވާލުން މާޔާ ހިނިތުންވެލަމުން އެ މޫނުގައި ހުރި ކަރުނަތައް ފޮހެމުން ” ޔެސް ” އޭ ބުނެލިއެވެ. ކިޔާން މާޔާގެ އަތުގައި ހިފާލަމުން ހަތަރު ކަޅި ހަމަކޮށްލިއެވެ.

” އެ ކުއްޖަކީ ތީ އޭ ބުނެފިއްޔާ ގަބޫލުކުރާނަން؟ “ކިޔާންގެ ސުވާލުން މާޔާ ދެލޯ ބޮޑުކޮށްލިއެވެ. ” އާނ މާޔާ. ތީ އެ ކުއްޖަކީ. އަހަރެން އެ ކޮޅަށް ގޮސް މާޔާއަށް ކޮންޓެކްޓް ކުރަން އުޅުނިން. އެކަމަކު އަހަރެންގެ އަތުން މާޔާގެ ނަންބަރު ގެއްލުނީ. އެހެން ގޮތަކުން ކުރަން އުޅެގެން ނުވި. އެހެން އުޅެނިކޮށް އެއްދުވަހަކު އަހަންނާ އެ ކޮޅުން މާޔާގެ ވަރަށް ގާތް މީހަކާ ދިމާވީ. އަހަރެން މާޔާގެ ވާހަކަ އެހުމުން ބުނީ އެކްސިޑެންޓެއްގައި މާޔާ މަރުވެއްޖެއޭ. އެ ދުވަހު އަހަރެން ވަރަށް ދެރަވި. އަނބުރާ މާލެ އަންނަންވެސް ބޭނުމެއް ނުވި. އެހެންވެ ޗުއްޓީއެއް ލިބުނަސް އަހަރެން އުޅުނީ އެ ކޮޅުގައި. މަޔާ ފެނުނު ދުވަހު އަހަރެން ގަބޫލެއްވެސް ނުކުރަން އެއީ މާޔާ ކަމަށް. ވަރަށް އުފާވި މާޔާ ފެނުމުން. އަހަރެން ހީކުރީ އަހަންނަށް މާޔާ ކިބައިން މާފަށް އެދުމުގެ ނަސީބުވެސް ގެއްލުނީކަމަށް. ބަޓް އެދުވަހު މާޔާ ދިރިހުއްޓާ އަހަރެން ކުރިމަތިން ފެނުމުން އައި ވޯސް ރިއަލީ ހެޕީ.  ” ކިޔާން މާޔާގެ މޫނަށް ބަލަން އިނދެ ވާހަކަ ދެއްކިއެވެ. މާޔާ އިނީ ކިޔާނެ އެއްޗެއް ނޭނގި ހައިރާންވެފައެވެ. އެހާ ބޮޑު ދޮގެއް ހެދީ ކާކު ހެއްޔެވެ.

” ކާކު؟ ” ކުރެހިފައވާ އަޑަކުން މާޔާ ސުވާލުކޮށްލިއެވެ.

” ޔޫ ޑޯންޓް ނީޑް ޓު ނޯ ” ކިޔާން މާޔާގެ މޫނުގައި ހިފާލަމުން ބުނެލިއެވެ.

” އައި ޑޫ ” މާޔާ ކިޔާންގެ އަތުގައި ހިފާލަމުން ބަލާލީ ޖަވާބަކަށް ބޭނުންވާ ފަދައިންނެވެ.

