އާނިމްގެ ހިޔާލުގައިހުރި ޚަދީޖާއަށް ސިހުންވެގެންދިޔައީ ކުއްލިއަކަށް ދޮރުޖެހި އަޑަށެވެ.އެވަގުތު އާނިމް ބޭރަށް ނިކުތީއެވެ.އާނިމް ނިކުތުމުން ޚަދީޖާ ބަލައިލީ މޭޒާ ދިމާލަށެވެ.އޭނާގެ ފޯނަށް ރުފިޔާއެއް އަޅައިދޭން އާނިމް ކައިރީގައި ބުނެ، މޭޒުމަތީގައި ބޭއްވި ސަތޭކަ ރުފިޔާ އޮތްގޮތަށް އޮތެވެ.އާނިމް ރުޅިއައިސްގެން އެދިޔައީ ރުފިޔާ ނުލައެވެ.އެހެންކަމުން ފިހާރައަށް ދާންޖެހުނީ ޚަދީއަށްކަން އޭނާއަށް އެނގުނެވެ.
އާނިމް ކޭތަށި ދޮވެ، މޭޒުމަތި ސާފުކޮށްލުމަށްފަހު ޚަދީޖާ އުޅުނީ ފިހާރައަށް ދާށެވެ.ކިތަންމެ ބަލިކޮށް އުޅުނަސް، އޭނާ ނުގޮސްފިނަމަ ހުންނަން ޖެހޭނީ ކާއެއްޗެހި ގެއަށް ނުގަނެކަން ޚަދީޖާއަށް އެނގޭތީއެވެ..
********
ފިހާރައަށް ގޮސް ހަނޑޫކޮޅެއް ގަނެ ފޯނަށް ރުފިޔާއެއްވެސް އަޅައިގެން ޚަދީޖާ ގެއަށް އައެވެ.ޚަދީޖާ ގެއަށް އައި ވަގުތު އާނިމް ސިޓިންރޫމުތެރޭގައި ދެކޮޅަށް ހިނގަނީއެވެ.ޚަދީޖާ ފެނުމާއެކު އޭނާ ކައިރި ރުފިޔާއެއް ދިނުމަށް އެދުނެވެ. އާނިމް ރުފިޔާ ހޯދަން ބުނުމުން އޭނާއާ ދިމާލަށް ޚަދީޖާ ބަލައިލިއެވެ.އަދި އެއްޗެކޭ ބުނަން ޚަދީޖާ އަނގަ ހުޅުވާލި ތަނާ އާނިމް އަތުގެ އިޝާރާތުން ޚަދީޖާ ހުއްޓުވިއެވެ. “މިގަނޑީ އެއްވެސް އެއްޗެއް ބުނަން އުޅޭނެކަމެއް ނެތް މިހުރީ ވަރަށް ބޯހާސްވެފަ” ނިއްކުރި މަތިން އޮށްދާ ހިއްލާ މުޅިމީހާ ހާސްވެފައިވާ ހާލު .ރުޅިވެރިކަމާއެކު އާނިމް ބުނެލިއެވެ
އާނިމް އެހެންބުނުމުން ހިތާ ދެކޮޅަށްވިއަސް، ޚަދީޖާގެ އަތުގައި އޮތް ކުޑަ ރުފިޔާ ދަބަހުން ސަތޭކަ ރުފިޔާ ނަގާ ދިއްކޮށްލިއެވެ. “ތިވަރަކުން ނުވާނެ…ނެތްތަ ފަސްސަތޭކަ ރުފިޔާ؟ އާނިމް ރުޅިވެރިކަމާއެކު ބުނެލިއެވެ.އާނިމް އެހެންބުނުމުން އެއްޗެކޭ ނުބުނެ ފަސްސަތޭކަ ރުފިޔާ ނަގާ ޚަދީޖާ ދިއްކޮށްލުމާއެކު އަވަހަށް އެރުފިޔާ ޖަހައިގަނެގެން އާނިމް ގެއިން ނިކުތެވެ.އަދި އާނިމާ ދިމާލަށް ބަލަންހުރި ޚަދީޖާ ދެފަރާތަށް ބޯހޫރާލުމަށްފަހު ކޮޓަރިއާ ދިމާލަށް މިސްރާބުޖެހިއެވެ