” ޝަހާ.. ” މާޔާ ދެލޯ ބޮޑުކޮށްލަމުން ކިޔާނަށް ބަލާލީ ގަބޫލުނުކުރެވިފައެވެ. ކިޔާން މާޔާގެ އަތަށް ފިތާލަމުން ކުޑަކޮށް ބޯ ޖަހާލީ ޔަގީންކޮށްދޭ ފަދައިންނެވެ. މާޔާ އެއްވެސް އެއްޗެއް ނުބުނެ ތެދުވެގެން ގޮސް ހުއްޓިލީ ރެއިލިންގް ކައިރިއަށެވެ. ރެއިލިންގްގައި އަތް އަޅުވާލަމުން މާޔާ ދުރަށް ބަލާލިއެވެ. ދެލޯ ފުރިގެން ކަރުނަ އައީ ހިފެހެއްޓުމެއްނެތިއެވެ. މާޔާ ގިސްލަ ގިސްލާފައި ރޯން ފެށުމުން ކިޔާން އައިސް އެ މޫނުގައި ހިފާލަމުން އެ ނިތްކުރީގައި ބޮސްދިނީ ކަރުނަތައް ފޮހެލަމުންމެވެ. މާޔާ މި ގޮތަށް އޭނަ ކުރިމަތީ ރުއި މީ ފުރަތަމަ ފަހަރެވެ. މާޔާ އެ ގޮތަށް ރުއިމުން ކިޔާން އިންތިހާއަށް ދެރަވިއެވެ. ކިޔާންގެ އެ ބީހުލުމުން މާޔާގެ ހުރިހާ ލޯޅިތަކެއް ކޮޅަށް ޖެހުނުފަދައެވެ. އެހެންނާ ނުވާ އިހްސާސެއް އެ ބީހުލުމުން ވިއެވެ. ކިޔާން ދުރުވެލަމުން އެ މޫނަށް ފުންކޮށް ބަލާލިއެވެ. އެސްފިޔަތަކުގައި ކަރުނައިގެ މުތީތައް ވިދަމުންދިޔައިރު މޫނު މަތިން ފެންނަނީ މައުސޫމު ކަމެވެ. ކިޔާން ބަލަން ހުރެލާފައި މާޔާގެ އުނަގަނޑުގައި އަތް ވަށާލަމުން ބައްދާލީ ބޭ އިހްތިޔާރުގައެވެ. މާޔާވެސް ކިޔާންގެ މޭގައި މޫނު ފޮރުވާލަމުން ކުޑަކޮށް ހިނިތުންވެލިއެވެ.

” އިފް ޔޫ ޑޯންޓް މައިންޑް. ބުނެދީފާނަންތަ ޝަހާއާ ދެމީހުން ތިހާ ރުޅި އަންނަ ސަބަބެއް؟ ” ކިޔާން ދުރުވެލަމުން ރެއިލިންގައި ބުރަކަށި ޖައްސާލިއެވެ.

” އަހަރެން އެއްވެސް ދުވަހެއްގަ ޝަހާދެކެ ރުޅިއެއް ނާންނަން. އަހަންނަށް ކުރެވުނު ކުށަކުން ޝަހާ އަހަރެންދެކެ ރުޅި އަންނަނީ. އެކަމަކު ދެރައީ އަހަރެން ބޭނުންވިޔަސް އެ ކުށް ދެން ބަދަލުނުކުރެވޭނެކަން.  އަދި އެހެންވެސް ސަބަބަކާ ހުރެ. ޝަހާ ގަބޫލުކުރާ ގޮތުގައި އަހަންނާ ޝަހާއާ އެއްވެސް ގޮތަކުން އާއިލީ ގުޅުމެއް ނޯވޭ.. އަސްލު އެއީ ދޮގެއްވެސް ނޫން. ހަގީގަތުގައި އަހަންނާ ޝަހާއާ އެއްވެސް ގޮތަކުން އާއިލީ ގުޅުމެއް ނޯވޭ. ” މާޔާ ދުރަށް ބަލާލަމުން ޖަވާބު ދިނެވެ.

” ތި ބުނީ ” ކިޔާން ހައިރާންވެފައި ސުވާލު ކޮށްލިއެވެ.

” މިއީ އަހަރެންގެ އަސްލު މައިންބަފައިންނެއް ނޫން. އަހަރެންގެ މައިންބަފައިންނަކީ އެހެން ބައެއް. އެނގޭ ހާ ވެސް އެއްޗަކީ އަހަހަރެންގެ އަސްލު ބައްޕަވަނީ ނިޔާވެފައި. މަންމަ އެބައުޅޭ ދުނިޔޭގައި. އެކަމަކު އުޅޭ ތަނެއް ނޭގެ. އަހަރެން ވަރަށް މަސައްކަތްކުރިން މަންމަ ހޯދަން. އެކަމަކު ނުފެނުނު. ” މާޔާ އެއްވެސް އަސަރެއް ނެތި ދެއްކި ވާހަކައިން ކިޔާންގެ ހައިރާންކަން ވީ އިތުރެވެ. މީ އަދި އޭނައަށް ނޭގޭ ހަގީގަތެކެވެ. މިހާ ދުވަސްވަންދެން އޭނަ ހީކޮށްގެން ހުރީ މާޔާގެ މައިންބަފައިންނަކީ ފާއިޒުއާ މަލީހާ ކަމަށެވެ. ކިޔާނާ މާޔާއާ ދިމާވީއްސުރެ އޭނައަށް ފެނުނީ އެމީހުން ކައިރީ މާޔާ އުޅޭތަނަވެ. ކިޔާންގެ މޫނުމަތިން ފެންނަމުންދިޔަ ކުލަވަރުތަކުން މާޔާ ކިޔާނަށް ބަލާލަމުން ހިނިތުންވެލިއެވެ.  ” އައި އެމް ސޮރީ ” ކިޔާން ކިޔާނެ އެއްޗެއް ނޭގުމުން ބުނެލިއެވެ. މާޔާ ހިނިތުންވެލިޔަސް ހަގީގަތުގައި ހިތުގެ އަޑިން ދެރަވިއެވެ. ދުވަސްތަކައް ފަހު ހަގީގަތް އަމިއްލަ ދުލުން ހާމަ ކުރަން ޖެހުމުން މާ ބޮޑަށް ވެސް ދެރަވީއެވެ. ޒީނަތު ކިޔާން ލަސްވެގެން ގުޅަން ފެށުމުން ކިޔާން ދާން ނުކުތެވެ. މާޔާ ކިޔާނާ އެކީ ބޭރަށް ނުކުތެވެ. ކިޔާން ކާރަށް އަރަމުން ގްޑް ނައިޓް ބުނެލިއެވެ. މާޔާ ގޭގެ ދޮރު ލައްޕާލަމުން އަތުން ހަނާ އަޅާލިއެވެ. ” އައި ލަވް ޔޫ ” ކިޔާން ހިތާ ހިތުން މާޔާއަށް ބަލާލަމުން ކިޔާލީ ހިނިތުންވެލަމުންނެވެ.