ކޮޓަރިއަށް ވަތް ޚަދީޖާ އޭނާގެ އަތުގައި އޮތް ފައިސާ އެޅި ކުޑަ ދަބަސް އަލަމާރިއަށްލާން އަލަމާރީީގެ ދޮރު ހުޅުވާލިއެވެ.އެވަގުތު އެއަަލަމާރި ހާވައިފާވާތަން ޚަދީޖާއަށް ފެނުނެވެ. .ފަތްޖަހާ ތަރުތީބުކޮށްފައިވާ އަންނައުނުތައް ހުރީ މުޅިން އެފުށް މިފުށަށް ޖަހާފައެވެ.އެމަންޒަރު ފެނުމުން އެއީ އާނިމްގެ ކަމެއްކަން ޚަދީޖާއަށް ވަގުތުން އެނގުނެވެ.އޭނާއަށް އެކޮޓަރި ކިރިޔާވެސް ތަޅުނުލެވި ހުރި ފަހަރެއްނަމަ، އާނިމް ވަދެ އެތަން ހާވައިގެން ޚަދީޖާގެ ރުފިޔާ ދަބަސް ހޯދައިގެން ރުފިޔާ ނެގުމަކީ އާނިމްގެ އާދައެކެވެ..އެކަންތައް ބޮޑުވުމުން ޚަދީޖާ ބަހައްޓަނީ އަބަދުވެސް އެތަން ތަޅުލާފައެވެ.ކިތަންމެ ކުޑަވަގުތުކޮޅަކަށްވެސް ކޮޓަރިން ބޭރަށް ނިކުންނަން ޖެހުނަސްމެއެވެ.ނަމަވެސް މިއަދު ހަނދާން ނެތި އެތަން ތަޅުނުލާ ދެވުމުން އާނިމް އެތަނަށް ވަނީއެވެ
*********
އާނިމާ ދޭތެރޭ ފިކުރުކުރާ ވަރަކަށް ޚަދީޖާ އަންނަނީ ބަލިވަމުންނެވެ.އެހެންނަމަވެސް އޭނާގެ ދަރިފުޅަށް އަލިމަގެއް ފެންނާނެ ދުވަހެއްގެ އިންތިޒާރު ޚަދީޖާ އަބަދުވެސް ކުރެއެވެ.ޚަދީޖާ .އޭނާގެ ދަރިފުޅު އިސްލާހުކުރަން ކިތަންމެހާވެސް ބޭނުމެވެ.ނަމަވެސް ނަސޭހަތެއް އޭނާއަށް ދިނުމަކީ ޚަދީޖާއަށް އުދަނގޫކަމަކަށް މިހާރުވެއްޖެއެވެ.އެއީ އާނިމްގެ ރުޅިގަނޑާއި ހެދިއެވެ.ކަންމިހެންއޮތަސް އާނިމް އިސްލާހުވާނެކަމުގެ އުންމީދު ޚަދީޖާ އެއްވެސް ވަރަކަށް ގެއްލުވައެއް ނުލައެވެ
ގަތް ހަނޑޫކޮޅު ޓައްޕަށް އަޅާލުމަށްފަހު، ވަރުބަލި ފިލުވައިލާން ޚަދީޖާ ސޯފާގައި ޖައްސާލިތަނާ މީހަކު ދޮރުގައި ބެލް އެޅިއެވެ.އެހެންކަމުން ދޮރުހުޅުވަން ޚަދީޖާ ތެދުވިއެވެ.ޚަދީޖާއަށް ދޮރާ ހަމައަށް ނުދެވިގެން އުޅެނިކޮށް ދެފަހަރަކު އެމީހަކު ބެލް އެޅުމަށްފަހު ވަރަށް ބާރަށް ދޮރުގައި ޓަކިޖަހަން ފެށިއެވެ.އެވަގުތު ޚަދީޖާ ހުޅުވަނީ ކަމަށް ބުނެލިއެވެ.