އޭގެ އަނެއް ދުވަހު ކިޔާން މާޔާ އޮފީހަށް ލައިދޭން ބަލާ އައެވެ. މާއިޝާ ހިތްދަތިގޮތަކަށް މަތީގައި މާޔާ ކާރަށް އެރި މަންޒަރު ބަލަން ހުއްޓެވެ. ދަމުން ދެ މީހުން އެކީ ރެސްޓޯރެންޓްއަކަށް ވަދެ ސައި ބޯލިއެވެ. ސައި ބޮއެގެން ކާރަށް އަރަން ދިޔަ ގަޑީ މަގު ހުރަސް ކުރަމުން ކިޔާން މާޔާގެ އަތުގައި ހިފާލިއެވެ. މާޔާ އަރަން ކާރުގެ ދޮރު ހުޅުވައިދިނެވެ. ދުރުގައި ހުއްޓިލައިގެން ހުރި މީހަކު އެ މަންޒަރު ފޮޓޯ ނަގާލިއެވެ. ޑިއުޓީ ނިންމާލާފައި މާޔާ ދިޔައީ ސަމީރާ މެންގެއަށެވެ. އޮފީސް ކައިރީގައި އެގެ ހުންނާތީ މާޔާ ދިޔައީ ހިނގާލާފައެވެ.

” ކޮބާ ޝަހާ ” ސަމީރާ ދޮރު ހުޅުވާލިތަނާ މާޔާ ސުވާލުކޮށްލިއެވެ.

( ނުނިމޭ )

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

saarah

Level 210 Stories100 Comments

Other Articles

Previous

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 13

Next

ޢީދު މުބާރިކް

Next
September 23, 2015

ޢީދު މުބާރިކް

Previews
September 23, 2015

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 13

10 Comments!

  1. saarah says:
    September 23, 2015 at 11:26 pm

    ނުވަ ވަނަ ބައި އިރާދަކުރެއްވިޔާ މާދާން ނުން އަނެއް ދުވަހު އަޕްލޯޑްކޮށްދޭނަން.. އުއްމީދު ކުރަން މި ޕާރޓް ރީތި ވާނެ ކަމަށް. 🙂

  2. Ary says:
    September 24, 2015 at 12:04 am

    Its wonderful..keep it up

  3. Sheen says:
    September 24, 2015 at 12:06 am

    Varah nice

  4. Suha says:
    September 24, 2015 at 12:07 am

    Mipaart ves v reethi….eid mubarak hurihaa kudhinahves..☺

  5. saarah says:
    September 24, 2015 at 12:20 am

    EID MUBAARAK EVERYONE 🙂

  6. Luvna says:
    September 24, 2015 at 1:01 am

    Nice.. waiting for the next part.. EID MUBARAK????????????

  7. mal says:
    September 24, 2015 at 1:25 am

    V.reethi. Keep it up 🙂

  8. shaz says:
    September 24, 2015 at 2:04 am

    v reethi mi part vx..
    maaya ge mamma kiyaan ge mamma ah nahadhachey..

  9. shaa says:
    September 24, 2015 at 8:40 am

    EID MUBARIK EVERYONE.. mi part ves varah reethi…. waiting eargerly for next,,

  10. Crazi says:
    September 25, 2015 at 11:37 am

    Thax v shalhi

Comments are closed.

Next Episodeއިންތިޒާރު ( ނުވަވަނަ ބައި )←


All Right Reserved!