ޚަދީޖާ ދޮރުހުޅުވާލިއެވެ.އެއާއެކު ދޮރުމަތީގައި ހުރި އަންހެންކުއްޖާ ފެނުނެވެ.އެޒުވާނާއާ ދިމާލަށް ޚަދީޖާ ވަރަށް ރަނގަޅަށް ބަލައިލުމަށްފަހު، ބޭއިޚްތިޔާރުގައި ނަމަވެސް ޚަދީޖާއަށް ލޯމަރާލެވުނީ އެޒުވާނާ ލައިގެންހުރި އަންނައުނުގެ ކުރުކަމުންނެވެ.އޭނާ ލައިގެން ހުރި ކުރު ސޯޓުން ފައިގެ ފަލަމަސްގަނޑު ހާއްޔަށް ފެންނަން ހުރިއިރު، ކޮނޑު ކެނޑި މަތިކޮޅުން އޭނާގެ މޭމަތި ރީއްޗަށް ހާމަވާން ހުއްޓެވެ.ބޮލުގައި ހުޅިއެއް ޖަހައިގެން ހުރިއިރު، އެއިސްތަށިގަނޑާއި މޫނަށް ބަލައިފި މީހަކަށްނަމަ އޭނާ ފެންވަރައިގެން ހުރި ވައްތަރެއް ނުޖަހާނެއެވެ
“ކޮބާތަ އާނިމް؟” އަނގައިން ބަހެއް ނުބުނެވި އެޒުވާނާއާ ދިމާލަށް ބަލަން ހުރެވުނު ޚަދީޖާއަށް އެޒުވާނާ އަހާލީ ރުޅިވެރި ރާގަކަށެވެ. ” އާނިމް ވީ ބޭރުގަ ތީ ކޮންކުއްޖެއް؟” ޚަދީޖާ އަހާލީ އޯގާތެެރި ރާގަކަށެވެ.ޚަދީޖާގެ އެސުވާލަށް ޖަވާބުދިނުމެއްނެތި ހުޅުވިފައިވާދޮރުން އެތެރެއަށް އެޒުވާންކުއްޖާ ދެމިގަތެވެ.އޭނާގެ އެއަމަލުން ޚަދީޖާ ވަރަށް ހައިރާންވިއެވެ “ކޮބާ އާނިމްގެ ކޮޓަރިއަކީ؟” ސިޓިންރޫމުތެރެއަށް ވަނުމަށްފަހު މުޅިތަނަށް ނަޒަރުހިންގާލަމުން، އަމުރުވެރި ރާގަކަށް އެޒުވާނާ އަހާލިއެވެ . “މިހުރީ އާނިމްގެ ކޮޓަރި” އާނިމްގެ ކޮޓަރިއާ ދިމާލަށް އިނގިލި ދިއްކޮށްލުމަށްފަހު ޚަދީޖާ ބުނެލީ ހައިރާންކަމާއެކު އަންހެންކުއްޖާއާ ދިމާލަށް ބަލަންހުރެއެވެ.ޚަދީޖާ އެކޮޓަރިދެއްކުމާއެކު އެދިމާލަށް އޭނާ މިސްރާބުޖެހިއެވެ.ޚަދީޖާ ބަލަންހުއްޓާ ތަޅުނުލާ ހުރި އެކޮޓަރީގެ ދޮރުހުޅުވާލުމަށްފަހު އެއަންހެންކުއްޖާ ކޮޓަރިތެރެއަށް ވަދެ ދޮރުޖެހިއެވެ.އޭނާގެ އެއަމަލުތަކުން އެއީ އެއްވެސް ރިވެތި އަޚުލާގެއް ދަސްވެފައިނެތް ކުއްޖެއްކަން ޚަދީޖާއަށް އެނގިގެންދިޔައެވެ.ނަމަވެސް އޭނާ ހައިރާންވަނީ ގެއަށް އައި ފުރަތަމަދުވަހު އެހާ ލަދުކުޑަކޮށް އުޅެން އެއަންހެންކުއްޖާއަށް ކެރުނުގޮތެކެވެ.
ޚަދީޖާ އެކޮޓަރިއަށް ވަދެދާނެތީ އަބަދުވެސް ތަޅުލާފައ ހުންނަ އާނިމގެެާ ކޮޓަރި މިއަދު ތަޅުނުލާ ހުރުމުން އާާނިމް ބޭރަށްދިޔައީ އޭނާއަށް ނޭނގި އެތަން ތަޅުނުލާކަން ޚަދީޖާއަށް އެނގުނެވެ. ވަގުތުކޮޅަކު އާނިމްގެ ކޮޓަރިއާ ދިމާލަށް ބަލަންހުރެލުމަށްފަހު އެކޮޓަރި ދޮރުގައި ޓަކިޖަހަން ޚަދީޖާ ނިންމިއެވެ.އެއީ ގޮތްނޭނގޭ އެއަންހެންކުއްޖާއަށް އެގޮތަށް އާނިމް ނެތިސް އޭނާގެ ކޮޓަރިއަށް ވަދެވިގެންނުވާނެކަން ޚަދީޖާގެ ހިތަށްއެރުމުންނެވެ.އަދި އެއީ ކޮންެނަމެއްކިޔާ ކާކުތޯވެސް އޮޅުންފިލުވަން ޚަދީޖާ ބޭނުންވިއެވެ.ކޮޓަރީގައި ދެތިން ފަހަރު ޚަދީޖާއަށް ޓަކިޖެހެވުނުފަހުން އަންހެންކުއްޖާ ކުއްލިއަށް ދޮރުހުޅުވާލިއެވެ. “ކިހިނެއްތަވަނީ؟” ރުޅިވެރި ނަޒަރަކުން ޚަދީޖާއަށް ބަލަންހުރެ އެޒުވާން އަންހެންކުއްޖާ އަހާލިއެވެ. “ތީކާކު؟ އާނިމް ގޭގަ ނެތިސް އޭނަގެ ކޮޓަރިއަށް ތިވަނީ ކީއްވެ؟” ޚަދީޖާ އަހާލިއެވެ. “އަހަރެންމ،ީީ ކާކުކަން ތިޔަބުނާ އާނިމަށް ވަރަށް ރަނގަޅަށް އިނގޭނެ…އަހަރެން މިތަނުން ނިކުންނާނީ އާނިމް އައީމަ އެނޫންގޮތަކަށް ނުނިކުންނާނަށް” ރުޅިވެރިކަމާއެކު އެއްނާވާއިން އެހެންބުނެ އެއަންހެންޖާ ބާރަށް ދޮރުޖެހިއެވެ.
.ޚަދީޖާގެ މޫުނުމައްޗަށް ކުއްލިއަކަށް އެހާބާާރަށް ދޮރުޖެހުމުން އޭނާ ދިޔައީ ސިހިގެންނެވެ.ކުރިއަށްވުރެ ބޮޑަށް މިފަހަރު ޚަދީޖާ ހައިރާންވެގެން ދިޔައެވެެ އެއަންހެންކުއްޖާގެ . އަޖައިބުކުރުވަނިވި ބޭއަދަބީ އަމަލުން އެއީ އެއްވެސް ގޮތެއްނެތް ކުއްޖެއްކަން ޚަދީޖާ މިހާރު ހަމަރަނގަޅަށްވެސް ދޭހަވެއްޖެއެވެ. “އާނިމް ނެތިސް ތިހެންތިނަކަށް ނުަވަދެވޭނެ ނިކުމޭ” މިފަހަރު ޚަދީޖާގާތަށްވެސް ރުޅިއައެވެ.ދޮރުގައި ޓަކިޖަހަމުން ޚަދީޖާ އެއަންހެންކުއްޖާއަށް އެތަނުން ނިކުތުމަށް ގޮަވަމުންދިޔަނަމަވެސް، އޭނާ އެތަނުން ނިކުންނަ ޚިޔާލެއްނުކުރިތާ ދޮރެއްވެސް ނުހުޅުވިއެވެ.ދޮރުގައި ތަޅަމުން ހަލޭއްލަވަމުންދިޔަ ޚަދީޖާ ހުއްޓުނީ އެކުއްޖާގެ ފަރާތުން އެއްވެސް ހިލަމެއްނުވުމުންނެވެ.އެހެންކަމުން ފޯނުނަގައި އާނިމްގެ ނަންބަރަށް ޚަދީޖާ ގުޅާލިއެވެ.ތިންހަތަރުބުރަށް އާނިމްގެ ނަންބަރަށް ޚަދީޖާއަށް ގުޅުނުއިރުވެސް އާނިމް ފޯނެއް ނުނެގިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.





